-

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-09)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ،ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 06/2013) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
 (ށ) މި ގަވާއިދަށް ކިޔާނީ، "ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާބެހޭ ގަވާއިދު" އެވެ

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް، ވިޔަފާރިއަށް ލިބި ފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ވިޔަފާރީގެ ގިންތިތައް

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 06/2013) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިޔަފާރި ބެހިގެންވަނީ އަންނަނިވި 3 (ތިނެއް) ގިންތިއަށެވެ.

(ހ) އެންމެ ކުދި ފަންތީގެ ވިޔަފާރި.

(ށ) ކުދި ފަންތީގެ ވިޔަފާރި.

(ނ) މެދު ފަންތީގެ ވިޔަފާރި.

 

4 ވަނަ މާއްދާ - ވިޔަފާރި ގިންތިކުރުމަށް ބޭނުންވާ މައުލޫމާތު 

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، ވަކި ގިންތިއަކަށް ވިޔަފާރިއެއް ކަނޑައެޅުމުގައި ބަލާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ އަންނަނިވި މައުލޫމާތަށެވެ.

(ހ) އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު.

(ށ) އަހަރަކަށް ލިބޭ އާމްދަނީގެ ޖުމުލަ އަދަދު (ޓޯޓަލް ރެވެނިއު).

(ނ) އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދު (ނެޓް ޕްރޮފިޓް).

 

5 ވަނަ މާއްދާ - ވިޔަފާރި ގިންތިކުރާނެ ގޮތް

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމުގައި ބަލާނީ، އަންނަނިވި ތާވަލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުން އެ ވިޔަފާރިއެއް ނިސްބަތްވާ ވަކި ގިންތިއަކަށެވެ. 

 

 މުވައްޒަފުންގެ އަދަދު މުވައްޒަފުންގެ އަދަދު ޖުމްލަ އާމްދަނީ ސާފު ފައިދާ (ނެޓް ޕްރޮފިޓް)
އެންމެ ކުދި 5 - 0 500،000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް 75،000 (ހަތްދިހަފަސް ހާސް) ރުފިޔާއާ 
ހަމައަށް
ކުދި 30 - 6 500،000 (ފަސްލައްކަ) ރުފިޔާއާއަށްވުރެ މަތި، 5،000،000 (ފަސްމިލިޔަން) ރުފިޔާއާ ހަމައަށް  75،000 (ހަތްދިހަފަސް ހާސް) ރުފިޔާއާއަށްވުރެ މަތި، 750،000  (ހަތްދިހަފަސް ހާސް) ރުފިޔާއާ އަހަމަށް
ކުދި 100 - 31 5،000،000 (ފަސްމިލިޔަން) ރުފިޔާއަށްވުރެ މަތި، 20،0000،000 (ވިހި މިލިޔަން) ރުފިޔާއާ ހަމައަށް.  750،000  (ހަތްދިހަފަސް ހާސް) ރުފިޔާއާށވުރެ މަތި، 3،000،000 (ތިން މިލިޔަން) ރުފިޔާއާ ހަމައަށް

 

(ށ) މި ގަވާއިދުގެ ދަށުން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ގިންތިއެއްގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، ކޮންމެ މިންގަނޑަކަށް އަންނަނިވި ނިސްބަތުން އިސްކަންދޭ އުސޫލުން ރިއާޔަތްކޮށްގެންނެވެ.

  1. މުވައްޒަފުންގެ އަދަދު – %40 (ސާޅީސް އިންސައްތަ)؛
  2. އާމްދަނީގެ ޖުމުލަ އަދަދު – %30 (ތިރީސް އިންސައްތަ)؛
  3. ސާފު ފައިދާގެ އަދަދު – %30 (ތިރީސް އިންސައްތަ).

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނިސްބަތަށް އިސްކަންދެވޭނީ، އަންނަނިވި ފޯމިއުލާ ބޭނުންކޮށްގެން ނުކުންނަ ނަތީޖާއަށް ބަލައިގެންނެވެ.

(ރ)

  1. ފޯމިއުލާގައި E ގެ ގޮތުގައި ބޭނުންކުރާނީ، މި މާއްދާގެ (ބ) ގައި ހިމަނައިފައިވާ ތާވަލުގެ ކޮލަމް (i) "މުވައްޒަފުންގެ އަދަދު" ގައި، އެ ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv) "ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދީފައިވާ އަދަދެވެ.
  2. ފޯމިއުލާގައި T ގެ ގޮތުގައި ބޭނުންކުރާނީ، މި މާއްދާގެ (ބ) ގައި ހިމަނައިފައިވާ ތާވަލުގެ ކޮލަމް (ii) "ޖުމުލަ އާމްދަނީ" ގައި، އެ ވިޔަފާރިއެއްގެ ޖުމުލަ އާމްދަނީގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv) "ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދީފައިވާ އަދަދެވެ.
  3. ފޯމިއުލާގައި P ގެ ގޮތުގައި ބޭނުންކުރާނީ، މި މާއްދާގެ (ބ) ގައި ހިމަނައިފައިވާ ތާވަލުގެ ކޮލަމް (iii) "ސާފު ފައިދާ (ނެޓް ޕްރޮފިޓް)" ގައި،އެ ވިޔަފާރިއެއްގެ ސާފު ފައިދާގެ އަދަދު ނިސްބަތްވާ ރޯގައި ހިމެނޭ ކޮލަމް (iv) "ފޯމިއުލާގައި ބޭނުންކުރާނެ އަދަދު" ގައި ދީފައިވާ އަދަދެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ފޯމިއުލާގައި E އާއި، T އާއި، P ގެ ގޮތުގައި  ބޭނުންކުރާނެ ނަންބަރުތައް، ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި މިވަނީއެވެ.

 

(i) (ii) (iii) (iv)
މުވައްޒަފުންގެ އަދަދު  ޖުމުލަ އާމްދަނީ ސާފު ފައިދާ (ނެޓް ޕްރޮފިޓް) ފޯމިއުލާގައި ބޭނުންކުރާނެ އަދަދު
0-5 0-500،000 0-75،000 1
6-30 5،000،000 - 5،000،001 75،001 - 750،0000 2
31-100 5،00،001 - 20،000،000 750،001 - 3،000،000 3

 

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރުމުން ނުކުންނަ ނަތީޖާއަށް ނިސްބަތްކޮށް، އެ ވިޔަފާރިއެއް ވަކި ގިންތިއަކަށް ކަނޑައެޅުމުގައި ބަލާނީ، ތިރީގައިވާ މިންގަނޑެވެ.

  1. 0 (ސުމެއް) އަށްވުރެ ގިނަ، 1 (އެކެއް) އާ ހަމައަށް ނަމަ، އެންމެ ކުދި ފަންތީގެ ވިޔަފާރި؛
  2. 1 (އެކެއް) އަށްވުރެ ގިނަ، 2 (ދޭއް) އާ ހަމައަށް ނަމަ، ކުދި ފަންތީގެ ވިޔަފާރި؛
  3. (ދޭއް) އަށްވުރެ ގިނަ، 3 (ތިނެއް) އާ ހަމައަށް ނަމަ، މެދު ފަންތީގެ ވިޔަފާރި

 

6 ވަނަ މާއްދާ - ވިޔަފާރި ގިންތިކުރުމަށް އެ ވިޔަފާރިއަކުން ހުށަހެޅުން

ވިޔަފާރި ގިންތިކުރުމަށް އެދި، އެ ވިޔަފާރިއަކުން ހުށަހަޅަން ބޭނުންވެއްޖެ ކޮންމެ އިރެއްގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް business.egov.mv މެދުވެރިކޮށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހެޅިދާނެއެވެ. 

 

7 ވަނަ މާއްދާ - ވިޔަފާރީގެ ގިންތި މިނިސްޓްރީން ކަނޑައެޅުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހާއި، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ތަންފީޛުކުރާ އިދާރާއިން ލިބޭ މައުލޫމާތަށް ބިނާކޮށް، ކޮންމެ އަހަރެއްގެ އޯގަސްޓު މަސް ނިމުމުގެ ކުރިން ވިޔަފާރިތަކަށް ދީފައިވާ ގިންތި މިނިސްޓްރީން މުރާޖައާކޮށް، އެއްވެސް ބަދަލެއް އައިނަމަ، އެ ބަދަލު އެނގޭނެ ގޮތަށް، އެ ވިޔަފާރިއެއްގެ ގިންތި ރިކޯޑު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އަލަށް ފަށާ ވިޔަފާރިތަކުން ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިޔަށް ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ރެޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ވަކި ގިންތިއެއްގައި ރަޖިސްޓަރީކުރަން އެދި ހުށަހަޅާނީ، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް  business.egov.mv މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ރެޖިސްޓްރާރއަށް ލިބުމާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިޔަށް ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއް ނަމަ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވިޔަފާރިއެއް ނިސްބަތްވާ ގިންތިއެއް ކަނޑައަޅައި، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުގައި، ރެޖިސްޓްރާރ އެ ވިޔަފާރިއެއް ގިންތިކޮށް ދަފުތަރު ކުރަންވާނެއެވެ. 

 

9 ވަނަ މާއްދާ - ގިންތި ނުކުރެވޭ ވިޔަފާރިތައް

މި ގަވާއިދުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމުގެ ބޭނުމަށް ޓަކައި، އެއްވެސް ވިޔަފާރިއެއްގެ މުވައްޒަފުންގެ އަދަދު، ނުވަތަ ޖުމުލަ އާމްދަނީގެ އަދަދު، ނުވަތަ ސާފު ފައިދާގެ އަދަދު، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ހިމަ ނައިފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ އެންމެ މަތީ އަދަދަށްވުރެ އިތުރުނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލޭނެ ވިޔަފާރިއެއްކަމަށް ރިކޯޑު ކުރެވޭނެއެވެ.

 

10 ވަނަ މާއްދާ - ވިޔަފާރި ގިންތި އަންގައިދޭ ލިޔުން

ކޮންމެ ވިޔަފާރިއެއް ވެސް ގިންތިކުރުމާއެކު، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާ ޕްރޮފައިލް ށީޓުގައި، އެ ކުންފުންޏެއްގެ ގިންތި ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ - ވިޔަފާރީގެ ދަފުތަރު އާންމުކުރުން

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ކޮބައިކަން އެނގޭނެ ގޮތަށް، ގިންތިކޮށްފައިވާ ކުންފުނިތަކާއި ގިންތިކޮށްފައި ނުވާ ވިޔަފާރިތަކުގެ މައުލޫމާތު، މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ށާއިއު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ގިންތިކުރުން ސައްހަކަމަށް ބެލުން

ގަވާއިދު ނަންބަރު 3/2016 (ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު) ގެ ދަށުން ގިންތިކޮށްފައިވާ ހުރިހާ ވިޔަފާރިއަކުން ވެސް، މި ގަވާއިދުގެ ދަށުން އަލުން ގިންތިކުރުމަށް އެދުމާ ހަމައަށް، ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ގިންތިއަށް ބަދަލެއް ގެނައުމާ ހަމައަށް، ކުރިން ދޫކޮށްފައިވާ ވިޔަފާރި ގިންތި ސައްހަކަމަށް ބެލެވޭނެއެވެ. 

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 06/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު