-

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2023-06)

(މި ގާނޫނަށް އަމަލުކުރަން ފެށީ 5 ނޮވެމްބަރު 2023 ގައި)

 

ގާނޫނު ނަންބަރު 2010-10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން 1-15.

(ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްށަންސް ކޮމިށަނަށް ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްށަންސް ކޮމިށަނުން އެމީހަކަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައާއި، އެފަދައިން އަންގާ އެންގުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ އުސޫލުތަކަށާއި އިޖުރާއަތުތަކަށެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި އެ މާއްދާގެ (ޅ) ގައި ކަނޑައަޅާފައިވާ މުއްދަތު ހިނގަން ފަށާނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވާ ވަގުތުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިއުލާންކުރުމާއި ކެންޑިޑޭޓުންނާގުޅޭ އާންމު އުސޫލުތައް 17.

މި ގާނޫނުގެ 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، 15 ވަނަ މާއްދާ އަދި 1-15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އިންތިހާބު އިއުލާންކުރުމާއި، ކެންޑިޑޭޓުންނާގުޅޭ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި އެކަންކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށ،ް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2010-10)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު