-

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2012-03)

 

އެއްވަނަ ބައި

ތައާރުފާއި ނަން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ އަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) ގެވެށި އަނިޔާކަމަށް، މި ގާނޫނުގެ މަގްސަދަށްޓަކައި ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ އަމަލެއް ހިންގުމަށެވެ.

(ނ) މި ގާނޫނަށް ކިޔާނީ، "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު" އެވެ.

 

ދެވަނަ ބައި

މަގްސަދު

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު އަމާޒުތައް ހާސިލުކުރުމެވެ.

(ހ) ގެވެށި އަނިޔާގެ ހަމަކޮންމެ އަމަލަކީ، ކޮންމެ ހާލަތެއްގައި، ކޮންމެ ގޮތަކަށް، ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގިނަމަވެސް، ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއްކަން ކަނޑައެޅުން.

(ށ) ގެވެށި އަނިޔާގެ އަމަލެއް ހިނގައިފި ހާލަތެއްގައި، އެ އަމަލުގެ ށިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުން.

(ނ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް އެންމެ ހަރަދުކުޑަކޮށް، އެންމެ އަވަހަށް، އަދި އޭނާއަށް އެންމެ ލުއިފަސޭހަ މަރުހަލާއެއްގެ ތެރެއިން އިންސާފު ހޯދައިދިނުން.

(ރ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ދުޅަހެޔޮ ސިއްހަތަކަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަކޮށްދިނުމަށް އެކަށީގެންވާ ޕްރޮގްރާމްތައް ހިންގައިދިނުން.

(ބ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންގެ އަމަލުތައް ހުއްޓުވައި އަދި އެފަދަ މީހުން އިސްލާހުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.

(ޅ) ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެގޮތުން، ށަރީއަތުން ކުރާ އަމުރުތަކާއި، ގާނޫނީ ބާރު ލިބިގެން ދައުލަތުގެ އެހެން މުއައްސަސާތަކުން ކުރާ އަމުރުތައް ތަންފީޒުކުރެވޭނެގޮތް ހެދުން.

(ކ) ގެވެށި އަނިޔާގެ އަމަލުތަކާގުޅޭ ހާއްސަ ސިފަތަކާއި ކަންކަމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުވައި، އެފަދަ ފަރާތްތަކުގެ ކަމާގުޅޭ ގާބިލުކަން އިތުރުކޮށްދިނުން.

(އ) އާންމުގޮތެއްގައި ކަންހިނގާގޮތަށް ބަލާއިރު ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނާ ފުރަތަމަ ދިމާވާ ބަޔަކަށްވެފައި އޮންނަނީ ސިއްހީ އަދި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތައް ކަމަށްވާހިނދު، އެކަން ފާހަގަކުރުމާއެކު، ގެވެށި އަނިޔާ ލިބިފައިވާކަމަށް ށައްކުކުރެވޭ މީހުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައާއި، އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމުގައި ސިއްހީ އަދި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކުގެ މައްޗަށްއޮތް ޒިންމާތައް ކަނޑައެޅުން.

(ވ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުންނަށް، މި ގާނޫނުގެ ދަށުންނާއި ޖިނާއީ ގާނޫނުތަކުގެ ދަށުން އުފުލަންޖެހޭ ޖިނާއީ ގާނޫނީ ނަތީޖާ އުފުލުމުގެ އިތުރުން، ގެވެށި އަނިޔާގެ އަމަލާ ގުޅޭގޮތުން އެމީހުން އުފުލަންޖެހޭނެ މަދަނީ ޒިންމާތައް ތައާރުފުކޮށްދީ، އެ ޒިންމާތައް ވަކި ގާނޫނެއްގައި ތަރުތީބުކޮށްދިނުން.

(މ) ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރާއްޖެ ހިޖުރަކޮށް، އެ މިންގަނޑުތަކާ އެއްހަމައެއްގައި، ކަމާގުޅޭ އަދުލުގެ އުސޫލުތައް ބައްޓަންކޮށް، ތަންފީޒުކުރުން.

 

ތިންވަނަ ބައި

މަފްހޫމްތަކުގެ ރަދީފު

3 ވަނަ މާއްދާ - ގެވެށި ގުޅުން

(ހ) "ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށެވެ.

  1. ކައިވެނިކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
  2. އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން، ނުވަތަ އެގޮތަށް ވަރަށް ފަހަކާޖެހެންދެން އުޅެފައިވާ މީހުން.
  3. މައިންބަފައިން ކަމުގައިވުން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުން ނުވަތަ ބަލަދުވެރިއެއްގެގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހެއް ކަމުގައިވުން.
  4. ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން.
  5. ގޭގައި ދަރިންބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުން.
  6. ޒާތީ ގުޅުމެއްއޮތް މީހުން.

(ށ) ދެމީހެއްގެ ދެމެދުގައި ޒާތީގުޅުމެއް އޮތްކަން ނުވަތަ ނޫންކަން، ކޯޓުން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ގުޅުމުގެ ބާވަތާއި ވައްތަރު.
  2. އޮތް ގުޅުމުގެ ހާއްސަކަން އެ ދެމީހުންނަށް ވަޒަންކުރެވޭ މިންވަރު.
  3. އެކުގައި ވަގުތު ހޭދަކުރާ މިންވަރު.
  4. ދިރިއުޅުމުގެ ކަންކަން އެކުގައި ހިއްސާކުރާ މިންވަރު.
  5. އެކުގައި ވަގުތު ހިއްސާކުރާ ތަނުގެ ބާވަތް.
  6. ގުޅުމުގެ މުއްދަތު.

 

4 ވަނަ މާއްދާ - ގެވެށި އަނިޔާގެ އަމަލު

(ހ) "ގެވެށި އަނިޔާގެ އަމަލު" ކަމަށް، މި ގާނޫނުގެ މަގްސަދަށްޓަކައި ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ، އަންނަނިވި އަމަލުތަކުގެ ތެރެއިން، އަމަލެއް ހިންގުމަށެވެ.

  1. ޖިސްމާނީ އަނިޔާކުރުން.
  2. ޖިންސީގޮތުން އަނިޔާކުރުން.
  3. ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން.
  4. މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން.
  5. މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާބަނޑުކުރުން.
  6. އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
  7. މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް  ގަސްދުގައި ހިފެހެއްޓުން.
  8. ބިރުދެއްކުން.
  9. ގޯނާކުރުން.
  10. ފާރަލުން.
  11. މުދަލަށް ގެއްލުންދިނުން.
  12. އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ހާލަތްތަކުގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
  13. މިނޫންވެސް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
  14. މީހެއްގެ އަމިއްލަ އިހްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިހްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
  15. މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
  16. އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
  17. ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، އަނިޔާގެ އަމަލު މާނަކުރުމުގައި، އަނިޔާގެ ވަކި އެއް އަމަލު، އެއީވެސް އަނިޔާގެ އަމަލެއްކަމުގައި ބެލެވިދާނެއެވެ. ނުވަތަ، ވަކި މުއްދަތެއްގައި ވަކި ބައްޓަމަކަށް ކުރެވެމުންގޮސްފައިވާ އަމަލުތަކަކަށް އެކުގައި ބަލާލުމުން، އެ އަމަލުތަކުން ޖުމްލަގޮތެއްގައި އަނިޔާގެ ސިފަ ފެންނަކަމަށްވާނަމަ، އެ ހުރިހާ އަމަލުތަކެއް އެކުގައި އެއީ އަނިޔާގެ އެއް އަމަލުކަމުގައިވެސް ބެލެވިދާނެއެވެ.

 

5 ވަނަ މާއްދާ - ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ

"ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކާގެ ބެލުމުގެދަށުގައި ހުރި ކުއްޖެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ، ނުވަތަ ހިންގާފައިވާ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، އެ ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ނުވަތަ މީހުންނަށެވެ.

 

ހަތަރުވަނަ ބައި

ގާނޫނުގެ މަގާމު

6 ވަނަ މާއްދާ - ގެވެށި އަނިޔާގެ ކުށް

މި ގާނޫނުގައި ގެވެށި އަނިޔާގެ އަމަލެއްކަމުގައި ބަޔާންކޮށްފައިވާ އަމަލަކީ، މި ގާނޫނުގެ ދަށުން ފިޔަވަޅުއެޅޭނެ، އަދި މި ގާނޫނުގެ އުސޫލުތައް ހިނގާނެ، މަދަނީ ޒިންމާ އުފުލަންޖެހޭ ހާލަތްތަކުގައި މަދަނީ ޒިންމާ އުފުލުމާއެކު، އެ އަމަލަކީ ޖިނާއީ ކުށެއްކަމަށްވާނަމަ ޖިނާއީ ކުށުގެ ދައުވާ އުފުލޭނެ ކަންކަމެވެ.

 

7 ވަނަ މާއްދާ - ޖިނާއީ ގާނޫނުތަކުގެ އިތުރުން މިގާނޫނު ހިންގުން

(ހ) ގެވެށި އަނިޔާގެ އަމަލެއްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލަކަށް، ޖިނާއީ ކުށުގެ އަމަލެއްކަމުގައި ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން އެ ކުށުގެ އަމަލަށް ލިބެންޖެހޭ ޖިނާއީ އަދަބު ލިބުމަކީ، މި ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްއޮތް ހުރަހެއްނޫނެވެ.

(ށ) ގެވެށި އަނިޔާގެ އަމަލެއްކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އަމަލަކަށް، ޖިނާއީ ކުށުގެ އަމަލެއްކަމުގައި ކަނޑައަޅާފައިވާ އެހެން ގާނޫނެއްގެ ދަށުން އެ ކުށަށް ދޭންޖެހޭ އަދަބެއް ދިންކަމުގައިވީނަމަވެސް، އެ ކުށުގެ އަމަލުކޮށްފައިވާ މީހާއާއި އެ ކުށުގެ އަމަލުގެ ށިކާރައަކަށްވީ މީހާއަކީ، ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންކަމުގައިވާނަމަ، ޖިނާއީ ކުށަކާ ގުޅިގެން ކުރާ ދައުވާކުރުމާއި ދޭ އަދަބުދިނުމުގެ އިތުރުން، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައްވެސް، އެ ކުށުގެ އަމަލު ހިންގި މީހާ އަދި، އެ ކުށުގެ ށިކާރައަކަށްވީ މީހާއާމެދު، މި ގާނޫނުގައިވާ ގޮތުގެމަތިން އަޅަންވާނެއެވެ. އަދި، އެ ކުށުގެ އަމަލު ހިންގި މީހާއާމެދުގައާއި ކުށުގެ އަމަލުގެ ށިކާރައަކަށްވީ މީހާއާމެދުގައި މި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް ފުރިހަމައަށް ހިނގާނެއެވެ.

 

ފަސްވަނަ ބައި

ރިޕޯޓުކުރުން

8 ވަނަ މާއްދާ - ގެވެށި އަނިޔާގެ އަމަލު ރިޕޯޓުކުރުން

(ހ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ފުލުހުންނަށް ރިޕޯޓުކުރަންވާނެއެވެ.

(ށ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެހިނދު، ނުވަތަ އެފަދަ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެހިނދު، އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެކަން، މި މާއްދާގެ (ހ)  ގެ ދަށުން، ރިޕޯޓުކުރެވިދާނެއެވެ.

 

  1. އަމަލުގެ ށިކާރައަކަށްވާ މީހާ.
  2. އަމަލު ހިނގަމުންދާތަން ފެންނަ މީހާ.
  3. އަމަލުގެ ށިކާރައަކަށްވާ މީހާގެ އާއިލާގެ މެންބަރެއް.
  4. އަމަލުގެ ށިކާރައަކަށްވާ މީހާގެ ރަހްމަތްތެރިއެއް.
  5. އޮތޯރިޓީ ނުވަތަ މިނިސްޓްރީ.
  6. ސިއްހީ ނުވަތަ އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފެއް.
  7. ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ސަރުކާރުގެ އިދާރާއެއްގެ ކަމާބެހޭ މުވައްޒަފެއް.
  8. ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއްގެގޮތުގައި  ރަޖިސްޓަރީވެގެން ހިނގަމުންއަންނަ އަމިއްލަ ޖަމްއިއްޔާއެއްގެ މުވައްޒަފެއް ނުވަތަ މެންބަރެއް.
  9. ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތަކީ ކުޑަކުއްޖެއްނަމަ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިއެއް ނުވަތަ ތިމާގެ މީހެއް ނުވަތަ އެ ކުއްޖަކު ބެލުމުގެ ޒިންމާއާ ހަވާލުވެހުރި މީހެއް.
  10. ގެވެށި އަނިޔާގެ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިފައިވާ ކޮންމެ މީހެއް.

(ނ) ގެވެށި އަނިޔާގެ އަމަލެއް، މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފަދައިން ރިޕޯޓުކުރުމުގައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެ އަނގަބަހުން ނުވަތަ ލިޔުމުން އެކަމެއް ރިޕޯޓުކުރެވިދާނެއެވެ. ނުވަތަ އެ އިދާރާގެ މައްސަލަ ރިޕޯޓުކުރުމަށް ހާއްސަކޮށްފައިވާ ނަންބަރަކަށް ނުވަތަ އެޑްރެހަކަށް ގުޅައި، ފޯނުގެ ޒަރީއާއިން ނުވަތަ ފެކްސްގެ ޒަރީއާއިން ނުވަތަ އެނޫންވެސް މުވާސަލާތުގެ ޒަރީއާއިން މުއާމަލާތުކޮށް އެކަމެއް ރިޕޯޓުކުރެވިދާނެއެވެ.

(ރ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ގަބޫލުކުރެވިއްޖެހިނދު، ނުވަތަ އެފަދަ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެހިނދު، މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފަދައިން، މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ މީހަކު ނުވަތަ ފަރާތަކުން ރިޕޯޓުކުރުމުން، އެކަން ހަމައެކަނި ރިޕޯޓުކުރިކަމަށްޓަކައި، އެކަމުގެ ނަތީޖާއެއްގެގޮތުން އުފުލަންޖެހޭ އެއްވެސް ގާނޫނީ ޒިންމާއެއް ނުއޮންނާނެއެވެ. އަދި އޭނާ ރިޕޯޓުކުރި ގެވެށި އަނިޔާގެ އަމަލަކީ އެފަދަ އަމަލެއްނޫންކަން ފަހުން ސާބިތުވިނަމަވެސް، އެކަން އޭނާ ރިޕޯޓުކުރީ ހެޔޮނިޔަތުގައިކަމަށްވާނަމަ، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވިގެންނުވާނެއެވެ. އަދި އެއްވެސް ގާނޫނީ ޒިންމާއެއް އުފުލަންޖެހޭ ހާލަތެއް އޭނާއަށް ކުރިމަތިކުރުވައިގެން ނުވާނެއެވެ.

 

ހަވަނަ ބައި

ފުލުހުންނާއި ސިއްހީ އަދި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކުގެ ދައުރު

9 ވަނަ މާއްދާ - ރިޕޯޓުކުރުމުގެ ޒިންމާ

މީހަކު ގެވެށި އަނިޔާގެ ށިކާރައަކަށްވެއްޖެކަމުގެ ތުހުމަތުކުރެވިއްޖެހިނދު، އޭނާގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އެކަން ފުލުހުންނަށާއި އޮތޯރިޓީއަށް ރިޕޯޓުކުރުމަކީ، އެކަން ފާހަގަކުރެވުނު ސިއްހީ އަދި އިޖްތިމާއީ އިދާރާއެއްގެ މައްޗަށްއޮތް ޒިންމާއެކެވެ. އަދި އެ އަމަލުގެ ތަހްގީގުގެ މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މަސްލަހަތަށް އުނިކަމެއްނާންނާނެ ގޮތުގެމަތިން، އަދި އޭނާގެ މަސްލަހަތު ހިމާޔަތްވެ ދެމިއޮންނާނެ ގޮތުގެމަތިން، އެއްބާރުލުންދިނުމަކީ އެ ސިއްހީ އިދާރާއިން ނުވަތަ އިޖްތިމާއީ އިދާރާއިން ކުރަންވާނެކަމެކެވެ.

 

10 ވަނަ މާއްދާ - ރިޕޯޓަށް ފުލުހުން އަމަލުކުރުން

ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިއްޖެހިނދެއްގައި، އެކަން ބެލުމަށް، އަދި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ލަސްނުކޮށް ފުލުހުން މަސައްކަތް ފަށަންވާނެއެވެ. އަދި، އެފަދަ ރިޕޯޓުތަކާ ގުޅޭގޮތުން ފުލުހުން އަމަލުކުރާނެގޮތުގެ ތަފްސީލު މިންގަނޑުތަކެއް މި މާއްދާއަށް ހަވާލާދީ އެކުލަވާލައި، މި ގާނޫނުގެ ދަށުން ފުލުހުން ހަދައި އާންމުކުރާ ގަވާއިދެއްގެގޮތުގައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް)  މަސްދުވަހުގެ ތެރޭގައި ށާއިއުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ

ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއް ލިބޭހިނދު، އަދި އަންނަނިވި ކަންކަން އެ ރިޕޯޓުން ފާހަގަވާނަމަ، އެ އަމަލެއް ހިނގިކަމަށް ތުހުމަތުކުރެވޭ ތަނަށް ފުލުހުން ދާންވާނެއެވެ.

(ހ) ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާކަމުގައި ނުވަތަ ހިނގާފައިވާކަމަށް ށައްކުކުރެވޭކަމުގެ މައުލޫމާތު ދީފައިވުން.

(ށ) ކަންތައްތައް ހުރިގޮތުން، ގެވެށި އަނިޔާގެ އަމަލެއް، ނުހިނގާ ނުދާނެކަމުގެ މައުލޫމާތު ހާމަކޮށްފައިވުން.

(ނ) ރައްކާތެރިކުރުމުގެ އަމުރެއް ދެމިއޮތްކަމާއި އެ އަމުރާ ހިލާފު އަމަލެއް ހިނގުން ގާތްކަމަށް ބަޔާންކޮށްދީފައިވުން.

(ރ) ގެވެށި އަނިޔާގެ އަމަލުކަމުގައި ބެލެވޭ އަމަލެއް އެތަނުގައި ކުރިން ހިނގާފައިވާކަން އަންގައިދީފައިވުން.

 

12 ވަނަ މާއްދާ -  ސިއްހީ ހިދުމަތްދޭ ފަރާތުގެ ޒިންމާ

ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ސަމާލުކަމަށް ފުލުހުން ގެވެށި އަނިޔާގެ މައްސަލައެއް ގެނެސްފިނަމަ ނުވަތަ، އެފަދަ އަމަލެއް ހިނގާފައިވާކަމަށް ސިއްހީ ހިދުމަތްދޭ ފަރާތަކަށް އެއްވެސްގޮތަކުން ށައްކުކުރެވިއްޖެނަމަ، އަންނަނިވި ކަންކަން، އެކަން ފާހަގަވި ސިއްހީ ހިދުމަތްދޭ ފަރާތުން ކުރަންވާނެއެވެ.

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާކަމަށް ށައްކުކުރެވޭ މީހާ އެގްޒެމިން ކުރެވެންއޮތް އެންމެމަތީ ދަރަޖައަކަށް އެގްޒެމިންކުރުން.

(ށ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތަށް އިތުރު އެހީ ހޯދޭނެގޮތުގެ ލަފާދިނުން.

(ނ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތަށް ނަފްސާނީ އެހީ ނުވަތަ ކައުންސިލިން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާ މީހަކު އެގްޒެމިން ކުރުމުގައި، ޖިސްމާނީ އަނިޔާއެއް ނުވަތަ ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ށައްކުކުރެވޭނަމަ، އަންނަނިވި ކަންކަން ކުރުން.

  1. އޭނާ އެގްޒެމިން ކުރެވެންއޮތް އެންމެމަތީ ދަރަޖައަކަށް އެގްޒެމިންކުރުން.
  2. އޭނާ އެގްޒެމިން ކުރިކުރުމުގެ މައްޗަށް ބިނާކޮށް ލިޔުމުން ރިޕޯޓެއް ތައްޔާރުކުރުން.
  3. މި އަކުރުގެ (2)  ވަނަ ނަންބަރުގެ ދަށުން ތައްޔާރުކުރެވުނު ރިޕޯޓު ފުލުހުންނަށާއި އޮތޯރިޓީއަށް ހުށަހެޅުން.

 

13 ވަނަ މާއްދާ - އިޖްތިމާއީ ހިދުމަތްދޭ މަރުކަޒުގެ ޒިންމާ

(ހ) އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ ސަމާލުކަމަށް ފުލުހުން ގެވެށި އަނިޔާގެ މައްސަލައެއް ގެނެސްފިނަމަ ނުވަތަ، އެފަދަ އަމަލެއް ހިނގާފައިވާކަމަށް އިޖްތިމާއީ ހިދުމަތްދޭ ފަރާތަކަށް އެއްވެސްގޮތަކުން ށައްކުކުރެވިއްޖެނަމަ، އަންނަނިވި ކަންކަން، އެކަން ފާހަގަވި އިޖްތިމާއީ ހިދުމަތްދޭ ފަރާތުން ކުރަންވާނެއެވެ.

  1. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އެހީ ހޯދޭނެ ތަފާތު ގޮތްތަކުގެ ލަފާދީ، އޭނާއަށް ނަފްސާނީ އެހީ ނުވަތަ ކައުންސިލިން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީ، އިސްވެދެންނެވުނު ކަންކަމާ ގުޅުންހުރި އެންމެހައި ކަންކަމުގައި މަގުދައްކައިދީ އެހީތެރިވެދިނުން.
  2. އެކަން އިޖްތިމާއީ ހިދުމަތްދޭ މަރުކަޒަށް އަންގާފައިވަނީ ފުލުހުންކަމުގައިނުވާނަމަ، އެކަން ފުލުހުންނަށް ރިޕޯޓުކުރުން.
  3. ގެވެށި އަނިޔާގެ ހާދިސާއެއް ހިނގާފައިވާ ތަނަކަށް އިޖްތިމާއީ ހިދުމަތްދޭ ފަރާތެއް ފޮނުވައިދިނުމަށް ފުލުހުން އެދިއްޖެހިނދެއްގައި، އެކަން ހަމަޖައްސައިދީ އެތަނަށް މީހަކު ފޮނުވައިދިނުން. އަދި، މީހަކު ފޮނުވައިދެވެންނެތް ހާލަތެއްގައިނަމަ، އޮތޯރިޓީން މީހަކު ފޮނުވައިދިނުމަށް އެ އޮތޯރިޓީގައި އެދުން. އަދި، އެކަމަށް އެގޮތަށް އެދިފައިވާކަމަށް ފުލުހުންނަށް އެންގުން.

(ށ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި ލިބިދެވޭ ފަރުވާ އިޖްތިމާއީ ހިދުމަތްދޭ ފަރާތުން އޭނާއަށް ތަފްސީލުކޮށް ބަޔާންކޮށްދޭންވާނެއެވެ.

(ނ) އިޖްތިމާއީ ހިދުމަތްދޭ ފަރާތުން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އެހީތެރިވެދިނުމުގެގޮތުން އެފަދަ މީހުން ރައްކާތެރިކަމުގެ މަރުކަޒަކަށް، ނުވަތަ އެ އަނިޔާ ލިބިފައިވާ މީހާ އިތުބާރުކުރާ ތިމާގެ މީހެއް ނުވަތަ އިތުބާރުކުރާ ރަހްމަތްތެރިއެއްގެ ގެއަށް ގެންގޮސްދޭންވާނެއެވެ. އަދި ފުލުހުންނާ ގުޅިގެން ރައްކާތެރިކުރުމުގެ އަމުރު ތަންފީޒުކުރެވެމުންދާކަން ކަށަވަރުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ފުލުހުން ކުރަންޖެހޭ ބައެއް ކަންކަން

ފުލުހަކު ގެވެށި އަނިޔާގެ ހާދިސާއެއް ހިނގި ތަނެއްގައި ހާޒިރުވެހުރިނަމަ ނުވަތަ އެފަދަ ހާދިސާއެއް ހިނގި ތަނަކަށް ފުލުހުންނަށް ނުވަތަ ފުލުހަކަށް ދެވުނު އެންމެ އަވަސް ފުރުސަތެއްގައި ނުވަތަ ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިއްޖެކަމުގައިވާނަމަ، އަންނަނިވި ކަންކަން ފުލުހުން ކުރަންވާނެއެވެ.

(ހ) ގެވެށި އަނިޔާގެ މައްސަލައެއްގެ ށަކުވާ ލިބިފައިވާކަން އޮތޯރިޓީއަށް އެންގުން.

(ށ) އިޖްތިމާއީ ހިދުމަތްދޭ ފަރާތެއް ގެވެށި އަނިޔާގެ ހާދިސާ ހިނގާފައިވާ ތަނަށް ފޮނުވައިދިނުމަށް އެފަދަ މަރުކަޒެއްގައި ނުވަތަ އޮތޯރިޓީގައި އެދުން.

(ނ) ގެވެށި އަނިޔާގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާއެކު ކޯޓު އަމުރަކާނުލާވެސް އެ ހާދިސާ ހިނގި ގެއަކަށް ނުވަތަ ތަނަކަށް ގޮސް ކަމާބެހޭ ހުރިހާ މައުލޫމާތެއް ސާފުކުރުން.

(ރ) ސިއްހީ ފަރުވާ ހޯދަންޖެހޭފަދަ ކަމެއް ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ކުރިމަތިވެފައިވޭތޯ ބެލުމަށްޓަކައި އޭނާ ހުރި ގެއަކާ އެންމެ ގާތުން ސިއްހީ ފަރުވާ ދެވޭނެ މަރުކަޒަކަށް، އޭނާ ގެންގޮސްދީ އޭނާއަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން. އަދި މިގޮތުން ގެންދާ ގެންދިޔުމުގައި ހެކި ގެއްލިގެން ހިނގައިދާނެފަދަ އަމަލެއްކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކޮންމެ ކަމެއް ނުކުރުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ބ) މައްސަލައާއި ގުޅުންހުރި އެންމެހައި ފަރާތްތައް ހޯދާ، އެފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، ހެކިބަސް ހޯދަންޖެހޭ މީހުންގެ ހެކިބަސް ހޯދައި، މައްސަލައިގެ ތަހްގީގު ނިންމައި ދައުވާކުރެވިދާނެކަމަށް ގަބޫލުކުރެވެންއޮތް މައްސަލަތަކުގައި ދައުވާކޮށްދިނުންއެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.

(ޅ) ހެކިބަސްދޭ މީހުންގެ ތެރޭގައި ނުވަތަ ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމުގައިވާނަމަ، އެކުދިންނާ އެކަށޭނަ މާހައުލެއްގައި އިޖްތިމާއީ ހިދުމަތްތައްދޭ ފަރާތެއްގެ ހާޒިރުގައި އެކުދިންގެ ހެކިބަސް ހޯދުން ނުވަތަ ބަޔާން ނެގުން.

(ކ) ގެވެށި އަނިޔާގެ އަމަލުގެގޮތުގައި ހިމެނުނު އަމަލުގެ ތެދު، ފުރިހަމަ ތަފްސީލުތައް އެކުލަވާލުން.

(އ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި ލިބިދެވޭ ފަރުވާ އޭނާއަށް ތަފްސީލުކޮށް ބަޔާންކޮށްދިނުން. އޭގެތެރޭގައި އަންނަނިވި ކަންކަން ތަފްސީލުކޮށް ކިޔައިދިނުން.

  1. އަންނަނިވި ބާވަތްތަކުގެ ކޯޓު އަމުރަކަށް އެދުމުގެ ހައްގުލިބިގެންވާކަން:
    (ހހ) ރައްކާތެރިކުރުމުގެ އަމުރު؛
    (ށށ) ހަޒާނާތުގެ އަމުރު؛
    (ނނ) ދިރިއުޅޭނެ ގެއަކާ ގުޅިގެން ކުރާ ކޯޓު އަމުރު؛
    (ރރ) ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރު.

  2. ޖިނާއީ ކުށެއްގެ ދައުވާ އުފުލެންއޮތް ހާލަތްތަކުގައި، އެފަދަ ދައުވާއެއް އުފުލިދާނެކަން.

(ވ) ކަމާގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، އޮތޯރިޓީއަށާއި ކޯޓަށް ފޮނުވުން.

(މ) ރައްކާތެރިކަމުގެ މަރުކަޒަކަށް ގެންދަންޖެހޭފަދަ ކަމެއް، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއާމެދު ހިނގާފައިވާނަމަ، އެފަދަ މަރުކަޒަކަށް ފުލުހުންގެ ހަރަދުގައި، އޭނާ ގެންގޮސްދިނުން.

(ފ) ގެވެށި އަނިޔާގެ އަމަލު ރިޕޯޓުކުރި ފަރާތަށް ދޭންޖެހޭ އެންމެ އެކަށޭނަ ރައްކާތެރިކަން ފުލުހުން ދިނުން.

(ދ) ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ހައްޔަރުކުރަންޖެހޭކަމަށްވާނަމަ، ހައްޔަރުކުރުން.

(ތ) ގެވެށި އަނިޔާގެ އަމަލު ހިންގި ފަރާތް ކުރި ކުށުގެ މައުލޫމާތާއި އެމީހާގެ މައުލޫމާތު މީޑިއާއަށް ހާމަކުރުން.

(ލ) ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ،  އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލު ހިންގުމުގެ ތެރޭގައި މާރާމާރީ ނުވަތަ ޖިސްމާނީ އަނިޔާ ނުވަތަ ގަދަކަމުން ޖިންސީގުޅުން ހިންގުން ނުވަތަ ޖިންސީ ގޯނާކުރުން ނުވަތަ މީހުން މެރުން ނުވަތަ މިނޫންވެސް ޖިނާއީ ގާނޫނުތަކުގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ ޖިނާއީ ކުށެއްކޮށްފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އޭނާ އެހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ ޖިނާއީ ގާނޫނެއްގެ ދަށުން އޭނާއަށް ޖިނާއީ ކުށުގެ އަދަބެއް ލިބެންއޮތްތޯ ބެލުމުގެގޮތުން، ފުރިހަމައަށް މައްސަލަ ބަލައި ތަހުގީގުކުރުން. އަދި އެފަދަ ޖިނާއީ ކުށުގެ އަދަބެއް ލިބެންއޮތްކަމަށް ގަބޫލުކުރެވޭނަމަ، ޖިނާއީ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މައްސަލަ ފޮނުވުން.

 

15 ވަނަ މާއްދާ - ހައްގުތައް ބަޔާންކޮށްދިނުން

ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް، އަންނަނިވި ކަންކަން އޭނާއަށް ދޭހަވާނެ ބަހަކުން، އޭނާއަށް ދޭހަވާނެ ގޮތަކަށް، ތަފްސީލުކޮށް ބަޔާންކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެކެވެ. އަދި ކޮންމެހެން މުހިންމު ކަމެއްކަމަށް ފެނިއްޖެހިނދެއްގައި، އެ މައުލޫމާތު ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް، އޭނާ އެދޭނަމަ، ލިޔުމުން ދޭންވާނެއެވެ.

(ހ) މައްސަލަ ބެލުމުގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރާގުޅޭ މައުލޫމާތު.

(ށ) އެ އަމަލުގެ ސަބަބުން ސިއްހީ ފަރުވާއަށް ބޭނުންވާކަމަށްވާނަމަ، އެފަދަ މަރުކަޒަކަށް ގެންގޮސްދިނުމުގެ އިންތިޒާމް ފުލުހުން، އޮތޯރިޓީގެ ހަރަދުގައި، ހަމަޖައްސައިދޭނެކަން.

(ނ) އެ އަމަލުގެ ސަބަބުން ރައްކާތެރިކަމުގެ މަރުކަޒަކަށް ގެންދަންޖެހޭކަމަށްވާނަމަ، އަދި އެފަދަ މަރުކަޒެއްގެ ހިދުމަތް ލިބެންހުރިނަމަ، އެފަދަ މަރުކަޒަކަށް ގެންގޮސްދިނުމުގެ އިންތިޒާމް ފުލުހުން، އޮތޯރިޓީގެ ހަރަދުގައި، ހަމަޖައްސައިދޭނެކަން.

(ރ) ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ އެ އަމަލުގެ ށިކާރައަކަށްވާ މީހާއާ މުއާމަލާތްކުރުމުން ދުރުކުރުމަށްޓަކައި، ކޯޓު އަމުރަކަށް އެދެވިދާނެކަން.

(ބ) އެފަދަ އަމުރެއްގައި އަންނަނިވި ކަންކަން މަނާކުރެވިގެންވާނެކަން.

  1. ރައްކާތެރިކުރެވިގެންވާ މީހާއަށް ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން ނުވަތަ ނަފްސާނީގޮތުން އެއްވެސް އަނިޔާއެއް ކުރުން.
  2. ރައްކާތެރިކުރެވިގެންވާ މީހާއަށް ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން ނުވަތަ ނަފްސާނީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން.
  3. ރައްކާތެރިކުރެވިގެންވާ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއްދިނުން، ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން.
  4. ރައްކާތެރިކުރެވިގެންވާ މީހާއަށް ބިރުދެއްކުމުގެގޮތުން ނުވަތަ ލަދުގެންނެވުމުގެގޮތުން ނުވަތަ ނަފްސާނީގޮތުން އަނިޔާކުރުމުގެގޮތުން އެއްވެސް އަމަލެއް ކުރުން، ނުވަތަ އެފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން.
  5. ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ، ރައްކާތެރިކުރެވިގެންވާ މީހާއާމެދު ނުކުރުމަށް އަންގާ އެއްވެސްކަމެއް އެހެންމީހަކު މެދުވެރިކޮށްނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުން.

(ޅ) ރޭގަނޑުގެ ވަގުތެއްގައި ނުވަތަ ހަފްތާބަންދުގެ ވަގުތެއްގައި ނުވަތަ ރަސްމީ ބަންދުދުވަހެއްގައި ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމަށްވާނަމަ، ވަގުތީ ހައްލުގެގޮތުގައި، ފުލުހުންނަށް ހަމަޖައްސައިދެވޭނެ ހައްލުތަކަކީ ކޮބައިކަން ބުނެދިނުން.

(ކ) ކޯޓު އަމުރެއް ހޯދުމުގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަކީ ލާޒިމުކަމެއްނޫންކަން.

(އ) އެ އަމުރަށް އެދުމުގައި ކޯޓުގެ އެހީތެރިކަން އޭނާއަށް ހޯދިދާނެކަން.

 

16 ވަނަ މާއްދާ - ގެވެށި އަނިޔާގެ ރިޕޯޓު ތައްޔާރުކުރުން

(ހ) ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ މައްސަލަ ތަހްގީގުކޮށްފިނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް، އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ރިޕޯޓު ތައްޔާރުކުރާނީ، ފުލުހުން ހިމަނަން ބޭނުންވާ މައުލޫމާތެއްގެ އިތުރަށް، އަންނަނިވި ތަފްސީލުތައް ހިމެނޭގޮތަށެވެ.

  1. ގެވެށި އަނިޔާގެ އަމަލު ހިންގި ފަރާތާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތާ ދެމެދު ހުރި ގުޅުން
  2. ޖިންސުގެ ނިސްބަތް.
  3. ތައުލީމީ ފެންވަރު.
  4. އަދާކުރާ ވަޒީފާއެއްގެ ތަފްސީލު.
  5. ށަކުވާ ލިބުނު ގަޑި.
  6. ށަކުވާ ލިބުނު ތާރީހް.
  7. މައްސަލަ ތަހްގީގުކުރި ފަރާތް.
  8. ގެވެށި އަނިޔާގެ އަމަލުގައި ކުޑަކުއްޖަކު ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ހިމެނޭކަން ނުވަތަ ނޫންކަން؛ ހިމެނޭނަމަ، އެ ކުއްޖެއްގެ ނުވަތަ މީހެއްގެ ތަފްސީލު.
  9. ހިންގި އަމަލުގެ ތަފްސީލު.
  10. މައްސަލަ ހައްލުކުރުމުގެގޮތުން އެޅި ފިޔަވަޅު.
  11. ރައްކާތެރިކުރުމުގެ އަމުރެއް ނެރުނުނަމަ، އެ ނެރުނު އަމުރެއްގެ ތާރީހާއި ތަފްސީލު.
  12. ރައްކާތެރިކުރުމުގެ ދާއިމީ އަމުރެއް ނެރުނުނަމަ، އެ ނެރުނު އަމުރެއްގެ ތާރީހާއި ތަފްސީލު.
  13. ގެވެށި އަނިޔާގެ އަމަލެއް ހިނގިގޮތާއި، ހިނގި ހާލަތާއި، ހިނގި ސަބަބު އަންގައިދިނުމަށްޓަކައި ބޭނުންވާ އެހެނިހެން މައުލޫމާތު.

 

17 ވަނަ މާއްދާ - އަހަރީ ރިޕޯޓު ތައްޔާރުކުރުން

(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން، ވިދިގެން އަންނަ އަހަރުގެ ފުރަތަމަ 3 (ތިނެއް)  މަސްދުވަހުގެ ތެރޭގައި، ވޭތުވެދިޔައަހަރު ރިޕޯޓުކުރެވުނު ގެވެށި އަނިޔާގެ މައްސަލައާއި، ބަލައި ނިންމުނު ގެވެށި އަނިޔާގެ މައްސަލައިގެ މައްޗަށް އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، އޮތޯރިޓީއަށާއި ކޯޓަށް، ފުލުހުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު ތައްޔާރުކުރާއިރު، އަންނަނިވި މައުލޫމާތު ހިމަންނަންވާނެއެވެ.

  1. މައްސަލަ ރިޕޯޓުކުރެވުނު އަދަދު.
  2. އަންހެނުންގެ ފަރާތުން މައްސަލަ ރިޕޯޓުކުރެވުނު އަދަދު.
  3. ފިރިހެނުންގެ ފަރާތުން މައްސަލަ ރިޕޯޓުކުރެވުނު އަދަދު.
  4. ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން ތަހްގީގުކޮށް ނިންމުނު މައްސަލަތަކުގެ އަދަދު.
  5. ރިޕޯޓެއް ލިބުމުން، އެކަމެއް ހައްލުކުރުމަށް ފުލުހުން އިޖާބަދީފައިވާގޮތާއި، އެކަމަށް އާންމުކޮށް ހިނގާފައިވާ ވަގުތުގެ ނިސްބަތް.
  6. ފުލުހުން އެ މައްސަލަ ހައްލުކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް.
  7. ނަފްސާނީ، ޖިސްމާނީ، އަދި މާލީގޮތުން ލިބިފައިވާ ގެއްލުން.

 

ހަތްވަނަ ބައި

ރައްކާތެރިކުރުމުގެ އަމުރު

18 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

(ހ) ރައްކާތެރިކުރުމުގެ އަމުރަކީ، ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ށިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި،  އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރެކެވެ.

(ށ) ގެވެށި އަނިޔާގެ އަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާކަމަށް ކޯޓަށް ގަބޫލުކުރެވޭހިނދު، އެފަދަ އަމަލެއް ހިނގިޔަނުދިނުމަށްޓަކައި، ނުވަތަ އެފަދަ އަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.

(ނ) ރައްކާތެރިކުރުމުގެ އަމުރެއްގެ އެންމެ އަސާސީ އެއް މަގްސަދަކީ، ގެވެށި އަނިޔާގެ ށިކާރައަކަށްވެފައިވާ މީހާ ނުވަތަ ގެވެށި އަނިޔާގެ ށިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، ސިއްހަތުގެ ދުޅަހެޔޮކަމާއި، އޭނާގެ ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނުމެވެ.

 

19 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރަށް އެދުން

(ހ) ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް އަމުރެއް ނެރެދިނުމަށްއެދި، ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) އަމުރަކަށް އެދެނީ ކުޑަކުއްޖަކުނަމަ، އެކަން ކުރަންވާނީ، އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ހަވާލުވެހުރި ފަރާތެއް ނުވަތަ މި ގާނޫނުގެ  8 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ. ނުވަތަ އެ ކުއްޖަކު އަމިއްލައަށްވެސް އެފަދަ އަމުރަކަށް އެދެވިދާނެއެވެ.

(ނ) އަމުރަކަށް އެދެނީ، ނުކުޅެދުންތެރިކަމެއް ހުރި މީހަކު ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކުނަމަ، އެކަން ކުރަންވާނީ، އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ހަވާލުވެހުރި ފަރާތެއް ނުވަތަ މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ. ނުވަތަ އަމިއްލައަށް އެފަދަ އަމުރަކަށް އެދުމުގެ ގާބިލުކަން ހުރިނަމަ،  އޭނާއަށް އަމިއްލައަށްވެސް އެފަދަ އަމުރަކަށް އެދެވިދާނެއެވެ.

(ރ) އަމުރަކަށް އެދެނީ ކުޑަކުއްޖަކަށް ނުވެފައި، އެހެންނަމަވެސް މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތައް އެހެންހުރުމުގެ ސަބަބުން، އަމިއްލައަށް އެކަން ކުރުމަށް އުޒުރުވެރިވާ ފަރާތެއްކަމުގައިވާނަމަ، އެ އަމުރަށް އެދޭނީ އޭނާ ކަނޑައަޅާ މީހަކު މެދުވެރިކޮށެވެ.

 

20 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރަށް އެދޭހިނދު ހިނގާނެ އުސޫލު

(ހ) މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ހަވާލުވެހުރި ފަރާތެއް ނުވަތަ މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިކޮށް،  މި ގާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަކަށް ކުޑަކުއްޖަކު އެދުނުކަމުގައިވީނަމަވެސް، އޭނާގެ ވާހަކަ އަޑުއެހުމުގެ ފުރުސަތު ކޯޓަށް ނުލިބޭގޮތަށް އެފަދަ އެއްވެސް ހުށަހެޅުމެއް މާނަކުރެވިގެނެއްނުވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ހުށަހެޅުމެއް ހުށަހެޅިފައިވާ ވަގުތުގައި، ކޯޓަށް ބޭނުންވެއްޖެހިނދެއްގައި، އެ ކުއްޖެއްގެ ފަރާތުން އެ މައްސަލައިގައި ދައްކަން ބޭނުންވާ ވާހަކަ އަޑުއެހުމަށްޓަކައި، އެ ކުއްޖަކު ކޯޓަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް، ކޯޓުގެ ބޭނުމަށް ހާޒިރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެ ކުއްޖަކު ކޯޓަށް ހާޒިރުކުރަންވާނީ އިޖްތިމާއީ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކާ އެކުގައެވެ.

(ނ) އެ ކުއްޖާގެ އުމުރަށާއި އެ ކުއްޖާގެ ތަސައްރުފު ފުދުންހުރި މިންވަރުގެ މައްޗަށް ބިނާކޮށް އެ ކުއްޖަކު ދައްކާ ވާހަކައިގެ މައްޗަށް ރިއާޔަތްކުރުމަކީ، ކޯޓަށް އިހްތިޔާރު ލިބިގެންވާކަމެކެވެ.

 

21 ވަނަ މާއްދާ - ކައިވެނިކޮށްގެންއުޅޭ ކުޑަކުދިން އަމުރަށް އެދުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން މީހަކާ އިނދެގެންއުޅޭ ކުއްޖަކު ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭނަމަ، މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ހަވާލުވެހުރި ފަރާތެއް ނުވަތަ މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިނުކޮށް އަމިއްލައަށް އެފަދަ އަމުރަކަށް އެދެވިދާނެއެވެ.

 

22 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުރި މީހުން އަމުރަކަށް އެދުން

އަންނަނިވި ހާލަތްތަކުގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން، ރައްކާތެރިކުރުމުގެ އަމުރަށް އެދޭނަމަ، އެ އަމުރަށް އެދޭނީ މައިންބަފައިން ނުވަތަ ބެލެނިވެރިޔަކު ނުވަތަ އޭނާ ބެލުމުގެ ޒިންމާއާ ހަވާލުވެހުރި ފަރާތެއް ނުވަތަ މި ގާނޫނުގެ 8 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ފަރާތެއް މެދުވެރިކޮށެވެ.

(ހ) ތިމާގެ ގައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން؛ ނުވަތަ

(ށ) ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށާއި މަންފާއަށް ވިސްނުމާއި، ތިމާގެ ނަފްސުގެ ދުޅަހެޔޮކަމަށާއި މަންފާއަށްޓަކައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ ކުޅަދާނަކަން ލިބިގެންނުވުމުގެ ސަބަބުން، ނުވަތަ އެކަންކަމުގެ ބާވަތާއި މުހިންމުކަން ވަޒަންކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން؛ ނުވަތަ

(ނ) ތިމާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށާއި މަންފާއަށް ވިސްނައިގަތުމަށް އެނގުނުކަމުގައިވީނަމަވެސް، އަދި ތިމާގެ އަމަލުތަކުގެ ސަބަބުން ނުކުންނާނެ ނަތީޖާއާމެދު ވިސްނައިގަތުމުގެ ގާބިލުކަން ހުރިކަމުގައިވީނަމަވެސް، އެކަންކަން ބަޔާންކޮށްދިނުމަށް ނުވަތަ އެހެން މީހުންނަށް އަންގައިދިނުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން.

 

23 ވަނަ މާއްދާ - ތިންވަނަ ފަރާތެއް މެދުވެރިކޮށް އަމުރަށް އެދުން

(ހ) އަންނަނިވި ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް މި މާއްދާގެ ދަށުން، ތިންވަނަ ފަރާތެއް މެދުވެރިކޮށް، ހާއްސަ އުސޫލަކުން، ރައްކާތެރިކުރުމުގެ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ.

  1. ހުރެވުނު ހާލަތުގެގޮތުން އެކަމަށް އަމަލީގޮތުން ނުކުޅެދުން؛ ނުވަތަ
  2. އެކަން ކުރުމުގައި އޭނާއަށް ކޮންމެވެސްވަރެއްގެ ބިރެއް އިހްސާސްކުރެވުން؛ ނުވަތަ
  3. އޭނާ ހުރި ހާލަތުގެގޮތުން އޭނާއަށް އޭނާގެ އަމިއްލަ ނަމުގައި އެފަދަ އަމުރަކަށް އެދުމަކީ އޭނާގެ މަސްލަހަތު ރަނގަޅުގޮތުގައި ދެމެހެއްޓުމަށް ބުރޫއަރާފާނެ ކަމަކަށްވުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންވެގެންވާ ތިންވަނަ ފަރާތްތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާގެ އާއިލާއާއި ތިމާގެ މީހުންނާއި ރަހްމަތްތެރިންނާއި ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްއިއްޔާތައް ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް މީހަކު ރައްކާތެރިކުރުމުގެ އަމުރަކަށް އެދެފިކަމަށްވާނަމަ، އޭނާގެ ފަރާތުން އެ ތިންވަނަ ފަރާތް ގަބޫލުކުރުމާއި، އެމީހަކަށް ކޯޓުގައި ވަކާލާތުކުރުމާއި ތަމްސީލުކުރުމުގެ ފުރުސަތު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާ (ހ)  ގެ ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރަކަށް މީހަކު އެދިއްޖެނަމަ، އަންނަނިވި ކަންކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ.

  1. އޭނާ ހަގީގަތުގައިވެސް އެފަދަ އަމުރަކަށް އެދެން ބޭނުންވާކަން.
  2. ކޯޓަށް މައްސަލަ ހުށަހަޅައި، އަމުރަކަށް އެދިފައިވަނީ، އޭނާ ކަނޑައަޅާފައިވާ ފަރާތްކަން.
  3. އޭނާ އެމީހަކު ކަނޑައަޅާފައިވަނީ، އެނާގެ ފުރިހަމަ އިހްތިޔާރުގައިކަން.
  4. އޭނާގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތް އެކަމަށް އެއްބަސްވާކަން.
  5. އަމުރަކަށް އެދިފައިވާ ފަރާތާއި އޭނާ ތަމްސީލުކުރުމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތާ ދެމެދު މަސްލަހަތުގެ ފުށުއެރުމެއްނުވާކަން.#

 

24 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު ނެރުމުގެ ބާރު

(ހ) އަންނަނިވި ކަންކަން ކޯޓަށް ކަށަވަރުކުރެވޭކަމަށްވާނަމަ، ރައްކާތެރިކުރުމުގެ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

  1. އަމުރު ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ އަމަލެއްކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލެވޭ އަމަލެއް ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަން.
  2. އެފަދަ އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ ނުވަތަ އެފަރާތުގެ ދަރިއެއްގެ ނުވަތަ އެފަރާތުގެ އާއިލާގެ މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަން.

(ށ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭގެއާ އެންމެ ގާތުގައި ހުރި ފުލުހުންގެ އޮފީހެއްގެ އެންމެ އިސް އޮފިސަރު މެދުވެރިކޮށް ރައްކާތެރިކުރުމުގެ އަމުރު ތަންފީޒުކުރުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.

(ނ) މައްސަލައިގެ ބާވަތަށް ބަލައި ކޯޓަށް ފެނިއްޖެހިނދެއްގައި، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އެދިއްޖެހިނދެއްގައި، މި ގާނޫނުގެ ދަށުން ހިންގޭ ށަރީއަތުގެ މަޖިލިސް، އާންމުންނަށް ހުޅުވާނުލާ، އަޑުއެހުންތައް ސިއްރު ޖަލްސާއެއްގެގޮތުގައި ބޭއްވިދާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ނެރެވޭ ކޯޓު އަމުރުތަކަކީ މުޅި ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ކޯޓު އަމުރުތަކެކެވެ.

 

25 ވަނަ މާއްދާ - އެހެން ދައުވާއެއް އޮތުން އަމުރު ނެރުމަށް ހުރަހަކަށް ނުވުން

އަމުރު ނިސްބަތްވާ މީހާއާ ގުޅޭގޮތުން ނުވަތަ އަމުރަށް އެދިފައިވާ މީހާއާ ގުޅޭގޮތުން، ވަރިކައިވެނީގެ ދައުވާއެއް، ނުވަތަ ބަލަދުވެރިކަމުގެ ދައުވާއެއް ނުވަތަ ދަރިފުޅު ހޯދުމުގެ ދައުވާއެއް ނުވަތަ އެ ދެފަރާތުގެ ގުޅުމާ ގުޅޭގޮތުން އުފެދިފައިވާ އެހެން ދައުވާއެއް ނުވަތަ ޖިނާއީ ދައުވާއެއް ހިނގަމުންދިޔުމަކީ، ހަމައެކަނި އެކަމަށްޓަކައި، މި ގާނޫނުގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށް ހުރަހަކަށްވެދާނެ ސަބަބެއްނޫނެވެ.

 

26 ވަނަ މާއްދާ - އަމުރަށް އެދޭ މީހާ ނޫން އެހެން މީހެއް ރައްކާތެރިކުރުން

(ހ) އަމުރަށް އެދޭ މީހާ އެދިފައިވާ ގޮތުގެމަތިން، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެފިހިނދެއްގައި،  އެ އަމުރަށް އެދޭ މީހާއާއި އެމީހެއްގެ ދަރިން، އެ އަމުރުގެ ދަށުން، ރައްކާތެރިކުރެވިގެންވާނެއެވެ.

(ށ) ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ކުރުމުގައި، އެ އަމުރަށް އެދުނު ފަރާތާއި އެފަރާތާ ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތެއްގެ ރައްކާތެރިކަން ދެމެހެއްޓުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް، އެ އަމުރު ހިންގުމަށްވެސް ކޯޓަށް އެންގިދާނެއެވެ.

 

27 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު  ތިންވަނަ ފަރާތަކަށް ނިސްބަތްވުން

ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ކުރާއިރު، އެ އަމުރު ނިސްބަތްވާ މީހާ ގެވެށި އަނިޔާގެ ގޮތުގައި  މި ގާނޫނުގެ ދަށުން ބެލެވޭ އަމަލެއް ސީދާ ހިންގުމުގެ ބަދަލުގައި އެކަން އޭނާ ކުރުވަނީ އެހެން މީހަކަށް ހިތްވަރުދީގެން ނުވަތަ އެހެން މީހެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ތިންވަނަ ފަރާތާ ދެކޮޅަށްވެސް ރައްކާތެރިކުރުމުގެ އަމުރު ކޯޓަށް ނެރެވިދާނެއެވެ.

 

28 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރުގެ އާންމު ށަރުތުތައް

ރައްކާތެރިކުރުމުގެ އަމުރެއްގައި ކަނޑައެޅިގެން ބަޔާންވެފައިނުވިނަމަވެސް، ރައްކާތެރިކުރުމުގެ އަމުރެއް ނިސްބަތްވާ މީހާ އަންނަނިވި އެއްވެސް އަމަލެއް ކޮށްގެންނުވާނެއެވެ.

(ހ) ރައްކާތެރިކުރެވިގެންވާ މީހާއަށް، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކުރުން.

(ށ) ރައްކާތެރިކުރެވިގެންވާ މީހާއަށް ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން.

(ނ) ރައްކާތެރިކުރެވިގެންވާ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއްދިނުން. ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން.

(ރ) ރައްކާތެރިކުރެވިގެންވާ މީހާ ބިރުގެންނެވުމުގެގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެގޮތުން، ނުވަތަ އޭނާއަށް ނަފްސާނީގޮތުން އަނިޔާކުރުމުގެގޮތުން އެއްވެސް އަމަލެއް ކުރުން. ނުވަތަ އެފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން.

(ބ) ރައްކާތެރިކުރެވިގެންވާ މީހާއާމެދު ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ ނުކުރުމަށް އަންގާ އެއްވެސްކަމެއް އެހެން މީހަކު މެދުވެރިކޮށްނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.

 

29 ވަނަ މާއްދާ - މުއާމަލާތްކުރުން މަނާކުރުމުގެ ށަރުތު

(ހ) ރައްކާތެރިކުރެވިގެންވާ މީހާއާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ، އެއް ގެއެއްގައި ދިރިއުޅޭ ހާލަތުގައި، އެ ނިސްބަތަށް މެނުވީ، ރައްކާތެރިކުރެވިގެންވާ މީހާއާމެދު އަންނަނިވި ކަންކަން ނުކުރުމަށްވެސް، ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާގެ މައްޗަށް، ކޯޓަށް ލާޒިމުކުރެވިދާނެއެވެ.

  1. ރައްކާތެރިކުރެވިގެންވާ މީހަކު ދިރިއުޅޭ ގެއަށް، ނުވަތަ މަސައްކަތްކުރާ ތަނަށް، ނުވަތަ ވަޒީފާ އަދާކުރާ ތަނަށް، ނުވަތަ ކިޔަވައިދޭ ތަނަށް، ނުވަތަ ކިޔަވަންދާ ތަނަށް ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަނަށް ވަދެނުކުތުމަށް ހުރަސް އެޅުން؛ ނުވަތަ އޭނާ އެތަންތަނަށް ވަންނަ ގަޑީގައި އޭނާއަށް އުނދަގުލެއް ކުރުމަށް ނުވަތަ އޭނާ އުޅޭނޫޅޭގޮތް ބެލުމަށް އޭނާގެ ފަހަތުން ދިޔުން.
  2. ރައްކާތެރިކުރެވިގެންވާ މީހާގެ ފަހަތުން ހިނގުމާއި އޭނާ ދާ ތަންތަނަށް ދިޔުމާއި، އޭނާ ހުއްޓުވުމާއި، އޭނާއަށް ގޯނާކުރުމާއި، އޭނާއަށް ވަށްބަހުން ހަމަލާދިނުން.
  3. ރައްކާތެރިކުރެވިގެންވާ މީހާގެ ހުއްދަ ކަނޑައެޅިގެން ސާފުބަހުން ލިބިގެން މެނުވީ، އޭނާ ދިރިއުޅޭ ގެއަކަށް، ނުވަތަ އޭނާ ހުރި ތަނަކަށް، ވަނުން ނުވަތަ އެތަނެއްގައި އުޅުން ނުވަތަ ހުރުން.
  4. އަންނަނިވި ހާލަތްތަކުގައި، އެއިން ހާލަތަކަށް އެކަށީގެންވާ މިންވަރަކަށް މެނުވީ، އަންނަނިވި ބާވަތުގެ އެއްވެސް މުއާމަލާތެއް ފޯނު މެދުވެރިކޮށް، ނުވަތަ ސިޓީ މެދުވެރިކޮށް، ނުވަތަ އީމެއިލް މެދުވެރިކޮށް، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކުން ރައްކާތެރިކުރެވިގެންވާ މީހާއާ ކުރުން.

 (ހހ) ރައްކާތެރިކުރެވިގެންވާ މީހާގެ ދަރިފުޅު ދެކެން ނުވަތަ ބެލުމަށް ނުވަތަ ޒިޔާރަތްކުރުމަށް ވެވިފައިވާ އެއްބަސްވުމެއް ނުވަތަ އަމުރެއްގެ ދަށުން ހުއްދަކޮށްފައިވާ މިންވަރަށް، ރައްކާތެރިކުރުމުގެ އަމުރުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ހާއްސަ ށަރުތުތަކެއްގެމަތިން، ހުއްދަކުރެވިފައިވާ ނިސްބަތަށް، އެ މިންވަރަށް.

(ށށ) ކޮންމެހެން ބައިވެރިވާންޖެހޭ އާއިލީ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ބައިވެރިވާންޖެހޭ ނިސްބަތަށް، އެ މިންވަރަށް.

(ށ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތަށްކަމުގައިވާނަމަ،  އެ އަމުރު ނިސްބަތްވާ ހަމަކޮންމެ ފަރާތެއްގެ މައްޗަށްވެސް އިސްވެ ބަޔާންކުރެވުނު ށަރުތުތައް، އެ ނިސްބަތަށް ހިނގާނެއެވެ.

 

30 ވަނަ މާއްދާ - މުއާމަލާތްނުކުރުމުގެ ށަރުތާގުޅޭ އިތުރު އުސޫލުތައް

(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)  ގައި މުއާމަލާތް ނުކުރުން ށަރުތުކޮށްފައިވާ ކުރުން ހިނގާނީ، ރައްކާތެރިކުރެވިގެންވާ މީހާގެ އިޒުނަ ސާފުބަހުން ލިބިގެން، ރައްކާތެރިކުރެވިގެންވާ ފަރާތާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތާ، ދެމީހުން، ރައްކާތެރިކުރެވިގެންވާ މީހާގެ ރުހުމުގައި އެއް ގެއެއްގައި ދިރިއުޅޭ ހާލަތްނޫން ހާލަތްތަކުގައެވެ.

(ށ) ރައްކާތެރިކުރެވިގެންވާ މީހާއާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ، ރައްކާތެރިކުރެވިގެންވާ މީހާގެ ހުއްދަ ސާފުބަހުން ލިބިގެން، އެއް ގެއެއްގައި ދިރިއުޅެމުންދާހާހިނދަކު، މުއާމަލާތްނުކުރުމުގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތައް، އެ ހާލަތުގައި، އެ މިންވަރަށް، ހުންނާނީ ހިފެހެއްޓިފައެވެ.

(ނ) ރައްކާތެރިކުރެވިގެންވާ މީހާއާއި ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ އެއް ގެއެއްގައި ދިރިއުޅުމަށް ރައްކާތެރިކުރެވިގެންވާ މީހާ ދީފައިވާ ހުއްދަ އަނބުރާގެންގޮސްފިހިނދެއްގައި،  މި މާއްދާގެ ދަށުން ހިފެހެއްޓިފައިހުރި މުއާމަލާތްނުކުރުމުގެ ށަރުތުތައް ހިފެހެއްޓިފައި ހުރިހުރުން ނިމުމަކަށް އައިސް، އެ ށަރުތުތައް އޭގެ ފުރިހަމަ ޒާތުގައި، އެހިނދުން ފެށިގެން ހިނގަންފަށާނެއެވެ.

(ރ) މުއާމަލާތްނުކުރުމުގެ ށަރުތުތައް މި މާއްދާގެ ބޭނުމަށްޓަކައި އެއްފަހަރު ނުވަތަ ތަކުރާރުކޮށްވެސް ހިފެހެއްޓިގެން ހިނގައިދާނެއެވެ. އަދި އެއްފަހަރަށްވުރެ ގިނަފަހަރު އިއާދަވެސް ކުރެވިދާނެއެވެ.

(ބ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްވާނަމަ، އެއިން ކޮންމެ ފަރާތަކަށްވެސް، އިސްވެދެންނެވި މާއްދާތަކުގައި ބަޔާންވެގެންވާ އުސޫލުތައް އެ ހާލަތަކާގުޅޭ ނިސްބަތަކަށް ހިނގާނެއެވެ.

 

31 ވަނަ މާއްދާ - ހާއްސަ ށަރުތު ހިމެނުން

(ހ) ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރޭހިނދު، ރައްކާތެރިކުރެވިގެންވާ މީހާ ނުވަތަ އެމީހާގެ ދަރިއެއް ރައްކާތެރިކުރުމަށްޓަކައި އެ އަމުރު ނިސްބަތްވާ މީހާ ބައެއް ހާއްސަ ށަރުތުތަކަށް ތަބާވާންޖެހޭކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ކޯޓުން އެ އަމުރު ނިސްބަތްވާ މީހާގެ މައްޗަށް އަންނަނިވި ށަރުތުތައް (އަދި މިނޫންވެސް މިބާވަތުގެ ށަރުތުތައް)  ލާޒިމުކުރެވިދާނެއެވެ.

  1. ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު؛
  2. ހަޒާނާތުގެ އަމުރު؛ އަދި/ނުވަތަ
  3. ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރު.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ހާއްސަ ށަރުތެއް ކަނޑައަޅައި، އެ ށަރުތަށް ތަބާވުން ލާޒިމުކުރެވޭނީ، ރައްކާތެރިކުރެވިގެންވާ ފަރާތުގެ ރައްކާތެރިކޮށްދޭންޖެހޭ ހާއްސަ މަސްލަހަތުތަކެއް ހުރިކަމަށް ކޯޓަށް ފެނިއްޖެހިނދެއްގައި، އެ މަސްލަހަތުތައް ހިމާޔަތްކޮށްދިނުމަށް ބޭނުންވާ މިންވަރަށެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރެއްގައި ހާއްސަ ށަރުތެއް، ކޯޓުން ކަނޑައަޅައިފިހިނދެއްގައި އެ އަމުރުގެ މުއްދަތަށް އެ ހާއްސަ ށަރުތުވެސް ދެމިއޮންނާނެއެވެ. އެއީ، އެ ށަރުތަށް ކޯޓުން ބަދަލު ނުގެންނަހާހިނދަކު ނުވަތަ އެ ށަރުތު ކޯޓުން އުވާނުލާހާހިނދަކުއެވެ.

(ރ) މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މެނުވީ، އެކުގައި ދިރިއުޅޭ ގެއިން ނުވަތަ އެފަދަ ގެއެއްގެ ބަޔަކުން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އެކަހެރިކޮށް ބޭރުކޮށްގެންނުވާނެއެވެ. ނަމަވެސް އޭނައާ އާއިލީގޮތުން ގުޅުންނެތް އަދި ށަރުއީގޮތުން ބަލަން ހަވާލުވެފައިނުވާ މީހުން މި މާއްދާއިން އިސްތިސްނާވާނެއެވެ.

(ބ) ދިރިއުޅޭނެގެއާ ގުޅިގެން ކުރާ ކޯޓު އަމުރެއް ކުރުމުގައި ކޯޓަށް އަންނަނިވި ކަންކަން ލާޒިމްކުރެވިދާނެއެވެ.

  1. ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ އެފަދަ އަމަލުތަކުން ދުރުހެލިކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ބަހައްޓަން އޭނާއަށް އެންގިދާނެއެވެ. އަދި ދިރިއުޅޭނެގެއާ ގުޅިގެން ކުރާ ކޯޓު އަމުރާ ހިލާފުވެއްޖެނަމަ، މިގޮތަށް ކޯޓުގައި ބަހައްޓާ ފައިސާ ކޯޓަށް އަތުލެވިދާނެއެވެ. 
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކާ އެންމެ ގާތުގައި ހުރި ފުލުހުންގެ އޮފީހެއްގެ އެންމެ އިސް އޮފިސަރަކު ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ރައްކާތެރިކަންދިނުމަށް ނުވަތަ ކޯޓު އަމުރަކަށް އެދުމަށް ނުވަތަ އެ އަމުރު ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.
  3. ދެފަރާތުގެ މާލީ ފުދުންތެރިކަމާއި މާލީ ބޭނުންތަކުގެ މައްޗަށް ރިއާޔަތްކުރާއިރު، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ދިރިއުޅެމުންދާ ގޭގެ ކުލި ދެއްކުމަކީ، ނުވަތަ އެ ގެއާ ގުޅިގެން ދައްކަންޖެހޭ އެހެން ފައިސާއެއްވާނަމަ އެ ފައިސާއެއް ދެއްކުމަކީ، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ކުރަންޖެހޭނެ ކަމެއްކަމަށް ކޯޓަށް ލާޒިމްކުރެވިދާނެއެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާހިނދު ކޯޓުގެ ކޮންމެ މަރުހަލާއެއްގައިވެސް، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ދަރިންނަށް ގެއްލުމެއް ލިބިދާނެފަދަ ހާލަތެއް ނުވަތަ އެކުދިންގެ މަސްލަހަތެއް ގެއްލިދާނެފަދަ ހާލަތެއް މެދުވެރިވެދާނެކަމުގެ ބިރުއޮތްކަން ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއާ ނުވަތަ ހަޒާނާތުގެ އަމުރަކަށް އެދޭ މީހާއާ އެކުދިންގެ ހަޒާނާތް ހަވާލުކުރުމަށް އަމުރުކޮށް ވަގުތީ ހަޒާނާތުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ. އަދި މިފަދަ އަމުރެއްކުރުމުގައި އެކުދިންނަށް ޒިޔާރާތްކުރުމުގެ ހައްގު ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއަށް ދެވިދާނެއެވެ. ނަމަވެސް، މިފަދައިން ޒިޔާރާތްކުރުމުގެ ހައްގެއް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއަށް ދިނުމުގެ ސަބަބުން  އެކުދީންނަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި،  ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއަށް އެކުދީންނަށް ޒިޔާރާތްކުރުން ކޯޓުން މަނާކުރެވިދާނެއެވެ.

(ކ) މި ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ލިބިދޭ އެހެނިހެން ފަރުވާގެ އިތުރުން، ފައިސާގެ ބަދަލުނަގައިދިނުމުގެ އަމުރަކަށް  ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އެދިއްޖެހިނދެއްގައި، ކޯޓަށް އެފަދަ އަމުރެއް ނެރެވިދާނެއެވެ.

(އ) މި ގާނޫނުގެ ދަށުން ހިންގޭ އެއްވެސް ށަރީއަތުގެ މަރުހަލާއެއްގައި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާއާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ، އެކުގައި ނުވަތަ ވަކިވަކިންނަމަވެސް، ކައުންސިލިން ލިބޭނެ އިންތިޒާމެއް އޮތޯރިޓީން ހަމަޖައްސައިދިނުމަށް ކޯޓަށް އެންގިދާނެއެވެ.

 

32 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު މުއްދަތު

(ހ) ރައްކާތެރިކުރުމުގެ އަމުރު، އަވަސް އަމުރެއްގެ ގޮތުގައި ނެރޭ ހާލަތުގައި ފިޔަވައި، ރައްކާތެރިކުރުމުގެ އަމުރެއް ނެރެފިނަމަ، އެ އަމުރު ކޯޓުން ބާތިލުކުރަންދެން، ސައްހަ ގާނޫނީ އަމުރެއްގެ ގޮތުގައި ދެމިއޮންނާނެއެވެ. މިގޮތުން ރައްކާތެރިކުރުމުގެ އަމުރެއް ފުރަތަމަ ފަހަރަށް ނެރޭނީ އެންމެ ދިގުވެގެން 1 (އެކެއް)  އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) ކޯޓުގެ ނިންމުމަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަމުރެއްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. އެކަން ކޯޓުން ކުރާނީ، އެކަމަށްއެދި އެ އަމުރު ނިސްބަތްވާ ފަރާތުން ނުވަތަ އެކަމަށް އެދޭ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުން، ކުރިން ނެރެފައިވާ ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ 7 (ހަތެއް)  ދުވަސްކުރިން މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.

 

33 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރަށް ބަދަލުގެނައުން

ރައްކާތެރިކުރުމުގެ އަމުރަށް އެދުނު މީހާ ނުވަތަ އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އަދި އެ ހުށަހެޅުމަކީ އެންމެ ރަނގަޅު ހުށަހެޅުމެއްކަން ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިކޮށް، އެ އަމުރަށް ބަދަލުގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ހ) ހާއްސަ ށަރުތެއް އުނިކުރުން ނުވަތަ ބަދަލުކުރުން.

(ށ) ހާއްސަ ށަރުތެއް އިތުރުކުރުން.

(ނ) ވަކިކަމެއް ކުރުމަށް އަންގާފައިވާ ގޮތަކަށް ބަދަލުގެނައުން ނުވަތަ އެކަމެއް ކުރަން ނުޖެހޭގޮތަށް ހެދުން.

(ރ) ވަކިކަމެއްގެ އިރުށާދު ވަކިގޮތަކަށް ދިނުން.

 

34 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު މުއްދަތާއި އަމުރު ބާތިލުކުރުން

(ހ) ރައްކާތެރިކުރުމުގެ އަމުރެއް ކުރުމަށްފަހު ހިނގާ މުއްދަތުގައި، އެ އަމުރަށް އެދުނު މީހާ ނުވަތަ އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމުން، އެ ހުށަހެޅުމަކީ ކޯޓަށް ގަބޫލުކުރެވޭ ހުށަހެޅުމެއްކަމަށްވެއްޖެނަމަ، ކޯޓުން ކުރާ އެހެން އަމުރަކުން، ރައްކާތެރިކުރުމުގެ އަމުރު ބާތިލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާފަދަ އަމުރެއް ކޯޓުން ބާތިލުކުރާނީ، ރައްކާތެރިކުރުމުގެ އަމުރެއް ދެމިއޮތުމުގެ ހާލަތު ބަދަލުވެއްޖެކަމަށް ނުވަތަ ނިމުމަކަށް އަތުވެއްޖެކަމަށް ކޯޓަށް ގަބޫލުކުރެވޭނަމައެވެ.

 

35 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުން

(ހ) އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކޮށްފިމީހާ އެކުރަނީ ޖިނާއީ ކުށެކެވެ.

  1. ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވުން.
  2. ރައްކާތެރިކުރުމުގެ އަމުރެއްގައި ބަޔާންވެގެންވާ ށަރުތަކާ އެއްގޮތަށް އަމަލުނުކުރުން.
  3. ދިރިއުޅޭގެއާ ގުޅޭގޮތުން ކުރާ ކޯޓު އަމުރުތަކާއި، ހަޒާނާތުގެ އަމުރު އަދި/ނުވަތަ ފައިސާގެ ބަދަލު ނަގައިދިނުމަށް ކުރާ ކޯޓު އަމުރުތަކާ ހިލާފުވުން.
  4. ރައްކާތެރިކުރުމުގެ އަމުރެއް މެދުވެރިކޮށް ވަކިގޮތަކަށް ވަކިކަމެއް ކުރުމަށް އަންގާފައިވަނިކޮށް، އެގޮތަށް އެކަމެއް ނުކުރުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހާގެ އަދަބަކީ، ގިނަވެގެން 6 (ހައެއް)  މަސްދުވަހަށް ޖަލަށްލުން، ނުވަތަ 15،000 (ފަނަރަހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށް ދެވަނަ ފަހަރަށް ކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 1 (އެކެއް)  އަހަރުދުވަހަށް ޖަލަށްލުން، ނުވަތަ 30،000 (ތިރީސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށް ތިންވަނަ ފަހަރަށް ނުވަތަ ތިންފަހަރަށްވުރެ އިތުރަށްކޮށްފި ކޮންމެ ފަހަރަކު، އެއިން ކޮންމެ ފަހަރެއްގެ އަދަބަކީ، ގިނަވެގެން 3 (ތިނެއް)  އަހަރުދުވަހަށް ޖަލަށްލުން، ނުވަތަ 50،000 (ފަންސާސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ބ) މި މާއްދާގެ (ހ)  ގެ ދަށުން ލިބޭ ޖިނާއީ އަދަބުގެ އިތުރުން، ގެވެށި އަނިޔާގެ އަމަލަކީ މާރާމާރީ ނުވަތަ ޖިސްމާނީ އަނިޔާ ނުވަތަ ގަދަކަމުން ޖިންސީގުޅުން ހިންގުން ނުވަތަ ޖިންސީ ގޯނާކުރުން ނުވަތަ މީހަކު މެރުން ނުވަތަ އެނޫންވެސް މިފަދަ ޖިނާއީ ކުށެއް އޭގައި ހިމެނޭ އަމަލެއްކަމަށް ސާބިތުވާނަމަ، އެހެން ޖިނާއީ ގާނޫނެއްގެ ދަށުން އެކުށުގެ އަމަލަށް ލިބެންޖެހޭ ޖިނާއީ އަދަބު ލިބުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ޅ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، މި މާއްދާގެ (ހ)  ގެ ދަށުން ކުށްކަމަށް ކަނޑައަޅާފައިވާ ކަމެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލުތަކެއް ނުހިނގާނެއެވެ.

(ކ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެންނުވާހާހިނދަކު، ތަހްގީގުކުރުމާއި ދައުވާކުރުމާއި ށަރީއަތްކުރެވޭނީ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ކަނޑައަޅާފައިވާ ގާނޫނުގައި ބަޔާންވެގެންވާގޮތަށެވެ.

(އ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްނަމަވެސް، ހަމައެކަނި ގެވެށި އަނިޔާގެ ށިކާރައަކަށްވީ ފަރާތުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ)  ގެ ދަށުން، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ގެވެށި އަނިޔާގެ އަމަލެއް ހިންގިކަން ސާބިތުވާކަމަށް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ހައްޔަރުކުރުމުގެ ބާރު

(ހ) މި ގާނޫނުގެ ދަށުން ފުލުހުންނަށް އަންނަނިވި ކަންކަން ކުރުމުގެ ބާރު ލިބިގެންވެއެވެ.

  1. ގެވެށި އަނިޔާގެ ހާދިސާއެއް ހިންގާފައިވާ ތަނެއްގައި ތިބިމީހުންގެ ތެރެއިން މީހަކު ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާކަމަށް ފުލުހުންނަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓުގެ އަމުރަކުން ހުއްދަ ލިބުމަކާނުލާ، ގެވެށި އަނިޔާގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ ކޮންމެ މީހަކު  ފުލުހުންނަށް ހައްޔަރުކުރެވިދާނެއެވެ. 
  2. ރައްކާތެރިކުރުމުގެ އަމުރެއް ނިސްބަތްވާ މީހާ، އެ އަމުރުގެ މުއްދަތުގައި، އެ އަމުރާ ހިލާފުކަމެއް ކޮށްފިކަމަށް ފުލުހުންނަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ހެކިތަކެއް ހުރިނަމަ، އޭނާ  ހައްޔަރުކުރެވިދާނެއެވެ. 

(ށ) މި މާއްދާގެ (ހ)  ގެ ދަށުން، މީހަކު ހައްޔަރުކުރުމުގައި، އަންނަނިވި ކަންކަމަށް ފުލުހުން ރިއާޔަތްކުރަންވާނެއެވެ.

  1. އެމީހާ އެވަގުތު ހައްޔަރުނުކޮށްފިކަމަށްވާނަމަ، ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން، ރައްކާތެރިކުރެވިގެންވާ މީހާގެ ރައްކާތެރިކަމަށް އަތުވެދާނެ އުނިކަމެއް.
  2. ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފަށް ކޮށްފައިވާ އަމަލުގެ ބޮޑުކުޑަމިން.
  3. ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވިފަހުން ހިނގާފައިވާ މުއްދަތު.
  4. ރައްކާތެރިކުރެވިގެންވާ މީހާއާ ދެކޮޅަށް ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ މީހާ، ރައްކާތެރިކުރުމުގެ އަމުރާ ހިލާފަށް ކުރާ އަމަލުތަކުގެ ސަބަބުން އޭނާ ހައްޔަރުނުކޮށްފިކަމަށްވާނަމަ، އޭނާ އެ އަމަލުކުރުންމަތީ ދެމިހުރެދާނެކަމަށް ވިސްނޭ މިންވަރު.

 

އަށްވަނަ ބައި

އަވަސް އަމުރާގުޅޭ

37 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދުން

(ހ) ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ، ރައްކާތެރިކުރުމުގެ އަމުރެއް މި ގާނޫނުގައި ބަޔާންވެގެންވާ އާންމު އުސޫލުން ކުރުމުގެ ކުރިން، މައްސަލައިގައި ހިމެނޭ ދެމީހުން ކޯޓަށް ހާޒިރުކުރެވި، ދެމީހުންގެ ވާހަކަ އަޑުއެހުމަށްފަހުގައި ކުރެވޭ އަމުރާ ހިލާފަށް، މައްސަލަ ހުށަހަޅާ މީހާގެ ވާހަކައަށް އެކަނި ބިނާކޮށް، އެ މައްސަލަ ހުށަހެޅުނުކަން އަނެއް ފަރާތަށް އެންގުމަކާ ނުލާ، ނެރޭ އަމުރެކެވެ.

(ށ) ރައްކާތެރިކުރުމުގެ އަމުރު، އަވަސް އަމުރެއްގެ ގޮތުގައި، މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ހާއްސަ ހާލަތްތަކުގައި، ކޯޓަށް ނެރެވިދާނެއެވެ.

 

38 ވަނަ މާއްދާ - އަވަސް އަމުރު ވަގުތީވުން

(ހ) ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ ވަގުތީ އަމުރެކެވެ. އެ އަމުރު ދެމިއޮންނާނީ، އެ އަމުރު ނިމުމަކަށް ނުގެންނަހާހިނދަކު، ގިނަވެގެން 3 (ތިނެއް)  މަސްދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކުރާ 3 (ތިނެއް)  މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެ އަމުރު ނިމުމަކަށް ނުގެންނަނަމަ، ނުވަތަ އެ އަމުރާ ގުޅޭގޮތުން އެ އަމުރު ނިސްބަތްވާ ފަރާތުން މައްސަލައެއް ހުށަހަޅާފައިނުވާނަމަ، 3 (ތިނެއް)  މަސްދުވަސް ހަމަވުމުން، އެއީ ދާއިމީ އަމުރަކަށް ބަދަލުވެގެންދާނެއެވެ.

 

39 ވަނަ މާއްދާ - އަވަސް އަމުރު ނެރެވިދާނެ ހާއްސަ ހާލަތްތައް

މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަވަސް އަމުރުކުރާނީ، އަންނަނިވި ހާލަތްތައް ހުރިކަމަށް ކޯޓަށް ފާހަގަކުރެވޭނަމައެވެ.

(ހ) ދެފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު އަމުރެއްކުރުން އެއީ، މައްސަލަ ހުށަހަޅާ ފަރާތަށް އެ ހާލަތުގައި ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފެނުން.

(ށ) މައްސަލަ ހުށަހަޅާ ފަރާތަށް ލިބެންވާ އިންސާފު ނުލިބިދާނެފަދަ ހާލަތެއްކަމަށް ފެނުން.

(ނ) މައްސަލަ ހުށަހަޅާ ފަރާތަށްއޮތް ނުރައްކާ އިތުރުވެގެންހިނގައިދާނެ ކަމެއްކަމަށް ފެނުން.

(ރ) މައްސަލަ ހުށަހަޅާ ފަރާތަކީ ދަތި އުނދަގޫ ހާލަތެއްގައިވާ މީހަކަށްވުން.

 

40 ވަނަ މާއްދާ - އަވަސް އަމުރު ނެރުމުގެ ކުރިން ރިއާޔަތްކުރަންޖެހޭ ކަންކަން

ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ކުރުމުގެ ކުރިން، އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ހ) ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަންކަން.

(ށ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ އަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަން.

(ނ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ އަމަލުތަކުގެ ސަބަބުން،  އެ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަން.

 

41 ވަނަ މާއްދާ - އަވަސް އަމުރު ކުރުމުން އަމުރު ނިސްބަތްވާ ފަރާތަށް ލިބިދޭ ހައްގުތައް

(ހ) ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ކޮށްފިހިނދެއްގައި އަންނަނިވި ހައްގުތައް  އެ އަމުރު ނިސްބަތްވާ ފަރާތަށް ލިބިގެންވެއެވެ.

  1. އެ އަމުރު ދާއިމީ އަމުރަކަށްވުމުގެ ކުރިން، އޭނާގެ ވާހަކަ އަޑުއެހުމަށް ކޯޓުގައި އެދުން.
  2. އެ އަމުރުގައި ހިމެނޭ ށަރުތަކަށް ނުވަތަ ކަމަކަށް ބަދަލުގެނައުމަށްއެދި ނުވަތަ ބާތިލުކޮށްދިނުމަށްއެދި، ކޯޓުގައި އެދުން.
  3. އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދުން.
  4. އެ އަމުރާމެދު އިއުތިރާޒްކުރާކަން އެންގުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސްކަމެއް ފާހަގަކޮށް، އެ އަމުރު ނިސްބަތްވާ މީހާ ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، އެހެންވެސް އަމުރެއް ނެރުމުގެ ކުރިން މައްސަލަ ހިނގާ އުސޫލުން، އެ މައްސަލަ، ދެމީހުން ހާޒިރުކޮށްގެން، ނުވަތަ ދެމީހުންމެ ތަމްސީލުކުރެވިގެންވާ ގޮތުގައި، ކޯޓުން ބަލަންވާނެއެވެ. އަދި ކުރިން ކޮށްފައިވާ ވަގުތީ އަމުރު އެގޮތުގައި ދެމެހެއްޓުމާއި، އެ އަމުރަށް ބަދަލުގެނައުމާއި، އެ އަމުރު ބާތިލުކުރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

42 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް ބޭއްވުން

ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ދާއިމީވުމުގެ ކުރިން، މައްސަލައިގެ އިންސާފު އެންމެ ފުރިހަމަގޮތުގައި ރައްދުކޮށްދެވޭނީ، އެ އަމުރު ނިސްބަތްވާ މީހާގެ ވާހަކަވެސް އަޑުއެހުމަށްފަހުގައިކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، ނުވަތަ މައްސަލައިގައި ހިމެނޭ އަމުރަށް އެދުނު ފަރާތާއި އަމުރު ނިސްބަތްވާ މީހާ ކޯޓަށް ހާޒިރުކުރެވިގެން ނުވަތަ އެ ދެމީހުންމެ ކޯޓުގައި ތަމްސީލުކުރެވިގެން، އެ ދެފަރާތުގެ ބަޔާންވެސް އަޑުއެހުމަށްފަހުގައިކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެފަދަ ށަރީއަތުގެ މަޖިލީހެއް ކޯޓަށް ބޭއްވިދާނެއެވެ.

 

43 ވަނަ މާއްދާ - އަމުރުގެ ނަތީޖާ ބަޔާންކޮށްދިނުން

މި ގާނޫނުގެ ދަށުން އެއްވެސް އަމުރެއްކުރާއިރު، އެ އަމުރު ނިސްބަތްވާ މީހާ ކޯޓުގައި ހާޒިރުވެހުރެއްޖެނަމަ، އަންނަނިވި ކަންކަން ކޯޓުގެ ފަރާތުން އެމީހަކަށް ބަޔާންކޮށްދޭންވާނެއެވެ.

(ހ) އެ އަމުރާ ހިލާފުވެއްޖެނަމަ، ނުކުމެދާނެ ގާނޫނީ ނަތީޖާ.

(ށ) އެ އަމުރަށް ބަދަލެއް ގެނެވޭނެ ނުވަތަ އެ އަމުރަށް އިސްލާހު ގެނެވޭނެ އުސޫލު.

 

44 ވަނަ މާއްދާ - އަމުރުގެ ކޮޕީ ފޮނުވުން

މި ގާނޫނުގެ ދަށުން، އެއްވެސް އަމުރެއް ކޯޓުން ކޮށްފިކަމަށްވާނަމަ، އެ ކޯޓެއްގެ ރަޖިސްޓްރާރ އެ ކޯޓެއްގެ ފަރާތުން، އެ އަމުރުގެ ކޮޕީއެއް ފުލުހުންނަށާއި އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

 

45 ވަނަ މާއްދާ – އިސްތިއުނާފުކުރުން

މި ގާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އެއްވެސް އަމުރެއް ކޮށްފިހިނދެއްގައި، އެ އަމުރަކާމެދު ހިތްހަމަނުޖެހޭ ފަރާތުން ނުވަތަ އަމުރެއް ނުކޮށްފިނަމަ އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތުން، އިސްތިއުނާފުކުރުމުގެ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

ނުވަވަނަ ބައި

ތަފްރީގްކުރުން ނުވަތަ ފަސްހުކުރުން

 

46 ވަނަ މާއްދާ – ތަފްރީގްކުރުން

އިސްލާމީ ށަރީއަތުގައި އަންހެނުންނަށް ލިބިގެންވާ ހާއްސަ ހައްގެއްކަމަށްވާ ތަފްރީގުކުރުމަކީ، ކައިވެނިކޮށްގެން އުޅޭ ދެމީހުންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން، އިސްލާމީ ށަރީއަތުގައި ބަޔާންވެގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، އެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދެމިއޮތްކަން ކޯޓަށް ކަށަވަރުވާހިނދު، އެ ދެމީހުންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން، ށަރުއީގޮތުން ރޫޅާލައި،  އެ ކައިވެނި ނިމުމަކަށްގެނައުމެވެ.

 

47 ވަނަ މާއްދާ - ތަފްރީގްގެ އަމުރު

ކައިވެންޏެއް މި ގާނޫނުގެ ދަށުން ތަފްރީގުކުރެވޭނީ، ކޯޓުން ކުރާ ތަފްރީގުކުރުމުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރަކީ، ށަރުއީ ހުކުމެއްގެ އުސޫލު ހިނގާނެ އަމުރެކެވެ.

 

48 ވަނަ މާއްދާ - ތަފްރީގްކުރަން ހުއްދަ ހާލަތް

ތަފްރީގުކުރެވިދާނެ ހާލަތްތައްކަމުގައި އިސްލާމީ ށަރީއަތުގައި ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރެއިން، މި ގާނޫނުގެ ބޭނުމަށްޓަކައި، ކައިވެންޏެއް ތަފްރީގުކުރެވޭނީ، ކައިވެނީގެ ގުޅުމުން ގުޅިފައިވާ ދެމީހުންގެ ތެރެއިން، ފިރިހެންމީހާ އަންހެންމީހާގެ މައްޗަށް، ގެވެށި އަނިޔާގެ އަމަލު ހިންގިހިނދު، އަދި ގެވެށި އަނިޔާގެ ށިކާރައަކަށްވީ އަންހެންމީހާ ތަފްރީގުކޮށްދިނުމަށް ކޯޓުގައި އެދިއްޖެހިނދު، އަންނަނިވި ކަންކަން، ކޯޓަށް ގަބޫލުކުރެވޭނަމައެވެ.

(ހ) އެ އަމަލަކީ، ގެވެށި އަނިޔާގެ އަމަލު ހިންގި ފިރިހެންމީހާއާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ އަންހެންމީހާ ސުލްހަވެރި ދިރިއުޅުމެއް ގާއިމުކުރުމަށް ހުރަސްއެޅޭފަދަ ބޮޑު ނުވަތަ ނުރައްކާތެރި އަމަލެއްކަން.

(ށ) ގެވެށި އަނިޔާގެ ށިކާރައަކަށްވީ އަންހެންމީހާގެ ރައްކާތެރިކަމާއި ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކޮށްދެވެންނެތް ބޮޑު ނުވަތަ ނުރައްކާތެރި އަމަލެއްކަން.

(ނ) މި ގާނޫނުގައި ބަޔާންވެގެންވާ އެހެން ފިޔަވަޅުތައް އެޅުމުންވެސް، އެ ދެމަފިރިންގެ މެދުގައިއޮތް ކައިވެނީގެ ގުޅުން ދެމެހެއްޓޭވަރަށްވުރެ ނުރައްކާތެރި ނުވަތަ ދެރަ ހާލަތަކަށް އެ ދެމަފިރިންގެ ގުޅުން އެ އަމަލުގެ ސަބަބުން ވާސިލުވެފައިވާކަން.

 

49 ވަނަ މާއްދާ - ތަފްރީގްކުރުމުގެ ނަތީޖާ

(ހ) ކައިވެންޏެއް ތަފްރީގުކުރުމުގެ އަމުރެއް ކޯޓުން ކޮށްފިހިނދެއްގައި، އެ އަމުރުކުރިހިނދުން ފެށިގެން، އެ ކައިވެނި ނިމުމަކަށް އަންނާނެއެވެ. އަދި، ކައިވެންޏެއް ތަފްރީގުކުރުމުން އިސްލާމީ ށަރީއަތުގައި ހިނގާ އުސޫލުތައް، އެ ދެމީހުންގެ މައްޗަށް އެހިނދުން ފެށިގެން ހިނގަންފަށާނެއެވެ.

(ށ) ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު)  ގެ 28 ވަނަ މާއްދާގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންވެގެންވާ ސަބަބުތަކަކީ، އިސްލާމީ ށާރީއާގެ ދަށުން ކައިވެނި ފަސްހުކުރުވޭ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމުގައި ބެލެވޭނެއެވެ.

 

ދިހަވަނަ ބައި

ގާނޫނު ހިންގުން 

50 ވަނަ މާއްދާ - އިސް ޒިންމާއޮތް ފަރާތް

(ހ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ކޯޓާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި ފުލުހުންނާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމާއި ތަންފީޒުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.

(ށ) މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ކޯޓާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތަކާއި ފުލުހުންނާ ހަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން، މި ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށްޓަކައި، ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، ފުރިހަމަގޮތުގައި އެކަންކަން ކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ލާމަރުކަޒީ ބައެއް އުސޫލުތައް

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކޮންމެ ކައުންސިލެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، މި ގާނޫނުގެ ދަށުން މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ، މިނިސްޓަރު ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމާއެކު، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާގުޅޭ ނިޒާމެއް އެ ކައުންސިލަށް ގާއިމުކޮށްދިނުމާއެކުގައެވެ.

(ނ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިނިސްޓަރުގެ އިރުށާދާއި ބާރު މި ގާނޫނުގެ ދަށުން ހިނގާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލްގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލްގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލްގެ ފެންވަރުގައި ހަވާލުކުރެވޭކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެގޮތަށް ލިޔުމަކުންނެވެ.

(ބ) ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އިއުލާނުކޮށް، ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އެކަން ކުރުމުގެ ޒިންމާ އުފުލާނީ މިނިސްޓަރެވެ.

 

52 ވަނަ މާއްދާ - ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީ އުފެއްދުން

(ހ) ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ގެވެށި އަނިޔާގެ އަމަލުތަކުގެ ށިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި، ފުލުހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައްފަދަ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރުމަށްޓަކައި، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއެއް މި ގާނޫނުގެ  މި މާއްދާއިން މި އުފެއްދީއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އޮތޯރިޓީ ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ 7 (ހަތެއް)  މެންބަރުންގެ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. އެ ބޯޑުގެ ލަފާގެމަތިން،  އެ އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓާނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ނ) އޮތޯރިޓީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. އަދި މިނިސްޓަރުގެ ބާރު، އެ އޮތޯރިޓީގެ މައްޗަށް ހިނގާނެއެވެ.

(ރ) އެ އޮތޯރިޓީގެ ބޯޑަށް އައްޔަންކުރެވޭ މީހުންނަކީ، ދެޖިންސު ހަމަހަމަވާގޮތަށް އިސްކަންދީގެން އެކުލަވާލެވޭ، ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި، ތައުލީމީގޮތުންނާއި ތަޖުރިބާގެގޮތުން، ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭނެފަދަ ގާބިލުކަންހުރި މީހުންނަށް ވާންވާނެއެވެ. އަދި އެ ބޯޑުގައި ހިމެނޭ އެއްވެސް މީހަކީ ޖިނާއީ ކުށެއް ނުވަތަ ގެވެށި އަނިޔާގެ ކުށެއް ސާބިތުވެފައިވާ، ނުވަތަ އެފަދަ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކުކަމުގައި ވެގެންނުވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމެއް، އެ އޮތޯރިޓީން ނުވަތަ އޮތޯރިޓީގެ ބެލެހެއްޓުމުގެ ދަށުން ސިއްހީ މަރުކަޒުތައް ނުވަތަ އިޖްތިމާއީ މަރުކަޒުތައް ނުވަތަ މަދަނީ ޖަމްއިއްޔާތައް މެދުވެރިކޮށް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދަ ހާލަތެއްގައި އަމަލުކުރާނެގޮތުގެ ތަފްސީލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ޅ) މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އޮތޯރިޓީއާ ހަވާލުވެގެންވާ މަސްއޫލިއްޔަތުތައް އަދާކޮށް ތަންފީޒުކުރުމުގައި ވަކިވަކި ހިދުމަތްތައް ގާއިމުކުރުމުގެ ބާރު ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީގެ މަސްއޫލިއްޔަތު

އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ގައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކުރުން.

(ށ) ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

(ނ) ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ސިޔާސަތާއި ޕްރޮގްރާމްތައް ހިންގާނެގޮތް ކަނޑައެޅުން.

(ރ) ކައުންސިލްތަކުގެ އިހްތިސާސްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި، އޮތޯރިޓީގެ މަރުކަޒުތަކުން، މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

(ބ) މި ގާނޫނު ހިންގުމަށާއި ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

(ޅ) އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބުނު ފަރާތަށް ވަގުތީ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާނެ މަރުކަޒުތައް އުފައްދައި، އެ ތަންތަނުން ދޭނެ ހިދުމަތްތައް ކަނޑައަޅައި،
އެ ހިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންގެންދިޔުން.

(ކ) ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައާރުފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(އ) ގެވެށި އަނިޔާގެ އަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ އަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވަށްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ އަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ށާއިއުކުރަންޖެހޭ ކަންކަން ށާއިއުކުރުން.

(ވ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނާމެދު އަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާއީ ހިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުން.

(މ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރކުރުން.

(ފ) ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަވުމަށް އެހީތެރިވެދިނުމުގެގޮތުން އެންގަރ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ހިދުމަތްދިނުން.

(ދ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނަށް އެހީތެރިވާ މުއައްސަސާތަކާއި، އެފަދަ ހިދުމަތްދޭ ހުރިހާ މުއައްސަސާތަކުގެ އަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާއީ ހިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައެޅުން.

(ތ) އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓް ކަނޑައެޅުމާއި، އެކޯޑާއި ހިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެމީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން.

(ލ) ގާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގެވެށި އަނިޔާގެ ކަންކަމުގައި ލަފާއާއި މައުލޫމާތުދިނުން.

(ގ) ގެވެށި އަނިޔާގެ އަމަލުގެ ށިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުން ދެވޭ ހިދުމަތްތަކުގެ ފެންވަރުބެލުން.

 

54 ވަނަ މާއްދާ – މުވައްޒަފުން

(ހ) އޮތޯރިޓީގެ މަގާމުތައް ކަނޑައަޅައި، އެ މަގާމުތައް އުފައްދައި، އެ މަގާމުތަކުގެ ށަރުތުތައް ކަނޑައަޅައި، އެ މަގާމުތަކުގެ މުސާރައާއި އިނާޔަތް ކަނޑައަޅައި، އެ މަގާމުތަކަށް މީހުން ހަމަޖައްސާނީ އޮތޯރިޓީގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ށ) އޮތޯރިޓީގެ މުވައްޒަފުންނަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެއްނޫނެވެ. އެހެންނަމަވެސް، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު)  ގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިދޭ ރައްކާތެރިކަން ކަމާގުޅޭ ނިސްބަތަށް ލިބިގެންވާ ބަޔަކަށް، އޮތޯރިޓީގެ މުވައްޒަފުން ވާންވާނެއެވެ.

 

55 ވަނަ މާއްދާ - ބަޖެޓުގައި ފައިސާ ހިމެނުން

(ހ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރާއިރު، ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށާއި ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ ފައިސާ، އެ ބަޖެޓު މެދުވެރިކޮށް، އޮތޯރިޓީއަށާއި ފުލުހުންނަށް ކަނޑައަޅައި، ދޫކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު އޮތޯރިޓީ ހިންގުމަށާއި މި ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ މިންވަރަށް ފައިސާ ކަނޑައަޅައި، ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގެ ދަށުން ފައިސާ އެކަށައެޅުމުގައި، އޮތޯރިޓީންނާއި ފުލުހުން އެދޭ މިންވަރަށް ފައިސާ ދޫކުރުމަށް، ވީއެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ)  ގެ ދަށުން ދޫކުރާ ފައިސާއަކީ، މި މާއްދާގެ (ހ)  ގެ ދަށުން ދޫކުރާ ފައިސާއާ ވަކިން ދޫކުރަންޖެހޭނެ ފައިސާއެކެވެ.

 

އެގާރަވަނަ ބައި

އާންމު އުސޫލުތައް

56 ވަނަ މާއްދާ - ބައެއް ތަފްސީލްތައް ހާމަނުކުރުން

މި ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން، ރައްކާތެރިކުރެވިގެންވާ ފަރާތާބެހޭ މައުލޫމާތު ނުވަތަ އެފަރާތުގެ ކުއްޖެއްގެ މައުލޫމާތު، ކޯޓުން ކަނޑައަޅާ އުސޫލެއްގެމަތިން މެނުވީ، ށާއިއުކުރުމަކީ ނުވަތަ އާންމުކޮށް އެންގުމަކީ، ނުވަތަ ކަމާނުބެހޭ ފަރާތަކަށް އެ މައުލޫމާތެއް ދިނުމަކީ، މި ގާނޫނު ހުއްދަކުރާކަމެއްނޫނެވެ.

 

57 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ހާމަކުރުން

މި ގާނޫނުގެ ދަށުން، އޮތޯރިޓީން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު، ދިވެހިރާއްޖޭގެ ހަމަކޮންމެ މުއައްސަސާއަކުންވެސް އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެފަދަ މައުލޫމާތަކަށް އޮތޯރިޓީން އެދިއްޖެހިނދެއްގައި، އެކަމެއް، އެ އެދުނު ފަރާތަކުން ކޮށްދިނުމަކީ މި ގާނޫނު އެފަރާތެއްގެ މައްޗަށް ލާޒިމުކުރާކަމެކެވެ.

 

58 ވަނަ މާއްދާ - ރެކޯޑު ބެލުން

(ހ) އޮތޯރިޓީގެ ވާޖިބުތައް އަދާކުރުމަށްޓަކައި، ބަލިމީހަކާ ބެހޭގޮތުން ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި ބެހެއްޓިފައިވާ މައުލޫމާތެއް ނުވަތަ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެއްޖެހިނދެއްގައި، އެ މައުލޫމާތެއް ނުވަތަ ރެކޯޑެއް އޮތޯރިޓީއަށް ދޫކުރަންވާނެއެވެ.

(ށ) އޮތޯރިޓީގެ ވާޖިބުތައް އަދާކުރުމަށްޓަކައި، ގެވެށި އަނިޔާގެ އަމަލަކާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ރެކޯޑުތަކުގެ ތެރެއިން ރެކޯޑެއް ބަލަން ބޭނުންވެއްޖެހިނދެއްގައި، އެ މައުލޫމާތެއް ނުވަތަ ރެކޯޑެއް އޮތޯރިޓީއަށް ދޫކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ކަންކަން ކަނޑައެޅުން

ގެވެށި އަނިޔާގެ އަމަލާ ގުޅޭގޮތުން، ރިޕޯޓުކުރަންޖެހޭ ކަންކަމަކީ ކޮބައިކަން އަދި، އެކަންކަން ރިޕޯޓުކުރަންޖެހޭ މީހުންނަކީ ކޮބައިކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - ދޮގު މައުލޫމާތުދިނުން

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިގެންވާ ބާރެއްގެ ދަށުން ކުރާ ސުވާލަކަށް، ކަނޑައެޅިގެން ދޮގު މައުލޫމާތު، ޖަވާބުގެގޮތުގައި ދީގެންނުވާނެއެވެ. އަދި ކަނޑައެޅިގެން ތެދު އެނގިހުރެ ދޮގު ހަދައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާގޮތާ ހިލާފަށް އަމަލުކުރާ މީހާ އެކުރަނީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 15،000 (ފަނަރަހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

61 ވަނަ މާއްދާ - އެހީތެރިވެދިނުން ލާޒިމުވުން

(ހ) މި ގާނޫނުގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށްޓަކައި، ނުވަތަ ކުޑަކުރުމަށްޓަކައި، ނުވަތަ އެކަމުން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރުމުގައި އޮތޯރިޓީން ކުރަންޖެހޭކަމެއް ކުރުމުގައި، މީހުން ދިރިއުޅޭ ތަނެއްގެ ވެރިފަރާތުން އެއްވެސް އެހީތެރިކަމަކަށް އޮތޯރިޓީން އެދިއްޖެހިނދެއްގައި، އެ އެހީތެރިކަމެއް އެފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) އޮތޯރިޓީގެ މަސައްކަތާގުޅިގެން ފުލުހުންގެ އެހީތެރިކަމަށް އެދުމަކީ ކުރެވިދާނެކަމެކެވެ. އަދި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެކަމަށްވާނަމަ، އެ އެހީތެރިކަން ފުލުހުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރުމަށް ބާރުލިބިދޭކަމެއް، މި ގާނޫނުގެ ދާއިރާގެތެރޭގައި ކުރަމުންދަނިކޮށް، އެއިންކަމަކަށް ހުރަސްއަޅައި އެއިންކަމެއް ކުރިޔަނުދިނުމަށް، އެއްވެސްކަމެއް، އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ.

(ރ) ކޯޓު އަމުރަކާނުލާ މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް ހުއްދަނުދިނުން އެއީ، އޮތޯރިޓީގެ މަސައްކަތަށް ހުރަސްއެޅީކަމުގައެއް މި ގާނޫނުގެ ބޭނުމަށްޓަކައި ނުބެލެވޭނެއެވެ.

 

62 ވަނަ މާއްދާ - އާއްމު ކުށް

މި ގާނޫނުގައި ވަކިކަމެއް ނުވަތަ އަމަލެއް އެއީ، ކުށެއްކަމަށް ބަޔާންކޮށް، އެ ކުށަށް އަދަބު ކަނޑައަޅާފައިވާ ކުށުގެ އިތުރަށް، މި ގާނޫނާ ހިލާފަށް ކުރެވޭ އަމަލާއި މި ގާނޫނުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ކުރެވޭ އަމަލާއި މި ގާނޫނުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ކުރެވޭ ކަންކަމަކީވެސް، މި ގާނޫނުގެ ދަށުން ކުރެވޭ ޖިނާއީ ކުށެވެ. އެފަދަ ކުށެއްގެ އަދަބަކީ، 10،000  (ދިހަހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

63 ވަނަ މާއްދާ - ދައުވާ ނުކުރުން

މި ގާނޫނުގެ ދަށުން ކުރުން ލާޒިމުކުރާކަމެއް ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރުން ލާޒިމުކުރާކަމެއް، މި ގާނޫނު ތަންފީޒުކުރުމުގެގޮތުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގެގޮތުން، އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ހެޔޮނިޔަތުގައި ކުރުމުން، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވިގެންނުވާނެއެވެ. އަދި، އެކަމަކާ ގުޅޭގޮތުން އޭނާ ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.

 

64 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ

މި ގާނޫނުގެ ދަށުން ހިންގޭ ށަރީއަތްތަކުގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދިދާނެއެވެ. އަދި ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަންނެތް މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން އޭނާއަށް ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

 

65 ވަނަ މާއްދާ – ހަރަދު

ގެވެށި އަނިޔާގެ މައްސަލައަކީ، ދައުވާލިބޭ ފަރާތަށް އުނދަގޫކުރުމުގެގޮތުން ނުވަތަ ފުރައްސާރަކުރުމުގެގޮތުން ނުވަތަ އެކަށީގެންވާ ސަބަބެއް ނުވަތަ ހެއްކެއް ނެތި ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެ މައްސަލައެއް ހުށަހެޅުމުގެ ސަބަބުން ހިނގައިދިޔަ ހަރަދު ދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.

 

66 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ފުލުހުންނާ ހަވާލުކުރެވިގެންވާ ކަންކަމާއި ކޯޓާ ހަވާލުކުރެވިގެންވާ ކަންކަން ފިޔަވައި، އެހެން ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ. ފުލުހުންނާ ހަވާލުކުރެވިގެންވާ ކަންކަމާގުޅޭ ގަވާއިދުތައް ހަދާނީ ފުލުހުންނެވެ. ކޯޓާ ހަވާލުކުރެވިގެންވާ ކަންކަމާގުޅޭ ގަވާއިދުތައް ހަދާނީ ކޯޓުންނެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 12 (ބާރަ)  މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

67 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް މާނަކުރެވޭނީ ތިރީގައިއެވާގޮތަށެވެ.

(ހ) "ރައްކާތެރިކުރުމުގެ އަމުރު" ކަމަށް ބުނެފައިއެވަނީ މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރަށެވެ.

(ށ) "ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްއިއްޔާތައް" ކަމަށް ބުނެފައިއެވަނީ، ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުގެ ތެރެއިން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މަސްލަހަތު ރައްކާތެރިކުރުމުގެ މަގްސަދުގައި ހިލޭސާބަހަށް ހިންގާ އަދި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ޖަމްއިއްޔާތަކަށެވެ.

(ނ) "ރިޕޯޓުކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ހިނގާފާނެކަމަށް ގަބޫލުކުރެވޭހިނދު، ނުވަތަ އެފަދަ އަމަލެއް ނުހިނގާނުދާނެކަމަށް ބެލެވޭހިނދު، އެކަން ފުލުހުންނަށް ނުވަތަ އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން އަންގާ އެންގުމަށެވެ.

(ރ) "ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން" ކަމަށް ބުނެފައިއެވަނީ، ކަނޑައެޅިގެން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ހުރުމަތް ކަނޑުވާލުމަށް ނުވަތަ އޭނާ ލަދުގެންނެވުމަށް އަމާޒުކޮށްގެން ހިންގޭ އަމަލުތަކަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.

  1. ތަކުރާރުކޮށް ބަހުގެ ހަމަލާދިނުން، މަލާމާތްކުރުން ނުވަތަ އެމީހަކު ހިތްހަމަނުޖެހޭފަދަ ނަންނަމުން މުހާތަބުކޮށް ފުރައްސާރަކުރުން.
  2. ހިތްދަތިކަން ލިބޭފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރު ތަކުރާރުކޮށް ދެއްކުން.
  3. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމާއި މިނިވަންކަމާއި އަމިއްލަވަންތަކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ފޯރާފަދަ ގޮތަކަށް ހަސަދަވެރިކަމުގެ އަމަލުތައް ހިންގުން.

(ބ) "ބިރުދެއްކުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ  މީހާއަށް އަނގަބަހުން ބިރުދެއްކުމަށް ނުވަތަ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އަނގަބަހުން ބިރުދެއްކުމަށެވެ.

(ޅ) "ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، ދަރިއަކު ނުވަތަ މީހަކު ނުވަތަ ކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ހަވާލުވެފައިވާ މީހާއަށެވެ.

(ކ) "ކުޑަކުދިން" ނުވަތަ "ކުދިން" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1991-09 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު)  ގެ ދަށުން ކުޑަކުދިންކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(އ) "ކޯޓު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ބެލުމަށް ކަނޑައެޅިފައިވާ ކްރިމިނަލް ކޯޓަށާއި އެނޫން ހުރިހާ ހާލަތްތަކުގައި ފެމިލީ ކޯޓަށެވެ. ނުވަތަ އެ ކޯޓުތަކަށް ލިބިފައިވާ އިހްތިސާސް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

(ވ) "އާއިލާ" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މީހުން ހިމެނޭގޮތަށެވެ.

  1. ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުން؛
  2. ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުންނަށް، އެ ކައިވެނީގެ ތެރެއިން، ނުވަތަ އެއިން މީހަކު ކޮށްފައިވާ އެހެން ކައިވެންޏެއްގެ ތެރެއިން ލިބިފައިވާ ދަރިން؛
  3. ލޭގެ ގުޅުމުން ގުޅިފައިވާ މީހުންނާއި ކައިވެނީގެ ގުޅުމުން ގުޅިފައިވާ  މީހުން؛
  4. އެއް ގެއެއްގައި ދިރިއުޅޭ ބައެއްގެ ތެރެއިން، މީހަކު ހަރަދުކޮށްގެން އެހެން މީހުން ބަލަހައްޓައި ހަރަދުކުރާނަމަ، ހަރަދުކުރާ ފަރާތާއި އެފަރާތުން ބަލަހައްޓާ މީހުން.

(މ) "އެކުގައި ދިރިއުޅޭ ގެ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގި މީހާއާއި ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ގެވެށި ގުޅުމަކުން ގުޅިފައިވީހިނދު ދިރިއުޅެމުން އަންނަ ނުވަތަ އެއް އިރެއްގައިވެސް ދިރިއުޅުނު ގެއަށެވެ. މީގެ ތެރޭގައި އެ ދެމީހުންގެ މިލްކުވެރިކަން ހިމެނޭ ގެތަކާއި، އެކުގައި ނުވަތަ ދެމީހުންކުރެ މީހެއް ވަކިން ކުއްޔަށް ހިފައިގެންއުޅޭ ގެއާއި، އެ ދެމީހުންގެ މިލްކުވެރިކަން ނުހިމެނޭ ނަމަވެސް ގެވެށި އަނިޔާ ހިންގި މީހާގެ އާއިލާއަށް ނިސްބަތްވާ ގެވެސް ހިމެނެއެވެ.

(ފ) "އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީއަށެވެ.

(ދ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ޒިންމާ އުފުލާ މިނިސްޓަރަށެވެ. ނުވަތަ ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ މިނިސްޓަރަށެވެ.

(ތ) "މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.

  1. އެކަށީގެންވާ ސަބަބެއްނެތި، ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާއަށް މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން އެނާއަށް ލިބުން ހައްގު އެއްޗެއް ނުވަތަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ އެއްޗެއް ނުދީ ހިފެހެއްޓުމަށެވެ. ގެއަށް ކޮންމެހެން ބޭނުންވާ ތަކެއްޗާއި، އެގެއެއްގައި ދިރިއުޅޭ ހާލަތުގައި އެގެއަކަށް ކުލިދައްކަންޖެހޭނަމަ، އެ ކުލިދެއްކުމަށް ބޭނުންވާ ފައިސާ ނުވަތަ  ގެ ރަހުނުކޮށްފައިވާނަމަ ރަހުނު  ހިފި ފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހިމެނޭގޮތުންނެވެ. ނުވަތަ؛
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާގެ މަސްލަހަތެއްއޮތް މުދަލެއް ނުވަތަ ގޭގައި ހުރި ސާމާނު ނުވަތަ އާލާތް، އެކަށީގެންވާ ސަބަބެއްނެތި، އުކާލުމަށް ނުވަތަ ނައްތާލުމަށެވެ.

(ލ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.

(ގ) "މުދަލަށް ގެއްލުންދިނުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މުދަލަކަށް ނުވަތަ އެމީހާގެ މަސްލަހަތެއްއޮތް މުދަލަކަށް ގަސްދުގައި ގެއްލުމެއްދިނުމަށް ނުވަތަ ނައްތާލުމަށެވެ.

(ޏ) "ފަހަތުން ހިނގުން" ކަމަށް ބުނެފައިއެވަނީ، ތަކުރާރުކޮށް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ފަހަތުން ތަކުރާރުކޮށް ހިނގުމާއި އޭނާ ދާތަނަކަށް ދިޔުމާއި އޭނާއާ ކުރިމަތިލުމާއި ގޯނާކުރުން ހިމެނޭގޮތަށެވެ.

(ސ) "ފައިސާގެ ބަދަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ އަމަލުގެ ސަބަބުން އެ އަނިޔާ  ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލު ނަގައިދިނުމަށް މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ)  ގެ ދަށުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަދަލަށެވެ.

(ޑ) "ދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ)  ގެ ދަށުން ކޯޓުން ނެރޭ އަމުރަށެވެ.

  1. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ އޭނާ ދިރިއުޅެމުންއައި ގެ، އެފަދަ ގެއަކީ އޭނާއަށް ގާނޫނީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އެއްވެސް މިލްކުވެރިކަމެއްއޮތް ގެއެއްކަމުގައި ނުވިނަމަވެސް، އެގެއަކުން އޭނާ ނެރެލުން، ނުވަތަ އޭނާއަށް އުދަގޫވާ ޒާތުގެ ކަންތައްތަކާއި، އޭނާ އެގޭގައި ދިރިއުޅުމަށް ދަތިވާފަދަ ކަންކަންކުރުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާގެ މައްޗަށް މަނާކޮށް ކޯޓުން ކުރާ އަމުރު؛
  2. އެކުގައި ދިރިއުޅެމުން އައި ގެއަކުން ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުކުތުމަށް އަންގައި ކޯޓުން ކުރާ އަމުރު؛
  3. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ބަޔަށް ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ ނުވަތަ އެމީހާގެ ތިމާގެ މީހުން ވަނުން މަނާކޮށް ކޯޓުން ކުރާ އަމުރު؛
  4. ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ އެގެއެއް ވިއްކާލުން ނުވަތަ މިލްކުވެރިކަމަށް އުނިކަމެއް އަތުވެދާނެ އެންމެހައި ކަންކަން މަނާކޮށް ކޯޓުން ކުރާ އަމުރު؛
  5. ގެވެށި އަނިޔާގެ އަމަލު ހިންގި މީހާ، އެކުގައި ދިރިއުޅޭ ގެއަކުން  އޭނާއަށް ލިބެންއޮތް ބައެއް ކޯޓުގެ ހުއްދައާ ނުލާ ދޫކޮށްލުން ހުއްޓުވުމަށް ކޯޓުން ކުރާ އަމުރު.

(ޒ) "ގެވެށި އަނިޔާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އަމަލުތަކަށެވެ.

(ޓ) "ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމުމަކުން ގުޅިފައިވާ ނުވަތަ މީގެ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވާ މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާ ނުވަތަ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހާއަށެވެ.

(ޔ) "ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގުޅުމަށެވެ.

(ޕ) "ގޯނާކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއެއްގެ ނުވަތަ މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ ކިޔަވައިދޭ ނުވަތަ ކިޔަވަންދާ ތަނެއްގެ ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަންތަނުގެ ބޭރުގައި ނުވަތަ ކައިރީގައި މަޑުކޮށްގެންހުރުމާއި ފަހަތުން ހިނގުން.
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަމިއްލައަށް ނުވަތަ އެހެން މީހެއް މެދުވެރިކޮށްނަމަވެސް ފޯނުކޮށްގެން، ޖެއްސުންކުރުން.
  3. ސިޓީ، ޓެލެގްރާމް، ޕާރްސަލް، ފެކްސް، އެސް.އެމް.އެސް، އިލެކްޓްރޯނިކް މެއިލް ނުވަތަ މިނޫންވެސް އެހެނިހެން ގޮތްގޮތުން ތަކެތި ނުވަތަ މެސެޖު ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ތަކުރާރުކޮށް ފޮނުވައިގެން އުނދަގޫކުރުން.

(ޖ) "ސިއްހީ ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސިއްހީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި ހެލްތު ވަރކަރުންނަށެވެ.

(ޗ) "ސިއްހީ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންވެގެންވާ މަގްސަދަށްޓަކައި އޮތޯރިޓީން ކަނޑައަޅާ އިއުލާނުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.

(ހހ) "ޕްރޮގްރާމް" ކަމަށް ބުނެފައިއެވަނީ،  މަށްރޫއުތަކާއި، ޕްރޮޖެކްޓްތަކާއި، ފަރުވާގެ ފިޔަވަހިތަކާއި، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ކަންކަން ހިމެނޭގޮތުންނެވެ.

(ށށ) "ޖިންސީ އަނިޔާ" ކަމަށް ބުނެފައިއެވަނީ ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ޖިންސީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާފަދަ އަނިޔާކުރުމާއި ލަދުގެންނެވުމާއި މިނޫންވެސް މިފަދަ އަމަލުތަކަށެވެ.

(ނނ) "ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް އެއްވެސް ޖިސްމާނީ އަނިޔާގެ އަމަލެއް ހިންގުމަށް ނުވަތަ ހިންގަފާނެކަމުގެ ބިރުދެއްކުމަށެވެ.

(ރރ) "ޗީފް އެގްޒެކެޓިވް އޮފިސަރު" ކަމަށް ބުނެފައިއެވަނީ، އޮތޯރިޓީގެ ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކޮށް، އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ އުފުލާ އެންމެ އިސް އިދާރީ މުވައްޒަފަށެވެ.

 

68 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމު ގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-159)
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-135)
  3. ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2018-101)
  4. ފެމެލީ ޕްރޮކްށަން އޮތޯރިޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-177)
  5. ގެވެށި އަނިޔާގެ އަމަލެއް ހިންގައިފި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިއްޖެ ހިނދެއްގައި އެކަން ބަލައި، އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2014-424)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު