-

ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު

(ގާނޫނު ނަންބަރު 2024-30)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 3 ޖޫން 2025 ގައި)

(މި ގާނޫނުގެ 43 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2013-07 އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު" އެވެ. 

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުން؛

(ށ) ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓަރޖެނެރޭށަނަލް އިކުއިޓީ ގާއިމުކުރެވޭނެ ފަދައަކުން، ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ނ) ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން؛ އަދި

(ރ) ދައުލަތުގެ ފިސްކަލް ޕޮލިސީ ހިނގާނުހިނގާ ގޮތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ނިޒާމު ހިންގުމާ ގުޅޭގޮތުން ހާސިލުކުރެވޭ ނަތީޖާތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމާއި، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމާބެހޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ދައުލަތުގެ ފިސްކަލް ޕޮލިސީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ފިސްކަލް ނިޒާމުގެ އެންމެހައި ކަންކަން ހިންގުމުގައި އިސްކަންދޭނީ މި ގާނޫނަށެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ނަމުގައި ދަރަނި ނެގުމާ ގުޅޭގޮތުން ނުވަތަ އެ ދަރަނި ބެލެހެއްޓުމާއި، މެނޭޖުކުރުމާ ގުޅޭގޮތުން އަމަލުކުރުމަށް ވަކި އުސޫލުތަކެއް ނުވަތަ އިޖުރާއަތުތަކެއް ކަމާގުޅޭ ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ހާލަތުގައި، ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދައުލަތުގެ ފިސްކަލް ނިޒާމުގެ ތެރެއިން ފިސްކަލް ޕޮލިސީ ހިންގުމަށްޓަކައި ދައުލަތުގެ ދަރަންޏާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަކުރުމުގައި، އެފަދަ ހާއްސަ ގާނޫނެއްގައި ވަކި އުސޫލެއް ބަޔާންކޮށްފައިނުވާނަމަ، އެކަމެއްގެ މައްޗަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.

 

4 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ފަރާތްތަކާއި، ތަންތަނާއި، ކަންކަމުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.  

  1. ދައުލަތުގެ އޮފީސްތައް؛ އަދި
  2. ގާނޫނެއްގެ ދަށުން އުފައްދާފައިވާ ނުވަތަ ގާއިމުކޮށްފައިވާ ޓްރަސްޓް ފަންޑުތަކާއި، ދައުލަތުގެ އޮފީހަކުން ހިންގަމުންދާ އެނޫންވެސް އެފަދަ އެންމެހައި ފަންޑުތައ.ް

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދައުލަތުގެ މަރުކަޒީ ބޭންކް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓ،ީ ޕެންށަން ފަންޑު އަދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ މައްޗަކަށް މި ގާނޫނެއް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދައުލަތުގެ ކުންފުނިތަކާއި، ލޯކަލް ކައުންސިލްތަކާއި، އެ ކައުންސިލްތައް ހިއްސާވާގޮތަށް އުފައްދާ ގާނޫނީ ށަހްސުތަކުގެ މައްޗަށް މި ގާނޫނު ހިނގާނެކަމަށް މި ގާނޫނުގެ ވަކި މާއްދާތަކެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާނަމަ، އެފަރާތްތަކުގެ މައްޗަށް ހިނގާނީ އެ މާއްދާތަކުގައި ބަޔާންކުރާ އުސޫލުތައް އެކަންޏެވެ.

 

 

ދެވަނަ ބާބު

ފިސްކަލް ޕޮލިސީގެ ހަމަތަކާއި ފިސްކަލް ޒިންމާގެ ޗާޓަރު

 

5 ވަނަ މާއްދާ - ފިސްކަލް ޕޮލިސީގެ ހަމަތައް

(ހ) ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅަންވާނީ، ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމަނައިގެން، އަންނަނިވި މައިގަނޑު ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

  1. ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން؛
  2. މެދުރާސްތާގައި، އޯވަރޯލް ފިސްކަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން؛ އަދި 
  3. ފިސްކަލް ހިރާސްތައް ކުޑަވާނެ ގޮތެއްގައި މެނޭޖުކުރުން.

(ށ) ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައެޅުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ އިތުރުން، އަންނަނިވި ހަމަތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ދައުލަތުގެ ރިކަރަންޓް ހަރަދު އިތުރުވާ މިންވަރު، ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށްވުރެ ދަށުގައި ބެހެއްޓުން؛
  2. ދައުލަތުން ކުރާ ހަރަދާއި، އެ ހަރަދުތަކުން ހާސިލުކުރެވޭ ނަތީޖާއާ ބައްދަލުވުން؛
  3. އިންޓަރޖެނެރޭށަނަލް އިކުއިޓީ ގާއިމުކުރުން؛ 
  4. ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުން؛ 
  5. ދެމެހެއްޓެނިވި ގައުމީ ތަރައްގީއަށް އިސްކަންދިނުން؛ އަދި 
  6. ދައުލަތުގެ ބަޖެޓުން ހިންގާ ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން، އެ ޕްރޮގްރާމްތަކަށް ފައިނޭންސްކުރާނެ އެކަށީގެންވާ ގޮތްތައް ހޯދުމަށް އިސްކަންދިނުން. 

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ފިސްކަލް ޕޮލިސީ އެކުލަވާލާނީ މިނިސްޓަރެވެ.

 

6 ވަނަ މާއްދާ - މަރުކަޒީ ބޭންކުން އެޑްވާންސްއަށް ފައިސާ ނެގުމުގެ ހަމަ 

(ހ) ސަރުކާރުން، ދައުލަތުގެ މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަންވާނީ، ދައުލަތުގެ ކޭށްފްލޯ މެނޭޖުކުރުމަށް، އަދި ގިނަވެގެން 91 (ނުވަދިހަ އެކެއް) ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް، އެޑްވާންސްއެއްގެ ގޮތުގައެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %2.5 (ދޭއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސަރުކާރުން، ދައުލަތުގެ މަރުކަޒީ ބޭންކުން ދަރަންޏަށް ނަގާ ފައިސާ އަނބުރާ ދައްކަންވާނީ އެ އިރެއްގެ މާރކެޓް އިންޓަރެސްޓް ރޭޓަށް ރިއާޔަތްކޮށް އެ އިންޓަރެސްޓާ އެކުގައެވެ.

 

7 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރު

ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރެއް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރުގެ މަގްސަދުތައް

ފިސްކަލް ޒިންމާގެ ޗާޓަރުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކަށް ބިނާކޮށް، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑުގެ ތެރެއިން، ކޮންމެ ރިޔާސީ ދައުރެއްގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ދައުލަތުން ހާސިލުކުރުމަށް ބޭނުންވާ ފިސްކަލް އަމާޒުތައް ކަނޑައެޅުން؛ އަދި 

(ށ) ކޮންމެ ރިޔާސީ ދައުރެއްގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ކަނޑައަޅާ ދައުލަތުގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ގޮތެއްގައި ހިންގޭކަން ކަށަވަރުކުރުން.

 

9 ވަނަ މާއްދާ - ފިސްކަލް އަމާޒުތައް ކަނޑައެޅުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ ތައާރުޒުނުވާ ގޮތެއްގެމަތިން، މެދުރާސްތާގެ މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑުގެ ތެރެއިން، ކޮންމެ ރިޔާސީ ދައުރެއްގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ދައުލަތުން ހާސިލުކުރުމަށް ކަނޑައަޅާ ފިސްކަލް އަމާޒުތައް، ފިސްކަލް ޒިންމާގެ ޗާޓަރުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ކޮންމެ ހަމައަކަށް މަދުވެގެން 1 (އެކެއް) ފިސްކަލް އަމާޒު، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅަންވާނެއެވެ. 

 

10 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމަނަންޖެހޭ މައުލޫމާތު

ފިސްކަލް ޒިންމާގެ ޗާޓަރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ދައުލަތުގެ ފިސްކަލް ޕޮލިސީއާއި، އެ ޕޮލިސީ ހިންގުމަށްޓަކައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ ތައާރުޒުނުވާ ގޮތެއްގެމަތިން، ދައުލަތުން ހާސިލުކުރުމަށް ކަނޑައަޅާ ފިސްކަލް އަމާޒުތައް އަންގައިދޭ ބަޔާން؛

(ށ) ފިސްކަލް އަމާޒުތަކަށް ރިއާޔަތްކޮށް، އެއިރެއްގެ އިގްތިސާދީ އަދި ފިސްކަލް ހާލަތުގެ ތަފްސީލު؛

(ނ) ފިސްކަލް އަމާޒުތައް ސަރުކާރަށް ހާސިލުކުރެވުނު މިންވަރު ވަޒަންކުރުމަށްޓަކައި ބޭނުންކުރާނެ މިންގަނޑުތަކާއި،އެ މިންގަނޑުތައް ހިސާބުކުރުމަށް ބޭނުންކުރާނެ މެތަޑޮލޮޖީއާއި މެކްރޯއިކޮނޮމިކް އަދި ފިސްކަލް ޑޭޓާ؛

(ރ) މެކްރޯއިކޮނޮމިކް އަދި ފިސްކަލް ޑޭޓާއާއި، ކުރިމަގުގައި ކަންކަން ހިނގާނެކަމަށް ލަފާކޮށްފައިވާގޮތުގެ އެސަމްޕްށަންތަކާއި ޕްރޮޖެކްށަންތަކަށް ބިނާކޮށް، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާއި ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކާ ދެމެދުގައި ފުށުއެރުމެއް ނެތްކަން އަންގައިދޭ ތަފްސީލު؛ އަދި

(ބ) މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެނޫންވެސް މައުލޫމާތު.

 

11 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރު ފާސްކުރުމާއި ށާއިއުކުރުން

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށްފަހު، ކޮންމެ ރިޔާސީ ދައުރެއްގެ ފުރަތަމަ އަހަރުގެ މާރިޗު މަސް ފެށުމުގެ ކުރިން ވަޒީރުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ފިސްކަލް ޒިންމާގެ ޗާޓަރު، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ވަޒީރުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ. 

(ނ) ފިސްކަލް ޒިންމާގެ ޗާޓަރު ވަޒީރުންގެ މަޖިލީހުން ފާސްކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ޗާޓަރު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅައި، އެ ޗާޓަރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކުރުން

(ހ) ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމްތައް ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމެނުމުގެ ކުރިން، އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކުރުމުގެ ގޮތުން، އެ ޕްރޮގްރާމްތަކުން ލިބޭނެކަމަށް ލަފާކުރާ މާލ،ީ އިގްތިސާދީ އަދި އިޖްތިމާއީ މަންފާއާއި، ހިނގާނެ ހަރަދާއި، އަދި ލިބިދާނެ ގެއްލުން ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު މިނިސްޓަރު ވަޒަންކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކުން ހުށަހަޅާއިރު، އެ ޕްރޮގްރާމްތަކުގެ ބާވަތްތަކާއި އަގަށް ބިނާކޮށް ޕްރޮގްރާމްތައް ދަރަޖަކުރާނެގޮތުގެ މިންގަނޑުތަކާއި، އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކުރުމުގައި އަމަލުކުރާނެ ހަމަތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ. އަދި އެ ގަވާއިދުގައި އެންމެ މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕްގެ ދަށުން ހިންގާ ޕްރޮގްރާމްތަކާއި ދައުލަތުގެ ބަޖެޓުގައި ހިމަނާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމްތައް ކޮންމެ ގޮތަކަށް ފައިނޭންސްކުރި ކަމުގައިވީ ނަމަވެސް، އެ ޕްރޮގްރާމްތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެކަން؛
  2. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމްތަކުގެ ކުޑަބޮޑުމިނާއި ހިރާސްތަކަށް ރިއާޔަތްކޮށް، އެ ޕްރޮގްރާމްތައް އިވެލުއޭޓްކުރާނެގޮތުގެ އުސޫލުތައް؛
  3. ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމްތައް ހިމެނުމަށް އިސްކަންދޭނެ އުސޫލުތައް؛
  4. ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް ހުށަހަޅާ ޕްރޮގްރާމްތައް އިވެލުއޭޓްކޮށްފައިވާގޮތުގެ ނަތީޖާ އާންމުކޮށް ށާއިއުކުރުން؛
  5. ދައުލަތުގެ ބަޖެޓުގައި ހިމަނާ ޕްރޮގްރާމްތަކަށް އެކަށައެޅޭ ހަރަދުތަކަކީ، އެ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭނުންވާ މިންވަރަށް ކަނޑައެޅިފައިވާ ހަރަދުތަކެއްކަން ޔަގީންކުރެވޭގޮތުގެ އުސޫލުތައް؛ އަދި
  6. ދައުލަތުގެ ބަޖެޓުގައި ހިމަނާ ޕްރޮގްރާމްތައް މޮނިޓަރކުރެވޭނެގޮތުގެ އުސޫލުތައ.ް 

 

13 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުން ފިސްކަލް ޕޮލިސީގެ ހަމަތައް ހިފެހެއްޓުން

ވަޒީރުންގެ މަޖިލީހުން، ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެފަދަ ސިޔާސަތުތަކާގުޅޭ އެއްވެސް ނިންމުމެއް ނިންމުމުގައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރަށާއި، އެނޫންވެސް މި ގާނޫނުން އަމަލުކުރުމަށް ލާޒިމުކުރާ އެންމެހައި ކަންކަމަށް ތަބާވާންވާނެއެވެ.

 

14 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ފިސްކަލް ޕޮލިސީގެ ހަމަތައް ހިފެހެއްޓުން

ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރުމުގައި ނުވަތަ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ އެއްވެސް ނިންމުމެއް ނިންމުމުގައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރަށާއި، އެނޫންވެސް މި ގާނޫނުން އަމަލުކުރުމަށް ލާޒިމުކުރާ އެންމެހައި ކަންކަމަށް ތަބާވާންވާނެއެވެ. 

 

15 ވަނަ މާއްދާ - ފިސްކަލް ޕޮލިސީގެ ހަމަތަކަށް އަމަލުކުރުން އިސްތިސްނާވާ ހާލަތްތައް

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރު އަދާހަމަކުރާ ހާލަތުގައި ފިޔަވައި، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް ތަބާވުމުން އިސްތިސްނާވާނީ، ހަމައެކަނި އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ގުދުރަތީ ކާރިސާއެއްގެ ސަބަބުން ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީގެ މަދުވެގެން %15 (ފަނަރަ އިންސައްތަ) އަށްވުރެ ގިނަ މީހުންނަށް ގެއްލުންވުން؛
  2.  ދުރާލާ އަންދާޒާކުރެވިފައިނުވާ އިގްތިސާދީ ބޮޑު ށޮކެއް ކުރިމަތިވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އިގްތިސާދީ ބޮޑު ށޮކެއް ކުރިމަތިވެއްޖެ ކަމުގައި ބަލާނީ، ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

  1. ދިވެހިރާއްޖޭގެ ރިއަލް ޖ.ީޑ.ީޕީ އިތުރުވާ މިންވަރު ނުވަތަ ދިވެހިރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދ،ު ވިދިވިދިގެން 2 (ދޭއް) ކުއާޓަރުގައި، ފާއިތުވި އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު، %0 (ސުމެއް އިންސައްތަ) އަށްވުރެ ދަށްވުން؛
  2. ދައުލަތުގެ އާމްދަނީ، ވިދިވިދިގެން 2 (ދޭއް) ކުއާޓަރުގައި، ފާއިތުވި އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ ދަށްވުން؛
  3. ފައިނޭންށަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކާރިސާއެއް ކުރިމަތިވުން؛
  4. ބެލެންސް އޮފް ޕޭމަންޓްސް ކާރިސާއެއް ކުރިމަތިވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން މި ގާނޫނުގެ ދަށުން ފާސްކުރާ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުން އިސްތިސްނާވާނީ، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހުކޮށް ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން އިސްލާހުކޮށްފައިވާ ޗާޓަރު ފާސްކުރުމަށްފަހު، އެ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށެވެ.

 

16 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތަކުގައި ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހުކުރުން

(ހ) މި ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމެނޭ ފިސްކަލް އަމާޒުތައް އިސްލާހުކޮށް، އަންނަނިވި މައުލޫމާތާއެކު ވަޒީރުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

  1. މި ގާނޫނުގެ ޖަދުވަލު 1 ގައި ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އިސްލާހުކޮށްފައިވާ ފިސްކަލް އަމާޒުތަކާއި ކުރިން އަމަލުކުރަމުންދިޔަ ފިސްކަލް އަމާޒުތަކާ ދެމެދުގައި ހުރި ފަރަގު ހިމަނައި، އިސްލާހުކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރު؛ 
  2. އިސްލާހުކޮށްފައިވާ ފިސްކަލް އަމާޒުތަކާގުޅޭ އާ އޮޕަރޭށަނަލް އަމާޒުތަކާއި، ކުރިން އަމަލުކުރަމުން ދިޔަ ފިސްކަލް އަމާޒުތަކަށް އަނބުރާ އިއާދަވުމަށް ރާވާފައިވާ ގޮތް ހިމަނައި، އަދާހަމަކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާން؛ އަދި
  3. އިސްލާހުކޮށްފައިވާ ފިސްކަލް އަމާޒުތަކާގުޅޭ އާ އޮޕަރޭށަނަލް އަމާޒުތައް ހިމަނައި، އަދާހަމަކޮށްފައިވާ ދަރަނީގެ ސްޓްރެޓަޖ.ީ

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާއިރު، މި ގާނޫނުގެ 15 ވަނަ ާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ފިސްކަލް ޒިންމާގެ ޗާޓަރު އިސްލާހުކުރަންޖެހުނު ހާލަތާއި، އެ ހާލަތާ ގުޅިގެން ފިސްކަލް އަމާޒުތައް އިސްލާހުކުރަންޖެހުނު ތަފްސީލީ ސަބަބުތައް މިނިސްޓަރު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރާއި، އަދާހަމަކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާން އަދި ދަރަނީގެ ސްޓްރެޓަޖ،ީ މި މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ މަޖިލީހުން ފާސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެމަތިން ވަޒީރުންގެ މަޖިލީހުން ފިސްކަލް ޒިންމާގެ ޗާޓަރު ފާސްކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް މިނިސްޓަރު ހުށަހެޅި އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު، އެ ޗާޓަރު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތެއްގެމަތިން އިސްލާހުކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރު ދިވެހިސަރުކާރުގެ ގެޒެޓުގައި މިނިސްޓަރު ށާއިއުކޮށް، މި މާއްދާގެ (ނ) ގެ ދަށުން ވަޒީރުންގެ މަޖިލީހުން ފާސްކުރި އަދާހަމަކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ދަރަނީގެ ސްޓްރެޓަޖީ މިނިސްޓަރު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން އިސްލާހުކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމެނޭ އިސްލާހުކުރެވުނު ފިސްކަލް އަމާޒުތައް، ކުރިއަށް އޮތް މާލީ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ އަހަރީ ބަޖެޓުގައި މިނިސްޓަރު ހިމަނައި، އަދާހަމަކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަޖެޓު ތައްޔާރުކުރަންވާނެއެވެ. 

 

17 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރު އަދާހަމަކުރުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަސް ކުރިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ ތައާރުޒުނުވާ ގޮތެއްގެމަތިން، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މިނިސްޓަރު އިސްލާހުކޮށް، އެ ޗާޓަރު އަދާހަމަކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރު އަދާހަމަކުރުމަށް މިނިސްޓަރު ނިންމައިފިނަމަ، އެ ފިސްކަލް ޒިންމާގެ ޗާޓަރު ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމަނަންޖެހޭކަމަށް މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އަންނަނިވި މައުލޫމާތާއެކު ވަޒީރުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ.

  1. ފިސްކަލް އަމާޒުތައް އިސްލާހުކުރާ ސަބަބު؛ 
  2. އިސްލާހުކުރެވުނު ފިސްކަލް އަމާޒުތައް ހާސިލުކުރުމަށް ދައުލަތުން ކަނޑައަޅާ ސިޔާސަތުތައް މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ ތައާރުޒުނުވާ ގޮތް؛ އަދި
  3. އިސްލާހުކުރެވުނު ފިސްކަލް އަމާޒުތައް ހާސިލުކުރުމަށް ކަނޑައަޅާ ސިޔާސަތުތައް ފިސްކަލް ޕޮލިސީގެ ހަމަތަކާއި ފިސްކަލް އަމާޒުތަކާ އެއްހަމައަށް އަނބުރާ އިއާދަކުރެވޭނެކަމަށް އަންދާޒާކުރެވޭ މުއްދަތު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަދާހަމަކޮށްފައިވާ ފިސްކަލް ޒިންމާގެ ޗާޓަރު މި މާއްދާގެ (ށ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޖިލީހުން ފާސްކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ހުށަހަޅާ ފިސްކަލް ޒިންމާގެ ޗާޓަރު މި މާއްދާގެ (ނ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ޗާޓަރު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ފިސްކަލް ސްޓްރެޓަޖީގެ ބަޔާން

 

18 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާން

ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ހާސިލުކުރުމަށްޓަކައި ކަނޑައަޅާ އޮޕަރޭށަނަލް އަމާޒުތައް ހިމެނޭ، އަދި ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ޕޮލިސީ ތަފްސީލުކޮށްދޭ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނެއް އެކުލަވާލައި، ކޮންމެ އަހަރެއްގެ ޖޫން މަސް ނިމުމުގެ ކުރިން އެ ބަޔާން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގެ މަގްސަދުތައް

ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ހާސިލުކުރުމަށްޓަކައި، އެއިން ކޮންމެ ފިސްކަލް އަމާޒަކަށް ވަކި އޮޕަރޭށަނަލް އަމާޒުތަކެއް ކަނޑައަޅައި، އެކަންކަން ހާސިލުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތް ތަފްސީލުކޮށްދިނުން؛ އަދި

(ށ) ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، މެދުރާސްތާއަށް ކަނޑައަޅާ އޮޕަރޭށަނަލް އަމާޒުތައް ހާސިލުކުރުމަށް އެކުލަވާލާ ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ޕޮލިސީގެ މައުލޫމާތ،ު ރައްޔިތުންގެ މަޖިލީހަށާއި އާންމުންނަށް ފޯރުކޮށްދިނުން.

 

20 ވަނަ މާއްދާ - އޮޕަރޭށަނަލް އަމާޒުތައް ކަނޑައެޅުން

މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ ފިސްކަލް އަމާޒަކަށް، އެ އަމާޒެއް މެދުރާސްތާގައި ހާސިލުކުރުމަށް ރާވާފައިވާ ގޮތް އަންގައިދޭ އޮޕަރޭށަނަލް އަމާޒުތަކެއް ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު 

ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އޮޕަރޭށަނަލް އަމާޒުތައް؛

(ށ) އަންނަނިވި ކަންކަން ހިމެނޭހެން، އޮޕަރޭށަނަލް އަމާޒުތައް މެދުރާސްތާގައި ހާސިލުކުރުމަށްޓަކައި ދައުލަތުގެ ފިސްކަލް ޕޮލިސީ ވަކި ގޮތަކަށް އެކުލަވާލުމަށް ސަރުކާރުން ހުށަހަޅާ ގޮތް؛

  1. އާމްދަނީއާގުޅޭ އާ ސިޔާސަތުތަކާއި، އަމަލުކުރަމުންދާ އާމްދަނީއާގުޅޭ ސިޔާސަތުތަކަށް ސަރުކާރުން ގެންނަން ހުށަހަޅާ ބަދަލުތައް؛
  2. ހަރަދާގުޅޭ އާ ސިޔާސަތުތަކާއި، އަމަލުކުރަމުންދާ ހަރަދާގުޅޭ ސިޔާސަތުތަކަށް ސަރުކާރުން ގެންނަން ހުށަހަޅާ ބަދަލުތައް؛ އަދި
  3. ދައުލަތުގެ އަހަރީ ބަޖެޓުގައި، އާ ރިކަރަންޓް ހަރަދު ހިނގާނެ ޕްރޮގްރާމްތަކާއި އާ މަށްރޫއުތަކަށް އޮންނަ ޖާގ.ަ  

(ނ) ފާއިތުވި މާލީ އަހަރު ލިބިފައިވާ އާމްދަނީއާއި ހިނގާފައިވާ ހަރަދާއި،  

(ނ) ފާއިތުވި މާލީ އަހަރު ލިބިފައިވާ އާމްދަނީއާއި ހިނގާފައިވާ ހަރަދާއި، އެ އަހަރަށް ތައްޔާރުކުރެވުނު ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި އެ އަހަރުގެ ބަޖެޓާ ދެމެދުގައި ހުރި ފަރަގު؛

(ރ) ފިސްކަލް ސްޓްރެޓަޖީ ތައްޔާރުކުރެވޭ މާލީ އަހަރުގެ މުރާޖައާކުރެވޭ އާމްދަނީއާއި ހަރަދުގެ އަންދާޒާތައް؛

(ބ) މެދުރާސްތާގެ މެކްރޯއިކޮނޮމިކ،ް ފިސްކަލް އަދި ދަރަނީގެ އަންދާޒާތައް؛

(ޅ) ފިސްކަލް ޒިންމާގެ ޗާޓަރަށް އަމަލުކުރާ މިންވަރު؛

(ކ) މެދުރާސްތާގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައި ފިސްކަލް އަމާޒުތަކަށް ވާސިލުވެވޭނެ މިސްރާބެއްގައި ހުރި އަމާޒުތަކެއްކަން؛ އަދި

(އ) ފާއިތުވި މާލީ އަހަރު އެކުލަވާލެވުނު ފިސްކަލް ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް ހާސިލުކުރެވުނު މިންވަރ.ު

 

22 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާން ފާސްކުރުމާއި ށާއިއުކުރުން

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިސްކަލް ސްޓްރެޓަޖީގެ ބަޔާން އެކުލަވާލުމަށްފަހު، އެ ބަޔާން ވަޒީރުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ފިސްކަލް ސްޓްރެޓަޖީގެ ބަޔާން ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު، އެ ބަޔާން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާން ދައުލަތުގެ އަހަރީ ބަޖެޓާ އެއްހަމަކުރުން

ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ހިމެނޭ އަދަދުތައް ކޮންމެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ އަދަދުތަކާ އެއްހަމަކޮށް، އަދާހަމަކުރުމަށްފަހު، ކަމާގުޅޭ ތަފްސީލ،ު އެ މާލީ އަހަރެއްގެ ދައުލަތުގެ ބަޖެޓާއެކު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ހުށަހަޅައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ފިސްކަލް ސްޓްރެޓަޖީގެ ބަޔާނަށް ބިނާކޮށް ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުން

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނަށް ބިނާކޮށް ކޮންމެ މާލީ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ އަހަރީ ބަޖެޓުގައި، އަންނަނިވި ކަންކަން ފުރިހަމަވާކަން މިނިސްޓަރު ކަށަވަރުކުރަންވާނެއެވެ.  

(ހ) ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކާއި، ދައުލަތުގެ އަހަރީ ބަޖެޓުގެ މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތަކާ ދެމެދުގައި ފުށުއެރުމެއް ނެތްކަން؛

(ށ) ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް ފުށުނާރާގޮތަށް، ދައުލަތުގެ އާންމު ބަޖެޓުން ސަރުކާރަށް އެންމެ ގިނަވެގެން ކުރެވޭނެ މުޅި ޖުމްލަ ހަރަދުގެ މިންގަނޑާއި، ދައުލަތަށް އެންމެ ގިނަވެގެން ދަރަންޏަށް ފައިސާ ނެގޭނެ މިންގަނޑާއި، ދައުލަތުން އެންމެ ގިނަވެގެން ދަރަނީގެ ގެރެންޓީ ދޫކުރެވޭނެ މިންގަނޑު ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނާފައިވާކަން؛ އަދި

(ނ) ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތާއި ތަސައްވުރު އަންގައިދޭ ބަޔާނެއް ހިމަނާފައިވާކަން.

 

 

ހަތަރުވަނަ ބާބު

ބަޖެޓުގެ ނަތީޖާގެ ބަޔާން

 

25 ވަނަ މާއްދާ - ބަޖެޓުގެ ނަތީޖާގެ ބަޔާން

ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 5 (ފަހެއް) މަސްދުވަހުގެ ތެރޭގައި، ފާއިތުވި މާލީ އަހަރުގެ ދައުލަތުގެ ބަޖެޓުން ހާސިލުކުރެވުނު ނަތީޖާތައް ހިމެނޭ ބަޖެޓުގެ ނަތީޖާގެ ބަޔާނެއް މިނިސްޓަރު އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.  

 

26 ވަނަ މާއްދާ - ބަޖެޓުގެ ނަތީޖާގެ ބަޔާނުގެ މަގްސަދުތައް

ބަޖެޓުގެ ނަތީޖާގެ ބަޔާނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓާއި، އެ މާލީ އަހަރު ނިމުނުއިރު ހިނގި ހަރަދާއި، އެ އަހަރު ލިބުނު އާމްދަނީއާ ދެމެދުގައި ހުރި ފަރަގުތައް ދެނެގަތުން؛ އަދި

(ށ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި އަމާޒުތަކަށް ވާސިލުވެވުނު މިންވަރު ބަޔާންކުރުން.

 

27 ވަނަ މާއްދާ - ބަޖެޓުގެ ނަތީޖާގެ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު

ބަޖެޓުގެ ނަތީޖާގެ ބަޔާނުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި، އެ އަހަރުގެ ތެރޭގައި ލިބުނު އާމްދަނީއާ ދެމެދުގައި ހުރި ފަރަގާއި، ކަމާގުޅޭ ތަފްސީލު؛ 

(ށ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުގައި ދައުލަތުން ކުރަންޖެހޭނެކަމަށް އަންދާޒާކޮށްފައިވާ ހަރަދާއި، އެ އަހަރުގައި ހިނގި ހަރަދުގެ ދެމެދުގައި ހުރި ފަރަގާއި، ކަމާގުޅޭ ތަފްސީލު؛

(ނ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމަނާފައިވާ ބައިތަކަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދުތަކަށް އެ އަހަރުގެ ތެރޭގައި ގެނެސްފައިވާ ބަދަލުތައް؛  

(ރ) ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމެނޭ ދައުލަތުގެ ޖުމްލަ ދަރަންޏާއި، އެ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރި މިންވަރު، އަދި އޭގައި އެކުލެވިގެންވާ ދައުލަތުގެ ބޭރުގެ ދަރަންޏާއި، އެތެރޭގެ ދަރަންޏާއި، ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަނ،ި އަދި ދަރަނީގެ ހިދުމަތުގެ ހަރަދާގުޅޭ 
ތަފްސީލު؛

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ދައުލަތުގެ ޖުމްލަ ދަރަނީގައި އެކުލެވިގެންވާ ބައިތަކާއި، ޖުމްލަ ކޮންޓިންޖެންޓް ލަޔަބިލިޓީތައް ހިމެނޭހެން، ފާއިތުވި މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމެނޭ އަންދާޒާތަކާ ދެމެދުގައި ހުރި ފަރަގާއި، ކަމާގުޅޭ ތަފްސީލު؛

(ޅ) އެއްވެސް މެކްރޯއިކޮނޮމިކް ނުވަތަ ފިސްކަލް ޑޭޓާއަކަށް ނުވަތަ އެކައުންޓިންގ އުސޫލުތަކާއި މިންގަނޑުތަކަށް ގެނެވޭ ބަދަލަކާ ގުޅިގެން ކުރިން ށާއިއުކޮށްފައިވާ ފިސްކަލް ޑޭޓާއަކަށް އަސަރުކޮށްފައިވާނަމަ، އެކަން އަދި އެކަމާގުޅޭ ތަފްސީލު؛

(ކ) ދައުލަތުގެ އަހަރީ ބަޖެޓުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ނަތީޖާތައް ހާސިލުކުރެވުނު މިންވަރު އަންގައިދޭ ކީ ޕަރފޯމަންސް އިންޑިކޭޓަރތަކުގެ މައްޗަށް ބިނާކޮށް، ބަޖެޓުގައި ހިމެނޭ މާލީ ކަންކަން ފިޔަވައި އެނޫން ކަންކަން ހާސިލުކުރެވުނު މިންވަރާއި، ފާއިތުވި މާލީ އަހަރުގައި އެކަންކަމުން ހާސިލުކުރެވުނު ނަތީޖާއާ ދެމެދުގައި ހުރި ފަރަގާއި، ކަމާގުޅޭ ތަފްސީލ.ު  

 

28 ވަނަ މާއްދާ - ބަޖެޓުގެ ނަތީޖާގެ ބަޔާނާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން

މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ނަތީޖާގެ ބަޔާނާ ގުޅިގެން އެ މަޖިލީހުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށްދިނުމަށްޓަކައި، އެކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އިޖުރާއަތުގެ ތެރެއިން އެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މިނިސްޓަރު ހާޒިރުވ،ެ ޖަވާބުދާރީވާންވާނެއެވެ.

 

 

ފަސްވަނަ ބާބު

ފިސްކަލް ހިރާސްތައް މެނޭޖުކުރުން

 

29 ވަނަ މާއްދާ - ފިސްކަލް ހިރާސްތަކުގެ ބަޔާން

ކޮންމެ މާލީ އަހަރެއްގައި، ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ހިނގަމުންދާ މާލީ އަހަރަށް ފާސްކުރި ދައުލަތުގެ އަހަރީ ބަޖެޓު އެ އޮތްގޮތަށް ތަންފީޒުކުރުމަށް ހުރި ހިރާސްތައް ހިމެނޭ ފިސްކަލް ހިރާސްތަކުގެ ބަޔާނެއް މިނިސްޓަރު އެކުލަވާލައި، ައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ފިސްކަލް ހިރާސްތަކުގެ ބަޔާނުގެ މަގްސަދުތައް 

ފިސްކަލް ހިރާސްތަކުގެ ބަޔާނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފިސްކަލް ހިރާސްތަކާއި އެ ހިރާސްތައް ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަތުން؛ އަދި

(ށ) ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުން.

 

31 ވަނަ މާއްދާ - ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު

ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.  

(ހ) އިގްތިސާދީ ހިރާސްތައް؛

(ށ) ދައުލަތުގެ އާމްދަނީއަށް ހުރި ހިރާސްތައް؛

(ނ) ދައުލަތުގެ ހަރަދަށް ހުރި ހިރާސްތައް؛

(ރ) ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް މަށްރޫއުތައް ހިމެނޭހެން، ބިނާރީ އަދި އުމްރާނީ މަށްރޫއުތަކުގެ ފިސްކަލް ހިރާސްތައް؛

(ބ) ލޯކަލް ކައުންސިލްތަކުން ކުރިމަތިވާ ފިސްކަލް ހިރާސްތައް؛

(ޅ) ދައުލަތުގެ ކުންފުނިތަކުން ކުރިމަތިވާ ފިސްކަލް ހިރާސްތައް؛

(ކ) ދަރަނީގެ ހިރާސްތައް؛

(އ) ކޮންޓިންޖެންޓް ލަޔަބިލިޓީ ހިރާސްތައް؛

(ވ) މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުން ކުރިމަތިވާ ފިސްކަލްހިރާސްތައް؛

(ވ) މާލީ ދާއިރާއިން ކުރިމަތިވާ ފިސްކަލް ހިރާސްތައް؛ އަދި

(ފ) އެނޫންވެސް ފިސްކަލް ހިރާސްތައް ކުރިމަތިވެދާނެ އިތުރު ދާއިރާތަކާގުޅޭ މައުލޫމާތު

 

32 ވަނަ މާއްދާ - ފިސްކަލް ހިރާސްތައް ކުޑަކުރުން

ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ހިރާސްތައް ކުޑަކުރުމަށް، މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލް ތައްޔާރުކުރާ "ފިސްކަލް ޒިންމާގެ ގާނޫނަށް ސަރުކާރުން އަމަލުކުރާ މިންވަރު ވަޒަންކުރާ ރިޕޯޓު" އާއި މިނިސްޓަރު ދޭ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން، ދައުލަތުގެ ކުންފުނިތަކާއި، ލޯކަލް ކައުންސިލްތަކާއި، އެ ކައުންސިލްތައް ހިއްސާވާގޮތަށް އުފައްދާ ގާނޫނީ ށަހްސުތަކާއި، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކުން، މަސައްކަތްކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރިޕޯޓުކުރުން

ދައުލަތުގެ ކުންފުނިތަކާއި، ލޯކަލް ކައުންސިލްތަކާއި، އެ ކައުންސިލްތައް ހިއްސާވާގޮތަށް އުފައްދާ ގާނޫނީ ށަހްސުތަކާއި، އަދި މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ފަރާތްތަކުން، މި ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، އޭގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާތަކާއި، ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލާއި، ކަމާގުޅޭ އެނޫންވެސް މައުލޫމާތު ހިމެނޭހެން، 
ފިސްކަލް ހިރާސްތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު އަންގާ ގޮތެއްގެމަތިން، މިނިސްޓަރަށް ރިޕޯޓުކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

އޮޑިޓަރ ޖެނެރަލްގެ ޒިންމާތައް

 

34 ވަނަ މާއްދާ - ސަރުކާރުން ގާނޫނަށް އަމަލުކުރާ މިންވަރު ވަޒަންކުރާ ރިޕޯޓު

(ހ) ކޮންމެ މާލީ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން، "ފިސްކަލް ޒިންމާގެ ގާނޫނަށް ސަރުކާރުން އަމަލުކުރާ މިންވަރު ވަޒަންކުރާ ރިޕޯޓު" ގެ ނަމުގައި، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކަށް ފާއިތުވި މާލީ އަހަރު ސަރުކާރުން އަމަލުކޮށްފައިވާ މިންވަރު ވަޒަންކޮށް ތައްޔާރުކުރާ ރިޕޯޓެއް އޮޑިޓަރ ޖެނެރަލް އެކުލަވާލައި، މިނިސްޓަރަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން މި ގާނޫނާއި އެނޫންވެސް ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން މިނިސްޓަރު އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިވާ މިންވަރާމެދު އޮޑިޓަރ ޖެނެރަލް ދެކޭގޮތް ބަޔާންކުރަންވާނެއެވެ.

  1. ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާފައިވަނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން، އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކަށް ރިއާޔަތްކޮށްގެންކަން ނުވަތަ ނޫންކަން؛
  2. މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރުގައި ހިމަނަންޖެހޭ އެންމެހައި މައުލޫމާތު އެ ޗާޓަރުގައި ހިމަނާފައިވާކަން ނުވަތަ ނުވާކަން، އަދި އެފަދައިން އެ ޗާޓަރުގައި ހިމަނަންޖެހޭ އެއްވެސް މައުލޫމާތެއް މަދުވާނަމަ، އެކަން އަދި އެކަމާގުޅޭ ތަފްސީލު؛
  3. މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައެޅުމަށް ލާޒިމުކުރާ ފިސްކަލް އަމާޒުތައް ކަނޑައަޅާފައިވަނީ މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން؛
  4. މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ހިމަނަންޖެހޭ އެންމެހައި މައުލޫމާތު އެ ބަޔާނުގައި ހިމަނާފައިވާކަން ނުވަތަ ނުވާކަން، އަދި އެފަދައިން އެ ބަޔާނުގައި ހިމަނަންޖެހޭ އެއްވެސް މައުލޫމާތެއް މަދުވާނަމަ، އެކަން އަދި އެކަމާގުޅޭ ތަފްސީލު؛
  5. ދައުލަތުގެ ދަރަންޏާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާ ދަރަނީގެ ސްޓްރެޓަޖީގައި ހިމަނަންޖެހޭ އެންމެހައި މައުލޫމާތު އޭގައި ހިމަނާފައިވާކަން ނުވަތަ ނުވާކަން، އަދި އެފަދައިން އެ ސްޓްރެޓަޖީގައި ހިމަނަންޖެހޭ އެއްވެސް މައުލޫމާތެއް މަދުވާނަމަ އެކަން އަދި އެކަމާގުޅޭ ތަފްސީލު؛
  6. މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އޮޕަރޭށަނަލް އަމާޒުތަކާއި ފިސްކަލް އަމާޒުތަކާ ދެމެދުގައި އެއްވެސް ފުށުއެރުމެއް ވާކަން ނުވަތަ ނުވާކަން؛
  7. މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ބަޖެޓުގެ ނަތީޖާގެ ބަޔާނުގައި ހިމަނަންޖެހޭ އެންމެހައި މައުލޫމާތު އެ ބަޔާނުގައި ހިމަނާފައިވާކަން ނުވަތަ ނުވާކަން، އަދި އެފަދައިން އެ ބަޔާނުގައި ހިމަނަންޖެހޭ އެއްވެސް މައުލޫމާތެއް މަދުވާނަމަ، އެކަން އަދި އެކަމާގުޅޭ ތަފްސީލު؛
  8. މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ފިސްކަލް ޕޮލިސީގެ ހަމަތަކަށް އަމަލުކުރުން އިސްތިސްނާވާ ހާލަތްތަކުގައި، ސަރުކާރުން އަމަލުކޮށްފައިވަނީ އެ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން؛
  9. މި ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރާއި އެނޫންވެސް އެންމެހައި ބަޔާންތައް، އެ މަޖިލީހަށް ހުށަހަޅައިފައިވާކަން ނުވަތަ ނޫންކަން؛ އަދި
  10. މި ގާނޫނުގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި ނުވަތަ އެނޫންވެސް ގޮތަކަށް ށާއިއުކުރުމަށް ލާޒިމުކޮށްފައިވާ އެންމެހައި މައުލޫމާތު އެފަދައިން ށާއިއުކޮށްފައިވާކަން ނުވަތަ ނޫންކަން.

 

35 ވަނަ މާއްދާ - އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓު

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލް އެކުލަވާލާ ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށްޓަކައި ފާއިތުވި މާލީ އަހަރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާގެ މައްޗަށް ރިޕޯޓެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓ،ު ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 5 (ފަހެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

 

 

ހަތްވަނަ ބާބު

ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް

 

36 ވަނަ މާއްދާ - ފިސްކަލް އިމްޕެކްޓް އެނެލިސިސް

(ހ) ރައްޔިތުންގެ މަޖިލީހުން އެއްވެސް ގާނޫނެއް ފާސްކުރުމުގެ ކުރިން ނުވަތަ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެފަދަ އެއްވެސް ނިންމުމެއް ނިންމުމުގެ ކުރިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތް އަންގައިދޭ، އެ ގާނޫނާ ނުވަތަ ނިންމުމާގުޅޭ "ފިސްކަލް އިމްޕެކްޓް އެނެލިސިސް" އެއް ހަދަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިސްކަލް އިމްޕެކްޓް އެނެލިސިސް ރައްޔިތުންގެ މަޖިލީހުން ހެދުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ރައްޔިތުން މަޖިލީހަށް ހުށަހަޅާ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ބިލުތަކާ ގުޅިގެން، ނުވަތަ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ނިންމުންތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެފަދަ ގާނޫނަކާގުޅޭ ނުވަތަ ނިންމުމަކާގުޅޭ ފިސްކަލް އިމްޕެކްޓް އެނެލިސިސްއެއް މިނިސްޓަރު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިސްކަލް އިމްޕެކްޓް އެނެލިސިސް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރުމަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިންވަނަ ފަރާތެއް މެދުވެރިކޮށް ތައްޔާރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ހަދާ ފިސްކަލް އިމްޕެކްޓް އެނެލިސިސް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ސަރުކާރު ޒިންމާދާރުކުރުވުން

މި ގާނޫނުން ލާޒިމުކުރާ ކަންކަމާއި، މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގުމުގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅިގެން ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފިސްކަލްޒިންމާގެ ޗާޓަރާއި އެނޫންވެސް އެންމެހައި ބަޔާންތައް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ކަމާބެހޭ އެހެނިހެން ކޮމިޓީތައް މެދުވެރިކޮށް ދިރާސާކޮށް، އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ސަރުކާރަށް ލަފާދިނުން؛ އަދި

(ށ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފިސްކަލް ޒިންމާގެ ޗާޓަރާއި އެނޫންވެސް އެންމެހައި ބަޔާންތަކާ ގުޅޭގޮތުން، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް، ސަރުކާރަށް ލަފާދިނުން. 

 

 

އަށްވަނަ ބާބު

އާންމު މާއްދާތައް

 

38 ވަނަ މާއްދާ - ދައުލަތުގެ އޮފީސްތަކުން މިނިސްޓަރަށް މައުލޫމާތު ދިނުން

މި ގާނޫނުގެ ދަށުން ތައްޔާރުކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރާއި އެނޫންވެސް އެންމެހައި ބަޔާންތަކާއި ލިޔެކިޔުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޮނުވުމަށް މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތެއްގައި މިނިސްޓަރު އެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން އެ މައުލޫމާތެއް އެފަރާތަކުން މިނިސްޓަރަށް ފޯރުކޮށްދޭންވާނެއެވެ.  

 

39 ވަނަ މާއްދާ - އިންތިގާލީ މާއްދާ

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ޗާޓަރު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގަ އި ށާއިއުކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އާ ރިޔާސީ ދައުރެއް ހިނގަން ފަށާފައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލާނީ 5 (ފަހެއް) އަހަރުދުވަހުގެ ބަދަލުގައި އެ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި "އާ ރިޔާސީ ދައުރެއް ހިނގަން ފަށާފައިވުން" ކަމަށް ބުނެފައި އެވަނީ، ރިޔާސީ ދައުރެއްގެ ފުރަތަމަ 18 (އަށާރަ) މަސްދުވަސް ފާއިތުވެފައިނުވުމަށެވެ.

(ރ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު ށާއިއުކުރުމަށްފަހުގައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 2 (ދޭއް) އަހަރުދުވަސް ކުރިން، އެ ޗާޓަރު މި ގާނޫނުގެ 17 ވަނަ މާއްދާގައި ަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އިސްލާހުކޮށް އަދާހަމަކުރެވިދާނެއެވެ.

 

40 ވަނަ މާއްދާ - ޖަދުވަލު 

މި ގާނޫނުގައި ހިމެނޭ ޖަދުވަލަކީ، މި ގާނޫނުގެ ބައެކެވެ. އެ ޖަދުވަލު ކިޔަންވާނީ، މި ގާނޫނާ އެކުގައެވެ.

 

41 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން 

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.  

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި މާއްދާތަކަށް ނުވަތަ އެއިން މާއްދާއަކަށް އަމަލުކުރެވެން އޮތ،ީ ވަކި އުސޫލުތަކެއް ނުވަތަ ނިޒާމުތަކެއް ތައާރުފުކޮށްގެންކަމަށް މިނިސްޓަރު ދޭ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި، އެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަކަށް ފަސްކުރުމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގެ 27 ވަނަ މާއްދާގެ (ބ)؛ 
  2. މި ގާނޫނުގެ 27 ވަނަ މާއްދާގެ (ޅ)؛ 
  3. މި ގާނޫނުގެ 27 ވަނަ މާއްދާގެ (ކ).

(ނ) މި ގާނޫނުގެ އެއްވެސް މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުން ފަސްކުރުމަށް މި މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނީ، މި ގާނޫނު ތަސްދީގުކުރާއިރު ށާއިއުކުރާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އަދި އެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށް އަމަލުކުރުމަށް ައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތާރީހު، އެ ގަރާރުގައި ބަޔާންކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2013-07 (ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު) އުވުނީއެވެ.

 

44 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ހަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އަދި އެނޫންވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. މި މާނައިގެ ތެރޭގައި، އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއާއި، ލޯނު އަނބުރާ ދެއްކުމަށް ދޫކުރާ ފައިސާއާއި، ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސ،ާ އަދި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކަށް ކުރާ ހަރަދުތައް ނުހިމެނޭނެއެވެ.

(ށ) "ހިލޭ އެހީ" ކަމަށް ބުނެފައި އެވަނީ، ފައިސާގެ އަދަދަކުން ނުވަތަ މުދަލަކުން ނުވަތަ ހިދުމަތެއްގެ ގޮތުގައި، ދައުލަތަށް ލިބޭ އަނބުރާ ދައްކަން ނުޖެހޭ އަދި އެއަށް ބަދަލެއް ދޭން ނުޖެހޭ އެހީއަށެވެ.

(ނ) "ރިކަރަންޓް ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ހަރަދުތަކުގެ ތެރޭގައި އަބަދުމެ ގަވާއިދުން ކުރަންޖެހޭ ހަރަދު ނުވަތަ ދައުލަތުގެ ހަރުމުދަލެއް ނުއުފެދޭ ނުވަތަ އިތުރުނުވާ ހަރަދުތަކަށެވެ.

(ރ) "ރިއަލް ޖ.ީޑ.ީޕީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިގްތިސާދުގައި އުފައްދާ ތަކެއްޗާއި ހިދުމަތުގެ ޖުމްލަ އަގު، އިންފްލޭށަނަށް އެޖަސްޓުކުރުމަށްފަހު މިންކުރުމަށް ގެންގުޅޭ މިންގަނޑަށެވެ.

(ބ) "ކީ ޕަރފޯމަންސް އިންޑިކޭޓަރތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުން މަސްއޫލުވ،ެ ޒިންމާވާ މަސައްކަތްތަކުން ހާސިލުކުރާ ނަތީޖާތައް މިންކޮށް، ހިސާބުކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށެވެ.

(ޅ) "ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަގުބަލުގައި ހިނގާފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހިދާނެ މާލީ ޒިންމާތަކަށެވެ. މި މާނައިގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.

(ކ) "އާންމުކޮށް ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގެ ވެބްސައިޓުގައި ނުވަތަ ފޮތެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކުން އާންމުކޮށް ށާއިއުކުރުމަށެވެ.

(އ) "އިންޓަރޖެނެރޭށަނަލް އިކުއިޓީ" ކަމަށް ބުނެފައި އެވަނީ، ޖީލުތަކުގެ ގިންތީގެ ހަމަހަމަކަމަށެވެ.

(ވ) "އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ގާނޫނަކުން ބާރުލިބިގެން، ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ހިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، އެކި ކަންކަމުން ދައުލަތަށް ނަގާ ފީތަކާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތައް ނުވަތަ ބިންތައް ނުވަތަ ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިންތައް ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާ އަދި ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާއަށެވެ.

(ވ) "އޯވަރޯލް ފިސްކަލް ބެލެންސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ޖުމްލަ ހަރަދުން ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ކަނޑާލުމުން ބާކީވާ އަދަދަށެވެ.

(ފ) "އޮޕަރޭށަނަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.

(ދ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާގުޅޭ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ތ) "މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.  

(ލ) "މެކްރޯއިކޮނޮމިކްސް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކަށެވެ.

(ގ) "މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު" ކަމަށް ބުނެފައި އެވަނީ، މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، މި ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.

(ޏ) "މެކްރޯއިކޮނޮމިކް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދުގެ ސިއްހަތު ދެނެގަތުމަށް އާންމުކޮށް ބޭނުންކުރާ މިންގަނޑުތަކާ ގުޅޭ ހިސާބުގެ އަދަދުތަކަށެވެ.

(ސ) "މެދުރާސްތާ" ކަމަށް ބުނެފައި އެވަނީ، މުސްތަގުބަލުގައި މެދުނުކެނޑި އަންނަން އޮތް ތިން މާލީ އަހަރުގެ މުއްދަތަކަށެވެ.  

(ޑ) "ފިސްކަލް ނިޒާމު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާމްދަނީއާއި ހަރަދާއި ދަރަންޏާ ގުޅުންހުރި ކަންކަމަށެވެ.

(ޒ) "ފިސްކަލް އަންދާޒާތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ހަރަދާއި ހަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކަށް، މެދުރާސްތާއަށް ކޮށްފައިވާ އަންދާޒާތަކަށެވެ.

(ޓ) "ފިސްކަލް އަމާޒުތައް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމާއި، މާލީ ހަމަޖެހުން ގެނައުމާއެކު، ދެމެހެއްޓެނިވި ގޮތަކަށް ދައުލަތުގެ މާލިއްޔަތު ކުރިއެރުވުމަށް ފިސްކަލް ޒިންމާގެ ޗާޓަރުގައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ކަނޑައަޅާ އަމާޒުތަކަށެވެ. 

(ޔ) "ފިސްކަލް އިމްޕެކްޓް އެނެލިސިސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލުކުރަން ފެށުމުގެ ސަބަބުން ނުވަތަ އެ މަޖިލީހުން ނިންމާ ނިންމުމެއް ތަންފީޒުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ގޮތުން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން މި ގާނޫނުގެ 36 ވަނަ މައްދާގެ ދަށުން ތައްޔާރުކުރާ ރިޕޯޓަށެވެ.

(ޕ) "ފިސްކަލް ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ހާސިލުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތުގެ ތަފްސީލާއި، ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށް ރާވާފައިވާ ގޮތަށެވެ.

(ޖ) "ފިސްކަލް ޑޭޓާ" ކަމަށް ބުނެފައި އެވަނީ، ހިނގަމުންދާ އަދި ފާއިތުވި އަހަރުތަކުގެ ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ހަރަދާއި ހަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކުގެ ހިސާބު އަދަދުތަކަށެވެ.

(ޗ) "ފިސްކަލް ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓަޖީގައި ބަޔާންކުރާ ދައުލަތުގެ އާމްދަނީއާއި، ހަރަދާއި، ދަރަނީގެ ސިޔާސަތުތަކަށެވ.

(ހހ) "ދައުލަތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ދައުލަތުގެ ކުންފުނިތައް ފިޔަވައި، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.

(ށށ) "ދައުލަތުގެ ބަޖެޓު" ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.

(ނނ) "ދައުލަތުގެ ކުންފުނި" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި އެ ކުންފުނީގެ ހިންގުމަށް ނުވަތަ އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި ނުވަތަ އެ ކުންފުނީގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ކުންފުންޏަކަށް ދައުލަތުގެ އަހަރީ ބަޖެޓުން ފައިސާ ދޫކުރާ ކުންފުނިތަކަށެވެ.

(ރރ) "ދައުލަތުގެ އާންމު ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

(ބބ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށެވެ.

(ޅޅ) "ދައުލަތުގެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުން މުސްތަގުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދ/ިނުވަތަ އިންޓަރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ލޯނާއި، ސެކިއުރިޓީއާއި، ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަންޏާ ގުޅިފައިވާ ފައިސާ ދެއްކުމުގެ އިލްތިޒާމުތަކުގެ ދަށުން އުފަންވާ އެންމެހައި މާލީ އިލްތިޒާމުތަކަށެވެ. 

(ކކ) "ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގާނޫނީ ށަހްސަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ގާނޫނީގޮތުން ދޭ ޔަގީންކަމަށެވެ. މި މާނައިގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.

(އއ) "ދަރަނީގެ ސްޓްރެޓަޖީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ހަރަދުކުޑަކޮށްހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ ދަރަންޏާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާ ސްޓްރެޓަޖީއަށެވެ.

(ވވ) "ދައުލަތުގެ ދަރަންޏާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، މެނޭޖުކުރުމާއި، ރެގިއުލޭޓްކުރުމާއި، ދަރަނި ނެގުމާއި ދެއްކުމާބެހޭ އެންމެހައި ކަންކަން ހިންގުމާ ގުޅޭގޮތުން އަމަލުކުރެވޭ ގާނޫނަށެވެ.

(މމ) "ދައުލަތުގެ ޖުމްލަ ދަރަނި" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހު، ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.

(ފފ) "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ބޭނުންވާ އުމްރާނީ އަދި ބިނާރީ ތަރައްގީގެ ވަސީލަތްތައް ގާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަށްރޫއުތަކުގެ ޕްލޭނަށެވެ.

(ދދ) "ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް މަށްރޫއުތައް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ވިޔަފާރިތަކާއެކު ވެވޭ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހިންގާ މަށްރޫއުތަކަށެވެ.

 

 

ޖަދުވަލު 1

ފިސްކަލް ޒިންމާގެ ޗާޓަރުގެ ނަމޫނާ

 

1 ވަނަ މާއްދާ - ތައާރުފު

މި ބައިގައި، ފިސްކަލް ޒިންމާގެ ޗާޓަރުގެ ގާނޫނީ ހައިސިއްޔަތާއި، ޗާޓަރުގެ މަގްސަދުތައް ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ފިސްކަލް އަމާޒުތައް އަންގައިދޭ ބަޔާން

(ހ) މި ބަޔާނުގައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކަށް ތަބާވާ މިންވަރު އެނގޭހެން ކޮންމެ ހަމައަކަށް ވަކިވަކި ފިސްކަލް އަމާޒުތަކެއް ކަނޑައަޅަންވާނެއެވެ.

(ށ) ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާ ކޮންމެ އަމާޒަކީ ވަކި ހަމައަކާ ގުޅުވައިގެން، މިންކުރެވ،ޭ ހާސިލުކުރެވޭވަރުގެ އަދި ވަކި މުއްދަތަކަށް ކަނޑައެޅޭ އަމާޒުތަކަކަށް ވާންވާނެއެވެ. އަދި އެކަންކަމުގެ ތަފްސީލު އެ ބަޔާނުގައި ހިމަނަންވާނެއެވެ.

(ނ) އެ ބަޔާނުގައި، ދިވެހިރާއްޖޭގެ އެއިރެއްގެ އިގްތިސާދީ ހާލަތާއި، ތަސައްވުރާއި، ދައުލަތުގެ އާމްދަނީއާއި، ހަރަދާއި، އަދި ދަރަނީގެ ހާލަތާއި، ތަސައްވުރު ހިމަނައި، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށް ޖުމްލަގޮތެއްގައި ގެންނަންޖެހޭ ބަދަލުތައް ހިމަނަންވާނެއެވެ. 

 

3 ވަނަ މާއްދާ - ފިސްކަލް ޕޮލިސީގެ މަގު ޗާޓު

ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާ ފިސްކަލް އަމާޒުތައް ހާސިލުކުރުމަށް، ފިސްކަލް ޕޮލިސީއަށް 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ގެންނަން ހުށަހަޅާ ބަދަލުތައް މި ބައިގައި ބަޔާންކުރަންވާނެއެވެ. އޭގެ ތެރޭގައި ގާނޫނަށް ގެންނަ ބަދަލުތަކާއި، އަމަލުކުރަމުންދާ އިޖުރާއަތަށް ގެންނަ ބަދަލުތައް ހިމެނިދާނެއެވެ. އޭގެ އިތުރުން އަންނަނިވި ކަންކަމާގުޅޭ މައުލޫމާތު މި ބައިގައި ހިމަނަންވާނެއެވެ.  

(ހ) 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގައި ތަންފީޒުކުރުމަށް ރާވާ އާމްދަނީގެ އާ ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރާވާފައިވާ ގޮތާއި، އެކަންކަމުން އާމްދަނީއަށް ކުރާނެ އަސަރު؛

(ށ) 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގައި ތަންފީޒުކުރުމަށް ރާވާފައިވާ ރިކަރަންޓް ޕްރޮގްރާމްތަކާއި، ކެޕިޓަލް ހަރަދުގެ ތަފްސީލު؛(ނ) ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ފިސްކަލް ޒިންމާގެ ޗާޓަރު ހެދޭ މުއްދަތުގައި ހިންގުމަށް ރާވާފައިވާ މަށްރޫއުތައް )އަލަށް ފަށާ މަށްރޫއުތައް ހިމެނޭހެން( އެކިއެކި ބައިތަކަށް )"ކްލެސިފިކޭށަން އޮފް ދަ ފަންކްށަންސް އޮފް ގަވަރމަންޓް" ގެ ބައިތަކަށް( ބެހިފައިވާ ގޮތް އަންގައިދޭ ތަފްސީލީ ބަޔާން؛

(ރ) ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގުމަށް ރާވާފައިވާ މަށްރޫއުތަކަށް ފައިނޭންސްކުރާނެގޮތުގެ ޕްލޭން؛ އަދި

(ބ) ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ސިޔާސަތުތަކާ ގުޅިގެން ދަރަންޏަށް ކުރާނެކަމަށް ބެލެވޭ އަސަރާއި، ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ކަނޑައަޅާފައިވާ ފިސްކަލް އަމާޒާ ގުޅޭގޮތް. 

 

4 ވަނަ މާއްދާ - ފިސްކަލް ޕަރފޯމަންސް ވަޒަންކުރެވޭނެ ގޮތާއި ވަޒަންކުރުމަށް ބޭނުންވާނެ މައުލޫމާތު 

(ހ) މި ޖަދުވަލުގެ 2 ވަނަ މާއްދާގެ ދަށުން ބަޔާންކުރާ ފިސްކަލް އަމާޒުތައް އަންދާޒާކުރުމުގައި ގެންގުޅެފައިވާ މެތަޑޮލޮޖީ އަދި އެސަމްޕްށަންސް މި ބައިގައި ހިމަނަންވާނެއެވެ.

(ށ) ފިސްކަލް ޕޮލިސީގެ މަގު ޗާޓުގައިވާ ކަންކަން ހާސިލުވާ މިންވަރު ދެނެގަނެވޭނެ ކީ ޕަރފޯމަންސް އިންޑިކޭޓަރތަކަށް މި ބައިގައި އަލިއަޅުވާލަންވާނެއެވެ.

(ނ) ފިސްކަލް އަމާޒުތައް ކަނޑައެޅުމަށް އަދި ފިސްކަލް ޕޮލިސީގެ މަގު ޗާޓުގައިވާ ކަންކަން ހާސިލުކުރުމަށް ކަނޑައަޅާ ކީ ޕަރފޯމަންސް އިންޑިކޭޓަރތަކަށް ބޭނުންކޮށްފައިވާ ޑޭޓާ ސޯސް ހިމަނަންވާނެއެވެ. 

 

5 ވަނަ މާއްދާ - ފިސްކަލް ޒިންމާގެ ޗާޓަރު ފިސްކަލް ޕޮލިސީގެ ހަމަތަކާ އެއްގޮތްވާ މިންވަރު  

ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާ ފިސްކަލް އަމާޒުތައް ކަނޑައަޅާފައިވަނީ މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންކަމާއި، ކަމާގުޅޭ ތަފްސީލު މި ބައިގައި ބަޔާންކުރަންވާނެއެވެ. 

 

އުވުނު ގާނޫނު

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު