-

އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 76/2020)

 

ގަވާއިދު ނަންބަރު 35/2020 (އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު) އަށް އަންނަނިވި އިއިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ފިޔަވަޅު އެޅުން 13.

(ހ) މި ގަވާއިދުގެ ދަށުން ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިހުތިރާމްކޮށް އާންމު ޞިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، ކޮންމެ މީހަކު ވެސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، ނުވަތަ އާންމު ސިއްހަތު ރައްކައުތެރި ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމްކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފިނަމަ، އެ ކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، އަންނަނިވި ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

  1. އަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2,500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. އަމުރާ ހިލާފުވާ ދެވަނަ ފަހަރު 3,500 (ތިންހާސް ފަސް ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.
  3. އަމުރާ ހިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކޮށްފި ނަމަ، އެ ކަމެއް ކުރި މީހަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނުވާ ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ލޯކަލް ކައުންސިލްތަކުންނެވެ.

 

2 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދަށް މި ގަވާއިދުން އިތުރުކުރާ މާއްދާއާ ގުޅިގެން، ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 35/2020) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު