-

އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 18/2010)

 

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފު

މިގަވާއިދަކީ، ގާނޫނު ނަންބަރު 13/2008 ( އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު ) ގެ 36 ވަނަ މާއްދާއިން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ- ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "އެންޓި-ކޮރަޕްށަން ކޮމިށަނުގެ އާންމު ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ - އެކުލެވިގެންވާ ބާބުތައް

މިއީ، 6 (ހައެއް) ބާބުގެ މައްޗަށް އެކުލެވޭ ގަވާއިދެކެވެ. އެބާބުތަކަކީ:

(ހ) އެއްވަނަ ބާބު: މައުލޫމާތު ދިނުމާއި، މައްސަލަ ހުށަހެޅުމާއި، މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން.

(ށ) ދެވަނަ ބާބު: ރިކޯޑާއި މައުލޫމާތަށް އެދުމާއި، ރިކޯޑާއި މައުލޫމާތު ދިނުން.

(ނ) ތިންވަނަ ބާބު: ގާނޫނީވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން.

(ރ) ހަތަރުވަނަ ބާބު: އޯޑިއޯ އަދި ވީޑިއޯ ރިކޯޑުކުރުމާއި ދޫކުރުން.

(ބ) ފަސްވަނަ ބާބު: ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި، ހާޒިރުކުރެވޭ މީހުން އަމަލުކުރަންވީ ގޮތް.

(ޅ) ހަވަނަ ބާބު: ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް.

 

އެއްވަނަ ބާބު

މައުލޫމާތު ދިނުމާއި، މައްސަލަ ހުށަހެޅުމާއި، މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުން

5 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމާއި، މައުލޫމާތު ސާފުކުރުން

އެންޓި-ކޮރަޕްށަން ކޮމިށަނަށް މައުލޫމާތު ދިނުމާއި، މައްސަލަ ހުށަހެޅުމާއި، މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ އެންމެހާ ކަންތައްތައް ކުރާނީ މިބާބުގައިވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

 ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭ ކޮންމެ މައްސަލައެއްވެސް އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހެޅިދާނެއެވެ.

 

7 ވަނަ މާއްދާ -  މައުލޫމާތު ދޭ ފަރާތް ނުވަތަ މައްސަލަ ހުށަހަޅާ ފަރާތް

މިގަވާއިދުގައި ބުނާ މައުލޫމާތު ދޭ ފަރާތަކީ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތަކީ، ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ނުވަތަ ކުށެއް ކުރަމުންދާކަމުގެ މައުލޫމާތާއި ނުވަތަ ކުށެއް ކުރާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ނުވަތަ އެފަދަ ހާދިސާއެއް ހިނގައިގެން އެކަމުގެ މައުލޫމާތު އެންޓި-ކޮރަޕްށަން ކޮމިށަނަށް ދޭ ކޮންމެ ފަރާތެކެވެ.

 

 8 ވަނަ މާއްދާ -  މައްސަލަ ހުށަހެޅޭނެ ތަން

މައްސަލަ ހުށަހަޅަންވާނީ އެންޓި-ކޮރަޕްށަން ކޮމިށަނަށެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް

އެންޓި-ކޮރަޕްށަން ކޮމިށަނަށް މައްސަލަ ހުށަހެޅުމަށް ތިރީގައިމިވާ ގޮތްގޮތް ބޭނުންކުރެވިދާނެއެވެ.

(ހ) ފޯނުން

(ށ) ލިޔުމުން

(ނ) ފެކްސްއިން

(ރ) އީ-މެއިލްއިން

(ބ) އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވެ

(ޅ) އެންޓި-ކޮރަޕްށަން ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށް

 

10 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު

(ހ) އެންޓި-ކޮރަޕްށަން ކޮމިށަނުން ބަލާނީ، އެމައްސަލައެއް ކޮމިށަނަށް ހުށަހަޅާއިރު، އެކަމެއް ހިނގިތާ 10 (ދިހައެއް) އަހަރު ހަމަނުވާ މައްސަލަތަކެވެ.

(ށ) މިމާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެމުއްދަތުގައި މައްސަލަ ހުށަހެޅިފައިނުވާ ސަބަބު ބަޔާންކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެސަބަބަކީ މަގްބޫލު ސަބަބެއްކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެކަަމަށް ރިއާޔަތްކޮށް، އަދި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، އެމައްސަލައެއް ބަލައިގަތުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތަށް ޖަވާބުދިނުން

އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން ބަލަން ކަނޑައަޅާ މައްސަލަތަކާއި، ކޮމިށަނުން ބަލަން ނުފެންނަކަމަށް ކަނޑައަޅާ މައްސަލަތަކުގައި އެމައްސަލައެއް ހުށަހެޅިފަރާތް އެނގޭނަމަ، އެމައްސަލައެއް ބަލަން ކަނޑައެޅިކަން ނުވަތަ ނޫންކަން އެމައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - ސިޓީއާއި ލިޔުންތަކަށް ޖަވާބުދިނުން

އެކިއެކި ކަންކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްޓަކައި އާންމު ފަރާތްތަކުން އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހަޅާ ސިޓީތަކާއި ލިޔުންތަކުގެ ޖަވާބު، އެސިޓީއެއް ނުވަތަ އެލިޔުމެއް ކޮމިށަނަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ސިޓީ ނުވަތަ ލިޔުން ފޮނުވި ފަރާތަށް، ލިޔުމުން ދޭންވާނެއެވެ. މަތީގައި ބަޔާންކުރެވުނު 10 (ދިހައެއް) ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސް ނުހިމަނައެވެ. މިފަދަ ސިޓީތަކުގެ ޖަވާބު އެންޓި-ކޮރަޕްށަން ކޮމިށަނުން ދޫކުރާނީ ރަސްމީ ގަޑީގައެވެ. މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް ޖަވާބު ދިނުން މިމާއްދާއިން އިސްތިސްނާވާނެއެވެ.

 

13 ވަނަ މާއްދާ - މައްސަލައާގުޅޭ މަައުލޫމާތު ސާފުކޮށްދިނުން

އެންޓި-ކޮރަޕްށަން ކޮމިށަނުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އެމައްސަލައާ ގުޅުން ހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން އެދުން ނަމަވެސް، އެމައުލޫމާތު ދިނުމުން ތަހްގީގަށް ހުރަސްއެޅިދާނެކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެމައުލޫމާތެއް ހާމަނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތް އެންގުމާއި، ރިޕޯޓް ދޫކުރުން

އެންޓި-ކޮރަޕްށަން ކޮމިށަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، އެމައްސަލައާބެހޭ ރިޕޯޓެއް ހޯދުމަށް އެމައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެނަމަ، އެރިޕޯޓް އެފަރާތަށް ދޭންވާނެއެވެ. އަދި އެމައްސަލައިގައި ޒިންމާ އުފުލަންޖެހޭކަމަށް ކޮމިށަނަށް ފާހަގަކުރެވޭ ކޮންމެ ފަރާތަކަށް އެރިޕޯޓުގެ ކޮޕީއެއް ކޮމިށަނުން ދޭންވާނެެއެވެ.

 

15 ވަނަ މާއްދާ

މިގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓް ހޯދުމަށް ހުށަހަޅަންވާނީ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "އެންޓި-ކޮރަޕްށަން ކޮމިށަނުން ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދޭ ފޯމް"ންނެވެ. (އެފޯމު އެންޓި-ކޮރަޕްށަން ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އެދި ކޮމިށަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ދެވަނަ ބާބު

ރިކޯޑާއި މައުލޫމާތަށް އެދުމާއި، ރިކޯޑާއި މައުލޫމާތު ދިނުން

16 ވަނަ މާއްދާ - ކޮމިށަނުން މަައުލޫމާތު ދޭނެ ކަންތައްތައް

މިގަވާއިދުގެ ދަށުން އެންޓި-ކޮރަޕްށަން ކޮމިށަނުން ދޭން ހަމަޖެހިފައިވާ މައުލޫމާތުތައް ތިރީގައި މިވަނީއެވެ.

(ހ) ކޮމިށަނުން ބަލާ މައްސަލަތަކުގެ ތެރެއިން ނިމިފައިވާ މައްސަލަތައް ނިމިފައިވާ ގޮތުގެ މައުލޫމާތު. (ކޮމިށަނުން ބަލާ މައްސަލައެއް ނިމުނުކަމަށް ބަލާނީ، އެމައްސަލައެއް ކޮމިށަނުން ތަހްގީގުކޮށް މައްސަލައާމެދު ކޮމިށަނުން ގޮތެއް ނިންމުމުންނެވެ.)

(ށ) ކޮމިށަނުން ހިންގާ ޕްރިވެންށަން ޕްރޮގްރާމުގެ ދަށުން އޯޑިޓްކުރެވޭ ތަންތަން އޯޑިޓްކުރުމަށްފަހު، ފާހަގަކުރެވޭ ކަންތައްތަކުގެ މައޫލޫމާތާއި، އެކަންތައްތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު.

(ނ) ކޮރަޕްށަނާ ބެހޭގޮތުން ސަރުކާރުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު.

(ރ)  ކޮރަޕްށަނާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު.

(ބ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބު.

(ޅ) ކޮމިށަނުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ކޮމިށަނުގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، ކޮމިށަނުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު.

(ކ) ކޮމިށަނުން ކުރާ މަސައްކަތްތަކާ ގުޅިގެން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ބެހޭ މައުލޫމާތު.

(އ) ކޮމިށަނުން ހިންގާ މަށްރޫއުތަކާ ބެހޭ މައުލޫމާތު.

(ވ) ކޮމިށަނުން ކުރާ އެކިއެކި ދިރާސާތަކާ ބެހޭ މައުލޫމާތާއި، އެ ދިރާސާތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު.

(މ) ކޮމިށަނުގެ މަސައްކަތްތަކާ ގުޅިގެން ހާމަކުރުން ކޮމިށަނުގެ މެންބަރުންނަށް ފެންނަ މައުލޫމާތު.

 

17 ވަނަ މާއްދާ - ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުން

(ހ) ކޮމިށަނުން ރިކޯޑާއި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅަންވާނީ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "އެންޓި-ކޮރަޕްށަން ކޮމިށަނުން ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދޭ ފޯމު"ންނެވެ. (އެފޯމު އެންޓި-ކޮރަޕްށަން ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިށަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

(ށ) ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަނުވާނަމަ، އެމައުލޫމާތު ފުރިހަމަކުރުމަށް މައުލޫމާތު ހޯދަން އެދުނު ފަރާތަށް ފުރުސަތު ދެވޭނެއެވެ. އަދި މައުލޫމާތު ހޯދަން އެދުނު ފަރާތުން އެމައުލޫމާތު ފުރިހަމަކުރަން އިންކާރުކުރާނަމަ، އެހުށަހެޅުން ގަބޫލުނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ރިކޯޑު ނުވަތަ މައުލޫމާތު ހޯދަން ހުށަހަޅާމީހާގެ ޒާތީ މައުލޫމާތުތަކާއި ރައްޔިތުންގެ އާންމުފައިދާ ހިމެނިގެންވާ ކަމަކާ ގުޅޭ މައުލޫމާތުތައް ފިޔަވައި، އެހެން ރިކޯޑެއް ނުވަތަ އެހެން މައުލޫމާތެއް ދޫކުރެވޭނީ، ކޮމިށަނުން ކަނޑައަޅާ އަގެއް ދެއްކުމުންނެވެ.

(ރ) ރިކޯޑެއް ނުވަތަ މައުލޫމާތެއް ހޯދުމަށް އެދުމުން، ދޫކުރަންޖެހޭ ރިކޯޑަކީ ނުވަތަ މައުލޫމާތަކީ، ތިންވަނަމީހެއްގެ ޒާތީ މައުލޫމާތު އެކުލެވިގެންވާ ރިކޯޑަކަށް ނުވަތަ މައުލޫމާތަކަށް ވާނަމަ، އެ ރިކޯޑު ނުވަތަ އެމައުލޫމާތު ދޫކުރުމަށް އެ ތިންވަނަމީހާ އިއުތިރާޒް ނުކުރާކަމުގެ ލިޔުމެއް، އެ ރިކޯޑެއް ނުވަތަ އެމައުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާފަރާތުން ހުށަހަޅަން ވާނެެއެވެ. ނަމަވެސް އެ ތިންވަނަމީހާ މަރުވެފައިވާނަމަ، ނުވަތަ އެ ތިންވަނަމީހާ ތަސައްރަފު ނުފުދޭފަދަ ހާލަތަކަށް އައިސްފައިވާނަމަ، އެމީހާގެ ގާނޫނީ ނުވަތަ ށަރުއީ ބަލަދުވެރިޔަކު އެދިއްޖެ ހިނދެއްގައި އެ ރިކޯޑެއް ނުވަތަ އެމައުލޫމާތެއް ދޫކުރެވިދާނެއެވެ. ތަސައްރަފު ނުފުދޭފަދަ ހާލަތަކަށް އެމީހާ އައިސްފައިވާކަމަށް ބަލާނީ، އެކަން ބަޔާންކުރާ މެޑިކަލްރިޕޯޓެއް ކޮމިށަނަށް ހުށަހެޅުމުންނެވެ.

 

18 ވަނަ މާއްދާ - ރިކޯޑާއި މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު

އަންނަނިވި ހާލަތްތަކުގައި ރިކޯޑު ނުވަތަ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ރިކޯޑަކަށް ނުވަތަ މައުލޫމާތަކަށް ވުން.

(ށ) އާންމުކޮށް ބޭނުންފަރާތަކުން ބެލެން ހުންނަ ރިކޯޑާއި މައުލޫމާތު.

(ނ) އެމައުލޫމާތެއް ދިނުމުން، ކޮމިށަނުން ތަހްގީގު ކުރަމުންދާ މައްސަލައެއްގެ ތަހްގީގަށް ހުރަސް އެޅިދާނެކަމަށް ކޮމިށަނަށް ފެންނަ މައުލޫމާތު.

(ރ) އާންމު އުސޫލުން ގަންނަން ލިބޭގޮތަށް ހުންނަ ރިކޯޑާއި މައުލޫމާތާއި ލިޔުންތައް.

 

19 ވަނަ މައްދާ - ރިކޯޑާއި މައުލޫމާތު ދިނުން ފަސްކުރުމުގެ އިހްތިޔާރު

އަންނަނިވި ހާލަތްތަކުގައި ރިކޯޑެއް ނުވަތަ މައުލޫމާތެއް ދިނުން ފަސްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) އެރިކޯޑަކީ ނުވަތަ އެމައުލޫމާތަކީ، މިގަވާއިދުގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އާންމުކޮށް ށާއިއުކުރަންޖެހޭ ރިކޯޑަކަށް ނުވަތަ މައުލޫމާތަކަށް ވެފައި، އެކަން ކުރަންޖެހޭ ވަގުތު އަދި އައިސްފައި ނުވުން.

(ށ) އެރިކޯޑަކީ ނުވަތަ އެމައުލޫމާތަކީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ރިކޯޑަކަށް ނުވަތަ މައުލޫމާތަކަށް ވެފައި، އެ ރިކޯޑު ނުވަތަ އެމައުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.

(ނ) އެރިކޯޑަކީ ނުވަތަ އެމައުލޫމާތަކީ، ގާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭގޮތުން ނުވަތަ ކުރިއަށް ރާވާފައިވާ ކަމަކާ ގުޅޭގޮތުން ވަކި ފަރާތަކަށް ހުށަހަޅަންޖެހޭ ރިކޯޑަކަށް ނުވަތަ މައުލޫމާތަކަށް ވެފައި، އެފަރާތަކަށް އެ ރިކޯޑު ނުވަތަ އެމައުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.

 

20 ވަނަ މާއްދާ

މައުލޫމާތު ހޯދުމަށް ނުވަތަ ރިކޯޑު ސާފުކުރުމަށް އެދުނު ފަރާތަކަށް، މިގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެގެން އެމައުލޫމާތެއް ނުވަތަ އެރިކޯޑެއް އެވަގުތު ދެވެން ނެތްނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް އެމައުލޫމާތެއް ނުވަތަ އެރިކޯޑެއް ދެވޭނެކަމަށް ލަފާކުރެވޭ މުއްދަތެއް އެފަރާތަކަށް އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ރިކޯޑާއި މައުލޫމާތު ރަނގަޅުކޮށްދިނުން

(ހ) އެއްވެސް ފަރާތަކާ ބެހޭގޮތުން ކޮމިށަނުން ދިން ރިކޯޑެއްގައި ނުވަތަ މައުލޫމާތެއްގައި ރަނގަޅުނޫން މައުލޫމާތު ހިމެނިފައިވާކަމަށް ފެނިގެން އެކަން ރަނގަޅުކޮށްދިނުމަށް އެފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި، އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އެއީ ރަނގަޅުކުރަންޖެހޭ މައުލޫމާތެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އެރިކޯޑެއް ނުވަތަ އެމައުލޫމާތެއް ރަނގަޅުކޮށްދެވޭނެއެވެ. އަދި އެކަން ލިޔުމަކުން އެފަރާތަކަށް އަންގަންވާނެއެވެ.

(ށ) ކޮމިށަނުގައިވާ ރިކޯޑެއް ނުވަތަ މައުލޫމާތެއް ރަނގަޅުކޮށްދިނުމަށް އެދި އެކަމާބެހޭ ފަރާތަކުން ހުށަހެޅިކަމުގައިވިޔަސް، އަންނަނިވި ހާލަތްތަކުގައި އެކަން ނުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. އެރިކޯޑަކީ ނުވަތަ އެމައޫލޫމާތަކީ، ފުރިހަމަ، ރަނގަޅު އަދި އޭގެ އަސާސީ އެއްވެސްކަމެއް އޮޅިގެން ނުދާނޭގޮތަށް ހުރި ރިކޯޑެއްކަން ނުވަތަ މައުލޫމާތެއްކަން ކޮމިށަނަށް ކަށަވަރުވުން.
  2. ރިކޯޑު ނުވަތަ މައޫލޫމާތު ރަނގަޅުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅެމުގައި ތެދުނޫން ނުވަތަ އޮޅިގެން ހިނގައިދާފަދަ މައުލޫމާތު ހިމެނިގެންވާކަމަށް ކޮމިށަނަށް ކަށަވަރުވުން.
  3. ރަނގަޅުކޮށްދިނުމަށް އެދޭ ރިކޯޑު ނުވަތަ މައުލޫމާތު ރަނގަޅުކޮށްދެވޭނީ، ވަކި ގާނޫނެއްގައިވާ ވަކި އުސޫލަކުން އަމަލުކުރުމުންކަމަށް ކަނޑައެޅިފައިވުމާއެކު، އެގޮތަށް އަމަލުކޮށްފައި ނުވުން.

 

22 ވަނަ މާއްދާ - މައުލޫމާތު ހާމަނުކުރުން

ތިރީގައިވާ މައުލޫމާތު މީޑިޔާއަށް ހާމަނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ގާނޫނާ ހިލާފަށް މީހަކު އަމަލެއް ކޮށްފިކަަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު.

(ށ) ކޮމިށަނަށް މައުލޫމާތު ދޭ ފަރާތް ސިއްރުކުރަންޖެހޭފަދަ މައުލޫމާތު.

(ނ) އެމައުލޫމާތެއް ހާމަކުރުމުން އެކަމާގުޅޭ އިތުރު މައުލޫމާތު ކޮމިށަނަށް ނުލިބިދާނެފަދަ މައުލޫމާތު.

(ރ) ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒު ކުރުމުގައި ހިފަހައްޓަންޖެހޭ ސިއްރު މައުލޫމާތު.

(ބ) މީހެއްގެ ނަފްސަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުމެއްލިބިދާނެ މައުލޫމާތު.

(ޅ) ހިނގަމުންދާ ށަރީއަތަކަށް ހުރަސްއެޅިދާނެ މައުލޫމާތު.

(ކ) ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ އަމަލުތައް ތަހްގީގު ކުރުމަށްޓަކައި ނުވަތަ އެފަދަ ކަންކަމާ ގުޅޭގޮތުން މުއާމަލާތު ކުރުމަށްޓަކައި ހެދިފައިވާ ސައްހަ އުސޫލުތަކަށް އަމަލު ނުކުރެވިދާނެފަދަ މައުލޫމާތު.

(އ) އަމަންއާންމާއި އާންމުމަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހުރަސްއެޅޭފަދަ މައުލޫމާތު.

(ވ) އިމާރާތެއްގެ ނުވަތަ ތަނެއްގެ ނުވަތަ ފުރާދުއްވާ އުޅަނދެއްގެ ރައްކާތެރިކަމަށްް ގެއްލުން ލިބިދާނެ ކަމަށް ގަބޫލުކުރެވޭ މައުލޫމާތު.

(މ) ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހަކު ފިލުމަށް ފަސޭހަވާފަދަ މައުލޫމާތު.

 

23 ވަނަ މާއްދާ -  މީޑިޔާއަށް މައުލޫމާތު ދިނުން

 ކޮމިށަނުން މީޑިޔާއަށް މައުލޫމާތު ދިނުމުގައި ތިރީގައިވާ ވަސީލަތްތަކުގެ ތެރެއިނަ ވަސީލަތެއް ބޭނުންކުރެވިދާނެއެވެ.

(ހ) ޕްރެސް ކޮންފަރެންސް

(ށ) ފެކްސް

(ނ) އީ-މެއިލް

(ރ) ވެބްސައިޓް

(ބ) ފޯނު

(ޅ) އިންޓަވިއު

(ކ) ނޫސްބަޔާން

 

ތިންވަނަ ބާބު

ގާނޫނީވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

24 ވަނަ މާއްދާ - ގާނޫނީވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު

(ހ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ، ކޮމިށަނުން ތަހްގީގުކުރާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކާ ސުވާލުކުރަން ފެށުމުގެ ކުރިން، ތަހްގީގުގައި ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންތޯ ސުވާލުކޮށް، ބޭނުންކަމަށް ބުނާނަމަ، އެފަރާތަކަށް އެފުރުސަތު ދޭންވާނެއެވެ. ތަހްގީގު ފެށުމުގައި ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންނޫންކަމުގައި ބުނެފައި، ތަހްގީގު ފެށުމަށްފަހު ގާނޫނޫވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެފަރާތަކަށް އެފުރުސަތު ދޭންވާނެއެވެ.

(ށ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ، ކޮމިށަނުން ތަހްގީގުކުރާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްކަމުގައި ނުވިޔަސް، ތަހްގީގުގައި ގާނޫނީވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެފަރާތަކުން އެދިއްޖެ ހިނދެއްގައި އެފަރާތަކަށް އެފުރުސަތު ދޭންވާނެއެވެ.

 

25 ވަނަ މާއްދާ

(ހ) ތަހްގީގުގައި ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންވާ ފަރާތަށް ގާނޫނީވަކީލަކު އަައްޔަންކުރުމަށް ފުރަތަމަފަހަރު 7 (ހަތެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ. 7 (ހަތެއް) ދުވަހުގެ ތެރޭގައި ގާނޫނީވަކީލަކު ނުލިބިގެން ދެވަނަ ފުރަސަތަކަށް އެދިއްޖެނަމަ، 3 (ތިނެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނޫވަކީލަކު ހުށަނާޅައިފިނަމަ ބެލެވޭނީ، އެފަރާތުން ގާނޫނީވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދޫކޮށްލީ ކަމުގައެވެ. މިމާއްދާގައި ބަޔާންކުރެވިފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) މާލެއިން ބޭރުގައި ތަހްގީގުކުރާ މައްސަލަތަކުގައި، ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުން ކަމުގައި ބުނުމާއެކު، ތަހްގީގު ހިނދަމުންދާ ރަށުން ގާނޫނީވަކީލަކު ލިބެން ނެތްކަމަށް ބުނާނަމަ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މާލެއަށް ހާޒިރުކޮށް، މިމާއްދާ (ހ) ގައިވާ ގޮތުގެ މަތިން ގާނޫނީވަކީލަކު ހޯދުމުގެ ފުރުސަތު އެފަރާތަށް ދޭންވާނެއެވެ.

 

26 ވަނަ މާއްދާ

މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުން ތަހްގީގުގައި ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުން ނުވާކަމަށް ބުނެފިނަމަ، ވަކީލަކު އައްޔަންކުރަން ފުރުސަތު އެފަރާތަށް ދިންކަމަށާއި، އެފަރާތުން ވަކީލަކު އައްޔަންކުރަން ބޭނުންނުވާ ސަބަބު ލިޔެ، އެލިޔުމުގައި އެފަރާތް ލައްވައި ސޮއިކުރުވަންވާނެއެވެ.

 

27 ވަނަ މާއްދާ

(ހ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން، އެފަރާތުން އައްޔަންކުރާ ގާނޫނީވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެފަރާތަކަށް އެފުރުސަތު ދޭންވާނެއެވެ. މިގޮތުން، އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތަށް އެދިއްޖެނަމަ، އެފުރުސަތުތައްވެސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފުރުސަތު ދެވޭނީ ތަހްގީގުގައި ކުރެވެމުންދާ ސުވާލުތައް މެދުކަނޑާލައިގެން ކަމަށް ވާނަމަ، އެފަދަ ފުރުސަތު ނުދިނުމުގެ އިހްތިޔާރު ތަހްގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން އެއްވެސް ބަޔާނެއްގައި ސޮއިކުރުމުގެ ކުރިން އެފަރާތުގެ ގާނޫނީވަކީލާ އެކަހެރިކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، ތަހްގީގުކުރާ ފަރާތުން އެފުރުސަތު ދޭންވާނެއެވެ.

 

28 ވަނަ މާއްދާ

(ހ) ގާނޫނީވަކީލުކަން ގަބޫލުކުރިކަމަށް ހުށަހަޅާފައިވާ ލިޔުމުގައިވާ ފަރާތަކީ، ދިވެހިރާއްޖޭގައި ގާނޫނީވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. އެއީ އެފަދަ ފަރާތަކަށް ނުވާނަމަ، އެމައްސަލައިގެ ގާނޫނީވަކީލެއްގެ ގޮތުގައި އެފަރާތް ގަބޫލުކުރެވެން ނެތްކަން އެފަރާތަށާއި އެފަރާތް އައްޔަންކުރި ފަރާތަށް ކޮމިށަނުން އަންގަންވާނެއެވެ.

(ށ) މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީވަކީލެއްގެ ގޮތުގައި އައްޔަންކުރެވިފައިވާ ފަރާތެއް، އެމައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ގާނޫނީވަކީލެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭނެއެވެ.

 

29 ވަނަ މާއްދާ - ގާނޫނީވަކީލު އައްޔަންކުރުމަށް އެދި ހުށަހަޅާ ލިޔުން

(ހ) ކުށެއްގެ ތުހުމަތުގައިވާ ފަރާތުން ނުވަތަ ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން ތަހްގީގުގައި ގާނޫނީވަކީލެއްގެ އެހީ ބޭނުންވާނަމަ، އެކަމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ގާނޫނީވަކީލަކު އައްޔަންކުރުމަށް އެދި ހުށަހަޅާ ފޯމު"ންނެވެ.(އެފޯމު ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިށަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

(ށ) ކުށެއްގެ ތުހުމަތުގައިވާ ފަރާތުން ނުވަތަ ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން އައްޔަންކުރަނީ އެއްވަކީލަށް ވުރެ ގިނަ ވަކީލުން ކަމަށް ވާނަމަ، މައްސަލައާ ގުޅޭގޮތުން ކޮމިށަނުން ގާނޫނީވަކީލަށް އަންގަންޖެހޭ އެންގުންތައް އަންގާނެ ކޮންމެވެސް އެއްވަކީލަކު އައްޔަންކޮށް ކޮމިށަނަށް އަންގަންވާނެއެވެ.

 

30 ވަނަ މާއްދާ - ގާނޫނީވަކީލު ހާޒިރުވުމަށް ވަގުތުދިނުން

(ހ) ހިނގަމުންދާ ތަހްގީގެއްގައި ސުވާލުކުރެވޭ ފަރާތާ ސުވާލުކުރުމަށް ބޭނުންވާ ވަގުތުގެ 12 (ބާރަ) ގަޑިއިރުގެ ކުރިން، އައްޔަންކުރެވިފައިވާ ގާނޫނީވަކީލު ހާޒިރުވާންޖެހޭ ތަނަކާއި ގަޑިއެއް ކޮމިށަނުން އެވަކީލަކަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބުނެފައިވީ ނަމަވެސް ތަހްގީގުކުރަން ބޭނުންވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެންމެހާ ހާލަތްތަކަށް ރިއާޔަތްކޮށް ތަހްގީގު ފެށުމުގެ 5 (ފަހެއް) ގަޑިއިރަށްވުރެ ލަސްނުކޮށް އެވަކީލަކަށް ހާޒިރުވާންޖެހޭ ތަނަކާއި ގަޑިއެއް ކޮމިށަނުން އެންގިދާނެއެވެ.

(ނ) މިމާއްދާގެ (ހ) ނުވަތަ (ށ) ގައިވާ ގޮތުގެ މަތިން ކޮމިށަނުން ގާނޫނީވަކީލަށް އަންގާފައިވަނިކޮށް ގާނޫނީވަކީލު ހާޒިރުނުވެއްޖެނަމަ، ގާނޫނީވަކީލުގެ އައިރުހާޒިރުގައި ތަހްގީގު ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ތަހްގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުގެ ގާނޫނީވަކީލު، އޭނާގެ މުވައްކިލުގެ ތަހްގީގު އޮންނާނޭ ދުވަހަކާއި ގަޑި އޮޅުންފިލުވުމަށް އެދިއްޖެނަމަ، ކޮމިށަނުން އެވަކީލަކަށް އެ މައުލޫމާތު ދޭންވާނެއެވެ.

(ބ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން އައްޔަންކުރާ ގާނޫނީވަކީލަށް އަންގަންޖެހޭ މައުލޫމާތު، އެފަރާތާ ގުޅޭނެކަމަށް އެފަރާތުން ކޮމިށަނަށް ދީފައިވާ އެޑްރެހެށް ނުވަތަ ފެކްސް ނަންބަރަކަށް ނުވަތަ އީ-މެއިލް އެޑްރެހަކަށް ކޮމިށަނުން ފޮނުވަމުން، އެ މައުލޫމާތު އެންގުނީކަމަށް ބެލެވޭނެއެވެ.

 

31 ވަނަ މާއްދާ - ގާނޫނީވަކީލު، ކުރުން މަނާ ކަންތައްތައް

ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކާ ކޮމިށަނުގެ ފަރާތުން ތަހްގީގުގައި ސުވާލުކުރަމުން ދަނިކޮށް، މިގަވާއިދުގައިވާ ގޮތުގެ މަތިން އައްޔަންކޮށްފައިވާ ގާނޫނީވަކީލަކު، ތިރީގައިމިވާ ކަންތައްތައްކުގެ ތެރެއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތާ ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް ގާނޫނީވަކީލު ޖަވާބުދިނުން.

(ށ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތާ ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް ދޭންވީ ޖަވާބު ލިޔުމަކުން ދިނުން، ނުވަތަ ހަރަކާތަކުން ނުވަތަ އިށާރާތަކުން އެންގުން.

(ނ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަށް، ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ ގޮތުގެ މަތިން ކޮމިށަނުން އެންގުމުން، އެއެންގުމަކާ އިދިކޮޅަށް ނަސޭހަތްތެރިވުން.

 

32 ވަނަ މާއްދާ

މިގަވާއިދުގައިވާ ގޮތުގެ މަތިން އައްޔަންކޮށްފައިވާ ގާނޫނީވަކީލަކު މިގަވާއިދުގެ 31 ވަނަ މާއްދާގައި ބުނެފައިވާ ކަމެއް ކޮށްފިނަމަ، އެގާނޫނީވަކީލަކު ތަހްގީގުން ބޭރުކުރުމުގެ އިހްތިޔާރު ތަހްގީގުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާއަކަށް މައްސަލަ ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ

މިގަވާއިދުގައިވާ ގޮތުގެ މަތިން އައްޔަންކުރެވޭ ގާނޫނީވަކީލަކު، ތަހްގީގުގައި ސުވާލުކުރެވޭ ފަރާތާއެކު ތަހްގީގުކުރާ ފަރާތުން ބާއްވާ ބައްދަލުކުރުންތަކުގައި، ތަހްގީގުކުރާ ފަރާތާމެދު ސުލޫކު ބަހައްޓަންވާނީ އަހްލާގީގޮތުން އެދެވިގެންވާ ގޮތަކަށެވެ. އަދި ގާނޫނީވަކީލުގެ ފަރާތުން އެއްވެސް ބާވަތެއްގެ ނުފޫޒެއް ތަހްގީގަށް ފޯރިވައިގެން ނުވާނެއެވެ.

 

34 ވަނަ މާއްދާ

ތަހްގީގުގައި ސުވާލުކުރެވޭ ފަރާތުން އައްޔަންކޮށްގެން ތަހްގީގުން ހާޒިރުވާ ގާނޫނީވަކީލަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، އެފަދަ އެހީ ހޯދުމަކީ އެވަކީލެއްގެ ޒިންމާއެކެވެ.

 

35 ވަނަ މާއްދާ

ތަހްގީގުގައި ދެކެވޭ އެއްވެސް ވާހަކައެއް، ތަހްގީގުކުރާ ފަރާތުންވެސް، އަދި ތަހްގީގުގައި ސުވާލުކުރެވޭފަރާތް ނުވަތަ އެފަރާތުން އައްޔަންކުރާ ގާނޫނީވަކީލުވެސް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ، އިތުރު އެހެން މީހަކަށް ނުވަތަ އެހެން ފަރާތަކަށް ހާމަކޮށް، މިކަމާބެހޭ އެއްވެސް މައުލޫމާތެއް އެހެން މީހަކަށް ނުވަތަ އެހެން ފަރާތަކަށް ދީގެން ނުވާނެއެވެ.

 

ހަތަރުވަނަ ބާބު

އޯޑިއޯ އަދި ވީޑިއޯ ރިކޯޑުކުރުމާއި ދޫކުރުން

36 ވަނަ މާއްދާ - ރިކޯޑުކުރެވޭނެ އިންޓަވިއުތައް

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ފަރާތުން ތަހްގީގުކުރާ މައްސަލަތަކާ ގުޅިގެން ހޯދާ ނުވަތަ ކުރާ އިންޓަރވިއުތަކުގެ އަޑު ރިކޯޑުކުރަން ވާނެއެވެ. މީގެ އިތުރުން، އެންޓި-ކޮރަޕްށަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އިންޓަވިއުގެ ވީޑިއޯ ރިކޯޑު ކުރެވިދާނެއެވެ.

 

37 ވަނަ މާއްދާ -  ރިކޯޑުކުރުމަށް ހުރަހެއް އެޅުން

އިންޓަވިއު ރިކޯޑުކުރުމުން ދަނިކޮށް ރިކޯޑުކުރުމަށް ހުރަސްއެޅޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އިންޓަވިއު ކުރިއަށް ނުގެންގޮސް ހުއްޓާލަންވާނެއެވެ.

 

38 ވަނަ މާއްދާ - ރިކޯޑިންގ ބެލެހެއްޓުން

އެންޓި-ކޮރަޕްށަން ކޮމިށަނުން ހޯދާ ނުވަތަ ކުރާ އިންޓަވިއުތަކުގެ ރިކޯޑިންގ ބޭނުންކުރެވޭގޮތަށް ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

 

39 ވަނަ މާއްދާ - ރިކޯޑިންގ ދޫކުރުން

(ހ) ކޮމިށަނުން ބަލަމުންދާ މައްސަލައިގެ ތަހްގީގު ނިމި، މައްސަލައާމެދު ކޮމިށަނުން ގޮތެއް ނިންމުމުން، އެމައްސަލައިގައި ސުވާލުކުރެވުނު ފަރާތަކުން އެދިއްޖެނަމަ، އެފަރާތަކާ ކުރެވުނު އިންޓަވިއުތަކުގެ އޯޑިއޯ ރިކޯޑިންގ އެފަރާތަކަށް ދޫކުރެވޭނެއެވެ. މިރިކޯޑިންގ ދޫކުރެވޭނީ ކޮމިށަނުން ކަނޑައަޅާ ފީއެއް ކޮމިށަނަށް ދެއްކުމުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޯޑިއޯ ރިކޯޑިންގ ހޯދުމަށް ހުށަހަޅަންވާނީ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ "އެންޓި-ކޮރަޕްށަން ކޮމިށަނުން ރިކޯޑާއި މައުލޫމާތު ހޯދުމަށް އެދޭ ފޯމު"ންނެވެ.(އެފޯމު އެންޓި-ކޮރަޕްށަން ކޮމިށަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިށަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

(ނ) އެއްވެސް ހާލަތެއް މެދުވެރިވެގެން، އެދިފައިވާ ރިކޯޑިންގއެއް ދެވެން ނެތްނަމަ، އެރިކޯޑިންގއެއް ދެވެންނެތް ސަބަބު އެރިކޯޑިންގއަށް އެދުން ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.


ފަސްވަނަ ބާބު

ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި، ހާޒިރުކުރެވޭ މީހުން އަމަލުކުރަންވީ ގޮތް


40 ވަނަ މާއްދާ - މީހުން ހާޒިރުކުރުން

އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުކުރާނީ، ކޮމިށަނަށް މައްސަލަ ހުށަހަޅާ މީހުންނާއި، ކޮމިށަނުން ބަލާ މައްސަލަތައް ރައްދުވާ މީހުންނާއި، މައްސަލަތަކާ ގުޅިގެން ހެކިބަސް ހޯދުމަށްޓަކައި ހާޒިރުކުރަން ބޭނުންވާ މީހުންނާއި، ކޮމިށަނުން ނިންމާ މައްސަލަތަކާ ގުޅިގެން އެކިއެކި އެންގުންތައް އެންގުމަށްޓަކައި ހާޒިރުކުރަން ބޭނުންވާ މީހުންނެވެ.

 

41 ވަނަ މާއްދާ

އެންޓި-ކޮރަޕްށަން ކޮމިށަނަށް މީހުން ހާޒިރުކުރުމުގައި، ހާޒިރުކުރަން ބޭނުންވާ މީހާއަށް ޗިޓް ފޮނުވައިގެންނާއި، ފޯނުން ގުޅައިގެންނާއި، ހާޒިރުކުރަން ބޭނުންވާ މީހުންނާ ބައްދަލުކޮށްގެންނާއި، އެކިފަރާތްތައް މެދުވެރިކޮށްގެން މީހުން ހާޒިރުކުރެވިދާނެއެވެ.


42 ވަނަ  މާއްދާ - ޗިޓް ފޮނުވައިގެން މީހުން ހާޒިރުކުރުން

(ހ) ޗިޓް ފޮނުވައިގެން މީހުން ހާޒިރުކުރާއިރު، ވަކިގަޑިއަކަށް އައުމަށް އަންގާ ޗިޓެއް، އެމީހާއަށް ނުވަތަ އެމީހަކު އުޅޭ އެޑްރެހަކަށް ރައްދުކުރެވޭއެވެ.

(ށ) ހާޒިރުކުރެވޭ ފަރާތް ހާޒިރުވާންޖެހޭ ގަޑީގެ އެންމެ މަދުވެގެން 12 (ބާރަ) ގަޑިއިރު ކުރިން ޗިޓް ފޮނުވަންވާނެއެވެ.

(ނ) މަގްބޫލު އުޒުރެއް ނެތްނަމަ، އެންޓި-ކޮރަޕްށަން ކޮމިށަނުގެ ޗިޓްގައިވާ ގަޑިއަށް، ޗިޓް ލިބޭ ފަރާތުން ހާޒިރުވާންވާނެއެވެ. މަގްބޫލު އުޒުރެއް އޮވެގެން ޗިޓްގައިވާ ގަޑިއަށް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވާންޖެހޭ ގަޑީގެ ލަސްވެގެން ބައިގަޑިއިރު ކުރިން، ސަބަބު ބަޔާންކޮށް، ލިޔުމަކުން އެކަން ކޮމިށަނަށް އަންގަންވާނެއެވެ.

(ރ) އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވުމަށްފަހު، ކޮމިށަނަށް ހާޒިރުވުމަށް އަންގާ ޗިޓް، ކޮމިށަނުގެ ކަމާބެހޭ މުވައްޒަފަކާ ލަސްނުކޮށް ހަވާލުކުރަންވާނެއެވެ. ކޮމިށަނަށް ހާޒިރުވެ، ކޮމިށަނުގެ ކަމާބެހޭ މުވައްޒަފަކާ ޗިޓް ހަވާލުކުރުމަށްފަހު، ކޮމިށަނުގެ ހުއްދަނެތި ކޮމިށަނުގެ އިދާރާއިން ބޭރަށް ދިޔުމަކީ މަނާކަމެކެވެ.

(ބ) އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވުމަށް ޗިޓް ފޮނުވޭ މީހަކު ބަލިވެގެން ސަލާމް ފޮނުވަން ޖެހިއްޖެ ހިނދެއްގައި ސަލާމް ފޮނުވަންވާނީ، ސަރުކާރުން ގަބޫލުކުރާފަދަ މެޑިކަލް ސެޓްފިކެޓަކާ އެކުގައެވެ.

(ޅ) އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވުމަށް ފޮނުވާ ޗިޓްގައި، މަގްބޫލު އުޒުރެއްނެތި ފުރަތަމަފަހަރު ނުހިފައިފިނަމަ، ނުވަތަ ކޮމިށަނަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވެ 30 (ތިރީސް) މިނެޓަށްވުރެ ލަސްވެއްޖެނަމަ، އެމީހަކު 75 ރުފިޔާ (ހަތްދިހަ ފަސްރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. މިޖޫރިމަނާގެ ފައިސާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްށަން ކޮމިށަނަށް ދައްކަންވާނެއެވެ. 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތަށް ހުށަހެޅޭނެއެވެ.

(ކ) ކޮމިށަނުން ތަހްގީގުކުރާ މައްސަލައަކީ ގުޅިގެން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ މީހަކަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުން، އެއް މައްސަލައެއްގައި ވިދިވިދިގެން ދެފަހަރު މަގްބޫލު އުޒުރެއްނެތި ޗިޓްގައި ނުހިފައިފިނަމަ، ނުވަތަ ކޮމިށަނަށް ހާޒިރުނުވެއްޖެނަމަ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެމީހަކު އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުކުރެވޭނެއެވެ. އަދި އެމީހަކާމެދު ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.


43 ވަނަ މާއްދާ -  ފޯނުން ގުޅައިގެން ނުވަތަ ބައްދަލުކޮށްގެން މީހުން ހާޒިރުކުރުން

(ހ) ފޯނުން ގުޅައިގެން ނުވަތަ އެމީހަކާ ބައްދަލުކޮށްގެން އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވާން އެންގުމުން ހާޒިރުނުވެއްޖެނަމަ، ހާޒިރުވުމަށް އަންގާ ޗިޓް އެމީހަކަށް ފޮނުވޭނެއެވެ.

(ށ) ފޯނުން ގުޅައިގެން ނުވަތަ އެމީހަކާ ބައްދަލުކޮށްގެން ކޮމިށަނަށް ހާޒިރުވުމަށް އަންގާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އެނގޭނެ ރަސްމީލިޔުމެއް ގެންނަން އަންގަންވާނެއެވެ.

(ނ) ފޯނުން ގުޅައިގެން ނުވަތަ އެމީހަކާ ބައްދަލުކޮށްގެން ކޮމިށަނަށް ހާޒިރުވުމަށް އެންގޭ މީހުން ކޮމިށަނަށް ހާޒިރުވުމަށްފަހު، ލަސްނުކޮށް ކޮމިށަނުގެ މުވައްޒަފަކާ ބައްދަލުކޮށް، ކޮމިށަނަށް ހާޒިރުވިކަން އަންގަންވާނެއެވެ. ކޮމިށަނަށް ހާޒިރުވެ، ކޮމިށަނުގެ މުވައްޒަފަކާ ބައްދަލުވެ، ކޮމިށަނަށް ހާޒިރުވިކަން އެންގުމަށްފަހު، ކޮމިށަނުގެ ހުއްދަނެތި ކޮމިށަނުގެ އިދާރާއިން ބޭރަށް ދިޔުމަކީ މަނާކަމެކެވެ.

 

44 ވަނަ މާއްދާ - އެކިފަރާތްތައް މެދުވެރިކޮށްގެން މީހުން ހާޒިރުކުރުން

(ހ) އެންޓި-ކޮރަޕްށަން ކޮމިށަނުން ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރުގެ އެހެން އޮފީހެއް ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއެއް ނުވަތަ އަމިއްލަފަރާތެއް މެދުވެރިކޮށް ކޮމިށަނަށް ހާޒިރުވުމުގެ އަމުރު މީހަކަށް ރައްދުކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހާޒިރުކުރެވޭ މީހުންވެސް މިގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.


45 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުން ހާޒިރުކުރުން

ބަންދުކޮށްފައިވާ މީހަކު އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެމީހަކު ހާޒިރުކުރާނީ، އެމީހަކު ބަންދުކުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.


46 ވަނަ މާއްދާ - ހާޒިރުވާއިރު ކާކުކަން އެނގޭނެ ލިޔުމެއް ގެނައުން

އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ.


47 ވަނަ މާއްދާ - ކޮމިށަނުގެ ހުއްދަނެތި ބޭރަށް ދިޔުން

(ހ) ކޮމިށަނަށް ހާޒިރުކޮށްފައިވާ މީހަކު ކޮމިށަނުގެ ހުއްދަނެތި ކޮމިށަނުގެ އިދާރާއިން ބޭރަށް ހިނގައްޖެނަމަ، ފުރަތަމަ ފަހަރު

100 ރުފިޔާ (އެއް ސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރު 150 ރުފިޔާ ( އެއް ސަތޭކަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ. މިޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްށަން ކޮމިށަނަށް ދައްކަންވާނެއެވެ. 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލަ ށަރީއަތުށް ހުށަހެޅޭނެއެވެ.

(ށ) ކޮމިށަނަށް ހާޒިރުކޮށްފައިވާ މީހަކު ކޮމިށަނުގެ ހުއްދަނެތި ދެފަހަރަށްވުރެ ގިނަފަހަރު ކޮމިށަނުގެ އިދާރާއިން ބޭރަށް ހިނގައްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް، ށަރީއަތަށް ހުށަހެޅޭނެއެވެ.


48 ވަނަ މާއްދާ -  ހާއްސަ އިނާޔަތް ދެވިފައިވާ ފަރާތްތައް

(ހ) ކޮމިށަނަށް ހާޒިރުކުރެވޭވަރު ނުވާކަމަށް ކޮމިށަނަށް ފެންނަ ބަލިމީހުންނާއި މުސްކުޅިވުމުގެ ސަބަބުން ކޮމިށަނަށް ހާޒިރުކުރެވޭވަރު ނުވާކަމަށް ކޮމިށަނަށް ފެންނަ މީހުން ކޮމިށަނަށް ހާޒިރުކޮށްގެން ނުވާނެއެވެ. އެފަދަ މީހަކާ ސުވާލެއް ކުރަން ބޭނުންވެއްޖެނަމަ، ކޮމިށަނުގެ ފަރާތުން އެމީހަކު އުޅޭ ތަނަކަށް ގޮސް، މަޑުމައިތިރިކަމާއެކު ސުވާލުކޮށް، އެމީހެއްގެ ބަޔާން ނަގާނީއެވެ. ނުވަތަ އެމީހަކަށް އަންގަންޖެހޭ އެންގުމެއް އަންގާނީއެވެ.

(ށ) ޖިސްމާނީގޮތުން ނުކުޅެދޭމީހުންގެ ތެރެއިންނާއި މާބަނޑުމީހުންގެ ތެރެއިން، ދުރުތަންތަނަށް ގޮސްއައިސް ހެދުމަށާއި ސިޑިން އަރައި ފައިބައި ހެދުމަށް އުޒުރުވެރިވާފަދަ ހާލުގައި ވާކަމަށް ކޮމިށަނަށް ފެންނަ މީހުންވެސް ކޮމިށަނަށް ހާޒިރުކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަށް އަންގަންޖެހޭ އެންގުންތައް އަންގައި އެފަދަ މީހުންގެ ބަޔާންތައް ނަގާނީވެސް މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.

(ނ) އެމީހަކަށް ޖެހިފައިވާ ބަލީގެ ޒާތުން ތަހްގީގުގައި ބައިވެރިވުމަކީ، އެބައްޔަށް ނުރައްކާވެދާނެ ކަމެއްކަމަށް ސަރުކާރު ގަބޫލުކުރާ ޑޮކްޓަރެއްގެ މެޑިކަލް ސެޓްފިކެޓް ހުށަހަޅައިފިނަމަ، އެމީހެއްގެ ތަހްގީގުބަޔާން ނުނަގައި ދޫކޮށްލުމުގެ އިހްތިޔާރު އެންޓި-ކޮރަޕްށަން ކޮމިށަނަށް ލިބިގެންވެއެވެ.


49 ވަނަ މާއްދާ - ތަހްގީގަށް މީހުން ހާޒިރު ނުކުރެވޭނެ ގަޑިތައް

ދިމާވާ ހާއްސަ ހާލަތެއްގައި މެނުވީ، ތިރީގައި މިދަންނަވާ ގަޑިތަކުގައި ތަހްގީގަށް މީހުން ހާޒިރުކޮށްގެން ނުވާނެއެވެ.

  1. ރޭގަނޑު 10:30 އާއި ހެނދުނު 08:00 އާ ދެމެދު
  2. ހުކުރުދުވަހުގެ ހެނދުނު 10:30 އާއި މެންދުރުފަހުގެ 2:00 އާ ދެމެދު
  3. ރަމަޒާންމަހުގެ ހަވީރު 5:00 އާއި ރޭގަނޑު 8:45 އާ ދެމެދު

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާފަދަ ހާއްސަ ހާލަތެއް މެދުވެރިވެއްޖެކަމަށް ބަލާނީ:

  1. ތަހްގީގަށް ބޭނުންވާ މީހަކު ކުއްލި ގޮތަކަށް ފުރައިގެންދާން ޖެހިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެފަރާތުން އޭނާގެ ތަހްގީގު އަވަސްކޮށްދިނުމަށް އެދުން.
  2. އަވަހަށް ތަހްގީގު ނުކޮށްފިނަމަ، ދައުލަތުގެ މުދާ ނުވަތަ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޮތުން.
  3. މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ދިމާވާ ކަމަކާ ގުޅިގެން، އެކަމަކީ ހާއްސަ ހާލަތެއް ކަމަށް ކޮމިށަނަށް ފެންނަ ހާލަތްތައް.

 
50 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުން ކުރުން މަނާ ކަންތައްތައް

އެންޓި-ކޮރަޕްށަން ކޮމިށަނަށް ހާޒިރުކުރެވޭ އެއްވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ އެއްވެސްކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މުވާސަލާތުގެ ވަސީލަތްތަކާއި ރިކޯޑުކުރުމުގެ ވަސީލަތްތައް ތަހްގީގު ހިންގާ ތަނަށް ވެއްދުން.

(ށ) މީހަކަށް ޖިސްމާނީގެއްލުމެއް ދެވިދާފަދަ އެއްވެސް އެއްޗެއް ތަހްގީގު ހިންގާ ތަނަށް ވެއްދުން.

(ނ) ކޮމިށަނުން ޗެކްކުރުމަށްފަހު ތަހްގީގު ހިންގާ ތަނަށް ވެއްދުމުގެ ހުއްދަ ލިބިފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު އެއްޗެއް ތަހްގީގު ހިންގާ ތަނަށް ވެއްދުން.

(ރ) ކޮމިށަނުގެ ތަހްގީގަށް ހުރަސްއެޅޭފަދަ ނުވަތަ ކޮމިށަނުގެ ހުރުމަތް ކެނޑޭފަދަ އެއްވެސްކަމެއް ކުރުން.

(ބ) ކޮމިށަނުގެ ތަހްގީގަށް ހާޒިރުކުރެވޭ އެހެން މީހުންނާ ވާހަކަދައްކައި ތަހްގީގަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުން.

(ޅ) ކޮމިށަނުގެ ބޭނުމަށް ރާއްޖެއިންބޭރުން ނުވަތަ ރަށުންބޭރުން ގެނެވޭ މީހުން ކޮމިށަނުގެ ހުއްދަ ނުލިބި ފުރައިގެން ދިޔުން.

(ކ) ކޮމިށަނުގެ ހުއްދަނެތި ކޮމިށަނުގެ އިދާރާއިން ނުވަތަ ކޮމިށަނުގެ ތަހްގީގު އެއިރެއްގައި ހިނގަމުންދާ ތަނަކުން ބޭރުށް ދިޔުން.


51 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހްގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ތަހްގީގުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، ދައުލަތުގެ ކަމާބެހޭ ފަރާތެއް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން އެމީހަކު ހާޒިރުކޮށް ތަހްގީގުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.


52 ވަނަ މާއްދާ - ރާއްޖެއިން ބޭރުގައި ތިބޭ މީހުން ހާޒިރުކުރުން

އެންޓި-ކޮރަޕްށަން ކޮމިށަނުން ބަލާ މައްސަލައެއްގައި ތުހުމަތުރެވިއްޖެ ހިނދެއްގައި ނުވަތަ މައްސަލައަކާ ގުޅިގެން ކަމެއް އޮޅުންފިލުވުމަށްޓަކައި ނުވަތަ ހެކި ހޯދުމަށްޓަކައި ބޭނުންވެއްޖެ ހިނދެއްގައި، ރާއްޖެއިން ބޭރުގައިވާ ތިރީގައިމިވާ ފަރާތްތައް ހާޒިރުކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.

(ށ) ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ހިންގޭ ރާއްޖެއާ ގުޅުންހުރި މުއާމަލާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވާ، ނުވަތަ ބައިވެރިވާ، ނުވަތަ ބައިވެރިވާކަމަށް ކޮމިށަނަށް މައުލޫމާތު ލިބިފައިވާ، ނުވަތަ ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިށަނަށް ގަބޫލުކުރެވޭ ބިދޭސީން.

(ނ) އެންޓި-ކޮރަޕްށަން ކޮމިށަނަށް މައުލޫމާތު ބޭނުންވާ ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކެއް.


53 ވަނަ މާއްދާ

ރާއްޖެއިން ބޭރުގައިވާ ފަރާތެއް ކޮމިށަނަށް ހާޒިރުކުރަން ޖެހިއްޖެނަމަ ކޮމިށަނުން އެކަމަށްއެދި ހުށަހަޅާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އެމީހަކު ހާޒިރުކުރެވޭގޮތް ނުވެއްޖެނަމަ، އެމީހަކު ހާޒިރުކުރާނީ ކޯޓުއަމުރު ހޯދައިގެންނެވެ.


54 ވަނަ މާއްދާ - ދަތުރު ހަރަދާއި ތިބުމާއި ކެއުމުގެ ހަރަދު ދިނުން

އެންޓި-ކޮރަޕްށަން ކޮމިށަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކޮމިށަނަށް ހާޒިރުކުރެވޭ މީހުންގެ ތެރެއިން ރަށުންބޭރުން ގެނެވޭ މީހުންނަށް ސަރުކާރުން އެއިރަކު ހަމަޖައްސައިފައި އޮންނަ އުސޫލެއްގެ މަތިން ދަތުރުހަރަދާއި ތިބުމާއި ކެއުމުގެ ހަރަދު ދެވޭނެއެވެ.


55 ވަނަ މާއްދާ - ކުޑަކުދިންނާއި ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް

ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއްކަމަށް ވާނަމަ، ތަހްގީގު މަރްހަލާގައި އެފަރާތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްކަމުގައި ވާނަމަ، އެކުއްޖަކާ ސުވާލުކޮށް ނުވަތަ އެކުއްޖެއްގެ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް އެކުއްޖަކާ މުއާމަލާތު ކުރަންވާނީ، އެކުއްޖެއްގެ ބަލަދުވެރިއެއް ނުވަތަ ބެލެނިވެރިއެއް ނުވަތަ އެކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.

(ށ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއްކަމުގައި ވާނަމަ، ތަހްގީގުގައި އެމީހަކާ ސުވާލުކޮށް، ނުވަތަ އެމީހެއްގެ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް ތަހްގީގުގައި އެމީހަކާ މުއާމަލާތު ކުރަންވާނީ، އެމީހަކާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އެމީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.

(ނ) ތަހްގީގުގައި ސުވާލުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ، ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެންފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ކަމުގައި ވާނަމަ، އެފަރާތާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހްގީގުގައި ކުރެވޭ ސުވާލުތަކާއި، އެފަރާތުން ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ބުނާ އެއްޗެއް އެފަރާތަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހްގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.


56 ވަނަ މާއްދާ

ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމައް ހުންނަ މީހުންނާއި ލިޔަންކިޔަން ނުދަންނަ މީހުންނާމެދު ތަހްގީގު މަރްހަލާގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) އެމީހަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ، ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އެމީހާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން އެމައްސަލަ ތަހްގީގުކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އެމީހާ ދީފައިވާ ބަޔާން އެމީހާއަށް އިއްވަންވާނެއެވެ.

(ށ) އެމީހަކީ ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ މީހެންނަމަ، ނުވަތަ ވާހަކަނުދެއްކޭ މީހެއްނަމަ، އެމީހާއާމެދު ކުރެވޭ ތަހްގީގުގައި އެހީތެރިވެދިނުމަށް އެފަދަ މީހަކާ މުއާމަލާތުކުރުން އެނގޭ މީހަކު ވީއެންމެ އަވަސް ފުރުސަތެއްގައި ތަހްގީގުކުރާ ފަރާތުން އައްޔަންކުރަންވާނެއެވެ.

 
57 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިއަކު ނުވަތަ ބަލަދުވެރިއަކު ނުވަތަ އެކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، ނުވަތަ ޖިސްމާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު، ނުވަތަ އެމީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ހާޒިރުވުމުން، އެމީހަކު ހާޒިރުވުމުގެ މަގްސަދަކީ ހަމައެކަނި ކަން ހިނގާގޮތް ބަލަން ހާޒިރުވުން ނޫންކަން އެމީހަކަށް އަންގަންވާނެއެވެ. އަދި ތިރީގައިވާ ކަންތައްތަކަކީ އެމީހަކު ހާޒިރުވުމުގެ މަގްސަދުކަން އެމީހަކަށް އަނގަބަހުންނާއި ލިޔުމުން އަންގަންވާނެއެވެ.

(ހ) އެކުއްޖަކަށް ނުވަތަ އެމީހަކަށް ލަފާދިނުން.

(ށ) އެކުއްޖަކާމެދު ނުވަތަ އެމީހަކާމެދު އަމަލުކުރެވުނީ އަދްލުވެރި އަދި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން.

(ނ) އެކުއްޖަކު ނަވަތަ އެމީހަކު ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމާއި، އެކުއްޖާއާ ނުވަތަ އެމީހާއާ މުއާމަލާތު ކުރުމުގައި ތަހްގީގުކުރާ ފަރާތަށް އެހީތެރިވެދިނުން.


58 ވަނަ މާއްދާ

މިގަވާއިދުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިއަކު ނުވަތަ ބަލަދުވެރިއަކު ނުވަތަ އެކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، ނުވަތަ ޖިސްމާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު، ނުވަތަ އެމީހެއްގެ މަސްލަހަތު ދިފާއިކުރެވޭނެ މީހަކު، އެކުއްޖަކަށް ނުވަތަ އެމީހަކަށް ގާނޫނީވަކީލެއްގެ އެހީ ހޯދަން ބޭނުންވާނެކަމަށް ބުނެފިނަމަ، އެއީ އެކުއްޖަކު ނުވަތަ އެމީހަކު ބުނި ބުނުމެއް ކަމުގައި ބަލަންވާނެއެވެ.


59 ވަނަ މާއްދާ

(ހ) ތަހްގީގުކުރާ މުވައްޒަފަކު، މީހަކާ ސުވާލުކުރާއިރު، އެ ކުރާ ސުވާލަށް ޖަވާބު ހޯދުމުގެ ގޮތުން، ނުވަތަ އެމީހަކު ލައްވައި ކުށަކަށް އިއުތިރާފުކުރުވުމުގެ ގޮތުން، އެއްވެސް ހާލެއްގައި އަނިޔާކޮށް ނުވަތަ ބިރުދައްކައި ނުވަތަ މިނޫންވެސް ގޮތަކުން ތަހްގީގުކުރާ ފަރާތުގެ ނުފޫޒުގެ ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) ތަހްގީގުކުރަމުންދާއިރު މުއާމަލާތު ކުރަންވާނީ، އަހްލާގީ މިންގަނޑަށް ފެތޭ ބަހުރުވައަކުންނެވެ. އަދި ކުޑަކުދިންނާ ސުވާލުކޮށް ތަހްގީގުކުރަންވާނީ، އެކުދިން ބިރުނުގަންނަފަދަ ވެށްޓެއްގައި ބިރުނުގަންނަފަދަ ގޮތަކަށް މަޑުމައިތިރިކަމާ އެކުގައެވެ.

 


ހަވަނަ ބާބު

ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް


60 ވަނަ މާއްދާ - ކޮމިށަނުން ބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ކަނޑައެޅުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ތެރެއިން ކޮމިށަނުން ބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ކަނޑައަޅާނީ، ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަށް ހުށަހަޅައި، އެޖަލްސާއަށް ހާޒިރުވި މެންބަރުންގެ އައުލަބިއްޔަތުންނެވެ.

(ށ) ކޮމިށަނަން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން ބަލަން ކަނޑައަޅާ މައްސަލަތަކާއި ބެލެން ނެތްކަމަށް ކަނޑައަޅާ މައްސަލަތަކުގެ ދަފްތަރެއް ކޮމިށަނުން ބަލަހައްޓަންވާނެއެވެ. އަދި ކޮމިށަނުން ބެލެން ނެތްކަމަށް ކަނޑައަޅާ މައްސަލަތައް، ބެލެން ނެތްކަމަށް ނިންމި ސަބަބު މިދަފްތަރުގައި ބަޔާންކުރުމާއެކު، މައްސަލަ ހުށަހެޅި ފަރާތަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ.


61 ވަނަ މާއްދާ - މައްސަލަ ނިންމުން

ކޮމިށަނުން މައްސަލައެއް ތަހްގީގުކުރުމަށްފަހު މައްސަލަ ނިންމަންވާނީ، ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އައުލަބިއްޔަތު ލިބޭ ގޮތަކަށެވެ.


62 ވަނަ މާއްދާ

ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކޮމިށަނުން ނިންމާ ނިންމުންތައް ޔައުމިއްޔާކޮށް، އެ ނިންމުމެއް ނިންމި ޖަލްސާގައި ހާޒިރުވެތިބި މެންބަރުން ސޮއިކުރަންވާނެއެވެ.


63 ވަނަ މާއްދާ - ކޮމިށަނުގެ އެންގުންތަކަށް އަމަލުކުރުން

ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، ވަކިކަމެއް ނުވަތަ ވަކިކަމެއް ނުކުރުމަށް އެކަމަކާބެހޭ ފަރާތަށް ނުވަތަ ފަރާތްތަށް އެންގުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން ކޮމިށަނުން އަންގާ އެންގުންތަކަށް، އެއެންގުމެއް ރައްދުވި ފަރާތަކުން ނުވަތަ ފަރާތްތަކަކުން އަމަލުކުރަންވާނެއެވެ. ކޮމިށަނުން އަންގާ މިފަދަ އެންގުންތަކަށް އަމަލުނުކުރާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު) ގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.


64 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މިގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމާނީ، ކޮމިށަނުގެ މެންބަރުންގެ ޖަލްސާއަކަށް ހުށަހަޅައި، އެޖަލްސާއަށް ހާޒިރުވި މެންބަރުންގެ އައުލަބިއްޔަތު ލިބޭ ގޮތަކަށެވެ.

 
65 ވަނަ މާއްދާ - މާނަކުރުން

މިގަވާއިދުގައި އެންޓި-ކޮރަޕްށަން ކޮމިށަން ނުވަތަ ކޮމިށަން ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްށަން ކޮމިށަނުން ގާނޫނު) ގައި ބުނެފައިވާ އެންޓި-ކޮރަޕްށަން ކޮމިށަނާއި، އެކޮމިށަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި އެފަރާތުގެ ފުރިހަމަ ބެލުމުގެ ދަށުން ކޮމިށަނުގެ މަސައްކަތް ހިނގާ ކޮންމެ ތަނެކެވެ.


66 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

މިގަވާއިދަށް އިސްލާހު ގެނެވޭނީ، އެންޓި-ކޮރަޕްށަން ކޮމިށަނުގެ މެންބަރުންގެ އައުލަބިއްޔަތު ލިބިގެން ނިންމާ ނިންމުމަކުންނެވެ.


67 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

( ޖަދުވަލު 1 އަދި 2 ގެ ފޯމުތައް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެ އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

އެންޓި-ކޮރަޕްށަން ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 13/2008) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު