ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގާނޫނު ނަންބަރު 2024-10)
(މި ގާނޫނަށް އަމަލުކުރަން ފެށީ 1 ސެޕްޓެމްބަރު 2024 ގައި)
ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 65 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބިދޭސީން ރާއްޖޭގައި ވަޒީފާއަދާކުރުން 65.
(ހ) ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ފަރާތްތަކުގެ މައްޗަކަށް މި ބާބުގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.
- ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ބިދޭސީ ފަރާތްތައް؛
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގައި ވަޒީފާއަދާކުރާ ބިދޭސީ ފަރާތްތަކާއި، އެފަދަ އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން ނުވަތަ އެނޫންގޮތަކުންވެސް ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ކަނޑައެޅޭ ބިދޭސީ ފަރާތްތައް؛
- ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކުރާ ވަރކް ވީޒާ ފިޔަވައި އެނޫން ބާވަތެއްގެ ވީޒާއެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމުގެ ހުއްދަ ލިބިދީފައިވާ ފަރާތްތައް؛
- އެހެން ގާނޫނެއްގައި ކަނޑައަޅާ އެނޫންވެސް ބިދޭސީ ފަރާތްތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ހޯދުމަކާ ނުލައި އެއްވެސް ބިދޭސީއަކު ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަކީ މަނާކަމެކެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-65 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުން 1-65.
(ހ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށްޓަކައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި، އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި، އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅައި އަހަރަކު 2 (ދޭއް) ފަހަރު އާންމުކުރަންވާނެއެވެ. އަދި އެފަދައިން ކަނޑައެޅުމުގައި، އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް، އަދި ހުނަރުގެ މިންވަރަށް ބިނާކޮށް، ތަފާތު ގިންތިތަކަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅަންވާނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިންނެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ އެސެސްމަންޓްގައި ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި، މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި، ދިވެހިރާއްޖޭގައި އެހާތަނަށް ބިދޭސީން ވަޒީފާއަދާކުރަމުންދާ މިންވަރާއި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މިންވަރު ދެނެގަންނަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ހަދާ އެސެސްމަންޓަށްފަހު، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަނޑައެޅުމެއް ކަނޑައަޅަންވާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
- ގައުމުގެ އިގްތިސާދީ ނުވަތަ އިޖްތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ދިވެހިރާއްޖެއިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން؛
- ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު؛
- ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް ފަރާތެއް ނުލިބިއްޖެނަމަ ނުވަތަ ލިބޭ މިންވަރު މަދުވެއްޖެނަމ،ަ އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު؛
- ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރު؛
- ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮށްފާނެ އަސަރު ދެނެގަތުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަން.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީންގެ އަދަދު ކަނޑައަޅާއިރ،ު ވަކި ދާއިރާއަކަށް ނުވަތަ ގައުމަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަމުންދާނަމ،ަ ބިދޭސީންގެ އަދަދު މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އަދަދުތަކުގައި ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެކަން ކޮށް ނިންމަންޖެހޭ މުއްދަތުތަކާއި، ކަމާގުޅިގެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް އެފަދައިން ކަނޑައަޅާއިރު
ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ކަނޑައަޅާ އެއްވެސް މުއްދަތެއް ކަނޑައަޅަންވާނީ، އެކަށީގެންވާ ނޯޓިހެއް ދިނުމަށްފަހުގައެވެ. އަދި އެފަދައިން ކަނޑައަޅާ އެއްވެސް މުއްދަތެއް 36 (ތިރީސްހައެއް) މަސްދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-65 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތް މާއްދާ އިތުރުކުރުން.
ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން 2-65.
(ހ) ކޮންމެ ވަޒީފާދޭ ފަރާތަކުންވެސް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް އެއްވެސް ބިދޭސީއަކު ގެނައުމުގެ ކުރިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
- އެ ބިދޭސީއަކު މަސައްކަތްކުރާނެ ވަރކްސައިޓް ރަޖިސްޓަރީކުރުމާއި ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުން؛
- އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުން؛
- އެ ބިދޭސީއަކަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވަރކް ޕަރމިޓް ހެއްދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަތައް ހޯދުމަކާ ނުލައި އެއްވެސް ވަޒީފާދޭ ފަރާތަކުން ބިދޭސީއަކު ވަޒީފާގައި ގެންގުޅެގެންނުވާނެއެވެ.
(ނ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީއަކު ގެނައުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމަށްފަހުގައި، ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާދޭ ފަރާތް ނުވަތަ އޭނާ ވަޒީފާއަދާކުރާ ވަރކްސައިޓް ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމަށް ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، ކޯޓާ ދޫކުރުމާއި، ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަ ދިނުމާގުޅޭ އެނޫންވެސް ކަންކަން ކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، މި ގާނޫނުގެ 1-66 ވަނަ މާއްދާގައި ބަޔާންކުރާ މިނިސްޓްރީންނެވެ.
ވަރކްސައިޓް ރަޖިސްޓަރީކުރުން 3-65.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއަކު މަސައްކަތްކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓެއްގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، ވަރކްސައިޓްގެ ބާވަތްތަކާއި ގިންތިތަކާއި، ވަރކްސައިޓް ރަޖިސްޓަރީކުރުމަށް އެދެވޭނެ ފަރާތްތަކާއި، ރަޖިސްޓަރީކޮށްދެވޭނެ ހާލަތްތަކާއި، ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓް ބަދަލުކުރުމާއި، އެފަދަ ވަރކްސައިޓްތަކަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ ހާލަތްތަކާއި އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދީފައިވާ ވަރކްސައިޓެއް. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މެނުވީ ބަދަލުކޮށްގެންނުވާނެއެވެ.
ކޯޓާ ދޫކުރުން 4-65.
(ހ) ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއަކު ގެނައުމުގެ ކުރިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އަދި އެ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މި ގާނޫނުގެ ދަށުން ދޫކުރެވޭ ކޯޓާގެ ބާވަތްތަކާއި އެއިން ކޮންމެ ބާވަތެއްގެ ކޯޓާ ދޫކުރެވޭނެ އިތުރު ގިންތިތަކާއި، އެ ގިންތިތަކަށް ކޯޓާ ދޫކުރެވޭނެ ށަރުތުތަކާއި، ކަމާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ އެނޫންވެސް ކަންކަން ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓާ ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަކަށެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާއެކު، ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2,000 (ދެހާސް) ރުފިޔާ ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާފައިވާ ކޯޓާ ފީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރ،ު އަދި ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ މުއްދަތަށްވުރެ ކުރު ނުވާނެ ގޮތެއްގެމަތިން މުރާޖައާކޮށް، އެ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން މުރާޖައާކުރުމަށްފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30 (ތިރީސް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، ބިދޭސީންނަށް ކޯޓާ ދޫކުރެވޭނެ ށަރުތުތަކާއި އުސޫލުތަކާއި، ކޯޓާ ދޫކުރެވޭނެ ގިންތިތަކާއި، ކޯޓާ ދޫކުރުމަށް ކަނޑައެޅޭ ސައިޓްތަކާއި، ކޯޓާ ދޫކުރެވޭނެ މުއްދަތުތަކަށް ފީ ނެގޭނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހޯދަންޖެހޭ ކޯޓާ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމަކީ މަނާކަމެކެވެ. ވަރކް ޕަރމިޓް ހޯދުން 5-65 (ހ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ކޮންމެ ބިދޭސީއަކީ، މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ހޯދާފައިވާ މީހެއް ކަމުގައި ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަރކް ޕަރމިޓް ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާއެކު، ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާފައިވާ ވަރކް ޕަރމިޓް ފީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރ،ު އަދި ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ މުއްދަތަށްވުރެ ކުރު ނުވާނެ ގޮތެއްގެމަތިން މުރާޖައާކޮށް، އެ ފީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން މުރާޖައާކުރުމަށްފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ %30 (ތިރީސް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ބ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަންވާނެއެވެ. މިގޮތުން ބަހައްޓާ ޑިޕޮސިޓް، އެމީހެއްގެ ގައުމަށް އަނބުރާ ފޮނުވާލުމަށް ޓިކެޓަށް ހޭދަވާ އަދަދަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގަވާއިދުގައި، ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރެވޭނެ ށަރުތުތަކާއި އުސޫލުތަކާއި، ވަރކް ޕަރމިޓްގެ ގިންތިތަކާއި، ވަރކް ޕަރމިޓް ދޫކުރެވޭނެ މުއްދަތުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
ބަލައި ފާސްކުރުން 6-65.
(ހ) ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައިތޯ ނުވަތަ އެފަދަ ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނާ ހިލާފަށް މަސައްކަތްކުރާ ކަމަށް ބެލެވޭ ވަރކްސައިޓްތައް ބަލައި ފާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމެއް ހިންގަންވާނީ، ބަލައި ފާސްކުރެވޭ ވަރކްސައިޓަކީ އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނާ ހިލާފަށް ބިދޭސީން މަސައްކަތްކުރާ ކަމަށް ބެލެވޭ ވަރކްސައިޓެއް ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތައް ހުންނަ ހާލަތުގައި އަދ،ި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަމާގުޅޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި ހަރަކާތްތެރިވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ އިންސްޕެކްޓަރުންނެވެ.
(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ އިންސްޕެކްޓަރެއްގެ ކިބައިގައި އޭނާއަކީ އެކަމަށްޓަކައި އައްޔަނު ކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ.
(ބ) މި މާއްދާގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި ހަރަކާތްތެރިވާ އިންސްޕެކްޓަރުންނަށް ގާނޫނާ ހިލާފަށް ބިދޭސީން މަސައްކަތްކުރާ ވަރކްސައިޓްތައް ކަމަށް ބެލެވޭ ތަންތަނާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.
- ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައި، ވަރކްސައިޓްތަކަށް ވަޖު، ބަލައި ފާސްކުރުން؛
- ވަރކްސައިޓްތަކު ގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛
- ވަރކްސައިޓްތަކު ގައިވާ ގުޅުންހުރި ރިކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީ ހެއްދުމާއި، އެތަންތަނުގައިވާ ތަކެތީގެ ފޮޓޯނެގުން؛
- ކަމާ ގުޅޭގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތު ހޯދުން.
(ޅ) ބަލައި ފާސްކުރަނީ މީހުން ދިރިއުޅޭ ތަނެއް ކަމުގައިވާނަމަ އިންސްޕެކްޓަރުން އެތަނަކަށް ވަންނަންވާނީ، ތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނުވަތަ އެފަދަ ހުއްދައެއް ނެތްނަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.
(ކ) މި މާއްދާގެ ދަށުން ވަރކްސައިޓެއް ބަލައި ފާސްކުރާ ވަގުތު ވަޒީފާދޭ ފަރާތުން ނުވަތަ އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނުގައި ވިޔަފާރިކުރާ ފަރާތުން ނުވަތަ އެތަނަކާ އެވަގުތަކު ހަވާލުވެހުރި ފަރާތަކަށް ހާޒިރުވެހުރެވިދާނެއެވެ.
(އ) މި މާއްދާގެ ދަށުން ވަރކްސައިޓްތައް ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އުސޫލުތައް. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ވ) މި މާއްދާގެ ދަށުން ހިންގާ ބަލައި ފާސްކުރުމެއްގައި، ގާނޫނާ ހިލާފަށް ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ސާބިތުވެއްޖެނަމ،ަ އެފަދަ ފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފަށް ކުރަމުންދާ ވިޔަފާރި ހުއްޓުވުން؛
- ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ވަރކްސައިޓް ބަންދުކުރުން؛
- ގަވާއިދާ ހިލާފަށް ވަޒީފާއަދާކުރަމުންދާ ބިދޭސީންނާމެދު ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން؛
- ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީ ފަރާތް ޖޫރިމަނާކުރުން؛
- ގަވާއިދާ ހިލާފަށް މަސައްކަތްކުރި ބިދޭސީ ފަރާތަކީ ވަކި ފަރާތެއްގެ ވަޒީފާގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތެއް ކަމުގައިވާނަމ،ަ އެ ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުން.
ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވުން 7-65.
(ހ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީ ފަރާތެއް ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.
- ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުން؛
- އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 (ފަންސާސްހާސް ރުފިޔާ) ގެ މަގުން ޖޫރިމަނާކުރުން؛
- ތަކުރާރުކޮށް އިހުމާލުވުމުގެ އަމަލުތައް ހިންގާ ވަޒީފާދޭ ފަރާތްތަކާމެދު މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުގެ އިތުރުން، މި ގާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުން.
(ށ) އަންނަނިވި ހާލަތްތަކުގައި، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު ވަޒީފާދޭ ފަރާތުން އިހުމާލުވި ކަމުގައި ބެލޭނެއެވެ.
- މުސާރަ ނުދިނުން؛
- ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން؛
- ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށްފަހު އެމީހުންނާމެދު އެކްސްޕްލޮއިޓޭށަންގެ އަމަލެއް ހިންގުން ނުވަތަ އެމީހުން ލައްވާ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގުން؛
- ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުން.
(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާގެ އެއްބަސްވުމުގެ ދާއިރާގެ ތެރެއިން ކުރާ އެހެނިހެން މަސައްކަތްތައް ކުރުމަކީ، އެހެން ވަޒީފާއެއް އަދާކުރުން ކަމުގައެއް ނުބެލެވޭނެއެވެ.
ފިޔަވަޅު އެޅުން 8-65.
(ހ) ވަކި ފިޔަވަޅެއް އެޅުމަށް މި ބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، މި ބާބުގައި އެކުލެވޭ މާއްދާއަކާ ވަޒީފާދޭ ފަރާތަކުން ނުވަތަ ވަޒީފާއަދާކުރާ ފަރާތަކުން ހިލާފުވެއްޖެނަމ،ަ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކުރެވޭނެ އަދަދުތައް. އެ ހިލާފުވި ހިލާފުވުމަށް ރިއާޔަތްކޮށް، މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 66 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ބިދޭސީން ވަޒީފާއަދާކުރުމާގުޅޭ ކަންކަން ތަންފީޒުކުރާ މިނިސްޓްރީ 1-66.
މި ބާބުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރާނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 96 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ގަވާއިދު ހެދުން 96.
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމާގުޅޭ ކަންކަމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމާގުޅޭ ގަވާއިދުތައް ފިޔަވައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
6 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
7 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)
ކިޔުންތެރިންގެ ހިޔާލު