ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2020-100)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ 13 ވަނަ ނަންބަރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކުރެވޭ، ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި، "ޔުނައިޓެޑް ނޭށަންސް ކޮންވެންށަން އޮން ދަ ލޯ އޮފް ދަ ސީ" (ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމަށް މަގު ފަހިކޮށްދިނުމެވެ.
3 ވަނަ މާއްދާ - އިސްތިސްނާ ހާލަތު
މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އަންނަނިވި ދިރާސާތައް، މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.
(ހ) ކަނޑުގެ ވެށްޓާއި މަސްވެރިކަމުގެ ދިރުންތަކާ ގުޅޭގޮތުން މިނިސްޓްރީން ކުރާ އެންމެހައި ދިރާސާތައް؛
(ށ) އެކިއެކި ފަރާތްތަކުން މިނިސްޓްރީއާ ގުޅިގެން ހިންގާ ދިރާސާތައް؛
(ނ) ސަރުކާރުގެ އެހެން އިދާރާތަކުން، އެ އިދާރާއެއްގެ މެންޑޭޓުގައިވާ ކަންކަން ހާސިލުކުރުމަށް ކުރާ ދިރާސާތައް؛
(ރ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓުގެ ސްކޯޕްގެ ތެރެއިން ކުރެވޭ ސާވޭތައް ނުވަތަ ދިރާސާތައް؛ އަދި
(ބ) ކަނޑުގެ ވެށްޓާއި، މަސްވެރިކަމުގެ ދިރުމަކާ ގުޅޭ އަމަލީ ދިރާސާއެއް (ފީލްޑް ސާވޭއެއް) ކުރުމެއް ނެތި ނުވަތަ ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތަކާ ސީދާ މުއާމަލާތު ކުރުމެއް ނެތި ކުރިޔަށްގެންދާ ދިރާސާތައް (ޑެސްކް ރިވިޔު).
4 ވަނަ މާއްދާ - ދިރާސާކުރުމުގެ ހުއްދައަށް އެދުން
(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދިރާސާއެއް ކުރުމުގެ ކުރިން، އެކަމަށް ކަނޑައަޅައިފައިވާ ފޯމު ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންވާނެއެވެ.
(ށ) ދިރާސާކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު، އަންނަނިވި ތަކެތި، މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ދިރާސާ ކުރުމަށް ދައުލަތުގެ އެހެން އިދާރާއަކުން ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދައެއް؛
- ދިރާސާއަށް ޒިންމާވާ ފަރާތުގެ ތަފުސީލު؛
- ދިރާސާކުރާ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު؛
- ދިރާސާކުރާ ޓީމުގައި ދިވެހިރާއްޖެއިން ބޭރުގެ ފަރާތެއް ހިމެނޭ ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ.
(ނ) މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ފަށާ ތާރީހުގެ މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ކުރިން، ދިރާސާ ކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގައިވާ ގޮތުގެ މަތިން، ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު، މިނިސްޓްރީން ވަޒަންކޮށް، އެއްވެސް މައްސަލައެއް އޮތް ނަމަ، ނުވަތަ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، ނުވަތަ ހުށަހެޅިފައިވާ ދިރާސާ ކުރިޔަށް ގެންދިއުމަށް މިނިސްޓްރީން އުޒުރުވެރިވާ ފަދަ އެއްވެސް ކަމެއް ހިމެނޭ ނަމަ، އެ ކަމެއް، ހުއްދައަށް އެދި ހުށަހަޅާ ފަރާތަކަށް، ފޯމު ހުށަހެޅި ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.
(ބ) މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމުގެ ހުއްދަ ދޫކުރެވޭ ފަރާތަކީ ހުށަހަޅާ ދިރާސާ ކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމުގައި މިނިސްޓްރީގެ ފަރާތުން ޔަގީން ކުރަން ވާނެއެވެ. އެ ފަރާތެއްގެ ގާބިލުކަން ބެލުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ކަމާ ގުޅޭ ތަމްރީނާއި ތައުލީމު ލިބިފައިވާ މިންވަރު؛
- ކުރުމަށް ހުށަހަޅާ ދިރާސާ ނުވަތަ އެފަދަ އެހެން ދިރާސާތަކާ ގުޅޭގޮތުން ށާއިއުކޮށްފައިވާ ސައިންޓިފިކް ރިޕޯޓްތައް؛
- ދިރާސާ ކުރުމަށް ހުށަހަޅާ ޓީމުގައި ބައިވެރިވާ ފަރާތްތަކުގެ ވަނަވަރާއި، އެ ފަރާތްތަކުން ކޮށްފައިވާ ސައިންޓިފިކް ދިރާސާތައް؛ އަދި
- ހުށަހަޅާ ދިރާސާ ކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި، އެ ވަސީލަތްތައް ހުރި މިންވަރު.
5 ވަނަ މާއްދާ - ހުއްދަ ދޫކުރުމާއި، ހުއްދައަށް ނަގާ ފީ
(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ދިރާސާކުރުމަށް ހުއްދަ ދޫކުރަންވާނީ، އިދާރީ ފީގެ ގޮތުގައި 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިދާރީ ފީ ނެގުމާ ނުލައި، އަންނަނިވި ފަރާތްތަކަށް ހުއްދަ ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ހިންގާ ކޯހެއްގެ މުގައްރަރުގެ ބައެއްގެ ގޮތުގައި ހިންގާ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރާ ދަރިވަރުން؛
- އެހެން ގައުމެއްގެ ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ހިންގާ ކޯހެއްގެ މުގައްރަރުގެ ބައެއްގެ ގޮތުގައި ހިންގާ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރާ ދިވެހި ދަރިވަރުން؛
(ނ) ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ނުވަތަ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކައިފައި ނުވާ ނުވަތަ ދައްކަންޖެހޭ ގޮތަށް ދައްކަމުން ނުދާ ފަރާތެއް ނަމަ، އެ ފަރާތަކަށް ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު
(ހ) މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމުގެ ހުއްދަ ދެވޭނީ، އެންމެ ދިގުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިރާސާކުރުމަށް ދީފައިވާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތު ހަމަވުމަށްފަހު، އެ ދިރާސާ އިތުރަށް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ނަމަ، އަންނަނިވި ތަކެއްޗާއެކު، ދިރާސާ ކުރުމަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން، ހުއްދަ އައުކުރުމަށް ހުށަހެޅިދާނެއެވެ.
- ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު؛
- ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހު ހިންގި ދިރާސާގެ ހަރަކާތްތަކުގެ ރިޕޯޓް؛
- ކުރި ދިރާސާތަކުން އެއްވެސް ބާވަތެއްގެ ސައިންޓިފިކް ކަރުދާހެއް ނުވަތަ ގްރޭ ލިޓަރޭޗަރއެއް ޕަބްލިށް ކުރެވުނު ނަމަ، އެ ކަރުދާހެއްގެ ކޮޕީ (ކަރުދާހެއް ޕަބްލިށް ކުރުމުގެ މަރުހަލާގައި ވާ ނަމަ، އެކަން ފާހަގަކޮށްފައި، ޕަބްލިށް ކުރެވުނުހައި އަވަހަކަށް ކޮޕީ ހުށަހަޅަން ވާނެއެވެ.)؛
- ދިރާސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރި ނަމަ، އެ ވީޑިއޯ ޑޮކިއުމެންޓްރީއެއް.
7 ވަނަ މާއްދާ - ހުއްދަ ދީފައިވާ ދިރާސާއެއްގެ ފަށާ ތާރީހު ފަސްކުރުން
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ދިރާސާއެއް ނުވަތަ ތަހުލީލެއް ފެށުމަށް ހުއްދަ ދީފައިވާ ތާރީހު، އެއްވެސް ސަބަބަކާހުރެ ފަސްކުރަން ޖެހިއްޖެ ނަމަ، އެ ދިރާސާ ކުރަން ފެށުމަށް ހުއްދަ ދީފައިވާ ތާރީހުގެ 14 (ސާދަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ދިރާސާ ފަސްކުރަންޖެހޭ ސަބަބު؛
- އަލުން ފަށަން ގަސްތުކުރާ ތާރީހު؛
- ދިރާސާގެ މެތަޑޮލޮޖީއާއި، ސްކޯޕާއި، ދިރާސާކުރާ ސަރަހައްދަށް ބަދަލެއް ނާންނަ ގޮތަށް، ހުށަހަޅައިފައިވާ އެޕްލިކޭށަނަށް އިތުރު ބަދަލެއް ގެންނަ ނަމަ، އެ ބަދަލެއްގެ ތަފުސީލު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިރާސާ ކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ފަސްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ސަރުކާރުގެ އިދާރާއަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަކީ ދިރާސާ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ.
8 ވަނަ މާއްދާ - ބިދޭސީންނަށް ދިރާސާ ކުރުމަށް ހުއްދަ ދިނުން
(ހ) މި ގަވާއިދުގެ ދަށުން އެއްވެސް ބިދޭސީ އަމިއްލަ ފަރުދަކަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާ ކުރުމުގެ ހުއްދަ ދެވޭނީ، އެ ފަރާތަކާއެކު ޔުނިވަރސިޓީއަކުން، ނުވަތަ ކޮލެޖަކުން، ނުވަތަ ރިސަރޗް ލެބަކުން، ނުވަތަ އެނޫންވެސް އެފަދަ އެހެން ތައުލީމީ މަރުކަޒަކުން، ނުވަތަ އެފަދަ މަސައްކަތެއްގައި ހަރަކާތްތަރިވާ ޖަމުއިއްޔާ ނުވަތަ ޖަމާއަތަކުން އެ ދިރާސާއެއް ކުރުމަށް ހުއްދައެއް، ނުވަތަ އެއްބަސްވުމެއް، ނުވަތަ އެންޑޯސްމަންޓެއް އޮވެގެންނެވެ.
(ށ) މިނިސްޓްރީއާ ނުވަތަ ދައުލަތުގެ އެހެން އިދާރާއަކާއެކު ރަސްމީގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުން ދިރާސާ ކުރުމުގެ ހަރަކާތެއް ހިންގާ ބިދޭސީ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއް ފިޔަވައި އެނޫން އެހެން ބިދޭސީ ޖަމުއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ނުވަތަ ދިރުންތަކުގެ ދިރާސާ ކުރުމުގައި ހަރަކާތްތެރި ވާންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އެ ޖަމުއިއްޔާއެއް ރަޖިސްޓަރީކޮށްގެންނެވެ.
9 ވަނަ މާއްދާ - އެހެން ފަރާތަކަށް ހުއްދަ ބަދަލުކުރުން
މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ދިރާސާ ކުރުމަށް ދީފައިވާ ހުއްދައެއް ނުވަތަ ހުއްދައިގެ ދަށުން ލިބޭ ހައްގެއް ނުވަތަ އިމްތިޔާޒެއް، އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
10 ވަނަ މާއްދާ - ހުއްދަ ދިނުމުގެ އާންމު ށަރުތުތައް
(ހ) ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ހުއްދައިގެ މުއްދަތުގައި، އަންނަނިވި ކަންކަން ފުރިހަމަ ކުރަން ވާނެއެވެ.
- ހުއްދައިގައި ބަޔާންކޮށްފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުން؛
- މި ގަވާއިދާ އެއްގޮތަށް އަމަލުކުރުން؛
- ހުރިހާ ވަގުތެއްގައި ވެސް ދިރާސާ ކުރުމަށް ބޭނުންކުރާ އުޅަނދުގައި ނުވަތަ ދިރާސާގެ މަސައްކަތް ކުރިޔަށްގެންދާ ތަނުގައި ހުއްދަ އޮތުން؛
- ދިރާސާގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބެލުމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ނުވަތަ ދައުލަތުގެ ތަންފީޒީ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތަކަށް ދިރާސާ ކުރުމުގެ ހުއްދަ ދެއްކުމާއި، ތަހުލީލާ ގުޅޭ މައުލޫމާތު ހޯދަން އެދިއްޖެ ހިނދެއްގައި އެ މައުލޫމާތު ދިނުމާއި، އެ ފަރާތުގެ މަސައްކަތަށް އެއްބާރުލުން ދިނުން؛ އަދި
- މި ގަވާއިދުގެ ދަށުން ދޫކުރާ ދިރާސާ ކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދިރާސާ ކުރުމުގެ ފުރަތަމަ މަރުހަލާގެ (ޕްރިލިމިނަރީ އެނަލެސިސް) ރިޕޯޓެއް، މިނިސްޓްރީއަށް ހުށަހެޅުން.
(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ވަކިވަކި ހުއްދަތަކާއި، ހުއްދައިގެ ދަށުން ކުރެވޭ ދިރާސާތަކަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އެހެނިހެން ށަރުތުތައް ހުއްދަތަކުގައި ހިމެނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ހުއްދައިގެ މައުލޫމާތު ބެލެހެއްޓުން
މި ގަވާއިދު ދަށުން މިނިސްޓްރީން ދޫކުރާ ހުއްދަތަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހިމެނޭ ރަޖިސްޓަރީއެއް މިނިސްޓްރީން އެކުލަވައިލައި، އެ ރަޖިސްޓަރީ އަދާހަމަކުރަމުން ގެންދަންވާނެއެވެ.
(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަން އެދޭ ފަރާތްތައް؛
(ށ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދައާއި، އައުކޮށްދެވޭ ހުއްދައާއި، ހިފެހެއްޓޭ ހުއްދައާއި، ބާތިލުކުރެވޭ ހުއްދައާބެހޭ މައުލޫމާތު؛
(ނ) ހުއްދަ ދެވޭ ފަރާތާބެހޭ މައުލޫމާތު؛
(ރ) ހުއްދަދެވޭ ކަންކަން/ދާއިރާތައް؛
(ބ) ދިރާސާކުރާ ފަރާތުން ހުށަހަޅާ ރިޕޯޓްތަކާއި ދިރާސާއާ ގުޅޭ އެހެނިހެން މައުލޫމާތުތައް.
12 ވަނަ މާއްދާ - ތަފާސްހިސާބު އެއްކުރުމާއި ބޭނުން ކުރުން
(ހ) މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމަށް ހުއްދަ ދެވޭ ފަރާތްތަކުން ކުރާ ދިރާސާގެ ތެރޭގައި އެއްކުރާ މައުލޫމާތު ނުވަތަ ތަފާސްހިސާބު ނުވަތަ ޑޭޓާއާއި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ ރިޕޯޓު، މިނިސްޓްރީއަށް ދޭން ޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިރާސާކުރާ ފަރާތުން މިނިސްޓްރީއަށް ދޭ މައުލޫމާތު، މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ރަސްމީ ކަންކަމަށް ބޭނުންކުރެވޭނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތްތަކުން، ހުއްދައިގެ ށަރުތެއްގެ ގޮތުގައި ދިނުމަށް މިނިސްޓްރީން ކަނޑައަޅާ މައުލޫމާތު، ހުއްދައިގެ ށަރުތުގައި ކަނޑައަޅައިފައިވާ ގޮތަށް މިނިސްޓްރީއަށް ދޭންވާނެއެވެ.
(ރ) މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ، ނުވަތަ ފުރިހަމަކޮށްދޭ، ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ، ތެދު، ފުރިހަމަ މައުލޫމާތު ކަމަށް ވާންވާނެއެވެ. މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ސައްހަ ނޫން މައުލޫމާތު ކަމުގައި ވެގެން ނުވާނެއެވެ.
13 ވަނަ މާއްދާ - ދިރާސާގެ ހަރަކާތްތައް ބެލެހެއްޓުމާއި، ތަންފީޒުކުރުން
(ހ) ދިރާސާގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ދިރާސާކުރާ އުޅަނދުގައި ނުވަތަ ސަރަހައްދުގައި މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ބެހެއްޓުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތްތަކަށް ދިރާސާގެ އެންމެހައި ކަންތައްތައް ބެލުމުގެ އިންތިޒާމް، ދިރާސާކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިރާސާކުރާ އުޅަނދުގައި ނުވަތަ ސަރަހައްދުގައި މިނިސްޓްރީން ކަނޑައަޅާ ފަރާތެއް ބެހެއްޓުމާ ގުޅޭ އަންނަނިވި ކަންކަން، ދިރާސާ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ހަރަދުގައި ފުރިހަމަ ކޮށްދޭން ވާނެއެވެ.
- ދިރާސާގައި ބައިވެރިވާ އެހެން ފަރާތްތަކާ އެއްފަދައިން ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުން؛
- ސަލާމަތާއި ރައްކައުތެރިކަން ދިނުން؛
- ދިރާސާކުރާ ތަނަށް ނުވަތަ އުޅަނދަށް ދިއުމަށް ކުރަންޖެހޭ ހަރަދުތަކާއި ނަގަންޖެހޭ ހުއްދަތައް ހަމަޖައްސައިދިނުން؛
- ބޭނުންވެއްޖެ ހިނދެއްދައި މަސައްކަތާ ގުޅޭގޮތުން މުއާސަލާތު ކުރުމުގެ މަގު ފަހިކޮށްދިނުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ ފަރާތުން ދިރާސާ ކުރުމުގައި ބައިވެރިކުރާ މީހާއަށް، ދިރާސާކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ކޮށްދިނުމަށް މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ކަމެއް ކޮށް ނުދިނުމުގެ ސަބަބުން ނުވަތަ އެ ފަރާތުގެ އިހުމާލުން މިނިސްޓްރީގެ ފަރާތަކަށް އެއްވެސް ގެއްލުމެއް/ހާނީއްކައެއް ލިބިއްޖެ ނަމަ، އެ ކަމުގެ ފުރިހަމަ ޒިންމާ (ސިއްހީ ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ފަރުވާގެ ހަރަދު ދިނުން ހިމެނޭ ގޮތަށް) ދިރާސާ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން އުފުލަންވާނެއެވެ.
(ރ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ޔަގީން ކުރުމަށް ޓަކައި އަދި މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ކުރާ ދިރާސާތައް މޮނިޓަރ ކުރުމަށް ޓަކައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައިފައިވާ ފިށަރީޒް ރޭންޖަރަކަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
- މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ތަހުލީލެއް ކުރަމުންދާ ނަމަ، ނުވަތަ ކުރަމުންދާކަމަށް ބެލެވޭ ނަމަ، ދިރާސާ ކުރުމުގެ ގޮތުން ކުރަމުންދާ ކަންކަން ބަލައި ފާސްކުރުން؛
- މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ތަހުލީލެއް ކުރަމުންދާ ނަމަ، ނުވަތަ ކުރަމުންދާ ކަމަށް ބެލެވޭ ނަމަ، ދިރާސާގެ ބޭނުމަށް އެއްކޮށްފައިވާ މައުލޫމާތާއި ލިޔެކިއުން ނުވަތަ ރިކޯޑުތައް ބަލައި، އޭގެ ފޮޓޯކޮޕީ ނެގުން؛
- މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކާ ނުވަތަ ހަރަކާތަކާ ގުޅުންހުރި ފަރާތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތަކަށް މި ގަވާއިދު ހިންގުމަށް ޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށް އެންގުން؛
- މި ގަވާއިދުގެ ދަށުން ހުއްދައެއް ލިބިގެން ކަމެއް ހިންގަމުންދާ މީހުން ނުވަތަ އެފަދަ ކަމެއް ހިންގަމުން ގެންދާ ކަމަށް ބެލެވޭ މީހުންގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނަންބަރާއި، އުފަންދުވަހާއި، ދިރިއުޅޭ ތަނާބެހޭ މައުލޫމާތު ދިނުމަށް އެންގުން.
14 ވަނަ މާއްދާ - ދިރާސާގެ ބޭނުމަށް ސާމްޕަލް ނެގުމާއި އެކްސްޕޯޓުކުރުން
(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން ތަކެތި ނެގުމަކީ މަނާ ކަމެކެވެ. އަދި ހުއްދައިގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުމަކީ މަނާ ކަމެކެވެ.
(ށ) ދިރާސާގެ ބޭނުމަށް ނަގާ ސާމްޕަލް ރާއްޖެއިން ބޭރުކުރެވޭނީ މިނިސްޓްރީގެ ފަރާތުން ދޫކުރާ "ސާމްޕަލް އެކްސްޕޯޓު ކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން" ހޯދުމަށް ފަހުގައެވެ.
15 ވަނަ މާއްދާ - ދިރާސާކުރުމުގެ ތެރެއިން ސަގާފީ ތަރިކައެއް ކަމަށް ބެލެވިދާނެ އެއްޗެއް ފެނުން
(ހ) ދިރާސާ ކުރުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތަކުން ދިރާސާގެ މަސައްކަތް ކުރުމުގެ ތެރޭގައި ސަގާފީ ތަރިކަ ކަމަށް ބެލެވިދާނެ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ، ގަވާއިދު ނަންބަރު 2020-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް އެއްޗެއް ނުވަތަ އެ ފަދަ ބާވަތެއްގެ ބައެއް ވެސް، ހުއްދަ ނެތި ނެގުމަކީ މަނާ ކަމެކެވެ.
16 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް
ދިރާސާ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި އަންނަނިވި ކަންތައްތައް ކޮށްގެން ނުވާނެއެވެ.
(ހ) ހުއްދައިގެ ދަށުން ކަނޑައަޅައިފައިވާ ށަރުތުތަކާ ހިލާފުވުން؛
(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން އެއްވެސް ބާވަތެއް ނެގުން؛
(ނ) ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުން؛
(ރ) ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގައި ދިރާސާ ކުރުމަށް ބަޔާންކޮށްފައިވާ ގޮތް (މެތަޑް) ފިޔަވައި އެހެން ގޮތަކަށް ދިރާސާކުރުން؛
(ބ) މި ގަވާއިދުގައި ހުއްދަ ދޭ ދިރާސާ ފިޔަވައި އިތުރު ދިރާސާތައް ކުރުން ނުވަތަ ހުއްދައިގައި ބަޔާންކޮށްފައި ނުވާ ޑޭޓާ/މައުލޫމާތު/ތަފާސްހިސާބު ނެގުން؛
(ޅ) ދިރާސާގައި އެއްކުރެވޭ މައުލޫމާތު، މިނިސްޓްރީގެ ހުއްދަ ނެތި، މާލީ މަންފާއެއް ހޯދުމަށް ބޭނުންކުރުން ނުވަތަ މާލީ މަންފާއެއް ހޯދުމަށް ވަކި ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ޕްރޮމޯޓް ކުރުމަށް ބޭނުންކުރުން؛
(ކ) ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލުން ނަގާ ވިރާސީ (ޖެނެޓިކް) ވަސީލަތްތައް ބޭނުންކުރުމުގައްޔާއި، މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް މަންފާއެއް ލިބިގަތުމުގައި، ދިވެހިރާއްޖެ ބައިވެރިވާ މިފަދަ ކަންކަމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފުވުން.
17 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކޮށްފި ނަމަ، ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސްކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކޮށްފި ނަމަ، އެ ކަމެއް ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމަށް، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ އުޅަނދެއް ބޭނުންކޮށްފައިވާ ނަމަ، އެ އުޅަނދެއްގެ ވެރިފަރާތް، ނުވަތަ އޮޕްރޭޓްކުރާ ފަރާތް، ނުވަތަ އުޅަނދުގެ މާސްޓަރ ނުވަތަ ކެޔޮޅު ވެސް، މި މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، އެ ޖަދުވަލުގައިވާ ގޮތުގެ މަތިންނެވެ.
18 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން ނުވަތަ ހިފެހެއްޓުން
(ހ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ، އިތުރު އެންގުމަކާ ނުލައި، ދިރާސާ ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ނުވަތަ ދިރާސާކުރާ ގޮތް ބަދަލުކުރަން އެންގުމުގެ ނުވަތަ ހުއްދައިގައި ހިމެނޭ ށަރުތެއް ބަދަލުކުރުމުގެ ނުވަތަ ށަރުތެއް ނުވަތަ ށަރުތުތަކެއް އިތުރުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވުން؛
- މި ގަވާއިދާ ހިލާފުވުން؛
- މި ގަވާއިދުގެ ދަށުން ދޫކުރާ ހުއްދައިގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން؛
- ދިރާސާކުރާ ގޮތުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބަކާހުރެ، ދިވެހިރާއްޖޭގެ ތިމާވެށްޓަށް، ނުވަތަ ކަނޑުގެ ދިރުމަކަށް، ނުވަތަ ދިރުންތަކަކަށް، ނުވަތަ އެފަދަ ދިރުންތަކެއްގެ އާބާދީއަށް، ނުވަތަ އެ ތަކެތީގެ މާހައުލަށް އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް މިނިސްޓްރީއަށް ގަބޫލު ކުރެވުން؛
- މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުން ނުވަތަ އެ ފަރާތުގެ އިރުށާދުގެ މަތީން ހަރަކާތްތެރިވާ މުވައްޒަފަކު ނުވަތަ މުވައްޒަފުން ނުވަތަ އެހެން ފަރާތަކުން މި ގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއް ކުރުމުގައި ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށް ނުރައްކާވެދާނެ ނުވަތަ ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވާކަމުގެ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މިނިސްޓްރީއާ ހިއްސާކުރުން.
19 ވަނަ މާއްދާ - ހުއްދަ ލިބިފައިވާ ފަރާތަށް ބަދަލު ދިނުން
މި ގަވާއިދުގެ ދަށުން ދިރާސާ ކުރުމަށް ދީފައިވާ ހުއްދައެއް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކޮށްފި ނަމަ، ނުވަތަ ހުއްދައެއް ދޫކުރި އިރު، އެ ކަމެއް އެ ގޮތަކަށް ބަދަލުވެދާނެ ކަމަށް ބެލެވިފައި ނެތް ގޮތަކަށް ހާލަތު ބަދަލުވުމުގެ ސަބަބުން، ނުވަތަ ތިމާވެށި ރައްކައުތެރި ކުރުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ނަތީޖާއެއްގެ ގޮތުން، ނުވަތަ ހުއްދައިގެ ށަރުތުތަކަށް އެންމެ ފަހުން ގެނައި ބަދަލަކާ ގުޅިގެން، އެ ފަރާތަކަށް ދީފައިވާ ހުއްދައެއް އައުކޮށް ނުދެވުނު ނަމަވެސް، ހުއްދަ ކުރިން އޮތް ފަރާތަށް މިނިސްޓްރީން ބަދަލުދޭކަށެއް ނުޖެހޭނެއެވެ.
20 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭ ގޮތުން، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ކަނޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ކަނޑާއި، އެ ސަރަހައްދުތަކުގައިވާ ކަނޑުގެ ބިންގަނޑަށް ނުވަތަ ސީ ފްލޯރއަށެވެ.
(ނ) "މިނިސްޓްރީއާ ގުޅިގެން ހިންގާ ދިރާސާތައް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީއާއެކު ރަސްމީ އެއްބަސްވުމެއް ނުވަތަ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގެ ދަށުން ކުރެވޭ ދިރާސާތަކަށެވެ.
(ރ) "ދިރާސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ އެންމެހައި ދިރުންތަކާއި، ގުދުރަތީ ވަސީލަތްތަކާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކާއި، ކަނޑުގެ މާހައުލާއި ވެށްޓާއި މާހައުލީ ނިޒާމާ ގުޅޭގޮތުން ކަންކަން ހޯދައި ބަލައި މައުލޫމާތު އެއްކުރުމަށެވެ.
(ބ) "ސާވޭ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އެކުލެވޭ "ދިރާސާ" ކުރުމުގެ ތަރަހައިގައި ހިމެނޭ އެއްވެސް ކަމެއްގެ މައުލޫމާތު، މީހުންނާ އިންޓަވިއުކޮށްގެން، ނުވަތަ އީމެއިލެއް ނުވަތަ އިލެކްޓްރޯނިކް ފޯމެއް މެދުވެރިކޮށްގެން ހޯދުމަށެވެ.
(ޅ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ކަނޑަށެވެ.
(ކ) "ދިވެހިން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހި ރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
(އ) "ކަނޑުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް، ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި، މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
21 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު