-

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2010-09)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިގަވާއިދަކީ ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ބިދޭސީން ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އައުމުގައާއި، އެމީހުން ރާއްޖޭގައި ތިބުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅެންވާނީ ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނާއި، މިގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ " ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީގެ ވާރކް ވީޒާއާބެހޭ ގަވާއިދު" އެވެ.

(ރ) މި ގަވާއިދަށް އަމަލުކުރާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ބިދޭސީން ދިވެހިރާއްޖެ ގެނައުން

(ހ) ދިވެހިރާއްޖެއަށް ބިދޭސީއަކަށް ވަޒީފާ އަދާކުރުމަށް އެތެރެކުރެވޭނީ، އޭނާގެ އަތުގައި 6 މަހަށްވުރެ ކުރުނޫން މުއްދަތުއޮތް ސައްހަ ޕާސްޕޯޓެއްއޮވެ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނާއި މިގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން ބިދޭސީއަކު ރާއްޖެ އެތެރެކުރެވޭނީ ޑިސްއެމްބާކެށަން ކާޑު ފުރައި، އޭނާގެ ޕާސްޕޯޓާއެކު އިމިގްރޭށަން އޮފިސަރަކަށް ހުށަހަޅައި، އޭނާއަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ލިބިގެންނެވެ.

 

3 ވަނަ މާއްދާ - ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް އެތެރެވުމުގެ ށަރުތު

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު އެތެރެކުރެވޭނީ އެމީހެއްގެ ކިބައިގާ މިމާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ވާނަމައެވެ.

(ހ) އެމީހަކަށް ދޫކޮށްފައިވާ 6 މަހަށްވުރެ ކުރުނޫން މުއްދަތުއޮތް ސައްހަ ޕާސްޕޯޓެއް އޮތުން.

(ށ) އިމިގްރޭށަންގެ ގަވާއިދާ ހިލާފުވެގެން ފޮނުވާލަންޖެހިއްޖެ ހިދެއްގައި އެމީހެއްގެ ގައުމަށް ފޮނުވާލުމަށް ހަރަދުކުރުމަށްޓަކައި އިމިގްރޭށަނުން ކަނޑައަޅާ ފައިސާގެ އަދަދު އެމީހަކު ރާއްޖެއައުމުގެ 48 ގަޑިއިރު ކުރިން އިމިގްރޭށަން ޑިޕްޒިޓް ކުރެވިފައި ހުރުން.

(ނ) އިމިގްރޭށަން އޮފިސަރުން ކުރާ ސުވާލުތަކަށް ތެދުބަހުން ޖަވާބުދާރީވުން.

(ރ) މިގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރާއްޖެއެތެރެވުމުގެ ހުއްދަނެތް މީހެއް ކަމުގައިނުވުން.

(ބ) ތާއްޖެއެތެރެވާން އަންނަ ބިދޭސީ މީހާ ރާއްޖެއެތެރެ ވުމަށް އަންނަ މަގުސަދު ބަޔާންކުރުން.

(ޅ) ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ހުއްދަ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ލިބިފައިވާ ފަރާތެއްކަމުގައިވުން އަދި މިހުއްދައިގެ މައުލޫމާތު ކަމާބެހޭ އިދާރާއަކުން އިމިގްރޭށަނަށް ލިބިފައިވާ ފަރާތެއްކަމުގައިވުން.

(ކ) މިމާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ލިބިފައި އޮތުމަކުން އެމީހަކު ރާއްޖެ އެތެރެކުރުމަށް ލާޒިމެއް ނުކުރެއެވެ.

(އ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.

މިމާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުވާ ފަރާތްތައް ރާއްޖެއަށް އެތެރެނުކޮށް، އެމީހަކު ރާއްޖެއައި އުޅަނދެއްގައި، ނުވަތަ އެ އުޅަނދުގެ ވެރިފަރާތުން ހަމަޖައްސާ އެހެން އުޅަނދެއްގައި އަނބުރާ ގެންދިއުމަށް އެންގުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ. އަދި އެމީހަކު ފޮނުވާލެވެންދެން އިމިގްރޭށަނުން ކަނޑައަޅާ ތަނެއްގައި ބަންދު ކޮށްފައި ބެހެއްޓުމުގެ ބާރުވެސް ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ. މި ގޮތަށް ބަހައްޓާ ބެހެއްޓުމުގައި އެމީހަކަށް ހިނގާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންވާނީ އެމީހަކު ރާއްޖެ އައި އުޅަނދެއްގެ ވެރިފަރާތުންނެވެ.

 

4 ވަނަ މާއްދާ - ރާއްޖޭގައި މަސައްކަތް ކުރުމަށް އެތެރެ ވުމަށް ހުއްދަނެތް މީހުން

ގާނޫނު ނަންބަރު 2007-01 ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނުގައި އަދި އިމިގްރޭށަން ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާޙާ ހިނދަކު، އަންނަނިވި ގިންތީތަކުގެ ބިދޭސީންނަކީ، ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ މީހުންނެވެ.

(ހ) ރާއްޖޭގައި ހުންނަ ދުވަސްވަރު އެމީހެއްގެ ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް އޮތްކަން، ނުވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ އެއްބަސްވުމެއް އޮތްކަން ސާބިތުކޮށް ދެވެނެނެތް މީހުން.

(ށ) އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން، ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން.

(ނ) އެހެން ގައުމެއްގެ އަދުލުއިންސާފަށް ފިލައިގެންއުޅޭ މީހުން.

(ރ) ރާއްޖޭގެ އިޖްތިމާއީ ނުވަތަ ދީނީ އެއްބައިވަންތަކަމަށް އުނިކަން އަތުވެދާނެފަދަ ކަމެއް ކުރާ، ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ މީހުން.

(ބ) ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތްތައް ހިންގާ ނުވަތަ ހިންގަން އުޅޭކަމަށް ބެލެވޭ މީހުން.

(ޅ) ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާއަތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ މީހުންނާއި ޓެރަރިސްޓުން ކަމަށް މުއުލޫމާތު ލިބިފައިވާ މީހުން.

(ކ) ގައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން.

(އ) ދިވެހިސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެ އެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން.

(ވ) އަސްލު އޮޅުވާލުމުގެ މަގުސަދުގައި އެހެންމީހެއްގެ ޑޮކިއުމެންޓެއް ބޭނުން ކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާމީހުން.

(މ) ހިއުމަން ސުމަގްލިން/ ޓްރެފިންގ، ފަދަ ކަމަކާ ގުޅުންހުރި މީހުންނާއި އެކަމަށް ށައްކުކުރެވޭ މީހުން.

(ފ) ސަރަހައްދީ، ބައިނަލްއަގްވާމީ މުއާހަދާ އަކުން ހިފެހެއްޓުމަށް އަންގާފައިވާ މީހުން.

(ދ) ސައްހަނޫން މައުލޫމާތު ދީގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާމީހުން.

(ތ) ސައްހަނޫން ޕާސްޕޯޓްގައި އެތެރެވާން މަސައްކަތް ކުރާމީހުން.

(ލ) އިމިގްރޭށަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް މީހުން އެތެރެ ކުރުމަށް މަސައްކަތްކުރާ މީހުން.

(ގ) އިމިގްރޭށަން އޮފިސަރުންގެ ވާޖިބުތަކަށް ހުރަސް އަޅާފަދަ އަމަލެއް ހިންގާ ފަރާތްތައް،

(ޏ) މި މާއްދާ ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ އިތުރަށްވެސް، މިމާއްދާގައި ބަޔާން ކޮށްފައިވާ ގިންތިތަކާ އެއްގޮތް ކަމަށް، ނުވަތަ އެއްބާވަތެއް ކަމަށް ބެލެވޭ ގިންތިތަކުގައި ހިމެނޭ ބިދޭސީންނާއި، މިމާއްދާގައި އެވާ ގިންތިތައް ކަނޑައެޅި މަގުސަދު ހާސިލުކުރުމަށްޓަކައި، ވަޒީފާ އަދާ ކުރުމަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން ރަނގަޅު ނުވާނެކަމަށް ފެންނަ ބިދޭސީއަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ވާރކް ވިޒާނެގުމަށް ދެވޭ މުއްދަތު

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް ވާރކް ވީޒާ ނެގުމަށްޓަކައި އެމީހަކު ރާއްޖެ އައި ދުވަހުން ފެށިގެން ވާރކް ވީޒާގެ ދަށުން 15 ދުވަސް ދިނުމަށްފަހު އެތެރެ ކުރެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ވާރކް ވީޒާ ޖަހަން ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ވާރކްވީޒާގައި އެތެރެވުން

މި ގަވާއިދުގެ 2 ވަނަ މާއްދާގައިވާ ށަރުތުތަކުގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް އަންނަ ފަރާތްތަކުގެ ވާރކް ވީޒާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގައުމުތަކުން އަންނަ މީހުން ރާއްޖެ އެތެރެ ވެވޭނީ ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ ވާނަމައެވެ.


  1. (ހ) ދިވެހިރާއްޖޭގެ ހައިކޮމިށަން، ކޮންސިއުލަރ އޮފީސް ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރެއިން ވާރކް ވީޒާ ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ މިށަން ނުވަތަ ކޮންސިއުލަރ އޮފީސްހުރި  ގައުމުތަކުގެ ރައްޔިތުންނަށް، ވަޒީފާ އަދާކުރުމަށް އެތެރެވެވޭނީ ރާއްޖެ އައުމުގެ ކުރިން ވާރކް ވީޒާ ނަގައިގެންނެވެ.
    (ށ) ވާރކް ވީޒާ ދޫކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޮމިށަން ނުވަތަ ކޮންސިއުލަރ އޮފީސްހުރި ގައުމުތަކުގައި ރެސިޑެންޓް ޕާރމިޓް ލިބިގެން ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންވެސް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެތެރެވެވޭނީ ވާރކް ވީޒާ ނަގައިގެންނެވެ.
    (ނ) ވާރކް ވީޒާ ނަގައިގެން ރާއްޖެ އަންނަ ފަރާތްތައް، ވީޒާ ދޫކުރާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނަން ވާނެއެވެ.
    (ރ) ރާއްޖެއައުމަށް އެމްބަސީއެއް މެދުވެރިކޮށް ވާރކް ވީޒާ ހޯދާފައިވާ ފަރާތްތައް އެތެރެވުމުގެ ހުއްދަދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

  2. (ހ) ރާއްޖެ އަންނަ އިރު ބިދޭސީ މީހާއަށް މިގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "އެމްޕްލޯއިމަންޓް އެޕްރޫވަލް" ލިބިފައިވުމާއި، އެމްބާކޭށަން ކާޑުގައި މަސައްކަތްކުރުމަށް އައިކަމަށް ޖަހާފައިވުން.

  

7 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ

ޑިޕޮޒިޓް ފައިސާއަކީ އިމިގްރޭށަންގެ ގާނޫނާއި މިގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް އެމީހެއްގެ ގައުމަށް ފޮނުވާލުމަށް ކުރަންޖެހޭ އެންމެހާ ހަރަދުތައް ކުރުމަށް ބެހެއްޓޭ ފައިސާއެކެވެ.

(ހ) ޑިޕޮޒިޓް ފައިސާގެ ގޮތުގާ ނެގޭފައިސާގެ މިންވަރަކީ، އާންމު ފެއަރ އަކުން އިކޮނޮމީ ކްލާހުން އެމީހެއްގެ ގައުމަށް އެންމެ ކުރުމަގަކުން ދެވޭ ވައިގެ ބަނދަރަކާ ހަމައަށް ނެގޭ އެއްކޮޅު ޓިކެޓްގެ އަގާ އަދި އެމީހަކު ފޮނުވާލެވެންދެން އިމިގްރޭށަންގެ ބެލުމުގެދަށުގައި ބޭތިއްބޭ މީހުންނަށް ކާންދިނުމާއި ޓްރާންސްޕޯޓާއި އެހެނިހެން ކަންކަމަށް ހިނގާނެކަމަށް ލަފާކުރާ އަދަދެކެވެ.

(ށ) ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ކޮންމެ ބިދޭސީއަކަށް ހަމަޖެހިފައިވާ ޑިޕޮޒިޓް ފައިސާ ބިދޭސީމިހާ ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުގައި ޑިޕްޒިޓް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާ މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ނުދައްކާވަނިކޮށް ބިދޭސީމީހާ ރާއްޖެ އަތުވެއްޖެނަމަ، އެމީހަކު ރާއްޖެ އެތެރެކުރެވޭނީ ޑިޕޮޒިޓް ފައިސާގެ އިތުރުން، 2,000 ރުފިޔާގެ ޖޫރިމަނާ އެއް ނެގުމަށްފަހުގައެވެ. އަދި ޑިޕޮޒިޓް ފައިސާ ނުދައްކައި ވުމުން ކުރެވޭ ޖޫރިމަނާގެ އިތުރުން އެފަރާތެއްގެ ނަމުގައި އެފަހަރަކު ރާއްޖެ އެތެރެކުރާ ކޮންމެ ބިދޭސީއަކަށް 500 ރުފިޔާ ޖޫރިމަނާ ނެގޭނެއެވެ.

(ރ) ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާ، %100 ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި ސަރުކާރުން ހިންގާ އެސޯސިއޭށަންތައް އަދި މިނިވަން މުއައްސަސާތައް މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާ ދެއްކުމުން އިސްތިސްނާ ވާނެއެވެ.

(ބ) މިމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް މެދުވެރިވެގެން ރާއްޖެ ގެންނަ މީހުން އެއްވެސް ހާލަތެއްގައި ރާއްޖެއިން ފޮނުވާލަން ޖެހިއްޖެ ނަމަ އެކަން ހަމަޖައްސަންވާނީ އެމީހަކަށް ވަޒީފާ ދިން ފަރާތުންނެވެ.

(ޅ) ޑިޕްޒިޓް ގޮތުގައި ބެހެއްޓުމަށް ކަޑައާފައިވާ ފައިސާގެ އަދަދަށް ގެނެވޭ ބަދަލަކާގުޅިގެން އިތުރަށް ފައިސާއެއް ދައްކަންޖެހޭނަމަ އެފައިސާ ދެއްކުމަށް ޑިޕްޒިޓް ބެހެއްޓި ފަރާތަށް އެންގުމުން 7 ދުވަހުގެ ތެރޭގައި އެ ފައިސާ އިމިގްރޭށަނަށް ދައްކަންވާނެއެވެ.

(ކ) ޑިޕޮޒިޓްގެ ފައިސާ ދައްކާނެ ގޮތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ނަގުދު ފައިސާ އިން
  2. ކޭށްކާޑުން
  3. ވަޒީފާ ދޭފަރާތުގެ ޗެކަކުން (މިޗެކުގައި ހުށަހަޅާ ދުވަސް ނުލައި މަދުވެގެން ފަސް ދުވަހުގެ ބޭންކް ގެރެންޓީ ޖަހާފައިވުން. 

(އ) ވާރކް ވީޒާ ކެންސަލް ކޮށް ވަޒީފާ ދިން ފަރާތުގެ ހަރަދުގައި ފުރައިގެން ދާމީހުންނާއި ވަޒީފާ ދިން ފަރާތް ބަދަލުވާމީހުން އަދި ބިދޭސީމީހާ ނިޔާވުމުން އިމިގްރޭށަންގައި ބެހެއްޓިފައިވާ ފައިސާ ހޯދުމަށްއެދި "ޑިޕޮޒިޓް ރިފަންޑް ކުރުމަށް އެދޭ ފޯމު" ފުރުމަށްފަހު، އިމިގްރޭށަނަށް ހުށަހެޅުމުން އެފައިސާ ދޫކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވެސް ޑިޕްޒިޓްކޮށްފައިވާ ފައިސާ ރިފަންޑް ހޯދުމަށް އެދުމުން ރިފަންޑް ކޮށްދެވޭނީ، އެ ފަރާތެއްގެ ވަޒީފާގައި ހުރި ބިދޭސީއަކަށް ދައްކަންޖެހިފައިވާ ވާރކް ވީޒާ ފީ ނުވަތަ ޖޫރިމަނާ ނުވަތަ މިނޫންގޮތަކުންވެސް ވަޒީފާ ދިން ފަރާތުން އިމިގްރޭށަނަށް ދައްކަންވެފައިވާ ފައިސާއެއް ވާނަމަ އެފައިސާއެއް ދައްކާ ހަލާސްކުރުމުންނެވެ. އަދި މިގޮތަށް ރީފަންޑު ކޮށްދެވޭނީ ވަޒީފާ ދޭ ފަރާތުން ބިދޭސީމީހާ ފުރުވާލާ ހާލަތުގައެވެ. ޑިޕޮޒިޓް ފައިސާއިން ބިދޭސީމީހާ ފުރުވާލާ ހާލަތުގައި ޑިޕޮޒިޓް ފައިސާއަކީ، އެއްގޮތަކަށްވެސް ރީފަންޑްކުރެވޭނެ ފައިސާއެއްނޫނެވެ.

(މ) ވަޒީފާ ދޭ ފަރާތުން ބިދޭސީ މީހާގެ ނަމުގައި ބަހައްޓާފައިވާ ޑިޕްޒިޓް ފައިސާ އެއްވެސް ސަބަބަކާ ހުރެ އެހެން ބިދޭސީއަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ބިދޭސީ މީހާއަށް ވަޒީފާ ދިން ފަރާތް ބަދަލުވީ ކަމުގައި ވީނަމަވެސް، ބިދޭސީ މީހާއަށް އަލަށް ވަޒީފާ ދޭ ފަރާތުގެ ނަމަށް މިފައިސާ ބަދަލެއް ނުކުރެވޭނެއެވެ.

(ފ) ވަޒީފާ ދޭ ފަރާތް ބަދަލުވުމުން އަލަށް ވަޒީފާ ދޭފަރާތަށް ވާރކް ވީޒާ ހައްދާދެވޭނީ މިގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް ފައިސާ އެމީހާގެ ނަމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގައި ޑިޕްޒިޓް ކުރުމުންނެވެ.

(ދ) ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތް ބަދަލުނުވެ، ހަމައެކަނި ވާރކް ސައިޓް ބަދަލުކުރުމަކުން، ޑިޕޮޒިޓްގެ ގޮތުގައި އިތުރު ފައިސާއެއް އިމިގްރޭށަނުގައި ބަހައްޓާކަށް ނުޖެހޭނެއެވެ.

 

8 ވަނަ މާއްދާ – ވާރކް ވީޒާ

ވާރކް ވީޒާއަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބިދޭސީއަކަށް ވާރކް ވީޒާ ދިނުމަށް އެދި ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ހުށަހަޅާ ލިޔުމަށް ބެލުމަށްފަހު ކަނޑައަޅާ އުސޫލެއްގެ މަތިން ދޫކުރާ ވީޒާ އެކެވެ. މިވީޒާ އަކީ އެއްފަހަރަށްވުރެ ގިނަފަހަރު ރާއްޖެ އެތެރެވުމުގެ ހުއްދަ އޮންނަ ވީޒާއެކެވެ.

 

9 ވަނަ މާއްދާ - ވާރކް ވީޒާ ނެގުން

ވާރކް ވީޒާ ހޯދުމަށްއެދި ތިރީގައިވާ ތަކެތި ހުށަހަޅަންޖެހޭނެއެވެ.

(ހ) ވިޒާ އަށް އެދޭ ފޯމު IM25 (ފުރިހަމަކޮށްފައިވާ)

(ށ) ނެގިތާ 90 ދުވަސް ނުވާ 1 ގަނޑު ފޮޓޯ (އިމިގްރޭށަނުން ކަނޑައަޅާފައިވާ ޕާސްޕޯޓް ފޮޓޯގެ މިންގަނޑަށްފެތޭ)

(ނ) ވަޒީފާގެ އެއްބަސްވުމުގެ އަސްލު (އެއްބަސްވުމުގެ ކޮޕީ ހުށަހަޅާނަމަ، ލޯފާމަކުން ނުވަތަ ށަރުއީ ކޯޓަކުން އެޓެސްޓުކޮށްފައިވުން)

(ރ) އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އަސްލު

(ބ) މުއްދަތު ހަމަނުވާ ޕާސްޕޯޓް (މަދުވެގެން 6 މަސްދުވަހުގެ މުއްދަތުއޮތް)

(ޅ) މަހަކަށް ވީޒާފީއަށްވާ 250 ރުފިޔާ

(ކ) މެޑިކަލް ރިޕޯޓުގެ އަސްލު (ސަރުކާރުން ހުއްދަކޮށްފައިވާ ފަރާތަކުން ދޫކޮށްފައިވާ)

(އ) އަހަރަކަށް ވާރކްވީޒާ ކާޑަށްވާ 50 ރުފިޔާ

(ވ) ވަޒީފާ ދިން ފަރާތަކީ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުންފުނި/ކްލަބް، ޖަމްއިއްޔާ، ޖަމާއަތެއް، ލޯކަލް އިންވެސްޓްމަންޓެއްނަމަ ރެޖިސްޓްރޭށަން ސެޓްފިކެޓްގެ ކޮޕީ

(މ) މެޑިކަލް އިންށުއަރެންސް އޮތްކަން އަންގައިދޭ ރަސްމީ ލިޔުން

 

10 ވަނަ މާއްދާ - ވާރކް ވީޒާ ފީ ދެއްކުން

ވާރކް ވީޒާ ލިބިފައިވާ ފަރާތަކަށް މަހު ފީ ދައްކުމަށްޓަކައި، "ވާރކް ވީޒާ ފީ ޕޭމަންޓް ފޯމު “(IM28) ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ވާރކް ވީޒާ ކާޑު ހެއްދުން

(ހ) ވާރކް ވީޒާ ކާޑު ހަދާދެވޭނީ އަހަރަކަށް  50 ރުފިޔާގެ ފީއެއް ނެގުމަށްފަހުއެވެ.

(ށ) ވާރކް ވީޒާ ކާޑު ދޫކޮށްފައިވާ މީހެއްގެ ކާޑު ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމައިމިގްރޭށަނަށް އެކަން އަންގަންވާނެއެވެ. މިގޮތަށް ގެއްލޭ ނުވަތަ، ހަލާކުވާ ކާޑެއްގެ ބަދަލުގައި އައު ކާޑެއް ހަދާދެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަގު ނެގުމަށށްފަހުއެވެ.

(ނ) ވާރކް ވީޒާ ކާޑަކީސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިދެއްގައި އެފަރާތަކަށް ދެއްކޭ ގޮތަށް މަސައްކަތްކުރާ ބިދޭސީ މީހާގެ އަތުގައި އޮންނަންޖެހޭ އެއްޗެކެވެ.

(ރ) ވާރކް ވީޒާ ކާޑު ހަދައިދެވޭނީ ވާރކް ވީޒާގެ މުއްދަތަށެވެ.

(ބ) ވާރކް ވީޒާ އާކުރާ ކޮންމެ ފަހަރަކު ކާޑު އާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ވާރކް ވީޒާއާއި ކާޑުގެ މުއްދަތު

(ހ) ވާރކް ވީޒާ އާއި ވާރކް ވީޒާ ކާޑު ދޫކުރާނީ ވަޒީފާގެ އެއްބަސްވުމުގައިވާ މުއްދަތަށެވެ.

(ށ) ވާރކް ވީޒާއާއި ވާރކް ވީޒާ ކާޑުގެ ސައްހަކަން ދެމިއޮންނާނީ ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ވާރކް ވީޒާ ފީ ދައްކާފައިވާ މުއްދަތަށެވެ.

(ނ) ވާރކް ވީޒާއާއި ވާރކް ވީޒާ ކާޑުގެ މުއްދަތު ގުނާނީ އެމީހަކު ރާއްޖެއަށް މަސައްކަތްކުރަން އެތެރެވާ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - ވާރކް ވީޒާ ފީ އާއި ޖޫރިމަނާ

(ހ) ވާރކް ވީޒާ ފީގެ ގޮތުގައި މަހަކަށް 250 ރުފިޔާ ދައްކަން ޖެހޭނެއެވެ. ވާރކް ވީޒާ ފީ ދެއްކުމަކީ އެމީހަކަށް ވަޒީފާ ދިން ފަރާތުގެ މަސްއޫލިއްޔަތެކެވެ.

(ށ) ވާރކް ވީޒާ ހޯދުމަށް ދެވޭ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރކް ވީޒާ އަށް އެދި ހުށަނާޅައިފިނަމަ، ވާރކް ވީޒާ ދެވޭނީ ވާރކް ވީޒާ ފީގެ އިތުރުން އެމީހާ ރާއްޖެ އެތެރެވި ދުވަހުން ފެށިގެން ވާރކް ވީޒާ އަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކަށް 10 ރުފިޔާގެ ޖުރިމަނާއެއް ދެއްކުމުންނެވެ. ވާރކް ވީޒާއަށް އެދި ހުށައަޅާ ދުވަސް ޖޫރިމަނާ ފައިސާ ނެގޭ ދުވަހެއްގެ ގޮތުގައި ނުގުނޭނެއެވެ.

(ނ) ވާރކް ވީޒާފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ކުރައަށް އޮތް މުއްދަތަށް ފީ ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފީނުދައްކައިފިނަމަ، ފީބަލައިގަނެވޭނީ އިތުރަށް ހިނގާފައިވާ ކޮންމެ ދުވަހަކަށް 10 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. ވީޒާ ދެއްކުމުގެ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސް ތައްވެސް ހިމެނޭނެއެވެ. މިގޮތުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގާނީ ގިނަވެގެން 90 ދުވަހުގެ މުއްދަތަށެވެ.

(ރ) ވާރކް ވީޒާ ފީ ނުދައްކާ 3 މަހަށްވުރެ އިތުރުވެއްޖެނަމަ އެމީހަކަށް ވާކް ވީޒާ ދެވޭނީ ވޭތުވެދިޔަ ދުވަސްތަކުގެ ވީޒާފީއާއި އެދުވަސް ތަކަށް ދައްކަންޖެހޭ ޖޫރިމަނާގެ އިތުރުން، ކުރިއަށް 3 މަހަށް ވާރކް ވީޒާ ފީދެއްކުމުންނެވެ. ވީޒާގެ މުއްދަތު 3 މަހަށް ވުރެ ކުރުނަމަ ފީ ދައްކާނީ ވީޒާގެ މުއްދަތަށެވެ.

(ބ) މިމާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ފީ ދެއްކުމާ ނުލައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ހަވާލުގައިވާ ބިދޭސީން ފޮނުވާލުމުގެ އިހްތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ. އަދި މިފަދަ ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު މިގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

(ޅ) ރާއްޖޭގައި ވަޒީފާ އަދާ ކުރަމުން ދާ ބިދޭސީއަކު ވަޒީފާ ދީފައިވާ ފަރާތްނޫން އެހެން ފަރާތެއްގެ ވަޒީފާއަކަށް ބަދަލުވެއްޖެނަމަ ވަޒީފާ ބަދަލު ވި ކަމުގެ ލިޔުން (އެމްޕްލޮއިމަންޓް އެޕްރޫވަލް) އިށޫކޮށްފައވާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ވާރކް ވީޒާ ހޯދުމަށް ހުށަނާޅައިފިނަމަ، ވާރކް ވީޒާ ދެވޭނީ ވާރކް ވީޒާ ފީގެ އިތުރުން އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވި ތާރީހުން ފެށިގެން ހިނގާ ކޮންމެ ދުވަހަކަށް 10 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމުންނެވެ. އަދި ވާރކް ވީޒާއަށް އެދި ހުށަހަޅާ ދުވަސް ޖޭރިމަނާ ފައިސާ ނެގޭ ދުވަހެއެގެ ގޮތުގައި ނުގުނޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ހުއްޓާ ވާރކް ވީޒާގެ މުއްދަތު ހަމަވުން

ރާއްޖެއިން ބޭރުގައި ހުއްޓާ ވާރކް ވީޒާ ހަމަވެފައިވާނަމަ، އެމީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވޭނީ، އާ ހުއްދައެއް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ލިބިގެން ނުވަތަ ހުއްދަ އިތުރުކޮށްފައި ވާނަމައެވެ. މި ފަދަ ފަރާތްތައްވެސް ރާއްޖެ އެތެރެކުރެވޭނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 15 ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަނާޅައިފިނަމަ، މިގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - ވާރކް ވީޒާގެ މުއްދަތު އިތުރުކުރުން

(ހ) ވާރކް ވީޒާގެ މުއްދަތު އިތުރުކޮށް ދެވޭނީ، ވަޒީފާގެ އެއްބަސްވުމަށް ބިނާކޮށް ހުށަހަޅާ ޕާސްޕޯޓްގެ މުއްދަތަށް ބަލައި ވަޒީފާގެ އެއްބަސްވުމުގައިވާ މުއްދަތަށެވެ.

(ށ) ވާރކް ވީޒާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު ކުރިއަށް 1 މަސްދުވަހުގެ ވީޒާފީ ދައްކަންޖެހޭނެއެވެ. އަދި ވާރކް ވީޒާ ކާޑު އާކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އައުކޮށް، ވާރކް ވީޒާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ޕާސްޕޯޓް މުއްދަތު ހަމަވުމުގެ 6 މަސްދުވަސް ކުރިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ޕާސްޕޯޓް އައުކޮށް ނުވަތަ މުއްދަތު އިތުރުކުރުމަށްފަހު ވާރކް ވީޒާގެ މުއްދަތު އިތުރުކުރަންވާނެއެވެ.

މިމާއްދާގެ (ނ) ގައި ބަޔާންކޮށފައިވާ ގޮތުގެމަތިން ވާރކް ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ވާރކް ވީޒާ އައު ކުރުމަށް ހުށަނާޅައިފިނަމަ ވާރކް ވީޒާ އިތުރުކޮށްދެވޭނީ މިގަވާއިދުގެ 13 ވަނަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ. ވީޒާގެ މުއްދަތު އިތުރުކުރުމަށް ހުށަނޭޅި ވަނީ، ޕާސްޕޯޓް ގެއްލިގެން ނުވަތަ ޕާސްޕޯޓް ފުރިގެން ކަމުގައިވީ ނަމަވެސް ވާރކް ވީޒާ އިތުރުކޮށްދެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

 

16 ވަނަ މާއްދާ - ވާރކް ވީޒާ ކެންސަލް ކުރުން

ވާރކް ވީޒާ ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ވަޒީފާއިން ވަކިވެގެން ފުރައިގެންދިއުމުން އޭނާއަށް ދީފައިވާ ވާރކް ވީޒާ ކެންސަލްކުރުމަށް ތިރީގައި އެވާ ތަކެއްޗާއެކު އެމީހާއަށް ވަޒީފާ ދިން ފަރާތުން އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. އަދި ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދާންދެން ބިދޭސީ މީހާގެ އެންމެހައި ޒިންމާތަކާ ހަވާލުވާންޖެހޭނީ، ވަޒީފާ ދިން ފަރާތުންނެވެ.

  1. ވީޒާ ކެންސަލް ފޯމު (ފުރިހަމަކޮސްފައިވާ)
  2. ޕާސްޕޯޓް ކޮޕީ
  3. ދޫކޮށްފައިވާ ވާރކް ވީޒާ ކާޑު

(ށ) ވާރކް ވީޒާ ލިބިގެން ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީއަކު އެމީހާއަށް ވަޒީފާ ދިންފަރާތުގެ ހުއްދައެއް ނެތި ފުރައިގެން ހިގައްޖެނަމަ ނުވަތަ ފިރައިގެން ދިއުމަށްފަހު 30 ދުވަހަށްވުރެ ގިނަދުވަހު ރާއްޖެނައިސް ހުރެއްޖެނަމަ، އެމީހާއަށް ދީފައިވާ ވާރކް ވީޒާ ކެންސަލް ވާނެއެވެ. އަދި މިފަދަ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގައި ރާއްޖެ ގެނައުމަށް ބޭނުންވާ ނަމަ އެބިދޭސީއަކު ފުރާތާ 30 ދުވަހުގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް އަންގަންވާނެއެވެ. ވަޒީފާދިން ފަރާތުގެ ހުއްދަ ލިބިގެން ފުރައިގެންދާ ފަރާތްތައް ރާއްޖެއިން ބޭރުގައި 30 ދުވަހަށްވުރެ އިތުރުވާނަމަ، އިމިގްރޭށަނަށް އެކަން އަންގަންވާނެއެވެ. އަދި މިފަދަ ފަރާތްތަކުގެ މައުލޫމާތު އަންގާފައި ނުވާނަމަ އެފަރާތްތަކަށް ދޫކޮށްފައިވާ ވީޒާ އެފަރާތެއް ފުރައިގެންދާތާ 30 ދުވަހުގެ ތެރޭގައި ކެންސަލްވާނެއެވެ.

 

17 ވަނަ މާއްދާ - ވާރކް ވީޒާގައި ހުރި މީހަކު ފިލުން

(ހ) ވާރކް ވީޒާގައި ހުރި މީހަކު ވަޒީފާދިން ފަރާތައް ފިލައިފިނަމަ ނުވަތަ ވީތަނެއް ނޭގި ގެއްލިއްޖެނަމަ 7 ދުވަހުގެ ތެރޭގައި އެކަން ކަމާބެހޭ މުސްތަގިއްލު އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) ކަމާބެހޭ މުސްތަގިއްލު އިދާރާއަށް ހުށަހެޅޭ މައްސަލަ ނިމޭ ގޮތުގެ މައްޗަށް ބަލައި އެމީހަކަށް ދީފައިވާ ވާރކް ވީޒާ ކެންސަލް ކުރުމުގެ އިހުތިޔާރު ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ މީހެއްގެ ވާރކް ވީޒާ ކެންސަލް ކުރަން ޖެހިއްޖެނަމަ ވާރކް ވީޒާ ކެންސަލް ކުރާ ދުވަހާ ހަމައަށް ވާރކް ވީޒާ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއައި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެފައިސާއެއްބިދޭސީ މީހާއަށް ވަޒީފާ ދިންފަރާތުން އިމިގްރޭށަނަށް ދައްކަންޖެހޭނެއެވެ.

(ރ) މިމާއްދާގެ (ށ) ގައި ވާގޮތުގެ މަތީން ވާރކް ވީޒާ ކެންސަލް ކުރަންޖެހިއްޖެ ހާލަތެއްގައި ވާރކް ވީޒާ ކެންސަލް ކުރުމަށްޓަކއި ބިދޭސީމީހާގެ ޕާސްޕޯޓް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.

(ބ) ފިލައިގެން ނުވަތަ ގެއްލިގެން ހުށަހެޅޭ މައްސަލަ ތަކުގައި ހިމެނޭ ބިދޭސީން އިމިގްރޭށަންގެ ބެލުމުގެ ދަށަށް ގެނެވޭ ހިދުން ފެށިގެން އެމީހުންގެ ގައުމަށް ފޮނުވާލުމާ ހަމައަށް ހިނގާ ހަރަދުގެ ޒިންމާ އުފުލަންވާނީ އެބިދޭސީއަކު ފިލިއިރު ނުވަތަ ގެއްލުނުއިރު އެމީހަކަށް ވަޒީފާ ދީފައިވާ ފަރާތުންނެވެ.

(ޅ) ބިދޭސީއަކު ފިލާފައިވާނަމަ، އެ ބިދޭސީއަކު ހޯދާ ފުރުވާލެވެންދެން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ ދޫނުކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގަވާއިދުގައި ބަޔާންވެގެންވާގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މިގަވާއިދުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ، ކުށެކެވެ.

(ށ) ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ މަނާކަމެކެވެ.

(ނ) ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ރ) ވާރކް ވީޒާ ދީފައިވާ ބިދޭސީންގެ ތެރެއިން އެމީހެއްގެ ޒިންމާގައިވާ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގެންގުޅުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއް ކުރީ ދިވެހި ރައްޔިތަކުނަމަ އެމީހެއްގެ އަދަބަކީ، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެއިތުރުން އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނަށް ލިބިގެންވެއެވެ. އަދި އިމިގްރޭށަނަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިވާނަމަ، ނުވަތަ ފައިސާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ރިޓާންވުމުގެ ސަބަބުން އިމިގްރޭށަނަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާއި، ޑިޕްސިޓް ފައިސާ ނުދައްކާ ބިދޭސީން އެތެރެކޮށްފައިވާ ފަރާތްތައް ބްލެކް ލިސްޓްކޮށް، އެފަރާތްތަކަށް ވާރކް ވީޒާގެ ހިދުމަތް ދިނުން ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު އިމިގްރޭށަނަށް ލިބިގެންވެއެވެ.

(ޅ) މިމާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންވެގެންވާ ކުށްކުރާ ފަރާތްތައް ތިރީގައި ވާގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

ކުށް ކުރި

ޖޫރިމަނާ ކުރެވޭ އަދަދު

ފުރަތަމަ ފަހަރު ނަމަ

 

2,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން

 

ދެވަނަ ފަހަރު ނަމަ

 

10,000 ރުފިޔާއާއި 20,000 ރުފިޔާއާ ދެމެދުގެ އަދަދަކުން

 

ތިންވަނަ ފަހަރު ނަމަ

 

20,000 ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ އަދަދަކުން

 

ހަތަރުވަނަ ފަހަރުނަމަ

 

30,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެފަރާތުގެ ޒިންމާގެ ދަށުން އެއްވެސް ބިދޭސީއަކު ރާއްޖެ އެތެރެކުރުމުގެ ހުއްދަ ނުދެވޭނެއެވެ.

 

        

(ކ) ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަދެވޭ ކޮންމެ ބިދޭސީއަކުވެސް އޭނާއްށްދެވިފައިވާ ހުއްދައިގައިވާ ދާއިރާއިން ބޭރުގައި ނުވަތަ ހުއްދައިގައިވާ ށަރުތުތަކާ ހިލާފަށް އަމަލުކުރުމަކީ މަނާކަމެކެވެ.

(އ) ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަދެވޭ ކޮންމެ ބިދޭސީއަކުވެސް އޭނާއަށްދެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ނުވަތަ ހުއްދަ ބާތިލުވުމުން ރާއްޖޭގައި ހުރުމަކީ މަނާކަމެކެވެ.

(ވ) މިމާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއްކުރީ ބިދޭސީއަކުނަމަ، އެމީހެއްގެ އަދަބަކީ، 15,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެއިތުރުން، އެމީހަކު ވަކިމުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އމިގްރޭށަނަށް ލިބިގެންވެއެވެ. 

 

(މ) މި މާއްދާގެ (ކ) އަދި (އ) ގައި ބަޔާންވެގެންވާ ކުށްކުރާ ފަރާތްތައް ތިރީގައި ވާގޮތުގެ މަތިން ޖޫރިމަނާކުރެވޭނެއެވެ.

 

ކުށް ކުރި

 

ޖޫރިމަނާ ކުރެވޭ އަދަދު

 

 ފުރަތަމަ ފަހަރު ނަމަ

 

15,000 ރުފިޔާއާއި ރުފިޔާއާއި 30,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިހުތިޔާރު ކޮންޓްރޯލަރއަށް ލިބިގެންވެއެވެ.

 

 ދެވަނަ ފަހަރު ނަމަ

 

30,000 ރުފިޔާއާއި ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ފޮނުވާލުމުގެ އިހުތިޔާރު ކޮންޓްރޯލަރއަށް ލިބިގެންވެއެވެ.

 

 

މިގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-09)

 

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު