އާމްދަނީން ޓެކްސް ނެގުމުގެ ހާއްސަ ގަވާއިދު 2020
(ގަވާއިދު ނަންބަރު 2020-25)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އާމްދަނީން ޓެކްސް ނެގުމުގެ ހާއްސަ ގަވާއިދު 2020 "އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ބައެއް މާއްދާތަކަށް އަމަލުކުރުމުގައި، ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް، ކޮވިޑް-19 އާ ގުޅިގެން ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ މާއްދާތަކަށް އަމަލުކުރުމުގައި ހާއްސަ އުސޫލުތަކެއް އެކަށައެޅުމެވެ.
3 ވަނަ މާއްދާ - އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރުން
(ހ) ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) 41 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް، އަމަލުކުރުން ފަސްކުރެވުނީއެވެ.
(ށ) 2020 އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (916 MIRA) ،ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 41 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ މީހުންނަށާއި، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން، އުޖޫރަ ލިބޭ މީހުންނަށް، މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.
4 ވަނަ މާއްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތަށް ގެނެވޭ ބަދަލުތައް
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ރައްދުވާ ފަރާތްތަކުން، އެ ފަރާތަކުން ދޭ އުޖޫރައިން، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބްރެކެޓްތަކާއި ރޭޓުތަކަށް ހިސާބުކޮށްގެންނެވެ.
(ށ) ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އުޖޫރަ ލިބޭ މީހަކު، 2020 އެޕްރީލް 20 ވަނަ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (916 MIRA) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އެ މަހުން ފެށިގެން އުޖޫރަ ދޭ ފަރާތުން އަމަލުކުރަންވާނެއެވެ. އުޖޫރަ ލިބޭ މީހަކު، 2020 އެޕްރީލް 21 ވަނަ ދުވަހުން ފެށިގެން އެޕްރީލް 2020 ގެ ނިޔަލަށް، "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ގޮތް ހުށަހެޅުން" (916 MIRA) ފޯމު އުޖޫރަ ދޭ ފަރާތަކަށް ހުށަހަޅައިފިނަމަ، މޭ 2020 ގައި، އެ ފޯމުގައި ކަނޑައަޅައިފައިވާ ކަންކަމަށް އުޖޫރަ ދޭ ފަރާތުން އަމަލުކުރަންވާނެއެވެ.
(ނ) ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އުޖޫރަ ލިބޭ މީހަކު ހުށަހަޅައިފައިވާ "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (917 MIRA) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް 2020 އެޕްރީލް 20 ވަނަ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން މީރާއިން އަންގައިފިނަމަ، އެޕްރީލް 2020 އިން ފެށިގެން އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ. "އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރެވޭ ރޭޓް ބަދަލުކުރަން ހުށަހެޅުން" (917 MIRA) ފޯމަކާ ގުޅިގެން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ރޭޓާއި ބްރެކެޓްތައް މީރާއިން އަންގައިފައިވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ މަސް ނިމުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ކަމަށްވާނަމަ، މޭ 2020 ގައި އެކަން އުޖޫރަ ދޭ ފަރާތުން ތަންފީޛުކުރަންވާނެއެވެ.
5 ވަނަ މާއްދާ - މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހައި ހިނދަކު:
(ހ) "ކޮވިޑް-19 "ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (2-CoV-SARS) އިން ޖެހޭ ބަލިކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (19-COVID) އަށެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.
6 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމުގެ މުއްދަތު
މި ގަވާއިދަށް އަމަލުކުރާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 31 ޖުލައި 2020 ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު