ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2015-29)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމެއް އެކަށައެޅުމާއި، ސިއްހީ ހިދުމަތް ކުރިއެރުވުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭގޮތުންނާއި ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މިންގަނޑުތަކާއި، ށަރުތުތަކާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ސިއްހީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މިންގަނޑުތަކާއި، ށަރުތުތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މައިގަނޑު މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ސިއްހީ ހިދުމަތާއި ވަސީލަތްތައް، ރައްކާތެރި ގޮތެއްގައި އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމެއް ގާއިމުކުރުން؛ (އިސްލާހު ކުރެވިފައި)
(ށ) ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައަޅައި ބަޔާންކުރުން؛
(ނ) ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމުކުރާ ތަންތަނާއި، ހިދުމަތްތަކާއި، ވަސީލަތްތަކާއި، ފަސޭހަތައް، ދެމެހެއްޓެނިވި އުސޫލަކުން ހިންގުން؛
(ރ) ދައުލަތުން ފޯރުކޮށްދޭ ސިއްހީ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމާއި، އެ ހިދުމަތަކީ ކަނޑައަޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުން؛
(ބ) އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަކީ ރައްކާތެރި، ފެންވަރު ރަނގަޅު އަދި ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުން؛
(ޅ) ސިއްހީ ހިދުމަތްދޭ އެންމެހައި ފަރާތްތަކާއި، ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އަދި އެތަންތަނުންނާއި އެފަރާތްތަކުގެ ކިބައިން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެތަންތަނާއި އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛
(ކ) ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ހިފެހެއްޓުން ލާޒިމުކުރާ މިންގަނޑުތައް އެފަރާތްތަކުން ހިފަހައްޓަމުންދޭތޯ ބަލައި ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
3 ވަނަ މާއްދާ - ގާނޫނު ހިންގުން
(ހ) މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާ ޒިންމާ އުފުލުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ދައުލަތުން ފޯރުކޮށްދޭން ވާނެއެވެ.
4 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު
މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމާ ގުޅޭގޮތުން މިނިސްޓަރު އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ނިޒާމު ތަންފީޒުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސައި، އެ ނިޒާމު ހަރުދަނާ ގޮތެއްގައި ތަންފީޒުވަމުންދާކަން ކަށަވަރުކުރުން؛
(ށ) ސިއްހީ ހިދުމަތް ދިނުމަށްޓަކައި ދައުލަތުން ގާއިމުކޮށްފައިވާ ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އުސޫލެއް ކަނޑައެޅުން؛
(ނ) ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރާނެ ޕްލޭންތަކެއް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުވަމުންދާކަން ކަށަވަރުކުރުން؛
(ރ) ސިއްހީ ހިދުމަތް ދިނުމަށް ދައުލަތުން ގާއިމުކޮށްފައިވާ ކޮންމެ މުއައްސަސާއަކުންވެސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭކަން ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން؛
(ބ) ސިއްހީ ހިދުމަތް ދިނުމަށް ދައުލަތުން ގާއިމުކޮށްފައިވާ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތަކީ، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން؛
(ޅ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އަސާސީ ސިއްހީ ހިދުމަތް ދެވޭކަން ޔަގީންކުރުމާއެކު، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އިތުރު ހިދުމަތްތައް ތައާރަފުކުރުމާއި އެ ހިދުމަތްތައް ފުޅާކުރުން؛
(ކ) އަމިއްލަ ފަރާތްތަކުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަމުންދާކަން ކަށަވަރުކުރާނެ އިންތިޒާމު ހަމަޖެއްސުން؛
(އ) ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމުކުރުން؛
(ވ) ދައުލަތުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަކީ ހުރިހާ ރައްޔިތުންނަށް ވާސިލުވެވޭފަދަ އަގެއްގައި ދެވޭ ހިދުމަތެއްކަން ޔަގީންކުރުމާއި، އެގޮތުން ދެވޭ ހިދުމަތްތަކަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއްކަން ކަށަވަރުކުރުން؛
(މ) ދައުލަތުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަކީ، ވިޔަފާރީގެ އުސޫލުން ފައިދާ ހޯދުމުގެ ނިޔަތުގައި ދެވޭ ހިދުމަތްތަކެއް ނޫންކަން ކަށަވަރުކުރުން.
5 ވަނަ މާއްދާ - މިނިސްޓަރުގެ ބާރުތައް
(ހ) މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމާ ގުޅޭގޮތުން މިނިސްޓަރަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އަންނަނިވި ބާރުތައް ހިމެނެއެވެ.
- މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން އޭނާ އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން؛
- މި ގާނޫނުގެ ދަށުން ވަކި ބާރެއް ނުވަތަ ވަކި މަސްއޫލިއްޔަތެއް ވަކި މީހަކާ ހަވާލުކުރުމުގެ ބަދަލުގައި، ވަކި ގިންތިއެއްގެ ބަޔަކާ ނުވަތަ ވަކި މަގާމެއްގައި ތިބޭ ބަޔަކާ އެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ހަވާލުކުރުން.
(ށ) ވަކި މީހަކާ ނުވަތަ ވަކި ފަރާތަކާ މިނިސްޓަރު ބާރެއް ހަވާލުކޮށްފައި އޮތުމަކީ، މިނިސްޓަރު އެ ބާރު ސީދާ ބޭނުންކުރުމަށް އޮތް ހުރަހެއް ނޫނެވެ.
(ނ) މި ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އެ ގަވާއިދުތައް ތަންފީޒުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
5-1 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް (އިތުރު ކުރެވިފައި)
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ، މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއެވެ.
(ށ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަކީ، ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ނ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ އެލޯޕެތިކް މެޑިސިންގެ ހާއްސަ ދާއިރާއަކުން، އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް- 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛
- ސިއްހީ ދާއިރާގައި، މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއެކު، އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލްއަކީ އެފަރާތުގެ ވަޒީފާގެ އެއްވެސް މަސްއޫލިއްޔަތަކާ މަސްލަހަތު ފުށުއަރާ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ ނުވަތަ މަސައްކަތެއް ކުރާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.
(ބ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާއިރ،ު މިނިސްޓްރީގައި ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އެއްވެސް ފަރާތެއް އައްޔަންކޮށްފައިވާނަމަ، އަދި އެއީ މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ މަގާމަށް އައްޔަންކުރެވިފައިވާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
(ކ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާނެ އަދަދަށް މުވައްޒަފުންނާއި ވަސީލަތްތައް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
(އ) ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން، އެފަރާތުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
5-2 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް (އިތުރު ކުރެވިފައި)
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިއްހީ ދާއިރާ ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ސިއްހީ ހިދުމަތުގެ ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށް މިނިސްޓަރަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުށާދު ދިނުން؛
(ށ) ސިއްހީ ހިދުމަތަކީ އުފެއްދުންތެރި އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުންނާއި ބަލިމީހުންގެ ހައްގުތައް ކުރިއަރުވައި، ހިދުމަތް ބޭނުންކުރާ ފަރާތްތައް ގައުމީ ސިއްހީ ނިޒާމުގައި ބައި ވެރިވުމަށް މަގުފަހިކޮށްދިނުން؛
(ނ) ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އިރުށާދު ދީ، މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކާ ދެމެދުގައި މަށްވަރާތައް ކުރިއަށްގެންދިޔުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން؛
(ރ) ކޮމިއުނިޓީ ފެންވަރުގައި އަދި އިންސްޓިޓިއުށަނަލް ފެންވަރުގައި، ވަށާޖެހޭ ގޮތެއްގެމަތިން، ސިއްހީ ހިދުމަތް މެދުކެނޑުމެއްނެތި އަދި ފަސޭހަކަމާއެކު ދެމުންގެންދާކަން ކަށަވަރުކުރުމަށްޓަކައި، ސްޓްރެޓީޖިކް ބިޒްނަސް ޕްލޭންތަކާއި އޮޕަރޭށަނަލް ޕޮލިސީތައް އެކުލަވާލުން؛
(ބ) ސިއްހީ ދާއިރާގެ ސްޓްރެޓެޖީތަކާއި މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
(ޅ) މެދުނުކެނޑި، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ހިދުމަތް ކުރިޔަށްގެންދި ޔުމަށްޓަކައި، ހިދުމަތާގުޅޭ މައުލޫމާތާއި ތަފާސްހިސާބު އެއްކޮށް، ހެލްތް އިންފޮމޭޓިކްސްގެ ޒަރީއާއިން އެ މައުލޫމާތާއި ތަފާސްހިސާބުގެ ބޭނުންކުރުމަށް މަގުފަހިކޮށްދިނުން؛
(ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސިއްހީ ދާއިރާއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ފުރިހަމަކުރަމުންދާ މިންވަރު ވިލަރެސްކުރުމާއި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(އ) ސިއްހީ ދާއިރާގެ މަރުކަޒީ ވަސީލަތްތަކާއި، ހިދުމަތުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ތަރައްގީކުރުމާއި ސިއްހީ ހިދުމަތުގެ ފަންނީމަސައްކަތްތެރިންނާއި ހިދުމަތްތެރިން އެ ވަސީލަތްތަކަށް އަހުލުވެރިކުރުވުން؛
(ވ) ސިއްހީ ދާއިރާގައި ތަންފީޒުކުރެވޭ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި، ދާއިރާއަށް ބޭނުންވާ ދިރާސާތަކާއި އެނަލިސިސްތައް ދެނެގަނެ، އެ އެނަލިސިސްތައް ހެދުމާއި ދިރާސާތައް ކުރުމަށް ފަންނީ ލަފާދިނުން؛
(މ) ސިއްހީ ދާއިރާއަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއާއި، އެނޫންވެސް ކަމާގުޅުންހުރި މުއައްސަސާތަކަށް ފަންނީ ލަފާ ދިނުން؛
(ފ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ނިސްބަތްވާ ކައުންސިލްތަކުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ލަފާދީ، އެ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ދ) ސިއްހީ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމްއިއްޔާތަކާއެކު މަސައްކަތްކޮށް، ސިއްހީ ދާއިރާއަށް އެންމެ ފައިދާހުރި ގޮތެއްގައި އެފަރާތްތަކުގެ ބައިވެރިވުން ކުރިއަރުވައި، ދިވެހިރާއްޖޭގެ ސިއްހީ ހާލަތު ކުރިއަރުވައި ހަރުދަނާކުރުމަށް ބޭނުންތެރި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް އެފަރާތްތަކަށް އިރުށާދު ދިނުން؛
(ތ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން.
6 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު (މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުން ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި، ބަލިތަކާއި ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން އެމީހުން ދުރުވެތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން، އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވ،ޭ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ވާންވާނެއެވެ.
(ށ) ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ނިޒާމަކަށް ހެދުމަށްޓަކައި، އެ ނިޒާމުގައި އަންނަނިވި ކަންކަން ހިމެނޭކަން ކަށަވަރުކުރަންވާނެއެވެ.
- އެ ނިޒާމުން ލިބިދެވޭ ފަރުވާއާއި ހިދުމަތުގެ ތެރޭގައި، ޕްރިވެންޓިވް ކެއަރ، ކިއުރޭޓިވް ކެއަރ، ރީހެބިލިޓޭޓިވް ކެއަރ، ލޯންގްޓަރމް ކެއަރ، ޕެލިއޭޓިވް ކެއަރ، އެންސިލަރީ ހިދުމަތްތައް، މެޑިކަލް ގުޑްސް އަދި އެނޫންވެސް އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭކަން؛
- ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލުގެ މިންގަނޑުތަކާއި ހަމަތައް އެ ނިޒާމުގެ ތެރެއިން ތަންފީޒުކުރެވޭކަން؛
އަދި - ރަށްރަށުގައާއި ސިޓީތަކުގައި ދިރިއުޅޭ އަމިއްލަ ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ސިއްހީ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތައް، އެބައެއްގެ ސިއްހީ ހާލަތާ އެކަށީގެންވާ އަވަސްމިނެއްގައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް، ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ފެންވަރުގެ ހިދުމަތްތަކަށް ރިފަރކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން.
(ނ) ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމު އެކުލެވިގެންވަނީ، ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ ތަންތަނުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ މައްޗަށެވެ.
(ރ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުވާނެ ފަދައިން، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ބިނާކޮށް، ތަރައްގީކުރެވިގެންދާނެ ގޮތް ބަޔާންކުރާ ސިއްހީ ދާއިރާގެ ދުރުރާސްތާގެ މާސްޓަރ ޕްލޭނެއް، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ހިންގަންވާނީ އެ މާސްޓަރ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މާސްޓަރ ޕްލޭން، މަދުވެގެން، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މުރާޖައާކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ހިމެނޭ ވަކިވަކި ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކުގެ ތަފްސީލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
7 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު އެކުލެވިގެންވާ ގޮތް
(ހ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެންމެ ކުޑަ މިނެއްގައި، އަސާސީ ސިއްހީ ހިދުމަތް ދެވޭނެ މަރުކަޒެއް ސަރުކާރުން ގާއިމުކުރަންވާނެއެވެ.
(ށ) ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށާއި ޓޫރިސްޓް ރިޒޯޓުތަކުގައި މިނިސްޓްރީން ކަނޑައަޅާ ފެންވަރަކަށް އަސާސީ ސިއްހީ ހިދުމަތް ދެވޭނެ ނިޒާމެއް، އެ ރަށެއް ނުވަތަ ރިޒޯޓުގެ ވެރިފަރާތުން ނުވަތަ ރިޒޯޓު ހިންގާ ފަރާތުން ގާއިމުކުރަންވާނެއެވެ.
(ނ) މާލޭ ސިޓީގައި ސަރުކާރުން ހިންގާ މައި ހޮސްޕިޓަލް ހިމެނެނީ، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ އެންމެ މަތީ ފަންތީގައެވެ. އެ ހޮސްޕިޓަލަކީ، ނޭށަނަލް ރިފަރަލް ހޮސްޕިޓަލެވެ.
(ރ) ދިވެހިރާއްޖޭގެ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއް ހުންނަންވާނެއެވެ. އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ސަރުކާރުން ހިންގާ ސިއްހީ މަރުކަޒުތަކާއި ކްލިނިކްތަކާއި މިނޫންވެސް ސިއްހީ ހިދުމަތްދޭ ތަންތަން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރުގެ ބެލުމުގެ ދަށުން ސިޓީ ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ހިންގައި، ބަލަހައްޓައި ވިލަރެސްކުރާނީ، އެ ސިޓީއެއްގައި ނުވަތަ އަތޮޅެއްގައި ހުންނަ ހޮސްޕިޓަލްގެ ސީދާ ބެލުމުގެ ދަށުންނެވެ.
(ބ) މީހުން ދިރިއުޅޭ ރަށްރަށުގައި ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރުން ގާއިމުކުރާ ހޮސްޕިޓަލް ނުވަތަ މަރުކަޒުތަކުގެ އިތުރުން، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލަކުން އަމިއްލަ ފަރާތްތައް މެދުވެރިކޮށް ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމެއް ސަރުކާރަށް ގާއިމުކުރެވިދާނެއެވެ.
(ޅ) ސިޓީ ނުވަތަ އަތޮޅުގައި ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ އެންމެހައި މަރުކަޒުތައް ހިންގާނީ އެ ސިޓީއެއްގެ ނުވަތަ އެ އަތޮޅެއްގައި ގާއިމުކުރެވިފައިވާ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ކަމަށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، މާލޭ ސިޓީގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގާނީ، މިނިސްޓަރުގެ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.
8 ވަނަ މާއްދާ - ސިޓީ ނުވަތަ އަތޮޅުގެ މައި ހޮސްޕިޓަލްގެ އިސްވެރިޔާގެ ޒިންމާތައް
މި ގާނޫނުގެ ދަށުން ސިޓީތަކާއި އަތޮޅުތަކުގައި ސިއްހީ ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރުން ގާއިމުކޮށް ހިންގަމުންގެންދާ ތަންތަނާއި، ސިޓީތަކާއި އަތޮޅުތަކުގައި ސަރުކާރުން ދެމުންގެންދާ ސިއްހީ ހިދުމަތްތައް ވިލަރެސްކޮށް ހިންގައި ބެލެހެއްޓުމަށް މި ގާނޫނުގެ ބޭނުމަށްޓަކައި މިނިސްޓަރު ކަނޑައަޅާ މައި ހޮސްޕިޓަލްގެ ނުވަތަ މައި މަރުކަޒުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
- ސިޓީ ނުވަތަ އަތޮޅުގައި ހުންނަ ސިއްހީ ހިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލް ހިންގައި ބެލެހެއްޓުން؛
- ސިޓީ ނުވަތަ އަތޮޅުގައި ސިއްހީ ހިދުމަތްތައް ދިނުމަށް ސަރުކާރުން ގާއިމުކޮށް ހިންގަމުންގެންދާ ތަންތަނުގައި ދެމުންގެންދާ ސިއްހީ ހިދުމަތްތަކާގުޅޭ ކަންކަން ވިލަރެސްކުރުން؛
- ސިޓީ ނުވަތަ އަތޮޅުގައި ސިއްހީ ހިދުމަތްތައް ދިނުމަށް ސަރުކާރުން ގާއިމުކޮށް ހިންގަމުންގެންދާ ތަންތަނާއި އެތަންތަނުން ދެމުންގެންދާ ސިއްހީ ހިދުމަތްތަކާ ބެހޭގޮތުން ސީދާ މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ޖަވާބުދާރީވުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށްހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ހަވާލުކުރާ ޒިންމާތައް އަދާކުރުން.
9 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާސިއް
ހީ ހިދުމަތް ދިނުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު އެކުލެވިގެންވާގޮތް ކަނޑައެޅުމާއި، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި، ސިއްހީ ހިދުމަތަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ހިދުމަތް ދިނުމާއި، ސިއްހީ ހިދުމަތްތަކާބެހޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، ސިއްހީ ހިދުމަތްތަކާގުޅޭ ދިރާސާތައް ކުރުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓޭކަން ކަށަވަރުކުރުމަކީ، މިނިސްޓްރީގެ ޒިންމާއެކެވެ.
10 ވަނަ މާއްދާ - ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ މެށިނަރީއާއި ތަކެތި ހޯދުން
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެށިނަރީއާއި މެޑިކަލް ކޮންސިއުމަބަލްސްފަދަ ތަކެތީގެ ފެންވަރު ކަށަވަރުކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ ދަށުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން ޕްރޮކިޔޮމަންޓް ނިޒާމެއް ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮކިޔޮމަންޓް ނިޒާމު މިނިސްޓްރީގެ ދަށުން ހިންގާނަމަ، ހިންގާނެ ގޮތާއި މުވައްޒަފުންގެ ގިންތިތަކާއި ދަރަޖަތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
10-1 ވަނަ މާއްދާ - ޕްރިވެންޓިވް ކެއަރގެ (އިތުރު ކުރެވިފަިއި)
މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތުގެ ތެރޭގައި ހިމެނޭނީ، އާންމު ސިއްހީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ފަރުވާގެ ތެރެއިން ފޯރުކޮށްދެވޭ އަންނަނިވި ހިދުމަތްތަކެވެ.
(ހ) ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މީހުންގެ އުޅުން ބައްޓަންކުރަންވީ ގޮތުގެ މައުލޫމާތު އޮޅުންފިލުވައިދިނުމާއި، ސިއްހީ ކަންކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުން އަދި ކަމާގުޅޭ ލަފަޔާއި ކައުންސެލިންގ ދިނުން؛
(ށ) ވެކްސިންދިނުމާއި ވެކްސިންއާ ގުޅުންހުރި ސިއްހީ ކަންކަން މޮނިޓަރކުރުމުގެ ހަރަކާތްތައް ހިންގުން؛
(ނ) ދުރާލާ ބަލިތައް ދެނެގަތުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ރ) ސިއްހީ ހާލަތްތަކާއި ބަލިތަކާ ގުޅިގެން އިތުރަށް ދިމާވެދާނެ ސިއްހީ މައްސަލަތައް ދުރާލާ ދެނެގަނެ، އެ މައްސަލަތައް މޮނިޓަރކުރުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ބ) ބަލިބައްޔަށާއި ނުކުޅެދުންތެރިކަމަށް ހުށަހެޅުމަށް ހުރި ހިރާސްތަކާ ގުޅޭގޮތުންނާއި ބަލިތަކާ ބެހޭގޮތުން ކުރެވޭ އެނޫންވެސް ސަރވޭލަންސްއާއި،ބަލިތައް ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ޅ) ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވެދާނެ ސިއްހީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، އެފަދަ ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވާ ސިއްހީ ހާލަތްތަކުގައި ހިންގޭ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(ކ) ޖިސްމާނީ އަދި އިޖްތިމާއީ ގޮތުން މުޖްތަމައުގައި ބައިވެރިވުމަށް ބޭނުންވާ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(އ) ދިވެހިރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ބަލިތަކާއި ނައްތާލެވިފައިވާ ބަލިތަކުގެ ހާލަތު ދެމެހެއްޓުމަށްޓަކައި ދެވޭ ސިއްހީ ހިދުމަތްތައް؛
(ވ) ޕްރިވެންޓިވް ކެއަރގެ ގޮތުގައި ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ އެނޫންވެސް ޕްރޮގްރާމްތަކާއި ހަރަކާތްތައ.ް
10-2 ވަނަ މާއްދާ - ޕްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަނޑައެޅުން (އިތުރު ކުރެވިފަިއި)
(ހ) ޕްރިވެންޓިވް ކެއަރގައި ހިމެނޭ ހިދުމަތްތަކުގެ ތެރެއިން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގައުމީ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމުގެ ފަންނީ މިންގަނޑުތަކާއި އުސޫލުތައް، ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަންނީ މިންގަނޑުތައް، ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، މަދުވެގެން ކޮންމެ ދެ އަހަރުން އެއް ފަހަރު މުރާޖައާކުރަންވާނެއެވެ. އަދި އެ މިންގަނޑުތަކަށް އެއްވެސް ބަދަލެއް ގެނެވޭނަމަ، އެ ބަދަލެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކާ ގުޅިގެން ހެލްތް ޕްރޮޓެކްށަން އެޖެންސީން ހިންގާ ގައުމީ ޕްރޮގްރާމްތަކާއި ސަރވެއިލަންސްގެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރަންޖެހޭ މައުލޫމާތާއި އެ މައުލޫމާތުގެ މިންގަނޑުތައް އެ އެޖެންސީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
10-3 ވަނަ މާއްދާ - ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަސާސްތައް (އިތުރު ކުރެވިފަިއި)
(ހ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށެވެ.
(ށ) އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށް ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭނީ، ސިއްހީ ހިދުމަތުގެ އެކި ފަންނުވެރިން އެކުގައި މަސައްކަތްކޮށް، ހިދުމަތުގެ އެކި މަރުހަލާގައި ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދ،ޭ ހިދުމަތް ހޯދާ ފަރާތް ހޭލުންތެރިވެ ބާރުވެރިކުރުވާ، ވަށާޖެހޭ ހިދުމަތެއްގެ ގޮތުގައެވެ.
(ނ) އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށް ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ހިދުމަތް ފޯރުކޮށްދިނުމުގައި އާއިލާތަކާއި މުޖްތަމައު ސިއްހީގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތްކުރުން؛
- ވަކި ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާއި އެ ރަށުގައި ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތްތަކާއި މުއައްސަސާތަކާ ގުޅިގެން އެ ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ މީހުން ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
10-4 ވަނަ މާއްދާ - ޕްްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދިނުން (އިތުރު ކުރެވިފަިއި)
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން ޕްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއަރގެ ހިދުމަތް ދެވޭނެ މަރުކަޒުތައް، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ދިވެހިރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ސިއްހީ ހިދުމަތްތައް ގިންތިކޮށް، އެއިން ކޮންމެ ގިންތިއެއްގައި ލިބެންޖެހޭނެ ހިދުމަތްތައް ކަނޑައެޅުމުގައި، ސަރުކާރުން ހިންގާ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ކެއަރ ގިންތީގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި، ޕްރިވެންޓިވް ކެއަރގެ ހުރިހާ ހިދުމަތްތަކެއް ހިމެނޭކަން ކަށަވަރުކުރަންވާނެއެވެ.
(ނ) ސަރުކާރު ފިޔަވައި އަމިއްލަ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރއާ ގުޅުންހުރި މަސައްކަތްތައް ކުރާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުން މި ގާނޫނާއި މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕްރިވެންޓިވް ކެއަރގެ އެކި ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު ފޯރުކޮށްދެވިދާނެއެވެ.
10-5 ވަނަ މާއްދާ - ޕްރިވެންޓިވް ކެއަރގެ ހިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރުން (އިތުރު ކުރެވިފަިއި)
(ހ) ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ފޯރުކޮށްދޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެވެނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، އަދި އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން ކަމުގައި ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީ، އެތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެކެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން އެ ނިޒާމު ހިންގުމަކީ، އަދި ކަމާގުޅޭގޮތުން ރިޕޯޓުކުރަންޖެހޭ ތަފާސްހިސާބު ރިޕޯޓުކުރުމަކީ، އެތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެކެވެ.
(ނ) ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި، މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިރުށާދާއި ލަފާ އެތަންތަން ހިންގުމާ ހަވާލުވެތިބި ފަރާތްތަކަށް ދިނުމާއި، އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭކަން ޑިރެކްޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
10-6 ވަނަ މާއްދާ - ޕްްރިވެންޓިވް ކެއަރގެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ބެލުން (އިތުރު ކުރެވިފަިއި)
(ހ) ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ފޯރުކޮށްދޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެނީ ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި، އެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރާނީ، ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސްއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތު ކޮމިށަނަރު އަދާކުރުމުގައި، ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެވޭ ފެންވަރު މި ގާނޫނުގައި ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ފެނިއްޖެނަމަ، އެކަންކަން ރަނގަޅުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަންގަންވާނެއެވެ. އަދި އެތަންތަނުން އެކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު ކަނޑައެޅިފައިވާ މިންގަނޑަށް ގެންނަންވާނެއެވެ.
(ނ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ފެންވަރު ރަނގަޅުކުރުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް މި މާއްދާގެ ދަށުން ކޮމިށަނަރު އަންގައިފިނަމަ، އެކަން ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އެކަންކަން މޮނިޓަރކުރަންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެނީ ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި، މޮނިޓަރކޮށް ފިޔަވަޅުއެޅުމުގައި ކޮމިށަނަރު އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
10-7 ވަނަ މާއްދާ - ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުން (އިތުރު ކުރެވިފަިއި)
ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ދައުލަތުގެ މާލިއްޔާއިން މިނިސްޓްރީއަށް ދޫކުރަންވާނެއެވެ.
ދެވަނަ ބާބު
ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުން
11 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުން
(ހ) ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިދުމަތްދޭ ތަން ރަޖިސްޓަރީ ކުރުމަށްފަހު، އަދި އެ ހިދުމަތް ދިނުމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލައިސަންސް ހޯދުމަށްފަހުގައެވެ.
(ށ) ސިއްހީ ހިދުމަތުގެ ގޮތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދަންޖެހޭ ތަންތަނާއި، ހިދުމަތްތަކަކީ ކޮބައިކަން، އަދި އެ ހިދުމަތްތައް ނުވަތަ ތަންތަން ގިންތިކުރެވިފައިވާ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ދޭންޖެހޭ ސިއްހީ ހިދުމަތްތައް ރަޖިސްޓަރީ ކުރުމާ ބެހޭގޮތުންނާއި، އެތަންތަނުން ލައިސަންސް ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރާނީ ސިއްހީ ހިދުމަތްދޭ ތަންތަނެވެ. އަދި މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރާނީ، އެތަންތަނުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކަށެވެ. ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ ފަންނުވެރިން ރަޖިސްޓަރީ ކުރުމުގެ ކަންކަމާއި، އެފަރާތްތައް ނިސްބަތްވާ ފަންނުގައި އެފަރާތްތަކުން މަސައްކަތްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކަންކަން ކުރާނީ، ކަމާބެހޭ ގާނޫނުގެ ދަށުންނެވެ.
12 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުން
(ހ) ދިވެހިރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ، އެތަނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސިއްހީ ހިދުމަތްދޭ ތަނެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.
(ނ) ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ރަޖިސްޓްރޭށަން ފީއެއް ނެގުމަށްފަހުގައެވެ.
(ރ) މި ގާނޫނުގެ ދަށުން ސިއްހީ ހިދުމަތްދޭ ތަނެއް މިނިސްޓްރީގައި ރަޖިސްޓަރީވުމަށްފަހު، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އެ ރަޖިސްޓަރީ އައު ކުރާކަށް ނުޖެހޭނެއެވެ.
(ބ) ސިއްހީ ހިދުމަތްދޭ ތަނަކަށް ދޫކުރެވޭ ރަޖިސްޓްރޭށަން އައު ކުރަން ލާޒިމުވާނީ، އެތަނެއް ރަޖިސްޓަރީ ކޮށްފައިވާ ގިންތިއަށް ބަދަލެއް ގެންނަނަމައެވެ. ނުވަތަ އެއްވެސް ސަބަބަކާހުރެ އެތަނެއްގެ ރަޖިސްޓަރީ ބާތިލުކުރެވޭ ހާލަތުގައި، އަލުން ރަޖިސްޓަރީވުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ހުއްދަކުރާ ހާލަތްތަކުގައެވެ.
(ޅ) ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި އެތަންތަނުގެ ރަޖިސްޓަރީ އައު ކުރުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއާތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
13 ވަނަ މާއްދާ - ވަގުތީ ގޮތުން ރަޖިސްޓަރީ ހިފެހެއްޓުމާއި ރަޖިސްޓަރީ ބާތިލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ސިއްހީ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ވަގުތީގޮތުން ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- އެތަނަށް ލައިސަންސް ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތަކާ ހިލާފުވުން؛
- ހިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތައް ފުރިހަމަނުވުން؛
- އެތަނުގެ ފަރާތުން ވާ އިހުމާލެއްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވުން.
(ށ) ސިއްހީ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނެއްގައި އެތަނުންދޭ ހިދުމަތަކާ ގުޅިގެން ޖިނާއީ ކުށެއް ހިނގިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ، އަދި އެކަމަކީ އެތަނުގެ ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެނގިގެން ނުވަތަ އެފަރާތެއް ނުވަތަ ފަރާތްތަކުގެ އިހުމާލެއް އޮތުމުގެ ސަބަބުން ނޭނގި ހިނގި ކަމެއް ކަމުގައި މިނިސްޓްރީއަށް ފެނިއްޖެނަމަ، އެތަނަކަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ ދަށުން ސިއްހީ ހިދުމަތްދޭ ތަނެއްގެ ރަޖިސްޓަރީ ވަގުތީގޮތުން ހިފަހައްޓަންވާނީ ނުވަތަ ބާތިލުކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
14 ވަނަ މާއްދާ - ލައިސަންސް ހޯދުން
(ހ) ސިއްހީ ހިދުމަތްދޭ ތަނެއް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީ ކުރި ކަމުގައި ވީނަމަވެސް އެތަނަކުން ސިއްހީ ހިދުމަތް ދެވޭނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކުރާ ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސެއް ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށެވެ.
(ނ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ސިއްހީ ހިދުމަތްދޭ ތަންތަނަށް ލައިސަންސް ދޫކުރުމާބެހޭ އުސޫލުތަކާއި، އެތަންތަނަށް ލައިސަންސް ދޫކުރުމުގައި ރިއާޔަތްކުރާނެ ކަންކަމާއި، އެނޫނަސް ލައިސަންސް ދޫކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
15 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުމާގުޅޭ އިންތިގާލީ އުސޫލު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ރަޖިސްޓަރީވުމަށްޓަކައި، އަދި މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރުމަށްޓަކައި އަދި އެތަންތަނަށް ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
16 ވަނަ މާއްދާ - ލައިސަންސް ދެވޭ ތަންތަން ގިންތިކުރުން
(ހ) ސިއްހީ ހިދުމަތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދަންޖެހޭ ހިދުމަތްތަކާއި، ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތްތަކުގެ މައްޗަށް ބިނާކޮށް ސިއްހީ ހިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ސިއްހީ ހިދުމަތްތައް، މިނިސްޓްރީން ގިންތިތަކަކަށް ބަހާލަންވާނެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިއްހީ ހިދުމަތްތައް ގިންތިކުރުމުގައި ރިއާޔަތްކުރާނެ މިންގަނޑުތައް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ އެކުލަވާލާ މިންގަނޑުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ ގިންތިތަކާއި، އެ ގިންތިތަކުގައި ހިމެނޭ ތަންތަނުން ފޯރުކޮށްދޭންޖެހޭ ސިއްހީ ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއި ތަންތަނަށް ހުއްދަކޮށްފައިވާ ވަކިވަކި ހިދުމަތްތަކުގެ އިތުރުން އެތަނަކުން އެހެން އެއްވެސް ސިއްހީ ހިދުމަތެއް ދޭން ގަސްދުކުރާނަމަ އެގޮތުން ދޭން ބޭނުންވާ ހިދުމަތެއް ދިނުމުގެ ހުއްދައަށް އެދި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ސިއްހީ ހިދުމަތްދޭ ތަންތަނަށް ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެތަނަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 180 (ސަތޭކަ އަށްޑިހަ) ދުވަސް ކުރިން އެ ލައިސަންސް އައު ކުރުމަށް އެދި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެތަނަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
18 ވަނަ މާއްދާ - އަހަރީ ފީ
(ހ) ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރެވޭ ކޮންމެ ތަނަކުންމެ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު އެއްފަހަރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އަހަރީ ފީއެއް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރެވޭ ފަރާތުން ދައްކަންޖެހޭ އަހަރީ ފީގެ މިންވަރަކީ މި ގާނޫނުގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަނަށް ކަނޑައެޅޭ ގިންތިތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ލައިސަންސް ދޫކުރެވޭ ފަރާތް ހިމެނޭ ގިންތިއަށް ކަނޑައެޅިފައިވާ އަހަރީ ފީގެ މިންވަރެވެ. ގިންތިއަށް ބަލައި އަހަރީ ފީއެއްގެ ގޮތުގައި ސިއްހީ ހިދުމަތްދޭ ތަންތަނުންނާއި ހިދުމަތްދޭ ފަރާތްތަކުން ދައްކަންޖެހޭ އަހަރީ ފީގެ މިންވަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ށ) ސިއްހީ ހިދުމަތްދޭ ތަންތަނުން ދައްކަންޖެހޭ އަހަރީ ފީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ނުދައްކާނަމަ، އަހަރީ ފީ ދައްކަންޖެހޭ ތާރީހުގެ ފަހުން އަހަރީ ފީ ބަލައިގަނެވޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައެޅޭ ޖޫރިމަނާއަކާ އެކުގައެވެ.
19 ވަނަ މާއްދާ - ރަޖިސްޓަރީ ކޮށްދިނުމާއި ލައިސަންސް ދޫކުރުން
(ހ) ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓަރީ ކުރާނީ، އަދި އެތަންތަނަށް ލައިސަންސް ދޫކުރާނީ، އެކަމަށްޓަކައި މިނިސްޓްރީގައި ގާއިމުކުރާ ވަކި ޔުނިޓެއް މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔުނިޓުގެ އެއްވެސް މުވައްޒަފަކު، ސިއްހީ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި އެފަދަ ތަނެއް ހިންގުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުމާއި، އަދި އެފަދަ ތަނަކަށް ލަފާދިނުންފަދަ މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ނ) ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުންނާއި ލައިސަންސް ދޫކުރުމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔުނިޓަށް ލަފާދިނުމަށްޓަކައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމިޓީއެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލަންވާނެއެވެ.
(ރ) ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމަށް ލަފާދޭ ކޮމިޓީ މިނިސްޓަރު އެކުލަވާލަންވާނީ އަންނަނިވި ފަރާތްތައް ހިމެނޭ ގޮތުންނެވެ.
- މެޑިކަލް ޑޮކްޓަރެއް؛
- ނާރސިންގގެ ދާއިރާއިން ޑިޕްލޮމާއަށްވުރެ މަތީ ފާހެއް ލިބިފައިވާ ނަރުހެއް؛
- މެޑިކަލް ލެބޯރަޓަރީގެ ދާއިރާއިން ޑިޕްލޮމާއަށްވުރެ މަތީ ފާހެއް ލިބިފައިވާ ފަރާތެއް؛
- މިނިސްޓްރީގެ ކޮލިޓީ އެށުއަރަންސްގެ ފަންނީ އިސް ފަރާތެއް؛
- މިނިސްޓްރީގެ ފަންނީ އިސް ފަރާތެއް.
(ބ) ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީ ހިނގާނެ ގޮތުގެ އުސޫލާއި، މެންބަރުންގެ ށަރުތާއި މެންބަރުންގެ ދައުރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
20 ވަނަ މާއްދާ - ރަޖިސްޓަރީ ނުކޮށް ނުވަތަ ލައިސަންސް ނުހޯދައި ހިދުމަތް ދިނުން
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ނުކޮށް، އަދި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޯދަންޖެހޭ ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެކެވެ.
(ށ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތެއްގެ ރަޖިސްޓަރީ ބާތިލުވެފައިވަނިކޮށް، ނުވަތަ މި ގާނޫނުގެ ދަށުން އެތަނަކަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓިފައިވަނިކޮށް، ނުވަތަ ބާތިލުވެފައިވަނިކޮށް، ހިދުމަތް ދިނުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކުށަށް ޒިންމާ އުފުލަންވާނީ ސިއްހީ ހިދުމަތްދޭ ތަން ހިންގާ ފަރާތެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތް ނަމަވެސް، ރަޖިސްޓަރީ ނުކޮށް ނުވަތަ ލައިސަންސް ނެތި މަސައްކަތްކުރާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންނާމެދު ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ބ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި ) 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 3 (ތިނެއް) މަހާއި 5 (ފަހެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ޅ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީ ނުކޮށް ނުވަތަ މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ލައިސަންސް ހޯދުމަކާ ނުލައި ނުވަތަ ލައިސަންސް އާނުކޮށް ހިދުމަތް ދޭކަން މިނިސްޓްރީއަށް އެނގިއްޖެނަމަ، އެތަނެއް ވަގުތުން ބަންދުކުރުމަށް އެންގުމާއި، އެތަން ބަންދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންނަކީ ރަޖިސްޓަރީވެ ލައިސަންސް ލިބިފައިވާ ބައެއްކަން ކަށަވަރުކުރުން
(ހ) މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ތަންތަނުން އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ، އެކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އެ ހިދުމަތެއް ދިނުމުގައި އެކުލަވާލާފައިވާ ފަންނީ އަދި އިލްމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށެވެ.
(ށ) ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު އެތަނަކުން ދިނުމަށް ކަނޑައަޅާފައިވާ ފަރުވާ ދިނުމަށް ބޭނުންވާނެ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން އެތަނެއްގައި ތިބެންވާނެއެވެ. މިފަދަ މީހުން ތިބެންވާނީ އެ ފަންނެއްގެ ކަމާބެހޭ ކައުންސިލް ނުވަތަ ބޯޑުގައި ރަޖިސްޓަރީވެ، އެފަރާތެއް ނިސްބަތްވާ ފަންނުގައި މަސައްކަތް ކުރުމުގެ ސައްހަ ލައިސަންސް ހޯދާފައެވެ.
(ނ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންނާއި އެނޫން މުވައްޒަފުންގެ ރަޖިސްޓަރީއެއް އެތަނަކުން ބަލަހައްޓަންވާނެއެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މީހުންނަކީ އެތަނެއްގައި މަސައްކަތްކުރުމަށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކެއްކަން އެތަން ހިންގާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) އާ ހިލާފަށް ސިއްހީ ހިދުމަތްދޭ ތަނެއްގައި އެއްވެސް މީހަކު ލައްވާ މަސައްކަތް ކުރުވުމަކީ ކުށެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
22 ވަނަ މާއްދާ - ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ދާއިރާ
ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތައާރަފުކުރާ ހިދުމަތްތަކަކީ، ސަރުކާރުގެ ސިޔާސަތުތަކާއި ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ތައާރަފުކުރެވޭ ހިދުމަތްތަކެއް ކަމުގައި ވާންވާނެއެވެ.
23 ވަނަ މާއްދާ - އާ ޓެކްނޮލޮޖީ ބޭނުންކުރުން
ދިވެހިރާއްޖެއަށް އަލަށް ތައާރަފުކުރެވޭ ސިއްހީ ހިދުމަތެއް ނުވަތަ ފަރުވާއެއް ނުވަތަ ސިއްހަތާގުޅޭ ޓެކްނޮލޮޖީއެއް އާންމުންނަށް ފޯރުކޮށްދެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
ތިންވަނަ ބާބު
ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމު
24 ވަނަ މާއްދާ - ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް
(ހ) ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން މި ގާނޫނުގެ ދަށުން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، "ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް" ގެ ނަމުގައި މަގާމެއް އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ ސިވިލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ އެއް ފެންވަރުގެ ސިވިލް ސަރވިސްގެ މަގާމެކެވެ. އެހެންނަމަވެސް، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އާންމު ށަރުތުތަކެއްގެ އިތުރުން، އެ މަގާމަށް އައްޔަންކުރާ މީހަކީ، ސިއްހީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް އޮތް މީހެއް ކަމުގައި ވާންވާނެއެވެ.
(ނ) ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް އޭނާގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ މުވައްޒަފުންނާއި، ވަސީލަތްތައް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ހަމަޖައްސައިދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މުވައްޒަފުންނަކީ ވަޒީފާގެ މަސްއޫލިއްޔަތާއި މަސްލަހަތު ފުށުއަރާ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ ބަޔަކު ކަމުގައި ވެގެންނުވާނެއެވެ. އަދި މި މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ އެކަށީގެންވާ އިނާޔަތެއް ހަމަޖައްސައިދޭންވާނެއެވެ.
25 ވަނަ މާއްދާ - ކޮމިށަނަރުގެ ބާރުތަކާއި މަސްއޫލިއްޔަތު
ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން؛
(ށ) ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ސިއްހީ ހިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރުން؛
(ނ) ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
(ރ) ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ހިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ބ) ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ޅ) ސިއްހީ ހިދުމަތްދޭ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން އިސްލާހުކުރުމަށް އެފަރާތްތަކަށް އަންގައި، ކޮމިށަނަރު އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(ކ) ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ށަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން؛
(އ) ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިށަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހްގީގުކޮށް، ކަމާބެހޭ ބޯޑު ނުވަތަ ކައުންސިލަށާއި މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން؛
(ވ) ސިއްހީ ހިދުމަތުގެ ގައުމީ އެކްރެޑިޓޭށަން ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުން.
26 ވަނަ މާއްދާ - ބަލައި ފާސްކުރުން
(ހ) މި ގާނޫނުގެ ދަށުން ބާރު ލިބިގެން ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ކޮމިށަނަރު ފޮނުވާ މުވައްޒަފުންނަށް ތިރީގައިވާ ކަންކަން ކުރުމުގެ ބާރު މި ގާނޫނުން ލިބިދެއެވެ.
- ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުލައިވިޔަސް ހިދުމަތްދޭ ތަނަށް ވަދެ، ބަލައި ފާސްކުރުން؛
- ސިއްހީ ހިދުމަތްދޭ ތަނުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛
- ސިއްހީ ހިދުމަތްދޭ ތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭގޮތުންނާއި ތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކާތެރިކަން ބެލުމަށްޓަކައި ތަނުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުން ނުވަތަ އެތަކެތިން ސާމްޕަލް ނެގުން؛
- ސިއްހީ ހިދުމަތްދޭ ތަނުގެ އެންމެހައި ރެކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީހެދުން؛
- މައުލޫމާތު ހޯދުމަށާއި ހެކިބަސް ހޯދަން ބޭނުންވާ ހާލަތްތަކުގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ބަޔާން ނެގުން؛
- ކަމާ ގުޅޭގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތުތައް ހޯދުން.
(ށ) މި މާއްދާގެ ދަށުން ކޮމިށަނަރު ނުވަތަ ކޮމިށަނަރު ކަނޑައަޅާ ފަރާތްތައް ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ސިއްހީ ހިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ކޮމިށަނަރަށާއި އޭނާ ކަނޑައަޅާ ފަރާތްތަކަށް ލިބިދޭ ބާރު ލިބިދެނީ، މި ގާނޫނުގެ 25 ވަނަ މާއްދާގައި ކޮމިށަނަރާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ޖިނާއީ ކުށްކުށާ ގުޅިގެން ހިންގޭ ތަހްގީގުތައް ހިންގުމެއް ނުހިމެނެއެވެ.
(ރ) މި މާއްދާގެ ދަށުން ކޮމިށަނަރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ކުރިއަށްގެންދާ ބަލައި ފާސްކުރުމެއްގެ ތެރޭގައި ޖިނާއީ ކުށެއް ހިނގައިފިކަން ނުވަތަ ހިނގަމުންދާކަން ނުވަތަ ހިނގާފާނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އެކަމެއް ރިޕޯޓުކުރާނީ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، ކަމާބެހޭ ތަހްގީގީ އިދާރާއަށެވެ. އަދި އެ ތަހްގީގު ހިންގާނީ، އެ އިދާރާއަކުންނެވެ.
27 ވަނަ މާއްދާ - ކޮމިށަނަރަށް އެހީތެރިވެދިނުން
(ހ) ކޮމިށަނަރުގެ ޒިންމާ އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނުން އެއްބާރުލުންދޭންވާނެއެވެ. މިފަދަ މަސައްކަތަށް ހުރަސްއެޅުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1,000 (އެއްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ހަތަރުވަނަ ބާބު
ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތްދޭ ތަންތަނުގެ ހައްގުތަކާއި ޒިންމާތައް
28 ވަނަ މާއްދާ - ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބެންޖެހޭ ހިދުމަތް
ސިއްހީ ހިދުމަތްދޭ ތަން ނިސްބަތްވާ ގިންތީގައި ހިމެނޭ ތަންތަނުން ލިބެންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހިދުމަތްތައް، އެ ގިންތީގައި ހިމެނޭ ކޮންމެ ތަނަކުންވެސް ލިބެން ހުންނަންވާނެއެވެ.
29 ވަނަ މާއްދާ - ސިއްހީ ހިދުމަތް ހޯދާ ފަރާތަށް ފުރިހަމަ މައުލޫމާތު ދިނުން
(ހ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން، ހިދުމަތް ހޯދާ ފަރާތަށް އަންނަނިވި މައުލޫމާތު ދޭންވާނެއެވެ.
- ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު؛
- ބަލި ދެނެގަތުމަށް ކުރެވެންހުރި ކަންތައްތަކާއި، ބައްޔަށް ފަރުވާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި، ތަނުން ލިބެންހުރި ހިދުމަތްތައް؛
- ބަލިމީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް ނުވަތަ ފަރުވާ ދިނުމަށް ބޭނުންކުރެވޭނެ، އެހެންނަމަވެސް ހިދުމަތްދޭ ތަނުން ލިބެން ނެތް ހިދުމަތްތައް؛
- ބަލި ދެނެގަތުމަށާއި ބައްޔަށް ފަރުވާކުރުމަށް ކުރެވެންހުރި ކަންތައްތަކުގެ ތެރެއިން ބަލިމީހާއަށް ފަރުވާއާމެދު އަމިއްލައަށް ގޮތެއް ނިންމުމަށް ބޭނުންވާ މިންވަރަށް އެ ބައްޔަކަށް ދެވޭ ފަރުވާގެ ފައިދާއާއި، ދިމާވެދާނެ ނުރައްކާތަކާއި ހާސިލުކުރެވޭނެކަމަށް ލަފާކުރާ ނަތީޖާ؛
- ހިދުމަތަށް ހިނގާނެކަމަށް ލަފާކުރާ ހަރަދާއި ހޭދަވާނެ ވަގުތު؛
- މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގައި ފިޔަވައި ހިދުމަތް ނުހޯދައި ދޫކޮށްލުމުގެ ހައްގު ބަލިމީހާއަށް ލިބިގެންވާކަމާއި، އެގޮތަށް ފަރުވާ ދޫކޮށްލުމުން ކުރިމަތިވެދާނެ ނުރައްކާތައް.
(ށ) ހިދުމަތް ހޯދާ ފަރާތަށް ދެވޭ މައުލޫމާތަކީ، އެ މައުލޫމާތު ސީދާ އެ ހިދުމަތް ހޯދާ ފަރާތަށް ދިނުމުން އެފަރާތަށް ތަހައްމަލު ކުރެވޭނެފަދަ މައުލޫމާތެއް ނޫންކަމަށް ހިދުމަތްދޭ ފަރާތަށް ގަބޫލުކުރެވޭ ހާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ދޭނީ ބަލިމީހާ ކަނޑައަޅާ ފަރާތަކަށް ނުވަތަ ބަލިމީހާގެ ބަލަދުވެރިޔާއަށެވެ.
(ނ) ހިދުމަތް ހޯދާ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުއްޖަކުނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު ދޭނީ އޭނާގެ ބެލެނިވެރިޔާއަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތު، ހިދުމަތް ހޯދާ ފަރާތަށް ދޭންވާނީ އެމީހަކަށް އޮޅުންފިލާ ގޮތަކަށެވެ.
(ބ) އެނދުމަތިކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ފަރުވާއެއް ދީފައިވާނަމަ، ދެވުނު ހުރިހާ ހިދުމަތެއްގެ ތަފްސީލު ހިމެނޭ ލިޔުމެއް، ބަލިމީހާ ނުވަތަ ބަލިމީހާގެ ބަލަދުވެރިޔާއަށް ނުވަތަ ބަލިމީހާ އިހްތިޔާރުކުރާ އެހެން ފަރާތަކަށް ދޭންވާނެއެވެ.
30 ވަނަ މާއްދާ - ހިދުމަތް ހޯދާ ފަރާތުގެ ރުހުން ހޯދުން
(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއްވެސް ތަނަކުން ސިއްހީ ހިދުމަތެއް ފޯރުކޮށްދޭންވާނީ، ހިދުމަތް ހޯދާ ފަރާތުގެ ރުހުމާ އެކުގައެވެ.
(ށ) ލިޔުމުން ރުހުން ހޯދަންޖެހޭ ހާލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ލިޔުމުން ރުހުން ހޯދަންޖެހޭ ހާލަތުގައާއި މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެހެން ހާލަތްތަކުގައި ހިދުމަތް ހޯދާ ފަރާތުން ކަނޑައެޅިގެން އެ ހިދުމަތަކަށް ދެކޮޅުނުހަދާ ކަމަށްވާނަމަ ބަލާނީ، އެ ހިދުމަތް ލިބިގަތުމަށް އޭނާގެ ރުހުންއޮތް ކަމުގައެވެ.
(ރ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ރުހުން ދޭނީ، އެ ކުދިންގެ ބެލެނިވެރިއެކެވެ.
(ބ) ސިއްހީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކުއްޖަކީ، އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ އުމުރުގެ ކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖަކަށް އެ ހިދުމަތް ދޭންވާނީ، އެ ކުއްޖާގެ ބެލެނިވެރިޔާގެ އިތުރުން އެ ކުއްޖާގެ ރުހުން އެކަމަށް ހޯދުމަށްފަހުގައެވެ.
(ޅ) ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން ހިދުމަތް ހޯދާ ފަރާތުގެ ރުހުން ހޯދުމަކީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި ހިދުމަތް ހޯދާ ފަރާތުންދޭ ރުހުން ކަމަށް ބުނެފައި އެވަނީ، ކަނޑައެޅޭ ވަކި ސިއްހީ ހިދުމަތެއް ލިބުމަށް، އެ ހިދުމަތް ލިބިގަންނަ ފަރާތުން ނުވަތަ އޭނާގެ ފަރާތުން އެ ރުހުން ދިނުމަށް ގާނޫނީގޮތުން ބާރުލިބިގެންވާ ފަރާތަކުން، މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދެވޭ މައުލޫމާތު އެނގިހުރެ، ދޭ ރުހުމަށެވެ.
31 ވަނަ މާއްދާ - ރުހުމާ ނުލައި ހިދުމަތް ފޯރުކޮށްދެވޭނެ ހާލަތްތައް
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ސިއްހީ ހިދުމަތް ހޯދާ ފަރާތުގެ ރުހުމާ ނުލައި ސިއްހީ ހިދުމަތް ފޯރުކޮށްދެވިދާނެއެވެ.
- ރުހުން ދިނުމަށް ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު ތަންނުދޭ ހިނދެއްގައި، އޭނާގެ ފަރާތުން ރުހުން ދިނުމަށް ކަނޑައަޅާފައިވާ ފަރާތަކުން ރުހުން ދިނުން؛
- ރުހުން ދިނުމަށް ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު ތަންނުދޭ ހިނދެއްގައި އޭނާގެ ފަރާތުން ރުހުން ދިނުމަށް ލިޔުމުން މީހަކު ކަނޑައަޅާފައިނުވާ ހާލަތެއްގައި، އޭނާގެ ގާނޫނީ ބަލަދުވެރިޔަކު ނުވަތަ ބެލެނިވެރިޔަކު ރުހުން ދިނުން؛
- ހިދުމަތް ހޯދާ ފަރާތުގެ ރުހުން ނެތި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގާނޫނަކުން ނުވަތަ ކޯޓު އަމުރަކުން ބާރުލިބުން؛
- ހިދުމަތް ހޯދާ ފަރާތަށް އެ ހިދުމަތް ފޯރުކޮށްނުދީފިނަމަ، އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އާންމު ސިއްހަތު ރައްކާތެރިކުރުމާބެހޭ މުއައްސަސާގެ އިސްވެރިޔާއަށް ފެނުން؛
- ފަރުވާދިނުން ލަސްވެއްޖެނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ނުވަތަ ރަނގަޅު ނުކުރެވޭނެފަދަ ސިއްހީ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފަރުވާދޭ ފަރާތަށް ފެނުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި ރުހުން ހޯދުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަދި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި ސިއްހީ ހިދުމަތްދޭ ތަނުން އަމަލުކުރާނެ އިޖުރާއާތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
32 ވަނަ މާއްދާ - މެޑިކަލް ރިސާރޗް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުން
(ހ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން މެޑިކަލް ރިސާރޗްގެ ބޭނުމަށް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ހިދުމަތް ދޭން އެދޭނަމަ، އެކަން ކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް ތަނަކުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކީ، މެޑިކަލް ރިސާރޗް ނުވަތަ ކްލިނިކަލް ޓްރަޔަލެއްގެ ގޮތުގައި ދެވޭ ހިދުމަތަކަށްވާނަމަ، އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން، ހިދުމަތް ލިބިގަންނަ ފަރާތަށް އެކަން ލިޔުމުން އަންގައި، އެކަމަށް އެފަރާތުގެ ރުހުން ހޯދަންވާނެއެވެ.
33 ވަނަ މާއްދާ - ސިއްހީ އަދި އިލްމީ ދިރާސާ
(ހ) ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތާގުޅޭ ސިއްހީ އަދި އިލްމީ ދިރާސާތައް ކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކަމަށް ހުއްދަ ހޯދުމަށްފަހު، އެ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ދިވެހިރާއްޖޭގައި ކުރާ ސިއްހީ އަދި އިލްމީ ދިރާސާތަކުގެ ސުލޫކު ބެލުމަށް މިނިސްޓްރީގައި ކަމާބެހޭ ފަންނީ ކައުންސިލެއް އެކުލަވާލާފައި އޮންނަންވާނެއެވެ.
34 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް
(ހ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކުން ލިބެންހުރި އެންމެހައި ފަރުވާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުރިހަމައަށް މައުލޫމާތު ލިބިގަތުމުގެ ހައްގު ކޮންމެ ބަލިމީހަކަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި ފިޔަވައި ހިދުމަތް ފޯރުކޮށްދޭ ފަރާތުން ފޯރުކޮށްދޭ ހިދުމަތެއް ނުހޯދައި ދޫކޮށްލުމުގެ ހައްގު، ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ރ) ބައްޔަކާ ގުޅޭގޮތުން އިތުރު ޑޮކްޓަރެއްގެ ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
(ބ) އެމީހެއްގެ ސިއްހީ ފަރުވާއާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި، މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތައް ފިޔަވައި، ބައިވެރިވުމުގެ ހައްގު، ހިދުމަތް ލިބިގަންނަ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
35 ވަނަ މާއްދާ - ސިއްހީ ހިދުމަތް ދޭ ފަރާތުގެ ޒިންމާ
(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް ކޮންމެ މީހަކަށްމެ ލިބިދޭކަން ކަށަވަރުކުރުމަކީ، ސިއްހީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.
(ށ) ހިދުމަތް ހޯދާ ފަރާތުން ދޭންޖެހޭ ރުހުން ދެނީ އެހެން ފަރާތަކުން ކަމަށްވާނަމަ، ހާލަތަށް ރިއާޔަތްކުރުމަށްފަހު، ރުހުން ދިނުމުގެ ކުރިން، ހިދުމަތްދޭ ފަރާތުން ހިދުމަތް ހޯދާ ފަރާތާ މަށްވަރާކުރަންވާނެއެވެ.
(ނ) މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރުހުން ދިނުމުގެ ގާނޫނީ ހައިސިއްޔަތު ހިދުމަތް ހޯދާ ފަރާތުގެ ކިބައިގައި ނެތް ހާލަތެއްގައިވެސް، އެފަރާތަށް އޮޅުންފިލާ ކަމަށްވާނަމަ، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، ހިދުމަތްދޭ ފަރާތުން އޭނާއަށް ފޯރުކޮށްދޭންވާނެއެވެ.
(ރ) ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ފަރުވާއާ ގުޅުންހުރި ނިންމުމެއް ނިންމުމުގައި އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް ބައިވެރިނުވެވޭ ކަމަށްވާނަމަ، އަދި އެ މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން އޭނާގެ ސިއްހަތަށް އިތުރު ގެއްލުމެއް ނުވާނެ ކަމަށްވާނަމަ، ހިދުމަތް ފޯރުކޮށްދިނުމަށްފަހު މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިދުމަތް ހޯދާ ފަރާތަށް އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދޭންވާނެއެވެ.
(ބ) ހިދުމަތް ލިބިގަންނަ ފަރާތަށްދޭ ހިދުމަތަކީ ގައުމީ އަދި ފަންނީ މިންގަނޑުތަކާއި، ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށް އެންމެ އެކަށީގެންވާ ހިދުމަތެއްކަން ހިދުމަތްދޭ ފަރާތުން ކަށަވަރުކުރަންވާނެއެވެ.
36 ވަނަ މާއްދާ - ހިދުމަތް ހޯދާ ފަރާތުގެ ރުހުމާ ނުލައި ހިދުމަތް ދިނުން
(ހ) ގާނޫނަކުން ބާރު ލިބިގެން ނުވަތަ އެނޫންވެސް ހާލަތެއްގައި މީހެއްގެ ރުހުމާ ނުލައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި އޭނާ އެޑްމިޓްކުރެވިއްޖެނަމަ، އެކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެތަނަކުން އެމީހެއްގެ އާއިލާއަށް، ނުވަތަ އެމީހަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީއަކުނަމަ އޭނާ ވަޒީފާ އަދާކުރާ ތަނަށް އެކަމުގެ މައުލޫމާތު ދޭންވާނެއެވެ. ނުވަތަ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި ބަލިމީހާއަކީ ކާކުކަން ދެނެގަނެވޭނެ ގޮތެއް ނެތްނަމަ، އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ ކަމާބެހޭ އިދާރާއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި މީހަކު ސިއްހީ ފަރުވާދޭ ތަނަކަށް ގެނެވިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަކަށް ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމުކުރަންވާނެއެވެ.
37 ވަނަ މާއްދާ - ހިދުމަތަށް ނެގޭ އަގުގެ މައުލޫމާތު އާންމުކުރުން
ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ އަގު ހިދުމަތް ލިބިގަންނަ ފަރާތަށް ފަސޭހައިން ފެންނާނެ ގޮތަށް އާންމު ކުރަންވާނެއެވެ.
38 ވަނަ މާއްދާ - ސިއްހީ ހިދުމަތްދޭ ތަންތަނާއި އެތަނުންދޭ ހިދުމަތާގުޅޭ މައުލޫމާތު
(ހ) ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ ތިރީގައި އެވާ މައުލޫމާތު، ހިދުމަތް ލިބިގަންނަ ފަރާތަށް ފެންނާނެ ގޮތަށް ހިދުމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ.
- އެތަނުން ލިބެންހުރި ހިދުމަތްތަކުގެ ބާވަތްތައް އަދި އެ ވަގުތަކު ލިބެންހުރި ހިދުމަތްތައް؛
- ހިދުމަތް ދިނުން އިންތިޒާމުކުރެވިފައިވާ ގޮތް؛
- ހިދުމަތް ދެވޭނެ ގަޑިތައް؛
- ހިދުމަތް ލިބިގަތުމަށް އަމަލުކުރަންޖެހޭ ގޮތް؛
- މައްސަލައެއް ދިމާވެއްޖެނަމަ ށަކުވާ ހުށަހެޅޭނެ ގޮތްތައް؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު؛
- އެތަނުން ފޯރުކޮށްދޭ ހިދުމަތާ ގުޅޭގޮތުން އާންމުންނަށް ބޭނުންވެދާނެ އެނޫންވެސް މައުލޫމާތު.
(ށ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ސިއްހީ ހިދުމަތްދޭ ތަންތާނގައި އަދި ހިދުމަތުގައި ބޭނުންކުރުމަށް ހަދާ ހެލްތް އިންފޮމޭށަން ސިސްޓަމްގައި ރައްކާކުރަންޖެހޭ އަސާސީ މައުލޫމާތާއި، އެފަދަ މައުލޫމާތު ބެލެހެއްޓުމާއި ހިއްސާކުރުމާއި ރިޕޯޓުކުރުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ބައްޓަންކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މައުލޫމާތު މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.
39 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބެލެހެއްޓުން
(ހ) ސިއްހީ ހިދުމަތް ލިބިގަންނަ ކޮންމެ މީހެއްގެ މެޑިކަލް ރެކޯޑު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސިއްހީ ހިދުމަތްދޭ ތަންތަނުން ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް މެޑިކަލް ރެކޯޑުތައް ބެލެހެއްޓެމުންދާކަން ޔަގީންކުރުމަކީ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ހަވާލުވެފައިވާ އެންމެ އިސް މުވައްޒަފުގެ ޒިންމާއެކެވެ.
(ށ) މެޑިކަލް ރެކޯޑުތައް އެކުލަވާލަންޖެހޭ ގޮތާއި، އެ ރެކޯޑުތައް ބެލެހެއްޓުމުގެ މިންގަނޑުތަކާއި، އެ ރެކޯޑުތައް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
40 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އެނޫންވެސް އޭނާގެ ސިއްހީ ހާލަތާއި އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި މައުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތެވެ.
(ށ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ފިޔަވައި އެހެން އެއްވެސް ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތެއް، އެއްވެސް ފަރާތަކުން ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
- ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން؛
- ކޯޓު އަމުރަކުން އެންގުމުން؛
- ގާނޫނަކުން ލިބިދޭންޖެހޭކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން؛
- މި ގާނޫނުން ބާރުދީފައިވާ މީހެއްގެ ޒިންމާ އަދާކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލިމީހަކާބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭގޮތުން ބަހައްޓާފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން؛
- ބަލިމީހަކާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ ރެކޯޑެއް މި އަކުރުގައިވާ ފަރާތަކަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް ހިއްސާ ކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) އާ ހިލާފަށް އަމަލުކުރުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި ) 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ތަކުރާރުކޮށް މިކުށް ކޮށްފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެމީހަކު 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
41 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބޭނުންކުރުން
ހިދުމަތް ލިބިގަންނަ މީހާގެ މައުލޫމާތު، އޭނާއަށް ހިދުމަތް ދިނުމަށްޓަކައި، އަދި އެ ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާނެ މިންވަރަށް، ހިދުމަތް ފޯރުކޮށްދޭ އެހެން ސިއްހީ ހިދުމަތްތެރިންނާ ހިއްސާކުރުން މި ގާނޫނުގެ 40 ވަނަ މާއްދާ ހުރަހެއްނާޅައެވެ.
42 ވަނަ މާއްދާ - ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތުގެ މެޑިކަލް ރެކޯޑު ބެލުން
(ހ) ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ލިބިގަންނަ ފަރާތެއްގެ މެޑިކަލް ރެކޯޑު، އަންނަނިވި ހާލަތަކުންކުރެ ހާލަތެއްގައި ފިޔަވައި އެއްވެސް ފަރާތަކުން ބަލައިގެންނުވާނެއެވެ.
- ހިދުމަތް ލިބިގަންނަ މީހާއަށް ހިދުމަތް ދިނުމަށްޓަކައި އެތަނުގެ ކަމާބެހޭ ފަރާތުން ބަލަންޖެހޭ ހާލަތުގައި؛
- ހިދުމަތް ފޯރުކޮށްދޭ ތަނުގެ ސިއްހީ ރިސާރޗް އެތިކްސް ކޮމިޓީ ނުވަތަ އެފަދަ ކަމާބެހޭ ފަރާތަކުން ހުއްދަ ލިބިގެން ރިސާރޗް ނުވަތަ އެފަދަ އިލްމީ ބޭނުމަކަށް ބޭނުންވާ މައުލޫމާތު، އެކަމަށް ހުއްދަކުރެވިފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
- ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މުރާޖައާތަކާއި ތަހްގީގުތަކަށް ބޭނުންވާ މައުލޫމާތު، އެކަމަށް ހުއްދަކުރެވިފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
- ކަމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ތަފާސްހިސާބު ނެގުމަށް ބޭނުންވާ މައުލޫމާތު ހޯދާ ހާލަތުގައި؛
- އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބޭނުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު، އެކަމަށް ހުއްދަކުރެވިފައިވާ ފަރާތުން ހޯދާ ހާލަތުގައި؛
- ހެލްތް އިންށުއަރެންސްގެ ބޭނުންތަކަށް އިންށުއަރެންސް ސްކީމްތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު، އެކަމަށް ހުއްދަކުރެވިފައިވާ ފަރާތުން ހޯދާ ހާލަތުގައި.
(ށ) ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑު، އެތަންތާނގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ބެލޭނެ ގޮތަށް ހުރެގެންނުވާނެއެވެ. އެ މައުލޫމާތު ބެލެން ހުންނަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ކަނޑައެޅިގެން ހުއްދަކޮށްފައިވާ މުވައްޒަފުންނަށް އެކަންޏެވެ.
(ނ) މެޑިކަލް ރެކޯޑު ބެލުމާއި ހޯދުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
43 ވަނަ މާއްދާ - މެޑިކަލް ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
(ހ) ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ މެޑިކަލް ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް އެ މައުލޫމާތު ބޭނުން ނުކުރެވޭނެކަން ޔަގީންކުރުމަށްޓަކައި، ސިއްހީ ހިދުމަތްދޭ ތަންތަން ހިންގާ ފަރާތްތަކުން ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަންވާނެއެވެ.
(ށ) ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
- މި ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގައި އެމީހަކު އަދާކުރަންޖެހޭ ޒިންމާއެއް އޮވެ،
އެ ޒިންމާއެއް އަދާނުކޮށް ދޫކޮށްލުން؛ - މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) އާ ހިލާފުވުން؛
- ހިދުމަތް ހޯދާ އެއްވެސް ފަރާތެއްގެ މެޑިކަލް ރެކޯޑު ހަލާކުކޮށްލުން ނުވަތަ ނައްތާލުން؛
- ހުއްދަނެތި އެއްވެސް މެޑިކަލް ރެކޯޑަކަށް އެއްވެސް އުނިއިތުރެއް ނުވަތަ ބަދަލެއް ގެނައުން؛
- މެޑިކަލް ރެކޯޑަކަށް އިސްލާހެއް ގެންނަންޖެހޭ ހާލަތެއްގައި ނުވަތަ އެ ރެކޯޑު އަޕްޑޭޓްކުރަންޖެހޭ ހާލަތެއްގައި އެކަން ނުކޮށް ދޫކޮށްލުން؛
- މެޑިކަލް ރެކޯޑެއްގައި ހިމެނުމަށްޓަކައި ސައްހަނޫން މައުލޫމާތެއް ދިނުން؛
- ހުއްދަ ނެތި މެޑިކަލް ރެކޯޑެއްގެ އެއްވެސް ބައެއް ނަކަލުކުރުން؛
- ހިދުމަތް ލިބިގަންނަ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު، އޭނާގެ ސިއްހީ ހާލަތު އަންގައިދޭ މައުލޫމާތާ ހުއްދަ ނެތި ގުޅުވުން؛
- އެއްވެސް ފަރާތެއްގެ މެޑިކަލް ރެކޯޑު ހުއްދަ ނެތި އެއްވެސް ބޭނުމަކަށް ބޭނުންކުރުން؛
- އިލެކްޓްރޯނިކް މެޑިކަލް ރެކޯޑު ބަލަހައްޓާ ކޮމްޕިއުޓަރ ސިސްޓަމްތައް ހުއްދަނެތި އެހެން އެއްވެސް ސިސްޓަމަކާ ނުވަތަ ނެޓްވަރކަކާ ގުޅުވުން؛
- އިލެކްޓްރޯނިކް މެޑިކަލް ރެކޯޑު ބަލަހައްޓާ ކޮމްޕިއުޓަރ ސިސްޓަމްތައް ނުވަތަ އެކަމަށް ބޭނުންކުރާ ޕްރޮގްރާމްތަކަށް ވާސިލުވުން ނުވަތަ އެއިން އެއްޗަކަށް ހުއްދަނެތި އެއްވެސް ބަދަލެއް ގެނައުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި) 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ތަކުރާރުކޮށް މި ކުށް ކޮށްފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެމީހަކު 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުރުމަށް މަގުފަހިވެފައިވަނީ، ހިދުމަތްދޭ ތަނުގެ އިހުމާލުން ކަމުގައިވާނަމަ، އެތަނެއް ) 50,000 (ފަންސާސްހާސް) ރުފިޔާއާއި ) 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެތަނެއްގެ ލައިސަންސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ތަފާސްހިސާބު މިނިސްޓްރީއަށް ފޯރުކޮށްދިނުން
(ހ) ސިއްހީ ހިދުމަތްދޭ ތަންތަނުން ބަލަހައްޓާ މައުލޫމާތުތައް ސިއްހީ ހިދުމަތްތައް މޮނިޓަރ ކުރުމަށާއި ތަފާސްހިސާބުގެ ބޭނުމަށާއި ތަފާސްހިސާބު އާންމުކުރުމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތުތައް ސިއްހީ ހިދުމަތްދޭ ތަންތަނުން ހޯދައި ބަލަހައްޓަންވާނެއެވެ.
45 ވަނަ މާއްދާ - ހިދުމަތާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން
(ހ) ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ހޯދާ މީހަކަށް އެތަނުން ލިބުނު ނުވަތަ ލިބިނުދެވުނު ހިދުމަތަކާމެދު ހިތްހަމަނުޖެހޭނަމަ، އެތަނުގެ އިސްވެރިންނަށް ށަކުވާ ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.
(ށ) ސިއްހީ ހިދުމަތްދޭ ތަނަކުންދޭ ހިދުމަތްތަކާ ގުޅިގެން ހުށަހެޅޭ ށަކުވާ ބަލައިގަންނާނެ ގޮތަކާއި، އެ ށަކުވާއެއް ލިބިފައިވާކަން ށަކުވާ ހުށަހެޅި ފަރާތަށް އަންގާނެ ގޮތަކާއި، އެ ށަކުވާ ބަލާނެ ނިޒާމެއް ހިދުމަތްދޭ ކޮންމެ ތަނެއްގައި ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ށަކުވާ، އެތަނަކުން ބަލައި ޖަވާބުދާރީ ވާންވާނެއެވެ.
(ނ) ށަކުވާ ހުށަހެޅުމަށް ގާއިމުކުރާ ނިޒާމުގެ ތެރެއިން ށަކުވާ ހުށަހަޅަން ބޭނުންވާ މީހާ އަމަލުކުރަންޖެހޭ ގޮތް، ސިއްހީ ހިދުމަތްދޭ ތަނުގައި އާންމުކޮށް ފެންނާނެހެން ލިޔެފައި ބަހައްޓަންވާނެއެވެ. އަދި ކަމާ ގުޅޭގޮތުން ހިދުމަތް ލިބިގަންނަ ފަރާތްތައް ހޭލުންތެރިކުރުވުމުގެ މަސައްކަތް، ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކުންވެސް ކުރަންވާނެއެވެ.
(ރ) ސިއްހީ ހިދުމަތްދޭ ތަނަކުންދޭ ހިދުމަތަކާ ގުޅިގެން ހުށަހެޅޭ ށަކުވާއަކީ، އެ ހުށަހެޅުން ރައްދުވާ ފަރާތުން ބެލޭނެ ށަކުވާއެއް ކަމުގައިނުވާނަމަ އެފަދަ ށަކުވާތައް ބެލުމަށް ކަނޑައަޅާފައިވާ ދައުލަތުގެ މުއައްސަސާއަކަށް އެ ށަކުވާ ހުށަހެޅުމާ ގުޅޭގޮތުން ދޭންޖެހޭ މައުލޫމާތު ގާނޫނު ލާޒިމުކުރާ މިންވަރަށް ހިދުމަތް ލިބިގަންނަ ފަރާތަށް ސިއްހީ ހިދުމަތްދޭ ތަނުން ފޯރުކޮށްދޭންވާނެއެވެ.
(ބ) ސިއްހީ ހިދުމަތްދޭ ތަނަކުންދޭ ހިދުމަތަކާ ގުޅިގެން ހުށަހެޅޭ ށަކުވާއަކަށް އެތަނުން ޖަވާބުދާރީނުވެއްޖެނަމަ، ނުވަތަ އެތަނަކުންދޭ ޖަވާބާމެދު ހިދުމަތް ލިބިގަންނަ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެތަނުން އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ބަލައިދިނުން އެދި، އޭނާއަށް މިނިސްޓްރީއަށް މައްސަލަ ހުށަހެޅިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް މިނިސްޓްރީން ބެލުމަށްފަހު، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދޭންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ޖަވާބުދެވެން ނެތްނަމަ، އެކަން، ސަބަބު ބަޔާންކޮށް މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި ދެވެން އޮތް އެންމެ އަވަހަކަށް އެ ޖަވާބު ދޭންވާނެއެވެ.
(އ) ސިއްހީ ހިދުމަތްދޭ ތަނަކުންދޭ ހިދުމަތަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަންވާނީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
46 ވަނަ މާއްދާ - ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޒިންމާތައް
ސިއްހީ ހިދުމަތްދޭ ތަނަކުން ހިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތައްވެސް އަންނަނިވި ކަންތައްތަކަށް ޒިންމާ ވާންވާނެއެވެ.
(ހ) ސިއްހީ ހިދުމަތްދޭ ތަނުގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން؛
(ށ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ތެދުވެރިކަމާއެކު ފޯރުކޮށްދީ އެފަރާތްތަކަށް އެއްބާރުލުން ދިނުން؛
(ނ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ އިހްތިރާމާއެކު މުއާމަލާތްކުރުން؛
(ރ) ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ދޭން ބޭނުންވާ ހިދުމަތް ނުވަތަ ފަރުވާ ގަބޫލުނުކުރާކަމަށްވާނަމަ، އެފަދަ ހާލަތެއްގައި ލިބިދާނެ ގެއްލުމަކަށް އަމިއްލައަށް ޒިންމާވާނެކަމަށް އިގްރާރުވެ ސޮއިކުރުން؛
(ބ) ސިއްހީ ހިދުމަތްދޭ ފަރާތަށް އިންޒާރުނުދިނުން ނުވަތަ ބިރުނުދެއްކުން ނުވަތަ އަނިޔާއެއް ނުކުރުން.
47 ވަނަ މާއްދާ - ހިދުމަތަށް ހުރަސްއެޅުން
އެއްވެސް މީހަކު ނުވަތަ ފަރާތަކުން ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސައްކަތް ގަސްދުގައި ހުއްޓުވައި ނުވަތަ އެފަދަ ތަނެއްގެ މަސައްކަތަށް ހުރަސްއެޅުމަކީ މަނާކަމެކެވެ.
48 ވަނަ މާއްދާ – ތަފާތުނުކުރުން
(ހ) ސިއްހީ ހިދުމަތް ފޯރުކޮށްދެވޭ ފަރާތުގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ އެމީހަކު ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ސިއްހީ ހާލަތަށް ބަލައި އެފަދަ މީހަކަށް ވަކި ކަހަލަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި މާއްދާގެ (ހ) ގައިވާފަދަ ތަފާތު ކުރުމެއްނޫނެވެ.
49 ވަނަ މާއްދާ - ހިދުމަތް ދިނުމަށް އިއުތިރާޒު ކުރެވޭނެ ހާލަތްތައް
(ހ) އާންމު އުސޫލެއްގެ ގޮތުން، ސިއްހީ ހިދުމަތްދޭ ތަނަކަށް އަންނަ ކޮންމެ މީހަކަށްވެސް، އެތަނަކުން ހިދުމަތް ދޭން އޮންނަ އުސޫލަކުން ހިދުމަތް ދޭންވާނެއެވެ. އެހެންނަމަވެސް، އެއްވެސް އަމަލަކުން ނުވަތަ އަނގަބަހުން ސިއްހީ ހިދުމަތްދޭ މީހަކަށް ބިރުދައްކައި މީހަކަށް ގެއްލުމެއް ދޭން މަސައްކަތްކޮށް، ނުވަތަ އެފަދަ ބިރެއް ކުރިމަތިކޮށްފާނެ ކަމުގެ އިންޒާރުދީ، ނުވަތަ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ގޯނާކުރާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްނުދިނުމުގެ ހައްގު ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މި މާއްދާގެ (ހ) ގެ ދަށުން ސިއްހީ ހިދުމަތްދޭ ފަރާތަކުން އުޒުރުވެރިވާ ހާލަތުގައި، ހިދުމަތް ހޯދަން އެދޭ މީހާއަށް ފަރުވާ ލިބިދެވޭނެ އެހެން މަގެއް ހޯދައިދިނުމަކީ، ސިއްހީ ހިދުމަތްދޭ ތަނުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ފަސްވަނަ ބާބު
ސިއްހީ ހިދުމަތްދޭ ތަންތާނގެ މުވައްޒަފުންގެ ހައްގުތަކާއި ޒިންމާތައް
50 ވަނަ މާއްދާ - މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތައް
(ހ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ އެ ދާއިރާގެ ސިޔާސަތުތަކާއި ސުލޫކީ މިންގަނޑުތަކަށް ތަބާވެ އިހްތިރާމްކުރާ ބަޔަކަށް ވާންވާނެއެވެ.
(ށ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޒާތީ ތައައްސުބުން އެއްކިބާވާ، އަދި އަމިއްލަ މަސްލަހަތު އިސްނުކުރާ، ސިއްހީ ދާއިރާއަށާއި ގައުމުގެ މަސްލަހަތަށް އިސްކަންދޭ ބަޔަކަށް ވާންވާނެއެވެ.
(ނ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ އެމީހެއްގެ ކިބައިގައި ހުރި ޖިސްމާނީ
ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ އެމީހަކު ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަށް ބަލައި ހިދުމަތް ދިނުމުގައި ތަފާތު ކުރުމެއް ގެންގުޅޭ ބަޔަކަށް ވެގެންނުވާނެއެވެ.
(ރ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ އެމީހަކު މަސައްކަތްކުރާ ތަނެއްގެ އެންމެހައި ގަވާއިދުތަކާއި ސުލޫކަށް އިހްތިރާމްކޮށް ތަބާވާ ބަޔަކަށް ވާންވާނެއެވެ.
(ބ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެންމެންނަށް ހަމަހަމަކޮށް ހިދުމަތް ދޭންޖެހޭ ބަޔަކަށްވާހިނދު، އެގޮތަށް އެ ހިދުމަތް ދެވޭކަން ކަށަވަރުކޮށް، ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ހޯދުމަށްޓަކައި މުޖްތަމައުގެ ތެރޭގައި ބައިބައިވުމާއި ހިޔާލު ތަފާތުވުން އުފެދޭ އެންމެހައި ކަންތައްތަކުން އެއްކިބާވާ ބަޔަކަށް ވާންވާނެއެވެ.
(ޅ) ސިއްހީ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުމަށްޓަކައި، އަދި ރައްޔިތުންގެ އިތުބާރު ހޯދައިދެމެހެއްޓުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ފުރިހަމައަށް އެއްބާރުލުންދީ އެންމެ މަތީ ދަރަޖައަށް ބައިވެރިވާންވާނެއެވެ.
(ކ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ އެންމެހައި ޒިންމާތައް ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުން ފުރިހަމައަށް އަދާކުރަންވާނެއެވެ.
51 ވަނަ މާއްދާ - މުވައްޒަފުންނަށް ލިބިދެވޭ އިނާޔަތްތައް
ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރި މަސައްކަތުގެ މާހައުލެއް، އެތަންތަނުން ގާއިމުކޮށްދޭންވާނެއެވެ. އެގޮތުން، އެ މުވައްޒަފުންނަށް އަންނަނިވި އިނާޔަތްތަކާއި ވަސީލަތްތައް ދޭންވާނެއެވެ.
(ހ) ރައްކާތެރިކަމާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް؛
(ށ) މަސައްކަތުގައި އުޅޭ ވަގުތު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސަލާމަތީ ފިޔަވަޅުތައް އެޅި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެފައިހުރުން؛
(ނ) އެމީހަކު އަދާކުރާ ވަޒިފާއާއި އަދި އުފުލާ ޒިންމާއާ އެކަށިގެންވާ މުސާރައެއް ލިބިދިނުން؛
(ރ) މަސައްކަތުގެ މާހައުލުގެ ސަބަބުން ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި މުވައްޒަފުގެ އިހުމާލެއްނެތި އަނިޔާއެއް ލިބިއްޖެނަމަ އެކަމަށް އެކަށީގެންވާ ބޭސް ފަރުވާ ލިބިދިނުން؛
(ބ) ސިއްހީ ހިދުމަތްތެރިން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ކަންކަމުން ލިބޭ މާއްދީ ގެއްލުންތަކަށް ބަދަލު ދިނުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އިންށުއަރެންސް ނިޒާމެއް ގާއިމުކުރަންވާނެއެވެ. މިގޮތުން ގާއިމުކުރާ އިންށުއަރެންސް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ތެރޭގައި ގާއިމުކުރަންވާނެއެވެ.
52 ވަނަ މާއްދާ - ނޭދެވޭ ކަމެއްގެ މައުލޫމާތުދޭ ފަރާތް
ސިއްހީ ހިދުމަތްދޭ ތަނެއްގައި ހިނގަމުންދާ ނޭދެވޭ ކަމެއްގެ މައުލޫމާތު ކަމާބެހޭ ފަރާތެއްގެ ސަމާލުކަމަށް ގެނައުމަށް އެކަމެއް ރިޕޯޓުކުރާ މުވައްޒަފަކާމެދު އެ މައުލޫމާތު ދިންކަމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަނުން އެއްވެސް ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.
53 ވަނަ މާއްދާ - މުވައްޒަފުން ހިދުމަތަށް ހުރަސްއެޅުން
(ހ) ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތަކަށް ވީހިނދު ސިއްހީ ދާއިރާގެ އެއްވެސް މުވައްޒަފަކު އެއްވެސް ސަބަބަކާހުރެ ތަނުގެ ހިދުމަތް ނުވަތަ ހިދުމަތުގެ ބައެއް ހުއްޓުވުމަށް ބާރުއެޅުމަކީ ނުވަތަ ހުއްޓުވައި، ރައްޔިތުންނަށް ލިބިދޭންޖެހޭ ހިދުމަތުން މަހްރޫމު ކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10,000 (ދިހަހާސް) ރުފިޔާއާއި100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ނ) ހިދުމަތް ނުވަތަ ހިދުމަތުގެ ބައެއް ހުއްޓުވި މުވައްޒަފަކީ ސިއްހީ ހިދުމަތުގެ ފަންނަކަށް ނިސްބަތްވާ ކައުންސިލެއް ނުވަތަ ބޯޑެއްގައި ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެތަނަކަށް މިނިސްޓްރީން އެ މައްސަލަ ހުށަހަޅަންވާނެއެވެ. އަދި އޭނާއާމެދު އެ ކައުންސިލް ނުވަތަ ބޯޑުން ފިޔަވަޅުއަޅަންވާނެއެވެ. އަދި ހިދުމަތް ނުވަތަ ހިދުމަތުގެ ބައެއް ހުއްޓުވި މުވައްޒަފަކީ ސިއްހީ ހިދުމަތުގެ ފަންނަކަށް ނިސްބަތްވާ ފަރާތެއް ނޫންނަމަ އެފަރާތަކާމެދު އެ ހިދުމަތް ނުވަތަ ހިދުމަތުން ބައެއް ހުއްޓުވުނު ތަނަކުން ފިޔަވަޅު އަޅަންވާނެއެވެ.
54 ވަނަ މާއްދާ - މުވައްޒަފަކު ހެޔޮނިޔަތުގައި ކުރާ ކަމަކުން ޒިންމާ އުފުލަންނުޖެހުން
ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ހާލަތާއި ލިބެންހުރި ވަސީލަތްތަކަށް ރިއާޔަތްކޮށް ހެޔޮ ނިޔަތުގައި، ފަރުވާތެރިކަމާއެކު އަޅާ ފިޔަވަޅަކުން ނުވަތަ ނިންމާ ނިންމުމަކުން ނޭދެވޭ ނަތީޖާއެއް ނިކުމެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.
ހަވަނަ ބާބު
ލޭގެ ހިދުމަތްތައް
55 ވަނަ މާއްދާ - ލޭގެ ހިދުމަތްތައް
ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ލޭ ހޯދުމާއި، ލޭ ރައްކާކުރުމާއި، ލެއާ ގުޅުންހުރި އެކިއެކި ތަހްލީލުތަކާއި ދިރާސާތައް ކުރުމާއި ބަލިމީހުންނަށް ލޭ އެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް، ނޭށަނަލް ބްލަޑް ކައުންސިލްގެ ލަފާގެ މަތިން ކަނޑައަޅާނީ މިނިސްޓްރީންނެވެ.
56 ވަނަ މާއްދާ - ލޭ އެޅުމުގެ ހިދުމަތުގެ ގައުމީ މަރުކަޒު
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަކީ، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި، ލޭ އެޅުމުގެ ހިދުމަތް ދިނުމަށާއި ލޭ ހޯދުމާއި ލޭ ރައްކާކުރުމާއި ލެއާ ގުޅުންހުރި އެކިއެކި ތަހްލީލުތަކާއި ދިރާސާތައް ކުރުމަށް މިނިސްޓްރީގެ ދަށުން ހިންގާ މައި އިދާރާއެވެ.
57 ވަނަ މާއްދާ - ލޭގެ ހިދުމަތްތައް ވިލަރެސްކުރުން
ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައިދޭ ލޭގެ ހިދުމަތާބެހޭ ގައުމީ ނިޒާމު ގާއިމުކޮށް އެ ނިޒާމު ހިންގުމަށް ބޭނުންވާ ގަވާއިދު ހެދުމާއި އެންމެހައި ކަންކަން ވިލަރެސްކޮށް، މޮނިޓަރކުރާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިންނެވެ.
58 ވަނަ މާއްދާ - ލޭގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރުން
(ހ) ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ލޭގެ ހިދުމަތްތައް ދިނުމަށް ލައިސަންސް ދޫކުރުމުގެ މިންގަނޑުތަކާއި ށަރުތުތައް ކަނޑައަޅާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ކަނޑައަޅާ މިންގަނޑުތަކާއި ށަރުތުތަކާ އެއްގޮތަށް ލައިސަންސް ދޫކުރާނީ މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޔުނިޓުންނެވެ.
59 ވަނަ މާއްދާ - ނޭށަނަލް ބްލަޑް ކައުންސިލް
(ހ) ލޭގެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ލޭގެ ހިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި، 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި "ނޭށަނަލް ބްލަޑް ކައުންސިލް" ގެ ނަމުގައި މިނިސްޓަރު އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކައުންސިލް އެކުލަވާލަންވާނީ އަންނަނިވި ދާއިރާތައް ހިމެނޭ ގޮތުންނެވެ.
- މިނިސްޓްރީން ކަނޑައަޅާ ފަންނީ އިސް ފަރާތެއް؛
- މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގާ ފަންނީ އިސް ފަރާތެއް؛
- ލޭގެ ހިދުމަތުގެ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް؛
- ލޭގެ ދާއިރާއަށް ހާއްސަ މެޑިކަލް ޑޮކްޓަރެއް ނުވަތަ ޕެތޮލޮޖިސްޓެއް؛
- ލޭގެ ބަލިތަކަށް ހޭލުންތެރިކުރުވާ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއެއްގެ ފަންނީ މެންބަރެއް.
(ނ) ކައުންސިލްގެ މެންބަރުންނަކީ، އެމީހުން ހާޒިރުވާ ކައުންސިލްގެ ޖަލްސާތަކަށް ލިބޭ އުޖޫރައެއް ފިޔަވައި އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ލިބޭނެ ބައެއް ނޫނެވެ. މި މާއްދާގައި ބަޔާންކުރާ އުޖޫރަ ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއެވެ.
(ރ) ކައުންސިލްގެ ރައީސަކީ، މިނިސްޓްރީން ކަނޑައަޅާ ފަންނީ މެންބަރެވެ. ކައުންސިލްގެ ރައީސް ކުރަންޖެހޭ ކަމެއް ކުރުމަށް ކައުންސިލްގެ ރައީސް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މީހަކާ ކައުންސިލްގެ ރައީސް ހަވާލުކުރަންވާނެއެވެ.
(ބ) ކައުންސިލްގެ އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.
(ޅ) ކައުންސިލަށް މެންބަރުން އައްޔަންކުރެވޭ ގޮތާއި، މެންބަރުކަމުގެ ދައުރާއި ށަރުތުތަކާއި، ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެ ގަވާއިދުގައި ކައުންސިލް ހިންގާނެ ގޮތާއި، ކައުންސިލްގެ ބާރުތަކާއި އުސޫލުތައް ކަނޑައަޅަންވާނެއެވެ.
60 ވަނަ މާއްދާ - ލޭގެ ރައްކާތެރިކަން ކަށަވަރުކުރުން
(ހ) ސިއްހީ ހިދުމަތްދޭ ތަންތަނުން ލޭ ފޯރުކޮށްދިނުމުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ށ) ލޭ ރެގިއުލޭޓްކުރެވޭނީ ބަޔޮލޮޖިކަލެއްގެ ގޮތުގައި، ބަޔޮލޮޖިކަލް ރެގިއުލޭޓްކުރުމުގެ މެންޑޭޓް ހަވާލުކުރެވިފައިވާ ފަރާތަކަށެވެ. އަދި ލޭ ޕްރޮސެސް ކުރުމުގައާއި، ލޭގެ މާއްދާތައް ވަކިކުރުމުގައި، ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސްއާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
61 ވަނަ މާއްދާ - ލޭގެ މުއާމަލާތްކުރުން
(ހ) ސިއްހީ ހިދުމަތުގައި ބޭނުންކުރުމަށް ލޭ ވިއްކުމާއި ގަތުމަކީ ކުށެކެވެ.
(ށ) ސިއްހީ ހިދުމަތުގައި ބޭނުންކުރުމަށް ލޭ ހަދިޔާކުރާ ފަރާތަކަށް ނުވަތަ އެކަމުގެ މެދުވެރިޔަކަށް ނުވަތަ އެނޫންވެސް އެކަމުގައި ބައިވެރިވާ ފަރާތަކަށް ލޭ ހަދިޔާކުރުމަށް ނުވަތަ ލިބިގަތުމަށް މާލީ ނުވަތަ އެނޫންވެސް މާއްދީ ފައިދާއެއް ދިނުމަކީ ނުވަތަ އެފަދަ ފައިދާއެއް ލިބިގަތުމަކީ ކުށެކެވެ.
(ނ) ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ލޭ ހަދިޔާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ހަނދާނީ ލިޔުމެއް ނުވަތަ ހަނދާނީ ފިލައެއް ދިނުމަކީ ނުވަތަ އެމީހަކީ ގަވާއިދުން ލޭ ހަދިޔާކުރާ ފަރާތްތެއްކަން އަންގައިދޭ ކާޑެއްފަދަ އެއްޗެއް ދިނުމަކީ މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ މާއްދީ ފައިދާއެއް ކަމުގައެއް ނުބެލެވޭނެއެވެ.
(ރ) ލޭ އެޅުމުގެ ހިދުމަތް ދިނުމުގައިވެސް ލެޔަށް އެއްވެސް އަގެއް ނަގައިގެންނުވާނެއެވެ. ނަމަވެސް ލޭ ނެގުމަށާއި ރައްކާކުރުމަށާއި ޓެސްޓްކުރުމަށް އަދި އެހެނިހެން ހިދުމަތްތަކަށް ހިދުމަތުގެ އަގެއް ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ) 10,000 (ދިހަހާސް) ރުފިޔާއާއި ) 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ތަކުރާރުކޮށް އެ ކުށް ކޮށްފިނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެމީހަކު 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
62 ވަނަ މާއްދާ - ލޭ ހަދިޔާކުރާ މީހުންގެ ޒިންމާ
(ހ) ލޭ ހަދިޔާކުރާ މީހަކީ ލޭގެ ޒަރީއާއިން ފެތުރޭ އެއްވެސް ބައްޔެއް ނުވަތަ ބައްޔެއްގެ ޖަރާސީމެއް އަށަގެންފައިވާ މީހެއްކަން އެނގޭނަމަ ނުވަތަ ލޭގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް މަގުފަހިކޮށްދޭ އަމަލެއް ހިންގާ ނުވަތަ އާދައެއް އަށަގެންފައިވާ މީހަކުނަމަ އޭނާ އެއްވެސް މީހަކަށް ލޭދީގެންނުވާނެއެވެ.
(ށ) ލޭ ހަދިޔާކުރާ މީހަކު، ލޭ ހަދިޔާކުރުމަށް ފަހު، އޭނާ ހަދިޔާކުރި ލޭގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭފަދަ ކަމެއް އޭނާއަށް އެނގިއްޖެނަމަ ނުވަތަ ފާހަގަވެއްޖެނަމަ، ނުވަތަ ލޭގެ ޒަރީއާއިން ފެތުރޭ ބައްޔެއްގެ އަލާމާތެއް އޭނާއަށް ފެނިއްޖެނަމަ، ނުވަތަ އެފަދަ ބައްޔެއް ހުރިކަން އޭނާއަށް އެނގިއްޖެނަމަ، ލޭ ހަދިޔާ ކުރި ސިއްހީ ހިދުމަތްދޭ ތަނަށް ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ.
ހަތްވަނަ ބާބު
ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ ބޭސް
63 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ހިމެނޭ ބޭސް
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަށް ބޭނުންވާ އަސާސީ ބޭސް ހޯދުމާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވާސިލުވެވޭފަދަ އަގެއްގައި ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.
(ށ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ ބޭހާއި ބޭހުގެ ބާވަތްތަކާއި ބޭހުގެ ގޮތުގައި ބޭނުންކުރާ ތަކެތި ރެގިއުލޭޓްކޮށް ގަވާއިދު ހަދައި ހިންގާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަސާސީ ބޭސް ފޯރުކޮށްދިނުމަށް ދިމާވާ ހުރަސްތައް ފާހަގަކޮށް އެ ހުރަސްތައް ހައްލުކުރުމުގައި މިނިސްޓްރީއަށް އެހީތެރިވުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޒިންމާއެކެވެ.
(ރ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ އެންމެހައި ބޭސް ހިދުމަތް ހޯދާ ފަރާތްތަކަށް ވާސިލުވެވޭފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
64 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް ބޭސް އެތެރެކުރުން
(ހ) ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ބޭސް އެތެރެކުރެވޭނީ ބޭސް އެތެރެކުރުމާ ބެހޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިންނެވެ.
(ށ) ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ބޭސް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 500،000) ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
65 ވަނަ މާއްދާ - ބޭސް ވިއްކުމާއި ޒިންމާދާރު ގޮތުގައި ބޭސް ބޭނުންކުރުން
(ހ) ސިއްހީ ހިދުމަތްދޭ ތަނެއްގައި ބޭސް ވިއްކުމުގެ ހިދުމަތް ދެވޭނީ ބޭސް ވިއްކުމާއި ބޭނުންކުރުމާ ބެހޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިންނެވެ.
(ށ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭހާއި ބޭހުގެ ބާވަތްތައް ބޭނުންކުރެވޭ ގޮތާއި ބަލިމީހުންނަށް ބޭސް ލިޔެދިނުމުގައި އަމަލުކުރެވެމުންދާގޮތް ބަލައި މޮނިޓަރކޮށް އަދި މީގެ އިތުރުން ބޭހުގެ ސަބަބުން ނޭދެވޭ އަސަރެއްކޮށް، ބޭހުގެ ފެންވަރުދަށްކަމަށް ފާހަގަކުރެވިއްޖެނަމަ އެކަން ވިލަރެސްކުރާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
(ނ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށްޓަކައި ރާއްޖެ އެތެރެކޮށް ވިއްކަންވާނީ، ނުވަތަ ރާއްޖޭގައި އުފައްދަންވާނީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހެވެ. އަދި ބޭސްތައް ވާންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަކޮށް އަދި ރަޖިސްޓަރީ ކޮށްފައިވާ ބޭސްކަމުގައެވެ.
(ރ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް ރާއްޖެ އެތެރެކުރެވޭ އަދި ރާއްޖޭގައި ބޭނުންކުރެވޭ ބޭސް ރެގިއުލޭޓްކުރުމަށް ބޭނުންވާ ގަވާއިދާއި، އުސޫލުތަކާއި މިންގަނޑުތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ބ) ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަދި ބޭސްބަހައްޓާ ތަންތަނާއި ގުދަންތައް އަދި ފާމަސީތަކާއި މިފަދަ ތަންތަން ބަލައި ފާސްކުރުމާއި ޓެސްޓުކުރަން ބޭނުންވާ މިންވަރަށް ސާމްޕަލް ނެގުމުގެ އިހްތިޔާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންވެއެވެ. މިކަމަށް ހުރަސްއެޅުމަކީ ކުށެކެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
(ކ) މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ނުވަތަ ގަޑުބަޑުކޮށްފައި ހުންނަ ނުވަތަ އެ ބޭހެއްގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ބޭސް ނުވަތަ ބޭހުގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައި ހުންނަ ނުވަތަ ކައުންޓަރފީޓް ބޭސްފަދަ ބޭހުގެ ފެންވަރު އަދި ރައްކާތެރިކަން ކަށަވަރުނުވާ ބޭހުގެ އެއްވެސް މުއާމަލާތެއް ރާއްޖޭގައި ކުރުމަކީ ކުށެކެވެ.
(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
66 ވަނަ މާއްދާ - ބޭހުގެ ރަޖިސްޓަރީ
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް ރާއްޖެ އެތެރެކޮށް ވިއްކުމަށް ހުއްދަދެވޭ ބޭހުގެ ރަޖިސްޓަރީއެއް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައި، އާންމުކުރަންވާނެއެވެ. އަދި ގަވާއިދުން އެ ރަޖިސްޓަރީ ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ށ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަށް ބޭނުންވާ އަސާސީ ބޭހުގެ ރަޖިސްޓަރީއެއް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅައި، އާންމުކުރަންވާނެއެވެ. އަދި ގަވާއިދުން އެ ރަޖިސްޓަރީ ބަލަހައްޓަމުންގެންދަންވާނެއެވެ.
(ނ) ބޭސް ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދުތަކާއި ށަރުތުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
67 ވަނަ މާއްދާ - ބޭހުގެ ކަންކަމުގައި ލަފާދޭ ބޯޑު
(ހ) ޑޮކްޓަރީ ބޭހާއި، ވެކްސިނާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އަދި މެޑިކަލް ޑިވައިސަސްއާ ބެހޭގޮތުން ސިޔާސަތު ކަނޑައެޅުމާއި، ގަވާއިދުތައް ހެދުމުގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލަފާދިނުމަށް ''ނޭށަނަލް ފާމަސޫޓިކަލް ބޯޑު" ގެ ނަމުގައި މިނިސްޓަރު ބޯޑެއް އެކުލަވާލަންވާނެއެވެ. މި ބޯޑުގެ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑު އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އައްޔަންކުރާ 10 (ދިހައެއް) މެންބަރުންގެ މައްޗަށެވެ.
- ނޭށަނަލް ރެފަރަލް ހޮސްޕިޓަލްގެ ކްލިނިކަލް 3 (ތިނެއް) ދާއިރާއަކުން 3 (ތިނެއް) ސްޕެށަލިސްޓުން؛
- ހެލްތް ޕްރޮޓެކްށަން އެޖެންސީ ތަމްސީލުކުރާނެ ފަރާތެއް؛
- މިނިސްޓްރީގެ ފަންނީ އިސް ފަރާތެއް؛
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސްވެރިޔާ؛
- ނޭށަނަލް ޑްރަގް އެޖެންސީ ތަމްސީލުކުރާނެ ފަރާތެއް؛
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާނެ ފަރާތެއް؛
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާނެ ފަރާތެއް؛
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭހާބެހޭ ކަންކަމުގެ އެންމެ އިސްވެރިއާ (ފާމަސިސްޓް) .
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ބޯޑުގެ މަސްއޫލިއްޔަތުތަކާއި، ބޯޑު ހިނގާނެ ގޮތުގެ އުސޫލާއި، މެންބަރުންގެ ށަރުތާއި މެންބަރުންގެ ދައުރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
68 ވަނަ މާއްދާ - ހިދުމަތް ދިނުމަށް ހުއްދަ ހޯދުން
މި ގާނޫނުގެ ދަށުން ސިއްހީ ހިދުމަތް ދިނުމަށްޓަކައި ހުއްދަ ހޯދަން އެދި ހުށަހަޅާނީ، ހިދުމަތް ލިބިގަންނަ ފަރާތުން ނުވަތަ އެމީހަކު ކަނޑައަޅާ ފަރާތަކުންނެވެ.
69 ވަނަ މާއްދާ - ފޮރެންސިކް ތަހްލީލުތަކާއި ޕޯސްޓްމޯޓަމް
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރޭގައި ފޮރެންސިކް ތަހްލީލުތަކާއި ޕޯސްޓްމޯޓަމްއާއި އެފަދައިން ކުރެވޭ ތަހްލީލުތައް ކުރާނެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އެއްވެސް ތަހްލީލެއް ކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
70 ވަނަ މާއްދާ - އާންމު ކުށް
މި ގާނޫނުގައި ވަކިކަމެއް ނުވަތަ އަމަލެއް، އެއީ ކުށެއްކަމަށް ބަޔާންކޮށް، އެ ކުށަށް އަދަބު ކަނޑައަޅާފައިވާ ކުށުގެ އިތުރަށް، މި ގާނޫނާ ހިލާފަށް ކުރެވޭ އަމަލާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކުރެވޭ އަމަލާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ކުރެވޭ ކަންކަމާއި، މި ގާނޫނުގައި ވަކިކަމެއް ނުވަތަ އަމަލެއް އެއީ ކުށެއް ކަމަށް ބަޔާންކޮށް، އަދަބު ކަނޑައަޅާފައިނުވާ ކަންކަމަކީ މި ގާނޫނުގެ ދަށުން ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ ) 10,000 (ދިހަހާސް) ރުފިޔާއާއި ) 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
71 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ހިމާޔަތް
މި ގާނޫނުގެ ދަށުން ކުރުން ލާޒިމުކުރާ ކަމެއް، މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއް ތަންފީޒުކުރުމުގެ ގޮތުން، މިނިސްޓަރު ނުވަތަ އޭނާގެ ފަރާތުން ބާރު ލިބިފައިވާ މީހަކު ހެޔޮ ނިޔަތުގައި ކުރުމުން، އޭނާގެ މައްޗައް ދައުވާއެއް ކުރެވިގެން ނުވާނެއެވެ. އަދި އޭނާ ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.
72 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
73 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
74 ވަނަ މާއްދާ – މާނަކުރުން
މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ސިއްހީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކަށް ފަރުވާދިނުމަށް ފޯރުކޮށްދެވޭ އެންމެހައި ހިދުމަތަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ރ) "އަސާސީ ސިއްހީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ނުވަތަ ފަތުރުވެރިކަމުގެ ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އެންމެ ކުޑަމިނުން ހުންނަންވާނެ ކަމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކަށެވެ.
(ބ) "މެޑިކަލް ރެކޯޑު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މައުލޫމާތާއި ކުރެވޭ ތަހްލީލުތަކުގެ ނަތީޖާތަކާއި ހޯދުންތަކާއި ދެވޭ ފަރުވާ ހިމެނޭ ގޮތުން ހިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރެކޯޑުކުރެވޭ އެންމެހައި މައުލޫމާތަށެވެ.
(ޅ) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަކިވަކި ފަރުދުންނާއި ގާނޫނީ ށަހްސުތައްވެސް ހިމެނޭ ގޮތުންނެވެ.
(ކ) "ލޭ" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ ލެއާއި ލޭގެ ބައިތަކާއި ލޭގެ މާއްދާތަކަށެވެ.
(އ) "ބޭހާއި ބޭހުގެ ބާވަތްތައް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ނުވަތަ އޯލްޓަނޭޓިވް މެޑިސިން ނުވަތަ ދިވެހިބޭސްވެރިކަމުގައި ބޭނުންކުރާ ބޭހާއި ބޭހުގެ ބާވަތްތަކާއި މެޑިކަލް ގޭހާއި ވެކްސިނާއި އަދި ބަޔޮލޮޖިކަލްސް ހިމެނޭގޮތަށެވެ.
(ވ) "ހެލްތް އިންފޮމޭށަން ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައިދޭ ހިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މައުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރެވޭ ނިޒާމަށެވެ. މި ނިޒާމުގައި ސިއްހީ ހިދުމަތްދޭ ތަނަކުން މުޖްތަމައުއާއެކުދޭ ކޮމިއުނިޓީ ހިދުމަތްތަކުގައި ނުވަތަ މޮބައިލް ހިދުމަތްފަދަ ހިދުމަތްތަކުގައި ދެވޭ ނުވަތަ އެއްކުރެވޭ ސިއްހީ މައުލޫމާތުވެސް ހިމެނޭނެއެވެ.
(މ) "ސިއްހީ ހިދުމަތުގެ ގައުމީ އެކްރެޑިޓޭށަން ނިޒާމު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ކަނޑައަޅައި، ދަރަޖަ ކުރުމުގެ ނިޒާމަށެވެ.
(ފ) "ސިއްހީ ހިދުމަތްދޭ ތަން ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަން އެފަރާތެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަށެވެ.
(ދ) "ޕްރޮކިޔޮމަންޓް ނިޒާމު" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެށިނަރީއާއި މެޑިކަލް ކޮންސިއުމަބަލްސްފަދަ ތަކެތި ހޯދައި، އެތަންތަނަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގައި ނުވަތަ މިނިސްޓްރީން ހަވާލުކުރާ ފަރާތެއްގައި ގާއިމުކުރާ ޔުނިޓް ނުވަތަ ސެކްށަނަށެވެ.
(ތ) "ގިންތި" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފެންވަރު ކަނޑައެޅުމަށްފަހު ދެވޭ ދަރަޖައަށް ނިސްބަތްކޮށެވެ.
(ލ) "ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ވަޒީރަށް ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށެވެ.
(ގ) "ބޭސް" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހާއި އޯލްޓަނޭޓިވް ބޭހެވެ. ޑޮކްޓަރީ ބޭސް ކަމުގައި ބުނެފައި އެވަނީ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކާއި އޭގެ ބަލްކް ކެމިކަލްއެވެ. އޯލްޓަނޭޓިވް ބޭސް ކަމުގައި ބުނެފައި އެވަނީ އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހެކެވެ.
(ޏ) "އާންމު ސިއްހަތު" އެހެން ގާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު، މި ގާނޫނުގެ ބޭނުމަށް އާންމު ސިއްހަތު މާނަކުރާނީ ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ސ) "ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 1-5 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއަށެވެ. (އިތުރު ކުރެވިފަިއި)
(ޑ) "އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ބައްޓަންކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރައިމަރީ ހެލްތް ކެއަރ މިންގަނޑުތަކަށެވެ. (އިތުރު ކުރެވިފަިއި)
މައި ގަވާއިދު
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ހެލްތު އިންފޮމޭށަން ސިސްޓަމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-96)
- ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް .ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-149)
- ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-28)
- މެޑިކަލް ރެކޯޑާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1070)
- ސިއްހީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީކުރުމާއި ލައިސަންސްދިނުމުގައި ލަފާދޭ ކޮމިޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1059)
ކިޔުންތެރިންގެ ހިޔާލު