-

އިލެކްށަންސް ކޮމިށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2008-08)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ، ދިވެހިރާއްޖޭގެ  ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ "އިލެކްށަންސް ކޮމިށަން" ގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އިލެކްށަންސް ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

 

2 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

(ހ) މިގާނޫނަށް ކިޔާނީ "އިލެކްށަންސް ކޮމިށަންގެ ގާނޫނު" އެވެ.

(ށ) އިލެކްށަންސް ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް

އިލެކްށަންސް ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއްލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތައްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ބ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަން ކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތައުލީމާއި  ގާބިލްކަން ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

(ޅ) ކޮމިށަންގެ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގާ ފުރިހަމަވާންވާނެއެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛

(ކ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ  މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛

(އ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު

(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5، (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނާއިބުރައީސް އައްޔަންކުރުން

ކޮމިށަނުގެ ރައީސަކާއި، ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިށަނުގެ ރައީސަކާއި، ނައިބު ރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރުގެ ތެރޭގައި  ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރާނީވެސް ކޮމިށަންގެ ރައީސެވެ.

 

9 ވަނަ މާއްދާ - ކޮމިށަނުގެ ނާއިބުރައީސް

ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނާއިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
  2. އިސްތިއުފާ ދިނުމުން؛
  3. މިގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
  4. ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛
  5. މަރުވުމުން؛
  6. ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން؛

(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނާއިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުންނެވެ.

 

11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

(ހ) މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 15 (ފަނަރަ) ދުވަސް ކުރިން، މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަން ވާނެއެވެ.

(ށ) މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައާއި،   (3) ވަނަ ނަންބަރުގައާއި، (4) ވަނަ ނަންބަރުގައާއި، (5) ވަނަ ނަންބަރުގައާއި، (6) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނާއިބުރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް އެމުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

ކޮމިށަންގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.

 

"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކޮމިށަނުގެ މެންބަރަކު އެމަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިއެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތިންނެވެ.

(ހ) މި ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މުސްތަގިއްލު ކޮމިށަންތަކާއި މަގާމުތަކާބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލައްބިޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

 

15 ވަނަ މާއްދާ – އިސްތިއުފާދިނުން

(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ މެންބަރުކަމުން އެމެންބަރަކު ވަކިވީއެވެ.

(ށ) ކޮމިށަނުގެ ރައީސް ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަންބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބު ރައީސް، ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅާ، އެސިޓީ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބު ރައީސް، ނައިބު ރައީސްކަމުގެ މަގާމުން ވަކިވީއެވެ.

(ނ) މިމާއްދާގެ (ށ) ގެ ދަށުން ކޮމިށަންގެ ރައީސް ނުވަތަ ނައިބުރައީސް އެއިން މީހެއްގެ މަގާމުން އިސްތިއުފާ ދިންކަމުގައިވިޔަސް، ކޮމިށަންގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - މުސާރައާއި އިނާޔާތްތައް

(ހ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ކޮމިށަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ މުސާރައާއި އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު  ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

17 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑުތައް

(ހ) ކޮމިށަނުގެ މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައާއި، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކުމެ އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

  1. ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ކަންކަންކުރުން؛
  2. ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
  3. މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
  4. މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
  5. ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ނުވަތަ ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމެއް ގެންގުޅޭ ފަރާތަކަށް ބުރަނުވެ، އެފަދަ ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ހުރެ މުސްތަގިއްލުކަމާއެކު، މެންބަރުންގެ މަސައްކަތް ގާނޫނުއަސާސީ އާއި ގާނޫނާއެއްގޮތަށް ކުރުމާއި ކަންކަން ނިންމުން؛
  6. އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، ތާއީދުކުރުމުގެގޮތުން ނުވަތަ ދެކޮޅުހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުން؛
  7. މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެއެއްވެސް ކަމެއް ނުކުރުމާއި ކޮމިށަންގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެއެއްވެސް ކަމެއް ނުކުރުން؛
  8. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
  9. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތެއް ހާމަނުކުރުން؛
  10. ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރުން؛
  11. ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އެމީހެއްގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދަމަހައްޓަންވާނެއެވެ.

(ށ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް މި މާއްދާގެ  (ހ) އާ ހިލާފަށް ކަމެއްކޮށްފައިވާ ކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެމެންބަރަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ އެކަމެއް އަލުން މުރާޖައާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ކޮމިށަނުގެ މެންބަރެއް ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ށަރުއީ ކޯޓަށް ސާބިތުވެއްޖެނަމަ، އެކަމެއްގައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮމިށަނުން ޒިންމާ އުފުލުމުގެ އިތުރަށް، ގާނޫނާ ހިލާފުވި އެ މެންބަރަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ކޮމިށަންގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފޯރމެޓަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. އަދި ކޮމިށަނަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުމެ، އެމެންބަރެއްގެ މަގާމާ ހަވާލުވުމުގެ ކުރިން، އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. މިގޮތުން އޮޑިޓަރޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ހިމާޔަތް

ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނާއިބު ރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ

ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

 

20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން

(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިށަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު،  އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.

 

21 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިހާބުތަކާއި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްށަނެއް ނެތި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން؛

(ށ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކުރުމާއި، އެރަޖިސްޓްރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި ބެލެހެއްޓުމާއި، އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން؛

(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމާއި އެވޯޓުތަކުގެ ނަތީޖާ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުލާނުކުރުން؛

(ރ) އިންތިހާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީތައް އެކުލަވައިލައި، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެރަޖިސްޓްރީތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް ގާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަމުން ގެންދިޔުން؛

(ބ) ގާނޫނުގައި ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކޮންމެ އިންތިހާބަކާ ގުޅިގެން، އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަމުން ގެންދިޔުން؛

(ޅ) ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިށަނުން ކުރަންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން؛

(ކ) އިންތިހާބުގެ ކަންތައްތައް ހިނގާނޭގޮތާއި، އިންތިހާބުގެ މަގްސަދާ ގުޅޭގޮތުން މައުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން؛

(އ) ގާނޫނުއަސާސީއިންނާއި ގާނޫނުން ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކާބެހޭ އުސޫލުތައް ކަނޑައެޅުން؛

(ވ) ކޮމިށަނުގެ މުވައްޒަފުންނާއި، ކޮމިށަނުން މަސައްކަތް ހަވާލުކުރާ ފަރާތްތައް ތަމްރީނުކުރުން؛

(މ) އިންތިހާބުގައި ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި، އެކަމާގުޅޭ ކަންކަން ރާވައި ހިންގުން؛

(ފ) އިންތިހާބުތައް ހިނގާ ނުހިގާ ގޮތް ބެލުމަށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އަދި ދިވެހިރާއްޖޭގެ އޮބްޒާވަރުން އެކްރެޑިޓްކުރުން؛

(ދ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުން؛ އަދި މިގޮތުން ކޮމިށަނުން ކަނޑައަޅާ ތަންތަނުގައި ވޯޓުފޮށި ބަހައްޓައި ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކޮމިށަނުން އެދޭ އެހީތެރިކަމާއި އެއްބާރުލުން، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ ހަވާލުވެފައިވާ ފަރާތުން ނުދޭނަމަ، އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެފަރާތަކަށް ދިނުމަށްފަހު، ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިށަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ތ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ގާއިމްކުރުން؛

(ލ) ކޮމިށަނުން ހިންގައި ބަލަހައްޓާ ކޮންމެ އިންތިހާބެއް ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަން ނިމުމުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެއިންތިހާބެއްގެ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ރިޕޯޓް އާންމުކޮށް ށާއިއުކުރުން؛

(ގ) ގާނޫނުއަސާސީއާއި އިންތިހާބާބެހޭ ގާނޫނުތަކުގައި ކޮމިށަނުން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި މަސައްކަތްތައް ކުރުން.

 

22 ވަނަ މާއްދާ - އިންތިހާބުތައް ހިންގައި ބަލަހައްޓާނެ ފަރާތް

(ހ) ގާނޫނުއަސާސީއާއި ގާނޫނަކުން ކޮމިށަނުން ހިންގައި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ، ކޮމިށަނުންނާއި ކޮމިށަނުން އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކުންނެވެ.

(ށ) މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި، އިދާރީ ދާއިރާތަކާއި، އިންތިހާބީ ދާއިރާތަކުގައި އިދާރާތައް އުފައްދައި، އެފަދަ އިދާރާތަކަށް ބޭނުންވާ ވަގުތީ އަދި ދާއިމީ މުވައްޒަފުންނަށް ވަޒީފާދިނުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ކޮމިށަނުން ބަލަހައްޓަންޖެހޭ އިންތިހާބުތައް

(ހ) ކޮމިށަނުން ހިންގައި ބަލަހައްޓާ އިންތިހާބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ރިޔާސީ އިންތިހާބު؛
  2. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު؛
  3. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިހާބު؛
  4. ރައްޔިތުންގެ މަޖިލީހަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެގެން ނަގަންޖެހޭ ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓު ނެގުން.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގެ ބައި-އިލެކްށަންސް، ކޮމިށަނުން ހިންގައި ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެހެން ގާނޫނަކުން ކޮމިށަނުން ބަލައި ހިންގުމަށް ކަނޑައަޅާ އިންތިހާބުތައް ކޮމިށަނުން ހިންގައި ބަލަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ - ވޯޓުނެގުމާއި ގުނުން

(ހ) ކޮމިށަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެވެ.

(ށ) ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، ކޮމިށަނުން އެމަރުކަޒެއް ހަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެބައެއްގެ ހާޒިރުގައި އަދި އެވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ގާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެމަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު، ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެމަރުކަޒެއްގައި އިއުލާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - އިންތިހާބާބެހޭ ށަކުވާތައް

ކޮންމެ އިންތިހާބަކާ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅޭގޮތުން ކޮމިށަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިހާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިހާބާބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައިފައިވާ ކަމަށް އެފަރާތަކުން ގަބޫލުކުރާ ކަމަކާމެދު ށަކުވާއެއް އޮތްނަމަ އެށަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

26 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން

(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.

(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.

 

27 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަސްއޫލިއްޔަތުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

28 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.

  1. އިންތިހާބާބެހޭ މައްލޫމާތު؛
  2. އިންތިހާބާބެހޭ ށަކުވާތަކުގެ މައްލޫމާތާއި އެށަކުވާތަކާމެދު އަމަލުކުރެވުނުގޮތުގެ މައުލޫމާތު؛
  3. އިންތިހާބާބެހޭ ހަރަދުގެ ހިސާބުތައް؛
  4. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އައިސްފައިވާ މައިގަނޑު ބަދަލުތައް؛
  5. އިންތިހާބީ ދާއިރާތަކުގެ ނަންތަކަށާއި އިންތަކަށް ގެނެވިފައިވާ ބަދަލުތަކާބެހޭ މައުލޫމާތު؛
  6. މި ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މާލީ ބަޔާން؛
  7. ކޮމިށަނުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލް؛
  8. ސިޔާސީ ޕާޓީގެ ދަފްތަރަށް އަންނަ ބަދަލުތައް؛
  9.  އަދި މިނޫންވެސް ކޮމިށަނުންކޮށްފައިވާ މުހިއްމު މަސައްކަތްތަކާބެހޭ މައުލޫމާތު.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންގެ ނަންތައް ހުށަހެޅުން

(ހ) ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަނެއް އުފައްދައި، ކޮމިށަންގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:

  1. ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
  3. މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ އިލެކްށަންސް ކޮމިށަން

(ހ) ގާނޫނުއަސާސީގެ 276 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 276 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުފައްދާ އިލެކްށަންސް ކޮމިށަންގެ މައްޗަށް މިގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 29 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަން ދެމި އޮންނާނީ، މި ގާނޫނުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އިލެކްށަންސް ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އުފައްދާ އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެނަމަ، އެ ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ގާނޫނުއަސާސީގެ 277 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

31 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަންފަށާނީ، މިގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

32 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަން އުފައްދާތާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 276 ވަނަ މާއްދާގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މިމާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

 

33 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛

"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

"ކޮމިށަން" ކަމަށް ބުނެފައިއެވަނީ، އިލެކްށަންސް ކޮމިށަނަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިލެކްށަންސް ކޮމިށަންގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2008-08)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)
  2. އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރު 2010-06) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު