ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2013-03)
ފުރަތަމަ ބައި
ފެށުމުގެ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި އެތަންތަނުގެ މިލްކުގައިވާ އެއްޗެހި މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރުމާއި ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް ވިއްކުމާއި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
(ހ) މި ގާނޫނުގެ ދަށުން ހިންގާ މަސައްކަތުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ގައުމުގެ އިގްތިސާދީ ހަރަކާތްތެރިކަން ހަރުދަނާކޮށް، އިގްތިސާދީ ދުވެލި އިތުރުކުރުން.
- ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުކޮށް، އެ މާހައުލުގެ ވާދަވެރިކަން އާލާކުރުން.
- ރާއްޖޭގެ އިގްތިސާދީ އެކިއެކި މަސައްކަތްތައް ވަކި ފަރާތަކަށް މިލްކުވެފައި އޮންނަ އޮތުން ނައްތާލައި، ވީހާވެސް ގިނަ ފަރާތްތަކަށް އެ މަސައްކަތްތައް މިލްކުކޮށް، އެ މަސައްކަތްތައް ކުރުމުގައި ހަރަކާތްތެރިވެވޭނެ ގޮތް ހަދައިދިނުން.
- ދައުލަތުގެ ވިޔަފާރި ތަންތަން ހިންގުމުގައި ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ހިއްސާ އިތުރުކުރުމާއި، އެ ހިއްސާގެ ނިސްބަތް ފުޅާކުރުން.
- ދިވެހި ސަރުކާރަށް އާމްދަނީ އިތުރުކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގުތަނަވަސް ކޮށްދިނުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް، ސަރުކާރުން މީހުން އައްޔަންކުރުމުގައި ހަރުދަނާ އުސޫލެއް ގާއިމުކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ، ބޯޑަށް ސަރުކާރުން އައްޔަންކުރާ ފަރާތްތަކަކީ ކަމަށް އެކަށީގެންވާ ގާބިލު ބަޔަކު ކަމުގައި ކަށަވަރު ކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުން މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނޭ ހަރުދަނާ އުސޫލުތައް ބަޔާންކުރުން.
(ށ) މި ގާނޫނު ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި ބޭނުންވާ އިރުށާދުތަކާއި ގަވާއިދުތަކާއި ހަމަތައް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބޯޑުން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ އެއްވެސްކަމެއް ސައްހަވާނީ، މި ގާނޫނުގެ އެއްވެސް މާއްދާއަކާ އެއިން ކަމެއް ހިލާފު ނުވާނަމައެވެ. މި ގާނޫނުގެ އެއްވެސް މާއްދާއަކާ އެއިން ކަމެއް ހިލާފުވާނަމަ، އެ ހިލާފުވާ މިންވަރު ބާތިލުވެގެންވެއެވެ.
ދެވަނަ ބައި
ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު
3 ވަނަ މާއްދާ - ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު ގާއިމުކުރުން
(ހ) މި ގާނޫނުގެ މި މާއްދާގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުގެ ނަމުގައި ބޯޑެއް މި އުފެއްދީއެވެ.
(ށ) މިތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން ހޯދުމާއި ލިބިގަތުމާއި މިލްކުކުރުމާއި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެކެވެ.
(ނ) މި ގާނޫނުގެ ދަށުން ބޯޑާ ހަވާލުކުރެވޭ ކަންކަން ކުރުމުގެ ބާރާއި، އެކަންކަން ކުރުމަށް ބޭނުންވާ ސީދާ ބާރާއި ނުސީދާ ބާރު މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ބޯޑަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް
(ހ) ބޯޑު އެކުލެވިގެންވަނީ މި ގާނޫނުގެ 9 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން އައްޔަންކުރާ ބޯޑުގެ ރައީސާއި ނައިބުރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.
(ށ) ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެމަތިން ބޯޑުގެ ރައީސާއި ނައިބުރައީސް ފިޔަވައި އައްޔަންކުރާ 5 މެންބަރުން ވާންވާނީ ތިރީގައި އެވާ 5 ދާއިރާއިން އައްޔަންކުރެވޭ 5 މެންބަރުންނަށެވެ. އަދި އައްޔަންކުރާ ކޮންމެ މެންބަރެއް ވާންވާނީ އައްޔަންކުރެވުނު ދާއިރާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-7 ގެ ސަނަދެއް ހާސިލުކޮށް އަދި އެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށެވެ.
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާ
- ބޭންކިންގގެ ދާއިރާ
- ބިޒްނަސް އެޑްމިނިސްޓްރޭށަންގެ ދާއިރާ
- ގާނޫނުގެ ދާއިރާ
- އިކޮނޮމިކްސްގެ ދާއިރާ
(ރ) މި މާއްދާގެ ދަށުން ބޯޑަށް މީހުން އައްޔަންކުރުމުގައި، ބޯޑުގެ މަސައްކަތް އެއް ވިސްނުމެއްގައި ދެމިގެންދާނެ އުސޫލެއް ދެމެހެއްޓުމަށްޓަކައި، ބޯޑުގެ މެންބަރުކަމަށް ފުރަތަމަ އައްޔަންކުރާ މެންބަރުންގެ ތެރެއިން 4 މެންބަރަކު ވިދިގެން އަންނަ ދައުރަށް ވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްވާ ށަރުތުތައް ފުރިހަމަވާނަމަ އައްޔަންކުރަންވާނެއެވެ. އަދި މި އުސޫލު، ބޯޑަށް މެންބަރުން އައްޔަންކުރުމުގައި ދަމަހައްޓަމުން ގެންދަންވާނެއެވެ.
5 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް
މި ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ބޯޑުގައި އެކުލެވިގެންވާ ކޮންމެ މެންބަރެއްގެ ކިބައިގައި ތިރީގައިމިވާ ށަރުތުތައް ހުންނަންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) ބުއްދި ސަލާމަތުން ހުރުން؛
(ރ) އުމުރުން 18 އަހަރު ފުރިފައިވުން؛
(ބ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ށަރީއަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ޅ) އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
(ކ) ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
(ވ) ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ބުނާ އެއްވެސް މަގާމެއް ނުވަތަ އެ ފެންވަރުގެ އެއްވެސް މަގާމެއް ފުރާ މީހެއްކަމުގައި ނުވުން.
6 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު
(ހ) ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރަކީ 4 އަހަރުދުވަހެވެ.
(ށ) ބޯޑުގެ މެންބަރުކަމުގެ އިތުރު ދައުރަކަށް އައްޔަންވުމުގެ ފުރުސަތު، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ބޯޑުގެ މެންބަރުންގެ ތެރެއިން 4 މެންބަރަކަށް، އަބަދުވެސް
މި ގާނޫނުން ލިބިދެއެވެ.
7 ވަނަ މާއްދާ - މަގާމު ހުސްވުން
އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، މެންބަރުކަމުގެ މަގާމު ހުސްވާނެއެވެ.
(ހ) ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން މެންބަރުކަމުން އިސްތިއުފާދިނުން.
(ށ) މަރުވުން.
(ނ) ބޯޑުގެ ރައީސްގެ ހުއްދަ ލިޔުމުން ހޯދުމެއްނެތި، ވިދިވިދިގެން ބޯޑުގެ 3 ބައްދަލުވުމަށް، އެކަށީގެންވާ އުޒުރެއްނެތި ހާޒިރުނުވުން.
(ރ) މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން،
އެ މެންބަރަކު މަގާމުން ވަކިކުރުން.
(ބ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައިވުން.
(ޅ) ދައުލަތުގެ ވިޔަފާރި ތަނެއް މި ގާނޫނުގެ ދަށުން ޕްރައިވަޓައިޒްކުރެވޭ މަރުހަލާގައި، އެތަނެއްގެ ހިއްސާ ސީދާގޮތުން ނުވަތަ ނުސީދާގޮތުން، މި ގާނޫނާ ހިލާފަށް ހޯދުން ނުވަތަ ހޯދުމުގައި ބައިވެރިވުން.
(ކ) ބޯޑު މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމްކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ށަރުތެއް އުނިވުން.
8 ވަނަ މާއްދާ - އުޖޫރަ
ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
9 ވަނަ މާއްދާ - ރައީސާއި ނައިބުރައީސް އައްޔަންކުރުން
(ހ) ބޯޑުގެ ރައީސާއި ނައިބުރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައީސާއި ނައިބުރައީސް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންވާނެއެވެ.
(ނ) ބޯޑުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް އައްޔަންކުރެވޭ މީހުން އެމީހުން އައްޔަންކުރި ބޯޑުގެ ދައުރު ފުރިހަމަވުމުން މި ގާނޫނުގައިވާ ގޮތުގެމަތިން އެހެން ދައުރަކަށް އައްޔަންކުރެވިދާނެއެވެ.
10 ވަނަ މާއްދާ - ރައީސާއި ނައިބުރައީސްގެ ށަރުތުތައް
މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެކަމަށް ބަޔާންކުރާ ށަރުތުތަކުގެ އިތުރަށް ބޯޑުގެ ރައީސާއި ނައިބުރައީސްގެ ކިބައިގައި ތިރީގައިމިވާ ށަރުތައް ހުންނަންވާނެއެވެ.
(ހ) އިގްތިސާދީ ނުވަތަ މާލީ ނުވަތަ ވިޔަފާރި ހިންގުމުގެ ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުމާއެކު މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
(ނ) ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މަގާމެއް އަދާކުރާ މީހެއް ކަމުގައި ނުވުން. އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.
(ރ) ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ ނުވަތަ އައްޔަންކޮށްފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތު ނުވަތަ އިހުމާލުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ޅ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
11 ވަނަ މާއްދާ - އިހްތިސާސް
(ހ) ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު، ސީދާގޮތުން ނުވަތަ ނުސީދާގޮތުން އޮތް ދައުލަތުގެ ވިޔަފާރި ތަނެއް، މި ގާނޫނުގެ ދަށުން ޕްރައިވަޓައިޒްކުރުމުގެ ޒިންމާ ދިވެހިރާއްޖޭގައި އުފުލާނެ ހަމައެކަނި ފަރާތަކީ، އަދި ޕްރައިވަޓައިޒްކުރުމުގެ މަސައްކަތްކުރާނެ ހަމައެކަނި ފަރާތަކީ
މި ގާނޫނުގެ ދަށުން އުފައްދާ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑެވެ.
(ށ) ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް،
މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސެއް ލިބިގެނެއް ނުވެއެވެ.
12 ވަނަ މާއްދާ – މަސައްކަތްތައް
ބޯޑުގެ މަސައްކަތްތަކަކީ އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގެ ކަންކަން ރޭވުމާއި، ހިންގުމާއި، ތަންފީޒުކުރުމާއި، ބެލެހެއްޓުމާއި ކޮންޓްރޯލްކުރުން.
(ށ) ޕްރައިވަޓައިޒްކުރުމުގެ ސިޔާސަތުތަކަކީ ކޮބައިކަން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ
އެ ސިޔާސަތުތަކަށް ހޯދުން.
(ނ) ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމުގެ ހުރިހާ މަރުހަލާއެއްގެ ހުރިހާ ކަމެއް ބެލެހެއްޓުން.
(ރ) ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމް ހިނގަމުންދާގޮތް ބެލުމާއި އޭގެ ދުވެލި ރަނގަޅު ގޮތުގައި ހިފެހެއްޓުން.
(ބ) ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން، ކުރިއަށް އޮތްތަނުގައި ކޯޕަރަޓައިޒްކުރަން ފެންނަ ނުވަތަ ޕްރައިވަޓައިޒްކުރަން ފެންނަ ތަންތަނުގެ ލިސްޓް ކަނޑައަޅައި، އެތަންތަން ކޯޕަރަޓައިޒްކުރަމުން ނުވަތަ ޕްރައިވަޓައިޒްކުރަމުން ދާންޖެހޭނެގޮތް ތަރުތީބުކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދުމަށްފަހު، އެކަން އެގޮތަށް ކުރަމުންދިޔުން.
(ޅ) ދައުލަތުގެ ކޮންމެ ވިޔަފާރި ތަނެއް ކޯޕަރަޓައިޒްކުރުމަށްފަހު، ނުވަތަ ޕްރައިވަޓައިޒްކުރުމަށްފަހު، އަންނަނިވި ކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ދައުލަތުގެ ވިޔަފާރި ތަނެއް ކޯޕަރަޓައިޒްކުރުމުގައި ނުވަތަ ޕްރައިވަޓައިޒްކުރުމުގައި ގެންގުޅުނު އުސޫލާއި، އެ އުސޫލުން އެކަން ކުރީ ކީއްވެގެންކަން.
- ދައުލަތުގެ ވިޔަފާރި ތަނެއް ކޯޕަރަޓައިޒްކުރުމުގައި ނުވަތަ ޕްރައިވަޓައިޒްކުރުމުގައި އަމަލުކުރި ގޮތް.
- ދައުލަތުގެ ވިޔަފާރި ތަނެއް ކޯޕަރަޓައިޒްކޮށްގެން ނުވަތަ ޕްރައިވަޓައިޒްކޮށްގެން ލިބުނު އާމްދަނީ.
- ކަމާގުޅޭ އެހެނިހެން ތަފްސީލުތައް.
(ކ) ޕްރައިވަޓައިޒްކުރުމަށް ތައްޔާރުކުރެވެމުންދާ ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ އެކުގައި ނުވަތަ ހިއްސާގެ ބައެއް ވިއްކިދާނެ މާކެޓު ވެލިއުއަކީ ކޮބައިތޯ ބެލުމުގެ ދިރާސާ މިނިވަން ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ކުރުން.
(އ) ޕްރައިވަޓައިޒްކުރުމުގެ މަސައްކަތާއި އެ މަސައްކަތުގެ ތަފާތު މަރުހަލާތައް، މި ގާނޫނުގެ ދަށުން ހިނގަނީ، އަންނަނިވި އުސޫލުތަކުގެ މަތިންކަން ކަށަވަރުކުރުން.
- ޕްރައިވަޓައިޒްކުރުމާ ގުޅޭގޮތުން ހިންގާ ކޮންމެ ކަމަކީވެސް ހާމަކަންބޮޑު ގޮތެއްގައި، ފުރިހަމައަށް ރައްޔިތުންނަށް އަންގައިދީގެން ކުރެވޭ ކަމެއްކަމަށްވުން.
- އިންވެސްޓްކުރަން ބޭނުން ހުރިހާ ފަރާތްތަކަކަށްވެސް ހުޅުވާލެވިގެންވާ، ވާދަވެރިގޮތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިދޭގޮތަށް ހިންގޭ މަރުހަލާތަކަކަށްވުން.
- އިންސާފުވެރި އަދި ނަތީޖާ ނެރެވޭ މަރުހަލާތަކަކަށްވުން.
- ދުރާލާ ރާވައިގެން، ވަކިފަރާތަކަށް މިލްކުވެރިކަން ބަދަލުކޮށްދިނުމަށް ކުރެވޭ މަސައްކަތަކަށްނުވުން.
(ވ) އިންވެސްޓަރުންނާއި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުގައި ހުންނަންވާނެ ށަރުތުތަކަކީ ކޮބައިކަން ކަނޑައެޅުން.
(މ) އިންވެސްޓަރުންނާއި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުން.
(ފ) އިންވެސްޓަރުންނާއި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އަންނަނިވި ކަންކަމަށް ބެލުން.
- ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ ގަންނަން އެދޭ ފަރާތަށް،
އެ ހިއްސާ ގަތުމުގެ ގާބިލުކަން ލިބިގެންވާ ތަނަކާއި އެތަން ތަރައްގީކުރުމަށް ގާބިލުކަން ހުރިވަރެއް ބެލުން. - ހިއްސާ ގަންނަން އެދޭ ދައުލަތުގެ ވިޔަފާރި ތަންތަންފަދަ ކުންފުނިތައް ގަތުމުގައާއި ވިއްކުމުގައާއި ތަރައްގީކުރުމުގައި ތަޖުރިބާ ހުރި މިންވަރެއް ބެލުން.
- ހުށަހަޅާ އަގަކީ އަދި ށަރުތުތަކަކީ ކޮބައިކަން ބެލުން.
(ދ) ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރެވެމުންދާއިރު، އެ ބާވަތުގެ ވިޔަފާރި ޕްރައިވެޓް ސެކްޓަރގައި ކުރަމުންދާ މީހަކަށް، މޮނޮޕޮލީއެއް އުފެއްދޭގޮތަށް ނުވަތަ އެ ބާވަތުގެ މަސައްކަތަކީ ހަމައެކަނި އޭނާގެ މިލްކުގެ ދަށުގައިވާ މަސައްކަތެއްކަމަށް ހެދުމަށް މަގުފަހި ނުވާނެ ގޮތެއްގެމަތިން، ޕްރައިވަޓައިޒްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުން.
(ތ) ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމަށް ބޭނުންވާނެ ލިޔެކިޔުންތަކަކީ ކޮބައިކަން ކަނޑައެޅުމާއި އެ ލިޔެކިޔުންތަކުގެ ނަމޫނާތައް ތައްޔާރުކުރުން.
(ލ) ދައުލަތުގެ ވިޔަފާރި ތަންތަނަށް އިންވެސްޓްކުރުމަށް އެދޭ ފަރާތްތަކަކީ ކޮބައިތޯ ބެލުމާއި އެފަދަ ފަރާތްތައް ހޯދުން.
(ގ) ލިބޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އުފައްދަންޖެހޭ އިދާރީ ހަމަތައް އުފެއްދުމާއި
އެ މައުލޫމާތު ރައްކާތެރިގޮތެއްގައި ދެމެހެއްޓޭނެ ނިޒާމުތައް ކަނޑައެޅުން.
(ޏ) ޕްރައިވަޓައިޒްކުރުމުގެ މަށްރޫއުތަކުގެތެރޭގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކާއެކުވެސް ގާތްގުޅުމެއް ބޭއްވުން.
(ސ) ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމްގައި ހިމެނިގެންވާ މައިގަނޑު މަރުހަލާތަކާއި ހަރަކާތްތައް ދުރާލާ ރައްޔިތުންނަށް އަންގަމުން ދިޔުން. އަދި ކަމެއް ހިނގުމުންވެސް އެކަމެއްގެ މައުލޫމާތު ފުރިހަމައަށް ދިނުން.
(ޑ) ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމުން، އިގްތިސާދަށް އަރާފާނެ ލޮޅުމެއްގެ ނިސްބަތް ވަޒަންކުރުމުގެ ދިރާސާތައް ކުރުން.
(ޒ) ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނާގުޅޭ ގޮތުން އަންނަނިވި ކަންކަންކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ އަސާސީ ސިފަތައް ކަނޑައެޅުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަންޖެހޭ ފަރާތްތައް އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަންޖެހޭ ފަރާތްތައް އައްޔަންކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ހާލަތާއި ބަޖެޓް ދިރާސާކުރުމާއި، އެތަންތަނަށް ސަރުކާރުން ދޫކޮށްފައިވާ ކެޕިޓަލަށް ވާނުވާ ގޮތް ބެލުމާއި، ހިސާބުތައް ބެލެހެއްޓޭގޮތާއި އަހަރީ ފައިދާ ބެހުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ފައިދާނުވާ ތަންތަނާމެދު އަޅާނެ އިސްލާހީ ފިޔަވަޅުތައް ކަނޑައެޅުމާއި، އިސްލާހީ ފިޔަވަޅު އެޅުމުންވެސް އެދެވޭ ނަތީޖާ ނުލިބޭ ތަންތަނުގެ ތެރެއިން އިޖްތިމާއީ ބޭނުމަށް ހިންގަންޖެހޭ ތަންތަން ފިޔަވައި، އެހެން ތަންތަނާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާއި މަށްވަރާކޮށްގެން ގޮތެއް ނިންމުން.
- ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން މޮނިޓަރކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެތަންތަން ހިނގާނުހިނގާގޮތް ބެލުމަށްކުރަންޖެހޭ ދިރާސާތައްކޮށް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާދިނުން.
- ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ހާލަތު ދިރާސާކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓް ދިރާސާކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިސާބު ބެލެހެއްޓުމާއި، އޮޑިޓްކުރުން އެއް އުސޫލަކުން ހަމަޖެއްސުން.
- ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ސަރުކާރުން ހަވާލުކޮށްފައިވާ ރައުސުލްމާލަށް ވާނުވާގޮތް ބެލުމާއި، ސަރުކާރުން އިތުރު ރައުސުލްމާލު ހަވާލުކުރުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ސަރުކާރުގެ ގެރެންޓީގެ ދަށުން ލޯނު ނެގުމަށް ހުއްދަ ދިނުމާބެހޭ ދިރާސާތައް ކުރުމާއި، މިގޮތުން ނެގޭ ލޯނުގެ ފައިސާއަށް ވާނުވާގޮތް ބެލުން.
- ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އަހަރީ ފައިދާ ބެލުމާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ލަފާދިނުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނާމެދު އަޅާނެ އިސްލާހީ ފިޔަވަޅުތައް ކަނޑައެޅުމާއި، މިދެންނެވި ފިޔަވަޅުތައް އެޅުމުން ލިބޭ ނަތީޖާތައް ދިރާސާކުރުން.
- ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގަމުންދޭތޯ ބަލައި، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލަފާއާއި މަށްވަރާ ދިނުން.
- ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބޯޑުގެ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، އޮޑިޓަރ ޖެނެރަލަށް ފޮނުވުން.
(ޓ) ބޯޑުން ކުރަންޖެހޭނެކަމަށް މި ގާނޫނުގައި ބުނެފައިވާ ކަންކަން ކުރުމާއި، އެކަންކަން ކުރުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ ކަންކަމާއި ނުސީދާގޮތުން ކުރަންޖެހޭ ކަންކަންވެސް ކުރުން.
13 ވަނަ މައްދާ - ބޯޑުގެ ޖަލްސާތައް ބޭއްވުން
(ހ) މަދުވެގެން މީލާދީ ކޮންމެ މަހަކު ދެ ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބޯޑުގެ ރައީސަށް ފެނިއްޖެ ހިނދެއްގައި ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ.
(ނ) ބޯޑުގެ 5 މެންބަރުން ހަމަވެއްޖެނަމަ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.
(ރ) ބޯޑުގެ ކަމެއް ފާސްކުރުމަށް ވޯޓު ދިނުމުގައި ބޯޑުގެ ރައީސް ބައިވެރިވެގެންނުވާނެއެވެ. ބޯޑުގެ ރައީސަށް ވޯޓުދެވޭނީ، މައްސަލައެއްގައި ދެކޮޅަށްލިބޭ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައެވެ.
(ބ) ބޯޑުގެ ޖަލްސާތަކުގައި ސެކްރެޓަރީކަން ކުރާނީ އެކަމަށް ރައީސް އައްޔަންކުރާ ފަރާތެކެވެ.
(ޅ) ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.
- ރައީސް ނުވަތަ ރައީސް އުޒުރުވެރިވާ ހާލަތެއްގައި ނައިބުރައީސް؛
- ރައީސް އަދި ނައިބުރައީސަށް ވެސް ހާޒިރުވެވެން ނެތް ބައްދަލުވުމެއްނަމަ އަދި
- އެ ބައްދަލުވުމުގެ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެ ތިބިނަމަ، އެ ބައްދަލުވުމަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން އެކަމަށް އިންތިހާބުކުރާ މެންބަރެއް.
(ކ) ބޯޑުގެ ނިންމުމެއް ނިންމަންވާނީ، ބޯޑު ބައްދަލުވުމަށް ހާޒިރުވެ، ވޯޓު ދޭ މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
(އ) ބޯޑުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް މެންބަރަކު އުޒުރުވެރިވެއްޖެނަމަ، އެކަން އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.
14 ވަނަ މާއްދާ - ޔައުމިއްޔާ
(ހ) ބޯޑުގެ ކޮންމެ ބައްދަލުވުމަކީ ޔައުމިއްޔާކުރެވޭ ބައްދަލުވުމަކަށް ވާންވާނެއެވެ.
(ށ) ބޯޑުގެ ޔައުމިއްޔާގެ ތާރީހުން ފެށިގެން މަދުވެގެން 5 އަހަރުދުވަހަށް އެ ޔައުމިއްޔާ ރައްކާތެރިކަމާއެކު ދަމަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ - މަސްލަހަތު ހާމަކުރުން
(ހ) ބޯޑުގެ ބައްދަލުވުމެއްގައި ދެކެވޭ ވާހަކައަކާ ގުޅިގެން މެންބަރެއްގެ އެއްވެސް މަސްލަހަތެއް އޮތްކަމަށް ފާހަގަކުރެވޭކަމަށްވާނަމަ، އެ ކަމެއް އެ މެންބަރަކު ހާމަކުރަންވާނެއެވެ.
(ށ) މަސްލަހަތެއް އޮތްކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވަނީ، އެ ބޯޑުގައި ބަހުސްކުރެވޭ ކަމަކާ ގުޅިގެން ނުވަތަ ދިރާސާކުރަމުންދާ މައްސަލައަކާ ގުޅޭގޮތުން، ސީދާ އެ މެންބަރެއްގެ ނުވަތަ އޭނާގެ އާއިލާގެ މީހެއްގެ ނުވަތަ ވިޔަފާރީގެ ބައިވެރިއެއްގެ ސީދާ ނުވަތަ ނުސީދާ މަސްލަހަތު އެ ކަމުގައި އޮތްކަމަށް ބެލެވޭ ބެލެވުމަށެވެ.
(ނ) މަސްލަހަތެއް އޮތް މެންބަރަކު އެކަން ހާމަކުރުމަށްފަހު، ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން މެނުވީ، އެ މައުޒޫއަށް ދެކެވޭ ވާހަކައިގައި އިތުރަށް ބައިވެރިވެގެން ނުވާނެއެވެ. ނުވަތަ އެކަމާ ގުޅޭގޮތުން ނެގޭ ވޯޓެއްގައިވެސް ބައިވެރިވެގެން ނުވާނެއެވެ.
16 ވަނަ މާއްދާ – ދައުވަތުދިނުން
(ހ) ބޯޑުގެ ބައްދަލުވުމަކަށް، ބޯޑުން ބޭނުންވާ މީހުންނަށް ދައުވަތުދީގެން ހާޒިރުކުރެވިދާނެއެވެ.
(ށ) މަސްލަހަތު ފުށުއެރުމާ ބެހޭގޮތުން މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް، އެ ނިސްބަތަށް، ދައުވަތުދީގެން ބޯޑަށް ހާޒިރުކުރާ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ.
ތިންވަނަ ބައި
ސެކްރެޓޭރިއަޓް
17 ވަނަ މާއްދާ – ބޯޑުގެ ސެކްރެޓޭރިއަޓް
(ހ) ބޯޑުގެ ސެކްރެޓޭރިއަޓެއް އޮންނަންވާނެއެވެ.
(ށ) ބޯޑުގެ ސެކްރެޓޭރިއަޓް ގާއިމުކުރެވޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައެވެ.
(ނ) ބޯޑުގެ ސެކްރެޓޭރިއަޓަކަށް ވާނީ ބޯޑުގެ ލަފާގެމަތިން މިނިސްޓަރު އައްޔަންކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ.
18 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް
(ހ) ބޯޑުން ކަނޑައަޅާ އުސޫލެއްގެމަތިން، ސެކްރެޓަރީ ޖެނެރަލެއް، ބޯޑުން އައްޔަންކުރަންވާނެއެވެ.
(ށ) ސެކްރެޓަރީ ޖެނެރަލަކީ ބޯޑުގެ ސެކްރެޓޭރިއަޓްގެ މުވައްޒަފުންގެ ތެރެއިން އެންމެ އިސް އޮފިސަރެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އިދާރީގޮތުން ހިންގަންޖެހޭ ކަންކަން ހިންގުމުގައާއި، މި ގާނޫނު އޭގެ ރަނގަޅު ގޮތުގައި ތަންފީޒުކުރަމުން ދިޔުމަށް ބޯޑަށް އެހީތެރިވެދޭނީ ސެކްރެޓަރީ ޖެނެރަލެވެ.
(ރ) ސެކްރެޓަރީ ޖެނެރަލް ބޯޑުގެ ކޮންމެ ބައްދަލުވުމަކަށްވެސް ހާޒިރުވާންވާނެއެވެ. އޭނާއަށް ހާޒިރުވެވެންނެތް ދަނޑިވަޅުގައި، އޭނާގެ ބަދަލުގައި ހާޒިރުވާނީ އޭނާ ކަނޑައަޅާ ބޯޑުގެ މުވައްޒަފެކެވެ.
(ބ) ސެކްރެޓަރީ ޖެނެރަލަށް ނުވަތަ އޭނާގެ ބަދަލުގައި ދާ މީހަކަށް ވޯޓެއް ނުދެވޭނެއެވެ.
(ޅ) މަސްލަހަތު ފުށުއެރުމާ ބެހޭގޮތުން މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ސެކްރެޓަރީ ޖެނެރަލް، ނުވަތަ އޭނާގެ ބަދަލުގައި ހާޒިރުވާ މީހާގެ މައްޗަށްވެސް އެ ނިސްބަތަށް ހިނގާނެއެވެ.
19 ވަނަ މާއްދާ – ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު
މި ގާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
(ހ) ބޯޑުގެ ރައީސް ނުވަތަ ބޯޑުން ކަނޑައަޅާ މަސައްކަތްތައް ކުރުން.
(ށ) ދައުލަތުގެ ވިޔަފާރި ތަންތަނުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް އެކުލަވާލައި، ބެލެހެއްޓުން.
(ނ) ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގައި، ބޯޑަށް ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި ލަފާ ބޯޑަށް ހުށަހެޅުން.
(ރ) ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމުގައި ނުވަތަ ކޯޕަރަޓައިޒްކުރުމުގައި އަހަރެއްގެ ތެރޭގައި އަމާޒުހިފަންޖެހޭ ލަނޑުދަނޑިތަކާއި، ޕްރައިވަޓައިޒްކުރުމުގައި ނުވަތަ ކޯޕަރަޓައިޒްކުރުމުގައި ބަލަންޖެހޭ ށަރުތުތަކާއި، ގެންގުޅެންޖެހޭ ހަމަތަކާއި، ރާވައި އެކުލަވާލަންޖެހޭ ޕްރޮގްރާމްތަކާއި، ބޯޑުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގައި ބޭނުންވާނެ ހަމަތައް ބޯޑުން ކަނޑައެޅުމަށްޓަކައި، އެކަންކަން ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
(ބ) ބޯޑުގެ މަސައްކަތްތައް ހިނގާނެ އުސޫލުތައް ކަނޑައަޅައި، ބޯޑުގެ މަސައްކަތްތައް ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދިޔުމަށްޓަކައި ބޭނުންވާ ނިޒާމުތައް އިދާރީގޮތުން އުފައްދައި ހިންގުން.
(ޅ) ޕްރައިވަޓައިޒްކުރުމުގެ ނުވަތަ ކޯޕަރަޓައިޒްކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ބޯޑަށް އަންގައިދިނުމާއި، ވިޔަފާރީގެ އާންމު މާހައުލު ރަނގަޅު ގޮތުގައި ވާދަވެރި އަދި ބިނާކުރަނިވި އުފެއްދުންތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ބޯޑަށް ހުށަހެޅުން.
(ކ) މި ގާނޫނުގެ ދަށުން ބޯޑުގެ މައްޗަށް ލާޒިމުވާ މަސްއޫލިއްޔަތު އަދާކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ތަނަވަސްކޮށްދިނުމާއި ބޯޑުގެ ރައީސަށާއި ބޯޑަށް ޖަވާބު ދާރީވުން.
20 ވަނަ މާއްދާ – މުވައްޒަފުން ހާމަކުރަންޖެހޭ ކަންކަން
(ހ) ބޯޑުން ވަޒީފާ ދޭ ހަމަ ކޮންމެ މުވައްޒަފަކުވެސް އަދި ބޯޑުގެ މަސައްކަތަކަށްޓަކައި އައްޔަންކުރެވޭ ކޮންމެ ކޮންސަލްޓަންޓަކުވެސް، ޕްރައިވަޓައިޒްކުރުމުގެ ނުވަތަ ކޯޕަރަޓައިޒްކުރުމުގެ ޕްރޮގްރާމާއި އޭނާގެ އާއިލާގެ މެންބަރަކާ ދެމެދު ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެއްވެސް ގުޅުމެއް އޮތްކަމަށްވާނަމަ، ނުވަތަ އެ ޕްރޮގްރާމުގައި އޭނާގެ އެއްވެސް މަސްލަހަތެއް އޮތްކަމަށްވާނަމަ، އެކަން ހާމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާމަކުރަންޖެހޭ ކަންކަން ހާމަކުރަންވާނީ ސެކްރެޓަރީ ޖެނެރަލަށެވެ. އަދި އެ މުވައްޒަފަކާމެދު ނުވަތަ ކޮންސަލްޓަންޓަކާމެދު އަމަލުކުރާނީ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
21 ވަނަ މާއްދާ – ސިއްރު ހިފެހެއްޓުމުގެ އަހުދުކުރުން
އަންނަނިވި ކޮންމެ މީހަކުވެސް، އޭނާގެ މަސައްކަތްތައް ފެށުމުގެކުރިން، ބޯޑުގެ ސިއްރު، ސިއްރުގެ ގޮތުގައި ހިފެހެއްޓުމަށް އަހުދުވެ، ލިޔުމެއްގައި ސޮއިކޮށް، އެ ލިޔުން ބޯޑުގެ ރައީސަށް ހުށަހަޅަންވާނެއެވެ.
(ހ) ބޯޑުގެ ކޮންމެ މެންބަރަކު.
(ށ) ބޯޑުގެ ސެކްރެޓޭރިއަޓްގެ ކޮންމެ މުވައްޒަފަކު.
(ނ) ބޯޑުގެ ހިދުމަތަށް އައްޔަންކުރެވޭ ކޮންމެ ކޮންސަލްޓަންޓަކު.
22 ވަނަ މާއްދާ – ހުއްދަ ނޫން މީހުންނަށް މައުލޫމާތު ހާމަނުކުރުން
(ހ) ކަނޑައެޅިގެން ލިޔުމުން ހުއްދަ ލިބިގެން މެނުވީ، އެއްވެސް މީހަކު، ބޯޑުގެ ނަމުގައި ބޯޑުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްގެންނުވާނެއެވެ. ނުވަތަ ތިންވަނަ ފަރާތަކަށް އެފަދަ މައުލޫމާތެއް ދީގެންވެސް ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ބޯޑުގެ އިޒުނައާއެކު ބޯޑުން ކުރަމުންދާ މަސައްކަތަކާ ގުޅޭ މައުލޫމާތު ބޯޑުގެ ރައީސަށް އާންމު ކުރެވިދާނެއެވެ.
(ނ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ލިބޭ މައުލޫމާތާއި، ސަމާލުކަމަށް އަންނަ ކަންކަމާއި، ލިބޭ ލިޔެކިޔުންތަކުގައި ހިމެނޭ އެއްވެސް މައުލޫމާތެއް، މަގާމުގެ ހައިސިއްޔަތުން ނުވަތަ ވަޒީފާގެ ހައިސިއްޔަތުން، ކަނޑައެޅިގެން ބޯޑުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، ތިންވަނަ ފަރާތަކަށް އަންގައިގެން ނުވާނެއެވެ. ނުވަތަ އާންމުކޮށް ހާމަކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އެއްވެސް މީހަކު އަމަލުކޮށްފިކަމަށްވާނަމަ، އޭނާ އެ ކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 000,10 (ދިހަ ހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
ހަތަރުވަނަ ބައި
ޕްރައިވަޓައިޒްކުރުމުގެ އުސޫލުތައް
23 ވަނަ މައްދާ – ޕްރައިވަޓައިޒްކުރުން
(ހ) ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ލިބިފައިވާ ޑައިވެސްޓިޗަރ ސީކުއެންސް ޕްލޭންގައިވާ ގޮތުގެމަތިންނެވެ.
(ށ) ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް ކުރާ އާންމު އިއުލާނަކުން، އަދި ރާއްޖޭގައި ހިންގާ ދެ ނޫހެއް މެދުވެރިކޮށްވެސް ކުރާ އާންމު އިއުލާނަކުން، ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޕްރައިވަޓައިޒްކުރުމަށް ތާވަލުކުރެވިފައިވާ ތަންތަން ބޯޑުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
24 ވަނަ މާއްދާ - ސަރުކާރަށް ލިބިދޭ ހާއްސަ ހައްގު
(ހ) ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ އެކުގައި ނުވަތަ ހިއްސާގެ ބައެއް ވިއްކާލުމަށް ކުރެވޭ ކޮންމެ އެއްބަސްވުމެއްގައި، ދައުލަތުގެ މާލިއްޔާއަށް ޒިންމާ އުފުލާ ވަޒީރުގެ ރަސްމީ މަގާމުގެ ނަމުގައި އެތަނުގައި ހިއްސާއެއް ބޭއްވުމަކީ ށަރުތަކަށް ހެދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިއްސާ ބޭއްވުމުގެ ބޭނުމަކީ، ގައުމުގެ މަސްލަހަތުގައި، އެ ވިޔަފާރި ތަނަކުން ނިންމަންޖެހޭ މުހިންމު ކަމެއް ނިންމުމުގައި، ސަރުކާރަށް ހާއްސަ ހައްގެއް ލިބިދިނުމެވެ. އަދި އެއީ، އެތަނުގެ ކަންކަން ހިންގުމުގައި، ދައުލަތުގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން، ގައުމުގެ މަސްލަހަތުގައި އަދާކުރަންޖެހޭ ދައުރު އަދާކުރުމަށްޓަކައި ފުރުސަތު ދިނުމުގެ ގޮތުން ދެވޭ ހައްގެކެވެ.
25 ވަނަ މާއްދާ - ހިއްސާ އެކަށައެޅުން
ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ އެކަށައަޅާނީ، ކުންފުންޏާބެހޭ ގާނޫނުގެ ދާއިރާގެ ތެރޭގައި، ބޯޑުންނެވެ.
26 ވަނަ މާއްދާ - ހިއްސާދާރުންގެ އިލްތިޒާމްތައް
(ހ) ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ އޮތް ފަރާތުން، ބޯޑުން އެދޭ މައުލޫމާތު ބޯޑަށް ދޭންވާނެއެވެ.
(ށ) ބޯޑުގެ މަސައްކަތް މި ގާނޫނުގައިވާ ގޮތުގެމަތިން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ދައުލަތުގެ ވިޔަފާރި ތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކުން ފޯރުކޮށްދިނުމަށް އެދިއްޖެ މައުލޫމާތެއް، އެ ތަނަކުން ބޯޑަށް ފޯރުކޮށްދޭންވާނެއެވެ. އެއީ، ގާނޫނަކުން އެ މައުލޫމާތު ދިނުން ނުހިފަހައްޓާ ކަމުގައިވާނަމައެވެ.
27 ވަނަ މާއްދާ - ދައުލަތުގެ ވިޔަފާރި ތަންތަނުގެ އިލްތިޒާމް
(ހ) ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން، އަމިއްލަ ފަރާތެއްގެ ހިއްސާއެއް ނެތް، އަދި ޕްރައިވަޓައިޒްކުރުމަށް ތާވަލުކުރެވިފައިވާ، ހަމަ ކޮންމެ ތަނަކުންމެ އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ބޯޑުން ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ކުރުން.
- މާލީ ހިސާބުތަކާއި ވިޔަފާރީގެ ރެކޯޑުތައް ދުވަހުންދުވަހަށް ބަލަހައްޓަމުން ގެންދިޔުން.
- އެތަނެއްގެ މާލީ ކަންކަމާ ގުޅޭގޮތުން، ނުވަތަ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން، ނުވަތަ އިންސާނީ ވަސީލަތް ތަރައްގީކުރުމާ ބެހޭގޮތުން އެއްވެސް މަށްރޫއެއް އެކަށައެޅިފައިވާނަމަ، ނުވަތަ އެއްވެސް މަށްރޫއުތަކެއް އެކަށައެޅިފައިވާނަމަ، އޭގެ މައުލޫމާތު ބޯޑަށް ދެމުންދިޔުން.
- އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުން.
- އެތަނެއްގެ މާލީ އަހަރަކީ ކޮބައިކަން ކަނޑައެޅުމާއި، އެތަނެއްގެ ކޮންމެ މާލީ އަހަރެއްގެ ހިސާބުތައް އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމާއި، މާލީ އަހަރުނިމޭ ތާރީހުން ފެށިގެން 4 މަސް ފުރިހަމަވުމުގެ ކުރިން، އެ އޮޑިޓް ރިޕޯޓު ބޯޑަށް ހުށަހެޅުން.
- މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ ނުއުފުލޭ މުދަލުގެ ދަފްތަރެއް އެކުލަވާލައި، ބެލެހެއްޓުން.
- ތަނުގެ މިލްކިއްޔާތުގައިވާ މުދާ ނެތިހިނގައިދާނެ، ނުވަތަ މަދުވެދާނެ، ނުވަތަ އެއަށް ނުރަނގަޅު އަސަރެއްކޮށްފާނެ އެއްވެސް ކަމެއް ނުކުރުން.
- އަންނަނިވި ހާލަތްތަކުގައި މެނުވީ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ބެލެވިދާނެ އެއްވެސް ކަމެއް އަލަށް ނުފެށުން.
(ހހ) އެ ތަނެއް ހިންގުމަށްޓަކައި އާންމު އުސޫލުން އާކުރަންޖެހޭ އިކުއިޕްމަންޓެއް، ނުވަތަ އުޅަނދެއް، ނުވަތަ ޕްލާންޓެއް އާކުރުމަށް ކުރަންޖެހޭ ހަރަދުކަމުގައިވުން.
(ށށ) ތަނުގެ ވިޔަފާރި ކުރިއަރުވައި، ތަނުގެ ވިޔަފާރި އިތުރަށް މާކެޓުކުރުމަށްޓަކައި، ހިންގަންޖެހޭ ހަރަދުތަކެއް ކަމުގައިވުން.
(ނނ) އެ ކުރި ހަރަދު ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެ ހަރަދަކަށްވުން.
(ރރ) ތަނުގެ ހިންގުން ހީނަރުވެގެންދާނެ ކަމެއްކަމަށް ނުވުން. - އެތަނުގެ ފަރާތުން ކުރާ ކޮންޓްރެކްޓުތަކާއި ކުންފުނިން އުފުލަންޖެހޭ ގާނޫނީ އަދި އެހެނިހެން ޒިންމާތައް، ލިޔުމުން ފެންނާނެހެން ބެހެއްޓުން.
- ތަނަށް އިންވެސްޓްކޮށްފާނެހެން ހީވާ މީހުންނަށް ނުރަނގަޅު ފައިދާއެއް ނެގިދާނެ އެއްވެސް ކަހަލަ މައުލޫމާތެއް ދުރާލާ ނުދިނުން.
- އެތަނާ ގުޅޭގޮތުން ބޯޑުން އެދޭ މައުލޫމާތުތައް ބޯޑަށް ދިނުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ، ނުވަތަ ނުކުރަންޖެހޭ ކަމެއް ކޮށްފިނަމަ، އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ,00025 (ފަންސަވީސް ހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
28 ވަނަ މާއްދާ - ކޯޕަރޭޓް ޕްލޭން
ދައުލަތުގެ ކޮންމެ ވިޔަފާރި ތަނެއްގައިވެސް ކޯޕަރޭޓް ޕްލޭނެއް އޮންނަންވާނެއެވެ. އޭގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
(ހ) ނަތީޖާ ނެރުމުގެގޮތުން އެތަނުން ކަނޑައަޅާފައިވާ އަމާޒުތަކަކީ ކޮބައިކަމާއި، އެ އަމާޒުތަކަށް ވާސިލުވުމުގައި ހުރި ހުރަސްތަކަކީ ކޮބައިކަން.
(ށ) އެ ތަނުން ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރެވޭނެ މުއްދަތުތަކަކީ ކޮބައިކަން.
(ނ) މާލީގޮތުން ހާސިލުކުރަންޖެހޭ އަމާޒުތަކަކީ ކޮބައިކަން.
(ރ) އެ ތަނެއްގެ އުފެއްދި މައިގަނޑު މަގްސަދުތަކަކީ ކޮބައިކަން.
(ބ) އެ ތަނަކުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ޒާތަކީ އަދި ދާއިރާއަކީ ކޮބައިކަން.
(ޅ) ވަކި މާލީ އަހަރެއްގެ ތެރޭގައި ކޮށްފައިވާ މައިގަނޑު މަސައްކަތްތަކަކީ ކޮބައިކަން.
(ކ) ތަނުގެ ހިއްސާގެ އޮނިގަނޑަށް ނުވަތަ ހިއްސާގެ ފައިދާ ބެހުމުގެ މައިގަނޑު އުސޫލުތަކަކީ ކޮބައިކަން.
(އ) ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން.
(ވ) އެއްވެސް ވަރަކަށް ލޯނު ހޯދާފައިވާނަމަ، އޭގެ ޒާތާއި މިންވަރު.
(މ) އެކިއެކި އިންވެސްޓްމަންޓްތަކުން ކޮށްފާނެ ނުރަނގަޅު އަސަރެއް ކުޑަކުރުމަށްޓަކައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޮބައިކަން.
(ފ) މައިގަނޑުގޮތެއްގައި މުދާ ހޯދުމަށާއި ދޫކޮށްލުމަށް އެތަނުގައި ގެންގުޅޭ އުސޫލުތަކަކީ ކޮބައިކަން.
(ދ) ތަނުގެ މާލީ ހިސާބު ބެލެހެއްޓުމަށް ގެންގުޅޭ މައިގަނޑު އެކައުންޓިންގ ޕޮލިސީތަކަކީ ކޮބައިކަން.
29 ވަނަ މާއްދާ - ޕްރައިވަޓައިޒްކުރުމުގެ އުސޫލުތައް
(ހ) ދައުލަތުގެ ވިޔަފާރި ތަނެއް، މި ގާނޫނުގެ ދަށުން ޕްރައިވަޓައިޒްކުރުމުގައި، އަންނަނިވި އުސޫލުތަކުގެ ތެރެއިން އުސޫލެއް ބޯޑަށް ބޭނުންކުރެވިދާނެއެވެ.
- އާންމުކޮށް ހިއްސާ ވިއްކުން.
- ވާދަވެރި ބީލަން ހުށަހަޅައިގެން.
- ވަކި ފަރާތަކާއެކު ވިޔަފާރީގެ އެއްބަސްވުމެއްވެގެން ހިއްސާ އެ ފަރާތަކަށް ވިއްކުން.
- ސަރުކާރުގެ ހިއްސާ ހުރި މިންވަރަށްވުރެ އިތުރަށް ހިއްސާ އުފައްދައި، އެ ގޮތުން އުފެއްދި އެ ހިއްސާ ވިއްކުން.
- ތަނުގެ މުދާ ވިއްކުން.
- މުޅި ތަން އެކުގައި ނުވަތަ އެ ތަނުން ބައެއް ވިއްކާލުމުގެ ކުރިން، އެތަން އަލުން ރީ-އޯގަނައިޒްކުރުން.
- ތަން ހިންގަންތިބި މީހުންނަށް ނުވަތަ ތަނުގެ މުވައްޒަފުންނަށް އެތަނެއް ވިއްކުން.
- ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕްގެ އުސޫލުން ވިޔަފާރިކުރުން.
- ބޯޑުން އެކަށީގެންވާކަމަށް ކަނޑައަޅާ، އަދި ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާ، އެހެންވެސް އުސޫލަކުން އަމަލުކުރުން.
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ދައުލަތުގެ ވިޔަފާރި ތަނެއް ވިއްކަންވާނީ، މާކެޓުގައި އެތަނަކަށް އެ ވަގުތު ލިބޭނެކަމަށް ބެލެވޭ އަގަށްވުރެ ދަށްނުވާނެ ގޮތުގެމަތިންނެވެ.
30 ވަނަ މާއްދާ – އަގުކުރުން
(ހ) ދައުލަތުގެ ވިޔަފާރި ތަނެއް، މި ގާނޫނުގެ ދަށުން ކޯޕަރަޓައިޒްކުރުމުގެ ކުރިން ނުވަތަ ޕްރައިވަޓައިޒްކުރުމުގެ ކުރިން އަގުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަގު ކުރަންވާނީ، މިނިވަން ވެލިއުއަރެއް މެދުވެރިކޮށެވެ. އަދި އެތަނުގެ އަގުކަމަށް އެ ވެލިއުއަރަކު ކަނޑައަޅާ އަގު ހިމެނޭ ރިޕޯޓު ބޯޑަށް ހުށަހަޅަންވާނެއެވެ.
31 ވަނަ މާއްދާ - ވިޔަފާރި ތަނެއް ގަނެވިދާނެ މީހުން
ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ ދިވެހި ރައްޔިތަކަށްވެސް ނުވަތަ ބިދޭސީއަކަށްވެސް ގަނެވިދާނެއެވެ.
32 ވަނަ މާއްދާ - މެންބަރުންނަށް ހިއްސާ ވިއްކުން
އާންމުކޮށް ހިއްސާ ދޫކުރުމަށްޓަކައި ހުޅުވާލާފައިވާ ފުރުސަތަކުން ހިއްސާގަތުން ފިޔަވައި، އެނޫން އެހެން އެއްވެސްގޮތަކަށް، ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާއެއްގައި މިލްކުވެރިކަމުގެ ހައްގެއް ނުވަތަ މަސްލަހަތުގެ ހައްގެއް، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް، ނުވަތަ ބޯޑު މެންބަރަކަށް، ނުވަތަ ބޯޑުގެ ކޮމިޓީއެއްގެ މެންބަރަކަށް، ނުވަތަ ކޮމިޓީގެ މުވައްޒަފަކަށް ނުވަތަ ބޯޑުގެ ކޮންސަލްޓަންޓަކަށް ނުބޭއްވޭނެއެވެ.
33 ވަނަ މާއްދާ - ގާއިމުކުރެވިފައިވާ ފަންޑު
ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ، ގާއިމުކުރެވިފައިވާ ފަންޑަކުން، އެ ފަންޑަށް ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކެއްގެ ހުއްދައާއެކު، ގަނެވިދާނެއެވެ.
34 ވަނަ މާއްދާ - ދަރަންޏަށް ދޫނުކުރުން
ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ ދަރަންޏަށް، ފަހުން ފައިސާ އަދާކުރާގޮތަށް، ވިއްކައިގެން ނުވާނެއެވެ.
35 ވަނަ މާއްދާ - ވިއްކުމަށްޓަކައި ވާހަކަ ދެއްކުން
ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމަށްޓަކައި، ވަކި ފަރާތަކަށް އެތަނުގެ ހިއްސާ އެކުގައި ނުވަތަ ހިއްސާގެ ބައެއް ވިއްކުމަށް ބޯޑުން މަސައްކަތްކުރާ ކަމަށްވާނަމަ، އެ މުއާމަލާތް ބޯޑުގެ ފަރާތުން އެކަށީގެންވާ ގޮތުގައި ހިންގުމަށްޓަކައި އަދި އެތަން ގަތުމަށް އެދޭ ފަރާތްތަކާއެކު ވާހަކަ ދައްކައި، އެއްބަސްވުމަކަށް އައުމަށްޓަކައި، ބޯޑުން ގަބޫލުކުރާ ބައެއްގެ މައްޗަށް ނެގޯސިއޭށަން ޓީމެއް އެކުލަވާލަންވާނެއެވެ.
36 ވަނަ މާއްދާ - ނެގޯސިއޭށަން ޓީމް
(ހ) ނެގޯސިއޭށަން ޓީމުގެ ނަމުގައި ޓީމެއް، މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ބޯޑުން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވޭ ނެގޯސިއޭށަން ޓީމުގައި ހިމެނޭ ހަމަކޮންމެ މެންބަރަކީވެސް އަންނަނިވި ކަންކަން ފުރިހަމަވާ މެންބަރުންނަށް ވާންވާނެއެވެ.
- ވިޔަފާރި ކަންކަމުގެ ފަންނީ ހުނަރުވެރިކަން ހުރި، އެކަމުގެ ތަޖުރިބާ ހުރި މީހަކަށްވުން.
- ވިޔަފާރީގައި ނުރަނގަޅު ތަޖުރިބާތަކެއް ކުރެވިފައިވާ ނުވަތަ ނުރަނގަޅުގޮތަކަށް ބަޔަކު އޭނާގެ ވިޔަފާރިއާ ދޭތެރޭގައި ދެކޭ މީހަކަށް ނުވުން.
- ބޯޑުގެ ސިއްރު، ބޯޑުގެ ސިއްރުގެ ގޮތުގައި ހިފެހެއްޓުމަށް އަހުދުވާ މީހަކުކަމުގައިވުން.
- ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އޭނާގެ އެއްވެސް ޒާތީ މަސްލަހަތެއް، އެ ވިޔަފާރި ތަނަކާ ދޭތެރޭގައި ނެތް މީހަކަށްވުން.
37 ވަނަ މާއްދާ - ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުން
ޕްރައިވަޓައިޒްކުރުމަށްޓަކައި ތާވަލުކުރެވިފައިވާ ދައުލަތުގެ ވިޔަފާރި ތަނެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރަން ބޯޑަށް ފެނިއްޖެހިނދެއްގައި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އެ ތަނެއް، ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - ބްރޯކަރުގެ ދައުރު އަދާ ކުރުން
އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް
މި ގާނޫނުގެ ބޭނުމަށްޓަކައި، ބްރޯކަރެއްގެ ދައުރު އަދާކުރެވިދާނެއެވެ.
39 ވަނަ މާއްދާ - އުވާލުން
ތަނުގައި މަސްލަހަތު އޮތް ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތެއްގެމަތިން، ދައުލަތުގެ ވިޔަފާރި ތަނެއް، ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން، ށަރުއީ ކޯޓެއް މެދުވެރިކޮށް އުވާލުމުގެ މަސައްކަތްކުރުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
40 ވަނަ މާއްދާ - ވިއްކުމުގެ މުއާމަލާތް ފުރިހަމަކުރުން
(ހ) ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އަންނަނިވި ފަރާތްތަކެވެ.
- ސީދާ ސަރުކާރުގެ މިލްކުގައިވާ ހިއްސާ ވިއްކާ ކަމުގައިވާނަމަ، ދައުލަތުގެ މާލިއްޔާއަށް ޒިންމާ އުފުލާ ވަޒީރު.
- އެ ނޫން ހިއްސާއެއް ކަމުގައިވާނަމަ، އެ ހިއްސާއެއް މިލްކުވެގެންވާ ފަރާތް.
(ށ) ހިއްސާގެ މިލްކުވެރިކަން ބަދަލުކުރާނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
41 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން
އަންނަނިވި ކަންކަމާގުޅޭ ރެކޯޑު ބޯޑުން ލިޔެ ބަލަހައްޓަންވާނެއެވެ.
(ހ) މި ގާނޫނުގެ ދަށުން ޕްރައިވަޓައިޒްކުރުމަށް ތާވަލުކުރެވިފައިވާ ތަންތަނުގެ ފުރިހަމަ ނަން.
(ށ) ޕްރައިވަޓައިޒްކުރުމުގައި ހަރަކާތްތެރިވާ ބޭންކްތަކާއި، އެކައުންޓަންޓުންނާއި، ވަކީލުންނާއި، ވެލިއުއަރޒްއާ ކޮންސަލްޓަންޓުންގެ ރަސްމީ ނަމާއި، މަގާމާއި އެޑްރެސް.
(ނ) ބީލަން ހުށަހަޅާ ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހަޅާ އަގުތައް.
(ރ) ބީލަން ކާމިޔާބުކުރި ފަރާތްތަކަށް، ބީލަން ކާމިޔާބުކުރެވުނު ސަބަބުތައް.
(ބ) ހިއްސާގެ އަގުތަކާއި އެއްވެސް ހިއްސާއަކާ ހާއްސަ ށަރުތެއް ގުޅުވާފައިވާނަމަ، އެކަމެއް.
(ޅ) ބޯޑުން ކަނޑައަޅާ އެހެނިހެން މައުލޫމާތު.
ފަސްވަނަ ބައި
ކޯޕަރަޓައިޒްކުރުމުގެ އުސޫލުތައް
42 ވަނަ މާއްދާ - ވަކި އިދާރާއެއް ކޯޕަރަޓައިޒްކުރުން
ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ވަކި އިދާރާއެއް ކޯޕަރަޓައިޒްކުރަން މިނިސްޓަރަށް ފެނިއްޖެކަމަށްވާނަމަ، އެ އިދާރާއެއްގެ މަސްއޫލިއްޔަތު އުފުލާ މިނިސްޓަރަކާ މަށްވަރާކުރުމަށްފަހު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ އާންމު އިއުލާނަކުން، މި ގާނޫނުގެ ދަށުން އެތަނެއް ކޯޕަރަޓައިޒްކުރުމަށް މިނިސްޓަރަށް ނިންމިދާނެއެވެ.
43 ވަނަ މާއްދާ - ކޯޕަރަޓައިޒްކުރުމުގެ މާނަ
ކޯޕަރަޓައިޒްކުރުމަކީ، ހިނގަމުންދާ މުއައްސަސާއެއްގެ އޮނިގަނޑަށާއި އުސޫލުތަކަށް ގެނެވޭ އިސްލާހެއްގެ ތެރެއިން އަންނަނިވި ނަތީޖާތައް ހާސިލުކުރުމެވެ.
(ހ) އެތަނެއް ހިނގަމުންދިޔަ ގޮތަށާއި، އުސޫލަށާއި، ހާލަތަށާއި އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ތެރެއިން ވާދަވެރި ވިޔަފާރީގެ މާހައުލެއްގައި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ތަނަކަށް ހެދުން.
(ށ) ވީހާވެސް ގިނަ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންގެ މިލްކުގައިވާ ވިޔަފާރި ކުންފުނިތަކަށް، ދައުލަތުގެ އެ މުއައްސަސާ ހިންގުމުގައި އަދި މިލްކުވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދިނުން.
(ނ) ވަކި އަމާޒުތަކެއް ކަނޑައަޅައިގެން، އެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
44 ވަނަ މާއްދާ - ކޯޕަރަޓައިޒްކުރުމުގެ މަގްސަދު
ކޯޕަރަޓައިޒްކުރުމުގެ އަސާސީ މަގްސަދަކީ، ދިވެހިރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަން ކުރިއެރުވުމާއެކު، އަންނަނިވި އަމާޒުތަކަށް ވާސިލުވުމެވެ.
(ހ) ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތްތެރިކަމާއި ނަތީޖާ ނެރެވޭ މިންވަރު ހަރުދަނާކުރުން.
(ށ) އެ ތަންތަނުން ޒިންމާ އުފުލާ މިންވަރު މަތިކުރުން.
45 ވަނަ މާއްދާ - ކޯޕަރަޓައިޒްކުރުމުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރާނެގޮތް
ކޯޕަރަޓައިޒްކުރުމުގެ މަގްސަދުތައް ހާސިލުކުރާނީ ކޯޕަރަޓައިޒްކުރުމުގެ މައިގަނޑު އުސޫލުތައްކަމަށް މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކޮށްގެންނެވެ.
41 ވަނަ މާއްދާ - ކޯޕަރަޓައިޒްކުރުމުގެ މައިގަނޑު އުސޫލުތައް
ކޯޕަރަޓައިޒްކުރުމުގެ މައިގަނޑު އުސޫލުތައް އެކުލެވިގެންވަނީ އަންނަނިވި މައިގަނޑު 4 އުސޫލުގެ މައްޗަށެވެ. އަދި އެއިން ކޮންމެ އުސޫލަކަށް ތަފާތު ހަމަތަކެއް ކަނޑައެޅިފައިވެއެވެ.
(ހ) އެއްވަނަ އުސޫލު: އަމާޒު ސާފުކޮށް އެނގުން.
މި އުސޫލު ހާސިލުކުރުމުގައި އަންނަނިވި ހަމަތަކަށް ތަބާވާންޖެހޭނެއެވެ.
- ކޮންމެ ކުންފުންޏެއްގައިވެސް، ސާފު އަދި ފުށުއެރުމެއްނެތް އަމާޒުތަކެއް ހުރުން.
- ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް ބަޔާންކޮށްފައިވުން.
- މާލީގޮތުން ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް ބަޔާންކޮށްފައިވުން.
- ކުންފުނިން ނެރެވޭ ނަތީޖާގެ ލަނޑުދަނޑިތަކެއް ހާސިލުކުރުން.
- ކުންފުނިން ކުރާކަމެއް، ކުންފުނިން ރެގިއުލޭޓްކުރުމުގެ ބަދަލުގައި، އެހެން މުއައްސަސާއަކުން ރެގިއުލޭޓްކުރާގޮތަށް ހެދުން.
(ށ) ދެވަނަ އުސޫލު: ހިންގުމުގެ މިނިވަންކަމާއި ބާރުވެރިކަން ލިބިދިނުން.
މި އުސޫލު ހާސިލުކުރުމުގައި އަންނަނިވި ހަމަތަކަށް ތަބާވާންޖެހޭނެއެވެ.
- ކޮންމެ ކުންފުންޏެއްގައިވެސް ޑިރެކްޓަރުންގެ ބޯޑެއް އޮތުން.
- ކުންފުނިން ހާސިލުކުރަންޖެހޭ ނަތީޖާތައް ހާސިލުކުރުމުގައި ބޯޑުން ޒިންމާ އުފުލުވުމާއި، ބޯޑު މަސްއޫލުކުރުވުން.
- ކުންފުނީގެ މުހިންމު ނިންމުންތައް، ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމުމުގައި އަދި ކުންފުނިން ޒިންމާ އުފުލަންޖެހޭ ދާއިރާތަކުގެ މަސައްކަތްތައް ކުރުމުގައި ކުންފުންޏަށް މިނިވަންކަމާއެކު ނިންމުންތައް ނިންމޭނެ މާހައުލެއް ގާއިމުކޮށްދިނުން.
- ކުންފުނި ހިންގުމުގައި، ކުންފުނިން ނިންމާ ނިންމުންތައް ބެލޭނެ އަދި ނަތީޖާ އޭގެން ނުކުންނާނެ މިންގަނޑުތައް ކަނޑައެޅިގެން ދިޔުން.
- ކުންފުނި ހިންގުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް އޮތްނަމަ، އެ ދައުރަކީ ކޮބައިކަން ސާފުކޮށް އެނގެންއޮތުން.
(ނ) ތިންވަނަ އުސޫލު: ޒިންމާ އުފުލުން.
މި އުސޫލު ހާސިލުކުރުމުގައި އަންނަނިވި ހަމަތަކަށް ތަބާވާންޖެހޭނެއެވެ.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަކީ ވަކިވަކިންނާއި ޖަމްއުކޮށް ކުންފުނީގެ ހިއްސާދާރުންނަށް ޒިންމާވާ ބަޔަކަށް ހެދުން.
- ކުންފުނީގެ ކޯޕަރޭޓިވް ސްޓޭޓްމަންޓަކީ ކުންފުނީގެ ޖަވާބުދާރީވާ އެންމެ އަސާސީ މިންގަނޑުކަމުގައި ބެލުން.
- ނަތީޖާގެ އަމާޒުތައްކަމަށް ކަނޑައަޅާފައިވާ އަމާޒުތަކާ އަޅައިކިޔައިގެން ކުންފުނީގެ ނަތީޖާ ދެނެގަތުން.
(ރ) ހަތަރުވަނަ އުސޫލު: ވާދަވެރި މާހައުލުގައި އިތުރު އިސްކަމެއް، ނުވަތަ ހާއްސަކަމެއް ނުދިނުން.
މި އުސޫލު ހާސިލުކުރުމުގައި އަންނަނިވި ހަމަތަކަށް ތަބާވާންޖެހޭނެއެވެ.
- ވަކި ބައެއްގެ އަތުގައި ވަކި ހިދުމަތެއް ނުވަތަ މުދަލެއްގެ މިލްކުވެރިކަން ނޯންނާނެގޮތެއް ހެދުން.
- ދައުލަތުގެ ކުންފުންޏެއްކަމުގައި ވީނަމަވެސް، އަމިއްލަ ކުންފުންޏަކަށް ނުލިބޭ ހާއްސަ އިނާޔަތެއް ނުވަތަ ހާއްސަ ރައްކާތެރިކަމެއް، ދައުލަތުގެ ކުންފުންޏަށްވެސް ނުލިބުން.
- ވަކި ކަމެއްގައި ދައުލަތުގެ ކުންފުންޏަކުން މާކެޓުގައި އަދާކުރާ ދައުރު ފުޅާވެ، އެހެންބަޔަކަށް އެ މަސައްކަތް ކުރެވޭނެ ފުރުސަތު އެ މާކެޓުގައި ނެތްކަމަށްވާނަމަ، ކުންފުނީގެ ހިންގުމަށާއި އުސޫލުތަކަށް ގެނެވޭ ބަދަލަކުން، ވިޔަފާރީގެ މައިދާން ވާދަވެރިކުރުވުން.
- ކުންފުނި އޮތް މަގާމުގައި އޮވެގެން ނުރަނގަޅު ނުފޫޒުތަކެއް މާކެޓުގައި ހޯދުމަށް މަސައްކަތްކުރާކަމަށްވާނަމަ، އެކަމެއް ހުއްޓުވުން.
47 ވަނަ މާއްދާ - ކޯޕަރަޓައިޒް ކުރާނެގޮތް
ސަރުކާރުގެ އިދާރާއެއް މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކޯޕަރަޓައިޒްކުރުމަށް މިނިސްޓަރު ކަނޑައަޅައިފިނަމަ، އެ އިދާރާއެއް ކޯޕަރަޓައިޒްކުރާނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާ ކުންފުންޏެއް މެދުވެރިކޮށް، ބޯޑުންނެވެ.
48 ވަނަ މާއްދާ - ކޯޕަރަޓައިޒްކުރުމުގައި ކުރަންޖެހޭ ކަންކަން
(ހ) ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ހިނގަމުންދާ ތަނެއް ކޯޕަރަޓައިޒްކުރުމުގެ ކުރިން،
އެ އިދާރާއިން ކޯޕަރަޓައިޒޭށަން ޗާޓަރެއް އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޕަރަޓައިޒޭށަން ޗާޓަރުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މި ގާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޕަރަޓައިޒޭށަންގެ މައިގަނޑު 4 އުސޫލު އެތަނެއްގެ މައްޗަށް ހިނގާނެގޮތް.
- މި އަކުރުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ 4 އުސޫލުގައި ހިމެނިގެންވާ މައިގަނޑު ހަމަތަކަށް ތަބާވަމުންދާނެގޮތާއި، އެކަންކަން ފުރިހަމަކުރާނެ ގޮތުގެ ތާވަލު.
- ވަކި ގާނޫނެއްގެ ދަށުން ސަރުކާރުގެ އިދާރާއެއް ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވާނަމަ، އެ އިދާރާއެއް ކުންފުންޏަކަށްވުމުން އެ ތަނުގެ މައްޗަށް ހިނގާނީ ކޮން ގާނޫނެއްކަން، ނުވަތަ އެ ގާނޫނެއް ހިނގާނީ ކިހާވަރަކަށްކަން.
- މި އަކުރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނެއް އަލަށް އެކުލަވާލާނަމަ އެ ގާނޫނެއް އެކުލަވާލެވޭނެ ތާރީހު، ނުވަތަ އެ ގާނޫނެއް ހިނގަންފަށާނަމަ އެ ގާނޫނު ހިނގަންފަށާނެ ތާރީހު.
- ކުންފުނީގެ އެކައުންޓްތައް ބެލެހެއްޓުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަދަލުވެވޭނެ ތާވަލު.
- ވިޔަފާރީގެ އުސޫލުން ތަން ހިންގުމާއި، ތަނުގެ މަސައްކަތްތައް ކުރުމާ ގުޅޭގޮތުން ބަދަލު ގެންނަންޖެހޭ ކަންކަމާއި އެކަންކަމަށް ބަދަލު ގެންނަންޖެހޭ ތާރީހު.
- ތަނުގައި ހުރި މުދާ އަގުކުރާނެގޮތާއި، އެ މަސައްކަތް ނިންމައި، ތަނުގައި ހިއްސާގެ ރައުސުލްމާލެއް އުފައްދާނެ ގޮތަކާއި އަދި އެކަންކަން ނިންމާނެ ތާރީހު.
49 ވަނަ މާއްދާ - މުދަލާއި މިލްކިއްޔާތު ބަދަލުކުރުން
ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ހިނގަމުން އަންނަ ތަނެއް ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރާކަމަށްވާނަމަ، ކޯޕަރަޓައިޒޭށަން ޗާޓަރ އިއުލާންކުރުމުގެ އިތުރުން، އަންނަނިވި ކަންކަމާ ގުޅޭގޮތުން އަމަލުކުރާނެގޮތްވެސް އެ އިދާރާއަކުން އިއުލާނުކުރަންވާނެއެވެ.
(ހ) ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ހިނގަމުންއައި ތަން އަލަށް އުފެދޭ ކުންފުންޏަށް ބަދަލުވެގެންދާކަމަށްވާނަމަ، އެތަނުން ކުރަމުންއައި ކަންތައްތައް ކުރުމަށްޓަކައި، ފަހުން އަންނަ ފަރާތަކީ، އެއީކަން އަންގައިދިނުން.
(ށ) ސަރުކާރުގެ އިދާރާއެއް ކުންފުންޏަކަށް ބަދަލުވާހިނދު، އެ އިދާރާއިން ކުންފުންޏަށް ބަދަލުވެގެންދާނީ އިދާރާގެ ކޮން މުދަލެއްކަމާއި، ކޮން ހައްގުތަކެއްކަން.
(ނ) ސަރުކާރުގެ އިދާރާއަކުން ކުންފުންޏަކަށް މުދާ ބަދަލުކުރެވޭއިރު، އޭގެ މުގާބިލުގައި،
އެ ކުންފުންޏަކުން އެއްވެސް އަގެއް އަދާކުރަންޖެހޭކަމަށްވާނަމަ، އެ އަގެއް އަދާކުރާނެ ގޮތާއި
އެ އަގަކީ ކޮބައިކަން.
(ރ) އެ އިދާރާއިން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ދެމެހެއްޓިގެންދާނެ އެއްބަސްވުންތަކަކީ ކޮބައިކަމާއި ނިމުމަކަށް އަންނާނެ އެއްބަސްވުންތަކަކީ ކޮބައިކަން.
(ބ) ސަރުކާރުގެ އިދާރާގައި މުވައްޒަފުންގެ ގޮތުގައި ތިބި މީހުންގެ ހައްގުތައް، ފަހުން އަންނަ ކުންފުންޏަށް ބަދަލުވެގެންދާނެގޮތް.
(ޅ) ވަގުތީ ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލެވޭނެގޮތާއި އެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން.
(ކ) ހިއްސާގެ ރައުސުލްމާލު އުފައްދާނެ ގޮތާއި، އެ ހިއްސާގެ ރައުސުލްމާލު ފުރިހަމަކުރާނެ ގޮތް.
ހަވަނަ ބައި
މާލީ ކަންކަމާގުޅޭ އުސޫލުތައް
50 ވަނަ މާއްދާ - ބޯޑުގެ ބަޖެޓް
ބޯޑަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތު ގާނޫނު އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެގެމަތިން، އަދި މާލިއްޔަތު ގާނޫނުގައި ނުވަތަ ގަވާއިދުގައިވާ ތާރީހަށް ނުވަތަ
އެ ތާރީހްގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ބޯޑުގެ ބަޖެޓް ފޮނުވަންވާނެއެވެ.
51 ވަނަ މާއްދާ - މާލީ އަހަރު
ބޯޑުގެ މާލީ އަހަރަށް ވާނީ ކޮންމެ އަހަރެއްގެވެސް ޖަނަވަރީ 1 ން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ނިމޭ 12 (ބާރަ) މަސްދުވަހެވެ.
52 ވަނަ މާއްދާ - އެކައުންޓް ބެލެހެއްޓުން
(ހ) ބޯޑުގެ މާލީ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އުސޫލެއްގެމަތިން، ބޯޑުން ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) ބޯޑުގެ ހިސާބުތަކާއި، ހިންގުން މިނިވަން އޮޑިޓަރުން މެދުވެރިކޮށް، ކޮންމެ އަހަރަކުވެސް އޮޑިޓްކުރަންވާނެއެވެ.
53 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) މާލީ ކޮންމެ އަހަރެއް ނިމޭތާ ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި، އެ މާލީ އަހަރުގެ ތެރޭގައި ބޯޑުން ކުރި މަސައްކަތްތަކުގެ ތަފްސީލު އަންގައިދޭ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އޮޑިޓްކޮށްފައިވާ އޮޑިޓް ރިޕޯޓު.
- ލިބުނު އާމްދަނީއާއި ކުރެވުނު ހަރަދުގެ އޮޑިޓް ސްޓޭޓްމަންޓް.
- އޮޑިޓްކޮށްފައިވާ ބެލެންސް ށީޓް.
- ބޯޑުން މުހިންމު ކަމަށް ބަލާ އިތުރު މައުލޫމާތު.
- އިންޑިޕެންޑެންޓް އޮޑިޓަރެއް މެދުވެރިކޮށް ކޮށްފައިވާ އިންޓަރނަލް އޮޑިޓް ރިޕޯޓު.
54 ވަނަ މާއްދާ - ދުވެލި އަންގައިދޭ ރިޕޯޓު
ކޮންމެ އަހަރެއްގެ ޖޫން މަސް ނިމުމުން އަދި ހަމަ އެ އަހަރެއްގެ ޑިސެމްބަރު މަސް ނިމުމުން، އަންނަނިވި ތަފްސީލު ހިމެނޭ ރިޕޯޓެއް ބޯޑުން ށާއިއުކުރަމުން ގެންދަންވާނެއެވެ.
(ހ) ބޯޑުން އެ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކުރި މަސައްކަތްތައް.
(ށ) ބޯޑަށް ލިބުނު މައިގަނޑު ބީލަންތައް.
(ނ) ބޯޑުން ގަބޫލުކުރި ބީލަންތައް.
ހަތްވަނަ ބައި
އާންމު ބައެއް އުސޫލުތައް
55 ވަނަ މާއްދާ - ހައްގު އޮތްކަން އެނގުން
(ހ) ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޕްރައިވަޓައިޒްކުރުމަށް ކަނޑައަޅާ ތަނަކާ ގުޅޭގޮތުން އެއްވެސް ދައުވާއެއް ނުވަތަ މަސްލަހަތެއް އޮތް މީހަކު، އެ މަސްލަހަތަކާ ގުޅިގެން ނުވަތަ ހައްގަކާ ގުޅިގެން ދައުވާއެއް އުފުލަން ބޭނުންވާކަމަށްވާނަމަ، އެތަނެއް ޕްރައިވަޓައިޒްކުރުމަށް ކަނޑައަޅައިފިކަން އަންގައި ކުރާ އިއުލާނު، ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެތެރޭގައި ބޯޑަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ އެ މައުލޫމާތު، ބޯޑަށް އޭނާ ނާންގައިފިކަމަށްވާނަމަ، އޭނާގެ އޮތްނަމަ އޮތް ހައްގެއް ނުވަތަ މަސްލަހަތެއް މި ގާނޫނުގެ ބޭނުމަށްޓަކައި ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.
56 ވަނަ މާއްދާ - ބައެއް މުދަލާއި ލިޔެކިޔުން ބޯޑަށް ބަދަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފެށުމުގެކުރިން ސަރުކާރުން ހިންގާ ޕްރައިވައިޓައިޒްކުރުމުގެ އެއްވެސް ކަމަކާ ގުޅޭގޮތުން ހޯދިފައިވާ އެއްވެސް މުދަލެއް، ނުވަތަ މައުލޫމާތެއް، ނުވަތަ ލިޔެކިޔުމެއްވާނަމަ، މި ގާނޫނުގެ ދަށުން ބޯޑު އުފެދުމާގުޅިގެން، އެ މުދަލެއް، ނުވަތަ މައުލޫމާތެއް، ނުވަތަ ލިޔެކިޔުމެއް އެ ބޯޑަށް ބަދަލުވެގެން ދިޔައީއެވެ.
57 ވަނަ މާއްދާ - ދައުލަތުން ގެރެންޓީ ދިނުން
ދައުލަތުގެ ވިޔަފާރި ތަނެއްގެ ލޯނަށް، ނުވަތަ މާލީ އެހެންވެސް ޒިންމާއަކަށް، ނުވަތަ އެ ތަނަކުން ނަގާފައިވާ ދަރަންޏަކަށް ދިވެހި ދައުލަތުން ޒިންމާވާނީ، އެ ކަމެއް ކުރުމުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ގޮތުގައި އަދި ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން، ދައުލަތުން ގެރެންޓީ ދީފައިވާނަމައެވެ.
58 ވަނަ މާއްދާ - ތަހްކީމުގެ އުސޫލުން މައްސަލަ ނިންމުން
ދައުލަތުގެ ވިޔަފާރި ތަނަކަށް އިންވެސްޓްކުރާ ފަރާތަކާއި ބޯޑާ ދެމެދު އެއްވެސް ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، ނުވަތަ ޕްރައިވަޓައިޒްކުރުމުގެ މަސައްކަތުގައި ދެބަސްވުމެއް އުފެދިއްޖެނަމަ، އެކަން ހަމަޖައްސާނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެމަތިން، ބައިނަލްއަގްވާމީ ތަހްކީމުގެ އުސޫލުންނެވެ.
59 ވަނަ މާއްދާ - ދޮގު މައުލޫމާތު ހުށަހެޅުން
(ހ) އެއްވެސް މީހަކު، ކަނޑައެޅިގެން ދޮގު މައުލޫމާތެއް ބޯޑަށް ހުށަހަޅައިފިނަމަ، ނުވަތަ ސާފުކޮށް ބަޔާންކުރަންޖެހޭ މައުލޫމާތެއް ސާފުކޮށް ބަޔާންކޮށް ނުދީފިނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެއް ހޯދައިފިނަމަ، އެ ކުރަނީ ކުށެކެވެ. އެ ކުށް ކުރި މީހެއްގެ އަދަބަކީ 35،000 (ތިރީސްފަސް ހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ސާބިތުވެއްޖެ މީހަކަށް ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމުގައި ވިއްކާ ހިއްސާގަތުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
60 ވަނަ މާއްދާ - ކުރީގެ އެއްބަސްވުންތައް
(ހ) ދައުލަތުގެ ވިޔަފާރި ތަނެއް، މި ގާނޫނުގެ ދަށުން ޕްރައިވަޓައިޒްކުރެވޭހިނދު، އެ ތަން ޕްރައިވަޓައިޒްކުރުމުގެ ކުރިން ކުރެވިފައިވާ އެންމެހައި އެއްބަސްވުންތައް، މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާހިނދަކު، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ނިމުމަކަށް އަންނާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒްކުރުމަށް ތާވަލުކުރެވިއްޖެކަން އިއުލާނުކުރުމަށްފަހު، އެއްވެސް އެއްބަސްވުމެއް އެ ތަނެއްގެ ފަރާތުން ކޮށްފައިވާނަމަ، އަދި އެކަން ކޮށްފައިވަނީ ޕްރައިވަޓައިޒްކުރަން އުޅޭތީ އެކަމުގެ މުގާބިލުގައިކަމަށްވާނަމަ، އެ އެއްބަސްވުން އެއީ، ސައްހަ އެއްބަސްވުމެއްކަމުގައި ނުބެލެވޭނެއެވެ.
61 ވަނަ މާއްދާ - ކުރީގެ މަސައްކަތްތައް ތަހްގީގުކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ވިޔަފާރި ތަނެއް ވިއްކާފައިވާނަމަ ނުވަތަ ޕްރައިވަޓައިޒް ކޮށްފައިވާނަމަ، އެކަން ކޮށްފައިވަނީ ދައުލަތުގެ މަސްލަހަތު ހިމާޔަތްވާ ގޮތުގެމަތިންތޯ ކަނޑައަޅާ ބެލުމުގެ ގޮތުން އެކަމެއް ބަލައި ތަހްގީގުކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ތަހްގީގުގެ ނަތީޖާގައި އެ ތަނެއް ޕްރައިވަޓައިޒް ކޮށްފައިވަނީ މުޅި ދައުލަތަށް އޭގެ އެންމެ މަސްލަހަތު ހުރި ގޮތުގައި ނޫންކަމަށް ބޯޑަށް ފެނިއްޖެހިނދެއްގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާ ވީހާވެސް އެއްގޮތްވާ ގޮތުގެމަތިން، އަލުން އެ ތަން ޕްރައިވަޓައިޒްކުރުމުގެ މަސައްކަތްކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
62 ވަނަ މާއްދާ - ގަވާއިދު ހެދުން
އަންނަނިވި ކަންކަމާ ގުޅޭގޮތުން ބޯޑުން ގަވާއިދު ހަދަންވާނެއެވެ.
(ހ) ބީލަމަށް ހުޅުވާލުމުގެ އުސޫލުތައް.
(ށ) ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތައް.
(ނ) ބީލަން ހުށަހަޅާ ފަރާތްތައް ޕްރީ-ކޮލިފައި ކުރުމާއި ރަޖިސްޓަރީ ކުރުމާގުޅޭ އުސޫލުތައް.
(ރ) އާންމުކޮށް ކަންކަން އިއުލާނުކުރުމުގެ އުސޫލުތައް.
(ބ) ބީލަން ދިރާސާކުރާނެ ގޮތުގެ އުސޫލުތައް.
(ޅ) ބީލަން ހޮވާނެ ގޮތުގެ އުސޫލުތައް.
(ކ) ނެގޯށިއޭޓްކުރާނެ ގޮތުގެ އުސޫލުތައް.
(އ) އެއްބަސްވުމެއްގެ ދަށުން ވިޔަފާރި ތަނެއް ބަދަލުކުރެވޭއިރު، އަމަލުކުރަންޖެހޭ އުސޫލުތައް.
(ވ) ވިއްކާލުމުގެ ކުރިން އަދި ވިއްކާލުމަށްފަހު އަމަލުކުރަންޖެހޭ އޮޑިޓްގެ އުސޫލުތައް.
(މ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން އޭގެ ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި ބޭނުންވާ އެހެން ގަވާއިދުތަކާއި އުސޫލުތައް.
63 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ބޯޑުންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނު ތަސްދީގުކުރާތާ 4 (ހަތަރު) މަސްދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް އިއްލާންކުރަންވާނެއެވެ.
64 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
65 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ބޯޑު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށެވެ.
(ށ) "ބޭންކް" ކަމަށް ބުނެފައިއެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ހިންގާ ބޭންކަކަށެވެ. ނުވަތަ މާލީ އިދާރާއަކަށެވެ.
(ނ) "ރައީސް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެދަށުން އުފައްދާ ބޯޑުގެ ރައީސަށެވެ.
(ރ) "ކޯޕަރަޓައިޒްކުރުން" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ ވަކި އޮފީހެއް ނުވަތަ ވަކި މުއައްސަސާއެއް ނުވަތަ އިދާރާއެއް ކުންފުންޏަކަށް ބަދަލުކޮށް، އެ މުއައްސަސާއެއްގެ މިލްކުގައިވާ މުދާ ވިޔަފާރި އުސޫލުން ހިންގޭނެގޮތަށް އަލުން ތަރުތީބުކޮށް، ސަރުކާރުގެ އޮފީހެއްގެ ގޮތުގައި ހިނގަމުންއައި ތަނެއް ވިޔަފާރީގެ އުސޫލުން ހިންގުމަށްޓަކައި ގެނެވޭ ބަދަލަށެވެ.
(ބ) "ކޮންސަލްޓަންޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހިންގާ ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމާގުޅިގެން ކުރަންޖެހޭ ވަކި ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި ބޯޑުގެ ފަރާތުން އައްޔަންކުރާ ކޮންސަލްޓަންޓަކަށެވެ. އަދި އޭގެތެރޭގައި، ބޭންކުތަކާއި، އެކައުންޓަންޓުންނާއި، ގާނޫނީ ވަކީލުންނާއި ވިޔަފާރި އަގުކުރާ ވެލިއުއަރޒް ހިމެނެއެވެ.
(ޅ) "ކެޕިޓަލް އިންވެސްޓްމަންޓް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ކުންފުންޏެއްގެ ވިޔަފާރި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ނުވަތަ ވިޔަފާރީގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ކުންފުންޏަކަށް ހޯދައި ނުވަތަ ބިނާކުރާ ކުންފުނީގެ ހަރު މުދަލަށެވެ. ނުވަތަ ކެޕިޓަލް އެސެޓް ހޯދުމަށް ކުރާ ހަރަދަށެވެ.
(ކ) "ޑައިވެސްޓިޗަރ ސީކުއެންސް ޕްލޭން" ކަމަށް ބުނެފައިއެވަނީ، ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ދައުލަތުގެ ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ޕްރައިވަޓައިޒްކުރަންޖެހޭ ތަންތަން ވަކި ތަރުތީބަކުން ލިސްޓުކުރެވި، އެ ތަންތަން ޕްރައިވަޓައިޒްކުރެވެމުންދާ ތަރުތީބު އަންގައިދޭގޮތަށް ތައްޔާރުކުރާ ލިސްޓަށެވެ.
(އ) "ގާއިމުކުރެވިފައިވާ ފަންޑު" ކަމަށް ބުނެފައިއެވަނީ، ޕެންށަން ފަންޑަކަށް، ނުވަތަ ސޯށަލް ސެކިއުރިޓީ ފަންޑަކަށް، ނުވަތަ ކޮމްޕެންޒޭށަން ފަންޑަކަށް، ނުވަތަ އުމުރު ހަމަވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ހިދުމަތުން ވަކިކުރާ މީހުންގެ ފަންޑަށެވެ.
(ވ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ބޯޑުގެ ސެކްރެޓޭރިއަޓްގެ އެންމެ އިސް އޮފިސަރަށެވެ.
(މ) "މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސްދޭ އިންސްޓިޓިއުށަންތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި މާލީ އިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.
(ފ) "އާއިލީ މެންބަރަކު" ކަމަށް ބުނެފައިއެވަނީ، މީހަކާ ގުޅިގެންކަމުގައިވާނަމަ އެމީހެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިފުޅު، ނުވަތަ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ ބޭބެ، ނުވަތަ އެއްބަނޑުއެއްބަފާ ދައްތަ، ނުވަތަ އެއްބަނޑުއެއްބަފާ ކޮއްކޮ، ނުވަތަ އޭނާގެ ކާފަ ދަރިން، ނުވަތަ މާމަދަރިން ނުވަތަ އޭނާގެ މާމަ، ނުވަތަ ކާފައަށެވެ.
(ދ) "އިންވެސްޓަރ" ކަމަށް ބުނެފައިއެވަނީ، ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި، ގާއިމުކުރެވިފައިވާ ފަންޑުތަކާއި، މިއުޗުއަލް ފަންޑުތަކާއި، މާލީ އިދާރާތަކާއި، ދިވެހި ނުވަތަ ބިދޭސީ އެހެންވެސް ކުންފުނިތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ކޯޕަރަޓައިޒްކުރެވޭ ނުވަތަ ޕްރައިވަޓައިޒްކުރެވޭ ވިޔަފާރި ކުންފުންޏެއްގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތެވެ. އެހެންނަމަވެސް، މި މާނަކުރުމުގައި ހިމެނޭ އެއްވެސް ތަނެއްގެ މާނައިގައި ސަރުކާރެއް، ނުވަތަ ކައުންސިލެއް، ނުވަތަ ދައުލަތުގެ ވިޔަފާރިތަނެއް ނުހިމެނެއެވެ.
(ތ) "މާކެޓު ވެލިއު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވިޔަފާރި ތަނެއް ވިއްކާލުމަށް އެއްބަސްވެވޭ ވަގުތު، އެތަނެއް ވިއްކާލެވިދާނެކަމަށް މާކެޓުގައި ބެލެވޭ އަގަށެވެ.
(ލ) "މިއުޗުއަލް ފަންޑު" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްކުރާ ގިނަ ފަރާތްތަކެއް ގުޅިގެން އެހެން ކުންފުންޏެއްގެ ނުވަތަ ކުންފުނިތަކެއްގެ ހިއްސާ، ބޮންޑް، ނުވަތަ އެފަދަ އެހެންވެސް އެސެޓްތަކުގައި އިންވެސްޓްކުރުމަށްޓަކައި އުފައްދާފައިވާ ފަންޑަކަށް ނުވަތަ އިންވެސްޓްމަންޓް ކުންފުންޏަކަށެވެ.
(ގ) "ޕްރައިވަޓައިޒްކުރުން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވިޔަފާރި ތަނެއްގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން މިލްކުކުރާ ހިއްސާ ނުވަތަ މަސްލަހަތު، އެކުގައި ނުވަތަ އޭގެން ބައެއް، އަމިއްލަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ބަދަލުކުރުމަށެވެ. ނުވަތަ ވިއްކުމަށެވެ.
(ޏ) "މުދާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދާ އަދި ނުއުފުލޭ މުދާ ހިމެނޭގޮތުންނެވެ. އަދި މުދަލުގެ މާނައިގައި، މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މުދަލަކުން މީހަކަށް ލިބިދޭ މަސްލަހަތުތަކާއި ފައިސާއާއި އެ މުދަލަށް މީހުން ކުރާ އިތުބާރު އަގުކުރެވޭ މިންވަރު ހިމެނެއެވެ.
(ސ) "ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައިއެވަނީ، ކުންފުންޏެއް ކަމަށްވީނަމަވެސް، ބޯޑެއް ކަމަށްވީނަމަވެސް، ކޮމިށަނެއް ކަމަށްވީނަމަވެސް، ޖަމާއަތެއް ކަމަށްވީނަމަވެސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަސްލަހަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެތެރޭގައި، ޕާޓްނަރށިޕްތަކާއި ޖޮއިންޓް ވެންޗަރތަކާއި އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށްވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށް ޓަކައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 137/2021)
- ބީލަމަށް ހުޅުވައިލުމާއި، ދިރާސާކުރުމާއި، ޕްރީ ކޮލިފައި ކުރުމާއި، ރަޖިސްޓަރީ ކުރުމާއި، ނެގޯޝިއޭޓް ކުރުމާއި ، ބީލަން ހޮވާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 136/2021)
- އާންމުކޮށް ކަންކަން އިއުލާނު ކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2021-134)
- ވިއްކައި ލުމުގެ ކުރިންނާއި ވިއްކައި ލުމަށްފަހު އަމަލުކުރަންޖެހޭ އޮޑިޓުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-133)
ކިޔުންތެރިންގެ ހިޔާލު