-

ގާނޫނު ނަންބަރު 2020-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-15)

(މި ގާނޫނަށް އަމަލުކުރަން ފެށީ 31 އޮގަސްޓު 2026 ގައި)

 

ގާނޫނު ނަންބަރު 2020-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއާއި، މީރާގެ އެންމެހައި މުވައްޒަފުންގެ މިލްކިއްޔާތާބެހޭ މައުލޫމާތު ދިރާސާކުރުމާއި، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދުން؛

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއް އަޅައި، ބާރުގެ ބޭނުންކޮށް ރިށްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވައި، އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ، 200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ޓެކްސް ނެގުމާބެހޭ ގާނޫނެއްގެ ދަށުން ހިންގޭ މަދަނީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު، ނުވަތަ އެނޫންވެސް ކަމާބެހޭ ގާނޫނެއް ތަންފީޒުކުރުމުގައި ކޯޓު އަމުރެއްގެ ދަށުން ހާމަކުރަން ލާޒިމްވާ މައުލޫމާތު

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) ޓެކްސް ނެގުމާބެހޭ ގާނޫނެއްގެ ދަށުން ހިންގޭ ޖިނާއީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު، ނުވަތަ ޓެކްސް ނެގުމާބެހޭ ގާނޫނެއް ނުވަތަ އެނޫންވެސް ކަމާބެހޭ ގާނޫނެއްގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިންގާ ޖިނާއީ ތަހުގީގެއްގެ ބޭނުމަށް ކަމާބެހޭ އިދާރާއެއްގެ އަމުރެއްގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން.

(11) ގާނޫނަކުން ވަކި އިދާރާއަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް މީރާއަށް ލާޒިމްކުރާ ހާލަތުގައި އެ ގާނޫނުގައިވާ ގޮތުގެމަތިން އެ އިދާރާއަކަށް ފޯރުކޮށްދޭ މައުލޫމާތު؛

(12) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖިނާއީ ކުށާ ގުޅިގެން ދައުވާކުރުމަށް ފޮނުވާ ފަރާތްތަކުގެ މައުލޫމާތު.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) އެއްވެސް މީހަކު މި މާއްދާގެ (ނ) ގައި ބުނެފައިވާ އިގުރާރާ ހިލާފުވިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ މީހެއްގެ އަދަބަކީ، އެ މީހަކު ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާއިން ވަކިކުރުން ނުވަތަ ވަޒީފާއިން ވަކިކުރުމާއެކު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު އަކުރު އިތުރުކުރުން.

(އ) މި މާއްދާގެ (ށ) ގެ ދަށުން ހާމަކުރާ ސިއްރު މައުލޫމާތުގެ ތެރެއިން އާންމުކުރެވޭ ނުވަތަ އެ މައުލޫމާތު އާންމުކުރުން ގާނޫނު ހުއްދަކުރާ މައުލޫމާތު ފިޔަވައި އެނޫން ކޮންމެ މައުލޫމާތެއްގެ ސިއްރުކަން އެ މައުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު ލިބޭ ފަރާތުން، އެ މައުލޫމާތު އެހެން އެއްވެސް ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ވ) މި މާއްދާގެ (އ) އެހެން އޮތްނަމަވެސް، ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ށަރީއަތެއްގެ ބޭނުމަށް މައުލޫމާތު ހާމަކުރުމަކަށް އެ އަކުރު ހުރަހެއް ނާޅައެވެ.

(މ) މި ގާނޫނުގެ 1-21 ވަނަ މާއްދާގެ ދަށުން މީރާއިން ހޯދާ މައުލޫމާތު މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ފ) އެއްވެސް ފަރާތަކުން މި މާއްދާގެ (އ) އާ ހިލާފުވެއްޖެނަމަ، އެ މީހެއްގެ އަދަބަކީ، 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ޓެކްސް ގާނޫނެއްގެ ދަށުން، ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއްގެ މައުލޫމާތު، ނުވަތަ ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ގާނޫނެއްގެ ދަށުން މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި، އެނޫން ފައިސާއާއި، ޖޫރިމަނާ ނުދައްކާ ފަރާތެއްގެ މައުލޫމާތު، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހާމަކުރުމަކީ މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސިއްރު ހިފެހެއްޓުމާ ހިލާފުވާނެ ކަމެއް ނޫނެވެ

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ބ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގެ ދަށުން އެއްވެސް ފަރާތަކާ މައުލޫމާތު ހިއްސާކުރަންވާނީ ހަމައެކަނި އެ މައުލޫމާތު ހާމަކުރެވޭ ބޭނުމަށް އެ މައުލޫމާތެއް ބޭނުންކުރުމަށް ށަރުޠުކޮށެވެ، އަދި/ނުވަތަ އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ށަރުޠުކޮށެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމެއްގެ ދަށުން އެއްވެސް ފަރާތަކާ މައުލޫމާތު ހިއްސާކުރަންވާނީ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. އަދި އެ އެއްބަސްވުމުގައި މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭގޮތުން ވަކި އުސޫލެއް ކަނޑައަޅާފައިނުވާނަމަ، އެފަދަ އެއްބަސްވުމެއްގެ ދަށުން މައުލޫމާތު ހާމަކުރަންވާނީ އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ށަރުޠުކޮށެވެ، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް އެކަނި އެ މައުލޫމާތެއް ބޭނުންކުރުމަށް ށަރުޠުކޮށެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނަކުން އެހެން އިދާރާއަކަށް ފޯރުކޮށްދިނުމަށް މީރާއަށް ލާޒިމްކުރާ މައުލޫމާތު މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (11) ވަނަ ނަންބަރުގެ ދަށުން މީރާއިން ހާމަކުރަންވާނީ، އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށާއި އެ މައުލޫމާތެއް ދޫކުރެވޭ ބޭނުމަށް އެކަނި އެ މައުލޫމާތެއް ބޭނުންކުރުމަށް ށަރުޠުކޮށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި އެ ސޮޔަކީ އަތުން ކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ތައްގަނޑަކުން ޖަހާފައިވާ ނުވަތަ އިލެކްޓްރޯނިކް ސޮޔެއްކަމަށް ވިޔަސް އެއީ ސައްހަ ސޮޔެއްކަމަށް ބެލެވޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ހުއްދަ ދީފައިވާ މީހެއް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ވަކި ކަންކަމަށް ހުއްދަ ދިނުމަށް ނުވަތަ ވަކި ބާރުތަކެއް ބޭނުންކުރުމަށް މީރާގެ މުވައްޒަފުންގެ ތެރެއިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ލިޔުމުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.

(ރ) މި ގާނޫނުގެ ދަށުން ނުވަތަ ޓެކްސް ގާނޫނެއްގެ ދަށުން ސީދާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގަންޖެހޭ އެންގުމެއް ނުވަތަ ނިންމަންޖެހޭ ނިންމުމެއް ނުވަތަ ދޭންޖެހޭ ހުއްދައެއް ފިޔަވައި، އެހެން އެންގުންތަކާއި، ނިންމުންތަކާއި ހުއްދަތައް ދޫކޮށްފައިވަނީ މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ހުއްދަ ދީފައިވާ މީހަކު ސޮއިކުރުމަށްފަހުގައިނަމަ، އެއީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ސައްހަ އެންގުމެއް، ނުވަތަ ނިންމުމެއް ނުވަތަ ހުއްދައެއް ކަމުގައި ބެލެވޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިޔެކިޔުން ރައްދުކުރުމާއި، ބަލައިގަތުން 18.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ފޮނުވާ ލިޔެކިޔުން ރައްދުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާއިން ފޮނުވާ ލިޔެކިޔުމެއް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޓެކްސް ދައްކާ ފަރާތަކަށް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.

  1. ޓެކްސް ދައްކާ ފަރާތުން މީރާއަށް އަންގާފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެހަށް، ރަޖިސްޓަރޑް ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޫރިއަރ ހިދުމަތެއް މެދުވެރިކޮށް ފޮނުވުމުން؛
  2. ޓެކްސް ދައްކާ ފަރާތުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވުމުން؛
  3. މީރާގެ އޮންލައިން ޕޯޓަލްގެ ޕްރައިމަރީ އެކައުންޓުން ފެންނާނެހެން ށާއިއުކުރުމުން ނުވަތަ ހިއްސާކުރުމުން؛
  4. މީރާގެ މުވައްޒަފަކު، ޓެކްސް ދައްކާ ފަރާތާ ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ އެހެން ފަރާތަކާ ސީދާ ހަވާލުކުރުމުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، އެއްގޮތަށްވުރެ ގިނަ ގޮތަށް ލިޔެކިޔުމެއް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވި ތާރީހުކަމަށް ބަލާނީ، އެ ލިޔެކިޔުމެއް ފުރަތަމަ ރައްދުވި ތާރީހެވެ.

(ރ) ގާނޫނީ ށަހްސަކުން، އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް މީރާއަށް އަންގާފައިނުވާނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ކަމަށް ބަލާނީ:

  1. އެ ގާނޫނީ ށަހްސު ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛ ނުވަތަ
  2. ގާނޫނީ ށަހްސަކީ ކުންފުންޏެއްނަމަ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ ގާނޫނީ ށަހްސަކީ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރު، ނުވަތަ އެނޫން ބާވަތެއްގެ ގާނޫނީ ށަހްސެއްނަމަ، އެ ފަރާތުގެ ހިންގުމުގެ އިސްފަރާތުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން މީރާއަށް އަންގާފައިވާ، އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް؛ ނުވަތަ
  3. ގާނޫނީ ށަހްސަކީ އުވާލުމުގެ މަސައްކަތް ފަށާފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނި އުވާލުމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ކޯޓުން އައްޔަންކުރާ ފަރާތުން، މީރާއަށް އަންގާފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް؛ ނުވަތަ
  4. މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މަސްއޫލުވާ މީހާގެ، މީރާއަށް އަންގާފައިވާ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް.

(ބ) ޓެކްސް ދައްކާ ފަރާތަކުން ނުވަތަ މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް، ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ފަރާތަކުން ލިޔެކިޔުން ފޮނުވަންވީ، އެ ފަރާތުގެ އެޑްރެސް މީރާއަށް އަންގާފައިނުވާނަމަ، އަދި އެ ފަރާތަކީ، އަމިއްލަ ފަރުދެއް ކަމުގައިވާނަމަ، އެ ފަރާތުގެ ލިޔެކިޔުންތައް ފޮނުވަންވީ އެޑްރެހަކީ، އެ ފަރާތެއް ދިރިއުޅެމުންދާ ނުވަތަ އެންމެ ފަހުން ދިރިއުޅުނު ކަމަށް މީރާއަށް އެނގެންއޮތް އެޑްރެހެވެ.

(ޅ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ޓެކްސް ދައްކާ ފަރާތާ ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ އެހެން ފަރާތަކާ ސީދާ ހަވާލުކުރުން ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކުން އެ ލިޔެކިޔުމާ ހަވާލުވެ ހަވާލުވިކަމުގެ ސޮއިކުރުމަށެވެ.

(ކ) މީރާއަށް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އިލެކްޓްރޯނިކް ސިފައިގައި ބަލައިގަތުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހުށަހެޅޭ ލިޔެކިޔުންތައް ވާނީ، ގާނޫނުގެ ދަށުން ސައްހަ ލިޔުންތަކެއް ކަމުގައެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ޓެކުހާގުޅޭ މައުލޫމާތު ހޯދުމުގެ ބާރު 1-21.

(ހ) ޓެކްސް ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު އެ ފަރާތެއްގެ އަތުގައި ހުރި ކޮންމެ ފަރާތަކަށްމެ، އެ މައުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، "ޓެކްސް ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ހިންގާ އޮޑިޓެއް ނުވަތަ ތަހްގީގެއްގެ ބޭނުމަށް ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ ގުޅިގެން މީރާއިން ހަދާ އިދާރީ ބިނާކުރުމަކަށްޓަކައި ހޯދާ ޓެކްސް ދައްކާ ފަރާތްތަކުގެ ކަމާބެހޭ މައުލޫމާތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މީރާއިން ފޮނުވާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން، އެ އެންގުން ރައްދުވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި، އެ އެންގުމުގައި ބަޔާންކުރާ މައުލޫމާތު، އެ އެންގުން ރައްދުވާ ފަރާތުން މީރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހޯދާ މައުލޫމާތު، މީރާއިން ބޭނުންކުރަންވާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ މައުލޫމާތު ހޯދުމުގެ އުސޫލު، މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ހޯދާ ބޭންކު އެކައުންޓުގައިވާ މައުލޫމާތުގެ މައްޗަކަށް ނުހިނގާނެއެވެ.

 

ޓެކްސް ގާނޫނުތައް ތަންފީޒުކުރުމަށް މައުލޫމާތު ބޭނުންކުރުން 2-21.

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާއާއި 1-21 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބޭ މައުލޫމާތު ހިމެނޭހެން، މި ގާނޫނުގެ ދަށުން ނުވަތަ ޓެކްސް ގާނޫނެއްގެ ދަށުން މީރާއަށް ލިބިދޭ ބާރެއްގެ ދަށުން ތިންވަނަ ފަރާތަކުން ލިބޭ ނުވަތަ ހޯދާ މައުލޫމާތާއި، އާންމުކޮށް ލިބެން ހުންނަ މައުލޫމާތު، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ހިސާބުކުރަނީ ޓެކްސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށާއި، ޓެކްސް ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް މައުލޫމާތެއް ބޭނުންކުރެވޭނީ ވަކި އުސޫލުތަކެއްގެ މަތިން ކަމުގައި މި ގާނޫނުގެ އެހެން މާއްދާއެއްގައި، ނުވަތަ ޓެކްސް ގާނޫނެއްގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާނަމަ، މި މާއްދާގެ (ހ) އަށް އަމަލުކުރަންވާނީ އެ މާއްދާ ނުވަތަ މާއްދާތަކާ ހިލާފުނުވާނެ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތުގެ މައްޗަށް، މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ސިއްރު ހިފެހެއްޓުމުގެ އެންމެހައި އުސޫލުތައް ހިނގާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރާ އެންމެހައި ފަރާތްތަކުގެ ރަޖިސްޓަރީއެއް "ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ" ގެ ނަމުގައި މީރާއިން ބަލަހައްޓަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ އެކުލަވާލުމަށް ބޭނުންވާ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މައުލޫމާތު ހުށަހެޅުމަށް، ޓެކްސް ގާނޫނެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމުވާ ކޮންމެ ފަރާތަކަށްމެ މީރާއިން އެންގިދާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މީރާގައި އޮންނަ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީގައިވާ އެ ފަރާތެއްގެ މައުލޫމާތަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ޓެކްސް ދައްކާ ފަރާތުން ނުވަތަ އެ ފަރާތެއްގެ މަސްއޫލުވާ ފަރާތަކުން، އެ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން މީރާއަށް އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާޠިލުކުރުމާއި، ޓެކްސް އޭޖެންޓުންގެ ށަރުޠުތަކާއި، އިމްތިހާނުތަކާއި، ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ ދާއިރާގެ އިތުރުން ޓެކްސް އޭޖެންޓުންނާގުޅޭ އެނޫންވެސް އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ހ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ގާނޫނުތަކުގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި، އެފަދަ މައުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް މި ގާނޫނާ ނުވަތަ ކަމާބެހޭ ޓެކްސް ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން މީރާއަށް ފޯރުކޮށްދިނުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް، އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ކ) ޓެކްސް ގާނޫނެއްގެ ދަށުން، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން، މީރާގައި ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުން.

(އ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުންވެސް، ދައްކަންޖެހޭ ޓެކުހަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން.

(ވ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ފޯރުވައިދީފައިވާ މައުލޫމާތަކަށް ނުވަތަ ފޯރުވައިދޭންޖެހޭ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެކަން މީރާއަށް އެންގުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މީރާއިން އޮޑިޓެއްކުރަން ފަށާފައިވާނަމަ، ނުވަތަ މި ގާނޫނުގެ ދަށުން މީރާއިން ތަހުގީގެއް ކުރިއަށް ގެންދާކަން މައްސަލަ ރައްދުވާ ފަރާތަށް މީރާއިން އަންގާފައިވާނަމަ، އެ އޮޑިޓެއް ނުވަތަ ތަހުގީގެއް ނިމި، މީރާއިން އަންގަންދެން، އެކަމާގުޅޭ ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ.

(ޅ) ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އެއްވެސް ކުންފުންޏެއް އުވާލައިފިނަމަ، މި މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތައް، ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރެވޭ ދުވަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ފަރާތުން ބަލަހައްޓަންވާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އުނިކުރުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތިންވަނަ ބާބު

އޮޑިޓްކުރުމާއި، ތަހުގީގުކުރުމާއި، ޓެކްސްގެ އަދަދު ކަނޑައެޅުމާއި އިދާރީ ފިޔަވަޅު އެޅުން

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓެކްސް ދައްކާ ފަރާތަށް، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އަންގާ އެންގުމަކުން އެ އެންގުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ޓެކްސް އަހަރެއްގައި ނުވަތަ އަހަރުތަކެއްގައި، ނުވަތަ ޓެކްސް ނެގޭ މުއްދަތެއްގައި ނުވަތަ މުއްދަތުތަކެއްގައި، ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކޮށްފައިވަނީ ޓެކްސް ގާނޫނުތަކާ އެއްގޮތަށްކަން ޔަގީންކުރުމަށާއި ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބެލުމަށް މީރާއިން އެ ފަރާތަށް އެންގިދާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ށ) މި މާއްދާގެ (ށ) ގެ ބޭނުމަށް، މި ގާނޫނުގެ 1-44 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން، ޓެކްސް ދައްކަންޖެހޭ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކޮށްފިނަމަ، އެ ބިނާކުރުން ނިސްބަތްވާ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހެޅި ތާރީހު ކަމުގައި ބަލާނީ، ޓެކްސް ބިނާކުރިކަން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އެ ފަރާތަށް އެންގި ތާރީހެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ހ) ނުވަތަ ނުވަތަ (1-ށ) ނުވަތަ (ނ) ގެ (1-ނ) ގެ ދަށުން، އެންގުމެއް ފޮނުވިއްޖެ ހާލަތެއްގައި، އެ އެންގުމުގައި ހަވާލާދީފައިވާ ކަންކަން ކުރުމަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށާއި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އައްޔަންކުރާ ފަރާތްތަކަށް އެ އެންގުން ރައްދުވާ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި މާއްދާއަށް އަމަލުކުރެވޭނީ، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކަށް އެންގުމެއް ފޮނުވިއްޖެ ހިނދެއްގައެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ޓެކްސް ދައްކާ ފަރާތަކުން އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް ހުށަހަޅާ ޓެކްސް ބަޔާނަކީ ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްތޯއާއި، ސައްހަ ނުވަތަ ސައްހަނޫން އެއްޗެއްކަމުގައިވާނަމަ، އެއީ ކިހާ މިންވަރަކަށްތޯ، ހޯދުމުގެ ބޭނުމަށް؛ ނުވަތަ

(2) ޓެކްސް ދައްކާ ފަރާތަކުން އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް އެ ފަރާތަށް ލިބިފައިވާ އާމްދަނީގެ އަދަދު ހޯދުމުގެ ބޭނުމަށް.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-31 ވަނަ މާއްދާ އުނިކުރުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން މީރާއިން މައުލޫމާތު ހޯދުމުގެ ބޭނުމުގައި، އެ ފަރާތެއްގެ އަތުގައި ނުވަތަ އެ ފަރާތެއްގެ ބާރުގެ ދަށުގައި އެ މައުލޫމާތު ހުރި ކޮންމެ ފަރާތަކަށް، އެ މައުލޫމާތު މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމުގައި، އެ އެންގުން ރައްދުވާ ފަރާތުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ނުވަތަ ހުށަހަޅަންވާ މައުލޫމާތުތައް މީރާއަށް ފޮނުވުމަށް 30 (ތިރީސް) ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތައް ހިމަނަންވާނެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމުގައި ހިމެނޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހެޅުމާމެދު އިއުތިރާޒުކުރާނަމަ، އެ އެންގުމުގައިވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެކަން އިސްތިއުނާފުކުރުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި، އެ އެންގުމަކީ ސައްހަ އެންގުމެއްކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފިނަމަ، އެފަދައިން ނިންމި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެންގުމާ އެއްގޮތަށް، އެންގުން ރައްދުވާ ފަރާތުން އަމަލުކުރަންވާނެއެވެ.

(އ) ޓެކްސް ނެގުމުގެ އެއްވެސް ގާނޫނެއްގެ ދަށުން މީރާއިން ކަނޑައަޅާ ޓެކުހުގެ މިންވަރަކާ ގުޅިގެން އަންގާ އެންގުމެއް ފޮނުވުމުގެ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އިސްތިއުނާފަށް ހުށަހަޅާފައިވާ ހާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންޓަރވިއުއަށް ހާޒިރުކުރުން 33.

މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކާ ގުޅިގެން، ޓެކްސް ދައްކާ ފަރާތް ނުވަތަ ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ ކަންތަކާބެހޭ މައުލޫމާތު އެ ފަރާތުގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި ހުރިކަމަށް މީރާއަށް ގަބޫލުކުރެވޭ އެހެން ކޮންމެ ފަރާތެއް މީރާއިން ފޮނުވާ އެންގުމަކުން ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ ކަންތައްތަކާބެހޭ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި، އެ އެންގުމުގައި ބަޔާންކޮށްފައިވާ ތަނަކަށާއި ވަގުތަކަށް ހާޒިރުވުމަށް އެންގިދާނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ށ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ މި ގާނޫނުގެ 31 ވަނަ މާއްދާ ނުވަތަ 32 ވަނަ މާއްދާގެ ދަށުން ފޮނުވާފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ އެންގުން ރައްދުވާ ފަރާތުން މީރާއަށް ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅާފައިނުވަނީ މަގުބޫލު ސަބަބަކާ ނުލައި ކަމުގައިވާނަމަ އެ ލިޔުމަކަށް، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދު ކަނޑައެޅުމުގައި، ނުވަތަ މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އިއުތިރާޒަކާ ގުޅިގެން މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ގޮތެއް ނިންމުމުގައި، ރިއާޔަތްނުކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލިއެކިޔުންތަކާއި ހާޑްވެއަރއާއި އެހެނިހެން ތަކެތި އަތުލުމުގައި އަމަލުކުރާނެ ގޮތް 37.

ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ފަދައިން ތިން އަކުރު އިތުރުކުރުން.

(ކ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ ކަންކަމާ ހަވާލުވެހުރި މީރާގެ އޮފިސަރު ނަގާ އެއްޗަކީ ޑިޖިޓަލް ރިކޯޑުތައް ބެހެއްޓިފައިވާ ނުވަތަ ޑިޖިޓަލް ރިކޯޑުތަކަކަށް ވާސިލުވުމަށް ބޭނުންކުރެވޭނެ ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް ހާޑްވެއަރއެއް ނުވަތަ އިކުއިޕްމަންޓެއް ނުވަތަ ޑިވައިސްއެއްނަމަ، މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލުން ނެރޭ އަމުރުގައި، ކަނޑައެޅިގެން އެކަން ބަޔާންކޮށްފައިވާނަމަ އެ އަމުރާ އެއްގޮތަށް، ށަރީއަތުގެ ހުރިހާ މަރުހަލާތައް ނިމެންދެން އެ އެއްޗެއް ހިފެހެއްޓުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(އ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް ބަލައި ފާސްކުރުމުގެ ކަންކަމާ ހަވާލުވެހުރި މީރާގެ އޮފިސަރު އެކުލަވާލަންވާނެއެވެ. އަދި، އެކަން ކުރަންވާނީ މީރާގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން އެކުލަވާލާ، ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ކަމާ ހަވާލުވެހުރި އޮފިސަރު ދޭންވާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 38 ވަނަ މާއްދާ އުނިކުރުން.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(5) އަދަދު ކަނޑައެޅުމަށް މީރާއިން ބޭނުންކުރި މައުލޫމާތު.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް އަދަދެއް ކަނޑައެޅޭނީ، މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ފާއިތުވުމުގެ ކުރިންނެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން ފަސް އަކުރު އިތުރުކުރުން.

(ޅ) މި މާއްދާގެ (ނ) އަދި (ރ) އެހެން އޮތްނަމަވެސް، އެ އަކުރުތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި، ކްރޮސް-ބޯޑަރ ޓްރާންސްފަރ ޕްރައިސިންގ މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރަންޖެހޭނަމަ ނުވަތަ ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގައި ހުރި މައުލޫމާތެއް ހޯދަންޖެހޭނަމަ، އެ މުއްދަތުތަކަށް ނިސްބަތްވާ ތަހްގީގެއް މީރާއިން ކުރަމުން ނުގެންދާނަމަ، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ މުއްދަތުގެ ބަދަލުގައި، 5 (ފަހެއް) އަހަރުދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މީރާއަށް އެދެވިދާނެއެވެ.

(ކ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް އިތުރުކޮށްދިނުމަށް އެދި މި މާއްދާގެ (ޅ) ގެ ދަށުން މީރާއިން ހުށަހަޅަންވާނީ، އެ މުއްދަތުތައް ހަމަވުމުގެ ކުރިންނެވެ.

(އ) މި ގާނޫނުގެ ދަށުން ހިންގާ ތަހުގީގަކާ ގުޅިގެން މި މާއްދާގެ (ޅ) ގެ ދަށުން ޓެކުހުގެ އަދަދު ކަނޑައެޅުމަށްޓަކައި، އެ ތަހުގީގާގުޅޭ ދައުވާއެއް ޓެކްސް ދައްކަންޖެހޭ ފަރާތުގެ މައްޗަށް އުފުލާފައި އޮތުން ލާޒިމެއް ނޫނެވެ.

(ވ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ށަރުއީ ކޯޓަކުން މި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓެއް ނުވަތަ ތަހުގީގެއް މެދުކަނޑާލުމަށް އަންގާފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.

(މ) މި މާއްދާގެ (ޅ) ނުވަތަ (ކ) ގެ ދަށުން، މުއްދަތު އިތުރުކޮށްދިނުމަށް މީރާއިން ހުށަހެޅުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލުން މުއްދަތު އިތުރުކޮށްދީފިނަމަ، އެކަން، ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން މީރާއިން ޓެކްސް ދައްކާ ފަރާތަށް އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

މީރާއިން އަދަދު ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަމާއި ތަކެތި 1-39.

(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި ބޭނުންކުރެވޭނީ އަންނަނިވި ކަންކަމާއި، މައުލޫމާތާއި ތަކެއްޗެވެ.

  1. އެ ފަރާތުން ފޯރުވައިދޭ، ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ހިދުމަތާ އެއްބާވަތެއްގެ ނުވަތަ އެއްފަދަ އެހެން މުދަލާއި ހިދުމަތުގެ ބާޒާރުގެ އަގު؛
  2. ފާއިތުވި މުއްދަތުތަކުގައި އެ ފަރާތުން ފޯރުވައިދީފައިވާ ނުވަތަ އެ ފަރާތުން ގަނެފައިވާ މުދަލާއި ހިދުމަތާ އެއްފަދަ ނުވަތަ އެއްބާވަތެއްގެ މުދަލާއި ހިދުމަތުގެ އަގު؛
  3. އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ހިދުމަތާ އެއްފަދަ ނުވަތަ އެއްބާވަތެއްގެ އެހެން މުދަލާއި ހިދުމަތުގެ އެހެން ގައުމުތަކުގެ އަގު؛
  4. އެ ފަރާތުގެ ވިޔަފާރީގެ ދުވާލެއްގެ ވިކުރާއާއި ހަރަދު؛
  5. ފާއިތުވި މުއްދަތުގައި ނުވަތަ މުއްދަތުތަކުގައި އެ ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އަދަދު؛
  6. އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާއަތެއްގައި ހިމެނޭ އެ ފަރާތާ އެއް ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުން އެ މުއްދަތުގައި ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކްސް؛
  7. އެހެން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ ޓެކްސް ދައްކާ ފަރާތާބެހޭ މައުލޫމާތު.
  8. އެ ފަރާތުގެ ބޭންކު ސްޓޭޓްމަންޓްތަކުގައި ހިމެނޭ މައުލޫމާތު، ނުވަތަ ބޭންކު އެކައުންޓް މެދުވެރިކޮށްކުރާ މުއާމަލާތްތައް އަންގައިދޭ އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ މައުލޫމާތު؛
  9. އެ ފަރާތުން ނަގުދު ފައިސާއިން ކޮށްފައިވާ ހަރަދު؛
  10. އެ ފަރާތުން ނަގުދު ފައިސާއިން ނޫން ގޮތަކަށް ކޮށްފައިވާ ހަރަދު؛
  11. އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި، ދަރަނީގެ މައުލޫމާތު؛
  12. އެ ފަރާތުން މުދާ ގަތުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް ހަރަދުކުރާ މިންވަރާއި އެ މުދަލެއް ވިއްކާއިރު ނުވަތަ ހިދުމަތް ފޯރުކޮށްދޭއިރު ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު؛
  13. އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާއަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ އާމްދަނީ؛
  14. އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާއަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުން މުދާ ގަތުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ ހަރަދުގެ ނިސްބަތާއި ލިބިފައިވާ ފައިދާގެ ނިސްބަތް؛
  15. އެ ފަރާތުން ކުރާ ވިޔަފާރި، ނިސްބަތްވާ ސިނާއަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ މުދަލުގެ އަގާއި، ދަރަނީގެ މިންވަރާއި، ރައުސްމާލުގެ މިންވަރު؛
  16. ކޮމާށަލް ޑޭޓާބޭސްތަކުން (ރަސްމީ އޮންލައިން ޑޭޓާބޭސްތައްވެސް ހިމެނޭގޮތުން) ލިބެން ހުންނަ މައުލޫމާތު؛
  17. މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަހުގީގެއްގައި ގާނޫނު ހުއްދަކުރާ ގޮތުގެމަތިން މީރާއިން ހޯދާފައިވާ މައުލޫމާތު.
  18. ދައުލަތުގެ އިދާރާތަކުން އާންމުކުރާ މައުލޫމާތު؛

  19. އެ ސިނާއަތެއްގެ ރަސްމީ ފަރާތްތަކުން އާންމުކުރާ މައުލޫމާތު؛

  20. އޮންލައިން މަސްދަރުތަކުގައި ހުންނަ މައުލޫމާތުފަދަ އާންމުކޮށް ލިބެން ހުންނަ މައުލޫމާތު؛

  21. އަދަދު ކަނޑައަޅާ މުއްދަތުގެ ފަހުން ހިނގާފައިވާ މުއްދަތުތަކުގައި އެ ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އަދަދު؛

  22. އުޖޫރަ ދޭ ފަރާތުގެ އާމްދަނީއާއި ހަރަދުގެ ބަޔާންތަކާއި ހިސާބުތައް؛

  23. އެ ފަރާތުން އަދާކުރަމުންދާ ވަޒީފާގެ ދާއިރާގައި، އެ ގިންތީގައި މަސައްކަތްކުރަމުންދާ އެހެން މުވައްޒަފުންނަށް ލިބޭ އުޖޫރައިގެ މައުލޫމާތު؛

  24. އެ ފަރާތުން، އަދި އެނޫން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހިމެނޭ މައުލޫމާތު.

(ށ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި، ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް މީރާއަށް ގަބޫލުކުރެވޭނަމަ އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ބިނާކުރުމަށް، އަންނަނިވި އިންޑައިރެކްޓް އިންކަމް މެށަރމަންޓް މެތަޑްތައް ބޭނުންކުރެވިދާނެއެވެ.

  1. ސޯރސް އެންޑް އެޕްލިކޭށަން އޮފް ފަންޑްސް މެތަޑް؛
  2. ބޭންކް ޑިޕޮސިޓްސް އެންޑް ކޭށް އެކްސްޕެންޑިޗަރޒް މެތަޑް؛
  3. މާކަޕް މެތަޑް؛
  4. ޔުނިޓް އެންޑް ވޮލިއުމް މެތަޑް.
  5. ނެޓް ވޯރތް މެތަޑް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންޑައިރެކްޓް އިންކަމް މެށަރމަންޓް މެތަޑެއް ބޭނުންކުރަންވާނީ އަންނަނިވި ހާލަތްތަކުގައި ޓެކްސް ދައްކާ ފަރާތުގެ އާމްދަނީ ދެނެގަތުމަށެވެ.

  1. ޓެކްސް ދައްކާ ފަރާތުން އެއްވެސް ބާވަތެއްގެ އެކައުންޓިންގ މެތަޑެއް ގަވާއިދުން ބޭނުންކޮށްފައިނުވުން؛
  2. ޓެކްސް ދައްކާ ފަރާތުން އެކައުންޓިންގ މެތަޑެއް ބޭނުންކޮށްފައިވި ނަމަވެސް، އެ އެކައުންޓިންގ މެތަޑުން އެ ފަރާތުގެ އާމްދަނީ ސާފުކޮށް ބަޔާންކޮށްނުދިނުން؛
  3. ޓެކްސް ދައްކާ ފަރާތުގެ އެނގެންހުރި ބިޒްނަސް އެކްސްޕެންސްތަކާއި ޕަރސަނަލް އެކްސްޕެންސްތައް އޭނާ ހާމަކޮށްފައިވާ އާމްދަނީގެ އަދަދާ ބައްދަލުނުވުން، އަދި އެކަން ބަޔާންކޮށްދޭ ނޮން-ޓެކްސަބަލް އާމްދަނީގެ ވަސީލަތްތައް އޭނާ ހިމަނާފައިނުވުން؛
  4. ޓެކްސް ދައްކާ ފަރާތުގެ މާލީ ހިސާބުތައް ދިމާނުވުމާއެކު، އެ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތައް ބަލިކަށިވުން؛
  5. ޓެކްސް ދައްކާ ފަރާތުގެ ގްރޮސް ޕްރޮފިޓް ޕަސެންޓޭޖަށް އަހަރަކުން އަހަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުން، ނުވަތަ އެ ފަރާތް ނިސްބަތްވާ ސިނާއަތަށް ނުވަތަ މާރކެޓް ސެގްމެންޓަށް ބަލާއިރު އާދަޔާ ހިލާފަށް މަތިވުން ނުވަތަ ދަށްވުން؛
  6. ޓެކްސް ދައްކާ ފަރާތުން އެ ފަރާތުގެ އާމްދަނީ ބޭންކުގައި ގަވާއިދުން ޑިޕޮސިޓްކުރުމުގެ ބަދަލުގައި ނަގުދު ފައިސާ ގެންގުޅުން.
  7. ޓެކްސް ދައްކާ ފަރާތުން އެ ފަރާތުގެ މާލީ ހިސާބު ނުވަތަ އެއްވެސް ރެކޯޑެއް ބަލަހައްޓާފައި ނެތުން.

(ރ) ޓެކްސް ދައްކާ ފަރާތެއްގެ ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވެންނެތް ހާލަތެއްގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ އިންޑައިރެކްޓް މެތަޑެއް މީރާއިން ބޭނުންކޮށްގެނެއްނުވާނެއެވެ.

(ބ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންޑައިރެކްޓް އިންކަމް މެށަމަންޓް މެތަޑެއް ބޭނުންކުރަންޖެހޭ ހާލަތެއް މެދުވެރިވެގެން އެފަދަ މެތަޑެއް ބޭނުންކުރާނަމަ، އެ ފަރާތެއްގެ ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް ގަބޫލުކުރުމަށް ހުރި ހެއްކާ ހަވާލާދީ، އޭގެ ތެރެއިން އެ ހިސާބުކުރުމުގައި ބޭނުންކުރީ ކޮން މެތަޑެއްތޯއާއި، އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއް މުއްދަތަށްވުރެ ގިނަ މުއްދަތާގުޅޭ އުސޫލު 41. މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން ނުވަތަ މި ގާނޫނުގެ ދަށުން ހިންގާ ތަހުގީގަކާ ގުޅިގެން އެންގޭ އެންގުމެއްގައި، އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް ހަވާލާދީފައިވާނަމަ، މީރާއިން ކަނޑައަޅާ އަދަދު އެ އެންގުމުގައި ހަވާލާދީފައިވާ ކޮންމެ މުއްދަތަކަށް ވަކިވަކިން ހިނގާނެއެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން، ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމުގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ނިންމުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެންގޮތަކަށް އޮތްނަމަވެސް، މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކަށް، އަދި އެފަދަ އެންގުމެއްގައިވާ އެއްވެސް ކަމަކަށް މި މާއްދާގެ (ހ) ގެ ދަށުން އިއުތިރާޒުކުރެވޭނީ އެ އެންގުމެއްގެ ދަށުން އެ މުއްދަތަށް މީރާއިން އަދަދެއް ކަނޑައަޅާފައިވާނަމަ ނުވަތަ އެ މުއްދަތަށް ނިސްބަތްވާ ޓެކްސް ބަޔާނެއްގައި ހިމަނާފައިވާ އަދަދަކަށް، ނުވަތަ މައުލޫމާތަކަށް މީރާއިން ބަދަލެއް ގެނެސްފައިވާނަމައެވެ. އަދި މި ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށަންވާނީ، އެ އެންގުމެއްގެ ދަށުން، މީރާއިން އަދަދު ކަނޑައެޅުމަށްފަހު، ނުވަތަ ޓެކްސް ބަޔާނުގައި ހިމަނާފައިވާ އަދަދަކަށް، ނުވަތަ މައުލޫމާތަކަށް ބަދަލު ގެނައުމަށްފަހު، ޓެކްސް ދައްކާ ފަރާތަށް އަންގާ ތާރީހުން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން، އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ ބޭނުމަށް މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް، އަންނަނިވި ފަދައިން، އަކުރެއް އިތުރުކުރުން.

(1-ހ) މި މާއްދާގެ (ހ) ގެ ދަށުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި، މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ ނުވަތަ (ށ) ގެ ދަށުން، ހުށަހެޅި އިއުތިރާޒުކުރާކަމުގެ އެންގުމުގައި، ހިމެނުމުގެ ފުރުސަތު އޮވެ، ހިމަނާފައިނުވާ އާ ނުކުތާއެއް ހުށަނޭޅޭނެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެކްސް ދައްކާ ފަރާތުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ އަދަދުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިއުތިރާޒްކުރާ އަދަދުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) އާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި، ހަލާސްކުރުމަށްފަހުގައެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(1-ށ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މީރާއިން ކަނޑައަޅާފައިވާ އަދަދުގެ ނަތީޖާއަކީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ކުރިއަށްހުރި ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށްވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން އެ މައްސަލަ އިސްތިއުނާފުކުރުމަށް މީރާއަށް އަދަދެއް ދައްކާކަށް ނުޖެހޭނެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 44 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިދާރީ ބިނާކުރުން 1-44.

(ހ) އެއްވެސް ފަރާތަކުން އެ ފަރާތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް އެ ހުށަހަޅަންޖެހޭ ސުންގަޑިއަށް ހުށަނާޅައިފިނަމަ، އަދި ޓެކްސް ބަޔާން ހުށަހެޅުމަށް އަންގައި މި ގާނޫނުގެ 1-46 ވަނަ މާއްދާގެ ދަށުން އެ ފަރާތަކަށް ނޯޓިސް ފޮނުވުމަށްފަހު، ނޯޓިހުގައި ދީފައިވާ މުއްދަތުގައި ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

(ށ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކުހުގެ އަދަދު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން މި މާއްދާގެ ދަށުން ބިނާކޮށްފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް އަންގާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތަށް އެ ބިނާކުރުން އިސްލާހުކޮށް ޓެކްސް ބަޔާނެއް ހުށަހެޅިދާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު މި މާއްދާގެ (ހ) ގެ ދަށުން ބިނާކުރެވޭނީ އެ ބިނާކުރުން ރައްދުވާ ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަމަލުކޮށްފައިވާނަމަ، އެ ބިނާކުރުން ނިސްބަތްވާ މުއްދަތަށް ދައްކަންޖެހޭ ޓެކުހުގެ މިންވަރު، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް އަލުން ބިނައެއްނުކުރެވޭނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، ޓެކްސް ދައްކާ ފަރާތަށް އެ ބިނާކުރުން އިސްލާހުކުރުމަށްފަހު ޓެކްސް ބަޔާނެއް ހުށައެއްނޭޅޭނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރާ ބިނާކުރުންތަކަށް މި ގާނޫނުގެ 42 ވަނަ މާއްދާއެއް ނުހިނގާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން ޓެކްސް ބިނާކުރެވިފައިވާ މުއްދަތެއްގައި ދައްކަންޖެހޭ ޓެކުހުގެ އަދަދު މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅައިފިނަމަ، އެ އަދަދަށް، އިއުތިރާޒުކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ކ) ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ބިނާކޮށްފިނަމަ އެކަން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގަންވާނެއެވެ. އަދި، އެ އެންގުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި، ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު ("ޓިން")؛
  2. އެ ބިނާކުރުން ނިސްބަތްވާ މުއްދަތު؛
  3. އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރި އަދަދު، އަދި އެ އަދަދު ހިސާބުކުރުމަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފްސީލު.

(އ) ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރިކަމުގައިވީ ނަމަވެސް، ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންޖެހުނު ދުވަސްކަމަށް ބަލާނީ، އެ ޓެކްސް ގާނޫނުގައި، އެ ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންޖެހޭ ދުވަސްކަމަށް ކަނޑައަޅާފައިވާ ތާރީހެވެ.

(ވ) ޓެކްސް ދައްކަންޖެހޭ ފަރާތެއް ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރުމުގައި ބޭނުންކުރަންވާނީ، މި ގާނޫނުގެ 1-39 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާއި މައުލޫމާތާއި މެތަޑްތަކެވެ.

(މ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތުން އިދާރީ ބިނާކުރުން އިސްލާހުކޮށްފައިނުވާނަމަ، މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރާ އަދަދަކީ، އެ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދުކަމުގައި ބެލުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 46 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ޓެކްސް ބަޔާން ހުށަނޭޅުމުން އެޅިދާނެ ފިޔަވަޅުތައް 1-46.

ޓެކްސް ގާނޫނެއްގެ ދަށުން، މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް، އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހަށް ހުށަހަޅާފައިނުވާނަމަ އަންނަނިވި ފިޔަވަޅުތައް، މީރާއަށް އެޅިދާނެއެވެ.

(ހ) ޓެކްސް ބަޔާން ހުށަހެޅުމަށް އަންގާ، ނޯޓިސް ފޮނުވުން؛

(ށ) މި ގާނޫނުގެ 1-44 ވަނަ މާއްދާގެ ދަށުން، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުން.

 

ޓެކްސް ނުދެއްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން 2-46.

ޓެކްސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޓެކުހާގުޅޭ ޖޫރިމަނާއެއް، އެ ފައިސާއެއް ދައްކަންޖެހޭ ތާރީހުގެ ނިޔަލަށް، ދައްކާފައިނުވާނަމަ އެ ފައިސާ އެ ފަރާތުން ހޯދުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް މީރާއަށް އެޅިދާނެއެވެ.

(ހ) ފައިސާ ދެއްކުމަށް އަންގާ، ނޯޓިސް ފޮނުވުން؛

(ށ) ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުން؛

(ނ) ޓެކްސް ނުދައްކާ ފަރާތެއްނަމަ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ދައުލަތުގެ އިދާރާއަކުން ދޭ ހިދުމަތެއް، އެ ފަރާތަށް ދިނުން، ހިފެހެއްޓުން

(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުން؛

(ބ) މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ޓެކްސް ނުދައްކާ ފަރާތުގެ އެކައުންޓުގައިވާ ފައިސާއާބެހޭ މައުލޫމާތު ހޯދުން؛

(ޅ) ށަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުން؛

(ކ) ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުން.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކުން، ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާ އަދި އެހެންވެސް އަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވުމާ ގުޅިގެން އެ ފައިސާ ހޯދުމަށް ފިޔަވަޅެއް އަޅާފައި ވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވިދާނެއެވެ.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާ ދެކޮޅަށް އިސްތިއުނާފުކުރާނަމަ، އެ މައްސަލަ އެ އެންގުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 48 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭންކުތަކުންނާއި މާލީ އިދާރާތަކުން މައުލޫމާތު ހޯދުމުގެ ބާރު 48.

(ހ) ޓެކްސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ތުހުމަތުކުރެވޭނަމަ، އެ ފަރާތުގެ އަދި އެ ފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބޭންކު އެކައުންޓުތަކާއި، ބޭންކު ނުވަތަ ބޭންކުނޫން މާލީ އިދާރާތައް މެދުވެރިވެގެން ފޮނުވާ އަދި ލިބޭ ފައިސާއާއި، ބޭންކު ނުވަތަ ބޭންކުނޫން މާލީ އިދާރާތައް މެދުވެރިވެގެން ކުރާ އެހެނިހެން މުއާމަލާތްތަކުގެ ތަފްސީލު، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކުތަކުން ނުވަތަ ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކުނޫން މާލީ އިދާރާތަކުން، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ހޯދަން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަފްސީލު ހޯދަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދާ މައުލޫމާތު، މި ގާނޫނުގެ ދަށުން ކުރާ އޮޑިޓެއްގައި ނުވަތަ ހިންގާ ތަހްގީގެއްގައި ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު އެ ފަރާތުން އަމިއްލައަށް ކަނޑައަޅާފައިވާ ހާލަތުގައި؛

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(4) މި ގާނޫނުގެ 1-44. ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ބިނާކުރާ ބިނާކުރުން އިސްލާހުކުރުމަށް؛ ޓެކްސް ދައްކާ ފަރާތަށް އެ މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތު ފާއިތުވެފައިވާނަމައެވެ.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 49-1 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ޓެކުހާއި ޖޫރިމަނާ އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކުން 2-49.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ޓެކުހާއި، ޓެކުހާގުޅޭ ޖޫރިމަނާއާއި ޓެކްސް ފިޔަވައި އެހެނިހެން ފައިސާ އެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ނިޔަލަށް ނުދައްކައިވާ ފަރާތަކަށް މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ފިޔަވަޅެއް އަޅަމުންގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމެއް ފައިސާ ދައްކަންޖެހޭ ފަރާތަށް ހަމަޖައްސައިދިނުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގައި، އަމަލުކުރަންޖެހޭ އުސޫލެއް މީރާއިން ކަނޑައަޅައި އެކުލަވާލަންވާނެއެވެ. އަދި އެފަދައިން އެ ފުރުސަތު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ދޭންވާނީ، ޓެކްސް ދައްކާ އެންމެހައި ފަރާތްތަކުގެ މެދުގައި ހަމަހަމަވާނެ އުސޫލަކުންނެވެ.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި، އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ، ށަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ގޮތެއްގެމަތިން މީރާއަށް ލިބިގެންވެއެވެ. 

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި، އެނޫން އެހެން އެއްވެސް ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމަށް މި މާއްދާގެ (ކ) ގެ ދަށުން ފިޔަވަޅު އެޅުމުގައި މީރާއިން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ.

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފަސްވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފަސްވަނަ ބާބު

ބައިނަލްއަގްވާމީ އެއްބަސްވުންތައް

 

63 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑަބަލް ޓެކްސް އެގްރިމަންޓްތައް 51.

ޑަބަލް ޓެކްސް ނެގޭ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަށް ނުވަތަ ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ލުއި ހޯދައިދިނުމަށް ނުވަތަ ލިބެންވާ ޓެކުހެއް ހޯދައިދިނުމަށް ނުވަތަ އެފަދަ ގުޅުންހުރި މައްސަލަތަކުގައި މައުލޫމާތު ބަދަލުކުރުމަށް ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރަށްވުރެ މަދުން ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ހާލަތްތައް ހުއްޓުވުމަށްޓަކައި، ނުވަތަ އޮޑިޓްކުރުމަށްޓަކައި، ނުވަތަ ތަހުގީގުކުރުމަށްޓަކައި މައުލޫމާތު ބަދަލުކުރުމަށް ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު އެއްބަސްވެވިދާނެއެވެ.

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-51 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުންތަކާއި ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް 1-51.

ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެއްބަސްވުމެއްގެ ދަށުން، ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ނުވަތަ "މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް" ޓެކްސް އިދާރާތަކުގެ މެދުގައި، ބަދަލުކުރެވިދާނެއެވެ. އަދި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތާއި، ޓެކްސް ދެއްކުމުން އެއްކިބާވުން ހުއްޓުވުމަށާއި އެފަދަ ކަންކަން އޮޑިޓްކުރުމަށް، ނުވަތަ ތަހުގީގުކުރުމަށް ބޭނުންވާ މައުލޫމާތު، ކަމާގުޅޭ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ. އަދި އެފަދައިން، ބަދަލުކުރެވޭ މައުލޫމާތަކީ މީރާއިން ކުރާ އޮޑިޓްތަކާއި، ތަހުގީގުތަކުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެކެވެ.

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-51 ވަނަ މާއްދާ އަންނަނިވި ގޮތަށް، އިސްލާހުކުރުން:

އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭށަން 2-51.

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، އޯގަނައިޒޭށަން ފޮރ އިކޮނޮމިކް ކޯޕަރޭށަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭށަން ސިސްޓަމެއް މެދުވެރިކޮށް މީރާއާއި ބޭރުގެ ގައުމުތަކުގެ ނުވަތަ ސަރަހައްދުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވިދާނެއެވެ. 

(ށ) މި މާއްދާގެ ބޭނުމަށް، އެއްވެސް ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގައި، އެއްވެސް ފަރާތެއްގެ އާ އެކައުންޓެއް ހުޅުވަންވާނީ، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން، އެކައުންޓް ހުޅުވަން އެދޭ ފަރާތުގެ ސައްހަ "ސެލްފް-ސަރޓިފިކޭށަން" އެއް ހޯދުމަށްފަހުއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މައުލޫމާތު ހުށަހެޅުމާއި، ރިކޯޑު ބެލެހެއްޓުމާއި، "ސެލްފް-ސަރޓިފިކޭށަން" ހޯދުމާއި، ޑިއުޑިލިޖަންސް ކުރިއަށްގެންދިޔުމަކީ، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުގެ ޒިންމާއެކެވެ.

(ރ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުން ޑިއުޑިލިޖަންސް ކުރިއަށް ގެންދިޔުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބޭނުންކޮށްފައިވާ އަސާސްތަކުގެ ތަފްސީލާއި، ޑިއުޑިލިޖަންސްގެ ނަތީޖާއާ ހަމައަށް ވާސިލުވުމަށް އެ ހެކިތަކެއްގެ މައްޗަށް ބަރޯސާވެފައިވާ ހެކިތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުން، އެ މައުލޫމާތު ހުށަހަޅަންޖެހޭ މުއްދަތު ނިމޭ ތާރީހުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ބަލަހައްޓަންޖެހޭނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާގުޅޭ އިތުރު އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3-51 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާ، ނުވަތަ 1-51 ވަނަ މާއްދާ ނުވަތަ 7-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއްގެ ބޭނުމަށް ނުވަތަ މި ގާނޫނުގެ 8-51 ވަނަ މާއްދާގެ ބޭނުމަށް ނުވަތަ 2-51 ވަނަ މާއްދާގެ ބޭނުމަށް ރިޕޯޓަބަލް ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތާއި، މާލީ އިދާރާތަކުގައި ހުޅުވާފައިހުރި އެކައުންޓުތަކާއި އެ އެކައުންޓުގެ ވެރިފަރާތްތަކުގެ މައުލޫމާތާއި މި ގާނޫނުގެ 2-51 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، މާލީ އިދާރާތަކުން މީރާއަށް ހުށަހަޅަންވާނެއެވެ.

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3-51 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން، މީރާއަށް މައުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކުން މި ގާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށާއި، މި މާއްދާގެ (ހ) ގެ ދަށުން، މީރާއަށް ހުށަހަޅާ މައުލޫމާތަކީ ސައްހަ އަދި ފުރިހަމަ މައުލޫމާތުކަން ޔަގީންކުރުމުގެ ބޭނުމަށް އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް، މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހުށަހަޅަންޖެހޭ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުގެ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ކޮމްޕްލަޔަންސް އޮޑިޓްއެއް މީރާއަށް ހިންގިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ކޮމްޕްލަޔަންސް އޮޑިޓް ހިންގުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. 

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

ސައިމަލްޓޭނިއަސް ޓެކްސް އެގްޒެމިނޭށަން 7-51.

ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ އެއްބަސްވުމުގެ ދަށުން ހޯދާ މައުލޫމާތު އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބަދަލުކުރާ ގޮތުގެމަތިން، އެއިން ކޮންމެ ފަރާތެއްގެ އާންމު މަސްލަހަތެއް އޮތް ނުވަތަ ގުޅުންހުރި މަސްލަހަތެއް އޮތް ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހާބެހޭ ކަންތައްތައް ބަލައިހޯދުމުގެ މަސައްކަތްތައް، އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކާއި ސަރަހައްދުތަކުން އެކުގައި އަދި އެއްވަގުތެއްގައި ކުރިއަށް ގެންދެވިދާނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރަންވާނީ އެއިން ކޮންމެ ގައުމެއްގެވެސް ނުވަތަ ސަރަހައްދެއްގެވެސް އިމުގެ ތެރޭގައި މަސައްކަތުގެ މުސްތަގިއްލުކަން ހިފެހެއްޓޭނެ ގޮތުގެމަތިންނެވެ.

 

ދިވެހިރާއްޖޭގައި އެހެން ގައުމަކުން ނުވަތަ ސަރަހައްދަކުން ޓެކްސް އެގްޒެމިނޭށަނެއް ކުރިއަށް ގެންދިޔުން 8-51.

(ހ) ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ޓެކްސް އެގްޒެމިނޭށަނެއްގައި ބައިވެރިވުމަށް އެދޭ ގައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް ހުށަހެޅުމެއް ފޮނުވުމުން، އެފަދައިން ހުށަހަޅާ ގައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީން އައްޔަންކުރާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ޓެކްސް އެގްޒެމިނޭށަނެއްގައި ހިމެނޭ ކަންކަމުގެ ތެރެއިން އެ ފަރާތްތަކުން ބައިވެރިވުން މުނާސަބުކަމަށް ބެލެވޭ ކަންކަމުގައި، ދިވެހިރާއްޖެއަށް އައިސް އެ އެގްޒެމިނޭށަންގައި ބައިވެރިވުމުގެ ފުރުސަތު ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބޭ ހުށަހެޅުން ގަބޫލުކޮށް، އެއަށް އެއްބަސްވެވޭނަމަ، ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން، އެ ޓެކްސް އެގްޒެމިނޭށަން ކުރިއަށް ގެންދާނެ ވަގުތާއި ތަނާއި، އެ އެގްޒެމިނޭށަން ކުރިއަށް ގެންދިޔުމުގެ ބާރުލިބިދީފައިވާ ފަރާތް ނުވަތަ ކަމާބެހޭގޮތުން ހަވާލުވެހުރި އޮފިސަރުގެ މައުލޫމާތާއި، އެ އެގްޒެމިނޭށަން ކުރިއަށް ގެންދިޔުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި އިލްތިޒާމްތަކާއި، ތަބާވާންޖެހޭ އުސޫލުތަކާއި ށަރުޠުތައް ވީ އެންމެ އަވަހަކަށް އެ ގައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި އެފަދައިން ހިންގާ ޓެކްސް އެގްޒެމިނޭށަނާގުޅޭ އެންމެހައި ނިންމުންތައް (ޓެކްސް އެގްޒެމިނޭށަން ހިންގާނެ ތަނާއި ވަގުތާއި، އެގްޒެމިނޭށަން ކުރިއަށް ގެންދިޔުމުގެ ޒިންމާތަކާ ހަވާލުވާނެ އޮފިށަލުންނާއި، އެގްޒެމިނޭށަން ހިންގުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި އިލްތިޒާމްތައް ހިމެނޭގޮތަށް) ނިންމާނީ، ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީންނެވެ.

 

ދިވެހިރާއްޖެއިން އެހެން ގައުމަތަކުގައި ނުވަތަ ސަރަހައްދުތަކުގައި ޓެކްސް އެގްޒެމިނޭށަނެއް ކުރިއަށް ގެންދިއުން 9-51.

ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ގައުމުތަކަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން ބޭރު ގައުމެއްގައި ނުވަތަ ސަރަހައްދެއްގައި ކުރިއަށް ގެންދާ ޓެކްސް އެގްޒެމިނޭށަނެއްގައި، ބައިވެރިވުމަށް އެ ގައުމެއްގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް ހުށަހެޅުމެއް ފޮނުވައި، ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން އައްޔަންކުރާ ފަރާތްތަކުން އެ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ގޮސް، އެ އެގްޒެމިނޭށަންގައި ބައިވެރިވެވިދާނެއެވެ.

 

69 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 52 ވަނަ މާއްދާ އުނިކުރުން.

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާ އުނިކުރުން.

 

71 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-53 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު 2-53.

(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭށަނަލް އެންޓިޓީތަކުން، އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރީގެ މުއާމަލާތްތަކާއި، ހިންގުމާގުޅޭ މައުލޫމާތު ހިމަނައިގެން، ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ތައްޔާރުކޮށް، މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު އެ މަލްޓިނޭށަނަލް އެންޓިޓީ ގްރޫޕުން ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމޭ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން މީރާއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް މީރާއިން ހޯދި ކަމުގައިވީ ނަމަވެސް، އެފަދަ ރިޕޯޓުތައް، ބޭރު ގައުމުތަކުގެ ނުވަތަ ސަރަހައްދުތަކުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކުރަންވާނީ، މި ގާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

72 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

މެންބަރުންގެ ސުލޫކީ މިންގަނޑު 1-58.

ޓްރައިބިއުނަލްގެ ކޮންމެ މެންބަރަކުމެ، ޓްރައިބިއުނަލްގެ މެންބަރުކަމުގެ މުއްދަތުގައި، މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންނަނިވި ސުލޫކީ ހަމަތައް ހިފަހައްޓަންވާނެއެވެ.

(ހ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ބާވަތެއްގެ ބިރަކަށް ނުވަތަ ނުފޫޒަކަށް ނުލެނބުން؛

(ށ) ޓްރައިބިއުނަލްގެ މެންބަރަކު ކުރާކަމަކުން ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން. 

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛

(ރ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި ތިންވަނަ ފަރާތަކަށް އެ މައުލޫމާތެއް ހާމަނުކުރުން؛

(ބ) ޓްރައިބިއުނަލްގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްނުކުރުން. އަދި އެފަދަ މަސްލަހަތު ހިމެނޭ ކަމެއް ނިންމުމުގައި އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލުވުން.

 

މެންބަރުންގެ މާލީ ހިސާބު ހުށަހެޅުން 2-82.

މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ މެންބަރުން މެންބަރުކަމާ ހަވާލުވުމުގެ ކުރިން، ފާއިތުވި އަހަރު ހިމެނޭގޮތުން، މެންބަރުކަމުގެ މުއްދަތުގައި އަދި އެއިން ފަރާތެއް މެންބަރުކަމުން ވަކިވާތާ 1 (އެކެއް) އަހަރުދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއް ފަހަރު، އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ހުށަހަޅާ ބަޔާން، ޓެކްސް އެޕީލް ޓްރައިބިއުނަލުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(5) މި ގާނޫނުގެ 1-58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުން.

 

74 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ބާބު ހިނގާނެ ދާއިރާ 63.

(ހ) މި ބާބުގައި ބަޔާންވެގެންވާ ކުށާއި، އަދަބު، އެންމެހައި ޓެކްސް ގާނޫނުތަކާއި، ޓެކްސް ގާނޫނުތައް ފިޔަވައި އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ޓެކުހާގުޅޭ ކުށާ ގުޅޭގޮތުން ހިނގާނެއެވެ.

(ށ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ޓެކްސް ގާނޫނުތައް ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ނަގާ ޓެކުހަކާ ގުޅޭގޮތުން، މި ބާބުގައި ކުށެއްކަމަށް ބަޔާންވެގެންވާ ކަމެއް ކޮށްފިނަމަ، އެފަދަ ކަމެއް ކުށަކަށްވާނީ އަދި އެ ކުށަށް އަދަބު ކަނޑައަޅާނީ، މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

75 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ދެއްކުމުން އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނޭޅުން؛ ނުވަތަ އެއިން ގާނޫނެއްގެ ދަށުން ޓެކްސް ދެއްކުމަށްޓަކައި ރަޖިސްޓަރީކުރަންޖެހި ރަޖިސްޓަރީ ނުކުރުން؛ ނުވަތަ ޓެކްސް ދެއްކުމާ ގުޅޭގޮތުން އެއިން ގާނޫނެއްގެ ދަށުން އަންގަންޖެހޭ އެންގުމެއް ނޭންގުން؛ ނުވަތަ ޓެކްސް ދެއްކުމާ ގުޅޭގޮތުން އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުން.
  2. ޓެކްސް ބަޔާނެއް ހުށަހަޅާއިރު، އޭގައި ހިމަނަންޖެހޭ ޓެކްސް ނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އެނޫންވެސް އެފަދަ ޓެކުހުގެ އަދަދު ކަނޑައެޅުމަށް މުހިންމު އާމްދަނީއެއް ނުވަތަ ފައިދާއަކާގުޅޭ މައުލޫމާތެއް ނުހިމެނުން؛
  3. ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތެއް ހިމެނުން ނުވަތަ ދޮގު މައުލޫމާތެއް ހިމެނުމަށް ހުއްދަ ދިނުން، ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ހިމަނާފައިނުވުން ނުވަތަ ހިމަނަންޖެހޭ މައުލޫމާތެއް ނުހިމެނުމަށް ހުއްދަ ދިނުން؛
  4. ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ވަކި ޖަވާބެއް ނުވަތަ ވަކި މައުލޫމާތެއް ހޯދުމަށް އެދުމުން، ނުރަނގަޅު ނުވަތަ ދޮގު ޖަވާބެއް ދިނުން ނުވަތަ ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތެއް ދިނުން؛
  5. ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ޓެކްސް ގާނޫނުތައް ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ޓެކުހާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެކުލަވާލުމުގައާއި އެފަދަ ލިޔެކިޔުން ބެލެހެއްޓުމުގައި، އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުން، ނުވަތަ ބެލެހެއްޓުން ނުވަތަ ބަލަހައްޓަންޖެހޭ މިންވަރަށް ބަލަހައްޓާފައިނުވުން ނުވަތަ އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުމާއި ބެލެހެއްޓުމަށް ހުއްދަކުރުން ނުވަތަ ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލެހެއްޓުމަށް ހުއްދަކުރުން؛
  6. މީރާއަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ހުށަނޭޅުން ނުވަތަ އެކުލަވާލަންޖެހޭ ގޮތަށް އެކުލަވާލާފައިނުވާ މާލީ ހިސާބުތައް މީރާއަށް ހުށަހެޅުން؛
  7. ޓެކްސް ދައްކަންޖެހޭ އަދަދަށް އަސަރެއްކޮށްފާނެ ފަދަ މައުލޫމާތަކަށް ބަދަލެއް ގެނައުން؛
  8. ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށް، ޖަމާކޮށް މީރާއަށް ދައްކަންޖެހޭ ޓެކުހެއްގެ ފައިސާ، އުނިނުކުރުން، ނުވަތަ ޖަމާނުކުރުން، ނުވަތަ މާލީ ހިސާބުތަކުގައި ނުހިމެނުން، ނުވަތަ މީރާއަށް ނުދެއްކުން؛
  9. މީރާއިން ހިންގަންޖެހޭ ތަހުގީގެއް މީރާއިން ހިންގުމުގައި ހުރަސްއެޅުން؛
  10. ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުން ނުވަތަ ނުދެއްކުމަށް ހުއްދަކުރުން.

 

76 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އެ ކުށް ކުރި ފަރާތެއް 3 (ތިނެއް) މަސްދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

77 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ ހިލާފުވުމުގެ ކުށް 1-64.

(ހ) މި ގާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން، އަދާކުރަންޖެހޭ އަންނަނިވި އެއްވެސް އިލްތިޒާމެއް، ނުވަތަ ޒިންމާއެއް މަގުބޫލު އުޒުރަކާ ނުލައި، ފުރިހަމައަށް އަދާނުކުރުމަކީ ކުށެކެވެ.

  1. މި ގާނޫނުގެ 3-51 ވަނަ މާއްދާގެ ދަށުން ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް މައުލޫމާތު ހުށަހަޅަންޖެހޭ ފައިނޭންށަލް އިންސްޓިޓިއުށަންތަކުން އެ މައުލޫމާތު ހުށަހެޅުމަށް އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ސުންގަޑިއަށް މައުލޫމާތު ހުށަހަޅާފައިނުވުން، ނުވަތަ ހުށަހަޅާފައިވަނީ ސައްހަނޫން ނުވަތަ ފުރިހަމަނޫން މައުލޫމާތު ކަމުގައިވުން؛
  2. ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ 2-51 ވަނަ މާއްދާގެ ދަށުން ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުން ފުރިހަމަކުރަންޖެހޭ ޑިއު ޑިލިޖަންސްގެ މަސައްކަތްތައް ފުރިހަމަކޮށްފައިނުވުން؛
  3. މި ގާނޫނުގެ 2-51 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން ލިޔެކިޔުން ބަލަހައްޓާފައިނުވުން؛
  4. މި ގާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންތަކުން ސައްހަ "ސެލްފް ސަރޓިފިކޭށަން" އެއް ހޯދާފައިނުވުން، ނުވަތަ "ސެލްފް ސަރޓިފިކޭށަން" އެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައިނުވުން؛
  5. މި ގާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނަށް "ސެލްފް ސަރޓިފިކޭށަން" ހުށަހަޅަންޖެހޭ އެއްވެސް ފަރާތަކުން ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ހިމެނޭ "ސެލްފް ސަރޓިފިކޭށަން" އެއް ހުށަހެޅުން؛
  6. މި ގާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްވެސް ގޮތަކުން ހިލާފުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.

 

ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއާބެހޭ ކުށްތައް 2-64.

މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއަށް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއާބެހޭ ކުށްތައް ނުހިމެނޭގޮތުން، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން "ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ފަރާތްތަކުން އަންނަނިވި ކަންކަމުންކުރެ ކަމެއް ކުރުމަކީ ކުށެކެވެ.

  1. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނުވަތަ އެ މިންގަނޑަށް ނުފެތޭގޮތަށް ޑޮކިއުމެންޓްތައް ތައްޔާރުކޮށްފައިވުން؛
  2. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ނިޔަލަށް އެ ޑޮކިއުމެންޓްތައް ތައްޔާރުކޮށްފައިނުވުން؛
  3. މީރާއިން ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް އެ ޑޮކިއުމެންޓްތައް މީރާއަށް ހުށަހަޅާފައިނުވުން؛
  4. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްތައް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓާފައިނުވުން؛
  5. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްތަކުގައި ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު ނުވަތަ ނުރަނގަޅު މައުލޫމާތު ހިމެނުން، ނުވަތަ ހަގީގަތް އޮޅޭފަދަ ގޮތަށް މައުލޫމާތު ހިމެނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.
 

78 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(1) ޓެކްސް ބަޔާނާއި ޓެކްސް ޑިކްލަރޭށަނާއެކު ހުށަހަޅަންޖެހޭނެކަމަށް ޓެކްސް ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުން؛

 

79 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޓެކުހާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުން؛

 

80 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ކަނޑައަޅާ މީހަކަށް، ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުން

 

81 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

 

82 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ:

(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

83 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(1-ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ:

(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި
(2) 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

(ރ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ:

(1) ރަޖިސްޓަރީކުރަންޖެހި ރަޖިސްޓަރީނުކޮށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި

(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާއިން، އަދި ގިނަވެގެން 5,000 (ފަސްހާސް) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން.

 

84 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެ ފަރާތެއް ޖަލަށްލުމެވެ.

 

85 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަދަބަކީ، އެ ކުށް ކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން، ވޭތުވަމުންދާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.

 

86 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަދަނީ އަދަބު ކަނޑައެޅުމުގެ މުއްދަތު 69.

(ހ) މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، މި ގާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ތެރޭގައި ނުހިމެނޭގޮތުން، މި ގާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކަށް، މި ގާނޫނުގެ ދަށުން މަދަނީ ފިޔަވަޅެއް އެޅޭނީ އެ ކުށް ކުރި ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފައިވާކަން މީރާއަށް ނޭނގޭނަމަ ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން މަދަނީ ފިޔަވަޅެއް އެޅުމަށް، އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން މަދަނީ ފިޔަވަޅެއް އެޅުމަށް ދީފައިވާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ގުނަން ފަށާނީ، އަންނަނިވި ތާރީހުތަކުގެ ތެރެއިން އެންމެ ފަހުން އަންނަ ތާރީހެއްގައެވެ.

(1) ކުށެއް ކޮށްފައިވާކަން މީރާއަށް އެނގޭ ތާރީހު؛

(2) އެ ކުށާ ގުޅޭގޮތުން މަދަނީ ފިޔަވަޅު އެޅުމަށް، އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެކަމަށް މީރާއަށް ގަބޫލުކުރެވޭ ތާރީހު.

(ނ) މި ގާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރަމުންދާ މީހަކަށް، އޭނާ އެ ކުށް ކުރުމުގެ މަތީ ދެމިހުރިހާ ހިނދަކު، އޭނާގެ މައްޗަށް މި ގާނޫނުގެ ދަށުން މަދަނީ ފިޔަވަޅެއް އެޅުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ރ) މި ގާނޫނުގެ ދަށުން، ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކު އެކަން ނިމުމަކަށް ގެނައީ އެކަން ފެށި ދުވަހުގެ ފަހުން ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ އެކަން ނިމުމަކަށް ގެނައި ދުވަހުން ފެށިގެންނެވެ.

 

87 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ޖިނާއީ ދައުވާ އުފުލުމުގެ މުއްދަތު 1-69.

މި ގާނޫނުގައި ޖިނާއީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އުފުލަންވާނީ، އެ ކުށް ކުރި ތާރީހުން ފެށިގެން، ގިނަވެގެން 8 (އަށެއް) އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

 

88 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

ބަންދު ދުވަހަކާ ދިމާވުން 73.

(ހ) ޓެކްސް ގާނޫނެއްގައި، ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވަނީ ވަކި ތާރީހަކަށް ކަމަށްވެފައި، އެ ތާރީހެއް ދިމާވަނީ ރަސްމީ ބަންދު ދުވަހަކަށް ނުވަތަ ސަރުކާރު ބަންދު ދުވަހަކަށް ކަމަށްވާނަމަ، ދެން އެކަމެއް ކުރުމުގެ އެންމެ ފަހު ތާރީހަކީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެކެވެ.

(ށ) ޓެކްސް ގާނޫނެއްގައި، ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވާ ތާރީހެއްގައި އެކަމެއް ނުކުރެވުނީ ރަސްމީ ބަންދު ދުވަހަކު ނުވަތަ ސަރުކާރު ބަންދު ދުވަހަކާ ދިމާވުމުން ކަމަށްވާނަމަ، އެކަމެއް ނުކުރެވުމުގެ ސަބަބުން ކަނޑައެޅޭ ޖޫރިމަނާ ހިނގަން ފަށާނީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.

 

89 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) އެ ފަރާތުން އެއްވެސް މުއްދަތަކަށް ދައްކަންޖެހޭ ޓެކުހުން (ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތުން) އިތުރަށް ދެއްކިފައިވާ އަދަދު އުނިކުރުން.

 

90 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ޓެކުހުގެ ގާނޫނަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ފުރަތަމަ 6 (ހައެއް) މަސްދުވަހަށް ނިސްބަތްވާ ކަންކަމަށް، ޓެކްސް ދައްކާ އެންމެހައި ފަރާތްތަކަށް އެއް އުސޫލަކުން، މަދަނީ އަދަބު ކަނޑަނާޅާ ދޫކޮށްލުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

 

91 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 81 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްއޫލިއްޔަތު 81.

އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު ސަބަބަކާހުރެ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަދާކުރުމަށްދެވޭ އިހްތިސާސްގައި ހިމެނޭ ކަންކަމުގައި، މި ގާނޫނުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު އިތުރުކުރުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރެވިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއްގެ މަތިން ޓެކްސް އެޕީލް ޓްރައިބިއުނަލުން މިފަދަ ކަންކަމަށް ދެވިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. ނޫނީ ހާލަތަށް ބަލައި، ލަސްވި މުއްދަތު މައާފުކޮށްދެވިދާނެއެވެ.

 

92 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީރާއަށް ހުށަހަޅަންޖެހޭ 82.

މި ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނީ މީރާއިން ލިޔެކިޔުންތައް އެކަމަށް ކަނޑައަޅާފައިވާ ފޯމެއް ނުވަތަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށެވެ. އެނޫން ގޮތަކަށް ހުށަހަޅާ ލިޔުންތަކަކީ މި ގާނޫނުގެ ދަށުން ހުށަހަޅާފައިވާ ލިޔުންތަކެއް ނޫންކަމަށް ބެލުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

93 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން.

ނުއުފުލޭ މުދަލާބެހޭ 1-82.

(ހ) ނުއުފުލޭ މުދަލާބެހޭ ތިރީގައިވާ މައުލޫމާތު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މައުލޫމާތު މީރާއަށް ލިބިގެންވެއެވެ.

(1) ނުއުފުލޭ މުދާ ކުއްޔަށް ހިފައިގެން އުޅޭ ނުވަތަ ބޭނުންކުރާ ކޮންމެ ފަރާތަކުން ނުވަތަ ކުރިން ކުއްޔަށްހިފި ނުވަތަ ބޭނުންކުރި ފަރާތަކުން، ކުއްޔަށްދިން ފަރާތާއެކު އެ ފަރާތުން އަނގަބަހުން ނުވަތަ ލިޔުމުން ވެފައިވާ އެއްބަސްވުންތައް ފަދަ މައުލޫމާތު.

(2) ނުއުފުލޭ މުދަލެއް ކުއްޔަށް ހިފައިގެންއުޅޭ، ނުވަތަ ކުރިން ކުއްޔަށް ހިފައިގެން އުޅުނު، ފަރާތެއްގެ އަތުން ކުލި ހޯދުމަށް؛

(3) ނުއުފުލޭ މުދާ ބެލެހެއްޓުމަށް ނުވަތަ ކުލީގެ ގޮތުގައި ލިބޭ އާމްދަނީއާ ހަވާލުވުމަށް ނުވަތަ ނުއުފުލޭ މުދާ ބޭނުންކޮށްގެން ލިބޭ އެހެނިހެން އާމްދަނީއާ ހަވާލުވުމަށް ހުންނަ އޭޖެންޓެއްގެ ފަރާތުން، މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ މައުލޫމާތު.

(ށ) މި މާއްދާގެ ބޭނުމަށް، "ކުލި" ގެ މާނައިގެ ތެރޭގައި، އަންނަނިވި އަދަދުތައް ހިމެނެއެވެ.

(1) ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ؛ އަދި

(2) ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ އެޑްވާންސަށް ދައްކާ ކުލި ނުވަތަ ނުއުފުލޭ މުދަލާ ގުޅިގެން އެނޫންވެސް ގޮތަކަށް ލިބޭ ފައިސާގެ ތެރެއިން، މުދާ ކުއްޔަށްދޫކުރާ ފަރާތަށް ފައިސާގެ ބައެއް ނުވަތަ އެއްކޮށްވިޔަސް ބޭނުންކުރުމުގެ ހައްގު ލިބޭ ޓެކްސް އަހަރެއްގައި އެ ހައްގު ލިބުނު މިންވަރެއް؛ އަދި

(3) ކުއްޔަށްދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ކުއްޔަށްހިފާ ފަރާތުގެ އިލްތިޒާމުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް ކުއްޔަށްދޫކުރެވޭ މުދަލާ ގުޅިގެން ލިބޭ އެންމެހައި ފައިސާ؛ އަދި

(4) ނުއުފުލޭ މުދަލެއްގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗަކާ ގުޅިގެން ލިބޭ ފައިސާ؛ އަދި

(5) ކުލި ނުދެއްކުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ނަގާފައިވާ އިންށުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ އެންމެހައި ފައިސާ؛ އަދި 

(6) ކުއްޔަށްދޫކުރުމަށް ވެވޭ އެގްރީމަންޓާ ކުއްޔަށްހިފާ ފަރާތުން ހިލާފުވުމުގެ ސަބަބުން ލިބޭ ފައިސާ.

 

ޓެކްސް ބަޔާނުގައި ހިމެނިފައިވާ ކުށެއް ރަނގަޅުކުރުން 2-82.

(ހ) ޓެކްސް ބަޔާނެއް ހުށަހަޅާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ޓެކްސް ބަޔާނުގައި ނުވަތަ އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނުގައި ހިސާބުކޮށްފައިވާ އަދަދުގައި ނުވަތަ އެ އަދަދު ހިސާބުކުރުމުގައި "އެރިތުމެޓިކް އެރަރ" އެއް ނުވަތަ "ޓައިޕޯގްރެފިކަލް އެރަރ" އެއް ނުވަތަ "އޮބްވިއަސް އެރަރ" އެއް ނުވަތަ "އޮބްވިއަސް އޮމިށަން" އެއް އޮތްކަމަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ގަބޫލުކުރެވޭނަމަ، އެ ކުށް ރަނގަޅުކުރުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ރަނގަޅުކޮށްފިނަމަ، އެކަން، ކުށް ރަނގަޅުކުރި ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތަށް ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަންގަންވާނެއެވެ.

 

ޓެކްސް ބަޔާނެއް ރިވިއުކުރުމަށްފަހު ބަލައިގަތުން 3-82.

އިސްލާހުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ އިތުރަށް ޓެކްސް ދައްކާފައިވުން ކަމަށްވާނަމަ ނުވަތަ އެ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއްގައި ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކުޑަވުން ކަމަށްވާނަމަ، ނުވަތަ ގެއްލުމުގެ އަދަދު ބޮޑުވުންކަމަށްވާނަމަ، އެ ޓެކްސް ބަޔާން ބަލައިގަތުމުގެ ކުރިން ޓެކްސް ދައްކާ ފަރާތުގެ އޮޑިޓެއް ކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

ޓެކްސް ބަޔާން އިސްލާހުކުރުމަށް ލިބިދީފައިވާ މުއްދަތު ހަމަވެފައިވާ ބަޔާނެއް ބަލައިގަތުމުގެ އިހްތިޔާރު 4-82.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން، ޓެކްސް ބަޔާނެއް އިސްލާހުކުރުމަށް ލިބިދީފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ ޓެކްސް ބަޔާން އިސްލާހުކުރުމުގެ ނަތީޖާއަކަށްވާނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކަމުގައިވާނަމަ، އެ ޓެކްސް ބަޔާން އިސްލާހުކުރުމަށް ލިބިދީފައިވާ މުއްދަތުގެ ފަހުންވެސް، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ ހުއްދައާއެކު، ޓެކްސް ބަޔާން އިސްލާހުކުރެވިދާނެއެވެ. އިސްލާހުކުރެވޭނެއެވެ.

(1) އެ މުއްދަތަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ބޮޑުވުން؛

(2) އެ މުއްދަތުގައި އެ ފަރާތަކަށް ވެފައިވާ ގެއްލުމުގެ އަދަދު ކުޑަވުން؛

(3) އެ މުއްދަތުގައި އެ ފަރާތަކަށް ލިބޭ ޓެކްސް ކްރެޑިޓްގެ އަދަދު ކުޑަވުން.

(ށ) ޓެކްސް ބަޔާން އިސްލާހުކުރުމަށް، އެ ޓެކްސް ބަޔާނަކާ ގުޅޭ ޓެކްސް ގާނޫނެއްގައި ފުރުސަތު ލިބިދީފައި ނުވާނަމަ، އެ ޓެކްސް ބަޔާންތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.

(ނ) މި މާއްދާ އުވިގެންދިޔުން.

 

94 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 85 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަޒަންވެރިވުން 85.

"ދިވެހިރާއްޖޭގައި ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގައި އެ އިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.

 

95 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 86 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާނަކުރުން 86.

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(1) "އޮތޮރައިޒްޑް ޕާރސަން" ނުވަތަ "އޮތޮރައިޒްޑް ޕާރސަނެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށް މީހެއްގެ ބަދަލުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަ ލިޔުމަކުން ލިބިފައިވާ މީހާއަށެވެ.

(2) "ނިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަންއެއްގައި ހުޅުވާފައިވާ، އަދި 1 ޖަނަވަރީ 2021 ގައި ނުވަތަ އޭގެ ފަހުން ހުރި ފައިނޭންށަލް އެކައުންޓްތަކަށެވެ.

(3) "ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ، ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނަކަށް ނުވާ، ދިވެހިރާއްޖޭގެ ކޮންމެ މާލީ އިދާރާއަކަށެވެ.

(4) "ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތެއްގެ "އަލްޓިމޭޓް" މިލްކުވެރިކަން އޮތް ފަރުދަކަށް ނުވަތަ "އަލްޓިމޭޓް" ކޮންޓްރޯލް އޮތް ފަރުދަކަށް، ނުވަތަ ފަރުދެއްގެ ބަދަލުގައި އެހެން ފަރާތަކުން މުއާމަލާތެއް ހިންގާނަމަ އެ ފަރުދަކަށެވެ. "ބެނެފިށަލް އޯނަރ" ގެ މާނައިގެ ތެރޭގައި ގާނޫނީ ށަހްސެއްގެ ނުވަތަ އިންތިޒާމެއްގެ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.

(5) "ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމުތަކާއި، ބޭރު ގައުމުތަކުގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުތައްވެސް ހިމެނޭގޮތުންނެވެ.

(6) "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ މީރާގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

(7) "ކަލެކްޓް" ކުރުން ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، މީރާއިން އައްޔަންކުރާ މީހަކަށެވެ.

(8) "ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.

(9) "ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީރާގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހާއަށެވެ.

(10) "ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެވަނީ، އޯ.އީ.ސީ.ޑީއިން ށާއިއުކޮށްފައިވާ "ސްޓޭންޑަރޑް ފޮރ އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންށަލް އެކައުންޓް އިންފޮމޭށަން އިން ޓެކްސް މެޓަރޒް (ސެކަންޑް އެޑިށަން)" ގެ ބާބު B ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް އަދި އެއަށް ގެނެވޭ އެންމެހައި އިސްލާހުތަކަށެވެ.

(11) "ކޮމްޕިޓެންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިސަރުކާރާއި ބޭރު ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގައިނަމަ، އެ އެއްބަސްވުމުގައި ކޮމްޕިޓެންޓް އޮތޯރިޓީކަމަށް ބަޔާންކޮށްފައިވާ ފަރާތަށެވެ.

(12) "އަލްޓިމޭޓް ކޮންޓްރޯލް" ނުވަތަ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮތުން ކަމަށް ބުނެފައި އެވަނީ، "އޯނަރށިޕް ޗެއިން" އެއްގެ ތެރެއިން މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ، ނުވަތަ ސީދާގޮތުން ކޮންޓްރޯލްކުރުން ފިޔަވައި އެހެން ގޮތަކުން ކޮންޓްރޯލް އޮންނަ ހާލަތްތަކަށެވެ.

(13) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(14) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(15) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ކުންފުނިތަކާއި ޕާޓްނަރށިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ޓްރަސްޓުތަކާއި ޖަމްއިއްޔާތައްވެސް ހިމެނޭގޮތުންނެވެ.

(16) "މީހާ" ކަމަށް އެއްވެސް ޓެކްސް ގާނޫނެއްގައި ބުނެފައި އެވަނީ:

(i) އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛

(ii) މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް.

(17) "ލިޔެކިޔުންތައް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކަހަލަ މައުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.

(18) "ގުޅުންހުރި ފަރާތް" ކަމަށް އެއްވެސް ޓެކްސް ގާނޫނެއްގައި ބުނެފައި އެވަނީ:

(i) އެ ފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛

(ii) ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ އެހެން ކުންފުންޏެއް؛

(iii) އެ ފަރާތަކާއެކު ޕާޓްނަރށިޕެއްގައި ހިމެނޭ ފަރާތެއް؛

(iv) އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ ވޯޓުކުރުމުގެ ހައްގެއްގައި އެއްވެސް މަސްލަހަތެއް މީހެއްނަމަ، އެ ހިއްސާތަކާ މަސްއޫލިއްޔަތުގައި މަސްލަހަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް މެއެވެ.

(19) "ޓެކްސް އެގްޒެމިނޭށަން" ކަމަށް ބުނެފައި އެވަނީ، ކޮންވެންށަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރޒް ގެ 9 ވަނަ އާރޓިކަލްގެ ދަށުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހާބެހޭ ކަންތައްތައް ބަލައިހޯދުމުގެ ގޮތުން ކުރެވޭ މަސައްކަތަށެވެ.

(20) "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލައިކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލައިކަން އަންގާ އެންގުމަށެވެ.

(21) "ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ މައްޗަށް ޓެކުހާބެހޭ ގާނޫނެއް ހިނގާ ކޮންމެ ފަރާތަކަށެވެ.

(22) "ޓެކްސް ގާނޫނު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ގާނޫނުތަކަށެވެ.

(23) "ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނާއި އެ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ.

(24) "ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން" ކަމަށް ބުނެފައި އެވަނީ، މީރާގެ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަންގެ މަގާމަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ. 

 

މައި ގާނޫނު

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު