-

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2011-03) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2019-07)

 

ގާނޫނު ނަންބަރު 2011-03 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

10.(ށ)(1) ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ކައުންސިލުގެ މެންބަރުން

ކަައުންސިލް އެކުލެވިގެންވަނީ، އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.

(ހ) ގަގާމުގެ ހައިސިއްޔަތުން ހިމެނޭ 2  (ދޭއް) މެންބަރުން؛ 

(ށ) ކައުންސިލުން ހުށަހަޅާ، މަދުވެގެން 16 (ސޯޅަ) މީހުންގެ ލިސްޓަކުން، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން؛ 

(ނ) އިންތިހާބުކުރާ 8 (އަށެއް) މެންބަރުން؛

(ރ) ކައުންސިލަށް ފެނިއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކު.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ، ތިރީގައި ނަކަލުކޮށްފައިވާ (ނ) އަދި (ރ) އުނިކުރުން.

13.(ނ) ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭށަން އެންޑް ފައިނޭންސް)؛

(ރ) ޑެެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭށަން).

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. އިންތިހާބުކުރާ މެންބަރުން

އަަންނަނިވި މެންބަރުންނަކީ، ޔުނިވަރސިޓީ ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނެވެ.

(ހ) ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛

(ށ) ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓުން އިންތިހާބުކުރާ 1( އެކެއް) ސެނެޓް މެންބަރު؛

(ނ) ފެކަލްޓީތަކުގެ ޑީނުންގެ ތެރެއިންނާއި މަރުކަޒުތައް ހިންގާ އެންމެ އިސްވެރިންގެ ތެރެއިން އިންތިހާބުކުރާ އެކަކު ؛ 

(ރ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ މީހުންނާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ޕްރޯ ވައިސް ޗާންސެލަރުންނާއި، ކޮލެޖް، ފެކަލްޓީ، ސެންޓަރުތައް ފަދަ ތަންތަނުގެ އިސްވެރިން ފިޔަވައި، ކިޔަވައިދޭ އެހެން މީހުންގެ ތެރެއިން އިންތިހާބުކުރާ 2 (ދޭއް) މީހުން؛

(ބ) ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ ތެރެއިން އިންތިހާބުކުރާ އެކަކު؛

(ޅ) ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން އިންތިހާބުކުރާ އެކަކު؛

(ކ) ޔުނިވަރސިޓީގެ އިދާރީ މަސައްކަތުގައި ނުވަތަ ކިޔަވައިދިނުމުގައި ބައިވެރިނުވާ ދަރިވަރުންގެ ތެރެއިން އިންތިހާބުކުރާ އެކަކު.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. މެންބަރުކަމުގެ ދައުރު

(ހ) މަގާމުގެ ހައިސިއްޔަތުން ޔުނިވަރސިޓީ ކައުންސިލުގައި ހިމެނޭ މެންބަރުން، އެ މަގާމުތަކުގައި ދެމިތިބިހާ ހިނދަކު، ކައުންސިލުގެ މެންބަރުންގެ ގޮތުގައި ދެމިތިބޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކޮށް، އެ މާއްދާގެ (ށ) އަކީ އެ މާއްދާގެ (ނ) ގެ ގޮތުގައި ބަދަލުކުރުން.

20.(ށ) މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރު އައްޔަންކުރާ 8 (އަށެއް) މެންބަރުން، 20 މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ 4 (ހަތަރު) އަހަރުދުވަހަށްވުރެ ދިގުނުވާ ގޮތެއްގެމަތިން، އައްޔަންކުރާއިރު، ކަނޑައެޅޭ މުއްދަތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

21.ކައުންސިލު ގެ ނޮމިނޭށަން ކޮމިޓީ 

މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓު އެކުލަވާލާނީ، ކައުންސިލުގެ ނޮމިނޭށަން ކޮމިޓީންނެވެ. އެ ކޮމިޓީ އެކުލެވިގެންވާނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

(ހ) ޗާންސެލަރ؛

(ށ) ވައިސް ޗާންސެލަރ؛

(ނ) ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ޗާންސެލަރ އައްޔަންކުރާ 6 (ހައެއް) މެންބަރުން.

22.ނޮމިނޭށަން ކޮމިޓީން ނަން ލިސްޓު އެކުލަވާލާނެގޮތް

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މެންބަރުން އައްޔަންކުރުމަށް ހުށަހަޅާ ނޮމިނޭށަން ލިސްޓުގައި މަދުވެގެން 16 (ސޯޅަ) މީހުންގެ ނަން ހިމަނަންވާނެއެވެ.

(ށ) ނޮމިނޭށަން ކޮމިޓީން ނޮމިނޭށަން ލިސްޓު އެކުލަވާލާއިރު، އެކި ފަންނުގެ ހުނަރުތަކުގެ މީހުން ހިމަނަންވާނެއެވެ.

(ނ) ނޮމިނޭށަން ކޮމިޓީން އެކުލަވާލާ ނޮމިނޭށަން ލިސްޓުގައި އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ނަން ހުށަހަޅައިގެންނުވާނެއެވެ.

  1. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް؛
  2. ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފެއް؛
  3. ޔުނިވަރސިޓީގެ ދަރިވަރެއް؛
  4. ނޮމިނޭށަން ކޮމިޓީގެ މެންބަރެއް.

23. ނޮމިނޭށަން ކޮމިޓީގެ ލިސްޓުން މެންބަރުން އައްޔަންކުރުން

ނޮމިނޭށަން ކޮމިޓީގެ ނޮމިނޭށަން ލިސްޓު މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ލިސްޓުގައިވާ މެންބަރުންގެ ތެރެއިން އެ ވަޒީރަށް ފެންނަ ގޮތުގައި ޔުނިވަރސިޓީގެ މަސްލަހަތު ކުރިއަރުވަން އެންމެ އެކަށީގެންވާ 8 (އަށެއް) މެންބަރުން އައްޔަންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

24.އިސްތިއުފާދިނުން

(ހ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

(ށ) މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ޔުނިވަރސިޓީގެ ޗާންސެލަރަށް ހުށަހަޅައި، އެ ސިޓީ ޗާންސެލަރަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން. 

30.(ށ) ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

31.(ށ) ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. ނަމަވެސް، 31 މި މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގައި އޭނާ މަގާމުން ވަކިކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 31 ވަނަ މާއްދާގެ (ނ) އަދި (ރ) އުނިކުރުން. 

31(ނ). ވައިސް ޗާންސެލަރ އޭނާގެ މަގާމުން ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުން ހާލަތެއް 31 މެދުވެރިވެގެން ކައުންސިލު ގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

  1. ވައިސް ޗާންސެލަރުގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން ނުވަތަ ވައިސް ޗާންސެލަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާފަދަ އަމިއްލަ މަ ސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން؛
  2. ވައިސް ޗާންސެލަރުގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން އޭނާގެ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް ކައުންސިލަށް ފެނުން؛
  3. ވައިސް ޗާންސެލަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.

(ރ) ސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، ވައިސް ޗާންސެލަރ އެ މަގާމުން ވަކިވީއެވެ .

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.  

33. ވަގުތީގޮތުން ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހުން އައްޔަންކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ވަގުތީގޮތުން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މީހަކު އައްޔަންކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު ހުސްވުން.
  2. ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމާ ހަވާލުވެގެން ހުރި މީހަކު ރަށުން ބޭރުގައިވުން ނުވަތަ އެހެންވެސް ސަބަބަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

41(ށ)(7) ހާއްސަ ހާލަތްތަކުގައި ވައިސް ޗާންސެލަރުގެ ޒިންމާތަކާއި ބާރުތައް ޑެޕިއުޓީ ވައިސް ޗާންސެލަރ އުފުލައި ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުން.

  

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 50 ވަނަ މާއްދާގެ (ހ)ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

50(ށ).ޗާންސެލަރ ނުވަތަ ވައިސް ޗާންސެލަރ އައްޔަންކުރުން ސައްހަ ނުވުމުގެ ސަބަބުންނާއި، ކޮމިޓީއަކަށް ގަވާއިދާ ހިލާފަށް އިންތިހާބުކުރެވިފައިވާ މީހަކު ހުރުމުންނާއި، ކޮމިޓީއެއް އެއްކުރުން ގަވާއިދާ ހިލާފުވުމުންނާއި، ކައުންސިލް ނުވަތަ ސެނެޓު ނުވަތަ ކޮމިޓީއަކަށް ހޮވަންޖެހޭ މެންބަރެއް ނުހޮވައި އޮތުމުގެ ސަބަބުން އެފަދަ މީހަކު ނުވަތަ ކޮމިޓީއަކުން ނިންމާ ނިންމުމެއް ބާތިލެއް ނުވާނެއެވެ.

  

15 ވަނަ މާއްދާ- ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53.އަހަރީ ރިޕޯޓު

(ހ) ޔުނިވަރސިޓީގެ ހަރަކާތްތަކުގެ މައްޗަށް އެކުލަ ވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މަތީ ތައުލީމާބެހޭ ކަންތައްތަކަށް ޒިންމާވާ ވަޒީރަށް ކައުންސިލުން ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 58 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

58.އިންތިގާލީ ކަންކަން

(ހ) ގާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އެކުލަވާލާ ފުރަތަމަ ޔުނިވަރސިޓީ ކައުންސިލަށް މެންބަރުން އައްޔަންކޮށް، އަދި އިންތިހާބުކުރަންޖެހޭ މެންބަރުން އިންތިހާބުކުރުމަށްފަހު، އެ ކައުންސިލް އަލުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ކައުންސި ލް އެކުލަވާލުމުގެ ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމުގެ މަސައްކަތްކުރާނީ، ޔުނިވަރސިޓީގެ ޗާންސެލަރ އެކަމަށް އައްޔަންކުރާ ވަގުތީ ކޮމިޓީއަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީ އެކުލެވިގެންވާނީ، ޗާންސެލަރާއި ، ވައިސް ޗާންސެލަރު ގެ އިތުރުން، ޔުނިވަރސިޓީގެ މަގާމުތައް ފުރަމުންދާ ފަރާތްތަކުގެ ތެރެއިން ޗާންސެލަރ އައްޔަންކުރާ 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ކައުންސިލް އަލުން އެކުލަވާލުމާއެކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީ އުވުނީއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލް އަލުން އެކުލަވާލެވެންދެން، ގާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ކައުންސިލް ދެމިއޮންނާނެއެވެ.

 

17 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

19 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2011-03) 

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގައުމީ ޔުނިވަރސިޓީގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު