-

ވިއްކައިލުމުގެ ކުރިންނާއި ވިއްކައިލުމަށްފަހު އަމަލުކުރަންޖެހޭ އޮޑިޓުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު  (2021-133)

(ގަވާއިދު ނަންބަރު 2021-133)

ވިއްކައިލުމުގެ ކުރިންނާއި ވިއްކައިލުމަށްފަހު އަމަލުކުރަންޖެހޭ އޮޑިޓުގެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-133)

1 ވަނަ މާއްދާ - ތަޢާރުފު

(ހ) މިއީ، ދައުލަތުގެ ވިޔަފާރި ކުންފުންޏެއް ވިއްކައިލުމުގެ ކުރިންނާއި ވިއްކައިލުމަށްފަހު ޢަމަލުކުރަންޖެހޭ އޮޑިޓްގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2013-03 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ވ) ގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ދައުލަތުގެ ވިޔަފާރި ކުންފުންޏެއް ވިއްކައިލުމުގެ ކުރިންނާއި ވިއްކައިލުމަށްފަހު ޢަމަލުކުރަންޖެހޭ އޮޑިޓުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އިޢުލާނުކޮށްގެން ދައުލަތުގެ ވިޔަފާރި ކުންފުންޏެއް ވިއްކައިލާއިރު ފުރިހަމަވާންޖެހޭ އޮޑިޓުގެ އުސޫލުތައް ބަޔާންކުރުމާއި، ވިއްކައިލުމަށްފަހު ޢަމަލުކުރަންޖެހޭ އޮޑިޓު ގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ވިއްކައިލެވޭ ކުންފުނި އޮޑިޓް ކުރުން

ކުންފުންޏެއް ވިއްކައިލުމުގެ ކުރިން، ވިއްކައިލެވޭ ތާރީހުގެ ކުރިން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކުންފުނީގެ އިންޓަރނަލް އޮޑިޓަކާއި އެކްސްޓަރނަލް އޮޑިޓެއް ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - އޮޑިޓަރ

ކުންފުނީގެ މާލީ ހިސާބުތައް އޯޑިޓް ކުރަންވާނީ، އޮޑިޓަރ ޖެނެރަލް ނުވަތަ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއް މެދުވެރިކޮށެވެ.

 

5 ވަނަ މާއްދާ - އޮޑިޓަރުގެ ބަޔާނާއި އޮޑިޓް ރިޕޯޓު

ކުންފުންޏެއް ވިއްކައިލާއިރު، އޮޑިޓްކުރާ އޮޑިޓަރުގެ ބަޔާނުގައި، އަންނަނިވި ކަންކަން ހިމަނައިގެން އޮޑިޓް ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(ހ) އޮޑިޓް ކުރާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު.

(ށ) އޮޑިޓް ކުރެވޭ ދާއިރާ ނުވަތަ ސްކޯޕް.

(ނ) އިންޓަރނަލް އޮޑިޓް ކުރިޔަށް ގެންގޮސްފައިވާ ގޮތުގެ ހުލާސާއެއް.

(ރ) ފާހަގަކުރެވުނު ކަންކަން ނުވަތަ މައްސަލަތައް.

(ބ) ފާހަގަކުރެވުނު މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ރިކޮމެންޑޭށަންތައް.

(ޅ) އޮޑިޓަރުގެ ނަޒަރުގައި ކުންފުނީގެ މާލީ ހާލަތަށް ކޮށްފައިވާ އަސަރާއި،އަސަރުކޮށްފައިވާ ކަންކަން.

(ކ) އޮޑިޓަރުގެ ނަޒަރުގައި، ރާއްޖޭގެ އެއްވެސް ގާނޫނަކާ ހިލާފުވެފައިވާނަމަ ނުވަތަ މަކަރާއި ހީލަތުގެ ޢަމަލެއް ނުވަތަ ހިޔާނާތުގެ ޢަމަލެއްކަމަށް ބެލެވޭ ކަންތައްތައް.

(އ) ކުންފުނި އޮޑިޓްކުރުމުގައި، ކުންފުނީގެ އެންމެހައި ޓްރާންސެކްށަންތައް ވެސް އޮޑިޓްކުރަންވާނެއެވެ. އެގޮތުން، އެ ޓްރާންސެކްށަން ހިނގައިފައިވަނީ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެ ޓްރާންސެކްށަންތައް ކުރުމަށް އޮތް ވަގުތުގައިކަން ނުވަތަ ނޫންކަން ވެސް ބަޔާންކުރަންވާނެއެވެ.

(ވ) އޮޑިޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އޮޑިޓަރުންނަށް ބޭނުންވާ އެންމެހައި މަޢުލޫމާތާއި ތަފުސީލު އޮޑިޓަރުންނަށް ފުރިހަމައަށް ލިބުނުކަން ނުވަތަ ނޫންކަން.

(މ) ކުންފުނީގެ އަހަރީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ، އެ ކުންފުންޏެއްގެ ކަންތައްތައް ހަގީގަތާ އެއްގޮތަށް ދައްކައިދޭ ގޮތަށް ކަން ނުވަތަ ނޫންކަމާއި، އެ ހިސާބުތައް ތައްޔާރުކޮށްފައިވަނީ، ކުންފުނީގެ ލިޔުންތަކުގައި އެކުލެވޭ އެންމެހައި ހިސާބުތަކުގައިވާ ގޮތުގެ މަތީން އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅަށް ބަޔާންކޮށްފައިވާކަން ނުވަތަ ނޫންކަން.

(ފ) އޮޑިޓް ރިޕޯޓު ތައްޔާރުކޮށް ނިންމާ ދުވަހު، އޮޑިޓް ރިޕޯޓުގައި ސޮއިކުރަންވާނެއެވެ. އަދި ސޮއިކުރި ތާރީހާއި ތަނާއި ވަގުތު އެ ރިޕޯޓުގައި ހިމަނައިފައި އޮންނަންވާނެއެވެ.

 

6 ވަނަ މާއްދާ - ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓްކުރުން

(ހ) މާލީ ހިސާބުތައް އޮޑިޓް ކުރުމުގައި، އޮޑިޓްކުރި އެންމެހައި ލިޔެކިޔުމެއް، މާލީ ހިސާބު އޮޑިޓްކުރުމުގައި ބެލުނު ހެކިތައް ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.

(ށ) މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި ކުންފުނިން ގެންގުޅެފައިވާ އެކައުންޓިން ގމިންގަނޑުތަކަށް ބަލަންވާނެއެވެ.

(ނ) ކުންފުންޏަށް ދުވަހުން ދުވަހަށް ލިބޭ އާމްދަނީއާއި ހަރަދުކުރާ ފައިސާގެ ތަފުސީލު.

(ރ) ކުންފުނީގެ މުދަލާއި، ދަރަންޏާއި އެހެނިހެން ޒިންމާތަކާ ބެހޭ ތަފުސީލު.

(ބ) ކުންފުނީގެ އަހަރީ މާލީ ހިސާބުތަކުގެ މައްޗަށް ބަލައި، ކުންފުނީގެ ވިޔަފާރިއާއި އެހެނިހެން ކަންތައްތައް ހިނގައިފައިވާ ގޮތް.

(ޅ) ކުންފުންޏަށް ފައިދާއެއް ވެފައިވާނަމަ، އެ ފައިދާއެއްގެ މިންވަރާއި، އެ ވީ ފައިދާއެއްގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށާއި، ރިޒާވެއްގެ ގޮތުގައި ބަހައްޓައިފައިވާ މިންވަރު.

(ކ) ކުންފުނީގެ ބެލެންސް ށީޓާއި ފައިދާއާއި ގެއްލުމުގެ ބަޔާނާއި، ސްޓޭޓްމަންޓް އޮފް ކޭށް ފްލޯއާއި އިކުއިޓީ ސްޓޭޓްމަންޓުގައި ކުންފުނީގެ ސީ.އީ.އޯ. ނުވަތަ ކުންފުނީގެ ޒިންމާ އުފުލުމަށް އެ ވަގުތު ހަވާލުވެހުރި ފަރާތާއި ކުންފުނީގެއޮޑިޓް ކޮމިޓީގެ ޗެއަރ ސޮއިކޮށްފައިވާކަން ނުވަތަ ނޫންކަން.ކުންފުންޏެއް ވިއްކައިލުމަށްފަހު ޢަމަލުކުރާނެ

 

7 ވަނަ މާއްދާ - އޮޑިޓުގެ އުސޫލު

ކުންފުންޏެއް ގަތުމަށްފަހުގައި ވެސް، އާންމު އުސޫލުން، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަދި އެ ކުންފުނީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ކުންފުނި އޮޑިޓް ކުރަމުން ގެންދަންވާނެއެވެ.

(ހ) ކުންފުންޏެއް ގަތުމަށްފަހު، ގަތް ކުންފުނީގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ފާހަގަކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެއެވެ. އަދި، ވަކި ފިޔަވަޅުތަކެއް އެޅުމަށް ނުވަތަ އިސްލާހުކުރަން ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރަންވާނެއެވެ.

(ށ) ކުންފުނި އޮޑިޓް ކުރުމުގައި ބަލާނީ، އެ ކުންފުނި ފެށިއިރުގެ މާލީ ހިސާބުތަކަށްނަމަވެސް، ކުންފުނި ގަތްއިރު ހަދައިފައިވާ އޮޑިޓް ރިޕޯޓުގައި އޮޑިޓަރުގެ ރެކޮމެންޑޭށަންސް ފުރިހަމަކޮށްފައި ނުވާނަމަ، އެ ކަންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ. 

 

9 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކު ރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު