-

(ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-06)

(މި ގަވާއިދުގެ 67 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2016-85 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ހަދާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިންތިހާބު ހިންގައި ބެލެހެއްޓުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

  1. އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
  2. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުން؛
  3. އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
  4. އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން؛
  5. ވޯޓު ފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި، އެ ތަންތަން އިންތިޒާމުކުރުން. މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ވޯޓު ފޮށި ބަހައްޓާނަމަ، އެއްވެސް އަގަކާ ނުލައި، ވޯޓު ފޮށި ބެހެއްޓުން.
  6. ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި، އެ މީހުން ތަމްރީންކުރުން؛
  7. އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
  8. އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
  9. އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން.
  10. އިންތިހާބުގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ބޭނުންވެގެން އިލެކްށަންސް ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެ މީހުން ވީއްލުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް، އިންތިހާބާ ގުޅޭ އެހެން ކަމެއްގެ އެހީތެރިކަމަށް އިލެކްށަންސް ކޮމިށަނުން އެދިއްޖެ ނަމަ، އެ އެދުނު ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ.

(ރ) އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން ހޯދުމުގައި ސިވިލް ސަރވިސް ކޮމިށަނުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އިލެކްށަންސް ކޮމިށަނަށް ދޭންވާނެއެވެ. އަދި މިފަދައިން އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހުން ޒިންމާދާރު ކުރުވައި، އެ މީހުންނާމެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ސިވިލް ސަރވިސް ކޮމިށަނުގެ ޒިންމާއެކެވެ.

 

3 ވަނަ މާއްދާ - އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި، މަށްވަރާކުރުމަށް އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީއެއް އިލެކްށަންސް ކޮމިށަނަށް ބޭނުންވެއްޖެ ހިނދެއްގައި އުފެއްދިދާނެއެވެ.

(ށ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭނީ ތިރީގައިވާ ފަރާތްތައް ތަމްސީލުކުރާ މަންދޫބުންނެވެ.

  1. ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތައް.
  2. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް.
  3. ސިވިލް ސަރވިސް ކޮމިށަން.
  4. މޯލްޑިވްސް ޕޮލިސް ސަރވިސް.
  5. ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަން.
  6. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ.
  7. މޯލްޑިވްސް މީޑިއާ ކައުންސިލް.
  8. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަން.
  9. އެންޓި ކޮރަޕްށަން ކޮމިށަން.
  10. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.
  11. އެޓަރނީ ޖެނެރަލްގެ އޮފީސް.
  12. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ޖަމްއިއްޔާތައް.

(ނ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންގެ އަންނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ މަންދޫބަކީ އެ ޕާޓީއެއްގެ މެންބަރަކު ކަމުގައި ވުން.
  4. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއާއި، ސިވިލް ސަރވިސް ކޮމިށަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނާއި، އެންޓިކޮރަޕްށަން ކޮމިށަން ތަމްސީލުކުރާ މަންދޫބަކީ އެ މަންދޫބަކު ނިސްބަތްވާ މުއައްސަސާއެއްގެ މެންބަރަކު ކަމުގައި ވުން. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ތަމްސީލްކުރާ މަންދޫބަކީ އެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުން ފެށިގެން މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވުން. އަދި އެޓަރނީ ޖެނެރަލްގެ އޮފީސް ތަމްސީލްކުރާ މަންދޫބަކީ އެ އޮފީހުގެ އެސިސްޓަންޓް އެޓަރނީ ޖެނެރަލުން ފެށިގެން މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވުން. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ތަމްސީލުކުރާ މަންދޫބަކީ އެ ޖަމްއިއްޔާއެއްގެ އިސް ފަރާތެއް ކަމުގައި ވުން.
  5. މޯލްޑިވްސް ޕޮލިސް ސަރވިސް ތަމްސީލުކުރާ މަންދޫބަކީ އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސްއިން ފެށިގެން މަތީ މަގާމެއް އަދާކުރާ މީހެއް ކަމުގައި ވުން.
  6. ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްރޭށަން ތަމްސީލުކުރާ މަންދޫބަކީ ޑިރެކްޓަރުން ފެށިގެން މަތީ މަގާމެއްގެ މީހެއް ކަމުގައި ވުން.
  7. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ތަމްސީލުކުރާ މަންދޫބަކީ، އެ ތަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގައި ވުން.
  8. އިލެކްށަންސް ކޮމިށަނުގެ މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ އާއިލީ މެންބަރަކު ކަމުގައި ނުވުން.
  9. އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަކީ، އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ނުވަތަ އޭނާގެ އާއިލީ މެންބަރަކަށް ވެގެން ނުވާނެއެވެ.
  10. އިލެކްށަންސް ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންނާއެކު ސުުލްހަވެރިކަމާއެކު މަސައްކަތްކުރެވޭނެ މީހެއް ކަމުގައި ވުން.

(ރ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާއި އުސޫލުތަކަށް، އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީން ތަބާވާންވާނެއެވެ.

(ބ) އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ރާވައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނިފައިވާ ފަރާތްތަކުގެ އިތުރުން، މި ކޮމިޓީގައި އެހެން ފަރާތެއް ހިމެނުމަށް އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތެއް ކޮމިޓީގައި ހިމެނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ކ) އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އަމަލުތައް ހުންނަ މެންބަރުން ކޮމިޓީން ވަކިކުރުމާއި މެންބަރުން ބަދަލުކުރުމަށް މުއައްސަސާތަކަށާއި ޕާޓީތަކަށާއި ޖަމްއިއްޔާތަކަށް އެންގުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުން

އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިންތިހާބުގެ ކަންތައްތައް ހިންގުމަށްޓަކައި ރަށު/ އަވަށު/ އަތޮޅު/ ސިޓީ އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުން އައްޔަނުކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

5 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މަސްއޫލިއްޔަތާއި ޒިންމާތައް

(ހ) އިންތިހާބުގެ މަސައްކަތްތައް ކުރުމަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުން، އެ އަވަށެއްގައި ނުވަތަ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ސިޓީއެއްގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިން މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންވާނެއެވެ.

(ށ) އިންތިހާބުގެ މަސައްކަތް ކުރުމަށްޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުން، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އިލެކްށަންސް ކޮމިށަނުން ދޭ ފޯމެޓަކާ އެއްގޮތަށް އެ މަސައްކަތާބެހޭ ރިޕޯޓެއް، އިންތިހާބު ނިމޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވައިފިނަމަ، އެފަދަ ފަރާތްތަކާމެދު އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ފޯކަލް ޕޮއިންޓުންގެ މުއްދަތު

މި ގަވާއިދުގެ ދަށުން އައްޔަނުކުރާ ރަށު/ އަވަށު / އަތޮޅު/ ސިޓީ ފޯކަލް ޕޮއިންޓުން މަގާމުގައި ދެމިތިބޭނީ، މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާނަމަ، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތައް ފޯކަލް ޕޮއިންޓުންގެ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމައަށެވެ.

 

7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ވޯޓު ނެގުމަށްޓަކައި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން، އިލެކްށަންސް ކޮމިށަނުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެެއްގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އާންމުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީގެ ކޮޕީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި، ށަކުވާ ހުށަހެޅުމަށް ހުޅުވައިލުން

(ހ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، އެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވައިލައިފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތަފުސީލު މައުލޫމާތު އެކުލެވޭ ރަޖިސްޓަރީގެ ކޮޕީއެއް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތްނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެ ފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް އެ ފަރާތްތަކަށް ފުރުސަތު ހުޅުވައިލަންވާނެއެވެ.

(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން، ނުވަތަ އެ ރަޖިސްޓަރީ ސައްހަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން، ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ފޯކަލް ޕޮއިންޓުތަކަށް ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. ށަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާބެހޭ ށަކުވާ ހުށަހަޅާ ފޯމު" ންނެވެ. މި ފޯމު، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުންނާއި، ކައުންސިލުގެ އިދާރާތަކުންނާއި، ފޯކަލް ޕޮއިންޓުން މެދުވެރިކޮށް ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި ކޮމިށަނުން ށަކުވާތަކާމެދު ކަނޑައެޅި ގޮތެއް، އެ މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަ ނުޖެހޭނަމަ، އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެ ފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެ ފަރާތަކަށް ލިބިގެންވެއެވެ.

(ޅ) އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 10 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން، މި މާއްދާގެ (ބ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު، އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީއާބެހޭ މައްސަލަތައް ފޯކަލް ޕޮއިންޓުން އިލެކްށަންސް ކޮމިށަނަށް ފޮނުވުން

ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން ފޯކަލް ޕޮއިންޓުން މެދުވެރިކޮށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ލޮގްކޮށް، ދުވަހުން ދުވަހަށް އިލެކްށަންސް ކޮމިށަނަށް ފޯކަލް ޕޮއިންޓުން އެ ށަކުވާތަކުގެ ފުރިހަމަ މައުލޫމާތު ފޮނުވަމުން ގެންދަންވާނެއެވެ.

 

10 ވަނަ މާއްދާ - ގެޒެޓްކުރެވޭ ރަޖިސްޓަރީއަށް ބަދަލުގެނައުން

(ހ) މި ގަވާއިދުގެ 7 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ސައްހަ ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅިފައިވާ ށަކުވާއާއި، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން ގެންނަ ބަދަލުތައް ނޫން އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. މިގޮތަށް ލިޔުމުން ހުށަހަޅާ ބަދަލުތައް، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ރަޖިސްޓަރީއަށް މީހަކު އިތުރުކުރެވޭނީ، ރަޖިސްޓަރީގައި ނަން ނެތިގެން ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހިރައްޔިތެއްކަން ސާބިތުކޮށްދޭނެ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ އެޓެސްޓްކޮށްފައިވާ ކޮޕީ ހުށަހެޅުމުން، އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ކަށަވަރުކުރުމަށް ފަހުގައެވެ. އަދި މި ލިޔުމުގައި ރަޖިސްޓަރީއަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އުފަން ތާރީހާއި، ޖިންސާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމެނިފައި އޮންނަން ވާނެއެވެ.
  2. ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތެއް އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު އެ މީހަކީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  3. ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ، ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރުމަށް އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު ރަޖިސްޓަރީއަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.

(ށ) މަރުވެފައިވާ މީހެއްގެ ނަން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން އުނިކުރުމުގައި، ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރުފޯމު، ރަށްވެހިންގެ ރަޖިސްޓަރީ ފަދަ، އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެކެވެ.

(ނ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހަޅާ ށަކުވާތަކާބެހޭ މައުލޫމާތާއި، އެ ށަކުވާގެ ބާވަތާއި، އެ ށަކުވާއަކާމެދު އަމަލުކުރިގޮތް އެނގޭގޮތަށް އިލެކްށަންސް ކޮމިށަނުން ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ.

(ރ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ބަދަލެއް ގެންނަން ޖެހޭނަމަ، އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސް، އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު، އެ ބަދަލުތައް، ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބަދަލު، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓައިފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށްވެސް ގެންނަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން އާންމުކުރާ، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި، އެ ރަޖިސްޓަރީ ސައްހަކަމަށް އެއްބަސްވެ، އިލެކްށަންސް ކޮމިށަނުންނާއި، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމަށް ހުޅުވައިލެވޭ މުއްދަތުގެ ތެރޭގައި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު ސޮއިކުރުމަށް ހާޒިރުނުވާނަމަ ބެލޭނީ، އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީކަމަށެވެ.

 

11 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމު ކުރުމާއި ބޭނުންކުރުން

(ހ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށް ބެލޭނެގޮތަށް ށާއިއުކޮށްފައި ހުންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް ފޮނުވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މީހުންގެ ޒާތީ މައުލޫމާތު، އެ ފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައި، ހަމައެކަނި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަގޮތެއްގައި އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށްޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓުދިނުމަށްޓަކައި ރީ-ރަޖިސްޓަރީކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއް ވޯޓުލާނެ ތަން ކަމަށް ރަޖިސްޓަރީވެފައިވާނީ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓުދޭން ރަޖިސްޓަރީ ކޮށްފައިވާ ތަނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހަކު ވޯޓުދޭން ރަޖިސްޓަރީ ކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ މީހަކު ވޯޓުދިނުމަށް ބޭނުންނަމަ، ވޯޓުނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއްގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި މައްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއާީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއް ވޯޓުލާނެ ތަންކަމަށް ރަޖިސްޓަރީ ވެފައިވާނީ އެ މީހެއްގެ ދާއިމީ އެޑްރެހަށެވެ. އަދި ދާއިމީ އެޑްރެސް ނޫން އެހެން ތަނެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ މީހަކު ވޯޓުދިނުމަށް ބޭނުންނަމަ، ވޯޓުނަގާ ދުވަހު އެ މީހަކު ހުންނާނެ ތަނެއްގައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ރީ-ރަޖިސްޓަރީ ކުރަންވާނެއެވެ.

(ރ) ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓުދިނުމަށްޓަކައި ރަޖިސްޓަރީވާން ބޭނުންނަމަ، އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށްގެން އަންގާ ގޮތެއްގެ މަތިން، އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް އެކަމަށް ކަނޑައަޅައިފައިވާ މުއްދަތުގައި "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" ން ހުށަހަޅަން ވާނެއެވެ. މިގޮތުން އީމެއިލުން ނުވަތަ ފެކުހުން، ސީދާ އިލެކްށަންސް ކޮމިށަނަށް ނުވަތަ ކޮމިށަނުން މި ފޯމު ބަލައިގަތުމަށް ކަނޑައަޅައިފައިވާ ފަރާތަކަށް ނުވަތަ އިދާރާއަކަށް ފޮނުވާ ފޯމުގެ ސައްހަކަން ކަށަވަރުކުރަން ދަތިވާނެތީ، އެފަދަ ވަސީލަތްތައް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތިން، ވޯޓުލުން އޮންނަ ދުވަހު އެ މީހަކު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ހުންނާނޭކަމަށް ކަނޑައަޅައި، އެ ތަނަކީ އިލެކްށަންސް ކޮމިށަނުން ވޯޓު ފޮށްޓެއް ބަހައްޓަން ކަނޑައަޅައިފައިވާ ތަނެއްނަމަ، އެ ތަނެއްގައި ރަޖިސްޓަރީކުރުމަށް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، އެ ހުށަހަޅާ ތަނެއްގައި އެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އެ މީހެއްގެ ނަން ރަޖިސްޓަރީކުރަން ވާނެއެވެ. އަދި ވޯޓުލުން އޮންނަ ދުވަހު އެ ތަނެއްގައި އެ މީހަކަށް ވޯޓުލެވޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ތަނަކީ ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއްކަމުގައި ވާންޖެހޭނެއެވެ. މިގޮތުން، ވޯޓު ފޮށްޓެއް ބަހައްޓަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ތަނެއް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ މީހުން އަމަލުކުރަންވީ ގޮތް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ވޯޓުލުން އޮންނަ ދުވަހު، އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ހުންނާނެކަމަށް އިލެކްށަންސް ކޮމިށަނަށް އަންގައި ރީ-ރަޖިސްޓަރީކުރުމަށްފަހު، އެ ތަން ފިޔަވައި އެހެން ތަނެއްގައި  އެ މީހަކަށް ވޯޓެއް ނުލެވޭނެއެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތިން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައިވެސް އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.

(އ) މި މާއްދާގެ ބޭނުމަށްޓަކައި، ޖަލުގައި ބަންދުކޮށްފައިވާ މީހުން ރީ-ރަޖިސްޓަރީ ކުރުމަކީ އެ ތަނެއް ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.

 

13 ވަނަ މާއްދާ - ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ދެވަނަ ބުރަށް ރަޖިސްޓަރީވުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 (އަށާރަ) އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރާނީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރާ ގޮތެއްގެ މަތިންނެވެ.

 

14 ވަނަ މާއްދާ - ރަށު ކައުންސިލް

(ހ) ރަށު ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތަށެވެ.

  1. 3000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް 5 (ފަހެއް) މެންބަރުން؛
  2. 3000 (ތިންހާސް) މީހުން ނުވަތަ އެއަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް 7 (ހަތެއް) މެންބަރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންނާއި ރަށު ކައުންސިލްގެ ރައީސް އިންތިހާބުކުރާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ނ) ރަށު ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން އަންނަނިވި ގޮތަށް އަންހެން މެންބަރުން ހިމެނެންޖެހޭނެއެވެ.

  1. 5 (ފަހެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި އަންހެން 2 (ދޭއް) ކައުންސިލަރުން.
  2. 7 (ހަތެއް) ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި އަންހެން 3 (ތިނެއް) ކައުންސިލަރުން.

 

15 ވަނަ މާއްދާ - އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތަށެވެ.

  1. އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލުގެ ރައީސް؛
  2. އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސް އަދި؛
  3. އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ، އެ ސިޓީއެއްގެ މޭޔަރު.

 

16 ވަނަ މާއްދާ - ސިޓީ ކައުންސިލް

(ހ) ސިޓީ ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތަށެވެ.

  1. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ،10,000 (ދިހަހާސް) މީހުންނާއި 30,000 (ތިރީސްހާސް) މީހުންނާ ދެމެދުގެ އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 7 (ހަތެއް) މެންބަރުން؛
  2. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސްހާސް) މީހުންނާއި 60,000 (ފަސްދޮޅަސްހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، ކައުންސިލުގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން 13 (ތޭރަ) މެންބަރުން؛
  3. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 60،000 (ފަސްދޮޅަސްހާސް) މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލުގެ މޭޔަރާއި، އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 19 (ނަވާރަ) މެންބަރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންނާއި ސިޓީ ކައުންސިލުގެ މޭޔަރު އިންތިހާބުކުރާނީ އެ ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ނ) ސިޓީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން %33 (ތިރީސް ތިނެއް އިންސައްތަ) ހާއްސަކުރަންވާނީ އަންހެނުންނަށެވެ. އެގޮތުން؛

  1. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ، 10,000 (ދިހަހާސް) މީހުންނާއި30,000 (ތިރީސްހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، އިންތިހާބު ކުރަންޖެހޭ 7 (ހަތް) ކައުންސިލަރުންގެ ތެރެއިން އަންހެން 2 (ދޭއް) ކައުންސިލަރުން.
  2. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ އަދަދަކީ، 30,000 (ތިރީސްހާސް) މީހުންނާއި60,00 (ފަސްދޮޅަސްހާސް) މީހުންނާ ދެމެދުގެ އަދަދެއް ނަމަ، އިންތިހާބުކުރަންޖެހޭ 13 (ތޭރަ) ކައުންސިލަރުންގެ ތެރެއިން އަންހެން 4 (ހަތަރެއް) ކައުންސިލަރުން.
  3. ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ،60,000 (ފަސްދޮޅަސްހާސް) މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، އިންތިހާބު ކުރަންޖެހޭ 19 (ނަވާރަ) ކައުންސިލަރުންގެ ތެރެއިން އަންހެން 6 (ހައެއް) ކައުންސިލަރުން.

 

17 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އެއީ ކޮން އިންތިހާބެއް ކަމާއި، އެ އިންތިހާބަކާބެހޭ އިތުރު މައުލޫމާތު.
  2. އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު.
  3. އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް.
  4. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ ތަފުސީލު.
  5. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި، ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި ވަގުތު.
  6. ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި.
  7. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ކަނޑައަޅައިފައިވާ ތާރީހާއި ވަގުތު.
  8. އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ބުނެފައިވާ އިތުރު މައުލޫމާތު.

 

18 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާއާއި، މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ހުށަހެޅުމަށް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގަން ކުރާ އިއުލާނުގައި، މިކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭށަން ފޯމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 15 ވަނަ މާއްދާގައި އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތިކަމަށް ބަޔާންކޮށްފައިވާ އަންނަނިވި ތަކެތި ހިމަނަންވާނެއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހުން ޑިޕޮސިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  3. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ގަރާރު.
  4. އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ އިގްްރާރު.
  5. އެ މީހަކު އެ އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރުމަށް ގަސްތުކުރާނަމަ، އެ ނިށާން.
  6. އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި. މީގެ ތެރޭގައި ހިމެނޭ، އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރާއިރު ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން އެއް ނިށާނެއް ހުށަހަޅައިފައިވާނަމަ، އެ ނިށާން ފާސްކުރުމުގައި އިސްކަންދޭނީ ކުރިން ނިށާން ހުށަހެޅި ފަރާތަށެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް، ޕާޓީގެ ނިށާން، ޕާޓީގެ ހުއްދައާއެކު ބޭނުންކުރެވިދާނެއެވެ. ސިޔާސީ ޕާޓީއެއްގެ ނިށާން ނުވަތަ އެ ނިށާނާ އެއްވައްތަރުގެ ނިށާނެއް އެ ޕާޓީ ފިޔަވައި އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

(ނ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެކަކަށް އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކައުންސިލެއްގެ އެއް މަގާމަށްވުރެ ގިނަ މަގާމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ރ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އަންހެނުންގެ ތަރައްގްީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ ފަރާތަކަށް ކުރިމައްޗެއް ނުލެވޭނެއެވެ.

(ބ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ދީފައިވާ މުއްދަތުގެ ތެރޭގައި، އެއް ކައުންސިލަކަށް ކުރިމަތިލައިފައިވާ މީހަކަށް، ނުވަތަ އަންހެނުންގެ ތަރައްގްީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކަށް ކުރިމަތިލައިފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާ ގެނެސް، އެހެން ކައުންސިލަކަށް ކުރިމަތިލެވިދާނެއެވެ. އަދި އެއް މަގާމަށް ކުރިމަތިލައިފައިވާ މީހަކަށް، އޭނާގެ ނަން އަނބުރާ ގެނެސް، އެހެން މަގާމަކަށް ކުރިމަތިލެވިދާނެއެވެ.

 

19 ވަނަ މާއްދާ - ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ށަރުތުތައް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށް ވުން؛
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
  3. ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށް ވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައި ވުން؛
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކަށް ވުން؛
  5. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން؛
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވުން؛
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، ހުކުމެއް ތަންފީޒުުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  9. ކުޑަކުއްޖަކާ މެދު ބަދުއަހްލާގްީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  10. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛
  11. މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރާއި (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

 

20 ވަނަ މާއްދާ - ސިވިލް ސަރވިސްގައި ހިމެނޭ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކަށް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ކުރިމަތިލައިފިނަމަ، އެ މީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެ މީހަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު އެ އިންތިހާބަކުން އެ މީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، ނުވަތަ އިންތިހާބަށް ކުރިމަތިލީ ގޮނޑިއަށް އެ މީހަކު ނުހޮވިއްޖެނަމަ، އެ މީހަކު ސިވިލް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެ މީހަކު ކުރިމަތިލި އިންތިހާބު ކާމިޔާބުވެއްޖެނަމަ، ސިވިލް ސަރވިސްގެ މަގާމުން އެ މީހަކު ވަކިވީއެވެ.

(ނ) މި މާއްދާގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާ ސިވިލް ސަރވިސް މުވައްޒަފެއް އެފަދަ މަގާމަކަށް ކުރިމަތިލުމާއެކު، މި މާއްދާގެ (ހ) ގެ ދަށުން އެ މީހަކު ވަޒީފާއިން ސަސްޕެންޑްވެފައި ހުންނަ މުއްދަތުގެ ތެރޭގައި، އެ މީހަކަށް ސިވިލް ސަރިވިސްގެ ވަޒީފާއިން ލިބެމުން އައި މުސާރައާއި އެހެނިހެން އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ.

 

21 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ ކެންޑިޑޭޓުންގެ ނަން އިއުލާނު ކުރުން

ގާނޫނު ނަންބަރު 10/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ ކެންޑިޑޭޓުންގެ ފުރިހަމަ ނަމާއި އެޑްރެސް އާންމުކޮށް އިއުލާނުކޮށް އަދި އިލެކްށަންސް ކޮމިށަނުގެ އޮފީހުގައްޔާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް އެ އިއުލާނު ބަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ނަން އަނބުރާ ގެންދިޔުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެނަމަ، ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން، އެ ކެންޑިޑޭޓަކަށް ނަން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ޑިޕޮސިޓް ފައިސާ

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ޑިޕޮސިޓް ފައިސާގެ ގޮތުގައި ދައްކަންޖެހޭ 1,500 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ބޭންކުން ގެރެންޓީދީފައިވާ ޗެކަކުންނެވެ.

(ށ) ޑިޕޮސިޓް ފައިސާއަކީ އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށްފަހު، އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއަށް ދޭންޖެހޭ ފައިސާއެއް ނޫނެވެ. އެއީ އިންތިހާބަށް ކުރިމަތިލުމުގެ އިދާރީ ފީއެވެ.

 

24 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން

(ހ) ލޯކަލް ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން އޮންނަ ތަނާއި ތާރީހާއި ގަޑި، ކެންޑިޑޭޓުންނަށް އެންގުމަށްޓަކައި، އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ނުވަތަ އެ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންގެ ހާޒިރުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން ކެންޑިޑޭޓަކު މަންދޫބަކު އައްޔަނު ކުރާނަމަ، އެ މީހަކު މަންދޫބަކަށް އައްޔަނު ކުރިކަމުގެ ލިޔުމަކާއެކު ގުރުއަތު ނަގާ ތަނަކަށް އެ މަންދޫބުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއެކު އެ މީހަކު ފޮނުވަންވާނެއެވެ. އަދި އެ ލިޔުމުގައި، މަންދޫބުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

(ރ) ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުމަށް ކެންޑިޑޭޓަކު ނުވަތަ އޭނާ އައްޔަނު ކުރާ މަންދޫބަކު ހާޒިރު ނުވެއްޖެ ނަމަ، އެ ކެންޑިޑޭޓެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެކެވެ.

 

25 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ މުއްދަތު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް މަދުވެގެން 28 (އަށާވީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތްކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް، އެ މީހުންނަށް ތާއީދު ހޯދުމަށް އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.

  1. ތާއީދު ހޯދުމުގެގޮތުން މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން.
  2. ސުުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ހަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
  4. ތާއީދު ހޯދުމުގެ ގޮތުން މީހުންނަށް ސިޓީ ފޮނުވުމާއި، ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބެހުމާއި، އެ ތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން.
  5. ނިށާނާއި ނިށާން ޖަހައިފައިވާ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
  6. އިސްތިހާރުކުރުން.
  7. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، އިންތހާބުތަކާބެހޭ އާންމު ގާނޫނު ހިމެނޭގޮތުން ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ކަމާބެހޭ ގަވާއިދުތަކާ ހިލާފުނުވާ ކަންކަން ކުރުން.

 

27 ވަނަ މާއްދާ - ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ތިރީގައި ބަޔާކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަން ވާނެއެވެ.

  1. ވަކި ޖިންސެއްގެ މީހަކަށް ވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާކަމަށްޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށްޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
  2. ކެންޑިޑޭޓުންނަށް ނުވަތަ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް މިސްކިތެއްގައި ނުވަތަ މިސްކިތެއްގެ ގޯތި ތެރޭގައި ނުވަތަ ސިއްހީީ ހިދުމަތްދޭ ތަނެއްގައި ނުވަތަ އެފަދަ ތަނެއްގެ ގޯތިތެރޭގައި ބާއްވައިގެން ނުވާނެއެވެ.
  3. ދީނީ އެކިއެކި މުނާސަބަތުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ހުތުބާތަކުގައި، ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
  4. ކިޔަވައިދޭ ތަންތަނާއި، މަދަރުސާއާއި، ކޮލެޖާއި، ޔުނިވަރސިޓީތަކުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
  5. ކިޔަވައިދޭ ތަންތަނާއި އިޖުތިމާއާީ ކަންކަން ހިންގާ ތަންތަން ފިޔަވައި، ސަރުކާރުގެ އޮފީސްތަކާއި، ކައުންސިލްތަކުގެ އިދާރާތަކާއި، އެ އިދާރާތަކުގެ ގޯތިތެރެ، އިންތިހާބަށް ކެންޕޭންކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ހުއްދަ ލިބިގެންނެވެ.
  6. އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު، އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
  7. ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު، ނުވަތަ ނިށާން، ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެން އެއްޗެއް، އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި، ހަލާކުކޮށް، ގެއްލުންދީގެން ނުވާނެއެވެ.
  8. ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ކެންޕޭން އެއްވުމެއް ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި، އެ ވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ.
  9. އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް، މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ.
  10. އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި، ބިލްބޯޑާއި، ބެނަރ ފަދަ ތަކެތި، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށްފަހު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ނުވަތަ އެ ތަކެތި ބެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.
  11. ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
  12. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
  13. ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
  14. ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިށްވަތުގެ ގޮތުން އެއްވެސް ފަރާތަކަށް ފައިސާ ނުވަތަ ހަދިޔާދީ ހަދައިގެން ނުވާނެއެވެ. އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެއެވެ.
  15. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
  16. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ގަވާއިދު ނަންބަރު 58/2013 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ފަދައިން ކެންޑިޑޭޓަކު ނުވަތަ އެހެން ފަރާތްތަކުންވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނަށް ކުނި އަޅައިގެން ނުވާނެއެވެ.
  17. ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން ބާއްވާ ހިނގައިލުންތަކާއި، ޖަލްސާތަކާއި، އެހެނިހެން ސިޔާސީ ހަރަކާތްތަކުގައި އުފެދޭ ކުނިބުނި، އެ ހަރަކާތެއް އިންތިޒާމުކުރި ފަރާތަކުން، އެ ހަރަކާތެއް ނިމުމާއެކު ނަގައި، ސާފުކުރަންވާނެއެވެ.
  18. ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ކަރުދާހާއި، ޕްލާސްޓިކުން ހަދައިފައިވާ ޕޯސްޓަރުތަކާއި، ލީފްލެޓް ފަދަ ތަކެތީގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ.
  19. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިފާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކަމުގެ ސަބަބުން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެއެވެ.

  1. ކެންޑިޑޭޓަކު ތާއީދު ހޯދުމުގެ ގޮތުން ދައްކާ ވާހަކައެއްގައި ނުވަތަ އެނޫން ގޮތަކުންވެސް އެހެން ކެންޑިޑޭޓެއްގެ އަމިއްލަ ދިރިއުޅުމާއި އޭނާގެ ޒާތީ ކަންކަމާ ބެހުން.
  2. ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގްީގަތް އޮޅިގެންދާ ފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭ ގޮތުން ނުވަތަ ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް މަސައްކަތްކޮށްދޭ ފަރާތަކާ ބެހޭގޮތުން ވާހަކަދެއްކުން.
  3. މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުން.
  4. ތާއީދު ހޯދުމުގެގޮތުން ކެންޑިޑޭޓަކު، ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބާއްވާ ޝޯތަކާއި، ރެލީތަކާއި، ވެހިކަލް ބުރުތަކަށް އެހެން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ހުރަސްއެޅުން.

 

28 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުން

(ހ) ކޮންމެ ކެންޑިޑޭޓަކަށްވެސް، ވޯޓުނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު އައްޔަނު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަންދޫބު އައްޔަނު ކުރުމުގެ ފުރުސަތު ލިބޭނީ، އިލެކްށަންސް ކޮމިށަނުން އެކަމަށްޓަކައި އިއުލާނު ކުރުމުން ދެވޭ މުއްދަތުގައި އެކަމަށް އެދޭ ކެންޑިޑޭޓުންނަށެވެ. މިކަމަށް އެދި ހުށަހަޅާނީ "ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފޯމު" ންނެވެ.

(ނ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  4. ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާތަކުގެ ވެރިއެއް/ މެންބަރެއްކަމުގައި ނުވުން.
  5. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހެއްކަމުގައި ނުވުން.
  6. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.

(ރ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއިކުރަން ވާނެއެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - ރާއްޖޭގެ ފަރާތްތަކުން އޮބްޒާވް ކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ ފަރާތްތަކަށް ހަރަކާތްތެރި ވުމުގެ ހުއްދަ ދޫކުރެވޭނީ، އިންތިހާބުތަކާބެހޭ އާާންމު ގާނޫނު ގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، އިލެކްށަންސް ކޮމިށަނުން އެކަމަށް އެދި ހުށަހެޅުމަށް އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ށަރުތު ފުރިހަމަވާ ފަރާތްތަކަށެވެ. މިކަމަށް އެދި ހުށަހަޅާނީ "އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމު" ންނެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވް ކުރުމަށް ހުށަހަޅާ ރާއްޖޭގެ ފަރާތްތަކުގެ ކިބައިގައި ތިރީގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ މަސައްކަތެއް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

(ނ) އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއި ކުރަން ވާނެއެވެ. އަދި އޮބްޒާވަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ

(ރ) ސިޔާސީ ޕާޓީތަކަށާއި، ޖަމްއިއްޔާތަކަށާއި، ޖަމާއަތްތަކަށް ދޫކުރެވޭ އޮބްޒާވަރުންގެ ފާސް އެ ފަރާތްތަކުން އޮބްޒާވަރުންނަށް ދޫކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް އޮބްޒާވްކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.

(ޅ) ސިޔާސީ ޕާޓީއެއް ނުވަތަ ޖަމްއިއްޔާއެއް ތަމްސީލުކުރާ އޮބްޒާވަރަކު ވޯޓުލާ ސަރަހައްދުގައި ހުއްޓައި، ހަމަ އެ ސަރަހައްދަށް އެ ސިޔާސީ ޕާޓީ ނުވަތަ އެ ޖަމްއިއްޔާ ތަމްސީލުކުރާ ދެވަނަ އޮބްޒާވަރަކަށް ނުވަދެވޭނެއެވެ.

 

30 ވަނަ މާއްދާ - ބައިނަލްއަގްްވާމީ ފަރާތްތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވްކުރުން

ބައިނަލްއަގުވާމީ ފަރާތްތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވްކުރެވޭނީ، އިލެކްށަންސް ކޮމިށަނުން ދޭ ދައުވަތަކަށް ނުވަތަ، އިއުލާނު ކުރުމުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
  2. އެ މީހަކު ތަމްސީލުކުރާ ބައިނަލްއަގުވާމީ ފަރާތުން އެކްރެޑިޓްކޮށްފައިވާ މަންދޫބަކަށްވުން.
  3. އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހަކު ކަމުގައި ނުވުން.

 

31 ވަނަ މާއްދާ - މޮނިޓަރ ކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް މޮނިޓަރުކުރުމަށް ހަރަކާތްތެރިވެވޭނީ އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމުން، އެކަމަށް ދެވޭ މުއްދަތުގައި މޮނިޓަރ ކުރުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން.
  2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުން ދާމީހެއް ކަމުގައި ނުވުން.

  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން،
    ނުވަތަ
    (ށ) ގާނޫނު ނަންބަރު 1978-47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން،
    ނުވަތަ
    (ނ) ބައިނަލްއަގްްވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.
  4. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.

(ށ) އިންތިހާބުގެ ކަންކަން މޮނިޓަރ ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހަރަކާތްތެރިވާންވާނީ، އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 41 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ނ) މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއި ކުރަން ވާނެއެވެ. އަދި މޮނިޓަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ.

(ރ) ނޫސް، މަޖައްލާގެ އިދާރާތަކަށް ދޫކުރެވޭ މޮނިޓަރުންގެ ފާސް އެ ފަރާތްތަކުން މޮނިޓަރުންނަށް ދޫކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ބ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށީގެ އަދަދަށްވުރެ %10 (ދިހައެއް އިންސައްތަ) އިތުރު ނުވާ ގޮތަށެވެ.

 

32 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންތައްތައް ކުރިއަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަށް އަމަލު ކުރަން ވާނެއެވެ.

(ށ) ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން އޮބްޒާވަރުންނަށާއި، މޮނިޓަރުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަރަކާތްތެރި ވެވިދާނެއެވެ.

(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން އޮބްޒާވަރުންނާއި މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެނަމަ، އެ ވަގުތަކާ ހަމައަށް އެ ވޯޓުލާ މަރުކަޒަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ރ) އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަނު ކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަ އެއްބާރުލުންދީ އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން

އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބުތަކާބެހޭ އާާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭކަން ކަށަވަރު ވެއްޖެނަމަ، އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި، އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހުތިޔާރު، އެ ވޯޓުލާ މަރުކަޒުގެ އިސް ވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް އިޖާބަ ނުދީފިނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.

 

34 ވަނަ މާއްދާ - ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

(ހ) ވޯޓުނެގުމަށް ބޭނުންވާ ހުރިހާ ތަކެތި، ވޯޓުނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި، ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަން ވާނެއެވެ.

(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަން ވާނެއެވެ.

(ނ) ވޯޓު ނެގުމުގެ މަސައްކަތް ފެށުމުގެ ކުރިން، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ހުރިހާ އޮފިށަލުން، ވޯޓުލާ މަރުކަޒަށް ހާޒިރުވެ، ވޯޓު ފޮށީގެ ވެރިޔާގެ ބެލުމުގެ ދަށުން، ވޯޓު ފޮށީގެ (ވެރިޔާވެސް ހިމެނިގެން) އޮފިށަލުންގެ ހުވާ ކުރަންވާނެއެވެ. އަދި ހުރިހާ އޮފިށަލުން އިގުރާރުގައި ސޮއިކުރަންވާނެއެވެ. އަދި ވޯޓު ގުނުމުގައި ބައިވެރިވާ ހުރިހާ އޮފިށަލުންވެސް ކުރިން ބުނެވުނުގޮތަށް އަމަލުކޮށް، އިގުރާރުގައި ސޮއިކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން

ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި، އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި، އެކަން އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ. އަދި ވޯޓު ފޮށި ބަހައްޓައިފައިވަނީ އިމާރާތެއްގެ ތެރޭގައި ނަމަ، މުޅި އެ އިމާރާތަކީ ވޯޓުފޮށި ބަހައްޓައިފައިވާ ސަރަހައްދުކަމުގައި ބަލަންވާނެއެވެ.

 

36 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި

ވޯޓު ނަގާދުވަހު ކުރުން މަނާ ކަންތައްތައްކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލާ މަރުކަޒަށް ވޯޓުލުމަށްޓަކައި ވަންނަ މީހަކު، އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް، ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ރެކޯޑުކުރެވޭ ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.

 

37 ވަނަ މާއްދާ - ވޯޓިންގ ބޫތު

(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން 1 (އެކެއް) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މީހާ ވޯޓުކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓުކަރުދާސް ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.

 

38 ވަނަ މާއްދާ - ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު

(ހ) އިލެކްށަންސް ކޮމިށަނުން ފާސްކޮށްފައިވާ، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި، ވޯޓު ގުނުމާބެހޭ ކަންތައްތައް ބަލަހައްޓާ މީހުން އެ މީހުންގެ މަސްއޫލިއްޔަތު އަދާ ކުރަންވާނެއެވެ.

(ށ) ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ގޮތުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އިގުރާރުގައި ސޮއިކުރަންވާނެއެވެ.

(ނ) ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން، ވޯޓު ކަރުދާހުގައި އިލެކްށަންސް ކޮމިށަނުން ފޮނުވައިފައިވާ ސްޓޭމްޕް ޖަހަންވާނެއެވެ.

(ރ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން، އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ އަމަލަކަށް ޒިންމާވާންޖެހޭނީ އެ މީހެކެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލެއް ކޮށްފިނަމަ، އެ މީހަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް އައްޔަނު ކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ

ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާއާ އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކުރަން ވާނެއެވެ. ތިރީގައި ބަޔާންކޮށްފައި މިވަނީ ވޯޓުނަގާ މަރުކަޒަށް އައްޔަނު ކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާއެވެ.

  1. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒެއްގެ ވޯޓުފޮށްޓާއި ވޯޓުލުމަށް ބޭނުންވާ ސާމާނާއި މުހިންމު ލިޔެކިޔުންތަކާ ހަވާލުވުމާއި، އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެއްޗަށް ޒިންމާވުން.
  2. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ރާވައި އެ ކަންތައްތައް ކުރުވުމާއި، އެ ކަމާގުޅޭ އިންތިޒާމު ހަމަޖެއްސުން.
  3. ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރުމަށް ކަނޑައަޅައިފައިވާ މީހުންނާ ބައްދަލުކޮށް ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް އޮޅުންފިލުވައިދީ، ވަކިވަކި މީހުންގެ މަސްއޫލިއްޔަތާއި ޒިންމާ ހަވާލުކުރުން.
  4. ވޯޓުކަރުދާސް އަޅައިފައި ހުންނަ ސެކިއުރިޓީ އުރަ، ވޯޓުލުމުގެ 15 (ފަނަރަ) މިނެޓުގެ ކުރިން ކަނޑައި، ވޯޓުކަރުދާސް ގުނައި، ހުރި އަދަދު ކަށަވަރުކުރުން.
  5. ވޯޓުނަގަން ފެށުމުގެ ކުރިން ވޯޓުލާން އެންމެ ފުރަތަމަ އަންނަ 2 (ދޭއް) މީހުންނަށާއި، ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދޫބުން ތިބިނަމަ، އެ މަންދޫބުންނަށާއި، ހުއްދަދެވިފައިވާ އޮބްޒާވަރުންނަށާއި، މޮނިޓަރުންނަށް، ވޯޓުފޮށި ހުޅުވައި، ވޯޓުފޮށި ހުރީ ހުސްކޮށްކަން ކަށަވަރު ކޮށްދިނުމަށްފަހު، ވޯޓުފޮށީގެ މަތި ރަނގަޅަށް ޖަހައި، 4 (ހަތަރެއް) ފަރާތުގައި ޕުލްޓައިޓް ސީލް އެޅުވުން.
  6. ވޯޓުލާ މަރުކަޒަށް ވަނުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަކުރާ މީހުންނަށް ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުން އެ ފުރުސަތު ތަނަވަސް ކޮށްދިނުން.
  7. ވޯޓުލާ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން މީހަކު ފޮނުވަން ވެއްޖެ ހާލަތެއްގައި ކޮމިށަނުން ފޮނުވާ މީހަކަށް ވޯޓުލާ މަރުކަޒަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުން. (އެފަދަ މީހަކަށް އެ މަރުކަޒަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެއީ އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ފަހުއެވެ.)
  8. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިއަށްދަނީ އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
  9. ވޯޓުލާންދާ މީހުންގެ ތެރެއިން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނާ މީހުންގެ ކިބައިގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުރިކަން ކަށަވަރުކޮށް، ވޯޓުލުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ހުއްދަ އެ މީހަކަށް ދިނުން.
  10. ވޯޓުނަގާ ދުވަހު، ވޯޓުނަގާ މަރުކަޒުގައި ވޯޓުލުމާ ގުޅޭގޮތުން، ވޯޓުލާން އަންނަ މީހުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބަލައިގަނެ، ވަގުތުން އެޅެން ހުރި ފިޔަވަޅެއް އެޅުން. ވަގުތުން ހައްލު ނުކުރެވޭ މައްސަލަތައް ރަށު/އަވަށު ފޯކަލް ޕޮއިންޓް ނުވަތަ އަތޮޅު/ ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ރިޕޯޓްކުރުން.
  11. ވޯޓުލާން އަންނަ މީހެއްގެ ނަން މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވާ ރަޖިސްޓަރީގައި އޮތުމާއެކު، އިދާރީ ސަބަބަކާހުރެ އެ މީހަކު ވޯޓުލާންޖެހޭ މަރުކަޒުގައިވާ ފައިނަލް ރަޖިސްޓަރީގައި އެ މީހާގެ ނަން ހިމެނިފައި ނުވާނަމަ، އެކަން އިލެކްށަންސް ކޮމިށަނަށް އަންގައި، ކޮމިށަނުން އިރުށާދުދޭ ގޮތެއްގެ މަތިން އެ މީހާގެ ނަން ރަޖިސްޓަރީއަށް އިތުރުކޮށް، އޭނާއަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުން. އަދި މިކަން، ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.
  12. ވޯޓުލާ މަރުކަޒުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
  13. ވޯޓުލުމާއި، ވޯޓުގުނުމުގެ މަސައްކަތް ނިމުމުން ވޯޓުކަރުދާސްތަކާއި ވޯޓުލުމުގައި ބޭނުންކުރި އިންތިހާބާބެހޭ ހުރިހާ ލިޔެކިޔުމެއް ބަންދުކޮށް ކޮމިށަނުން ކަނޑައަޅައިފައިވާ ފަރާތަކާ ހަވާލުކުރުން.
  14. ވަގުތީ ނަތީޖާ ވޯޓު ނެގި މަރުކަޒުގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓުމަށްފަހު، އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް އެ ނަތީޖާ ފޮނުވުން.
  15. ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާ އޮމާންކަމާއެކީ ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  16. ވޯޓުލާ ވަގުތުގައްޔާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިއަށްދާ ވަގުތުގައި، ވޯޓުލާ މަރުކަޒާއި އެ މަރުކަޒު ހިމެނޭ ސަރަހައްދުގައި މަސްލަހަތު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  17. ވޯޓުލާ މަރުކަޒުގެ ސަރަހައްދުގައި ގަވާއިދާ ހިލާފުކަމެއް ހިނގާނަމަ، އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، ފުލުހުންގެ އެހީތެރިކަން ހޯދުން.
  18. ވޯޓުނަގާ ކޮންމެ ސަރަހައްދެއްގައި ވޯޓުނަގަން ފެށުމާއި ވޯޓުނަގައި ނިމުމާދެމެދު ކަން ހިނގައިދިޔަގޮތުގެ ރިޕޯޓު ލިޔެ، އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސްމީހާ (ވޯޓުފޮށީގެ ވެރިޔާ) ސޮއިކޮށް، ވޯޓު ގުނުމުގައި އިސްކޮށް ހުރި ފަރާތަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ލައްވާ ސޮއިކުރުވުމަށްފަހު މާލޭސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަންގެ ވޯޓާބެހޭ މައިމަރުކަޒަށް އެ ރިޕޯޓު ފޮނުވުން.
  19. ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް ޓަކައި، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ކަމެއް ކުރަން ޖެހިއްޖެ ނަމަ، އެ ކަމެއް އިލެކްށަންސް ކޮމިށަނުން ނުވަތަ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

 

40 ވަނަ މާއްދާ - ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންނަށް ފާހަގަޖެހުމުގައި އެހީތެރިވެދިނުން

(ހ) ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދަޔާއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަކަމެކެވެ. އަދި މިކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު، ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަންވާނެއެވެ. އަދި ވޯޓުލުމުގައި އެހީތެރިވެދެނީ ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލެއް ނޫންނަމަ، އެހީތެރިވެދޭ މީހާ ވާންވާނީ އެ ވޯޓު ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހަކަށެވެ. އަދި މިގޮތުން، އެ މީހަކަށް ވޯޓުލުމުގައި އެހީވެދެވޭނީ 1 (އެކެއް) ފަހަރުއެވެ.

(ށ) ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.
  2. ދެއަތް ބޭނުންނުކުރެވޭ މީހުން.
  3. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެ މީހެއްގެ އަތުން ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހޭވަރު ނުވާ މީހުން.

(ނ) ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ބަލައިގެން، ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހޭވަރުގެ މީހަކަށް، ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހީތެރިއަކު ބޭނުންކުރުމުގެ ފުރުސަތު ވޯޓުލާ މަރުކަޒުގެ ވެރިޔާ ދީގެން ނުވާނެއެވެ.

 

41 ވަނަ މާއްދާކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން

ވޯޓުލާން އަންނަ މީހާ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓު ކާޑު، ނުވަތަ ޕާސްޕޯޓް، ނުވަތަ ފޮޓޯ ޖަހައިފައިވާ ޑްރައިވިންގ ލައިސަންސް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުސަތު ދެވޭނީ، އޭނާ ގެންނަ، ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނުގެ ސިފަޔާ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

 

42 ވަނަ މާއްދާ - ވޯޓު އަދި ވޯޓު ކަރުދާސް

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުދޭންވާނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނީ އަންނަނިވި ގޮތަށެވެ.

  1. ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ ހުރިހާ މަގާމެއް، އެއް ވޯޓުކަރުދާހެއްގައި؛
  2. ސިޓީ ކައުންސިލުގެ ހުރިހާ މަގާމެއް، އެއް ވޯޓުކަރުދާހެއްގައި؛
  3. ސިޓީ ކައުންސިލަކީ އަތޮޅެއްގައި ހިމެނޭ ސިޓީއެއް ކަމަށްވާނަމަ، އެ އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލުގެ ހުރިހާ މަގާމެއް އެއް ވޯޓުކަރުދާހެއްގައި.

(ނ) މި އިންތިހާބުގެ ބޭނުމަށްޓަކައި، ލޯކަލް ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ ކޮންމެ މަގާމެއް ބަލާނީ ވަކި ވޯޓެއްގެ ގޮތުގައެވެ.

 

43 ވަނަ މާއްދާ - ބާތިލު ވޯޓާއި، ސައްހަ ވޯޓާއި، ނުދޭ ވޯޓު

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

  1. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މައްދާގައިވާ ގޮތުގެ މަތިން އިންތިހާބަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ވޯޓު.
  2. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ފާހަގަ ޖަހައިފައި ނުވާ ވޯޓު.
  3. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
  4. ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު.
  5. އިންތިހާބުތަކާބެހޭ އާާންމު ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާނަމަ އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް.
  6. އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ، އެ ކަރުދާހުގައިވާ ހުރިހާ ވޯޓެއް.

(ށ) ސައްހަ ވޯޓު ކަމުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފާހަގަޖަހައިފައިވާ ވޯޓުތަކަށެވެ.

  1. ކައުންސިލް މެންބަރުންގެ ގޮތުގައި އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން އެ މީހަކަށް ފެންނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.
  2. ރަށު / އަތޮޅު ކައުންސިލުގެ ރައީސާއި ސިޓީ ކައުންސިލުގެ މޭޔަރު އިންތިހާބުކުރުމުގައި، އެ މީހަކަށް ފެންނަ އެއް ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.
  3. އެ ކައުންސިލަކަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދުން އެ މީހަކަށް ފެންނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު.
  4. ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާއިރު ތަފާތު މިސްރާބަށް ޖަހައިފައިވާ ނުވަތަ ރަނގަޅު ފާހަގަޖެހުމުގައި ފާހަގައިގެ ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރިނަމަވެސް، އެ މީހަކު ވޯޓުދޭން ބޭނުން ކެންޑިޑޭޓުންގެ ނަމާ ދިމާގައި ޖަހައިފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއްކަމުގައި ދެނެގަނެވޭ ވޯޓު.
  5. ފާހަގަޖެހުމަށް ހާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެ ކައުންސިލަކަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދަށް ނުވަތަ އެއަށްވުރެ މަދު ކެންޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ ނިށާނުގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.

(ނ) ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި، އިންތިހާބު ކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.

(ރ) ބާތިލު ވޯޓެއްކަމަށް، ކަނޑައެޅުމުގައި ވޯޓުގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓު ގުނުމުގެ އިސްވެރިޔާއެވެ.

 

44 ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު

(ހ) ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި، ވޯޓު ނަގައި ނިމުމާ ދެމެދު، ކަން ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން، އެ ސަރަހައްދަކާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، ވޯޓު ގުނުމުގައި އިސްކޮށް ހުރި ފަރާތާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު، މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

  1. ވޯޓުދޭން ފެށި ވަގުތާއި، ވޯޓު ނެގުން ނިންމި ގަޑި.
  2. ވޯޓު ނެގުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެ މީހުންނަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި، އެ މީހުންގެ ސޮއި.
  3. ވޯޓުދިން އަންހެނުންގެ އަދަދާއި، ވޯޓުދިން ފިރިހެނުންގެ އަދަދު ވަކިން އެނގޭ ގޮތަށް، ވޯޓުދިން މީހުންގެ އަދަދު.
  4. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓު ދިން މީހުންގެ އަދަދާއި، އެ މީހުންގެ ހާލަތާއި، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުރި މީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފުސީލު.
  5. ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓުކަރުދާހުގެ އަދަދު، އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވިނަމަ، އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް.
  6. ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު.
  7. ވޯޓު ފޮށި ބަހައްޓައިފައިހުރި ތަނުގެ ނަމާއި، ފުރިހަމަ އެޑްރެސް.
  8. އާދަޔާ ހިލާފު ހާދިސާއެއް އެ ތަނުގައި ހިނގައިފައިވާނަމަ، އެ ހާދިސާއެއްގެ ތަފުސީލު.
  9. އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ނުވަތަ އެ ތަނަކުން ވޯޓުދޭން އެންމެ ފުރަތަމަ ހާޒިރުވި 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު.
  10. އޮބްޒާވަރުން ތިބިނަމަ، އެ މީހުންގެ މައުލޫމާތު.
  11. މީގެ އިތުރުންވެސް، އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މި ރިޕޯޓުގައި ހިމެނުން ލާޒިމުކުރާ މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި އެ ތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދީ، އެ ފަރާތްތައް ހާޒިރުވެތިބިތޯ، ވޯޓު ނަގާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަނުގެ އޮފިށަލުން ކަށަވަރުކުރަންވާނެއެވެ. އަދި ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ސަރަހައްދާ ހަވާލުވެހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން، ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގައިދިޔަގޮތުގެ ރިޕޯޓުގައި ސޮއިކުރުމަށް ދެވޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއި ނުކުރިނަމަވެސް، އެ ފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރުމަށް ފުރުސަތު ދީފައިވާނަމަ، އެ ރިޕޯޓަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކޮށްފައިވާ ރިޕޯޓެއްކަމުގައި ބެލޭނެއެވެ.

 

45 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދިނުން

ކޯޓު އަމުރަކަށް މެނުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.

 

46 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާނުކުރުން

(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، އެ ނަތީޖާ މާލެ ސިޓީގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައިމަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ނަތީޖާ އިއުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނަތީޖާ އިއުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ އެ މަރުކަޒެއްގައި އިއުލާނު ކުރެވުނު ނަތީޖާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

 

47 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.

 

48 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިންތިހާބީ ދާއިރާއެއްގެ އިތުރުބުރެއް ބާއްވަން ޖެހުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، އެ ކައުންސިލަށް އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި ކައުންސިލުގެ މެންބަރުކަމަށް ކެންޑިޑޭޓަކު ހޮވެންދެން މިގޮތުގެ މަތިން ވޯޓު ނަގަމުން ދާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބާއްވާ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުދިން މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓަކު އެ ކައުންސިލުގެ މެންބަރުކަމަށް އިންތިހާބު ވެއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލީ މެންބަރުންގެ އަދަދު މަދުވުން

ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުނަމަ، ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިހާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީކަމަށް އިއުލާނު ކުރަން ވާނެއެވެ. އަލުން އެ ކައުންސިލަށް އިންތިހާބު ކުރަންޖެހޭ މެންބަރުން މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިހާބު ކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިއުލާނު ކުރަން ވާނެއެވެ.

 

50 ވަނަ މާއްދާސެކިއުރިޓީ އުރަތައް ކެނޑުން

ވޯޓުލީ މީހުންގެ ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް އަންނަނިވި ހާލަތްތަކުގައި އިލެކްށަންސް ކޮމިށަނުން ކަނޑައި އަލުން ގުނިދާނެއެވެ.

  1. ވޯޓުލާ މަރުކަޒަކުން ފޮނުވައިފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ހެދުމުގައި އެއްވެސް މައްސަލައެއް ހުރިކަން އިލެކްށަންސް ކޮމިށަނަށް ފާހަގަވުން.
  2. ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާ ބެހޭގޮތުން އެއްވެސް ފަރާތަކުން ހުށަހަށާ ށަކުވާއަކާ ގުޅިގެން އެ ކަމަކީ ތަހުގްީގުކުރަން ޖެހޭވަރުގެ ހެކި ހުރި ށަކުވާއެއް ކަމުގައި އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ ތަހުގްީގްެއްގެ ބޭނުމަށް.
  3. ވޯޓުކަރުދާސްތައް ލައި ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމަށް ށަރުއާީ ކޯޓަކުން އިލެކްށަންސް ކޮމިށަނުގެ މައްޗަށް އަމުރެއް ނެރުން.
  4. ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެންނަ މިނޫން އެހެން ހާލަތެއް މެދުވެރިވުން.

 

51 ވަނަ މާއްދާ - ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކެނޑުމުގައި އަމަލުކުރާނެ ގޮތް

(ހ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑަންވާނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ ފަރާތަކުންނެވެ. މި ގޮތުން އައްޔަނުކުރެވޭ މީހުން، އެއްވެސް ކެންޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތުގައި، އިންތިހާބާބެހޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތެއް އިލެކްށަންސް ކޮމިށަން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. ނަމަވެސް ށަރުއާީ ކޯޓަކަށް ހާމަކުރަން ޖެހިގެން ހާމަކުރާ ހާމަކުރުން މިއިން އިސްތިސްނާ ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް، އެ އުރަ ކެނޑުމުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން އީމެއިލަކުން ނުވަތަ އެސް.އެމް.އެސް.އަކުން ނުވަތަ ސިޓީއަކުން ނުވަތަ ފެކްސް މެސެޖަކުން، ސެކިއުރިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވާ ވަގުތާއި ތަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތްތަކުގައި ސެކިއުރިޓީ އުރަ ކަނޑާނަމަ، އެކަމަށް ހާއްސަކޮށްފައިވާ ތަނަކަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.

(ރ) ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަތައް ކަނޑައި، ވޯޓުކަރުދާސް އަލުން ގުނުމުގެ މަސައްކަތްތައް ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތެއް ހިމެނޭގޮތަށް، އެ މަސައްކަތާ ހަވާލުވެހުރި އެންމެ އިސް މީހަކާއި، އެ ރިޕޯޓު ލިޔުނު މީހަކާއި، އެ ރިޕޯޓު ޗެކުކުރި މީހަކު ސޮއިކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

  1. ވޯޓުލާ މަރުކަޒުގެ ނަންބަރު.
  2. ސެކިއުރިޓީ އުރަ ކެނޑި ތާރީހާއި ވަގުތު.
  3. ސެކިއުރިޓީ އުރައިގައި ހުރި ވޯޓުކަރުދާސްތައް ގުނަން ފެށި ގަޑިއާއި، ގުނައި ނިންމި ގަޑި.
  4. ސެކިއުރިޓީ އުރަ އަލުން ބަންދުކުރި ގަޑި.
  5. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތްކުރުމަށް އައްޔަނު ކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  6. ސެކިއުރިޓީ އުރަ ކެނޑުމުގެ މަސައްކަތް ބެލުމަށް އެއްވެސް ކެންޑިޑޭޓެއް، ނުވަތަ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު ހާޒިރުވިނަމަ، އެ މީހެއްގެ ނަމާއި، އެޑްރެހާއި، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  7. ސެކިއުރިޓީ އުރައިގައި ހުރި ސައްހަ ވޯޓުކަރުދާހުގެ އަދަދު.
  8. ސެކިއުރިޓީ އުރައިގައި ހުރި ބާތިލު ވޯޓުކަރުދާހުގެ އަދަދު.
  9. ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުގެ އަދަދު.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓު ހޯދުމަށް، އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކު، ނުވަތަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް، އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް ދޫކުރަންވާނެއެވެ.

(ޅ) ސެކިއުރިޓީ އުރަ ކަނޑައި، އަލުން ގުނުމުގެ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާކަހަލަ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި މި މަސައްކަތުގައި ބޭނުންކުރާ އެއްވެސް ލިޔުމެއްގައި ނުވަތަ އެއްޗެއްގައި، އެ މަސައްކަތާ ހަވާލުވެގެން ތިބި މީހުން ފިޔަވައި އެހެން ފަރާތަކުން އަތްލައިގެން ނުވާނެއެވެ.

 

52 ވަނަ މާއްދާސެކިއުރިޓީ އުރަ އަލުން ބަންދުކުރުން

ވޯޓުލީ މީހުންގެ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ހާއްސަ ސެކިއުރިޓީ އުރަ ކެނޑުމުގެ ބޭނުން ފުރިހަމަކުރުމަށްފަހު، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ސެކިއުރިޓީ އުރައިގައި އަލުން ބަންދުކުރަންވާނެއެވެ.

 

53 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

އިލެކްށަންސް ކޮމިށަންގެ އިދާރާގެ ދާއިމީ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އައްޔަނުކޮށްފައިވާ ކޮމިޓީތަކާއި ބިއުރޯތަކުގެ މެންބަރުންނާއި، ފޯކަލް ޕޮއިންޓުންނާއި، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ކޮމިށަނުން ކަނޑައަޅާ އޮފިށަލުންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ މަސައްކަތް ހަވާލުކުރެވޭ އެހެނިހެން ފަރާތްތައް، އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތިރީގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވާން ވާނެއެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިންތިހާބުތަކާބެހޭ އާާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާއި، އިންތިހާބު ހިންގުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
  2. ވޯޓުދޭ މީހުންނާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ސިޔާސީ ޕާޓީތަކަށް، ގާނޫނުގެ ދަށުން ލިބިފައިވާ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
  3. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ކުރުން.
  4. އިންތިހާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން.
  5. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދުނުކުރާ ފަރާތަކަށް ބުރަނުވުން.
  6. މަސައްކަތް ހަވާލުވާ ވަގުތުން ފެށިގެން އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަކިފަރާތަކަށް ނުޖެހި ތިބޭ ބައެއްކަމުގައި ވުން.
  7. އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށް މަސައްކަތްކޮށް، އެކަމަށް ބާރު އެޅުން.

 

54 ވަނަ މާއްދާ - އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް އުފެއްދުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދަންވާނެއެވެ. އަދި މާލެ ފިޔަވައި ކޮންމެ ސިޓީއެއްގައްޔާއި ކޮންމެ އަތޮޅެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް، އިންތިހާބު ބޭއްވުމުގެ މަދުވެގެން 10 (ދިހައެއް) ދުވަހުގެ ކުރިން އުފައްދަންވާނެއެވެ. ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމާ އެކުގައި ބިއުރޯތައް ގާއިމުވެފައިވާ ތަންތަނާއި، ގުޅޭނެ ފޯނު ނަންބަރާއި، ފެކްސް ނަންބަރާއި، އީމެއިލް އެޑްރެހާއި، ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށް އިއުލާނު ކުރަން ވާނެއެވެ.

(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ 5 (ފަހެއް) މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުންނަކީ ށަރުއާީ/ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންކަމުގައި ވާންވާނެއެވެ.

(ނ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ 3 (ތިނެއް) މެންބަރުން އައްޔަނު ކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ރ) އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އިންތިހާބާ ބެހޭގޮތުން އަތޮޅުތަކުން ނުވަތަ ސިޓީތަކުން ހުށަހަޅާ މައްސަލަތައް ބަލައިގަނެ، ފިޔަވަޅު އެޅެންހުރި ކަންކަމުގައި ފިޔަވަޅުއަޅާނީ ގައުމީ ކޮންޕްލައިންޓްސް ބިއުރޯއިންނެވެ.

 

55 ވަނަ މާއްދާ - ރަށު/އަވަށު ފޯކަލް ޕޮއިންޓުން ށަކުވާ ބަލައިގަތުން

(ހ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށް އިންތިހާބާބެހޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، ދުވަހުން ދުވަހަށް އެ މައްސަލައަކާ މެދު ފިޔަވަޅު އަޅަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓަށް އެ މައްސަލަ ހައްލު ނުކުރެވިއްޖެ ހިނދެއްގައި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެދިފައިވާނަމަ، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ. އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުވެފައި ނެތްނަމަ، މިފަދަ މައްސަލަތަކުގައި ގައުމީ ކޮންޕްލައިންޓްސް ބިއުރޯގެ ލަފާ ހޯދިދާނެއެވެ.

(ށ) މާލެ ސިޓީގައި ނަމަ، އިންތިހާބާބެހޭ މައްސަލަ ހުށަހަޅާނީ، ސީދާ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން ހުށަހަޅާ ށަކުވާ ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނަށެވެ.

 

56 ވަނަ މާއްދާ - ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މުއްދަތު

(ހ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އެ ބިއުރޯ އުފައްދާ ދުވަހުން ފެށިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ ދެމިއޮންނާނީ، އިތުރު ބުރު ނިމި، ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 14 (ސާދަ) ދުވަހުގެ މުއްދަތަށެވެ.

(ށ) އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ މަސައްކަތް ހިނގާނީ، އަތޮޅު/ސޓީ ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާ ދުވަހުން ފެށިގެން، އިންތިހާބު ނިމި، އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެނަމަ، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް ދެމިއޮންނާނީ އިތުރު ބުރު ނިމި، ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ނ) އިންތިހާބު ބޭއްވުމަށްފަހު ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ނުނިމި އޮތްނަމަ، އެ ނުނިމި އޮތް މަސައްކަތެއް ނިންމުމަށްޓަކައި އެ ބިއުރޯއެއްގެ މުއްދަތު އިލެކްށަންސް ކޮމިށަނަށް އިތުރުކުރެވިދާނެއެވެ.

 

57 ވަނަ މާއްދާ - ވޯޓުފޮށީގެ އިސް ވެރިޔާއާއި، ވޯޓުގުނުމުގެ އިސްވެރިޔާއާއި، ކޮމްޕްލެއިންޓްސް އޮފިސަރު

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުނަގާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ބަލައި ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުނަގާ ކޮންމެ މަރުކަޒެއްގައި ހުންނަ ވޯޓުފޮށީގެ އިސް ވެރިޔާއެވެ. އަދި ވޯޓުގުނާ މަރުކަޒުގެ އިސްވެރިޔާއެވެ.

(ށ) ވޯޓުނަގާ މަރުކަޒަށް ހުށަހެޅޭ މައްސަލަތައް ބަލައި ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނީ ކޮމްޕްލެއިންޓްސް އޮފިސަރެވެ. އޭނާއަށް ނުނިންމޭ މައްސަލަތައް ނުވަތަ ހައްލުނުކުރެވޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ހޯދާނީ ރަށު ފޯކަލް ޕޮއިންޓު ނުވަތަ އިލެކްށަންސް ކޮމިށަނުންނެވެ.

(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ އިސް ވެރިޔާ/ ވޯޓު ގުނުމުގެ އިސްވެރިޔާ ނުވަތަ ކޮމްޕްލެއިންޓްސް އޮފިސަރު ނިންމާ ނިންމުންތަކާ ހިތްހަމަނުޖެހޭނަމަ، ރަށު ފޯކަލް ޕޮއިންޓު ނުވަތަ އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ. މާލެ ސިޓީގައި ނަމަ، ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.

 

58 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ށަކުވާ ހުށަހަޅާނީ ރަށު/އަވަށު ފޯކަލް ޕޮއިންޓުންނަށާއި، އަތޮޅު/ސިޓީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، އިލެކްށަންސް ކޮމިށަނަށެވެ. މިގޮތުން އާންމު ގޮތެއްގައި ރަށުން ހުށަހަށާ ށަކުވާތައް ހުށަހަޅާނީ، އެ ރަށެއްގައި ގާއިމް ކޮށްފައިވާ ރަށު/އަވަށު ފޯކަލް ޕޮއިންޓަށެވެ. އަތޮޅެއްގައި ހިމެނޭ ރިޒޯޓުތަކާއި ސިނާއާީ މަސައްކަތްކުރާ ރަށްރަށުން ށަކުވާ ހުށަހަޅާނީ އެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މާލެއާއި ޖަލުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ށަކުވާ ހުށަހަޅާނީ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. އަދި ވޯޓު ގުނުމުގައި ދިމާވާ މައްސަލަތައް ބަލައި، ކޮމްޕްލެއިންޓްސް އޮފިސަރުގެ ޒިންމާ އަދާކުރާނީ ވޯޓުގުނުމުގެ އިސްވެރިޔާއެވެ.

(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓުންނާއި، އަތޮޅު/ސިޓީ ފޯކަލް ޕޮއިންޓުންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.

(ނ) އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، މި ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ކޮށްގެން އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާނަމަ، އެ ށަކުވާއެއްގެ ތަފުސީލު، ހެއްކާއި ގަރީނާއާއެކު، އިންތިހާބު ބޭއްވި ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށާއި، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ މައްސަލަތައް ވެސް ބެލޭނީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާގެ ގޮތުގައެވެ. ށަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ " ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ށަކުވާ ހުށަހަޅާ ފޯމު" ންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން ށަކުވާ ހުށަހަޅާނަމަ، އެ ފަރާތެއްގެ ތައްގަނޑާއި މަސްއޫލުވެރި ފަރާތެއްގެ ސޮއި، ށަކުވާ ހުށަހަޅާ ފޯމުގައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރި ގޮތް މައްސަލަ ހުށަހެޅި ފަރާތަށް ހުށަހެޅި ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސަންވާނެއެވެ.

 

59 ވަނަ މާއްދާ - ށަކުވާތަކާއި މައްސަލަތައް ބެލުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުން/ ވޯޓު ނަގާ/ ގުނާ މަރުކަޒުގެ ވެރިންނަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތައް ބަލައި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ށަކުވާތަކަށް ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.

 

60 ވަނަ މާއްދާ - ށަކުވާތަކުގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ވޯޓުނަގާ/ ގުނާ މަރުކަޒުތަކުގައި ތިބޭ ކޮމްޕްލެއިންޓްސް އޮފިސަރުންނަށާއި، އަތޮޅު/ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯތަކަށާއި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ށަކުވާތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް ދަފުތަރުކޮށް ބަލަހައްޓަންވާނެއެވެ. މިގޮތުން ށަކުވާތައް ދަފުތަރުކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ށަކުވާ ހުށަހެޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުގެ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  2. ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު (ނަމާއި، އެޑްރެހާއި، އެނގޭނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު)
  3. ހުށަހެޅުނު ށަކުވާގެ ބާވަތް (ށަކުވާގެ ކުރު ހުލާސުާއަކާއެކު)
  4. ހުށަހެޅުނު ށަކުވާއާ ގުޅިގެން އަމަލުކުރެވުނު ގޮތް ނުވަތަ ނިންމި ގޮތް.

(ށ) ރަށު/އަވަށު ފޯކަލް ޕޮއިންޓަށާއި، ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެޅެންހުރި ފިޔަވަޅެއް އަޅައި ކޮންމެ ދުވަހަކުވެސް، އެ ދުވަހެއްގެ ކޮމްޕްލެއިންޓްސް ރިޕޯޓު، އަންގައިފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނަށް ފޮނުވަމުން ގެންދަންވާނެއެވެ.

(ނ) ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ރިޕޯޓެއް ތައްޔާރުކޮށް، ރަސްމީ ނަތީޖާ އިއުލާނުކުރާތާ 12 (ބާރަ) ދުވަހުގެ ތެރޭގައި، އެ ރިޕޯޓު، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

61 ވަނަ މާއްދާ - ކުށާއި އަދަބު

އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ކޮށްފިނަމަ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.

 

62 ވަނަ މާއްދާ - އިންތިހާބާބެހޭ ރިޕޯޓު ތައްޔާރުކުރުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ރިޕޯޓެއް، އިންތިހާބު ބާއްވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށް އާންމު ކުރަން ވާނެއެވެ.

 

63 ވަނަ މާއްދާ - އިންތިހާބާ ގުޅުންހުރި ފޯމުތައް

މި ގަވާއިދުގައި ހަވާލާދީފައިވާ ފޯމުތައް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރުމާއެކު، މި ފޯމުތައް، ދިވެހިސަރުކާރުގެ ގެޒެޓާއި، ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. މީގެ އިތުރުން، އިލެކްށަންސް ކޮމިށަނުންނާއި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަންތަނުން މި ފޯމު ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

64 ވަނަ މާއްދާ - ރަށު ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބޭނުމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަޖިސްޓަރީވެފައިވާ އާބާދީ އިލެކްށަންސް ކޮމިށަނުން ނަގަންވާނެއެވެ. މިގޮތުން އާބާދީ ނަގާނީ 2019 ޑިސެންބަރު 15 ގެ ނިޔަލަށެވެ.

 

65 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

އިންތިހާބުތަކާބެހޭ އާާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

66 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

އެއްވެސް އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވިއްޖެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމާއި، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމާ ދެމެދު މި ގަވާއިދަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

67 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު އާންމުކޮށް އިއުލާނުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2016-85 "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު" މި ނަމުގައި، 22 ސެޕްޓެންބަރު 2016 ގައި އިލެކްށަންސް ކޮމިށަނުން ށާއިއުކޮށް ނެރެފައިވާ ގަވާއިދު އުވުނީއެވެ.

 

68 ވަނަ މާއްދާ - މާނަކުރުން

(ހ) "އިންތިހާބު" ކަމުގައި ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުތަކާއި، އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްށަންތަކަށެވެ.

"އިންތިހާބާބެހޭ އާންމު ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށެވެ.

"އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ދިނުމަށާއި މަށްވަރާކުރުމަށް މި ގަވާއިދުގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އުފައްދާ ކޮމިޓީއަށެވެ.

"ރީ-ރަޖިސްޓަރީ" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުން އޮންނަ ދުވަހު، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ދާއިމީ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި އެ މީހާ ވޯޓުލުމަށް ރަޖިސްޓަރީވުމަށެވެ.

"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލުމަށް ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ތަނަކަށެވެ. ވޯޓުނަގައި ވޯޓު ގުނުމުގެ ކަންތައްތައް ހިންގާނީ ވެސް މި މަޒުކަޒުގައެވެ.

"ވޯޓިންގ ބޫތު" ކަމުގައި ބުނެފައި އެވަނީ، ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ހުންނަން ކަނޑައަޅައިފައިވާ ކޮށިގަނޑަށެވެ.

"އޮބްޒާވަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާާންމު ގާނޫނު) އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮބްޒާވްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

"މޮނިޓަރުން" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާާންމު ގާނޫނު) އާއި މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަހު ވޯޓުލާ ސަރަހައްދުތަކުގައްޔާއި، ވޯޓު ގުނާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ކަވަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދީފައިވާ މީޑިއާގެ ފަރާތްތަކަށެވެ.

"ޕާޓީ" ނުވަތަ "ސިޔާސީ ޕާޓީ" ކަމުގައި ބުނެފައި އެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.

"ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައި އެވަނީ، އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާއި، ވޯޓުގުނުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް ކޮމިށަނުން އައްޔަނު ކޮށްފައި ތިބޭ މީހުންނަށެވެ.

"އާއިލީ މެންބަރު" ކަމުގައި ބުނެފައި އެވަނީ، މަންމައެއް، ނުވަތަ ބައްޕައެއް، ނުވަތަ ދަރިއެއް، ނުވަތަ އަނތްބެއް، ނުވަތަ ފިރިއެއް، ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހަކަށެވެ.

"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓް ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ފޮޓޯޖެހި ލިޔުންތަކަށެވެ.

"ކޮމްޕްލެއިންޓްސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ވޯޓު ފޮށީގެ ވެރިޔާއަށެވެ.

"ފޯކަލް ޕޮއިންޓު" ކަމުގައި ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާއި، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ އެނޫން މަސައްކަތްތައް އެ ރަށެއްގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަށެވެ

(ށ) މި ގަވާއިދުގައި ބުނެފައިވާ އިންތިހާބާބެހޭ ކަންކަމުގައި ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

އުވުނު ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-85)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު