ތަފާސްހިސާބުގެ ގާނޫނު
(ގާނޫނު ނަންބަރު 2021-16)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިގްތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން؛
(ށ) ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށާއި އެ ސިޔާސަތު ތަކުގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ވަޒަންކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބު، ސައްހަކަމާއެކު އިތުބާރުހުރި ގޮތެއްގައި ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން؛
(ނ) ގައުމީ ފެންވަރުގައި ކުރާ މުހިންމު ސަރވޭތަކާއި ބޯހިމެނުންފަދަ ތަފާސްހިސާބާބެހޭ ކަންކަމަށް މައުލޫމާތު އެއްކުރުމުގައި ސައްހަ މައުލޫމާތު ދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން؛
(ރ) މުޖުތަމައުގައި ތަފާސްހިސާބުގެ އިލްމާއި ހުނަރު އިތުރުކޮށް، ތަފާސްހިސާބު ހެޔޮގޮތުގައި ބޭނުންކުރުމާއި އޭގެ އަލީގައި ކަންކަން
ނިންމުމަށް ބާރުއެޅުމުގެގޮތުން ތަފާސްހިސާބުގެ ދާއިރާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން؛
(ބ) ދައުލަތުގެ އިދާރާތަކުން އެއްކޮށް، އަދި ބަލަހައްޓާ ރަސްމީ އަދި އިދާރީ ތަފާސްހިސާބުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިކުރުން؛
(ޅ) ދިވެހިރާއްޖޭގައި ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ ތަފާސްހިސާބުގެ މިންގަނޑުތަކާއި ރަސްމީ ތަފާސް ހިސާބުގެ މައިގަނޑު އަސާސްތައް، ނުވަތަ އ.ދ.ގެ ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮފިށަލް ސްޓެޓިސްޓިކްސްއަށް އަމަލުކުރެވޭނެ އުސޫލުތައް ގާއިމުކުރުން؛
(ކ) ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި އަދި ފޯރުކޮށްދިނުމުގައި މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި ، ތަފާސްހިސާބު އެއްކުރާ ފަރާތްތަކާމެދު އޮންނަ ޔަގީންކަން ބޮޑުކުރުން؛
(އ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމު ފުރިހަމައަށް ވިލަރެސްކޮށް، ތަފާސްހިސާބުގެ މަސައްކަތަށް ކުރެވޭ ހޭދަ ކުޑަކުރުމަށް މަގުފަހިކޮށް، އެންމެ އެދެވޭގޮތުގައި ނަތީޖާ ނެރުމަށް ބާރުއެޅުން؛
(ވ) ބައިނަލްއަގްވާމީ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ދިވެހިރާއްޖޭގެ ތަފާސްހިސާބު އިތުބާރުހުރި ގޮތެއްގައި އެއްކޮށް، ބެލެހެއްޓުމާއި ފޯރުކޮށްދިނުން؛
(މ) ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި، ތަފާސްހިސާބާބެހޭ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
ދެވަނަ ބާބު
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
3 ވަނަ މާއްދާ - މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ، ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭށަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ ބިއުރޯއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބިއުރޯއިން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބިއުރޯއަށް ލިބޭ ހައްގުތަކާއި މަންފާތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވީއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބިއުރޯ މަސައްކަތްކުރަންވާނީ، ފަންނީގޮތުން ޕްރޮފެށަނަލްކަމާއެކު، އަދި ސިޔާސީ ނުވަތަ އެހެނިހެން އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒުން އެއްކިބާވެ، ޕްރޮފެށަނަލް އިންޑިޕެންޑަންސް ހިފަހައްޓައިގެންނެވެ.
(ރ) ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
4 ވަނަ މާއްދާ - ބިއުރޯގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
ބިއުރޯގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެގޮތުން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލުން؛
(ށ) ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން؛
(ނ) ރަސްމީ ތަފާސްހިސާބަކީ ދީމިގްރާތީ މުޖްތަމައެއް ތަރައްގީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިގްތިސާދީ، އިޖްތިމާއީ އަދި ތިމާވެށްޓާއި، އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި ގައުމުގެ ހާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެގޮތުން ތަފާސްހިސާބު އެކުލަވާލައި، ފަސޭހައިން ބޭނުންހިފޭނެފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މައުލޫމާތު އާންމުކޮށް ފޯރުކޮށްދިނުން؛
(ރ) ތަފާސްހިސާބުގެ ގައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް ، އަދި އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް
ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވާލުން؛
(ބ) ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްގީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ގައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި ، ތަފާސްހިސާބު އެކުލަވާލުމުގައި ބޭނުންކުރާނެ ކްލެސިފިކޭށަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވާލުން؛
(ޅ) ފަގީރުކަމާއި ދިރިއުޅުމުގެ ހާލަތުގެ ނާޒުކުކަމާބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން؛
(ކ) ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ފަދަ މުހިންމު އިގްތިސާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި އާންމުކުރުން؛
(އ) ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން ؛
(ވ) ދިވެހިރާއްޖޭގެ ތަރައްގީއަށްޓަކައި، ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އެއްކޮށް ، ބަލަހައްޓައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛
(މ) ދިވެހިރާއްޖޭގެ ލޭބަރ މާރކެޓާބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާރކެޓާބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އާންމުކުރުން؛
(ފ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރުން؛
(ދ) ގައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން؛
(ތ) ގައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވާލައި، އަދި ތަންފީޒުކުރުން؛
(ލ) ގައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭށަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް އާންމުކުރުން؛
(ގ) ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން؛
(ޏ) ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީކުރުމަށްޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން ؛
(ސ) ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން؛
(ޑ) ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާނަމަ އެކަންކަން އިސްލާހުކުރާނެގޮތުގެ ލަފާދިނުން؛
(ޒ) ތަފާސްހިސާބާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން؛
(ޓ) ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި އާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން؛
(ޔ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް ، އަދި އެކުލަވާލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ހާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޕ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަގްސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
5 ވަނަ މާއްދާ - ބިއުރޯގެ ބާރުތައް
(ހ) މި ގާނޫނުގައި ބިއުރޯގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައްކަމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބިއުރޯއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު، ބިއުރޯއަށް
ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީއެއް ނުވަތަ އަގެއް ނެގުމުގެ ބާރު ބިއުރޯއަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީށަނެވެ.
7 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަން އައްޔަންކުރުން
(ހ) ޗީފް ސްޓެޓިސްޓީށަން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަކީ، އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ މީހެއްކަމުގައި ވާންވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އައްޔަންކުރާ ފުރަތަމަ ޗީފް ސްޓެޓިސްޓީށަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
8 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަންގެ މަގާމުގެ ށަރުތުތައް
ޗީފް ސްޓެޓިސްޓީށަންގެ ގޮތުގައި އައްޔަންކުރާ މީހެއްގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މުސްލިމަކުކަމުގައިވުން؛
(ށ) ދިވެހި ރައްޔިތެއްކަމުގައިވުން؛
(ނ) ބުއްދި ސަލާމަތުން ހުރުން؛
(ރ) އުމުރުން 35 (ތިރީސްފަހެއް) އަހަރު ފުރިފައިވުން؛
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް
ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
(ޅ) ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހެއްކަމުގައި ނުވުން؛
(ކ) ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުން؛
(އ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ، ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
(ވ) ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
(މ) ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވުން؛
(ފ) ޗީފް ސްޓެޓިސްޓީށަންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
(ދ) ތަފާސްހިސާބު ނުވަތަ އިކޮނޮމިކްސް ނުވަތަ ޑެމޮގްރަފީ ނުވަތަ ހިސާބު އިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ މަތީ ތައުލީމުދޭ މަރުކަޒަކުން ހާސިލުކޮށްފައިވާ، ތަފާސްހިސާބުގެ ރޮނގުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ އަދި ހިންގުމުގެ ދާއިރާއިން ތަޖުރިބާއާއި ގާބިލުކަން ލިބިފައިވާ މީހެއް ކަމުގައިވުން.
9 ވަނަ މާއްދާ - މަގާމުގެ މުއްދަތު
ޗީފް ސްޓެޓިސްޓީށަން، އެ މަގާމުގައި ދެމިހުންނާނީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ޗީފް ސްޓެޓިސްޓީށަން ފިޔަވައި އެހެން ކޮންމެ ޗީފް ސްޓެޓިސްޓީށަނެއް، އިތުރު 1 (އެކެއް) ދައުރަށް އައްޔަންކުރެވިދާނެއެވެ.
10 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަން މަގާމުން ވަކިކުރުން
(ހ) ޗީފް ސްޓެޓިސްޓީށަން އޭނާގެ މަގާމުން ވަކިކުރެވޭނީ ޗީފް ސްޓެޓިސްޓީށަންގެ މަގާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެނަމައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޗީފް ސްޓެޓިސްޓީށަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތަފާސްހިސާބުގެ އަސާސްތައް ހިފެހެއްޓުމަށްޓަކައި ކުރާ ކަމަކާ ގުޅިގެން އެއްވެސް ހާލެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރެވުނީ ކަމަކަށް ނުބެލެވޭނެއެވެ.
11 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ޗީފް ސްޓެޓިސްޓީށަންގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މަގާމުގެ މުއްދަތު ހަމަވުން؛
- އިސްތިއުފާދިނުން؛
- މި ގާނޫނުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗީފް ސްޓެޓިސްޓީށަންކަމުން ވަކިކުރުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމަކަށް ކުރިމަތިލުން؛
- މަރުވުން؛
- ޗީފް ސްޓެޓިސްޓީށަންގެ ކިބައިގައި ފުރިހަމަވުން މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
(ށ) ޗީފް ސްޓެޓިސްޓީށަންގެ މަގާމު ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 7 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
12 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަންގެ މުސާރައާއި އިނާޔަތްތައް
ޗީފް ސްޓެޓިސްޓީށަންގެ މުސާރައާއި އިނާޔަތްތަކަކީ މިނިސްޓަރެއްގެ ނައިބުގެ މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތަކެވެ.
13 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަން މަގާމުން އިސްތިއުފާދިނުން
ޗީފް ސްޓެޓިސްޓީށަން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.
14 ވަނަ މާއްދާ - ޗީފް ސްޓެޓިސްޓީށަންގެ މަސްއޫލިއްޔަތުތައް
(ހ) ޗީފް ސްޓެޓިސްޓީށަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ފަންނީގޮތުންނާއި މަސައްކަތުގެގޮތުން ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ޕްރޮފެށަނަލް އިންޑިޕެންޑަންސް ހިފެހެއްޓުމާއި
ތަފާސްހިސާބުގެ ގައުމީ ނިޒާމު ހަރުދަނާކޮށް ރަސްމީ ތަފާސްހިސާބުގެ ފެންވަރު ހިފެހެއްޓުން؛ - ތަފާސްހިސާބުގެ ގައުމީ ނިޒާމު ރާވައި ، ހިންގައި، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަމްސީލުކުރުން؛
- ގައުމީ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި، އަދި އާންމުކުރުމުގައި ތަފާސްހިސާބުގެ އަސާސްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭކަން ޔަގީންކުރުން؛
- ޕްރޮފެށަނަލް އިންޑިޕެންޑަންސް ހިފެހެއްޓުމަށްޓަކައި ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމްގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، އެޑްވާންސް ރިލީޒް ކަލަންޑަރުގައި ކަނޑައެޅިފައިވާ ތާރީހުތަކަށް އާންމުކުރުން؛
- ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން ހާސިލުކުރަންޖެހޭ ދުރުރާސްތާގެ ލަނޑުދަނޑިތައް ކަނޑައެޅުން؛
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސްޓެޓިސްޓިކަލް ކައުންސިލުން ދޭ ލަފަޔާ އެއްގޮތަށް ބިއުރޯ ހިންގުމާއި، ގާނޫނު ތަންފީޒުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުން؛
- މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޗީފް ސްޓެޓިސްޓީށަންގެ މަސްއޫލިއްޔަތުކަމުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުން.
(ށ) މި ގާނޫނުގައި ޗީފް ސްޓެޓިސްޓީށަންގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ޗީފް ސްޓެޓިސްޓީށަން ކުރަންވާނީ، އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި، މިނިވަންކަމާއެކުގައެވެ.
15 ވަނަ މާއްދާ - ބިއުރޯގެ މުވައްޒަފުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭށަނަލް ބިއުރޯ އޮފް
ސްޓެޓިސްޓިކްސްގެ އެންމެހައި މުވައްޒަފުން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފެދޭ އިދާރާއަށް އެހިނދުން ފެށިގެން ބަދަލުވީއެވެ.
(ށ) ބިއުރޯގެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކެވެ.
(ނ) ބިއުރޯގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް މިނިސްޓަރުގެ ލަފާގެމަތިން ބިއުރޯއިން އެކުލަވާލައި، ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި، އެ އޮނިގަނޑުގައި ބިއުރޯގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.
16 ވަނަ މާއްދާ - ބިއުރޯގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް
ބިއުރޯގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.
17 ވަނަ މާއްދާ - ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުން
(ހ) ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކަނޑައެޅޭ ވަކި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކުގެ ފެންވަރުގައި، ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލްތަކާ ހަވާލުކުރެވިދާނެއެވެ.
(ށ) ބިއުރޯއިން ކައުންސިލްތަކާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތު ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލެއްގައި ތަނަވަސްވެފައިވާކަން ކަށަވަރުކުރުމާއެކުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ބިއުރޯއާއި އެ ކައުންސިލަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ރ) މި ގާނޫނުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެގޮތާއި، ބިއުރޯއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ އުސޫލުތައް، މި މާއްދާގެ (ނ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
18 ވަނަ މާއްދާ - ކައުންސިލްތަކުގެ މަސްއޫލިއްޔަތު
މި ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބިއުރޯއިން އަންގާ ގޮތެއްގެމަތިން ކައުންސިލްގެ ފެންވަރުގައި ތަފާސްހިސާބާބެހޭ މަސްއޫލިއްޔަތުތައް ތަންފީޒުކުރުން؛
(ށ) އެ ކައުންސިލެއްގެ އިހްތިސާސް ހިނގާ ދާއިރާގައި، ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތަކާއި ބޯހިމެނުމުގައި ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ކައުންސިލް ފެންވަރުގައި ތަންފީޒުކުރުމުގައި ބިއުރޯއަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލްތަކުން ކުރުމަށް ކަނޑައަޅާ އެންމެހައި ކަންކަންކުރުން.
19 ވަނަ މާއްދާ - އެހެން މުއައްސަސާތަކުގެ ޒިންމާ
މި ގާނޫނުގެ ދަށުން ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި އަދި ފޯރުކޮށްދިނުމުގައި ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭންވާނެއެވެ.
20 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް
ބިއުރޯގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެގޮތުންނާއި، މި ގާނޫނުގެ ދަށުން ބިއުރޯއަށް ލިބިދޭ ބާރުތައް ތަންފީޒުކުރުމުގައި، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ޗީފް ސްޓެޓިސްޓީށަން ނުވަތަ ބިއުރޯގެ މުވައްޒަފަކު، ނުވަތަ ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އެނޫންވެސް ފަރާތަކުން ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
21 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން
(ހ) ސްޓެޓިސްޓިކަލް ކައުންސިލްގެ މަށްވަރާއާއެކު، މި ގާނޫނާ ނުވަތަ އެނޫންވެސް ގާނޫނަކާ ހިލާފުނުވާނެ ގޮތުގެމަތިން ބިއުރޯގެ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ނުވަތަ މަސައްކަތްތަކުން ބައެއް، މިނިސްޓަރުގެ މަށްވަރާގެމަތިން ޗީފް ސްޓެޓިސްޓީށަނަށްއެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ. އެގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރަންވާނީ އެކަމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިއުރޯގެ މަސައްކަތްތަކުގެ ތެރެއިން އެހެން ފަރާތަކާ ހަވާލުކުރެވޭނެ ބާވަތުގެ މަސައްކަތްތަކާއި އެފަދަ މަސައްކަތް ހަވާލުކުރެވޭނެ ގޮތުގެ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ތިންވަނަ ބާބު
ސްޓެޓިސްޓިކަލް ކައުންސިލ
22 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލް
(ހ) ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ.
(ށ) ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ އަންނަނިވި 10 (ދިހައެއް) މެންބަރުންގެ މައްޗަށެވެ.
- ޗީފް ސްޓެޓިސްޓީށަން؛
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ތަމްސީލުކުރާނެ ފަރާތެއް؛
- ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 4 (ހަތަރެއް) ފަރާތެއް؛
- މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ދައުލަތުގެ އިދާރާތައް ފިޔަވައި ބިއުރޯއިން އެކުލަވާލައި އާންމުކުރާ
ތަފާސްހިސާބު ބޭނުންކުރާ ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީ ތަމްސީލުކުރާނެ 4 (ހަތަރެއް) ފަރާތެއް.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ސްޓެޓިސްޓިކަލް ކައުންސިލަށް އައްޔަންކުރާ މެންބަރު ވާންވާނީ، ތަފާސްހިސާބުގެ ނުވަތަ ރިސަރޗްގެ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެއިން ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.
(ރ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ގޮތުގައި ސްޓެޓިސްޓިކަލް ކައުންސިލަށް އައްޔަންކުރަންވާނީ، ތަފާސްހިސާބު، ނުވަތަ އިކޮނޮމިކްސް، ނުވަތަ ޑެމޮގްރަފީ، ނުވަތަ ސޯށަލް ސައިންސް، ނުވަތަ އެންވަޔަރަންމަންޓަލް ސްޓަޑީސް، ނުވަތަ ޑޭޓާ ސައިންސް، ނުވަތަ އެކައުންޓިންގފަދަ ރޮނގަކުން ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް، ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެކެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސްޓެޓިސްޓިކަލް ކައުންސިލަށް މީހުން އައްޔަންކޮށް އެ ކައުންސިލް އެކުލަވާލައި ނިންމަންވާނެއެވެ.
23 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ސްޓެޓިސްޓިކަލް ކައުންސިލަށް މެންބަރުން އައްޔަންކުރާނީ މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓަރެވެ.
(ށ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު ކަނޑައަޅާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީންނެވެ.
(ނ) މި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ބިއުރޯއިން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ބިއުރޯއިން މިނިސްޓަރަށް ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ.
24 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް
ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމަށް އައްޔަންކުރާ ފަރާތްތަކުގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މުސްލިމަކުކަމުގައިވުން؛
(ށ) ދިވެހި ރައްޔިތެއްކަމުގައިވުން؛
(ނ) ބުއްދި ސަލާމަތުން ހުރުން؛
(ރ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
(ޅ) ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހެއްކަމުގައި ނުވުން؛
(ކ) ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުން؛
(އ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
(ވ) ސަރުކާރު ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
(މ) ސިޔާސީ ޕާޓީއެއްގެ މެންބަރަކުކަމުގައި ނުވުން؛
(ފ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން.
25 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
(ހ) ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް ސްޓެޓިސްޓީށަނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި، އެ ކައުންސިލްގެ މަސައްކަތްތައް ރާވައި ހިންގުން ހިމެނެއެވެ.
(ނ) ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާ ފަރާތް ނެތް ހާލަތެއްގައި އެކަން ކުރުމަށް، އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން މީހަކާ އޭނާ ހަވާލުކުރަންވާނެއެވެ.
26 ވަނަ މާއްދާ - މެންބަރުންނަށް ދެވޭ އެލަވަންސް
ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުންގެ ތެރެއިން މަގާމުގެ ހައިސިއްޔަތުން އެ ކައުންސިލްގެ މެންބަރުކަން އަދާކުރާ ފަރާތްތައް ފިޔަވައި އެނޫން މެންބަރުންނަށް، އެފަރާތްތަކުން ހާޒިރުވާ ޖަލްސާތަކަށް ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރު ކަނޑައަޅާ އެލަވަންސެއް ދޭންވާނެއެވެ.
27 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު
ޗީފް ސްޓެޓިސްޓީށަން ފިޔަވައި ސްޓެޓިސްޓިކަލް ކައުންސިލަށް އައްޔަންކުރެވޭ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ. މިގޮތުން އައްޔަންކުރެވޭ މެންބަރަކު އިތުރު ދައުރަކަށް އައްޔަންކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
28 ވަނަ މާއްދާ - މަގާމު ހުސްވުމާއި އިސްތިއުފާދިނުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވާނެއެވެ.
- އިސްތިއުފާދިނުން؛
- މެންބަރުކަމުގެ މުއްދަތު ހަމަވުން؛
- މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
- މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ މެންބަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރެވޭކަމަށް ފެނިގެން މިނިސްޓަރު އެ މެންބަރަކު މަގާމުން ވަކިކުރުން؛
- މަރުވުން.
(ށ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ މިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން މިނިސްޓަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.
(ނ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
29 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލްގެ މަސްއޫލިއްޔަތުތައް
ސްޓެޓިސްޓިކަލް ކައުންސިލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ ސިޔާސަތާއި މި ގާނޫނު
ތަންފީޒުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް ސިޔާސަތުތައް ކަނޑައެޅުމުގައި ބިއުރޯއަށް ލަފާދިނުން؛
(ށ) ތަފާސްހިސާބުގެ އަސާސްތަކަށް އަމަލުކުރާ މިންވަރު ބަލައި، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛
(ނ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އާންމުންނަށް އެންމެ ބޭނުންތެރި މައުލޫމާތުތަކަކީ ކޮބައިކަން ދިރާސާކޮށް ކަމާގުޅޭ ޕްރޮޕޯސަލްތައް ބިއުރޯއަށް ހުށަހެޅުން؛
(ރ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ކުރިއެރުވުމުގެގޮތުން، ތަފާސްހިސާބު އެއްކުރަންޖެހޭ އާ ދާއިރާތަކާގުޅޭ ޕްރޮޕޯސަލްތައް ބިއުރޯއަށް ހުށަހެޅުން؛
(ބ) ތަފާސްހިސާބާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ މިންގަނޑުތައް ދިރާސާކޮށް އެ މިންގަނޑުތަކާގުޅޭ މައުލޫމާތު ޗީފް ސްޓެޓިސްޓީށަނަށް ދިނުން؛
(ޅ) ކޮންމެ އަހަރަކު އެއްފަހަރު، ސްޓެޓިސްޓިކަލް ކައުންސިލްގެ މަސައްކަތް ރޭވިފައިވާގޮތުގެ އެކްށަން ޕްލޭން ފާސްކުރުން ؛
(ކ) ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެކުލަވާލައި އާންމުކުރާ، ބިއުރޯއިން ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމުގައި ލަފާދިނުން؛
(އ) ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގެ އެކްށަން ޕްލޭން ތަންފީޒުކުރެވުނު މިންވަރު ބަލައި، ތަންފީޒުނުކުރެވޭ ކަންކަން ހުރިނަމަ އެކަންކަން ތަންފީޒުނުކުރެވުނު ސަބަބުތައް ދިރާސާކޮށް، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛
(ވ) މި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ބިއުރޯއަށް ލަފާދިނުން؛
(މ) މި ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ކަންކަން ހާސިލުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތްތައް ބަލައި، ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ފޯރުކޮށްދިނުމުގައި އެ އިދާރާތަކުން އިސްލާހުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކަށް ލަފާ ދިނުން؛
(ފ) މި ގާނޫނުގައި ސްޓެޓިސްޓިކަލް ކައުންސިލްގެ މަސްއޫލިއްޔަތުކަމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަން ކުރުން.
30 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ކައުންސިލް ހިންގުން
(ހ) ކައުންސިލްގެ ޖަލްސާއެއް މަދުވެގެން ބާއްވާނެ މިންވަރާއި، ޖަލްސާތަކުގެ ކޯރަމާއި، ޖަލްސާތައް ބޭއްވޭނެ ގޮތް، އަދި އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރުގެ ލަފަޔާއެކު ބިއުރޯއިން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) ސްޓެޓިސްޓިކަލް ކައުންސިލްގެ ޖަލްސާތައް ބޭއްވުމާގުޅޭ ކަންކަމާއި އެ ކައުންސިލްގެ އިދާރީ ހިންގުމަށް ބޭނުންވާ ކަންކަން ހަމަޖައްސާނީ ބިއުރޯއިންނެވެ.
ހަތަރުވަނަ ބާބު
ތަފާސްހިސާބުގެ ގައުމީ ނިޒާމު
31 ވަނަ މާއްދާ - ތަފާސްހިސާބުގެ ގައުމީ ނިޒާމު
ތަފާސްހިސާބުގެ ގައުމީ ނިޒާމު އެކުލެވިގެންވަނީ ތަފާސްހިސާބުގެ މައި އިދާރާއާއި ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުގެ މައްޗަށެވެ.
32 ވަނަ މާއްދާ - ތަފާސްހިސާބުގެ މައި އިދާރާ
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން، ރަސްމީ ތަފާސްހިސާބުގެ މައި އިދާރާ އެކުލެވިގެންވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި އެ އިދާރާގެ އެންމެހައި މުވައްޒަފުންގެ މައްޗަށެވެ.
33 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާތައް
(ހ) ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާތަކަކީ، ތަފާސްހިސާބުގެ މައި އިދާރާ ފިޔަވައި، މި ގާނޫނުގައިވާ ގޮތުގެމަތިން
ރަސްމީ ތަފާސްހިސާބު އެއްކޮށް އެކުލަވާލައި، އާންމުކުރާ، ސަރުކާރާއި ދައުލަތުގެ އިދާރާތަކެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހަމައެކަނި އިދާރީ ބޭނުމަށް މައުލޫމާތު އެއްކުރާ އިދާރާތަކެއް ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާގެ މާނައިގެ ތެރޭގައި ނުހިމެނޭނެއެވެ.
(ނ) މާއްދާގެ (ހ) ގައި ބަޔާންކުރާ އިދާރާތައް ވާންޖެހޭނީ ފަންނީގޮތުންނާއި މަސައްކަތުގެގޮތުން ޕްރޮފެށަނަލީ އިންޑިޕެންޑަންޓް ތަންތަނަށެވެ.
34 ވަނަ މާއްދާ - ކޮމިޓީތައް އުފެއްދުން
މި ގާނޫނުގެ ދަށުން ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފާ ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަމާގުޅޭ ކޮމިޓީތައް އުފެއްދުމުގެ ބާރު ބިއުރޯއަށް ލިބިގެންވެއެވެ.
ފަސްވަނަ ބާބު
ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި ، ބޭނުންކުރުން
35 ވަނަ މާއްދާ - ތަފާސްހިސާބު އެއްކުރުމާބެހޭ އާންމު އުސޫލު
(ހ) ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރެވޭނީ، ބޯހިމެނުމުންނާއި، ސަރވޭކުރުމުންނާއި، ދައުލަތުގެ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބާއި، އެ އިދާރާތަކުން އެ އިދާރާތަކުގެ އިދާރީ މަސައްކަތުގެ ތެރޭގައި އެއްކޮށް ބަލަހައްޓާ ރިކޯޑުތައް ބޭނުންކޮށްގެން، އަދި ބިއުރޯއިން ގަބޫލުކުރާ އެހެނިހެން ގޮތްގޮތުންނެވެ.
(ށ) ތަފާސްހިސާބު ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން ތަފާސްހިސާބު އެއްކުރުމުގައާއި، ބޭނުންކުރުމުގައާއި ، ފޯރުކޮށްދިނުމުގައި ބޭނުންކުރަންވާނީ ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލުކުރެވޭ އުސޫލުތަކާއި ކްލެސިފިކޭށަންތަކެވެ.
(ނ) ތަފާސްހިސާބު ފޯރުކޮށްދޭ އެންމެހައި އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާތެރިކޮށް ބަލަހައްޓައި، އެ މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭނުންކުރަންވާނީ މި ގާނޫނުގައިވާ ގޮތުގެމަތިން ބިއުރޯއިން ކަނޑައަޅާ އެއްހަމަ މިންގަނޑުތަކެކެވެ.
(ރ) ތަފާސްހިސާބުގެ މައުލޫމާތު ނެގުމުގެ މަސައްކަތްކުރަންވާނީ، އެކަމުން އާންމު ފަރުދުންނަށް އުފުލަންޖެހޭ ބުރަ އެންމެ ކުޑަވާނެ ގޮތަކަށެވެ.
(ބ) ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ޑޭޓާ ހޯދާނެ ގޮތްތައް ނުވަތަ މަސްދަރުތައް ކަނޑައެޅުމުގައި ޑޭޓާގެ ފެންވަރަށާއި، ލިބޭ
އަވަސްމިނަށާއި، ހިނގާނެ ހަރަދަށާއި، މައުލޫމާތުދޭ ފަރާތްތަކުން އުފުލަންޖެހޭ ބުރައަށް ރިއާޔަތްކުރަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ތަފާސްހިސާބު އެއްކުރުމުގައި އަމަލުކުރަންވާނީ، މި ގާނޫނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ރަސްމީ ތަފާސްހިސާބުގެ މައިގަނޑު އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
36 ވަނަ މާއްދާ - ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ
(ހ) މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މައުލޫމާތު ހޯދުމަށްޓަކައި އާންމުންނާ ސުވާލުކުރެވޭނީ އަދި ސަރވޭކުރެވޭނީ ބިއުރޯއިން ނުވަތަ ކަމާބެހޭ އިދާރާއަކުން ހުއްދަ ދޫކުރެވޭ އޮފިސަރުންނަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ބޭނުންތަކަށް ތަފާސްހިސާބު އެއްކުރުމަށް ސަރވޭކުރެވޭނީ ހަމައެކަނި ބިއުރޯއިން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ކަންކަމުގައި ދިވެހިރާއްޖޭގައި ކުރެވޭ ސަރވޭތަކަށް ބި އުރޯއިން ހުއްދަ ހޯދާކަށް ލާޒިމެއްނޫނެވެ.
(ށ) މި ގާނޫނުގެ ދަށުން ބިއުރޯއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުންވެސް ތަފާސްހިސާބުގެ ބޭނުމަށް މައުލޫމާތު އެއްކުރުމަށް ފޮނުވޭ ފަރާތްތަކަށް ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތްކަން އެނގޭނެފަދަ ފާހެއް ދޫކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހޯދުމަށް ހުއްދަ ދީފައިވާ އޮފިސަރުން ސަރވޭކުރާއިރު، ބިއުރޯއިން ނުވަތަ ކަމާބެހޭ އިދާރާއިން ދޫކުރާ ފާސް، ސުވާލުކުރެވޭ މީހާއަށް ފެންނަގޮތަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފާސް ދޫކުރުމާއި، ބޭނުންކުރުމާގުޅޭ އެންމެހައި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
37 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު
(ހ) މި ގާނޫނުގެ ދަށުން އެކުލަވާލާ ގައުމީ ތަފާސްހިސާބުގެ ދުރުރާސްތާ ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ ދާއިރާތަކާގުޅޭ ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭނީ އެ ދާއިރާއަކާގުޅޭ ދައުލަތުގެ އިދާރާއިންނެވެ.
(ށ) ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކޮންމެ އިދާރާއެއްގައިވެސް ބިއުރޯއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އެ އިދާރާއަކާގުޅޭ ތަފާސްހިސާބު ބަލަހައްޓައި ފޯރުކޮށްދިނުމުގެ ނިޒާމެއް އެކުލަވާލާފައި އޮންނަންވާނެއެވެ.
(ނ)ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ އިދާރާތަކުން ބިއުރޯއަށް މައުލޫމާތު ހިއްސާކުރަންޖެހޭ މުއްދަތުތަކާއި، ތަފާސްހިސާބު ފޯރުކޮށްދޭނެ ގޮތް ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
38 ވަނަ މާއްދާ - އިދާރީ ތަފާސްހިސާބު
(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދައުލަތުގެ އިދާރާތަކުން އިދާރީ ބޭނުންތަކަށް އެއްކޮށް ބަލަހައްޓާ މައުލޫމާތު، ތަފާސްހިސާބުގެ ބޭނުމަށް ބިއުރޯއަށް ބޭނުންވެއްޖެނަމަ، ބިއުރޯއިން އަންގާ ގޮތެއްގެމަތިން އެ މައުލޫމާތު ބިއުރޯއަށް ފޯރުކޮށްދޭންވާނެއެވެ.
(ށ) އިދާރީ ތަފާސްހިސާބު ހޯދުމުގައި އެ އިދާރާއެއްގެ ފެންވަރުގައި، ޑޭޓާ ހޯދުމާއި އެކިއެކި ޑޭޓާ ސެޓްތައް ގުޅުވައިގެން މައުލޫމާތު ހޯދައި ދިރާސާކޮށް ބޭނުންކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
(ނ) އިދާރީ ތަފާސްހިސާބު ބަލަހައްޓާ އެއްވެސް އިދާރާއަކުން، ތަފާސްހިސާބު ހޯދުމާއި ރައްކާކުރުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ބަދަލުކުރާނަމަ، އެ ބަދަލެއް ގެނައުމުގެ ކުރިން ބިއުރޯއަށާއި ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެން އިދާރާތަކަށް އަންގައި އެ އިދާރާތަކުގެ ލަފާ ހޯދަންވާނެއެވެ.
(ރ) މި ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާތަކުން އިދާރީ ތަފާސްހިސާބު ބަލަހައްޓައި ބިއުރޯއަށް ފޯރުކޮށްދޭނެގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
39 ވަނަ މާއްދާ - ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް
(ހ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ހޯދުމަށް ސަރވޭކުރާނީ ބިއުރޯއިން ނުވަތަ އެކަމަށްޓަކައި ބިއުރޯއިން ކަނޑައަޅާ ފަރާތަކުންނެވެ.
(ށ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ހޯދުމަށް ސަރވޭކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
40 ވަނަ މާއްދާ - ތަފާސްހިސާބަށް އާންމުންގެ ފަރާތުން މައުލޫމާތު ހޯދާނެގޮތް
(ހ) ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު އެކި ފަރާތްތަކުން ހޯދުމަށް ސަރވޭކުރުމުގައި އަންނަނިވި ދެގޮތުންކުރެ ގޮތެއް ހިޔާރުކުރެވިދާނެއެވެ
- އެފަރާތަކާ ސީދާ ސުވާލުކޮށް މައުލޫމާތު ހޯދުން؛ ނުވަތަ
- މައުލޫމާތު އެއްކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމެއް މެދުވެރިކޮށް މައުލޫމާތު ހޯދުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފޯމެއް މެދުވެރިކޮށް މައުލޫމާތު ހޯދާނަމަ، އެ މައުލޫމާތު ހޯދާ ބޭނުމުގެ އިތުރުން، ފޯމާ ގުޅިގެން އަމަލުކުރާނެގޮތުގެ މައުލޫމާތު ފޯމުގައި ބަޔާންކުރަންވާނެއެވެ.
(ނ) ސަރވޭކުރުމުގައި ކޮންމެހެން އެހެން ބަހަކުން ކުރަންޖެހޭ ސަރވޭތައް ފިޔަވައި އެނޫން ސަރވޭތައް ކުރިއަށް ގެންދަންވާނީ ދިވެ ހިބަހުންނެވެ.
(ރ) ބިއުރޯއިން ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން ތަފާސްހިސާބަށް މައުލޫމާތު ހޯދުމަށް އެއްވެސް ފަރާތަކަށް ލިޔުމެއް ފޮނުވައިފިނަމަ، އެނޫން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު ބެލެވޭނީ، އެ ލިޔުމަކީ މި ގާނޫނުގެ ދަށުން ހުއްދަކުރާ އަދި އެފަރާތަކުން ދޭންޖެހޭ މައުލޫމާތެއް ކަމަށެވެ.
(ބ) ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި އެއްވެސް ތަނަކަށް ވަދެވޭނީ، ޗީފް ސްޓެޓިސްޓީށަންގެ ހުއްދަ ލިޔުމަކުން ލިބިފައިވާ އޮފިސަރުންނަށެވެ.
41 ވަނަ މާއްދާ - ބޯހިމެނުން
(ހ) ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމެއް މަދުވެގެން ކޮންމެ 10 (ދިހައެއް) އަހަރަކުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. ބޯހިމެނުން ބާއްވާނެ ތާރީހު ބިއުރޯއިން ކަނޑައަޅައި ދުރާލާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނާއި އެހެނިހެން ބޯހިމެނުންތައް ކުރިއަށްގެންދަންވާނީ ބޯހިމެނުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) ބޯހިމެނުންތަކަށް މައުލޫމާތު ދިނުމަކީ މި ގާނޫނުގެ ދަށުން އެންމެހައި ފަރާތްތަކަށް ލާޒިމުކުރާ ކަމެކެވެ.
(ރ) ބޯހިމެނުމުގައި ބަލާނެ ކަންކަމާއި، މައުލޫމާތު ހޯދޭނެ ދާއިރާތަކާއި، ބައިވެރިވާނެ ފަރާތްތަކާއި ބޯހިމެނުމާގުޅޭ އެންމެހައި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
42 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ރެޖިސްޓަރތައް
(ހ) ތަފާސްހިސާބު އެކުލަވާލުމަށްޓަކައި ބިއުރޯގެ ފަރާތުން ބޭނުންވާ ކަންކަމާގުޅޭ ދާއިރާތަކުގެ ރެޖިސްޓަރތަކެއް ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރެޖިސްޓަރތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެ މައުލޫމާތު ބަލަހައްޓާ އިދާރާތަކުން ބިއުރޯއަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) ތަފާސްހިސާބުގެ ބޭނުމަށް އެކުލަވާލެވޭ ރެޖިސްޓަރތަކުގައި ހިމެނޭ މައުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ރަސްމީ ތަފާސްހިސާބު އެކުލަވާލާ އިދާރާތަކުގެ ތަފާސްހިސާބުގެ މަސައްކަތަށް ބޭނުންވެއްޖެ ހިނދެއްގައި ބިއުރޯއިން ކަނޑައަޅާ އުސޫލެއްގެ މަތިން، ޗީފް ސްޓެޓިސްޓީށަންގެ ހުއްދައާ އެކުގައެވެ.
43 ވަނަ މާއްދާ - ތަފާސްހިސާބާބެހޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި ބޭނުންކުރުން
(ހ) ތަފާސްހިސާބު ހޯދުމަށްޓަކައި ހިންގޭ ހަރަކާތްތަކުން އެއްކުރެވޭ މައުލޫމާތު ކޯޑުކުރުމުގައި ބޭނުންކުރެވޭ ކޯޑިންގ ސިސްޓަމްތައް އެއްގޮތްކުރުމަކީ ބިއުރޯގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ކޯޑުކުރުމުގައި ބޭނުންކުރަންވާނީ ބައިނަލްއަގްވާމީ ފެންވަރުގައި ތައްޔާރުކުރެވިފައިވާ ކްލެސިފިކޭށަން ސިސްޓަމެއް ނުވަތަ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ ސިސްޓަމެއްގެ މައްޗަށް ބުރަވެ ތައްޔާރުކުރެވިފައިވާ ކްލެސިފިކޭށަން ސިސްޓަމެކެވެ. އަލަށް ތައްޔާރުކުރެވޭ ކްލެސިފިކޭށަން ސިސްޓަމްތަކަކީ ބިއުރޯއިން ގަބޫލުކުރާ
ސިސްޓަމްތަކަކަށް ވާންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން އެއްކުރެވޭ މައުލޫމާތު ބޭނުންކުރުމުގައި ފުރަތަމަ އަމާޒުކުރަންވާނީ އެ މައުލޫމާތެއް އެއްކުރެވުނު މަގްސަދު ފުރިހަމަކުރުމަށެވެ. އޭގެ އިތުރުން، ނެގޭ މައުލޫމާތުގެ މައްޗަށް އިތުރު ދިރާސާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަންވާނެއެވެ.
(ރ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސްގެ ގޮތުގައި ކަނޑައެޅޭ އެއްވެސް މައުލޫމާތެއް އާންމުކުރަންވާނީ ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި އެކަމަށް ކަނޑައެޅިފައިވާ އިދާރާ ނުވަތަ ބިއުރޯއިންނެވެ.
(ބ) ތަފާސްހިސާބުގެ ގޮތުގައި އެއްކުރެވޭ މައުލޫމާތު ދައުލަތުގެ އެހެން އިދާރާތަކުގެ ބޭނުމަށް އެ އިދާރާތަކަށް ފޯރުކޮށްދެވޭނީ، މި ގާނޫނުގައި ބަޔާންކުރާ ސިއްރު ހިފެހެއްޓުމުގެ އަސާސްތަކާ ހިލާފުނުވާގޮތަށް ބިއުރޯއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
44 ވަނަ މާއްދާ - މައުލޫމާތުގެ ފެންވަރު ހިފެހެއްޓުން
(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ރަސްމީ ތަފާސްހިސާބު އެއްކުރާ ހުރިހާ އިދާރާތަކަކުންވެސް އެއްކޮށް، އެކުލަވާލާ ރަސްމީ ތަފާސްހިސާބަކީ ފެންވަރުގެގޮތުން އިތުބާރުހުރި ، ވަގުތަށް އެކަށޭނަ، ހުރިހާ ފަރާތްތަކަށް އެއް ހަމައެއްގައި ފޯރުކޮށްދެވޭ ވަސީލަތެއްތޯ ބަލައި ޔަގީންކުރަންވާނެއެވެ.
(ށ) ތަފާސްހިސާބުގެގޮތުގައި ހޯދައި، އެއްކޮށްފައިވާ މައުލޫމާތު އާންމުކުރަންވާނީ ޖުމްލަ ހިސާބުތަކެއްގެ ގޮތުގައި ، ބިއުރޯއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) ރަސްމީ ތަފާސްހިސާބުގެ ފެންވަރު ހިފެހެއްޓުމުގެގޮތުން، އެކި ދާއިރާތަކުން ތަފާސްހިސާބު އެއްކޮށް، ބަލަހައްޓާ އިދާރާތަކުގެ
ފެންވަރުގައި އެކި ޑޭޓާ ގުޅުވައިގެން ތަފާސްހިސާބު އެކުލަވާލުމަށް ބޭނުންކުރަންވާނެއެވެ.
(ރ) ރަސްމީ ތަފާސްހިސާބުގެ ގައުމީ ނިޒާމު ހަރުދަނާކުރުމުގެގޮތުން އާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމާއި،
ޔުނިވަރސިޓީ، ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީން އެއްކުރާ ޑޭޓާތައް ބޭނުންކުރަންވާނީ، ތަފާސްހިސާބުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
45 ވަނަ މާއްދާ - ދިރާސާކުރުމަށް ތަފާސްހިސާބު ބޭނުންކުރުން
(ހ) އެއްވެސް ފަރާތަކުން ކުރާ ދިރާސާއަކަށް އާންމުކޮށްފައިވާ ރަސްމީ ތަފާސްހިސާބުގެ ތަފްސީލު މައުލޫމާތެއް ބޭނުންވާނަމަ މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދި ބިއުރޯއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަދައިން ދިރާސާއަކަށްޓަކައި، ތަފާސްހިސާބު ފޯރުކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ދިރާސާއަކާބެހޭ މައުލޫމާތާއި، އެ ދިރާސާއަށް ތަފާސްހިސާބު ބޭނުންވާ މިންވަރާއި، އެ ދިރާސާގެ ބޭނުން އެނގޭގޮތަށް، އެކަމަށް އެދި ބިއުރޯއަށް ހުށަހަޅަންވާނެއެވެ.
(ނ) ދިރާސާކުރުމުގެ ބޭނުމަށް އެއްވެސް ފަރާތަކަށް ތަފާސްހިސާބު ފޯރުކޮށްދެވޭނީ، މި ގާނޫނުގައި ބަޔާންކުރާ ސިއްރު ހިފެހެއްޓުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ށަރުތުކޮށް، އެ އުސޫލާ ހިލާފުނުވާ ގޮތުގެމަތިންނެވެ.
(ރ) މި މާއްދާގެ ދަށުން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް އެއްވެސް ފަރާތަކަށް ދޫކުރެވޭނީ، އެފަދައިން ދޫކުރެވޭ މައުލޫމާތު ބޭނުންކުރެވޭނެ ގޮތާއި، ސިއްރު ހިފެހެއްޓުމާގުޅޭ އުސޫލުތަކާއި، ދިރާސާކޮށް ނިންމުމަށްފަހު ލިޔެކިޔުން ނައްތާލުމާގުޅޭ މާއްދާތައް ހިމެނޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމެއްގައި އެފަރާތަކާއެކު ސޮއިކުރުމަށްފަހުގައެވެ.
(ބ) މި މާއްދާގެ ދަށުން ބިއުރޯއިން ފޯރުކޮށްދޭ މައުލޫމާތަށް ބިނާކޮށްގެން ހަދާ ދިރާސާތައް، އިތުރު އަގަކާ ނުލައި ބިއުރޯއިން އެދިއްޖެ ހިނދެއްގައި ބިއުރޯއަށް ފޯރުކޮށްދޭންވާނެއެވެ.
ހަވަނަ ބާބު
މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި އާންމުކުރުން
46 ވަނަ މާއްދާ - މައުލޫމާތުގެ ސިއްރު ހިފެހެއްޓުން
(ހ) ތަފާސްހިސާބު އެއްކުރުމުގެ ބޭނުމުގައި އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރާ ސަރވޭތަކުގައި ހޯދާ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. އަދި، އެ މައުލޫމާތު ބޭނުންކުރަންވާނީ، ހަމައެކަނި ސަރވޭގެ ބޭނުމަށްޓަކައި، ވަކި ފަރާތެއްގެ މައުލޫމާތު ހާމަނުވާނެ ގޮތުގެމަތިންނެވެ. އެއްވެސް ހާލެއްގައި އަމިއްލަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެންނުވާނެއެވެ.
(ށ) ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށް އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ސަރވޭކުރާއިރު ، މައުލޫމާތު އެއްކުރެވޭ ބޭނުމާއި ޖަވާބުދޭ މީހާގެ މައުލޫމާތު ސިއްރުކުރެވޭނެކަން ޖަވާބުދޭ މީހާއަށް ހުއްދަ ދީފައިވާ އޮފިސަރު ކިޔައިދޭންވާނެއެވެ.
(ނ) ތަފާސްހިސާބު އެކުލަވާލުމަށްޓަކައި ވަކިވަކި ފަރުދުންނާއި، ވިޔަފާރިފަދަ ތަންތަނުން އެއްކުރާ ފަރުދީ މައުލޫމާތު އެކުލެވޭ ޑޭޓާ ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށެވެ.
(ރ) ރަސްމީ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެފަދަ ފަރުދީ މައުލޫމާތު އެކުލެވޭ ޑޭޓާގެ ސިއްރު ހިފެހެއްޓުން ލާޒިމުވެގެންވެއެވެ.
(ބ) ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކުންވެސް، މައުލޫމާތު ހޯދުމަށް ބޯހިމެނުމުގައާއި ސަރވޭކުރުމުގައި ބޭނުންކުރާ ލިޔެކިޔުންތަކާއި، ފޯމުތައްފަދަ ތަކެތި އެ ދާއިރާތަކާގުޅޭ ތަފާސްހިސާބު ހަދައި އާންމުކުރެވެންދެން ސިއްރުގެގޮތުގައި ހިފަހައްޓައި، ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި، ތަފާސްހިސާބު އެކުލަވާލައި ނިމުމާއެކު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އެއްޗެހި ނައްތާލަންވާނެއެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ބިއުރޯ އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ އިދާރާތަކުގައި ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ މުވައްޒަފުންނަކީ މި ގާނޫނަށް އަމަލުކުރުމަށާއި ތަފާސްހިސާބުގެ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކޮށް، އެއަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ބައެކެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ އިގުރާރު އޮންނަންވާ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(އ) މި ގާނޫނުގެ ދަށުން ތަފާސްހިސާބަށް މައުލޫމާތު އެއްކުރުމުގައާއި އާންމުކުރުމުގައި ސިއްރު ހިފެހެއްޓުމުގެގޮތުން ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
47 ވަނަ މާއްދާ - ތަފާސްހިސާބު އާންމުކުރުން
(ހ) މި ގާނޫނުގެ ދަށުން އެއްކުރެވޭ މައުލޫމާތު ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށެވެ.
(ށ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތެއްގެ ކިބައިން ހޯދާ މައުލޫމާތެއް ތަފާސްހިސާބުގެ ގޮތުގައި އާންމުކުރާއިރު އެ މައުލޫމާތެއް ނިސްބަތްވާ ފަރާތެއް ހާމަވާގޮތަށް އާންމުކޮށްގެން ނުވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން އެއްކުރެވޭ އެއްވެސް މައުލޫމާތެއް ކަމާނުބެހޭ ފަރާތަކަށް، މި މާއްދާގެ (ރ) ގައިވާ ގޮތަށް މެނުވީ ހާމަކޮށްގެންނުވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ މުވައްޒަފަކަށް މެނުވީ، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ މައުލޫމާތު ދިން ފަރާތުގެ، ނުވަތަ ވިޔަފާރިއެއްނަމަ އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ހިންގާ ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި މެނުވީ ހުއްދަ ދީފައިވާ އޮފިސަރަކު ހާމަކޮށްގެންނުވާނެއެވެ.
- މި ގާނޫނުގެ ބޭނުމަށް ފޯރުކޮށްދީފައިވާ މައުލޫމާތެއް ނުވަތަ އެފަދަ މައުލޫމާތެއްގެ ބައެއް؛
- މި ގާނޫނުގެ ބޭނުމަށް ކުރެވިފައިވާ ސުވާލެއްގެ ޖަވާބެއް ؛
- ސުވާލަކަށް ދީފައިވާ ޖަވާބުގައި ހިމެނޭ މައުލޫމާތެއް ބޭނުންކޮށްގެން ހަދާފައިވާ ރިޕޯޓެއް ނުވަތަ ހުލާސާ ލިޔުމެއްގައި އެ މައުލޫމާތު އެކުލެވިގެންވާގޮތުން އެއީ ކާކުކަން، ނުވަތަ ކޮން ވިޔަފާރިއެއްކަން ނުވަތަ މަސައްކަތެއްކަން ފަހަރުގައި ހާމަވެދާނެކަމަށް ލަފާކުރެވޭ ރިޕޯޓާއި ލިޔުން؛
- އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ރައްކާކުރެވިފައިވާ މައުލޫމާތެއް ނުވަތަ އެފަދަ މައުލޫމާތެއްގެ ބައެއް.
(ބ) މި މާއްދާގެ (ރ) ގައިވާ މައުލޫމާތުގެ ތެރެއިން އެއްވެސް އަމިއްލަ ފަރުދެއްގެ، ނުވަތަ ވިޔަފާރިއެއްގެ، ނުވަތަ މަސައްކަތެއް ކުރާ
ފަރާތެއްގެ މައުލޫމާތު، ގާނޫނު ހުއްދަކުރާ ހާލަތުގައި އެފަރާތަކުން އަމިއްލައަށް ށާއިއުކުރާ ހާލަތުގައި، ނުވަތަ އެފަދަ މައުލޫމާތު އިލެކްޓްރޯނިކް ވަސީލަތްތަކުގެ ޒަރީއާއިން އާންމުކޮށް ލިބެން ހުންނަ ގޮތަކަށް ބަހައްޓާނަމަ މި މާއްދާގެ (ނ) އިން އިސްތިސްނާވާނެއެވެ.
(ޅ) ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ހުލާސާއެއް ނުވަތަ އެފަދަ ލިޔުމެއްގައި ހިމެނޭ މައުލޫމާތެއް ށާއިއުކުރުމުގެ ސަބަބުން އެ މައުލޫމާތެއް ރައްދުވާ ފަރާތް އާންމުކޮށް އެނގުމުގެ ހަމައެކަނި ސަބަބަކީ އެފަރާތަކީ އެ ދާއިރާގައި ހަރަކާތްތެރިވާ ހަމައެކަނި ފަރާތް ކަމުގައިވާނަމަ، ށާއިއުކުރެވޭ މައުލޫމާތު ރައްދުވާ ފަރާތުން އެ އެއްޗެއް އުފެއްދުމަށް ހަރަދުކުރާ މިންވަރު ނުވަތަ އެކަމަށް ރައުސްމާލު ބޭނުންކުރެވޭ އަދަދުނުވަތަ އެ މަސައްކަތުން ލިބޭ ފައިދާގެ މިންވަރު ހާމަނުވާނެ ފަދައިން އެ މައުލޫމާތެއް ށާއިއުކުރުމަކަށް މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު ހުރަހެއް ނާޅައެވެ.
(ކ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ ދަށުން އެއްކުރާ މައުލޫމާތުގެ ތެރޭގައި ހިމެނޭ އަމިއްލަ ފަރުދެއްގެ މައުލޫމާތު، އެއްވެސް ތަހްގީގަކަށް ނުވަތަ ދައުވާއެއް އުފުލުމަށް ނުވަތަ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުވަތަ އިދާރީ ފިޔަވަޅެއް އެޅުމަށް އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެއެވެ.
(އ) ތަފާސްހިސާބުގެ ބޭނުމަށް މި ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ބޯހިމެނުމުގައާއި ސަރވޭކުރުމުގައި ބޭނުންކުރާ ލިޔެކިޔުންތަކާއި، ފޯމުތައްފަދަ ތަކެތި އެ ދާއިރާތަކާގުޅޭ ތަފާސްހިސާބު ހަދައި ނިމުމާއެކު ނައްތާލަންވާނެއެވެ.
48 ވަނަ މާއްދާ - އެޑްވާންސް ރިލީސް ކަލަންޑަރ
(ހ) ރަސްމީ ތަފާސްހިސާބު އާންމުކުރަންވާނީ އެންމެހައި ފަރުދުންނަށް އެއްހަމައެއްގައި ލިބޭފަދަ ގޮތަކަށް ދުރާލާ ކަނޑައެޅި އާންމުކުރެވިފައިވާ ރިލީސް ކަލަންޑަރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ރަސްމީ ތަފާސްހިސާބު އެއްކުރާ އެންމެހައި އިދާރާތަކާއި ބިއުރޯއިން، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އާންމުކުރާނެ ގޮތާއި އާންމުކުރާނެ ތާރީހުތައް، ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމްގައި ބަޔާންކޮށް، އާންމުކޮށް އިއުލާންކޮށް، އެ ތާރީހުތަކަށް އަމަލުކުރަންވާނެއެވެ. އެ ތާރީހުތަކަށް އެއްވެސް ބަދަލެއް ގެންނަނަމަ، ދުރާލައި އާ ތާރީހު ކަނޑައަޅައި، އެކަން އާންމުކޮށް އަންގަންވާނެއެވެ.
49 ވަނަ މާއްދާ - ފަރުދުންގެ ޒިންމާ
(ހ) މި ގާނޫނުގެ ދަށުން ބާރު ލިބިގެން ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ، ހުއްދަދީފައިވާ އޮފިސަރަކު އާންމު ފަރުދުންގެ ކިބައިން މައުލޫމާތަކަށް އެދިއްޖެ ހިނދެއްގައި، އެފަރާތަކަށް ތެދު މައުލޫމާތު ދޭންވާނެއެވެ.
(ށ) މައުލޫމާތު އެއްކުރުމަށްޓަކައި ބިއުރޯއިން ތައްޔާރުކޮށްފައިވާ ފޯމުފަދަ ލިޔުމެއް ފުރިހަމަކޮށް ވަކި މުއްދަތެއްގެ ތެރޭގައި ބިއުރޯއަށް ހުށަހެޅުމަށް އަންގައިފިނަމަ އެ މުއްދަތެއްގެ ތެރޭގައި އެ ފޯމެއް ފުރިހަމަކުރުމަށްފަހު ބިއުރޯއަށް ހުށަހަޅަންވާނެއެވެ.
(ނ) ތަފާސްހިސާބުގެ މައުލޫމާތު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުއްދަ ދީފައިވާ އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމުގެގޮތުން އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.
(ރ) ތަފާސްހިސާބު އެއްކުރުމުގެ ބޭނުމުގައި ބިއުރޯއިން ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން ކުރާ ސަރވޭއެއްގައި ނުވަތަ އެފަދަ އިދާރާތަކުން ދޭ ފޯމެއްގައި ތެދު ނޫން މައުލޫމާތު ދީގެންނުވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން ތަފާސްހިސާބާބެހޭ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން، މައުލޫމާތު އެއްކުރަން ދާ ފަރާތަކީ އެކަމުގެ ހުއްދަ ލިބިފައިވާ މީހެއްކަން ޔަގީންކުރަންވާނެއެވެ. އަދި އެފަދަ ހުއްދައެއް އޮތްކަން އެނގޭފަދަ ފާހެއް ނެތް ފަރާތަކަށް މައުލޫމާތު ދިނުން މި ގާނޫނުގެ ދަށުން ލާޒިމުވެގެނެއް ނުވެއެވެ.
ހަތްވަނަ ބާބު
ފިޔަވަޅު އެޅުން
50 ވަނަ މާއްދާ - އަމިއްލަ މަންފާއަށް މައުލޫމާތު ބޭނުންކުރުން
(ހ) ބިއުރޯގެ މުވައްޒަފަކަށް ނުވަތަ ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާއެއްގެ މުވައްޒަފަކަށް ވަޒީފާ އަދާކުރުމުގައި ލިބޭ މައުލޫމާތެއް ބޭނުންކުރުމުގެ ކުރިން، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ނަމަވެސް އޭނާގެ އަމިއްލަ މަންފާއަށް ނުވަތަ
ފައިދާއަށް އެ މައުލޫމާތެއް ބޭނުންކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު ކުރި އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު ފިޔަވަޅުއެޅުމާއެކު، އެ މީހަކު 5،000 (ފަސްހާސް) ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ތަފާސްހިސާބު އެއްކުރުން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަކަށް ފިޔަވައި، މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަކަށް، އެފަރާތަކަށް ދީފައިވާ އިމުގެ ބޭރުން ތަފާސްހިސާބާބެހޭ މައުލޫމާތު ނުވަތަ ތަފާސްހިސާބު އެއްކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު ކުރި އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު ފިޔަވަޅުއެޅުމާއެކު، އެ މީހަކު 5،000 (ފަސްހާސް) ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ހޯދާފައިވާ މައުލޫމާތު ހާމަކުރުން
(ހ) ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެއްވެސް އިދާރާއަކުން، މި ގާނޫނާ ހިލާފަށް ހޯދާފައިވާ މައުލޫމާތެއް، އެކަން އެނގިހުރެ ށާއިއުކޮށް ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދީގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު ކުރި އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު ފިޔަވަޅުއެޅުމާއެކު، އެ މީހަކު 5،000 (ފަސްހާސް) ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
53 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ތަފާސްހިސާބު އެއްކުރުން
(ހ) އަދާކުރާ ވަޒީފާގެގޮތުން ލިބޭ މައުލޫމާތެއް، ހުއްދަ ނެތި އާންމުކޮށްގެން ނުވާނެއެވެ. ނުވަތަ ކަމާނުބެހޭ ފަރާތަކަށް އެފަދަ މައުލޫމާތެއް ހާމަކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު ކުރި އަމަލުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އޭނާއާމެދު ފިޔަވަޅުއެޅުމާއެކު، އެ މީހަކު 5،000 (ފަސްހާސް) ރުފިޔާއާއި 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - ޒިންމާއަދާކުރުމަށް ހުރަސްއެޅުން
(ހ) މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަ ކު އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގައި، އެއްވެސް ފަރާތަކުން
ހުރަސްއަޅައިގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް 1،000 (އެއްހާސް) ރުފިޔާއާ 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
55 ވަނަ މާއްދާ - ށަހްސު އޮޅުވާލުން
(ހ) މި ގާނޫނުގެ ދަށުން ތަފާސްހިސާބު އެއްކުރުމަށް ހުއްދަ ދީފައިވާ އޮފިސަރަކު ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެފަރާތަކީ
ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ދައްކައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތްކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، 5،000 (ފަސްހާސް) ރުފިޔާއާ 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން އެ މީހަކާމެދު ޖިނާއީ ދައުވާކުރަންވާނެއެވެ.
56 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަކުރުމަށްފަހު އަނބުރާ ރައްދުނުކުރުން
(ހ) މި ގާނޫނުގެ ދަށުން ތަފާސްހިސާބު އެއްކުރުމަށް އެއްވެސް ފަރާތަކަށް ފޮނުވާފައިވާ ނުވަތަ އެފަރާތަކާ ހަވާލުކުރެވިފައިވާ ، މައުލޫމާތު ފުރިހަމަކުރުމަށްފަހު އަނބުރާ ރައްދުކުރަންޖެހޭ އެއްވެސް ކަރުދާހެއް ނުވަތަ ފޯމެއް ނުވަތަ އެނޫންވެސް އެފަދަ ލިޔުމެއް، އަނބުރާ ފޮނުވަން ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާ 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާ ހިލާފުވީ ދައުލަތުގެ މުއައްސަސާއަކުންނަމަ، އެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތް މި މާއްދާގެ (ށ) ގައި ވާ ގޮތުގެމަތިން ޖޫރިމަނާކުރަންވާނެއެވެ.
57 ވަނަ މާއްދާ - މައުލޫމާތު ނުދިނުން
(ހ) މި ގާނޫނުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަކު ކުރާ ސުވާލުތަކަށް ޖަވާބުދީ އެފަރާތަކުން ސާފުކުރަން ބޭނުންވާ މައުލޫމާތު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފޯރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު 5،000 (ފަސްހާސް) ރުފިޔާއާ 30،000 (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާ ހިލާފުވީ ދައުލަތުގެ މުއައްސަސާއަކުންނަމަ، އެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތް މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރަންވާނެއެވެ.
58 ވަނަ މާއްދާ - މައުލޫމާތު ދިނުމުގައި އިހުމާލުވުން
މި ގާނޫނުގެ ދަށުން މައުލޫމާތު އެއްކުރުމުގައި އެފަރާތަކަށް ފޮނުވާފައިވާ ރައްދުކުރަންޖެހޭ އެއްވެސް އެއްޗެއް ނުވަތަ ފޯމެއް ނުވަތަ އެފަދަ އެހެން ލިޔުމެއް ފުރިހަމަކުރުމުގައި، ނުވަތަ ކުރާ ސުވާލަކަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންވެގެން އެހުމުން ޖަވާބުދިނުމުގައި، ނުވަތަ މައުލޫމާތެއް ނުވަތަ ބަޔާނެއް ދިނުމުގައި ތެދު ނޫން މައުލޫމާތު ހިމަނައިގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ މީހަކު 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާ 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.
59 ވަނަ މާއްދާ - ޖިނާއީ ކުށަށް އަދަބު ކަނޑައެޅުން
މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކުރާ ފަރާތްތަކާމެދު ނުވަތަ މި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން، ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް އަދަބު ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
60 ވަނަ މާއްދާ - ބަޖެޓު
ބިއުރޯގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ބިއުރޯއަށް ދޫކުރަންވާނެއެވެ. އެގޮތުން، ބިއުރޯ ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށް، މިނިސްޓްރީން ފޮނުވަންވާނެއެވެ.
61 ވަނަ މާއްދާ - ހިދުމަތުގެ ފީ
ބިއުރޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ މިންވަރާއި އުސޫލު މި ގާނޫނުގެ ދަށުން ބިއުރޯއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
62 ވަނަ މާއްދާ - މާލީ ކަންކަން
ބިއުރޯގެ އެންމެހައި ހިސާބުތަކާއި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
63 ވަނަ މާއްދާ - އޮޑިޓްކުރުން
ބިއުރޯގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރަންވާނެއެވެ.
64 ވަނަ މާއްދާ - އަހަރީ ރިޕޯޓު
ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ބިއުރޯ ހިނގާފައިވާ ގޮތާއި ބިއުރޯގެ ހަރަކާތްތަކާބެހޭ ރިޕޯޓެއް އެކުލަވާލައި، ޗީފް ސްޓެޓިސްޓީށަން އެ ރިޕޯޓު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.
ނުވަވަނަ ބާބު
އެހެނިހެން ކަންކަން
65 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ނުވަތަ ކޮމިޓީ މެންބަރެއްގެ ހައިސިއްޔަތުން އެ މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
(ށ) ސްޓެޓިސްޓިކަލް ކައުންސިލްގެ މެންބަރުން، ތަފާސްހިސާބުގެ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކޮށް، އެއަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
(ނ) ބިއުރޯގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
(ރ) މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން ބިއުރޯއިން ބަލަހައްޓަމުންގެންދާ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ބިއުރޯގައި ގާއިމުވެފައި އޮންނަންވާނެއެވެ.
66 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ބިއުރޯއިންނެވެ.
(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ.
67 ވަނަ މާއްދާ - ޖަދުވަލު
މި ގާނޫނުގައި ހަވާލާދީފައިވާ، އަދި މި ގާނޫނާ އެކުގައިވާ ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ.
68 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
69 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހުއްދަ ދީފައިވާ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތްތަކަށެވެ. އަދި މި މާނައިގައި ބޯހިމެނުމާއި ސަރވޭކުރުމަށް ކަނޑައެޅޭ
ސުޕަވައިޒަރުންނާއި، އެނިޔުމަރޭޓަރުންނާއި ، ޑޭޓާ އެންޓްރީ މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ މީހުން ހިމެނެއެވެ.
(ށ) "ސްޓެޓިސްޓިކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓެޓިސްޓިކަލް ކައުންސިލަށެވެ.
(ނ) "ބިއުރޯ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ.
(ރ) "ޗީފް ސްޓެޓިސްޓީށަން" ކަމަށް ބުނެފައި އެވަނީ، ބިއުރޯގެ އިސް ފަރާތުގެ ގޮތުގައި މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
(ބ) "މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ފުރަތަމަ އެކައުންޓިންގ މުއްދަތަށް، އަދި އޭގެ ފަހުން އަންނަ ކޮންމެ އަހަރެއްގެ 31 ޑިސެންބަރުގެ ނިޔަލަށް އަންނަ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ.
(ޅ) "ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ރަސްމީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު ހޯދުމާއި ، އެއްކޮށް އެކުލަވާލުމާއި، އާންމުކުރުމާއި،
ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށެވެ.
(ކ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ މެންބަރުންނަށެވެ.
(އ) "ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މުޅި އާބާދީ ނުވަތަ ކަނޑައެޅޭ ވަކި ދާއިރާއެއްގެ ހުރިހާ އެއްޗެއް ހިމެނޭގޮތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ.
(ވ) "އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަންތަނާއި ހުރިހާ ފަރުދުން ހިމެނޭގޮތަށް، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ.
(މ) "އެހެނިހެން ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ފިޔަވައި، އެހެނިހެން ބާވަތުގެ މުޅި އާބާދީ (މަސައްކަތް ހިންގާ ތަންތަން، ގަސްގަހާގެހިފަދަ) ނުވަތަ ކަނޑައެޅޭ ވަކި އެއްޗެއް ހިމެނޭ ގޮތުން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ. އެހެނިހެން ބޯހިމެނުމަށް ނިސްބަތްކުރާއިރު ބޯހިމެނުން ނިސްބަތްވާ އެއްޗެއްގެ ނަން ބޯހިމެނުމުގެ ކުރިއަށް (އިކޮނޮމިކް ސެންސަސް، އެގްރިކަލްޗަރ ސެންސަސް މިފަދައިން) ގެންނަންވާނެއެވެ.
(ފ) "ތަފާސްހިސާބުގެ ގައުމީ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލެވިގެންވާ ތަފާސްހިސާބުގެ ގައުމީ ނިޒާމަށެވެ.
(ދ) "ސަރވޭ" ކަމަށް ބުނެފައި އެވަނީ، މުޅި އާބާދީ ނުހިމެނޭގޮތަށް، ހަވާލާދެވޭ ވަކި އާބާދީއަކަށް ނުވަތަ ވަކި އާބާދީއެއްގެ ބަޔަކަށް ހުރިހާ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހޮވޭ ސާމްޕަލްއަކަށް ބިނާކޮށް މައުލޫމާތު ނެގުމަށެވެ.
(ތ) "ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެކުލަވާލައި، ޖުމްލަ ހިސާބުތަކެއްގެ ގޮތުގައި، ވަކިފަރާތެއް ހާމަނުވާފަދަގޮތަށް ނެރެވޭ ނަތީޖާއަށެވެ.
(ލ) "ކްލެސިފިކޭށަން" ނުވަތަ "ކޯޑިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ހޯދޭ މައުލޫމާތު ތަފާސްހިސާބަށް ބަދަލުކުރުމަށް ބޭނުންކުރެވޭ ހިސާބުކުރުމުގެ ނިޒާމުތަކަށެވެ.
(ގ) "އިދާރީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، އަމަލުކުރެވޭ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްކުރެވޭ މައުލޫމާތަށެވެ.
(ޏ) "ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތަފާސްހިސާބުގެ ތެރެއިން އެއިރަކަށް އެންމެ އިސްކަންދީގެން ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އުފެއްދުމަށް ކަނޑައެޅޭ، އަދި ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމްގައި ހިމެނިފައިވާ ތަފާސްހިސާބަށެވެ.
(ސ) "ރަސްމީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ގައުމީ ފެންވަރުގައި އެކި ދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ. އަދި މިފަދަ ތަފާސްހިސާބަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުން ތަފާސްހިސާބުގެ އަސާސްތަކަށް ބިނާކޮށް ބިއުރޯއިން ވަޒަންކުރެވި ކަނޑައެޅިފައިވާ ފެންވަރަށް ފެތޭ ތަފާސްހިސާބެވެ.
(ޑ) "ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
(ޒ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތުތައް ތަންފީޒުކު ރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ޓ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ޔ) "ދައުލަތުގެ މާލިއްޔަތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.
(ޕ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ.
(ޖ) "ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސަރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވާލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަން، ގޭގެ، އިމާރާތްފަދަ ތަންތަނަށް) އަދި އެތަންތަނާ ބެހޭ އަސާސީ މައުލޫމާތު، ތަން ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވާލެވޭ ލިސްޓުތަކަށެވެ.
(ޗ) "ޑިސެމިނޭށަން ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އެކުލަވާލާ ރަސްމީ ތަފާސްހިސާބު އާންމުކުރުމާއި، އިސްލާހު ގެނައުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެންމެންނަށް އެއްހަމައެއްގައި ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ތަފާސްހިސާބު އާންމުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ކަނޑައަޅާ ސިޔާސަތަށެވެ.
(ހހ) "އެޑްވާންސް ރިލީޒް ކަލަންޑަރ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތަފާސްހިސާބު އާންމުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތަކާއި ވަގުތު ކަނޑައެޅި ދުރާލާ އާންމުންނަށް އެނގޭގޮތަށް އާންމުކުރެވޭ ކަލަންޑަރަށެވެ.
ޖަދުވަލު 1
ރަސްމީ ތަފާސްހިސާބުގެ މައިގަނޑު އަސާސްތައް
އަސާސް 1:
ރަސްމީ ތަފާސްހިސާބަކީ ޑިމޮކްރެޓިކް މުޖްތަމައެއްގެ މައުލޫމާތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަގުނުކުރެވޭހާ މުހިންމު ވަސީލަތެކެވެ. އެގޮތުން އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި ސަރުކާރާއި، އާންމު ފަރުދުންނަށް ގައުމުގެ ހާލަތު ވަޒަންކުރުމަށް އެހީއަކަށްވެއެވެ. އެހެންކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާންމު މައުލޫމާތުގެ ގޮތުގައި ސަރުކާރުގެ ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އެކުލަވާލައި އެންމެހައި ފަރުދުންނަށް އެއް ހަމައެއްގައި ފޯރުކޮށްދޭންވާނެއެވެ.
އަސާސް 2:
ރަސްމީ ތަފާސްހިސާބަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ އެއްޗެއްގެ ގޮތުގައި ހަދައި، އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ތަފާސްހިސާބު އެއްކޮށް، އެކުލަވާލުމާއި ރައްކާކުރުމާއި، ހާމަކުރުމުގައި، ސައިންޓިފިކް އުސޫލުތަކާއި ހަމަތަކުގެމަތިން، ޕްރޮފެށަނަލް އެތިކްސްއާ އެއްގޮތަށް އަމަލުކުރުންމަތީ ދެމިތިބެންވާނެއެވެ.
އަސާސް 3:
ޑޭޓާ ރަނގަޅަށް މާނަކުރުމަށް މަގުފަހިކުރުމަށްޓަކައި ، ތަފާސްހިސާބު ނަގައި ބަލަހައްޓާ އިދާރާތަކުން ސައިންޓިފިކް އުސޫލުތަކާއި ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަފާސްހިސާބު އެކުލަވާލައި ހާމަކުރަންވާނެއެވެ.
އަސާސް 4:
ތަފާސްހިސާބު ނަހަމަގޮތުގައި ބޭނުންކުރުމާއި އޭގެ މާނަ އޮޅޭގޮތަށް ގޯސްކޮށް މާނަކޮށް ބޭނުންކުރާ ހާލަތްތަކުގައި، ތަފާސްހިސާބު ނަގައި ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެކަންކަމުގެ ރަނގަޅުގޮތް އަންގައިދީ، އެކަންކަން އޮޅުންފިލުވައިދީ، ރަނގަޅަށް މާނަކޮށްދިނުމުގެ ޒިންމާ އުފުލަންވާނެއެވެ.
އަސާސް 5:
:ތަފާސްހިސާބު އެކުލަވާލުމަށް ހޯދޭ ޑޭޓާ، ސަރވޭކޮށްގެންނާއި ސަރުކާރުގެ އިދާރީ ރިކޯޑްތަކުގެ ތެރެއިންނާއި، އެނޫންވެސް ގޮތްގޮތަށް އެއްކުރެވިދާނެއެވެ. އެގޮތުން ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުން ޑޭޓާ ހޯދާނެ ގޮތްތައް ކަނޑައެޅުމުގައި ޑޭޓާގެ ކޮލިޓީއަށާއި، ލިބޭ އަވަސްމިނަށާއި، ހިނގާނެ ހަރަދަށާއި، މައުލޫމާތުދޭ ފަރާތްތަކުގެ ބުރައަށް ރިއާޔަތްކުރަންވާނެއެވެ.
އަސާސް 6:
ތަފާސްހިސާބު އެކުލަވާލުމަށްޓަކައި، ވަކިވަކި ފަރުދުންނާއި، ވިޔަފާރިފަދަ ތަންތަނުން އެއްކުރެވޭ ފަރުދީ ފެންވަރުގެ ޑޭޓާއަކީ، ތަފާސްހިސާބު އެކުލަވާލުމުގައި މެނުވީ އެހެން އެއްވެސް ގޮތަކަށް ބޭނުންނުކުރެވޭނެ އެއްޗެއްކަމުން ތަފާސްހިސާބު ނަގައި ބަލަހައްޓާ އިދާރާތަކުން، އެފަދަ ފަރުދީ ޑޭޓާގެ ސިއްރު ހިފެހެއްޓުމަށް ކޮންމެހެން ލާޒިމުވެގެންވެއެވެ.
އަސާސް 7:
ތަފާސްހިސާބުގެ ގައުމީ ނިޒާމު ހިންގުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް އާންމުކޮށްފައި ހުންނަންވާނެއެވެ.
އަސާސް 8:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމައަށް ހިންގުމާއި މަސައްކަތްތައް އެއް އުސޫލެއްގެމަތިން ގެންދިއުމަށްޓަކައި ، ތަފާސްހިސާބު އެއްކޮށް އަދި ބަލަހައްޓާ އިދާރާތަކުގެ މެދުގައި ފުރިހަމައަށް ކަންކަން ވިލަރެސްކުރުމަކީ ކޮންމެހެންކުރަންޖެހޭނެ ކަމެކެވެ.
އަސާސް 9:
ތަފާސްހިސާބު އެއްކޮށް އަދި ބަލަހައްޓާ އިދާރާތަކުން ބައިނަލްއަގްވާމީ ކޮންސެޕްޓްތަކާއި ، ކްލެސިފިކޭށަންތަކާއި ، އުސޫލުތައް ގެންގުޅުމަކީ، ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމައަށް ހިންގުމާއި މަސައްކަތްތައް އެއް އުސޫލެއްގެމަތިން ގެންދިއުމަށް މަގުފަހިކުރުވާނެ ކަމެކެވެ.
އަސާސް 10:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން ދޭދޭ ގައުމުތަކުގެ މެދުގައާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރަންވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު