އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 18 ވަނަ އިސްލާހު ކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2026-03)
(މި ގާނޫނަށް އަމަލުކުރަން ފެށީ 14 މޭ 2026 ގައި)
ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) އުނިކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61-2 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
އޮތޯރިޓީގެ މުވައްޒަފުން 3-61.
(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ، އޮތޯރިޓީގެ ލަފާގެމަތިން، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އޮތޯރިޓީގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމާއި، އެނޫންވެސް ވަޒީފާއާގުޅޭ ކަންކަމުގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކާއި، އެ މަގާމުތަކުގެ ގިންތިއާއި ށަރުތުތައް، އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އޮނިގަނޑު އެކުލަވާލާނީ، އޮތޯރިޓީގެ ބޯޑުގެ ލަފާގެމަތިން، ޗީފް އެގްޒެކެޓިވް އޮފިސަރެވެ. އަދި އެގޮތުން އެކުލަވާލާ އޮނިގަނޑު، ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
(ރ) މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ފާސްކުރާ އޮނިގަނޑުގައި ކަނޑައަޅާފައިވާ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
(ބ) ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައި އެހެން އޮތްނަމަވެސް، އޮތޯރިޓީގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގައާއި، މުވައްޒަފުންނާގުޅޭ އެނޫންވެސް ކަންކަމުގައި، އެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ މި ގާނޫނުގެ 61 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، އެ ނަންބަރުގައި ބަޔާންކުރާ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާއާއި، ތިރީގައި ބަޔާންކުރާ ހިދުމަތްތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
- ކަރަންޓުގެ ހިދުމަތް؛
- ފެނުގެ ހިދުމަތް؛
- ފާހާނާއާއި ނަރުދަމާގެ ހިދުމަތް؛ އަދި
- ކުނި މެނޭޖްކުރުމުގެ ހިދުމަތް.
4 ވަނަ މާއްދާ -
(ހ) މި ގާނޫނުން ބުނެވިދިޔަ ގާނޫނުގެ 3-61 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރެވޭ މާއްދާއާ ގުޅިގެން، އެ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލަންޖެހޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، އެ މާއްދާގެ (ނ) ގެ ދަށުން އެ އޮނިގަނޑު ފާސްކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިށަނަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު، އެ ކޮމިށަނަށް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޮމިށަނުން ފާސްކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑު ސިވިލް ސަރވިސް ކޮމިށަނުން ފާސްކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ބުނެވިދިޔަ ގާނޫނުގެ 61-3 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރެވޭ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައި ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުސާރައިގެ އޮނިގަނޑު ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގެ ދަށުން ފާސްކުރާ މަގާމުތަކުގެ އޮނިގަނޑުގައިވާ ގޮތުގެމަތިން، އޮތޯރިޓީގެ މުވައްޒަފުން، އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެއެވެ.
5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު