-

ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު (ގާނޫނު ނަންބަރު 2014-24) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-18)

(މި ގާނޫނަށް އަމަލުކުރަން ފެށީ 10 ނޮވެމްބަރު 2025 ގައި)

 

ގާނޫނު ނަންބަރު 2014-24 (ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސްޕެށަލް އިކޮނޮމިކް ޒޯން 9.

"ސްޕެށަލް އިކޮނޮމިކް ޒޯން" ނުވަތަ "ޒޯން" ކަމަށް ބުނެފައިއެވަނީ، އިން ވަކިކުރެވިގެންވާ ނުވަތަ އިން ފާހަގަކުރެވިގެންވާ ވަކި ޖިއޮގްރަފިކް ސަރަހައްދެއްގައި، އެއް ޑިވެލޮޕަރެއްގެ އެއް މެނޭޖްމަންޓެއްގެ ދަށުން، ކަނޑައެޅި ބަޔާންވެގެންވާ އިގްތިސާދީ މަސައްކަތްތަކެއް ކުރާ ނުވަތަ ހިންގާ ނުވަތަ ގާއިމުކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ލިބިދެވޭ ގޮތަށް އަދި އެ ސަރަހައްދަކީ، އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީ ދެއްކުމާގުޅޭ އުސޫލުތަކަށް ބަލާއިރު، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދިވެހި ކަސްޓަމްސްގެ އާންމު އިހްތިސާސްއިން އެކަހެރިކުރެވިގެންވާ، ވަކި ކަސްޓަމްސް ސަރަހައްދެއްގެ ގޮތުގައި އިންތިޒާމުކުރެވިގެން ހިންގާ ސަރަހައްދަކަށެވެ. އަދި މި ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން 1-17 ވަނަ މާއްދާގެ ނިޔަލަށް މާނަކޮށްދީފައިވާ ސްޕެށަލް އިކޮނޮމިކް ޒޯނުގެ ތަފާތު ބާވަތްތައް ކަމާގުޅޭ ނިސްބަތަށް ހިމެނޭގޮތުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ސަސްޓެއިނަބަލް ޓައުންށިޕް 1-17.

"ސަސްޓެއިނަބަލް ޓައުންށިޕް" ކަމަށް ބުނެފައިއެވަނީ އެއް މެނޭޖްމަންޓެއްގެ ދަށުން، ކަނޑައެޅޭ ވަކި ޒޯނެއްގައި މި ގާނޫނުގެ 1-70 ވަނަ މާއްދާގައި ބަޔާންކުރާ "ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް އަދި/ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ."

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ވ) 1-17 ވަނަ މާއްދާގައި މާނަކޮށްދީފައިވާ "ސަސްޓެއިނަބަލް ޓައުންށިޕް".

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

"ޕްރޮޕަރޓީ ޓްރާންސްފަރ ޓެކްސް 1-22.

(ހ) ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާގުޅޭ ހައްގުތައް ވިއްކާލާ ޖުމްލަ އަގުގެ %4 (ހަތަރު އިންސައްތަ) ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް، ވިލާ ނުވަތަ ކޮޓަރި ގަންނަ ފަރާތުގެ ކިބައިން ނަގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަކީ، ވިލާ ނުވަތަ ކޮޓަރި ވިއްކާ ފަރާތުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް ނެގުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި، ޓެކްސް ނުދެއްކުމުން އަޅާނެ އިދާރީ ފިޔަވަޅު އަދި އެނޫންވެސް ކަމާބެހޭ އިދާރީ އުސޫލުތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ."

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 70 ވަނަ މާއްދާގެ ފަހަތަށް، އަންނަނިވި ފަދައިން ބާބެއް އިތުރުކުރުން.

ދިހަވަނަ ބާބު

ސަސްޓެއިނަބަލް ޓައުންށިޕް ތަރައްގީކުރުމާގުޅޭ

 

ސަސްޓެއިނަބަލް ސަސްޓެއިނަބަލް ޓައުންށިޕް ތަރައްގީކުރުމުގެ ހާއްސަ ށަރުތުތައް 1-70.

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރާފަދަ ޓައުންށިޕްއެއް ތަރައްގީކުރުމަށް، ހުއްދަ ދެވޭނީ އަންނަނިވި ށަރުތުތައް  ފުރިހަމަވާނަމައެވެ.

  1. ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވުން އަދި؛
  2. ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން؛ ނުވަތަ
  3. ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންށަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން؛ އަދި
  4. އަންނަނިވި ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ޒޯނުގައި ގާއިމުކުރުން އަދި؛
    1. ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް؛
    2. ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް.
  5. ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ސެލްފް ސަފިށެންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60% (ފަސްދޮޅަސް އިންސައްތަ) އަކީ އިއާދަކުރަނިވި ހަކަތައަށްވުން؛ އަދި
  6. ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ އަދި/ނުވަތަ އެކުއަރކަލްޗަރގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ގާއިމުކުރުން؛ އަދި
  7. ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައްދޭ ތަންތަން ހިމެނޭގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ވަސީލަތްތަކާއި ހިދުމަތްތައް ހިމެނޭގޮތަށް އަދި އެ ގަވާއިދުގައި ކަނޑައަޅާ ބާވަތްތަކެއްގެ އަދި ފެންވަރެއްގެ ހޮސްޕިޓަލިޓީ ދާއިރާގެ ތަމްރީނުދެވޭ ގޮތުގެމަތިން ގާއިމުކުރެވޭ ތަންތަނަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، "ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފެންވަރެއްގެ ޒަމާނީ ސިއްހީ ވަސީލަތްތަކާއި ހިދުމަތްތައް ހިމެނޭގޮތަށް ގާއިމުކުރެވޭ ތަންތަނަށެވެ.

(ރ) މި ގާނޫނުގެ 20 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރާފަދަ ޒޯނެއް ހިންގުމަށް ޑިވެލޮޕަރަކަށް ބޯޑުން ހުއްދަ ދިނުމުގައި ބަލާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.

 

ހާއްސަ އިނާޔަތްތައް 2-70.
(ހ) ގާނޫނުގެ 20 ވަނަ މާއްދާގެ (ވ) ގެ ދަށުން އުފައްދާ ޒޯނަށް ނުވަތަ އެފަދަ ޒޯނެއްގެ ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް، އިނާޔަތްތައް ލިބިދެވޭނީ މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. އަދި މި މާއްދާގައި ބަޔާންކުރާ އިނާޔަތްތައް ފިޔަވައި މި ގާނޫނުގެ ދަށުން އިތުރު އިނާޔަތެއް އެ ޒޯނަށް ލިބިގެން ނުވެއެވެ.

  1. ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ނެގޭ ޕްރޮޕަރޓީ ޓްރާންސްފަރ ޓެކްސް ނެގޭނީ އަންނަނިވި ގޮތުގެމަތިންނެވެ.
    1. ފުރަތަމަ މުއާމަލާތަށް %1 (އެކެއް އިންސައްތަ) ގެ ރޭޓުން؛
    2. ދެވަނަ މުއާމަލާތަށް %2 (ދޭއް އިންސައްތަ) ގެ ރޭޓުން؛
    3. ތިންވަނަ އަދި އިތުރުވާ ކޮންމެ މުއާމަލާތަކަށް %4 (ހަތަރެއް އިންސައްތަ) ގެ ރޭޓުން.
  2. ޒޯނުގައި ހިންގާ ވިޔަފާރި ހަރަކާތްތަކުގެ ވިޔަފާރި އާމްދަނީން ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ނެގޭ ޓެކްސް ނެގޭނީ އަންނަނިވި ގޮތުގެމަތިންނެވެ.
    1. ފުރަތަމަ 10 (ދިހައެއް) އަހަރަށް %5 (ފަހެއް އިންސައްތަ) ގެ ރޭޓުން؛
    2. (އެގާރަ) ވަނަ އަހަރުން ފެށިގެން 20 (ވިހި) ވަނަ އަހަރުގެ ނިޔަލަށް %10 (ދިހައެއް އިންސައްތަ) ގެ ރޭޓުން؛
    3. 21 (އެކާވީސް) ވަނަ އަހަރުން ފެށިގެން ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ރޭޓުން.
  3. ޒޯނުގައި ތަރައްގީކުރާ ރެސިޑެންށަލް ވިލާއެއް ނުވަތަ ކޮޓަރިއެއް ވިއްކައިގެން ލިބޭ ފައިދާއިން ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ އާމްދަނީން) ގެ ދަށުން ނަގާ ޓެކްސް ދެއްކުމުން އިސްތިސްނާ ލިބިގެންވެއެވެ.
  4. ޒޯން ތަރައްގީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން އިސްތިސްނާ ލިބިގެންވެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރާ ޒޯނަކަށް މި ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތްތައް ލިބިގެނެއްނުވެއެވެ.

(ނ) މި ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުސޫލުން، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރާ ޒޯން އިސްތިސްނާކުރެވިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ދިހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެގާރަވަނަ ބާބު

އާންމު މާއްދާތައް

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

  1. ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު)؛

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 79 ވަނަ މާއްދާގެ (ށ) ގެ (12) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު)؛

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 82 ވަނަ މާއްދާގައިވާ "ޕާރމިޓް" މި ލަފްޒުގެ މާނަކުރުމުގެ ފަހަތަށް އަންނަނިވި ފަދައިން ތިން އިބާރާތުގެ މާނަކުރުން އިތުރުކުރުން.

"ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައިއެވަނީ، 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތުން ތަރައްގީކުރެވޭ، ޓޫރިސްޓް ރިޒޯޓް، ހޮޓާ، ސަރވިސްޑް ރެސިޑެންސީ، ރީޓެއިލް، އެންޓަރޓެއިންމަންޓް ފަދަ ހޮސްޕިޓަލިޓީގެ ތަފާތު ކޮމްޕޯނަންޓްތަކާއި ސަޕޯޓިންގ އިންފްރާސްޓްރަކްޗަރ ހިމެނޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓަށެވެ.

"ލާޖް-ސްކޭލް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައިއެވަނީ، 500,000,000 (ފަސްސަތޭކަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތުން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓަށެވެ.

"އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައިއެވަނީ، ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއްގައި އެ ރަށެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ތަންތަނަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ވިޔަފާރި ފައިދާއިން ނަގާ ޓެކްސް" މިފަދައިން ބަޔާންކޮށްފައިވާ އެންމެހައި އިބާރާތްތައް "ވިޔަފާރި އާމްދަނީން ނަގާ ޓެކްސް" އަށް ބަދަލުކުރުން.

 

11 ވަނަ މާއްދާ - މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު (ގާނޫނު ނަންބަރު 2014-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު