-

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-36)

 

ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންގެ ތެރެއިން މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

(ނ) ކޮމިށަނަށް އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ މީހުންގެ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ނުވަތަ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި ވީހާވެސް ބޮޑަށް ގައުމުގެ އެކި ދާއިރާތައް ތަމްސީލުވާނެ ގޮތެއް ވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ ބަޔަކު، ކޮމިށަނުގެ މެންބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

8. ކޮމިށަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުންގެ ތެރެއިން ކޮމިށަނުގެ ރައީސަކާއި ނާއިބު ރައީސެއް އައްޔަންކުރަންވާނެއެވެ.

(ށ) ކޮމިށަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ކޮމިށަނުގެ ރައީސަކު ނުވަތަ ނާއިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިށަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިށަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ކޮމިށަނުގެ މެންބަރުން މަގާމާ ހަވާލުވުން
ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، އެ ހުވައިގެ އިގްރާރުގައި ސޮއިކުރުމުންނެވެ.

"އަހުރެން ...... (މީހާގެ ނަން) ...... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރި ވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. މެންބަރުކަމުން ވަކިކުރުން
ކޮމިށަނުގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ، އެ މެންބަރަކު، މެންބަރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުން އެފަދައިން ފާސްކުރުމުން، އެ ހިނދުން ފެށިގެން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. އިސްތިއުފާދިނުން
(ހ) ކޮމިށަނުގެ މެންބަރަކު މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނީއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެމީހަކު ވަކިވީއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އޭނާގެ މަގާމުން އިސްތިއުފާދިން ކަމުގައިވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. ކޮމިށަނުގެ ޖަލްސާތައް
(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ، ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

19. ކޮމިށަނުގެ ނިންމުންތައް

ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

 

8 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު