މަސްވެރިކަމުގެ ގަވާއިދު (0000-00)
(ގަވާއިދު ނަންބަރެއް އަދި އަމަލުކުރަން ފެށި ތާރީހެއް އެނގެން ނެތް)
މި ގަވާއިދަކީ ގާނޫނު ނަންބަރު 5/1987 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިށަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ލިބިދޭ އިހްތިޔާރުގެ މަތިން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދެކެވެ.
1 ވަނަ މާއްދާ - ފަޅުފަޅުން މަސްވެރިކަން ކުރުން
(ހ) މީހުން އުޅޭ ރަށްރަށުގެ ފަޅު ތެރެއަށް ވަދެގެން އެހެން ރަށެއްގެ ބަޔަކު އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރަންވާނީ، އެރަށެއްގެ ރަށު އޮފީހުން ހުއްދަ ލިބިގެންނެވެ.
(ށ) މީހުން އުޅޭ ރަށެއްގެ ފަޅު، ގޮނޑުދޮށުން ފެށިގެން ތޮށްޓާ ހަމައަށް 1000 މީޓަރަކަށްވުރެ ބޮޑުނަމަ، ގޮޑުދޮށުން ފެށިގެން 700 މީޓަރގައި އިންޖަހައި އޭގެ ބޭރަށް އޮންނަބައި އާންމުކޮށް ހުރިހާ ރަށެއްގެ މީހުން މަސްވެރިކަން ކުރަން ކަނޑައެޅުދާނެއެވެ. މިކަން ކުރެވެނީ ރަށެއްގައި އެގޮތަށް ހަމަޖައްސަން ބޭނުންވާ ކަމަށް އަތޮޅު އޮފީހަށް ފެނިގެން މިނިސްޓްރީ އޮފް ފިށަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހުށަހަޅައި އެދެފަރާތް މަށްވަރާ ކޮށްގެން ނިމޭ ގޮތަކުންނެވެ. އަދި އެގޮތަށް ހަމަޖެހިއްޖެނަމަ، އެކަން މިނިސްޓްރީ އޮފް ފިށަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އިއުލާން ކުރާނެއެވެ.
(ނ) އެއްފަޅުތެރޭގައި އެއަށްވުރެ ގިނަރަށް ހުރެފައި އެ ރަށްރަށުގެ ފަޅު ވަކިކުރަން ބޭނުން ވެއްޖެނަމަ، އިންޖަހާއީ ކޮންމެ ދެރަށެއްގެ ދޭތެރޭގައި އޮންނަ ފަޅު، ދެރަށަށް އެއްވަރުވާ ގޮތަށެވެ. މިގޮތަށް ފަޅު ވަކި ކޮށްދޭނީ މިނިސްޓްރީ އޮފް ފިށަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ލަފާގެ މަތީން އަތޮޅު އޮފީހުންނެވެ. މިގޮތަށް ބައިކުރުމުން އެއްރަށަކަށްވާ ބައި 1000 މީޓަރަކަށްވުރެ ބޮޑުނަމަ އަމަލު ކުރާނީ މިނަންބަރުގެ (ށ) ގައިވާ ގޮތަށެވެ.
(ރ) ޓޫރިސްޓް ރިޒޯޓް ހަދާފައިވާ ރަށްރަށުގެ ފަޅުތެރެއިން މަސްވެރިކަން ކުރަންވާނީ އެރަށެއްގެ އޮފީހުން ހުއްދަ ލިބިގެންނެވެ.
(ބ) މިނިސްޓްރީ އޮފް ފިށަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެކި މީސްމީހުންނަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަށުންނާއި، ސަރުކާރުގެ ބޭނުންތަކަށް އެކު ފަރާތްތަކާ ހަވާލުކުރާ ފަޅުރައްރަށުގެ ފަޅުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރަންވާނީ އެރަށަކާ ހަވާލުވެފައިވަ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ
(ޅ) ރަށެއް ނުވަތަ ފޮނޮޅެއް ނުވަތަ ހުރައަކާ ގުޅިފައިނުވާ ފަރު، ފަޅު، ގިރި ހަދާދަ ތަންތަނުން އާންމުކޮ މަސްވެރިކަން ކުރުމަކީ ހުއްދަ ކަމެކެވެ.
(ކ) ދާ އަޅައިގެން މަސް ހިފުން ފިޔަވައި، މާލޭގެ ފާޅުން މަސްވެރިކަން ކުރުމަކީ ހުއްދަކަމެކެވެ.
(އ) ރަށެއްގެ ފަޅުތެރޭގައި ނުވަތަ ފަޅާއި ގުޅިފައިވާ ވިލުގައި މަސް ހިފުމަށްޓަކައި ގޮނިލައި ހަދަންވާނީ، މީހުން އުޅޭ ރަށެއްނަމަ އެރަށެއްގެ ރަށު އޮފީހުން އަދި ފަޅުރަށެއްނަމަ، އެރަށެއް ހަވާލުވެފައިވާ ފަރާތަކުން ހުއްދަ ހޯދައިގެންނެވެ. އަދި ރަށަކާ ގުޅިފައި ނުވާ ފާޅެއްގައި ނަމަ މިފަދަ ތަނެއް ހަދަންވާނީ، އެފަޅެއް އޮތް އަތޮޅެއްގެ އަތޮޅު އޮފީހުން ހުއްދަ ހޯދައިގެންނެވެ.
(ވ) މި މާއްދާގެ އ ގައިވާ ފަދައިން ގޮނިލައި ހަދާފައިވާނަމަ، އެފަދަ ގޮނިން މަސްހިފާ ދުވަސްވަރު އެގޮންޏާ ހަވާލުވެފައިވާ ފަރާތެއްގެ ހުއްދަ ލިބިގެން ނޫނީ އެގޮނިން މަސްހިފަން ބޭނުންކުރާ ހިސާބުން އެހެން ބަޔަކު މަސް ހިފައިގެން ނުވާނެއެވެ.
(މ) މަހާއި އިސްހާއި ވެލަޔާއި ކަހަނބާއި އަދި މިނޫންވެސް ދިރުންހުރި އެއްޗެތި ގެންގުޅުމަށާއި، އެކިއެކި ތަހްލީލްތައް ކުރުމަށްޓަކައި، ރަށެއްގެ ފަޅު ތެރޭގައި ނުވަތަ ރަށެއްނެތި އޮންނަ ފަޅުތެރޭގައި ނުވަތަ އެއިން ތަނަކާއި، ގުޅިފައިވާ ވިލުގެ ތެރޭގައި ތަނެއް ހަދަންވާނީ ނުވަތަ އެފަދަ މަސައްކަތެއް ކުރާ އެއްޗެއް ބޭނުން ކުރަންވާނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ހުއްދަ ހޯދައިގެންނެވެ.
(މަސްވެރިން އެންދަމާފައި ބެހެއްޓުމާއި އިހި ފަދަ ތަކެތި ހިފާ މީހުން އެތަކެތި އެހެން ތަނަކަށް ގެންދަން ވަންދެން ފަޅުތެރޭގައި ބަހައްޓާލާ ބެހެއްޓުން މީގެ ތެރެއަކު ނުހިމެނެއެވެ.)
2 ވަނަ މާއްދާ - މަސްވެރިކަން ކުރުމުގައި މަނާ ކަންތައް
ތިރީގައި މިވަނީ، ރާއްޖޭގެ މަސްވެރިކަން ކުރުމުގައި މަނާ ކަންތައްތަކެވެ.
(ހ) އާންމުކޮށް ދިވެހިން މަސްވެރިކަންކުރާ ހިސާބުތަކުގައި ދޮށީގެ މަސްވެރިކަންކުރަން ތިބިބަޔަކަށް ދަތިވާ ގޮތަށް، ވަދު ދަމައިގެން ލޭނު އަޅައިގެން ނުވަތަ ފައްތައިގެން މަސްވެރިކަންކުރުން.
(ށ) ދިވެހިރާއްޖޭގެ ކަނޑުތަކުން އޮއިވާލި އެތިގަނޑު ނެގުން.
(ނ) މަސް ހިފުމަށް ނުވަތަ މަސް މެރުމަށް، ޑައިނަމައިޓް ނުވަތަ އެނޫންވެސް ގޮވާ އެއްޗެއް ބޭނުން ކުރުން.
(ރ) މަސްހިފުމަށް ނުވަތަ މަސް މެރުމަށް އެއްވެސް ބާވަތެއްގެ ބަޑިއެއް ބޭނުން ކުރުން.
(ބ) މަސްހިފުމަށް، ނުވަތަ މަސް މެރުމަށް އެއްވެސް ބާވަތެއްގެ ވިހައެއް ބޭނުންކުރުން.
(ޅ) ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ އާއި އިހި ނެގުން.
(ކ) ހުކުރު ނަމާދަށް ހާޒިރު ނުވެވޭފަދަ ގޮތަކަށް އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަށްޓަކައި ހުކުރު ދުވަހު ފުރައިގެން ރަށުން ބޭރަށް ދިއުން.
(އ) ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑުގައި ދައު އެޅުން.
(ވ) ރާއްޖޭގެ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑު ގަނޑަށް ޖަސްތު ޖަހައި ބުޅިފަތި އަޅުވައި ދިރޭ އެމާއި މުޅަކޮށްފައި ހުންނަ އެން އުކައިގެން މަސް ބޭނުން.
(މ) ހުވަދޫ އަތޮޅާއި ހައްދުންމައްޗާ ދެމެދުގައިވާ ހުވަދޫ ކަނޑުގެ މެދުތެރޭގައި އިންނަ (ދެރަހާ) ތިލާގައި ލޭނުއެޅުން. (މާނަކުރެވޭ ސަރަހައްދަކީ، 1 ދަރަޖަ 18 ދަގީގު - އުތުރު ތޫލު 73 ދަރަޖަ 18 ދަގީގު އިރު އަސުރު މުސާރާބު އެއީ ތިލަކަމަށް ބަލައި މިޕޮއިންޓްގެ ވަށައިގެން 5 މޭލު ކުރު ހުރަސް (ރޭޑިއަސް) ގެ ސަރަހައްދެވެ.)
(ފ) ތިރީގައިވާ އަތޮޅު ތަކުގެ އެތެރެވަރިންނާއި ބޭރު ދުނިން ފެށިގެން 12 މޭލު ބޭރު ސަރަހައްދުގައި 8 ސެޕްޓެންބަރު 1998 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަކަށް އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމެއް ކުރުން.
- މާޅޮސްމަޑުލު ދެކުނުބުރި
- ފާދިއްޕޮޅު
- މާލެ އަތޮޅު
- އަރިއަތޮޅު އުތުރުބުރި
- އަރިއަތޮޅު ދެކުނުބުރި
- ފެލިދެ އަތޮޅު
- އައްޑޫ އަތޮޅު
(ދ) މޮކްސީނެޓް ބޭނުން ކޮށްގެން ދިރޭ ކުރިމަސް ހިފުން
(ތ) އައްޑޫ އަތޮޅު ހުޅަގު ދެކުނު ކަނޑުގައި އޮންނަ ތިރީގައި ބުނެފައިވާ 4 ޕޮއިންޓް ގުޅާލެވޭ ހަތަރެސްކަން ގޮޅީގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ލޭނު އެޅުން.
- ދެކުނު ތޫލު 00 ދަރަޖަ، 45 ދަގީގު - އިރު އަސުރު 72 ދަރަޖަ 55 ދަގީގު
- ދެކުނު ތޫލު 00 ދަރަޖަ، 45 ދަގީގު - އިރު އަސުރު 72 ދަރަޖަ 55 ދަގީގު
- ދެކުނު ތޫލު 00 ދަރަޖަ، 45 ދަގީގު - އިރު އަސުރު 72 ދަރަޖަ 55 ދަގީގު
- ދެކުނު ތޫލު 00 ދަރަޖަ، 45 ދަގީގު - އިރު އަސުރު 72 ދަރަޖަ 55 ދަގީގު
(ލ) ދިވެހިރާއްޖޭގެ ކަނޑާއި ފަޅުގެ ސަރަހައްދުގެ އެއްވެސް ހިސާބެއްގައި، އެއްވެސް ބާވަތެއްގެ ރޮދުލުމުގެ މަސްވެރިކަމެއް ނުވަތަ އެމަސްވެރިކަމެއް ކުރެވޭ ގޮތަށް ބަލާއިރު، އެމަސްވެރިކަމަކީ ރޮދުލުން ކަމަށް ބެލެވިދާނެ އެއްވެސް މަސްވެރިކަމެއް ކުރުން.
3 ވަނަ މާއްދާ - ދިވެހިރާއްޖޭ އިގްތިސާދީ ސަރަހައްދުގެ ތެރެއިން
ހިފުން، ބޭނުން، ނެގުން ނުވަތަ މެރުން މަނާ ތަކެތި
ތިރީގައި މިވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ހިފުން، ބޭނުން، ނެގުން، ނުވަތަ މެރުން މަނާ ތަކެއްޗެވެ.
(ހ) ކޯމަސް
(ށ) ބޮޑުމަހުގެ ބާވަތްތައް
(ނ) ބަނޑު ދޮށުގައި ބިސް ހުންނަ އިއްސާއި، ބޮލުން ފެށިގެން ނިގުމަލަށް 25 ސެންޓިމީޓަރު ހަމަނުވާ އިހި
(ރ) ސަންގު
(ބ) ގާހަކަ
(ޅ) އެންދެރި
(ކ) ފެހުރިހި
(އ) މާހުޅުނބު ލަނޑާ
(ވ) ވެލަ އާއި ކަހަނބު (10 އަހަރަށް، 24 ޖޫން 1995 އިން ފެށިގެން)
(މ) ވެލައާއި ކަހަނބާއި އެތަކެތީގެ ބިސް (ގއ. ކޫއްޑޫ އާއި ކޫއްޑޫ ކައިރިން)
4 ވަނަ މާއްދާ - މިގަވާއިދުން އިސްތިސްނާ ކުރެވޭ ކަންތައްތައް
މަސްވެރިކަން އާލާ ކުރުމަށް، ނުވަތަ މަސްވެރިކަމާ ބެހޭ އެކިއެކި ތަހްލީލްތައް ކުރުމަށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސްސަސްގައި ނުވަތަ މިނިސްޓްރީ ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި އެގްރީމެންޓްކޮށް، ރަޖިސްޓްރީ ކުރެވިގެން ކުރެވޭ މަސައްކަތް ތަކުގައި އެކަމަށް ބޭނުންވާ ދިރުން ހުރި އެއްޗެތި، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުތަކުން ހިފައި ބާނާ، ނަގައި، ހެދުން މިގަވާއިދުގެ 3 ވަނަ މާއްދާއިން އިސްތިސްނާ ވަނެއެވެ. މިފަދަ ތަކެތި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރއ އެންޑް މެރިން ރިސޯސަސްގެ ހުއްދަ ލިބިގެން އެކަން ކަމަށް ބެނުން ކުރެވިދާނެއެވެ. އަދި މިފަދަ މަސައްކަތްކުރާ ތަންތަނުގެ
ތެރެއިން ނުވަތަ ކައިރިން އެހެން މީހުން މަސްވެރިކަން ކުރުމުގައި އެތަނަކަށް ބޭނުންވާނެ ރައްކާތެރިކަން އެފަރާތަކަށް، ލިބިދެވޭނެއެވެ. މިގޮތުން ލިބިދޭ ރައްކާތެރިކަން، މަސައްކަތް ކުރާ ފަރާތާއި، މަސައްކަތް ރަޖިސްޓްރީކުރާ މިނިސްޓްރީއާ ދެމެދު އެގްރީމެންޓްގައި ކަނޑައެޅިފައި އޮންނަން ވާނެއެވެ.
5 ވަނަ މާއްދާ – މަސްވެރިކަމުގެ ގާނޫނާއި މަސްވެރިކަމުގެ ގަވާއިދާ ހިލަފަށް ހިންގާ ކަންކަން ރިޕޯޓްކުރުން
ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދާ ހިލާފު އެއްވެސް ކަމެއް އެއްވެސް މީހަކު ނުވަތަ ބަޔަކު ހިންގިކަން ނުވަތަ ހިންގާކަން އެގިއްޖެނަމަ، ނުވަތަ މިފަދަ ކަމެއް ހިންގިކަން، ނުވަތަ ހިންގާ ކަމާމެދު ތުހުމަތު ކެރެވިއްޖެނަމަ، އެކަމެއް އެނގުނު ނުވަތަ ތުހުމަތު ކުރި ފަރާތަކުން އެކަމެއް ދިވެހިރާއްޖޭގައި ނަމަ ރަށުއޮފީހަކަށް، ނުވަތަ އަތޮޅު އޮފީހަކަށް އަންގަން ވާނެއެވެ. މާލޭގައިނަމަ އަންގާނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށެވެ.
6 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އަންމުކޮށް ދިވެހިން މަސްވެރިކަން ކުރާ ހިސާބަށްވުރެ ބޭރުން މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުން.
(ހ) މި ގަވާއިދަކީ، ދިވެހިރައްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަމިގެ ގޮތުން ލިބެންހުރި ފައިސާތައް ހޯދުމަށްޓަކައި، އެސަރަހައްދުން މަސްވެރިކަން ކުރުމަށްއެދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމަށްޓަކައި އެކުލެވިފައިވާ ގަވާއިދެކެވެ. ލައިސަންސް ދޫކުރެވޭނީ މި ގަވާއިދުގެ އެކިއެކި މާއްދާ ތަކުގައި ބަޔާން ކުރެވިފައިވާ ށަރުތުތަކުގެ މަތިންނެވެ.
(ށ) މި ގަވާއިދުން ލައިސަންސް ދޫކުރެވޭނީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން ފެށިގެން 75 މޭލު ބޭރުން ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރު ރޮނގާއި ދެމެދުގައިވާ ކަނޑުން މަސް ހިދުމަށެވެ.
(ނ) ލައިސަންސް ދޫކުރާއިރު ކޮންމެ އަހަރަކު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއިން ގިނަވެގެން ހިފަން ހުއްދަދެވޭ މަހުގެ ޖުމްލަ ބަރުދަން ކަނޑައެޅިފައި އޮންނާނެއެވެ. މި އައަދު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިންނެވެ.
(ރ) މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ މިނިސްޓްރީއޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިންނެވެ.
(ބ) މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ ހަމައެކަނި ދޮށިން މަސް ބޭނުމާއި، ލޯންގްލައިން އެޅުމަށާއި، ވަދު ދެމުމަށެވެ.
(ޅ) ލައިސަންސް ދޫކުރެވޭނީ އުޅަންދުތަކަށް މަސްބޭނުމަށް ބޭނުންވާ އެންހިފުމުގެ ހުއްދައެއް ނޯންނާނެއެވެ. އެފަދަ މަސައްކަތް ކުރަންވާނީ ރާއްޖޭގައި އެފަދަ މަސައްކަތް އާއްމުކޮށް ކޮށްއުޅޭ ބާވަތުގެ އުޅަނދުގައެވެ.
(ކ) މަސްވެރިކަން ކުރަން ހުއްދަދެވޭ ފަރާތްތަކުން މަސްވެރިކަމުގެ މަސައްކަތަށް ބޮޓް ފަހަރު ގެންނަވާނީ ލައިސަންސްގައިވާ އަދަދަށް ބަލައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީސް އިން ހުއްދަދޭ އަދަދަކަށެވެ.
(އ) ދިވެހިރައްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަން ލައިސަންސް ދޫކުރެވޭނީ ލައިސަންސް ދެވޭ ބޯޓް ފަހަރުގެ ކޮންމެ ނެޓް ޓަނަކަށް 50 އެމެރިކާ ޑޮލަރު މަގުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބަދަލުކުރެވޭ ފައިސާއަކުން ސަރުކާރަށް ފައިސާ ދެއްކުމަށް ފަހުގައިއެވެ. މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭ ބޯޓް ފަހަރު ރާއްޖޭގެ ސަރަހައްދުން ބޭރަށް ދާންވާނީ ކަސްޓަމްސް ކްލިއްރެންސް ހޯދުމަށް ފަހުގައެވެ. ރޯޔްލްޓީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދާއި ރާއްޖޭގެ ސަރަހައްދުން ބާނާ މަހުން ރޮޔަލްޓީގެ ގޮތުގައި ފައިސާގެ އަދަދުގައި ތަފާތެއްވާނަމަ، ޕޯރޓް ކްލިއަރަންސް ހޯދަން އެދޭއިރު އެކަން ހަމަޖައްސާނީ އެވެ.
(ވ) ރާއްޖެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަންއެދޭ ބޯޓް ފަހަރު މަސްވެރިކަމަށް ފުރުމުގެ ކުރިން ލައިސަންސް ފީގެ ގޮތުގައި ބޯޓްގެ ރޮސްޓަނަކަށް 10 އެމެރިކާ ޑޮލަރު މަގުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބުލުކުރެވޭ ފައިސާއަކުން ސަރުކާރަށް ފައިސާދައްކަންވާނެއެވެ.
(މ) ލައިސަންސް ދޫކުރެވޭނީ ކޮންމެ ފަހަރަކުވެސް މަދުވެގެން 1 އަހަރުގެ މުއްދަތަކަށެވެ.
(ފ. މަސް ހިފުމަށް އުޅޭ އުޅަނދުތައް ރާއްޖޭހެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި އުޅޭއިރު، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާބެހޭ ގޮތުން ހެދިފައިވާ ހުރިހާ ގާނޫނަކަށް ތަބާވާން ވާނެއެވެ. އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރެޔަށް ވަނުމުގައްޔާއި، ސިޔާސީ ސަރަހައްދުގެ ތެރޭގައި އުޅުމުގައި ރާއްޖޭގެ ހުރިހާ ގަނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމަޔަށް ތަބާވާންވާނެއެވެ.
(ދ) ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ހުއްދަ ލިބިގެން މަސްވެރިކަން ކުރާ އުޅަންދުތަކަށްވެސް އެކަމަށް ކަނޑައެޅިފައިވާ ބަޔަކު ފޮނުވައިގެން ބޯޓަށް އަރާ ޗެކްކޮށް ބެލުމުގެ އިހުތިޔާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެން ވެއެވެ.
(ތ) ލައިސަންސް ދެވޭ އުޅަނދު ތަކުގައި، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރުގެ މުވައްޒަފުން ބޭތިއްބިދާނެއެވެ. މިގޮތުން ބައިތިއްބާ މީހުންގެ ކެއުމާއި، ނިދުމާއި، ބޭސްފަރުވާ ކޮށްދިނުމުގެ އިންތިޒާމް އުޅަނދު ދުއްވާ ބައެއްގެ ހަރަދުގައި ހަމަޖައްސައިދީ އެމީހުންނާ މެދު އެކަށޭނަ ރަނގަޅު ގޮތެއްގެ މަތިން އަމަލު ކުރަންވާނެއެވެ.
(ލ) މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭ ފަރާތްތަކުން ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި މަސްވެރިކަމާބެހޭ ތަމްރީން އެބައެއްގެ ބެލުމުގެ ދަށުން ދިވެހިންނަށް ހިލޭ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭން ވާނެއެވެ.
(ގ) ލައިސަންސް ދޫކުރެވޭ ކޮންމެ އުޅަންދަކުން ކުރެވޭ މަސްވެރިކަމުގެ ހިސާބުތައް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަށާއި، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ދެމުން ގެންދަންވާނެއެވެ.
(ޏ) މި ގަވާއިދާ ހިލާފުވެއްޖެނަމަ، ނުވަތަ ދޫކުރެވެ ލައިސަންސްގެ ށަރުތަކާ ހިލަފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި ބޯޓް ދުއްވާ ފަރާތް ސަރުކާރަށް ފެންނަ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ލައިސަންސް ބާތިލް ކުރަން ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ވެސް ބާތިލް ކުރެވިދާނެއެވެ. މީގެ އިތުރުން އެބަޔަކު ކުރިކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދިނުމަކީ މިގަވާއިދު ހުރަސް އަޅާ ކަމެއް ނޫނެވެ.މިފަދަ ގާނޫނީ ކުށްތަށް ސާބިތު ކުރާނީ ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުންނެވެ.
(ސ) ލައިސަންސް ދޫކުރެވިފައިވާ އުޅަންދުތަކުން، ނުވަތަ އެފަދަ އުޅަންދެއްގައި އުޅޭ މުވައްޒަފެއްގެ ފަރާތުން ރާއްޖޭގެ އަމްނަށް ނުވަތަ އާމްއު މަސްލަހަތަށް ގެއްލުން ލިބޭ ކަހަލަ ހަރަކާތެއް ހިންގާކަމަށް ތުހުމަތު ކުރެވިއްޖެނަމަ. އުޅަންދަކަށް ދީފައިވާ ލައިސަންސް ބާތިލް ކުރުމުގެ އިހްތިޔާރު ސަރުކާތަށް ލިބިގެން ވެއެވެ.
(ޑ) ތަޖުރިބާ ކުރުމުގެ ގޮތުން ކުރާ މަސްވެރިކަމަށް ހުއްދަ ދެވޭނެގޮތް މިގަވާއިދުގައި ހިމެނިފައެއް ނުވާނެއެވެ. ތަޖްރިބާ ކުރުމުގެ ގޮތުން މަސްވެރިކަން ކުރުމުގެ ހުއްދައަކަށް ބެނުންވެއްޖެ ހިނދެއްގައި، އެހުއްދަ ދޭނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކްލްޗަރ އެންޑް މެރިން ރިސޯސަސްގެ މަށްވަރާއާއި އެކު، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީސް އިން ނެވެ.
7 ވަނަ މާއްދާ - މަސްވެރިކަން ކުރުމަށް ޕްރޮސެސް ކުރުމަށް އަދި އެކްސްޕޯރޓް ކުރުމަށް ޕްރޮޖެކްޓް ރާވާއިރު ހުއްދަ ނެގުން
މި މިނިސްޓްރީއަށް ކުރިން އެންގުމަކާ ނުލައި މަސްވެރިކަން ކުރުމާ، މަސް ޕްރޮސެސްކުރުމާ، އެކްސްޕޯރޓް ކެރުމުގެ ޕްރޮޖެކްޓްތައް ބައެއް ފަރާތްތަކުން ފެއްޓެވުމަގެ ސަބަބުން އެ ފަރާތްތަކަށް ފަހުން ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާތީ މަސްވެރިކަން ކުރެއްވުމަށް ނުވަތަ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށް ނުވަތަ މަހުގެ ބާވަތްތަށް އެކްސްޕޯޓް ކުރެއްވުމަށް އެއްވެސް ފަރާތަކުން ރާއްވަވާނަމަ ސަރުކާރުގެ ފަރާތްތަކުން ނަންގަވަންޖެހޭ އެހެން ހުއްދަތައް ނެންގެވުމުގެ ކުރިން މި މިނިސްޓްރީއަށް އެކަމެއް ހުށަހަޅުއްވައިގެން މި މިނިސްޓްރީގެ ހުއްދަ ހޯއްދަވަން ވާނެއެވެ.
8 ވަނަ މާއްދާ - ކަނޑުގެ ތަހްލީލްތައް ކުރުމަށް އެދޭ ބިދޭސީންނަށާއި، ބޭރުގެ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުން
(ހ) ރާއްޖޭގައި ކަނޑުގެ ތަހްލީލްތައް ކުރަންވަނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްތިކަލްޗަރ އެން މެރިން ރިސޯސަސް އިން ހުއްދަ ހޯދުމަށްފަހުގައިއެވެ. ކަނޑުގެ ތަހްލީލްތައް ކުރުމަށް އެދޭ ބިދޭސީންނާއި، ބޭރުގެ ފަރާތްތަކުން އެކަން ހުށަހަޅުއްވާނީ ސީދާ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެށެވެ. ނަމަވެސް ރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްވެފައިވާ ގައުމެއްގެ އެމްބަސީ އެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ.
(ށ) މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށް ހުށަހެޅޭ މައްސަލަތައް ކަމާބެހޭ ތަފްސީލްތަކާއި އެކު މި މިނިސްޓްރީއިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވަން ވާނެއެވެ.
(ނ) މިގޮތަށް ހުށަހަޅަ މައްސަލަ ތަކުގައި އެފަރާތަކުން އެކުރާ މަސައްކަތާގުޅޭ، ސަރުކާރު ގަބޫލުކުރާ ފަރާތެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި އެކަން ކުރާނީ ކޮންބައެއްކަމާއި، އެމީހުން ކުރާނީ ކޮން ބާވަތެއްގެ ތަހުލީލެއްކަން އެނގެން އޮންނަންވާނެއެވެ.- 1 ވަނަ ނަންބަރުގައިވާ ގޮތަށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހުށަހެޅޭ މައްސަލަތަކުގެ ތަފްސީލާއެކު ތިރީގައި މިވާ އޮފީސް އޮފީހަށް ހުށަހަޅައި އެތަންތަނުން ދެއްވާ މަށްވަރާ ހޯދަންވާނެއެވެ.
(ހ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ
(ށ) މިނިސްޓްރީ އޮފް އެޓްލްސް އެޑްމިނިސްޓްރޭށަން
(ނ) ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު - 2 ވަނަ ނަންބަރުގައިވާ ފަރާތްތަކުގެ މަށްވަރާ ހޯދުމަށްފަހު ތަހްލީލް ކުރުމުގެ ހުއްދަ ދޭން ފެންނަނަމަ ހުއްދަދޭނީ ތިރީގައިވިވާ ށަރުތުތަކާއި މެދު އެފަރާތުން އެއްބަސްވާނަމައެވެ
(ހ) ތަހްލީލް ކުރުމުގައި މަސައްކަތަށް ދިއުމުގެ ކުރިން ތަހްލީލް ކުރުމަށްޓަކައި އެއްޗެއް ނަގާނަމަ ނަގަނީ ކޮންއެއްޗެއް ކަމާއި ނަގާނެ މިންވަރި ބަޔަން ކުރުން.
(ށ) ތަހްލީލް ކުރުމގެ މަސައްކަތުގައި އުޅޭއިރު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
(ނ) ތަހްލީލް ކުރަންދާ އުޅަންދުގައި ރާއްޖެއިން ކަނޑައަޅާ ދެ އޮފިށަލުން ބެހެއްޓުމާއި، އެމީހުންގެ ކެއުމާއި ނިދާނެ އެކަށީގެންވާ ތަނެއްގެ މައްސަލަ ހަމަޖައްސައި ދިނުން. އަދި ކުރަމުންދާ ތަހްލީލްތަށް އެ ދެ އޮފިށަލުން އެދިއްޖެ ހިނދެއްގައި ދައްކަމުން ގެންދިޔުން.
(ރ) ތަހްލީލްކުރުމުގައި ކަނޑައަޅާ ފަޅުގައިވަ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދިނުމާއި، ގެއްލުމެއް ވެދާނެފަދަކަމެއް ނުކުރުން.
(ބ) ތަހްހީލް ކުރުމަށް ކަނޑައަޅާ ފަޅުގައި އެއްވެސް ބަވަތެއްގެ އެއްޗެއް ކުރިން ނުނަގައި ބަހައްޓައި އެނބުރި ނުދިނުން.
(ޅ) ކުރާ ތަހުލީލުގެ ރޮޕޯޓްގެ ކޮޕީއެއް، ލަސްވެގެން 6 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވުން. - އެ ށަރުތުތަކާއިމެދު އެފަރާތުން އެއްބަސްވާނަމަ، ތަހްލީލްކުރުމުގެ ހުއްދަދޭނީ މިނިސްޓްރީ އޮފް ފިށަރީޒް،އެގްރިކަލްޗރ އެންޑް މެރިން ރިސޯސަސް އިންނެވެ. މަނަވެސް ތަހްލީލް ކުރުމުގެ ހުއްދަ ހޯދުމަށް އެދިފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށްގެން ކަމަށްވާނަމަ، އެ ފަރާތަކަށް ހުއްދަދޭނީ އެމިނިސްޓްރީ މެދުވެރިކޮށެވެ.
- 3 ވަނަ ނަންބަރުގެ (ޅ) ގައި ބަޔާން ކުރެވިފައިވާ ރިޕޯރޓް ހުށަނާޅައި އޮތް ފަރާތަކުން، އިތުރު ތަހްލީލް ކުރަން އެދުނަސް އެކަމުގެ ހުއްދައެއް ނުދެވޭނެއެވެ.
9 ވަނަ މާއްދާ - ކަނޑުގެ ބާވަތްތައް ދިރުވާފައި ބަހައްޓަން ވިލުގައި ނުވަތަ ފަޅުތެރޭގައި ކޮށި ހެދުމަށް ވަގުތީ ގޮތުން ހުއްދަދޭ އުސޫލް.
- ކަނޑުގެ ބާވަތްތައް ދިރުވާފައި ބަހަށްޓަން ވިލުގައި ނުވަތަ ފަޅުރެތޭގައި ކޮށި ހެދުމަށް ވަގުތީ ގޮތުން ހުއްދަ ދެވޭނީ މީހުން އުޅޭ ރަށަކާ ގުޅިފައިނެތް ވިލުގައި ނުވަތަ ފަޅުގެ މަސައްކަތް ކުރުމަށެވެ.
- ސަރުކާރުން މީހަކަށް ވަރުވާއަށް ލިޔެދެއްވާފައިވާ ނުވަތަ ވަކި ފަރާތަކަށް ހަވާލުކުރައްވާ ފަޅުރަށެއްގެ ފަޅުގައި ނުވަތަ ވިލުގައި މިފަދަ ތަނެއް ހެދުމަށް ހުއްދަ ދެވޭނީ އެރަށެއް ސަރުކާރުން ހަވާލުކުރައްވާފައިވާ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހުށަހެޅުމަށް ފަހުގައި އެވެ.
- މިގޮތަށް ތަންތަން ހެދުމަށް ދޫކުރެވޭ ތަނުގެ އޭރިއާގެ ކޮންމެ އަކަ ފޫޓަކަށް އަހަރަކު 01 ލާރީ ފީއެއްގެ ގޮތުން ދައްކަން ވާނެއެވެ. މިފައިސާ ދައްކާނީ އެކޮށްޓެއް އޮތް އަތޮޅެއްގެ އަތޮޅު އޮފީހަކަށެވެ.
- މިދޭވޭ ހުއްދަ ދެމިއޮންނަންވާނީ މިބާވަތުގެ ކަންކަމަ ގުޅޭ ގޮތުން ގާނޫނެއް ނުވަތަ ގަވާއިދެއް ހެދެން ދެންނެވެ. އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ހެދުމަށްފަހު މިގޮތުން ދޫކުރެވޭ ހުއްދަ އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އަލުން އާކޮށް ހޯދަން ޖެހޭނެއެވެ.
- ވަގުތީ ގޮތުން ދެވޭ ހުއްދަ އެއްގެ ދަށުން ފަށާފައިވާ މަސައްކަތެއް މިބާވަތުގެ ކަންތަކަށް ގާނޫނެއް ނުވަތަ ގަވާއިދެއް ހެދިގެން އޭގެ ދަށަށް ބަދަލުކުރުމުގައި މި ހުއްދައިގެ ދަށުން ކުރެވިފައިވާ މަސައްކަތަކަށް ސަރުކާރުން ބަދަލެއްނުދެވޭނެއެވެ.
- ވިލުގައި ނުވަތަ ފަޅުގައި ހަދާ އެއްޗަކީ އަޑީގެ ބިމަށް ހަރު ކޮށްފައި ނުވަތަ އަޅާފައި އޮތް އެއްޗެއް ކަމަށް ވިޔަސް އެތަނެއްގެ ކައިރިން ދަތުރުކުރަން ޖެހިދާނެ އުޅަނދަކަށް ނުރައްކާ ނުވާނެ ހެން ދަތުރުކުރަން އެންގޭނެ (ފެންނާނެ) ފާހަގަ އެއް ކުރެވިފައި ހުންނަން ވާނެއެވެ. ރޭގަނޑު މިތަން ފެންނާނެ އައްޔެއް ހުންނަންވާނެއެވެ.
- މި ހުއްދައިގެ ދަށުން ހަދާ ކޮށްޓެއް ހެދުމުގައާއި އެތަނެއްގައި ކުރާ މަސައްކަތުން ރާއްޖޭގެ ތަނުގެ މާހައުލަށް ގެއްލުމެއް ލިބިދާނެ އަމަލެއް ކޮށްގެން ނުވާނެއެވެ.
- ކޮށިހެދުމަށްޓަކައި ފުރަން ނުވަތަ ތޮށި ލާން ބޭނުން ކުރަންވާނީ އެކަމަށް ވަކި ހުއްދައެއް ހޯދައި ގެންނެވެ،
- ހުއްދަ ދޫކުރެވޭނީ ކޮށިހަދަން ގަސްދުކުރާ ގޮތުގެ ތަފްސީލް މައުލޫމާތު ހިމެނޭ ލިޔުން ، ކުރެހުމާއި އެކު ހުށައެޅުމުންނެވެ.
- މިގޮތުން ކޮށި ހަދައިގެން މަސައްކަތް ކުރާ ފަރާތްތަކުން ރާއްޖޭގެ މަސްވެރިކަން އަދާކޮށް ހިފާއުޅޭ ގަވާއިދުން އެފަޅުން، ނުވަތަ އެ ވިލަކުން ހިފުމަށް ހުރަސް އަޅައިގެން ނުވާނެ އެވެ.
10 ވަނަ މާއްދާ - ރާއްޖެއަށް ބޭރުން އަންނަ ކަނޑުގެ ޖަނަވާރާބެހޭ
- ދިވެހިރާއްޖޭގެ ކަނޑުތަކުގައި އާދަކޮށް ނޫޅޭ އެކި ބާވަތުގެ ކނޑުގެ ޖަނަވާރެއް ހިފައި ނުވަތަ ލައްވެފައި އޮއްވާ ފެނުނު ނަމަވެސް އެ ޖަނަވާރަކާބެހޭ ތިރީގައި މިވާ މައުލޫމާތު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެން މެރިން ރިސޯސަސް އަށް ފޮނުވުން.
(ހ) އެ އެއްޗެއް ފެނުނު ތަނެއް.
(ށ) އެ އެއްޗަކާ ބެހޭ މައުލޫމާތު - 1 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާފަދަ އެއްޗެއްގެ މައުލޫމާތު ފޮނުއްވާނީ އަތޮޅު އޮފީސް ނުވަތަ ރަށު އޮފީސް މެދުވެރިކޮށެވެ.
11 ވަނަ މާއްދާ - މަސްވެރިކަންކުރާ މާލޭގެ އުޅަނދުތަކުން މަސް ރިޕޯރޓް ފޮނުވުން.
- މަސްވެރިކަން ކުރާ މާލޭގެ އުޅަނދުތައް، މާލެ އާއި ރާއްޖެ ތެރޭގެ ރަށްރަށުގައި ކުރާ މަސްވެރިކަމުގެ ހިސާބު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެން މެރިން ރިސޯސަސް އިން ކަނޑައަޅާ އުސޫލެއްގެ މަތީން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވަން ވާނެއެވެ.
- މާލެ އާއި ފަޅުރައްރަށުގައި ކުރާ މަސްވެރިކަމުގެ ހިސާބު ފޮނުވާނީ އެކަމަށް ކަނޑައެޅިފައިވާ އެފް.އާރު-1 ފޯމުގައެވެ.
- ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށަށް ގޮސްކުރާ މަސްވެރިކަމުގެ ހިސާބުދޭނީ އެރަށުގެ ރަށު އޮފީހަށެވެ. މިގޮތުން ދޭ ހިސާބު ފަހުން އެފް.އާރު -1 ފޯމުގައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވާނެ ކަމެއް ނެތެވެ.
- މާލޭގައި ކުރާ މަސްވެރިކަމުގެ ދުވަހު ހިސާބު (އެފް.އާރު ފޯމުގައި ފުރައި) ލަސްވެގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވަން ވާނެއެވެ. ފަޅުރަށް ރަށުގައި ކުރާ މަސްވެރިކަމުގެ ހިސާބުވެސް އެ އުޅަންދެއްގެ އެނބުރި މާލެ އައުމަށްފަހު ލަސްވެގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރި އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވަން ވާނެއެވެ.
- މާލޭގެ އުޅަނދެއް ފަޅުރަށެއްގައި މަސްވެރިކަން ކުރުމަށްފަހު އެނބުރި މާލެ އައުމުގެ ބަދަލުގައި މީހުން އުޅޭ ރަށަކަށް ހިގައްޖެނަމަ، އެކުރި މަސްވެރިކަމުގެ ހިސާބު މިނިސްޓްރީ އޮފް ފިށަރީޒް. އެގްރިކަލްޗަރ އެން މެރިން ރިސޯސަސް އަށް ފޮނުވުމާއްޓަކައި އެރަށެއްގެ ރަށު އޮފީހާއި ހަވާލުކުރަންވާނެއެވެ.
- ރާއްޖެ ތެރޭގެ ރައްރަށުގެ ދޯނި ފަހަރު މާލެ އައިސް ތިބެގެން ކުރާ މަސްވެރިކަމުގެ ހިސާބު ސީދ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ދޭންވާނެއެވެ.
- މާލެއިން މަހަށްފުރާ އެކިއެކި ދޯނިފަހަރުގެ ހިސާބު ދޯނި ފަހަރު މަހުން ލެފުމުން ނަގަމުން ގެންދާ ކަމުގައި ވިޔަސް ހުރިހާ ދޯނި ފަހަރެއްގެ ހިސާބު އޮޑިވެރި ފަރާތުން ގަވާއިދުގެ މަތިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފޮނުވަން ވާނެއެވެ.
- ދޯންޏެއް މަހަށް ދިޔަ ކަމަށް ބެލެވޭ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހިސާބު ލިބުމުންނެވެ.
- މަސްވެރިކަން ކުރާތާ ދެ ހަފްތާއަށްވުރެ ފަހުން ލިބޭ މާލެއިން މަހަށްދާ ދޯނި ފަހަރުގެ ހިސާބު، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިންނަގާ ހިސާބު ތަކުގައި ނުހިމެނޭނެއެވެ.
12 ވަނަ މާއްދާ – މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ފަހަރަށް އިމްޕޯރޓް ޑިޔުޓީ މާފުކޮށްދެވޭ ލަކުޑިއާއި އިންޖީނާބެހޭ
އިމްޕޯރޓް ޑިއުޓީ ކޮށްގެން ގެންނަ ލަކުޑީން ބަންނަ ދޯނި
- މަސްވެރިކަމަށް ބޭނުން ކުރމަށް ދޯންޏެއް ބުނުމަށް އިމްޕޯރޓް ކުރާ ލަކުޑީގެ ޑިޔުޓީން މާފުކޮށްދެވޭ ގޮތައް ހަމަޖައްސާފައިވަނީ ޑިޔުޓީގެ %50 އެވެ.
- މަސްވެރިކަމުގައި ބޭނުން ކުރުމަށް ދޯންޏެއް ބަނުމަށް އިމްޕޯރޓް ޑިޔުޓީ މާފުކުރާ ލަކުޑިން ބަންނަ ދޯނި ރަޖިސްޓްރީ ކުރަންވާނީ ހުއްދަ ހޯދި ފަރާތަކަށެވެ. ނުވަތަ ހުއްދަ ހޯދާ ފަރާތެއްގެ މަންމަ، ބައްޕަ، އެއްބަނޑު މީހެއްގެ، އެއްބަނޑު މީހެއްގެ، އެއްބަފާ މީހެއްގެ ނުވަތަ ދަރިއެއްގެ ނަމުގައި އެވެ.
- ލަކުޑީގެ ޑިއުޓީ ސަރުކާރުން މާފު ކޮށްދޭތާ 1 އަހަރު ދުވަހުގެ ތެރޭގައި ދޯނި ބަނދެ މަސްވެރިކަން ކުރާ އިންޖީނުލީ އުޅނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންވާނެއެވެ.
- ދޯނި، މަސްވެރިކަން ކުރާ އިންޖީނުލީ އުޅަދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ދުވަހުގެ ފެށިގެން 4 އަހަރު ވަންދެން މަސްވެރިކަން ނޫން އެހެން އާމްދަނީއެއް ލިބޭ ކަމެއް އެ ދޯނީގައި ކޮށްގެންނުވާނެއެވެ.
- މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު ވިއްކާލަން ނުވަތަ 1 ވަނަ ނަންބަރުގައިވާ ފަރާތް ނޫން އެހެން ފަރާތަކަށް މިލްކުވެރިން ބަދަލު ކުރާނަމަ އެކަމުގެ ހުއްދަ ލިބޭނީ ލަކުޑީގެ ޑިއުޓީ ދެއްކުމަށްދަހުގައިއެވެ.
އިމްޕޯރޓް ޑިއުޓީ މާފު ކޮށްގެން ގެންނަ އިންޖީނު އަޅާ ދޯނި
- މަސްވެރިކަމަށް ބޭނުން ކުރުމަށް އިމްޕޯރޓްކުރާ އިންޖީނުގެ ޑިއުޓީ %100 މާފު ކޮށްދޭ ގޮތަށް ހަމަޖެހިފައި ވެއެވެ.
- މަސްވެރިކަމުގައި ބޭނުން ކުރުމަށް ދޯންޏެއް ބަނުމަށް އިމްޕޯރޓް ޑިއުޓީ މާފު ކުރާ އިންޖީނު އަޅަންވާނީ ހުއްދަ ހޯދި ފަރާތެއްގެ ނަމުގައި، ނުވަތަ ހުއްދަ ހޯދާ ފަރާތެއްގެ މަންމަ. ބައްޕަ، އެއްބަނޑޫ އެއްބަފާ މީހެއްގެ، އެއްބަނޑު މީހެއްގެ، އެއްބަފާ މީހެއްގެ، ނުވަތަ ދަރިއެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދެއްގައިއެވެ.
- އަލަށް ބަންނަ އުޅަދެއްގައި އެޅުމަށް ޑިއުޓީ މާފު ކުރާ އިންޖީނުގެ ޑިއުޓީ މާފު ކޮށްދޭތާ 1 އަހަރު ދުވަހުގެ ތެރޭގައި ދޯނި ބަނދެ އެ އިންޖީން އަޅާ މަސްވެރިކަން ކުރާ އިންޖީނުލީ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ވާނެއެވެ.
- ބަނދެ ނިމިފައިވާ އުޅަނދެއްގައި އަޅަން ގެންނަ އިންޖީނެއްނަމަ އެ އިންޖީނު ޑިއުޓީ މާފު ކުރާތާ 1 މަސް ދުވަހުގެ ތެރޭގައި އެ އިންޖީނު އަޅާ މަސްވެރިކަން ކުރާ އިންޖީނުލީ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ވާނެއެވެ.
- ދޯނި މަސްވެރިކަން ކުރާ އިންޖީނުލީ އުޅަންދެއްގެ ގޮތުން ރަޖިސްޓްރީ ކުރާ ދުވަހުގެ ފެށިގެން 4 ވަންދެން މަސްވެރިކަން ނޫން އެހެން އާމްދަނީ ލިބޭ ކަމެއް އެ ދޯންޏެއްގައި ކޮށްގެން ނުވާނެއެވެ.
- މުއްދަތު ހަމަވުމުގެ ކުރިން އެ އުޅަނދު ނުވަތަ އެ އިންޖީނާއެކު އުޅަނދު ނުވަތަ އެ އިންޖީނު ވިއްކާލަން ބޭނުންވާނަމަ ނުވަތަ 1 ވަނަ ނަންބަރުގައިވާ ފަރާތްނޫން އެހެން ފަރާތަކަށް މިލްކުވެރިކަން ބަދަލު ކުރާނަމަ އެކަމުގެ ހުއްދަ ލިބޭނީ އިންޖީނުގެ ޑިޔުޓީ ދެއްކުމަށް ފަހުގައެވެ.
13 ވަނަ މާއްދާ – މަސްވެރިކަމަށް ރަޖިސްޓްރީ ކުރާ އިންޖީނުލީ އުޅަނދު ފަހަރާބެހޭ
ގާނޫނު ނަންބަރު 19/1983 (25 ޑިސެންބަރ 1983 ) "ކަނޑުގައި ދުއްވާ އެއްޗެހިން ފީ ނެގުމުގެ ގާނޫނު" ގެ 1 ވަނަ ނަންބަރުގެ ށ. ގައިވަނީ "މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ކަމުގައި ބަލާނީ، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި އެކަމަށް ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިކަން ކުރާ އުޅަނދެވެ" މިހެންނެވެ.
- އިންޖީނުލީ އުޅަނދު ފަހަރުގެ ތެރެއިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެގްރީމެންޓް ކޮށްގެން އަޅާފައި، ނުވަތަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މެދުވެރިވެގެން އޮމްޕޯރޓް ޑިޔުޓީ މާފު ކޮށޤފައިވާތާ އިންޖީނެއް އަޅާފައިވާ އުޅަނދެއް ނުވަތަ އިމްޕޯރޓް ޑިޔުޓީ މާފު ކޮށްފައިވާ ލަކުޑިން ބަދެފައިވާ އުޅަނދު ފިޔަވައި އެހެން އުޅަނދު ފަހަރު، މި ގާނޫނުގެ ދަށުން، މަސްވެރިކަން ކުރާ އުޅަނދުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
- މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި މިގޮތަށް ރަޖިސްޓްރީ ކޮށްދެވޭނީ، މަސްވެރިކަމަށް ރަޖިސްޓްރީ ކުރަން އެދޭ ފޯމު ފުރައި އެ ފޯމުގައި އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަން ނޫން އެހެން ކަމަކަށް، މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްފައިވާ މުއްދަތުގެ ތެރޭގައި ، އެ އުޅަނދު ބޭނުން ނުކުރުމަށް ރަޖިސްޓްރީ ކުރަން އެދޭމީހާ އިގްރާރުވެ ސޮއި ކުރުމުންނެވެ.
- މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެގްރީމެންޓް ކޮށްގެން އިންޖީނު އަޅާނެ އުޅަނދު ފަހަރާއި، މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މެދުވެރިވެގެން އިމްޕޯރޓް ޑިޔުޓީ މާފު ކޮށްފައިވާ އިންޖީނެއް އަޅާފައިވާ އުޅަނދު، އަދި އިމްޕޯރޓް ޑިޔުޓީ މާފު ކޮށްފައިވާ ލަކުޑިން ބަނދެފައިވާ އުޅަނދު ފަހަރު މަހަށް ދިއުމުގެ މުއްދަތު ހަމަވަންދެން މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްގެން މަހައްދާން ޖެހޭނެއެވެ.
- މަސްވެރިކަމަށް ރަޖިސްޓްރީ ކުރާ ކޮންމެ އުޅަނދެއް ރަޖިސްޓްރީ ކުރުމާއި އެކު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެކަން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިސްއޭވިއޭށަން އަށް އެންގޭނެއެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރުމުން އެކަން ވެސް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިސްއޭވިއޭށަން އަށް އެންގޭނެއެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރުމަށް އެކަން ލިޔުމަކުން އޮޑިވެރި ފަރާތަށް މައުލޫމާތަށްޓަކައި އެންގޭނެއެވެ.
- މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި ރަޖިސްޓްރީ ކުރެވޭ ކޮންމެ އުޅަނދެއްގައި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ޖަހާފައި، ނަންބަރުގެ ކަނާތް ފަރާތުގައި ވަށް ބުރެއްގައި (އެފް) މި އަކުރު ޖަހާފައި ހުންނަން ވާނެއެވެ.
- މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ ތެރެއިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އިންޖީނު އަޅައިދީ، މަހަށްދާން ޖެހޭ މުއްދަތު ހަމަނުވާ އަޅަނދު ފަހަރުގައި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް މަސައްކަތެއް ކޮށްފިނަމަ އެ އުޅަނދަކާ މެދު " އިންޖީނު އަޅާ ދިމުނާއި ބެހޭ އގްރީމަންޓް" ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
- މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ އުޅަނދުގެ ތެރެއިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާ ދެމެދު އިންޖީނު އެކުމުގެ އެގްރީމެންޓް ކުރެވިފައިނުވާ އުޅަނދު މަހަށް ދިއުން ފިޔަވާ އާމްދަނީ ހޯދުމަށް މަސައްކަތެއް ކޮށްފިނަމަ، ފުރަތަމަ ފަހަރު އެވަރު އުޅަނދަކަށް ދައްކަނޖެހޭ ފީގެ އަދަދާއި އެއްވަރުގެ އަދަދަކަށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އެ އުޅަނދު ޖޫރިމަނާ ކުރެވޭނެއެވެ. ދެވަނަ ފަހަރަށް އަމަލެއްކޮށްފިނަމަ އެ އުޅނދަކަށް ދެ އަހަރު ދހުވަހު ދައްކަންޖެހޭ ފީގެ އަދަދަކާ އެއްވަރު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ތިންވަނަ ފަހަރު މިފަދަ އަމަލެއް ކޮށްފިނަމަ އެފަދަ އުޅަނދަކަށް ތިން އަހަރުގެ ދުވަހު ދައްކަންޖެހޭ ފީގެ އަދަދާއި އެއްވަރު އަދަދަކުން ޖޫރިމަނާ ކޮށް، މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ގޮތުގައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި ކުރެވިފައިވާ ރަޖިސްޓްރީ ބާތިލް ކޮށް، އެކަން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިސްއޭވިއޭށަން އަށް އެންގޭނެއެވެ.
- މަސްވެރިކަން ކުރާ އުޅަނދުގެ ރަޖިސްޓްރީގައިވާ އުޅަނދެއްގެ ވެރިފަރާތް އެއްވެސް ގޮތަކަށް ބަދަލު ކުރާނަމަ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓްރީން އެކަން ބަދަލު ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި ކުރެވިފައިވާ ރަޖިސްޓްރީ ބާތިލު ކުރަން ވާނެއެވެ. އަދި ފަހުން ރަޖިސްޓްރީ ކުރާ ފަރާތުން މަސްވެރިކަމަށް ރަޖިސްޓްރީ ކުރަން އެދޭނަމަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ދޫކުރާ "މަސްވެރިކަން ކުރާ އުޅަނދު ރަޖިސްޓްރީ ކުރަން އެދޭ ފޯމް" ފުރުމަށް ފަހު ރަޖިސްޓްރީ ކުރަން އެދި ހުށަހަޅާނީއެވެ.
- ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދެއް އުވާލައިފިނަމަ ނުވަތަ މަސްވެރިކަންނޫން އެހެން ކަމަމަށް ބޭނުން ކުރަންވެއްޖެނަމަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް އެކަން ލިއުމަކުން އަންގައި ރަޖިސްޓްރީ ބާތިލް ކުރަން ވާނެއެވެ.
- މަސްވެރިކަމަށް ބޭނުން ކުރާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރަން އެދި ފޯމް ހުށަހަޅާއިރު ފޯމާ އެކުގައި އެ ދޯންޏަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭށަން އިން ދޫކުރައްފައިވާ އިންޖީނުލީ އުޅނދުގެ ރަޖިސްޓްރީ، އަދި ޕޯމް ހުށަހަޅާ ދުވަހާއި ހަމައަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭށަން އަށް ދޯނީގެ ފީ ދެއްކުމަށްފަހު ފީކާޑު ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރާ ކޮންމެ އުދަނދެއް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 120 ދުވަހު މަހަށް ފުރަން ވާނެއެވެ.
(ހ) މީގެ ތެރެއިން ދިގު މުއްދަތަކަށް މަރާމާތަކާށް އެހެލާ މަރާމާތު ކުރާ އުޅަނދު ފަހަރުން އެހެލާފައިވާ ދުވަސްތައް ކެނޑޭނެއެވެ.
(ށ) މި ގޮތުން މި ދުވަސްތައް ކެނޑޭނީ އެހެލިކަން އަދި ކުރާ މަރާމާތެއް އަތޮޅު އޮފީސް މެދުވެރިކޮށް ނުވަތަ ރަށު އޮފީސް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް އެންގުމުންނެވެ. އޮޑިވެރިޔާ އަންގައިފިނަމަ މަރާމާތު ކުރެވޭތޯ އަތޮޅު އޮފީސް މެދުވެރިކޮށް ބެލޭނެއެވެ. އަދި ހަމަ މި ގޮތަށް މަރާމާތު ކޮށްނިމި އުޅަނދު ބޭލުމުން ވެސް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް އަންގަން ވާނެއެވެ. މަރާމާތަށް އެހެލާ މަރާމާތު ނުކޮށް 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވާނަމަ މަސްވެރިކަން ކުރާ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކޮށް އެކަން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭށަން އަށް އެންގޭނެއެވެ.
(ނ) އަހަރު ދުވަހުގެ ތެރޭގައި މަހަށް ފުރަންޖެހޭ އަދަދަށް މަހަށް ނުފުރައިފިނަމަ، އެ އުޅަނދެއްގެ މަސްވެރިކަމަށް ކޮށްފައިވާ ރަޖިސްޓްރި ބާތިލްކުރެވޭނެއެވެ. އުޅަނދެއް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގައި ، މަސްވެރިކަމަށް ރަޖިސްޓަރީ ކުރާއިރު މި ގަވާއިދުގެ ކޮޕީއެއް ރަޖިސްޓްރޯ އާއިއެކު ދޫކުރެވިފައި ވުމައެކު، މަސްވެރިކަން ކުރާ އުޅަނދުގެ ރަޖިސްޓްރީ ބާތިލް ވެއްޖެ ހިނދެއްގައި އެކަން ސީދާ އެމީހަކަށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އޮތުމަކުން ށަކުވާ އެއް ނުކުރެވޭނެއެވެ. - މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އގްރީމަންޓް ކޮށްގެން އިންޖީނު އަޅާފައިވާ އެގްރީމަންޓް މުއްދަތު ހަމަނުވާ އުޅަނދު ފަހަރާއި މޯލްޑިވްސް އިންށަސްޓްރިއަލް ފިށަރީޒް ކޮމްޕެނީ ލިމިޓެޑް ނުވަތަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ދޫކުރަށްވާ އުޅަނދު ފަހަރުގެ ތެރެއިން އަގު ދައްކާ ނުނިމޭ އުޅަނދު ފަހަރާއި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މެދުވެރިވެގެން އިމްޕޯރޓް ޑިޔުޓީ މާފު ކޮށްފައިވާ އިންޖީނެއް އަޅާފައިވާ އުޅަނދެއް މަސްވެރިަކަމސޤ ރަޖިސްޓްރީ ކޮށްގެން މަހަށްދާން ޖެހޭ މުއްދަތު ހަމަނުވާ އުޅަނދު ފަހަރާއި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މެދުވެރިވެގެން އިމްޕޯރޓް ޑިޔުޓީ މާފު ކޮށްފައިވާ ލަކުޑިން ބަނދެފައިވާ އުޅަނދެއް މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްގެން މަހަށް ދާންޖެހޭ މުއްދަތު ހަމަނުވާ އުޅަނދު ފަހަރު މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަހަރު ދުވަހުގެ ތެރޭ ފުރަންވާ އަދަދަށް މަހަށް ނުފުރައިފިނަމަ ތިރީގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.
(ހ) ދިގު މިނުގައި 9 މީޓަރ ހަމަނުވާ ނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 2 ރުފިޔާ އެވެ.
(ށ) ދިގު މިނުގައި 9 މީޓަރ ހަމަވެފައި 12 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 3 ރުފިޔާއެވެ.
(ނ) ދިގު މިނުގައި 12 މީޓަރ ހަމަވެފައި 15 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 4 ރުފިޔާއެވެ.
(ރ) ދިގު މިނުގައި 15 މީޓަރ ހަމަވެފައި 20 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 5 ރުފިޔާއެވެ. - މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތް ފިޔަވައި އަމިއްކަ އަށް އިންޖީނު އަޅައިގެން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދު ފަހަރު މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަހަރު ދުވަހުގެ ތެރޭގައި ފުރަންވާ އަދަދަށް މަހަށް ނުފުރައިފިނަމަ ތިރީގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.
(ހ) ދިގު މިނުގައި 3 މީޓަރ ހަމަނުވާ ނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 50 ލާރިއެވެ.
(ށ) ދިގު މިނުގައި 3 މީޓަރ ހަމަވެފައި 6 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 75 ލާރިއެވެ
(ނ) ދިގު މިނުގައި 6 މީޓަރ ހަމަވެފައި 9 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 1 ރުފިޔާއެވެ.
(ރ) ދިގު މިނުގައި 9 މީޓަރ ހަމަވެފައި 12 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 50/1 ރުފިޔާއެވެ.
(ބ) ދިގު މިނުގައި 12 މީޓަރ ހަމަވެފައި 15 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 2 ރުފިޔާއެވެ.
(ޅ) ދިގު މިނުގައި 15 މީޓަރ ހަމަވެފައި 20 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 50/2 ރުފިޔާއެވެ.
(ކ) ދިގު މިނުގައި 20 މީޓަރ ހަމަވެފައި 30 މީޓަރ ހަމަނުވާ އުޅަނދެއްނަމަ އެ އަހަރު މަހަށް ފުރަންޖެހޭ އަދަދަށްވުރެ މަދުވާ ކޮންމެ ދުވަހަކަށް 3 ރުފިޔާއެވެ. - މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 120 ދުވަހު މަހަށް ފުރިތޯ ބެލުމަށްޓަކައި މަހަށް ފުރި ދުވަސް ގުނަން ފަށާނީ ތިރީގައި މިވާ ގޮތުގެ މަތީން ނެވެ.
(ހ) އެ އުޅަނދެއް މަސްވެރިކަމަށް ރަޖިސްޓްރީ ކުރާ ތާރީހުން ފެށިގެން އެ އަހަރުގެ ނިޔަލަށް އޮތް ދުވަސްތަކަށް (ނިސްބަތުން) ނެވެ.
(ށ) ހ ގައިވާ އުޅަނދުތައް ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ. - (ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ އުޅަނދު ފަހަރު ފުރަންވާ އަދަދަށް މަހަށް ނުފުރައިފިނަމަ ޖޫރިމަނާ ކޮށް އަދި ޖެހިގެން އަންނަ އަހަރު އެ އުޅަނދުގެ މަސްވެރިކަމުގެ ރަޖިސްޓްރީ ބާތިލް ކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިސްއޭވިއޭށަން އަށް ހުށަހެޅޭނެއެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރުމުން އެ އުޅަނދުގެ އަހަރީ ފީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭށަން އަށް ދައްކަން ޖެހޭނެއެވެ.
(ށ) މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި މަސްވެރިކަން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްގެ މަސްވެރިކަމުގެ ރަޖިސްޓްރީ ބާތިލް ވެގެން ދައްކަންޖެހޭ ޖޫރިމަނާ އެއް ނުދައްކާ އޮއްވާ އެ އުޅަނދު އަލުން މަސްވެރިކަމަށް ރަޖިސްޓްރީ ކޮށެއް ނުދެވޭނެއެވެ. ޖޫރިމަނާ ދެއްކުމަށު އަލުން ރަޖިސްޓްރީ ކޮށްދެވޭނީ ޖެހިގެން އަންނަ އަހަރުގައި އެވެ.
(ނ) ހ ގައިވާ ފަދައިން ރަޖިސްޓްރީ ބާތިލުވާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ ބާތިލް ކުރި ދުވަހާއި ހަމައަށް އެ އުޅަނދު ފަހަރު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ބަލާނީ މަސްވެރިކަބން ކުރާ އުޅަނދެއްގެ ގޮތުގައެވެ. އަދި ބާތިލް ކުރި ދުވަހާ ހަމައަށް އެ އުޅަނދު މަހަށް ފުރައްވާ އަދަދަށް މަހަށް ނުފުރާނަމަ މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ފަދައިން ޖޫރިމަނާ ކުރެވޭނެއެވެ. - މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 120 ދުވަހު މަހަށް ފުރި ކަމަށް ބެލެވޭނީ ތިރީގައިމިވާ ގޮތުގެ މަތީންނެވެ.
(ހ) މަސްވެރިކަން ކުރާ އުޅަނދުގެ ގޮތުން ރަޖިސްޓްރީ ކުރާ އުޅަނދުގެ ތެރެއިން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އިންޖީނު އަޅައިދޭ ފަހަރާއި، މޯލްޑިވްސް އިލްޑަސްޓްރިއަލް ފިށަރީޒް ކޮމްޕެނީ ލިމިޓެޑް އިން ދޫކުރައްވާ އުޅަނދު ފަހަރު އެގްރީމެންޓް މުއްދަތު ހަމަވަންދެން މަހަށް ފުރިކަމަށް ބެލެވޭނީ ދޮށި އަޅައިގެން ކުރާ މަސްވެރިކަމެކެވެ. މީގެ ތެރޭގައި ލިސްޓަރ އިންޖީނު އަޅާދޭ އުޅަނދު ފަހަރު ނުހިމެނޭނެއެވެ.
(ށ) ގައި ނަން ގެނެވުނު ދެ ވައްތަރުގެ އުޅަނދު ފަހަރުގެ ތެރެއިން އެގްރީމަންޓްގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރާއި، އެނޫން ހުރިހާ އުޅަނދު ފަހަރު ފުރި ކަމަށް ބެލުމުގައި ފަރުކެޔޮޅުކަން ކުރުން، ލޭނުއެޅުން، މިށިމަސްބޭނުން، ވަދު އެޅުން ފަދަ ކަންތައް ކުރުން ވެސް ގަބޫލު ކުރެވޭނެއެވެ. - މަތީގައިވާ ގަވާއިދާ ހިލާފު ވެއްޖެނަމަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ފެނިއްޖެ ހިނދެއްގައި އެ އުޅަނދަކަށް ދޫކުރެވިފައިވާ މަސްވެރިކަން ކުރާ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ލިވިލްއޭވިއޭށަން އަށް ހުށަހެޅޭނެއެވެ. އަދި މި ބަޔާން ކުރެވެނު ގަވާއިދުގެ ދަށުން މަސްވެރިކަމަށް ބޭނުން ކުރާ އިންޖީނުލީ އުޅަނދު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި ރަޖިސްޓްރީ ކުރެވޭނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ގައި ތައްޔާރު ކުރެވިފައިވާ ފޯމް ފުރައިގެން މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހުށަހެޅުމުންނެވެ. މި ފޯމް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ލިބެން ހުންނާނެއެވެ.
- ބާނާ މަހުގެ މަސް ރިޕޯރޓް ގަވާއިދުން ލިބުމަކީ މަސްވެރިކަމަށް ތަރައްގީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ކުރަމުން ގެންދާ މަސައްކަތްތަށް ކޮންމެހެން ބޭނުންވާ ވަރަށް މުހިންމު މައުލޫމާތެކެވެ. ވީމާ މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްގެން މަސްވެރިކަން ކުރަމުންގެންދާ އުޅަނދު ފަހަރުގެ ފަރާތުން ކޮންމެ ދުވަހަކު ބާނާ މަހުގެ މަސް ރިޕޯރޓް ދިނުމަށް ފަރުވާތެރިވެ ސަމާލުކަމަށް ދޭންޖެހޭނެއެވެ.
މަސް ރިޕޯރޓް ގަވާއިދުން ނުދޭ އުޅަނދު ފަހަރާއި އަދި މި ކަމުގައި ފަރުވާ ކުޑަކުރާ އުޅަނދު ފަހަރުގެ މަސްވެރިކަމުގެ ރަޖިސްޓަރީ ބަތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ – ކަނޑުންނެގޭ ދިރޭ ބާވަތްތައް ލުމަށްޓަކާ ކޮށި ރަޖިސްޓްރީކޮށް ގެންގުޅުމާބެހޭ
- ކަނޑުންނެގޭ ދިރޭ ބާވަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ކަނޑައަޅާ ބާވަތްތައް ގެންގުޅޭ ކޮށި އަތޮޅު އޮފީހުގައި ރަޖިސްޓަރީ ކުރަން ވާނެއެވެ.
- އެއްވަނަ ނަންބަރުގައި ބުނާގޮތުން މަތީން ރަޖިސްޓްރީ ކުރަން ޖެހޭނީ 125 ކޮޑި ފޫޓަށް ވުރެ ބޮޑެތި ކޮށްޓެވެ.
- ކޮންމެ ކޮށްޓެއް ރަޖިސްޓަރީ ކުރަންވާނީ ވަކިންނެވެ. މައި ފްރޭމެއް ބައިބައި ކޮށްގެން ހެދިފައި ހުންނަ ކޮށިކޮށި ރަޖިސްޓްރީ ކުރަންވާނީ ކޮންމެ ގޮޅިއަކީ ކޮށްޓެއް ކަމަށް ބަލައިގެންނެވެ.
- ކޮށި އާންމުކޮށް ބެހެއްޓުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުން އެހެން ރަށަކަށް ގެންދަންވާނީ އެކަން ރަޖިސްޓްރީ ކުރެވިފައިވާ އަތޮޅު އޮފީހުންނާއި، ކޮށި އަލަށް ބަހައްޓާ ރާށް ހިމެނޭ އަތޮޅުގެ އޮފީހުން ހުއްދަ ލިބިގެންނެވެ.
- އާންމުކޮށް ބެހެއްޓުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށް ފިޔަވައި އެހެން ރަށެއްގައި 15 ދުވަހަށްވުރެ ގިނަ ދުވަހު ކޮށި ބަހައްޓަނީނަމަ، ކުރީގެ ރަޖިސްޓްރީ ބާތިލްކޮށް އަކަށް ކޮށި ބެހެއްޓޭ ރަށުގެ ނަންމަތީގައި އަތޮޅު އޮފީހުގައި އަލުން ކޮށި ރަޖިސްޓްރީ ކުރަންވާނެއެވެ.
- ކޮށީގައި ގެންގުޅޭ ދިރޭ ބަވަތްތަކާއި ބެހޭ ހިސާބު މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން އަންގާ ގޮތެއްގެ މަތީން ކޮށި ބެހެއްޓިފައިވާ ރަށުގެ ނުވަތަ އެރަށަކާއި އެންމެ ކައިރީގައިވާ މީހުން އުޅޭ ރަށުގެ ރަށު އޮފީހަށް ދޭންވާނެއެވެ.
- ފެސޭހައިން ފެންނަ ތަނެއްގައި އެކަށީގެންވާ ބޮޑެތި އަކުރުން ރަޖިސްޓްރީ ނަންބަރު ކޮށީގައި ޖަހާފައި ހުންނަން ވާނެއެވެ.
- ކޮށި ބަހައްޓަންވާނީ ރަށު އޮފީހުން ނުވަތަ އަތޮޅު އޮފީހުން ދައްކާ ތަނެއްގައިއެވެ.
- މި ގަވާއިދުގެ މާއްދާއަކާ ހިލާފްވާ ފުރަތަމަ ފަހަރު އެކުށްކުރި ފަރާތަކަށް ނަސޭހަތްދީ އެފަދަ ކުށެއް ތަކުރާރު ނުކުރުމަށް އަތޮޅު އޮފީހުން އިންޒާރު ދެވެނެއެވެ. ގަވާއިދާ ހިލާފުވުން ތަކުރާރުވަމުން ދަނީނަމަ 500 ރުފިޔާއަށްވުރެ ގިން ނޫން އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. ނުވަތަ ކުށްކުރި ފަރާތުގެ ނަންމަތީގައި ކުރެވިފައިވާ ހުރިހާ ކޮށީގެ ރަޖިސްޓްރީތައް ބާތިލްކޮށް ދަޅު އަހަރު ވުމުގެ ކުރިން އެފަރާތުގެ ނަންމަތީގައި އިތުރު ކޮށި ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ހަމަޖެއްސޭނެއެވެ.
15 ވަނަ މާއްދާ – ދިވެހިން އާންމުކޮށް މަސްވެރިކަން ކުރާ ހިސާބުގައި ބިދޭސީން ހިމެނޭ ގޮތަށް މަސްވެރިކަން ކުރުން.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައިވާ އާއްމުކޮށް ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުގައި ބިދޭސީންނާ ގުޅިގެން އެކި ބަވަތަގެ މަސްވެރިކަން ކުރުމުގެ ހުއްދައަށް ބައެއް ފަރާތްތަކުން އެދެމުން ދާކަން ފާހަގަކުރެއެވެ. ނަމަވެސް މިސަރަހައްދަކީ، ދިވެހިން މަސްވެރިކަން ކުރުމށް ހަމަޖެހިފައިވާ ސަރަހައްދެއް ކަމަށްވުމާއެކު، ބިދޭސީން ހިމެނޭ ގޮތަށް އެ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.
16 ވަނަ މާއްދާ – މަސްވެރިންގެ ދުވަސް ފާހަގަކުރުން
މަސްވެރިކަންގެ ދުވަސް ފާހަގަ ކުރުމާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ކަމެއްރާވާ ހިންގާނަމަ އެކަމެއް ކުރިއަށް ގެންދާންވާނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ގުޅުއްވައި ގެންނެވެ.
17 ވަނަ މާއްދާ – މަސްކަނޑުގައި ހަރުކުރާ ކަނދުފައްޗާއިބެހޭ
- މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ރާއްޖޭގެ މަސްވެރިން ފައިދާއަށްޓަކައި ނަގިލި ލައިގެން ކަނޑުގައި ފެންމަތީގައި އޮންނާނެ ގޮތަށް ހަރުކުރުމުން ގެންދާ އޮއޮވާލި ކަނދުފަތީގެ ކައިރިން މަސް ބޭނުމަކީ ރާއްޖެގެ އެންމެހައޮ މަސްވެރިކަންނަށް ހުއްދަ ކަމެކެވެ. މިފަދަ ކަނދުފަތިތައް ހަރުކުރެވެމުންދާއިރު އެކަނދުފަތިތައް ލޭވެތަނާއޮ އަދި މިނޫންވެސް އިތުރު މައުލޫމާތައް އިއުލާން ކުރެވެމުންދާނެ އެވެ.
- މިފަދަ ކަނދުފަތީގެ ވަށައިގެން ގާތްގަނޑަކަށް 5 މޭލު ހިސާބުން ބާނާ މަހުގެ އަދަދާއި ބާވަތް އަދި ސައިޒް (ލަފާކުރާ ދިގުމިނާއި ، ބަރުދަން) އަތޮޅު އޮފީސް ނުވަތަ ރަށު އޮފީސް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއަށް އަންގަނަވާނެއެވެ. އަދި މިކަނދުފަތިތަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ހުއްޓާ ފެނިއްޖެނަމަ ލަސްނުކޮށް އަތޮޅު އޮފީސް ނުވަތަ ރަށު އޮފީހަށް، ނުވަތަ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް އަންގަންވާނެއެވެ.
- މިފަދަ ކަނދުފަތިތަކުގެ 3 މޭލު ކައިރީގައި ދިރޭ އެންޖަހައި އަޑިޔަށް ފެއްތުމާއި، މިޔަރު ނެގުމާއި، ވަދު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުން ކުރުމާއި، ކަނދުފަތީގެ ބޮޔަށް ވައި އައްސައި، އޭގައި ދޯނި ފަހަރު އަޅައިގެން ތިބުން ފަދަ އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް އަމަލެއް ކުރުމަކީ މަނާ ކަމެކެވެ
18 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުން ހަރަދު ދިނުމުން އޮއިވާލި ކަނދުފަތި ހަރުކޮށްދިނުމާބެހޭ
- އަމިއްލަ ހަރަދު ކޮށްގެން ކަނދުފަތި ބަހައްޓަން އެދޭ ފަރާތްތަކުން މިންސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހުށަހެޅުމުން އެ މަސައްކަތަށްދާ ހަރަދުގެ 1/2 އެކަމަށް އެދޭ ފަރާތުން އަނެއްބައި ސަރުކާރުން ހަރަދު ކުރައްވައިގެން ކަނދުފަތު ހަރުކޮށްދެވިދާނެއެވެ.
- 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އޮއިވާލި ކަނދުފަތި ހަރުކޮށްދެވޭނީ މިންސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ކުރާ ސާރވޭތައް ކޮށް އެންމެ ރަނގަޅު ކަމަށް ފެންނަ ތަނެއްގައިއެވެ.
- އޮއިވާލި ކަނދުފަތި ބެހެއްޓުމުގެ މަސައްކަތް ކުރާއިރު އެކަމަށް އެދޭ ފަރާތްތަކުން ވެދެވެން އޮތް އެހީއެއް ވެދެއްވަން ވާނެއެވެ
- އަމިއްލަ ގޮތުން އެދިގެން ، އެފަރާތުން ހަރަދު ދީގެން ހަރުކުރެވޭ އޮއިވާލި ކަނދުފަތީގެ ކައިރިން އާންމު ކޮށް އެންމެންނާށް މަސްވެރިކަން ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފިށަރީޒް ، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން ހަރުކުރާ ކަނދުފަތިތަކާބެހޭ ގޮތުން ހިނގާ ގަވާއިދުތައް އަމިއްލަ ގޮތުން ހަރުކުރެވޭ ކަނދުފަތު ތަކަށް ވެސް ހިނގާނެއެވެ.
- އަމިއްލަ ގޮތުން އެދިގެން ހަރަދުކުރެވޭ އޮއިވާލި ކަނދުފައްޗެއް ކަނޑައިގެން ދިޔަ ނަމަވެސް އެކަމަށް އެދުނު ފަރާތުން ދިޔަ ހަރަދަކީ އެފަރާތައް އަންބުރާ ލިބޭނެ އެއްޗެއް ނޫނެވެ.
19 ވަނަ މާއްދާ - ވެލާ ކަހަނބު ގެންގުޅުމާ ބެހޭ
ވެލާ ކަހަންބު ދިރުވާ އާލާކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވޭނީ ސައިންޓިފިކް ގޮތައް އެކަން ކުރެވިގެން ކަމަށް ވާތީ އެފަދަ މަސައްކަތް ފައްޓަން ގަސްތުކުރާ ފަރާތްތަކުން ފެއްޓުމުގެ ކުރިން މިނިސްޓްރީ އޮފް ފިށަރީޒް ، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ލިޔެ ހުއްދަ ހޯދަންވާނެއެވެ.
މިގަވާއިދުގައި؛-
(ހ) "މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ ދިވެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުތަކުން ލިބޭ ދިރުން ހުރި އެއްވެސް އެއްޗެއް ހިފުން ،ބޭނުން ، ނެގުން ، ނުވަތަ މިއިން ކަމެއް ކުރުމަށް ޓަކައި ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
(ށ) "ކަނޑު" ކަމަށް ބުނެފައި އެވަނީ ބޭރު ކަނޑާއި އަތޮޅުތަކުގެ އެތެރެވަރިއާ ފަރު، ފަޅު، ހާ، ގިރި ފަދަ ހުރިހާ ތަނެއް ހިމެނޭ ގޮތަށެވެ.
(ނ) "ފަޅު" ކަމަށް ބުނެފައި އެވަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން ތޮށީގެ ނުވަތަ ފުއްޓަރުގެ ބޭރުކައިރި އާއި ހަމައަށެވެ. ތޮށި ނުވަތަ ފުއްޓަރު ނެތް ނަމަ ގޮންޑުދޮށުން ފެށިގެން އުރަފަށާ ހަމަ އަށެވެ. ރަށެއް ނެތް ފަޅެއް ނަމަ އެފަޅެއްގެ ހޭފަށުން ފެށިގެން އެތެރެ އަށެވެ.
(ރ) "އެތެރެވަރި" ކަމަށް ބުނެފައި އެވަނީ ގުދުރަތީ ގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
މަސްވެރިކަމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 0000-00)
ކިޔުންތެރިންގެ ހިޔާލު