-

 އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1090)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-21 ގެ 131 ވަނަ މާއްދާއިން އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން
 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ފުރިހަމަ ގޮތުގައި ގާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި، އެ ފަރާތްތަކެއްގެ މައްޗަށް ގާނޫނު ހިނގާ ފަރާތްތަކުން އަމަލުކުރަންވާނެ ގޮތް ކަނޑައެޅުމާއި، ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

ރަޖިސްޓަރީކުރުން
 

3 ވަނަ މާއްދާ - ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުން

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންވާނީ، "އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީކުރުން" (MIRA 117) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުޖޫރަ ލިބޭ މީހެއް ރަޖިސްޓަރީކުރުމަށް އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީކުރުން" (MIRA 118) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

 

4 ވަނަ މާއްދާ - އުޖޫރަ ނޫން އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ އެންމެހައި ފަރާތްތައް މީރާގައި، ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންވާނެވެ.

(ށ) ގާނޫނުގެ 79 ވަނަ މާއްދާގެ (ށނ) ގެ (2) ވަނަ ނަންބަރުގައި މާނަކޮށްދީފައިވާ ޕާޓްނަރށިޕްތަކަށް މި ގަވާއިދުގައި ހަވާލާދޭނީ "ޑީމްޑް ޕާޓްނަރށިޕް" މި ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ރައްދުނުވާ ފަރުދުންނާއި ޑީމްޑް ޕާޓްނަރށިޕްތައް އަންނަނިވި ށަރުތުތަކުން ށަރުތެއް ފުރިހަމަވާނަމަ ރަޖިސްޓަރީކުރަންވާނެއެވެ.

  1. ވިޔަފާރީގެ ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕަށް ހުއްދައެއް ނުވަތަ ލައިސަންސެއް ދޫކޮށްފައިވުން؛ ނުވަތަ
  2. އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕުން އެއްވެސް މީހަކަށް ދޭ އުޖޫރައިން ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގެ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބުން؛ ނުވަތަ
  3. އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕުން ހިންގާ ވިޔަފާރީގެ ހުރިހައި ހަރަކާތަކުން 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް އެ މީހާއަށް ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕަށް ލިބޭ ޖުމްލަ އާމްދަނީ 40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވުން.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ މީހެއް، ނުވަތަ ޑީމްޑް ޕާޓްނަރށިޕަކުން، ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަދަ ފައިސާއެއް ދައްކާނަމަ، އެ މީހާ ނުވަތަ އެ ޑީމްޑް ޕާޓްނަރށިޕް ރަޖިސްޓަރީކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 79 ވަނަ މާއްދާގެ (ހވ) ގައި މާނަކޮށްދީފައިވާ ފަދަ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގާނޫނުގެ ދަށުން ރަޖިސްޓަރީކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އާމްދަނީ ނުލިބޭ ފަރާތްތަކާއި އިސްތިސްނާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) އެއްވެސް އާމްދަނީއެއް ނުލިބޭނަމަ، ނުވަތަ އެ ފަރާތަކަށް ލިބޭ ހުރިހައި އާމްދަނީއަކީ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ އާމްދަނީނަމަ، އެ ފަރާތުން ރަޖިސްޓަރީކުރަން ލާޒިމުވާނީ އެ ފަރާތަކީ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބި ފަރާތެއް ކަމުގައިވާނަމައެވެ.

(ށ) މި މާއްދާއަށް އަމަލުކުރާނީ މި ގަވާއިދުގެ 4 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތިންނެވެ.

 

7 ވަނަ މާއްދާ - އުޖޫރަ ލިބޭ މީހުން ރަޖިސްޓަރީކުރުން

(ހ) އުޖޫރަ ލިބޭ މީހެއްނަމަ އެ މީހާ ރަޖިސްޓަރީކުރުމަކީ އުޖޫރަ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) އުޖޫރަ ލިބޭ މީހެއްނަމަ، އެ މީހާ ރަޖިސްޓަރީކުރުން އުޖޫރަ ދޭ ފަރާތުގެ މައްޗަށް ލާޒިމުވާނީ އަންނިވި ހާލަތުތަކުގައެވެ.

  1. އުޖޫރަ ލިބޭ މީހާއަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބުން؛ ނުވަތަ
  2. އުޖޫރަ ލިބޭ މީހާއަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް، ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބޭނެކަމުގައި އަންދާޒާކުރެވުން؛ ނުވަތަ
  3. އުޖޫރަ ލިބޭ މީހާއަށް އެއްވެސް މަހެއްގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތެއް ފުރިހަމަވެގެން، އެ ފަރާތުން އުޖޫރަ ދޭ އެއްވެސް މީހެއް ރަޖިސްޓަރީކުރުމަށް ލާޒިމުވެއްޖެނަމަ، އެ ފަރާތަކުން އުޖޫރަ ދޭ ހުރިހައި މީހުން ރަޖިސްޓަރީކުރުން ލާޒިމުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހެއްނަމަ، ގާނޫނުގެ ދަށުން ރަޖިސްޓަރީވުން، އެ އުޖޫރަ ލިބޭ މީހާގެ މައްޗަށް ލާޒިމުވާނެއެވެ.

(ބ) މި މާއްދާގެ (ރ) އަށް އަމަލުކުރާނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި، އެވްރެޖްކޮށް މަހެއްގެ މައްޗަށް އެ މީހަކަށް ލިބޭ ޖުމްލަ އާމްދަނީ 40,000 (ސާޅީސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މީހަކަށް، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބުނު އުޖޫރައިގެ ޖުމްލަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނަމަ، އެ މީހާ ގާނޫނުގެ ދަށުން ރަޖިސްޓަރީވުން ލާޒިމެވެ.

 

8 ވަނަ މާއްދާ - ޖުމްލަ އާމްދަނީއަށް ބަލައި ރަޖިސްޓަރީކުރުން

(ހ) މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަރުދަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމްލަ އާމްދަނީ 720,000 (ހަތް ލައްކަ ވިހިހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، ގާނޫނުގެ ދަށުން އެ މީހާ ރަޖިސްޓަރީވުން ލާޒިމެވެ.

(ށ) މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަރުދެއް ފިޔަވައި އެހެން ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގައި ލިބުނު ޖުމްލަ އާމްދަނީ 500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ ފަރާތުން ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުން ލާޒިމެވެ.

 

9 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ރަޖިސްޓަރީކުރުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ މައްޗަށް ގާނޫނު ހިނގާ ކޮންމެ ފަރާތަކުން ވެސް ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ނުޖެހުން

މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމައަށް، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

 

ތިންވަނަ ބާބު

ޓެކްސް ބަޔާން އަދި ޓެކްސް ދެއްކުން
 

11 ވަނަ މާއްދާ - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

(ހ) ގާނޫނުގެ ދަށުން، އެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބި ނަމަ އެ މަހަކަށް "މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން" (MIRA 601) ފޯމު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ބަޔާނުގައި، އެ ފަރާތަކުން އުޖޫރަ ދޭ ހުރިހައި މީހުން ހިމަނަންވާނެއެވެ.

(ނ) އެއްވެސް މަހެއްގައި މި މާއްދާގެ (ހ) ގެ ދަށުން ބަޔާނެއް ހުށަހަޅައިފިނަމަ، އެ މަހުން ފެށިގެން ކުރިޔަށްހުރި އެ އަހަރުގެ ބާކީ މަސްތަކަށް އެ ފަރާތުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންވާނެއެވެ.

(ރ) އަހަރުގެ ބާކީ އޮތް މުއްދަތުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނެ ފަދަ ހާލަތެއް ނާންނާނެކަމަށް ގަބޫލުކުރެވޭނަމަ، މި މާއްދާގެ (ނ) ގެ ދަށުން ބަޔާން ހުށަހަޅަންޖެހުމުން އިސްތިސްނާކޮށްދިނުން އެދި ކޮމިށަނަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.

 

12 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން

(ހ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ހުށަހަޅަން ލާޒިމުވާނީ، ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން ނިސްބަތްވާ އަހަރުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއް ހުށަހަޅަން ލާޒިމުވިނަމައެވެ.

(ށ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން އުޖޫރަ ދޭ ފަރާތުން ހުށަހަޅަންވާނީ، "ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން" (MIRA 650) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ނ) ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން، އެ ބަޔާން ނިސްބަތްވާ ޓެކްސް އަހަރު ނިމިގެން، ވިދިގެން ފެށޭ ޓެކްސް އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައި، އަދި ރިކޮންސައިލް ކުރުމާ ގުޅިގެން އިތުރަށް ފައިސާއެއް ދައްކަން ޖެހޭނަމަ މި ތާރީހުގެ ނިޔަލަށް އެ ފައިސާ ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 602) ފޯމު ހުށަހަޅަންޖެހޭނީ، ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާނަމަ، އެ މަހަކަށެވެ.

 

14 ވަނަ މާއްދާ - ބަޔާން ތައްޔާރުކުރަންޖެހޭ ކަރަންސީ

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

15 ވަނަ މާއްދާ - ފައިސާ ދައްކަންޖެހޭ ކަރަންސީ

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހާއި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

ހަތަރުވަނަ ބާބު

އުޖޫރައިގެ ތެރޭގައި ނުހިމެނޭ އިނާޔަތާއި މަންފާ

 

16 ވަނަ މާއްދާ - އުޖޫރައިގެ މާނައިގެ ތެރޭގައި ނުހިމެނޭ އިނާޔަތާއި މަންފާ

ގާނޫނުގެ 79 ވަނަ މާއްދާގެ (ޔ) ގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާގެ ތެރޭގައި އުޖޫރަ ދޭ ފަރާތުން ފައިސާއިން ނޫން ގޮތަކަށް ފޯރުކޮށްދޭ އަންނަނިވި އިނާޔަތާއި މަންފާއެއް ނުހިމެނެއެވެ.

(ހ) ގާނޫނު ނަންބަރު 11/2009 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާއާއި 9 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް؛

(ށ) ދައުލަތުން، ސަލާމަތީ ހިދުމަތެއް މެދުވެރިކޮށް، އެއްވެސް ފަރާތަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކައުތެރިކަން؛

(ނ) އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ އުޖޫރަ ދޭ ފަރާތުގެ ތަނެއްގައި، އުޖޫރަ ދޭ ފަރާތުން މުވައްޒަފުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭ، ތިރީގައި ބަޔާންކޮށްފައިވާ އިނާޔަތާއި މަންފާ؛

  1. ކެއިންބުއިން؛
  2. މުނިފޫހިފިލުވުމާއި ކުޅިވަރު.

(ރ) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށެއް ފިޔަވައި އެނޫން ތަނެއްގައި، ހަމައެކަނި މުވައްޒަފުން ބޭތިއްބުމަށް ހާއްސަކުރެވިގެން ގާއިމުކޮށްފައިވާ، އުޖޫރަ ދޭ ފަރާތުގެ ތަން؛

(ބ) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށެއްގައި ހަމައެކަނި މުވައްޒަފުން ބޭތިއްބުމަށް ހާއްސަކުރެވިގެން، އަދި މުވައްޒަފު ފިޔަވައި އެހެން މީހަކަށް އޭނާއާއެކު އެ ތަނުގައި ދިރިނޫޅެވޭ ގޮތަށް ގާއިމުކޮށްފައިވާ އުޖޫރަ ދޭ ފަރާތުގެ ތަން؛

(ޅ) ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް، އެ ސަލާމަތީ ހިދުމަތުގެ މަރުކަޒެއްގައި ނުވަތަ އޮފީހެއްގައި ނުވަތަ ޕޯސްޓެއްގައި ފޯރުކޮށްދޭ ދިރިއުޅޭ ތަން؛

(ކ) ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއިން ބޭރުގައި ހުރި ތަނެއްގައި ވަޒީފާ އަދާކުރާ މީހަކަށް ދައުލަތުން ފޯރުކޮށްދޭ ދިރިއުޅޭ ތަން؛

(އ) އުޖޫރަ ދޭ ފަރާތުގެ ބޭނުމަށް، އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރަނީ މީހުން ދިރިއުޅޭ ރަށެއް ފިޔަވައި އެ ނޫން ތަނެއްގައިނަމަ އަދި އޭނާ ދިރިއުޅެނީ އެ ތަނުގައި ނޫންނަމަ، ޗުއްޓީއަށް ފިޔަވައި، ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާ ތަނަށް ގޮސްއައިސްވުމަށް އުޖޫރަދޭ ފަރާތުން ފޯރުކޮށްދޭ ދަތުރުފަތުރު؛

(ވ) އެ މީހާ ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރާތަން ފިޔަވައި އެހެން ތަނަކަށް، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބޭނުމަށްޓަކައި ދިއުމަށް ފޯރުކޮށްދޭ ދަތުރުފަތުރާއި ކެއުމާއި ހުރުން؛

(މ) މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ކުރިއެރުވުމުގެ މަގްސަދުގައި ތަފާތުކުރުމެއް ނެތި މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އަދި އެ ކަމަށް ހިނގާ ހަރަދު ވަކިވަކި މުވައްޒަފުންނަށް ކަނޑައެޅިގެން އެލޮކޭޓް ނުކުރެވޭ، އުޖޫރަ ދޭ ފަރާތުން ދިވެހިރާއްޖޭގައި އިންތިޒާމުކުރާ ޕިކްނިކް، ޕާޓީ ފަދަ ރެކްރިއޭށަނަލް ހަރަކާތްތަކަށް ހިނގާ ހަރަދު.

 

ފަސްވަނަ ބާބު

ވިތުހޯލްޑިންގ ޓެކްސް
 

17 ވަނަ މާއްދާ - ވިތުހޯލްޑިންގ ޓެކްސް

މި ބާބުގައި "ވިތުހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހަށާއި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަށެވެ.

 

18 ވަނަ މާއްދާ - ހެޑްއޮފީހާއި ދާއިމީ މަރުކަޒަކީ ވަކި ދެ ފަރާތް ކަމުގައި ބެލުން

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާނަމަ، ގާނޫނުގެ 55 ވަނަ މާއްދާއަށް އަމަލުކުރުމުގައި ބަލާނީ އެ ފަރާތާއި އެ ދާއިމީ މަރުކަޒަކީ ވަކި ދެ ފަރާތްކަމުގައެވެ.

 

19 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ ވިތުހޯލްޑިންގ ޓެކްސް އުނިކުރެވިފައިވާ އާމްދަނީ

ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކައިފައިވާކަމަށް ބެލެވޭނީ، އެ މުއާމަލާތުން ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާކަން އަންގައިދޭ ވިތުހޯލްޑިންގ ސެޓުފިކެޓު  އެ ފަރާތަށް ލިބިފައިވާނަމައެވެ.

 

20 ވަނަ މާއްދާ - މުއްދަތު ނުވަތަ އަދަދު އެނގެން ނެތް ހާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރުން

(ހ) އެއްވެސް ފަރާތަކުން ގާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކީ، އެ ފައިސާ ނިސްބަތްވާ މުއްދަތު ނިމުނުއިރު، އެ ފައިސާ ދައްކަންޖެހޭ ވަގުތު ކަނޑައެޅިގެން އެނގެން ނެތް ފައިސާއެއްނަމަ، ނުވަތަ އަދަދު ކަނޑައެޅިގެން އެނގެން ނެތް ފައިސާއެއްނަމަ، ގާނޫނުގެ 80 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ އަދަދު ކަނޑައަޅާނީ، އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަރޑް 37 (ޕްރޮވިޜަންސް، ކޮންޓިންޖެންޓް ލައިބިލިޓީސް އެންޑް ކޮންޓިންޖެންޓް އެސެޓްސް) އާ އެއްގޮތަށް ޕްރޮވިޜަނެއް ހަދަންޖެހޭނަމަ އެ ޕްރޮވިޜަނުގެ އަދަދުންނެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ ހާލަތުގައި، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި، އެ އުނިއިތުރުކުރުން ހިމަނައި، އިތުރަށް ޓެކްސް ދައްކަންޖެހޭނަމަ ދައްކަންވާނެއެވެ.

 

21 ވަނަ މާއްދާ - ރީއިމްބަރސްމަންޓުގެ ގޮތުގައި ދައްކާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ދެއްކުން

(ހ) ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ކަމަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާގެ ތެރޭގައި އެ ކަމާ ގުޅިގެން އެ ފަރާތަކުން ކޮށްފައިވާ ހަރަދުތައް ރިއިމްބަރސް ކުރުމުގެ ގޮތުން ދައްކާ ފައިސާއެއް ހިމެނުނުކަމުގައި ވިޔަސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ ރީއިމްބަރސް ކުރުމަށް ދައްކާ ފައިސާ ވެސް ހިމެނޭ ގޮތުން، ދައްކާ ފައިސާގެ ޖުމްލަ އަދަދުންނެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ފައިސާއަކީ، ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ރިކަވަރ ކޮށްދިނުމަށް ދައްކާ ފައިސާއެއްނަމަ، އެ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ފައިސާ ދައްކައިފައިވަނީ ވިތުހޯލްޑިންގެ ޓެކްސް އުނިކޮށްފައިކަމަށް ބެލުން

ގާނޫނުގެ 54 ވަނަ މާއްދާއާއި 55 ވަނަ މާއްދާގެ ދަށުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް އެ ފައިސާ ދައްކައިފައިވާނަމަ، ގާނޫނުގެ 56 ވަނާ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އެ މުއާމަލާތުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކުހުގެ އަދަދު (މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ކަމަށްވާނަމަ، ކޮންމެ ބްރެކެޓަކަށް ވަކިން) ހިސާބުކުރާނީ އަންނަނިވި ފޮމިއުލާ ބޭނުންކޮށްގެންނެވެ.

 A×t

____

100-t

 

t = ވިތުހޯލްޑިންގެ ޓެކްސް އުނިކުރަންޖެހޭ ރޭޓް

A = ދެއްކި ފައިސާގެ އަދަދު

 

23 ވަނަ މާއްދާ - ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ކުރީގެ މުއްދަތަކަށް ނިސްބަތްވާ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ނުޖެހުން

(ހ) ގާނޫނުގެ 54 ވަނަ މާއްދާ ހިނގާނީ، ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާމްދަނީން ޓެކްސް ނަގަން ފަށާ ތާރީހުގައި ފެށޭ ނުވަތަ އެ ތާރީހުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ އުޖޫރައަށެވެ.

(ށ) ގާނޫނުގެ 55 ވަނަ މާއްދާ ހިނގާނީ، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ތާރީހުގައި ފެށޭ ނުވަތަ އެ ތާރީހުގެ ފަހުން ފެށޭ މުއްދަތަކަށް ނިސްބަތްވާ ފައިސާއަށެވެ.

 

24 ވަނަ މާއްދާ - ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން

(ހ) ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޖޫރަ ދެނީ، ނުވަތަ ގާނޫނުގެ  55 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަނީ ރުފިޔާއިން ނޫންނަމަ، މީރާއަށް ވިތުހޯލްޑިންގ ޓެކްސް ދެއްކުމުގައި  އެ ފަރާތަކުން އެ އަދަދު ރުފިޔާއަށް ބަދަލުކުރަންވާނީ އެ ފައިސާ އުނިކުރަންޖެހުނު ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިއުކޮށްފައިވާ އެކްސްޗޭންޖް ރޭޓްގެ %2± ("ޕްލަސް އޯރ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ. އަދި އެކްސްޗޭންޖް ރޭޓް ބެލުމުގައި ރިއާޔަތްކުރަންވާނީ އެއް މަސްދަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަދަ ފައިސާ ދައްކަނީ ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކެއް މެދުވެރިކޮށް ނަމަ، އެ އަދަދު ރުފިޔާއަށް ބަދަލުކުރުމުގައި ބޭންކަކުން އެ މުއާމަލާތަކަށް ހަމަޖައްސައިދިން އެކްސްޗޭންޖް ރޭޓް ބޭނުންކުރެވިދާނެއެވެ.

 

25 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ ފަރާތްތަކުގެ އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން

(ހ) އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އުޖޫރަ ލިބޭ މީހެއް ނަމަ، އަދި އެ ހުރިހައި ފަރާތްތަކުން މަހެއްގެ މައްޗަށް ލިބޭ އުޖޫރައިގެ ޖުމްލަ އަދަދު 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭނަމަ، އެ މީހާއަށް އެ މަހަކަށް އިތުރަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ އަދަދު، އުޖޫރަ ދޭ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާ ފަރާތެއް އިހްތިޔާރުކޮށް، އެކަން އެ ފަރާތަކަށް އަންގަންވާނެއެވެ.

(ށ) އެ މީހާއަށް އުޖޫރަ ދޭ ފަރާތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތެއް ނުހިމެނޭނަމަ، އެ ފަރާތަކަށް މި މާއްދާ ރައްދެއް ނުވާނެއެވެ.

(ނ) އުޖޫރަ ލިބޭ މީހާ، މި މާއްދާގެ (ހ) ގެ ދަށުން އިހްތިޔާރުކުރާ ފަރާތަށް އެކަން އަންގަންވާނީ، މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް، އުޖޫރައިން ވިތުހޯލްޑިންގ ޓެކްސް އުނިކުރާނެ ފަރާތް އިހްތިޔާރުކުރާ ފޯމު (MIRA 916) ހުށަހަޅައިގެންނެވެ.

(ރ) އުޖޫރަ ލިބޭ މީހަކު، މި މާއްދާގެ (ހ) ގެ ދަށުން ފަރާތެއް އިހްތިޔާރުކުރާ ހާލަތުގައި އެ މީހާގެ އުޖޫރައިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ، އިހްތިޔާރުކުރެވެނު ފަރާތުން ދޭ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ އަދަދާއި އަންދާޒާކުރި އަދަދު އެއްކުރުމަށްފަހު ޖުމްލަ އަދަދުންނެވެ.

(ބ) މި މާއްދާގެ (ހ) ރައްދުވާ އުޖޫރަ ލިބޭ މީހެއް މި މާއްދާގައިވާ ގޮތުގެ މަތިން، އުޖޫރަ ދޭ ފަރާތެއް އިހްތިޔާރުކޮށްފައި ނުވާނަމަ، އެ މީހާއަށް އުޖޫރަ ދޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް، ވިތުހޯލްޑިންގެ ޓެކްސް އުނިކުރުމުގެ ބޭނުމަށް އަންދާޒާކުރެވޭ އުޖޫރައިގެ ޖުމްލަ އަދަދު މީރާއިން އެންގިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ރައްދުވާ އުޖޫރަ ލިބޭ މީހުން ގާނޫނުގެ 7 ވަނަ ބާބުގެ ދަށުން ހުށަހަޅަންޖެހޭ ބަޔާންތައް ހުށަހަޅަންވާނެއެވެ.

 

26 ވަނަ މާއްދާ - އާންމުކޮށް ދޭ އުޖޫރައިގެ އަދަދަށްވުރެ ތަފާތު އަދަދެއް އުޖޫރައިގެ ގޮތުގައި ދޭން ޖެހުން

(ހ) އެއްވެސް މީހަކަށް، އާންމުކޮށް މަހެއްގެ މައްޗަށް ލިބޭ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ އަދަދަކީ، 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ މަދު އަދަދެއްނަމަ، އަދި އެ ޓެކްސް އަހަރުގައި އެ މީހާއަށް ލިބޭ އުޖޫރައިގެ ޖުމްލަ އަދަދު 720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށްވުރެ މަދުވާނެކަމަށް އަންދާޒާކުރެވޭނަމަ، އެ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާ އަށްވުރެ އިތުރުވި ކަމުގައިވިޔަސް، އެ މަހަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ލާޒިމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާ މީހާގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ވިދިވިދިގެން 2 (ދޭއް) މަހުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އަދި އޭގެ ފަހުން އެ ޓެކްސް އަހަރުގައި އަންނަ މަހެއްގައި ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، މި މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ނިމުމަކަށް އަންނާނެއެވެ.

 

ހަވަނަ ބާބު

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ
 

27 ވަނަ މާއްދާ - ޖަމްއިއްޔާ ނުވަތަ ޖަމާއަތް

ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "ޖަމްއިއްޔާ" އަދި "ޖަމާއަތް" ކަމަށް ބުނެފައި  އެ ވަނީ، އަންނަނިވި ށަރުތުތަކުންކުރެ ށަރުތެއް ހަމަވާ ކޮންމެ ޖަމާއަތެއް ނުވަތަ ޖަމްއިއްޔާއަކަށެވެ.

(ހ) ގާނޫނު ނަންބަރު 1/2003 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

(ށ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި އުފައްދައިފައިވާ ފަރާތަކަށްވުން.

 

28 ވަނަ މާއްދާ - އާންމު މަންފާތައް

ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، "އެ ނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް" ކުރާ ކަންތައްތައް ކަމުގައި ބެލެވޭނީ އަންނަނިވި ކަންތައްތަކެވެ.

(ހ) އިންސާނީ އެހީ ފޯރުވައިދިނުން؛

(ށ) ތިމާވެށި ނުވަތަ "ވައިލްޑްލައިފް" ހިމާޔަތްކުރުން؛

(ނ) އިޖްތިމާއީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުން؛

(ރ) ސަގާފީ ހަރަކާތްތައް ކުރިއެރުވުން؛

(ބ) ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއެރުވުން؛

(ޅ) ވަކި ޕްރޮފެށަނެއް ނުވަތަ އިގްތިސާދީ ދާއިރާއެއް ކުރިއެރުވުން؛

(ކ) ސަރަހައްދެއްގެ ނުވަތަ ރަށެއްގެ މުޖުތަމައު ތަރައްގީކުރުން.

 

29 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ހުށަހެޅުން

(ހ) ގާނޫނުގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް ބޭނުންވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން، "ޗެރިޓަބްލް އޮގަނައިޒޭށަންތައް ރަޖިސްޓަރީކުރުން" (MIRA 103) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާއިރު، ގާނޫނު ނަންބަރު 5/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ ބޭނުމަށް، ޓެކްސް ރޫލިންގTR-2014/B38 (ޗެރިޓަބަލް އޮގަނައިޒޭށަންތައް) ގެ ދަށުން، މީރާއިން ހުއްދަ ދީފައިވާ ޖަމްއިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް، މި ބާބުގެ ދަށުން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ގޮތުގައި ބެލެވޭނެއެވެ.

 

30 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓު

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓު މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކޮށްގެން، މި ބާބުގެ ދަށުން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ - ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ އަހަރީ ރިޕޯޓު

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ކޮންމެ ކަލަންޑަރު އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ޑޮނޭށަނުގެ މައުލޫމާތު ހިމެނޭ ގޮތަށް އާމްދަނީއާއި ހަރަދުގެ ބަޔާނެއް ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއިން ކަނޑައަޅާ ފޯމެޓެއްގައި މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، ޖެހިގެން އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައިފައި ނުވާނަމަ، އެ ޖަމްއިއްޔާއެއް، ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެއެވެ. އަދި އެ ޖަމްއިއްޔާއިން އަލުން ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދަން ބޭނުންވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލްގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅަންވާނެއެވެ.

 

32 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްއިއްޔާއެއްކަން އަންގައިދޭ ލޯގޯ

(ހ) ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ މާކެޓިންގ މެޓީރިއަލްތަކާއި، ލެޓަރހެޑާއި، ވެބްސައިޓާއި، އީމެއިލް އެޑްރެހާއި، އެ ފަދަ އެހެނިހެން ލިޔެކިޔުންތަކުގައި، އެ ޖަމްއިއްޔާއަކީ ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ޖަމްއިއްޔާއެއްކަން އެންގުމުގެ ގޮތުން މީރާއިން ކަނޑައަޅާ ލޯގޯއެއް ބޭނުންކުރެވިދާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތައް ފިޔަވައި އެހެން ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލޯގޯ ބޭނުންކޮށްގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - ޖަމްއިއްޔާއަކަށް ޑޮނޭށަނުގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދައްކާ ފައިސާ އުނިކުރުން

ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ޑޮނޭށަނުގެ ގޮތުގައި ޓެކްސް ދައްކާ ފަރާތުން ދޭ ފައިސާ، ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އުނިކުރެވޭނީ އެ ފައިސާ ދިން ތާރީހުގައި އެ ޖަމްއިއްޔާއެއް، މި ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ށާއިއުކުރާ ލިސްޓުގައި ހިމެނޭ ކަމުގައިވާނަމައެވެ.

 

34 ވަނަ މާއްދާ - ޖަމްއިއްޔާތަކަށް ލިބޭ އާމްދަނީ އިސްތިސްނާވުން

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ލިބޭ އާމްދަނީ، އާމްދަނީން ނަގާ ޓެކުހުން އިސްތިސްނާވާނީ، އެ އާމްދަނީ ޓެކުހުން އިސްތިސްނާ ނުވިނަމަ، އެ ފަރާތުން އެ އަހަރަކަށް އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެ ތާރީހުގައި ނުވަތަ އޭގެ ކުރިން އެ ފަރާތަކަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާނަމައެވެ.

 

ހަތްވަނަ ބާބު

ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

 

35 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތައް

ގާނޫނުގެ 22 ވަނަ މާއްދާގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކްތަކާއި ބޭންކު-ނޫން މާލީ އިދާރާތަކަކީ:

(ހ) އެ ބޭންކު އޮޕަރޭޓުކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާ ބޭންކުތައް؛

(ށ) އެ ކުންފުނި އޮޕަރޭޓުކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެ ފަދަ ކުންފުނިތައް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުނިތަކާއި ލީސިންގ ފައިނޭންސް ކުންފުނިތައް؛

(ނ) އަންނަނިވި ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި، އެ އިދާރާތަކުން ކޮންޓްރޯލްކުރާ އޭޖެންސީތައް:

  1. ވަރލްޑް ބޭންކް
  2. އައި.އެމް.އެފް (International Monetary Fund)
  3. އޭ.ޑީ.ބީ (Asian Development Bank)
  4. އީ.އައި.ބީ (European Investment Bank)
  5. އީ.ބީ.އާރ.ޑީ (European Bank for Reconstruction and Development)
  6. އެން.އައި.ބީ (Nordic Investment Bank)
  7. އޯ.އެފް.އައި.ޑީ (OPEC Fund for International Development)
  8. ޑީ.އީ.ޖީ (Deutsche Investitions- und Entwicklungsgesellschaft)
  9. އޭ.އެފް.ޑީ (Groupe Agence Francaise de Developpment)
  10. އޭ.އައި.އައި.ބީ (Asian Infrastructure Investment Bank)

 
36 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުގެ ލިސްޓު

(ހ) ކޮމިށަނަރ ޖެނެރަލް ގަބޫލުކުރާ ބޭންކުތަކާއި ބޭންކު-ނޫން މާލީ އިދާރާތަކުގެ ލިސްޓަށް އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއެއް އިތުރުކުރަން ބޭނުންވާނަމަ، ޓެކްސް ދައްކާ ފަރާތްތަކުން ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މީރާއިން ގަބޫލުކުރާ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލިސްޓު، މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މީރާގެ ރަސްމީ ވެބްސައިޓުގައި ށާއިއުކޮށްގެން، މި ގަވާއިދުގެ 53 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މި ގަވާއިދުގެ 53 ވަނަ މާއްދާގެ (ނ) އަށް އަމަލުކުރަންވާނީ، ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާން ހުށަހަޅަންޖެހޭ ތާރީހުގައި ނުވަތަ އޭގެ ކުރިން އެ ބައިނަލްއަގްވާމީ މާލީ އިދާރާ މީރާއިން ގަބޫލުކޮށްފައިވާނަމައެވެ.

 

އަށްވަނަ ބާބު

ބައިނަލްއަގްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓުތަކަށް ދެވޭ އިސްތިސްނާ
 

37 ވަނަ މާއްދާ - އިސްތިސްނާއަށް އެދި ހުށަހެޅުން

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީ އިސްތިސްނާ ކުރުމަށް އެދި މީރާއަށް ހުށަހަޅާނީ، އިސްތިސްނާއަށް އެދޭ ފޯމު (MIRA 607) މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތުން އެ ހުށަހެޅުމާއެކު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެ ފަރާތުގެ ވިޔަފާރި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތީ ކޮން ތަނެއްގައިކަން ބަޔާންކޮށްދޭ، އެ ފަރާތުގެ އެކްސްޓަރނަލް އޮޑިޓަރުގެ ލިޔުމެއް؛
  2. އެ ފަރާތުން ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ޖެހޭނަމަ، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުއާމަލާތާ ގުޅޭ އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނަށް އަމަލަކުރަން ފެށިއިރު، ގާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ފަރާތްތަކަށް ލިބޭ، ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ އާމްދަނީއަކީ މި ބާބުގެ ދަށުން އިސްތިސްނާ ދީފައިވާ އާމްދަނީކަމަށް ބެލެވޭނެއެވެ.

 

38 ވަނަ މާއްދާ - އިސްތިސްނާއަށް އެދޭ ފަރާތް ވަޒަންވެރިވެފައިވާ ގައުމު

(ހ) ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގެ ބޭނުމަށް އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތް ވަޒަންވެރިވެފައިވާ ގައުމަކީ، އެ ފަރާތުގެ ހިންގުމުގެ މައިގަނޑު މަސައްކަތާ ކޮންޓްރޯލް އޮތް ތަނެވެ.

(ށ) ކުންފުންޏެއް ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ. އެހެން ނަމަވެސް މިއީ ކުންފުންޏެއް ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގައި ރިއާޔަތްކުރާނެ ހަމައެކަނި ކަންތައްތަކެއް ނޫނެވެ.

  1. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދައްލުވުންތައް އާންމުގޮތެއްގައި ބާއްވާ ތަން؛
  2. ކުންފުނީގެ އާންމު ސިޔާސަތުތަކާއި ސްޓްރެޓީޖިކް މިސްރާބުތަކާއި މުހިންމު އެއްބަސްވުންތަކާއި މުހިންމު މާލީ ނިންމުންތައް ފަދަ ކަންކަން ނިންމާ ތަން؛
  3. ކުންފުނީގެ ޕަރފޯމަންސް ޖުމްލަ ގޮތެއްގައި މޮނިޓަރކޮށް، ކުންފުނީގެ ޕަރފޯމަންސަށް ރިއާޔަތްކޮށް އެކުލަވައިލެވޭ ސްޓްރެޓީޖިކް ރެކޮމެންޑޭށަންތައް މުރާޖައާކުރާ ތަން.

(ނ) ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަނަކީ އަސްލު ތަން ނޫން އެހެން ތަނެއްކަން ދައްކުވައިދިނުމަށްޓަކައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް ހިނގަމުންދާ ތަން ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވާ އެ ނޫން ވެސް ކަމެއް ގަސްތުގައި ރާވައިފައިވާކަމަށް ބެލެވިއްޖެނަމަ، އެ އިންތިޒާމުގެ ސަބްސްޓެންސަށް ބެލުމަށްފަހު، އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް އޮތް ތަން ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - އިސްތިސްނާ ފެށޭ ތާރީހު

ގާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގައި ބަޔާންކުރާ އިސްތިސްނާ އެއްވެސް ފަރާތަކަށް ދެވުނު ކަމަށް ބެލެވޭނީ ކޮމިށަނަރ ޖެނެރަލް އެ ފަރާތަކަށް ލިޔުމުން އެ ކަން އެންގުމުން، އެ އެންގުމުގައިވާ ތާރީހުން ފެށިގެންނެވެ.

 

ނުވަވަނަ ބާބު

ހިސާބުކުރުން

 

40 ވަނަ މާއްދާ - ހިސާބުތައް ތައްޔާރުކުރުން

(ހ) ހަމައެކަނި އުޖޫރަ ލިބޭ މީހުން ފިޔަވައި އެހެން ފަރާތްތަކުން މާލީ ހިސާބުތައް ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ހިނގާ ކޮންމެ ފަރާތަކުންމެ، އެ ފަރާތަކަށް ލިބޭ އާމްދަނީގެ ރިކޯޑު ބަލަހައްޓަންވާނެއެވެ.

 

41 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތު

(ހ) ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، ކޮންމެ ފަރާތެއްގެ ވެސް ހިސާބުކުރާ މުއްދަތަކީ 1 ޖަނަވަރީން 31 ޑިސެންބަރުގެ ނިޔަލަށެވެ.

(ށ) ޓެކްސް އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު، އެ ޓެކްސް އަހަރުގެ 31 ޑިސެންބަރުގައި ނިންމަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ގާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައިސްފިނަމަ،  އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ.

 

42 ވަނަ މާއްދާ - ހިސާބުކުރުމުގެ އުސޫލުތައް

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ އެއްވެސް ފަރާތަކުން އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރި ކުރާނަމަ، އެ ހުރިހައި ވިޔަފާރިއަކަށް ނިސްބަތްކޮށް ޖުމްލަ ހިސާބެއް ތައްޔާރުކުރަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން އެއްވެސް ދާއިމީ މަރުކަޒެއްގެ ހިސާބުތައް ތައްޔާރުކުރަންޖެހޭނަމަ،  އެ ހިސާބުތައް ތައްޔާރުކުރަންވާނީ ހަމައެކަނި އެ މަރުކަޒަކުން ނުވަތަ މަރުކަޒެއް މެދުވެރިވެގެން ކުރި ވިޔަފާރިއަކަށެވެ. އަދި އެ ފަރާތަކުން ދިވެހިރާއްޖޭގައި އެއް ދާއިމީ މަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާނަމަ، އެ ފަރާތަކުން ހިސާބުތައް ތައްޔާރުކުރަންވާނީ، އެ މަރުކަޒުތަކަކީ ވަކި އެއް ށަހުސެއްގެ ގޮތުގައި ބަލައި، އެ ހުރިހައި މަރުކަޒުތަކެއް އެކުލެވޭ ގޮތަށެވެ.

(ނ) ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރިއާ އެއްފަދަ އެހެން ވިޔަފާރިއެއް ދިވެހިރާއްޖޭގައި ކުރާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއް މެދުވެރިކޮށް ވިއްކާ މުދަލެއް ނުވަތަ މަރޗެންޑައިޒެއް، ނުވަތަ އެ މުދަލަކާ ނުވަތަ މަރޗެންޑައިޒަކާ އެއް ބާވަތެއްގެ މުދަލެއް ނުވަތަ މަރޗެންޑައިޒެއް ދިވެހިރާއްޖޭގައި ވިއްކައިގެން އާމްދަނީ ހޯދާނަމަ، މި މާއްދާގެ (ށ) ގެ ބޭނުމަށް ބެލެވޭނީ އެއީ އެ ދާއިމީ މަރުކަޒުން ކުރާ ވިޔަފާރިއެއްކަމަށެވެ.

(ރ) މި ގަވާއިދުގެ 40 ވަނަ މާއްދާގެ ދަށުން ތައްޔާރުކުރަންޖެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ އައި.އެފް.އާރް.އެސް ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަގްވާމީގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހިސާބު ތައްޔާރުކުރުމުގެ "އެކްރޫއަލް ބޭސިސް" ބޭނުންކޮށްގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭށް ބޭސިސް" އިހްތިޔާރު ކުރެވިދާނެއެވެ.

 

43 ވަނަ މާއްދާ - ހިސާބުކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންމެހައި ފަރާތްތަކުން، މީރާއަށް އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ދެނެގަނެވޭނެފަދަ ފެންވަރަކަށް އެ ފަރާތެއްގެ ހިސާބުތައް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެފަދަ ހިސާބުތައް ހުންނަންވާނީ ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު ނުވަތަ އެ ފަރާތެއްގެ ފަންކްށަނަލް ކަރަންސީންނެވެ.

(ށ) އެއްވެސް ފަރާތެއްގެ ފަންކްށަނަލް ކަރަންސީ ކަނޑައަޅަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.

(ނ) ފަންކްށަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތްތައް ރެކޯޑު ކުރަންވާނީ އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ށާއިއުކުރާ، އެ މުއާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ±2% ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އެކްސްޗޭންޖް ރޭޓު ބެލުމުގައި ރިއާޔަތްކުރަންވާނީ އެއް މަސްދަރަކަށެވެ.

(ބ) މި ގަވާއިދުގެ ބޭނުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރޭޓު ށާއިއުކޮށްފައި ނުވާ ދުވަހެއްގެ ރިފަރެންސް ރޭޓަކީ އެ ދުވަހުގެ ކުރިން އެންމެ ފަހުން ށާއިއުކޮށްފައިވާ ރޭޓެވެ.

 

44 ވަނަ މާއްދާ - މާލީ ހިސާބުތައް ހުށަހެޅުން

(ހ) ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައިވާ ޓެކްސް ބަޔާނަށް މި ގަވާއިދުގައި ހަވާލާދޭނީ "އިންކަމް ޓެކްސް ބަޔާން" މިފަދައިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންކަމް ޓެކްސް ބަޔާނާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެވެ.

  1. އާމްދަނީއާއި ހަރަދުގެ ބަޔާން؛
  2. ބެލެންސް ށީޓް؛
  3. ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން؛
  4. ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން؛
  5. މާލީ ހިސާބުތަކާ ގުޅޭ ނޯޓްސް؛
  6. ޑިރެކްޓަރުންގެ ރިޕޯޓް؛
  7. އޮޑިޓަރުގެ ރިޕޯޓް.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ޖުމްލަ އާމްދަނީ އަހަރަކަށް 10,000,000 (ދިހަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، މި މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި މިފަދަ ފަރާތްތަކުން މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ބ) އިހްތިޔާރުކޮށްފައިވާނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކަށް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށްވާނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ގާނޫނުގެ 28 ވަނަ މާއްދާ އިހްތިޔާރުކުރާނަމަ، މި މާއްދާގެ (ށ) ގެ (1) އިން ފެށިގެން (7) ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި އަކުރަށް އަމަލުކުރާނީ މި މާއްދާގެ (ބ) އާ ހިލާފުނުވާނެ ގޮތުގެމަތިންނެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެ ނޫން ފަރާތްތަކުން މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާކަށެއް ނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓް ތައްޔާރުކުރަންވާނީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

45 ވަނަ މާއްދާ - މާލީ ހިސާބުތައް އޮޑިޓްކުރުން

މި ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓުގައި، އެ ފަރާތުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާއިރު ކަމާބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ މުސްތަގިއްލު އޮޑިޓަރަކު ސޮއިކުރަންވާނެއެވެ.

 

ދިހަވަނަ ބާބު

ކެޕިޓަލް އެލަވަންސް
 

46 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސާ ގުޅޭ

މި ބާބުގެ ބޭނުމަށް:

(ހ) "ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައިވަނީ، ކެޕިޓަލް ހަރަދަކާ ގުޅިގެން ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސަށެވެ.

(ށ) "ބެލަންސިންގ އެލަވަންސް" ކަމަށް ބުނެފައިވަނީ، ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ ބެލަންސިންގ އެލަވަންސަށެވެ.

(ނ) "ބެލަންސިންގ ޗާޖް" ކަމަށް ބުނެފައިވަނީ، ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އިތުރުކުރެވޭ ބެލަންސިންގ ޗާޖަށެވެ.

(ރ) "ޓެކްސް ރިޓްންޑައުން ވެލިއު" ކަމަށް ބުނެފައިވަނީ، ކެޕިޓަލް އެސެޓެށް ގަތުމަށް ހިނގި ހަރަދާއި، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެ އެސެޓުގެ އަގުގެ ގޮތުގައި މި ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރެވޭ އަދަދާއި، މި ދެ އަދަދުންކުރެ ކުޑަ އަދަދަކުން، ކުރީގެ ހިސާބުކުރާ މުއްދަތުތަކުގައި ކެޕިޓަލް އެލަވަންސްގެ ގޮތުގައި އުނިކުރެވިފައިވާ އަދަދުތަކުގެ ޖުމްލަ އުނިކުރުމުން އަންނަ އަދަދަށެވެ.

(ބ) "އިމާރާތް" ކަމަށް ބުނެފައިވަނީ، އިމާރާތްތަކާއި، ޖެޓީތަކާއި، ސްލިޕްވޭތަކާއި، މަގުތަކާއި މިނޫންވެސް މިފަދަ އެހެނިހެން ދާއިމީ ބިނާތައްވެސް ހިމެނޭ ގޮތުންނެވެ.

(ޅ) "އެއަރކްރާފްޓް" ކަމަށް ބުނެފައިވަނީ، މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، ސީޕްލޭނާއި، އޭރޯޑައިނަމިކްސް ބޭނުންކޮށްގެން ދުއްވާ އެނޫން އެންމެހައި އުޅަނދުތައް ވެސް ހިމެނޭ ގޮތުންނެވެ.

(ކ) "މިލްކުވެރި ފަރާތް" ނުވަތަ "ވެރިފަރާތް" ކަމުގައި ބުނެފައިވަނީ، ފައިނޭންސް ލީސްއެއްގެ ދަށުން ހޯދައިފައިވާ އެސެޓުގެ "ލެސީ" ވެސް ހިމެނޭ ގޮތުންނެވެ. މި ހާލަތުގައި "ލެސޯ" އަކީ، މި ބާބުގެ ބޭނުމަށް މިލްކުވެރި ފަރާތެއް ނޫނެވެ.

(އ) "ރެލަވަންޓް އިވެންޓް" ކަމަށް ބުނެފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމަކަށެވެ.

  1. ކެޕިޓަލް އެސެޓެއް ވިއްކައިލުން ނުވަތަ ދިނުން؛
  2. ކެޕިޓަލް އެސެޓެއްގެ މިލްކުވެރިކަން އެ މުދަލުގެ ވެރިފަރާތުން ދާއިމީކޮށް ނެތިދިއުން؛
  3. ހަލާކުވެގެން ނުވަތަ އެނޫންވެސް ގޮތަކަށް ކެޕިޓަލް އެސެޓެއް ނެތިދިއުން؛
  4. ކެޕިޓަލް އެސެޓް ބޭނުންކުރުން ދާއިމީކޮށް ހުއްޓައިލުން ނުވަތަ އެ އެސެޓް ބޭނުންކުރަމުންދިޔަ ވިޔަފާރި ދާއިމީކޮށް ހުއްޓައިލުން ނުވަތަ ނިމުމަކަށް ގެނައުން ނުވަތަ އުވައިލުން؛
  5. ކެޕިޓަލް އެސެޓެއްގެ ވެރިފަރާތުން އެ އެސެޓް ބޭނުންކޮށްގެން ކުރަމުންދާ ވިޔަފާރިއަކުން ޓެކްސް ދައްކަންޖެހުން ނިމުމަކަށް އައުން؛
  6. އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓެއްގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެން ފަރާތަކަށް ދިނުން.

 
47 ވަނަ މާއްދާ - ކެޕިޓަލް ހަރަދު އަގުކުރުން

މި ބާބުގެ ދަށުން އެ ހަރަދަކާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެއްވެސް ހަރަދަކީ ބާޒާރުގައި ހިނގާނެ ހަރަދަކަށްވުރެ އިތުރު ހަރަދެއްނަމަ، އެ ހަރަދެއްގެ އަދަދު ކަމަށް ބެލެވޭނީ އައި.އެފް.އާރ.އެސް ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.

 

48 ވަނަ މާއްދާ - ބާޒާރުގައި ކެޕިޓަލް އެސެޓުގެ އަގު

މި ބާބުގެ ބޭނުމަށް، މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ތައާރުޒުނުވާ ގޮތުގެމަތިން، ތިރީގައިވާ ހާލަތްތަކުގައި ކެޕިޓަލް އެސެޓެއް ގަތުމަށް ކުރެވުނު ހަރަދުކަމަށް ބަލާނީ އެ އެސެޓެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ހުރި އަގުކަމަށް އައި.އެފް.އާރ.އެސް ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.

(ހ) ވިޔަފާރިއެއް ހިންގާ ފަރާތަކުން، އެ ފަރާތެއްގެ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ކެޕިޓަލް އެސެޓެއް ގަތުމަށް ހިނގައިފައިވާ ހަރަދަކާ ގުޅިގެން ކެޕިޓަލް އެލަވަންސް ހޯދުމަށް އެދުން؛

(ށ) އެ ކެޕިޓަލް އެސެޓެއް ފުރަތަމަ ބޭނުންކުރި އިރު، އެ އެސެޓް އަސްލު ގަތް އަގަށްވުރެ އޭގެ ބާޒާރުގެ އަގު ކުޑަވުން.

 

49 ވަނަ މާއްދާ - ހިސާބުކުރާ މުއްދަތުން ބައެއްގައި ކެޕިޓަލް އެސެޓް ބޭނުންކުރުން

ކެޕިޓަލް އެސެޓް ގަންނަ ހިސާބުކުރާ މުއްދަތުގައި އެ މުދަލަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ އެ މުއްދަތެއްގެ ބޮޑު ބައެއްގައި އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ. އެއީ، ފުރިހަމަ ހިސާބުކުރާ މުއްދަތެއްގައިނަމަ މަދުވެގެން 183 (އެއްސަތޭކަ އައްޑިހަ ތިނެއް) ދުވަހު އެ އެސެޓް ބޭނުންކޮށްފައިވާނަމައެވެ.

 

50 ވަނަ މާއްދާ - ވިޔަފާރީގެ ބޭނުމަށް ނޫން ގޮތަކަށް ކެޕިޓަލް އެސެޓް ބޭނުންކުރުން

އެއްވެސް މިންވަރަކަށް ވިޔަފާރީގެ ބޭނުމަށް ނޫންގޮތަކަށް ބޭނުންކުރާ ކެޕިޓަލް އެސެޓެއްނަމަ، އެ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ، އެ ވިޔަފާރީގެ ބޭނުމަށް އެ އެސެޓެއް ބޭނުންކޮށްފައިވާ ނިސްބަތަކުންނެވެ.

 

51 ވަނަ މާއްދާ - ކެޕިޓަލް ހަރަދު އެއްފަހަރާ އުނިކުރުން

(ހ) މި ބާބުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއްބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 5,000 (ފަސް ހާސް) ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، އެ ފަރާތަކުން އެ ހަރަދު ހިނގި ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެއްފަހަރާ އުނިކުރުމަށް އިހްތިޔާރުކުރެވޭ ހަރަދުގެ ޖުމްލަ އެއްވެސް ހިސާބުކުރާ މުއްދަތެއްގައި 100,000 (އެއް ލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ  42 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކޭށް ބޭސިސްއަށް ހިސާބު ތައްޔާރުކުރާ ފަރާތްތަކުން އެއްވެސް ކެޕިޓަލް އެސެޓެއް ނުވަތަ އެއް ބާވަތެއްގެ ކެޕިޓަލް އެސެޓްތަކެއް އެއްފަހަރާ ގަތުމަށް ދިޔަ ހަރަދު 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، އެ ހަރަދުކުރި ހިސާބުކުރާ މުއްދަތުގައި އެ ހަރަދެއް އެއްފަހަރާ އުނިކުރުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

 

52 ވަނަ މާއްދާ - އެސެޓުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ކެޕިޓަލް އެލަވަންސް ދިނުން

ފައިނޭންސް ލީސްއެއްގެ ދަށުން ހޯދައިފައިވާ އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ، އެ އެސެޓުގެ ވެރިފަރާތް ކަމުގައި ނުވިޔަސް، އެ އެސެޓް ކުއްޔަށް ހިފި ފަރާތަށެވެ.

 

53 ވަނަ މާއްދާ - އެއް ހަރަދެއް ދެ ފަހަރު އުނި ނުކުރުން

މި ބާބުގެ ބޭނުމަށް، އެއްވެސް ހަރަދެއް އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރީގެ ހިސާބުތަކުން ނުވަތަ އެލަވަންސް އުނިކުރެވޭ އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަކުން އުންޏެއް ނުކުރެވޭނެއެވެ.

 

54 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު ކެޕިޓަލް އެސެޓް އަގުކުރުން

(ހ) ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 35/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 46 ވަނަ މާއްދާގެ (ހ) ދަށުން އަގު ކަނޑައަޅައިފައިވާ މުދަލެއް ނަމަ، ކެޕިޓަލް އެލަވަންސް ހިސާބުކުރުމުގައި އެ މުދަލުގެ އަގުކަމަށް ބަލާނީ އެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ އަދަދެވެ.

(ށ) ވިޔަފާރިކުރާ ފަރާތެއްގެ އަތުގައި ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކީ، ގަވާއިދު ނަންބަރު 35/2011 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ދަށުން އަގު ކަނޑައަޅައިފައި ނުވާ އެސެޓެއްނަމަ، އެ އެސެޓުގެ އަގު ކަނޑައަޅާނީ، އެ އެސެޓް ގަތް ދުވަހުން ފެށިގެން ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހާ ހަމަޔަށް އެ އެސެޓް ބޭނުންކުރެވުނު ކޮންމެ އަހަރަކަށް ނުވަތަ އަހަރަކުން ބަޔަކަށް، އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ މުދަލެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކުރުމުން އަންނަ އަދަދު (ނޮށަނަލް އެޖަސްމަންޓް)، އެ އެސެޓް ގަތް އަގުން އުނިކޮށްގެންނެވެ.

(ނ) ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭންކުތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެސެޓް ގަތް އަގުން އުނިކުރާ އަދަދަކީ ގާނޫނުގެ ބޭނުމަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައެއް ނުބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ގަތް އަގު އެނގެން ނެތްނަމަ، އެ އަދަދުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ބޭނުމަށް، އެސެޓް ބޭނުންކޮށްފައިވާ މުއްދަތު އެނގެން ނެތްނަމަ، އެ މުއްދަތުގެ އެކަށީގެންވާ އަންދާޒާއެއް ކަނޑައަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން އެސެޓް ގަތް އަގުކަމަށް ނުވަތަ އެ އެސެޓް ބޭނުންކޮށްފައިވާ މުއްދަތުކަމަށް ކޮށްފައިވާ އަންދާޒާއަށް ބަދަލު ގެނައުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

55 ވަނަ މާއްދާ - ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު ހުރި ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް އުނިކުރުން

ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާ ދުވަހު އެއްވެސް ފަރާތެއްގެ އަތުގައި ހުރި ކެޕިޓަލް އެސެޓަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ހިސާބުކުރާނީ، އެ އެސެޓް ގަތް އަގާއި މި ބާބުގައި ބަޔާންކޮށްފައިވާ އެ އެސެޓެއްގެ ކެޕިޓަލް އެލަވަންސް ރޭޓާ ގުނަކޮށްގެންނެވެ.

 

56 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްއާ ގުޅޭ އާންމު މާއްދާތައް

(ހ) ކެޕިޓަލް އެސެޓަކާ ގުޅިގެން އެއްވެސް ފަރާތަކަށް އުނިކުރެވޭ ކެޕިޓަލް އެލަވަންސް ބެލެވޭނީ އެ އެލަވަންސް ދެވުނު މުއްދަތެއްގައި އެ ފަރާތެއްގެ ހަރަދެއްގެ ގޮތުގައެވެ.

(ށ) މި ބާބުގެ ދަށުން އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭ އެލަވަންސެއް ހިމެނޭނީ، އެ ހިސާބުކުރާ މުއްދަތު ނިމޭ ޓެކްސް އަހަރެއްގެ، އެ ފަރާތެއްގެ ޓެކްސް ބަޔާނުގައެވެ.

(ނ) އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތު 12 (ބާރަ) މަސްދުވަހަށްވުރެ ކުރުނަމަ، މި ގަވާއިދުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރަންވާނީ އެ ހިސާބުކުރާ މުއްދަތުގެ ނިސްބަތުންނެވެ.

(ރ) ކެޕިޓަލް ހަރަދަކާ ގުޅިގެން މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް ނުވަތަ އެހައިތަނަށް ދެވުނު ޖުމްލަ އެލަވަންސް، އެ ހަރަދުގެ ޖުމްލަ އަދަދަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ބ) ކެޕިޓަލް އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއު ސުމަކަށް ވުމަށްފަހު، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ މުދަލެއްގެ ކެޕިޓަލް އެލަވަންސްގެ ގޮތުގައި އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެއެވެ.

 

57 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސްގެ ރޭޓްތައް

(ހ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރެވޭ މުދަލުގެ ބާވަތްތަކާއި، ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓު، ތިރީގައިވާ ތާވަލުގައި މި ވަނީއެވެ.

 މުދަލުގެ ބާވަތް  ރޭޓް (%)
 އިމާރާތް  4
 އެއަރކްރާފްޓް  7
 ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު  7
 ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު  5
 ފަރުނީޗަރާއި ފިޓިންގ  10
 އިންޖީނުލީ އެއްގަމު އުޅަނދުފަހަރު  20
 އާރތް މޫވިންގ ވެހިކަލް  5
 ޕްލާންޓާއި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި)  10
 އޮފީސް އިކުއިޕްމަންޓް  20
 ކޮމްޕިއުޓަރ ސޮފްޓްވެއަރ  33
 ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށިފަދަ)، ލިނެން، އަދި ހިފައި ގެންގުޅޭ ސާމާނު  33

 

(ށ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް، މި މާއްދާގެ (ހ) ގައިވާ ތާވަލުގައި އެ މުދަލެއް ނިސްބަތްވާ ބާވަތަށް ކަނޑައަޅައިފައިވާ ރޭޓާ ގުނަކޮށްގެން ހިސާބުކުރުމަށްފަހު، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގެންގުޅޭ ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށިފަދަ)، ލިނެން އަދި ހިފައި ގެންގުޅޭ ސާމާނުގެ ބަދަލުގައި އަލަށް ގަންނަ އެ ފަދަ އެސެޓް ގަތުމަށް ހިނގާ ހަރަދު، އެ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެކުގައި އުނިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިމާރާތެއް ހެދުމުގެ ހަރަދުގެ %50 (ފަންސާސް އިންސައްތަ) ނުވަތަ އެއަށްވުރެ އިތުރު މިންވަރެއް ހޯދައިފައިވަނީ ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކަކުން ނުވަތަ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކު ނޫން މާލީ އިދާރާއަކުން ގެދޮރު އިމާރާތްކުރުމަށް ނަގައިފައިވާ ލޯނަކުން ނަމަ، އެ އިމާރާތުގެ ކެޕިޓަލް އެލަވަންސް އަންނިވި ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.

 

_____

A

 

E = އިމާރާތުގެ އަގު

A = ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތު (އަހަރުން)

 

(ބ) މި މާއްދާގެ (ރ) ދަށުން ކެޕިޓަލް އެލަވަންސް އުނިކުރަން އެއްވެސް ފަރާތަކުން އިހްތިޔާރުކޮށްފިނަމަ، އެ އިހްތިޔާރު ބަދަލެއް ނުކުރެވޭނެއެވެ. އަދި، ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވެފައިވާ މުއްދަތުގެ ގޮތުގައި މި މާއްދާގެ (ރ) ގެ ދަށުން ބޭނުންކޮށްފައިވާ މުއްދަތު ބަދަލެއް ނުކުރެވޭނެއެވެ.

 

58 ވަނަ މާއްދާ - އިންޓޭންޖިބަލް އެސެޓަށް އުނިކުރެވޭ އެލަވަންސް

(ހ) ވިޔަފާރިއެއް ކުރަމުންދާ ފަރާތަކުން އިންޓޭންޖިބަލް އެސެޓެއް ގަތުމަށް ހަރަދެއް ކޮށްފައިވާނަމަ، އެ ހިސާބުކުރާ މުއްދަތެއްގައި އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމަށްފަހު ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

 


_____

A

 

E = ހަރަދު

A = އެ މުދަލެއް ބޭނުންކުރެވޭނެކަމަށް އެ ފަރާތުން އަންދާޒާކޮށްފައިވާ މުއްދަތު (އަހަރުން)

 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އެ އެސެޓެއް ބޭނުންކުރެވޭނެކަމަށް އެ ފަރާތުން އަންދާޒާކޮށްފައިވާ މުއްދަތަށް ބަދަލު ގެނައުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތާއަބަދަށް ބޭނުންކުރެވޭނެ އިންޓޭންޖިބަލް އެސެޓެއްނަމަ، އެ އިންޓޭންޖިބަލް އެސެޓް ބޭނުންކުރެވޭނެ މުއްދަތު ކަމުގައި ބަލާނީ 10 (ދިހައެއް) އަހަރެވެ.

 

59 ވަނަ މާއްދާ - ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދުތައް

(ހ) ގާނޫނުގެ 26 ވަނަ މާއްދާގެ ބޭނުމަށް، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދުކަމަށް ބެލެވޭނީ، އެ ފަރާތެއްގެ ފުރަތަމަ ހިސާބުކުރާ މުއްދަތު ފެށުމުގެ ކުރިން ވިޔަފާރީގެ އާމްދަނީ ހޯދުމަށް ކޮށްފައިވާ ހަރަދަށެވެ.

(ށ) ވިޔަފާރި ފެށުމުގެ ކުރިން ހިނގައިފައިވާ ހަރަދުތަކުގެ ތެރެއިން، އެ ހަރަދަކީ ވިޔަފާރި ފެށުމުގެ ފަހުން ހިނގިނަމަ ކެޕިޓަލް ހަރަދެއްގެ ގޮތުގައި ނުބަލާނެ ހަރަދެއްނަމަ، ފުރަތަމަ ހިސާބުކުރާ މުއްދަތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ހަރަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ރައްދުނުވާ ހާލަތުގައި، ވިޔަފާރި ފެށުމުގެ ކުރިން ހިނގާ ހަރަދަށް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ކެޕިޓަލް އެލަވަންސް އުނިކުރެވިދާނެއެވެ.

 

60 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސް އުނި ނުކުރެވޭ އެސެޓްތައް

މި ގަވާއިދުގެ އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނިވި ބާވަތްތަކުގެ އެސެޓަކަށް ކޮށްފައިވާ ހަރަދަކަށް ކެޕިޓަލް އެލަވަންސް އުންޏެއް ނުކުރެވޭނެއެވެ.

(ހ) ބިން؛

(ށ) ގުޑްވިލް؛

(ނ) ސާބިތުކޮށް އަގު ކަނޑައެޅެން ނެތް ޣައިރު މާއްދީ މުދާ؛

(ރ) މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އާއި 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މުދާ ފިޔަވައި އެހެނިހެން މުދާ.

 

61 ވަނަ މާއްދާ - ބެލަންސިންގ އެލަވަންސް އަދި ބެލަންސިންގ ޗާޖް

(ހ) މި މާއްދާ ރައްދުވާނީ މި ބާބުގެ ދަށުން ކެޕިޓަލް އެލަވަންސް ދެވިފައިވާ އެސެޓަކަށް އެއްވެސް ފަރާތެއްގެ ހިސާބުކުރާ މުއްދަތުގައި މި ގަވާއިދުގެ 46 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ އެސެޓެއް ތަސައްރުފުކުރި އަގަކީ ސުމެއްނަމަ، ނުވަތަ އެ މުދަލެއްގެ ތަސައްރުފުކުރި އަގަކީ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ދަށް އަދަދެއްނަމަ، ހިސާބުކުރާ މުއްދަތުގައި ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ އެލަވަންސްގެ ގޮތުގައި އެ ދަށްވި އަދަދު އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެއްވެސް އެސެޓަކަށް ރައްދުވާނަމަ، އަދި އޭގެ ޓެކްސް ރިޓްން ޑައުން ވެލިއުއަށްވުރެ ތަސައްރުފުކުރި އަގު އިތުރުނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖުގެ ގޮތުގައި އެ އިތުރުވާ އަދަދު ހިމަނަންވާނެއެވެ.

(ރ)

  1. ކެޕިޓަލް އެސެޓަކަށް މި މާއްދާގެ (ހ) ރައްދުވާނަމަ، އަދި އެ މުދަލުގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަސައްރުފުކުރި އަގު އިތުރުވާނަމަ؛ އަދި
  2. އެ މުދަލަކަށް މި ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) ރައްދުވާނަމަ، މި ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ބެލެންސިންގ ޗާޖުގެ ގޮތުގައި އަންނަނިވި އަދަދުތަކުގެ ޖުމްލަ ހިމެނޭނެއެވެ.
    i. އަންނަނިވި އަދަދުތަކުންކުރެ ކުޑަ އަދަދެއް:
    (ހހ) އެ އެސެޓެއްގެ ޓެކްސް ރިޓްންޑައުން ވެލިއުއަށްވުރެ އޭގެ ތަސައްރުފުކުރި އަގު އިތުރުވާ އަދަދު؛ ނުވަތަ
    (ހށ) އެ އެސެޓަކަށް ކެޕިޓަލް އެލަވަންސްގެ ގޮތުގައި ދެވިފައިވާ އުނިކުރުންތަކުގެ ޖުމްލަ؛ އަދި
    ii. އެ އެސެޓް ގަތް އަގަށްވުރެ އޭގެ ތަސައްރުފު ކުރި އަގު އިތުރުވާ އަދަދު.

 

62 ވަނަ މާއްދާ - ތަސައްރުފުކުރި އަގު

(ހ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ އެސެޓެއް ވިއްކައިލުންނަމަ، އެ އެސެޓުގެ ތަސައްރުފުކުރި އަގު ކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. އެ އެސެޓެއް ވިއްކައިލުމުން ލިބުނު އަދަދުން، އެ އެސެޓް ވިއްކައިލުމަށް ދިޔަ ހަރަދު އުނިކުރުމަށްފަހު ބާކީވާ އަދަދު، އަދި
  2. އެ އެސެޓެއް ވިއްކައިލެވޭނެ އަގަށް އެއްވެސް އަސަރެއް ކޮށްފާނެ ފަދަ ކަމަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އިންށުއަރެންސް ފައިސާގެ އަދަދު، އަދި
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުނު އެއްވެސް ފައިސާއެއް ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެޓް ވިއްކައިލައިފައިވަނީ ބާޒާރުގައި އެ އެސެޓް ވިއްކައިލެވޭނެ އަގަށްވުރެ ދަށް އަގަކަށްނަމަ، އެ އެސެޓުގެ ތަސައްރުފުކުރި އަގުކަމަށް ބަލާނީ އައި.އެފް.އާރ.އެސް ނުވަތަ މީރާއިން ގަބޫލުކުރާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ހިސާބުކުރުމުގެ މިންގަޑުތަކާ އެއްގޮތަށް ހިސާބުކުރެވޭ އަގެވެ.

(ނ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ ދާއިމީކޮށް ގެއްލުން، ނުވަތަ ނައްތައިލުން، ނުވަތަ ހަލާކުވުން، ނުވަތަ އެސެޓް އެއްކޮށް ދޫކޮށްލުންނަމަ، އެ މުދަލުގެ ތަސުއްރުފުކުރި އަގުކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.

  1. އެސެޓެއް ނުވަތަ އެ އެސެޓުގެ ބަޔަކަށް ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް ފައިސާގެ އަދަދު، އަދި؛
  2. އެސެޓަށް ލިބުނު ގެއްލުމާ ގުޅިގެން ނުވަތަ މިފަދަ އެނޫންވެސް ސަބަބަކާ ގުޅިގެން ލިބުނު ނުވަތަ ލިބެންޖެހޭ އެއްވެސް އިންށުއަރެންސް ފައިސާއެއްގެ އަދަދު، އަދި؛
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު.

(ރ) މެދުވެރިވި ރެލަވަންޓް އިވެންޓަކީ އިންޓޭންޖިބަލް އެސެޓެއް ނުވަތަ އެސެޓުގެ ބައެއް ވިއްކައިލުން ނުވަތަ ބޭނުންކުރުމުގެ ހައްގު އެހެން ފަރާތަކަށް ދިނުންކަމަށްވާނަމަ؛

  1. މުގާބިލެއްގެ ގޮތުގައި ދައްކައިފައިވަނީ ފައިސާ ނޫންނަމަ އެ މުދަލެއްގެ ތަސައްރުފުކުރި އަގުކަމަށް ބަލާނީ ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު އުނިކުރެވޭނެ ފައިސާގެ އަދަދެވެ.
  2. ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު ދީފައިވަނީ މުގާބިލެއްގެ ގޮތުގައި އެ އެސެޓަށް ލިބޭނެ އަދަދަށްވުރެ ދަށް އަގެއްގައިނަމަ، ތަސައްރުފުކުރި އަގުކަމަށް ބަލާނީ، ބާޒާރުގައި އެ އެސެޓެއް ބޭނުންކުރުމުގެ ހައްގު އުނިކުރެވޭނެ ފައިސާގެ އަދަދެވެ.
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ނުހިމެނޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ތަސައްރުފުކުރި އަގުކަމަށް ބަލާނީ ތިރީގައިވާ އަދަދުތަކުގެ ޖުމްލައެވެ.
    i. އެ އިންޓޭންޖިބަލް އެސެޓެއް ބޭނުންކުރުމުގެ ހައްގު ދިނުމުން ލިބުނު އަދަދުން، އެ ހައްގު ދިނުމަށް ދިޔަ ހަރަދު އުނިކުރުމަށްފަހު ލިބުނު ނުވަތަ ލިބެންޖެހޭ އަދަދު؛
    ii. އެ ހައްގު ވިއްކައިލެވޭނެ ނުވަތަ އުނިކުރެވޭނެ އަގަށް އެއްވެސް އަސަރެއް ކުރުވައިފާނެ ފަދަ އަމަލަކާ ގުޅިގެން އިންށުއަރެންސްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛
    iii. އެހެން އެއްވެސް ބަދަލެއްގެ ގޮތުގައި ނުވަތަ މުގާބިލެއްގެ ގޮތުގައި ލިބުނު ނުވަތަ ލިބެންޖެހޭ ފައިސާގެ އަދަދު؛

(ބ) އެހެން އެއްވެސް ރެލަވަންޓް އިވެންޓެއް މެދުވެރިވެއްޖެ ހާލަތެއްގައި ތަސައްރުފުކުރި އަގުކަމަށް ބަލާނީ، އެ އިވެންޓެއް ހިނގި ވަގުތު، ބާޒާރުގައި އެ މުދަލެއް ވިއްކައިލެވޭނެ އަގެވެ.

 

63 ވަނަ މާއްދާ - ވިޔަފާރި ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ އެސެޓް

(ހ) އަންނަނިވި ށަރުތުތައް ފުރިހަމަވާ ހާލަތްތަކުގައި، ވިޔަފާރި ބަދަލުކުރި ފަރާތަށް އަދި ވިޔަފާރި ބަދަލުކުރެވޭ ފަރާތަށް މި މާއްދާގެ (ށ) އާއި، (ނ) އާއި (ރ) ރައްދުވާނެއެވެ.

  1. ފަރުދެއްގެ ނަމުގައި ކުރާ ވިޔަފާރިއެއް، ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމުގެ ފަހުން ކުންފުންޏެއްގެ ނަމަށް ބަދަލުކުރާނަމަ، އަދި
  2. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި އެ ފަރުދަކަށް ކުންފުނީގެ ހިއްސާ ލިބޭނަމަ، އަދި
  3. ވިޔަފާރި ބަދަލުކުރުމުގެ މުގާބިލެއްގެ ގޮތުގައި ކުންފުނީގެ ހިއްސާ ނޫން އެހެން އެއްވެސް އެއްޗެއް ނުލިބޭނަމަ، އަދި
  4. ވިޔަފާރި ބަދަލުކުރުމުގައި، ކުރިން ވެސް ވިޔަފާރީގައި ބޭނުންކުރެވުނު އަދި ވިޔަފާރި ބަދަލުކުރި ފަރާތަށް މި ބާބުގެ ދަށުން އެލަވަންސް ދެވިފައިވާ ކެޕިޓަލް އެސެޓެއް ހިމެނޭނަމަ.

(ށ) އެއް އެސެޓަށްވުރެ ގިނަ އެސެޓް ބަދަލުކުރާނަމަ، މި ގަވާއިދުގެ ބޭނުމަށް އެ ހުރިހާ އެސެޓަކަށްވެސް ހިޔާރުކުރަންވާނީ އެއްގޮތެކެވެ. އަދި މިގޮތުން އިހްތިޔާރުކުރާ ގޮތް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ރައްދުވާނަމަ، އެ އެސެޓެއް ބަދަލުކުރުން އެއީ ރެލަވަންޓް އިވެންޓެއްކަމަކަށް ނުބެލެވޭނެއެވެ. އަދި އެފަދަ ބަދަލެއް ކުރާ ދުވަހުން ފެށިގެން އުނިކުރެވޭ ކެޕިޓަލް އެލަވަންސެއް ނުވަތަ ބެލެންސިންގ އެލަވަންސެއް ނުވަތަ ބެލެންސިންގ ޗާޖެއް އުނިކުރެވޭނީ އެ އެސެޓެއް ބަދަލުކުރެވުނު ފަރާތަށެވެ. އަދި މިގޮތަށް ބަދަލުކުރެވުނު ފަރާތަށް އުނިކުރެވޭ އެލަވަންސް އުނިކުރެވޭނީ އެ ބަދަލުކުރި ފަރާތުން އެ ވިޔަފާރިއެއް ކުރަމުންގެންދާކަމަށް ބަލައިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހިޔާރުކުރާ ގޮތެއް މީރާއަށް އަންގަންވާނީ، ވިޔަފާރި ބަދަލުކުރި ފަރާތް އަދި ބަދަލުކުރެވޭ ފަރާތް ސޮއިކޮށްފައި އަންގާ ލިޔުމަކުންނެވެ. އަދި މިފަދަ އެންގުމެއް އަންގާނީ، ތިރީގައިވާ ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހެއްގައެވެ.

  1. އެ ފަދަ ބަދަލެއް ކުރެވުނު ޓެކްސް އަހަރެއް ނިމުމަށްފަހު 6 (ހައެއް) މަސްދުވަސް ވުމުގެ ކުރިން، ނުވަތަ
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސާގެ ތެރެއިން ހިއްސާއެއް ވިއްކައިލާ ދުވަހު.

 

64 ވަނަ މާއްދާ - ކެޕިޓަލް އެލަވަންސް ދެވިފައިވާ ކެޕިޓަލް އެސެޓް ތަސައްރުފުކުރުން

(ހ) މި މާއްދާ ހިނގާނީ އަންނަނިވި ކަންތައްތައް މެދުވެރިވާ ހާލަތްތަކުގައެވެ.

  1. މި ބާބުގެ ދަށުން ކެޕިޓަލް އެސެޓަކަށް ކެޕިޓަލް އެލަވަންސް ދެވިފައިވަނިކޮށް، އެ މުދަލެއް ވަކިން ނުވަތަ އެހެން އެއްވެސް މުދަލަކާއެކު ވިއްކައިލައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ، އަދި
  2. ކެޕިޓަލް އެސެޓް ވިއްކައިލުމުން ލިބުނު މުގާބިލަކީ ވިއްކައިލެވުނު ހުރިހައި އެސެޓަކަށް ނިސްބަތްވާ އެއްޗަކަށްވާނަމަ، ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާއަކީ ހަލާކުވި ހުރިހައި އެސެޓަކަށް ނިސްބަތްވާ ނުވަތަ އެކަމާ ގުޅޭ އިންށުއަރެންސް ޕޮލިސީގެ ދަށުން ކުރެވިފައިވާ ކްލެއިމަކަށް ވެއްޖެނަމަ، އަދި
  3. ވިއްކި އަގު ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު، ވިއްކުނު ނުވަތަ ހަލާކުވި މުދަލުގެ ނިސްބަތުން ބަހައިފައި ނުވާނަމަ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދު މީރާގެ ނަޒަރުގައި އެ އެސެޓުގެ ސައްހަ އަދަދުތައް ކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ އެސެޓުތަކުގެ މެދުގައި ބަހައިލެވިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތުގެ މުގާބިލުގެ ގޮތުގައި ލިބުނު ފައިސާ ނުވަތަ އިންށުއަރެންސްގެ ގޮތުގައި ލިބުނު ފައިސާ، ދެ ފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ރޭވޭ ރޭވުމަކުން އެ އެސެޓްތަކުގެ މެދުގައި ބަހައިލެވިފައިވާނަމަ؛

  1. އެ މުގާބިލު ނުވަތަ އިންށުއަރެންސް ފައިސާ، އެ އެސެޓްތަކުގެ މެދުގައި އެ ފަރާތުން ބަހައިލައިފައިވާ ބަހައިލުން މީރާއަށް ގަބޫލުކުރެވިދާނެއެވެ. ނުވަތަ؛
  2. އެ ފަރާތުން ބަހައިލައިފައިވާ ބަހައިލުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ނުހައްގު ޓެކްސް ފައިދާއެއް ލިބިދާނެކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، މީރާގެ ނަޒަރުގައި އެ އެސެޓުތަކުގެ ސައްހަ އަގުކަމަށް ފެންނަ އަދަދަށް ނިސްބަތްކޮށް އެ އެސެޓްތަކުގެ މެދުގައި އެ މުގާބިލު ނުވަތަ އިންށުއަރެންސް ފައިސާ ބަހައިލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަހައިލެވޭ ބަހައިލުމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް އަސަރެއްކުރާނަމަ މީރާއިން އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ބ) އެއްވެސް މުދަލަކަށް މި މާއްދާގެ ދަށުން އަދަދެއް ކަނޑައެޅިއްޖެނަމަ، އެ މުއާމަލާތުގައި ހިމެނޭ ދެ ފަރާތުގެ މައްޗަށް ވެސް އެ އަދަދެއް ހިނގާނެއެވެ.

 

އެގާރަވަނަ ބާބު

އާންމު މާއްދާތައް


 
65 ވަނަ މާއްދާ - ފައިސާ ދައްކާ ތާރީހު

ގާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށް، ފައިސާ ދައްކާ ތާރީހުގެ ގޮތުގައި ބެލެވޭނީ އަންނަނިވި ތާރީހުތަކެވެ.

(ހ) ފައިސާ ދައްކައިފައިވަނީ ނަގުދު ފައިސާއިން ނަމަ، ފައިސާ ލިބެންޖެހޭ ފަރާތަށް ނުވަތަ  އެ ފަރާތުގެ ބަދަލުގައި ފައިސާ ބަލައިގަންނަ ފަރާތަށް އެ ފައިސާ ދެއްކި ތާރީހެވެ.

(ށ) ފައިސާ ދައްކައިފައިވަނީ ޗެކުން ނަމަ، އެ ޗެކު ތައްޔާރުކުރާ ތާރީހެވެ.

(ނ) ފައިސާ ދައްކައިފައިވަނީ ޓެލެގްރެފިކް ޓްރާންސްފަރ މެދުވެރިކޮށް ނަމަ، އެ ޓެލެގްރެފިކް ޓްރާންސްފަރ ކުރަން ހުށަހެޅި ތާރީހެވެ.

(ރ) ފައިސާ ދައްކައިފައިވަނީ ހިސާބުތަކުން އަޅައިކަނޑައިގެން ނަމަ، ނުވަތަ އެ ފަރާތުގެ އެކައުންޓަށް (ކަރަންޓް އެކައުންޓް ހިމެނޭގޮތުން) ކްރެޑިޓްކޮށް ދީގެން ކަމަށްވާނަމަ، އެ އެޖަސްޓްމަންޓް ހަދާ އެކައުންޓިންގ އެންޓްރީ ފޮތްތަކުގައި ރިކޯޑްކުރާ ތާރީހެވެ.

 

66 ވަނަ މާއްދާ - ފައިސާ ދައްކަންޖެހުނު ތާރީހު

(ހ) ގާނޫނުގެ 80 ވަނަ މާއްދާގެ ބޭނުމަށް އެއްވެސް ފަރާތެއްގެ ހިސާބުތަކުގައި އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ތާރީހުތަކުގެ ތެރެއިން ކުރިން އަންނަ ތާރީހަށެވެ.

  1. ފައިސާ ދައްކަންޖެހޭ ފަރާތުގެ ހިސާބުތަކުގައި، އެ ފައިސާގެ އަދަދަކީ އެހެން ފަރާތަކަށް ދެއްކުން ލާޒިމު ފައިސާއެއްގެ ގޮތުގައި ކަނޑައަޅާ ތާރީހު؛
  2. މާޒީގައި ހިނގައިފައިވާ ކަމަކާ ގުޅިގެން، ފައިސާ ދައްކަންޖެހޭ ފަރާތުން، އެހެން ފަރާތަކަށް އަދާކުރުން ލާޒިމު ޒިންމާއެއް އުފެދުނު ތާރީހު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް އެ ފަރާތަކަށް ދައްކައިފައިވަނީ އެ މަހެއްގެ ކޮން ދުވަހެއްގައިކަން ޔަގީން ކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ ތާރީހުގެ ގޮތުގައި ކަނޑައަޅާނީ  އެ މަހެއްގެ އެންމެ ފަހު ދުވަހެވެ.

 

ބާރަވަނަ ބާބު

މާނަކުރުންތައް
 

67 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައި ބުނެފައި ނުވާހައި ހިނދަކު:

(ހ) "ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.

(ށ) "އިންޓްރެސްޓް" ގެ މާނައިގެ ތެރޭގައި، ގާނޫނުގެ 79 ވަނަ މާއްދާގެ (ހޅ) ގައި މާނަކޮށްދީފައިވާ ފައިނޭންސް ލީސްގެ އިންޓްރެސްޓް ހިމެނެއެވެ.

 

އުވި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

 

މައި ގާނޫނު

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު