-

އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-35)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 94 ވަނަ މާއްދާގެ (ތ) އާއި، އެ މާއްދާގެ (ލ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކަނޑައަޅާ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، އެ ގާނޫނުގެ ދަށުން، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން މީހުން އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާނެ މަރުކަޒުތައް ކަނޑައެޅުމާއި، އެފަދަ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައެޅުން

 

3 ވަނަ މާއްދާ - އެކަހެރިކުރާ ނުވަތަ ކަރަންޓީނު ކުރާ ހާލަތްތައް

(ހ) އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، ގައިން ގަޔަށް އަރާ ބައްޔެއްގެ އަލާމާތްތައް ނުވަތަ ނުރައްކައުތެރި ބައްޔެއްގެ އަލާމާތްތައް ހުރުން.

(ށ) އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔެއް ހުރިކަމަށް ލެބޯރެޓަރީ ޓެސްޓުތަކުން ކަށަވަރުވާ މީހުން.

(ނ) އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔަށް ށައްކުކުރެވޭ މީހުން.

 

4 ވަނަ މާއްދާ - މަރުކަޒުތައް ކަނޑައެޅުން

(ހ) އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ނުވަތަ ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައަޅާނީ ވަޒީރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައަޅާނީ، އެ ހާލަތު މެދުވެރިވުމުން، އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ތަނެއްގައި، އެ ހާލަތަށް ބޭނުންވާ މިންވަރަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މެދުވެރިވެފައި ނުވާ ހާލަތުގައި، ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ނުވަތަ ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން އެއްވެސް ފަރާތެއް އެކަހެރި ކުރަން ޖެހިއްޖެ ހިނދެއްގައި، ވަގުތުން ވަގުތަށް އެކަން ކުރުމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ސްޓޭންޑަޑް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ވަޒީރު ގާއިމު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްގައި، ގައިން ގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން އެކަހެރި ކުރަންޖެހޭ ނުވަތަ ކަރަންޓީން ކުރަންޖެހޭ މީހުން ބައިތިއްބަން ތައްޔާރުކުރާ މަރުކަޒުތަކުގެ ފެންވަރާއި، އެ ފަދަ މަރުކަޒުތަކުން ލިބެންޖެހޭނެ ހިދުމަތްތަކުގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.

5 ވަނަ މާއްދާ - ކަރަންޓީނު ކުރާ މީހުން ނުވަތަ އެކަހެރި ކުރާ މީހުން ބައިތިއްބުމަށް ވަކި އިމާރާތެއް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅެއްގައި، ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހެއްގެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގައި، އެކަމަށް އަމުރެއް ކުރެވޭނީ އަންނަވި ހާލަތުގައެވެ.

  1. ނުރައްކައުތެރި ބަލިމަޑުކަމެއް ފެތުރުމުގެ ސީދާ ނުރައްކާ ކުރިމަތިވެފައިވުން؛
  2. ނުރައްކައުތެރި ބަލިމަޑުކަމަކާ ގުޅިގެން މީހުން އެކަހެރިކޮށް ބައިތިއްބުމަށް ނުވަތަ ކަރަންޓީނުކޮށްފައި ބައިތިއްބުމަށް އެ އިމާރާތް ކޮންމެހެންވެސް ބޭނުންވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް؛
  2. އަމުރު ނެރުނު ސަބަބު؛
  3. އަމުރު ހިނގާ އިމާރާތް؛
  4. އެ އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަންޖެހޭ ތާރީހު؛
  5. އެ އަމުރުގެ މުއްދަތު ހަމަވާ ތާރީހު.

(ރ) މި މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހޭކަމަށް ވަޒީރަށް ފެނިއްޖެ ހިނދެއްގައި، އެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރުމުގެ އަމުރެއް، ވަޒީރު ނެރެންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ އަމުރަކާ ގުޅިގެން ހޯދާ އިމާރާތެއް، އެއްވެސް ހާލަތެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ހިފަހައްޓައިގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހަވާލުކުރުމަށް ވަޒީރު އަމުރުކުރާ ތަނަކީ، މީހުން ދިރިއުޅޭ ތަނެއް ނަމަ، އެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގަންވާނީ، އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ އެހެން ތަނެއް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ނެގޭ އިމާރާތެއް އަނބުރާ ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެ ފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް، އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ވަޒީރު ބަދަލު ދޭންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އިމާރާތަކަށް ދޭންވާ ބަދަލުގެ މިންވަރު ކަނޑައަޅާނީ، މާލީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ވަޒީރެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ބަދަލުގެ ގޮތުގައި ހަމަޖައްސައިދެވޭ އިންތިޒާމްތައް، އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ލިޔުމުން އަންގަންވާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅުހަދައިފި ނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވަޒީރަށް ފޮނުވިދާނެއެވެ.

(ފ) މި މާއްދާގެ (ހ) ގެ ދަށުން ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ނެގޭ ތަންތަން ބޭނުންކުރަންވާނީ، ހަމައެކަނި އެ އިމާރާތެއް ނެގި ބޭނުމަށެވެ. އަދި، އެ އިމާރާތް ނެގި ހާލަތު ނެތިދިއުމާއެކު، ލަސްނުކޮށް އެ އިމާރާތް ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.

(ދ) މި މާއްދާގެ (ހ) ގެ ދަށުން ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ނެގޭ ތަނެއް، އެ ތަނެއް ނެގި ބޭނުން ނިމުމުން، އެ ތަނެއްގެ ވެރިފަރާތަކާ އަނބުރާ ހަވާލުކުރަންވާނީ، އެ ތަން ރަނގަޅަށް ސާފުކޮށް، އެ ތަނުން ޖަރާސީމު ނައްތައިލުމަށްފަހު، އެ ތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމުމަށްފަހު، އެ ތަނާ ހަވާލުވުމަށް 30 (ތިރީސް) ދުވަހުގެ ނޯޓިސް ދިނުމަށްފަހުގައެވެ.

 

 

ތިންވަނަ ބާބު

އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑު

 

6 ވަނަ މާއްދާ - މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތައް

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރާ މީހުން ބައިތިއްބާ މަރުކަޒު ހުންނަންވާނީ އަންނަނިވި މިންގަނޑަށެވެ.

(ހ) މަރުކަޒުގެ ވެއިޓިންގ އޭރިޔާ؛

(ށ) ކޮޓަރި (ފާހާނާޔާއެކު)

(ނ) ކްލިނިކަލް އެގްޒަމިނޭށަން ނުވަތަ ޓްރީމަންޓް ކޮޓަރި؛ (މި ކޮޓަރި ވާންވާނީ، އިމަރޖެންސީ ހާލަތުގައި ބަލިމީހާއަށް ފަރުވާކުރެވޭ އަދި ފަރުވާކުރުމަށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ބޭސް ރައްކާކުރެވޭވަރުގެ ކޮޓަރިއަކަށެވެ.)

(ރ) ސްޓޯ ރޫމް؛

(ބ) މަރުކަޒުގެ ފެސިލީޓީ މެނޭޖަރާއި، ސިއްހި މަސައްކަތްތެރިންނާއި، ސެކިއުރިޓީ މުވައްޒަފުންނާއި، ސަޕޯޓް ސްޓާފުން އަރާމުކުރުމަށް ބޭނުންކުރާނެ ފާހާނާޔަކާއެކު ގާއިމުކޮށްފައިވާ ކޮޓަރި؛ (މި ކޮޓަރިތައް ހުންނަންވާނީ ކަރަންޓީނުކުރާ ނުވަތަ އެކަހެރިކުރާ މީހުން ބައިތިއްބާ ކޮޓަރިތަކާ ވަކިންކަން ކަށަވަރުކުރަންވާނެއެވެ.)

(ޅ) އަތް ދޮވެވޭނެ ނިޒާމަކާއެކު ގާއިމުކޮށްފައިވާ ޗޭންޖިންގ ރޫމް އަދި މަރުކަޒަށް ކޮންމެހެން ބޭނުންވާނަމަ ޑޮނިންގް އަދި ޑޮފިން ރޫމް؛

(ކ) ލޯންޑަރީ ފެސިލިޓީއެއް؛

(އ) ކާނާ ފޯރުކޮށްދެވޭނެ ނިޒާމެއް ނުވަތަ ކޭޓަރިންގ ފެސިލިޓީއެއް؛

(ވ) ކުނި ބެހެއްޓުމަށް ހާއްސަ ކޮށްފައިވާ ވަކި ސަރަހައްދެއް؛

(މ) ރައްކައުތެރި ގޮތުގައި ކުނި ނައްތައިލެވޭނެ ނިޒާމެއް.

(ފ) ކޮޓރިތަކަކީ ވެންޓިލޭށަން ރަނގަޅު އަދި އަތް ދޮވުމާއި ފާހާނާގެ އިންތިޒާމް ގާއިމުކޮށްފައިވާ ސިންގަލް ރޫމެއް ކަމުގައި ވުން؛ އަދި ސިންގަލް ރޫމް ނުހުންނަ ހާލަތުގައި ކޮޓަރި / ޑޯމިޓަރީގައި ބަހައްޓާ ކޮންމެ ދެ އެނދެއްގެ ދެމެދުގައި 3 (ތިނެއް) ފޫޓުގެ ދުރުމިން ހުރުން؛ އަދި ޑޯމިޓަރީއެއް ނަމަ، ކޮންމެ 10 (ދިހައެއް) މީހަކަށް 1 (އެކެއް) ފާހާނާ ހުންނަ ގޮތަށް ފާހާނާ ކުރެވޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

(ދ) މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ރައްކައުތެރިކަމަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް؛

(ތ) އެކަހެރި ކުރެވޭ މަރުކަޒެއްގައި ނަމަ، އެ ތަނަށް ގެންދާ ބަލިމީހުން އެމަރޖެންސީ ހާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ އެމަރޖެންސީ ސެޓަޕް؛

 

7 ވަނަ މާއްދާ - މަރުކަޒުން ލިބެންޖެހޭ ހިދުމަތްތައް

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައްޔާއި، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔެއްކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒެއްގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ވަސީލަތްތައް ހުންނަންވާނެއެވެ.

(ހ) މަރުކަޒަށް ގެންދާ އެއްވެސް މީހަކީ ސިއްހި ހާއްސަ ހާލަތެއް ދިމާވެފައިވާ މީހެއް ނަމަ، އެ މީހަކަށް ސިއްހި ފަރުވާ ދެވޭނެ ގޮތެއް އިންތިޒާމު ކުރެވިފައިހުރުން.

(ށ) މަދުވެގެން 3 (ތިނެއް) އިރުގެ ކާނާ؛

(ނ) މި ގަވާއިދުގެ ދަށުން އާންމުކުރާ ސްޓޭންޑަޑްގައި ބަޔާންކުރާ އެންމެހައި ތަކެއްޗާއި ކަންކަމާއި ހިދުމަތްތައް.

 

8 ވަނަ މާއްދާ - މަރުކަޒުގައި ހުންނަންޖެހޭ އިންސާނީ ވަސީލަތްތައް

(ހ) ކޮންމެ މަރުކަޒެއްގައި، ތަނާ އެކަށީގެންވާ މިންވަރަށް، ތިރީގައި ބަޔާންކޮށްފައިވާ މުވައްޒަފުން ތިބެންވާނެއެވެ.

  1. މަރުކަޒު ބަލަހައްޓާނެ މީހަކު ނުވަތަ ފެސިލިޓީ މެނޭޖަރ؛
  2. ސިއްހި ހިދުމަތްތެރިން؛
  3. ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތައް؛
  4. މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން، ތަނަށް ބޭނުންވާނެ އެހެނިހެން ފަރާތްތައް.

 

9 ވަނަ މާއްދާ - އިސްތިސްނާ ހާލަތް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކަރަންޓީނު ކުރަންޖެހޭ ނުވަތަ އެކަހެރި ކުރަންޖެހޭ ހާލަތެއްގައި ހުރި މީހަކު ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރި ކުރުމަށް ހަމަޖެހިފައިވާ މަރުކަޒަކަށް ގެންދެވެންދެން ނުވަތަ އެނޫން އެހެން ސަބަބަކަށްޓަކައި، އެ މީހަކު ދިރިއުޅޭ ތަނެއްގައި ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރި ކުރުމަށް ޑިރެކްޓަރ ޖެނެރަލް އަމުރުކުރާ ހާލަތުގައި ކަރަންޓީނު ކުރާ ނުވަތަ އެކަހެރި ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ވަސީލަތްތައް ހުރުން ލާޒިމެއް ނޫނެވެ.

 

10 ވަނަ މާއްދާ - އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޫން އެހެން ހާލަތްތަކުގައި ގާއިމުކުރާ މަރުކަޒުތަކާ ގުޅޭ އުސޫލު

މި ގަވާއިދުގެ 3 ވަ މާއްދާގެ (ށ) ގެ ދަށުން ގާއިމުކުރާ މަރުކަޒުތަކުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ގާއިމްކޮށްފައި ހުންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް

މި ގަވާއިދުގެ ދަށުން ހަދާ މަރުކަޒުތަކުގައި، މީހުން އެކަހެރިކުރުމާއި ކަރަންޓީންކުރުމާއި، އެކަހެރިކުރުމުގެ މުއްދަތު ނިމުމުން ނުވަތަ ކަރަންޓީނު ކުރުމުގެ މުއްދަތު ނިމުމުން، އެ ފަރާތްތައް އަނބުރާ ފޮނުވައިލުމުގައްޔާއި މަރުކަޒުތައް ހިންގުމާ ގުޅޭ އިދާރީ ކަންކަން ހިމެނޭ ގޮތަށް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ސްޓޭންޑަރޑް އޮޕަރެޓިންގ ޕްރޮސީޖަރއެއް، ޑިރެކްޓަރ ޖެނެރަލް އެކުލަވައިލާންވާނެއެވެ.

 

12 ވަނަ މާއްދާ - ފެސިލިޓީ މެނޭޖަރުގެ ޒިންމާތައް

މި ގަވާއިދުގެ ދަށުން ގާއިމްކުރެވޭ މަރުކަޒުތަކުގައި ފެސިލިޓީ މެނޭޖަރުންނާ، އަންނަނިވި ޒިންމާތައް ހަވާލުކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި ހާލަތަށް ބަލައިފައި، އިތުރު ޒިންމާތައް ހަވާލުކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ހ) ކަރަންޓީނު ކޮށްފައިވާ މީހުންގެ ކަންކަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ކުރިޔަށްދާކަން ޔަގީންކުރުން؛

(ށ) ކަރަންޓީނު މަރުކަޒާއި އެކަހެރިކުރުމުގެ މަރުކަޒަށް ގެންދާ ކޮންމެ މީހަކަށް ލިބިގެންވާ ހައްގުތަކާއި، އެ ތަނުން ލިބެން ހުންނަ ހިދުމަތްތަކާއި، އެ ތަނުގައި ހުންނަ މުއްދަތުގައި ބަލިވެއްޖެނަމަ އެ މީހަކާމެދު އަމަލުކުރެވޭނެ ގޮތާއި، މަރުކަޒުގައި ތިބޭ ބަލިމީހުންނާއި ސިއްހި ހިދުމަތް ދޭ ޓީމާ ދެމެދު މުވާސަލާތުކޮށް މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(ނ) މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސިއްހި ހިދުމަތްތެރިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން؛

(ރ) ކަރަންޓީނު ކޮށްފައިވާ ފަރާތްތަކާއި އެކަހެރިކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ކަރަންޓީނު އަމުރާ ނުވަތަ އެކަހެރިކުރުމުގެ އަމުރާ އެއްގޮތަށް އަމަލުކުރާކަން ޔަގީންކޮށް، އެ އަމުރުތަކާ ހިލާފުވާ ފަރާތްތައް އެޖެންސީއަށް ރިޕޯޓުކުރުން.

 

 

ހަތަރުވަނަ ބާބު

އެހެނިހެން ކަންކަން

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އަންނަނިވި މާނަކުރުމެވެ.

(ހ) "އެކަހެރިކުރުން" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު ނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކު ނަމަ، އޭނާގެ ބަލި ނުވަތަ އޭނާގެ ހަށިގަނޑުގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، އެހެން މީހެއްގެ ގަޔަށް، ނުވަތަ އެހެން މީހުން ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.

(ށ) "އެކަހެރިކުރުމުގެ މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، އެކަހެރިކުރުމުގެ ހާއްސަ މަގްސަދުގައި ބިނާކުރާ ހޮސްޕިޓަލާއި މަރުކަޒުތަކަށެވެ.

(ނ) "އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް" ކަމަށް ބުނެފައި އެ ވަނީ، ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށެވެ. އެފަދަ މައުލޫމާތެއް ލިބެން ނެތް ހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ހާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާން ހުރި ސިއްހަތުގެ އިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލައި ރައްކައުތެރިވުމަށް ނިންމުމަށް، ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިއާޔަތްކުރާ މައުލޫމާތަށެވެ.

(ރ) "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެ ވަނީ، ކުއްލިއަކަށް ތައާރަފުވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން، ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހި ނުރައްކަލެއްގެ ސަބަބުން، މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތެއްގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.

(ބ) "އިމާރާތް" ކަމަށް ބުނެފައި އެ ވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި ބިމާ ހަރުކުރެވިގެން ބިނާކުރެވިފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމީގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައިވެސް އެ ތަނަކާ ގުޅިގެން ބިނާކުރެވޭ ތަންތަން ހިމެނޭގޮތުންނެވެ. އަދި އަންނަނިވި ތަންތަންވެސް އެ މާނައިގައި ހިމެނެއެވެ.

  1. މީހުން ދިރިއުޅޭ ތަންތަން.
  2. މީހުން ދިރިނޫޅޭ ތަންތަން.
  3. ފެންގަނޑު.
  4. އެއްގަމު އުޅަނދުފަހަރު.
  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު.
  6. ވައިގެ އުޅަނދު ފަހަރު.

(ޅ) "ވަޒީރު" ކަމަށް ބުނެފައި އެ ވަނީ، ސިއްހި ކަންތައްތަކާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ކ) "އެޖެންސީ" ކަމަށް ބުނެފައި އެ ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ހެލްތު ޕްރޮޓެކްށަން އެޖެންސީއަށެވެ.

(އ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދައިފައިވާ މަގާމުކަމުގައިވާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

(ވ) "ވެރިފަރާތް" ކަމަށް ބުނެފައި އެ ވަނީ، ދިރިއުޅޭ ތަނެއް ކަމުގައި ބެލެވޭ ތަނެއް، އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނެއްގެ ޒިންމާ އުފުލަންޖެހޭ މީހާއާއި، އެ ތަނެއް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-35)

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު