-

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށް ޓަކައި  ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-137)

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިއްސާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މަގުސަދު މި ގަވާއިދުގެ މަގުސަދަކީ، ދައުލަތުގެ ވިޔަފާރި ތަނެއް ޕްރައިވަޓައިޒް ކުރުމުގެ ގޮތުން ބޯޑުން ކުރާ އިއުލާނަކާ ގުޅިގެން އެ ތަނެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކައިލުމުގައި، އާންމު މަސްލަހަތަށް ބަލައިގެން ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް ހިއްސާ ވިއްކުމާއި، ހިއްސާ ގަންނަން އެދޭ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި، ހިއްސާ ވިއްކުމުގައި އެންމެ އެކަށީގެންވާ ފަރާތަށް ފުރުސަތު ލިބިދިނުމާއި، ހިއްސާ ވިއްކުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ.

 

3 ވަނަ މާއްދާ - ހިއްސާ ވިއްކޭނޭ ގޮތް  

މި ގަވާއިދުގެ ދަށުން، ދައުލަތުގެ ވިޔަފާރި ތަނެއްގައި ހިމެނޭ ހިއްސާ ވިއެކޭނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) އާންމުކޮށް ހިއްސާ ވިއްކުން.

(ށ) ވާދަވެރި ބީލަމެއްގެ ތެރެއިން ހިއްސާ ވިއްކުން

(ނ) ވަކި ފަރާތަކާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުމެއް ދަށުން، ސަރުކާރުގެ ހިއްސާ އެކުގައި ނުވަތަ އެއިން ބައެއް އެ ފަރާތަކަށް ވިއްކުން.

(ރ) ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ ހިއްސާ ހުރި މިންވަރަށްވުރެ އިތުރަށް ހިއްސާ އުފައްދައި، އެ ގޮތުން އުފެއްދި ހިއްސާ އެކުގައި ނުވަތަ އެއިން ބައެއް ވިއްކުން.

(ބ) އެ ކުންފުންޏެއް ހިންގަންތިބި މީހުންނަށް ނުވަތަ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އުފެއްދޭ އެމްޕްލޯއީ ބެނެފިޓްސް ސްކީމެއް ނުވަތަ އެފަދަ އެނޫންވެސް އިންތިޒާމެއްގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނަށް ހިއްސާ ވިއްކުން.

(ޅ) ބޯޑުން ނިންމާ ނިންމުމެއްގެ ދަށުން އަދި ރައީސުލްޖުމްހޫރިއްޔާ ހުއްދަކުރާ، މި ގަވާއިދުގައި ބަޔާންކޮށްފައި ނުވާ އުސޫލެއްގެ ދަށުން ހިއްސާ ވިއްކުން.

 

4 ވަނަ މާއްދާ - ހިއްސާ ވިއްކޭނެ ފަރާތްތައް

އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތީން، ހިއްސާ ގަންނަން އެދޭ ކޮންމެ ފަރާތަކަށް ވެސް ހިއްސާ ވިއްކިދާނެއެވެ.

 

5 ވަނަ މާއްދާ - ވާދަވެރި ބީލަމެއްގެ ތެރެއިން ހިއްސާ ވިއްކުން

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ވިޔަފާރި ތަނެއްގެ ހިއްސާ ވިއްކައިލުމުގެ ކަންކަން ބޯޑުން ކުރިޔަށް ގެންދެވޭ ހާލަތުގައި، އެފަދަ ބީލަމެއްގެ ކަންކަން ކުރިޔަށް ގެންދަންވާނީ، ގަވާއިދު ނަންބަރު 136/2021 (ބީލަމަށް ހުޅުވާލުމާއި، ދިރާސާކުރުމާއި، ޕްރީ ކޮލިފައިކުރުމާއި، ރަޖިސްޓަރީ ކުރުމާއި، ނެގޯށިއޭޓް ކުރުމާއި ބީލަން ހޮވާނެ ގޮތުގެ އުސޫލުތައްބަޔާންކުރާ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގުމުގެ ބާރު ލިބިގެންވަނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށެވެ.

 

7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރެވޭ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 3/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު