ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2015-02)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ޖިނާއީ ތަހްގީގުތަކާ ގުޅޭގޮތުންނާއި ޖިނާއީ ށަރީއަތްތަކާ ގުޅޭގޮތުން ބޭރު ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) ބޭރު ގައުމުތަކުގައި ހިންގާ ޖިނާއީ ށަރީއަތްތަކަށް ނުވަތަ ތަހްގީގުތަކަށް ބޭނުންވާ ދިވެހިރާއްޖޭގައިވާ ހެއްކާއި އެނޫންވެސް އެއްޗެހި ހޯދައި އެ ގައުމުތަކަށް ގެންދިޔުމުގައި، ނުވަތަ ބޭރު ގައުމުތަކުގައި ހިނގާ ށަރީއަތްތަކުގައި ހެކި ދިނުމަށްޓަކައި ނުވަތަ ތަހްގީގުތަކުގައި އެހީތެރިވުމަށްޓަކައި ދިވެހިރާއްޖޭގައިވާ މީހުން އެ ގައުމުތަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކާގުޅޭ އިންތިޒާމުތައް ހަމަޖެއްސުމާގުޅޭ އުސޫލުތަކާއި، އެފަދަ އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛
(ށ) ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ށަރީއަތްތަކަށް ނުވަތަ ތަހްގީގުތަކަށް ބޭނުންވާ ބޭރު ގައުމުތަކުގައިވާ ހެއްކާއި އެނޫންވެސް އެއްޗެހި ހޯދައި ދިވެހިރާއްޖެއަށް ގެނައުމުގައި، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ ށަރީއަތްތަކުގައި ހެކި ދިނުމަށްޓަކައި ނުވަތަ ތަހްގީގުތަކުގައި އެހީތެރިވުމަށްޓަކައި ބޭރު ގައުމުތަކުގައިވާ މީހުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭނުންވާ އެހީ ހޯދުމަށްޓަކައި ދިވެހިރާއްޖެއިން އެ ގައުމުތަކުގައި އެދުމާއި، އެފަދަ އެހީ ހޯދުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - އެހީ ބަދަލުކުރެވޭނެ ދާއިރާ
(ހ) މި ގާނޫނުގެ ދަށުން ފޯރުކޮށްދެވޭ ނުވަތަ ހޯދޭ އެހީގެ ތެރޭގައި، އަންނަނިވި ހާލަތްތަކުގައި، ޖިނާއީ މައްސަލައެއްގެ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް ބޭނުންވާ އެއްޗެހި ފޯރުކޮށްދިނުން ނުވަތަ ހޯދުން ހިމެނެއެވެ.
- މީހެއްގެ ބަޔާން ނެގުމުގައި ނުވަތަ ހެކިބަސް ހޯދުމުގައި؛
- ށަރީއަތެއްގައި ހެކިބަސް ދިނުމަށްޓަކައި ނުވަތަ ތަހްގީގެއްގައި އެހީތެރިވުމަށްޓަކައި، ދިވެހިރާއްޖޭގައިވާ މީހަކު ބޭރު ގައުމަކަށް ފޮނުވުމުގައި ނުވަތަ ބޭރު ގައުމެއްގައިވާ މީހަކު ދިވެހިރާއްޖެއަށް ގެނައުމުގައި؛
- ށަރުއީ ލިޔުން ހޯދައި، ރައްދުކުރުމުގައި؛
- ހެކި ހޯދުމަށް ތަންތަން ބަލައި ފާސްކުރުމުގައި؛
- މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާއި މުދާ ހިފެހެއްޓުމުގައި؛
- އެއްޗެއްސާއި ތަންތަން ބަލައި ފާސްކުރުމުގައި؛
- މައުލޫމާތާއި ހެކީގެ ގޮތުގައި ހޯދޭ އެއްޗެހި ފޯރުކޮށްދިނުމުގައި؛
- ބޭންކު ރެކޯޑާއި، މާލީ ރެކޯޑާއި، ވިޔަފާރީގެ ރެކޯޑުތައް ފަދަ ކަމާގުޅޭ ލިޔެކިޔުމާއި ރެކޯޑުގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ރަސްމީ ކޮޕީ ހޯދުމުގައި؛
- ހެކީގެ ގޮތުގައި ބޭނުންކުރުމަށް، ކުށް ކޮށްގެން ހޯދާ މުދާ ހޯދުމުގައި.
(ށ) މި ގާނޫނުގެ ދަށުން ހޯދާ ނުވަތަ ފޯރުކޮށްދޭ ބާވަތުގެ އެހީއެއް ފޯރުކޮށްދިނުން ނުވަތަ އެފަދަ އެހީއެއް ހޯދުން ފިޔަވައި، ޖިނާއީ މައްސަލަތަކުގައި އިތުރު ބާވަތްތަކުގެ ބައިނަލްއަގްވާމީ އެހީ، އެހެން ގާނޫނުތަކުގެ ދަށުން، ނުވަތަ ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި ބައިނަލްއަގްވާމީ އެއްބަސްވުންތަކުގެ ދަށުން ހޯދުމާއި ފޯރުކޮށްދިނުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
4 ވަނަ މާއްދާ - ހުރިހާ ގައުމުތަކަށް ގާނޫނު ހިނގުން
މި ގާނޫނު، ހުރިހާ ބޭރު ގައުމެއްގެ މައްޗަށްވެސް ހިނގާނެއެވެ.
ދެވަނަ ބާބު
އެހީއަށް އެދުމާބެހޭ އާންމު މާއްދާތައް
5 ވަނަ މާއްދާ - ދިވެހިރާއްޖެއިން އެހީއަށް އެދުން
މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ބައިނަލްއަގްވާމީ އެހީއަށް އެދޭނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ.
6 ވަނަ މާއްދާ - ބޭރު ގައުމުތަކުން އެހީއަށް އެދުން
(ހ) މި ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތަކުގައި އެހީ ފޯރުކޮށްދިނުން އެދި ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ، ޕްރޮސިކިއުޓަރ ޖެނެރަލަށެވެ. ނުވަތަ
މި ގާނޫނުގެ ދަށުން އެފަދަ ހުށަހެޅުންތައް ގަބޫލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތަކަށެވެ.
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކަށް ހުށަހެޅޭ ހުށަހެޅުމެއް ބަލާނީ ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅޭ ހުށަހެޅުމެއް ކަމުގައެވެ.
(ނ) މި ގާނޫނުގެ ދަށުން އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުން ހުންނަންވާނީ ލިޔުމުންނެވެ. އޭގެ އިތުރުން އެ ލިޔެކިޔުން ހުންނަންވާނީ އިނގިރޭސި ބަހުންނެވެ.
އެ ލިޔުމެއްގެ އަސްލު އޮތީ އިނގިރޭސި ބަހުން ކަމުގައި ނުވާނަމަ، އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެ ގައުމެއްގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ހުށަހެޅުން ހުށަހަޅާ އިދާރާގެ ނަން؛
- އެދޭ އެހީގެ ބާވަތާއި ދާއިރާ، އަދި ވަކި އިޖުރާއަތުތަކެއް ފުރިހަމަކުރަން އެ ގައުމުން އެދޭނަމަ، އެކަން؛
- އެހީ ބޭނުންވާ ގާނޫނު ތަންފީޒުކުރާ ނުވަތަ ށަރުއީ އިދާރާގެ ނަމާއި، އެ އިދާރާއިން ކުރާ މައިގަނޑު މަސައްކަތް؛
- ހުށަހެޅުން ނިސްބަތްވާ ޖިނާއީ ތަހްގީގު ނުވަތަ ދައުވާ ނުވަތަ ށަރީއަތުގެ ބާވަތާއި، މައްސަލައިގެ ހުލާސާއަކާއި ކަމާގުޅޭ ގާނޫނުތަކުގެ މައުލޫމާތު އެކުލެވޭ ބަޔާނެއް؛
- މީހެއްގެ މައުލޫމާތެއް ބޭނުންވާ ހާލަތެއްގައި، އެމީހެއްގެ ނަމާއި، އެމީހަކު ހުރި ތަނާއި، އަދި އެމީހެއްގެ ގައުމީ ނިސްބަތް؛
- ހޯދަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހެއްކެއް ނުވަތަ ކަމެއް ހޯދަން ބޭނުންވަނީ ކޮން މަގްސަދެއްގައިކަން؛
- ހުށަހެޅުމަށް އަމަލުކުރުމަށް ކޮންމެހެން ބޭނުންވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ އެނޫންވެސް މައުލޫމާތު.
(ބ) މި ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަކޮށްފައި ނުވުމަކީ، އެ ހުށަހެޅުމެއް ބާތިލުވާނެ ސަބަބެއް ނޫނެވެ. އެހެންނަމަވެސް، އެކަންކަން ފުރިހަމަވުމުން މެނުވީ، އެފަދަ ހުށަހެޅުމަކައިގެން ޕްރޮސިކިއުޓަރ ޖެނެރަލް ކުރިއަށްގޮސްގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ބޭރު ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ހުންނަންވާނެ ގޮތުގެ ނަމޫނާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.
7 ވަނަ މާއްދާ - ށަރުތަކާއެކު އެހީ ފޯރުކޮށްދިނުން
ބޭރު ގައުމަކާ ދިވެހިރާއްޖެއާ ދެމެދު ކަމާގުޅޭގޮތުން ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ބޭރު ގައުމަކަށް ދިވެހިރާއްޖެއިން ފޯރުކޮށްދޭ އެހީއަކީ ވަކި ށަރުތުތަކަކާއެކު ފޯރުކޮށްދޭ އެހީއެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.
8 ވަނަ މާއްދާ - އެހީ ފޯރުކޮށްނުދެވޭނެ ހާލަތްތައް
(ހ) ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ ހުށަހެޅުމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ ހުށަހެޅުމެއް ޕްރޮސިކިއުޓަރ ޖެނެރަލް ބަލައިގަނެގެން ނުވާނެއެވެ.
- އެ ހުށަހެޅުމަކީ، ސިޔާސީ ކުށެއް ކޮށްފައިވާ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އެމީހަކަށް އަދަބު ދިނުމުގެ މަގްސަދުގައި ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށް ބެލެވިދާފަދަ އެކަށީގެންވާ ހެކި އެ ހުށަހެޅުމަކާ ގުޅޭގޮތުން ލިބިފައިވާ ހުށަހެޅުމެއް ކަމަށްވުން؛
- އެ ހުށަހެޅުމަކީ، މީހަކު ނިސްބަތްވާ ނަސްލަށް ނުވަތަ ޖިންސަށް ނުވަތަ ދީނަށް ނުވަތަ ގައުމަށް ނުވަތަ އެމީހަކު ގެންގުޅޭ ސިޔާސީ ފިކުރަކަށް ނުވަތަ އެނޫނަސް މީހަކު ވަކި ކަމަކާ ގުޅޭގޮތުން ދެކޭ ގޮތަށް ބަލައި، އެމީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އެމީހަކަށް އަދަބު ދިނުމުގެ މަގްސަދުގައި ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށް ބެލެވިދާފަދަ އެކަށީގެންވާ ހެކި އެ ހުށަހެޅުމަކާ ގުޅޭގޮތުން ލިބިފައިވާ ހުށަހެޅުމެއް ކަމަށްވުން؛
- މީހަކު ކުރި ކަމަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، ދިވެހިރާއްޖޭގައި ހިނގައިފިނަމަ، ދިވެހިރާއްޖޭގެ އަސްކަރީ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ، އެހެންނަމަވެސް، އާންމު ޖިނާއީ ކުށަކަށް ނުވާ ކަމެއް ކަމުގައިވެފައި، ހުށަހެޅިފައިވާ ހުށަހެޅުމަކީ، އެފަދަ ކަމަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އޭނާއަށް އަދަބު ދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށްވުން؛
- އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދިނުމަކީ، ދިވެހިރާއްޖޭގެ އިސްތިގުލާލާއި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވުން؛
- އެ ހުށަހެޅުމުގައި ބަޔާންކުރާ މީހާއަކީ، އޭނާ ކުރި ކުށާ ގުޅޭގޮތުން ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށަކާ ގުޅޭގޮތުން އެ ގައުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާކޮށް، ކުށުން ބަރީއަވެފައިވާ ކަމަށް ށަރީއަތުން ކަނޑައަޅާފައިވާ، ނުވަތަ ކުށް ސާބިތުވުމަށްފަހު، އެ ކުށަށް އަދަބު ލިބިފައިވާ، ނުވަތަ ކުށަށް މައާފު ލިބިފައިވާ މީހެއް ކަމުގައިވެފައި، އެ ހުށަހެޅުމަކީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އޭނާއަށް އަދަބު ދިނުމުގެ މަގްސަދުގައި ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށްވުން؛
- އެ ހުށަހެޅުމަކީ، މި ގާނޫނުގެ ދަށުން ފޯރުކޮށްދެވޭނެ ބާވަތުގެ އެހީއަކާގުޅޭ ހުށަހެޅުމެއް ކަމުގައި ނުވުން.
(ށ) މި ގާނޫނުގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ ހުށަހެޅުމެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި،
އެ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
- އެ ހުށަހެޅުމަކީ، މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އޭނާއަށް އަދަބު ދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވެފައި، އޭނާ އެކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ ދިވެހިރާއްޖޭގައި ހިނގައިފިނަމަ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ނުބެލެވޭނެ ކަމަކަށްވުން؛
- އެ ހުށަހެޅުމަކީ، މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އޭނާއަށް އަދަބު ދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވެފައި، އޭނާ ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، އެ ހުށަހެޅުން ހުށަހެޅި ގައުމުން ބޭރުގައި ހިނގާފައިވާ ނުވަތަ ހިނގި ކަމަށް ބެލެވޭ އަމަލަކަށް ވެފައި، އެފަދަ ހާލަތްތަކުގައި، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އެމައްޗަށް ހިނގާ އަމަލުތަކެއް ކަމުގައި ނުވުން؛
- އެ ހުށަހެޅުމަކީ، މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ނުވަތަ އޭނާއަށް އަދަބު ދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމަކަށް ވެފައި، އެކަމަކީ ހަމަ އެވަގުތު ދިވެހިރާއްޖޭގައި ހިނގައިފިނަމަ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ކަމެއް ކަމުގައި ވީނަމަވެސް، ވަގުތު ފާއިތުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމެއް ކަމުގައިވުން؛
- އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދީފިނަމަ، ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބެލެވުން؛
- އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދީފިނަމަ، މީހެއްގެ ސަލާމަތަށް ނުރައްކަލަކަށްވެދާނެ ކަމަށް ބެލެވުން؛
- އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދިނުމަކީ، ދިވެހިރާއްޖޭގެ ވަސީލަތްތަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަކަށްވުން؛
- އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދީފިނަމަ، މީހަކާ ދޭތެރޭގައި ބޭއިންސާފުން ކަމެއް ހިނގާފާނެ ކަމަށް ބެލެވުން، ނުވަތަ މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެވިދާނެ ކަމަށް ބެލެވުން؛
- މައްސަލައިގެ އެންމެހައި ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު، އެންމެ އެކަށީގެންވަނީ އެހީ ފޯރުކޮށްނުދިނުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނުން.
(ނ) މި ގާނޫނުގެ ދަށުން އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމަށް ނިންމާ ހަމައެކަނި ސަބަބަކީ ބޭންކިންގ ސިއްރުތައް ހިމާޔަތްކުރުން ކަމުގައި ވެގެންނުވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގެންފިނަމަ، ނުވަތަ އެ ހުށަހެޅުމުގައި އެދިފައިވާ އެހީ ފޯރުކޮށްދިނުން ފަސްކޮށްފިނަމަ، އެކަން
އެ ގައުމަކަށް އަންގަންވާނެއެވެ. އެފަދައިން އެ ގައުމަކަށް ފޮނުވާ ލިޔުމުގައި، އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރަންވާނެއެވެ.
9 ވަނަ މާއްދާ - މަރުގެ ހުކުމާގުޅޭ މައްސަލަތައް
(ހ) މި ގާނޫނުގެ ދަށުން ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމަކީ، މަރުގެ ހުކުމް ކަނޑައެޅިފައިވާ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ދައުވާ ކުރުމާ ގުޅޭގޮތުން ނުވަތަ އެފަދަ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް އަދަބު ދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށްވާނަމަ، އެ ހުށަހެޅުން ނިސްބަތްވާ މައްސަލައިގެ ހާއްސަ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު، އެ އެހީއަކީ ކޮންމެހެން ފޯރުކޮށްދޭންވާނެ އެހީއެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި މެނުވީ، އެ ހުށަހެޅުމެއް ބަލައިގަނެގެން ނުވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ބޭރު ގައުމަކަށް އެހީ ފޯރުކޮށްދިނުމުގެ ނަތީޖާއަކީ މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އައުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް ބެލެވޭނަމަ، އެ ހުށަހެޅުން ނިސްބަތްވާ މައްސަލައިގެ ހާއްސަ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު، އެކަމުގައި އެންމެ އެކަށީގެންވަނީ އެ އެހީ ފޯރުކޮށްނުދިނުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެފަދަ އެހީ ފޯރުކޮށްނުދިނުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
ތިންވަނަ ބާބު
ހެއްކާއި ލިޔެކިޔުމާއި އެހެނިހެން ތަކެތި ހޯދުމާބެހޭ
10 ވަނަ މާއްދާ - ހެކި ހޯދުމަށް ދިވެހިރާއްޖެއިން އެދުން
(ހ) ރާއްޖޭގައި ހިނގާ ޖިނާއީ ށަރީއަތެއް ނުވަތަ ތަހްގީގަކާ ގުޅިގެން އަންނަނިވި ކަންކަން ހަމަޖައްސައިދިނުމަށް ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތެއްގެ ކިބައިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
- ބޭރު ގައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އެ ގައުމުގައިވާ މީހެއްގެ ބަޔާނެއް ނުވަތަ ހެކިބަސް ހޯދުމަށް؛
- ބޭރު ގައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ގައުމުގައިވާ ލިޔުމެއް ނުވަތަ އެ މައްސަލައާ ގުޅޭގޮތުން ހޯދަން ބޭނުންވާ އެނޫންވެސް އެއްޗެއް ހޯދުމަށް؛
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން އަދި / ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ހޯދާ ތަކެތި ދިވެހިރާއްޖެއަށް ފޮނުވުމަށް.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މި މާއްދާގެ (ހ) ގެ ދަށުން ހޯދަން އެދޭ ތަކެތި ހޯދުމަށްޓަކައި ބޭރު ގައުމުގައި ބޭނުންކުރާ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި އެފަދަ ތަކެތި ހޯދެން ނެތް ކަމުގައި ވީނަމަވެސް، ބޭރު ގައުމުގެ ވަސީލަތްތައް ބޭނުންކޮށްގެން ހޯދާ އެފަދަ ތަކެތި ދިވެހިރާއްޖެއަށް ބަލައިގަނެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެހީއަށް އެދުމުގައި، މި މާއްދާގެ ދަށުން ހެކިބަސް ދޭ މީހާ ނުވަތަ ލިޔެކިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް ދޭ މީހާއާ ވީޑިއޯ ލިންކެއް ނުވަތަ އިންޓަރނެޓް ލިންކެއް މެދުވެރިކޮށް، އަންނަނިވި ފަރާތްތަކުން ސުވާލުކުރުމުގެ ފުރުސަތަށްވެސް އެދެވިދާނެއެވެ.
- މައްސަލައަކީ ހިނގަމުންދާ ށަރީއަތަކާގުޅޭ މައްސަލައެއްނަމަ، މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ އެ ހަސްމެއްގެ ގާނޫނީ ވަކީލު؛
- މައްސަލައަކީ ހިނގަމުންދާ ތަހްގީގަކާގުޅޭ މައްސަލައެއްނަމަ، ތަހްގީގުކުރެވޭ މީހާ ނުވަތަ އޭނާގެ ގާނޫނީ ވަކީލު.
11 ވަނަ މާއްދާ - ހެކި ހޯދުމަށް ބޭރު ގައުމުތަކުން އެދުން
(ހ) ބޭރު ގައުމެއްގައި ހިނގާ ޖިނާއީ ށަރީއަތަކާ ގުޅިގެން ނުވަތަ ތަހްގީގަކާ ގުޅިގެން އަންނަނިވި ކަންކަން ހަމަޖައްސައިދިނުމަށް އެދި އެ ގައުމަކުން ހުށަހަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން އެގޮތަށް ކުރުމުގެ ހުއްދަ ދެވިދާނެއެވެ.
- ރާއްޖޭގައިވާ މީހެއްގެ ބަޔާނެއް ނުވަތަ ހެކިބަސް ހޯދުމަށް؛
- ރާއްޖޭގައިވާ ލިޔުމެއް ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ހޯދަން ބޭނުންވާ އެނޫންވެސް އެއްޗެއް ހޯދުމަށް؛
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން އަދި / ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ހޯދާ ތަކެތި އެ ގައުމަށް ފޮނުވުމަށް.
(ށ) މި މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދަ ދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ކަމާގުޅޭ ފޯމު މެދުވެރިކޮށް، ލިޔުމުންނެވެ.
12 ވަނަ މާއްދާ - ހެކި ހޯދުން
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައިވާ މީހެއްގެ ހެކިބަސް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފިނަމަ، ކަމާގުޅޭ ހެކިން ކޯޓަށް ހާޒިރުކޮށް، އެމީހުންގެ ބަޔާން ނަގައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ފުލުހުންގެ ހުއްދަކޮށްފައިވާ އޮފިސަރަކަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ހެކިބަސް ހޯދުމުގައި އަންނަނިވި ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.
- ހެކިބަސް ދޭ މީހުން ހުވައި ކުރުވުމަށްފަހު އެމީހުންގެ ބަޔާންނެގުން؛
- މި މާއްދާގެ (ބ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، ނުވަތަ އެނޫން އެހެން ފަރާތެއް ހެކިބަސް ދިނުމަށްޓަކައި ހާޒިރުވިކަން ނުވަތަ ނޫންކަން ބަޔާންކުރުން؛
- ހާޒިރުކުރެވުނު ހެކިންގެ ހެކިބަސް ލިޔުމުން ރެކޯޑުކުރުމަށްފަހު، އެ ބަޔާން ނެގީ އެ ފަނޑިޔާރުކަން ބަޔާންކޮށް ސޮއިކުރުމަށްފަހު ކޮމިށަނަރ އޮފް ޕޮލިސްއަށް ފޮނުވުން.
(ނ) މި މާއްދާގެ (ށ) އެހެން އޮތް ނަމަވެސް، ހެކިބަސް ދޭން ހުރި މީހަކަށް ށަރީއަތަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ހެކިބަސް ނެގުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ހޯދާ ހެކި ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބުމުން، އެކަން ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ހޯދާ ހެކި، ބޭރު ގައުމުގައި ހިންގޭ ށަރީއަތެއްގައި ދައުވާލިބޭ މީހާގެ ނުވަތަ ބޭރު ގައުމެއްގައި ހިންގޭ ތަހްގީގެއްގައި ތުހުމަތުކުރެވޭ މީހާ ނުވަތަ އޭނާގެ ގާނޫނީ ވަކީލުގެ ހާޒިރުގައި ނުވަތަ ގައިރު ހާޒިރުގައިވެސް ނެގިދާނެއެވެ.
(ޅ) ބޭރު ގައުމެއްގައި ހިންގޭ ށަރީއަތެއްގައި ދައުވާލިބޭ މީހާ ނުވަތަ ބޭރު ގައުމެއްގައި ހިންގޭ ތަހްގީގެއްގައި ތުހުމަތުކުރެވޭ މީހާއަށް މި މާއްދާގެ ދަށުން ހެކިބަސް ދިނުމަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
13 ވަނަ މާއްދާ - ށަރީއަތް ހިންގާނެ ގޮތް
މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ހެކި ހޯދުމަށް ބާއްވާ ށަރީއަތްތަކުގައި އަމަލުކުރާނެ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
14 ވަނަ މާއްދާ - ލިޔެކިޔުމާއި އެހެނިހެން އެއްޗެހި ހޯދުން
(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ލިޔުމެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފިނަމަ، އެ ލިޔުމެއް ހޯދުމަށްޓަކައި ބޭނުންވާ ކޯޓު އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ފުލުހުންގެ ހުއްދަކޮށްފައިވާ އޮފިސަރަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދީފިނަމަ، އެ އަމުރުން ހޯދުމަށް އަމުރުކުރާ ލިޔުމެއް ކޯޓަށް ލިބުމުން، އެ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް ފަނޑިޔާރު ސޮއިކޮށްފައިވާ ކޮޕީއެއް، ކޮމިށަނަރ އޮފް ޕޮލިސްއަށް ކޯޓުން ފޮނުވަންވާނެއެވެ.
(ނ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ލިޔެކިޔުން ފިޔަވައި އެނޫން އެއްޗެއް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަ ދީފިނަމަ، އެ އެއްޗެއް ހޯދުމުގައިވެސް އަމަލުކުރާނީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
ހަތަރުވަނަ ބާބު
މުދާ ހޯދުމާއި ހިފެހެއްޓުމާއި މުދަލުން މުއާމަލާތުކުރުން ހުއްޓުވުމާބެހޭ
15 ވަނަ މާއްދާ - ހޯދުމާއި ހިފެހެއްޓުމަށް ދިވެހިރާއްޖެއިން އެދުން
(ހ) ރާއްޖޭގައި ހިނގާ ޖިނާއީ ބޮޑު ކުށަކާގުޅޭ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް ބޭނުންވާ އެއްޗެއް، ބޭރު ގައުމެއްގައި ވާކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަންނަނިވި ކަންކަން ހަމަޖައްސައިދިނުމަށް އެދި އެ ގައުމެއްގެ ކަމާބެހޭ ފަރާތެއްގެ ކިބައިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
- އެ އެއްޗެއް ހޯދުމަށްޓަކައި ކޯޓު އަމުރެއް ނެރެދިނުމަށް؛
- މި މާއްދާގެ ދަށުން ހޯދާ އެއްޗެއް، ނުވަތަ އެ ށަރީއަތަށް ނުވަތަ ތަހްގީގަށް ބޭނުންވާ ނުވަތަ ބޭނުންވެދާނެ ކަމަށް ގަބޫލުކުރެވޭ އެނޫންވެސް އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗަކުން މުއާމަލާތުކުރުން ހުއްޓުވުމަށްޓަކައި ނުވަތަ އެ އެއްޗެއް ހިފެހެއްޓުމަށްޓަކައި ކޯޓު އަމުރެއް ނެރެދިނުމަށް؛
- މި މާއްދާގެ ދަށުން ހޯދާ އެއްޗެހި ދިވެހިރާއްޖެއަށް ފޮނުވުމަށް.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެދޭ އެދުމަކާ ގުޅިގެން، އެ ހުށަހެޅުމުގައި ބަޔާންކުރާ އެއްޗެއް ބޭރު ގައުމުގައި ހޯދާފައިވަނީ، މި މާއްދާގައި އެދިފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން ކަމުގައި ނުވިޔަސް، އެ އެއްޗެއް ހޯދާފައިވަނީ، އެ ގައުމުގެ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ކަމުގައިވާނަމަ، އެ އެއްޗެއް، މި މާއްދާގައި ބަޔާންކުރާ ށަރީއަތަށް ގަބޫލުކުރެވިދާނެއެވެ. ނުވަތަ ތަހްގީގުގައި ބޭނުންކުރެވިދާނެއެވެ.
16 ވަނަ މާއްދާ - ހޯދުމާއި ހިފެހެއްޓުމަށް ބޭރު ގައުމަކުން އެދުން
(ހ) ބޭރު ގައުމެއްގައި ކުރިއަށްދާ، ޖިނާއީ ބޮޑު ކުށެއްގެ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް ބޭނުންވާ އެއްޗެއް ހޯދުމަށްޓަކައި ކޯޓު އަމުރެއް ނެރެދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި އެ ގައުމަކުން ދިވެހިރާއްޖެއަށް ހުށަހަޅައިފިނަމަ، އަދި އެ އެއްޗެއް ދިވެހިރާއްޖޭގައި ވާކަމަށް ބެލެވޭނެ އެކަށީގެންވާ ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗެއް ހޯދުމަށްޓަކައި ކޯޓު އަމުރެއް ހޯދުމަށް ފުލުހުންނަށް ލިޔުމުން އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ފުލުހުންނަށް އެންގުމުން، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ފުލުހުންގެ ހުއްދަކޮށްފައިވާ އޮފިސަރަކު ކޯޓަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހޯދަން އެދޭ އެއްޗެއްސަކީ، ނައްތާލުމުގެ ފުރުސަތު ނުވަތަ ފޮރުވުމުގެ ފުރުސަތު އޮތް އެއްޗެހި ކަމުގައިވާ، އެކަމަށް ރިއާޔަތްކޮށް، ދުރާލާ ވަގުތު ހަމަޖެއްސެން ނެތް ހާލަތްތަކުގައިވެސް މި މާއްދާގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާ މައްސަލަތައް އަޑުއެހުމަށް ކޯޓުން ފުރުސަތު ދޭންވާނެއެވެ.
17 ވަނަ މާއްދާ - ކޯޓު އަމުރު ނެރުން
(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމުގައި ބަޔާންކުރާ ށަރީއަތް ބޭރު ގައުމުގައި ކުރިއަށްދާކަމަށް ކޯޓަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ހޯދުމަށްޓަކައި އަމުރަކަށް އެދި ހުށަހަޅާފައިވާ އެއްޗަކީ އެ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް މުހިންމު އެއްޗެއްކަމަށް ކޯޓަށް ފެނިއްޖެނަމަ، އަދި އެފަދަ އަމުރެއް ނެރެދިނުމަށް އެކަށީގެންވާ ސަބަބު ހުރިކަމަށް ކޯޓަށް ބެލެވޭނަމަ، އެ އެއްޗެއް ހޯދުމަށްޓަކައި އެ އެއްޗެއް ހުރިކަމަށް ބެލެވޭ ތަނަކަށް ވަނުމުގެ ބާރު، އަދި އެ އެއްޗެއް ހޯދުމަށްޓަކައި އެތަނެއް ބަލައި ފާސްކުރުމުގެ ބާރު، އަދި އެތަނުގައި އެ އެއްޗެއް ވާނަމަ އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ދިނުމަށްޓަކައި ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- އަމުރު ނެރެވޭ ބޭނުން؛
- އަމުރު ނިސްބަތްވާ ހުށަހެޅުމުގައި ބަޔާންކުރާ ކުށުގެ ބާވަތް؛
- ހޯދަން ބޭނުންވާ އެއްޗެހީގެ ތަފްސީލު؛
- އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމަށް ހުއްދަކުރާނަމަ، އެކަން؛
- އަމުރު ދެމިއޮންނާނެ މުއްދަތު؛
- އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަ ދޭނަމަ އެކަން ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން.
(ނ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ފެނިއްޖެނަމަ، އަދި އެ އެއްޗަކީ، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތަކަށް ނުވަތަ ތަހްގީގަކަށް ބޭނުންވާނެ އެއްޗެއް ކަމަށް، ނުވަތަ ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭކަމަށް، މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހޯދަން އެދޭ އެއްޗަކުން މުއާމަލާތުކުރުން ހުއްޓުވުމަށް ބޭރު ގައުމަކުން އެދޭނަމަ، އެކަމަށް ބާރުދޭ ކޯޓު އަމުރެއްވެސް ނެރެވިދާނެއެވެ.
18 ވަނަ މާއްދާ - ކޯޓު އަމުރާބެހޭ އުސޫލުތައް
މި ގާނޫނުގެ ދަށުން އެއްޗެއް ހޯދުމަށް އެދި ކޯޓު އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމާއި، އެފަދަ އަމުރު ދޫކުރުމާއި، ބާތިލުކުރުމާއި، އަމުރުގައިވާ ކަންކަން ތަންފީޒުކުރުމާބެހޭ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
19 ވަނަ މާއްދާ - ހިފެހެއްޓޭ މުދަލާމެދު އަމަލުކުރާނެ ގޮތް
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހިފަހައްޓާ އެއްޗެހި ހުންނާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ ބެލުމުގެދަށުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސްއާ އެއްވެސް އެއްޗެއް ހަވާލުކުރެވިއްޖެނަމަ، އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް އަންގައި، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ، ކޮމިށަނަރ އޮފް ޕޮލިސްގެ ޒިންމާއެކެވެ.
(ނ) ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، މި މާއްދާގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް ބަލަހައްޓަމުންގެންދާ އެއްޗަކާމެދު އަމަލުކުރަންވީ ގޮތް، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިޔުމުން އެންގިދާނެއެވެ.
ފަސްވަނަ ބާބު
ށަރީއަތަށް ހެކިބަސް ދިނުމަށާއި ތަހްގީގުގައި އެހީތެރިވެދިނުމަށް މީހުން ހާޒިރުކުރުމާބެހޭ
އެއްވަނަ ބައި
ދިވެހިރާއްޖެއިން އެދުން
20 ވަނަ މާއްދާ - ބޭރު ގައުމެއްގައިވާ މީހަކު ދިވެހިރާއްޖެ ގެނައުމަށް އެދުން
(ހ) ބޭރު ގައުމެއްގައިވާ މީހަކީ، ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތެއްގައި ހެކި ދެވޭނެ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އަދި އެމީހާ ދިވެހިރާއްޖެ އައިސް އެ މައްސަލައިގައި ހެކި ދިނުމަށް އެއްބަސްވާނަމަ، އޭނާ ދިވެހިރާއްޖެ ގެނައުމުގެ ހުއްދައަކަށް އެދި އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
(ށ) ބޭރު ގައުމެއްގައިވާ މީހަކީ، ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ތަހްގީގެއްގައި އެހީތެރިވެދެވިދާނެ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އަދި އެމީހާ ދިވެހިރާއްޖެ އައިސް އެ ތަހްގީގުގައި އެހީތެރިވެދިނުމަށް އެއްބަސްވާނަމަ، އޭނާ ދިވެހިރާއްޖެ ގެނައުމުގެ ހުއްދައަކަށް އެދި އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ އެދުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ހަމަޖައްސައިދިނުމަށްވެސް ބޭރު ގައުމުގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
- އެމީހާ ދިވެހިރާއްޖެ ގެނައުމުގެ އިންތިޒާމު؛
- އެމީހާ އަނބުރާ އެ ގައުމަށް ފޮނުވޭނެ އިންތިޒާމު؛
- އެނޫންވެސް ކަމާގުޅޭ އެހެނިހެން އިންތިޒާމުތައް.
21 ވަނަ މާއްދާ - ރާއްޖެ ގެނެވޭ މީހުންނަށް ލިބިދޭ އިމްތިޔާޒު
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ ގެންނަ މީހަކަށް، ނުވަތަ އެ މާއްދާގެ ދަށުން ނޫން ގޮތަކަށް، ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތެއްގައި ހެކި ދިނުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގައި ހިނގަމުންދާ ތަހްގީގެއްގައި އެހީތެރިވެދިނުމަށްޓަކައި ބޭރު ގައުމެއްގައިވާ މީހަކު ދިވެހިރާއްޖެ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެދިފައިވާ އެދުމެއްގެ ދަށުން ދިވެހިރާއްޖެ ގެންނަ މީހަކަށް، އަންނަނިވި ރައްކާތެރިކަން ލިބިގެންވެއެވެ.
- މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުގެމަތިން ދިވެހިރާއްޖެ އައުމަށްޓަކައި އެމީހަކު ބޭރު ގައުމުން ފުރުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ނުކުރާނެކަން ނުވަތަ އެކަމާ ގުޅޭގޮތުން އޭނާ ނުހިފަހައްޓާނެކަން؛
- މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުގެމަތިން ދިވެހިރާއްޖެ އައުމަށްޓަކައި އެމީހަކު ބޭރު ގައުމުން ފުރުމުގެ ކުރިން އޭނާ ކޮށްފައިވާ ކަމަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، އޭނާ ދިވެހިރާއްޖެއިން ބޭރުގައި ހުރިނަމަ އެކަމާ ގުޅޭގޮތުން އޭނާގެ މައްޗަށް މަދަނީ ދައުވާއެއް ނުއުފުލޭނެ ކަމެއް ކަމުގައިވާނަމަ، އޭނާއާ ދެކޮޅަށް ދިވެހިރާއްޖޭގައި އެފަދަ ދައުވާއެއް ނުއުފުލޭނެކަން؛
- އޭނާއަކީ މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެ ގެނެވޭ މީހެއްނަމަ، އޭނާ ދިވެހިރާއްޖެ ގެނައުމަށްފަހު، އެ މާއްދާގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން މެނުވީ ހެކި ދޭން މަޖުބޫރު ނުކުރެވޭނެކަން؛
- އޭނާއަކީ މި ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެ ގެނެވޭ މީހެއްނަމަ، އޭނާ ދިވެހިރާއްޖެ ގެނައުމަށްފަހު، އެ މާއްދާގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން މެނުވީ ހެކި ދޭން މަޖުބޫރު ނުކުރެވޭނެކަން؛
- ޖިނާއީ މައްސަލައެއްގައި އޭނާ ބޭރު ގައުމުގައި ހެކި ދޭނަމަ ޖަވާބުދާރީވާންނުޖެހޭ ބާވަތުގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރީއަތެއްގައި އޭނާއަށް މަޖުބޫރު ނުކުރެވޭނެކަން؛
- ޖިނާއީ މައްސަލައެއްގައި އޭނާ ބޭރު ގައުމުގައި ހެކި ދޭނަމަ ހުށަހަޅަން ނުޖެހޭ ބާވަތުގެ ލިޔެކިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް ހުށަހެޅުމަށް، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރީއަތެއްގައި އޭނާއަށް މަޖުބޫރު ނުކުރެވޭނެކަން.
(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ ގެންނަ މީހަކަށް، ނުވަތަ އެ މާއްދާގެ ދަށުން ނޫން ކަމުގައިވިޔަސް، ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތެއްގައި ހެކި ދިނުމަށްޓަކައި ނުވަތަ ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިނގަމުންދާ ތަހްގީގެއްގައި އެހީތެރިވެދިނުމަށްޓަކައި ދިވެހިރާއްޖެ ގެންނަ މީހަކަށް، މި މާއްދާގެ (ހ) އިން ލިބިދޭ ރައްކާތެރިކަން އަންނަނިވި ހާލަތްތަކުގައި ލިބިގެނެއް ނުވެއެވެ.
- އޭނާ ދިވެހިރާއްޖެ އައި ބޭނުން ނިމުމަށްފަހު ދިވެހިރާއްޖެ ދޫކޮށް ދިޔުމުން؛
- އޭނާއަށް މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ދިޔުމުގެ ފުރުސަތު ލިބިފައިވަނިކޮށް، އަންނަނިވި ސަބަބަކަށްޓަކައި މެނުވީ ދިވެހިރާއްޖޭގައި މަޑުކުރާ ހާލަތުގައި:
- މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުމަކަށް ދިވެހިރާއްޖޭގައި މަޑުކުރުން؛
- އޭނާ ވަކި ށަރީއަތެއްގައި ހެކި ދިނުން މުހިންމުކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން އެ ށަރީއަތުގައި ހެކި ދިނުމަށް ދިވެހިރާއްޖޭގައި މަޑުކުރުން؛
- އޭނާ ވަކި ތަހްގީގެއްގައި އެހީތެރިކަން ދިނުން މުހިންމުކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން އެ ތަހްގީގެއްގައި އެހީތެރިވެދިނުމަށް ދިވެހިރާއްޖޭގައި މަޑުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (ii) އަދި (iii) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނެރޭ ލިޔުމުގައިވާ ގޮތުގެމަތިން އޭނާ ދިވެހިރާއްޖޭގައި މަޑުކުރާ މުއްދަތު ގުނަން ފަށާނީ، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
22 ވަނަ މާއްދާ - ބޭރު ގައުމުން ފުރުމަށްފަހު ކުށް ކުރާ މީހުންގެ ހައިސިއްޔަތު
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ އަންނަ މީހަކު، ބޭރު ގައުމުން ފުރުމަށްފަހު ކުށެއް ކޮށްފިނަމަ، ނުވަތަ ކުށެއް ކޮށްފިކަމުގެ ތުހުމަތު އެމީހަކާމެދު ކުރެވޭނަމަ،
މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އޭނާ ދިވެހިރާއްޖެ ގެނެސްފައިވާ ބޭނުމަށްޓަކައި އޭނާ ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި އޭނާ ދިވެހިރާއްޖޭގައި ވަނީ، އޭނާ ބޭރު ގައުމުން ފުރުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ކުށާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ކަމުގައި މި ބާބުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު، މި ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންދުގައި ބެހެއްޓިދާނެއެވެ.
23 ވަނަ މާއްދާ - ރާއްޖެ ގެނެވޭ މީހާ ދޭ ހެކިބަސް އޭނާއާ ދެކޮޅަށް ބޭނުންނުކުރެވުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ހެކިބަސް ދިނުމަށް ނުވަތަ ތަހްގީގެއްގައި އެހީތެރިވެދިނުމަށް ދިވެހިރާއްޖެ ގެންނަ މީހެއްގެ ނުވަތަ އެ މާއްދާއިން ބޭރުން އެހެން ޖިނާއީ މައްސަލައެއްގައި ހެކިބަސް ދިނުމަށްޓަކައި ނުވަތަ ތަހްގީގެއްގައި އެހީތެރިވެދިނުމަށްޓަކައި ދިވެހިރާއްޖެ ގެންނަ މީހަކު ހެކިބަސް ދީފިނަމަ، ނުވަތަ އެހީތެރިކަން ފޯރުކޮށްދީފިނަމަ، ށަރީއަތުގައި އޭނާ ދިން ހެކިބަސް ނުވަތަ ތަހްގީގަށް އެހީތެރިވުމުގެ ގޮތުން އޭނާ ބުނި އެއްޗެއް ނުވަތަ ކުރި އަމަލެއް، އޭނާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ހެކިބަސް ދިނުމުގައި އޭނާ ދޮގުހެކި ދީފައިވާނަމަ، އޭނާގެ މައްޗަށް ދޮގުހެކި ދިންކަމުގެ ދައުވާ ކުރުމުގައި އޭނާ ދިން ހެކިބަސް ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
24 ވަނަ މާއްދާ - ރާއްޖެ ގެނެވޭ މީހާ ބަންދުގައި ބެހެއްޓުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ ގެނެވޭ މީހަކީ ބަންދުކޮށްފައިވާ މީހެއް ކަމުގައިވާނަމަ، އަދި އެމީހާ ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި ބަންދުގައި ބަހައްޓައިދިނުމަށް ބޭރު ގައުމުން އެދިއްޖެނަމަ، އޭނާ ބަންދުގައި ބެހެއްޓުމުގެ އިންތިޒާމު ޕްރޮސިކިއުޓަރ ޖެނެރަލް ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ބަންދުގައި ބަހައްޓާ މީހަކު ބަންދުގައި ބަހައްޓާފައި ހުންނަންވާނީ ފުލުހުންގެ ބެލުމުގެދަށުގައެވެ.
(ނ) މި މާއްދާގެ ދަށުން މީހަކު ބަންދުގައި ބަހައްޓަންވާނީ، އެފަދަ މީހަކު ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖެއިން ފުރުވާލުމާއި، އަދި ދިވެހިރާއްޖޭގައި ހުންނަ ހުރުމުގައި ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
25 ވަނަ މާއްދާ - ބަންދުކުރެވޭ މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނު ހިނގުން
މި ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް، އަންނަނިވި ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތައް ހިނގާނެއެވެ.
(ހ) ރާއްޖޭގެ ގާނޫނާ ހިލާފުވާ މީހުން ބަންދުކުރުމާބެހޭ އުސޫލުތައް؛
(ށ) ބަންދުކޮށްފައި ތިބޭ މީހުންނާމެދު އަމަލުކުރެވޭނެ ގޮތުގެ އުސޫލުތައް؛
(ނ) އެއް ޖަލުން އަނެއް ޖަލަށް މީހުން ބަދަލުކުރުމުގައި އަމަލުކުރާ އުސޫލުތައް.
26 ވަނަ މާއްދާ - ބަންދުން ދޫކުރުން
މި ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުކޮށްފައިވާ މީހަކު ދޫކޮށްދިނުމަށް އެމީހާ ދިވެހިރާއްޖެ ގެނައުމުގެ ކުރިން އޭނާ ހުރި ގައުމުން އެދެފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާ ދޫކޮށްލުމަށް ކަމާބެހޭ ފަރާތަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގަންވާނެއެވެ.
27 ވަނަ މާއްދާ - ބަންދުން ފިލުން
(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެ ގެނެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަންދުކޮށްފައިވާ މީހަކު ފިލައިފިނަމަ، ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރެވޭ މީހާ ފިލާފައިވަނީ، މި ގާނޫނުގެ ދަށުން ކޮށްފައިވާ ގާނޫނީ ބަންދެއްގައި ހުއްޓާތޯ ކޯޓުން ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ މީހާ ފިލާފައިވަނީ، މި ގާނޫނުގެ ދަށުން ކޮށްފައިވާ ގާނޫނީ ބަންދެއްގައި ހުއްޓާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އޭނާ އަލުން ބަންދުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
(ރ) ކުށްވެރިން ބަންދުން ފިލުމަށް އެހީތެރިވުމާ ބެހޭގޮތުން އަދި ފިލައިގެންއުޅޭ ކުށްވެރިންނަށް ހިމާޔަތްދިނުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތައް، މި ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ މީހުންގެ މައްޗަށް ހިނގާނެއެވެ.
ދެވަނަ ބައި
ބޭރު ގައުމުތަކުން އެދުން
28 ވަނަ މާއްދާ - ރާއްޖޭގައިވާ މީހަކު ބޭރު ގައުމަކަށް ފޮނުވައިދިނުމަށް އެދުން
ބޭރު ގައުމެއްގައި ހިނގަމުންދާ ށަރީއަތެއްގައި ހެކިބަސް ދިނުމަށް ނުވަތަ ތަހްގީގެއްގައި އެހީތެރިވެދިނުމަށްޓަކައި ދިވެހިރާއްޖޭގައިވާ މީހަކު އެ ގައުމަކަށް ފޮނުވައިދިނުން އެދި އެ ގައުމަކުން ހުށަހަޅައިފިނަމަ، އެމީހަކީ އެފަދައިން ހެކިބަސް ދެވޭނެ ނުވަތަ އެހީތެރިވެދެވޭނެ މީހެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އަދި އެމީހާ އެ ގައުމަށް ގޮސް، ހެކިބަސް ދޭން އެއްބަސްވާނަމަ، އަދި އެމީހަކާ ގުޅޭގޮތުން މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އެ ގައުމަކުން ކަށަވަރުކޮށްދޭނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަން ހަމަޖައްސައިދެވިދާނެއެވެ.
29 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުންނާއި ބަންދުން ދޫކޮށްލާ މީހުން ފޮނުވުން
(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ މީހަކީ ބަންދުކޮށްފައިވާ މީހެއް ކަމުގައިވާނަމަ، އެމީހާ އެ ގައުމަށް ގެންދިޔުމަށްޓަކައި އަންނަނިވި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިދާނެއެވެ.
- މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތުގައި ހެކި ދިނުމަށް ނުވަތަ ތަހްގީގުގައި އެހީތެރިވެދިނުމަށް ކުށްވެރިޔާ އެ ގައުމަށް ގެންދިޔުމަށްޓަކައި އޭނާ ބަންދުން ދޫކުރުމަށް؛
- ކަނޑައެޅިފައިވާ ފުލުހެއްގެ ހަވާލުގައި ނުވަތަ ޖަލު އޮފިސަރެއްގެ ހަވާލުގައި ކުށްވެރިޔާ އެ ގައުމަށް ފޮނުވުމުގެ ކަންތައް ހަމަޖެއްސުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކީ، ޕެރޯލް ނިޒާމުގެ ދަށުން، ނުވަތަ އެނޫންވެސް ގާނޫނީ ހުއްދައެއްގެ ދަށުން ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ، އަންނަނިވި އިންތިޒާމުތައް ހަމަޖެއްސުމާއެކު، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތުގައި ހެކި ދިނުމަށް ނުވަތަ ތަހްގީގުގައި އެހީތެރިވެދިނުމަށް ކުށްވެރިޔާ އެ ގައުމަށް ގެންދިޔުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލަށް ދެވިދާނެއެވެ.
- ކަމާ ގުޅޭގޮތުން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށާއި، އޭނާ އެ ގައުމަށް ގެންދިޔުމަށްޓަކައި އޭނާ ބަންދުން ދޫކުރުމަށް ދޫކޮށްފައިވާ ހުއްދަ އިސްލާހުކުރަންޖެހޭނަމަ އެ ހުއްދަ އިސްލާހުކުރުމަށް ކަމާބެހޭ ފަރާތަށް އެންގުން؛ އަދި
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހޯދަންޖެހޭ އެންމެހައި ހުއްދަތައް ހޯދުމަށްފަހު، އޭނާ އެ ގައުމަށް ފޮނުވުމަށްޓަކައި ހަމަޖައްސަންޖެހޭ އެހެން ކަންކަން ހަމަޖެއްސުން.
30 ވަނަ މާއްދާ - ބޭރު ގައުމަށް ފޮނުވޭ މީހުންނާ ގުޅޭގޮތުން ކަށަވަރުކޮށްދޭންޖެހޭ ކަންކަން
(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމަކަށް ފޮނުވޭ މީހަކަށް، މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި، އަންނަނިވި ރައްކާތެރިކަން ލިބިގެންވާކަމަށް އެ ގައުމަކުން ކަށަވަރުކޮށްދޭންވާނެއެވެ.
- މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމުގެ އެދުމުގެމަތިން ބޭރު ގައުމަށް ދިޔުމަށްޓަކައި އެމީހަކު ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ކޮށްފައިވާ ކުށަކާ ގުޅޭގޮތުން އޭނާގެ މައްޗަށް ދައުވާ ނުކުރާނެކަން ނުވަތަ އެކަމާ ގުޅޭގޮތުން އޭނާ ނުހިފަހައްޓާނެކަން؛
- މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމުގެ އެދުމުގެމަތިން ބޭރު ގައުމަށް ދިޔުމަށްޓަކައި އެމީހަކު ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އޭނާ ކޮށްފައިވާ ކަމަކީ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ، އޭނާ އެކަމެއް ކުރިއިރު އޭނާ އެ ގައުމުގައި ހުރިނަމަ އޭނާގެ މައްޗަށް އޭގެ ސަބަބުން މަދަނީ ދައުވާއެއް ނުއުފުލޭނެ ކަމެއް ކަމުގައިވާނަމަ، އެކަމާ ގުޅޭގޮތުން އޭނާއާ ދެކޮޅަށް މަދަނީ ދައުވާއެއް ނުއުފުލާނެކަން؛
- އޭނާ ބޭރު ގައުމަށް ގެންދިޔުމަށްފަހު، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތަކާ ގުޅޭގޮތުން ނުވަތަ ތަހްގީގަކާ ގުޅޭގޮތުން މެނުވީ ހެކި ދޭން މަޖުބޫރުނުކުރުވާނެކަން؛
- ޖިނާއީ މައްސަލައެއްގައި އޭނާ ދިވެހިރާއްޖޭގައި ހެކި ދޭނަމަ ޖަވާބުދާރީވާންނުޖެހޭ ބާވަތުގެ ސުވާލުތަކަށް، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތެއްގައި ހެކި ދޭއިރު ޖަވާބުދާރީވާންނުޖެހޭނެކަން؛
- ޖިނާއީ މައްސަލައެއްގައި އޭނާ ދިވެހިރާއްޖޭގައި ހެކި ދޭނަމަ ހުށަހަޅަން ނުޖެހޭ ބާވަތުގެ ލިޔެކިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތެއްގައި ހެކި ދޭއިރު ހުށަހަޅަން ނުޖެހޭނެކަން؛
- މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމަށް ގޮސް އޭނާ ށަރީއަތެއްގައި ހެކި ދީފިނަމަ، އޭނާ ދޮގުހެކި ދީފި ހާލަތެއްގައި އޭނާގެ މައްޗަށް ދޮގުހެކި ދިންކަމުގެ ދައުވާ ކުރުމަށް ފިޔަވައި، އޭނާ ދޭ ހެކިބަސް، އޭނާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންނުކުރާނެކަން؛
- އޭނާއަކީ ދިވެހިރާއްޖޭގައި ބަންދުގައިވާ މީހެއް ކަމުގައިވާނަމަ، އޭނާ ބޭރު ގައުމުގައި ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ހަމަޖައްސައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިފިނަމަ، އެކަންކަން ހަމަޖައްސައިދޭނެކަން:
i އޭނާ އެ ގައުމުގައި ބަންދުގައި ބެހެއްޓޭނެ އިންތިޒާމު؛
ii އޭނާ އެ ގައުމުގައި ވަނިކޮށް ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އޭނާ މިނިވަންވެއްޖެ ހާލަތެއްގައި އޭނާ ދޫކޮށްލުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގައިފި ހާލަތެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް އަދި އެނޫން ހާލަތެއްގައި، އޭނާ ބަންދުންދޫކޮށްނުލުމަށް؛
iii މި އަކުރުގެ (ii) ވަނަ ނަންބަރުގެ ދަށުން ދޫކޮށްލެވޭ މީހާ، މި ގާނޫނުގެ ދަށުން އެ ގައުމަށް ގެންދެވުނު ބޭނުން ފުރިހަމަވަންދެން އެ ގައުމުގައި ހުންނަ މުއްދަތުގައި އޭނާގެ ހުރުމާއި ކެއުމުގެ ހަރަދު، އެ ގައުމަކުން އުފުލުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ އިތުރު ކަމަކާ ގުޅޭގޮތުން ބޭރު ގައުމަކުން ކަށަވަރުކޮށްދޭންޖެހޭ ކަންކަން ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
31 ވަނަ މާއްދާ - ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭ ކަންކަން
(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމަކަށް ފޮނުވޭ މީހަކަށް، މި ގާނޫނުގެ 30 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަން ލިބިދެވޭނީ އަންނަނިވި ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައިކަން ދިވެހިރާއްޖެއިން ގަބޫލުކުރާކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭންވާނެއެވެ.
- އޭނާ ބޭރު ގައުމަށް ދިޔަ ބޭނުން ނިމުމަށްފަހު އެ ގައުމު ދޫކޮށް ދިޔުމުން؛
- އޭނާއަށް އެ ގައުމުން ދިޔުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން ލިބިފައިވަނިކޮށް، އަންނަނިވި ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި މެނުވީ، އެ ގައުމުގައި މަޑުކުރާ ހާލަތުގައި:
i މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ބޭނުމަކަށް އެ ގައުމުގައި މަޑުކުރުން؛
ii އޭނާ ވަކި ށަރީއަތެއްގައި ހެކިބަސް ދިނުން މުހިންމުކަމަށް ބަޔާންކޮށް
އެ ގައުމުގެ ކަމާބެހޭ ފަރާތުން ލިޔުމަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން އެ ށަރީއަތުގައި ހެކި ދިނުމަށް އޭނާގެ އަމިއްލަ ރުހުމާއެކު، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު އެ ގައުމުގައި މަޑުކުރާ ހާލަތުގައި؛
iii އޭނާ ވަކި ތަހްގީގެއްގައި އެހީތެރިކަން ދިނުން މުހިންމުކަމަށް ބަޔާންކޮށް
އެ ގައުމުގެ ކަމާބެހޭ ފަރާތުން ލިޔުމަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން އެ ތަހްގީގެއްގައި އެހީތެރިވެދިނުމަށް އޭނާގެ އަމިއްލަ ރުހުމާއެކު، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު އެ ގައުމުގައި މަޑުކުރާ ހާލަތުގައި.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) އަދި (iii) ވަނަ ނަންބަރުގެ ދަށުން، މީހަކަށް އެ ގައުމެއްގައި ހުރެވޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ހުއްދައިގައިވާ މުއްދަތަށެވެ. އެ މުއްދަތު ގުނަން ފަށާނީ، އެ ހުއްދައިގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
32 ވަނަ މާއްދާ - ބަންދުގައި ހުންނަމީހާގެ ހުކުމް ތަންފީޒުވަމުންދިޔުން
މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ބޭރު ގައުމަކަށް ގެންދެވޭ މީހަކީ، ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުށެއް ކޮށްފައިވާ ކަމަށް ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދެއްގައި ހުރި މީހެއްނަމަ، މި ގާނޫނުގެ ދަށުން އޭނާ ބޭރު ގައުމުގައި ހުންނަ މުއްދަތުގައި، އޭނާގެ ބަންދުގެ މުއްދަތު ގުނެމުންދާނެއެވެ.
ހަވަނަ ބާބު
ރާއްޖޭގައި ޓްރާންޒިޓްކުރާ މީހުންނާބެހޭ
33 ވަނަ މާއްދާ – ޓްރާންޒިޓްކުރުން
(ހ) ބޭރު ގައުމެއްގައިވާ މީހަކު، އެހެން ބޭރު ގައުމެއްގައި ހިނގާ ށަރީއަތެއްގައި ހެކި ދިނުމަށް ނުވަތަ ތަހްގީގެއްގައި އެހީތެރިވެދިނުމަށް ގެންދިޔުމުގައި ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރުމަށް ބޭރު ގައުމަކުން އެދޭނަމަ، އެ ގައުމުގެ ކަމާބެހޭ މީހެއްގެ ހަވާލުގައި ދިވެހިރާއްޖޭގައި އެމީހާ ޓްރާންޒިޓްކުރުމުގެ ހުއްދައެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހާ ދަތުރުކުރާ އުޅަނދު ދިވެހިރާއްޖޭގައި ޖެއްސީއްސުރެ ނުވަތަ ބަނދަރުކުރީއްސުރެ ދިވެހިރާއްޖެއިން ފުރަންދެން، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން އެމީހާ ހައްޔަރުގައި ބަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހަކު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އޭނާ ގެންދަންވާ ގައުމަށް ގެންގޮސްފައި ނުވާނަމަ، އޭނާ ގެނައި ގައުމަށް އޭނާ އަނބުރާ ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގިދާނެއެވެ.
34 ވަނަ މާއްދާ - ޓްރާންޒިޓްގައިވާ މީހަކު ފިލުން
(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހަކު ފިލައިފިނަމަ، އަދި އެމީހަކީ މި ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާފައިވާ ގޮތުގެމަތިން ބަންދުގައި ބަހައްޓާފައިވާ މީހެއްކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި، އޭނާ ހައްޔަރުކުރުމަށް ފުލުހުންނަށް އެންގުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހައްޔަރުކުރެވޭ މީހާ ފިލާފައިވަނީ، ސައްހަ ބަންދެއްގައި ހުއްޓާތޯ ކޯޓުން ކަނޑައެޅުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހާޒިރުކުރެވޭ މީހާ ފިލާފައިވަނީ، ސައްހަ ބަންދެއްގައި ހުއްޓާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އޭނާ އަލުން ބަންދުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.
35 ވަނަ މާއްދާ - ޓްރާންޒިޓްކުރާ މީހުން ފިލަން އެހީތެރިވެދިނުން
ކުށްވެރިން ބަންދުން ފިލުމަށް އެހީތެރިވުމާ ބެހޭގޮތުން އަދި ފިލައިގެންއުޅޭ ކުށްވެރިންނަށް ހިމާޔަތްދިނުމާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތައް، މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ މީހުންގެ މައްޗަށް ހިނގާނެއެވެ.
ހަތްވަނަ ބާބު
ކުށް ކޮށްގެން ހޯދާ މުދަލާބެހޭ
އެއްވަނަ ބައި
ރާއްޖެއިން އެދުން
36 ވަނަ މާއްދާ - ބޭރު ގައުމެއްގައިވާ ކުށް ކޮށްގެން ހޯދާފައިވާ މުދަލާ ގުޅޭގޮތުން އެދޭ އެދުން
(ހ) މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް، ދައުލަތަށް ނެގުމަށް ދިވެހިރާއްޖޭގެ ކޯޓަކުން އަމުރުކޮށްފައިވާނަމަ، އަދި އެ އަމުރުގައި ބަޔާންކުރާ މުދަލެއް ހުރީ ބޭރު ގައުމެއްގައި ކަމަށްވާނަމަ، އެ އަމުރު ތަންފީޒުކުރުމަށްޓަކައި ބޭރު ގައުމުގައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
(ށ) މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާނަމަ، ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާނަމަ، އެ މައްސަލައިގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން އެ މުދަލެއް ހިފެހެއްޓުމަށް ނުވަތަ އެ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމަށް ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް ދިވެހިރާއްޖޭގެ ކޯޓަކުން އަމުރުކޮށްފައިވާނަމަ، އަދި އެ އަމުރުގައި ބަޔާންކުރާ މުދަލެއް ހުރީ ބޭރު ގައުމެއްގައި ކަމަށްވާނަމަ، އެ އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
(ނ) މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރީ ބޭރު ގައުމެއްގައި ކަމަށްވާނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އަމުރު ފިޔަވައި އެހެން އަމުރެއް ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާނަމަ، އެ އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެދެވިދާނެއެވެ.
ދެވަނަ ބައި
ބޭރު ގައުމުތަކުން އެދުން
37 ވަނަ މާއްދާ - ރާއްޖޭގައިވާ ކުށް ކޮށްގެން ހޯދާފައިވާ މުދަލާ ގުޅޭގޮތުން އެދޭ އެދުން
(ހ) ބޭރު ގައުމެއްގައި މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ މުދަލެއް ނުވަތަ ފައިސާއެއް ހުރީ ދިވެހިރާއްޖޭގައިނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއެއް އެ ގައުމެއްގެ ދައުލަތަށް ނެގުމަށް އެ ގައުމެއްގެ ކޯޓަކުން އަމުރުކޮށްފައިވާނަމަ، އެ އަމުރު ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
(ށ) ބޭރު ގައުމެއްގައި މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ މުދަލެއް ނުވަތަ ފައިސާއެއް ހުރީ ދިވެހިރާއްޖޭގައިނަމަ، އަދި އެ މައްސަލައިގެ ށަރީއަތް ވަކިގޮތަކަށް ނިމެންދެން އެ މުދަލެއް ހިފެހެއްޓުމަށް ނުވަތަ އެ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމަށް ނުވަތަ ވަކި ފަރާތެއްގެ ހަވާލުގައި އެ އެއްޗެއް ބެހެއްޓުމަށް އެ ގައުމެއްގެ ކޯޓަކުން އަމުރުކޮށްފައިވާނަމަ، އެ އަމުރު ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
(ނ) ބޭރު ގައުމެއްގައި މީހަކު ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް ނުވަތަ އެފަދަ ކުށެއް ކުރުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ މުދަލެއް ނުވަތަ ފައިސާއެއް ހުރީ ދިވެހިރާއްޖޭގައިނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއަކާ ގުޅޭގޮތުން މި މާއްދާގެ
(ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އަމުރު ނޫން އެހެން އަމުރެއް އެ ގައުމެއްގެ
ކޯޓަކުން ކޮށްފައިވާނަމަ، އެފަދަ އަމުރެއް ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސައިދިނުމަށް އެދި، އެ ގައުމެއްގެ ކަމާބެހޭ ފަރާތަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ބޭރު ގައުމުގެ އަމުރުތައް، މި މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ބޭރު ގައުމުގެ އަމުރުތައް މި މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ ކަންކަމުގެ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެ ގަވާއިދުގައި އަންނަނިވި ކަންކަމާބެހޭ ތަފްސީލުތައް ހިމަނަންވާނެއެވެ.
- ރާއްޖޭގައި ތަންފީޒުކުރުމަށް ބޭނުންވާ ބޭރު ގައުމުގެ އަމުރުތައް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމާބެހޭ އުސޫލުތަކާއި، އަމުރު ރަޖިސްޓަރީކުރެވޭނެ ގޮތް؛
- ރަޖިސްޓަރީކުރެވޭ އަމުރުތައް އިސްލާހުކުރެވޭނެ ގޮތް؛
- ރަޖިސްޓަރީކުރެވޭ އަމުރުތައް ބާތިލުކުރެވޭނެ ގޮތް.
އަށްވަނަ ބާބު
ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ ފަރާތްތަކުން އެހީއަށް އެދުމާބެހޭ
38 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން އެހީއަށް އެދި ހުށަހެޅުން
(ހ) އަންނަނިވި ކަންކަމަކީ، ޖިނާއީ މައްސަލައަކާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިނގަމުންދާ ށަރީއަތަކަށް މުހިންމު ކަންކަން ކަމުގައި އެ މައްސަލައިގައި ދައުވާލިބޭ ފަރާތަށް ފެނިއްޖެނަމަ، އެކަންކަން ހަމަޖައްސައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް ބޭރު ގައުމަކަށް ހުށަހެޅުމަކީ އެ މައްސަލައިގައި އެންމެ އަދުލުވެރި ގޮތް ކަމަށް ބަޔާންކުރާ ލިޔުމެއް ހޯދުމަށް އެދި އޭނާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
- ބޭރު ގައުމުގައިވާ ހެއްކެއް ހޯދުން؛
- ބޭރު ގައުމުގައިވާ ލިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް ހޯދުން؛
- ބޭރު ގައުމުގައިވާ އެއްޗެއް ހިފެހެއްޓުން؛
- ބޭރު ގައުމުގައިވާ މީހަކު އެ ށަރީއަތުގައި ހެކި ދިނުމަށް ދިވެހިރާއްޖެ ގެނައުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާލިބޭ ފަރާތުން ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމުގެ ކުރިން، އަންނަނިވި ފަރާތްތަކަށް ކޯޓަށް ހާޒިރުވެ، ޖަވާބުދާރީވާނެ ފުރުސަތު ކޯޓުން ދޭންވާނެއެވެ.
- މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލައިގައި ދައުވާލިބޭ މީހާ؛
- ޕްރޮސިކިއުޓަރ ޖެނެރަލް.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލައެއްގައިވާ ގޮތުގެމަތިން ލިޔުމެއް ދޭން ނިންމުމުގައި، އަދުލު އިންސާފުގެ އާންމު ހަމަތަކަށް ރިއާޔަތްކުރުމުގެ އިތުރަށް، އަންނަނިވި ކަންކަމަށްވެސް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އެފަދަ އެދުމެއް ބޭރު ގައުމުން ބަލައިގަތުމަށް އޮތް ފުރުސަތު؛
- ދައުވާލިބޭ މީހާ ހޯދަން އެދޭ އެއްޗަކީ އެނޫން ގޮތަކަށްވެސް ހޯދިދާނެ އެއްޗެއްކަން ނުވަތަ ނޫންކަން؛
- އެފަދަ އެއްޗެއް ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވިދާނެތޯ؛
- ހެކީގެ ގޮތުގައި އެ އެއްޗެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އޭގެ ސަބަބުން އެ މައްސަލައިގައި ނިންމިދާނެ ނިންމުމަކަށް ފައިދާކުރާނެ މިންވަރު؛
- ހެކީގެ ގޮތުގައި އެ އެއްޗެއް ކޯޓަށް ހުށަނޭޅިއްޖެނަމަ، ދައުވާލިބޭ ފަރާތުގެ ހައްގަކަށް އުނިކަން އަތުވެދާނެތޯ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކޯޓަށް ފެންނަ ކަމާގުޅޭ އެހެން ކަމަކަށް ރިއާޔަށްކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ބ) މި މާއްދާގެ ދަށުން ކޯޓުން ލިޔުމެއް ދީފިނަމަ، އެ ލިޔުމުގެ ކޮޕީއެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ. އަދި އެ ލިޔުމުގައިވާ ގޮތުގެމަތިން އެ އެހީއަށް އެދުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.
(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ އެދުމެއް ބަލައިނުގަތުމަށް ބޭރު ގައުމަކުން ނިންމައިފިނަމަ، އެކަން ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާލިބޭ މީހާއަށް ލިޔުމެއް ދޭންވާނެއެވެ.
ނުވަވަނަ ބާބު
ބޭރު ގައުމުތަކުގެ ހެކި ގަބޫލުކުރުމާބެހޭ
39 ވަނަ މާއްދާ - މި ބާބުގައިވާ ކަންކަން
ހިނގުންމި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
(ހ) ޖިނާއީ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގައި ހިންގޭ ށަރީއަތްތައް؛ އަދި
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ޖިނާއީ މައްސަލަތަކާގުޅޭ މަދަނީ މައްސަލަތައް.
40 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހެކި
(ހ) ބޭރު ގައުމުތަކުގެ ހެކި ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ އެދުމެއްގެމަތިން ބޭރު ގައުމެއްގައި ނެގޭ ބަޔާނަށާއި، އެ ބަޔާނާއެކު ހިމެނޭ ކަމާގުޅޭ ތަކެއްޗަށެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މި މާއްދާގައި ބަޔާންކުރާ ބަޔާނުގެ ބައެއް ނުވަތަ ބަޔާނާއެކު ހިމަނާފައިވާ ކަމާގުޅޭ ތަކެތީގެ ބައެއްވެސް ބެލެވޭނީ، ބޭރު ގައުމެއްގެ ހެކީގެ ގޮތުގައެވެ.
41 ވަނަ މާއްދާ - ބަޔާން ނެގުމުގެ އުސޫލުތައް
(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ ބަޔާނެއް ބޭރު ގައުމެއްގައި ނަގަންވާނީ އެ ގައުމެއްގެ މަތީ ކޯޓެއްގައި، ބަޔާން ދޭ މީހާ ހުވައި ކުރުވުމަށްފަހު، ނުވަތަ އެ ކޯޓެއްގައި އެފަދަ ބަޔާން ނެގުމަށް އޮންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބަންދުކުރެވިފައިވާ ށަރީއަތުގެ މަޖިލީހެއްގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ބަޔާން، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ރެކޯޑުކުރެވިދާނެއެވެ.
- ލިޔުމުން؛
- އޯޑިއޯ މެދުވެރިކޮށް؛
- ވީޑިއޯ މެދުވެރިކޮށް.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ބަޔާނަކީ، އެ އަކުރުގައިވާ ގޮތުގެމަތިން ނަގާފައިވާ ބަޔާނެއް ކަމަށާއި، އެއީ ތެދު ބަޔާނެއްކަން ކަށަވަރުކޮށްދޭ ލިޔުމެއް އެ ބަޔާނާއެކު އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ލިޔުމަކީ، އެ ބަޔާން ނެގި ކޯޓުގެ ފަނޑިޔާރު ސޮއިކޮށްފައިވާ، އަދި އެ ގައުމެއްގެ ދައުލަތުގެ ނިށާނެއް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމާބެހޭ އިދާރާއެއްގެ ތައްގަނޑެއް ޖަހާފައިވާ ލިޔުމަކަށް ވާންވާނެއެވެ.
42 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހެކި ގަބޫލުކުރުން
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ، މި ގާނޫނުގެ ދަށުން ހޯދާ ބޭރު ގައުމުތަކުގެ ހެކި، މި ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ށަރީއަތްތަކަށް ގަބޫލުކުރަންވާނެއެވެ.
(ހ) މި މާއްދާގައި ބަޔާންކުރާ ހެކިބަސް ދޭ މީހާ، މި މާއްދާގައި ބަޔާންކުރާ ށަރީއަތް ބޭއްވޭއިރު ހުރީ ދިވެހިރާއްޖޭގައި ކަމަށާއި، އަދި އެމީހަކަށް އެ އަޑުއެހުމަށް ހާޒިރުވެވިދާނެކަމަށް ބެލުމުގައި، އެކަށީގެންވާ ސަބަބު ހުރުން؛
(ށ) މި މާއްދާގައި ބަޔާންކުރާ އަޑުއެހުމުގައި އޭނާ ހެކިބަސް ދީފިނަމަ، އެ ހެއްކަކީ ކޯޓަށް ގަބޫލުނުކުރެވޭނެ ހެއްކެއް ކަމުގައިވުން؛
(ނ) ބޭރު ގައުމެއްގެ ހެއްކަކީ މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ބަލައިނުގަނެވޭނެ އެއްޗެއް ކަމުގައި ކޯޓުން ކަނޑައެޅުން.
43 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހެކި ބަލައިނުގަތުމަށް ނިންމުން
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތެއްގައި އެންމެ އިންސާފުވެރިގޮތަކީ ބޭރު ގައުމެއްގެ ހެއްކެއް ބަލައިނުގަތުން ކަމުގައި ކޯޓަށް ފެނިއްޖެނަމަ، އެފަދައިން
އެ ހެކި ބަލައިނުގަތުމަށް ކޯޓަށް ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
- ބޭރު ގައުމުގެ ހެއްކެއް، އެނޫން ގޮތަކުން ހޯދާ ހެއްކަކަށްވުރެ ބޭނުންތެރިވާ މިންވަރު؛
- ބޭރު ގައުމެއްގެ ހެއްކެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އޭގެ ސަބަބުން އެ މައްސަލައިގައި ނިންމިދާނެ ނިންމުމަކަށް ފައިދާކުރާނެ މިންވަރު؛
- ބޭރު ގައުމުގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބަޔާން ނެގި ވަގުތު އެ ބަޔާން ދިން ފަރާތްތަކާ ސުވާލުކޮށްގެން، އެމީހުން ދީފައިވާ ބަޔާނުގެ ހަގީގަތާމެދު ސުވާލުއުފެއްދެން އޮތް މިންވަރު؛
- ބޭރު ގައުމުގެ ހެކި ގަބޫލުނުކޮށްފިނަމަ، އޭގެ ސަބަބުން ށަރީއަތަށް ކުރިމަތިވާނެ ލަސްވުންތަކާއި ދަތިތައް؛
- ބޭރު ގައުމުގެ ހެކި ގަބޫލުނުކޮށްފިނަމަ، އެ ޖިނާއީ މައްސަލައިގައި ދައުވާލިބޭ މީހާއަށް ނުވަތަ އެ ޖިނާއީ މައްސަލައާގުޅޭ މަދަނީ މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ މިންވަރު.
44 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހެއްކާގުޅޭ ލިޔުން
(ހ) ރާއްޖޭގެ ކޯޓަކުން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި، ބޭރު ގައުމެއްގެ ހެއްކަކީ މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ މީހަކު އެދިގެން ލިބިފައިވާ ހެއްކެއް ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމުން ކަނޑައަޅަންވާނެއެވެ.
(ށ) އެހެން ގޮތަކަށް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ލިބިފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ލިޔުމުގައި ބަޔާންކޮށްފައިވާ ހެއްކަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުގެމަތިން އެ ގައުމަކުން ހޯދާފައިވާ ހެއްކެއް ކަމުގައި ބެލެވޭނެއެވެ.
45 ވަނަ މާއްދާ - ހެކިންނާ ސުވާލުކުރުން
(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ށަރީއަތެއްގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރުމަށް އެ ށަރީއަތުގައި ދައުވާލިބޭ މީހާއަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ލިބޭ ހައްގަކަށް މި ބާބުގައިވާ އެއްވެސް މާއްދާއެއްގެ ސަބަބުން އުނިކަމެއް ނާންނާނެއެވެ.
(ށ) މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މައްސަލައެއްގައި ދައުވާލިބޭ ފަރާތުން، ހެކި ހުށަހަޅާ މީހާއާ ދިވެހިރާއްޖޭގައި ސުވާލުކުރަން ބޭނުންކަމަށް ބުނެ، އެކަން ހަމަޖައްސައިދިނުމަށް އެދެފިނަމަ، އެމީހަކު ދިވެހިރާއްޖެ ގެނެސް، ކޯޓަށް ހާޒިރުކުރުމުގައި ދައުލަތުން ކުރާ ހަރަދު، އޭނާ އުފުލަންޖެހިދާނެ ކަމަށް ކޯޓުން އޭނާއަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދައުވާލިބޭ ފަރާތުން އެދިގެން ހެކިބަސް ދޭ މީހާ ކޯޓަށް ހާޒިރުވެއްޖެނަމަ، އަދި އެމީހާއާ ދައުވާލިބޭ ފަރާތުން ކުރި ސުވާލުތަކަކީ، ކަމާނުގުޅޭ ނުވަތަ އެކަށީގެންނުވާ ސުވާލުތަކެއް ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެމީހަކު ކޯޓަށް ހާޒިރުކުރުމަށްޓަކައި ދައުލަތުން ކުރި ހަރަދުތައް ދެއްކުމަށް ދައުވާލިބޭ ފަރާތަށް ކޯޓުން އެންގިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހެކިބަސް ދޭ މީހަކު ދިވެހިރާއްޖެ ގެނައުމަށް ދިޔަ ހަރަދުގެ ހެއްކެއްގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ދޭ ލިޔުމެއް ފުދޭނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ދައްކަންޖެހޭ ފައިސާ ބެލެވޭނީ ދައުލަތަށް އޭނާ ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމުގައެވެ.
(ޅ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ފައިސާ ދެއްކުމަށް ކޯޓުން ކޮށްފައިވާ ހުކުމެއް، ދިވެހިރާއްޖޭގައި މަދަނީ މައްސަލަތަކުގައި އެފަދަ ދަރަންޏާ ގުޅޭގޮތުން ހުކުމް ތަންފީޒުކުރެވޭ އުސޫލުން ތަންފީޒުކުރެވޭނެއެވެ.
46 ވަނަ މާއްދާ - އެހެން ގާނޫނުތަކަށް އަސަރުނުކުރުން
ހެކި ހޯދުމާ ބެހޭގޮތުން އެހެން ގާނޫނެއްގައި ބަޔާންކުރާ އުސޫލުތައް، މި ގާނޫނުން ހަންޏެއް ނުކުރެއެވެ.
ދިހަވަނަ ބާބު
އެހެނިހެން
47 ވަނަ މާއްދާ - ބައިނަލްއަގްވާމީ އިދާރާއަކުން އެހީއަށް އެދުން
(ހ) ޖިނާއީ މައްސަލައެއްގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން އެދި ބައިނަލްއަގްވާމީ އިދާރާއަކަށް މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި ބައިނަލްއަގްވާމީ އިދާރާއެއް ކަމުގައި ބަލާނީ، އިންޓަރނޭށަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭށަން ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން އެފަދަ އެހީއަކަށް ދިވެހިރާއްޖޭގައި އެދެވިދާނެ ކަމަށް ބަޔާންކުރާ ބައިނަލްއަގްވާމީ ކޮންމެ އިދާރާއަކަށެވެ.
(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން އަމަލުކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް، މި މާއްދާގެ ދަށުން ބައިނަލްއަގްވާމީ އިދާރާތަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ހިނގާނެއެވެ.
48 ވަނަ މާއްދާ - ހެކި ގަބޫލުކުރުން
(ހ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ބޭއްވޭ ށަރީއަތެއްގައި، މި ގާނޫނުގެ ދަށުން އެދޭ އެދުމަކާ ގުޅިގެން ބޭރު ގައުމަކުން ހޯދާ، އަދި މި ގާނޫނުގައި ސައްހަ ލިޔުމެއް ކަމުގައި ބަޔާންކުރާ ކޮންމެ ލިޔުމެއްވެސް ހެކީގެ ގޮތުގައި ގަބޫލުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، އެހެން ގާނޫނެއްގެ ދަށުން ހެކީގެ ގޮތުގައި ހުށަހަޅަން ހުއްދަކުރާ ލިޔުމެއް، އެ މާއްދާގައި ބަޔާންކުރާ ށަރީއަތަކަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
49 ވަނަ މާއްދާ - ސައްހަ ލިޔުން
މި ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔުމަކީ، ސައްހަ ލިޔުމެއް ކަމުގައި މި ގާނޫނުގެ ދަށުން ބެލޭނީ، އެ ލިޔުމަކީ ކަމާގުޅޭ ބަޔާން ނެގި ކޯޓުގެ ފަނޑިޔާރު ސޮއިކޮށްފައިވާ، އަދި އެ ގައުމެއްގެ ދައުލަތުގެ ނިށާނެއް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރާއެއްގެ ތައްގަނޑެއް ޖަހާފައިވާ ލިޔުމަކަށް ވާނަމައެވެ.
50 ވަނަ މާއްދާ - ފޮރިން ލޯ އިމިއުނިޓީ ސެޓްފިކެޓް
މި ގާނޫނުގެ ދަށުން ބާއްވާ ށަރީއަތްތަކަށް، ފޮރިން ލޯ އިމިއުނިޓީ ސެޓްފިކެޓް، އެ ސެޓްފިކެޓްގައި ބަޔާންކުރާ ކަންކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެއެވެ.
51 ވަނަ މާއްދާ - ހުއްދަކޮށްފައިވާ ގޮތަށް މެނުވީ މައުލޫމާތު ބޭނުންނުކުރުން
(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި މި ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެދޭ އެދުމަކާ އެއްގޮތްވާ ގޮތުގެމަތިން ބޭރު ގައުމަކުން ދިވެހިރާއްޖެއަށް ފޮނުވާ އެއްޗެއް، އެއީ ހެއްކެއް ކަމުގައިވިޔަސް، ލިޔުމެއް ކަމުގައިވިޔަސް، ނުވަތަ އެނޫން އެއްޗެއް ކަމުގައިވިޔަސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ނެތި، އެ އެއްޗެއް އެހެން ބޭނުމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި މި ގާނޫނުގެ ދަށުން އެއްޗެއް ހޯދުމަށް އެދުނުއިރު، އެ އެއްޗެއް ބޭނުންވާކަމަށް ބަޔާންކޮށްފައިވާ ށަރީއަތެއް ފިޔަވައި އެހެން ށަރީއަތަކަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު މެނުވީ، ބަލައިގަނެގެން ނުވާނެއެވެ.
(ނ) މި ގާނޫނުގެ ބޭނުމަށްޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް ބޭނުންކޮށްގެން މީހެއްގެ ކިބައިން ސީދާގޮތުން ނުވަތަ ނުސީދާގޮތުން މައުލޫމާތެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް އެއްޗެއް ހޯދައިފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްޗެއް ހޯދުމަށް އެދުނުއިރު އެ އެއްޗެއް ބޭނުންވާކަމަށް ބަޔާންކޮށްފައިވާ ށަރީއަތެއް ނުވަތަ ތަހްގީގެއް ފިޔަވައި އެހެން ށަރީއަތެއްގައި ނުވަތަ ތަހްގީގެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދައާއެކު މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އާ ހިލާފުވެއްޖެ މީހަކު އެކުރީ ކުށެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކުރީ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، އެފަރާތެއްގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި، މި މާއްދާގައި ބަޔާންކުރާ އެއްޗަކާބެހޭ މައުލޫމާތު ހާމަކުރުމަކީ، އެ މައުލޫމާތު ބޭނުންކުރުން ކަމުގައި ބެލޭނެއެވެ.
52 ވަނަ މާއްދާ - މައުލޫމާތު ހާމަނުކުރުން
(ހ) މި ގާނޫނުގެ ދަށުން ޖިނާއީ މައްސަލައެއްގައި އެހީ ހޯދުމަށް ބޭރު ގައުމަކުން އެދުނުކަމުގެ މައުލޫމާތު، ނުވަތަ އެ އެދުމުގެމަތިން އެހީ ފޯރުކޮށްދީފިކަމުގެ މައުލޫމާތު، ނުވަތަ އެފަދަ އެދުމެއްގައިވާ ތަފްސީލުތަކުގެ މައުލޫމާތު، މީހަކު އަދާކުރާ މަގާމުގެ ހައިސިއްޔަތުން އޭނާއަށް އެނގޭނަމަ، އޭނާގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އެ މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް ހާމަކުރުން ފިޔަވައި، ނުވަތަ އެ މައުލޫމާތު ހާމަކުރަން ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަކުރާ މިންވަރަކަށް ހާމަކުރުން ފިޔަވައި، ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު އެކުރީ ކުށެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރީ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، އެފަރާތެއްގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
53 ވަނަ މާއްދާ – ހަރަދު
(ހ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ބޭރު ގައުމަކާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއްގައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން އުފުލަންޖެހޭ އާންމު ހަރަދުތައް އުފުލާނީ ދިވެހިރާއްޖެއިންނެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ހުށަހެޅުމެއްގައިވާ ކަންކަން ތަންފީޒުކުރުމަކީ، ބޮޑު ހަރަދެއް ހިނގާނެ ކަމެއްނަމަ، އެ ހުށަހެޅުމެއް ތަންފީޒުކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި މަށްވަރާކުރެވި، އެއްބަސްވެވޭ ގޮތަކަށް އެކަން ކުރެވިދާނެއެވެ.
(ނ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ބޭރު ގައުމަކާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން ދިވެހިރާއްޖޭގައިވާ މީހަކު އެ ގައުމަށް ފޮނުވުމަށް ހިނގާ ހަރަދު އުފުލާނީ، އެ ގައުމަކުންނެވެ.
54 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހިންގޭ ށަރީއަތްތަކުގެ އިޖުރާއަތު ކަނޑައެޅުމާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ކަމާބެހޭ ކޯޓުތަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތައް ފިޔަވައި އެހެން ގަވާއިދުތައް ހަދާނީ، ޕްރޮސިކިއުޓަރ ޖެނެރަލެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.
55 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައެވެ.
56 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ދިވެހިރާއްޖޭގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ، ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށެވެ.
(ށ) "ބޭރު ގައުމެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ގައުމަކަށެވެ. މި މާނަކުރުމުގެ ތެރޭގައި އެ ގައުމެއްގެ އެންމެހައި ސަރަހައްދުތަކާއި، އެ ގައުމެއްގެ ސިޔާސީ ބާރުގެ ދަށުގައިވާ އެންމެހައި ރަށްތައް ހިމެނެއެވެ.
(ނ) "ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ބޭރު ގައުމަކުން ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުން އެދި ހުށަހެޅުމަށް، ނުވަތަ އެފަދަ އެހީއަށް ދިވެހިރާއްޖެއިން އެދި ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރުމަށް އެ ގައުމެއްގެ ގާނޫނުން ބާރުދީފައިވާ ނުވަތަ ހުއްދަކޮށްފައިވާ ފަރާތެއްކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭ ފަރާތަކަށެވެ.
(ރ) "ބޭރު ގައުމެއްގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގައި އަމަލުކުރެވޭ، އެ ގައުމެއްގެ އެންމެހައި ގާނޫނަށެވެ.
(ބ) "ކުށްވެރިޔާ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ނުވަތަ ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ކުށެއް ކުރިކަމުގެ ދައުވާ އުފުލި، ށަރީއަތް ހިންގުމަށްޓަކައި ބަންދުކޮށްފައިވާ ނުވަތަ ހުކުމްކުރުމުގެ ކުރިން ބަންދުކޮށްފައިވާ ނުވަތަ ހުކުމްކުރުމަށްފަހު ބަންދުކޮށްފައިވާ ކުށްވެރިޔަކަށެވެ. މި މާނަކުރުމުގައި، ބަންދުގައި ވަނިކޮށް ފިލާފައިވާ މީހުންނެއް ނުހިމެނެއެވެ.
(ޅ) "ކޮމިށަނަރ އޮފް ޕޮލިސް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
(ކ) "އެއްޗެއް" ކަމަށް ބުނެފައިއެވަނީ، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކުރެވިފައިވާ ފޮތެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް މުދަލެއް ނުވަތަ އެއްޗެއް، ނުވަތަ އެފަދަ އެއްޗެއް ރައްކާކުރެވިފައިވާ ވަސީލަތަކަށެވެ.
(އ) "އަސްކަރީ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫނަސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭގޮތުން ހަދާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށެވެ.
(ވ) "ވީޑިއޯ ނުވަތަ އިންޓަރނެޓް ލިންކެއް" ކަމަށް ބުނެފައިއެވަނީ، އެއް ތަނެއްގައި އެއްވެތިބި ބަޔަކަށް، އެހެން ތަނެއްގައި ތިބި ބަޔަކު ފެނި، އަޑުއަހައި، އެމީހުންނާ ވާހަކަ ދެއްކުމަށްޓަކައި ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ނިޒާމަކަށެވެ.
(މ) "މުދަލުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.
- މުދާ ހޯދުން ނުވަތަ ލިބިގަތުން؛
- މުދާ ފޮރުވުން، ނުވަތަ އޮތް ތަން ބަދަލުކޮށްގެން ނުވަތަ ސިފަ ބަދަލުކޮށްގެން ނުވަތަ ވެރިފަރާތް ބަދަލުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އޭގެ އަސްލު ނޭނގޭ ގޮތަށް ބަދަލުކުރުން؛
- މުދާ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖެއިން ގެންދިޔުން؛
- މުދާ ބޭނުންކޮށްގެން (ކުށްޔަށްދީގެން ނުވަތަ ރަހުނުކޮށްގެން ނަމަވެސް) ފައިސާ ހޯދުން؛
- ދަރަންޏެއް އަދާކުރުމަށްޓަކައި ސެކިއުރިޓީގެ ގޮތުގައި އެ މުދާ ބޭނުންކުރުން.
(ފ) "ފޮރިން ލޯ އިމިއުނިޓީ ސެޓްފިކެޓް" ކަމަށް ބުނެފައިއެވަނީ، ބޭރު ގައުމެއްގެ ގާނޫނުގެ ދަށުން ވަކި ބަޔަކީ ނުވަތަ އާންމުކޮށް އެންމެންނަކީ، އާންމުކޮށް ބާއްވާ ށަރީއަތްތަކުގައި ނުވަތަ ވަކި ބާވަތެއްގެ ށަރީއަތްތަކުގައި އާންމުކޮށް ނުވަތަ ވަކި ހާލަތްތަކެއްގައި، ވަކި ބާވަތެއްގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭ ނުވަތަ ޖަވާބުދޭންނުޖެހޭ، ނުވަތަ ވަކި ލިޔުމެއް ހުށަހަޅަންޖެހޭ ނުވަތަ ހުށަހަޅަން ނުޖެހޭ ބައެއް ކަމުގައި ބަޔާންކޮށް، ބޭރު ގައުމަކުން ދޭ ބަޔާނެއް ނުވަތަ ސެޓްފިކެޓެކެވެ.
(ދ) "ތަނެއް" ކަމަށް ބުނެފައިއެވަނީ، އާންމު ތަނެއް ނުވަތަ ދުއްވާ އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ ބޯޓެއް ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމެނޭގޮތުންނެވެ.
(ތ) "ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ.
- ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
- އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
- ފޮޓޯ؛
- އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ލަވަރޯލެއް؛
- މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.
(ލ) "ސިޔާސީ ކުށެއް" ކަމަށް ބުނެފައިއެވަނީ، ކުށް ކުރި ހާލަތަށް ބަލާއިރު އެ ކުށް ކޮށްފައިވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާ ކުށްކުށެވެ.
- ގަސްދުގައި މީހަކު މެރުމުގެ ކުށް ނުވަތަ އެނޫން ގޮތަކަށް މީހަކު މެރުމުގެ ކުށް؛
- މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ކުރުމުގެ ކުށް؛
- މީހަކު ވަގަށްނެގުމުގެ ކުށް ނުވަތަ ރަހީނުކުރުމުގެ ކުށް ނުވަތަ ބާރުގެ ބޭނުންކޮށްގެން ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ހޯދުމުގެ ކުށް؛
- މީހެއްގެ ފުރާނައަށް ނުރައްކާތެރިވެދާނެ ނުވަތަ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ކުރިމަތިވެދާނެ ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ގޮވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ކުށް؛
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުން ނުވަތަ އެއިން ކަމެއް ކުރަން ރޭވުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.
(ގ) "ށަރުއީ ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، ށަރުއީ ކޯޓަކުން ނެރޭ ކޯޓަށް ހާޒިރުވުމުގެ އަމުރާއި، ނޯޓިހާއި، އެނޫންވެސް އެފަދަ އަމުރާއި، ހުކުމްތައް ހިމެނޭގޮތުންނެވެ.
(ޏ) "ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ. ނުވަތަ އެހެން ގައުމެއްގެ ގާނޫނެއްގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް، އެއީ، ދިވެހިރާއްޖޭގައި އެ ކުށުގެ އަމަލު ހިނގައިފިނަމަ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އެ އަމަލުން ފުރިހަމަވާ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ.
(ސ) "ޖިނާއީ މައްސަލައެއްގެ ތަހްގީގު" ކަމަށް ބުނެފައިއެވަނީ، ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ކުރެވޭ ތަހްގީގަށެވެ.
(ޑ) "ޖަލު" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ތަންތަން ހިމެނޭގޮތުންނެވެ.
(ޒ) "ޖިނާއީ މައްސަލައެއްގެ ށަރީއަތް" ކަމަށް ބުނެފައިއެވަނީ، ކުށެއް ކޮށްފައިވާ ކަމުގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ބަޔާންކުރާ ކުށް ސާބިތުވޭތޯ ކަނޑައެޅުމަށްޓަކައި، އަދި ކުށް ސާބިތުވެއްޖެނަމަ، ކުށަށް އަދަބު ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ޖިނާއީ މައްސަލަތަކުގައި ގާނޫނު އެހީތެރިކަން ބަދަލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-130)
ކިޔުންތެރިންގެ ހިޔާލު