-

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2013-06) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2022-05)

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 2013-06) އަށް  އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3.(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ވަކި ގިންތިއެއްގައި ވިޔަފާރިއެއް ހިމެނުމުގައި ބަލާނީ، އަންނަނިވި ތާވަލުގައި ބަޔާންކުރާ މިންގަނޑުތަކުން އެ ވިޔަފާރިއެއް ނިސްބަތްވާ ވަކި ގިންތިއަކަށެވެ.

 

ނިިސްބަތްވާ ގިންތި

މުވައްޒަފުންގެ އަދަދު

ޖުމްލަ އާމްދަނީ

ސާފު ފައިދާ (ނެޓް ޕްރޮފިޓް)

އެންމެ ކުދި 5 - 0 1،000،000 (އެއް މިލިއަން)
ރުފިޔާއާ ހަމައަށް
250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއާ ހަމައަށ
ކުދި 30 - 6 1،000،001 (އެއް މިލިއަން އެކެއް)
ރުފިޔާއިން ފެށިގެން 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ހަމައަށް
250،001 (ދެ ލައްކަ ފަންސާސް ހާސް އެކެއް) ރުފިޔާއިން ފެށިގެން 2،500،000 (ދެ މިލިއަން ފަސް ލައްކަ( ރުފިޔާއާ ހަމައަށް
މެދު 100 - 31 10،000،001 (ދިހަ މިލިއަން އެކެއް) ރުފިޔާއިން 30،000،000 (ތިރީސް މިލިއަން) ރުފިޔާއާ ހަމައަށް 2،500،001 (ދެ މިލިއަން ފަސް ލައްކަ އެކެއް) ރުފިޔާއިން ފެށިގެން 5،000،000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3.(ބ) މި ގާނޫނުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމުގެ ބޭނުމަށްޓަކައި، އެއްވެސް ވިޔަފާރިއެއްގެ މުވައްޒަފުންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ އަދަދު ނުވަތަ ސާފު ފައިދާގެ އަދަދުތަކުގެ ތެރެއިން އެއްވެސް 2 (ދޭއް) މިންގަނޑެއްގެ އަދަދުތައް، މި މާއްދާގެ (ނ) ގައި ހިމެނޭ ތާވަލުގައި ބަޔާންކޮށްފައިވާ އެންމެ މަތީ އަދަދުތަކަށްވުރެއިތުރުނަމަ، އެ ވިޔަފާރިއަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އެ މާއްދާގެ (ޅ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުން.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، އެ ފަރާތެއްގެ ޖުމްލަ 3އާމްދަނީ އަހަރަކަށް 30،000،000 (ތިރީސް މިލިއަން) ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ ފަރާތަކީ، އެ އަހަރަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ގިންތިކުރެވޭ ފަރާތެ އްކަމުގައި ނުބެލެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

4.(ހ) (1) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ކޮންމެ އަހަރަކު އެއް ފަހަރު، އެ އަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން؛ ނުވަތަ

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އެ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުން.

4.(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން، އެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުގެ މައުލޫމާތު، ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) އަކީ އެ މާއްދާގެ (ރ) ކަމުގައި ހަމަޖައްސައި، އެ އަކުރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

4.(ރ) ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، 30 ޖުލައި 2022 ގެ ކުރިން، ރަޖިސްޓްރާރ އަލުން ގިންތިކޮށް ދަ ފްތަރުކޮށް، އާންމުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11.(ރ) ކައުންސިލުގެ ރައީސަކީ މަގާމުގެ ހައިސިއްޔަތުން މިނިސްޓަރެވެ. ކައުންސިލުގެ މެންބަރުންގެ ތެރެއިން، މި ގާނޫނުގެ 13 ވަނަ މާއްދާގެ (ބ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ މެންބަރުންގެ ތެރެއިން މެންބަރެއް، ކައުންސިލުގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ހަވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

43-1. އަލަށް ފަށާ ވިޔަފާރިތަކުން ރަޖިސްޓަރީކުރުން 
(ހ) ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު( އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިއަށް ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ރަޖިސްޓަރީކުރުމަށްޓަކައި، ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ގަވާއިދުގައި ބަޔާންކުރާ ފޯމު މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ރަޖިސްޓްރާރަށް ލިބުމާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިއަށް ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއްނަމަ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އެ ވިޔަފާރިއެއް ނިސްބަތްވާ ގިންތިއެއް ކަނޑައަޅައި، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުގައި، ރަޖިސްޓްރާރ އެ ވިޔަފާރިއެއް ގިންތިކޮށް ދަފްތަރުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 1 ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) މި ޖަދުވަލުގެ (2) ވަނަ ނަންބަރުގައިވާ ފޯމިއުލާގައި  T ،އަދި P ގެ ގޮތުގައި ބޭނުންކުރާނެ ނަންބަރުތައް އަންނަނިވި ތާވަލުގައި ބަޔާންކޮށްފައި އެވަނީއެވެ.

(i) (ii) (iii) (iv)
މުވައްޒަފުންގެ އަދަދު ޖުމްލަ އަދަދު ސާފު ފައިދާ (ނެޓް ޕްރޮފިޓް) ފޯމިއުލާގައި ބޭނުންކުރާނެ އަދަދު)
5 - 0 1،000،000 - 0 250،000 - 0 1
6 - 30 10،000،000 - 1،000،001 2،500،000 - 250،001 2
31 - 100 10،000،001 - 30،000،000 5،000،000 - 2،500،001 3

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، 1-43 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 2013-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު