-

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު

(ގާނޫނު ނަންބަރ 2013-06)

  

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން       

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ އޮނިގަނޑު އެކަށައަޅައި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދުތައް           

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، ދިވެހިރާއްޖޭގެ އިގްތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެ ވިޔަފާރިތަކަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ލިބިފައިވާ ވިޔަފާރިތަކަކަށް ހެދުމަށް މަގުފަހިކުރުން؛

(ށ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކުރުމާއި، މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތައް އިތުރުކުރުން؛

(ނ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސަރުކާރުގެ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ހިނގާ ނުހިނގާގޮތް ބަލައި، ވަޒަންކުރެވޭނެ ގޮތްތައް ގާއިމުކުރުން؛

(ރ) ވިޔަފާރި ހިންގުމާއި، މާލީ ގާބިލުކަމާއި، ހުނަރާއި، ތަޖުރިބާއާއި އެފަދަ އެހެން ކަންކަމުގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރުން؛

(ބ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާނެ މައުލޫމާތު އެއްކޮށް، ބެލެހެއްޓުން؛

(ޅ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީކުރުމުގެ ނިޒާމެއް ގާއިމުކުރުން.

 

ދެވަނަ ބާބު

ވިޔަފާރި ގިންތިކުރުން

3 ވަނަ މާއްދާ - ވިޔަފާރީގެ ގިންތިތައް      

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ވިޔަފާރި ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ގިންތިއަށެވެ.

  1. އެންމެ ކުދި ފަންތީގެ ވިޔަފާރި؛
  2. ކުދި ފަންތީގެ ވިޔަފާރި؛ އަދި
  3. މެދު ފަންތީގެ ވިޔަފާރި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމުގައި އެއްވަގުތެއްގައި ދެ ށަރުތެއް ފުރިހަމަވާންޖެހޭނެއެވެ. އެއީ، މުވައްޒަފުންގެ އަދަދު ވަކި މިންވަރެއްގައި ހުރުމާއި، ލިބޭ އާމްދަނީ ވަކި މިންވަރެއްގައި ހުރުމެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވިޔަފާރި ގިންތިކުރާއިރު، އެއިން ގިންތިއެއްގައި ބަޔާންކުރާ މުވައްޒަފުންގެ އަދަދާއި އާމްދަނީގެ މިންގަނޑަށް ވަކި ވިޔަފާރިއެއް ނުފެތޭނަމަ،
އެ ވިޔަފާރި ގިންތިކުރުމުގައި ބަލާނީ، މުވައްޒަފުންގެ އަދަދަށެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ އުސޫލަށް ބިނާކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ތިން ގިންތި މި ގާނޫނުގެ 4 ވަނަ މާއްދާއިން 6 ވަނަ މާއްދާގެ ނިޔަލަށް އެވަނީއެވެ.

 

4 ވަނަ މާއްދާ - އެންމެ ކުދި ފަންތީގެ ވިޔަފާރި 

އެންމެ ކުދި ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު 6 (ހައެއް) އަށްވުރެ މަދު، އަދި އަހަރެއްގެ މައްޗަށް 500,000 (ފަސް ލައްކަ) ރުފިޔާ އަށްވުރެ ޖުމްލަ އާމްދަނީ އިތުރުނުވާ ވިޔަފާރިތަކަށެވެ.

 

5 ވަނަ މާއްދާ - ކުދި ފަންތީގެ ވިޔަފާރި      

ކުދި ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދު 6 (ހައެއް) އާއި 30 (ތިރީސް) އާ ދެމެދުގެ އަދަދަކަށް ވުމާއެކު، އަހަރެއްގެ މައްޗަށް 500,001 (ފަސް ލައްކަ އެކެއް) ރުފިޔާއާއި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖުމްލަ އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

 

6 ވަނަ މާއްދާ - މެދު ފަންތީގެ ވިޔަފާރި

މެދު ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، ވަޒީފާއަދާކުރާ މުވައްޒަފުންގެ އަދަދު 31 (އެއްތިރީސް) އާއި 100 (ސަތޭކަ) އާ ދެމެދުގެ އަދަދަކަށް ވުމާއެކު، އަހަރެއްގެ މައްޗަށް 5,000,001 (ފަސް މިލިއަން އެކެއް) ރުފިޔާއާއި 20,000,000 (ވިހި މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖުމްލަ އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

 

7 ވަނަ މާއްދާ - ގިންތިތަކުގެ މާނައަށް ބަދަލު ގެނައުން

މި ގާނޫނުގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގައި ބުނެފައިވާ ފައިސާގެ އަދަދުތަކަށް ބަދަލުގެނައުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ބަލާނެ މިންގަނޑުތަކަށް ބަދަލުގެނައުމާއި އެ ވިޔަފާރިތަކުގެ ވަކި ދާއިރާއެއް ވަކި ގިންތިއެއްގެ ބޭނުމަށްޓަކައި ބަދަލުގެނައުން ހިމެނޭގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ގާނޫނުގައި ދެވިފައިވާ މާނައިގައި އެއްވެސް ބަޔަކަށް ބަދަލުގެނައުމަށްޓަކައި ގަވާއިދު ހެދިދާނެއެވެ.

 

8 ވަނަ މާއްދާ - އިނާޔަތް ލިބުމުގެ ށަރުތުތައް       

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިތަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް މަންފާއެއް ނުވަތަ އިނާޔަތެއް ލިބިދެވޭނީ، އެ ވިޔަފާރިއަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއްގެ ގޮތުގައި އެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވުން؛

(ށ) އެ ވިޔަފާރިއަކީ:

  1. ފަރުދަކު ހިންގާ އަމިއްލަ ވިޔަފާރިއެއްނަމަ، ދިވެހި ރައްޔިތެއްގެ ވިޔަފާރިއަކަށްވުން؛
  2. ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ސޮސައިޓީގެ މެންބަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވުން؛
  3. ޕާޓްނަރށިޕަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ޕާޓްނަރށިޕްގައި ހިމެނޭ ޕާޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވުން؛ ނުވަތަ
  4. ކުންފުންޏަކުން ހިންގާ ވިޔަފާރިއެއްނަމަ، އެ ކުންފުނީގައި ހިމެނޭ ހިއްސާދާރުންނަކީ ދިވެހިރައްޔިތުން ކަމުގައިވުން؛

(ނ) އެ ވިޔަފާރިއަކީ އެހެން ވިޔަފާރިއަކުން ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި ކޮންޓްރޯލްކުރާ ވިޔަފާރިއެއްކަމަށްވާނަމަ، އެ ދެވަނަ ވިޔަފާރިއަކީވެސް މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިއެއްގައި ހިމެނޭ ވިޔަފާރިއަކަށްވުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ވިޔަފާރިއަކަށްވުން؛

(ރ) އެ ވިޔަފާރީގެ މިލްކުވެރިކަމުގެ އެއްވެސް ހިއްސާއެއް، އާންމުންނަށް ހިއްސާ ވިއްކުމުގެ އުސޫލުން ދޫކޮށްފައިނުވުން.

 

9 ވަނަ މާއްދާ - އިނާޔަތްލިބޭ ފަރާތްތަކުން ރިޕޯޓު ހުށަހެޅުން       

މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ލިބޭނަމަ، އެ އިނާޔަތެއް ލިބެމުންދާ މުއްދަތުގައި ހިނގާ ކޮންމެ އަހަރަކުމެ، އެ އަހަރުގެ ތެރޭގައި އެ ވިޔަފާރިއަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މައުލޫމާތު އެ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްކަންދޭ ދާއިރާތަކަށް އިނާޔަތްދިނުން ހުއްދަކުރުން          

މި ގާނޫނުގެ އެހެން މާއްދާތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކަށް، އެ ގިންތިތަކުގެ ނިސްބަތުން އިނާޔަތްދިނުމުގައި، ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ، ހާއްސަ ރައްކާތެރިކަމެއް ބޭނުންވާ ބައެއް ވިޔަފާރިތަކަށް، ސަރުކާރުން ވަކި ސިޔާސަތުތަކެއް ކަނޑައަޅައި، ވަކި ޕްރޮގްރާމްތަކެއް ހިންގައި، ވަކި އިނާޔަތްތަކެއް ދީ، ވަކި މަންފާތަކެއް ލިބޭނެ ގޮތް ހަދައިދިނުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

ތިންވަނަ ބާބު

ކައުންސިލު

11 ވަނަ މާއްދާ - ކައުންސިލު އުފެއްދުން     

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި، "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު" ގެ ނަމުގައި، ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކައުންސިލަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގައި ހިމެނޭ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިސްޓަރަށް ލަފާދޭ މައިގަނޑު ފަރާތެވެ.

(ނ) ކައުންސިލަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ކައުންސިލުގެ ރައީސަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރެވެ. ކައުންސިލުގެ މެންބަރުންގެ ތެރެއިން ސިވިލް ސޮސައިޓީ ތަމްސީލުކުރާ މެންބަރަކު ކައުންސިލުގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) ކައުންސިލުގެ ސެކްރެޓޭރިއެޓް ހިނގާނީ މިނިސްޓްރީގައެވެ.

 

12 ވަނަ މާއްދާ - ކައުންސިލުގެ މަސްއޫލިއްޔަތުތައް      

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލްކުރުމަށް މިނިސްޓަރަށް ލަފާއެރުވުމެވެ.

(ށ) ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ގައުމީ އޮނިގަނޑެއް އެކުލަވާލުން؛
  2. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީ ގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުން؛
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން ހިންގާ އެންމެހައި ހަރަކާތްތަކަށް ބަޖެޓު ތައްޔާރުކުރުމާއި، އެގޮތުން ތައްޔާރުކުރާ ބަޖެޓުގައި މި ގާނޫނުގެ ދަށުން އުފައްދާ އިދާރާތަކާއި، މަރުކަޒުތަކާއި، ސްކީމްއާއި، ފަންޑާއި، މި ގާނޫނުގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހިނގާނެ ހަރަދު ހިމެނުން؛
  4. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރޭވޭ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ރޭވޭ ޕްރޮގްރާމްތަކެއް ކަން ކަށަވަރުކުރުން؛
  5. ކަމާބެހޭ މިނިސްޓްރީތަކާއި، ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ފަރާތްތަކުގެ މަށްވަރާއާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވަޒަންކުރުން؛
  6. ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް ހިނގާނުހިނގާ ގޮތް ބަލައި، އެތަންތަނުން ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބެލުން؛
  7. ދަރަނި ނެގުމާއި ފައިސާ ރައްކާކުރުމުގެ ހިދުމަތްތަކާއި، ކެޕިޓަލް މާކެޓްތަކުގައި ބައިވެރިވުމާއި، އެނޫންވެސް މާލީ ހިދުމަތްތައް ހޯދޭނެ ގޮތްތައް އިތުރުކުރުމަށް ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން؛
  8. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް ދިނުމަށް މަސައްކަތްކުރުން؛
  9. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީގެ ގޮތުގައި ފައިސާ ހޯދައި ދިނުމަށް މަސައްކަތްކުރުމާއި އެގޮތުން ދޫކުރެވޭ ފައިސާ ބޭނުންކުރެވެނީ އެންމެ ފައިދާ ހުރި އަދި އެދެވޭ ގޮތުގައިކަން ޔަގީންކުރުމަށްޓަކައި، އެހީ ދޫކުރުމުގެ އުސޫލުތައް ރާވައި، ހިންގައި، މުރާޖައާކުރުން؛
  10. މި ގާނޫނުގެ މަގްސަދުތައް ހާސިލްކުރުމުގައި އެހީތެރިވުމާއި، ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން ދިނުމަށް ކަނޑައެޅިފައިވާ ހިދުމަތްދިނުން ފަދަ ކަންކަމުގައި، ކަމާބެހޭ މިނިސްޓްރީތަކާއެކު މަސައްކަތްކުރުމަށް ޕްރައިވެޓް ސެކްޓަރަށް ހިތްވަރުދިނުމާއި، ޕްރައިވެޓް ސެކްޓަރުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދޭ ޕްރޮގްރާމްތައް ހިންގުން؛
  11. ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ގާނޫނެއްގައިވާ ގޮތުގެމަތިން އިސްކަންދޭ ދާއިރާތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން؛
  12. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިވާފަދަ ފުރިހަމަ އޮނިގަނޑެއްގެ ދަށުން، އެ ވިޔަފާރިތައް ރެގިއުލޭޓްކުރުމަށްޓަކައި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި ހުރަސްތައް މަދު އޮނިގަނޑެއް ގާއިމުކުރުމަށް މަސައްކަތްކުރުން؛
  13. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމުގައި ގުޑް ގަވަރނަންސްގެ އުސޫލުތަކަށް އަހުލުވެރިކުރުވުމަށާއި އަދި އެ އުސޫލުތައް ޕްރޮމޯޓް ކުރުމަށްޓަކައި މަސައްކަތްކުރުން؛
  14. މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑުން ފައިސާ ދޫކުރާ  އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތު ދިރާސާކުރުމަށްޓަކައި އިސްކަންދޭ ދާއިރާތަކަށް އަހަންމިއްޔަތުކަންދީގެން އޮނިގަނޑެއް އެކުލަވާލުން؛
  15. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ބްރޭންޑްތައް އުފެއްދުމުގައާއި، ހިމާޔަތްކުރުމުގައި އެހީތެރިވެދިނުން؛
  16. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ތަރައްގީކުރުމާގުޅޭ ދިރާސާތައްކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފަށައިގަންނަ މިންވަރާއި، ހުއްޓާލާ މިންވަރާއި، ހިނގާ ގޮތާއި، ހަރަކާތްތެރިވާ ދާއިރާތައް އަންގައިދޭ މައުލޫމާތު ށާއިއުކުރުން؛ އަދި
  17.  މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް ބޭނުންވާ ކަންކަމާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ނ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ގާނޫނުގެ މަގްސަދުތަކަށް ރިއާޔަތްކުރަންވާނެއެވެ. އަދި ކައުންސިލުގެ ނިންމުންތައް ނިންމަންވާނީ، މި ގާނޫނުގެ މަގްސަދުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި އެ މަގްސަދުތައް ދިރުވައި، ނެގެހެއްޓޭނެ ގޮތެއްގެމަތިންނެވެ.

 

13 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން         

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު އެކުލެވިގެންވަނީ، އަންނަނިވި 14 (ސާދަ) މެންބަރުންގެ މައްޗަށެވެ.

(ހ) އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛

(ށ) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛

(ނ) ފަތުރުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛

(ރ) މާލީކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛

(ބ) ވަޒީފާއާއި އިންސާނީ ވަސީލަތްތަކާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛

(ޅ) އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ކ) މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(އ) ދަނޑުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ވ) ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(މ) މައުލޫމާތާއި މުވާސަލާތުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ފ) ތިމާވެށީގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ދ) އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛

(ތ) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް؛

(ލ) މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން.

 

14 ވަނަ މާއްދާ - ކައުންސިލު ހިންގުމާބެހޭ ކަންތައްތައް         

ކައުންސިލުގެ ޖަލްސާތައް ބާއްވާނެ މުއްދަތުތަކާއި، އެ ޖަލްސާތައް ކުރިއަށްގެންދާނެ ގޮތާއި، ކައުންސިލަށް ކަންކަން ހުށަހެޅޭނެ ގޮތާއި ކަންކަން ނިންމޭނެ ގޮތާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ކައުންސިލު ހިންގުމުގެ އެހެނިހެން ކަންކަމާގުޅޭ ގަވާއިދު ކައުންސިލުން ހަދަންވާނެއެވެ.

 

15 ވަނަ މާއްދާ - ކައުންސިލުގެ ޖަލްސާ      

ކައުންސިލުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

 

16 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން  

(ހ) ކައުންސިލުގެ ޖަލްސާއެއް ބޭއްވޭނީ ކައުންސިލުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކައުންސިލުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

 

17 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުމާއި އިސްތިއުފާ ދިނުން      

(ހ) މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން، ކައުންސިލުގެ މެންބަރުކަމުގައި ދެމިތިބޭނީ، އެ މީހުން ކައުންސިލުގައި ހިމެނުނު މަގާމުގައި ދެމިތިބޭ މުއްދަތަށެވެ.

(ށ) ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާދެވޭނީ މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން ފިޔަވައި، އެހެން މެންބަރުންނަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާ ދެވިދާނެކަމަށް ބުނެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ހުށަހަޅައި، އިސްތިއުފާގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

18 ވަނަ މާއްދާ - އިނާޔަތްތައް   

މަގާމުގެ ހައިސިއްޔަތުން ކައުންސިލުގައި ހިމެނޭ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް،
އެ މެންބަރުން ހާޒިރުވާ ކޮންމެ ޖަލްސާއަކަށް ފައިސާގެ އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތަށް ފައިސާގެ އިނާޔަތެއްދޭން ކަނޑައަޅައިފިނަމަ، އެ އިނާޔަތެއްގެ މިންވަރު ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

 

19 ވަނަ މާއްދާ - މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމަކުން އެއްކިބާވުން          

(ހ) ކައުންސިލުގެ މެންބަރެއްގެ މަގާމު އަދާކުރުމުގައި އެ ކައުންސިލުގެ އެއްވެސް މެންބަރަކު އޭނާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށް އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. އަދި ޒާތީ މަސްލަހަތު ހިމެނޭ ކަމެއް ނިންމުމުގައި ބައިވެރިވެގެންވެސް ނުވާނެއެވެ.

(ށ) ކައުންސިލުން ނިންމުމަށްޓަކައި މަށްވަރާކުރަމުންދާ ކަމަކީ ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާނަމަ، އެކަން ކައުންސިލުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށްވަރާތަކުން ނުވަތަ އެކަން ނިންމުމުން އެއްކިބާވާންވާނެއެވެ.

 

20 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނެ ހާލަތުތައް           

ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނީ، މެންބަރަކު ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން އިހްތިޔާރުކުރާ ގޮތެއްގެ ސަބަބުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން އަންނަނިވި ކަންކަމުންކުރެ ކަމަކަށް މަގުފަހިވާކަމަކަށް ވާނަމައެވެ.

(ހ) ކައުންސިލުގެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދަލެއްގެ އަގު މަތިވުމަށް ނުވަތަ އެގޮތުގައި އެ އަގު ދެމެހެއްޓުމަށް؛ ނުވަތަ

(ށ) ކައުންސިލުގެ މެންބަރެއްގެ މާލީ ޒިންމާއެއްކަމުގައިވާ ޒިންމާއެއް ނެތިދިޔުމަށް ނުވަތަ
އެ ޒިންމާގެ ނިސްބަތް ކުޑަވެގެން ދިޔުމަށް؛ ނުވަތަ

(ނ) ތިމާއަށް ކުރިން ނެތް މާލީ ހައްގެއް ތިމާއަށް އަލަށް ލިބިދިނުމަށް؛ ނުވަތަ

(ރ) ތިމާއަށް ލިބޭ އާމްދަނީއެއް އިތުރުވެގެންދިޔުމަށް؛ ނުވަތަ

(ބ) ޖަމްއިއްޔާއެއް، ޖަމާއަތެއް، ޓްރޭޑް ޔޫނިއަނެއް، ޕާޓްނަރށިޕެއް ނުވަތަ އެނޫންވެސް އެފަދަ މަސައްކަތެއް ހިނގަމުންދާ ތަނެއްގެ އިސްވެރިޔަކަށްވުމަށް ނުވަތަ ނުފޫޒު ފޯރުވޭފަދަ މަގާމަކަށް އައްޔަންވުމަށް.

 

21 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ނުބެލެވޭނެ ހާލަތުތައް

ކައުންސިލުގެ މެންބަރަކު އޭނާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރަނީކަމުގައި އަންނަނިވި ހާލަތުތަކުގައެއް ނުބެލެވޭނެއެވެ.

(ހ) ކައުންސިލުގެ މެންބަރަކު އަމަލުކުރި ގޮތަކީ އޭގެ ސަބަބުން ވަކި މީހަކަށް ފައިދާވުމަށްވުރެ ބޮޑަށް ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބޭ ކަމަކަށްވުން؛

(ށ) ކައުންސިލުގެ މެންބަރަކަށް ފައިދާއެއްވުމާ އެކުއެކީގައި، އެ ގިންތީގައި ތިބި ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބޭ ކަމަކަށްވުން.

 

20 ވަނަ މާއްދާ - ކައުންސިލުގެ އަހަރީ ރިޕޯޓު        

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ ކައުންސިލު ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީއޮތް މުއްދަތުގައި އެ ކައުންސިލުން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމާފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް ކައުންސިލުން އެކުލަވާލަންވާނެއެވެ. އަދި އެ ރިޕޯޓު، ވިދިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒު

23 ވަނަ މާއްދާ - މަރުކަޒު ގާއިމުކުރުން     

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކެއް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ގާއިމުކުރާނެ ގޮތާއި، އެ މަރުކަޒުތައް ގާއިމުކުރާނެ ތަންތަނާއި، އެ މަރުކަޒާގުޅޭ އެހެނިހެން އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ހިނގަމުންދާނީ، ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި މަސައްކަތްކުރާނީ ސިވިލް ސަރވިސްގެ މުވައްޒަފުން އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް އުސޫލުން އައްޔަން ކުރެވޭ މުވައްޒަފުންނެވެ.

 

24 ވަނަ މާއްދާ - މަރުކަޒުގެ މަސްއޫލިއްޔަތުތައް  

(ހ)  މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

  1. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. ކައުންސިލުން އިސްކަންދޭ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދިނުން؛ އަދި
  3. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުން ހުރި، ވިޔަފާރި ހިންގުމުގެ އާ ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި ހިދުމަތްދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ގާނޫނުގެ މަގްސަދުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - މަސައްކަތުގެ ޕްލޭން      

މަދުވެގެން އަހަރަކު އެއްފަހަރު، ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުގެ މަސައްކަތުގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑެއް ކައުންސިލުން އެކުލަވާލަންވާނެއެވެ.

 

26 ވަނަ މާއްދާ - މަރުކަޒުގެ އަހަރީ ރިޕޯޓު          

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ މަރުކަޒު ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީ އޮތް މުއްދަތުގައި އެ މަރުކަޒުން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމާފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް މަރުކަޒުން އެކުލަވާލަންވާނެއެވެ. އަދި އެ ރިޕޯޓު، ވިދިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މިނިސްޓަރަށާއި ކައުންސިލަށް ފޮނުވަންވާނެއެވެ.

 

27 ވަނަ މާއްދާ - ފީ ނެގުން    

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ނުވަތަ އެހެން ގޮތަކަށް ކައުންސިލުން ކަނޑައަޅާފައިނުވާހާ ހިނދަކު، މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފީއެއް ނެގިދާނެއެވެ.

 

ފަސްވަނަ ބާބު

މާލީ އެހީތެރިކަން ފޯރުކޮށްދިނުން

 

28 ވަނަ މާއްދާ - މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމް ގާއިމުކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމެއް، މިނިސްޓަރު ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކީމް ހިންގާނީ މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު އުފައްދާ ފަންޑު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްކީމް ހިންގާނީ ކައުންސިލުން ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ސްކީމްގެ މަސައްކަތްތަކަށް މިނިސްޓަރު ޒިންމާ އުފުލަންވާނެއެވެ.

 

29 ވަނަ މާއްދާ - ސްކީމްގެ މަގްސަދު

މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމްގެ މަގްސަދަކީ ދަރަންޏަށް ފައިސާ ހޯދުމުގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުމުގައި އެހީތެރިވެދިނުމުގެ ގޮތުން، އެ ވިޔަފާރިތަކަށް ދަރަންޏަށް ފައިސާ ދޫކުރުމާއި، އެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ލުއި އުސޫލުތަކެއް ގެންގުޅުމަށް ބޭންކުތަކަށް ހިތްވަރުދިނުމާއި، އަދި ދަރަންޏަށް ފައިސާ ހޯދުމުގެ ގާބިލުކަން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފްކުރުމެވެ.

 

30 ވަނަ މާއްދާ - ފަންޑު ގާއިމުކުރުން

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ފުރަތަމަ ފާސްކުރާ ދައުލަތުގެ ބަޖެޓު ފާސްކުރާތާ 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ސްކީމްގެ ބޭނުމަށްޓަކައި މިނިސްޓަރު ފަންޑެއް ގާއިމުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ފަންޑުގެ ސިޔާސަތު      

މި ގާނޫނުގެ ދަށުން ފަންޑުން ފައިސާ ދޫކުރުމުގެ ސިޔާސަތު ބިނާވެގެންވަނީ އަންނަނިވި އުސޫލުތަކުގެ މައްޗަށެވެ.

(ހ) ރަހުނު ބެހެއްޓުމަކާ ނުލައި، ނުވަތަ ރަހުނު ބަހައްޓައިގެން، ފަންޑުން ކަނޑައަޅާ ވިޔަފާރިއާ ގުޅުންހުރި ށަރުތުތަކެއްގެ މައްޗަށް ބިނާކޮށް، ފޯރުކޮށްދެވޭ އެހީތެރިކަމަކަށްވުން؛

(ށ) ލިބިގެންވާ ފަންނާއި ހުނަރު ބޭނުންކުރުމުގެ ފުރުސަތު ލިބިފައިނެތް، ނުވަތަ އޭގެ އެންމެ ފުޅާމިނުގައި އެ ފަންނާއި ހުނަރުގެ ބޭނުން ހިފެން ނެތް ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ފަންނާއި ހުނަރު ބޭނުންކުރާނެ ފުރުސަތުތައް ތަނަވަސްކޮށްދިނުން؛

(ނ) ފުދުންތެރި ކަމެއްނެތް ފަރާތަށް، ހަމައެކަނި އެވަގުތަކަށް ބޭނުންވާ އެހީއެއް ފޯރުކޮށްދިނުމަށްވުރެ، އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިވެދީގެން އެގޮތުގައި ފަށާ މަސައްކަތް، ކުރިއަށް ގެންދެވޭނެ ގޮތުގެމަތިން އެ މަސައްކަތް އާލާކޮށް ދެމެހެއްޓޭނެ މަގުފަހިކޮށްދިނުން.

 

32 ވަނަ މާއްދާ - ފަންޑުން ފައިސާ ދޫކުރެވޭނެ ކަންކަން

މި ގާނޫނުގެ ދަށުން، ފަންޑުން ފައިސާ ދޫކުރާނީ، އަންނަނިވި ކަންކަމަށެވެ.

(ހ) ކުރުމަށް ގަސްދުކުރާ ވިޔަފާރިއަކަށް ބޭނުންވާ އިމާރާތެއް އެޅުމަށް، ނުވަތަ ބޮޑުކުރުމަށް، ނުވަތަ މަރާމާތުކުރުމަށް، ނުވަތަ ފުރިހަމަކުރުމަށް، ނުވަތަ ކުރުމަށް ގަސްދުކުރާ ވިޔަފާރިއަކަށް ނުވަތަ މަސައްކަތަކަށް އެތަނެއް ތައްޔާރުކުރުމަށް؛

(ށ) ވިޔަފާރިއަކަށް ބޭނުންވާ މެށިނު ގަތުމަށް، ނުވަތަ ސާމާނު ގަތުމަށް، ނުވަތަ އާލާތް ގަތުމަށް؛

(ނ) ވިޔަފާރީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްޓަކައި އަތުގައި ބަހައްޓަންޖެހޭ ފައިސާ ބެހެއްޓުމަށް؛

(ރ) ވިޔަފާރީގައި އޮތް ދަރަންޏެއް ހަލާސްކުރުމަށް މާލީ އިދާރާއެއް ނުވަތަ ބޭންކެއްގެ ލަފައާއެކު ފައިސާ ދޫކުރުމަށް؛

(ބ) ވިޔަފާރީގެ ވަކިކަމަކާ ގުޅިގެން ހޯދަންޖެހޭ އެއްޗެއް ހޯދުމަށްޓަކައި، ދަރަނީގެ އުސޫލުން،
އެ އެއްޗެއް ލިބެން އޮތް ކަމަށްވާނަމަ، އެ އެއްޗަކަށް އެ އުސޫލުން ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް؛

(ޅ) ކުރަން ގަސްދުކުރާ ވިޔަފާރިއަކާގުޅިގެން ބިމެއް ނުވަތަ ތަނެއް ނުވަތަ އިމާރާތެއް ނުވަތަ އެއްޗެއް ކުއްޔަށް ހިފުމަށް ބޭނުންވާނަމަ، އެކަމެއް ކުރުމަށް؛ އަދި

(ކ) މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކްރެޑިޓް ގެރެންޓީ ސްކީމް ތައާރަފް ކުރުމާއެކު، އެ ސްކީމް ހިންގުމަށް ކައުންސިލުން ނިންމާ އަދަދަކަށް ފައިސާ ދިނުމަށް.

 

33 ވަނަ މާއްދާ - ފައިސާ ދޫކުރެވިދާނެ ގޮތް   

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ފަންޑުން އަންނަނިވި ގޮތްތަކަށް ފައިސާ ދޫކުރެވިދާނެއެވެ.

  1. އެއްވެސް ރަހުނެއް ބެހެއްޓުމަކާ ނުލައި، ފަންޑުން ފައިސާއަށް އެދޭ ފަރާތް ހިމެނޭ ވިޔަފާރީގައި ހިމެނޭ މީހުންގެ ނުވަތަ އިތުބާރުކުރެވޭ އެހެން ފަރާތެއްގެ ޔަގީންކަށަވަރުކަމުގެ މައްޗަށް ފައިސާ ދޫކުރުން؛ ނުވަތަ
  2. ރަހުނު ބަހައްޓައިގެން، ދިގު މުއްދަތަކުން އަދާކުރާގޮތަށް ފައިސާ ދޫކުރުން؛ ނުވަތަ
  3. ކައުންސިލުން ލަފާދޭ އުސޫލެއްގެ މަތިން، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ކްރެޑިޓް ސްކީމަށް ފައިސާ ދޫކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ތަފްސީލު އުސޫލުތައް، މިނިސްޓަރު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ފަންޑުގެ އެއްބަސްވުން     

(ހ) މި ގާނޫނުގެ ދަށުން ފަންޑުން ފައިސާ ދޫކުރުމަށްޓަކައި، ފައިސާއަށް އެދޭ ފަރާތާއި ފަންޑާ ދެމެދު، މި ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި އެއްބަސްވުމުގައި ފައިސާގެ ތަފްސީލާއި، ފައިސާ އަނބުރާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.

 

35 ވަނަ މާއްދާ - އެހެންކަމަކަށް ފައިސާ ބޭނުންނުކުރުން         

މި ގާނޫނުގެ ދަށުން ފަންޑުން ދޫކުރާ ފައިސާއެއް، އެ ފައިސާ ދޫކުރި ބޭނުމަށް ނޫން ކަމަކަށް، އެއްވެސް ހާލެއްގައި، ބޭނުންކޮށްގެންނުވާނެއެވެ.

 

36 ވަނަ މާއްދާ - ފައިސާގެ އަދަދު

މި ގާނޫނުގެ ދަށުން އަމިއްލަ ފަރުދަކަށް ދޫކުރާ ފައިސާގެ އެންމެ ބޮޑު އަދަދު 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ޕާޓްނަރށިޕަކަށް، ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، 1,500,000 (އެއްމިލިއަން ފައްސަތޭކަ ހާސް) ރުފިޔާ އަށްވުރެ އިތުރުވެގެންނުވާނެއެވެ.

 

37 ވަނަ މާއްދާ - ފީ ނެގުން

ފައިސާ ދޫކުރުމަށް ފަންޑުން ފީއެއް ނެގިދާނެއެވެ. އެ ފީއަކީ، ފައިސާ ދޫކުރުމަށްޓަކައި ކުރާ ހަރަދު ހަމަޖެއްސުމުގެ ގޮތުން ފަންޑަށް ނަގާ ފީއެކެވެ.

 

38 ވަނަ މާއްދާ - ޔަގީންކަށަވަރުކަން ދިނުން

(ހ) ފަންޑުން ފައިސާ ދޫކުރާއިރު، ގާނޫނުގައިވާ ގޮތުގެމަތިން އެ ފައިސާ އަނބުރާ ދައްކާނެކަމުގެ ޔަގީންކަށަވަރުކަން ދޭ ފަރާތްތަކުގެ ލިޔުން ފަންޑުން ހޯދަންވާނެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ފަންޑުން ފައިސާ ދޫކުރެވޭ ފަރާތުން އެ ފައިސާ އަނބުރާ ދައްކަންޖެހޭ ގޮތަށް އެ ފައިސާ ނުދައްކައިފި ހިނދެއްގައި، އެ ނުދައްކާ އޮތް ފައިސާގެ އަދަދު ދެއްކުމުގެ ސީދާ ޒިންމާ، މި މާއްދާގެ

(ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޔަގީންކަށަވަރުކަން ދޭ ފަރާތުން އުފުލަންޖެހޭނެއެވެ.

 

39 ވަނަ މާއްދާ - ފަންޑަށް ފައިސާ ޖަމާކުރުން

ތިރީގައި ބަޔާންކޮށްފައިވާ ފައިސާ ފަންޑަށް ޖަމާކުރަންވާނެއެވެ.

(ހ) ދައުލަތުގެ ބަޖެޓުން ފަންޑަށް ދޫކުރާ ފައިސާ؛

(ށ) ސަރުކާރުން ނުވަތަ ލާމަރުކަޒީ އިދާރާއަކުން ނުވަތަ އެހީދޭ ފަރާތަކުން، ނުވަތަ އެހެން ފަރާތަކުން ފަންޑުގެ ބޭނުމަށްޓަކައި އެކި ފަހަރު މަތިން ދޭ ފައިސާ؛

(ނ) ފަންޑުން ދޫކުރާ ފައިސާއާ ގުޅިގެން ނުވަތަ ފަންޑުން ދޭ ހިދުމަތަކާ ގުޅިގެން ނަގާ ފީގެ ފައިސާ؛

(ރ) ފަންޑުގައި ހުރި ފައިސާއިން ކުރާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ؛ އަދި

(ބ) ސްކީމާ ގުޅުންހުރި އެއްވެސް ކަމެއްގެ ސަބަބުން އެއްވެސް ގޮތަކުން ލިބެންޖެހޭ ފައިސާ.

 

40 ވަނަ މާއްދާ - ބަޖެޓުން ފައިސާ ދޫކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންޑުން، މި ގާނޫނުގައިވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށްޓަކައި މަދުވެގެން 50,000,000 (ފަންސާސް މިލިއަން( ރުފިޔާ، ފަންޑަށް ދޫކުރާ ފައިސާގެ ގޮތުގައި، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާގެ އިތުރަށް، ފަންޑު ހިންގުމަށާއި، މި ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން ފަންޑުން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެކަށީގެންވާ ކަމަށް ފެންނަ މިންވަރެއްގެ ފައިސާ ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ފައިސާއަކީ، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ފައިސާއާ ވަކިން ދޫކުރަންޖެހޭ ފައިސާއެކެވެ.

 

41 ވަނަ މާއްދާ - އިދާރީ ހިންގުން 

ސްކީމް އިދާރީގޮތުން ހިނގާނީ މިނިސްޓްރީގެ ވަކި ޔުނިޓެއްގެ ގޮތުގައި އެޑްމިނިސްޓްރޭޓަރެއްގެ ބެލުމުގެ ދަށުންނެވެ.

 

42 ވަނަ މާއްދާ - ސްކީމްގެ އަހަރީ ރިޕޯޓު

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ނުވަތަ ސްކީމް ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީ އޮތް މުއްދަތުގައި ސްކީމާއި ފަންޑު ހިނގާފައިވާ ގޮތުގެ އަހަރީ ރިޕޯޓެއް އެޑްމިނިސްޓްރޭޓަރު އެކުލަވާލައި، ވިދިގެން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މިނިސްޓަރަށާއި ކައުންސިލަށް ފޮނުވަންވާނެއެވެ.

 

ހަވަނަ ބާބު

ރަޖިސްޓަރީކުރުމާއި ދަފްތަރުކުރުން

 

43 ވަނަ މާއްދާ - ރަޖިސްޓަރީކުރުން     

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަން ފަށާ ވިޔަފާރިއަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، އެ ގިންތިތަކުގެ ތެރެއިން ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުން ގެންދާ ވިޔަފާރިތަކުގެ ތެރެއިން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ށަރުތުތައް ފުރިހަމަވާ ވިޔަފާރިތައް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެވެސް އެއް ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ރަޖިސްޓަރީކުރަން އެދި ހުށަހަޅާނީ، މިނިސްޓްރީން ކަނޑައަޅާ ފޯމު މެދުވެރިކޮށް، ރަޖިސްޓްރާރަށެވެ. އަދި އެގޮތަށް އެކަން ކުރުމުގެ ޒިންމާ އުފުލާނީ އެ ވިޔަފާރިއެއްގެ މަސްއޫލުވެރި ފަރާތެވެ.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރަން ހުށަހަޅާއިރު،
އެ ވިޔަފާރިއަކާގުޅޭ އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ވިޔަފާރީގެ ރަޖިސްޓަރީގެ ކޮޕީ؛
  2. ވިޔަފާރީގައި ހިމެނޭ މުވައްޒަފުންގެ އަދަދު؛
  3. އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީ؛ އަދި
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން މައުލޫމާތު.
  5. ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އެ ވިޔަފާރި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ކަން އަންގައިދޭ ލިޔުން.

(ބ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ވިޔަފާރި ތަނެއްގެ މަސްއޫލުވެރި ފަރާތް ކަމަށް ބުނެފައިއެވަނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ކުންފުންޏެއްނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު؛
  2. ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕްގެ ޕާޓްނަރުން؛
  3. ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ، އެ ސޮސައިޓީގެ ހިންގާ ކޮމިޓީ؛ އަދި
  4. އަމިއްލަ ވިޔަފާރިއެއްނަމަ، ވިޔަފާރީގެ މަސްއޫލުވެރިޔާ.

 

44 ވަނަ މާއްދާ – ދަފްތަރު

(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިޔެ ދަފްތަރުކޮށް، ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފްތަރު، އެއްވެސް ފީއަކާ ނުލައި އާންމުންނަން އިންޓަރނެޓްގެ ޒަރީއާއިން ބެލޭނެ އިންތިޒާމް ރަޖިސްޓްރާރ ހަމަޖައްސަންވާނެއެވެ.

 

ހަތްވަނަ ބާބު

މުދަލާއި ހިދުމަތް ބޭނުންކުރުން

 

45 ވަނަ މާއްދާ - ދައުލަތަށް މުދަލާއި ހިދުމަތް ހޯދުން

ބީލަމުގެ އުސޫލުން ސަރުކާރުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ހޯދާ މުދަލާއި ހިދުމަތް ހޯދުމުގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަންތައް ވަޒަންކުރުމުން، ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްފަރާތަށްވުރެ ގިނަފަރާތަށް އެއްވަރަކަށް މާރކްސް ލިބިއްޖެނަމަ، އެފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ހިމެނޭނަމަ، އެފަރާތަކަށް އިސްކަންދޭންވާނެއެވެ.

 

46 ވަނަ މާއްދާ - އަތްތެރި މަސައްކަތުގެ އުފެއްދުންތައް

(ހ) ދިވެހިރާއްޖޭގެ ކޮންމެ ރިޒޯޓެއްގައި ވިއްކާ ނުވަތަ ބޭނުންކުރާ ނުވަތަ ހަދިޔާގެ ގޮތުގައި ދޭ އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ ތެރޭގައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާފައިވާ އުފެއްދުންތައް ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުފެއްދުންތަކަކީ ދިވެހި އުފެއްދުމެއްކަން،
އެ އުފެއްދުންތަކުން އެނގެން ހުންނަންވާނެއެވެ.

 

އަށްވަނަ ބާބު

ވަޒީފާއަދާކުރާ ފަރާތްތަކާގުޅޭ

47 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

މި ގާނޫނުގެ 51 ވަނަ މާއްދާއިން ފެށިގެން 53 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެކެވެ.

 

48 ވަނަ މާއްދާ - ވަޒީފާއާބެހޭ ގާނޫނުގެ މައްޗަށް މި ގާނޫނު ހިނގުން

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެކަންކަމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގައި ހިނގާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކެވެ.

(ށ) މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެކަންކަމާ ގުޅޭގޮތުން އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އުސޫލެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްގެ މައްޗަށް ހިނގާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކެވެ.

 

49 ވަނަ މާއްދާ – އިސްލާހުވުން

މި ގާނޫނުގެ 47 ވަނަ މާއްދާގައި އިށާރާތްކުރާ ހާއްސަ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރުމުން، އެ ހާއްސަ އުސޫލުތަކާ ހިލާފު އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްވާނަމަ، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ފަދައިން ތައާރުޒުވާ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އަމުރެއް ނުވަތަ އުސޫލެއްގެ ތައާރުޒުވާ މިންވަރު، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އިސްލާހުވީއެވެ.

 

50 ވަނަ މާއްދާ - ހާއްސަ އުސޫލުތަކުގެ މަންފާ ލިބޭނެ ފަރާތްތައް

މި ގާނޫނުގެ 51 ވަނަ މާއްދާއިން ފެށިގެން 53 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ ހާއްސަ އުސޫލުތަކުގެ މަންފާ ލިބިދެވޭނީ، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް އެކަންޏެވެ.

 

51 ވަނަ މާއްދާ - ދުވާލެއްގެ މައްޗަށް އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑި

(ހ) ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުން، ވަޒީފާއަދާކުރާ ކޮންމެ ދުވަހަކު އިތުރު 2 (ދޭއް) ގަޑިއިރު މަސައްކަތްކުރުމަށް ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. ނަމަވެސް، އެގޮތުން ވަޒީފާއަދާކުރާ ކޮންމެ ދުވަހަކަށް އިތުރުކުރެވޭ 2 (ދޭއް) ގަޑިއިރަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ އަކުރުގައި ބަޔާންކުރާ 2 (ދޭއް) ގަޑިއިރުގެ އިތުރުން، އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތަށް، ވަޒީފާއާބެހޭ ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރު ގަޑީގައި މަސައްކަތްކުރުވުމަކަށް ހުރަހެއް ނެތެވެ.

 

52 ވަނަ މާއްދާ - އަރާމުކުރުމަށް ވަގުތު ދިނުން

(ހ) ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފައަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި، ވިދިވިދިގެން 6 (ހައެއް) ދުވަހު މަސައްކަތްކުރުމަށްފަހު، ވަޒީފާއަދާކުރާ ފަރާތް އަރާމުކުރުމަށް އޭނާއަށް ދޭންޖެހޭ ދުވަސް ދޭނެގޮތުގެ އުސޫލު ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ށ)  މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ވަޒީފާއަދާކުރާ ފަރާތަށް މެދުކެނޑުމެއް ނެތި ވިދިވިދިގެން އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ 28 (އަށާވީސް) ދުވަހަށެވެ.

 

53 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) ވަޒީފާ އަދާކުރާ ފަރާތަށް ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން އަހަރަކު އެއްފަހަރު ހައްގުވާ އަހަރީ ޗުއްޓީ ހައްގުވާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި، އެ ޗުއްޓީ ބޭނުންކޮށް ނިންމަންވާނެއެވެ. އަދި އެ މުއްދަތު ހަމަވާއިރު، އެ ޗުއްޓީން ބޭނުންނުކުރާ ދުވަހެއް އޮތްކަމުގައިވާނަމަ، އެ ދުވަހެއް ބާތިލުވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހައްގުވާ އަހަރީ ޗުއްޓީއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ

  1. ހައްގުވާ ޗުއްޓީގެ 30 (ތިރީސް) ދުވަސް ގަނޑުކޮށް ޗުއްޓީގެ ގޮތުގައި ބޭނުންކޮށް ނިންމުން؛
  2. ހައްގުވާ ޗުއްޓީ، އަހަރު ދުވަހުގެ މައްޗަށް ބަހާލައިގެން ބޭނުންކުރުން؛
  3. ހައްގުވާ ޗުއްޓީގެ ތެރެއިން ބައެއް، ޗުއްޓީގެ ގޮތުގައި ބޭނުންކޮށް، އެ ޗުއްޓީގެ ތެރޭގައި ހިމެނޭ ބާކީ ދުވަސްތަކަށް ފައިސާގެ އިނާޔަތެއް ލިބިގަތުން؛
  4. ހައްގުވާ ޗުއްޓީ އެކުގައި ދޫކޮށްލައި، އެގޮތުން ދޫކޮށްލާ ދުވަސްތަކަށް ފައިސާގެ އިނާޔަތެއް ލިބިގަތުން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ޗުއްޓީ ނަގަން ފެށުމުގެ 30 (ތިރީސް) ދުވަސް ކުރިން، ޗުއްޓީނަގަން ބޭނުންވާކަން ވަޒީފާދޭ ފަރާތުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި އަހަރީ ޗުއްޓީގެ މުއްދަތު ގުނުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ހައްގުވާ އެހެން ޗުއްޓީގެ ދުވަސްތަކެއް ނުހިމެނޭނެއެވެ.

 

ނުވަވަނަ ބާބު

އާންމު މާއްދާތައް

54 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

55 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) ކައުންސިލުން ހަދަންޖެހޭކަމަށް މި ގާނޫނުގައި ބުނެފައިވާ ގަވާއިދުތައް ހަދައި ހިންގާނީ ކައުންސިލުންނެވެ. އެ ގަވާއިދުތައް މި ގާނޫނުގެ ދަށުން ކައުންސިލު އުފައްދާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ)  މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެހެން ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރެވެ.
އެ ގަވާއިދުތައް، މިގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

56 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، މި ގާނޫނުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނުދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރުކުރުމާއި، މާލީ ކަންކަމާއި، މާކެޓްކުރުމާ ގުޅޭ ހިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީކުރުމާ ގުޅުންހުރި ހިދުމަތްތަކަށެވެ.

(ށ) "މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ކުރިއަށް އޮތް ތަނުގައި އެ ވިޔަފާރިއެއްގައި މަސައްކަތްކުރުމަށް މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ހަދާފައިވާ މުވައްޒަފުން ހިމެނޭ ގޮތަށް، އަދި ހަމައެކަނި ކަނޑައެޅޭ ވަކި ދުވަސްވަރެއްގައި ވަޒީފާއަދާކުރާ މުވައްޒަފުން ނުހިމެނޭ ގޮތަށް، ފުލްޓައިމްކޮށް ވަޒީފާއަދާކުރާ ދާއިމީ މުވައްޒަފުންނަށެވެ.

(ނ) "އަތްތެރި މަސައްކަތުގެ އުފެއްދުންތައް" ކަމަށް ބުނެފައިއެވަނީ، ލަކުޑީގެ އުފެއްދުމާއި، ކުރެހުމާއި، ވިޔެފައިވާ ތަކެއްޗާއި، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަށެވެ.

(ރ) "މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހްސުތަކަށާއި ގާނޫނީ ށަހްސުތަކަށެވެ.

(ބ) "ރަޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ކޮންޕެނީޒް އަށެވެ.

(ޅ) "އިސްކަންދޭ ދާއިރާ" ކަމަށް ބުނެފައިއެވަނީ، ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.

(ކ) "ކައުންސިލު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުފައްދާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށެވެ.

(އ) "ސްކީމް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކްރެޑިޓް ގެރެންޓީ ސްކީމަށެވެ.

(ވ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(މ) "ޖުމްލަ އާމްދަނީ" ކަމަށް ބުނެފައިއެވަނީ، މުދަލާއި ހިދުމަތް ވިއްކައިގެން ލިބޭ ޖުމްލަ އަދަދުން އެއްވެސް ހަރަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އަންނަ ޖުމްލަ އަދަދަށެވެ.

 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-03)
  2. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2014-285)

 

މައި ގާނޫނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު