މަސްތުވާ ތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2015-37)
ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
6. އިންޑިކޭޓިވް އެސެސްމަންޓް
"އިންޑިކޭޓިވް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓަށާއި، އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ މީހާ މސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ ފަރުވާދޭ މަރުކަޒުން ހަދާ އެސެސްމަންޓަށާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ކޯޓެއްގެ ހުކުމަކުން ސާބިތުވެފައިވާ މީހަކު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމަށާއި، އެމީހަކަށް ދޭންޖެހޭ ފަރުވާ ކަނޑައެޅުމުގެ ގޮތުން ނޭށަނަލް ޑްރަގް އެޖެންސީން ނުވަތަ ފަރުވާދޭ މަރުކަޒުން ހަދާ އެސެސްމަންޓަށެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
47. އެކި ބާވަތުގެ ހިދުމަތް ލިބޭ މަރުކަޒުތައް ގާއިމުކުރުން.
(ހ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ ހިދުމަތް ލިބޭނެ އިންތިޒާމާއެކު މަރުކަޒުތައް އުފައްދައި، ނޭށަނަލް ޑްރަގް އެޖެންސީން ހިންގަން ފަށަންވާނެއެވެ. އެ އިންތިޒާމުތައް ހަމަޖެއްސުމުގައި ހުރިހާ ހިދުމަތްތަކެއް އެއްކޮށް ލިބޭނެ މަރުކަޒު ނުވަތަ މަރުކަޒުތައް ގާއިމުކުރުމަކަށް އަދި/ނުވަތަ ހިދުމަތްތައް ވަކިން ލިބޭނެ މަރުކަޒު ނުވަތަ މަރުކަޒުތައް ގާއިމުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
- ޑީޓޮކްސިފިކޭށަން؛
- ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން؛
- ކުޑަކުދިންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން؛
- އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން؛
- ހާފްވޭ ހައުސް
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރަންޖެހޭ ހިދުމަތްތައް ހިމެނޭ މަރުކަޒުތަކުގެ އިތުރުން ކޮންމެހެން ބޭނުންވާ އަދަދަށް ގާއިމުކުރަންޖެހޭ ޑީޓޮކްސިފިކޭށަން ހިދުމަތްތައް ހިމެނޭ މަރުކަޒުތަކާއި، ކުޑަކުދިންނަށް އަދި އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ހިދުމަތްތައް ހިމެނޭ މަރުކަޒުތަކާއި، ހާފްވޭ ހައުސްތަކާއި ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އެހެން ބާވަތްތަކުގެ ފަރުވާގެ ހިދުމަތްލިބޭ މަރުކަޒުތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ގާއިމުކުރަންޖެހޭ ހިދުމަތްތައް ހިމެނޭ މަރުކަޒެއް ނުވަތަ މަރުކަޒުތަކެއް ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ އުސޫލުތަކަކާއި ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އެހެން ނަމަވެސް، އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން މަރުކަޒެއް ހިންގަނީނަމަ، އެކަން ކުރަންވާނީ އެކަަމަށް ށައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވޭ އާންމު އިއުލާނެއްގެ ތެރެއިންނެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ށަރުތުތައް އެ އިއުލާން ކުރުމުގެ ކުރިން ކަނޑައަޅާންވާނެއެވެ.
(ރ) ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި ހިންގަން މި މާއްދާގެ (ހ) އިން ލާޒިމުކުރާ ހިދުމަތްތައް ހިމެނޭ މަރުކަޒުތައް އުފެއްދުމުގެ އިތުރަށް، އެފަދަ ހިދުމަތްތައް ހިމެނޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ށައުގުވެރިވާ އަމިއްލަ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ މަރުކަޒުތައް ދިވެހިރާއްޖޭގައި ހަދައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.
3 ވަނަ މާއްދާ - ބުނެވިިދޔަ ގާނޫނުގެ 47 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
48. ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު
(ހ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް އުފައްދައި، ނޭށަނަލް ޑްރަގް އެޖެންސީން ހިންގަން ފަށަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ކޮންމެހެން ބޭނުންވާ އަދަދަށް ގާއިމުކުރަންޖެހޭ އިތުރު ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ނޭށަނަލް ޑްރަގް އެޖެންސީން އުފައްދައި ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން އުފައްދައި ހިންގާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތައް ހިންގާނީ ދިވެހި ސަރުކާރުންނެވެ. އެފަދަ ސެންޓަރެއް ހިންގުމުގެ ހުއްދަ އެހެން އެއްވެސް ފަރާތަކަށް ދިނުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
48. ފަރުވާދޭ މަރުކަޒުތަކުގެ ތަފްސީލް
(ހ) މި ގަަނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޑީޓޮކްސިފިކޭށަން ހިދުމަތަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އޭނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފާފައިވާ މިންވަރު މާއްދީގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތްކުރުމަށް ސިއްހީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިންގުމަށް ހާއްސަކުރެވޭ ހިދުމަތްތަކެވެ.
(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޭށަން ހިދުމަތަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހާ އެތަނެއްގައި ބަންދުގައި ބަހައްޓައިގެން، އެކަމަށް ފަރުވާދީގެން އޭނާ އިސްލާހުކުރުމުގެ ޕްރޮގްރާމްތައް ހިންގައިދީގެން މަސްތުވާތަކެއްޗާ ދުރަށް ދިޔުމަށް މަސައްކަތްކުރާ ވަގުތު ދިމާވާ އުނދަގޫތައް ތަހައްމަލްކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ދެވޭ ހިދުމަތެކެވެ.
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކުޑަކުދިންނަށް ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ހިދުމަތަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށްގެން އެކުދިން ބޮޑެތި މީހުންނާ ވަކިން ބައިތިައްބައިގެން މަސްތުވާތަކެތީގެ ނުރައްކަލުން އެކުދިން ސަލާމަތްކުރުމަށް ފަރުވާދީ، އެކި ޕްރޮގްރާމްތައް ހިންގައިދީގެން، އެކުދިން މަސްތުވާތަކެއްޗާ ދުރަށް ދިޔުމަށް މަސައްކަތްކުރާ ވަގުތު ކުރިމަތިވާ އުނދަގޫތައް ތަހައްމަލްކުރުމުގައި އެހީތެރިވެދިނުމަށް ހާއްސަކުރެވޭ ހިދުމަތެކެވެ.
(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ އަންހެނުންނަށް ހާއްސަ ޑްރަގް ޓްރީީޓްމަންޓް އެންޑް ރީހެބިލިޓޭށަން ހިދުމަތަކީ، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭށަން ސެންޓަރުތަކުގެ ތެރެއިން، އަންހެނުންނަށް ހާއްސަކުރެވޭ ހިދުމަތެކެވެ.
(ބ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާފްވޭ ހައުސްތަކަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަަމައަށް ގެނައުމަށްޓަކައި އާއިލާއެއްގެ ތެރޭގައި ދިރިއުޅެވޭ ގޮތުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެތަނުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ހިދުމަތެކެވެ.
(ޅ) މި ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތާނގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒުތަކެކެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
49. މަރުކަޒުތައް ހިންގުމުގެ ހުއްދަ
މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) އާއި (ނ) އަދި 48 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ މަރުކަޒުތަކަކީ، މި ގާނޫނުގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމތިން، އެ އެޖެންސީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންޖެހޭނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
50. މަރުކަޒުތަކާ ގުޅޭގޮތުން ގަވާއިދު ހެދުން
މި ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސްދިނުމުގެ އުސޫލުތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދެއްގައި ހިމަނަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
51. މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ގަވާއިދު ހެދުން
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދަގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރަމްތަކަކީ، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާާލާފައިވާ، އަދި އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގަމުންދާ ޕްރޮގްރާމްތަކަކަށް ވާންވާނެއެވެ. އަދި މި ގަވާއިދުގައި ކައުންސެލިންގ ދިނުންވެސް ހިމެނުމާއެކު އެ ކައުންސެލިންގއަކީ އިސްލާމީ ތަރުބަވީ ކައުންސެލިންގ އެއްކަމަކަށް ކަނޑައަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ފަރުވާދޭ މަރުކަޒުތަކުގައި ހިދުމަތްދޭ ތަފާތު ގިންތީގެ ނުވަތަ ތަފާތު ފަންނުގެ ނުވަތަ ތަފާތު ފްނތީގެ މުވައޒަފުން މަގާމަށް ށަރުތު ފުރިހަމަވާނެ ގޮތާއި، މަގާމުގައި ހަރަކާތްތެރިވުމުގައި ހިފަހައްޓަންޖެހޭނެ ސުލޫކީ ހަމަތަކާއި، ފަންނީ ހަމަތައް، ނޭށަނަލް ޑްރަގް އެޖެންސީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
8 ވަނަ މާއްދާ - ބުނެވިިދޔަ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
52. ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޒިންމާ
(ހ) މި ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ ދަށުން އުފައްދާ ފަރުވާދޭ ކޮންމެ މަރުކަޒެއްވެސް ހިންގަންވާނީ، އެ މަރުކަޒު ހިންގާ ފަރާތުން ސުޕްރިންޓެންޑެންޓެއް އައްޔަންކޮށް، އެތަނުގެ ފުރިހަމަ ޒިންމާ އެ ސުޕްރިންޓެންޑެންޓް އުފުލަންޖެހޭނެ ގޮތަށެވެ.
(ނ) މި ގާނޫނުގެ 47 ވަނަ މާއްދާއާއި 48 ވަނަ މާއްދާގެ ދަސުން އުފައްދާ ފަރުވާދޭ މަރުކަޒުތައް ހިންގަމުންގެންދާ ގޮތް ނޭށަނަލް ޑްރަގް އެޖެންސީން ބަލަންވާނެއެވެ. އަދި މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު ކަމާގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
81. (ބ) މި މާއްދާގެ (ހ) ގައިވާ ފަރާތްތަކުން ކުރެ ފަރާތަކުން ކުރެ ފަރުވާ ޕްރޮގްރާމް ހުއްޓަލުމަށް ކޯޓުގައި އެދުމުން، އެފަރާތުގެ މައްޗަށް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭށަން އަމުރު ނިމުމަކަށް ގެންނަންދެން ނުވަތަ ރީހެބިލިޓޭށަން އަމުރާމެދު ގޮތެއް ނިންމަންދެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެލުމުގެ ދަށުގައި ނުވަތަ ކޯޓުން ކަނޑައަޅާ އެނޫންވެސް ތަނެއްގައި ފަރުވާ ހޯދަމުންދާ މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ގޮޔުގައި އަކުރެއް އިތުރުކުރުން.
98. ހައްޔަރުކުރުމުގެ އަމުރު
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު ފަރުވާ ހޯދަމުންދަނީ ފަރުވާދޭ މަރުކަޒެއްގައި ހުރެގެން ކަމުގައިނުވާ ހާލަތެއްގައި، އެ އަމުރާ އޭނާ ހިލާފުވެއްޖެކަމަށް މުރާޖައާ ކޮމިޓީން ކަނޑައަޅާއިފިނަމަ، އެ މައްސަލަ ޑްރަގް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑްރަގް ކޯޓަށް މައްސަލައެއް ހުށަހެޅޭ ހިނދު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހަކު ރީހެބިލިޓޭށަން އަމުރާ ހިލާފުވެއްޖެކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އޭނާ ޑްރަގް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޑްރަގް ކޯޓުން އަމުރުކުރެވިދާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 99 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
100. ސަރުކާރުގެ ހަރަދުގައި ދިވެހިރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުން
(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭށަން އަމުރެއް ކޮށްފައިވާ މީހަކު، ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެ ފަރުވާ ލިބިގަތުމަށް ބޭނުންވޭތޯ ބަލައި، އެގޮތުގެމަތިން ފަރުވާ ލިބިގަތުމަށް އެމީހަކު އިއުތިރާޒްނުކުރާނަމަ، ސަރުކާރުގެ ހަރަދުގައި އެމީހަކު ފަރުވާއަށް ފޮނުވުމުގެ ހުއްދައަކަށް އެދި ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ޑްރަގް ކޯޓަށް ލިބިއްޖެނަމަ، އެކަމުގެ ހުއްދަ އެ ކޯޓުން ދޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ. ނުވަތަ އެ ށަރުތުތައް ފުރިހަމަވުމާއެކު އެ ކޯޓުން ކަނޑައަޅާ އިތުރު ށަރުތުތަކާ އެކުގައެވެ.
- ފަރުވާއަށް ފޮނުވުމަށް އެދޭ މަރުކަޒަކީ މި ގާނޫނުގެ 100 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުއްދަކޮށްފައިވާ މަރުކަޒަކަށްވުން؛
- އެ މަރުކަޒުން އޭނާއަށް ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމަކީ ނޭށަނަލް ޑްރަގް އެޖެންސީން ގަބޫލުކުރާ ޕްރޮގްރާމަކަށްވުން؛
- އެ މަރުކަޒަކީ، ނޭށަނަލް ޑްރަގް އެެޖެންސީއަށް އެއްބާރުލުންދީ، މައުލޫމާތު ހިއްސާކޮށް، އެ އެޖެންސީގެ ހުށަހެޅުމަކަށް އެ މަރުކަޒުން ފަރުވާ ހޯދާ ފަރާތްތަކާ ގުޅޭގޮތުން އެ އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަންކަން ރިޕޯޓުކުރުން ލާޒިމުވާ އެއްބަސްވުމެއް އެ އެޖެންސީއާއެކު އޮތް މަރުކަޒަކަށްވުން؛
- އެ މަރުކަޒުގެ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެ މަރުކަޒުގައި ހުރުމުގެ މުއްދަތުގައި ހިނގާނެ ހަރަދުތައް ހަމަޖައްސާނެ ކަމުގެ ލިޔުމެއް ނޭށަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ހުށަހަޅާފައިވުން؛
- ފަރުވާ ހޯދާ މީހާއަކީ ޖިނާއީ ކުށެއްގެ ދައުވާ އެހެން ކޯޓެއްގައި އޭނާ މައްޗަށް އުފުލިފައިވާ މީހެއްކަމުގައި ނުވުން؛
- އޭނާއަކީ ޑްރަގް ކޯޓުން ތަންފީޒުކުރުން ހިފަހައްޓާފައިވާ ހުކުމެއް ފިޔަވައި، ތަންފީޒުކޮށް ނިމިފައިނުވާ ޖިނާއީ ކުށެއްގެ ހުކުމެއް އޮތް މީހަކު ކަމުގައި ނުވުން.
(ނ) މި މާއްދާގެ ދަށުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވާ މީހުންނާ ގުޅިގެން މި ގާނޫނުގެ 100 ވަނަ މާއްދާގެ (ރ) އާއި، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.
(ރ) މި މައްދާގެ ދަށްުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު މީހަކަށް ދެވޭނީ 1 (އެކެއް) ފަހަރެވެ.
(ބ) މި މާއްދާގެ ދަށުން ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފޮނުވާ މީހުން ދިވެހިރާއްޖެއިން ބޭރުގައި ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ތާރީހުން ފެށިގެން މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނޭށަނަލް ޑްރަގް އެޖެންސީން މޮނިޓަރކުރަންވާނެއެވެ. އަދި މިގޮތުން މޮނިޓަރކުރެވޭ މުއްދަތުގެ ތެރޭގައި ވަކި ބާވަތެއްގެ ކްލާސްތަކަށް ނުވަތަ ބައްދަލުވުންތަކަށް ހާޒިރުވުމަށާއި، ނޭށަނަލް ޑްރަގް އެޖެންށީން ކަނޑައަޅާ މުއްދަތުތަކެއްގައު އެމީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމަށް އެ އެޖެންސީއަށް ހާޒިރުވުމަށާއި، ކައުންސެލިންގ ސެށަންތަކަށް ހާޒިރުވުމަށް ނޭށަނަލް ޑްރަގް އެޖެންސީއަށް އެމީހަަކަށް އެންގިދާނެއެވެ.
12 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
14 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011-17)
ކޮންސޮލިޑޭޓް ގާނޫނު
މަސްތުވާތަކެއްޗާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2011-17)
ކިޔުންތެރިންގެ ހިޔާލު