-

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-18)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ސެޕްޓެމްބަރު 2024 ގައި)

 

ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން. 

  1. ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުން؛
  2. ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 100 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

  1. ޕްރައިވެޓް ކުންފުންޏެއްނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުން؛ އަދި
  2. ޕަބްލިކް ކުންފުންޏެއްނަމަ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 113 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސ،ް އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި، މި ގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން އައްޔަންކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މިގޮތުން ރަޖިސްޓްރާރ ކުންފުންޏަށް އެންގުމެއް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކުރާ އަދަދަށް ކުންފުންޏަށް ޑިރެކްޓަރުން އައްޔަންކޮށް، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ކުންފުންޏެއްގައި، އެއްވެސް ވަގުތެއްގައި، މި ގާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކުރާ މެނޭޖިންގ ޑިރެކްޓަރެއް ނެތްނަމަ، ނުވަތަ މެނޭޖިންގ ޑިރެކްޓަރެއް ނެތްކަމަށް އެއްވެސް ފަރާތަކުން ރަޖިސްޓްރާރގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ މާއްދާގައި ބަޔާންކުރާ މެނޭޖިންގ ޑިރެކްޓަރު އައްޔަންކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި ރަޖިސްޓްރާރ އެފަދައިން ކުންފުންޏަށް އެންގުމެއް އަންގައިފިނަމަ، އެ އެންގުމެއް ކުންފުންޏަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަންކޮށް، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތާއެކު ރަޖިސްޓްރާރަށް އެ ކުންފުންޏަކުން ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު