-

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2013-33)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ – ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔާނީ " ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓާއި އޯޕްށޯރގައި ށިޕިންގގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނ،ީ ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓާއި އޯފް ށޯރގައި ށިޕިންގގެ ހިދުމަތް ދިނުމުގެ ކަންތައްތައް ރެގިއުލޭޓްކޮށް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިންނެވެ. (އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަންފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް

(ހ) އޯފް ޕޯޓް ލިމިޓުގެ ސަރަހައްދަކީ، ރަސްމީ ވިޔަފާރި ބަނދަރަކާ ގުޅިގެން ކަނޑައަޅާފައި އޮންނަ ވަކި ސަރަހައްދެކެވެ.

(ށ) ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާގުޅިގެން ކަނޑައަޅާފައިވާ އޯފް ޕޯޓް ލިމިޓަކީ:

ހ. 73º 03.0E - 6º 36.0N

ށ. 73º 02.0E - 6º 38.0N

ނ. 73º 00.5E - 6º 38.0N

ރ. 73º 01.5E - 6º 36.0N

(ނ) އިހަވަންދިއްޕޮޅު ސަރަހައްދުގައި ކަނޑައަޅައިފައިވާ އޯފް ޕޯޓް ލިމިޓަކީ: (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ – އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތް ދިނުމަށް ހުއްދައަށް އެދި ހުށަހެޅުން

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތް ދިނުމަށް ހުއްދައަށް އެދި ހުށަހަޅަން ވާނީ އެނެކްސް 1 ގައިވާ އެޕްލިކޭށަން ފޯމުންނެވެ.

 

7 ވަނަ މާއްދާ – އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ތެރޭގައި އޮންނަ އުޅަނދުފަހަރަށް ހުއްދަ ހޯދުން (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އޯފް ޕޯޓް ލިމިޓަށް ނުވަތަ އޯފްށޯރއަށް އުޅަނދު އަންނަކަނ،ް އެ އުޅަނދެއް އައުމުގެ ލަސްވެގެން 12 (ބާރަ) ގަޑިއިރުގެ ކުރިން ކަމާބެހޭ މުއައްސަސާތަކަށް އަންގަންވާނެއެވެ. އަދި ތިރީގައިވާ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކުން ބޭނުންވެއްޖެ ހާލަތެއްގައި، އެ އުޅަނދުގެ ލޯކަލް އެޖެންޓ،ު އެ މައުލޫމާތު ފޮނުވަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. އެ އުޅަނދު އޯފް ޕޯޓަށް ނުވަތަ އޯފްށޯރއަށް އަންނަ ބޭނުން؛ 
  2. އުޅަނދުގައި ހުރި މުދަލާއި، މުދާ ހުރި އަދަދާއި، "ޑޭންޖަރަސް ކާގޯ" އެއް ހުރި ނަމަ، އެ މުދަލުގެ ތަފުސީލު؛
  3. އެއްވެސް ހަތިޔާރެއް ހުރި ނަމަ، އެ ހަތިޔާރުތަކުގެ ތަފުސީލު؛
  4. މުއްދަތު ހަމަނުވާ "ފައިނޭންށަލް ލައިބިލިޓީ އޮން އޮއިލް ޕޮލިއުށަން ޑެމޭޖް އިންށުއަރެންސް ޕޮލިސީ" އޮތުން؛
  5. އޯފް ޕޯޓް ލިމިޓާއި އޯފްށޯރއަށް އުޅަނދު އައުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރެވޭ ތާރީހާއި ގަޑި (އީ.ޓީ.އޭ.)؛
  6. އޯފް ޕޯޓް ލިމިޓާއި އޯފްށޯރއިން އުޅަނދު ފުރުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރާ ތާރީހާއި ގަޑި (އީ.ޓީ.ޑީ)؛
  7. އުޅަނދުގައި ތިބި ފަޅުވެރީންނާއި ފަސިންޖަރުންގެ ލިސްޓު؛
  8. ލާސްޓް ޕޯޓް ކުލިއަރެންސްގެ ކޮޕީ.

(ށ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރ ސަރަހައްދުގައި އުޅަނދުފަހަރު މަޑުކުރަންވާނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

(ބ) (އުނި ކުރެވިފައި)

(ޅ) (އުނި ކުރެވިފައި)

(ކ) (އުނި ކުރެވިފައި)

(އ) (އުނި ކުރެވިފައި)

(ވ) (އުނި ކުރެވިފައި)

 

8 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އުޅަނދުފަހަރު ބަނދަރުކުރުން

(ހ) ދިވެހި ރާއްޖޭގައި އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ބަނދަރުކުރާ ކޮންމެ އުޅަނދެއްގައިވެސް ލޯކަލް އެޖެންޓެއް ކަނޑައަޅާފައި ހުރުން.

(ށ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ބަނދަރުކޮށްފައި ހުންނަ އުޅަނދުފަހަރުގައި ހުންނަ ލައިފްބޯޓް، ރެސްކިއުބޯޓް، ޑިންގީ ފަދަ އެއްޗެހި މޫދަށް ބާލައި ދުއްވާ ހެދުމަކީ މަނާ ކަމެކެވެ. (އިމަޖެންސީ ހާލަތުގައި މީހުން ސަލާމަތް ކުރުމަށް މިތަކެތި ބޭނުން ކުރުން މިގަވާއިދުން އިސްތިސްނާކުރެވެއެވެ.)

(ނ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އޮންނަ އުޅަނދުފަހަރަށް ގޮސް އައިސް ވާންވާނީ އެސަރަހައްދަކާ ގުޅިފައިވާ ރަސްމީ ވިޔަފާރި ބަނދަރަކުން އެބަނދަރެއްގައި ގާއިމުވެފައިވާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ހުއްދައާ އެކުގައެވެ.

(ރ) (އުނި ކުރެވިފައި)

(ބ) (މުޅި ނަންބަރު އިސްލާހު ކުރެވިފައި)

  1. އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރުން އެ ހިދުމަތް ދޭ ންވާނީ މި ވުޒާރާއިން ލައިސަން ސެއް ހޯދުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)
  2. ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރަށް ލައިސަންސް ހޯދުމަށް މި ގަވާއިދުގެ އެނެކްސް 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު އީމެއިލްގެ ޒަރީއާއިން ވުޒާރާއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
  3. ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏާއި އުޅަނދުފަހަރަށް އަހަރަކު 1 (އެކެއް) ފަހަރު ލައިސަންސް ދޫކުރަންވާނެއެވެ. އަދި ލައިސަންސްގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ލައިސަންސް އައުކުރުމަށް ވުޒާރާއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

9 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އުޅަނދު އޮތުމުގެ މުއްދަތު

އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އެންކަރޭޖް ފީ ނުނަގައި އުޅަނދަކަށް އޮވެވޭނީ ގިނަވެގެން 21 ދުވަސް ވަންދެނެވެ. 21 ދުވަހަށްވުރެ އިތުރުވާނަމަ ތިރީގައި ވާ ގޮތުގެ މަތިން އެންކަރޭޖް ފީ ދައްކަންވާނެއެވެ.

(ށ) ކޮންމެ 24 ގަޑި އިރަށް ގްރޮސް ޓަނަކަށް 1.50 (އެއްޑޮލަރު ފަންސާސް ސެންޓް) ޑޮލަރު

(ނ) އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ހިދުމަތްދެވޭ އެޖެންޓުގެ ލައިސަންސް ފީއަކީ އަހަރަކަށް 2000 (ދެހާސް) ރުފިޔާއެވެ.

 

10 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން

ސަލާމަތްތެރިކަމުގެ ގޮތުން އޯފް ޕޯޓް ލިމިޓާއި އޯފްށޯރގައި އުޅަނދު އޮންނަ މުއްދަތުގައި އޮޓަމެޓިކް އައިޑެންޓިފިކޭށަން ސިސްޓަމް (އޭ.އައި.އެސް) ހުންނަންވާނީ މެދުނުކެނޑި ޖައްސާފައެވެ.

 

11 ވަނަ މާއްދާ - އޯފްށޯރ ސަރަހައްދު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ އިތުރުން އޯޕްށޯރ ސަރަހައްދުގެ ގޮތުގައި ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތިރީގައި މިވަނީއެވެ.

(ހ) ހއ. އުލިގަމުގެ އުތުރުން އިރުމަތީ ތޫލުން 72º 55’E ން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުއެވެ.

(ށ) ހދ. ކުޅުދުއްފުށީގެ ދެކުނުން އުތުރު އަރުޒުން 6º 35’N ން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުއެވެ.

(ނ) ކ.މާލޭގެ އިރުމަތިން އުތުރު އަރުޒުން 4º 10’N 3 މޭލުން ފެށިގެން 12 މޭލާ ދެމެދުއެވެ.

(ރ) ސ.ގަމުގެ ދެކުނުން އިރުމަތީ ތޫލުން 73º10’E މެރިޑިއަން 3 (ތިނެއް) މޭލުން ފެށިގެން 12 (ބާރަ) މޭލާ ދެމެދުގައި އޯފްށޯރ ހިދުމަތް ދެވިދާނެއެވެ.

 

12 ވަނަ މާއްދާ – (އުނި ކުރެވިފައި)

 

12 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓުގައި އަދި އޯފްށޯރއިން ދެވޭނެ ހިދުމަތްތައް

އޯފް ޕޯޓް ލިމިޓުގައި އަދި އޯފްށޯރ އިން ތިރީގައި މިދަންނަވާ ހިދުމަތްތައް ދެވިދާނެއެވެ.

(ހ) އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ބަލި ހާލަތު ހުރިގޮތުން ކުއްލި ހާލަތުގައި އުޅަނދުން ބާލަންޖެހޭ ކްރޫން ބޭލުން.

(ށ) އިންސްޕެކްޓަރުން، ސަރވެޔަރުން، ޕޯޓްކެޕްޓަނުން، ސްޕްރިންޓެންޑެންޓުން އުޅަނދަށް އެރުވުމާއި އުޅަނދުން ގެނައުން.

(ނ) އުޅަނދު މަރާމާތުކުރުމަށް ދާ ފަރާތްތައް އުޅަނދަށް އެރުވުމާއި އުޅަނދުން ބޭލުން.

(ރ) އުޅަނދަށް ބޭނުންވާ ސްޕެއަރޕާޓްސް ގެންދިއުން.

(ބ) އުޅަނދުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ މީހުން (ސީ މާށަލްސް) އުޅަނދަށް އެރުވުމާއި އުޅަނދުން ބޭލުން.

(ޅ) ތެޔޮ އުފުލާ އުޅަނދުފަހަރުގެ ސްލޮޕް ޓޭންކްތަކުގައި ހުންނަ ރެސިޑިއު އުޅަނދުން ބޭލުމާއި އުޅަނދުފަހަރުގެ ޓޭންކްތައް ސާފުކުރުން.

(ކ) އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރުން

(އ) ށިޕް ސްޓޯރގެ ގޮތުގައި އުޅަނދަށް ބޭނުންވާ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު، ބަންކަރު، ލުބްއޮއިލް އަދި ސާފު ބޯފެން ސަޕްލައިކޮށްދިނުން.

(ވ) އުޅަނދުފަހަރު އަޅާފައި ބޭއްވުން (ލެއިޑްއަޕްކުރުން) ނުވަތަ މަރާމާތު އަދި އެހެން ގޮތަކުންވެސް އުޅަނދު މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި އުޅަނދު މަޑުކުރުން.

(މ) އުޅަނދުފަހަރު ފިއުމިގޭޓްކުރުން.

(ފ) އުޅަނދުގެ މާސްޓަރާއި ކްރޫން ބަދަލުކުރުން. (އިތުރު ކުރެވިފައި)

(ދ) ބޯޓުގެ ފަޅުވެރީންނާއި، ސްޕަރނިއުމެރީނ،ް ސީމާށަލުން (ހަތިޔާރާއި ނުލައި) ބަދަލުކުރުން. (އިތުރު ކުރެވިފައި)

 

13 ވަނަ މާއްދާ – އަދަބު

މިގަވާއިދާ ހިލާފުވާ ފަރާތެއްގެ އަދަބަކީ ފުރަތަމަ ފަހަރު 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، އަދި ދެވަނަފަހަރަށް، ނުވަތަ ދެވަނަ ފަހަރަށްވުރެ އިތުރަށް މިގަވާއިދާ ހިލާފުވެއްޖެނަމަ ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކަށް 2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

14 ވަނަ މާއްދާ – މާނަކުރުން

(ހ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ދަތުރުފަތުރާބެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިދާރާއަށެވެ.

(ށ) "އޯފް ޕޯޓް ލިމިޓް (އޯ.ޕީ.އެލް)" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި 5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ ޕޮޒިށަންތައް ގުޅުވާލުމުން އެ ޕޮޒިށަންތަކުގެ އެތެރޭގައި ހިމެނޭ ސަރަހައްދެވެ.

(ނ) "އޯފްށޯރ" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކުގައި ދީފައިވާ ކޯޑިނޭޓްތަކުން ބޭރުގައިވާ ސަރަހައްދަށެވެ.

(ރ) "ރަސްމީ ވިޔަފާރި ބަނދަރު" ކަމަށް ބުނެފައި އެވަނީ، މާލޭގެ ކޮމާށަލް ހާބަރު، ހދ.ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު އަދި ސ.ހިތަދޫ ސަރަހައްދީ ބަނދަރުގެ އިތުރުން ހއ.އުލިގަމު ހިމެނޭ ގޮތަށެވެ.

(ބ) "ރޭޑިއޯ ކޯލް ސައިން" ކަމަށް ބުނެފައި އެވަނީ، އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގައުމުގެ މުވާސަލާތާބެހޭ އިދާރާއަކުން އެ އުޅަނދަށް ދިމާވާ ހާދިސާތަކުގައި މުވާސަލާތުކުރުމަށް ހާއްސަކޮށްގެން ދީފައިވާ އަކުރުތަކެކެވެ.

(ޅ) "ބޭސިކް ކޯހުގެ ގޮތުގައި ކަނޑައަޅާފައިވާ 4 ކޯސް" ކަމަށް ބުނެފައި އެވަނީ، (STCW 95) މުއާހަދާގެ ދަށުން ހަދާ އެންމެ އަސާސީ ހަތަރު ކޯހަށެވެ.

(ކ) "ޑޭންޖަރަސް ކާގޯ" ކަމަށް ބުނެފައި އެވަނީ، މީހުންނާއި މުދަލާއި ދިރޭ ތަކެއްޗާއި ތިމާވެއްޓަށް ގެއްލުންދޭ ހަރު އެއްޗިއްސާއި (ސޮލިޑް)، ދިޔާ ތަކެއްޗާއި (ލިކުއިޑް) އަދި ގޭހުގެ ބާވަތްތައްކަށެވެ.

(އ) "ގާބޭޖް" ކަމަށް ބުނެފައި އެވަނީ، ކުނިބުނީގެ ގޮތުގައި އުކާލެވޭ ތަކެއްޗަށެވެ.

(ވ) "ސްލަޖް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ އިންޖީނުގައި ބޭނުންކުރުމަށްފަހު އުކާލުމަށް ނެގޭ ތެލެވެ.

(މ) "ސްލޮޕް" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި ތެޔޮ އުފުލާ އުޅަނދުފަހަރުގެ ތެޔޮ ތާނގީތައް ސާފުކުރުމަށްފަހު ނެގޭ ތެލެވެ.

 

 

އެނެކްސް 1

 

އެނެކްސް 2 (އިސްލާހު ކުރެވިފައި)

1 ބަންކަރިން ގގެ ހިދުމަތް ދޭ ކުންފުންޏަށް ލައިސަންސް ހޯދުމަށް، ތިރީގައި ވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ކުންފުނީގެ ޕްރޮފައިލް (މިނިސްޓްރީން ހުށަހެޅުމަށް އެންގުމުން ހުށަހެޅުމަށް).

(ނ) ބިޒްނަސް ޕްލޭން (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ރ) ބަންކަރިންގގެ ހިދުމަތްދޭ ކުންފުންޏަށް އެ ހިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ހުއްދ.ަ

(ބ) ބަންކަރު ސޭލްސް ކޮމިޓްމަންޓްސް (3 އަހަރުދުވަހުގެ ބަންކަރު ސޭލްސް ޕްރޮޖެކްށަން) (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ޅ) ބަންކަރުން ދޭން ގަސްތުކުރާ ތެލުގެ ތަފުސީލ.ު

(ކ) ބަންކަރު ދޭން ހުށަހަޅާ ސަރަހައްދުތައް (ކޯޑިނޭޓްސްތައް).

(އ) ބަންކަރު ދިނުމަށް ހުށަހަޅާ ގޮތް (ށިޕް ޓު ށިޕް/ އޯފްށޯރ/ އޯފް ޕޯޓް).

(ވ) ބަންކަރިންގގެ ހިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޕްރޮސީޖަރ (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(މ) ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލު (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ފ) އިންޓަނޭށަނަލް ކޮންވެންށަން ފޮރ ދަ ޕްރިވެންށަން އޮފް ޕޮލިއުށަން ފްރޮމް ށިޕް (މާޕޯލް މުއާހަދާ) އާއި،  ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާނެކަމުގެ ޑިކްލަރޭށަން.

 

2 ބަންކަރިންގ ގެ ހިދުމަތްދޭ އުޅަނދަށް ލައިސަންސް ހޯދުމަށް، ތިރީގައި ވާ މައުލޫމާތު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ހ) އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ.

(ށ) ބަންކަރިންގގެ ހިދުމަތްދޭ ކުންފުޏަށް އެ ހިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ހުއްދ.ަ

(ނ) އުޅަނދުގެ ސްޓެޓިއުޓަރީ ސެޓުފިކެޓުތަކުގެ ކޮޕީ (ހުށަހަޅަންޖެހޭ ހާލަތްތަކުގައި ހުށަހެޅުމަށް).

(ރ) އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީގެ ކްލާހެއްގައި އުޅަނދު ކްލާސްކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީ )މުއްދަތު ހަމަނުވާ)

(ބ) ށިޕް ބޯޑް އޮއިލް ޕޮލިއުށަން އިމަރޖެންސީ ޕްލޭން ސޯޕެޕް އެޕްރޫވްކޮށްފައިވާ ށީޓުގެ ކޮޕީ.

(ޅ) ވެސަލް ޕަރޓިކިއުލާސް،

(ކ) ކުންފުންޏަށް ދޫކޮށްފައިވާ ޑޮކިއުމަންޓް އޮފް ކޮމްޕްލައިންސްގެ ކޮޕީ.

(އ) ބަންކަރ އޮޕަރޭށަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭނުގެ ކޮޕީ.

(ވ) ސެޓްފިކެޓް އޮފް އިންށޫރަންސް (ލައިބިލިޓީ ފޮރ އޮއިލް ޕޮލޫށަން ޑެމޭޖު) ގެ ކޮޕީ.

(މ) އުޅަނދުން އުފުލާ ބަންކަރު ތެލުގެ ތަފުސީލު.

 

މައި ގަވާއިދު

އޯފް ޕޯޓް ލިމިޓާއި އޯފްށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-33)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69)

ކިޔުންތެރިންގެ ހިޔާލު