ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2024-14)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 3 މާޗް 2025 ގައި)
ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ސިއްހީ ހިދުމަތާއި ވަސީލަތްތައް، ރައްކާތެރި ގޮތެއްގައި އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމެއް ގާއިމުކުރުން؛
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް 1-5.
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ، މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއެވެ.
(ށ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަކީ، ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.
(ނ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ އެލޯޕެތިކް މެޑިސިންގެ ހާއްސަ ދާއިރާއަކުން، އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް- 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛
- ސިއްހީ ދާއިރާގައި، މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއެކު، އެ މުއްދަތުގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލްއަކީ އެފަރާތުގެ ވަޒީފާގެ އެއްވެސް މަސްއޫލިއްޔަތަކާ މަސްލަހަތު ފުށުއަރާ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ ނުވަތަ މަސައްކަތެއް ކުރާ މީހެއް ކަމުގައި ވެގެންނުވާނެއެވެ.
(ބ) ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގެ މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާއިރ،ު މިނިސްޓްރީގައި ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އެއްވެސް ފަރާތެއް އައްޔަންކޮށްފައިވާނަމަ، އަދި އެއީ މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ މަގާމަށް އައްޔަންކުރެވިފައިވާ ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
(ކ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާނެ އަދަދަށް މުވައްޒަފުންނާއި ވަސީލަތްތައް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
(އ) ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން، އެފަރާތުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 2-5.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިއްހީ ދާއިރާ ތަރައްގީކޮށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ސިއްހީ ހިދުމަތުގެ ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށް މިނިސްޓަރަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުށާދު ދިނުން؛
(ށ) ސިއްހީ ހިދުމަތަކީ އުފެއްދުންތެރި އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުންނާއި ބަލިމީހުންގެ ހައްގުތައް ކުރިއަރުވައި، ހިދުމަތް ބޭނުންކުރާ ފަރާތްތައް ގައުމީ ސިއްހީ ނިޒާމުގައި ބައި ވެރިވުމަށް މަގުފަހިކޮށްދިނުން؛
(ނ) ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އިރުށާދު ދީ، މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކާ ދެމެދުގައި މަށްވަރާތައް ކުރިއަށްގެންދިޔުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން؛
(ރ) ކޮމިއުނިޓީ ފެންވަރުގައި އަދި އިންސްޓިޓިއުށަނަލް ފެންވަރުގައި، ވަށާޖެހޭ ގޮތެއްގެމަތިން، ސިއްހީ ހިދުމަތް މެދުކެނޑުމެއްނެތި އަދި ފަސޭހަކަމާއެކު ދެމުންގެންދާކަން ކަށަވަރުކުރުމަށްޓަކައި، ސްޓްރެޓީޖިކް ބިޒްނަސް ޕްލޭންތަކާއި އޮޕަރޭށަނަލް ޕޮލިސީތައް އެކުލަވާލުން؛
(ބ) ސިއްހީ ދާއިރާގެ ސްޓްރެޓެޖީތަކާއި މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
(ޅ) މެދުނުކެނޑި، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ހިދުމަތް ކުރިޔަށްގެންދި ޔުމަށްޓަކައި، ހިދުމަތާގުޅޭ މައުލޫމާތާއި ތަފާސްހިސާބު އެއްކޮށް، ހެލްތް އިންފޮމޭޓިކްސްގެ ޒަރީއާއިން އެ މައުލޫމާތާއި ތަފާސްހިސާބުގެ ބޭނުންކުރުމަށް މަގުފަހިކޮށްދިނުން؛
(ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސިއްހީ ދާއިރާއާ ގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ފުރިހަމަކުރަމުންދާ މިންވަރު ވިލަރެސްކުރުމާއި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
(އ) ސިއްހީ ދާއިރާގެ މަރުކަޒީ ވަސީލަތްތަކާއި، ހިދުމަތުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ތަރައްގީކުރުމާއި ސިއްހީ ހިދުމަތުގެ ފަންނީމަސައްކަތްތެރިންނާއި ހިދުމަތްތެރިން އެ ވަސީލަތްތަކަށް އަހުލުވެރިކުރުވުން؛
(ވ) ސިއްހީ ދާއިރާގައި ތަންފީޒުކުރެވޭ ސިޔާސަތުތަކަކީ ސައްހަ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި، ދާއިރާއަށް ބޭނުންވާ ދިރާސާތަކާއި އެނަލިސިސްތައް ދެނެގަނެ، އެ އެނަލިސިސްތައް ހެދުމާއި ދިރާސާތައް ކުރުމަށް ފަންނީ ލަފާދިނުން؛
(މ) ސިއްހީ ދާއިރާއަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއާއި، އެނޫންވެސް ކަމާގުޅުންހުރި މުއައްސަސާތަކަށް ފަންނީ ލަފާ ދިނުން؛
(ފ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ނިސްބަތްވާ ކައުންސިލްތަކުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ލަފާދީ، އެ ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ދ) ސިއްހީ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރާ މަދަނީ ޖަމްއިއްޔާތަކާއެކު މަސައްކަތްކޮށް، ސިއްހީ ދާއިރާއަށް އެންމެ ފައިދާހުރި ގޮތެއްގައި އެފަރާތްތަކުގެ ބައިވެރިވުން ކުރިއަރުވައި، ދިވެހިރާއްޖޭގެ ސިއްހީ ހާލަތު ކުރިއަރުވައި ހަރުދަނާކުރުމަށް ބޭނުންތެރި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް އެފަރާތްތަކަށް އިރުށާދު ދިނުން؛
(ތ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޑިރެކްޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކުރާ އެނޫންވެސް ކަންކަން ކުރުން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު 6.
(ހ) ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި މީހުން ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި، ބަލިތަކާއި ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން އެމީހުން ދުރުވެތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން، އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވ،ޭ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ވާންވާނެއެވެ.
(ށ) ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ނިޒާމަކަށް ހެދުމަށްޓަކައި، އެ ނިޒާމުގައި އަންނަނިވި ކަންކަން ހިމެނޭކަން ކަށަވަރުކުރަންވާނެއެވެ.
- އެ ނިޒާމުން ލިބިދެވޭ ފަރުވާއާއި ހިދުމަތުގެ ތެރޭގައި، ޕްރިވެންޓިވް ކެއަރ، ކިއުރޭޓިވް ކެއަރ، ރީހެބިލިޓޭޓިވް ކެއަރ، ލޯންގްޓަރމް ކެއަރ، ޕެލިއޭޓިވް ކެއަރ، އެންސިލަރީ ހިދުމަތްތައް، މެޑިކަލް ގުޑްސް އަދި އެނޫންވެސް އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭކަން؛
- ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލުގެ މިންގަނޑުތަކާއި ހަމަތައް އެ ނިޒާމުގެ ތެރެއިން ތަންފީޒުކުރެވޭކަން؛
އަދި - ރަށްރަށުގައާއި ސިޓީތަކުގައި ދިރިއުޅޭ އަމިއްލަ ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ސިއްހީ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތައް، އެބައެއްގެ ސިއްހީ ހާލަތާ އެކަށީގެންވާ އަވަސްމިނެއްގައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް، ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ފެންވަރުގެ ހިދުމަތްތަކަށް ރިފަރކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން.
(ނ) ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމު އެކުލެވިގެންވަނީ، ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ ތަންތަނުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ މައްޗަށެވެ.
(ރ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުވާނެ ފަދައިން، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ބިނާކޮށް، ތަރައްގީކުރެވިގެންދާނެ ގޮތް ބަޔާންކުރާ ސިއްހީ ދާއިރާގެ ދުރުރާސްތާގެ މާސްޓަރ ޕްލޭނެއް، ކަމާބެހޭ ފަރާތްތަކުގެ މަށްވަރާއާއެކު މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ. އަދި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމު ހިންގަންވާނީ އެ މާސްޓަރ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މާސްޓަރ ޕްލޭން، މަދުވެގެން، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މުރާޖައާކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ހިމެނޭ ވަކިވަކި ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކުގެ ތަފްސީލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތް މާއްދާ އިތުރުކުރުން.
ޕްރިވެންޓިވް ކެއަރގެ 1-10.
މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ސިއްހީ ހިދުމަތް ދިނުމުގެ ގައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތުގެ ތެރޭގައި ހިމެނޭނީ، އާންމު ސިއްހީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ފަރުވާގެ ތެރެއިން ފޯރުކޮށްދެވޭ އަންނަނިވި ހިދުމަތްތަކެވެ.
(ހ) ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މީހުންގެ އުޅުން ބައްޓަންކުރަންވީ ގޮތުގެ މައުލޫމާތު އޮޅުންފިލުވައިދިނުމާއި، ސިއްހީ ކަންކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނުން އަދި ކަމާގުޅޭ ލަފަޔާއި ކައުންސެލިންގ ދިނުން؛
(ށ) ވެކްސިންދިނުމާއި ވެކްސިންއާ ގުޅުންހުރި ސިއްހީ ކަންކަން މޮނިޓަރކުރުމުގެ ހަރަކާތްތައް ހިންގުން؛
(ނ) ދުރާލާ ބަލިތައް ދެނެގަތުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ރ) ސިއްހީ ހާލަތްތަކާއި ބަލިތަކާ ގުޅިގެން އިތުރަށް ދިމާވެދާނެ ސިއްހީ މައްސަލަތައް ދުރާލާ ދެނެގަނެ، އެ މައްސަލަތައް މޮނިޓަރކުރުމަށް ހިންގޭ ސްކްރީނިންގ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ބ) ބަލިބައްޔަށާއި ނުކުޅެދުންތެރިކަމަށް ހުށަހެޅުމަށް ހުރި ހިރާސްތަކާ ގުޅޭގޮތުންނާއި ބަލިތަކާ ބެހޭގޮތުން ކުރެވޭ އެނޫންވެސް ސަރވޭލަންސްއާއި،ބަލިތައް ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން؛
(ޅ) ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވެދާނެ ސިއްހީ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުންނާއި، އެފަދަ ރޯގާތަކާއި ކާރިސާތަކާ ގުޅިގެން ކުރިމަތިވާ ސިއްހީ ހާލަތްތަކުގައި ހިންގޭ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(ކ) ޖިސްމާނީ އަދި އިޖްތިމާއީ ގޮތުން މުޖްތަމައުގައި ބައިވެރިވުމަށް ބޭނުންވާ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް؛
(އ) ދިވެހިރާއްޖޭގައި ކޮންޓްރޯލްކުރެވިފައިވާ ބަލިތަކާއި ނައްތާލެވިފައިވާ ބަލިތަކުގެ ހާލަތު ދެމެހެއްޓުމަށްޓަކައި ދެވޭ ސިއްހީ ހިދުމަތްތައް؛
(ވ) ޕްރިވެންޓިވް ކެއަރގެ ގޮތުގައި ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާ އެނޫންވެސް ޕްރޮގްރާމްތަކާއި ހަރަކާތްތައ.ް
ޕްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަނޑައެޅުން 2-10.
(ހ) ޕްރިވެންޓިވް ކެއަރގައި ހިމެނޭ ހިދުމަތްތަކުގެ ތެރެއިން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގައުމީ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމުގެ ފަންނީ މިންގަނޑުތަކާއި އުސޫލުތައް، ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަންނީ މިންގަނޑުތައް، ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، މަދުވެގެން ކޮންމެ ދެ އަހަރުން އެއް ފަހަރު މުރާޖައާކުރަންވާނެއެވެ. އަދި އެ މިންގަނޑުތަކަށް އެއްވެސް ބަދަލެއް ގެނެވޭނަމަ، އެ ބަދަލެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ނ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކާ ގުޅިގެން ހެލްތް ޕްރޮޓެކްށަން އެޖެންސީން ހިންގާ ގައުމީ ޕްރޮގްރާމްތަކާއި ސަރވެއިލަންސްގެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރަންޖެހޭ މައުލޫމާތާއި އެ މައުލޫމާތުގެ މިންގަނޑުތައް އެ އެޖެންސީން ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސް ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަސާސްތައް 3-10.
(ހ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށެވެ.
(ށ) އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށް ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭނީ، ސިއްހީ ހިދުމަތުގެ އެކި ފަންނުވެރިން އެކުގައި މަސައްކަތްކޮށް، ހިދުމަތުގެ އެކި މަރުހަލާގައި ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދ،ޭ ހިދުމަތް ހޯދާ ފަރާތް ހޭލުންތެރިވެ ބާރުވެރިކުރުވާ، ވަށާޖެހޭ ހިދުމަތެއްގެ ގޮތުގައެވެ.
(ނ) އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލަށް ބިނާކޮށް ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ހިދުމަތް ފޯރުކޮށްދިނުމުގައި އާއިލާތަކާއި މުޖްތަމައު ސިއްހީގޮތުން ބާރުވެރިކުރުވުމުގެ މަސައްކަތްކުރުން؛
- ވަކި ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާއި އެ ރަށުގައި ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތްތަކާއި މުއައްސަސާތަކާ ގުޅިގެން އެ ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ މީހުން ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
ޕްްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދިނުން 4-10.
(ހ) މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން ޕްރިވެންޓިވް ކެއަރގެ ހިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއަރގެ ހިދުމަތް ދެވޭނެ މަރުކަޒުތައް، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ދިވެހިރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ސިއްހީ ހިދުމަތްތައް ގިންތިކޮށް، އެއިން ކޮންމެ ގިންތިއެއްގައި ލިބެންޖެހޭނެ ހިދުމަތްތައް ކަނޑައެޅުމުގައި، ސަރުކާރުން ހިންގާ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރށަރީ ކެއަރ ގިންތީގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި، ޕްރިވެންޓިވް ކެއަރގެ ހުރިހާ ހިދުމަތްތަކެއް ހިމެނޭކަން ކަށަވަރުކުރަންވާނެއެވެ.
(ނ) ސަރުކާރު ފިޔަވައި އަމިއްލަ ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ކަނޑައަޅާ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދޭންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރއާ ގުޅުންހުރި މަސައްކަތްތައް ކުރާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުން މި ގާނޫނާއި މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕްރިވެންޓިވް ކެއަރގެ އެކި ހިދުމަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު ފޯރުކޮށްދެވިދާނެއެވެ.
ޕްރިވެންޓިވް ކެއަރގެ ހިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރުން 5-10.
(ހ) ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ފޯރުކޮށްދޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެވެނީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، އަދި އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން ކަމުގައި ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީ، އެތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެކެވެ.
(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން އެ ނިޒާމު ހިންގުމަކީ، އަދި ކަމާގުޅޭގޮތުން ރިޕޯޓުކުރަންޖެހޭ ތަފާސްހިސާބު ރިޕޯޓުކުރުމަކީ، އެތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެކެވެ.
(ނ) ސަރުކާރުން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި، މި ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، އިބްތިދާއީ ސިއްހީ ހިދުމަތުގެ އުސޫލުން ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިރުށާދާއި ލަފާ އެތަންތަން ހިންގުމާ ހަވާލުވެތިބި ފަރާތްތަކަށް ދިނުމާއި، އެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭކަން ޑިރެކްޓަރ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
ޕްްރިވެންޓިވް ކެއަރގެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ބެލުން 6-10.
(ހ) ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ފޯރުކޮށްދޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެނީ ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި، އެ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލައި މޮނިޓަރކުރާނީ، ކޮމިށަނަރ އޮފް ކޮލިޓީ އެށުއަރަންސްއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތު ކޮމިށަނަރު އަދާކުރުމުގައި، ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެވޭ ފެންވަރު މި ގާނޫނުގައި ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ފެނިއްޖެނަމަ، އެކަންކަން ރަނގަޅުކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އަންގަންވާނެއެވެ. އަދި އެތަންތަނުން އެކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު ކަނޑައެޅިފައިވާ މިންގަނޑަށް ގެންނަންވާނެއެވެ.
(ނ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ފެންވަރު ރަނގަޅުކުރުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް މި މާއްދާގެ ދަށުން ކޮމިށަނަރު އަންގައިފިނަމަ، އެކަން ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އެކަންކަން މޮނިޓަރކުރަންވާނެއެވެ.
(ރ) ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދެނީ ހެލްތް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅާފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި، މޮނިޓަރކޮށް ފިޔަވަޅުއެޅުމުގައި ކޮމިށަނަރު އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުން 7-10.
ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ދައުލަތުގެ މާލިއްޔާއިން މިނިސްޓްރީއަށް ދޫކުރަންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ޏ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ސ) "ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 1-5 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްއަށެވެ.
(ޑ) "އިބްތިދާއީ ސިއްހީ ހިދުމަތް ދިނުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ބައްޓަންކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރައިމަރީ ހެލްތް ކެއަރ މިންގަނޑުތަކަށެވެ.
6 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
މައި ގާނޫނު
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)
ކޮންސޮލިޑޭޓެޑް ގާނޫނު
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2015-29)
ކިޔުންތެރިންގެ ހިޔާލު