-

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު

(ގާނޫނު ނަންބަރު 2024-16)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 8 ޑިސެމްބަރު 2024 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ދިވެހިރާއްޖޭގެ ބިމުގެ ބޭނުން ހިފޭނެ ގޮތަކަށް، ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކޮށް، ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތަކާއި، ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމެހެއްޓެނިވި ގޮތެއްގައި ބިނާވެށި ތަރައްގީކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އިގްތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން؛

(ށ) ދެމެހެއްޓެނިވި ގޮތެއްގައި ބިމުގެ ބޭނުން ހިފޭނެ ގޮތަކަށް، އަދި ހެޔޮގޮތުގައި ބިން ބޭނުންކުރުމަށް މަގުފަހިވާނެ އުސޫލަކުން، ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކުރުމާއި ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ނ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުން؛

(ރ) މި ގާނޫނުގެ ދަށުން އެކިއެކި މަސްއޫލިއްޔަތުތައް މަތިކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބިނާވެށި ޕްލޭންކުރުމުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން މަސައްކަތްކުރުމަށް މަގުފަހިކުރުން؛

(ބ) އެކަށީގެންވާ ގޮތެއްގައި ގާނޫނު ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި، ބިން ތަރައްގީކުރާ ފަރާތްތަކުގެ މަސައްކަތް މޮނިޓަރކޮށް އެ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމުކުރުން؛

(ޅ) ބިނާވެށި ޕްލޭންކޮށް ތަރައްގީކުރުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރުން.

 

 

ދެވަނަ ބާބު

ގާނޫނު ހިންގުން

 

3 ވަނަ މާއްދާ - ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ސިޔާސަތު

(ހ) ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ގައުމީ ސިޔާސަތު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

(ނ) ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ގައުމީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ޕްލޭނިންގ އިދާރާތަކުންނާއި އެނޫންވެސް ފަރާތްތަކުން އެ ސިޔާސަތު ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާ ގޮތެއްގައި ކުރަމުންދޭތޯ ބަލައި، މި ގާނޫނު ތަންފީޒުކުރުމުގެ އިސް ޒިންމާ އަދާކުރާނީ މިނިސްޓަރެވެ.

 

4 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު

މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ބިން ބޭނުންކޮށް ތަރައްގީކުރާނެ ގޮތާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން؛

(ށ) ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ޕްލޭންތަކަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ޕްލޭންތަކެއްކަން ކަށަވަރުކޮށް، ޕްލޭންތައް ފާސްކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާކަން ކަށަވަރުކުރުން؛

(ނ) ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކުރުމުގައި ހަރަކާތްތެރިވާ ޕްލޭނަރުން ރަޖިސްޓަރީކޮށް، އެ ފަރާތްތަކުގެ ދަފްތަރު ބެލެހެއްޓުން؛

(ރ) ޕްލޭނިންގ އިދާރާތަކަށް ފަންނީ އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެ އިދާރާތަކަށް ލަފާދިނުން؛

(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛  

(ޅ) ޕްލޭނިންގ އިދާރާތަކުގެ ނިންމުންތައް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތެއް ނިންމުން؛

(އ) މި ގާނޫނު ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކޮށް، ކަމާގުޅޭ ތަފާސްހިސާބުތަކާއި ރިޕޯޓުތައް އެކުލަވާލައި ށާއިއުކުރުން.

 

5 ވަނަ މާއްދާ - ކޮމިޓީ، ޕެނަލް އަދި މަސައްކަތު ގްރޫޕް އެކުލަވާލުން

(ހ) ބިނާވެށި ޕްލޭންކުރުމާއި ހިންގުމާގުޅޭ ކަންކަމުގައި މިނިސްޓްރީއަށް ފަންނީ ލަފާދިނުމަށްޓަކައި، ފަންނީ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން އެކުލަވާލާ ފަންނީ ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕް އެކުލަވާލަންވާނީ، މިނިސްޓްރީ އަދި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ފަންނީ ފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި/ނުވަތަ އަމިއްލަ ފަރާތްތައް ތަމްސީލުކުރުމަށް ކަނޑައެޅޭ ފަންނީ ފަރާތްތައް ހިމެނޭގޮތުންނެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވާލާ ފަންނީ ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްތަކާގުޅޭ އަންނަނިވި ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

  1. ކޮމިޓީ ނުވަތަ ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްގައި މެންބަރުން އެކުލެވެންޖެހޭ ދާއިރާތަކާއި އެފަދަ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް؛
  2. ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕް އެކުލަވާލާ ބޭނުމާއި، އެ ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕާ ހަވާލުވެގެންވާ މަސްއޫލިއްޔަތުތައް؛
  3. ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، އެ ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕުން ކަންކަން ނިންމުމުގައި އަމަލުކުރާނެ އުސޫލު؛
  4. ކޮމިޓީ، ޕެނަލް ނުވަތަ މަސައްކަތު ގްރޫޕްތަކުގެ ހިންގުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކަމާގުޅޭ އެހެން ކަންކަން.

 

6 ވަނަ މާއްދާ - ޕްލޭނިންގ އިދާރާތައް

(ހ) ބިނާވެށި ޕްލޭންތައް އެކުލަވާލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްގީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު މި ގާނޫނުގެ ދަށުން ހަވާލުވެގެންވަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްލޭނިންގ އިދާރާތަކާއެވެ.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި ޕްލޭނިންގ އިދާރާތަކުގެ ގޮތުގައި ބެލެވޭނީ އަންނަނިވި އިދާރާތަކެވެ.

  1. މިނިސްޓްރީ؛ 
  2. ސިޓީ ކައުންސިލް؛ 
  3. ރަށު ކައުންސިލް؛ 
  4. އަރބަން ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް؛ 
  5. ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް؛ 
  6. އިގްތިސާދީ ހާއްސަ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

  1. މި ގާނޫނުގައިވާ ބާރުތައް ވަކި ޕްލޭނިންގ އިދާރާއަކާ ހަވާލުކުރާނަމަ އެ ބާރުތައް އެ އިދާރާއަކަށް ބޭނުންކުރެވޭނެ ގޮތްތަކާއި ހާލަތްތައް؛
  2. ޕްލޭނިންގ އިދާރާއަކަށް މި ގާނޫނުން ލިބިދޭ ބާރުތަކުގެ ބޭނުން އެންމެ ހަރުދަނާ އަދި ހަރަދުކުޑަ ގޮތެއްގައި ކުރުމަށްޓަކައި މުހިންމުކަމަށް ފެންނަ އެހެނިހެން ކަންކަން.

(ރ) ވަކި ބާވަތެއްގެ ސަރަހައްދު ޕްލޭންކޮށް ތަރައްގީކުރުމާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން ތަރައްގީކުރެވޭ ހާއްސަ ސަރަހައްދުތައް ފިޔަވައި އެނޫން ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރުމުގައި، ވަކި ޕްލޭނިންގ އިދާރާއެއްގެ އިހްތިސާސްގައި ހިމެނޭނީ ޕްލޭންކުރާ އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުކަން ނުވަތަ ޕްލޭނިންގ ސަރަހައްދެއްގެ ވަކި ބައެއްކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަކި ޕްލޭނިންގ އިދާރާއެއްގެ އިހްތިސާސް ކަނޑައަޅާ ހާލަތުގައި، އެކަން، އަދި މި ގާނޫނު ތަންފީޒުކުރުމުގައި އެ އިދާރާގެ އިހްތިސާސް ހިނގާނެ ސަރަހައްދ،ު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ޕްލޭނިންގ އިދާރާތަކުގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ޕްލޭނިންގ އިދާރާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޕްލޭނިންގ އިދާރާއެއްގެ އިހްތިސާސް ހިނގާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުން؛

(ށ) ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމާއި، އެ ޕްލޭނަށް ގެނައުމަށް މިނިސްޓްރީން އަންގާ ބަދަލުތައް ގެނައުން؛

(ނ) ޕްލޭނިންގ އިދާރާއެއްގެ އިހްތިސާސް ހިނގާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދުގައި، ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުން؛

(ރ) ޕްލޭނިންގ އިދާރާއެއްގެ އިހްތިސާސް ހިނގާ ރަށް ނުވަތަ ސިޓީ ނުވަތަ ސަރަހައްދުގެ ބިނާވެށި ތަރައްގީކޮށް ހިންގުމުގެ އެންމެހައި ކަންކަން ކުރިއަށްދަނީ ގާނޫނުގެ ދަށުން ފާސްކޮށްފައިވާ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، އެ ޕްލޭންތައް ތަންފީޒުކުރުން؛

(ބ) މި ގާނޫނުގެ ދަށުން ޕްލޭނިންގ އިދާރާއަށް ހުށަހެޅޭ ށަކުވާތައް ބަލައި ފިޔަވަޅުއެޅުން.

 

 

ތިންވަނަ ބާބު

ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން

 

8 ވަނަ މާއްދާ - ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން.

(ހ) ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި އަދި ހެޔޮގޮތުގައި ދިވެހިރާއްޖޭގެ ބިން ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޕްލޭނިންގ އިދާރާތަކުން، އެ އިދާރާއެއްގެ އިހްތިސާސް ހިނގާ ސަރަހައްދަކަށް ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަކީ، ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރުމަށް ބޭނުންވާ މައިގަނޑު ސްޕޭށަލް ކޮމްޕޯނަންޓްތައް ގާއިމުކުރެވޭނެ ތަންތަނާއި އެތަންތަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި، އެނޫންވެސް އެތަނެއްގެ ބިމާއި ފިޒިކަލް ވަސީލަތްތައް ހިމެނޭހެން އެތަނެއްގެ ބިނާވެށި ބޭނުންކުރުމާއި ތަރައްގީކުރުމާއި ހިންގުމާގުޅޭ ކަންކަން ކަނޑައަޅައިދޭ މައިގަނޑު ޕްލޭނެވެ. އޭގެ ތެރޭގައި، އެ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއްގައި މީހުން ދިރިއުޅޭނެ ސަރަހައްދުތަކާއި، އިންޑަސްޓްރިއަލް އަދި އިގްތިސާދީ ސަރަހައްދުތަކާއި، އާންމުން ބޭނުންކުރާނެ ޕަބްލިކް ސްޕޭސްތަކާއި ފެސިލިޓީތަކާއި، އިންފްރާސްޓްރަކްޗަރ ގާއިމުކުރެވޭނެ ތަންތަން ނުވަތަ ސަރަހައްދުތައް ކަނޑައަޅައި ޕްލޭންކުރުން ހިމެނޭހެން އެ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއްގެ ބިނާވެށި ޕްލޭންކުރުމާއި، އެ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއްގެ ތަބީއީ ވަސީލަތްތަކާއި ސަގާފީ ތަރިކައާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ކަންކަން މެނޭޖްކުރާނެ ގޮތުގެ ޕްލޭންކުރުން ހިމެނެއެވެ.

(ނ) ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ މައިގަނޑު މަގްސަދަކީ، ވަކި ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ސަރަހައްދެއްގެ ތަބީއީ ކުރިއެރުމާއި ތަރައްގީ ދުރުރާސްތާގައި ޕްލޭންކުރާނެ ގޮތުގެ އިރުށާދު ފޯރުކޮށްދިނުމެވެ.

 

9 ވަނަ މާއްދާ - ޕްލޭންގެ ބާވަތްތައް

މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތަކުގެ ތެރޭގައި އަންނަނިވި ޕްލޭންތައް ހިމެނެއެވެ.

(ހ) ރީޖަނަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، ދިވެހިރާއްޖެ ލާމަރުކަޒީގޮތުން ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުގެ ދަށުން ކަނޑައަޅާ ސަރަހައްދަކަށް، އެ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރުމަށް ކަނޑައަޅާ އިދާރާއިން އެކުލަވާލާ ޕްލޭނެވެ.

(ށ) ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، މީހުން ދިރިއުޅޭ ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް، އެ ސިޓީއެއް ނިސްބަތްވާ ސިޓީ ކައުންސިލަކުން އެކުލަވާލާ ޕްލޭނެވެ.

(ނ) އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލާ ޕްލޭނެވެ.

(ރ) އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، އަރބަން ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ ސަރަހައްދަކަށް، އެ ގާނޫނުގެ ދަށުން ކަނޑައަޅާ އިދާރާއިން 
އެކުލަވާލާ ޕްލޭނެވެ.

(ބ) އިންޑަސްޓްރިއަލް އޭރިއާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، ސިނާއީ ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަނޑައަޅާ ރަށްތަކާއި ސަރަހައްދުތަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއިން އެކުލަވާލާ ޕްލޭނެވެ.

(ޅ) ކޮމަރށަލް އޭރިއާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން؛ މިއީ، ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ނުވަތަ އިގްތިސާދީ ހާއްސަ ބޭނުންތަކަށް ކަނޑައަޅ،ާ އިންޑަސްޓްރިއަލް އޭރިއާއެއް ކަމުގައިނުވާ ރަށްތަކާއި ސަރަހައްދުތަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ޕްލޭންކޮށް ތަރައްގީކުރުމަށް ސަރުކާރުން ކަނޑައަޅާ އިދާރާއިން އެކުލަވާލާ ޕްލޭނެވެ.

 

10 ވަނަ މާއްދާ - ޕްލޭން އެކުލަވާލުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

(ހ) ދިވެހިރާއްޖޭގެ ރަށްތަކާއި، ސިޓީތަކާއި، އަރބަން ސަރަހައްދުތަކާއި، ސިނާއީ ނުވަތަ އިގްތިސާދީ ބޭނުމަށް ތަރައްގީކުރާ ސަރަހައްދުތަކުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ޕްލޭންތައް އެކުލަވާލަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ޕްލޭނިންގ އިދާރާތަކުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލަންވާނީ ޕްލޭން އެކުލަވާލެވޭ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ ގުދުރަތީ އަދި އިންސާނީ ވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށެވެ. އެގޮތުން، އަންނަނިވި ކަންކަމަށާއި އެކަންކަން ދަމަހައްޓައި ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

  1. ދަނޑުވެރިކަމުގެ މަސައްކަތްތައް؛  
  2. މަސްވެރިކަމާއި އެންވެރިކަމާއި މެރިކަލްޗަރގެ މަސައްކަތްތައް؛
  3. އުމްރާނީ ވަސީލަތްތައް؛ 
  4. ސިނާއީ މަސައްކަތްތައް؛ 
  5. ތިމާވެށި ހިމާޔަތްކުރުން؛ 
  6. ގުދުރަތީ ވަސީލަތްތައް؛ 
  7. ތާރީހީ ބިނާތައް؛ 
  8. އާބާދުވެފައިވާ ވެށި؛ 
  9. ފަތުރުވެރިކަން.

 

11 ވަނަ މާއްދާ - ރަޖިސްޓަރީވެފައިވާ ފަރާތެއް މެދުވެރިކޮށް ޕްލޭން އެކުލަވާލުން

(ހ) މި ގާނޫނުގެ ދަށުން ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލަންވާނީ ޕްލޭނަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭނަރުންގެ ށަރުތުތަކާއި، ޕްލޭނަރުން ރަޖިސްޓަރީކުރުމާއި ގިންތިކުރުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕްލޭން އެކުލަވާލުމުގައި ހިޔާލާއި މަށްވަރާ ހޯދުން

(ހ) ވަކި ސިޓީއަކަށް ނުވަތަ ރަށަކަށް އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ އެ ސިޓީއަކަށް ނުވަތަ ރަށަކަށް ނިސްބަތްވާ ރައްޔިތުންގެ ހިޔާލާއި މަށްވަރާއާ އެކުގައެވެ.

(ށ) އަރބަން ސަރަހައްދުތަކަށް ނުވަތަ އިގްތިސާދީ ހާއްސަ ސަރަހައްދުތަކަށް ނުވަތަ ސިނާއީ މަށްރޫއެއް ހިންގުމަށް ކަނޑައަޅާ ސަރަހައްދުތަކަށް އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލަންވާނީ އެ ސަރަހައްދެއް ނިސްބަތްވާ ލޯކަލް ކައުންސިލްތަކުގެ ހިޔާލާއި މަށްވަރާއާ އެކުގައެވެ.

 

13 ވަނަ މާއްދާ - ޕްލޭން ފާސްކުރުން

(ހ) ޕްލޭނިންގ އިދާރާތަކުން މި ގާނޫނުގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތަކަށް އަމަލުކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ޕްލޭންތައް ފާސްކުރުމަށްފަހުއެވެ.

(ށ) ޕްލޭނިންގ އިދާރާތަކުން މި ގާނޫނުގެ ދަށުން ޕްލޭންތައް އެކުލަވާލުމަށްފަހުގައި، އެ ޕްލޭންތައް ފާސްކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން އެކުލަވާލާ ޕްލޭންތައް ފާސްކުރަން މިނިސްޓްރީއަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރަޖިސްޓަރީކޮށްފައިވާ ޕްލޭނަރެއްގެ ސޮޔާއެކުއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ޕްލޭން ފާސްކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅާއިރ،ު ޕްލޭނިންގ އިދާރާތަކުން އެކުލަވާލާފައިވާ ޕްލޭނާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގަވާއިދުގައި، ޕްލޭން ފާސްކުރުމަށް އަދި/ނުވަތަ ޕްލޭން ތަންފީޒުކުރުމަށް އެހީއަކަށްވާނެ ކަމާގުޅޭ ދާއިރާތަކުގެ އިމްޕެކްޓް އެސެސްމަންޓްތަކާއި އެނޫންވެސް ފަންނީ އެނަލެސިސްތަކާއި ރިޕޯޓުތައް ޕްލޭނިންގ އިދާރާތަކުން އެކުލަވާލައި ހުށަހެޅުމަށް ކަނޑައެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ޕްލޭނެއް ފާސްކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އެ ޕްލޭން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އެ ޕްލޭނަށް ހުއްދަދީ، ޕްލޭން ފާސްކޮށްދޭންވާނެއެވެ.

(އ) މި މާއްދާގެ (ށ) ގެ ދަށުން ޕްލޭނެއް ފާސްކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަމަށް މިނިސްޓްރީއަށް ގަބޫލުނުކުރެވޭނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށް، އެ ޕްލޭން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ޕްލޭން ފާސްކުރުމަށް ހުށަހެޅި ޕްލޭނިންގ އިދާރާއަށް އަންގަންވާނެއެވެ. އަދި، އެކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ޕްލޭން ފާސްކުރުމަށް ހުށަހެޅުމަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް އެ ޕްލޭނިންގ އިދާރާއަށް ދޭންވާނެއެވެ.

(އ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްލޭނެއް ފާސްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކާގުޅޭ ކަންކަން ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ހުށަހަޅައިފިނަމަ، އަދި އެ ހުށަހެޅުމުގައި ޕްލޭނެއް ފާސްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އިސްލާހުކޮށްފައިވާ ޕްލޭން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އެ ޕްލޭނަކަށް ހުއްދަދީ، ޕްލޭން ފާސްކޮށްދޭންވާނެއެވެ.

(ވ) މި މާއްދާގެ ދަށުން ފާސްކުރުމަށް އެދި ހުށަހަޅާ ޕްލޭނެއް އެކުލަވާލާފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށް ނުވަތަ އެކަންކަމާ ތައާރުޒުވާގޮތަށް ކަމަށްވާނަމަ، މިނިސްޓްރީން އެ ޕްލޭނެއް ފާސްކޮށްނުދީ، އެ ޕްލޭން އަލުން އިސްލާހުކުރުމަށްފަހު ހުށަހެޅުމަށް އެ ޕްލޭން ހުށަހެޅި ޕްލޭނިންގ އިދާރާއަށް އަންގަންވާނެއެވެ.

(މ) މި މާއްދާގެ ދަށުން ފާސްކުރުމަށް އެދި ހުށަހަޅާ ޕްލޭނެއް މި މާއްދާގެ

(ވ) ގެ ދަށުން ފާސްކޮށްދެވެން ނެތްކަމުގައި މިނިސްޓްރީން ނިންމާނަމަ، ފާސްކޮށްދެވެން ނެތް ސަބަބު ތަފްސީލުކޮށް ބަޔާންކޮށް، ލިޔުމަކުން އެކަން، ޕްލޭން ހުށަހެޅި ޕްލޭނިންގ އިދާރާއަށް، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި މިނިސްޓްރީން އަންގަންވާނެއެވެ.

(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރުމަށް އެދި ހުށަހަޅާ ޕްލޭނަކާމެދ،ު މި މާއްދާގެ (ޅ) ނުވަތަ (އ) ގައި ބަޔާންކުރާ މުއްދަތުގައި މިނިސްޓްރީން ގޮތެއް ނިންމައި އަންގާފައިނުވާނަމަ، އެ ޕްލޭން ފާސްވީކަމުގައި ބެލޭނެއެވެ.

 

14 ވަނަ މާއްދާ - ޕްލޭން މުރާޖައާކުރުން

މި ގާނޫނުގެ ދަށުން މިނިސްޓްރީން ފާސްކޮށްދީފައިވާ ޕްލޭނެއް ފާސްކޮށްދިންއިރު އެ ޕްލޭންގެ ބައެއްގައި އިސްލާހުކުރަންޖެހޭ ކަމެއް އިސްލާހުނުވެ އޮތްކަމަށް ފަހުން ފާހަގަކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ޕްލޭނެއް އެކުލަވާލި ޕްލޭނިންގ އިދާރާއަށް އެކަން އަންގައި، އެ ޕްލޭން އަލުން މުރާޖައާކޮށް، އެ ޕްލޭންގެ އެ ބަޔަކަށް އިސްލާހުގެނެސް ޕްލޭން ފާސްކުރަން ހުށަހެޅުމަށް މިނިސްޓްރީއަށް އެންގިދާނެއެވެ.

 

15 ވަނަ މާއްދާ - ޕްލޭނަށް ބަދަލުގެނައުން

(ހ) މި ގާނޫނުގެ ދަށުން ޕްލޭނެއް އެކުލަވާލައި ފާސްކުރުމަށްފަހު އެ ޕްލޭން ނިސްބަތްވާ ސަރަހައްދަށް އަންނަ ބަދަލަކާ ގުޅިގެން، އެ ޕްލޭނަށް ނުވަތަ ޕްލޭންގެ ބަޔަކަށް ބަދަލެއް ގެންނަންޖެހޭނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ތައްޔާރުކުރުމަށްފަހު، މި ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ބަދަލުތައް ފާސްކުރަންވާނެއެ ވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގައި ހިމެނޭ ވަކިވަކި ޕްލޭންތަކުގެ ބޭނުން ކަނޑައަޅައި، އެ ޕްލޭންތައް އެކުލަވާލުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، އެ ޕްލޭންގައި ހިމަނަންޖެހޭ އަސާސީ މައުލޫމާތު ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ސަރވޭކުރުން

މި ގާނޫނުގެ ދަށުން އެކުލަވާލާ ޕްލޭންތައް ހެދުމަށް ސަރވޭކުރަންވާނީ، ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

ހަތަރުވަނަ ބާބު

ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް

އެއްވަނަ ބައި

ބިން ތަރައްގީކުރުމުގެ ހުއްދަ

 

17 ވަނަ މާއްދާ - ބިން ތަރައްގީކުރުމުގެ ހުއްދައަށް އެދުން

(ހ) ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްގީކުރެވޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ސިޓީއެއް ނުވަތަ ރަށެއްގެ ބިމެއް ތަރައްގީކުރުމަށްޓަކައި، ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އެ ސިޓީއެއް ނުވަތަ ރަށެއް ނިސްބަތްވާ ކައުންސިލަށެވެ.

(ނ) ސިޓީ ނުވަތަ ރަށް ފިޔަވައި، އެނޫން ސަރަހައްދުތަކުގެ ބިން ތަރައްގީކުރުމަށްޓަކައި، ތަރައްގީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށެވެ.

(ރ) މި މާއްދާގެ ދަށުން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާއެކު ޕްލޭނިންގ އިދާރާތަކަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) ބިން ތަރައްގީކުރުމުގެ ހުއްދަދިނުމުގައި، އެ ބިމުގައި ކުރުމަށް ހުށަހަޅާފައިވާ ތަރައްގީގެ މަސައްކަތް ކުރަން ރާވާފައިވަނީ އެ މަސައްކަތަކާ އަދި/ނުވަތަ އެ މަސައްކަތެއް ކުރުމާ ގުޅޭގޮތުން އަމަލުކުރެވޭ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން، ހުއްދަދޭ ފަރާތުން ޔަގީންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ބާވަތެއްގެ ބިން ނުވަތަ ސަރަހައްދު ޕްލޭންކޮށް ތަރައްގީކުރުމާގުޅޭ ހާއްސަ ގާނޫނެއްގައި، ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ ހާއްސަ އުސޫލުތަކެއް ބަޔާންކޮށްފައިވާނަމަ، އެފަދަ ބިމެއް ނުވަތަ ސަރަހައްދަކާ ގުޅޭގޮތުން ހިނގާނީ، ކަމާގުޅޭ ހާއްސަ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ.

 

18 ވަނަ މާއްދާ - ތަރައްގީގެ މާނައިގައި ނުހިމެނޭ ކަންކަން

(ހ) މި ބާބުގެ ބޭނުމަށްޓަކައި، ބިމުގައި ކުރެވޭ ބޭނުމަށް ބަދަލެއް ގެންނަ ހާލަތުގައި، ބިމުގައި ކުރިން ކުރެވެމުން އައި ބޭނުމާއި ބަދަލުކުރުމަށް ހުށަހަޅާ ބޭނުމަކީ އެއް ގިންތިއެއްގައި ހިމެނޭ ބޭނުމަކަށްވާނަމަ، އެފަދައިން ބިމުގައި ކުރާ ބޭނުމަށް ގެންނަ ބަދަލުތައް ބިން ތަރައްގީކުރުމުގެ މާނައިގެ ތެރެއަކު ނުހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ބިމުން ކުރަމުންއައި ބޭނުމަށް ބޮޑު ބަދަލެއް އަންނަ އަންނަނިވި ބާވަތުގެ ކަންކަން، އެ އަކުރުގައި ބަޔާންކުރާ އިސްތިސްނާގެ ތެރެއަކު ނުހިމެނެއެވެ.

  1. ނުރައްކާތެރިނޫން ކުންޏާއި އެނޫންވެސް ބޭނުންނުކުރާ ތަކެތި އުކާލުމަށް ހާއްސަކުރެވިފައިވާ ބިމެއްގެ ވަކި ސަރަހައްދަކަށް ނުރައްކާތެރި ކުނިއެޅުން؛
  2. ގެއެއްގައި ދިރިއުޅުމަށް ބޭނުންކުރަމުން ދިޔަ ބައެއް ގަރާޖަކަށް ނުވަތަ ވިޔަފާރީގެ ބޭނުމަކަށް ބަދަލުކުރުން؛
  3. ބިމުން ކުރަމުންއައި ބޭނުމަށް ބޮޑު ބަދަލެއް އަންނަ ކަމެއްކަމަށް މިނިސްޓްރީން ކަނޑައަޅައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން.

 

19 ވަނަ މާއްދާ - ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރުން

(ހ) ބިން ތަރައްގީކުރުމުގެ ހުއްދަ ހޯދުމަށް އެދި މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަމަށް ޕްލޭނިންގ އިދާރާއަށް ގަބޫލުކުރެވޭނަމަ، އެފަދައިން ހުއްދަ ހޯދުމަށް އެދި ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުއްދަ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަރައްގީކުރުމުގެ ހުއްދައެއް ދޫކުރުމުގައި، އިތުރު ށަރުތަކާނުލައި ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ށަރުތުތަކަކާއެކު އެ ހުއްދަ ދިނުމަށް ޕްލޭނިންގ އިދާރާއަށް ނިންމިދާނެއެވެ.

(ނ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ތަރައްގީކުރުމުގެ ހުއްދައެއް ހޯދުމަށްޓަކައި ޕްލޭނިންގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަމަށް ޕްލޭނިންގ އިދާރާއަށް ގަބޫލުނުކުރެވޭނަމަ، އެކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް ނުވަތަ އިސްލާހުކުރުމަށް، ހުއްދަ ހޯދުމަށް އެދި ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ހުއްދަ ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި، އެކަމެއް ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ޕްލޭން ފާސްކުރުމަށް ހުށަހެޅުމަށް މަދުވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް އެ ފަރާތަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަރައްގީކުރުމުގެ ހުއްދައެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާގުޅޭ ކަންކަން ފުރިހަމަކުރުމަށްފަހު ނުވަތަ އިސްލާހުކުރުމަށްފަހު އަލުން ހުށަހަޅައިފިނަމަ، އަދި އެ ހުށަހެޅުމުގައި ހުއްދަ ދޫކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، އިސްލާހުކޮށްފައިވާ ހުށަހެޅުން ޕްލޭނިންގ އިދާރާއަށް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، 
ހުއްދަ ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ތަރައްގީކުރުމުގެ ހުއްދައެއް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފުވާނަމަ ނުވަތަ އެ ހުށަހެޅުން އޮތީ އެކަންކަމާ ތައާރުޒުވާގޮތަށް ކަމަށްވާނަމަ، ތަރައްގީކުރުމުގެ ހުއްދަ ނުދިނުމުގެ ބާރު ޕްލޭނިންގ އިދާރާއަށް ލިބިގެންވެއެވެ.

(ޅ) މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ތަރައްގީކުރުމުގެ ހުއްދައެއް ހޯދުމަށް އެދި ހުށަހެޅުމުން، މި މާއްދާގެ (ބ) ގެ ދަށުން އެ ހުއްދަ ދެވެން ނެތްކަމުގައި ޕްލޭނިންގ އިދާރާއިން ނިންމާނަމަ، ހުއްދަ ދެވެން ނެތް ސަބަބު ތަފްސީލުކޮށް ބަޔާންކޮށް، ލިޔުމަކުން އެކަން، ހުއްދަ ހޯދުމަށް އެދި ހުށަހެޅި ފަރާތަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޕްލޭނިންގ އިދާރާއިން އަންގަންވާނެއެވެ. މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު (އ) މި ގާނޫނުގެ 17 ވަނަ މި މާއްދާގެ ދަށުން ގޮތެއް ނިންމުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހަށްވުރެ ދިގު މުއްދަތެއް ނަގާނަމަ، އިތުރަށް ނަގާނެ މުއްދަތެއް، ސަބަބު ބަޔާންކޮށް އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ޕްލޭނިންގ އިދާރާއިން ލިޔުމުން އަންގަންވާނެއެވެ.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާމެދ،ު މި މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާންކުރާ މުއްދަތުގައި ޕްލޭނިންގ އިދާރާއިން ގޮތެއް ނުނިންމައިފިނަމަ، އަދި އެފަދައިން ހުށަހެޅި ހުށަހެޅުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާނަމަ، ހުއްދަ ދޫކުރެވުނީ ކަމުގައި ބެލޭނެއެވެ.

 

20 ވަނަ މާއްދާ - އިތުރު ށަރުތުތައް ކަނޑައެޅުން

ބިން ތަރައްގީކުރުމުގެ ހުއްދަ ދިނުމުގައި އެ ހުއްދަ ނިސްބަތްވާ ބިން އެންމެ އެދެވޭ ގޮތަށް ތަރައްގީކުރުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުންކުރެ ކަމެއް ނުވަތަ ކަންތައްތަކެއް ށަރުތުކުރުމުގެ ބާރު ޕްލޭނިންގ އިދާރާއަށް ލިބިގެންވެއެވެ.

(ހ) ތަރައްގީކުރެވޭ ސަރަހައްދެއްގެ ގޮތުން ކޮންމެހެން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އާސާރީ ބިނާތައް ބެލެހެއްޓުން؛

(ށ) ތަރައްގީގެ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ބިމުގައިވާ ނުވަތަ އެ ބިމާ އިންވެގެން އޮތް ބިމުގައިވާ ލޭންޑްސްކޭޕާއި ހިމާޔަތްކުރަންޖެހޭ ގަސްތަކާއި އެނޫންވެސް ގުދުރަތީ ވަސީލަތްތަކަށް ރައްކާތެރިކަން ލިބޭނެ ފަދައިން ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިޔުން؛

(ނ) ތަރައްގީކުރެވޭ ސަރަހައްދުގައި ހުރި ނުވަތަ އެ ސަރަހައްދާ އިންވެގެން ހުރި އިމާރާތްތައް ރައްކާތެރިކުރުން؛

(ރ) ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކާ ގުޅިގެން ކަމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓްގައި އަޅަން ލާޒިމުކުރާ ފިޔަވަޅުތައް އެޅުން؛

(ބ) ބިން ތަރައްގީކުރުމުގެ ސަބަބުން އިޖްތިމާއީގޮތުން އަތުވެދާނެ ބަދަލުތައް ނުވަތަ ލިބިދާނެ ގެއްލުންތައް ވަޒަންކުރުމުގެ ގޮތުން ސޯށަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމާއި އެ އެސެސްމަންޓްގައި އަޅަން ލާޒިމުކުރާ ފިޔަވަޅުތައް އެޅުން؛

(ޅ) ބިން ތަރައްގީކުރުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އަތުވެދާނެ ބަދަލުތައް ނުވަތަ ލިބިދާނެ ގެއްލުންތައް ވަޒަންކުރުމުގެ ގޮތުން ޓްރާންސްޕޯޓް އެސެސްމަންޓެއް ހެދުމާއި އެ އެސެސްމަންޓްގައި އަޅަން ލާޒިމުކުރާ ފިޔަވަޅުތައް އެޅުން.

 

21 ވަނަ މާއްދާ - ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު

(ހ) ބިން ތަރައްގީކުރުމުގެ ހުއްދަ ދޭއިރ،ު އެ ހުއްދަ ރައްދުވާ ތަރައްގީގެ މަސައްކަތް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅައި، އެ ހުއްދައިގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ބިން ތަރައްގީކުރުމުގެ ހުއްދައިގައި ވަކި މުއްދަތެއް ކަނޑައަޅާފައި ވީނަމަވެސް، ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 1 )އެކެއް( އަހަރު ދުވަހުގެ ތެރޭގައި، ތަރައްގީގެ އަމަލީ މަސައްކަތްތައް ފަށާފައިނުވާނަމަ، އެ ހުއްދަ ބާތިލުވާނެއެވެ.

(ނ) ބިން ތަރައްގީކުރުމުގެ ހުއްދައެއް ދޫކުރެވިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގެ ދަށުން ތަރައްގީކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، އެ މުއްދަތުގައި ތަރައްގީކުރުމުގެ މަސައްކަތްތައް ނުނިންމޭނެ ސަބަބުތައް ބަޔާންކުރުމާއެކު، ލިޔުމަކުން ޕްލޭނިންގ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު، އެ ހުއްދަ ދޫކުރި ޕްލޭނިންގ އިދާރާއަކަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ބިން ތަރައްގީކުރުމުގެ ހުއްދަ ދިނުމާގުޅޭ ގަވާއިދު ހެދުން

މި ބާބުގައި ބަޔާންކޮށްފައިވާ ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމުގައި ޕްލޭނިންގ އިދާރާތަކުން ބަލަންޖެހޭ ކަންކަމާއި، ހުއްދަ ދިނުމުގެ މިންގަނޑުތަކާއި، ހުއްދައިގެ ގިންތިތަކާއި، ހުއްދައިގައި ހިމަނަންޖެހޭ މައުލޫމާތު އަދި އެނޫންވެސް ކަމާގުޅޭ އުސޫލުތަކާއި އިޖުރާއަތު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ދެވަނަ ބައި

ކޮންޕްލަޔަންސް

 

23 ވަނަ މާއްދާ - ގާނޫނާ އެއްގޮތަށް އަމަލުކުރުން

(ހ) މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ދޫކުރާ ބިން ތަރައްގީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅާފައިވާ ށަރުތުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން އަމަލުކުރަންވާނެއެވެ.

(ށ) ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރި ޕްލޭނިންގ އިދާރާއިން ދޫކޮށްފައިވާ ހުއްދައާއި އެ ހުއްދައިގައި އެ އިދާރާއިން ކަނޑައަޅާފައިވާ ށަރުތުތަކާއި މުއްދަތުތަކާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ތަރައްގީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ހުއްދަ ދޫކުރެވޭ ފަރާތުން އަމަލުކޮށްފައިނުވާނަމަ ނުވަތަ ބިން ތަރައްގީކުރުމުގެ ހުއްދަ ނުހޯދައި ތަރައްގީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާނަމަ ބެލެވޭނީ ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވީ ކަމުގައެވެ.

 

24 ވަނަ މާއްދާ - ފިޔަވަޅުއެޅުން

މި ގާނޫނާ ހިލާފަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް ނުވަތަ އެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

(ހ) އިންޒާރުގެ ނޯޓިސް ދިނުން؛

(ށ) ކޮންޕްލަޔަންސް ނޯޓިސް ދިނުން؛

(ނ) މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ދިނުން؛ 
(ރ) ޖޫރިމަނާކުރުން.

 

25 ވަނަ މާއްދާ - އިންޒާރުގެ ނޯޓިސް ދިނުން

(ހ) އެއްވެސް ފަރާތަކުން ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވެފައިވާ ކަމަށް ޕްލޭނިންގ އިދާރާއަކަށް ފެނިއްޖެނަމަ، ހުއްދަނެތި މަސައްކަތްކޮށްފައިވާ މުއްދަތުން ފެށިގެން 2 )ދޭއް( އަހަރު ދުވަހުގެ ތެރޭގައި ނުވަތަ ހުއްދައާ ހިލާފުވެފައިވާ މުއްދަތުން ފެށިގެން 2 )ދޭއް( އަހަރު ދުވަހުގެ ތެރޭގައި، ބިމުގެ ވެރިފަރާތާއި ބިމުގައި ދިރިއުޅޭ ފަރާތްތަކަށް ޕްލޭނިންގ އިދާރާއިން އިންޒާރުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.

(ށ) ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވުމާ ގުޅިގެން، މި މާއްދާގެ (ހ) ގެ ދަށުން އިންޒާރުގެ ނޯޓިސް ދީފައިވަނިކޮށް، އެ ނޯޓިހުގައިވާ މުއްދަތު ހަމަނުވަނީސް، މި ގާނޫނުގެ ދަށުން އިތުރު އެއްވެސް ފިޔަވަޅެއް ޕްލޭނިންގ އިދާރާއިން އަޅައިގެން ނުވާނެއެވެ.

(ނ) ޕްލޭނިންގ އިދާރާއަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިންޒާރުގެ ނޯޓިސް ދެވޭނެ އެންމެ ދިގު މުއްދަތަކީ 30 (ތިރީސް) ދުވަހެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި ހިމަނަންޖެހޭ މައުލޫމާތާއި ނޯޓިސް ދެވޭ ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) އެއްވެސް ފަރާތަކުން ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފަށް މަސައްކަތްކޮށްފައިވާކަން އެ މަސައްކަތެއް ކުރާތާ 2 )ދޭއް( އަހަރު ދުވަހުގެ ފަހުން ޕްލޭނިންގ އިދާރާއެއްގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެފަދަ ހާލަތެއްގައި މި މާއްދާގެ ދަށުން ނޯޓިސް ދީ ކޮށްފައިވާ މަސައްކަތް ރަނގަޅުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް އެޅުމުގެ ހައްގު ޕްލޭނިންގ އިދާރާއަށް ލިބިގެން ނުވެއެވެ.

 

26 ވަނަ މާއްދާ - ކޮންޕްލަޔަންސް ނޯޓިސް

(ހ) ޕްލޭނިންގ އިދާރާތަކުން އަންނަނިވި ހާލަތްތަކުގައި، ތަރައްގީކުރުމުގެ ހުއްދަ ދެވިފައިވާ ފަރާތަށް ކޮންޕްލަޔަންސް ނޯޓިހެއް ދެވިދާނެއެވެ.

  1. ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވުން؛ ނުވަތަ 
  2. މި ގާނޫނުގެ ދަށުން ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަކާ ހިލާފުވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ކޮންޕްލަޔަންސް ނޯޓިހުގައި ތިރީގައިވާ ކަންކަން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ހިލާފުވާކަމަށް ނުވަތަ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ހިލާފުވާކަމަށް ޕްލޭނިންގ އިދާރާއަށް ފެންނަ ކަންތައްތައް؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން އިސްލާހުކުރުމަށްޓަކައި ތަރައްގީކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ގިނަވެގެން 20 (ވިހި) 
    ދުވަހުގެ ތެރޭގައި އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ކޮބައިކަން؛
  3. ކޮންޕްލަޔަންސް ނޯޓިސް ދީފައިވާ ތާރީހުން ފެށިގެން ގިނަވެގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި ކޮންޕްލަޔަންސް ނޯޓިހަށް އަމަލުކޮށް ނިންމަންޖެހޭނެކަން.

 

27 ވަނަ މާއްދާ - ކޮންޕްލަޔަންސް ނޯޓިސް މުރާޖައާކުރުން

(ހ) ކޮންޕްލަޔަންސް ނޯޓިހެއް ރައްދުވާ ފަރާތަކުން، އެ ނޯޓިސް ރައްދުވާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ ނޯޓިސް މުރާޖައާކޮށްދިނުމަށް އެދި މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ނޯޓިސް ފޮނުވި ޕްލޭނިންގ އިދާރާއަކަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހަވާލާދީ، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގެ ދަށުން ކޮންޕްލަޔަންސް ނޯޓިސް މުރާޖައާކުރުމަށްފަހު، އެ ނޯޓިސް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ނޯޓިސް އިސްލާހުކުރުމަށް ނުވަތަ ނޯޓިސް އަނބުރާ ގެންދިޔުމަށް ޕްލޭނިންގ އިދާރާއަށް ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ނޯޓިހާމެދު އަމަލުކުރެވެން ނެތްކަމުގައި ޕްލޭނިންގ އިދާރާއަށް ފެންނަނަމަ، އެ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމުގައި ކަނޑައަޅައި ނޯޓިސް މުރާޖައާކޮށްދެވެން ނެތްކަމުގައި ޕްލޭނިންގ އިދާރާއަށް ނިންމިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާ ހަވާލާދީ، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކޮންޕްލަޔަންސް ނޯޓިހެއް މުރާޖައާކުރުމަށް ޕްލޭނިންގ އިދާރާއަށް ހުށަހެޅޭ ހުށަހެޅުމެއް އެ އިދާރާއަށް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ނޯޓިހާމެދު މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ގޮތެއް ކަނޑައަޅައި، އެކަން ނޯޓިސް މުރާޖައާކުރަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ނޯޓިސް މުރާޖައާކުރުމަށް އެދި ހުށަހަޅާނެ ގޮތާއި، އެފަދަ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމުގައި ޕްލޭނިންގ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - މަސައްކަތް ހުއްޓާލުމުގެ ނޯޓިސް

(ހ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ވަކި ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިސް ފޮނުވައި، އެ ނޯޓިހުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ ނޯޓިހަށް އަމަލުކޮށްފައިނުވާނަމަ، އެ ފަރާތަކުން ކުރަމުންދާ ތަރައްގީގެ މަސައްކަތް ހުއްޓުވުމަށްޓަކައި ޕްލޭނިންގ އިދާރާއިން އެ ފަރާތަކަށް މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ފޮނުވާނީ ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ނުވަތަ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ހިލާފުވަމުންދާ ބިމުގެ ވެރިފަރާތަށާއި، އެކަމުގައި ޒިންމާ އުފުލަންޖެހޭ އެންމެހައި ފަރާތްތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ފޮނުވާކަން ބިމުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އަންގަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ދެވޭ މަސައްކަތް ހުއްޓާލުމުގެ ނޯޓިހުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ނޯޓިސް ނިސްބަތްވާ އަމަލާގުޅޭ ކޮންޕްލަޔަންސް ނޯޓިހުގެ ކޮޕީ؛
  2. ޑިވެލޮޕްމަންޓް ކޮންޓްރޯލްތަކާ ނުވަތަ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ހިލާފުވުން ހުއްޓާލުމަށް އަންގާ އެންގުން އަދި އެ ހިލާފުވުން ހުއްޓާލުމަށް ދެވޭ މުއްދަތު )މި މުއްދަތަކީ އެންމެ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރު ކަމުގައި ވާންވާނެއެވެ)؛
  3. ނޯޓިހުގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެޅޭނެ ފިޔަވަޅުތައް؛
  4. ނޯޓިސް މުރާޖައާކުރުމަށްޓަކައި މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހުށަހެޅުމުގެ ހައްގު ނޯޓިސް ރައްދުވާ ފަރާތަށް ލިބިގެންވާކަން.

 

29 ވަނަ މާއްދާ - އަލުން މަސައްކަތް ފެށުމުގެ ހުއްދައަށް އެދުން

(ހ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ރައްދުވާ ފަރާތުން، އެ ނޯޓިހާ އެއްގޮތަށް އަމަލުކޮށް، އެ ނޯޓިހުގައި ބަޔާންކުރާ މުއްދަތުގައި މަސައްކަތް ހުއްޓާލަންވާނެއެވެ.

(ށ) މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ރައްދުވާ ފަރާތަކަށް، އެ ފަރާތަކުން ކުރަމުންދާ މަސައްކަތް އަލުން ފެށޭނީ މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ދީފައިވާ ކޮންޕްލަޔަންސް ނޯޓިހުގައި އިސްލާހުކުރަން އަންގާފައިވާ އެންމެހައި ކަންކަން އިސްލާހުކުރުމަށްފަހު، އަލުން މަސައްކަތް ފެށުމުގެ ހުއްދައަށް އެދި ޕްލޭނިންގ އިދާރާއަށް ހުށަހަޅައި، އެފަދައިން އެ ހުއްދަ ހޯދުމަށްފަހުއެވެ.

(ނ) ޕްލޭނިންގ އިދާރާތަކުން އަންގައިގެން ތަރައްގީކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ފަރާތްތަކުން އަލުން ހުއްދަ ހޯދުމަށް އެދި އަމަލުކުރަންޖެހޭ ގޮތާއި، އެފަދައިން އެ ހުއްދަ ދޫކުރުމުގައި ޕްލޭނިންގ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކޮން ޕްލަޔަންސް ނޯޓިހާ ހިލާފުވުމުން ޖޫރިމަނާކުރުން 

މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ދޭ ކޮންޕްލަޔަންސް ނޯޓިހާ އެއްގޮތަށް ނޯޓިސް ރައްދުވާ ފަރާތުން އަމަލުނުކޮށްފިނަމަ އެ ފަރާތެއް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ޕްލޭނިންގ އިދާރާއަށް ލިބިގެންވެއެވެ.

(ހ) ނޯޓިސް ނިސްބަތްވާ ތަރައްގީގެ މަސައްކަތުގެ ނުވަތަ މަށްރޫއުގެ އަގު 10,000,000 (ދިހަމިލިއަން) ރުފިޔާއަށްވުރެ ކުޑަނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛

(ށ) ނޯޓިސް ނިސްބަތްވާ ތަރައްގީގެ މަސައްކަތުގެ ނުވަތަ މަށްރޫއުގެ އަގު 10,000,000 (ދިހަމިލިއަން) ރުފިޔާއަށްވުރެ ބޮޑުނަމަ، 10,000 (ދިހަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛

(ނ) އެއް މައްސަލައެއް ތަކުރާރުވެގެން، އިތުރަށް ފޮނުވާ ކޮންޕްލަޔަންސް ނޯޓިހަކަށް އަމަލުނުކުރާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

 

31 ވަނަ މާއްދާ - މަސައްކަތް ހުއްޓާލުމުގެ ނޯޓިހާ ހިލާފުވުމުން ޖޫރިމަނާކުރުން

މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ދޭ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކާ އެއްގޮތަށް ނޯޓިސް ރައްދުވާ ފަރާތުން އަމަލު ނުކޮށްފިނަމަ އެ ފަރާތެއް، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ޕްލޭނިންގ އިދާރާއަށް ލިބިގެންވެއެވެ.

(ހ) ނޯޓިސް ނިސްބަތްވާ ތަރައްގީގެ މަސައްކަތުގެ ނުވަތަ މަށްރޫއުގެ އަގު 10,000,000 (ދިހަމިލިއަން) ރުފިޔާއަށްވުރެ ކުޑަނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛

(ށ) ނޯޓިސް ނިސްބަތްވާ ތަރައްގީގެ މަސައްކަތުގެ ނުވަތަ މަށްރޫއުގެ އަގު 10,000,000 (ދިހަމިލިއަން) ރުފިޔާއަށްވުރެ ބޮޑުނަމަ، 10,000 (ދިހަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛

(ނ) އެއް މައްސަލައެއް ތަކުރާރުވެގެން، އިތުރަށް ފޮނުވާ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކަށް އަމަލުނުކުރާ ކޮންމެ ފަހަރަކު 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމަށްފަހުވެސް، މަސައްކަތް ހުއްޓާލުމުގެ ނޯޓިހަށް އަމަލުނުކޮށް ހިނގާ ކޮންމެ ދުވަހަކަށް 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

32 ވަނަ މާއްދާ - ނޯޓިސް ތަންފީޒުކުރުން

(ހ) ކޮންޕްލަޔަންސް ނޯޓިހަކާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހަކާ ގުޅިގެން، އެ ނޯޓިސްތަކުގައި ބަޔާންކުރާ ކަންކަން ތަންފީޒުކޮށްފައިވޭތޯ ބެލުމަށްޓަކައި، 48 (ސާޅީސްއަށެއް) ގަޑިއިރުގެ ނޯޓިސް ދިނުމަށްފަހު ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި، ޕްލޭނިންގ އިދާރާއިން އެކަމަށް ހުއްދަދޭ އޮފިސަރުންނަށް ނޯޓިހުގައި ބަޔާންކުރާ ތަނަކަށް ވަދެ އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި، ކޮންޕްލަޔަންސް ނޯޓިސް ތަންފީޒުކުރުމަށް ނޯޓިސް ރައްދުވީ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމަށް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހާ އެއްގޮތަށް މަސައްކަތް ހުއްޓާލާފައިނުވާކަމަށް ޕްލޭނިންގ އިދާރާއަށް ފާހަގަކުރެވިއްޖެނަމަ، ކޮންޕްލަޔަންސް ނޯޓިހުގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް އެޅުމަށްޓަކައި ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހުގައިވާ ގޮތުގެމަތިން މަސައްކަތްތައް ހުއްޓުވުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިތުރު ފިޔަވަޅުއެޅުމުގެ ބާރު ޕްލޭނިންގ އިދާރާއަށް ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޮންޕްލަޔަންސް ނޯޓިސް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ތަންފީޒުކުރުމުގެ ގޮތުން ޕްލޭނިންގ އިދާރާއިން ނުވަތަ އެ އިދާރާއިން ކަނޑައަޅާ ފަރާތަކުން އަޅާ ފިޔަވަޅަކާ ގުޅިގެން ހިނގާ ހަރަދަށް ކޮންޕްލަޔަންސް ނޯޓިސް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިސް ތަންފީޒުކުރުމަށް އަންގާފައިވާ ފަރާތުން ނުވަތަ ފަރާތްތަކުން ޒިންމާ އުފުލަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައިވާނަމަ އެތަނަކަށް ވަންނަންވާނީ ތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ ހުއްދައެއް ނެތްނަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަނަކަށް ވަނުމުގެ ކުރިން ދޭ ނޯޓިހުގައި އެތަނަކަށް ވަންނަ ސަބަބާއި، އެކަމަށް ހުއްދަދީފައިވާ ފަރާތުން ތަން ބެލުމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ވަގުތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ތަނެއް ބަލައި ފާސްކުރުމަށް ދާ ހުއްދަކޮށްފައިވާ އޮފިސަރުގެ ކިބައިގައި ޕްލޭނިންގ އިދާރާއިން އެކަމަށް ހުއްދަދީފައިވާ ރަސްމީ ލިޔުމެއް އޮންނަންވާނެއެވެ. އަދި އެތަނުގައި ދިރިއުޅޭ ނުވަތަ ބިމުގައި މަސްލަހަތު ހިމެނޭ ފަރާތަކުން އެ ލިޔުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުން އެ ފަރާތަކަށް ދައްކަންވާނެއެވެ.

(އ) ހުއްދަކޮށްފައިވާ އޮފިސަރަކު ބިމަކަށް ނުވަތަ ތަނަކަށް ވަދެ ފާސްކުރާކުރުމުގައި އެ ބިމަށް ނުވަތަ ބިމުގައިވާ އެއްޗަކަށް އެއްވެސް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި މިގޮތަށް ތަނެއް ނުވަތަ ބިމެއް ފާސްކުރުމުގެ ތެރޭގައި ޕްލޭނިންގ އިދާރާގެ އޮފިސަރުގެ ފަރާތުން އެއްވެސް ގެއްލުމެއް ވެއްޖެނަމަ އެ ގެއްލުމަކަށް ޕްލޭނިންގ އިދާރާއިން ޒިންމާވާންވާނެއެވެ.

 

 

ފަސްވަނަ ބާބު

ށަކުވާ ހުށަހެޅުމާއި މައްސަލަ ބެލުން

 

33 ވަނަ މާއްދާ - ޕްލޭނިންގ އިދާރާއަށް ށަކުވާ ހުށަހެޅުން

ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ޕްލޭނިންގ އިދާރާއަށް ށަކުވާ ހުށަހެޅުމުގެ ހައްގު، ކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ހ) ބިން ތަރައްގީކުރުމަށް ހުއްދަ ދިނުމަށް އިންކާރުކޮށްފައިވުން ނުވަތަ ށަރުތުތަކާއެކު ނުވަތަ ށަރުތަކާނުލައި ބިމެއް ތަރައްގީކުރުމުގެ ހުއްދަދީފައިވުން؛

(ށ) ބިން ތަރައްގީކުރުމުގެ ހުއްދައަށް ބަދަލެއް އައުން ނުވަތަ ބާތިލުވިކަމުގެ ނޯޓިސް ލިބިފައިވުން؛

(ނ) ތަރައްގީކުރުމުގެ މަސައްކަތްކުރާ ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ދިނުން؛(ރ) ވަކި ފަރާތަކަށް ކޮންޕްލަޔަންސް ނޯޓިހެއް ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހެއް ނުދިނުމަށް ޕްލޭނިންގ އިދާރާއަކުން ނިންމުމުގެ ސަބަބުން އެހެން ފަރާތެއްގެ މަސްލަހަތަކަށް ނުރަނގަޅު އަސަރުކުރުން؛

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޕްލޭނިންގ އިދާރާއަކުން ނިންމާ ނިންމުމެއްގެ ސަބަބުން އެ ފަރާތެއްގެ މަސްލަހަތަކަށް ނުރަނގަޅު އަސަރުކުރުން؛

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްވެސް ފަރާތަކުން ހިލާފުވުމުގެ ސަބަބުން އެ ފަރާތަކަށް ގެއްލުމެއް ލިބުން.

 

34 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުން

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ށަކުވާ ހުށަހަޅާނެ ގޮތާއި، ށަކުވާ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ށަކުވާ ބެލުމަށްފަހުގައި އެކަމާ ގުޅިގެން ޕްލޭނިންގ އިދާރާތަކުން ފިޔަވަޅުއެޅުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ށަކުވާތައް ޕްލޭނިންގ އިދާރާތަކުން ބަލައި ނިންމާނެ މުއްދަތެއް އެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޕްލޭނިންގ އިދާރާތަކަށް ހުށަހެޅޭ ށަކުވާތައް ބެލުމުގެ ނިޒާމާއި ށަކުވާ ބެލުމަށް އެކުލަވާލަންޖެހޭ ކޮމިޓީ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޕްލޭނިންގ އިދާރާތަކުން ގާއިމުކޮށް، އެކުލަވާލަންވާނެއެވެ. އަދި އެކި ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ށަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމަށް ބޭނުންވާ އިންތިޒާމުތައް ޕްލޭނިންގ އިދާރާތަކުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން، އެ ށަކުވާއެއްގައި އެއްވެސް އަސާސެއް ނެތް ކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޕްލޭނިންގ އިދާރާއަށް ފެންނަނަމަ، އެ ށަކުވާއަކާ ގުޅޭގޮތުން ޕްލޭނިންގ އިދާރާއިން ނިންމި ގޮތާއި، އޭގެ ސަބަބުތައް، އެ ށަކުވާ ހުށަހަޅާ ފަރާތަށް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޕްލޭނިންގ އިދާރާއިން އަންގަންވާނެއެވެ.

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ށަކުވާ ހުށަހެޅޭނީ، ށަކުވާ ރައްދުވާ އަމަލެއް ހިނގާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

 

35 ވަނަ މާއްދާ - ޕްލޭނިންގ އިދާރާތަކުން އިސްވެ މައްސަލަ ބެލުން

އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ޕްލޭނިންގ އިދާރާތަކުގެ އަމިއްލަ އިސްނެގުމުގައި ބެލިދާނެއެވެ. 

(ހ) އެއްވެސް ފަރާތަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑަކާ ހިލާފުވެފައިވާކަމަށް ޕްލޭނިންގ އިދާރާއަށް ގަބޫލުކުރެވޭ މައްސަލަތައް؛

(ށ) އެއްވެސް ފަރާތަކުން މި ގާނޫނާއި ކަމާބެހޭ އެހެން ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް މިނިސްޓްރީގެ ފަރާތުން ނުވަތަ ޕްލޭނިންގ އިދާރާގެ ފަރާތުން އަންގާފައިވާ ގޮތާ ހިލާފުވެފައިވާކަމަށް ޕްލޭނިންގ އިދާރާއަށް ގަބޫލުކުރެވޭ މައްސަލަތައް؛ އަދި

(ނ) އެނޫންވެސް، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ބަލަންޖެހޭ މައްސަލައެއް ކަމުގައި ޕްލޭނިންގ އިދާރާއަށް ގަބޫލުކުރެވޭ މައްސަލ.ަ

 

36 ވަނަ މާއްދާ - ށަކުވާ ބެލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް

މި ގާނޫނުގެ 33 ވަނަ މާއްދާއާއި މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލޭނިންގ އިދާރާއިން ބަލާ މައްސަލަތައް ބެލުމުގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހެޅި ފަރާތަށް އެ މައްސަލައެއް ނުވަތަ ށަކުވާއެއް ޕްލޭނިންގ އިދާރާގައި ރަޖިސްޓަރީކުރެވުނުކަން ލިޔުމުން އެންގުން؛

(ށ) މައްސަލަ ރައްދުވާ ފަރާތަށް މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން؛ އަދި

(ނ) މައްސަލަ ބަލައި ނިމުމުން، ޕްލޭނިންގ އިދާރާއިން ނިންމިގޮތް މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ލިޔުމުން އެންގުން.

 

37 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާއާއި މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލޭނިންގ އިދާރާއިން މައްސަލަ ބެލުމަށްފަހު، ރިޕޯޓެއް އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މައްސަލަ ބެލި ގޮތް؛ 
  2. މައްސަލަ ބެލުމުގައި ކޮމިޓީން ހޯދާފައިވާ ހޯދުންތައް؛ 
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މައުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެކި؛
  4. މައްސަލައާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން ޕްލޭނިންގ އިދާރާއަށް ފެންނަ ކަންކަން ނުވަތަ ޕްލޭނިންގ އިދާރާއިން ހުށަހަޅާ ކަންކަމާއި އެ އިދާރާގެ ނިންމުން.

 

38 ވަނަ މާއްދާ - ޕްލޭނިންގ އިދާރާގެ ނިންމުން އަލުން މުރާޖައާކުރުން

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ނުވަތަ މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުމުގައި ޕްލޭނިންގ އިދާރާއަކުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، އެ ނިންމުމެއް މުރާޖައާކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްލޭނިންގ އިދާރާއިން ނިންމާ ނިންމުން މުރާޖައާކުރުމަށް ހުށަހަޅާނެގޮތުގެ އިޖުރާއަތުތަކާއި، މުރާޖައާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މުރާޖައާކުރުމަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި، މިނިސްޓްރީގައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ.

 

39 ވަނަ މާއްދާ - ށަރީއަތަށް މައްސަލަ ހުށަހެޅުން

(ހ) މި ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިނިސްޓްރީގެ މުރާޖައާ ކޮމިޓީން ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް އަންގާ އެންގުމުގައި ބަޔާންކުރާ ސަބަބުތައް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުނުކުރެވޭނަމަ، އެ ލިޔުން އެ ފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.

 

 

ހަވަނަ ބާބު

އެހެނިހެން ކަންކަން

 

40 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި ގާނޫނުގެ ދަށުން ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތަކާއި މި ގާނޫނުގެ ދަށުން ދޫކުރާ ތަރައްގީކުރުމުގެ ހުއްދަތަކާގުޅޭ މައުލޫމާތ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ޕްލޭނިންގ އިދާރާތަކުން އާންމުކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ދެވޭ ނޯޓިހެއް ނުވަތަ އެނޫންވެސް ނިންމުމެއްގެ ސަބަބުން އަސަރުކުރާނެ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި އެ ނޯޓިހެއް ނުވަތަ ނިންމުމަކާގުޅޭ މައުލޫމާތެއް އާންމުކުރުމަށް ޕްލޭނިންގ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ފެންނަނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ މައުލޫމާތު އާންމުކުރަންވާނެއެވެ.

(ނ) މި ގާނޫނުގެ 34 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ކޮމިޓީން މައްސަލަ ބެލުމަށްފަހު މި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ އަކުރުތަކުގައި ބަޔާންކުރާ މައުލޫމާތާއި ރިޕޯޓުތައް ނުވަތަ އެއިން ބައެއް އާންމުކޮށްގެން ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.

  1. އެ މައުލޫމާތެއް ރިޕޯޓެއް ނުވަތަ އޭގެ ބައެއް އާންމުކުރުމުން ނުވަތަ ހާމަކުރުމުން މީހެއްގެ ނުވަތަ ކުންފުންޏެއްގެ ވިޔަފާރީގެ ސިއްރެއް ހާމަވުން؛ ނުވަތަ
  2. ޖިނާއީ މައްސަލައަކާ ގުޅިގެން ހިނގަމުންދާ ތަހްގީގަކަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުން؛ ނުވަތަ 
  3. މީހެއްގެ މައްޗަށް ހިންގޭ ށަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅުމުގެ ފުރުސަތު އޮތުން؛ ނުވަތަ 
  4. ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުން.

(ބ) މި މާއްދާގެ ދަށުން އެއްވެސް މައުލޫމާތެއް އާންމުކުރުމުގައި، އޭގައި އެއްވެސް މީހެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް ހިމެނޭކަމަށްވާނަމަ، އެ މައުލޫމާތެއް ހާމަނުވާނެ މިންވަރަކަށް އެ މައުލޫމާތުން އެބައި އުނިކުރުމަށްފަހު، އެ މައުލޫމާތުގެ ތެރެއިން އާންމުކުރެވެން އޮތްބައި އާންމުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ފީ ނުވަތަ ޗާޖު ނެގުން

މި ގާނޫނުގެ ދަށުން ޕްލޭނިންގ އިދާރާތަކުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ފީއެއް ނުވަތަ ޗާޖެއް އެ އިދާރާތަކަށް ނެގިދާނެއެވެ.

 

42 ވަނަ މާއްދާ - ނޯޓިސް ފޮނުވުމުގެ އުސޫލު

މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހެއް، އެ ނޯޓިސް ރައްދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެ ފަރާތަކަށް އެ ނޯޓިސް ރައްދުވެއްޖެކަމަށް ބެލުމުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި، މިނިސްޓްރީގެ ނުވަތަ ޕްލޭނިންގ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، މިނިސްޓްރީއަށް ނުވަތަ ޕްލޭނިންގ އިދާރާތަކަށް މި ގާނޫނުން ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، މިނިސްޓްރީ ނުވަތަ ޕްލޭނިންގ އިދާރާގެ އިރުށާދު ލިބިގެން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މިނިސްޓްރީ ނުވަތަ ޕްލޭނިންގ އިދާރާގެ އިރުށާދު ލިބިގެން މަސައްކަތްކުރާ މުވައްޒަފެއް ގަސްދުގައި ކުރާ ކަމަކުން ނުވަތަ އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް، ކަމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެކަމެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.

 

44 ވަނަ މާއްދާ - އެހެނިހެން ފިޔަވަޅުއެޅުން

މި ގާނޫނުގެ ދަށުން ޕްލޭނިންގ އިދާރާތަކުން ދޫކުރާ ކޮންޕްލަޔަންސް ނޯޓިހާ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ނޯޓިހާ ހިލާފުވުމުގެ ސަބަބުން މި ގާނޫނުގެ 30 ވަނަ މާއްދާ ނުވަތަ މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާ ފިޔަވައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ގާނޫނާ ހިލާފުވި ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، 15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން. އަދި ގާނޫނާ ހިލާފުވި އަމަލު ތަކުރާރުކޮށްފިނަމަ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން؛

(ށ) ގާނޫނާ ހިލާފުވި ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، 30,000 (ތިރީސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން. އަދި ގާނޫނާ ހިލާފުވި އަމަލު ތަކުރާރުކޮށްފިނަމަ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން؛

(ނ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ފާސްކޮށްފައިވާ ޕްލޭނަކާ ހިލާފަށް ޕްލޭނިންގ އިދާރާއަކުން އަމަލުކޮށްފައިވާނަމަ، 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.

 

45 ވަނަ މާއްދާ - ދެމިގެންދާ ކަންކަން

މި ގާނޫނަށް އަމަލުކުރަން ފަށާއިރ،ު ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ޕްލޭނިންގއާ ގުޅޭގޮތުން ދީފައިވާ އިރުށާދެއް ނުވަތަ ނެރެފައިވާ ނޯޓިހެއް ނުވަތަ އަންގާފައިވާ އެންގުމެއް ނުވަތަ ކަނޑައަޅާފައިވާ ށަރުތެއް ނުވަތަ ދީފައިވާ ހުއްދައެއް ނުވަތަ ފާސްކޮށްފައިވާ ޕްލޭނެއް ނުވަތަ އެނޫންވެސް ނިންމާފައިވާ ނިންމުމެއް މި ގާނޫނާ ތައާރުޒުނުވާހާ ހިނދަކު ބެލެވޭނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

 

46 ވަނަ މާއްދާ - އެހެން ގާނޫނުތަކަށް އަމަލުކުރުން

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ނުވަތަ ޕްލޭނިންގ އިދާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކަމާގުޅޭ އެހެން ގާނޫނެއްގައި މިނިސްޓްރީން ނުވަތަ ޕްލޭނިންގ އިދާރާތަކުން ރިއާޔަތްކުރުމަށް ލާޒިމުކުރާ އެހެން ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އަރބަން ސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރުމުގައި، އެފަދަ ސަރަހައްދުތަކުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ފާސްކުރުން ފިޔަވައި، އަރބަން ސަރަހައްދުތަކުގެ ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމުގައާއި، ތަރައްގީގެ މަސައްކަތްތައް މޮނިޓަރކޮށް ފިޔަވަޅުއެޅުމުގައާއި، އެނޫންވެސް އަރބަން ސަރަހައްދުތައް ޕްލޭންކުރުމާއި ހިންގުމުގެ ކަންކަމުގައި އިސްކަންދޭނީ އަރބަން ޑިވެލޮޕްމަންޓްގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކަށެވެ.

 

47 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި ވަކި ކަމަކާ ގުޅޭގޮތުން ގަވާއިދު ހަދަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަމާ ގުޅޭގޮތުން މިނިސްޓްރީން ގަވާއިދު ހަދަންވާނެއެވެ.

  1. ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ އާންމު ގަވާއިދު؛  
  2. ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު؛ 
  3. ގާނޫނުގެ ދަށުން ށަކުވާ ހުށަހެޅުމާއި، ށަކުވާތައް ބަލައި ފިޔަވަޅުއެޅުމާގުޅޭ ގަވާއިދު؛
  4. ޕްލޭނަރުން ރަޖިސްޓަރީކުރުމާއި ގިންތިކުރުމާގުޅޭ ގަވާއިދު؛ 
  5. ފަންނީ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް އެކުލަވާލުމާއި، އެ ކޮމިޓީތައް ނުވަތަ ޕެނަލްތައް ނުވަތަ މަސައްކަތު ގްރޫޕްތައް ހިންގުމާގުޅޭ ގަވާއިދު؛
  6. ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލުމުގެ މިންގަނޑުތަކާގުޅޭ ގަވާއިދު؛
  7. ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންތައް ފާސްކުރުމާއި މުރާޖައާކުރުމާއި އިސްލާހުކުރުމާގުޅޭ ގަވާއިދު؛
  8. ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާއި، ތަރައްގީކުރާ އިދާރާތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ފިޔަވަޅުއެޅުމާގުޅޭ ގަވާއިދު.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

49 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ދަނޑުވެރިކަން" ކަމަށް ބުނެފައި އެވަނީ، ކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ހާއްސަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަށްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދައި ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑުކުރުމާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ. މި މާނައިގައި ދަނޑުވެރިކަމުގެ ބޭނުންތަކަށާއި އެކަމާ ގުޅުންހުރި ކަންކަމަށް ހެދިފައިވާ އިމާރާތްތައްވެސް ހިމެނޭގޮތުންނެވެ.

(ރ) "ބިން ތަރައްގީކުރުމުގެ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ޕްލޭނިންގ އިދާރާއިން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ބިން ތަރައްގީކުރުމަށް ދޫކުރާ ހުއްދައަށެވެ.

(ބ) "ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ޕްލޭނަށް ނުވަތަ ޕްލޭންތަކަށެވެ.

(ޅ) "އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން އެކުލަވާލާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށެވެ.

(ކ) "ޕްލޭނިންގ އިދާރާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތަކަށެވެ.

(އ) "ބިން" ކަމަށް ބުނެފައި އެވަނީ، ހިކި ދިޔައިގައި ރަށެއްގެ ބިމުން މަތީގައިވާ ސަރަހައްދާއި ތެޔޮ އަދި އަގުހުރި މައުދަނު ފިޔަވައި ބިމު އަޑީގެ ބައެއްގެ ގޮތުގައި ހިމެނޭ ބިމުގެ އަޑީގައިވާ ހުރިހާ އެއްޗަކާއި، ބިމުގައި ގުދުރަތީގޮތުން ހެދޭ ތަކެއްޗާއި (އިންސާނުން ހައްދާ ގަސްގަހާއި ތަކެތި ފިޔަވައި)، ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް ބިމުގެ މަތީގައިވާ އެކަށީގެންވާ އުސްމިނެއް ހުންނަ ހުސް ސަރަހައްދާއި އެއަރ ސްޕޭސް ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި:

  1. މޫދުން ހިއްކާފައިވާ ބިން؛ 
  2. ގުދުރަތީގޮތުން ރަށަކާ އިންވެގެން އޮންނަ ބިން؛ 
  3. އިންސާނުންގެ އަމަލަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ވަގުތީގޮތުން ފެނުން ފޮރުވިފައިވާ ބިން.  

(ވ) "ބިން ތަރައްގީކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުން، އިންޖިނިއަރިންގ މަސައްކަތްކުރުން، ބިން ކޮނުން ނުވަތަ ވެލި ނެގުން ނުވަތަ ބިމުގެ އަޑީގައި ނުވަތަ ބިމުން މަތީގައި ކުރެވޭ އެނޫންވެސް ކަންކަމާއި ހިންގޭ އެހެނިހެން ކަންކަމަށް އެ ބިން ނުވަތަ އިމާރާތް ބޭނުންކުރެވޭ ގޮތަށް ގެންނަ ބަދަލުތަކާއި ފަޅު ތެރޭގައާއި މޫދުގައި ކުރެވޭ އެކި ބާވަތުގެ މަސައްކަތްތައް ހިމެނޭގޮތުންނެވެ.

(މ) "ބިން އެކަށައެޅުން" ކަމަށް ބުނެފައި އެވަނީ، ގާނޫނެއްގެ ދަށުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް ނުވަތަ އިގްތިސާދީ ބޭނުންތަކަށް ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށް ނުވަތަ ދައުލަތުގެ ބޭނުމަށް ވަކި ސަރަހައްދެއްގައިވާ ބިމެއް ހާއްސަކުރުމަށެވެ.

(ފ) "ޕްލޭނަރުން" ކަމަށް ބުނެފައި އެވަނީ، ޕްލޭންކުރުމާއި ޑިޒައިންކުރުން ހިމެނޭގޮތުން ސިޓީ ނުވަތަ ރަށްރަށުގައި ނުވަތަ އެނޫންވެސް ސަރަހައްދުތަކުގައި އެކިއެކި ބޭނުންތަކަށް ބިން ނުވަތަ ސަރަހައްދުތައް ޕްލޭންކުރުމާއި ފަރުމާކުރުމުގެ ފަންނީ މަސައްކަތްކުރުމަށް މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

(ދ) "އަރބަން ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނުގެ ދަށުން އަރބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކަށެވެ.

(ތ) "ސިޓީ" ކަމަށް ބުނެފައި އެވަނީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަހައްދެއް ކަމަށް ސަރުކާރުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ރަށްރަށާއި ސަރަހައްދުތަކަށެވެ.

(ލ) "ރަށް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށެއް ކަމުގައި ސަރުކާރުން އިއުލާނުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ކޮންމެ ރަށަކަށެވެ.

(ގ) "ގަރާޖު" ކަމަށް ބުނެފައި އެވަނީ، އުޅަނދު ޕާކްކުރުމަށް ހަދާ ޕާކިންގ ގަރާޖުތައް ނުހިމެނޭގޮތުން ލަކުޑިއާއި މައުދަނުން ތަކެތި އުފެއްދުމާއި، މަރާމާތުކުރުމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހާއްސަކުރެވިގެންވާ ތަންތަނަށެވެ.

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު