-

އިމިގްރޭށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2007-01)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހި ރައްޔިތުން ރާއްޖޭންބޭރަށް ފުރުމުގަޔާއި، އެނބުރި ރާއްޖެ އައުމުގަޔާއި، ބިދޭސީން ރާއްޖެ އައުމުގަޔާއި، އެމީހުން ރާއްޖޭން ފުރުމުގަޔާއި، އެމީހުން ރާއްޖޭން ފޮނުވާލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - އިމިގްރޭށަންގެ އޮފީސްތައް ގާއިމުކުރުން

(ހ) ރާއްޖޭގެ ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގެ ތެރެއިން، ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާލެވޭ ކޮންމެ ބަނދަރަކީ، އިމިގްރޭށަންގެ އޮފީހެއް ގާއިމުކުރެވިފައިވާ ބަނދަރެއް ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިމިގްރޭށަންގެ އޮފީސްތައް ގާއިމުކުރެވޭ ބަނދަރުތަކަށް މި ގާނޫނުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި އިށާރާތް ކޮށްފައިވާނީ، ހުއްދައޮތް ބަނދަރުގެ ގޮތުގައެވެ.

 

3 ވަނަ މާއްދާ - ހުއްދައޮތް ބަނދަރަކުން އެތެރެވުމާއި، ހުއްދައޮތް ބަނދަރަކުން ފުރުން

ކުއްލިއަކަށް ދިމާވާ ގުދްރަތީ ކަމެއްގެ ސަބަބުން، ނުވަތަ އަމިއްލަ ބާރެއް ނުފޯރުވޭނެ ގޮތުގެމަތިން، ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން، އެހެންގޮތެއް ނެތިގެން މެނުވީ، ރާއްޖޭން ބޭރުން އަންނަ އެއްވެސް މީހަކު ހުއްދައޮތް ބަނދަރަކުން ނޫނީ، ރާއްޖެ އެތެރެވެގެން ނުވާނެއެވެ. އަދި ރާއްޖޭންބޭރަށް ފުރާ މީހަކުވެސް، ރާއްޖޭންބޭރަށް ފުރަންވާނީ، ބުނެވިދިޔަ ކުއްލި ހާލަތުތައް ނޫން ހާލަތުތަކުގައި، ހުއްދަ އޮތް ބަނދަރަކުންނެވެ.

 

 4 ވަނަ މާއްދާ - ދިވެހިން ރާއްޖެ އައުމުގެ ހައްގު

(ހ) ކޮންމެ ތަނެއްގައި ހުރެފައިނަމަވެސް ދިވެހިރާއްޖެއަށް އައުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ.

(ށ) ގައުމީ ނިސްބަތާ ގުޅޭގޮތުން އޮޅުމެއް އަރައިފި ހިނދެއްގައި، ވަކި މީހަކީ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދިނުމަކީ، އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ.

 

5 ވަނަ މާއްދާ - ދިވެހިން ރާއްޖޭން ފުރުމުގެ ހައްގު

(ހ) ށަރްއީ ހުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން، ނުވަތަ ގާނޫނު ނަންބަރު 4/1968ޖ (އާންމު ގާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ އިދާރާއަކުން ކުރާ އަމުރަކާ ގުޅިގެން ރާއްޖޭންފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެން ކޮންމެ ދިވެހި ރައްޔިތަކީ، ރާއްޖޭންބޭރަށް ފުރައިގެން ދެވިދާނެ، އަދި ރާއްޖޭން ބޭރުގައި ހުރެވިދާނެ ނުވަތަ ދިރިއުޅެވިދާނެ މީހެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގާނޫނު ނަންބަރު 4/1968ޖ (އާންމު ގާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ އިދާރާއަކުން، ރާއްޖެއިން މީހަކު ފުރުން މަނާ ކުރުމަށް އަމުރުކުރެވޭނީ 7 ދުވަހުގެ މުއްދަތަށެވެ. އަދި 7 ދުވަހަށްވުރެ އިތުރު މުއްދަތަކަށް އެއްވެސް މީހަކު ރާއްޖެއިން ފުރުން މަނާކުރެވޭނީ ށަރުއީކޯޓެއްގެ ހުކުމެއް ނުވަތަ އަމުރެއްގެ ދަށުންނެވެ.

(ނ) ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރަށް ފުރޭނީ، ސައްހަ ޕާސްޕޯޓެއް އޮވެގެންނެވެ.

 

6 ވަނަ މާއްދާ - ޕާސްޕޯޓު ލިބިދިނުން

(ހ) ޕާސްޕޯޓަކަށް އެދޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ޕާސްޕޯޓެއް ހަދައިދޭންވާނެއެވެ. އަދި ޕާސްޕޯޓެއް އާކޮށްދިނުމަށް އެދޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ޕާސްޕޯޓު އާކޮށްދޭން ވާނެއެވެ.

(ށ) ށަރުއީ ހުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން، ނުވަތަ ގާނޫނު ނަންބަރު 4/1968ޖ (އާންމު ގާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ އިދާރާއަކުން ކުރާ އަމުރަކާ ގުޅިގެން ޕާސްޕޯޓެއް ހިފަހައްޓަން ޖެހިއްޖެނަމަ، އެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ގާނޫނު ނަންބަރު 4/1968ޖ (އާންމު ގާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިފައިވާ ސަރުކާރުގެ އިދާރާއަކުން، ކުރާ އަމުރަކަށް ޕާސްޕޯޓު ހިފެހެއްޓޭނީ 7 ދުވަހުގެ މުއްދަތަށެވެ. އަދި 7 ދުވަހަށްވުރެ އިތުރު މުއްދަތަކަށް ޕާސްޕޯޓު ހިފެހެއްޓޭނީ ށަރުއީ ކޯޓެއްގެ ހުކުމެއް ނުވަތަ އަމުރެއްގެ ދަށުންނެވެ.

 

7 ވަނަ މާއްދާ - ބިދޭސީން ރާއްޖެ އައުމާއި ރާއްޖޭން ފުރުން

(ހ) ދިވެހިރާއްޖެއަށް ބިދޭސީއަކަށް އެތެރެވެވޭނީ، އޭނާގެ އަތުގައި ސައްހަ ޕާސްޕޯޓެއް އޮވެ، ރާއްޖޭގައި ހުރުމުގެ ހުއްދައެއް އޮވެގެންނެވެ.

(ށ) ބިދޭސީއަކަށް ރާއްޖޭން ފުރޭނީ، އޭނާގެ އަތުގައި ސައްހަ ޕާސްޕޯޓެއް އޮވެގެންނެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބިދޭސީއަކަށް ރާއްޖެ އެތެރެވެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، އެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ޑިސްއެމްބާކޭށަން ފޯމެއް ފުރައި، އޭނާގެ ޕާސްޕޯޓާއެކު އިމިގްރޭށަން އޮފިސަރަކަށް ހުށަހަޅައި، އޭނާ ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބިގެންނެވެ.

(ރ) ބިދޭސީއަކަށް ރާއްޖޭން ފުރޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، އެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ އެމްބާކޭށަން ފޯމެއް ފުރައި، އޭނާގެ ޕާސްޕޯޓާއެކު އިމިގްރޭށަން އޮފިސަރަކަށް ހުށަހަޅައި، ރާއްޖޭން ފުރުމުގެ ހުއްދަ ލިބިގެންނެވެ.

 

8 ވަނަ މާއްދާ - ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން

(ހ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ގިންތީތަކުގެ ބިދޭސީންނަކީ، ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ މީހުންނެވެ.

  1. ރާއްޖޭގައި ހުންނަ ދުވަސްވަރު ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖެއްސޭނެގޮތެއް އޮތްކަން، ނުވަތަ އަދާކުރާނެ ވަޒީފާއެއް އޮތްކަން، ނުވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ އެއްބަސްވުމެއް އޮތްކަން ސާބިތުކޮށްދެވެން ނެތް މީހުން.
  2. އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން، ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން.
  3. އެހެން ގައުމެއްގެ އަދްލުއިންސާފަށް ފިލައިގެންއުޅޭ މީހުން.
  4. ރާއްޖޭގެ އިޖްތިމާއީ ނުވަތަ ދީނީ އެއްބައިވަންތަކަމަށް އުނިކަން އަތުވެދާފަދަ ކަމެއް ކުރާ، ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން.
  5. ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތްތައް ކުރާ ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން.
  6. ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާއަތްތަކާ ގުޅުން ހުރިކަމަށް ބެލެވޭ މީހުންނާއި، ޓެރަރިސްޓުންކަމަށް މައްލޫމާތު ލިބިފައިވާ މީހުން.
  7. ގައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް އުނިކަމެއް ފޯރުކޮށްފާނެކަމަށް ބެލެވޭ މީހުން.

(ށ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތީއެއްގައި ހިމެނޭ ބިދޭސީއެއްގެ ފިރިމީހާ، ނުވަތަ އަނބިމީހާ، ނުވަތަ ދަރިއަކު، ނުވަތަ އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ އެހެންވެސް މީހަކު، އެއިން މީހަކީ ބިދޭސީއަކުކަމުގައި ވާނަމަ، އެމީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަނުދިނުމުގެ  އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ނ)މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތީތަކުގެ އިތުރަށްވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ ގިންތީތަކާ އެއްގޮތްކަމަށް، ނުވަތަ އެއްބާވަތެއްކަމަށް ބެލެވޭ ގިންތީތަކުގައި ހިމެނޭ ބިދޭސީންނާއި، މި މާއްދާގެ (ހ) ގައި އެވާ ގިންތީތައް އެގޮތަށް ކަނޑައަޅާފައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި، ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން ރަނގަޅު ނުވާނެކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ފެންނަ ބިދޭސީއަކަށް، ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ރާއްޖޭގައި ހުރުމުގެ ހުއްދަ

(ހ) ބިދޭސީއަކު ރާއްޖޭގައި ހުރުމުގެ ހުއްދަ، މި ގާނޫނުގެ ބޭނުމަށްޓަކައި ބެހިގެންވަނީ އަންނަނިވި އަށް ބާވަތަށެވެ.

  1. ޓޫރިސްޓު ވީޒާ
  2. ޑިޕްލޮމެޓިކް ވީޒާ
  3. ސްޓޫޑެންޓް ވީޒާ
  4. ބިޒްނަސް ވީޒާ
  5. ޑިޕެންޑަންޓް ވީޒާ
  6. ވާރކް ވީޒާ
  7. ރެސިޑެންޓް ވީޒާ
  8. ސްޕެށަލް ވީޒާ

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ހުއްދަ ދޫކުރާނީ މިގާނޫނުގެ ދަށުންހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

10 ވަނަ މާއްދާ - ޓޫރިސްޓް ވީޒާ

(ހ) ޓޫރިސްޓް ވީޒާއަކީ، ރާއްޖޭގައި އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ނުވަތަ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރުމުގެ ނިޔަތެއްނެތި، ހަމައެކަނި ރާއްޖެއަންނަ ބިދޭސީއަކަށް، މިމާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރާއްޖެ އަންނަ ބިދޭސީއަކަށް، އެމީހަކު އެފަހަރަކު ރާއްޖެއައި ދުވަހުން ފެށިގެން ފީއެއް ދެއްކުމަކާ ނުލާ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހުރެވޭނެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރާއްޖެއަންނަ ބިދޭސީއަކަށް، މިގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ފީ ދެއްކުމަށްފަހު އެމީހަކު އެފަހަރަކު ރާއްޖެއައި ދުވަހުން ފެށިގެން 90 ދުވަހަށްވުރެ އިތުރުނުވާ ގޮތުގެ މަތިން، ރާއްޖޭގައި ހުރުމުގެ ހުއްދަ އިތުރު ކޮށްދިނުމުގެ އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ޑިޕްލޮމެޓިކް ވީޒާ

ޑިޕްލޮމެޓިކް ވީޒާއަކީ، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ މުއާހަދާއެއްގެ ދަށުން، ނުވަތަ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ އެއްބަސްވުމެއްގެ ދަށުން، ނުވަތަ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން، ޑިޕްލޮމެޓިކް އިމްތިޔާޒު ދޭންޖެހޭކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ބިދޭސީއަކަށް، ވަކި މުއްދަތެއް ވަންދެން ރާއްޖޭގައި ހުރުމަށް  ދެވޭ ހުއްދައެވެ.

 

12 ވަނަ މާއްދާ - ސްޓޫޑެންޓް ވީޒާ

ސްޓޫޑެންޓް ވީޒާއަކީ، ރާއްޖޭގައި ތައްލީމު ހާސިލުކުރުމުގެ ބޭނުމުގައި، ރާއްޖޭގައި ވަކިމުއްދަތެއް ވަންދެން ހުރުމަށް، ރާއްޖެއަންނަ ބިދޭސީއަކަށް ދެވޭ ހުއްދައެވެ.

 

13 ވަނަ މާއްދާ - ބިޒްނަސް ވީޒާ

ބިޒްނަސް ވީޒާއަކީ، ދިވެހި ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން، އެ ދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށްޓަކައި، އަދި ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫންގޮތަކަށް އަންނަ ބިދޭސީއަކަށް ވަކިމުއްދަތަކަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެވެ.

 

14 ވަނަ މާއްދާ - ޑިޕެންޑަންޓް ވީޒާ

ޑިޕެންޑަންޓް ވީޒާއަކީ، މި ގާނޫނުގެ ދަށުން ބިދޭސީއަކަށް، ރާއްޖޭގައި ހުރުމަށް، ދެވޭ ހުއްދައެއްގެ ދަށުން، ރާއްޖޭގައި ހުންނަ ބިދޭސީއެއްގެ ފިރިއަކު ނުވަތަ އަންބަކު ނުވަތަ ދަރިއަކު، ހުއްދައޮތް އެ ބިދޭސީ މީހާގެ ބެލެނިވެރިކަމުގައި ދިރިއުޅުމަށް ރާއްޖެ އަންނަކަމަށްވާނަމަ، އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައާއި، ސްޓޫޑެންޓް ވީޒާ ދޫކުރެވިފައިވާ، އުމުރުން އަށާރަ އަހަރު ނުވާ ކުއްޖާގެ ބެލެނިވެރިޔާއަށް ދެވޭ ހުއްދައެވެ.

 

15 ވަނަ މާއްދާ - ވާރކް ވީޒާ

ވާރކް ވީޒާއަކީ، ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ހަމަޖައްސާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަހޯދައިގެން، ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައެވެ.

 

16 ވަނަ މާއްދާ - ރެސިޑެންޓް ވީޒާ

ރެސިޑެންޓް ވީޒާއަކީ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތީން ދިވެއްސަކާ ކައިވެނިކޮށްގެންއުޅޭ ބިދޭސީއަކަށާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެދާއިރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެންއުޅޭ ބިދޭސީއަކަށް ދެވޭހުއްދައެވެ.

 

17 ވަނަ މާއްދާ - ސްޕެށަލް ވީޒާ

ސްޕެށަލް ވީޒާއަކީ، ރާއްޖެއަންނަ ނުވަތަ ރާއްޖޭގައި ހުރި ބިދޭސީއަކަށް، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އެމީހަކު ރާއްޖޭގައި ހުރުމަށް ބޭނުންވާކަމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން އެންގުމުން ކަނޑައެޅޭ މުއްދަތަކަށް އެމީހަކަށް ދެވޭ ހުއްދައެވެ.

(ހ) އިންސާނިއްޔަތަށްޓަކައި.

(ށ) ވީޒާ ހަމަވިއިރު ހުއްޓާލެވެންނެތް ބޭސްފަރުވާއެއް ކުރަމުންދާތީ، އެ ބޭސްފަރުވާ ނިންމުމަށްޓަކައި.

(ނ) ތިމާއަށް ލިބިދޭ ހައްގެއް ހޯދުމަށް، ގާނޫނީ ނުވަތަ ށަރްއީ މަސައްކަތެއް ކުރަމުންދާއިރު، އެ މަސައްކަތެއްގެ ނަތީޖާ ފެންނަންދެން ރާއްޖޭގައި ހުރުން މުހިންމު ހާލަތެއްގައި، އެ ހައްގެއް ހޯދުމަށްޓަކައި.

(ރ) ވީޒާ ހަމަވެފައިވާ ބިދޭސީއަކު، ކޮންމެހެން ރާއްޖޭގައި ހުންނަންޖެހޭކަމަށް ސަރުކާރުގެ އިދާރާއަކަށް ފެނިއްޖެ ހާލަތެއްގައި، އެ ކަމަކަށްޓަކައި.

(ބ) ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހިން ބާއްވާ، ނުވަތަ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ބާއްވާ އިޖްތިމާއީ، އިގްތިސާދީ، ސަގާފީ ޕްރޮގްރާމުތަކާއި ހަރަކާތްތަކާއި ހަފްލާތަކަށް، ރާއްޖެއަންނަ ބިދޭސީއަކަށް އެ ޕްރޮގްރާމުތަކާއި ހަރަކާތްތަކާއި ހަފްލާތަކުގައި ބައިވެރިވުމަށްޓަކައި.

(ޅ) ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިށަންތަކާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމްއިއްޔާތަކުގެ އޮފީސްތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިނުވާ މީހުން އެމީހުންގެ ވަޒީފާ އަދާކުރުމަށްޓަކައި.

(ކ) ދިވެހިރައްޔިތުންގެ ބިދޭސީ އަނބިން/ފިރިންގެ، ދިވެހިރައްޔިތުން ކަމުގައިނުވާ އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖޭގައި ތިބުމަށްޓަކައި.

 

18 ވަނަ މާއްދާ - ރާއްޖޭގައި ހުރުމުގެ ހުއްދަ އިތުރުކުރުން

(ހ) ރާއްޖޭގައި ހުރުމުގެ ހުއްދަ އޮތް ބިދޭސީއަކު، އޭނާއަށް ހުއްދަދީފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ރާއްޖޭގައި ހުންނަން ބޭނުންވާނަމަ، އެ ހުއްދަ އިތުރުކޮށްދިނުމަށްއެދި އޭނާއަށް ހުށަހެޅިދާނެއެވެ. އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ހުއްދަ އިތުރުކޮށްދިނުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މުއްދަތު އިތުރު ކުރުމުގައި، ވަކި ށަރްތުތަކެއް ކަނޑައެޅުމާއި، ރާއްޖޭގައި ހުރުމުގެ ހުއްދަ އޭނާއަށް ދިންއިރު، ށަރްތެއް ނުވަތަ ށަރްތުތަކެއް ކަނޑައަޅާފައިވާނަމަ، އެއަށް ބަދަލުގެނައުމާއި، އިތުރު ށަރްތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެދަށުން، ށަރްތު ކަނޑައެޅުމުގައި، ނުވަތަ ކުރިން ކަނޑައަޅާފައިވާ ށަރްތަކަށް ނުވަތަ ށަރްތުތަކަކަށް ބަދަލުގެނައުމުގައި، ނުވަތަ އިތުރު ށަރްތެއް ކަނޑައެޅުމުގައި، އެކަމާގުޅޭ ބިދޭސީއަކަށް، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު ލިޔުމުން އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - އެއްފަހަރަށްވުރެ ގިނަފަހަރަށް ރާއްޖެ އެތެރެވުމުގެ ހުއްދަ

(ހ) މިގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) އާއި (8) ގައިވާ ވީޒާ ފިޔަވައި އެހެން ބާވަތެއްގެ ވީޒާއަކުން ރާއްޖޭގައި ހުރުމުގެ ހުއްދަ ދޭއިރު، އެއް ވީޒާއެއްގެ ދަށުން އެއްފަހަރަށްވުރެ ގިނަ ފަހަރު ރާއްޖެއަށް އެތެރެވުމުގެ ހުއްދަދިނުމުގެ އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އެއްފަހަރަށްވުރެގިނަ ފަހަރު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިފައިވާ ބިދޭސީއަކު، ރާއްޖެ އެތެރެވުމަށްފަހު، ރާއްޖެއިން ބޭރަށްދާ އެއްވެސް ފަހަރެއްގައި ރާއްޖޭގައި އޭނާއާ ގުޅޭގޮތުން ޒިންމާ އުފުލާ ފަރާތުގެ ހުއްދައެއް ނެތި ތިރީސް ދުވަހަށްވުރެ ގިނަ ދުވަހު ރާއްޖެ ނައިސް ހުރެއްޖެނަމަ އޭނާއަށް ދެވިފައިވާ ހުއްދަ ބާތިލުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހުއްދަ ބާތިލުވެފައިވާ ބިދޭސީއަކަށް ރާއްޖޭގައި ހުރުމުގެ ހުއްދައެއް އަލުން ދިނުމުގައި، ވަކި ށަރްތުތަކެއް ކަނޑައެޅުމާއި، ރާއްޖޭގައި ހުރުމުގެ ހުއްދަ އޭނާއަށް ކުރިން ދިންއިރު ށަރުތެއް ނުވަތަ ށަރްތުތަކެއް ކަނޑައަޅާފައިވާނަމަ، އެއަށް ބަދަލުގެނައުމާއި އިތުރު ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

ރާއްޖޭގައި ހުރުމުގެ ހުއްދައެއް ބިދޭސީއަކަށް ދިނުމަށްފަހު، އަންނަނިވި ހާލަތުތަކުން ހާލަތެއްގައި، ނޯޓިސް ދިނުމަށްފަހު، ނުވަތަ ނޯޓިސް ދިނުމަކާ ނުލައި، އެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ހ) ހުއްދަ ހޯދުމަށްއެދި ހުށަހެޅުމުގައި، ހާމަކޮށްފައިވާ މައްލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަން، ނުވަތަ ދީފައިވާ ލިޔުމަކީ ތެދު ލިޔުމެއް ނޫންކަން އެނގުން.

(ށ) ހުއްދަދީފައިވާ ބިދޭސީއަކީ، ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ގިންތީއެއްގެ މީހެއްކަމަށްވުން.

(ނ) ދޫކޮށްފައިވާ ހުއްދަ، އެމައްޗަށް ބިނާވެގެންވާ ސަބަބު ނުވަތަ ހާލަތު ނެތިދިޔުން.

(ރ) ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުން.

 

21 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުމުން ރާއްޖޭގައި ނުހުރުން

(ހ) ރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީއަކަށް ދީފައިވަނިކޮށް، އެ ހުއްދަ ނޯޓިސް ދިނުމެއްނެތި  ބާތިލުކޮށްފިނަމަ، އެ ހުއްދަ ބާތިލުކުރާ ދުވަހުން ފެށިގެން އެއް ދުވަހުގެ މުއްދަތަށްވުރެ އިތުރަށް އޭނާ ރާއްޖޭގައި ހުރެގެން ނުވާނެއެވެ.

(ށ) ރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީއަކަށް ދީފައިވަނިކޮށް، ނޯޓިސް ދިނުމަށްފަހު، އެ ހުއްދަ ބާތިލުކޮށްފިނަމަ، އެ ހުއްދަ ބާތިލުވާ ދުވަހުންފެށިގެން އޭނާ ރާއްޖޭގައި ހުރެގެން ނުވާނެއެވެ.

(ނ) ރާއްޖޭގައި ހުރުމުގެ ހުއްދަ ދީފައިވާ ބިދޭސީއެއްގެ ހުއްދަ ބާތިލުވެފައިވަނިކޮށް ރާއްޖޭގައި ހުރުމަކީ، ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދައެއް ނެތި އެއްވެސް ބިދޭސީއަކު ރާއްޖޭގައި ހުރުމަކީ، އެއްވެސް ގޮތަކުން މި ގާނޫނު ހުއްދަކުރާ ކަމެއްނޫނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ބިދޭސީއަކު ވަގުތުން ރާއްޖެއިން ފުރައިގެންދެވޭނޭގޮތެއް ނެތިގެން ރާއްޖޭގައި ހުންނަންޖެހިއްޖެނަމަ، އޭނާ ފުރައިގެން ދަންދެން ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

22 ވަނަ މާއްދާ - ރާއްޖެ އަންނަ އުޅަނދުފަހަރު ބަނދަރުކުރުމާއި ފުރުން

(ހ) ކުއްލިއަކަށް ދިމާވާ ގުދުރަތީ ކަމެއްގެ ސަބަބުން، ނުވަތަ އަމިއްލަ ބާރެއް ނުފޯރުވޭނެ ގޮތުގެމަތިން، ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން، އެހެންގޮތެއް ނެތިގެން މެނުވީ، ރާއްޖެއިން ބޭރުން އަންނަ ކަނޑުދަތުރުފަތުރުގެ އުޅަނދުފަހަރު ރާއްޖޭގައި ފުރަތަމަ ބަނދަރުކުރަންވާނީ، ހުއްދައޮތް ބަނދަރެއްގައެވެ. އަދި އެފަދަ އުޅަނދުފަހަރު ރާއްޖެއިން ފުރަންވާނީވެސް އެފަދަ ބަނދަރަކުންނެވެ.

(ށ) ކުއްލިއަކަށް ދިމާވާ ގުދުރަތީ ކަމެއްގެ ސަބަބުން، ނުވަތަ އަމިއްލަ ބާރެއް ނުފޯރުވޭނެ ގޮތުގެމަތިން، ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން، އެހެންގޮތެއް ނެތިގެން މެނުވީ، ރާއްޖެއިން ބޭރުން އަންނަ ވައިގެދަތުރުފަތުރުގެ އުޅަނދުފަހަރު ޖައްސަންވާނީވެސް ހުއްދަ އޮތް ބަނދަރެއްގައެވެ. އަދި އެފަދަ އުޅަނދުފަހަރު ރާއްޖެއިން ފުރަންވާނީވެސް އެފަދަ ބަނދަރަކުންނެވެ.

 

23 ވަނަ މާއްދާ - އިމިގްރޭށަނުން ބަލައި ނިމެންދެން އުޅަނދުފަހަރަށް ނޭރުމާއި، އެއިން ނުފޭބުން

ރާއްޖެ އަންނަ ކަނޑުދަތުރުފަތުރުގެ އުޅަނދުފަހަރާއި، ވައިގެ ދަތުރުފަތުރުގެ އުޅަނދުފަހަރު، ރާއްޖެ އައުމަށްފަހު، އިމިގްރޭށަން އޮފިސަރުން އެ އުޅަނދަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކޮށްނިމެންދެން، އަންނަނިވި މީހުން ފިޔަވައި، އެހެން މީހަކު، ނުވަތަ ބަޔަކު އެ އުޅަނދުފަހަރުން ފޭބުމާއި، އެ އުޅަނދުފަހަރަށް އެރުމަކީ ހުއްދަކަމެއް ނޫނެވެ.

(ހ) އުޅަނދުގެ ކެޕްޓަން ނުވަތަ ޕައިލެޓް.

(ށ) ރަސްމީ ހައިސިއްޔަތުން އެ އުޅަނދަކަށް އަރަންޖެހޭ، ނުވަތަ އެއުޅަނދަކުން ފައިބަންޖެހޭ ސަރުކާރުގެ މުވައްޒަފަކު.

(ނ) އުޅަނދުގެ ވެރިފަރާތް، ނުވަތަ އުޅަނދު ޗާޓަރުކުރި ފަރާތް، ނުވަތަ އުޅަނދުގެ ރާއްޖޭގެ އެޖެންޓު.

(ރ) އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުގެ ރަސްމީ އިދާރާއެއްގެ ކަމާބެހޭ މުވައްޒަފަކު.

(ބ) އުޅަނދު ބަނދަރުކުރުމުގެ މަސައްކަތާ ގުޅިގެން ހުއްދަ ދީފައިވާ މީހަކު.

(ޅ) ސިއްހީހާލު ހުރިގޮތުން ކުއްލިފަރުވާ ލިބެންޖެހޭ މީހަކު.

 

24 ވަނަ މާއްދާ - ކަނޑުދަތުރުފަތުރުގެ އުޅަނދުފަހަރުން އަންނަނިވި ކަންކަން ކުރުން

(ހ) ރާއްޖެއަންނަ ކަނޑު ދަތުރުފަތުރުގެ އުޅަނދަކަށް އިމިގްރޭށަން އޮފިސަރުން އަރައި، އެމީހުންގެ މަސައްކަތަށް ބޭނުންވެގެން އެދިއްޖެނަމަ، އަންނަނިވި ލިޔެކިޔުން ހުށަހަޅަން ވާނެއެވެ.

  1. ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު.
  2. ފަޅުވެރިންނާއި ފަސިންޖަރުންނަކީ ކޮންބައެއްކަން އަންގައިދޭ ރަސްމީ ލިޔުންތައް.
  3. އުޅަނދުގެ ރަސްމީ ލިޔުންތައް.

(ށ) އިމިގްރޭށަން އޮފިސަރުން، މި މާއްދާގެ (ހ) ގެ ދަށުން އުޅަނދެއް ބެލުމުގައި، ވަކި ފަޅުވެރިޔަކާ، ނުވަތަ ފަޅުވެރިންގެ ވަކިބަޔަކާ ސުވާލުކުރަން ބޭނުންވާނަމަ، ނުވަތަ ވަކި ފަސިންޖަރަކާ ނުވަތަ ފަސިންޖަރުންގެ ވަކިބަޔަކާ ސުވާލުކުރަން ބޭނުންވާނަމަ، އެކަންއެ އުޅަނދުގެ ކެޕްޓަން ހަމަޖައްސައި ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދެއް ބެލުމުގައި، އެ އުޅަނދުގައި، ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހަކު ހުރިތޯ ބެލުމަށްޓަކައި، އެ އުޅަނދު ބަލައި ފާސްކުރުމަށް އިމިގްރޭށަން އޮފިސަރަކު އެދިއްޖެނަމަ، އެ އުޅަނދުގެ ކެޕްޓަން އެކަން ހަމަޖައްސައިދޭންވާނެއެވެ.

 

25 ވަނަ މާއްދާ - ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުން

މި ގާނޫނުގެ 24 ވަނަ މާއްދާ އެހެން އޮތުމަކުން، ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ މުއާހަދާތަކުގެ ތެރެއިން ރާއްޖޭން އަމަލުކުރުން ލާޒިމުވާ މުއާހަދާތަކުގައިވާގޮތަށް އަމަލުކުރުމަކަށް، މި ގާނޫނު ހުރަހެއް ނާޅައެވެ.

 

26 ވަނަ މާއްދާ - ވައިގެ ދަތުރުފަތުރުގެ އުޅަނދުފަހަރުން، އަންނަނިވި ކަންކަން ކުރުން

(ހ) ރާއްޖެ އަންނަ ވައިގެ ދަތުރުފަތުރުގެ އުޅަނދުފަހަރުގެ ތެރެއިން ކޮންމެ އުޅަނދަކުންވެސް އެ އުޅަނދެއްގެ ކަންކަން ބެލުމަށް ހަމަޖެހިފައިވާ އިމިގްރޭށަން އޮފިސަރުންނަށް، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ފަޅުވެރިންގެ ފުރިހަމަ ލިސްޓު.
  2. ފަސިންޖަރުންގެ ފުރިހަމަ ލިސްޓު.

(ށ) އުޅަނދުގެ ފަޅުވެރިއަކާ ނުވަތަ ފަސިންޖަރަކާ ވަކިން ސުވާލުކުރަން ބޭނުންވެގެން، އިމިގްރޭށަން އޮފިސަރަކު އެދިއްޖެނަމަ، އެކަމެއް އެ އުޅަނދުގެ ކެޕްޓަން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުޅަނދެއް ބެލުމުގައި، އެ އުޅަނދުގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެންނެތް މީހަކު ހުރިތޯ ބެލުމަށްޓަކައި، އެ އުޅަނދު ބަލައި ފާސްކުރުމަށް އިމިގްރޭށަން އޮފިސަރަކު އެދިއްޖެނަމަ، އެކަމެއް އެ އުޅަނދެއްގެ ކެޕްޓަން ހަމަޖައްސައިދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުން

މި ގާނޫނުގެ 26 ވަނަ މާއްދާ އެހެން އޮތުމަކުން، ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ މުއާހަދާތަކުގެ ތެރެއިން ރާއްޖޭން އަމަލުކުރުން ލާޒިމުވާ މުއާހަދާތަކުގައިވާ ގޮތަށް އަމަލުކުރުމަކަށް، މި ގާނޫނު ހުރަހެއް ނާޅައެވެ.

 

28 ވަނަ މާއްދާ - ކުރެވޭ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދިނުން

(ހ) އެއްވެސް އުޅަނދެއްގެ ފަޅުވެރިއަކާ ނުވަތަ ފަސިންޖަރަކާ، އިމިގްރޭށަން އޮފިސަރަކު މި މާއްދާގެ (ށ) ގައިވާ ކަމަކާ ގުޅިގެން ސުވާލެއް ކޮށްފިނަމަ، ސުވާލުކުރެވޭ މީހާ، ތެދުވެރިކަމާއެކު ފުރިހަމައަށް އެ ސުވާލަކަށް ޖަވާބު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިމިގްރޭށަން އޮފިސަރުން ކުރާ ސުވާލުތައް ބިނާވެގެންވާންވާނީ، ސުވާލުކުރެވޭ ފަޅުވެރިއަކީ ނުވަތަ ފަސިންޖަރަކީ ކާކުކަމާއި، ކޮން ގައުމެއްގެ ރައްޔިތެއްކަމާއި، ކޮންކަމެއް ކުރާ މީހެއްކަމާއި، އެންމެފަހުން ދަތުރުކުރި ގައުމަކާއި، ދެން ދަތުރުކުރާނެ ގައުމަކާއި، މި ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެންނެތް މީހުންގެ ގިންތީގައި ހިމެނޭ މީހެއްތޯ ބެލުމުގެ މަގްސަދުގައެވެ.

 

29 ވަނަ މާއްދާ - ރާއްޖެ އެތެރެވުމުގެ ހުއްދަދެވެން ނެތްމީހުން ރާއްޖެ އެތެރެވިޔަ ނުދިނުން

(ހ) ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެންނެތް މީހަކު، ރާއްޖެ އައިސްފައިވާ އުޅަނދެއްގައިވާނަމަ، އެ އުޅަނދެއްގައި، ނުވަތަ އެ އުޅަނދުގެ ވެރިފަރާތުގެ ދަށުގައިވާ އެހެން އުޅަނދެއްގައި، ނުވަތަ އެ އުޅަނދުގެ ވެރިފަރާތުން ހަމަޖައްސާ އެހެން އުޅަނދެއްގައި ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ގެންދިޔުމަށް އެންގުމުގެ ބާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ. އަދި އެމީހަކު އަނބުރާ ފޮނުވާލެވެންދެން، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ ތަނެއްގައި، އެމީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ ބާރުވެސް، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްވެސް އެންގުމެއް، އުޅަނދަކަށް އަންގައިފިނަމަ، އެގޮތުގެމަތިން އެ އުޅަނދަކުން އަމަލު ކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ މީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން، ނުވަތަ ރާއްޖޭން ފޮނުވާލަންޖެހުމުގެ ސަބަބުން ހިނގާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންވާނީ، އެމީހަކު ރާއްޖެ އެތެރެވުމަށް ރާއްޖެއައި އުޅަނދެއްގެ ވެރިފަރާތުންނެވެ.

 

30 ވަނަ މާއްދާ - ދިވެހިންގެ ބައެއް ޒިންމާ

ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތުތައް ހިންގާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިމިވާ ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ބިދޭސީއަކު، ނުވަތަ މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުން.
  2. ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުން.

 

31 ވަނަ މާއްދާ - ބިދޭސީންގެ ބައެއް ޒިންމާ

ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަދެވޭ ކޮންމެ ބިދޭސީއަކުވެސް އަންނަނިވި ކަންކަމަށް ސަމާލުވާންވާނެއެވެ.

(ހ) އޭނާއަށް ދެވިފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި، ނުވަތަ އެ ހުއްދައިގައިވާ ށަރްތުތަކުގެ މަތިން، ރާއްޖޭގައި ހުރުން.

(ށ) އޭނާއަށް ދެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން، ނުވަތަ އެ ހުއްދަ ބާތިލުވުމުން، ރާއްޖެއިން ފުރައިގެން ދިޔުން.

 

32 ވަނަ މާއްދާ - ފީ ނެގުން

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ފީއެއް ނަގަންޖެހޭ ބާވަތުގެ ކަންކަމާއި، އެގޮތުން ނަގާނެ ފީއެއްގެ މިންވަރު، މި ގާނޫނުގެ ޖަދުވަލުގައި ބަޔާން ކުރެވިފައިވާނެއެވެ.

(ށ) މިގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ފީ، ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދެއްކުމަކީ އެބިދޭސީއަކާ ހަވާލުވެހުރި ފަރާތެއްގެ މަސްއޫލިއްޔަތެކެވެ. އަދި ވަކިފަރާތަކާ ހަވާލުނުވެ އަމިއްލަގޮތުން ރާއްޖެއައިސްހުރި ބިދޭސީއެއްނަމަ، މި ފީ ދެއްކުމަކީ އެބިދޭސީއެއްގެ މަސްއޫލިއްޔަތެކެވެ.

 

33 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގާނޫނުގައި ބަޔާންވެގެންވާގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ، ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެއިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއްކުރީ ބިދޭސީއަކުނަމަ، އެމީހެއްގެ އަދަބަކީ، 15,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެއިތުރުން، އެމީހަކު ވަކިމުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - އިސްތިސްނާވުން

(ހ) ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން، ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒުދޭ އުޅަނދުފަހަރު، މި ގާނޫނުން އިސްތިސްނާކުރުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ށ) ރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުރެވިފައިވާ އެގްރީމަންޓެއްގައި، އެގައުމެއްގެ ރައްޔިތުން ރާއްޖޭގައި ވިޒާފީއެއް ދެއްކުމަކާނުލައި، ވަކި މުއްދަތަކަށް ތިބުމުގެ ހުއްދަ ލިބިދޭގޮތަށް ހަމަޖެހިފައިވާ މީހުންނަށް، ވިޒާފީއެއް ދެއްކުމަކާނުލައި، އެ އެގްރީމަންޓުގައިވާ މުއްދަތަކަށް ރާއްޖޭގައި ތިބުމަކަށް މިގާނޫނު ހުރަހެއް ނާޅައެވެ.

 

35 ވަނަ މާއްދާ - ގަވާއިދު ހެދުމާއި ގާނޫނު ހިންގުން

މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، ހިންގާނީ، އަދި
މި ގާނޫނުގައިވާ ކަންކަން ހިންގައި ބަލަހައްޓާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާއަކުން، އެ އިދާރާއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ އެންމެ އިސް ވެރިއެކެވެ.

 

36 ވަނަ މާއްދާ - އުވާލުން

މިގާނޫނު ފާސްވެ އަމަލު ކުރަން ފެށުމުން، ގާނޫނު ނަންބަރު 1992-02 (ރެސިޑެންޓް ޕާރމިޓް ލިބިގެން ރާއްޖޭގައި ތިބޭ ބިދޭސީންގެ އަތުން ފީ ނެގުމުގެ ގާނޫނު) އުވުނީއެވެ.

 

37 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި، އެހެންގޮތަކަށް ބުނެފައިނުވާހާ ހިނދަކު:

"ހުއްދަ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަށް ބާވަތުގެ ވީޒާއަށެވެ.

"ހުއްދައޮތް ބަނދަރު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ކަނޑުގެ ބަނދަރުތަކާއި، ވައިގެ ބަނދަރުތަކުގެ ތެރެއިން، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލެވިފައިވާ އަދި އިމިގްރޭށަނުގެ ހިދްމަތްތައް ގާއިމުކުރެވިފައިވާ ބަނދަރުތަކަށެވެ.

"ބިދޭސީން" ކަމަށް ބުނެފައި އެވަނީ، ދިވެހިރައްޔިތުން ނޫން މީހުންނަށެވެ.

"ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން" ކަމަށް ބުނެފައި އެވަނީ، މިގާނޫނުގައި ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކުރަން ކަނޑައަޅާފައިވާ ކަންތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.

"އުޅަނދު" ކަމަށް ބުނެފައި އެވަނީ، ކަނޑުދަތުރު ފަތުރުގެ އުޅަނދާއި، ވައިގެ ދަތުރު ފަތުރުގެ އުޅަނދު ހިމެނޭ ގޮތުންނެވެ.

"އެއްވެސްމީހަކު" ކަމަށް ބުނެފައި އެވަނީ، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުންނެވެ.

"އެމްބާކޭށަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭން ފުރާ ބިދޭސީން ފުރިހަމަކޮށް، މި ގާނޫނުގެ ދަށުން އިމިގްރޭށަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މައްލޫމާތު ފޯމަށެވެ.

"އިމިގްރޭށަން އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާގައި،  ނުވަތަ އެހެންވެސް ސަރުކާރުގެ އިދާރާއެއްގައި، މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަކުރެވޭ މުވައްޒަފުންނަށެވެ."އިމިގްރޭށަންގެ އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ކަނޑުގެ ބަނދަރެއްގައި ނުވަތަ ވައިގެ ބަނދަރެއްގައި، އިމިގްރޭށަން އޮފިސަރުން މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އެމީހުންނަށް ކުރެވޭނެގޮތަށް ގާއިމުކުރެވޭ ވަސީލަތްތަކަށެވެ. 

"އެތެރެވުން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަންނަ އުޅަނދަކުން އަންނަމީހަކު، އެމީހަކު އަންނަ އުޅަނދެއް ބަނދަރުކުރާ، ނުވަތަ ޖައްސާ ބަނދަރެއްގައިވާ އިމިގްރޭށަންގެ އޮފީހަކުން ކުރަންޖެހޭ ކަންކަން ކޮށްނިމިގެން، އެއޮފީހެއް ފަހަނައަޅައި، ރާއްޖެއަށް އެތެރެވުމަށެވެ. މި މާނަކުރުމުގައި، ރާއްޖެ އެތެރެވުމަކީ، ރާއްޖެ އައުން ކަމުގައެއް ނުބެލެވޭނެއެވެ. 

"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އުޅަނދުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތާއި، އުޅަނދެއް ޗާޓަރުކޮށްފައިވާ ފަރާތާއި، އުޅަނދުގެ އޭޖެންޓުކަން ކުރާ ފަރާތާއި، އުޅަނދުގެ މާސްޓަރު ނުވަތަ ކެޕްޓަން ހިމެނޭ ގޮތުންނެވެ.

"ވީޒާ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ. 

"ޑިސްއެމްބާކޭށަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖެ އަންނަ ބިދޭސީން ފުރިހަމަކޮށް، މި ގާނޫނުގެ ދަށުން އިމިގްރޭށަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މައްލޫމާތު ފޯމަށެވެ. 

"ޕާސްޕޯޓު" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ދަތުރުފަތުރުގައި، މީހެއްގެ ގައުމީ ނިސްބަތާއި މީހެއްގެ ތަފްސީލު އަންގައިދިނުމަށް ބޭނުންކުރާ، އެމީހެއްގެ ފޮޓޯޖެހި، އަދި ކަމުގެ ބާރު ލިބިގެންވާ ގާނޫނީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށެވެ. މި މާނަކުރުމުގައި، ޕާސްޕޯޓުގެ ބަދަލުގައި ދޫކުރެވޭ އެފަދަ ބޭނުންހިފޭ ވަގުތީ ލިޔުންތައްވެސް ހިމެނިގެންވެއެވެ.

 

 

   

 

ޖަދުވަލު

މިގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ވީޒާތަކަށް، 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވީޒާފީގެ ގޮތުގައި ނެގޭނީ އަންނަނިވި އަދަދުތަކެވެ.

ޓޫރިސްޓް ވީޒާ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދެވޭ ހުއްދައަށް، ވީޒާފީ ގެ ގޮތުގައި  ކޮންމެ ތިން މަހަކަށް ނުވަތަ ތިންމަހުން ބަޔަކަށް 750 ރުފިޔާ
ސްޓޫޑަންޓް ވީޒާ ކޮންމެ ތިން މަހަކަށް ނުވަތަ ތިންމަހުން ބަޔަކަށް 300 ރުފިޔާ
ބިޒްނަސް ވީޒާ  ކޮންމެ ތިން މަހަކަށް ނުވަތަ ތިންމަހުން ބަޔަކަށް 750 ރުފިޔާ
ޑިޕެންޑަންޓް ވީޒާ
ކޮންމެ ތިން މަހަކަށް ނުވަތަ ތިންމަހުން ބަޔަކަށް 750 ރުފިޔާ

 

ސްޕެށަލް ވީޒާ ލިބިގެން ތިބޭ މީހުންގެ ތެރެއިން، ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)، (ނ) އަދި (ބ) ގައި ބަޔާންކޮށްފައިވާ މީހުންނަށް، ކޮންމެ ތިން މަހަކަށް ނުވަތަ ތިންމަހުން ބަޔަކަށް 750 ރުފިޔާ

 

ވާރކް ވީޒާއަށް އެދޭ ފަރާތްތަކަށް، ވަރކް ވީޒާ ހައްދައިދެވޭނީ މަހަކަށް 250 ރުފިޔާ، ސަރުކާރުން ކަނޑައަޅާ ފަރާތަށް ދެއްކުމުންނެވެ.

  

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-57)

 

އުވުނު ގާނޫނު

ރެސިޑެންޓް ޕަރމިޓް ލިބިގެން ރާއްޖޭގައިތިބޭ ބިދޭސިންގެ އަތުން ފީ ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 1992-02)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-58)
  2. ބިޒްނަސް ވީޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-113)
  3. ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-115)
  4. ޕާސްޕޯޓުކާޑާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-85)
  5. ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)
  6. ބިޒްނަސް ވިޒާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-42)
  7. ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-15)
  8. ކޯޕަރޭޓް ރެސިޑެންޓް ވިޒާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-139)
  9. އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-57)
  10. ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17)
  11. ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-22)
  12. ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-09)
  13. ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2010-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު