ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު
(ގާނޫނު ނަންބަރު 2021-18)
(މި ގާނޫނުގެ 88 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1996-04 އުވާލެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފް
މިއީ، ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅައި، ހަކަތައިގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، އާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓައި، ހިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެ ނިވި ތަރައްގީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ހިއްސާ ކުޑަ، އަދި ހަރަދުކުޑަ ހަކަތައިގެ ނިޒާމެއް ގާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
2 ވަނަ މާއްދާ - ނަން
މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު" އެވެ.
3 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުން؛
(ށ) ހަކަތައިގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުން؛
(ނ) ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލުތައް ބަޔާންކުރުން؛
(ރ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ އަގެއްގައި، އިތުބާރުހިފޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުން؛
(ބ) ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ހިތްވަރުދީ، އެކަން ކަށަވަރުކުރުމަށްޓަކައި، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާކަން ޔަގީންކޮށް، މޮނިޓަރކުރެވޭނެ ނިޒާމެއް ގާއިމުކުރުން؛
(ޅ) ދިވެހިރާއްޖޭގައި ހަކަތައިގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާއި ކުރިއެރުވުމުގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތައް ކަނޑައެޅުން؛
(ކ) ހަކަތައިގެ ހިދުމަތްތައް ގާއިމުކުރުމާއި، ހިންގުމުގެ ތެރެއިން ތިމާވެއްޓާއި އާންމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރުން؛
(އ) ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ހިމާޔަތްކުރުމާއި، ތަރައްގީކުރުމާއި، އަދި އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުން؛
(ވ) ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް، ކުރިއަރުވައި، ހަކަތައިގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްލޭން އެކުލަވާލައި، އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއަޅައި ހިތްވަރުދިނުން؛
(މ) ދިވެހިރާއްޖެ ކާބަން ނެޓް ޒީރޯ ގައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން؛ އަދި
(ފ) ހަކަތައިގެ ވަސީލަތްތަކާއި ހިދުމަތްތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
4 ވަނަ މާއްދާ - ގާނޫނު ހިންގުމާއި ސިޔާސަތު ކަނޑައެޅުން
(ހ) ހަކަތައިގެ ހިދުމަތް ދޭންވާނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދިވެހިރާއްޖޭގައި ހަކަތައިގެ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން މިނިސްޓަރެވެ. މިގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް އާންމުކޮށް ފެންނާނެ ގޮތަށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އެ ސިޔާސަތުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލުތައް ގަވާއިދުން ގެޒެޓު ކުރަންވާނެއެވެ.
(ށ) ހަކަތައިގެ ހިދުމަތެއް ދިނުމުގެ މަސައްކަތެއް ރާވައި ނުވަތަ ހިންގާ ކޮންމެ ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އެކަށައަޅާ ސިޔާސަތުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާ ގޮތް ހާމަކޮށް ސަރުކާރުގެ ހަކަތައިގެ ސިޔާސަތު ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓަރު ށާއިއުކުރަންވާނެއެވެ. އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ސިޔާސަތު މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.
(ރ) ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތު ތަންފީޒުކުރެވެމުންދާ ގޮތާބެހޭ ރިޕޯޓެއް ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
5 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން
ހަކަތައާ ގުޅޭގޮތުން މި ގާނޫނުގައިވާ މާއްދާއަކާ ނުވަތަ މި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލަކާ އެހެން ގާނޫނަކާ ތައާރުޒްވާނަމަ އިސްކަންދޭނީ މި ގާނޫނުގައިވާ މާއްދާތަކާއި އުސޫލުތަކަށެވެ.
6 ވަނަ މާއްދާ -ހަކަތައިގެ ޕްލޭން
(ހ) ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުވަމުންދާ ގޮތާއި، ހަކަތައިގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭ ޕްލޭނެއް ހަކަތައިގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު އެކުލަވާލަންވާނެއެވެ. އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އެ ޕްލޭން މުރާޖައާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ހަކަތައިގެ ޕްލޭން އެކުލަވާލާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޕްލޭން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ފޮނުވަންވާނެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާއިތުވި އަހަރު ހަކަތައިގެ ޕްލޭނުން ހާސިލުކުރަން ބޭނުންވި ކަންކަން ހާސިލުކުރެވުނު ގޮތުގެ ރިޕޯޓެއް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ނ) ހަކަތައިގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް، ހަކަތައިގެ ގައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ހަކަތައިގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ޕްލޭން އެކުލަވާލައި ލައިސަންސް ލިބޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރުގެ ތެރޭގައި ޕްލޭން ތަންފީޒުކުރެވުނު ގޮތުގެ ރިޕޯޓު ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
ދެވަނަ ބާބު
މުއައްސަސާތަކުގެ ދައުރު
7 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން
މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، އެކި ފަރާތްތަކަށް މި ގާނޫނުން މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަންވާނެއެވެ.
8 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު
މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން، މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކަށީގެންވާ ހެޔޮ އަގެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛
(ށ) ކަމާބެހޭ އިދާރާތަކާ ގުޅިގެން ހަކަތައިގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އިތުރުކުރުމާއި، އެކަމަށް ބޭނުންވާ ގައިޑްލައިންތަކާއި މަށްރޫއުތައް އެކުލަވާލުމާއި، އެކަމަށް އިންވެސްޓްކުރުމަށް ފަހި ވެއްޓެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކަމާބެހޭ މައުލޫމާތު އިންވެސްޓަރުންނަށް ފަސޭހައިން ލިބޭނެ ފުރުސަތު ތަނަވަސްކުރުން؛
(ނ) ލޯކަލް ކައުންސިލުތަކުން ބައިވެރިވެގެން ހިންގާ އިއާދަކުރަނިވި ހަކަތައިގެ މަށްރޫއުތައް ހިންގުމަށް އެ ކައުންސިލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ރ) ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި، ޕްރޮޓޮކޯލްތައް ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
(ބ) ހަކަތައިގެ ދާއިރާ ތަންޒީމުކުރުމާއި ބޭނުންވާ ގަވާއިދުތައް އެކުލަވާލުން؛ އަދި
(ޅ) ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހަކަތައިގެ މިންވަރު ކަށަވަރުކޮށްދިނުން.
9 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މި ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން؛
(ށ) ހަކަތައިގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ބާތިލުކުރުމާއި، ހިފެހެއްޓުން؛
(ނ) ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ފެންވަރު ވަޒަންކުރުމާއި، ގިންތިކުރުމާއި، ހިދުމަތުގެ ދާއިރާތައް ކަނޑައެޅުން؛
(ރ) ކަރަންޓް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖައާކުރުމާއި، މޮނިޓަރކުރުމާއި، ބަދަލުގެނައުން؛
(ބ) ހަކަތައިގެ ހިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން؛
(ޅ) ހަކަތައިގެ ހިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން؛
(ކ) ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން، ކަމާބެހޭ އިދާރާތަކުގެ މަށްވަރާއާއެކު ތިމާވެއްޓާއި، އާންމު ސިއްހަތާއި، ރައްކާތެރިކަމާބެހޭ މިންގަނޑުތައް ހަދައި، އާންމުކޮށް، ތަންފީޒުކުރުން؛
(އ) ކަރަންޓް ގަނެ ވިއްކުމުގެ އެއްބަސްވުންތަކާއި، ކަރަންޓުގެ ވިއުގައިގެ ހިދުމަތް ދިނުމާބެހޭ އެއްބަސްވުންތައް ފާސްކުރުން؛
(ވ) ހަކަތައިގެ ހިދުމަތަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފިކަމަށް ބެލޭ ހާލަތުގައި، ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުން؛
(މ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން؛
(ފ) ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން؛
- ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާއި، ފެތުރުމާއި، ބޭނުން ކުރުން؛
- ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ރީ-އެކްސްޕޯޓްކުރުމާއި، ސާފުކުރުމާއި، ރާއްޖެއިން ބޭރު ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ރައްކާކުރުމާއި، ވިއްކުން؛ އަދި
- އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ފޯރުކޮށްދިނުމާއި، ފެތުރުމާއި، ވިއްކުމާއި، މާކެޓް ކުރުމާއި، ބޭނުން ކުރުން.
(ދ) ހަކަތަ ގަންނަ ފަރާތްތަކާއި، ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުން؛
(ތ) ހަކަތައިގެ ދާއިރާއާ ގުޅޭ އެންމެހައި މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛
(ލ) އެނަރޖީ އެފިށެންސީގެ ފެންވަރު ވަޒަންކުރާނެ ލެބޯޓަރީތައް އުފެއްދުމަށް ފުރުސަތު ތަނަވަސްކޮށް، ކަމާގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާ ގަވާއިދާ އެއްގޮތަށް އެތަންތަން ރެގިއުލޭޓްކޮށް ފެންވަރު ވަޒަންކޮށް ލައިސަންސް ދިނުން؛ އަދި
(ގ) ކަމާބެހޭ އިދާރާތަކުގެ މަށްވަރާއާއެކު، ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ހަކަތަ ބޭނުންކުރާ އާލާތްތަކުގައި ހުންނަންވާނެ އެންމެ ދަށް މިންގަނޑު ކަނޑައެޅުން.
10 ވަނަ މާއްދާ - ކައުންސިލުތަކުގެ ޒިންމާތަކާއި ބާރުތައް
މި ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިފައިވާ ޒިންމާތަކާއި ބާރުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުތަކުގެ ޒިންމާތައް ކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން އެ ކައުންސިލެއްގެ ފެންވަރުގައި ތަންފީޒުކުރުން؛
(ށ) ކަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަކަތައިގެ ހިދުމަތް އެ ކައުންސިލެއްގެ ފެންވަރުގައި ޕްލޭންކުރުމާއި، މަށްރޫއުތައް އެކުލަވާލުމާއި، މަށްރޫއުތައް ތަންފީޒުކުރުން؛
(ނ) ހަކަތައިގެ ހިދުމަތް އެ ކައުންސިލެއްގެ ފެންވަރުގައި ހަމަހަމަކަމާއެކު އެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭކަން ކަށަވަރުކުރުން؛
(ރ) ހަކަތައިގެ ހިދުމަތް ދިނުމަށް ހޯދަންޖެހޭ މާލީ އަދި ފަންނީ ވަސީލަތްތައް ލިބިފައިވާކަން ކަށަވަރުކުރުމާއެކު އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
(ބ) ސަރުކާރުގެ ސިޔާސަތުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު ނުވާނެ ގޮތެއްގެމަތިން ރައްޔިތުންގެ ލަފައާއެކު އެ ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ދެވޭ ކަރަންޓުގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅުން؛
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބުނެފައިވީނަމަވެސް، އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ކުޑަ އަގެއްގައި ކަރަންޓް ވިއްކަން ކައުންސިލުން ނިންމާ ހާލަތެއްގައި އަގުގެ ފަރަގު ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކާނެ އިންތިޒާމް ކައުންސިލުން ހަމަޖައްސަންވާނެއެވެ. އަދި މިގޮތަށް އަގުގެ ފަރަގު ދައްކަންޖެހޭ ހާލަތެއްގައި އެ ރަށަކަށް ނުވަތަ ސިޓީއަކަށް ދައުލަތުގެ އަހަރީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ބޭނުމެއް ނުކުރެވޭނެއެވެ؛
(ކ) ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިންވަނަ ފަރާތަކާ ހަވާލުކުރާނަމަ، ކަމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ފަރާތަކާ މަސައްކަތް ހަވާލުކުރުމާއި، އެ ފަރާތުން އެ ހިދުމަތް ދެމުންދާގޮތް ބަލައި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(އ) ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ރައްކާތެރިކުރުން؛
(ވ) ހަކަތައާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
(މ) ހަކަތައާ ގުޅޭގޮތުން ގައުމީ ސިޔާސަތުތައް އެކުލަވާލުމަށާއި، އެކިއެކި ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށް އޮތޯރިޓީންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދިނުން؛
(ފ) ކައުންސިލުތަކަށް ހަވާލުވެފައިވާ ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް، އެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަރާތަކާ ހަވާލުކޮށް، ކުރިއަށް ގެންދިޔުން؛
(ދ) އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ބޭނުންކުރުން އިތުރުކުރުމުގެ ގޮތުން އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް އިއާދަކުރަނިވި ހަކަތަ އުފެއްދުމާ ގުޅޭގޮތުން އެކުލަވާލަންޖެހޭ އެންމެހައި އެއްބަސްވުންތައް އެކުލަވާލުމާއި ބައިވެރިވުމުގެ އިހްތިޔާރު، އެ ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއްގެ ލޯކަލް ކައުންސިލަކަށް ލިބިގެންވެއެވެ؛ އަދި
(ތ) މި މާއްދާގެ (ދ) ގައި އެހެން އޮތްނަމަވެސް އެފަދަ އެއްބަސްވުންތައް އެކުލަވާލަންވާނީ އެކަމަށްޓަކައި މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލެއްގެ އިހްތިސާސްގައި ހަކަތައިގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތުގެ މަށްވަރާގެ މަތިން އަދި އެއްބަސްވުންތަކާ ގުޅިގެން އުފުލަންޖެހޭ އެންމެހައި މާލީ ތަކުލީފުތައް އެ ކައުންސިލަކުން އުފުލާ ގޮތުގެމަތިންނެވެ. އަދި މިފަދައިން ހަދާ އެއްބަސްވުންތައް އޮތޯރިޓީގައި ރަޖިސްޓްރީކުރަންވާނެއެވެ.
11 ވަނަ މާއްދާ - ދައުލަތުގެ އެހެން މުއައްސަސާތަކުގެ ޒިންމާ
(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެކިއެކި ފަރާތްތަކުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ކޮންމެ ފަރާތަކުންވެސް ދޭންވާނެއެވެ.
(ށ) މި ގާނޫނު ތަންފީޒުކުރުމަށް ދައުލަތުގެ އެކިއެކި އިދާރާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ވާނެއެވެ.
ތިންވަނަ ބާބު
އިއާދަކުރަނިވި ހަކަތަ
12 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތައިގެ މިލްކުވެރިކަން
(ހ) ދިވެހިރާއްޖޭގެ ސަރަހައްދުގައި ގުދުރަތީގޮތުން ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ އެންމެހައި ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ މިލްކެކެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ހުރިހާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ސާވޭއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށަންވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވާލައި އެ ވަސީލަތްތައް ރަމްޒުކޮށްދޭ ޗާޓެއް ހަދައި މިނިސްޓްރީން އާންމުކުރަންވާނެއެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު އެ މައުލޫމާތު މުރާޖައާކޮށް އާންމުކުރަންވާނެއެވެ.
13 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތަ ކުރިއެރުވުން
(ހ) އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ހަކަތަ އުފެއްދުމާއި ބޭނުންކުރުން އިތުރުކޮށް، އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަންވާނެއެވެ.
(ށ) ކަމާބެހޭ މުއައްސަސާތަކުގެ މަށްވަރާއާއި ބައިވެރިވުމާއެކު އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އަންނަނިވި މަސައްކަތްތައް ހިމެނޭ ގޮތުން މިނިސްޓްރީން މަސައްކަތް ކުރަންވާނެއެވެ.
- އިއާދަކުރަނިވި ހަކަތައިގެ ދިރާސާތައް ދިވެހިރާއްޖޭގައި ކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކުރުން.
- އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ތައާރުފުކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން؛
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން؛
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމުގެ ގޮތުން، ޖަމްއިއްޔާ ޖަމާއަތްތަކާއި، މުއާހަދާތަކާއި، ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމްއިއްޔާ ޖަމާއަތްތަކާއި، މުއާހަދާތަކާއި، ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
- އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ހުރި ހުރަސްތައް ދެނެގަނެ، އެ ހުރަސްތައް ނައްތާލުމަށް މަސައްކަތްކޮށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދައި ބޭނުންކުރުމަށް ފަހި ވެއްޓެއް ދިވެހިރާއްޖޭގައި ގާއިމުކުރުން؛ އަދި
- އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ އުފައްދައި، ބޭނުންކޮށް، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހަކަތަ ވިއްކޭނެ ހަރުދަނާ އަދި ފަސޭހަ ނިޒާމެއް އެކުލަވާލައި އެކަމަށް މަގުފަހިކުރުން.
(ނ) ކަރަންޓުގެ ހިދުމަތްދޭ ފަރާތުން އެ ރަށެއްގެ ކަރަންޓް ވިއުގަ ތަންދޭ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ފީޑް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ވިއުގައިގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރާއި އިތުރަށް ބޭނުންކުރެވޭނެ މިންވަރު އާންމުކޮށް އެނގޭނެހެން ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު އަދާހަމަކޮށް އެ މައުލޫމާތު ހިދުމަތް ފޯރުކޮށްދޭ ފަރާތުންނާއި ކައުންސިލުން އާންމުކުރަންވާނެއެވެ.
14 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާނެ ލަނޑުދަނޑި ކަނޑައެޅުން
ދިވެހިރާއްޖޭގައި އުފައްދައި ފޯރުކޮށްދޭ ކަރަންޓުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާނެ ވަކި ލަނޑުދަނޑިއެއް މިނިސްޓަރު ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާ މިންވަރު ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު މުރާޖައާކުރަންވާނެއެވެ. އަދި މިގޮތުން ކަނޑައަޅާ މިންވަރަކަށް އިއާދަކުރަނިވި ހަކަތައިން ދިވެހިރާއްޖޭގައި ކަރަންޓް އުފައްދައި އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ އެކިއެކި މަށްރޫއުތަކަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެއްބާރުލުން ދޭންވާނެއެވެ.
15 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސަރަހައްދުތަކާއި ތަންތަން ސަރުކާރަށް ބޭނުންކުރުން
(ހ) ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކާއި ސަރުކާރާ ގުޅިގެން ހިންގާ މަށްރޫއެއްގެ ތެރެއިން، އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިނާކުރާ ސޯށަލް ހައުސިންގ ޔުނިޓްތަކާއި އެހެނިހެން ސަރުކާރުގެ އިމާރާތްތަކުގެ ތެރެއިން، އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ތަންތަނުގެ ފުރާޅާއި ބިމުގެ ސަރަހައްދާއި އެހެނިހެން ހުސްޖާގަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މަށްރޫއަކަށް ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންކުރެވިދާނެ ތަންތަނުގެ އިތުރުން، ލޯކަލް ކައުންސިލުތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އެ ކައުންސިލަކުން ކަނޑައަޅާ ތަންތަނާއި، އިމާރާތްތަކުގެ ފުރާޅުތަކާއި، ޓެރެސްތަކާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ސަރުކާރުގެ އެކިއެކި ވުޒާރާތަކަށާއި، އެހެނިހެން އިދާރާތަކަށް ދޫކޮށްފައިވާ ބިންބިމާއި އެތަންތަނުގައިވާ އިމާރާތްތަކުގެ ތެރެއިން، އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެންމެ އެކަށީގެންވާކަމަށް މިނިސްޓްރީން ކަނޑައަޅާ ތަންތަން ހިމެނެއެވެ.
(ނ) ދިވެހިރާއްޖޭގައި ހިންގާ ތަރައްގީގެ މަށްރޫއުތަކުގައާއި، ބިނާވެށި ޕްލޭންތަކުގައާއި އަދި އެހެނިހެން ތަރައްގީގެ ޕްލޭންތަކުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ފަސޭހައިން ގާއިމުކުރެވޭނެ ގޮތްތަކަށް އިސްކަންދޭންވާނެއެވެ.
16 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުން
ހަކަތައިގެ ވަސީލަތްތައް ދިވެހިރާއްޖޭގައި ބޭނުންކުރުމުގައި އެއްކަމަކަށް އެއްބާވަތަށްވުރެ ގިނަ ބާވަތެއް ބޭނުންކުރެވެން އޮތް ހާލަތެއްގައި އަބަދުވެސް އިސްކަން ދޭންވާނީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ގެއްލުން ކުޑަ އަދި އިއާދަކުރަނިވި ހަކަތައަށެވެ.
ހަތަރުވަނަ ބާބު
ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުން
17 ވަނަ މާއްދާ - ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތްތަކަށް ލައިސަންސް ނަގަން ޖެހުން
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތްތަކާ ގުޅޭގޮތުން، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ލައިސަންސް ނަގަންޖެހޭ ފަރާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަންކުރާ ފަރާތްތައް ހިމެނެއެވެ.
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ހުރިތޯ ބެލުމަށް ދިރާސާކުރުމާއި، ސާވޭކުރުމާއި، ޕެޓްރޯލިއަމް ނެގުމާއި، ސާފުކުރުމާއި، އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީ-އެކްސްޕޯޓްކުރުމާއި، ވިޔަފާރީގެ ބޭނުންތަކަށް ރައްކާކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހިދުމަތް ދިނުން؛
- ހޯލްސޭލްކޮށް ނުވަތަ ރީޓޭލްކޮށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ވިޔަފާރި ކުރުން؛
- އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމުގެ ހިދުމަތް ދިނުމަށް އުޅަނދުފަހަރު ގެންގުޅުން؛ އަދި
- އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމުގެ ހިދުމަތްދޭ އުޅަނދުފަހަރު ދުއްވުން.
(ށ) ރަށު ފެންވަރުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ވިއްކާ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ ރަށު ކައުންސިލުގެ އިދާރާއިންނެވެ. އަދި ސިޓީ ތަކުގައި ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ލައިސަންސް ކައުންސިލުން ދޫކުރާނީ އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކަންކަން އޮތޯރިޓީން ދޫކުރާ ލައިސަންސް ނެތި ކުރުމަކީ މަނާކަމެކެވެ.
18 ވަނަ މާއްދާ - ލައިސަންސް ދިނުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސަށް އެދި ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ތިރީގައި ބަޔާންކުރާ ގޮތްތަކުންކުރެ ގޮތެއް ނިންމައި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
- ލައިސަންސް ދޫކުރުން؛ ނުވަތަ
- ލައިސަންސް ދޫނުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން ލައިސަންސް ދޫނުކުރަން ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބު ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) ލައިސަންސް ދޫކުރުމާއި އައު ކުރުމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އޮތޯރިޓީއަށް ފީއެއް ނެގިދާނެއެވެ.
(ބ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސަށް ބަދަލެއް، ނުވަތަ އުނިއިތުރެއް ގެނެވޭނީ އެކަމަށް ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށެވެ.
19 ވަނަ މާއްދާ - ލައިސަންސް ދިނުމާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަންކަން
ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ މަސައްކަތެއް ކުރުމަށް ހުށަހެޅުމުން ލައިސަންސް ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
(ހ) އެ މަސައްކަތުގެ ސަބަބުން މަސައްކަތް ހިންގާ ސަރަހައްދުގެ އާބާދީއަށް ކުރިމަތިވާނެ އިޖްތިމާއީ އަދި ސަގާފީ މައްސަލަތައް؛
(ށ) ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ކޮށްފާނެ އަސަރުތައް؛
(ނ) ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރުތައް؛
(ރ) މަސައްކަތުގެ އަގާއި، މަސައްކަތަށް ފައިސާ ހޯދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް؛
(ބ) މަސައްކަތް ކުރުމަށް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް؛
(ޅ) ލައިސަންސަށް އެދޭ ފަރާތުގެ ފަންނީ އަދި މާލީ ގާބިލުކަން ހުރި މިންވަރު؛ އަދި
(ކ) އޮތޯރިޓީއަށް ފެންނަ މުހިންމު އިތުރު ކަންކަން.
20 ވަނަ މާއްދާ - ލައިސަންސްގައި ހިމަނަންޖެހޭ މައުލޫމާތު
ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރާއިރު އަންނަނިވި މައުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.
(ހ) ލައިސަންސް ދޫކުރެވޭ މުއްދަތު؛
(ށ) ލައިސަންސް ދެވޭ ބޭނުމާއި އިންތައް؛
(ނ) މަސައްކަތް ކުރަން ހުއްދަދެވޭ ސަރަހައްދު؛
(ރ) ލައިސަންސް ލިބޭ ފަރާތުން އަމަލުކުރަންޖެހޭ ތިމާވެއްޓާއި، ސިއްހަތާއި، އަދި ސަލާމަތާއި ރައްކާތެރިކަމާބެހޭ ށަރުތުތައް؛
(ބ) ލައިސަންސްގެ ށަރުތުތަކާ ހިލާފު ނުވުމަށާއި ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް؛ އަދި
(ޅ) މަދުވެގެން ސްޓޮކްގައި ދަމަހައްޓަންޖެހޭ މިންވަރު.
21 ވަނަ މާއްދާ - ލައިސަންސް އައު ކުރުން
(ހ) ލައިސަންސް އައު ކުރުމަށް ހުށަހަޅާއިރު ލައިސަންސްގެ މުއްދަތު ހަމަވުމުގެ 30 )ތިރީސް) ދުވަހުގެ ކުރިން އޮތޯރިޓީ ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސްގެ ށަރުތަކާ ހިލާފުވެފައި ނުވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އަދި ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައު ކުރުމަށް ހުށަހަޅާފައިވާނަމަ ލައިސަންސް އައުކޮށްދޭންވާނެއެވެ.
(ނ) ލައިސަންސްގެ މުއްދަތު ހަމަވެގެން އައު ކޮށްދިނުމަށް ހުށަހެޅުމުން އައު ނުކޮށްދިނުމަށް ނިންމައިފިނަމަ އެކަމުގެ ސަބަބު ލިޔުމުން ލައިސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.
(ރ) ލައިސަންސް އައު ނުކޮށްދިނުމަށް ނިންމި ސަބަބު ގަބޫލު ނުކުރެވޭނަމަ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުގެ އިހްތިޔާރު ލައިސަންސް ލިބިފައިވާ ފަރާތަކަށް ލިބިގެންވެއެވެ. އަދި ބޯޑުން ނިންމާ ނިންމުން ގަބޫލު ނުކުރެވޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކަށް ހުށަހެޅިދާނެއެވެ.
22 ވަނަ މާއްދާ - ލައިސަންސް ހާމަކުރުން
(ހ) މި ބާބުގެ ދަށުން ދޫކުރެވޭ ލައިސަންސް ފަސޭހައިން ފެންނާނެ ގޮތަކަށް ލައިސަންސް ލިބުނު ފަރާތުގެ ރަސްމީ އިދާރާގައި ބަހައްޓާފައި ހުންނަންޖެހޭނެއެވެ. މީގެ ތެރޭގައި އެކި ކަންކަމަށް އޮތޯރިޓީއަށް ލައިސަންސް ހުށަހަޅާފައި އޮންނަ ދުވަސްތައް ނުހިމެނެއެވެ.
(ށ) ލައިސަންސް އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ނެތުމަކީ މަނާކަމެކެވެ.
23 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން
އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތްދޭ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) ލައިސަންސް ދީފައިވާ މުއްދަތު ހަމަވި ތާރީހަށް ނުވަތަ އިތުރުކޮށްދިން މުއްދަތު ހަމަވިއިރުވެސް ލައިސަންސް ދިން ކަމެއް ފެށިފައި ނުވުން؛
(ށ) ލައިސަންސް ދޫކުރި ށަރުތުތަކާ ހިލާފުވުން؛ ނުވަތަ
(ނ) ލައިސަންސް ލިބުނު ފަރާތް ބަނގުރޫޓުވުން ނުވަތަ ކުންފުނި އުވާލުން.
24 ވަނަ މާއްދާ - ލައިސަންސްގެ ކޮޕީ ހަދައިދިނުން
އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސެއް ގެއްލިގެން، ނުވަތަ ހަލާކުވެގެން ލައިސަންސްގެ އައު ކޮޕީއެއް ހޯދުމަށް ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީއެއް ނެގުމާއެކު ކުރިން ދޫކޮށްފައިވާ ލައިސަންސްގެ އައު ކޮޕީއެއް ހަދައިދޭންވާނެއެވެ.
25 ވަނަ މާއްދާ - ލައިސަންސްގެ ހައްގުތައް ބަދަލުކުރުން
(ހ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން ލިބިފައިވާ ހައްގެއް ލައިސަންސް ދޫކުރި ފަރާތުގެ ހުއްދަނެތި އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސެއް އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށަހަޅައިފިނަމަ އަންނަނިވި ހާލަތްތަކުގައި އެ ލައިސަންސެއް އެހެން ފަރާތަކަށް ބަދަލުކޮށް ދެވިދާނެއެވެ.
- ލައިސަންސް ދޫކޮށްފައިވާ ފަރާތް މަރުވެއްޖެނަމަ ލައިސަންސް ލިބިފައިވާ ފަރާތުގެ ވާރިސުން، އެ ލައިސަންސް އެ ފަރާތުގެ ނަމުގެ މައްޗަށް ބަދަލުކުރަން އެދުން؛
- ލައިސަންސް ލިބިފައިވާ ފަރާތް ބަނގުރޫޓު ވެގެން އެ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރާ ހާލަތުގައި ބަދަލުކުރެވުނު ފަރާތުން އެކަމަށް އެދުން؛ ނުވަތަ
- ލައިސަންސް ލިބިފައިވާ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާ ނުވަތަ ދީފިނަމަ އެ ހައްގުތައް ލިބުނު ފަރާތުން އެކަމަށް އެދުން.
(ނ) ލައިސަންސް ބަދަލުކުރެވޭ ފަރާތަކީ، ލައިސަންސް ލިބިގަނެވޭފަދަ ގާނޫނީ، މާލީ، އަދި ފަންނީ ށަރުތުތައް ފުރިހަމަވާ ފަރާތެއްކަން އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ.
26 ވަނަ މާއްދާ - އިމާރާތް ނުވަތަ ބިނާކުރުމުގެ ހުއްދަ
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ފޯރުކޮށްދޭ ހޮޅިލައިންއެއް ނުވަތަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ސާފުކުރާ ކާރުހާނާއެއް ނުވަތަ، ގިނަ އަދަދަކަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ރައްކާކުރާ ތަނެއް ނުވަތަ ހޯލްސޭލްކޮށް ނުވަތަ ރީޓޭލްކޮށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ވިއްކާތަނެއް ބިނާކުރަން ފެށުމުގެ ކުރިން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދަންވާނެއެވެ. ހުއްދައަށް އެދި ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ހުއްދައަށް އެދޭ ފަރާތުގެ، އޮތޯރިޓީން އެދޭ މައުލޫމާތު؛
- ވެރިފަރާތްކަން އެނގޭނެ ލިޔެކިޔުންތަކާއި ސެޓްފިކެޓްތަކުގެ ކޮޕީ؛
- ބިން ތަރައްގީކުރުމުގެ ހުއްދަ؛
- އިމާރާތްކުރާ ތަނުގެ ފާސްކޮށްފައިވާ ތަފްސީލު ކުރެހުންތައް؛
- ހޮޅި އަޅާނަމަ، ހޮޅިލައިންގެ ލޭއައުޓް ޕްލޭން އަދި ހޮޅިލައިންގެ ޒަރީއާއިން ފޯރުކޮށްދޭ އުފެއްދުންތަކުގެ ތަފްސީލު؛
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ސާފުކުރާ ތަނެއް ނުވަތަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ގިނަ އަދަދަކަށް ރައްކާކުރާ ތަނެއްނަމަ، އެތަނެއް ބިނާކުރާ ސަރަހައްދުގެ ޗާޓު އަދި މަށްރޫއުގެ މައުލޫމާތު؛
- ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު ފާސް ކުރިކަމުގެ ލިޔުން؛ އަދި
- ބޭނުންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ އެހެނިހެން މައުލޫމާތު.
(ށ) ހުއްދައަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކާއި ފުރިހަމަވާންޖެހޭ ށަރުތުތައް ފުރިހަމަވާނަމަ، ހުއްދައަށް އެދޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދަ ދިނުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ ނުދޭން ނިންމައިފިނަމަ، ނުދޭން ނިންމި ސަބަބު ބަޔާންކޮށް ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނީ އަދި ހުއްދަ ދޫކުރުމުގެ އެންމެހައި ކަންކަންކުރާނީ އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ސަރަހައްދެއްގެ އިހްތިސާސް ހިމެނޭ ލޯކަލް ކައުންސިލަކުންނެވެ.
27 ވަނަ މާއްދާ - ހުއްދަ ނެގުމުގެ އިސްތިސްނާ
މި ގާނޫނުގެ ދަށުން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އަންނަނިވި ހާލަތްތަކުގައި ހުއްދަ ނަގާކަށް ނުޖެހޭނެއެވެ.
(ހ) އިމަރޖަންސީ ހާލަތެއްގައި ވަގުތީ ގޮތުން ހޮޅިއެއް އަޅައިގެން ނުވަތަ އެނޫންވެސް ގޮތަކުން ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތްދޭން ޖެހުން؛ ނުވަތަ
(ށ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން އަޅާފައިވާ ހޮޅިލައިންގެ ބައެއް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރުން.
28 ވަނަ މާއްދާ - ހުއްދަ ބާތިލުވުން
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހޮޅިލައިންއެއް އެޅުމަށް، ނުވަތަ މިބާވަތުގެ ތަކެތި ގިނަ އަދަދަކަށް ގުދަންކޮށް ރައްކާކުރުމަށް ނުވަތަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ވިއްކާ ތަނެއް ހެދުމަށް ދީފައިވާ ހުއްދައިގެ ދަށުން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަސައްކަތް ނުފަށައިފިނަމަ ހުއްދަ ބާތިލުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ހުއްދަ ބާތިލުވެއްޖެނަމަ އަލުން ހުއްދަ ދެވޭނީ، އޮތޯރިޓީން ކަނޑައަޅާ ޖޫރިމަނާއެއް ދެއްކުމަށްފަހު އެކަމަށް އެދި އަލުން ހުށަހެޅުމުންނެވެ.
29 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ހަދާ ތަންތަން ނައްތާލުން
(ހ) މި ގާނޫނުގެ ދަށުން ހުއްދަ ނުހޯދައި ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހޮޅިލައިން އެޅުމާއި، ނުވަތަ މިބާވަތުގެ ތަކެތި ގިނަ އަދަދަކަށް ގުދަންކޮށް ރައްކާކުރުމަށް ނުވަތަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ވިއްކުމަށް ތަނެއް އެއްވެސް ފަރާތަކުން ހެދުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތެއް ޖޫރިމަނާކުރުމާއެކު ތިރީގައިވާ ދެގޮތުންކުރެ ގޮތަކަށް އެފަރާތަކާމެދު އަމަލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- މަސައްކަތް އިތުރަށް ކުރިއަށް ނުގެންދިއުމަށް ވެރިފަރާތަށް އެންގުން؛ ނުވަތަ
- އެތަނެއް ނައްތާލަން އެންގުން.
(ށ) ހުއްދަ ނުހޯދައި ކޮށްފައިވާ މަސައްކަތް ނައްތާލުމަށް އަންގައި އެކަމަށް ދީފައިވާ މުއްދަތުގައި އެކަން ނުކޮށްފިނަމަ، އެތަނެއް އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް ނައްތާލެވިދާނެއެވެ. އަދި އެކަމަށް ހިނގި ހަރަދުގެ ޒިންމާ އުފުލަން ޖެހޭނީ ހުއްދަނެތި އެ މަސައްކަތް ކުރި ފަރާތުންނެވެ.
30 ވަނަ މާއްދާ - ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ގުދަންކުރާ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ މިންގަނޑުތައް އޮތޯރިޓީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ގުދަންކުރާ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތަކަކީ އޮތޯރިޓީން ގަބޫލުކުރާ މިންގަނޑަށް ފެތޭ އުފެއްދުންތަކެއް ކަމަށް ވާންޖެހޭނެއެވެ.
(ނ) އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ނުފެތޭ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ހޯލްސޭލްކުރުމާއި، ވިއްކުމާއި، އަދި ގުދަންކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
31 ވަނަ މާއްދާ - ސްޓޮކްގެ މިންވަރު ހިފެހެއްޓުން
ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އިމްޕޯޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އެންމެ މަދުވެގެން ސްޓޮކްގައި ދަމަހައްޓަންޖެހޭ މިންވަރު ހިދުމަތް ދިނުމަށް ދޭ ހުއްދައިގައި ކަނޑައަޅައި އެ މިންގަނޑަށް ސްޓޮކް ދަމަހައްޓަންޖެހޭނެއެވެ.
32 ވަނަ މާއްދާ - ހިދުމަތް ދިނުން
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް ވިއްކުމުގެ އާންމު ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އާންމުކޮށް ހިދުމަތް ދޭންޖެހޭނީ އަދި ތަކެތި ވިއްކަން ޖެހޭނީ ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާ އެކުގައެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު، ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އާންމުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އޮތޯރިޓީން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
33 ވަނަ މާއްދާ - ތިމާވެށި ރައްކާތެރިކުރުމަށާއި، އާންމު ސިއްހަތަށާއި، އާންމު ރައްކާތެރިކަމަށް ސަމާލުވުން
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ ވިޔަފާރިކުރާ ފަރާތްތަކުން، ތިމާވެށި ހިމާޔަތް ކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، އަދި އިންސާނުންނާއި، ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ގޮތުން އެހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ތަބާވާންޖެހޭ ކަންކަމަށް ފުރިހަމައަށް ތަބާވާންވާނެއެވެ.
(ށ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އެއްތަނުން އަނެއްތަނަށް އުފުލުމުގައާއި، ވިއްކުމުގައާއި، ނުވަތަ ރައްކާކުރަން އުޅުމުގެ ތެރޭގައި، ގަސްދުގައި ނުވަތަ އެކްސިޑެންޓަކުން ކަމުގައި ވިޔަސް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ތިމާވެއްޓަށް ބޭރުވެ، ތަޣައްޔަރުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމެއްގެ ވެރިފަރާތުން އެ ހިނގި ހާދިސާއަށް ޒިންމާވާންޖެހޭނެއެވެ. އަދި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި އޮތޯރިޓީން ގަބޫލުކުރާ ފެންވަރަކަށް ތަޣައްޔަރުވި ސަރަހައްދު ސާފުކޮށްދޭންވާނެއެވެ.
(ނ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އެއްތަނުން އަނެއްތަނަށް އުފުލުމާއި، ރައްކާކުރުމާއި، ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ފަރާތްތަކުން ގެންގުޅޭ ޕެޓްރޯލިއަމް ތިމާވެއްޓަށް ބޭރުވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެ ފަރާތްތަކުގައި އޮންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތެއްގައި ތިމާވެށި ތަޣައްޔަރު ވެއްޖެނަމަ، އެކަމަށް ޒިންމާވާ ފަރާތުން ތަޣައްޔަރުވި ސަރަހައްދު ސާފުނުކޮށްފިނަމަ، އެކަމުގެ ހަރަދު އެކަމުގައި ޒިންމާވާ ފަރާތަކުން އުފުލަންޖެހޭ ގޮތަށް އޮތޯރިޓީ ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް އެ ސަރަހައްދު ސާފުކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ބ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އެޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު އެހެން ގާނޫނެއްގެ ދަށުން އެކަމުގައި ޒިންމާވާންޖެހޭ ފަރާތަކުން ހޯދުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ޅ) އެއްގަމު މަގުން ނުވަތަ ކަނޑު މަގުން ނުވަތަ ވައިގެ މަގުން ނުވަތަ ހޮޅިލައިނެއް މެދުވެރިކޮށް ކަމުގައި ވިޔަސް އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް ފޯރުކޮށްދޭ ފަރާތްތަކުން، އެކަން ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމުގައި ވާންވާނެއެވެ. މިގޮތުން އަމަލުކުރަންވީ ރައްކާތެރިކަމުގެ މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ކ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތްދޭ ފަރާތްތަކުންނާއި، އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަން އެ ފަރާތެއްގައި ހުރި މިންވަރުގެ މައްޗަށް އޮތޯރިޓީން ބަލަންވާނެއެވެ. އަދި އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުން ސަލާމަތީކަންކަން އިންތިޒާމް ކޮށްފައި ހުންނަ ގޮތް ބެލުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
34 ވަނަ މާއްދާ - ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލާ އުޅަނދުފަހަރަށް ހާއްސަ ސަރަހައްދު ކަނޑައެޅުން
(ހ) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދުތައް ބޭއްވުމަށް ހާއްސަ ސަރަހައްދުތައް އެއްގަމާއި ބަނދަރުގެ ސަރަހައްދުގައި ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް ކަނޑައަޅާފައިވަނިކޮށް އެ ސަރަހައްދުން ބޭރުގައި އުޅަނދެއް ޕާކުކޮށްފައި ބޭއްވުމަކީ މަނާކަމެކެވެ.
35 ވަނަ މާއްދާ - ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދުފަހަރު ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދުތަކަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ހިފައިގެން ވަންނަ އުޅަނދުފަހަރުގައި ހުންނަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން އަމަލުކުރަންޖެހޭ ގަވާއިދު ކަމާބެހޭ ފަރާތްތަކުގެ މަށްވަރާގެ މަތިން މިނިސްޓްރީން އެކުލަވާލައި ގެޒެޓު ކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އަދި ކޮންޓިނެންޓަލް ށެލްފްގެ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމަކާ އެކުވެފައިވާ ފެން އެޅުން؛
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އަޅާ ޓޭންކްތައް ދޮންނަ ފެން އެޅުން؛
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހޮޅި ދޮންނަ ފެން އެޅުން؛ އަދި
- ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ހިންދުމަށް ބޭނުންކޮށްފައި ހުންނަ ވެލި އެޅުން.
(ނ) މި މާއްދާގެ (ށ) ގައި ލިސްޓުކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، އެތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތެއްގެ ޒިންމާއެކެވެ. އަދި އެކަމަށް ހިނގާ ހަރަދަށް އެ ފަރާތްތަކުން ޒިންމާވާންވާނެއެވެ.
ފަސްވަނަ ބާބު
ކަރަންޓް އުފައްދައި ފޯރުކޮށްދިނުން
36 ވަނަ މާއްދާ - ކަރަންޓް އުފައްދައި ފޯރުކޮށްދޭ ފަރާތްތަކާއި ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް
(ހ) ކަރަންޓް އުފައްދައި ފޯރުކޮށްދޭ ފަރާތްތަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
- ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން؛
- ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަރަންޓުގެ ހިދުމަތަށް އަގުނެގުން؛
- ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުން؛ އަދި
- ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެފައިވުން.
(ށ) ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
- އެކަށޭނަ ފެންވަރެއްގައި، މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ލިބުން؛
- ކަރަންޓުގެ ހިދުމަތަށް ދައްކާ އަގަކީ އިންސާފުވެރި، ދެފުށްފެންނަ އަދި އެކަށޭނަ އަގެއް ކަމުގައިވުން؛ އަދި
- ކަރަންޓް ފޯރުކޮށްދޭ ފަރާތްތަކުން ހޯދާ ހިދުމަތްތައް، ނުވަތަ ހިދުމަތް މެދުކަނޑާލުން ފަދަ ކަންކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހައްލުވުން.
37 ވަނަ މާއްދާ - ކަރަންޓް އުފައްދައި ހިދުމަތް ފޯރުކޮށްދިނުން
(ހ) އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ވިޔަފާރީގެ ގޮތުގައި ކަރަންޓް އުފައްދަންވާނީ ނުވަތަ ވިއުގައެއްގެ ޒަރީއާއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭންވާނީ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން އެކަމަށްޓަކައި ދޫކުރާ ލައިސަންސް ނެގުމަށް ފަހުގައެވެ. އަދި ލައިސަންސް ނެތި އެފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.
(ށ) ކަރަންޓުގެ ނިޒާމު، ނުވަތަ އޭގެން ބައެއް ގާއިމުކޮށް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަތަކާއި ފުރިހަމަވާންޖެހޭ ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
38 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ދިނުން
(ހ) ކަރަންޓް އުފެއްދުމަށް ނުވަތަ ވިއުގައިގެ ޒަރީއާއިން ކަރަންޓް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) އާންމު ހިދުމަތެއްގެ ގޮތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމަށްޓަކައި އޮތޯރިޓީން ލައިސަންސް ދޫކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމަށްޓަކައި ބީލަމުގެ އުސޫލުން އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ހޮވޭ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމަށްފަހު، އެފަރާތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ބީލަންކުރުމަކާ ނުލައި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ، ސަރުކާރުގެ ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކަށް ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ކަރަންޓުގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
- ލައިސަންސްގެ ދަށުން ހުއްދަކުރެވޭ ހިދުމަތްތައް؛
- ކަރަންޓުގެ އަގު ކަނޑައެޅޭނެ އުސޫލުތައް؛
- ލައިސަންސްގެ ށަރުތުތައް؛
- ހިދުމަތްދެވޭ ސަރަހައްދު؛
- ލައިސަންސްގެ މުއްދަތު؛ އަދި
- ލައިސަންސް ދޫކުރުމަށް އޮތޯރިޓީން ބަލައި ފާސްކުރި ކަންކަމާއި އެ ކަންކަން ފާސްކުރި ތާރީހް.
(ބ) މި މާއްދާގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސްގައި އެ ހިދުމަތް ފޯރުކޮށްދިނުމާގުޅޭ އިތުރު ށަރުތުތައް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
(ޅ) މި ގާނޫނުގެ ދަށުން ދޫކުރެވޭ ލައިސަންސްގެ ދަށުން ހިންގާ މަސައްކަތްތައް ހިންގަންވާނީ މިނިސްޓްރީން ކަނޑައަޅާ ކަމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
39 ވަނަ މާއްދާ - ކަރަންޓް ފޯރުކޮށްދޭ ފަރާތުގެ ޒިންމާ
ކަރަންޓް ފޯރުކޮށްދިނުމަށް ދެވޭ ލައިސަންސްގެ ދަށުން އަންނަނިވި ކަންކަން ކުރުމަކީ ލައިސަންސް ދޫކުރެވޭ ފަރާތުގެ ޒިންމާއެކެވެ.
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަށް ފެތޭ ގޮތަށް، ހަރަދުގެ ގޮތުންނާއި ފަންނީ ގޮތުން އެކަށީގެންވާ ކަރަންޓް ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމާއި، ހިންގުމާއި ބެލެހެއްޓުން؛
(ށ) ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ގަވާއިދުން އަގު ދައްކަމުންދާނަމަ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން؛
(ނ) މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ފޯރުކޮށްދޭންޖެހޭ ތަފާސްހިސާބާއި މައުލޫމާތު ބެލެހެއްޓުމާއި، ފޯރުކޮށްދިނުން؛
(ރ) ކަރަންޓުގެ ޑިމާންޑަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޑިމާންޑާ އެކަށީގެންވާވަރަށް ކަރަންޓުގެ ނިޒާމު ތަރައްގީކޮށް ދެމެހެއްޓުން؛
(ބ) ކަރަންޓުގެ ނިޒާމުގެ ސަލާމަތީ ކަންކަން އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ބެލެހެއްޓުމާއި ދެމެހެއްޓުން؛
(ޅ) ގުދުރަތީ އަދި އެނޫނަސް ކާރިސާތަކާއި، އިމަރޖަންސީ ހާލަތްތަކުގައި ހިދުމަތަށް ބުރޫއަރާވަރު ކުޑަކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމާއި، މިފަދަ ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ހަރުދަނާ ނިޒާމެއް އެކުލަވާލައި ދެމެހެއްޓުން؛ އަދި
(ކ) ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި، އިސްރާފުވާ މިންވަރު ކުޑަކުރުމާއި ޕްރޮކިއުމަންޓާއި މާލީ ކަންކަން ރަނގަޅުކުރުމާއި، އަދި ޖުމްލަކޮށް ހިދުމަތްދޭ ފަރާތުގެ މާލީ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުން.
40 ވަނަ މާއްދާ - ނިކަމެތިންނަށް ހިދުމަތް ދިނުން
(ހ) ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި، ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް، ހިދުމަތް ގުޅައިދިނުމުގައާއި، ހިދުމަތް ކަނޑާލުމާއި، ބިލު ދެއްކުމުގައި، ލުއި ގޮތްތަކެއް އިންތިޒާމް ކުރަންވާނެއެވެ.
(ށ)މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިކަމެތިންގެ ދަފްތަރު ބަލަހައްޓަންވާނީ، ކޮންމެ ރަށެއްގެ ލޯކަލް ކައުންސިލް މެދުވެރިކޮށް، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.
41 ވަނަ މާއްދާ - ކަރަންޓުގެ ނިޒާމް މޮނިޓަރކުރުން
(ހ) ކަރަންޓް އުފެއްދުމާއި، ފޯރުކޮށްދިނުމުގައި ޑިމާންޑާ އެއްވަރަށް ހިދުމަތްދޭ ފަރާތްތަކުން ކަރަންޓް އުފައްދައި ފޯރުކޮށްދެމުންދާކަމާއި، ހިދުމަތުގެ ފެންވަރާއި، ފޯރުކޮށްދޭ މިންވަރާއި، ކަރަންޓް އުފައްދައި ފޯރުކޮށްދިނުމަށްކުރާ ހަރަދާއި، ވިއްކާ އަގާއި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރެވޭ މިންވަރާއި، ނިޒާމުގެ ސަމަކާރަ (އެފިށެންސީ) އޮތޯރިޓީން މޮނިޓަރކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން މޮނިޓަރކުރުމުގެ ތެރޭގައި ހިދުމަތްދޭ ފަރާތުން އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން އިސްލާހުކުރުމަށް ހިދުމަތްދޭ ފަރާތަށް އޮތޯރިޓީގެ ފަރާތުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކަރަންޓުގެ ނިޒާމުގެ ސަމަކާރަ (އެފިށެންސީ) އޮތޯރިޓީން މޮނިޓަރކުރުމުގައި ބަލާނެ ކަންތައްތަކާއި އަދި މޮނިޓަރކުރާނެ ގޮތުގެ ތަފްސީލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
42 ވަނަ މާއްދާ - ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުމާއި، ތަހްގީގުކުރުމުގެ ބާރު
(ހ) މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، އޮތޯރިޓީން ލައިސަންސް ލިބިގެން ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، އެ ފަރާތަކަށް ލިޔުމުން ނޯޓިސް ދިނުމަށްފަހު އެ ފަރާތް ތަމްސީލުކުރާ ފަރާތެއްގެ ހާޒިރުގައި އެފަދަ ތަންތަނަށް ވަދެ، ބަލައި ފާސްކުރުމާއި، ފޮޓޯ ނެގުމާއި، ވީޑިއޯ އަދި އޯޑިއޯ ރެކޯޑުކުރުމާއި، ރެކޯޑުތަކުގެ ކޮޕީ ހަދައި ގެންދިއުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން ލައިސަންސް ލިބިގެން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރާ ގުޅޭގޮތުން އޮތޯރިޓީއަށް ބޭނުންވެގެން ހޯދުމަށް އަންގާ ކޮންމެ މައުލޫމާތެއް ލައިސަންސް ލިބިފައިވާ ފަރާތުން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮތޯރިޓީގެ ފަރާތުން ބަލައި ފާސްކުރުމަށް އަންނަ ފަރާތަކުން އެއީ އޮތޯރިޓީން އައްޔަންކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށް އަންނަ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ މަނާކަމެކެވެ.
(ބ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށް ތަނަކަށް ވަނުމަށް، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަން ހިންގާ ފަރާތުން ހުއްދަ ނުދީފިނަމަ ނުވަތަ ރުހުން ނުދީފިނަމަ، އޮތޯރިޓީން މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެތަނަކަށް ވަނުމުގެ ކޯޓު އަމުރަކަށް އެދި، ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ބާރު ލިބިގެންވެއެވެ.
43 ވަނަ މާއްދާ - ހާއްސަ ހާލަތުގައި އިރުށާދުދިނުން
(ހ) ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކަރަންޓް އުފައްދައި ފޯރުކޮށްދޭ އިދާރާތަކަށް ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އިރުށާދުދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ހާއްސަ ހާލަތެއްކަމަށް ބުނެފައި އެވަނީ، ގައުމީ ސަލާމަތަށް ނުރައްކާވުން ނުވަތަ އާންމު ސަލާމަތަށް ނުރައްކާވުން ނުވަތަ ކާރިސާއެއް ކުރިމަތިވުން ފަދަ ހާލަތްތަކަށެވެ.
44 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތުން އަގުނެގުން
(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ދެވޭ ކަރަންޓުގެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގު ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީންނެވެ.
(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި ދެވޭ ކަރަންޓުގެ ހިދުމަތަކަށް އެއްވެސް ފައިސާއެއް ނަގަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަރަންޓުގެ ހިދުމަތަށް ނެގޭނެ އެންމެ މަތީ އަގު އާންމުކޮށް އިއުލާންކުރަންވާނެއެވެ. އަދި އަގަށް އަންނަ ބަދަލުތައް ގަވާއިދުން އާންމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ އަގު ކަނޑައެޅުމުގައި އިންސާފުވެރި އެކަށީގެންވާ އަގެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.
- ކަރަންޓް އުފެއްދުމާއި ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހަރަދު؛
- ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު؛
- އުފައްދައި ފޯރުކޮށްދޭ ކަރަންޓުގައި އިއާދަކުރަނިވި ހަކަތަ އެކުލެވޭ މިންވަރު؛
- ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހަރަދު؛
- ދިރިއުޅުމުގެ އާންމު ހާލަތު؛ އަދި
- އެކަށައަޅާ އުސޫލުގެ ސަބަބުން އާމްދަނީ މަދުން ލިބޭ ފަރާތްތަކަށް ކުރާނެ އަސަރާއި، އެފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގޮތް.
(ބ) ކަރަންޓުގެ ހިދުމަތްދޭ ފަރާތަކުން ކަރަންޓް ވިއްކާ އަގަށް ބަދަލެއް ގެންނަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ހުށަހަޅައި، އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ކަރަންޓް ވިއްކާ އަގަށް ބަދަލުގެނައުމަށް އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ ހުށަހެޅުމެއް ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އޮތޯރިޓީން އެ ހުށަހެޅުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމައި، ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ކ) ކަރަންޓުގެ ހިދުމަތުގެ އަގަށް ބަދަލެއް ގެނައުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަން ހިދުމަތް ހޯދާ ފަރާތްތަކަށް ލިޔުމަކުން އަންގަންވާނެއެވެ.
(އ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ކަރަންޓުގެ ހިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.
45 ވަނަ މާއްދާ - ހިދުމަތަށް އެދުމާއި އަގު ދެއްކުން
(ހ) ކަރަންޓުގެ ހިދުމަތަށް އެދޭ ފަރާތުން އެކަމަށް އެދި ހުށަހަޅާނީ ކަރަންޓުގެ ހިދުމަތް ހޯދަން ބޭނުންވާ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
(ށ) ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތަށް ހިދުމަތްދެވޭނެ ށަރުތުތަކާއި، ހިދުމަތުގެ އަގު ކަނޑައެޅޭ ގޮތް ބަޔާންކުރާ އެއްބަސްވުމެއްގައި ހިދުމަތްދޭ ފަރާތާއި، ހިދުމަތް ލިބިގަންނަ ފަރާތުން ސޮއިކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ބޭނުންކުރާ ފަރާތުން ގަވާއިދުން ހިދުމަތްދޭ ފަރާތަށް ހިދުމަތުގެ އަގު ދައްކަންވާނެއެވެ.
(ރ) ކަރަންޓުގެ ހިދުމަތުގެ އަގު އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތް ލިބިގަންނަ ފަރާތުން ދައްކަމުން ނުދާނަމަ، އޮތޯރިޓީން ހުއްދަކުރާ ޖޫރިމަނާއެއް ކުރުމާއި، ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމުގެ ހައްގު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ބ) ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތަށް ދައްކަންޖެހޭ އަގު ނުދައްކައިގެން ކަރަންޓުގެ ހިދުމަތް ކަނޑާލަންވާނީ އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅައި އެނޫން އިތުރުގޮތެއް ނެތުމުންނެވެ. މިގޮތުން ކަރަންޓުގެ ހިދުމަތުގެ އަގު ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
46 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު ދެމެހެއްޓުން
ކަރަންޓުގެ ހިދުމަތް ދިނުމުގައި ވަކި ފަރާތަކަށް ހިދުމަތުގެ ފެންވަރުގެ ގޮތުން ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.
47 ވަނަ މާއްދާ - ކަރަންޓުގެ މަސައްކަތްކުރާ ފަރާތްތައް
(ހ) ކަރަންޓުގެ މަސައްކަތް ކުރެވޭނީ އެކަމަށް އޮތޯރިޓީން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކަރަންޓުގެ މަސައްކަތްކުރަން އެދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާއިދު މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި ކަރަންޓުގެ މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ށަރުތުތަކާއި، މަސައްކަތުގެ ހުއްދަ ދޫކުރެވޭނެ މުއްދަތާއި، ހުއްދަ އައު ކުރުމާއި، ހުއްދަ ބާތިލުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކަރަންޓުގެ މަސައްކަތްކުރުމަށް ހުއްދަދެވޭ ފަރާތްތަކުގެ ލިސްޓު އޮތޯރިޓީން އާންމުކުރަންވާނެއެވެ. އަދި ލިސްޓަށް އަންނަ ބަދަލުތައް އަދާހަމަކޮށް އާންމުކޮށް ފެންނާނެހެން ދަމަހައްޓަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ކަރަންޓުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އަލުން ހުއްދަ ހޯދުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުއްދަ ދޫކޮށްފައިވާ ފަރާތެއްނޫން އެހެން ފަރާތަކުން ކަރަންޓުގެ މަސައްކަތްކުރުމަކީ މަނާކަމެކެވެ.
48 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތް ދިނުމަށް އިންކާރުކުރުން ނުވަތަ މެދުކަނޑާލުން
އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެގެން މެނުވީ، ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ އިހްތިޔާރެއް އޮވެގެން، ހިދުމަތް ލިބިގަންނަ އެއްވެސް ފަރާތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް އިންކާރުކޮށް، ހިދުމަތް މެދުކަނޑާލައިގެން ނުވާނެއެވެ.
(ހ) ހިދުމަތް ހޯދާ ފަރާތުން ހިދުމަތްދޭ ފަރާތަށް ދައްކަންޖެހޭ ފީ އެއްބަސްވެފައިވާ ގޮތަށް ނުދެއްކުން؛
(ށ) ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަރާތުން އަމަލުކުރުމަށް އެއްބަސްވެފައިވާ ގޮތުގެމަތިން އިސްލާހުކުރަންޖެހޭ ކަމެއްވާނަމަ، އެކަން ލިޔުމުން އެންގުމަށްފަހުވެސް އެކަމެއް އިސްލާހުނުކުރުން؛
(ނ) ކަރަންޓް ބޭނުންކުރުމަށް އެއްބަސްވެފައިވާ ގޮތާ ހިލާފަށް ކަރަންޓް ބޭނުންކުރުމުގެ ސަބަބުން، ހިދުމަތް ފޯރުކޮށްދޭ ފަރާތުން ދޫކޮށްފައިވާ ކަރަންޓަށް ނުރަނގަޅު އަސަރުކުރުމާއި ނުވަތަ އާންމުންނަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމެއް ކުރުން؛
(ރ) ހިދުމަތްދޭ ފަރާތުން ކަރަންޓާގުޅޭ ކަމެއް ބަލަން ބޭނުންވެގެން ކަރަންޓުލާފައިވާ ތަނަށް ވަންނަން ބޭނުންވާ ހާލަތެއްގައި ހިދުމަތް ހޯދާ ފަރާތުން އެކަމަށް ހުރަސްއެޅުން؛
(ބ) ކަރަންޓުލާފައިވާ ތަން ނުވަތަ ތަނުގެ ބައެއް ތަޅާލުމަށް ނުވަތަ ރޫޅާލުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމުރެއް ނެރުން؛
(ޅ) ހިދުމަތްދޭ ފަރާތުގެ ހުއްދައަކާ ނުލައި ކަރަންޓް އުފައްދާ ނިޒާމެއް ކަރަންޓް ވިއުގައާ ގުޅައިގެން ބޭނުންކުރުން؛
(ކ) ހިދުމަތްދޭ ފަރާތުގެ ހުއްދައަކާ ނުލައި ހިދުމަތް ހޯދާ ފަރާތުން މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ، ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގުން؛
(އ) ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ އިހްތިޔާރުގައި ނެތި (ގުދުރަތީ ނުވަތަ އެހެން ހާލަތަކާ ގުޅިގެން) ހިދުމަތް ބޭނުންކުރާ ފަރާތަށް، ނުވަތަ އާންމުންނަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތިވެދާނެ ފަދަ ކަމަކާ ދިމާވުން؛ ނުވަތަ
(ވ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 ހާލަތުންކުރެ ހާލަތެއް ދިމާވުން.
49 ވަނަ މާއްދާ - ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުން
(ހ) އަންނަނިވި ހާލަތްތަކުގައި ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން ވަކި ގެއަކުން ނުވަތަ ވަކި ސަރަހައްދަކުން މެދުކަނޑާލެވިދާނެއެވެ.
- ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން؛ ނުވަތަ
- ކަރަންޓުގެ ނިޒާމަށް ލިބިފައިވާ ގެއްލުމެއް މަރާމާތުކުރުމުގެ ގޮތުން.
(ށ) ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ނުވަތަ ނިޒާމަށް ލިބޭ ގެއްލުމެއް މަރާމާތުކުރުމަށް ވަގުތީގޮތުން ހިދުމަތް މެދުކަނޑާލާނަމަ ހިދުމަތް ހޯދާ ފަރާތްތަކަށް، ހިދުމަތް މެދުކަނޑާލުމުގެ 24 ގަޑިއިރު ކުރިން ނޯޓިސް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ނޯޓިސްގައި، ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވޭނެކަމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭތޯ ހިދުމަތް ފޯރުކޮށްދޭ ފަރާތުން މަސައްކަތްކުރަންވާނެއެވެ.
50 ވަނަ މާއްދާ - އިހްތިޔާރުން ބޭރުން ކުއްލިގޮތަކަށް ހިދުމަތް މެދުކެނޑުން
(ހ) ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ކުއްލިގޮތަކަށް މެދުކެނޑުނަނުދިނުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ ނިޒާމު ބެލެހެއްޓުމާއި މައްސަލައެއް ދިމާވުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ދުރާލާ އެ ކަންކަން ރަނގަޅުކުރުމަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
(ށ) ކުއްލި ގޮތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުނަނުދިނުމުގެ ގޮތުން ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހިދުމަތް ދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ގަވާއިދުން ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭނެ ގޮތް އޮތޯރިޓީން ކަނޑައަޅައި އެ ފަރާތަކަށް އަންގައި އެ ކަންކަން ތަންފީޒުކުރޭތޯ އޮތޯރިޓީން ބަލަންވާނެއެވެ.
(ނ) މި މާއްދާގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ކުއްލި ގޮތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހާލަތެއްގައި، އަމަލުކުރާނެ އުސޫލެއް ހިދުމަތް ފޯރުކޮށްދޭ ފަރާތުން އެކުލަވާލައި އޮތޯރިޓީން އެ އުސޫލު ފާސްކުރަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދޭ ފަރާތުން އަމަލުކުރާކަން އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ.
51 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތްދޭ ވަސީލަތްތަކަށް ގެއްލުން ދިނުމާއި މަސައްކަތަށް ހުރަސްއެޅުން
ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގަސްދުގައި ގެއްލުން ދިނުމާއި ހިދުމަތް ދިނުމަށް ދަތިކުރުމުގެ އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ. މި ގާނޫނުގެ ބޭނުމަށްޓަކައި އެފަދަ އަމަލެއްކަމަށް ބެލެވޭނީ:
(ހ) ހިދުމަތްދޭ ފަރާތުގެ މަސައްކަތަށް ހުރަސްއެޅުމާއި މުދަލަށް ގެއްލުން ދިނުމާއި ބަދަލުގެނައުން؛
(ށ) ހިދުމަތްދޭ ފަރާތުގެ މުދަލެއް ވަގަށްނެގުން؛
(ނ) ހިދުމަތްދޭ ފަރާތުގެ ގޯއްޗަށާއި އިމާރާތްތަކުގެ ތެރެއިން އާންމުން ވަނުން މަނާކޮށްފައިވާ ސަރަހައްދުތަކަށް ހުއްދަނެތި ވަނުން؛ ނުވަތަ
(ރ) ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ އިންފްރާސްޓްރަކްޗަރާއި އެފަދަ އެހެނިހެން ތަކެއްޗަށް ގެއްލުން ދިނުން.
52 ވަނަ މާއްދާ - ކަރަންޓުގެ ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްކުރުމަށް ތަންތަނަށް ވަނުމަށް ހުރަސްއެޅުން
ކަރަންޓުގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ފަރާތުން ނުވަތަ އެ ފަރާތުގެ މުވައްޒަފަކު، ކަރަންޓާގުޅޭ މަސައްކަތެއް ކުރުމަށް އެތަނަކަށް ވަނުމާއި، ކުރަންޖެހޭ މަސައްކަތެއް ކުރުމާއި، އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ގެނައުމާއި، ގެންދިއުންފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ މަނާކަމެކެވެ.
53 ވަނަ މާއްދާ - ހަކަތައިގެ ވަސީލަތަށް ހާއްސަ ސަރަހައްދު ކަނޑައެޅުން
(ހ) ހަކަތައިގެ ވަސީލަތް މުއްސަނދި ސަރަހައްދެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސަރަހައްދެއް ފާހަގަކުރެވިއްޖެނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މަށްވަރާގެ މަތިން އެ ސަރަހައްދެއް "ހަކަތައިގެ ވަސީލަތަށް ހާއްސަ ސަރަހައްދު" ގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ސަރަހައްދެއް ހަކަތައިގެ ވަސީލަތަށް ހާއްސަ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފިނަމަ، އެ ސަރަހައްދެއްގެ ޖޯގްރަފިކް ކޯޑިނޭޓްސް އަދި ސަރަހައްދުގެ އިން އެނގޭ ގޮތަށް ޗާޓުގައި ފާހަގަކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) ހަކަތައިގެ ވަސީލަތަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅާފައިވަނިކޮށް، އެހެން ބޭނުމަކަށް އެ ސަރަހައްދު ބޭނުންކުރަންވާނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.
(ރ) ހަކަތައިގެ ވަސީލަތަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދަކީ އެހެން ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެނިވެރިކަމުގެ ދަށުގައި އޮތް ސަރަހައްދެއްނަމަ، އެ ސަރަހައްދަށް އިތުރު ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއް ކުރަންވާނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
54 ވަނަ މާއްދާ - ކަރަންޓުގެ އިންފްރާސްޓްރަކްޗަރާއި ސާމާނާއި ތަކެތީގެ މިލްކުވެރިކަން
(ހ) ކަރަންޓުގެ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން، ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތުން ކަމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ތަރައްގީކުރާ އިންފްރާސްޓްރަކްޗަރާއި، ހަރުކުރެވޭ ސާމާނާއި ތަކެއްޗަކީ، އެހެން ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމެއްގައި ނުވަތަ އިމާރާތެއްގައި ހުންނަ ތަކެތި ކަމުގައި ވީނަމަވެސް، އެ ތަކެއްޗަކީ ހިދުމަތްދޭ ފަރާތުގެ މިލްކެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކަރަންޓުގެ ހިދުމަތް ހޯދުމަށް، ހިދުމަތް ހޯދާ ފަރާތުން އަގު ދައްކައި ހަލާސްކޮށްފައިވާ ސާމާނާއި ތަކެތީގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.
ހަވަނަ ބާބު
ހަކަތަ އިގްތިސާދުކުރުމާއި ފުރިހަމަ ގޮތުގައި ބޭނުންކުރުން
55 ވަނަ މާއްދާ - ހަކަތަ އިގްތިސާދުކުރުމާއި، ހަކަތަ ސަމަކާރަކުރުމުގެ އަމަލީ މަށްރޫއު
ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މަށްވަރާގެ މަތިން، ހަކަތަ އިގްތިސާދުކުރުމާއި، ހަރަދުކުޑަވާނެ ގޮތަށް ހަކަތަ ބޭނުންކުރުމަށް ބާރުއެޅުމުގެ އަމަލީ މަށްރޫއެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެތެރޭގައި މިނިސްޓްރީން އެކުލަވާލައި ތަންފީޒުކުރަން ފަށަންވާނެއެވެ. އަދި އެ މަށްރޫއަށް، ގެންނަން ފެންނަ ބަދަލެއް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ގެނައުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
56 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ފޯރުކޮށްދިނުމާއި ބެލެހެއްޓުން
(ހ) އިސްރާފުކުޑަކޮށް ހަކަތަ ބޭނުންކުރަމުން ގެންދާކަން ދެނެގަތުމަށްޓަކައި އެކަމާބެހޭ މައުލޫމާތު ހޯދުމަށް ހަކަތަ ބޭނުންކުރާ ތަނެއްގެ ވެރިފަރާތަކަށް އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.
(ށ) އިމާރާތްތަކާއި، ކާރުހާނާތަކާއި، ފެކްޓަރީތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ރިޒޯޓުތަކުގައި ހަކަތަ އިސްރާފުވުން ކުޑަކުރުމާއި، ފުރިހަމަ ގޮތުގައި ހަކަތަ ބޭނުންކުރާ މިންވަރާބެހޭ މައުލޫމާތާއި ރެކޯޑު، އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށް، ހޯދައި އެއްކޮށް ބެލެހެއްޓުމަކީ އެތަންތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތުގެ ރެކޯޑު ބަލަހައްޓަމުން ނުގެންދިއުމަކީ މަނާކަމެކެވެ.
57 ވަނަ މާއްދާ - ހަކަތަ ބޭނުންކުރުމާބެހޭ ގަވާއިދާއި މިންގަނޑުތައް އެކުލަވާލުން
(ހ) އަންނަނިވި ދާއިރާތައް ހިމެނޭ ގޮތުން ހަކަތަ އިސްރާފުވުން ކުޑަކުރުމާއި ފުރިހަމަ ގޮތުގައި ހަކަތަ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
- ހަކަތަ އުފައްދާ އާލާތްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ކަރަންޓް ބޭނުންކުރާ އާލާތްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް؛
- ހަކަތަ ބޭނުންކުރާ އާލާތްތައް ދަރަޖަކުރުމާބެހޭ މިންގަނޑުތައް؛
- ވަކި މިންގަނޑަކަށްވުރެ ދަށް ގިންތީގެ އާލާތްތައް އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބޭނުންކުރުން މަނާކުރުން؛
- ހަކަތަ އިސްރާފުވުން ކުޑަކުރުމާއި ފުރިހަމަ ގޮތުގައި ހަކަތަ ބޭނުންކުރާ މިންވަރު އާލާތްތަކުގައި ހަރުކުރުމުގެ މިންގަނޑުތައް؛
- ހަކަތަ އިސްރާފުވުން ކުޑަކުރުމާއި ފުރިހަމަ ގޮތުގައި ހަކަތަ ބޭނުންކުރާ މިންވަރު ހާމަކޮށްދިނުމަށް އިމާރާތްތަކާއި، ކާރުހާނާތަކާއި، ޓޫރިސްޓް ހޮޓާ، ރިޒޯޓުތައް ގިންތިކޮށް ދަރަޖަކުރާނެ މިންގަނޑުތައް؛
- ހަކަތަ އޮޑިޓްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ށަރުތުތަކާއި ހަކަތަ އޮޑިޓްކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް؛ އަދި
- އިމާރާތްތަކުގައި ހަކަތަ އިސްރާފުވުން ކުޑަކުރުމާއި، ފުރިހަމަ ގޮތުގައި ހަކަތަ ބޭނުންކުރުމަށް ހުންނަންޖެހޭ މިންގަނޑުތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ހަކަތަ އުފައްދައި ބޭނުންކުރާ ފަރާތްތަކުން އަމަލުކުރަމުން ގެންދޭތޯ ބެލުމަށްފަހު އިސްލާހުކުރަންޖެހޭ ކަމެއް ހުރިކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، ދެފަރާތުގެ މަށްވަރާއާއެކު އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެކަމަށް އޮތޯރިޓީން ކަނޑައަޅާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް އެ ފަރާތަކަށް އެންގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިފަދައިން އިސްލާހުކުރުމަށް އޮތޯރިޓީން އަންގާކަމެއް އެ މުއްދަތުގެ ތެރޭގައި އިސްލާހުނުކުރުމަކީ މަނާކަމެކެވެ.
58 ވަނަ މާއްދާ - އެނަރޖީ އެފިށެންސީ ސެޓްފިކެޓް ދިނުން
(ހ) ހަކަތަ ބޭނުންކުރާ ފަރާތަކުން، މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ރަނގަޅަށް ހަކަތަ ބޭނުންކުރާނަމަ، އަދި ކަރަންޓް ހެޔޮގޮތުގައި ބޭނުންކުރާކަމުގެ ސެޓްފިކެޓަށް އެދި އެފަދަ ފަރާތަކުން ހުށަހަޅައިފިނަމަ އެކަމަށް "އެނަރޖީ އެފިށެންސީ ސެޓްފިކެޓް" އެއް ދޫކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ "އެނަރޖީ އެފިށެންސީ ސެޓްފިކެޓް" ލިބޭ ފަރާތަކަށް ހާސިލުވާ ކަންކަމާގުޅޭ ތަފްސީލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސެޓްފިކެޓަށް އެދި ހުށަހެޅުމާއި، އެ ސެޓްފިކެޓް ބާތިލުކުރުމާއި، ސެޓްފިކެޓްގެ އިދާރީ ފީ ކަނޑައެޅުމާބެހޭ އުސޫލުތައް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
59 ވަނަ މާއްދާ - ހަކަތައިގެ އޮޑިޓަރުން ކަނޑައެޅުން
(ހ) ހަކަތައިގެ ދާއިރާއިން އޮޑިޓަރުން ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) ހަކަތައިގެ އޮޑިޓަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި ފެންވަރާއި ތަޖުރިބާ އަދި ހަކަތައިގެ އޮޑިޓަރެއްގެ ގޮތުގައި ދަފްތަރުވުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ހަކަތައިގެ އޮޑިޓަރެއްގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ ދަފްތަރެއް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ.
60 ވަނަ މާއްދާ - ހަކަތައިގެ އޮޑިޓް ހެދުމަށް އެންގުން
(ހ) ހަކަތައިގެ ހިދުމަތް ބޭނުންކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ހަކަތަ ބޭނުންކުރާ ނިސްބަތަށް ރިއާޔަތްކޮށް ގިންތިކުރެވިގެން، މަހަކު
100 (އެއްސަތޭކަ) ކިލޯވޮޓު އަވަރ އަށްވުރެ ގިނައިން ހަކަތަ ބޭނުންކުރާ ފަރާތަކަށް އޮތޯރިޓީއަށް ފެންނަ އެކަށީގެންވާ މުއްދަތެއްގައި ހަކަތައިގެ އޮޑިޓް ހެދުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ހަދާނީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މިންގަނޑުތައް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަކަތައިގެ އޮޑިޓް އޮތޯރިޓީން ގަބޫލުކުރަންވާނީ އޮތޯރިޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު ސޮއިކޮށްފައިވާނަމައެވެ.
61 ވަނަ މާއްދާ - ހަކަތައިގެ އަހަރީ ރިޕޯޓު
(ހ) ހަކަތައިގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި، ހަކަތައިގެ ދާއިރާގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، ހަކަތަ މެނޭޖްކުރެވޭ ގޮތާއި، ބޭނުންކުރެވޭ ގޮތް ފަދަ މުހިންމު މައުލޫމާތު ހިމެނޭ ގޮތުން އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ޖެހިގެން އަންނަ މާލީ އަހަރުގެ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅައި އާންމުކުރަންވާނެއެވެ.
(ށ) އެ ރިޕޯޓުގައި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންކަމުގެ އިތުރުން އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް؛
- ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތައް؛
- އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް؛ އަދި
- ހިދުމަތުގެ އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތްތައް.
62 ވަނަ މާއްދާ - ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން
ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މި ގާނޫނުގެ ބޭނުމަށްޓަކައި ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭނީ:
(ހ) ކަރަންޓުގެ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަރަންޓް ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކަށް ކަރަންޓުގެ ބޭނުން ކުރުމާއި، އެހެން ފަރާތަކަށް ކަރަންޓުގެ ބޭނުން ކުރުމަށް ފުރުސަތު ދިނުން؛
(ށ) ކަރަންޓް ފޯރުކޮށްދިނުމަށް ލައިސަންސް ދީފައިވާ ފަރާތުން ގާއިމުކޮށްފައިވާ ކަރަންޓް ވިއުގައަށް ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދައަކާ ނުލައި އެއްވެސް އެއްޗެއް ގުޅުމާއި، ބައެއް ވަކި ކުރުމާއި، ބަދަލެއް ގެނައުމާއި، ގެއްލުން ދިނުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމަށް މަގުތަނަވަސްކޮށް ދިނުން؛
(ނ) ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކޮށްފައިވާ ސަރަހައްދުން ބޭރަށް، ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި، ހިދުމަތް ހޯދާ ފަރާތުން، އެހެން މީހަކަށް ނުވަތަ ތަނަކަށް ކަރަންޓް ފޯރުކޮށްދިނުން؛
(ރ) ކަރަންޓުން ނުވަތަ ކަރަންޓް އުފައްދަން ބޭނުންކުރާ ނިޒާމުގައި ހިމެނޭ ބައިތަކާއި، ވަސީލަތްތަކުން ވައްކަންކުރުން، ޓެކުން، ހިޔާނާތް، އޮޅުވާލުން، މަކަރާއި ހީލަތް ހެދުން، ހުއްދަ ނޫންގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން، ނުވަތަ ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި އެހެން ފަރާތަކަށް ކަރަންޓް ވިއްކުން؛ ނުވަތަ
(ބ) ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހިދުމަތް މެދުކަނޑާލާފައިވަނިކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހުއްދަނެތި، އެފަދަ ތަނަކުން ހިދުމަތް ބޭނުންކުރުން.
ހަތްވަނަ ބާބު
އިންތިގާލީ އިންތިޒާމްތައް
63 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ހުއްދަތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާއިން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް މި ގާނޫނުގެ ދަށުން ބާތިލު ނުކުރާހާ ހިނދަކު އެ ހުއްދައެއްގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެއެވެ. އަދި އެ ހުއްދައެއްގެ މުއްދަތު ހަމަވުމަށްފަހު އަލުން އެ ހުއްދަ ދޫކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
64 ވަނަ މާއްދާ - ކުރީގެ ގާނޫނުތަކާއި ގަވާއިދުތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލައި އަމަލުކުރެވެމުން އަންނަ ހަކަތައިގެ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް، މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ކަމާގުޅޭ ގަވާއިދުތައް އެކުލަވާލައި އާންމުކުރެވެންދެން އަމަލުކުރަމުން ގެންދަންވާނެއެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
65 ވަނަ މާއްދާ - ހަކަތައިގެ އޮޑިޓް ހެދުމަށް އެންގުން
(ހ) ހަކަތައިގެ ހިދުމަތް ބޭނުންކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ހަކަތަ ބޭނުންކުރާ ނިސްބަތަށް ރިއާޔަތްކޮށް ގިންތިކުރެވިގެން، މަހަކު
100 (އެއްސަތޭކަ) ކިލޯވޮޓު އަވަރ އަށްވުރެ ގިނައިން ހަކަތަ ބޭނުންކުރާ ފަރާތަކަށް އޮތޯރިޓީއަށް ފެންނަ އެކަށީގެންވާ މުއްދަތެއްގައި ހަކަތައިގެ އޮޑިޓް ހެދުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ހަދާނީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މިންގަނޑުތައް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަކަތައިގެ އޮޑިޓް އޮތޯރިޓީން ގަބޫލުކުރަންވާނީ އޮތޯރިޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު ސޮއިކޮށްފައިވާނަމައެވެ.
66 ވަނަ މާއްދާ - ހަކަތައިގެ އަހަރީ ރިޕޯޓު
(ހ) ހަކަތައިގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި، ހަކަތައިގެ ދާއިރާގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، ހަކަތަ މެނޭޖްކުރެވޭ ގޮތާއި، ބޭނުންކުރެވޭ ގޮތް ފަދަ މުހިންމު މައުލޫމާތު ހިމެނޭ ގޮތުން އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ޖެހިގެން އަންނަ މާލީ އަހަރުގެ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅައި އާންމުކުރަންވާނެއެވެ.
(ށ) އެ ރިޕޯޓުގައި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންކަމުގެ އިތުރުން އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް؛
- ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތައް؛
- އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް؛ އަދި
- ހިދުމަތުގެ އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތްތައް.
67 ވަނަ މާއްދާ - ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން
ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މި ގާނޫނުގެ ބޭނުމަށްޓަކައި ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭނީ:
(ހ) ކަރަންޓުގެ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަރަންޓް ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކަށް ކަރަންޓުގެ ބޭނުން ކުރުމާއި، އެހެން ފަރާތަކަށް ކަރަންޓުގެ ބޭނުން ކުރުމަށް ފުރުސަތު ދިނުން؛
(ށ) ކަރަންޓް ފޯރުކޮށްދިނުމަށް ލައިސަންސް ދީފައިވާ ފަރާތުން ގާއިމުކޮށްފައިވާ ކަރަންޓް ވިއުގައަށް ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދައަކާ ނުލައި އެއްވެސް އެއްޗެއް ގުޅުމާއި، ބައެއް ވަކި ކުރުމާއި، ބަދަލެއް ގެނައުމާއި، ގެއްލުން ދިނުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމަށް މަގުތަނަވަސްކޮށް ދިނުން؛
(ނ) ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކޮށްފައިވާ ސަރަހައްދުން ބޭރަށް، ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި، ހިދުމަތް ހޯދާ ފަރާތުން، އެހެން މީހަކަށް ނުވަތަ ތަނަކަށް ކަރަންޓް ފޯރުކޮށްދިނުން؛
(ރ) ކަރަންޓުން ނުވަތަ ކަރަންޓް އުފައްދަން ބޭނުންކުރާ ނިޒާމުގައި ހިމެނޭ ބައިތަކާއި، ވަސީލަތްތަކުން ވައްކަންކުރުން، ޓެކުން، ހިޔާނާތް، އޮޅުވާލުން، މަކަރާއި ހީލަތް ހެދުން، ހުއްދަ ނޫންގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން، ނުވަތަ ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި އެހެން ފަރާތަކަށް ކަރަންޓް ވިއްކުން؛ ނުވަތަ
(ބ) ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހިދުމަތް މެދުކަނޑާލާފައިވަނިކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހުއްދަނެތި، އެފަދަ ތަނަކުން ހިދުމަތް ބޭނުންކުރުން.
ހަތްވަނަ ބާބު
އިންތިގާލީ އިންތިޒާމްތައް
68 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ހުއްދަތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާއިން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް މި ގާނޫނުގެ ދަށުން ބާތިލު ނުކުރާހާ ހިނދަކު އެ ހުއްދައެއްގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެއެވެ. އަދި އެ ހުއްދައެއްގެ މުއްދަތު ހަމަވުމަށްފަހު އަލުން އެ ހުއްދަ ދޫކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
69 ވަނަ މާއްދާ - ކުރީގެ ގާނޫނުތަކާއި ގަވާއިދުތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލައި އަމަލުކުރެވެމުން އަންނަ ހަކަތައިގެ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް، މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ކަމާގުޅޭ ގަވާއިދުތައް އެކުލަވާލައި އާންމުކުރެވެންދެން އަމަލުކުރަމުން ގެންދަންވާނެއެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
70 ވަނަ މާއްދާ - ހަކަތައިގެ އޮޑިޓް ހެދުމަށް އެންގުން
(ހ) ހަކަތައިގެ ހިދުމަތް ބޭނުންކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ހަކަތަ ބޭނުންކުރާ ނިސްބަތަށް ރިއާޔަތްކޮށް ގިންތިކުރެވިގެން، މަހަކު
100 (އެއްސަތޭކަ) ކިލޯވޮޓު އަވަރ އަށްވުރެ ގިނައިން ހަކަތަ ބޭނުންކުރާ ފަރާތަކަށް އޮތޯރިޓީއަށް ފެންނަ އެކަށީގެންވާ މުއްދަތެއްގައި ހަކަތައިގެ އޮޑިޓް ހެދުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ހަދާނީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ މިންގަނޑުތައް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަކަތައިގެ އޮޑިޓް އޮތޯރިޓީން ގަބޫލުކުރަންވާނީ އޮތޯރިޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު ސޮއިކޮށްފައިވާނަމައެވެ.
71 ވަނަ މާއްދާ - ހަކަތައިގެ އަހަރީ ރިޕޯޓު
(ހ) ހަކަތައިގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކޮންމެ މާލީ އަހަރެއްގެ ތެރޭގައި، ހަކަތައިގެ ދާއިރާގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، ހަކަތަ މެނޭޖްކުރެވޭ ގޮތާއި، ބޭނުންކުރެވޭ ގޮތް ފަދަ މުހިންމު މައުލޫމާތު ހިމެނޭ ގޮތުން އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ޖެހިގެން އަންނަ މާލީ އަހަރުގެ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅައި އާންމުކުރަންވާނެއެވެ.
(ށ) އެ ރިޕޯޓުގައި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންކަމުގެ އިތުރުން އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް؛
- ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތައް؛
- އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް؛ އަދި
- ހިދުމަތުގެ އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތްތައް.
72 ވަނަ މާއްދާ - ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން
ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މި ގާނޫނުގެ ބޭނުމަށްޓަކައި ކަރަންޓް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭނީ:
(ހ) ކަރަންޓުގެ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަރަންޓް ދޫކުރި ބޭނުން ނޫން އެހެން ބޭނުމަކަށް ކަރަންޓުގެ ބޭނުން ކުރުމާއި، އެހެން ފަރާތަކަށް ކަރަންޓުގެ ބޭނުން ކުރުމަށް ފުރުސަތު ދިނުން؛
(ށ) ކަރަންޓް ފޯރުކޮށްދިނުމަށް ލައިސަންސް ދީފައިވާ ފަރާތުން ގާއިމުކޮށްފައިވާ ކަރަންޓް ވިއުގައަށް ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދައަކާ ނުލައި އެއްވެސް އެއްޗެއް ގުޅުމާއި، ބައެއް ވަކި ކުރުމާއި، ބަދަލެއް ގެނައުމާއި، ގެއްލުން ދިނުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމަށް މަގުތަނަވަސްކޮށް ދިނުން؛
(ނ) ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ދޫކޮށްފައިވާ ސަރަހައްދުން ބޭރަށް، ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި، ހިދުމަތް ހޯދާ ފަރާތުން، އެހެން މީހަކަށް ނުވަތަ ތަނަކަށް ކަރަންޓް ފޯރުކޮށްދިނުން؛
(ރ) ކަރަންޓުން ނުވަތަ ކަރަންޓް އުފައްދަން ބޭނުންކުރާ ނިޒާމުގައި ހިމެނޭ ބައިތަކާއި، ވަސީލަތްތަކުން ވައްކަންކުރުން، ޓެކުން، ހިޔާނާތް، އޮޅުވާލުން، މަކަރާއި ހީލަތް ހެދުން، ހުއްދަ ނޫންގޮތުގައި ހިދުމަތުން ބޭނުންކުރުން ނުވަތަ މަންފާ ހޯދުން، ނުވަތަ ކަރަންޓުގެ ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި އެހެން ފަރާތަކަށް ކަރަންޓް ވިއްކުން؛ ނުވަތަ
(ބ) ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހިދުމަތް މެދުކަނޑާލާފައިވަނިކޮށް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހުއްދަނެތި، އެފަދަ ތަނަކުން ހިދުމަތް ބޭނުންކުރުން.
ހަތްވަނަ ބާބު
އިންތިގާލީ އިންތިޒާމްތައް
73 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ހުއްދަތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާއިން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް މި ގާނޫނުގެ ދަށުން ބާތިލު ނުކުރާހާ ހިނދަކު އެ ހުއްދައެއްގެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެއެވެ. އަދި އެ ހުއްދައެއްގެ މުއްދަތު ހަމަވުމަށްފަހު އަލުން އެ ހުއްދަ ދޫކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
74 ވަނަ މާއްދާ - ކުރީގެ ގާނޫނުތަކާއި ގަވާއިދުތައް
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލައި އަމަލުކުރެވެމުން އަންނަ ހަކަތައިގެ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް، މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ކަމާގުޅޭ ގަވާއިދުތައް އެކުލަވާލައި އާންމުކުރެވެންދެން އަމަލުކުރަމުން ގެންދަންވާނެއެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
75 ވަނަ މާއްދާ - ދިވެހި އުފެއްދުންތަކަށް އިސްކަންދިނުން
ކަރަންޓް އުފައްދައި ފޯރުކޮށްދިނުމަށް ބޭނުންކުރާ ސާމާނާއި، ތަކެއްޗާއި، ވަސީލަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް، އެ އުފެއްދުމެއް އޮތޯރިޓީން ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭނަމަ، އަދި އެ އުފެއްދުމެއްގެ ފެންވަރާއި އަގަށް ރިއާޔަތްކުރުމަށްފަހު، މި ގާނޫނުގެ ދަށުން ކަރަންޓާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތަކުގައި އެފަދަ އުފެއްދުންތަކަށް އިސްކަންދޭންވާނެއެވެ.
76 ވަނަ މާއްދާ - ދިވެހި ކުންފުނިތަކަށާއި ދިވެހިންނަށް އިސްކަންދިނުން
ހަކަތައިގެ ދާއިރާގެ ވަޒީފާތަކަށް މީހުން ނެގުމުގައި ށަރުތުހަމަވާ ދިވެހިންނަށް އިސްކަންދޭންވާނެއެވެ. އަދި މަށްރޫއުތަކާއި މަސައްކަތްތައް ހަވާލުކުރުމުގައި ށަރުތުހަމަވާ ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް އިސްކަންދޭންވާނެއެވެ.
77 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
ހިދުމަތްދޭ ފަރާތަކުން އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ހިއްސާކުރާ މައުލޫމާތުގެ ތެރެއިން ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.
78 ވަނަ މާއްދާ - ހިދުމަތް ދިނުމުގައި ތަފާތު ނުކުރުން
މި ގާނޫނުގެ ދަށުން ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ވަކި ފަރާތަކަށް އިސްކަންދިނުމާއި، ވަކި ފަރާތަކަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެއެވެ.
79 ވަނަ މާއްދާ - އެކްސިޑެންޓްތަކާއި ކާރިސާތަކުގެ މައުލޫމާތު ފޯރުކޮށްދިނުން
(ހ) ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކަރަންޓް އުފެއްދުމާއި ފޯރުކޮށްދިނުމުގެ ދާއިރާގެ އެއްވެސް މަސައްކަތެއްކުރުމުގެ ތެރޭގައި، ނުވަތަ ކަރަންޓުގެ ހިދުމަތް ދިނުމުގެ ތެރޭގައި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބޭ ކާރިސާއެއް، ނުވަތަ އެކްސިޑެންޓެއް ހިނގައިފިނަމަ ވަގުތުން އެކަމާބެހޭ މައުލޫމާތު އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތުގެ އުސޫލެއް ހަމަޖައްސައި އޮތޯރިޓީން އާންމުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ހިނގައިފިނަމަ އެކަން އިތުރަށް ބެލުމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ އެކަމެއް ބެލުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އޮތޯރިޓީން އެކަމެއް ބެލުމަށްފަހު، ރަނގަޅު ކުރަންޖެހޭކަމެއް ނުވަތަ ފިޔަވަޅު އަޅަންޖެހޭކަމެއް ފެނިއްޖެނަމަ، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާގެ މަތިން އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ރަނގަޅު ކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް ލަފައާއި އިރުށާދު ދިނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
80 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުން ދައްކަންޖެހޭ އިތުރު ފީ
މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިދުމަތްދޭ ފަރާތެއްގެ އަތުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީގެ އިތުރުން، އިތުރު ފީއެއް އެހެން ފަރާތަކުން ނެގޭނީ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.
81 ވަނަ މާއްދާ - ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހުން
(ހ) ހިދުމަތްދޭ ފަރާތަކީ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގައި އެތަނެއްގެ މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅޭގޮތުން ކުރެވޭ ދައުވާއަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އެފަދަ ހާލަތްތަކުގައި ޒިންމާ އުފުލަންޖެހޭނީ އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މުވައްޒަފެއްގެ އިހުމާލުން ލިބުނު ގެއްލުމަކަށް ނުވަތަ އެ މުވައްޒަފަކު ކުރި ކުށެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.
82 ވަނަ މާއްދާ - ފިޔަވަޅު އެޅުން
މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދެވޭނީ މި މާއްދާގައި ކަނޑައަޅާފައިވާ އިދާރީ އަދަބުތަކެވެ.
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަމަލު ކޮށްފިނަމަ ކުރި ކަމުގެ ބާވަތާއި އެކަން ތަކުރާރު ކުރި މިންވަރަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ށ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލު ކޮށްފިނަމަ އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުން؛
- ފުރަތަމަ ފަހަރު 5,000 (ފަސްހާސް) ރުފިޔާ؛
- ދެވަނަ ފަހަރު 10,000 (ދިހަހާސް) ރުފިޔާ؛ އަދި
- ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 10,000 (ދިހަހާސް) ރުފިޔާ އިތުރުވާނެއެވެ.
(ނ) މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލު ކޮށްފިނަމަ އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
(ރ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަމަލު ކޮށްފިނަމަ އެ ފަރާތެއް 1,000,000 (އެއްމިލިއަން) ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ފަރާތަކަށް އޮތޯރިޓީން ދީފައިވާ ހުއްދަ ބާތިލުކުރުން؛
(ބ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމަލު ކޮށްފިނަމަ އެފަދަ އުޅަނދެއް ޕާކުކުރަން ކަނޑައަޅާފައިވާ ސަރަހައްދުން ބޭރުގައި ބޭއްވި ފަރާތެއް އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ޅ) މި ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ އެކަންކުރި ފަރާތެއް އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 100,000,000 (އެއްސަތޭކަ މިލިއަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ކ) މި ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އޮތޯރިޓީގެ ހުއްދަ ނުވަތަ ލައިސަންސް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ އަދަބަކީ 1,000,000 (އެއްމިލިއަން) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(އ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮތޯރިޓީގެ ފަރާތުން ޗެކް ކުރުމަށް އަންނަ ފަރާތެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ އަދަބަކީ އެ ކުށްކުރި ފަރާތެއް 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ވ) މި ގާނޫނުގެ 44 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަނޑައަޅާފައިވާ އަގުގެ ބޭރުން ކަރަންޓުގެ ހިދުމަތަށް އެއްވެސް އަގެއް ނަގައިފިނަމަ އެ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއާއި 30,000 (ތިރީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(މ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއްކުރާ ފަރާތެއްގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ފ) މި ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއްކުރާ ފަރާތެއްގެ އަދަބަކީ އެ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
(ދ) މި ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއްކުރާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި އެ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ތ) މި ގާނޫނުގެ 56 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު ބަލަހައްޓަމުން ނުދާ ފަރާތެއްގެ އަދަބަކީ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ލ) މި ގާނޫނުގެ 57 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮތޯރިޓީން ކަމެއް އިސްލާހުކުރުމަށް ދޭ މުއްދަތުގެ ތެރޭގައި، އެކަން އިސްލާހުނުކުރި ފަރާތެއް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ގ) މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއްކުރާ ފަރާތެއްގެ އަދަބަކީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
(ޏ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއާއި އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް މައުލޫމާތެއް ފޯރުކޮށްދިނުމުގައި، ގަސްދުގައި އޮޅުވާލައި ދޮގު މައުލޫމާތެއް ފޯރުކޮށްދީފައިވާ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ އަދި
(ސ) މައުލޫމާތު ހޯދުމަށް މިނިސްޓްރީން ނުވަތަ އޮތޯރިޓީން އެދުމުން، އެކަށީގެންވާ ސަބަބެއް ނެތި އެ މައުލޫމާތެއް، މިނިސްޓްރީން ނުވަތަ އޮތޯރިޓީން މައުލޫމާތު ހޯދުމަށް އެދޭ މުއްދަތުގައި ފޯރުކޮށްދީފައިނުވާނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.
83 ވަނަ މާއްދާ - ޖިނާއީ ދައުވާކުރުން
މި ގާނޫނުގެ 72 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، އެއްވެސް ފަރާތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށްކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ.
84 ވަނަ މާއްދާ - އަދަބުގެ ގޮތުގައި ކަނޑައަޅާ ފައިސާ ނުދައްކާނަމަ އިތުރު ޖޫރިމަނާކުރުން
މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަންގާ މުއްދަތުގައި ދައްކާފައިނުވާނަމަ، ދެން ޖޫރިމަނާގެ ފައިސާ ބަލައިގަނެވޭނީ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ރޭޓުން އަރާ މިންވަރަށްޖެހޭ ފައިސާއާ އެކުގައެވެ.
85 ވަނަ މާއްދާ - ފިޔަވަޅުއެޅޭ ފަރާތްތަކުގެ ހައްގު
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެކަމަށް އޮތޯރިޓީއަށް ފެނިގެން އޮތޯރިޓީން ފިޔަވަޅުއަޅާ ފަރާތްތަކުގެ ތެރެއިން، އޮތޯރިޓީން އެޅި ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ މައްސަލަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
86 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
87 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
88 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1996-04 (އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު) އުވުނީއެވެ.
89 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "ހިދުމަތްދޭ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލައިސަންސް ދީގެން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ސަރަހައްދަށެވެ.
(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ''ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ'' އަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ބ) "ހަކަތަ" ކަމަށް ބުނެފައި އެވަނީ، ކަރަންޓާއި، ބިމުގެ އަޑިން ނަގާ ޕެޓްރޯލިއަމްގެ ބާވަތްތަކާއި، ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި، ގޭހާއި، ބިމުގެ އަޑިން އުފެދޭ ހޫނާއި، ނިއުކްލިއަރ މާއްދާތަކާއި، ދިރޭތަކެތީގެ ބާވަތްތައް ފަނާވުމުން އުފެދޭ ބައިތަކުންނާއި، އިންސާނުންގެ ޒަރީއާއިންނާއި ގުދުރަތީ ގޮތުން އުފެދޭ ކުނިންނާއި، އިރުގެ އަތްވާއި، ވަޔާއި، ރާޅާއި، އޮއެވަރާއި ދިޔަވަރުގެ ޒަރީއާއިން އުފެދޭ ނުވަތަ އުފައްދާ ހަކަތައަށެވެ.
(ޅ) "ކަރަންޓުލުމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ވައިރުކުރުން، ޕެނަލް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޑިސްޓްރިބިއުށަން ނެޓްވޯކް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޖެނެރޭޓަރު އިންސްޓޯލްކުރުންފަދަ ކަންކަން ހިމެނޭގޮތުންކުރާ ކަރަންޓުގެ މަސައްކަތްތަކަށެވެ.
(ކ) "ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއްގައި ހުންނަންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ހާއްސަ ށަރުތުތަކެއް އެކުލެވޭ އަދި ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމަށް އޮތޯރިޓީން ދޫކުރާ ހުއްދަ ލިބިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށެވެ.
(އ) "ޕެޓްރޯލިއަމްގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމަކީ އެ އުފެއްދުމަކުން އަލި ނުވަތަ ހޫނު ނުވަތަ ހަކަތަ އުފައްދަން ބޭނުންކުރެވޭ ނުވަތަ ޕެޓްރޯލިއަމްއިން ކުރެވޭ އެހެންވެސް ބޭނުމެއް ކުރެވޭ، ޕެޓްރޯލިއަމްއިން އުފައްދާފައިވާ ނުވަތަ އެ އުފެއްދުމެއްގައި ޕެޓްރޯލިއަމްގެ ކޮންމެވެސް މިންވަރެއް އެކުލެވޭ ކޮންމެ އުފެއްދުމަކަށެވެ.
(ވ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަކަތައިގެ ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް/ހުއްދަ އަށާއި ވަގުތީ ލައިސަންސް/ހުއްދައަށެވެ.
(މ) "ހަކަތައިގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ހަކަތަ އުފައްދައި، ފޯރުކޮށްދީ އަދި ބޭނުންކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ.
(ފ) "އެކަށޭނަ ފެންވަރު" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.
(ދ) "އެކަށޭނަ އަގު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދިނުމަށް ހިނގާ ހަރަދާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ މާލީ ތަނަވަސްކަން ހުރި މިންވަރާއި ކަރަންޓުގެ ހިދުމަތުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތަށް ކަނޑައެޅޭ އަގަށެވެ.
(ތ) "ގުދަންކޮށް ރައްކާކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ އަދަދަކަށް އުޅަނދެއްގައި ނުވަތަ ތަނެއްގައި ރައްކާކުރުމާއި އެހެނިހެން ގޮތްގޮތަށް ގުދަންކުރުމާއި ރައްކާކުރުމަށެވެ.
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ކަރަންޓުގެ ހިދުމަތުން ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-130)
- ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78)
އުވުނު ގާނޫނު
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-04)
ކިޔުންތެރިންގެ ހިޔާލު