ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު
(ގާނޫނު ނަންބަރު 2006-06)
(މި ގާނޫނުގެ 35 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2005-01 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، "ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ކޮމިށަނެއް އުފައްދައި، އެކޮމިށަނުގެ މަގްސަދުތަކާއި މަސްއޫލިއްޔަތުތަކާއި، ބާރުތައް އެކަށައަޅައި، އެކަންކަމާގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.
(ށ) މިގާނޫނަށް ކިޔާނީ، "ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ކޮމިށަނުގެ މަގްސަދުތައް
ކޮމިށަނުގެ މައިގަނޑު މަގްސަދުތަކަކީ:-
(ހ) އިސްލާމީ ށަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ށ) ބައިނަލްއަގްވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ގަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
(ނ) އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކަށް އެހީތެރިވެ، ހިތްވަރު ދިނުން.
3 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާ ކުރުމާއި ދައްވާ ލިބުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
4 ވަނަ މާއްދާ – ކޮމިށަން އެކުލެވިގެންވާ ގޮތް
(ހ) ކޮމިށަން އެކުލެވިގެންވާނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރުން އައްޔަންކުރަންވާނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، އިޖްތިމާއީ އަދި ފަންނީ ދާއިރާތައް ހިމެނޭ ގޮތަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމަނައިގެންނެވެ. މިގޮތުން ދީނީ، ގާނޫނީ، އިޖްތިމާއީ، އިގްތިސާދީ، އަދި ސިއްހީ ދާއިރާ ފަދަ ދާއިރާތަކުން މީހުން ހިމެނިދާނެއެވެ.
5 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.
- ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ކޮމިށަނަށް އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަމާއި، އެމީހުންގެ ވަނަވަރު އެ ލިޔުމާއެކު ހިމެނުން.
- އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެ ނަންތައް ދިރާސާކޮށް، ފެންނަ ގޮތެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮވުން.
- 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފެންނަ ގޮތެއް ނިންމުމަށްޓަކައި ހުށަހެޅިފައިވާ މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށްފަހު، މައުލޫމާތުތައް ދިރާސާކޮށް، ނިންމާގޮތުގެ ރިޕޯޓެއް މަޖިލީހަށް ހުށަހެޅުން.
- 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުން.
- މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.
(ނ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަން ކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
(ރ) ކޮމިށަނަށް އައްޔަންކުރާނެ މެންބަރުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންނާއި އާންމުކޮށް އިއްލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ގައުމުގެ އެކިދާއިރާތައް ތަމްސީލުވާނެ ގޮތެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.
6 ވަނަ މާއްދާ - މެންބަރުންގައި ހުރުން ލާޒިމްވާ ސިފަތައް
ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) އުމުރުން 25 އަހަރު ވެފައިވުން؛
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކުކަމުގައި ނުވުން؛
(ކ) ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
7 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަން ކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މިގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ، އަލުން އިތުރު އެއްފަހަރު 5 އަހަރު ދުވަހުގެ މުއްދަތަށް ކޮމިށަނަށް އައްޔަން ކުރެވިދާނެ މެންބަރެކެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނާއިބުރައީސް އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ ރައީސަކާއި ނާއިބުރައީސެއް އައްޔަން ކުރަން ވާނެއެވެ.
(ށ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސް އައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.
- ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބުރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބުރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މަގާމަކަށް، ނަމެއް އެ ލިޔުމާއެކު ހިމެނުން.
- އެމައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެ ނަމެއް ދިރާސާކޮށް، ފެންނަ ގޮތެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި، 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮވުން.
- 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފެންނަ ގޮތުގެ ރިޕޯޓެއް، މަޖިލީހަށް ހުށަހެޅުން.
- 7 (ހަތެއް) މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުން.
- މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.
9 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ ރައީސް، ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައި، ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ކޮމިށަނުގެ މެންބަރުންނާ ބަލަން ހަވާލުކުރަންވާނެއެވެ.
10 ވަނަ މާއްދާ - ކޮމިށަނުގެ ނާއިބުރައީސްގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނާއިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
11 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.
- މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
- އިސްތިއުފާ ދިނުމުން.
- މިގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން.
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން.
- މަރުވުމުން.
- ކޮމިށަންގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނާއިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.
12 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
(ހ) މިގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަންގެ ރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަންގެ ނާއިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަންގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 15 (ފަނަރަ) ދުވަސްކުރިން، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި، 8 ވަނަ މާއްދާގެ (ށ)، (ނ) ގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަންޖެހޭނެއެވެ.
(ށ) މިގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ 2، 3، 4، 5 އަދި 6 ގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނާއިބުރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަން ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން ހޮވުމާއި ކޮމިށަންގެ ރައީސާއި ނާއިބުރައީސްގެ މަގާމަށް މީހުން ހޮވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް، އެމުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެކުރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
13 ވަނަ މާއްދާ - ކޮމިށަނުގެ މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން
ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައިއެވަނީއެވެ.
(ހ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
(ނ) ކޮމިށަނުން ކުރާ ތަހްގީގުތަކުގެ މައްސަލަތައް ހިންގުމާއި އެމައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ރ) ސިއްރުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މައްލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
14 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުން މަގާމާ ހަވާލުވުން
ކޮމިށަންގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލު ވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވާކުރުމުންނެވެ.
"އަހުރެން ....................... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިށަނުގެ މެންބަރެއްގެގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއި، އަދްލުވެރިކަމާއި، އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."
15 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އެކަމެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަގްލަބިއްޔަތުން އެގޮތަށް އެކަމެއް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާ އެމެންބަރަކަށް ފޮނުވާ ލިޔުމަކުންނެވެ.
- ށަރްއީ ހުކުމަކުން އިފްލާސްކުރުން.
- ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛ ނުވަތަ ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން.
- ހުވަޔާ ހިލާފުވުން.
- މެންބަރެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން، ކޮމިށަނުގެ މެންބަރަކު ހިފަހައްޓަންޖެހޭ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް މަޖިލީހަށް ފެނުން.
- ކޮމިށަނުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.
(ށ) މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، މެންބަރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭ މައްސަލައެއްގައި، އެމެންބަރަކު ކުރިކަމަށް ބެލެވޭކަމަކީ، ނުވަތަ އެމެންބަރަކު ވަކިކުރުމުގެ މައްސަލަ ހުށަހެޅުނުކަމަކީ، އެމެންބަރަކަށް ރަނގަޅުކުރެވިދާނެ ބާވަތުގެ ކަމެއްކަމުގައި ވާނަމަ، އެމެންބަރަކު ކޮމިށަނުން ވަކިކުރުމުގެ ބަދަލުގައި މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް، މަޖިލީހުން ކަނޑައަޅާ ށަރުތުތަކެއްގެ މަތިން، އެމެންބަރަކު ކޮމިށަނުގެ މެންބަރުކަމުން ވަގުތީގޮތުން އެކަހެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އެމެންބަރަކާ މެދު އަމަލުކުރާނީ އެގޮތުގެ މަތިންނެވެ.
16 ވަނަ މާއްދާ - އިސްތިއުފާ ދިނުން
(ހ) ކޮމިށަނުގެ ރައީސް ނުވަތަ ނާއިބުރައީސް ނުވަތަ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން ނުވަތަ އިސްތިއުފާ ހުށަހެޅި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ވަންދެން އެމީހަކު އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގެ ދަށުން ކޮމިށަނުގެ ރައީސް ނުވަތަ ނާއިބުރައީސް އޭނާގެ މަގާމުން އިސްތިއުފާ ދިން ކަމުގައިވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީކަމުގައެއް ނުބެލެވޭނެއެވެ.
17 ވަނަ މާއްދާ - އުޖޫރަ
(ހ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ އުޖޫރައާއި މާލީ އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނުންނެވެ.
18 ވަނަ މާއްދާ - ކޮމިށަންގެ ޖަލްސާ
ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.
19 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތައް
މުޅި ކޮމިށަނުގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި، ކޮމިށަނުގެ އިއްތިފާގުން އެ މައްސަލަތައް ނިންމޭތޯ މަސައްކަތް ކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި، ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، ކޮމިށަނުގެ އަގްލަބިއްޔަތުންނެވެ.
20 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާން ކޮށްފައި އެވަނީއެވެ.
(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިށަނަށް އެފަދަކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ބުނެވުނުފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ށ) އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ނ) ރާއްޖޭގައި އަމަލު ކުރެވޭ އެއްވެސް އިދާރީ އުސޫލަކީ، އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ހައްގަކާ ހިލާފު އުސޫލެއްކަމަށް ބުނެ ހުށަހަޅާ ށަކުވާތައް ބަލައި، ތަހްގީގު ކުރުމާއި، މިގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ރ) ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ހައްގުތަކާ ހިލާފަށް ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ށަކުވާތައް ބަލައި، އެކަމާ ގުޅޭގޮތުން އަޅަން ކޮމިށަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން އެއިދާރާއަކަށް ލަފާދިނުން؛
(ބ) އިންސާނީ ހައްގުތަކުގެ ރޫހު ދިވެހިރާއްޖޭގައި އާލާކުރުމާއި، އެހައްގުތައް ރައްކާތެރިކުރުމާއި، ދެމެހެއްޓުމާއި ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރުން؛
(ޅ) ސަރުކާރުން އެކުލަވާލާ ގާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި، އިންސާނީ ހައްގުތަކުގެ ރޫހު އާލާކުރުމާއި، ހިމާޔަތް ކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ދޭންޖެހޭ މަށްވަރާއާއި ލަފާ ސަރުކާރަށް ދިނުން؛
(ކ) ރާއްޖޭގައި އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ހައްގަކާ ހިލާފަށް ކަންތައްތަކެއް ހުރިނަމަ އެކަންކަން ފާހަގަކޮށް، ސަރުކާރަށް ހުށަހެޅުން؛
(އ) އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުއާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަސްދީގު ކުރުމުގައި، ސަރުކާރަށް މަށްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުން؛
(ވ) އަލަށް އެކުލަވާލެވޭ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތައް އެކުލަވާލުމުގައި އަމަލީގޮތުން އެހީތެރިވެ، ބައިވެރިވުން؛
(މ) އިންސާނީ ހައްގުތަކާ ގުޅޭގޮތުން، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި، އެ ހައްގުތަކަށް ހުރްމަތްތެރިކޮށް ހިތުމުގެ ރޫހު އާލާކުރުން؛
(ފ) އިންސާނީ ހައްގުތަކާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން؛
(ދ) އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކޮމިށަނަށް ފެންނަ ހިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރުން؛
(ތ) އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުރަންޖެހޭ ކަންކަން ކުރުން.
21 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.
(ހ) މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށްބުނެ، އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިށަނަށް އެފަދަކަމެއް ހިނގާކަމަށް، ނުވަތަ ހިނގާފައިވާކަމަށް ގަބޫލު ކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ބުނެވުނުފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ބުނެ، މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ށ) އިންސާނީ ހައްގެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެކަމަށް ކޮމިށަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަހްގީގުކޮށް ބެލުމާއި، ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމާއި، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ނ) ށަރްއީ ހުކުމެއްގެ ދަށުން ނުވަތަ ގާނޫނީ އަމުރެއްގެ ދަށުން، ބަންދުކޮށްފައި ތިބޭމީހުން ތިބޭ ކޮންމެ ތަނަކަށްވެސް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިށަންގެ މެންބަރަކު ނުވަތަ މެންބަރުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ބަޔަކު ކޮމިށަންގެ މެންބަރަކާއެކު ނުވަތަ މެންބަރުންނާއެކު ކޮމިށަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާނުލާ ޒިޔާރަތްކުރުން؛
(ރ) މިމާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުރާ ޒިޔާރަތްތަކުގައި، ބަންދުގައިތިބޭ މީހުންގެ، އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްފައި، ނުވަތަ ގެނެސްފައިވޭތޯ ބަލައި، އެމީހުންގެ މަސްލަހަތުތައް ބަލައި ދިރާސާކޮށް، އެމީހުން ބަންދުގައި ތިބޭ ތަންތަނުގެ ވަސީލަތްތައް ރަނގަޅު ކުރަންޖެހޭކަމަށް ފެންނަނަމަ، ނުވަތަ އެމީހުންނަށް ލިބިދޭ އިނާޔަތްތައް އިސްލާހުކުރަން ޖެހޭކަމަށް ފެންނަނަމަ، އެ ކަންކަމާ ގުޅޭގޮތުން ކޮމިށަނަށް ފެންނަގޮތް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުން؛
(ބ) އަމިއްލަ ފަރުދަކު ނުވަތަ ސަރުކާރުން ނުވަތަ އަމިއްލަ ޖަމްއިއްޔާއަކުން، ނުވަތަ ކޮމިށަނުގެ މެންބަރަކު ހުށަހަޅާ އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ބަލައި ތަހްގީގުކުރުމާއި، އެ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ޅ) ސަރުކާރުގެ އިދާރާއަކާ ގުޅޭގޮތުން ނުވަތަ އަމިއްލަ އިދާރާއަކާ ގުޅޭގޮތުން ނަމަވެސް، ހުށަހަޅާ އިންސާނީ ހައްގުތަކާ ގުޅުންހުރި، ށަކުވާތައް ބަލައި، ދިރާސާކޮށް، އެކަމާބެހޭ މައްލޫމާތު އެއިދާރާއަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްދީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، އެތަންތަނަށް އެންގުން؛
(ކ) ށަރީއަތުގައި ހިގަމުންދާ މައްސަލައެއްގައި، މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެކަމަށް، މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު ނުވަތަ އެޓަރނީ ޖެނެރަލް ނުވަތަ އެމީހަކަށް ފެނިގެން އެކަމެއް ބެލުމަށް އެ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު ނުވަތަ އެޓަރނީ ޖެނެރަލް ނުވަތަ އެމީހަކު ކޮމިށަނަށް މައްސަލައެއް ފޮނުވައިފިނަމަ، އެކަމެއް ބަލައި އެމައްސަލަ ބަލާ ފަނޑިޔާރަށާއި އުއްތަމަފަނޑިޔާރަށް ރިޕޯޓެއް ހުށަހެޅުން؛
(އ) ސެމިނާރާއި، މަސައްކަތު ބައްދަލުވުމާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވައި، އެކިއެކި ދިރާސާތައްކޮށް، އެދިރާސާތައް ހާމަކޮށް ށާއިއުކުރުން؛
(ވ) އިންސާނީ ހައްގުތަކާ ގުޅޭގޮތުން އާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާ ގުޅޭގޮތުން ށާއިއު ކުރަންޖެހޭ ބަޔާންތައް ށާއިއު ކުރުން؛
(މ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެމަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން ކުރުން.
22 ވަނަ މާއްދާ - ބަލައި ތަހްގީގު ކުރުމުގެ ބާރު
(ހ) މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ، ނުވަތަ އިންސާނީ ހައްގަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެ ކަމަށް ބުނެ، މީހަކު ނުވަތަ ބަޔަކު ނުވަތަ މީހެއްގެ، ނުވަތަ ބަޔެއްގެ ފަރާތުން ށަކުވާއެއް ހުށަހެޅުމުން، އެކަމެއް ބަލައި، ތަހްގީގު ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
(ށ) ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
- ހެކީންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުން.
- ކޮމިށަނުން ކުރަމުންދާ ތަހްގީގާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން.
- ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، ކޮމިށަނަށް ގެނައުން.
- ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައްލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެމައްލޫމާތެއް ލިޔުމަކުން ކޮމިށަނަށް ދިނުމަށް އެންގުން.
- ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުމުން އެމުއްދަތުގެ ތެރޭގައި އެމައްސަލައަކާބެހޭ މައްލޫމާތެއް ނުފޮނުވައިފިނަމަ، ނުވަތަ ރިޕޯޓެއް ހުށަނާޅައިފިނަމަ، ކޮމިށަނުން އެމައްސަލަ، އަމިއްލައަށް ބެލުން.
- ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ކޮމިށަނުން ސުވާލު ކުރެވެމުންދާ މީހަކު، ރާއްޖޭން ފުރައިގެންދާނަމަ، ކޮމިށަނުގެ ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށް އެންގުން.
- އާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި ތަހްގީގު ކުރުން.
- ކޮމިށަނުގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއަކުން މައްސަލަ ބަލައި ތަހްގީގު ކުރުން.
- ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުން.
- ވަކީލުން ގަބޫލުކުރުން.
(ނ) ށަރްއީ ނުވަތަ ގާނޫނީ ބަންދެއްގައި ހުރިމީހަކު، ކޮމިށަނަށް މައްސަލައެއް ނުވަތަ ށަކުވާއެއް ހުށަހަޅަން ބޭނުންވެއްޖެ ކަމަށްވާނަމަ، އެކަން އޭނާއަށް ފަހިކޮށްދިނުމަކީ، ބަންދުގައި އެމީހަކު ބަހައްޓާފައިވާ ފަރާތެއްގެ ޒިންމާއެކެވެ. އަދި، އެފަދަ މައްސަލައެއް ނުވަތަ ށަކުވާއެއް އެފަރާތަށް ލިބުމާއެކު، ބަންދުކޮށްފައިވާ އުރައެއްގައި، އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެފަދަ ގޮތެއްގައި، އަދި ކޮމިށަން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ކަނޑައި ބަލާނެ ފުރުސަތެއް ނެތްގޮތުގައި، ލަސްނުކޮށް އެމައްސަލައެއް ނުވަތަ ށަކުވާއެއް ކޮމިށަނަށް ފޮނުވަންވާނެއެވެ.
(ރ) ށަކުވާއެއް ހުށަހަޅާފައިވާ މީހަކަށް، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ، ނުވަތަ ބިރެއް ދެއްކުމަކީ، ނުވަތަ އެނޫންވެސް ދެރަގޮތެއް ދިމާވާނެގޮތް ހެދުމަކީ، މިގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ.
23 ވަނަ މާއްދާ - ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓަށް އެހީތެރިވެދިނުން
(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމުގެ މައްލޫމާތު ކޮމިށަނަށް ލިބިއްޖެނަމަ، އެ މައްލޫމާތު، ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަޔާއެކު، އެ ފަނޑިޔާރުގެ މައްލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މައްސަލައެއްގައި މައްލޫމާތު ހިއްސާކުރަން ކޮމިށަނުން އެދުމުން، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނުލިބޭ ހާލަތްތަކުގައި، ށަރީއަތުގައި ހިނގަމުންދާ މައްސަލަ ހިންގުމަށް އަސަރުފޯރާނެފަދަ އެއްވެސް އަމަލެއް ކޮމިށަނުން ކޮށްގެން ނުވާނެއެވެ.
24 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރެވޭގޮތް
ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ.
(ހ) އިންސާނީ ހައްގަކާ ހިލާފު ވެފައިވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ނުވަތަ އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހުއްޓުވުމަށް، ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލު ވެފައިވާ ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަދި އެމައްސަލައަކީ އޭގެ ބާވަތުން ސުލްހަވެރި ހައްލެއް ހޯދިދާނެ މައްސަލައެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، މައްސަލައިގައި ހިމެނޭ ދެފަރާތުގެ އެއްބަސްވުމާއެކު، ސުލްހަވެރި ހައްލެއް ހޯދައިދެވޭތޯ ކޮމިށަނުން މަސައްކަތްކުރުން؛
(ށ) މައްސަލައިގެ ބާވަތުން ސުލްހަވެރި ހައްލެއް ހޯދައިދެވެން ނެތް މައްސަލައާއި، ސުލްހަވެރި ހައްލެއް ހޯދައިދެވޭތޯ ކޮމިށަނުން މަސައްކަތްކޮށްގެންވެސް ސުލްހަވެރި ހައްލެއް ހޯދައިނުދެވޭ މައްސަލަ، ށަރީއަތަށް ހުށަހަޅައިގެން ނިންމުން؛
(ނ) ކޮމިށަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓު އެމައްސަލަ ހުށަހެޅި ފަރާތަށް ދިނުމާއި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ފަރާތަށްވެސް، އެރިޕޯޓުގެ ކޮޕީއެއް ދިނުން؛
(ރ) ކޮމިށަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓުގެ ކޮޕީއެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފިޔަވަޅުތައް އެފަރާތްތަކަށް އެންގުން.
25 ވަނަ މާއްދާ - ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުން
ކޮމިށަނުން ބަލައި ތަހްގީގު ކުރާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަށް އޭނާގެ ދިފާއުގައި ވާހަކަ ދައްކައި، ނުވަތަ ވަކީލަކު ބޭނުންކޮށްގެން މައްސަލަ ދިމާވި ގޮތް ކަމަށް އެފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތުން އަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާ ގޮތެއް ކޮމިށަނަށް ބަޔާން ކޮށްދިނުމުގެ ފުރުސަތު ދޭންވާނެއެވެ. އެފަދަ ފުރުސަތެއް އޭނާއަށް ކޮމިށަނުން ދީފައި ނުވާނަމަ، ކޮމިށަނުން އެމައްސަލަ ނިންމި ގޮތަކީ، ސައްހަ ގޮތަކަށް ނުވާނެއެވެ.
26 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން
(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ކޮމިށަނަށް ލިޔުމެއް ހުށަހެޅުމަށް ނުވަތަ، ކޮމިށަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ، ދިވެހިރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށްވެސް މިގާނޫނު ލާޒިމުކުރާ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކޮމިށަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ 3 (ތިނެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމެވެ. އަދި އެ އަމަލުކުރި މީހަކީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއްނަމަ އެމީހަކު ސަރުކާރުގެ ވަޒީފާއިން ވަކިކުރުމެވެ.
27 ވަނަ މާއްދާ - ހިމާޔަތް
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލު ކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ އެކޮމިށަނުގެ ނާއިބުރައީސް ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.
(ށ) ކޮމިށަނުން މައްސަލައެއް ބަލައި ތަހްގީގު ކުރުމަށްފަހު ށާއިއް ކުރާ ރިޕޯޓެއްގައި ހިމެނޭ ކަމަކާ ގުޅިގެން، ކޮމިށަނާ ސުވާލެއްކުރެވޭނީ ނުވަތަ އެއްވެސް ފަނޑިޔާރުގެއެއްގައި، ކޮމިށަނުގެ މައްޗަށް ދައްވާއެއް އުފުލޭނީ، އެކަމަކީ ހަގީގަތާ ހިލާފަށް ބަޔާން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭފަދަ، އެކަށީގެންވާ ހެކިހުރިނަމައެވެ.
28 ވަނަ މާއްދާ - މެންބަރެއްގެ އަމިއްލަ މަސްލަހަތު އޮތް މައްސަލައެއް އެމެންބަރަކު ނުބެލުން
އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް، ކޮމިށަނުން ބަލާ ހިނދުގައި، އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަނުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެ މައްސަލައަކީ އެ މެންބަރަކާ މި ބުނި ހައިސިއްޔަތުން ގުޅުމެއްއޮތް މައްސަލައެއްކަން ކޮމިށަނުގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.
29 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން
(ހ) ކޮމިށަނުގެ އިދާރާ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަން ކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.
30 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަގްސަދުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާ ބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ލިޔެ ބަލަހައްޓައި އޮޑިޓް ކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
31 ވަނަ މާއްދާ - ގަވާއިދު ހެދުން
ކޮމިށަނުން އެކިއެކި މައްސަލަތައް މި ގާނޫނުގައިވާ ގޮތުގެމަތިން ބަލައި ތަހްގީގު ކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، މި ގާނޫނަށް އަމަލުކުރުމަށްޓަކައި، ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ހިންގާނީ ކޮމިށަނުންނެވެ.
32 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަން ވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް.
- ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް.
- ހުށަހެޅިފައިވާ މައްސަލަތަކުގެތެރެއިން ބަލަމުންގެންދާ މައްސަލަތައް.
- ސަރުކާރުގެ އިދާރާތަކުން އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް އެމުއްދަތުގެ ތެރޭގައި ސަރުކާރަށް ހުށަހެޅި ކަންކަން.
- އިސްލާހު ކުރުމަށް ހުށަހެޅި ކަންކަމުގެ ތެރެއިން ސަރުކާރުން އަމަލުކުރި ކަންކަމާއި، އަމަލު ނުކުރާ ކަންކަން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެރިޕޯޓު އާންމުކޮށް ށާއިއުކުރަން ވާނެއެވެ.
(ރ) މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
33 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަ
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަމަކާގުޅިގެން ކޮމިށަނަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަނުން މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންތައް ހިނގާފައިވަނީ، 1 ޖަނަވަރީ 2000 ގެ ފަހުގެ ތާރީހެއްގައިކަމަށް ވާނަމައެވެ.
(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކަމުގައިވިޔަސް، އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިށަނުން އެމައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް އެމައްސަލަ ބިނާވެފައިވާ ކަންތައް ހިނގި ތާރީހާއި، އެމައްސަލައެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު، މީލާދީ ގޮތުން އެއްއަހަރު ދުވަސް ފުރިހަމަ ނުވާނަމައެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ކޮމިށަނަށް ހުށަހެޅޭ މައްސަލައަކީ، އެމައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، ކޮންމެހެން ބަލަންޖެހޭ މައްސަލައެއްކަމަށް ކޮމިށަނަށް ފެންނަ މައްސަލައެއް ބެލުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.
34 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަންގެ މެންބަރުންނާއި ރައީސާއި، ނާއިބުރައީސްގެ ނަންތައް ހުށަހެޅުން
(ހ) މިގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 120 (އެއްސަތޭކަ ވިހި) ދުވަހުގެތެރޭގައި ހިޔުމަން ރައިޓްސް ކޮމިށަން އުފައްދައި، ކޮމިށަންގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:
- މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
- 1 ވަނަ ނަންބަރުގައިވާފަދައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަންތައް މަޖިލީހުން ފާސްކޮށް، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ކޮމިށަންގެ ރައީސްކަމާއި ނާއިބުރައީސްކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
- 1، 2 އަދި 4 ވަނަ ނަންބަރުގައިވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
- މިމާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ނ) މި ގާނޫނު ފާސްވުމަށްފަހު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރަންޖެހޭ ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ ރައީސާއި ނާއިބްރައީސް އައްޔަން ކުރެވެންދެން މި ގާނޫނު ފާސްވުމުގެކުރިން ހިނގަމުންއައި ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި މެންބަރުން އެ މަގާމުގައި ދެމިތިބޭނެއެވެ.
35 ވަނަ މާއްދާ - އުވާލުން
މި ގާނޫނު ފާސްވެ މިގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 2005-01 (ހިޔުމަންރައިޓްސް ކޮމިށަންގެ ގާނޫނު) އުވުނީއެވެ.
36 ވަނަ މާއްދާ - މާނަ
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛
"އިންސާނީ ހައްގު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި، ބައިނަލްއަގްވާމީ މުއާހަދާތަކާއި ގަރާރުތަކުގެތެރެއިން ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ގަރާރުތަކުގައި ކަނޑައަޅާފައިވާ ހައްގުތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ހައްގު ތަކަށެވެ.
"އުއްތަމަ ފަނޑިޔާރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށެވެ.
"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލަށެވެ.
"ރައީސުލްޖުމްހޫރިއްޔާ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ.
"ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެއިން ގަބޫލުކޮށްފައިވާ މުއާހަދާތަކުގެ ތެރެއިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ލާޒިމުކުރާ މުއާހަދާތަކަށާއި، އެފަދަ ގަރާރުތަކަށެވެ.
"ސަރުކާރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރަށެވެ.
"ކޮމިށަން" ކަމަށް ބުނެފައިއެވަނީ، ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.
''ފަނޑިޔާރު'' ކަމަށް ބުނެފައި އެވަނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައި ހުކުމް ކުރާ ފަރާތްތަކަށެވެ.
"މީހުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ ބިދޭސީން ހިމެނޭ ގޮތަށެވެ. އަދި ފަރުދުންނާއި ގާނޫނީ ށަހްސްތަކާއި، ޖަމްއިއްޔާތަކާއި ކޮމިޓީތަކާއި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތައްވެސް ހިމެނޭގޮތުންނެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ހިޔުމަން ރައިޓްސް ކޮމިށަނުގެ ޤާނޫނު (ގާނޫނު ނަންބަރު 2006-06) ގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތައް ތަޙުގީގުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-134)
- ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެ ހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1001)
- ހިޔުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނީ ވަކީލަކު އައްޔަންކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-92)
އުވުނު ގާނޫނު
ހިއުމަން ރައިޓްސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2005-01)
ކިޔުންތެރިންގެ ހިޔާލު