އިލެކްށަންސް ކޮމިށަންގެ ގާނޫނު
(ކޮންސޮލިޑޭޓެޑް ނަންބަރު 2008-08)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ "އިލެކްށަންސް ކޮމިށަން" ގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އިލެކްށަންސް ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، އިލެކްށަންސް ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.
2 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު
(ހ) މިގާނޫނަށް ކިޔާނީ "އިލެކްށަންސް ކޮމިށަންގެ ގާނޫނު" އެވެ.
(ށ) އިލެކްށަންސް ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް
އިލެކްށަންސް ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
4 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަނުގެ މެންބަރުން އައްޔަންކުރާނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮމިށަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ނ) މިމާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއްލާނުކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ފޮނުވާއިރު، އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން މީހުންގެ ނަންތައްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތައްޓަކައި އެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ބ) ކޮމިށަނުގެ މެންބަރުކަމަށް އައްޔަން ކުރަންވާނީ، ކޮމިށަނުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭ ފަދަ ތައުލީމާއި ގާބިލްކަން ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
(ޅ) ކޮމިށަންގެ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގާ ފުރިހަމަވާންވާނެއެވެ.
5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) އުމުރުން 25 އަހަރު ވެފައިވުން؛
(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
(ކ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކުކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
(އ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
6 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު
(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5، (ފަހެއް) އަހަރު ދުވަހުގެ 1 (އެކެއް) ދައުރެވެ.
(ށ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އިތުރު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނާއިބުރައީސް އައްޔަންކުރުން
ކޮމިށަނުގެ ރައީސަކާއި، ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިށަނުގެ ރައީސަކާއި، ނައިބު ރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.
8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު (އިސްލާހު ކުރެވިފައި)
ކޮމިށަންގެ ރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުށާދުދިނުން؛
(ށ) ކޮމިށަންގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން ފަދަ ކޮމިށަން ހިންގުމާ ގުޅޭ ނިންމުންތައް ނިންމުން؛
(ނ) ކޮމިށަނާއި ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން؛
(ރ) ކޮމިށަންގެ މަށްވަރާގެ މަތިން ކޮމިށަންގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ބ) ކޮމިށަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛ އަދި
(ޅ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން.
9 ވަނަ މާއްދާ - ކޮމިށަނުގެ ނާއިބުރައީސް
ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނާއިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
10 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.
- މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
- އިސްތިއުފާ ދިނުމުން؛
- މިގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛
- މަރުވުމުން؛
- ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން؛
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނާއިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުންނެވެ.
11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން
(ހ) މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 15 (ފަނަރަ) ދުވަސް ކުރިން، މިގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަން ވާނެއެވެ.
(ށ) މިގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައާއި، (3) ވަނަ ނަންބަރުގައާއި، (4) ވަނަ ނަންބަރުގައާއި، (5) ވަނަ ނަންބަރުގައާއި، (6) ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަނުގެ ރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ ނާއިބުރައީސްކަމުގެ މަގާމު، ނުވަތަ ކޮމިށަނުގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުއްދަތު ހަމަވެގެން ކޮމިށަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް އެމުއްދަތު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު (އިސްލާހު ކުރެވިފައި)
ކޮމިށަންގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް މިނިވަންކަމާއި، އަދުލުވެރިކަމާއެކު، އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި އަދާކުރުން؛
(ށ) ކޮމިށަންގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި އަމަލީގޮތުން ގުޅިގެން ބައިވެރިވުން؛
(ނ) ކޮމިށަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މެންބަރަކާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކޮމިށަންގެ ރައީސަށް ލަފާދިނުމާއި އެހީތެރިވެދިނުން؛
(ރ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ މިނިވަންކަމާއި، ނަޒާހަތްތެރިކަމުގެ ހަމަތައް ހިފެހެއްޓުން؛
(ބ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ތެދުނިޔަތުގައި މަސައްކަތްކުރުމާއި، ކޮމިށަންގެ މަގްސަދުތައް ހާސިލުކުރުމަށާއި މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދިނުން.
13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން
ކޮމިށަންގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.
"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ކޮމިށަނުގެ މެންބަރަކު އެމަގާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިއެވާފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތިންނެވެ.
(ހ) މި ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ޚިލާފަށް ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް އުޒުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ މި ޤާނޫނުގެ 9-17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތް މެދުވެރިވެއްޖެނަމަ (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މުސްތަގިއްލު ކޮމިށަންތަކާއި މަގާމުތަކާބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު އެ ކޮމިށަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލައްބިޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
15 ވަނަ މާއްދާ – އިސްތިއުފާދިނުން
(ހ) ކޮމިށަނުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިށަނުގެ މެންބަރުކަމުން އެމެންބަރަކު ވަކިވީއެވެ.
(ށ) ކޮމިށަނުގެ ރައީސް ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަންބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބު ރައީސް، ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅާ، އެސިޓީ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބު ރައީސް، ނައިބު ރައީސްކަމުގެ މަގާމުން ވަކިވީއެވެ.
(ނ) މިމާއްދާގެ (ށ) ގެ ދަށުން ކޮމިށަންގެ ރައީސް ނުވަތަ ނައިބުރައީސް އެއިން މީހެއްގެ މަގާމުން އިސްތިއުފާ ދިންކަމުގައިވިޔަސް، ކޮމިށަންގެ މެންބަރުކަމުން އެމީހަކު އިސްތިއުފާ ދިނީ ކަމުގައެއް ނުބެލެވޭނެއެވެ.
16 ވަނަ މާއްދާ - މުސާރައާއި އިނާޔާތްތައް
(ހ) ކޮމިށަނުގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަނުގެ ރައީސަށާއި ނާއިބުރައީސަށް ދެވޭ މުސާރައާއި އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ކޮމިށަނުގެ މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.
17 ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުން (އިސްލާހު ކުރެވިފައި)
(ހ) ކޮމިށަންގެ ވާޖިބު އަދާކުރުމުގައި، ކޮމިށަންގެ މެންބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެއެވެ.
(ށ) ކޮމިށަންގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަށްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރަން މަސައްކަތްކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަންގެ ހުރިހާ ކަމެއްވެސް ކުރަންވާނީ، ކޮމިށަންގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން، އާންމު މަސްލަހަތަށްޓަކައެވެ.
(ރ) ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރުމަށްޓަކައި، އެކަމެއްގެ ވަގުތުގައި، އެކަމަކާބެހޭ ސައްހަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބިގަނެވޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ.
(ބ) ކޮމިށަންގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިށަންގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިށަންގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިށަންގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮމިށަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިށަނަށް ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވެއެވެ.
17-1 ވަނަ މާއްދާ - ކޮމިށަންގެ ޖަމާޢީ ސުލޫކު (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، ކޮމިށަންގެ ގަދަރާއި ދަރަޖައާއި އަބުރުވެރިކަމަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްގެން ނުވާނެއެވެ.
(ށ) ކޮމިށަންގެ ސިޔާސަތުތަކާއި ކޮމިށަންގެ ނިންމުންތަކާއި ކޮމިށަނުން އަމަލުކުރާގޮތާ ގުޅޭގޮތުން ޖަވާބުދާރީވުމާއި ޒިންމާ އުފުލުމުގެ ވާޖިބު ކޮމިށަންގެ މެންބަރުން އަދާކުރަންވާނީ ހާމަކަންބޮޑު ގޮތެއްގެމަތިންނެވެ.
17-2 ވަނަ މާއްދާ - މެންބަރުންގެ ޒާތީ ސުލޫކު (އިތުރު ކުރެވިފައި)
ކޮމިށަންގެ ކޮންމެ މެންބަރަކުމެ، ފަރުދެއްގެ ހައިސިއްޔަތުންނާއި ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން، ހުރިހާ ހާލަތެއްގައިވެސް، އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) ކޮމިށަންގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރުން.
(ށ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
(ނ) ގާނޫނާ ހިލާފު އަމަލެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ނުކުރުން.
(ރ) ކަނޑައެޅިގެން ވަކި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނުވަތަ އޭނާގެ އަބުރު ނަގާލުމުގެ ނިޔަތުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަގާމުގެ ބޭނުންކޮށްގެން ކަމެއް ނުކުރުން.
(ބ) އާންމު އުސޫލަކުން ކޮންމެ މީހަކަށްވެސް ލިބެންއޮތް ހަދިޔާއެއް ނުވަތަ އެހީއެއް ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް ފިޔަވައި އެނޫން ހަދިޔާއެއް، ނުވަތަ އެހީއެއް، ނުވަތަ މަންފާއެއް ނުވަތަ މެހެމާންދާރީއެއް އެއްވެސް ފަރާތަކުން ނުހޯދުން.
(ޅ) ކޮމިށަންގެ ބައްދަލުވުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ، އެ ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވުން.
17-3 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (އިތުރު ކުރެވިފައި)
(ހ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެހެންގޮތަކަށް އަމަލުކުރަމުން އައިކަމުގައިވީނަމަވެސް، ކޮމިށަންގެ މެންބަރުން މާލީ ހިސާބު ހުށަހެޅުމުގައި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އަމަލުކުރާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކޮމިށަންގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހާ، އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، ކޮމިށަންގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި އަހަރު ކަމަށް މާނަކޮށްފައިއެވަނީ، އެމީހަކު ކޮމިށަންގެ މެންބަރުކަމާ ހަވާލުވާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
(ރ) ކޮމިށަންގެ މެންބަރަކު މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އޭނާ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ)، (ނ)، އަދި (ރ) ގެ ދަށުން ކޮމިށަންގެ މެންބަރެއްގެ މާލީ ހިސާބު ހުށަހަޅާއިރު، އޭނާ އިނދެގެންއުޅޭ މީހާއާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ މާލީ ހިސާބުވެސް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، އޮޑިޓަރ ޖެނެރަލް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ކ) މި މާއްދާގެ ދަށުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާ ކަމަށް އޮޑިޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް އޮޑިޓަރ ޖެނެރަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
17-4 ވަނަ މާއްދާ - އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މެންބަރަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް އަދާކޮށްގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ނުވަތަ ފައިދާއެއް ލިބޭ ފަދަ އެހެން މަގާމެއް ފުރައިގެންނުވާނެއެވެ.
(ށ) ކޮމިށަންގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ށާމިލުވެގެންނުވާނެއެވެ. ނުވަތަ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ކޮމިށަންގެ މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް ކަމުގައިނުވާ ގޮތުން، އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވިޔަފާރިކުރުން ކަމުގައެއް ނުބެލެވޭނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި "ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއަރހޯލްޑަރެއް" ކަމަށް ބަޔާންކޮށްފައިއެވަނީ، ދިވެހިރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ހިއްސާގެ ރައުސުލްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ ގިނަ އަދަދެއްގެ ހިއްސާގެ މައްޗަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބާރު ފޯރުވޭ މަގާމެއްގައި ހުރި ހިއްސާދާރަކަށެވެ.
(ރ) ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން މެނުވީ، ދައުލަތުގެ އެހެން އެއްވެސް ކޮމިށަނެއްގައި، ނުވަތަ ކައުންސިލެއްގައި، ނުވަތަ މަޖިލީހެއްގައި، ނުވަތަ ކޮމިޓީއެއްގައި، ނުވަތަ ބޯޑެއްގައި، ނުވަތަ އެނޫންވެސް ތަނެއްގައި، އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައި ނަމަވެސް، ބައިވެރިވެގެންނުވާނެއެވެ.
(ބ) ކޮމިށަންގެ މެންބަރަކު ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް މަސައްކަތްކޮށްދީގެންނުވާނެއެވެ.
(ޅ) ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ފުށުއަރާފާނެ ބާވަތުގެ މަދަނީ ޖަމާއަތެއްގެ މެންބަރަކަށް ކޮމިށަންގެ މެންބަރަކު ވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކޮމިށަންގެ މެންބަރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް، ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި، އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އާންމުކޮށް ކުއްޔަށްދީއުޅޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއާއި މަސައްކަތުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.
(އ) ކޮމިށަންގެ މެންބަރުކަމުން ވަކިވުމަށްފަހު، ފުރަތަމަ ހިނގާ 12 (ބާރަ) މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން، ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، ކޮމިށަންގެ މެންބަރަކު ކޮށްގެންނުވާނެއެވެ.
17-5 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މެންބަރަކު އަދާކުރަންޖެހޭ ރަސްމީ ވާޖިބާއި އޭނާގެ މަސްލަހަތާ ދެމެދު އެއްވެސް ފުށުއެރުމެއް އުފެދުމަކަށް ފުރުސަތު ދީގެން ނުވާނެއެވެ.
(ށ) ކޮމިށަންގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުންކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ އުސޫލުގައި، ކޮމިށަންގެ މެންބަރަކު އިނދެގެންއުޅޭ މީހާއާއި، އޭނާގެ ދަރިންނާއި، އޭނާ ސީދާ ބަލަހައްޓަމުން ގެންދާ އެހެންމީހުންގެ މަސްލަހަތު ފުށުއެރުމަކީވެސް، އެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން ކަމުގައި ބެލެވޭނެއެވެ.
(ނ) ކޮމިށަނުން ބަލަމުންދާ މައްސަލައެއް ބެލުމުގައި، ކޮމިށަންގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާފާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭނަމަ، އެކަން ކޮމިށަނުގައި ބަޔާންކުރުމަށްފަހު، އެ މައްސަލައެއް ބެލުމުން އޭނާ ތަނާޒުލުވާންވާނެއެވެ. އަދި އެ މައްސަލައެއް ބެލުމުގައި އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. އަދި އެ މައްސަލައެއް ނިންމުމުގައި އެމީހަކު، އޭގެފަހުން އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ.
(ރ) ވަކި މައްސަލައެއް ބެލުމުގައި ނުވަތަ ވަކި ކަމެއް ކުރުމުގައި ވަކި މެންބަރަކު ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ކޮމިށަންގެ ރައީސަށް ގަބޫލުކުރެވޭ ހާލަތެއްގައި ލިޔުމުން ސަބަބު ބަޔާންކުރުމާއެކު އެ މެންބަރަށް އެކަން އެންގުމަށްފަހު، އެ މެންބަރަކު އެ މައްސަލައެއް ބެލުމުން އެކަހެރިކުރެވިދާނެއެވެ.
(ބ) ވަކި މައްސަލައެއް ބެލުމުގައި ކޮމިށަންގެ ރައީސް ބައިވެރިވުމަކީ، މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، ކޮމިށަންގެ ނައިބު ރައީސަށް ލިޔުމުން އެކަން އެންގުމަށްފަހު، އެ މައްސަލައެއް ބެލުމުން، ކޮމިށަންގެ ރައީސް ތަނާޒުލުވާންވާނެއެވެ.
(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް، ކޮމިށަންގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.
(ކ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަންގެ މެންބަރަކު ހިލާފުވުމަކީ، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމުގައި ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
(އ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންވެގެންވާ އުސޫލަކާ ކޮމިށަންގެ މުވައްޒަފަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއްކަމުގައި ބެލެވޭނެއެވެ.
17-6 ވަނަ މާއްދާ - ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މެންބަރުން، އެމީހުންގެ މަގާމުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ.
- ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ، އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ހުއްދަ އަމުރެއް ކުރާ ފަރާތެއްގެ އަމުރަށް ރަސްމީ ވާޖިބު އަދާކުރުމުގައި ތަބާވަމުންދިޔުން.
- ޒާތީ އެއްވެސް ތައައްސުބަކާ ނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި ފަރުވާތެރިވުން.
- ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުއާމަލާތްކުރުން.
- ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ބޭނުމުގައި ބޭނުންނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެން މީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން.
- މި ގާނޫނުގެ 2-17 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ފަރާތެއްގެ އެހީއާއި ޢިނާޔަތާއި މެހެމާންދާރީއާއި ހަދިޔާ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް ނުހޯދުން.
- ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބަށް ހުރަސްއެޅިދާނެ ނުވަތަ އެ ވާޖިބު އަދާކުރުމަށް ފަހުން ދަތިވެދާނެ ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެއްވެސް ކަމެއް ނުކުރުން.
- ތިމާއަށް ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ކޮށްދީފައިވާ ކަމެއްގެ މުގާބިލުގައި، އެހެން ކަމެއް ތިމާ ކޮށްދޭންޖެހުން ލާޒިމުވާ ހާލަތަށް ތިމާ ނުގެންދިޔުން.
- މެންބަރުކަމުގައި ދެމިހުންނައިރު އަދި މެންބަރުކަމުން ވަކިވުމަށްފަހުގައިވެސް، ތިމާގެ މަގާމު އަދާކުރުމުގައި ތިމާއަށް ލިބިފައިވާ މައުލޫމާތުތަކާއި، މައްސަލަތަކާ ގުޅިގެން ލިބޭ ސިއްރު ހިފަހައްޓަންޖެހޭ މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުން.
- ގާނޫނުގައިވާ ގޮތުގެމަތިން، ސައްހަގޮތުގައި އެހެން ފަރާތަކަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމާއި، އެ މައުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ރަސްމީ ވާޖިބު އަދާކުރުމުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ނުރަނގަޅު ނުވަތަ ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހާމަނުކުރުން.
- ކޮމިށަންގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނަ ގާބިލްކަމާއި ތައުލީމީ ފެންވަރު ހުރުން ކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ ބަޔަކަށްވުން ކަމުގައި ބެލުން.
- ސިޔާސީ ބަހުސްތަކުގައި ބައިވެރިނުވުމާއި، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ވަޒީފާގެ ބޭނުންނުކުރުމާއި، ސިޔާސީ ހަރަކާތްތަކަށް ތާއީދުކުރަނީކަން ނުވަތަ ދެކޮޅުހަދަނީކަން ދޭހަވާފަދަ ކަމެއް ނުކުރުމާއި، ސިޔާސީ ނުފޫޒަށް ތިމާ ލެނބޭކަން ދޭހަވާފަދަ އެއްވެސް ކަމެއް ނުކުރުން.
- ކޮމިށަންގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކަށް ހުށަހެޅިދާނެ ހާލަތްތައް އަބަދުމެ ވަޒަންކުރަމުން ދިޔުމާއި، ކޮރަޕްށަނަށް މަގުފަހިނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ އަމަލުތައް ހުންނާނެގޮތަށް، އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ އަހްލާގާއި ކޮމިށަންގެ އިދާރީ އުސޫލުތައް ބައްޓަންކުރަމުން ދިޔުން.
- ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުން ކޮރަޕްށަންގެ އަމަލުތަކުން ދުރުކުރުމަށްޓަކައި ހިންގަންޖެހޭ އުސޫލުތައް ހިންގުމާއި، އެމީހުންނަށް ތައުލީމާއި ތަމްރީނުދިނުމާއި، ނުހައްގު މުއްސަނދިކަމުން ސަލާމަތްވެތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އެމީހުންގެ މާލީ ހާލަތަށް ސަމާލުވެތިބުމާއި، ކޮރަޕްށަނުން ރައްކާތެރިވެގެންވާ ނަމޫނާއެއް ކޮމިށަންގެ މެންބަރުން ދެއްކުން.
- ކޮމިށަންގެ މެންބަރެއް ކަމުގައިވީނަމަވެސް ނުވަތަ މުވައްޒަފެއް ކަމުގައިވީނަމަވެސް، ސުލޫކީ ހަމަތަކާ ހިލާފަށް ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލަން އަންގާނަމަ ނުވަތަ ބާރުއަޅާނަމަ ނުވަތަ މަޖުބޫރުކުރުވާނަމަ، ނުވަތަ މުވައްޒަފުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްއެޅޭފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާނަމަ، ލަސްނުކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށާއި، އެންޓި-ކޮރަޕްށަން ކޮމިށަނަށާއި އަދި ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުން.
- ކޮމިށަނަށް މައްސަލައެއް ހުށަހަޅާ އެއްވެސް މީހަކާމެދު ނުރަނގަޅު ގޮތަކަށް އެއްވެސް ކަމެއް ނުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކަކީ، ކޮމިށަންގެ ރައީސާއި ކޮމިށަންގެ މެންބަރުންނާއި ކޮމިށަންގެ މުވައްޒަފުންގެވެސް ވަޒީފާގެ މައިގަނޑު އެއް އަސާސް ކަމުގައި ބެލެވޭނެއެވެ. އެއީ، ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަދި އޮތް ވަޒީފާގެ އެއްބަސްވުމުގައި އެއިން ކަމެއް ހިމެނިފައިނުވި ނަމަވެސްމެއެވެ. އަދި، އެއިން ކަމަކާ ހިލާފުވުމަކީ، އެމީހަކާމެދު ތައުދީބީ ފިޔަވަޅު އެޅުމުގެ ހާލަތެއް އުފަންވުން ކަމުގައި ބެލެވޭނެއެވެ.
17-7 ވަނަ މާއްދާ - ސިޔާސަތުތައް އެކަށައެޅުން (އިތުރު ކުރެވިފައި)
މި ގާނޫނުގެ 6-17 ވަނަ މާއްދާގައި ބަޔާންވެގެންވާ ހަމަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތަކާއި ތަމްރީނުތަކާއި ހަމަތަކާގުޅޭ ތަފްސީލުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮމިށަނުން އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި އެ ހަމަތަކަށް އަމަލުކުރުމުގައި ކުރުން ހުއްދަވެގެންވަނީ ކޮން ކަމެއްކަން ނުވަތަ މަނާވެގެންވަނީ ކޮން ކަމެއްކަން އެނގޭނެ މިންވަރަށް އެ ހަމަތައް ތަފްސީލުކޮށްދޭންވާނެއެވެ.
17-8 ވަނަ މާއްދާ - ސުލޫކީ ހަމަތަކަށް ތަބާވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މެންބަރުން އެމީހުންގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ އެންމެމަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް، ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކަށް ކޮމިށަންގެ މެންބަރުން ތަބާވުން އެ އަކުރުގެ ދަށުން ލާޒިމުކުރާ ފަދައިން، ކޮމިށަންގެ މުވައްޒަފުންވެސް އެ ސުލޫކީ ހަމަތަކަށް ތަބާވާކަން، ކޮމިށަންގެ ރައީސް ކަށަވަރުކުރަންވާނެއެވެ.
(ނ) ކޮމިށަންގެ މެންބަރުން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި ކޮމިށަންގެ މެންބަރެއްގެ ހައިސިއްޔަތުން ކޮމިށަންގެ މިނިވަންކަމާއި، އަބުރުވެރިކަމާއި، ހަމަހަމަކަމާއި އަހްލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
17-9 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މެންބަރުން ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ކޮމިށަންގެ މެންބަރަކު ހިލާފުވުމަކީ، މި ގާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އޭނާ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި، އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެއެވެ.
(ށ) ކޮމިށަންގެ މެންބަރަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރި ކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަކީ، ޖިނާއީ ދައުވާއެއް އޭނާގެ މައްޗަށް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
(ނ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް ނުވަތަ މުވައްޒަފެއް މި ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތަކާ ހިލާފަށް ކަމެއް ކުރިކަމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާ ހިލާފަށް ކަމެއް ކުރިކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ނުވަތަ އެ މުވައްޒަފަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ ނިންމުމެއް އަލުން މުރާޖައާ ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
17-10 ވަނަ މާއްދާ - ސުލޫކީ ހަމަތަކާ މުވައްޒަފުން ހިލާފުވުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ މުވައްޒަފަކު މި ގާނޫނުގެ 17-6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސުލޫކީ ހަމަތަކުގެ ތެރެއިން ހަމައަކާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި މިންވަރެއްގެ ކުޑަބޮޑު މިނަށް ބަލައި، އެ މުވައްޒަފަކާމެދު ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޮމިށަންގެ މުވައްޒަފުން ސުލޫކާ ހިލާފުވެގެން އެ މުވައްޒަފުންނާމެދު އެޅޭނެ ފިޔަވަޅުތައް، މި ގާނޫނުގެ ދަށުން ހަދާ ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ކޮމިށަންގެ މުވައްޒަފަކު ސުލޫކީ ހަމަތަކާ ހިލާފަށް ކުރިކަމަކީ، އޭގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަންގެ މުވައްޒަފުންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކީ، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫނެވެ.
17-11 ވަނަ މާއްދާ - ކޮމިށަނުން ޖަވާބުދާރީވުން (އިތުރު ކުރެވިފައި)
ކޮމިށަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންވާނެއެވެ. އަދި ކޮމިށަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިށަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީގޮތެއްގައި އެއްބާރުލުން ދޭންވާނެއެވެ.
18 ވަނަ މާއްދާ - ހިމާޔަތް
ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނާއިބު ރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.
19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ
ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން
(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިށަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.
20-1 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓުން (އިތުރު ކުރެވިފައި)
(ހ) ކޮމިށަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ށ) ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ، މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް، ކޮމިށަންގެ މެންބަރަކު ދައްކާ ވާހަކައެއް، އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ، އަދި ބައްދަލުވުމުގައި ކަންހިނގައިދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.
(ނ) ކޮމިށަނުން އެއްވެސް ތަހްގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ، އަކުރުން އަކުރަށް ޔައުމިއްޔާކުރަންވާނެއެވެ. އަދި އެ ތަހްގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
(ރ) ކޮމިށަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި، ކޮމިށަންގެ މެންބަރުންގެ ހާޒިރީއާއި ވޯޓު ދިންގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
(ބ) ކޮމިށަންގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިށަންގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ) އަދި (ނ) ގައި ވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
21 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިހާބުތަކާއި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްށަނެއް ނެތި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން؛
(ށ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކުރުމާއި، އެރަޖިސްޓްރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި ބެލެހެއްޓުމާއި، އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން؛
(ނ) ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމާއި އެވޯޓުތަކުގެ ނަތީޖާ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުލާނުކުރުން؛
(ރ) އިންތިހާބީ ދާއިރާތަކުގައި ތިބި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީތައް އެކުލަވައިލައި، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެރަޖިސްޓްރީތަކަށް ގެންނަންޖެހޭ އުނިއިތުރުގެނެސް ގާނޫނުގައިވާ ގޮތުގެމަތިން ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަމުން ގެންދިޔުން؛
(ބ) ގާނޫނުގައި ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކޮންމެ އިންތިހާބަކާ ގުޅިގެން، އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި، މިކަންކަމަށް ގެނެވޭ ބަދަލުތައް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަމުން ގެންދިޔުން؛
(ޅ) ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިށަނުން ކުރަންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅައިފައިވާ ކަންކަން ކުރުން؛
(ކ) އިންތިހާބުގެ ކަންތައްތައް ހިނގާނޭގޮތާއި، އިންތިހާބުގެ މަގްސަދާ ގުޅޭގޮތުން މައުލޫމާތުދީ، ރައްޔިތުން ހޭލުންތެރިކުރުވުން؛
(އ) ގާނޫނުއަސާސީއިންނާއި ގާނޫނުން ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކާބެހޭ އުސޫލުތައް ކަނޑައެޅުން؛
(ވ) ކޮމިށަނުގެ މުވައްޒަފުންނާއި، ކޮމިށަނުން މަސައްކަތް ހަވާލުކުރާ ފަރާތްތައް ތަމްރީނުކުރުން؛
(މ) އިންތިހާބުގައި ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި، އެކަމާގުޅޭ ކަންކަން ރާވައި ހިންގުން؛
(ފ) އިންތިހާބުތައް ހިނގާ ނުހިގާ ގޮތް ބެލުމަށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އަދި ދިވެހިރާއްޖޭގެ އޮބްޒާވަރުން އެކްރެޑިޓްކުރުން؛
(ދ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަން ކަނޑައެޅުން؛ އަދި މިގޮތުން ކޮމިށަނުން ކަނޑައަޅާ ތަންތަނުގައި ވޯޓުފޮށި ބަހައްޓައި ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކޮމިށަނުން އެދޭ އެހީތެރިކަމާއި އެއްބާރުލުން، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ ހަވާލުވެފައިވާ ފަރާތުން ނުދޭނަމަ، އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެފަރާތަކަށް ދިނުމަށްފަހު، ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮމިށަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ތ) އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ގާއިމްކުރުން؛
(ލ) ކޮމިށަނުން ހިންގައި ބަލަހައްޓާ ކޮންމެ އިންތިހާބެއް ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންކަން ނިމުމުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެއިންތިހާބެއްގެ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ރިޕޯޓް އާންމުކޮށް ށާއިއުކުރުން؛
(ގ) ގާނޫނުއަސާސީއާއި އިންތިހާބާބެހޭ ގާނޫނުތަކުގައި ކޮމިށަނުން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި މަސައްކަތްތައް ކުރުން.
22 ވަނަ މާއްދާ - އިންތިހާބުތައް ހިންގައި ބަލަހައްޓާނެ ފަރާތް
(ހ) ގާނޫނުއަސާސީއާއި ގާނޫނަކުން ކޮމިށަނުން ހިންގައި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ، ކޮމިށަނުންނާއި ކޮމިށަނުން އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކުންނެވެ.
(ށ) މިގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި، އިދާރީ ދާއިރާތަކާއި، އިންތިހާބީ ދާއިރާތަކުގައި އިދާރާތައް އުފައްދައި، އެފަދަ އިދާރާތަކަށް ބޭނުންވާ ވަގުތީ އަދި ދާއިމީ މުވައްޒަފުންނަށް ވަޒީފާދިނުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ކޮމިށަނުން ބަލަހައްޓަންޖެހޭ އިންތިހާބުތައް
(ހ) ކޮމިށަނުން ހިންގައި ބަލަހައްޓާ އިންތިހާބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ރިޔާސީ އިންތިހާބު؛
- ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު؛
- ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ އިންތިހާބު؛
- ރައްޔިތުންގެ މަޖިލީހަށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވެގެން ނަގަންޖެހޭ ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓު ނެގުން.
(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގެ ބައި-އިލެކްށަންސް، ކޮމިށަނުން ހިންގައި ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެހެން ގާނޫނަކުން ކޮމިށަނުން ބަލައި ހިންގުމަށް ކަނޑައަޅާ އިންތިހާބުތައް ކޮމިށަނުން ހިންގައި ބަލަހައްޓަންވާނެއެވެ.
24 ވަނަ މާއްދާ - ވޯޓުނެގުމާއި ގުނުން
(ހ) ކޮމިށަނުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ނަގާނީ ސިއްރު ވޯޓެވެ.
(ށ) ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައިމެ، ކޮމިށަނުން އެމަރުކަޒެއް ހަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތިބިނަމަ، އެބައެއްގެ ހާޒިރުގައި އަދި އެވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ގާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ ހާޒިރުގައި އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެމަރުކަޒަކުން ލިބުނު ވޯޓުގެ އަދަދު، ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ އަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެމަރުކަޒެއްގައި އިއުލާންކުރަންވާނެއެވެ.
25 ވަނަ މާއްދާ - އިންތިހާބާބެހޭ ށަކުވާތައް
ކޮންމެ އިންތިހާބަކާ ނުވަތަ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅޭގޮތުން ކޮމިށަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިހާބެއްގެ ނަތީޖާއަކާމެދު، ނުވަތަ އިންތިހާބާބެހޭ ކަމެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގައިފައިވާ ކަމަށް އެފަރާތަކުން ގަބޫލުކުރާ ކަމަކާމެދު ށަކުވާއެއް އޮތްނަމަ އެށަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
26 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން
(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.
(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.
27 ވަނަ މާއްދާ - މާލީ ކަންކަން
(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަސްއޫލިއްޔަތުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ކޮމިށަނުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 28 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
28 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.
- އިންތިހާބާބެހޭ މައްލޫމާތު؛
- އިންތިހާބާބެހޭ ށަކުވާތަކުގެ މައްލޫމާތާއި އެށަކުވާތަކާމެދު އަމަލުކުރެވުނުގޮތުގެ މައުލޫމާތު؛
- އިންތިހާބާބެހޭ ހަރަދުގެ ހިސާބުތައް؛
- ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އައިސްފައިވާ މައިގަނޑު ބަދަލުތައް؛
- އިންތިހާބީ ދާއިރާތަކުގެ ނަންތަކަށާއި އިންތަކަށް ގެނެވިފައިވާ ބަދަލުތަކާބެހޭ މައުލޫމާތު؛
- މި ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މާލީ ބަޔާން؛
- ކޮމިށަނުގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްސީލް؛
- ސިޔާސީ ޕާޓީގެ ދަފްތަރަށް އަންނަ ބަދަލުތައް؛
- އަދި މިނޫންވެސް ކޮމިށަނުންކޮށްފައިވާ މުހިއްމު މަސައްކަތްތަކާބެހޭ މައުލޫމާތު.
(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
29 ވަނަ މާއްދާ - ކޮމިށަން އެކުލަވާލުމާއި ކޮމިށަނުގެ މެންބަރުންގެ ނަންތައް ހުށަހެޅުން
(ހ) ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިށަނެއް އުފައްދައި، ކޮމިށަންގެ މެންބަރުންނާއި ރައީސާއި ނާއިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކައި:
- ގާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ކޮމިށަނުގައި ހިމަނަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
- މި މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅާ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މަޖިލީހުން ވަކިގޮތެއް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.
- މި މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް މަޖިލީހުން ފާސްނުކޮށްފިނަމަ، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގާ ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައުނަމެއް ނުވަތަ ނަންތަކެއް މަޖިލީހަށް ހުށަހަޅަންވާނެއެވެ.
30 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ އިލެކްށަންސް ކޮމިށަން
(ހ) ގާނޫނުއަސާސީގެ 276 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އައްޔަންކުރާ އިލެކްށަންސް ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 276 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުފައްދާ އިލެކްށަންސް ކޮމިށަންގެ މައްޗަށް މިގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 29 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަން ދެމި އޮންނާނީ، މި ގާނޫނުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، އިލެކްށަންސް ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އުފައްދާ އިލެކްށަންސް ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެނަމަ، އެ ކޮމިށަނަށް މެންބަރުން އައްޔަންކުރާނީ ގާނޫނުއަސާސީގެ 277 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
31 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް
މި ގާނޫނަށް އަމަލުކުރަންފަށާނީ، މިގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
32 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިށަން އުފައްދާތާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 276 ވަނަ މާއްދާގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މިމާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
33 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛
"އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
"ކޮމިށަން" ކަމަށް ބުނެފައިއެވަނީ، އިލެކްށަންސް ކޮމިށަނަށެވެ.
މައި ގާނޫނު
އިލެކްށަންސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2008-08)
މި ގާނޫނަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު