-

ތަފާސްހިސާބުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-19)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން އެކުލަވައިލަންޖެހޭ ތަފާސްހިސާބު އެކުލަވައިލުމާ ގުޅޭ އެންމެހައި އުސޫލުތަކާއި، އެ ގާނޫނުގެ ދަށުން ތަންފީޒު ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 66 ވަނަ މާއްދާގެ

(ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ތަންފީޒު ކުރުމަށް މަގުފަހިކުރުމަށް ޓަކައި، އެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ އުސޫލުތައް ކަނޑައަޅައި އާންމުކުރުން.

(ށ) ބިއުރޯއިން ދޫކުރާ ހުއްދަތައް ދޫކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ނ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން.

(ރ) ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން.

(ބ) ތަފާސްހިސާބު އެއްކުރުމަށް މައުލޫމާތު ފޯރުކޮށްދޭ އާންމު ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން.

(ޅ) މި ގަވާއިދުގެ ދަށުން ބިއުރޯއަށް ށަކުވާ ހުށަހަޅާ ގޮތާއި، ށަކުވާ ބަލާނެ އުސޫލުތަކާއި، ފިޔަވަޅުއަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅުއަޅާނެ އުސޫލުތައް ބަޔާންކުރުން.

 

ދެވަނަ ބާބު

ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންވާ ސަރވޭތައް ކުރުމުގެ އުސޫލު

 

3 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންވާ ސަރވޭތައް ކަނޑައެޅުން

ގައުމީ ފެންވަރުގައި ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު އެކި ދާއިރާތަކުން ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގްތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތައް ކަނޑައަޅާނީ ބިއުރޯއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި މަށްވަރާ ކުރެވިގެންނެވެ.

 

4 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތައް ކަނޑައަޅާ އުސޫލު

މި ގަވާއިދުގެ ދަށުން ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭނެ ސަރވޭތައް ކަނޑައެޅޭނީ އަންނަނިވި އުސޫލުތަކުގެ މަތީންނެވެ.

(ހ) ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ސަރވޭތަކުގެ ތެރޭގައި އެ އިރަކަށް އެންމެ އިސްކަންދީގެން، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އުފެއްދުމަށް ކަނޑައެޅޭ ތަފާސްހިސާބު (ޑެޒިގްނޭޓެޑް ސްޓެޓިސްޓިކްސް) އެއްކުރުމަށް ކުރެވޭ ސަރވޭތައް.

(ށ) އެ ސަރވޭއެއްގެ ނަތީޖާ ގައުމީ ފެންވަރުގައި ސައްހަކަންމަތީ އެކުލަވައިލެވޭ މިންވަރުގެ ސައިންޓިފިކް ސާމްޕަލެއް ނަގައިގެން ދައުލަތުގެ މުއައްސަސާއަކުން ކުރާ ސަރވޭތައް.

(ނ) ރާއްޖޭގެ ތަރައްގީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ސަރވޭތައް.

(ރ) ގައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީ ނުވަތަ އެއަށް ބިނާކޮށް އެކުލަވައިލެވޭ ސެކްޓޯރަލް ސްޓެޓިސްޓިކްސް ސްޓްރެޓަޖީގައި ހިމެނޭ ސަރވޭތައް.

  1. ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމުގައި ހިމެނޭ ސަރވޭތައް؛
  2. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، އެހެނިހެން ބޯހިމެނުންތައް.

 

5 ވަނަ މާއްދާ - ސަރވޭ ކުރުމުގެ ހުއްދަ

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ސަރވޭތައް ކުރެވޭނީ ބިއުރޯއިން ހުއްދަ ހޯދައިގެންނެވެ.

(ށ) ބިއުރޯއިން ދޭ ހުއްދައަކީ ޗީފް ސްޓެޓިސްޓީށަން ނުވަތަ ޗީފް ސްޓެޓިސްޓީށަން ކަނޑައަޅާ ފަރާތަކުން ދޭ ހުއްދައެކެވެ.

(ނ) ސަރވޭކުރުމުގެ ހުއްދައަށް އެދޭއިރު، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ މައުލޫމާތު ހިމެނޭގޮތަށް ބިއުރޯއަށް ހުށަހަޅަންވާނެއެވެ.

(ރ) ސަރވޭއެއް ކުރުމުގެ 4 (ހަތަރެއް) ހަފުތާގެ ކުރިން، ފުރިހަމަ މައުލޫމާތާއެކު ހުއްދައަށް އެދެންވާނެއެވެ.

(ބ) ފުރިހަމަ މައުލޫމާތާއެކު ހުށަހަޅާ ފަރާތްތަކަށް ނަމަ، ހުއްދައަށް އެދި ހުށަހަޅާތާ 2 (ދޭއް) ހަފުތާގެ ތެރޭގައި ހުއްދަ ދޫކުރަންވާނެއެވެ.

(ޅ) ސަރވޭތައް ކުރަންވާނީ، އެކަމަށް ދީފައިވާ ހުއްދައިގައި ބަޔާންކޮށްފައިވާ ތާރީހުތަކާއި މައުލޫމާތާއި، ހުއްދައަށް އެދި ހުށަހަޅާ ލިޔުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ، ބިއުރޯއަށް ލިޔުމަކުން އަންގައި، އެ ބަދަލަކަށް ބިއުރޯގެ ހުއްދައެއް ހޯދަންވާނެއެވެ.

 

6 ވަނަ މާއްދާ - ސަރވޭ ކުރާކަން އާންމުކޮށް އިއުލާނުކުރުން

މި ގަވާއިދުގެ ދަށުން ހުއްދަދީގެން ސަރވޭއެއް ކުރާނަމަ، އެ ސަރވޭއެއް ކުރާ ދައުލަތުގެ މުއައްސަސާއަކުން، އެ ސަރވޭއެއް ފެށުމުގެ ކުރިން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ސަރވޭ ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް

(ހ) ސަރވޭތައް ކުރުމުގެ ކުރިން، ޑޭޓާ ބޭނުންކުރާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަށްވަރާކޮށް، ކޮންމެހެން ބޭނުންވާ މުހިންމު މައުލޫމާތު ދެނެގަނެ، އެ ބައިތައް ހިމެނުމަށް އިސްކަންދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަށްވަރާތަކުގައި، ކަމާ ގުޅުންހުރި ފަރާތްތައް (ސްޓޭކްހޯލްޑަރުން) ހިމަނަން އިސްކަން ދޭންވާނެއެވެ.

(ނ) ހުއްދައަށް އެދޭ ސަރވޭއަކީ ވަކި ދާއިރާއަކާ ގުޅޭ ސަރވޭއެއް ނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާގެ މަށްވަރާ ހޯދަންވާނެއެވެ.

(ރ) ރަސްމީ ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި، އައު ސަރވޭއެއް ކުރުމަށް ނިންމުމުގެ ކުރިން، އެ އިރެއްގައި ކުރެވޭ ސަރވޭއެއްގެ ތެރެއިން މި މައުލޫމާތު ނެގިދާނެތޯ ބަލަންވާނެއެވެ.

(ބ) ރަސްމީ ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި، އައު ސަރވޭއެއް ކުރުމަށް ނިންމުމުގެ ކުރިން، އިދާރީ ތަފާސްހިސާބުގެ ތެރެއިން ނުވަތަ އެހެން ގޮތަކުން ސައްހަކަންމަތީގައި މި މައުލޫމާތު ލިބެންހުރިތޯ ބަލަންވާނެއެވެ.

(ޅ) ސަރވޭއަށް މައުލޫމާތު ދިނުމުގައި ރައްޔިތުން އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް ޓަކައި، ސުވާލުތައް މަދުކޮށް، ޖަވާބުދިނުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

(ކ) ސަރވޭއެއް ކުރިޔަށްގެންދަން ރާވާއިރު، ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ މެދުގައި ވިލަރެސްކޮށް، ރިސޯސް ހިއްސާކުރުން ފަދަ ގޮތްގޮތުން، ހިނގާނެ ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ސަރވޭތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން

ރަސްމީ ތަފާސްހިސާބު އެކުލަވައިލުމަށް، ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އަންނަނިވި އަސާސީ މައުލޫމާތުތައް ބިއުރޯއިން ބަލަހައްޓަންވާނެއެވެ.

(ހ) ސަރވޭގެ ނަން.

(ށ) ސަރވޭގެ މަސައްކަތްކުރާނެ ދައުލަތުގެ މުއައްސަސާގެ ނަން.

(ނ) ދައުލަތުގެ މުއައްސަސާއަކުން އެހެން ފަރާތަކާ ސަރވޭކުރުމަށް ހަވާލުކުރާނަމަ، އެ ފަރާތުގެ ނަން.

(ރ) ސަރވޭގެ މަގުސަދު.

(ބ) ސަރވޭ ކުރެވޭ ސަރަހައްދުތައް.

(ޅ) ސަރވޭގެ ސާމްޕަލް ސައިޒު.

(ކ) ސަރވޭ ކުރާ ގޮތް.

(އ) ސަރވޭ ކުރާ ތާރީހު.

(ވ) ސަރވޭ އަމާޒުކުރާ ފަރާތް.

)މ( ކަމާބެހޭ ދައުލަތުގެ މުއައްސަސާއިން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ނަމާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް.

(ފ) ރިޕޯޓު ނެރެވޭނެ ތާރީހު.

 

9 ވަނަ މާއްދާ - ހުއްދަ ހޯދާ ސަރވޭތަކާ ބެހޭގޮތުން އާންމުކުރަންޖެހޭ މައުލޫމާތު

ހުއްދަ ދޭ ސަރވޭތަކުގެ ނަތީޖާއާއި، މެތޮޑޮލޮޖީއާއި، ދިރާސީ ރިޕޯޓު، ކަނޑައެޅިފައިވާ ތާރީހަށް އާންމުކުރުމާއެކު ބިއުރޯއާ ހިއްސާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތްކަން އަންގައިދޭ ފާސް

(ހ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ރަސްމީ ތަފާސްހިސާބު އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތްކަން އެނގޭނެ ފަދަ ފާހެއް ދޫކުރެވޭނެއެވެ.

(ށ) ބިއުރޯއިން ކުރާ ސަރވޭތަކަށާއި ބޯހިމެނުމުގެ މަސައްކަތަށް ފާސް ދޫކުރާނީ ބިއުރޯއިންނެވެ. އަދި ދައުލަތުގެ އެހެން އިދާރާއަކުން ކުރާ ސަރވޭއެއް ނަމަ، އެ އިދާރާއަކުންނެވެ.

(ނ) ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތްކަން އަންގައިދިނުމަށް ދޭ ފާހުގައި ހިމެނެންޖެހޭ މައުލޫމާތު، ތިރީގައި މިވަނީއެވެ.

  1. ސަރވޭގެ ނަން؛ 
  2. ސަރވޭ ކުރުމުގެ މަސައްކަތް ހަވާލުކުރާ ދައުލަތުގެ މުއައްސަސާގެ ނަމާއި، ރަސްމީ ތައްގަނޑު، ނުވަތަ އައުޓްސޯސް ކޮށްފައިވާނަމަ، އެ ފަރާތެއްގެ ތައްގަނޑު،
  3. މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާ ފަރާތުގެ ފުރިހަމަ ނަން؛ 
  4. ހުއްދަ ބޭނުންކުރެވޭނެ މުއްދަތު؛
  5. ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ފަރާތެއްގެ ފޯނު ނަންބަރު؛
  6. ފާސް ގެއްލިއްޖެ ހާލަތެއްގައި އެ ފާސް ފެނުނު ފަރާތަކުން އަމަލުކުރާނެ ގޮތް. 

(ރ) ފާސް ހިފައިގެން މައުލޫމާތު އެއްކުރަންދާ ފަރާތުގެ އައިޑެންޓިޓީ ޔަގީންކުރަން، މައުލޫމާތު ދޭ ފަރާތުން ބޭނުންވެއްޖެނަމަ، އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޑްރައިވިންގ ލައިސަންސް، ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ދައްކަންވާނެއެވެ.

(ބ) ސަރވޭ ކުރިޔަށްގެންދާ ހުރިހާ ވަގުތެއްގައި، ބިއުރޯއިން ނުވަތަ ބިއުރޯއިން ކަނޑައަޅާ ފަރާތަކުން ދޫކުރާ ފާސް ފެންނަން ހުންނާނެ ގޮތަށް އެ ފަރާތްތަކުން އެ ފާސް ގެންގުޅެންވާނެއެވެ.

(ޅ) ސަރވޭގެ މަސައްކަތުގައި އުޅޭއިރު، މައުލޫމާތު ދޭ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، ސަރވޭކުރުމުގެ ހުއްދަ އެ ފަރާތަކަށް ދައްކަންވާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ އޮތްކަން ބެލުމުގައި ފަރުދުންގެ ޒިންމާ

ތަފާސްހިސާބާބެހޭ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން، މައުލޫމާތު އެއްކުރަންދާ ފަރާތަކީ އެކަމުގެ ހުއްދަ ލިބިފައިވާ މީހެއްކަން ޔަގީންކުރަންވާނެކަމާއި، އެފަދަ ހުއްދައެއް އޮތްކަން އެނގޭފަދަ ފާހެއް ނެތް ފަރާތަކަށް މައުލޫމާތު ދިނުމަކީ މި ގަވާއިދުގެ ދަށުން ލާޒިމު ކަމެއް ނޫންކަން އާންމުކޮށް އެންގުމާއި، މިކަމުގައި އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ބިއުރޯއިން މަސައްކަތް ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ބޯހިމެނުމާއި ސަރވޭކުރުމަށް ތަންތަނަށް ވަނުމުގެ ހުއްދަ

(ހ) ބިއުރޯއިން ހުއްދަދީފައިވާ ސަރވޭއަކަށް ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި ދާ އޮފިސަރަކަށް އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ވަގުތު އެ ތަނެއްގައި ހުރި މަސްއޫލުވެރި ފަރާތަކުން އެ ތަނަށް ވަނުމުގެ ހުއްދަ ދޭންވާނެއެވެ.

(ށ) އެ ތަނެއްގެ ވެރި ފަރާތުން އެ ތަނަކަށް ވަނުމުގެ ހުއްދަ ނުދީފިނަމަ، އެ ތަނަކަށް ވަނުމަށް ޓަކައި ކޯޓު އަމުރަކަށް އެދުމުގެ އިހްތިޔާރު، ބިއުރޯއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ހުއްދަ ހޯދަން ނުޖެހޭ ސަރވޭ

އަންނަނިވި ސަރވޭތަކަކީ، ހުއްދަ ހޯދަންޖެހޭ ސަރވޭތަކެއް ނޫނެވެ.

(ހ) ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ކުރާ ބޭސްލައިން ސަރވޭއާއި، މާކެޓް ސަރވޭ ފަދަ، ގައުމީ ފެންވަރުގެ ސައިންޓިފިކް ސާމްޕަލަކަށް ބިނާވެފައި ނުވާ އަދި އޭގެ ބޭނުންކޮށްގެން ރަސްމީ ތަފާސްހިސާބާއި އިންޑިކޭޓަރތައް އެކުލަވައިނުލެވޭ ސަރވޭތައް.

(ށ) ދައުލަތުގެ އިދާރާއަކުން ހަވާލުކޮށްގެން ނޫންގޮތަކަށް ޕްރައިވެޓް ސެކްޓަރއިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ ސަރވޭތައް.

(ނ) ދައުލަތުގެ އިދާރާއަކުން ހަވާލުކޮށްގެން ނޫންގޮތަކަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ ސަރވޭތައް.

)ރ) ކިޔަވާ ކުދިންގެ ތަމްރީނުގެ ބައެއްގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓާއި ތީސީސް ފަދަ ކަންކަމަށް އެ ކުދިން ކުރާ ސަރވޭތަކާއި، ރިސާޗަރުން އެކިއެކި އަމިއްލަ ބޭނުންތަކަށް ކުރާ ސަރވޭތައް.

 

ތިންވަނަ ބާބު

ބޯހިމެނުމުގައި ބަލާނެ ކަންކަމާއި، މައުލޫމާތު ހޯދޭނެ ދާއިރާތަކާއި، ބައިވެރިވާނެ ފަރާތްތަކާއި ބޯހިމެނުމާގުޅޭ އެންމެހައި އުސޫލުތައް

 

14 ވަނަ މާއްދާ - ބޯހިމެނުން

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަންތަނާއި ހުރިހާ ފަރުދުން ހިމެނޭގޮތަށް، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ރާވައި ހިންގުމާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނީ ބިއުރޯގެ ފަރާތުންނެވެ.

(ށ) ދިވެހިރާއްޖޭގައި އިގްތިސާދީ މަސައްކަތް ހިންގާ ހުރިހާ ތަންތަން ހިމެނޭގޮތަށް، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި، އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން ރާވައި ހިންގުމާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނީ ބިއުރޯގެ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ހިމެނިފައިނުވާ، އެހެނިހެން ބޯހިމެނުން ބޭއްވުމަށް ކަނޑައަޅާނީ، ބިއުރޯގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަށްވަރާކޮށްގެންނިންމާ ގޮތެއްގެ މަތީންނެވެ.

 

15 ވަނަ މާއްދާ - ބޯހިމެނުން ބާއްވާނެ ތާރީހު

(ހ) މަދުވެގެން ކޮންމެ 10 (ދިހައެއް) އަހަރަކުން 1 (އެކެއް) ފަހަރު ބޯހިމެނުން ބާއްވަން ކަނޑައެޅިފައިވުމާއެކު، މި މުއްދަތުގައި ނުބޭއްވިދާނެފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ރިއާޔަތްކޮށް، ކޮންމެ 8 (އަށެއް) އަހަރަކުން 1 (އެކެއް) އަހަރު ބޯހިމެނުމަށް ބިއުރޯއިން ތާވަލު ކުރަންވާނެއެވެ.

(ށ) ބޯހިމެނުމުގެ މައުލޫމާތު އެއްކުރަން ފެށުމުގެ މަދުވެގެން 1 (އެކެއް) އަހަރުގެ ކުރިން ބޯހިމެނުން ބާއްވާނެ ތާރީހު ބިއުރޯއިން ކަނޑައަޅައި، އާންމުކޮށް އެކަން އިއުލާނު ކުރަންވާނެއެވެ.

(ނ) ބޯހިމެނުން ބާއްވާނެ ތާރީހު އާންމުކޮށް އިއުލާނުކުރުމަށްފަހު އެ ތާރީހަށް ބަދަލެއް ގެންނަންވާނީ، ދިމާވާ ހާއްސަ ހާލަތަކަށް ރިއާޔަތްކޮށް ބިއުރޯއިންނެވެ. 

(ރ) ބޯހިމެނުން ބާއްވާނެ ތާރީހު އާންމުކޮށް އިއުލާނު ކުރުމުގެ ކުރިން، ބޯހިމެނުމަށް ބޭނުންވާ ބަޖެޓް ލިބޭނެކަމާއި، ވާންޖެހޭ ތައްޔާރީތައް ވެވޭނެކަން ބިއުރޯއިން ޔަގީންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ބަޖެޓު

(ހ) ބިއުރޯގެ ފަރާތުން ބޯހިމެނުން ބާއްވަން ކަނޑައަޅާ އަހަރުގެ 2 (ދޭއް) އަހަރު ކުރިން ބޯހިމެނުގެ ޕްލޭންތައް އެކުލަވައިލައި، ބޭނުންވާ ބަޖެޓް އެކި އަހަރަށް ބަހައިލައި، ދުރާލައި ހޯދަންޖެހޭ މުދަލާއި ހިދުމަތް ފާހަގަކޮށް ބަޖެޓުގައި ހިމަނައި، ބޯހިމެނުމުގެ ތަފުސީލު ބަޖެޓް އެކުލަވައިލައި، ކަމާބެހޭ ވުޒާރާތަކަށް ހުށަހަޅަންވާނެއެވެ.

(ށ) ބޯހިމެނުން ބޭއްވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ދޭންވާނެއެވެ.

(ނ) ގާނޫނު އަސާސީން ކަނޑައެޅިފައިވާ ރިޔާސީ އިންތިހާބުގެ އަހަރުތައް ފަދަ ދައުލަތުގެ ހަރަދު އާދަޔާ ހިލާފަށް ބޮޑުވާ އަހަރުތަކާ ފުށުނާރާ ގޮތުގެ މަތީން ބޯހިމެނުން ބާއްވާނެ އަހަރު ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ.

(ރ) ބޯހިމެނުމުގެ އެކި ހަރަކާތްތަކަށް ހިނގާ ހަރަދު ތަފުސީލުކޮށް ލިޔެ ބަލަހައްޓައި، ކުރިޔަށް ރާވައި ބޯހިމެނުމަށް ބަޖެޓް ކުރުމުގައި ބޭނުންކުރުމަށް ޓަކައި ފުރިހަމައަށް ޑޮކިއުމަންޓްކޮށް، އަދި ބޯހިމެނުމުގެ އިދާރީ ރިޕޯޓުގައި ހިމަނައި އާންމުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ބޯހިމެނުމާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރުން

(ހ) ބޯހިމެނުންތައް ކުރިޔަށް ގެންދަންވާނީ، ބޯހިމެނުމާ ގުޅޭގޮތުން އަމަލުކުރަމުންދާ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) އާ ހަވާލާދީފައިވާ ބައިނަލްއަގްވާމީ މިންގަނޑުތައް، ބިއުރޯގެ ވެބްސައިޓުގައި ހިމަނަންވާނެއެވެ.

(ނ) ބޯހިމެނުން ރާވައި ކުރިޔަށް ގެންދިޔުމުގައި، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމަށް ހާއްސަކޮށްގެން އ.ދ ގެ ފަރާތުން އެކުލަވައިލާ "ޕްރިންސިޕަލްސް އެންޑް ރެކޮމެންޑޭށަންސް ފޮރ ޕޮޕިއުލޭށަން އެންޑް ހައުސިންގ ސެންސަސް" އާއި އޭގެ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް ގެންދިޔުމަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އިތުރުންވެސް، ބޯހިމެނުމަށް ހާއްސަކޮށްގެން އ.ދ ގެ ފަރާތުން އެކުލަވައި ލާ އެކިއެކި ރިކޮމެންޑޭށަންތަކާއި އަތްމަތީ ފޮތްތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ބ) ބޯހިމެނުމުން އެއްކުރެވޭ އިގްތިސާދީ އެކިއެކި މަސައްކަތްތަކުގެ މައުލޫމާތު ކޯޑުކުރުމުގައި ބޭނުންކުރަންވާނީ، އ.ދ ގެ "އިންޓަރނޭށަނަލް ސްޓޭންޑަރޑް އިންޑަސްޓްރިއަލް ކްލެސިފިކޭށަން" ނުވަތަ އޭގެ މައްޗަށް ބިނާކޮށް ބިއުރޯއިން އެކުލަވައިލާ އާންމުކުރާ ނޭށަނަލް ކްލެސިފިކޭށަނެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ނޫން ހުރިހާ މައުލޫމާތެއް ކޯޑުކުރުމުގައި ބޭނުންކުރަންވާނީ، އ.ދ ގެ ފަރާތުން އެކުލަވައިލާ މި ނޫންވެސް އެކިއެކި ކްލެސިފިކޭށަންތައް ނުވަތަ އޭގެ މައްޗަށް ބިނާކޮށް ބިއުރޯއިން އެކުލަވައި ލާ އާންމުކުރާ ނޭށަނަލް ކްލެސިފިކޭށަންތައް ނުވަތަ ބިއުރޯއިން ގަބޫލުކުރާ ކޯޑިންގ ސިސްޓަމްތަކެވެ.

 

18 ވަނަ މާއްދާ - ބޯހިމެނުމުގައި ބޭނުންކުރާ ސުވާލުކަރުދާސްތައް

(ހ) ބޯހިމެނުމުގައި ބޭނުންކުރާ ސުވާލުކަރުދާސް ބިއުރޯއިން އެކުލަވައިލަންވާނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދައި، ފުޅާ ދާއިރާއެއްގައި ދުރާލައި މަށްވަރާކޮށްގެންނެވެ.

(ށ) ބޯހިމެނުމުގެ މަސައްކަތަކީ ކަނޑައަޅައިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތެއް ކަމުގައި ވާތީއާއި، އެންމެހައި ފަރުދުންނާއި ގޭބިސީތައް ހިމެނިގެން ފުރިހަމަވާނެ ހަރަކާތެއްކަމުން، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ނިންމޭވަރުގެ ސުވާލުކަރުދާހެއް ގެންގުޅުމަށް ސަމާލުކަން ދޭންވާނެއެވެ.

(ނ) ބޯހިމެނުމުގެ ސުވާލުކަރުދާސް އެކުލަވައިލުމުގައި، ސާމްޕަލް ސަރވޭއަކުން ސައްހަކަންމަތީ ނުނެގޭފަދަ ރަށުފެންވަރުގައި ކޮންމެހެން ނެގުމަށް ބޭނުންޖެހިފައިވާ މައުލޫމާތު އެއްކުރުމަށް އިސްކަންދޭންވާނެއެވެ.

(ރ) ބޯހިމެނުމުގެ ސުވާލުކަރުދާސް ފަރުމާކުރުމަށްފަހު، ޕްރީ ޓެސްޓުކޮށް، އަދި ޕައިލެޓް ސެންސަސްއިން ފާހަގަކުރެވޭ ކަންކަން އިސްލާހުކޮށް، އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް މުރާޖައާކޮށްފައިވާ ސުވާލުކަރުދާހެއް ބިއުރޯއިން އެކުލަވައިލަންވާނެއެވެ.

 

19 ވަނަ މާއްދަ - ބޯހިމަނާ ސަރަހައްދުތައް ބެހުން

(ހ) ބޯހިމެނުން ފެށުމުގެ ކުރިން ބޯހިމަނާ ސަރަހައްދުތައް (ސެންސަސް ބްލޮކް) ކަނޑައަޅަންވާނެއެވެ. 

(ށ) ކޮންމެ ރަށެއްގެ ބޯހިމަނާ ސަރަހައްދު ބެހުމުގެ މަސައްކަތް ކުރިޔަށް ގެންދަންވާނީ، އެ ރަށެއްގެ ރަށު ކައުންސިލާ ގުޅިގެންނެވެ.

(ނ) ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ބޯހިމެނުމުގެ ސަރަހައްދު ފާހަގަކޮށް، ބްލޮކް ޗާޓުތައް އަދާހަމަ ކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ބޯހިމެނުމުގައި ތަންތަނުގައި ފާހަގަޖެހުން

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބޯހިމެނުމުގައި މައުލޫމާތު ނަގަންޖެހޭ އަދި ނަގައި ނިމިފައިވާ ތަންތަން ފާހަގަވާގޮތަށް އިމާރާތުގެ ބޭރުގައި ނުވަތަ ގޭގެ ބޭރުގައި ނަންބަރެއް ނުވަތަ ސްޓިކަރއެއް ފަދަ ފާހަގައެއް ޖެހިދާނެއެވެ.

 

21 ވަނަ މާއްދާ - ބޯހިމެނުމުގެ މައުލޫމާތު ނެގުމަށް ތަންތަނަށް ވަނުން

ތަޅުލައިފައި ހުންނަ ތަންތަނާއި، ލޮކް ސިސްޓަމް ހަރުކޮށްފައި ހުންނަ އިމާރާތްތަކާއި ތަންތަނަށް ބޯހިމަނާ މުއްދަތުގައި ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެ ތަނެއްގެ ވެރިފަރާތާއި ދިރިއުޅޭ ފަރާތްތަކުގެ ޒިންމާއެކެވެ.

 

22 ވަނަ މާއްދާ - ޔުޓިލިޓީ ކުންފުނިތަކުގެ އެހީތެރިކަން ހޯދުން

(ހ) ބޯހިމެނުމުގެ މައުލޫމާތު ނެގުމަށް ގޭގެއަށް ނުވަދެވޭ ހާލަތަކަށް ދުރާލައިތައްޔާރުވުމުގެ ގޮތުން، ޔުޓިލިޓީ ކުންފުނިތަކުގައިވާ ގޭބިސީތަކުގެ ފޯނު ނަންބަރުތައް، ޔުޓިލިޓީ ކުންފުނިތަކާއި ބިއުރޯއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ސިއްރު ހިފެހެއްޓޭނެ ގޮތެއްގެ މަތީން ހޯދުމަށް ބިއުރޯއިން މަސައްކަތް ކުރެވިދާނެއެވެ.

(ށ) ތަޅުލައިފައި ހުރުމުގެ ސަބަބުން ބޯހިމެނުމުގެ މައުލޫމާތު ނެގުމަށް ނުވަދެވިއްޖެ ހާލަތެއްގައި، ޔުޓިލިޓީ ކުންފުނިތަކަށް ދީފައިވާ ނަންބަރުތައް މެދުވެރިކޮށް އެ ފަރާތްތަކަށް ގުޅުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ބޯހިމެނުމުގެ މަރުކަޒު ގާއިމުކުރުން

(ހ) ބޯހިމަނާ މުއްދަތުގައި، މުޅިރާއްޖޭގެ ފެންވަރުގައި، މުޅި އޮޕަރޭށަން މެނޭޖްކޮށް މޮނިޓަރ ކުރުމަށް ޓަކައި، އެކަށީގެންވާ ތަނެއް، ވެރިކަންކުރާ ރަށް މާލެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ދޭންވާނެއެވެ.

(ށ) ބޯހިމަނާ މުއްދަތުގައި، އަތޮޅުތަކުގެ ފެންވަރުގައި އަތޮޅުގެ އޮޕަރޭށަން މެނޭޖްކޮށް މޮނިޓަރ ކުރުމަށް ޓަކައި، އެކަށީގެންވާ ތަނެއް، އަތޮޅުގެ ވެރިކަ ންކުރާ ރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލްތަކުން އެއްބާރުލުން ދޭންވާނެއެވެ.

 

24 ވަނަ މާއްދާ - ބޯހިމެނުމުގެ މަސައްކަތަކާ ގުޅޭ ރައްކައުތެރިކަމާއި ސަލާމަތީ ކަންތައް ބެލެހެއްޓުން

(ހ) ބޯހިމެނުމުގެ މަރުކަޒުގެ ގޮތުގައި ކަނޑައެޅޭ ސެންޓަރުތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ށ) ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އެހީތެރިކަން ހޯދިދާނެއެވެ.

 

25 ވަނަ މާއްދާ - ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ފަރާތްތައް

(ހ) ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އިނިއުމަރޭޓަރުންނާއި ސުޕަވައިޒަރުން ހޯދުމަށް ބޭނުންވާ އަދަދު ބިއުރޯއިން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) ބޯހިމެނުމަށް އިނިއުމަރޭޓަރުންނާއި ސުޕަވައިޒަރުން ހޮވުމުގައި، ތައުލީމާއި ތަޖުރިބާއާއި މަސައްކަތުގެ އަހުލާގަށް އިސްކަންދޭންވާނެއެވެ.

(ނ) ބޯހިމެނުމަށް އިނިއުމަރޭޓަރުންނާއި ސުޕަވައިޒަރުން ހޮވުމުގައި، ކުށުގެ ރިކޯޑާއި، އެމްޕްލޯއިމަންޓް ރެކޯޑާއި، ޓްރެއިނިންގ އެސެސްމަންޓާއި، ކުރީގެ ބޯހިމެނުމާއި ސަރވޭއެއްގެ މަސައްކަތެއްގައި ބައިވެރިވުމުގެ ތެރެއިން ފާހަގަކުރެވިފައިވާ ކަމަކާއި، ޓީޗަރެއްގެ ނުވަތަ ސުޕަވައިޒަރެއްގެ ރިފަރެންސް ފަދަ ކަންކަމަށް ރިއާޔަތް ކުރެވިދާނެއެވެ.

(ރ) ބޯހިމެނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާނެ ށަރުތުތަކާއި، ލިބޭނެ އިނާޔަތްތައް، މި މާއްދާގެ (ހ) ގެ ދަށުން ކުރާ އިއުލާނުގައި ހިމަނަންވާނެއެވެ.

(ބ) ބޯހިމެނުމުގެ ތަމްރީނު ދިނުމަށް ޓްރޭނަރުން ބޭނުންވާ އަދަދާއި، ހުންނަންވާނެ ށަރުތުތަކާއި، ލިބޭނެ އިނާޔަތްތައް އާންމުކޮށް އިއުލާނުކޮށް، މިކަމަށް ގާބިލު މީހުން ނެގުމަށް އިސްކަންދީ، ތަމްރީނުގެ ފެންވަރު ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ބޯހިމެނުމުގެ ތަމްރީނު

ބޯހިމެނުމުގެ ސުވާލު ކަރުދާސްތައް ފުރިހަމަކުރާނެ ގޮތާއި، މަސައްކަތުގެ އަމަލީ ތަމްރީނާއި، ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަށް ޓަކައި ސްޓޭންޑަރޑް ޓްރޭނިންގ މޮޑިއުލްތައް އެކުލަވައިލައި، ތަމްރީނު ޕްރޮގްރާމެއް ބިއުރޯގެ ފަރާތުން ހިންގަންވާނެއެވެ.

 

27 ވަނަ މާއްދާ - ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާ

(ހ) ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވުމާއި، ބޯހިމެނު މުގައި މައުލޫމާތު ނަގާ އެންމެހައި ތަންތަނާއި ފަރުދުން ހިމެނުމަށް ކުރާ މަސައްކަތް ފުރިހަމަކުރުމަށް ޓަކައި ވަޒީފާއަށް ގެނެސްފައިވާ ބިދޭސީންގެ ލިސްޓާއި، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ލިސްޓު ފަދަ މައުލޫމާތު، ސިއްރު ހިފެހެއްޓޭނެ ގޮތެއްގެ މަތީން، ބިއުރޯއިން ބޭނުންވެއްޖެ ހާލަތެއްގައި ފޯރުކޮށްދޭންވާނެއެވެ.

(ށ) ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ސުޕަވައިޒަރުންނާއި، ތަމްރީނުދޭ ފަރާތްތަކާއި، ކޯޑިނޭޓަރުންނާއި، އޮފިށަލުންގެ ގޮތުގައި ތަޖުރިބާ ލިބިފައިވާ މުވައްޒަފުން ވީއްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ބިއުރޯއިން އެދިއްޖެނަމަ، އަދި މުވައްޒަފުން އަމިއްލައަށް މި މަސައްކަތުގައި ބައިވެރިވާން ބޭނުންވެގެން އެދޭ ހާލަތްތަކުގައި އެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.

(ނ) ބޯހިމެނުމުގެ މަސައްކަތަށް ދޫކުރާ މުވައްޒަފުންނާއި، އަމިއްލަގޮތުން ކުރިމަތިލައިގެން ބައިވެރިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ވެސް އެ ރޯލެއް އަދާކުރާ އެހެން ފަރާތްތަކަށް ދިނުމަށް ކަނޑައަޅައިފައިވާ އިނާޔަތްތައް ދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ބިދޭސީ މަސައްކަތްތެރީން ވަޒީފާގައި ގެންގުޅޭ ފަރާތްތަކުގެ ޒިންމާ

(ހ) ބޯހިމެނުމަށް ތައްޔާރުވާ ދުވަސްވަރާއި، ބޯހިމަނާ ދުވަސްވަރު، ވަޒީފާދޭ އެންމެހައި 
ފަރާތްތަކުން، އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ބިދޭސީންގެ މައުލޫމާތު ނެގުމަށް މަގުފަހިކޮށްދީ، ލޭބަރ ކުއާޓަރުތަކާއި އެ ނޫންވެސް ތަންތަނުން މައުލޫމާތު އެއްކުރަންދާ އިނިއުމަރޭޓަރުންނަށް އެހީތެރިވެ، މަސައްކަތްތެރީންނަށް މިކަމަށް ވަގުތު ހުސްކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ށ) ބޯހިމެނުމަށް ޓަކައި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގައި، ޑޮކިއުމަންޓް ހުރި މީހުންނާއި ޑޮކިއުމަންޓް ނެތް މީހުން ވެސް ހިމެނޭގޮތަށް، އެއްވެސް ތަފާތުކުރުމެއްނެތި މައުލޫމާތު ނެގުމަށް މަގުފަހިކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ނ) ބޯހިމެނުމުގައި އެއްކުރާ ވަކިވަކި ފަރުދުންނާއި މަސައްކަތް ހިންގާ ތަންތަނުގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އެއްކުރާ އެއްވެސް މައުލޫމާތެއް، ތަހުގީގަކަށް ނުވަތަ ދައުވާއެއް އުފުލުމަށް ނުވަތަ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުވަތަ އިދާރީ ފިޔަވަޅެއް އެޅުމަށް، އެއްވެސް ފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

(ބ) ބޯހިމެނުމުގައި ނަގާ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެކަމާއި، ގާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންނުކުރެވޭނެކަން ބިދޭސީންނަށް އަންގައިދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ޅ) ބިދޭސީން ދިރިއުޅޭ ލޭބަރ ކުއާޓަރުތަކާއި ސިނާ އީ މަސައްކަތަށް ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތް ހިންގާ ފަރާތްތަކުން، ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުންނާއި މި މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ މައުލޫމާތު، ބިއުރޯއިން އެދޭ ގޮތެއްގެ މަތީން ފޯރުކޮށްދޭންވާނެއެވެ.

 

29 ވަނަ މާއްދާ - އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން

(ހ) އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުމާއި، އާބާދީއާ ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އެކުއެކީގައި ބޭއްވުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހިންގާ އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުމުގައި ވެސް އަމަލުކުރާނީ، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގައި އަމަލުކުރަންޖެހޭ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

30 ވަނަ މާއްދާ - ބޯހިމެނުންތަކަށް މައުލޫމާތު ދިނުން

ބޯހިމެނުންތަކަށް މައުލޫމާތު ދިނުމަކީ ގާނޫނުގެ ދަށުން އެންމެހައި ފަރާތްތަކަށް ލާޒިމުކުރާ ކަމެއްކަން އާންމުކޮށް އެންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މައުލޫމާތު ދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ބާރު އަޅައި، އެއްބާރުލުން ހޯދުމަށް ބިއުރޯއިން މަސައްކަތްކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ތަފާސްހިސާބަށް މައުލޫމާތު އެއްކުރުމުގައްޔާއި އާންމުކުރުމުގައި ސިއްރު ހިފެހެއްޓުމުގެގޮތުން ދައުލަ ތުގެ އިދާރާތަކުން އަމަލުކުރަންޖެހޭނެ އުސޫ ލުތައް

 

31 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމަށް ޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރުން

(ހ) ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި، ތަފާސްހިސާބު އެކުލަވައިލުމުގެ ބޭނުމަށް އެއްކުރެވޭ ވަކިވަކި ފަރުދުންނާއި، ވަކިވަކި
ތަންތަން ފާހަގަ ކުރެވޭގޮތަށް ހުންނަ މައުލޫމާތު، ތަފާސްހިސާބު އެކުލަވައިލުން ފިޔަވައި އެހެން ކަންކަމަށް ބޭނުން ނުކުރެވޭފަދަ ގޮތަކަށް، ރައްކައުތެރިކަންމަތީ، ސިއްރު ހިފެހެއްޓިގެން ގެންގުޅެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތަކުގެ އަދާހަމަ ލިސްޓެއް، ބިއުރޯގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދަ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ޓަކައި، ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުގެ އޮނިގަނޑުގައި ތަފާސްހިސާބުގެ މަސައްކަތް ކުރުމަށް ހާއްސަ ޑިވިޒަނެއް ނުވަތަ ސެކްށަނެއް ނުވަތަ ޔުނިޓެއް ކަނޑައަޅައި، ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަ މުވައްޒަފުން ތިބެންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން، އެ އިދާރާގެ އޮނިގަނޑު ބައްޓަން ނުކުރެވޭ ހާލަތްތަކުގައި، ތަފާސްހިސާބުގެ މަސައްކަތަށް، މަދުވެގެން 2( ދޭއް( މުވައްޒަފުން ހާއްސަކޮށް ފައި ތިބެންވާނެއެވެ.

 

32 ވަނަ މާއްދާ - ތަފާސްހިސާބުގެ މަސައްކަތަށް މުވައްޒަފުން ހާއްސަކުރުން

ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުން، ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މުވައްޒަފުންނަކީ ކޮބައިކަން ކަނޑައަޅަންވާނެއެވެ.

(ށ) ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މުވައްޒަފުންގެ ވަޒީފާ ގެ ބަޔާނުގައި، އެ ފަރާތަކާ ހަވާލުކުރާ، ތަފާސްހިސާބު އެއްކޮށް އެކުލަވައިލައި، އެ މައުލޫމާތު ފޯރުވައިދިނުމާ ގުޅޭ މަސައްކަތްތައް ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރާމުވައްޒަފުން، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެގާނޫނު) އަށް އަމަލުކުރުމަށާއި، ތަފާސްހިސާބުގެ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގުރާރުގައި ސޮއިކުރުވުމަކީ އެ އިދާރާއެއްގެ އެންމެ އިސްވެރިއެއްގެ ޒިންމާއެކެވެ.

 

33 ވަނަ މާއްދާ - ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ ޒިންމާ

މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގުރާރުގައި، ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ އެ އިދާރާއެއްގެ މުވައްޒަފުން ސޮއިކުރޭތޯ ބެލުމާއި، އިގުރާރާ ހިލާފުވާ ފަދަ އަމަލެއް ހިންގައިފިނަމަ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ.

 

34 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ހޯދާ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން

ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ހޯދާ މައުލޫމާތު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުން،އެފަދަ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

 

35 ވަނަ މާއްދާ - ބޯހިމެނުމާއި ސަރވޭއިން އެއްކުރާ މައުލޫމާތު ނައްތައިލުން

ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އެންމެހައި ފަރާތްތަކުން ވެސް، މައުލޫމާތު ހޯދުމަށް ބޯހިމެނުމުގައްޔާއި ސަރވޭކުރުމުގައި ބޭނުންކުރާ ލިޔެކިޔުންތަކާއި، ފޯމުތަކާއި، އެފަދަ އެހެން ތަކެތި، ތަފާސްހިސާބު އެކުލަވައިލައި ނިމުމާއެކު، ތިރީގައިވާ ގޮތުގެ މަތީން ނައްތައިލަންވާނެއެވެ.

(ހ) ސަރވޭތަކުގައި ކަރުދާސް ބޭނުންކޮށްގެން އެއްކުރާ މައުލޫމާތުތައް ހިމެނޭ ކަރުދާސްތައް، ތަފާސްހިސާބު އެކުލަވައިލުމަށްފަހު، ވީ އެންމެ އަވަހަކަށް ށްރެޑްކުރުން ނުވަތަ އަންދައިލުން.

(ށ) ސަރވޭތަކުގައި ކަރުދާސް ބޭނުންކޮށްގެން އެއްކުރާ މައުލޫމާތުތައް ކޮމްޕިއުޓަރައިޒްކޮށް ތަފާސްހިސާބު އެކުލަވައިލުމަށްފަހު، އޭގައި ހިމެނޭ ވަކިވަކި ފަރުދުންނާއި މަސައްކަތް ހިންގާ ތަންތަން ފާހަގަ ނުވާގޮތަށް އަދި އެ ފީލްޑްތައް އަލުން ރިކަވަރ ނުކުރެވޭނޭ ފަދަ ގޮތަކަށް، ކޮމްޕިއުޓަރުންނާއި ސިސްޓަމްތަކުންނާއި އެ މައުލޫމާތު ބެކަޕް ކޮށްފައި ހުރެދާނެ އެހެން ކޮމްޕިއުޓަރުތަކުންނާއި އެފަދަ އެހެން ވަސީލަތްތަކުންނާއި ހާޑްޑިސްކްތަކުންނާއި ޑިޖިޓަލް ޑޭޓާ ރައްކައުކޮށްފައި ބަހައްޓާ އެ ނޫން ތަކެތިން ވެސް ފޮހެލުން.

(ނ) ސަރވޭތަކުގައި ކަރުދާސް ބޭނުންނުކޮށް، ކޮމްޕިއުޓަރާއި ޓެބްލެޓާއި ވެބް ބޭސްޑް އިލެކްޓްރޯނިކް ފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން މައުލޫމާތުތައް އެއްކުރާއިރު، ތަފާސްހިސާބު އެކުލަވައިލުމަށްފަހު، އޭގައި ހިމެނޭ ވަކިވަކި ފަރުދުންނާއި މަސައްކަތް ހިންގާ ތަންތަން ފާހަގަނުވާ ގޮތަށް އަދި އެ ފީލްޑްތައް އަލުން ރިކަވަރ ނުކުރެވޭނޭ ގޮތަކަށް، ކޮމްޕިއުޓަރުތަކުންނާއި ސިސްޓަމްތަކުންނާއި،އެ މައުލޫމާތު ބެކަޕް ކޮށްފައި ހުރެދާނެ އެހެން ކޮމްޕިއުޓަރުތަކުންނާއި އެފަދަ އެހެން ވަސީލަތްތަކުންނާއި ހާޑްޑިސްކްތަކުންނާއި ޑިޖިޓަލް ޑޭޓާ ރައްކައުކޮށްފައި ބަހައްޓާ އެހެނިހެން ތަކެތިން ވެސް ފޮހެލުން.

 

36 ވަނަ މާއްދާ - ބޯހިމެނުމާއި ސަރވޭއިން އެއްކުރާ މައުލޫމާތު ބެލެހެއްޓުން

ތަފާސްހިސާބު އެކުލަވައިލުމަށްފަހު، ތަފާސްހިސާބުގެ އުކުޅުތައް (ޓެކްނިކްތައް) ބޭނުންކޮށްގެން، ވަކިފަރާތެއްކަން ފާހަގަނުކުރެވޭ ގޮތަށް )އެނޮނިމައިޒްކޮށް(، ތަފާސްހިސާބުގެ ބޭނުމަށް މައިކްރޯޑޭޓާ ސެޓް ތައްޔާރުކޮށް ރައްކައުތެރިކުރަންވާނެއެވެ. 

 

37 ވަނަ މާއްދާ - ބޯހިމެނުމާއި ސަރވޭއިން އެއްކުރާ މައުލޫމާތު، ސްޓެޓިސްޓިކަލް ރަޖިސްޓަރީތަކަށް ބޭނުންކުރުން

(ހ) މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ސްޓެޓިސްޓިކަލް ރަޖިސްޓަރީތައް އެކުލަވައިލައި، އެ މައުލޫމާތުތައް ފުރިހަމަކޮށް، މައުލޫމާތުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި، ބޯހިމެނުމާއި ސަރވޭތަކުން އެއްކުރާ މައުލޫމާތު، މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުން އިސްތިސްނާވާނެއެވެ. (ށ) ސްޓެޓިސްޓިކަލް ރަޖިސްޓަރީތަކަކީ ތަފާސްހިސާބުގެ ބޭނުމަށް އިތުރަށް

ފުރިހަމަކުރެވި، ޑޭޓާގެ ފެންވަރު ވަޒަންކުރުމަށާއި، ރަޖިސްޓަރީތަކުން ތަފާސްހިސާބު އެކުލަވައިލުމަށާއި، ސައިންޓިފިކް ސާމްޕަލް ނެގުން ފަދަ ކަންކަމަށް ސިއްރު ހިފަހައްޓައިގެން ބިއުރޯގެ މަސައްކަތަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ.

(ނ) ބިއުރޯއިން ގާއިމުކުރާ ރަޖިސްޓަރީތަކުގައި ހިމެނޭ ވަކިވަކި ފަރުދުންނާއި ތަންތަން ފާހަގަވާގޮތަށް ހުންނަ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

 

38 ވަނަ މާއްދާ - ބޯހިމެނުމާއި ސަރވޭތަކުގައި މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ދޭ ގާނޫނީ ހިމާޔަތް

މި ގަވާއިދުގެ ދަށުން އެއްކުރާ، ވަކިވަކި ފަރުދުންނާއި މަސައްކަތް ހިންގާ ތަންތަނުގެ މައުލޫމާތު، އެއްވެސް ތަހުގީގަކަށް ނުވަތަ ދައުވާއެއް އުފުލުމަށް ނުވަތަ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުވަތަ އިދާރީ ފިޔަވަޅެއް އެޅުމަށް އެއްވެސް ފަރާތަކުން ބޭނުންކުރުމަކީ މަނާކަމެކެވެ.

 

39 ވަނަ މާއްދާ - ތަފާސްހިސާބު އާންމުކުރުން

(ހ) ތަފާސްހިސާބުގެ ގޮތުގައި ހޯދައި އެއްކޮށްފައިވާ މައުލޫމާތު އާންމުކުރަންވާނީ، ތަފާސްހިސާބުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ޖުމުލަ ހިސާބުތަކެއްގެ ގޮތުގައެވެ.

(ށ) އެއްވެސް ފަރާތަކުން ހޯދާ މައުލޫމާތެއް ތަފާސްހިސާބުގެ ގޮތުގައި އާންމުކުރާއިރު، އެ މައުލޫމާތެއް ދިން ފަރާތެއް ހާމަވާ ގޮތަށް އާންމުކޮށްގެން ނުވާނެއެވެ.

(ނ) ތަފާސްހިސާބުގެ ގޮތުގައި އެއްކުރާ ވަކި ފަރުދަކާބެހޭ މައުލޫމާތަކީ ނުވަތަ ވަކި ޖަމާއަތަކާބެހޭ މައުލޫމާތަކީ ކޮން ފަރާތަކުން ދިން މައުލޫމާތެއްކަން ނޭނގޭ ގޮތަށް ނުވަތަ ކާކުކަން ނޭނގޭ ގޮތަށް އެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެމައުލޫމާތެކެވެ.

 

ފަސްވަނަ ބާބު

ރަސްމީ ތަފާސްހިސާބު އާންމު ކުރުމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭނެ އުސޫ ލުތައް

 

40 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު އާންމުކުރުން

ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އެކުލަވައިލާ ރަސްމީ ތަފާސްހިސާބު އާންމުކުރަންވާނީ، އެންމެހައި ފަރުދުންނަށް އެއް ހަމައެއްގައި ލިބޭނެ ފަދަ ގޮތަކަށެވެ.

 

41 ވަނަ މާއްދާ - ތަފާސްހިސާބުގެ ޑިސެމިނޭށަން ޕޮލިސީ

ރަސްމީ ތަފާސްހިސާބު އާންމުކުރުމާއި އިސްލާހު ގެނައުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ކަނޑައަޅައި ސިޔާސަތު (ޑިސެމިނޭށަން ޕޮލިސީ) ގައި ހުންނަންވާނެ އަސާސީ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރަސްމީ ތަފާސްހިސާބު، އެންމެހައި ފަރުދުންނަށް އެއް ހަމައެއްގައި އެއް ވަގުތެއްގައި ލިބޭފަދަ ގޮތަކަށް އާންމުކުރުން.

(ށ) އާންމުންނަށް ފަސޭހައިން ދޭހަވާފަދަ ގޮތަކަށް ހުރުން.

(ނ) އާންމުންނަށް ފަސޭހަކަމާއެކު ލިބެން ހުރުން.

(ރ) ރަސްމީ ތަފާސްހިސާބު އާންމުކުރުމުގައި އެކި މީޑިއާ )ވެބްސައިޓް، ސޯށަލް މީޑިއާ( ބޭނުންކޮށްގެން އާންމުކޮށް ލިބެން ހުރުން.

(ބ) އާންމުކުރާ ތަފާސްހިސާބެއް އެކުލަވައިލުމަށް ބޭނުންކޮށްފައިވާ އުސޫލުތަކާއި ތަފާސްހިސާބާ ބެހޭ މައުލޫމާތުތައް (މެޓަޑޭޓާ) އާންމުކުރުން.

(ޅ) ވަކިފަރާތެއް ހާމަނުވާގޮތަށް އާންމުކުރުން.

(ކ) އާންމުކުރާ ތަފާސްހިސާބު އިސްލާހު ކުރެވެމުންދާނެ ގޮތުގެ ތަފުސީލުތައް ހާމަކުރުން.

(އ) އާންމުކޮށްފައިވާ ތަފާސްހިސާބަކުން ކުށެއް ފާހަގަކުރެވިއްޖެނަމަ، އެ ކުށެއް އިސްލާހުކޮށްފައި، ގެނައި ބަދަލު އެނގޭނެ ފަދަ ގޮތަކަށް، ވީ އެންމެ އަވަހަކަށް އާންމުކުރުން.

(ވ) ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އާންމުކުރާ ރަސްމީ ތަފާސްހިސާބަކީ ފެންވަރުގެ ގޮތުން ބައިނަލްއަގްވާމީ މިންގަނޑު (ޔުނައިޓެޑް ނޭށަންސް ނޭށަނަލް ކޮލިޓީ އެށުއަރަންސް ފްރޭމްވަރކް މެނުއަލް ފޮރ އޮފިށަލް ސްޓެޓިސްޓިކްސް) އަށް ފެތޭގޮތަށް އެކުލަވައިލައިފައިވާ ތަފާސްހިސާބުކަން ކަށަވަރުކުރުން.

 

42 ވަނަ މާއްދާ - އެޑްވާންސް ރިލީޒް ކަލަންޑަރު

(ހ) ރަސްމީ ތަފާސްހިސާބު އާންމު ކުރަންވާނީ، އެންމެހައި ފަރުދުންނަށް އެއް ހަމައެއްގައި ލިބޭފަދަ ގޮތަކަށް، އެއްވެސް ފަރާތެއްގެ ނުފޫޒަކާ ނުލައި، ދުރާލައި ކަނޑައެޅި އެކުލަވައިލައިފައިވާ އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) (ށ) އެޑްވާންސް ރިލީޒް ކަލަންޑަރުގައި، ތަފާސްހިސާބު އާންމުކުރުމުގައި ހުންނަންވާނެ އަސާސީ ބައިތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ތަފާސްހިސާބުގެ ދާއިރާ؛ 
  2. އެކުލަވައިލާ މުއްދަތު (ފްރީކުއަންސީ)؛
  3. އާންމުކުރާނެ ތާރީހު؛
  4. ތަފާސްހިސާބު އެއްކުރި ގޮތް؛
  5. ލިބެންހުރި ގޮތް؛
  6. އިތުރު މައުލޫމާތު ހޯދުމަށް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް؛
  7. ކަނޑައެޅިފައިވާ ތާރީހަށް ނުނެރެވިއްޖެނަމަ، ނުނެރެވުނު ސަބަބު ބަޔާންކޮށް، ދެން އާންމުކުރެވޭނެ ތާރީހު.

 

ހަވަނަ ބާބު

ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައި ލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ހާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް

 

43 ވަނަ މާއްދާ - ބިއުރޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން

(ހ) ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އެ ތަފާސްހިސާބު އެކުލަވައިލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭ ފަދަ ހާލަތްތަކުގައި، މިކަމަށް ބޭނުންވާ އެހީތެރިކަން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިއުރޯއިން ފޯރުކޮށްދޭންވާނެއެވެ.

(ށ) ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމަށް ނުކުޅެދޭފަދަ ހާލަތްތަކުގައި، އެކަން މެދުވެރިވި ސަބަބާއި، ބިއުރޯގެ ފަރާތުން ބޭނުންވާ އެހީތެރިކަން ތަފުސީލުކޮށް ބަޔާންކޮށް، ލިޔުމަކުން ބިއުރޯއަށް އަންގަންވާނެއެވެ.

(ނ) ދައުލަތުގެ ކަމާބެހޭ އިދާރާގައި ތަފާސްހިސާބުގެ މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ކަމާބެހޭ ހުނަރެއް ނެތިއްޖެ ހާލަތެއްގައި، އެކަމަކާބެހޭ ތަމްރީނާއި ހުނަރު ލިބިފައިވާ މުވައްޒަފުން ބިއުރޯގައި ތިބިނަމަ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

(ރ) ދައުލަތުގެ ކަމާބެހޭ އިދާރާއިން ތަމްރީނުކުރުމަށް ބޭނުންވާ މުވައްޒަފުން، ބިއުރޯގައި މަސައްކަތް ކޮށްގެން ޓްރޭނިންގ ހަދާގޮތަށް ހަމަޖެއްސިދާނެއެވެ.

(ބ) ދައުލަތުގެ ކަމާބެހޭ އިދާރާގައި ބިއުރޯގެ މުވައްޒަފަކު މަސައްކަތްކުރާގޮތަށް ހަމަޖެއްސިދާނެއެވެ.

(ޅ) ތަފާސްހިސާބުގެ ދާއިރާއިން ލޯކަލް ނުވަތަ އިންޓަރނޭށަނަލް ކޮންސަލްޓަންސީ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ކ) ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، އެކަމަށް ހާއްސަތަމްރީނު ޕްރޮގްރާމެއް އެކުލަވައިލައިގެން ބިއުރޯގެ ފަރާތުން އެ ޕްރޮގްރާމް ހިންގިދާނެއެވެ.

(އ) ތަފާސްހިސާބުގެ މަސައްކަތްކުރާ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެގެން އެ މަސައްކަތް ނުކުރެވޭނަމަ، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

(ވ) ތަފާސްހިސާބު އެކުލަވައިލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް ދިމާވާ ދަތި އުނދަގޫ ކަންކަން ހައްލުކުރުމަށް ބޭނުންވާ ކަންތައް ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްލޭނުގައިހިމަނައި، މި ޕްލޭނަށް ބަޖެޓް ހޯދުމުގައި ބިއުރޯއިން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

 

ހަތްވަނަ ބާބު

ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކަނޑައެޅޭ ވަކި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކާ ހަވާ ލުކުރުން

 

44 ވަނަ މާއްދާ - ކައުންސިލްތަކާ ހަވާލުކުރެވިދާނެ މަސްއޫލިއްޔަތުތައް

ބިއުރޯގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކައުންސިލްތަކާ ހަވާލުކުރެވިދާނެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ އަގު ނެގުމުގެ ސަރވޭ ކުރަން ހަމަޖެހިފައިވާ ރަށްރަށުގައި، ހޮވައިލެވޭ ފިހާރަތަކާއި ތަންތަނުން އަގު ނަގައި، ކަނޑައަޅައިފައިވާ ތާރީހަށް ބިއުރޯއަށް ފޮނުވުން.

(ށ) ރަސްމީ ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި، ރަށު ފެންވަރުގައި ނެގުމަށް ކަނޑައެޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން.

(ނ) ބޯހިމެނުމަށް ނުވަތަ ސަރވޭކުރުމަށް ރަށުފެންވަރުގައި ބޭނުންވާ އިންތިޒާމުތައް ހަރަދުކުޑަގޮތެއްގެ މަތީން ކުރުމަށް އެހީތެރިވެ، އެފަދަ އިންތިޒާމުތައް ހަމަޖެއްސުން.

(ރ) ބިއުރޯގެ ބޭނުމަށް ރަށު ފެންވަރުގައި ބަލަހައްޓަންޖެހޭ ސްޓެޓިސްޓިކަލް ރަޖިސްޓަރީތައް އަދާހަމަކޮށް ބެލެހެއްޓުން.

(ބ) ރަށުގައި ދިރިއުޅޭ އާބާދީގެ އަންދާޒާތައް އެކުލަވައިލުމަށް ބޭނުންވާ، ގޭބިސީ ފެންވަރުގެ ސާމްޕަލް ސަރވޭތައް ކުރުން.

(ޅ) ބޯހިމެނުމަށާއި ސަރވޭތަކަށް ބޭނުންވާ ރަށު ޗާޓުތައް އަޕްޓޭޑްކޮށް ބެލެހެއްޓުން.

(ކ) ރަށުގައި އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުގެ މައުލޫމާތު، ބިއުރޯއިން ކަނޑައަޅާ ގޮތެއްގެ މަތީން ބަލަހައްޓައި، ތަފާސްހިސާބުގެ ބޭނުމަށް ޓަކައި އެ މައުލޫމާތު ފޯރުކޮށްދިނުން.

(އ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން، ރަށު ކައުންސިލްތަކަށް، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (25) ވަނަ ނަންބަރާއި، ސިޓީ ކައުންސިލްތަކަށް އެ ގާނޫނުގެ 40 ވަނަ މާއްދާގެ (26) ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކުން ބަލަހައްޓާ މައުލޫމާތުގެ ތެރެއިން، ތިރީގައިވާ މައުލޫމާތު،ތަފާސްހިސާބުގެ ބޭނުމަށް ޓަކައި، ބިއުރޯއިން ކަނޑައަޅާ ގޮތެއްގެ މަތީން ފޯރުކޮށްދިނުން.

  1. އަލަށް އުފަންވާ ކުދިންގެ ރިކޯޑު؛
  2. މަރުވާ މީހުންގެ ރިކޯޑު؛ 
  3. ރަށުގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީހުންގެ ރިކޯޑު؛
  4. ރަށްވެހި ނުވެ ދިރިއުޅެމުންގެންދާ މީހުންގެ ރިކޯޑު؛ 
  5. ރަށުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ ރިކޯޑު، 
  6. ކައުންސިލުން ނަގައި ބަލަހައްޓާ ރަށުގެ ތަފާސްހިސާބުގެ ތެރެއިން ބިއުރޯއަށް ބޭނުންވާ ތަފާސްހިސާބު ފޯރުކޮށްދިނުން.

 

45 ވަނަ މާއްދާ - ކައުންސިލްތަކަށް މަސްއޫލިއްޔަތު ހަވާލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް

މި ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް ކައުންސިލަކާ ހަވާލުކުރަންވާނީ، އަންނަނިވި ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

(ހ) ތަފާސްހިސާބުގެ މުހިންމުކަން އަންގައިދިނުން.

(ށ) ކައުންސިލުގައި ތަފާސްހިސާބުގެ ގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނުން.

(ނ) މި މާއްދާގެ (ށ) ގައި ކަނޑައަޅާ ފަރާތްތަކަށް ތަފާސްހިސާބު އެއްކުރާނެ ގޮތާއި ރިޕޯޓު ކުރުމާބެހޭގޮތުން ފަންނީ ތަމްރީނު ދިނުން.

 

46 ވަނަ މާއްދާ - މަސްއޫލިއްޔަތު ހަވާ ލުކުރެވޭނެ ގޮތްތައް

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަކާ މަސްއޫލިއްޔަތެއް ހަވާލުކުރެވޭނީ، ބިއުރޯއާއި ކައުންސިލްތަކާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އެއްބަސްވުމުގައި، އަންނަ ނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކައުންސިލަކާ ހަވާލުކުރާ މަސްއޫލިއްޔަތުތައް؛
  2. ކައުންސިލްތަކާ ހަވާލުކުރާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތް؛
  3. ބިއުރޯއާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާއި، ކައުންސިލްތަކާ ގުޅިގެން މަސައްކަތް ވިލަރެސް ކުރާނެ ގޮތް؛
  4. ބިއުރޯއަށް އަންގަންޖެހޭ އެންގުންތައް އަންގާނެ ގޮތާއި މުއްދަތުތައް.

 

47 ވަނަ މާއްދާ - މަސްއޫލިއްޔަތު ހަވާލުކުރުމުގައި ބިއުރޯގެ ޒިންމާ

މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ބިއުރޯއިން މަސްއޫލިއްޔަތު ހަވާލުކުރުމުގައި، އަންނަނިވި ކަންކަން ބިއުރޯއިން ކުރަންވާނެއެވެ.

(ހ) ހަވާލުކުރަން ގަސްތުކުރާ މަސްއޫލިއްޔަތާ ބެހޭގޮތުން ކަމާބެހޭ ކައުންސިލަކާއެކު މަށްވަރާކުރުމާއި، ހަވާލުކުރާ މަސްއޫލިއްޔަތުތައް ސާފުކޮށްއޮޅުންފިލުވައިދިނުމާއެކު، އެ މަސްއޫލިއްޔަތުތައް ލިޔުމުން ބަޔާންކޮށްފައި ކައުންސިލްތަކާ ހަވާލުކުރުން.

(ށ) (ށ) މަސްއޫލިއްޔަތު ހަވާލުކުރާއިރު، އެ ކައުންސިލެއްގެ ވަ ސީލަތްތައް ހުރި މިންވަރާއި، ކުރިމަތިވާނެ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ގިރާކުރެވިދާނެކަމަށް ފެންނަ ގޮތްތަކާއި، އެ ހައްލުތަކަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި އެ ކައުންސިލެއްގެ ލަފާ ހޯދުން.

(ނ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ތަންފީޒު ކުރުމަށް ޓަކައި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ހިންގާ ހަރަކާތްތަކަށް ހިނގާނެ މާލީ ހަރަދުތަކާއި، ބަޖެޓާބެހޭ ކަންކަން ހަމަޖެއްސުން.

 

އަށްވަނަ ބާބު

އެހެން ފަރާތަކާ ހަވާ ލުކުރެވޭނެ ބާވަތުގެ މަސައްކަތްތަކާއި، އެފަދަ މަސައްކަތް ހަވާ ލުކުރެވޭނެ ގޮތް

 

48 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުން

ބިއުރޯގެ މަސައްކަތްތަކުގެ ތެރެއިން އަންނަނިވި މަސްއޫލިއްޔަތުތައް އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

(ހ) ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ކުރާ ސަރވޭތަކާއި ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް.

(ށ) ރަސްމީ ތަފާސްހިސާބަށް މީހުން އަހުލުވެރިކުރުވުމުގެ މަސައްކަތް.

(ނ) ނޭށަނަލް ކްލެސިފިކޭށަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުމުގެ މަސައްކަތުން ބައެއް މަސައްކަތްތައް.

(ރ) ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީ ކުރުމަށް ޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.

(ބ) ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.

(ޅ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އެ މައުލޫމާތު އެކުލަވައިލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ހާލަތްތަކުގައި، އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(ކ) ބިއުރޯގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބޯހިމެނުމާއި ސަރވޭތަކުގެ މުޅި މަސައްކަތް އެއްކޮށް އެހެން ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ. 

 

49 ވަނަ މާއްދާ - ބިއުރޯގެ މަސައްކަތްތައް ޒަމާނީކުރުމާއި، އައު ޓެކްނޮލޮޖީގެ އެހީގައި ތަރައްގީކުރުން

ބިއުރޯއިން ކުރަންޖެހޭ މަސައްކަތްތަކާއި އެހެން ފަރާތްތަކަށް ދޭންޖެހޭ ފަންނީ ލަފާ ދިނުމަށް ބިއުރޯގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކޮންސަލްޓަންސީއާއި ތަމްރީނު ފޯރުކޮށްދިނުމުގެ އަންނަނިވި މަސައްކަތްތައް އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

(ހ) ތަފާސްހިސާބުގެ ގައުމީ ނިޒާމުން އުފައްދަންޖެހޭ އެކިއެކި އިންޑިކޭޓަރތަކުގެ ތެރެއިން، ބިގް ޑޭޓާއާއި، ސެޓަލައިޓް އިމޭޖަރީއާއި، ސިޓިޒަން ޖެނެރޭޓަޑް ޑޭޓާ ފަދަ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މިފަދަ ކަންކަން ޕައިލެޓްކުރުމާއި، ތަމްރީނުދިނުން ފަދަ މަސައްކަތްތައް.

(ށ) ސިވިލް ސޮސައިޓީގެ އެކިއެކި ދާއިރާއިން ހިދުމަތްދޭ ޖަމުއިއްޔާތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާ ގުޅިގެން އެއްކުރާ ޑޭޓާތައް، ތަފާސްހިސާބުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފެންވަރު ވަޒަންކުރެވޭނެ ނިޒާމެއްގެ ދަށުން އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން.

(ނ) ބިއުރޯގެ ސަރވާއާއި، އައި.ޓީ އާއި، ޑޭޓާ ސްޓޯރޭޖާއި، ޑޭޓާ ޕްރައިވަސީ، ޒަމާނީ ގޮތްތަކަށް ބަދަލުކޮށް ބެލެހެއްޓުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ރަސްމީ ތަފާސްހިސާބު ބަލަހައްޓާ މުއައްސަސާތަކުން ގެންގުޅޭ ޑޭޓާބޭސްތައް ހަރުދަނާކުރުމަށް ޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

(ބ) ބިއުރޯގެ ވެބްސައިޓާއި ތަފާސްހިސާބު އާންމުކުރުމުގައި ބޭނުންކުރާ ވަސީލަތްތައް އައު ޓެކްނޮލޮޖީގެ އެހީގައި ތަރައްގީކޮށް ބެލެހެއްޓުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

 

50 ވަނަ މާއްދާ - އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އެހެން ފަރާތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގައި، ލިޔުމުން ވެވޭ އެއްބަސްވުމެއް އެކުލަވައިލައި، އަންނަނިވި ކަންތައްތައް މި އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

  1. ހަވާލުކުރާ މަސްއޫލިއްޔަތާބެހޭ ތަފުސީލު؛
  2. މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް؛
  3. ބިއުރޯއާއި އެ ފަރާތާ ގުޅިގެން މަސައްކަތްކުރާނެ ގޮތް؛
  4. މަސައްކަތްތައް ވިލަރެސްކުރާނެ އުސޫލުތައް؛
  5. ގާނޫނު ނަންބަރު 2021-16 (ތަފާސްހިސާބުގެ ގާނޫނު) އަށް އަމަލުކުރުމާއި، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގައި އަމަލުކުރަންޖެހޭނެ ގޮތް.
  6. މަސައްކަތް ނިން މައިފައި ބިއުރޯއާ ހަވާލުކުރާނެ ގޮތް؛
  7. މަސައްކަތް ނިންމަން ކަނޑައަޅައިފައިވާ މުއްދަތު؛
  8. މަސައްކަތުގެ ފީ ނުވަތަ އަގު؛
  9. މި މާއްދާގެ ދަށުން ވާ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް؛
  10. މަސައްކަތް ވިލަރެސްކުރުމަށް ބިއުރޯގެ ފަރާތުން ކަނޑައަޅާ މުވައްޒަފުގެ ނަން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެހެން ފަރާތަކާ މަސައްކަތްތައް ހަވާލުކުރުމުގައި، މަސައްކަތުގެ ހުނަރަށާއި، ގާބިލުކަން ހުރި މިންވަރަށާއި، ކަމުގެ ތަޖުރިބާއާއި ތައުލީމީ ފެންވަރަށް އިސްކަންދޭންވާނެއެވެ.

 

ނުވަވަނަ ބާބު

ބިއުރޯއިން ބޭނުންވާ ލަފާ ހޯދުމަށް ޓަކައި ކޮމިޓީތައް އުފެއްދުމުގައި އަމަލު ކުރާނެ ގޮތް

 

51 ވަނަ މާއްދާ - ކޮމިޓީތައް އުފެއްދުން

(ހ) ބިއުރޯއަށް ބޭނުންވާ ފަންނީ ލަފާ ހޯދުމަށް އެކި ދާއިރާތަކުގެ ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުން ހިމަނައިގެން އެ އިރަކަށް ބޭނުންވާ ކަންކަމަށް ބިނާކޮށް ކޮމިޓީ އުފެއްދިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީތައް އުފެއްދުމުގައި، ކޮމިޓީ އުފައްދާ މަގުސަދާއި މަސައްކަތްތައް ކަނޑައަޅަންވާނެއެވެ.

(ނ) ކޮމޓީގައި ހިމެނުމަށް ބޭނުންވަނީ ވަކި މުއައްސަސާއެއްގެ ވަކި މަގާމެއް ނަމަ، އެ ގޮތަށް ބޭނުންވާ ސަބަބާއެކު އެ މުއައްސަސާއަކަށް ހުށަހަޅަންވާނެއެވެ.

 

52 ވަނަ މާއްދާ - ކޮމިޓީތަކުގެ އެލަވަންސް

މި ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކޮމިޓީގެ މެންބަރުންނަށް އެލަވަންސެއް ދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެއެވެ.

 

53 ވަނަ މާއްދާ - ކޮމިޓީ އުވައިލުން

ކޮމިޓީ އެކުލަވައިލި ބޭނުން ފުރިހަމަވުމުން، ކޮމިޓީ އުވައިލުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

 

ދިހަވަނަ ބާބު

ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ އިދާރާތަކުން ބިއުރޯއަށް މައުލޫމާތު ހިއްސާ ކުރަންޖެހޭ މުއްދަތުތަކާއި، ތަފާސްހިސާބު ފޯރުކޮށްދޭނެ ގޮތް

 

54 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު ބިއުރޯއަށް ހިއްސާކުރުން

ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސްގެ ގޮތުގައި ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ އިދާރާއަކުން އެއްކޮށް އެކުލަވައިލާ ތަފާސްހިސާބު ފޯރުކޮށްދިނުމަށް އެޑްވާންސް ރިލީޒް ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތާރީހުތަކުގައި އެ މައުލޫމާތު އެ އިދާރާއެއްގެ ފަރާތުން އާންމުކުރަންވާނެއެވެ. އަދި އެ މައުލޫމާތު ބިއުރޯއަށް ހިއްސާކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - އެ އިދާރާއަކުން ކުރާ ރަސްމީ ސަރވޭތަކާއި ޑެޒިގްނޭޓަޑް ސަރވޭތަކުގެ މައުލޫމާތު

ބިއުރޯއިން ސަރވޭ ކުރުމުގެ ހުއްދަ ދީގެން ދައުލަތުގެ އިދާރާތަކުން ކުރާ ސަރވޭތަކުން އެކުލަވައިލާ ނަތީޖާއާއި، ރިޕޯޓާއި، މައިކްރޯ ޑޭޓާ ސެޓް، ތަފާސްހިސާބުގެ ބޭނުމަށް ބިއުރޯއިން ބޭނުންވާ ފޯމެޓަކަށް ފޯރުކޮށްދޭންވާނެއެވެ.

 

56 ވަނަ މާއްދާ - އިދާރީ ތަފާސްހިސާބު ބިއުރޯއަށް ފޯރުކޮށްދިނުން

ދައުލަތުގެ އިދާރާތަކުން ނަގައި ބަލަހައްޓާ އިދާރީ ތަފާސްހިސާބުގެ ތެރެއިން، ގައުމީ ތަފާސްހިސާބު އެކުލަވައިލުމުގައި ބޭނުންވާ މައުލޫމާތު، ބިއުރޯއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ބިއުރޯއިން ބޭނުންވެގެން ރިކުއެސްޓްކުރާ ފޯމެޓަކަށް ހިއްސާކުރަންވާނެއެވެ. މީގެ ތެރޭގައި އަންނަނިވި މައުލޫމާތު ހިމެނެއެވެ.

(ހ) ޖީ.ޑީ.ޕީ.އާއި ނޭށަނަލް އެކައުންޓްސް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު.

(ށ) މަހަކު އެއްފަހަރު އާންމުކުރާ ޕަބްލިކޭށަންތަކަށް ބޭނުންވާ މައުލޫމާތު.

(ނ) ތަފާސްހިސާބުގެ އަހަރީ ފޮތަށް ބޭނުންވާ މައުލޫމާތު.

(ރ) އެކިއެކި ޑޭޓާ ރިކުއެސްޓްތަކަށާއި، އިންޓަރނޭށަނަލް އޭޖެންސީތަކުން ބޭނުންވާ ރިކުއެސްޓްތަކަށް ބިއުރޯއިން ފޮނުވަންޖެހޭ ޑެޑްލައިންގެ ކުރިން އެހެނިހެން ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތު.

 

57 ވަނަ މާއްދާ - ރަސްމީ ތަފާސްހިސާބު ބިއުރޯއަށް ހިއްސާކުރުން

ގައުމީ ތަފާސްހިސާބުގެ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ގައުމީ ތަފާސްހިސާބުގެ އަހަރީ ޕްލޭނުގައި ހިމަނައިފައިވާ ގޮތަށް ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ އިދާރާތަކުން ބިއުރޯއަށް ފޯރުކޮށްދޭންވާނެއެވެ.

 

58 ވަނަ މާއްދާ - ސްޓެޓިސްޓިކަލް ރެޖިސްޓަރތަކަށް ބޭނުންވާ އިދާރީ ތަފާސްހިސާބު ފޯރުކޮށްދިނުން

(ހ) ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި ބިއުރޯއިން ގާއިމުކުރަންޖެހޭ ދަފުތަރުތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ށ) ސްޓެޓިސްޓިކަލް ރަޖިސްޓަރީތަކަށް ބޭނުންވާ މައުލޫމާތު، ސިއްރު ހިފެހެއްޓޭނެ ގޮތުގެ މަތީން ދައުލަތުގެ ކަމާބެހޭ އިދާރާއާއި ބިއުރޯއާ ދެމެދު ވެވޭ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ހިއްސާކުރަންވާނެއެވެ.

(ނ) އަންނަނިވި ދަފުތަރުތަކަކީ، ބިއުރޯއިން އިސްނަގައިގެން، އަސާސީ ދަފުތަރުތަކުގެ ގޮތުގައި އަދާހަމަކޮށް ބަލަހައްޓާނެ ދަފުތަރުތަކެކެވެ.

  1. ސްޓެޓިސްޓިކަލް ބިޒްނަސް ރެޖިސްޓަރ (ބިޒްނަސް ސްޓެޓިސްޓިކްސްއާއި ލޭބަރ މާކެޓް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ބޭނުންކުރުމަށް)
  2. ސްޓެޓިސްޓިކަލް ޑުވެލިންގ ރެޖިސްޓަރ (ހައުސިންގ ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ބޭނުންކުރުމަށް)
  3. ސްޓެޓިސްޓިކަލް ޕޮފިއުލޭށަން ރެޖިސްޓަރ (އާބާދީގެ ތަފާސްހިސާބު އެކުލަވައިލުމަށް ބޭނުންކުރުމަށް)

 

59 ވަނަ މާއްދާ - ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކަށް ބިއުރޯއިން ތަފާސްހިސާބު ފޯރުކޮށްދިނުން

ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކަށް ބިއުރޯއިން ތަފާސްހިސާބު 
ފޯރުކޮށްދިނުމުގައި ގެންގުޅޭ އުސޫލު، ތިރީގައި މިވަނީއެވެ.

(ހ) ބިއުރޯއިން އެކުލަވައިލާ ސްޓެޓިސްޓިކަލް ރަޖިސްޓަރީތަކުން މައުލޫމާތު ފޯރުކޮށްދެވޭނީ، ވަކި ފަރުދެއް ނުވަތަ ވަކި ތަނެއް ހާމަނުވާގޮތަށް (އެނޮނިމައިޒް) ކުރުމަށްފަހުގައެވެ.

(ށ) ބިއުރޯއިން އެކުލަވައިލާ ސަރވޭ/ ބޯހިމެނުމުގެ މައުލޫމާތުތައް އެކި ގޮތްގޮތަށް (ތާވަލު، މައިކްރޯ ޑޭޓާސެޓް، ސާމްޕަލް ޑޭޓާސެޓް) ފޯރުކޮށްދެވޭނީ، ވަކި ފަރުދެއްނުވަތަ ވަކި ތަނެއް ހާމަނުވާގޮތަށް (އެނޮނިމައިޒް) ކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން މައުލޫމާތު ހިއްސާކުރެވޭނީ، އެ ފަރާތަކުން ބޭނުންވާ މައުލޫމާތު ބިއުރޯއަށް ލިޔުމަކުން ހުށަހެޅުމުން، ދެފަރާތުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

އެގާރަވަނަ ބާބު

ބިއުރޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނެގުން

 

60 ވަނަ މާއްދާ - ބިއުރޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ފީނެގިދާނެ ކަންކަން

ބިއުރޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އަންނަނިވި ކަންކަމަށް ފީނެގުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެން ވެއެވެ.

(ހ) ބިއުރޯއިން އެހެން ފަރާތަކަށް ކޮށްދޭ ސަރވޭ.

(ށ) ބިއުރޯގެ ފަރާތުން ކުރާ ސަރވޭއަކުން އާންމުކޮށް ށާއިއުކުރާ މައުލޫމާތުގެ އިތުރުން، ފޯރުކޮށްދޭ މައުލޫމާތު ނަގައިދިނުން.

(ނ) ބިއުރޯއިން ސަރވޭއަށް ބޭނުންކުރާ އެޕްލިކޭށަން މެދުވެރިކޮށް އެހެން ފަރާތްތަކަށް ސަރވޭގެ އެޕްލިކޭށަން ހަދައިދިނުން.

(ރ) ތަފާސްހިސާބުގެ ސަރވޭތަކަށް ސާމްޕަލް ނަގައިދިނުމާއި، ސާމްޕަލް މެތޮޑޮލޮޖީ ތައްޔާރުކޮށްދިނުން.

(ބ) އެކި ފަރާތްތަކުން ކުރާ ސަރވޭގެ ސުވާލުކަރުދާސް ތައްޔާރުކޮށްދިނުން.

(ޅ) ބިއުރޯގެ ފަރާތުން އެހެން ފަރާތްތަކަށް ފޯރުވައިދޭ ފަންނީ ލަފާދިނުން.

(ކ) ތަފާސްހިސާބާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުން.

(އ) ބިއުރޯއިން ފޯރުކޮށްދޭ ތަފާސްހިސާބުގެ ޓްރޭނިންގތައް.

 

61 ވަނަ މާއްދާ - ބިއުރޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފީ ނެގޭނެ އުސޫލު

މި ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ހިދުމަތެއް ބިއުރޯއިން ފޯރުކޮށްދޭނަމަ، އެ މަސައްކަތެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން ފީނެގުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

 

ބާރަ ވަނަ ބާބު

ފިޔަވަޅުއެޅުން

 

62 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ބޯހިމެނުމާއި ސަރވޭތަކަށް މައުލޫމާތު ދިނުމަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީންނެވެ. 

(ހ) ފުރަތަމަ، ސުޕަވައިޒަރަކު ނުވަތަ އޮފިށަލަކު އެ ފަރާތަކާ ބައްދަލުކުރުން، ނުވަތަ މައުލޫމާތު ދިނުމުގެ މުހިންމުކަން އަނގަބަހުން އޮޅުންފިލުވައިދީ، އެއްބާރުލުން ދިނުމަށް އެދި ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ދިނުމަށް އެންގުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، ދެވިފައިވާ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ، ނުވަތަ ކަނޑައެޅިގެން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ، ދެވަނަ ކަމެއްގެ ގޮތުން، މައުލޫމާތު ދިނުމަކީ ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން އެ ފަރާތުގެ ޒިންމާއެއްކަން ބަޔާންކޮށް، އިތުރު މުއްދަތެއް ދީ ފައި ލިޔުމުން އެންގުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، ދެވިފައިވާ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ، ނުވަތަ ކަނޑައެޅިގެން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ، ތިންވަނަ ކަމެއްގެ ގޮތުން، މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން އެޅިދާނެ ފިޔަވަޅާއި ނުވަތަ ފިޔަވަޅުތަކާއި ޖޫރިމަނާ ކުރެވިދާނެ މިންވަރު ބަޔާންކޮށް ވަކި މުއްދަތެއްދީ ލިޔުމުން އެންގުން.

(ރ) މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމަށް ނިންމާނީ، މަތީގައިވާ ފިޔަވަޅުތައް އެޅުމަށްފަހު، އެ ނޫން އެހެން އެއްވެސް ގޮތެއް ނެތް ހާލަތްތަކުގައި، ބިއުރޯއިން ނުވަތަ އެ ސަރވޭއެއް ކުރާ ދައުލަތުގެ އިދާރާއަކުންނެވެ.

(ބ) ޖޫރިމަނާ ކުރަން ނިންމައިފި ހާލަތެއްގައި، ޖޫރިމަނާ ކުރިކަން ރަސްމީ ލިޔުމަކުން އެ ފަރާތަކަށް އަންގައި، އަދި ދައްކަންޖެހޭ ޖޫރިމަނާގެ މިންވަރާއި، ދައްކަންޖެހޭ ތާރީހާއި، ދައްކަން ކަނޑައެޅިފައިވާ ގޮތް، އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

(ޅ) ޖޫރިމަނާ ކުރުމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ތަންފީޒުކުރާނީ، ބޯހިމެނު މުގެ މަސައްކަތް ކުރާ ނުވަތަ އެ ސަރވޭއެއް ކުރާ ދައުލަތުގެ އިދާރާއަކުންނެވެ.

 

63 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަކުރުމަށްފަހު އަނބުރާ ރައްދުނުކުރުން

(ހ) ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން ތަފާސްހިސާބު އެއްކުރުމަށް އެއްވެސް ފަރާތަކަށް ފޮނުވައި ފައިވާ ނުވަތަ އެ ފަރާތަކާ ހަވާލުކޮށްފައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު އަނބުރާ ރައްދުކުރަންޖެހޭ އެއްވެސް ކަރުދާހެއް ނުވަތަ ފޯމެއް ނުވަތަ އެ ނޫން އެފަދަ ލިޔުމެއް ވެސް، އަނބުރާ ފޮނުވަން ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވައިފިނަމަ، ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީންނެވެ.

(ށ) ފުރަތަމަ ދިން މުއްދަތުގެ ތެރޭގައި ނުފޮނުވައިފިނަމަ، އެ ފަރާތަކަށް މައުލޫމާތު ދިނުމުގެ މުހިންމުކަށް އޮޅުންފިލުވައިދީ، އެއްބާރުލުން ދިނުމަށް އެދި، ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ދިނުމަށް ލިޔުމުން އެންގުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ، ނުވަތަ ކަނޑައެޅިގެން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ، ދެވަނަ ކަމެއްގެ ގޮތުން، މައުލޫމާތު ދިނުމަކީ ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން އެ ފަރާތުގެ ޒިންމާއެއްކަން ބަޔާންކޮށް، އިތުރު މުއްދަތެއް ދީފައި ލިޔުމުން އެކަން އެންގުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، ދެވިފައިވާ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ، ނުވަތަ ކަނޑައެޅިގެން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ، ތިންވަނަ ކަމެއްގެ ގޮތުން، ހުއްދަ ދީފައިވާ އޮފިސަރަކު ފޮނުވައިގެން ނުވަތަ ފޯނު މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް ފުރުސަތު ދިނުން.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު، ދެވިފައިވާ މުއްދަތުގައި މައުލޫމާތު ނުދީފިނަމަ، ނުވަތަ ކަނޑައެޅިގެން މައުލޫމާތު ދިނުމަށް އިންކާރުކޮށްފިނަމަ، ހަތަރުވަނަ ކަމެއްގެ ގޮތުން، މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ ދަށުން އެޅިދާނެ ފިޔަވަޅާއި ނުވަތަ ފިޔަވަޅުތަކާއި ޖޫރިމަނާ ކުރެވިދާނެ މިންވަރު ބަޔާންކޮށް ވަކި މުއްދަތެއް ދީފައި ލިޔުމުން އެކަން އެންގުން.

 

64 ވަނަ މާއްދާ - ޖޫރިމަނާގެ މިންވަރު

މި ގަވާއިދުގެ 62 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، ޖޫރިމަނާގެ މިންވަރު ކަނޑައަ ޅާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) އާންމު ގޭބިސީއެއް ނުވަތަ ވަކި ފަރުދެއްގެ މައުލޫމާތުނަމަ 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއިން؛

(ށ) ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއެއްގެ ކުޑަބޮޑުމިނަށް ބަލައި، އެންމެ ކުދި އަދި ކުދި ފަންތީގެ 2،500 (ދެހާސް ފަސްސަތޭކަ) ރުފިޔާއިން، އަދި މެދު ފަންތީގެ 5،000 (ފަސްހާސް) ރުފިޔާއިން.

(ނ) މުވައްޒަފުންގެ އަދަދު 100 (އެއްސަތޭކަ) އަށްވުރެ ގިނަ ވިޔަފާރިތަކުން 30،000 (ތިރީސްހާސް) ރުފިޔާއިން.

 

65 ވަނަ މާއްދާ - އަމިއްލަ މަންފާއަށް މައުލޫމާތު ބޭނުންކުރުން

ބިއުރޯގެ މުވައްޒަފަކަށް ނުވަތަ ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެން އިދާރާއެއްގެ ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މުވައްޒަފަކަށް ވަޒީފާ އަދާކުރުމުގައި ލިބޭ މައުލޫމާތެއް ބޭނުންކުރުމުގެ ކުރިން، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ނަމަވެސް އޭނާގެ އަމިއްލަ މަންފާއަށް ނުވަތަ ފައިދާއަށް އެ މައުލޫމާތެއް ބޭނުންކޮށްފިނަމަ، ޖޫރިމަނާގެ މިންވަރު ކަނޑައަ ޅާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ބޯހިމެނުމަކުން ނުވަތަ ސަރވޭއަކުން، ވަކި ފަރުދެއް، ނުވަތަ ގޭބިސީއެއް، ނުވަތަ މަސައްކަތް ހިންގާ ތަނެއް ފަދަ ވަކި ފަރާތެއް ހާމަވާފަދަ މައުލޫމާތެއް، އަމިއްލަ މަންފާއަށް ނުވަތަ ފައިދާއަށް ބޭނުންކޮށްފިނަމަ، 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން.

(ށ) ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި ހޯދައިފައި އަދި އާންމު ނުކުރެވިހުރި އެއްވެސް މައުލޫމާތެއް އަމިއްލަ މަންފާއަށް ނުވަތަ ފައިދާއަށް ބޭނުން ކޮށްފިނަމަ އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައުލޫމާތެއް ވިޔަފާރީގެގޮތުން ބޭނުންކޮށްފިނަމަ، އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން.

(ރ) އެހެން އެއްވެސް ގޮތަކަށް މި މާއްދާގެ (ހ) އާ ހިލާފުވެއްޖެނަމަ، އެ މީހަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) ބޯހިމެނުންތަކަށާއި ސަރވޭތައް ކުރުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަކު މި ގަވާއިދާ ހިލާފުވެއްޖެނަމަ، މި މާއްދާއާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.

 

66 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ތަފާސްހިސާބު އެއްކުރުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަކަށް، އެ ފަރާތަކަށް ދީފައިވާ އިމުގެ ބޭރުން ތަފާސްހިސާބާބެހޭ މައުލޫމާތު ނުވަތަ ތަފާސްހިސާބު އެއްކޮށްފިނަމަ، ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ބޯހިމެނުމެއް ނުވަތަ ސަރވޭއެއް ކުރުމުގައި، އޮޅުންފިލުވުމަށް ކަނޑައެޅިފައިނުވާ ސުވާލުކޮށް، މައުލޫމާތު ދޭ ފަރާތަށް އޮޅުވައިލައިގެން ހޯދިކަމުގެ މައްސަލައެއްނަމަ، އެ މީހަކު 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

67 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ހޯދައިފައިވާ މައުލޫމާތު ހާމަކުރުން

ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެއްވެސް އިދާރާއަކުން، މި ގަވާއިދާ ހިލާފަށް ހޯދައިފައިވާ މައުލޫމާތެއްކަން އެނގިހުރެ އެ މައުލޫމާތެއް ށާއިއުކޮށްފިނަމަ ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދީފި ނަމަ، ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ، އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ހިންގި ބޯހިމެނުމަކުން ނުވަތަ ސަރވޭއަކުން ވަކި ފަރުދެއް، ނުވަތަ ގޭބިސީއެއް، ނުވަތަ މަސައްކަތް ހިންގާ ތަނެއް ފަދަ ވަކި ފަރާތެއް ހާމަވާފަދަ މައުލޫމާތެއް ނަމަ، އެ މީހަކު 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ މައުލޫމާތެއް ށާއިއުކޮށްފިނަމަ، އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

68 ވަނަ މާއްދާ - ހުއްދަނެތި މައުލޫމާތު ހާމަކުރުން

އަދާކުރާ ވަޒީފާގެ ގޮތުން ލިބޭ މައުލޫމާތެއް، ހުއްދަ ނެތި އާންމުކޮށްފިނަމަ ނުވަތަ ކަމާނުބެހޭ ފަރާތަކަށް އެފަދަ މައުލޫމާތެއް ހާމަކޮށްފިނަމަ ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ، އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ހިންގޭ ބޯހިމެނުމަކުން ނުވަތަ ސަރވޭއަކުން ނުވަތަ އެހެން ގޮތަކުން ވެސް ތަފާސްހިސާބުގެ ބޭނުމަށް އެއްކޮށްފައިވާ، ވަކިފަރާތެއް ހާމަވާ، ސިއްރު ހިފަހައްޓަންޖެހޭ ފަދަ މައުލޫމާތެއް، ތަފާސްހިސާބު އެކުލަވައިލުމުގެ މަސައްކަތަށް ކަނޑައެޅިފައިވާ މުވައްޒަފުން ފިޔަވައި އެހެން ފަރާތަކަށް ހާމަކޮށްފިނަމަ، އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ، ކަމާނުބެހޭ ފަރާތްތަކުގެ ތެރޭގައި، އެ އިދާރާއެއްގައި ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިނުވާ އަދި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ސިއްރު ހިފެހެއްޓުމުގެ އިގުރާރު ވެފައި ނުވާ އެ އިދާރާގެ ވެރިންނާއި ސިޔާސީ ފަރާތްތައް ވެސް ހިމެނޭނެއެވެ.

(ނ) ތަފާސްހިސާބު އެކުލަވައިލުމަށް ޓަކައި ހޯދައިފައިވާ އަދި އާންމުނުކޮށްހުރި ވަކި ފަރާތެއް ހާމަނުވާފަދަ މައުލޫމާތެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް، އެ އިދާރާއެއްގެ ތަފާސްހިސާބުގެ މަސައްކަތަކާ ގުޅޭ ޒިންމާ ހަވާލުވެފައިވާ ފަރާތުގެ ހުއްދަ ނެތި ހާމަކޮށްފިނަމަ، 30،000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، އެ މީހަކު 60،000 (ފަސްދޮޅަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

 

69 ވަނަ މާއްދާ - ޒިންމާއަދާކުރުމަށް ހުރަސްއެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އޮފިސަރަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގައި، އެއްވެސް ފަރާތަކުން ހުރަސްއަޅައިފިނަމަ، ޖޫރިމަނާގެ މިންވަރު ކަނޑައަޅާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ބޯހިމެނުމަކަށް ނުވަތަ ސަރވޭއަކަށް މައުލޫމާތު ހޯދުމުގެ މަސައްކަތުގައި އުޅޭ ފަރާތަކަށް ހުރަސްއެޅުމުގެ ގޮތުން ބޭއަދަބީގޮތުން މުހާތަބުކުރުން، ނުވަތަ އިންޒާރުދީ ބިރުދެއްކުން، ނުވަތަ އަނިޔާއެއް ލިބޭ ފަދަ އަމަލެއް ހިންގުން، ނުވަތަ ގެންގުޅޭ ތަކެއްޗަށް ގެއްލުންދިނުން ފަދަ އަމަލެއް ހިންގައިފިނަމަ، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ އަމަލުތަކުގެ ތެރެއިން ޒިންމާ އަދާކުރުމަށް ހުރަސްއެޅުމަށް ހިންގި އަމަލެއްގެ ސަބަބުން، ހުއްދަ ދީފައިވާ އޮފިސަރަކަށް އަނިޔާއެއް ލިބުން، ނުވަތަ ގެންގުޅޭ ތަކެއްޗަށް ގެއްލުންދިނުން ފަދަ އަމަލެއް ހިންގައިފިނަމަ، ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަންވާނެއެވެ.

 

70 ވަނަ މާއްދާ - ށަހްސު އޮޅުވައިލުން

މި ގަވާއިދުގެ ދަށުން ތަފާސްހިސާބު އެއްކުރުމަށް ހުއްދަ ދީފައިވާ އޮފިސަރަކު ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ ފަރާތަކީ ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައި ދައްކައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތްކޮށްފިނަމަ، 30،000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، ޖިނާއީ ކުށްތައް ކަނޑައެޅިފައިވާ ގާނޫނެއްގެ ދަށުން އެ މީހަކާމެދު ޖިނާއީ ދައުވާ ކުރަންވާނެއެވެ.

 

71 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން 

(ހ) ބިއުރޯގެ ފަރާތުން ޖޫރިމަނާ ކުރަން ރަސްމީ ލިޔުމަކުން އެ ފަރާތަކަށް އެންގުމުން އެއާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުނުކޮށްފިނަމަ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމުގެ އިހްތިޔާރު ބިއުރޯއަށް ލިބިގެންވެއެވެ.

 

ތޭރަ ވަނަ ބާބު

ށަކުވާ ހުށަހެ ޅުން

 

72 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި، ހުށަހަޅާ ށަކުވާ ބެލުން

(ހ) މި ގަވާއިދުގެ ދަށުން ކުރެވޭ ބޯހިމެނުމުގެ މަސައްކަތަކާ ގުޅިގެން ނުވަތަ ސަރވޭއަކާ ގުޅިގެން މައްސަލައެއް ރިޕޯޓު ކުރަން ބިއުރޯއަށް ލިޔުމަކުން ހުށަހެޅިދާނެއެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ފޯނަކަށް، ގުޅައިގެން ނުވަތަ އީމެއިލް އެޑްރެހަކަށް އީމެއިލެއް ފޮނުވުން ފަދަ ގޮތަކަށް ވެސް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލާނެ ނިޒާމެއް ބިއުރޯގައި ގާއިމުކޮށް، އެ ގޮތުގެ މަތީން ހުށަހެޅޭ މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލައި، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ޖަވާބުދީ ނުވަތަ ހުށަހެޅި މައްސަލައަށް ހައްލު ހޯދައިދިނުމަށް ބިއުރޯގެ ފަރާތުން މަސައްކަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމަށް ޓަކައި ބިއުރޯގައްޔާއިރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އެހެނިހެން އިދާރާތަކުގައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ، މައްސަލަ ބަލާ ކޮމިޓީއެއް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައަކީ، ޖިނާއީ އަމަލަކަށް ވާފަދަ ހާލަތެއްގައި އެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް އަވަހަށް ހުށަހަޅަންވާނެއެވެ.

 

ސާދަވަނަ ބާބު

އެހެނިހެން ކަންކަން

 

73 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ 
ތާރީހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2013-04 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު) އުވުނީއެވެ.

 

74 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

މި ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ބިއުރޯއަށް ލިބިގެންވެއެވެ. މި ގަވާއިދަށް ގެނެވޭ އިސްލާހަކަށް އަމަލު ކުރެވޭނީ، އެ ބަދަލެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށް ފަހުގައެވެ.

 

75 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެކުލަވައިލައި، ޖުމުލަ ހިސާބުތަކެއްގެ ގޮތުގައި، ވަކި ފަރާތެއް ހާމަނުވާފަދަ ގޮތަކަށް ނެރެވޭ ނަތީޖާއަށެވެ.

(ށ) "ރަސްމީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ގައުމީ ފެންވަރުގައި ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް އެކި ދާއިރާތަކުން ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގްތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބަށެވެ. އަދި މިފަދަ ތަފާސްހިސާބަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުން ތަފާސްހިސާބުގެ އަސާސްތަކަށް ބިނާކޮށް ބިއުރޯއިން ވަޒަންކުރެވި ކަނޑައަޅައިފައިވާ ފެންވަރަށް ފެތޭ ތަފާސްހިސާބެވެ.

(ނ) "ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތަފާސްހިސާބުގެ ތެރެއިން އެ އިރަކަށް އެންމެ އިސްކަންދީގެން ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އުފެއްދުމަށް ކަނޑައެޅޭ، އަދި ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމުގައި ހިމެނިފައިވާ ތަފާސްހިސާބަށެވެ.

(ރ) "ތަފާސްހިސާބުގެ ގައުމީ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކުލެވިގެންވާ ތަފާސްހިސާބުގެ ގައުމީ ނިޒާމަށެވެ.

(ބ) "ބިއުރޯ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ.

(ޅ) "ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން ރަސްމީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، އެ މައުލޫމާތު އެއްކޮށް އެކުލަވައިލުމާއި، އާންމުކުރުމާއި، ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށެވެ.

(ކ) "ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކުން، މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކޮށްފައިވާ މުވައްޒަފުންނަށެވެ.

(އ) "ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މުޅި އާބާދީ ނުވަތަ ކަނޑައެޅޭ ވަކި ދާއިރާއެއްގެ ހުރިހާ އެއްޗެއް ހިމެނޭގޮތުން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނަގާ މައުލޫމާތަށެވެ.

(ވ) "ސަރވޭ" ކަމަށް ބުނެފައި އެވަނީ، މުޅި އާބާދީ ނުހިމެނޭ ގޮތަށް، ހަވާލާދެވޭ ވަކި އާބާދީއަކަށް ނުވަތަ ވަކި އާބާދީއެއްގެ ބަޔަކަށް، ހުރިހާ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހޮވޭ ސާމްޕަލަކަށް ބިނާކޮށް މައުލޫމާތު ނެގުމަށެވެ.

(މ) "ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސާރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވައިލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަނާއި، ގޭގެއާއި، އިމާރާތް ފަދަ ތަންތަނަށް) އަދި އެ ތަންތަނާ ބެހޭ އަސާސީ މައުލޫމާތުތައް ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވައިލާ ލިސްޓުތަކަށެވެ.

(ފ) "ހުއްދަ ދީފައިވާ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތްތަކަށެވެ. އަދި މި މާނައިގައި، ބޯހިމެނުމާއި ސަރވޭކުރުމަށް ކަނޑައެޅޭ ސުޕަވައިޒަރުންނާއި، އެނިޔުމަރޭޓަރުންނާއި، ޑޭޓާ އެންޓްރީގެ މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ މީހުން ވެސް ހިމެނެއެވެ.

(ދ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ.

(ތ) "ޕްރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ސަރވޭ ކުރުމުގެ ކުރިން ނުވަތަ ބޯހިމެނުމުގެ ކުރިން ސުވާލުކަރުދާސްތަކުގައި ހިމެނޭ ސުވާލުތަކާއި އެ ސުވާލުތައް ތަރުތީބު ކޮށްފައިވާ ގޮތާއި، އެ ކަންކަން މީހުންނަށް ދޭހަވާގޮތް ބެލުމަށް ހިންގާ ޓެސްޓު ހަރަކާތަށެވެ.

(ލ) "ޕައިލެޓް ސެންސަސް" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމުގެ އަސްލު ހަރަކާތުގެ ކުރިން ބޯހިމެނުމުގެ ހުރިހާ މަރުހަލާތަކެއް ކުރިޔަށްދާނެ ގޮތް ދެނެގަތުމަށް ހިންގާ ހަރަކާތަށެވެ.

(ގ) "މެޓަޑޭޓާ" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބާބެހޭ އިތުރު މައުލޫމާތަށެވެ. މީގެ ތެރޭގައި، މައުލޫމާތު އެއްކުރި ގޮތާއި، ޑޭޓާގެ ފެންވަރު ހާމަކޮށްދޭ މައުލޫމާތާއި، ސާމްޕަލް ނެގުމާއި ކޯޑުކުރުމުގައި ގެންގުޅެފައިވާ އުސޫލުތައް ފަދަ އިތުރު ތަފުސީލުތައް ހިމެނެއެވެ.

(ޏ) "ވިޔަފާރިއެއްގެ ކުޑަބޮޑުމިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރިގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ވިޔަފާރިތައް ގިންތިކޮށްފައިވާ ގޮތަށެވެ. 

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 2021-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު