އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ރަޖިސްޓަރީވުމާއި، އެ ހިދުމަތްތަކަށް ބިލުކުރުމުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2023-174)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
އާންމު ބައިތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، އާންމު ބޭނުންތަކުގެ ހިދުމަތްތައް ރަޖިސްޓަރީކުރުމާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ބިލުކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 1-34 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ، "އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ރަޖިސްޓަރީވުމާއި، އެ ހިދުމަތްތަކަށް ބިލުކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ނަމަށް ހިދުމަތްތައް ރަޖިސްޓަރީކޮށްދިނުމާއި، ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި، ހިދުމަތްދޭ ފަރާތުން ހިދުމަތަށް ކުރާ ބިލު، ހިދުމަތް ހޯދާ ފަރާތުން ދެއްކުމުގައި ދެވިދާނެ ލުއިފަސޭހަތަކާއި، ބިލު ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ތަންފީޒުކުރާ ފަރާތް
މި ގަވާއިދު ތަންފީޒުކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.
4 ވަނަ މާއްދާ - ހާއްސަ ގާނޫނުތަކާއި ގަވާއިދުތަކަށް އިސްކަންދިނުން
މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ހަދައި ފައިވާ ހާއްސަ ގާނޫނެއްގައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހަދައިފައިވާ ގަވާއިދެއްގައި، އާންމު ބޭނުންތަކުގެ ހިދުމަތަކަށް ރަޖިސްޓަރީކުރުމުގައި ނުވަތަ އެ ހިދުމަތަކަށް ބިލުކުރުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައި ފައިވާނަމަ އިސްކަންދޭނީ ހާއްސަ ގާނޫނުނަކަށް ނުވަތަ ހާއްސަ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކަށެވެ.
5 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް މެދުވެރިވުން
އާންމު ބޭނުންތަކުގެ ހިދުމަތްތައް ރަޖިސްޓަރީކުރުމުގައި ނުވަތަ އެ ހިދުމަތްތަކަށް ބިލުކުރުމުގައި މި ގަވާއިދާއި، އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމަށް ހަދައިފައިވާ ހާއްސަ ގާނޫނެއްގައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން ހަދައި ފައިވާ ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާ ކަމެއް މެދުވެރިވެއްޖެނަމަ،ހިދުމަތްދޭ ފަރާތުންނާއި ހިދުމަތް ލިބިގަންނަ ފަރާތުން އަމަލުކުރަންވާނީ، އެ މައްސަލައެއް އޮތޯރިޓީއަށް ހުށަހަޅައި، އޮތޯރިޓީން ދޭ ލަފަޔާ އި އިރުށާދާ އެއްގޮތަށެވެ.
ދެވަނަ ބާބު
އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ރަޖިސްޓަ ރީކުރުން
6 ވަނަ މާއްދާ - ޔުޓިލިޓީ އެކައުންޓު
(ހ) ޔުޓިލިޓީ އެކައުންޓަކީ، އާންމު ބޭނުންތަކުގެ ހިދުމަތް ހޯދާ ފަރާތަށް އެ ފަރާތުގެ ނަމުގައި، އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތުގައި އުފައްދާ އެކައުންޓެކެވެ.
(ށ) އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށާއި، ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށް ވެސް، ޔުޓިލިޓީ އެކައުންޓެއް އުފެއްދިދާނެއެވެ.
(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އޮފީސްތަކާއި، ވިޔަފާރިތަކާއި، ޕާޓްނަރށިޕްތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމު އިއްޔާތަކާއި، ޖަމާއަތްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި އަދި މިނޫން ވެސް މިފަދަ ގާނޫނީ ށަހްސެއްގެ ނަމުގައި ޔުޓިލިޓީ އެކައުންޓެއް އުފެއްދިދާނެއެވެ.
(ރ) ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތުގެ ނަމުގައި ޔުޓިލިޓީ އެކައުންޓެއް އުފައްދައިދެވޭނީ، ހިދުމަތްދޭ ފަރާތުން ކަނޑައަޅާ ޑިޕޮޒިޓެއް ބެހެއްޓުމަށްފަހުގައެވެ. މި ޑިޕޮޒިޓަކީ، އޮތޯރިޓީން ފާސްކޮށްފައިވާ ޑިޕޮޒިޓް ފައިސާގެ މިންވަރަށްވުރެ ބޮޑުނޫން އަދަދަކަށް ވާންވާނެއެވެ.
(ބ) ހިދުމަތް ހޯދާ ފަރާތުން، އެ ހިދުމަތާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށްފަހު، ޔުޓިލިޓީ އެކައުންޓު ބަންދުކުރުމުން، މި މާއްދާގެ (ރ) ގައިވާ ޑިޕޮޒިޓް އަނބުރާ ދޭންވާނެއެވެ.
(ޅ) ޔުޓިލިޓީ އެކައުންޓާ ގުޅުންހުރި އެންމެހައި ކަންކަމަށް ޒިންމާވާނީ، އެ ފަރާތެއްގެ ނަމުގައި އެ އެކައުންޓެއް އުފައްދައިފައިވާ ފަރާތެވެ.
(ކ) ޔުޓިލިޓީ އެކައުންޓުތަކުގެ ދަފުތަރު ބަލަހައްޓާނީ، އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނެވެ.
(އ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތ،ް ހިދުމަތްދޭ ފަރާތުން ރަށެއްގައި ފޯރުކޮށްދޭނަމަ، އެ ހުރިހާ ހިދުމަތަކަށް ހިދުމަތް ހޯދާ ފަރާތަށް ބިލުކުރުމުގައި ހިދުމަތުގެ އެއް އެކައުންޓު ބޭނުންކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ހިދުމަތަށް އެދޭ ފަރާތުގެ ޒިންމާ
(ހ) އާންމު ބޭނުންތަކުގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ހިދުމަތް ލިބިގަތުމަށާއި ހިދުމަތް ދެމެހެއްޓުމަށް ޓަކައި ހިދުމަތް ހޯދާ ފަރާތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުން؛
- ހިދުމަތް ހޯދާ ފަރާތުގެ ޒާތީ މައުލޫމާތުތަކަށް އަންނަ ބަދަލު، ހިދުމަތްދޭ ފަރާތަށް، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ހިއްސާކޮށް، ހިދުމަތްދޭ ފަރާތުން ބަލަހައްޓަމުންދާ އެފަދަ މައުލޫމާތު އަދާހަމަކޮށްފައި ހުރިކަން ކަށަވަރުކުރުން؛
- ހިދުމަތްދޭ ތަނުގައި ހިދުމަތުގެ އެފިށިއެންސީ ހިފެހެއްޓުމަށް، ހިދުމަތް ހޯދާ ފަރާތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
- ހިދުމަތް ލިބިގަތުމުގައި ހޯދައިފައިވާ ހިދުމަތުގެ ކޮލިޓީއަށް އަސަރު ކުރާފަދަ އެއްވެސް ކަމެއް ނުކުރުމާއި، އެފަދަ ކަމެއް މެދުވެރިވެދާނެ ފަދަ އަމަލުތަކުން އެއްކިބާވުން؛
- ހިދުމަތް ލިބިގަންނަމުން ދާހައި ހިނދަކު، ފެން ވައިރުކުރުން ނުވަތަ ކަރަންޓު ވައިރުކުރުން ފަދަ މަސައްކަތްތައް ކުރުމަށް، އެ ކަމަކަށް ހާއްސަ ލައިސަންސެއް ލިބިފައިވާ ފަންނީ މީހުންނާ ހަވާލުކުރުން؛
- ހިދުމަތް ހޯދުމުގައި ބޭނުންކުރާ އެންމެހައި އާލާތްތައް ގަވާއިދުން ސަރވިސްކޮށް ބެލެހެއްޓުން؛
- ބިލުތަކަށް ގަވާއިދުން ފައިސާދެއްކުމާއި، ހިދުމަތް މެދުކެނޑިއްޖެނަމަ ނުވަތަ ހިދުމަތް ލިބުމުގައި މައްސަލައެއް އޮތްނަމަ، ހިދުމަތްދޭ ފަރާތަށް އެކަން އެންގުން؛
- ހިދުމަތް ރަޖިސްޓަރީކޮށްފައިވާ ކަސްޓަމަރ ކެޓަގަރީއާއި ހިދުމަތުގެ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ބޭނުންކުރުން؛
- ހިދުމަތްދޭ ފަރާތަށް ގަވާއިދުން މީޓަރުގެ ރީޑިންގ ނެގުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުން؛
- ބިލުގައި އެއްބަސްނުވެވޭކަމެއް އޮތްނަމަ، ހިދުމަތްދޭ ފަރާތަށް އަންގައިގެން އެ ކަމެއްހައްލުކުރުން؛
- ހިދުމަތްދޭ ފަރާތުން ހަރުކޮށްފައިވާ މީޓަރަކަށް ނުވަތަ އެއްވެސް އާލާތަކަށް، ހިދުމަތް ހޯދާ ފަރާތުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމުގެ ޒިންމާ، ހިދުމަތްހޯދާ ފަރާތުން އުފުލުން.
(ށ) ހިދުމަތް ހޯދާ ފަރާތުން، އެ ފަރާތުގެ ޒިންމާއަކަށް އިހުމާލުވާ ހާލަތުގައި، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި، ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރަންވާނެއެވެ. އަދި މި އިޖުރާއަތްތައް ފުރިހަމަކޮށް، ހިދުމަތް މެދުކަނޑައިލުމުން ލިބިދާނެ އެއްވެސް ގެއްލުމަކަށް، ހިދުމަތްދޭ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
8 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުގެ ޒިންމާ
އާންމު ބޭނުންތަކުގެ ހިދުމަތް ދޭ ފަރާތުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ހިދުމަތް ދިނުމަށް ބޭނުންވާ ހުއްދަތައް ނެގުން.
(ށ) އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސްގެ ށަރުޠުތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުން.
(ނ) ހިދުމަތް ދިނުމަށް ބޭނުންކުރާ މީޓަރުތައް ކެލިބްރޭޓްކުރަންޖެހޭ ހާލަތުގައި ކެލިބްރޭޓްކުރުމާއި، މީޓަރުތައް ކެލިބެރޭޓް ކުރެވިފައިވަނީ ރަނގަޅަށްކަން ކަށަވަރުކުރުން.
(ރ) ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް، މެދުނުކެނޑި ހިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތްތަކާއި މަރާމާތުތައް ކުރުން.
(ބ) ކުރަންޖެހޭ މަރާމާތުތަކާއި އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރުމުގައި ހިދުމަތް މެދުކެނޑޭނަމަ ނުވަތަ ހިދުމަތަށް ބުރޫއަރާނަމަ، ހިދުމަތް ހޯދާ ފަރާތަށް ދޭންޖެހޭ މައުލޫމާތުތައް ދުރާލައިދިނުން.
(ޅ) ހިދުމަތަށް ގަވާއިދުން ބިލުކުރުމާއި، ބިލުތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން.
(ކ) ހިދުމަތް ހޯދާ ފަރާތުގެ މައުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، ހިދުމަތްދޭ ފަރާތުގެ މައުލޫމާތުތަކުގެ ތެރެއިން ހިދުމަތް ހޯދާ ފަރާތަށް ކޮންމެހެން އެނގުން މުހިންމު މައުލޫމާތު އަދާހަމަކޮށް ފޯރުކޮށްދިނުން.
(އ) ހިދުމަތާ ގުޅިގެން ލިބޭ ށަކުވާތައް ބަލައިގަންނާނެ އިންތިޒާމު ހަމަޖައްސައި، އެ ށަކުވާތައް ބަލައިގަތުމާއި، ށަކުވާ ކުރި ކަމެއް ހައްލުކޮށްދިނުމާއި، ށަކުވާތަކުގެ ދަފުތަރެއް ބެލެހެއްޓުން.
(ވ) ހިދުމަތްދޭ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް ލިބިގަތުމަށް ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން.
(މ) ބިލުދެއްކުމުގައި މާލީގޮތުންނާއި ޖިސްމާނީގޮތުން ދަތި ކަންކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބިލުދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
(ފ) ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ތަރައްގީކޮށް ދެމެހެއްޓުން.
(ދ) ހިދުމަތް ހޯދާ ފަރާތްތައ،ް ހިދުމަތާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުވުން.
9 ވަނަ މާއްދާ - ހިދުމަތުގެ އެއްބަސްވުން
(ހ) އެއްވެސް ފަރާތަކުން އާންމު ބޭނުންތަކުގެ ހިދުމަތެއް ދޭންވާނީ، ހިދުމަތްދޭ ފަރާތާއި ހިދުމަތް ހޯދާ ފަރާތުގެ ދެމެދުގައި ވެވޭ، ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި ގަވާއިދުގެ ދަށުން ހިދުމަތަށް އެދޭ ފަރާތުން، ހިދުމަތްދޭ ފަރާތުގައި ރަޖިސްޓަރީކޮށް، ހިދުމަތަށް އެދޭ ފަރާތުގެ ނަމުގައި ޔުޓިލިޓީ އެކައުންޓެއް އުފެއްދުމަށްފަހުގައެވެ.
(ށ) އާންމު ބޭނުންތަކުގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތާއި، ހިދުމަތްދޭ ފަރާތާ ދެމެދު ވެވޭ ހިދުމަތްދިނުމުގެ އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހިދުމަތަށް އެދި ހުށަހަޅާ ފަރާތުގެ އާންމު މައުލޫމާތު؛
- ހިދުމަތަށް އެދި ހުށަހަޅާ ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދު (މި އަދަދަށް އަންނަ ބަދަލު ގަވާއިދުން އަދާހަމަކުރާނީ، ހިދުމަތަށް އެދޭ ފަރާތުންނެވެ.)؛
- ހިދުމަތަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާތައް؛
- ހިދުމަތްދޭ ފަރާތުގެ ޒިންމާތައް؛
- ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލަންޖެހޭ ހާލަތްތަކުގައި ދެފަރާތުން އަމަލުކުރަންވީ ގޮތް؛
- ދާއިމީކޮށް ހިދުމަތް ކަނޑައިލުމުގައި އަމަލުކުރަންވީ ގޮތް؛
- ހިދުމަތްދޭ ފަރާތުން ދެމުންއައި ހިދުމަތް މެދުކަނޑައިލެވޭނެ ހާލަތްތައް؛
- ހިދުމަތަށް އެދޭ ފަރާތުން އެދިގެން ނުވަތަ ބިލު ނުދައްކައިގެން ހިދުމަތް މެދުކަނޑައިލުމަށްފަހު އަލުން ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތްތައް ؛
- ހިދުމަތް ދިނުމުގައި ނަގާނެ އިދާރީ ފީތައް؛
- ޖޫރިމަނާ ކުރެވޭނެ ހާލަތްތައް؛
- ހިދުމަތް ރަޖިސްޓަރީކުރުމަށް ޑިޕޮ ޒިޓެއް ދައްކަންޖެހޭނަމަ، ޑިޕޮޒިޓުގެ މިންވަރު؛
- ހިދުމަތް ރަޖިސްޓަރީކުރުމަށް ޑިޕޮ ޒި ޓެއް ދައްކަންޖެހޭނަމަ، އެ ޑިޕޮޒިޓް އަނބުރާ ދެވޭނެ ގޮތާއި، އެ ޑިޕޮޒިޓް އަނބުރާ ދެވޭނެ ހާލަތްތަކާއި، މުއްދަތު؛
- ހިދުމަތަށް ކުރެވޭ ބިލުގައި މައްސަލައެއް އޮތްނަމަ، އެކަން ހައްލުކުރުމަށް ކަންތައް ކުރަންވީ ގޮތް؛
- ހިދުމަތަށް އެދި ހުށަހަޅާ ފަރާތުގެ އިގުރާރު؛
- ހިދުމަތަށް އެދި ހުށަހަޅާ ފަރާތުގެ ބަދަލުގައި ހިދުމަތަށް ޒިންމާވާން ޖެހިއްޖެ ހިނދެއްގައި އެ ޒިންމާ އުފުލާނެ ފަރާތެއްގެ އިގުރާރު؛
- އާންމު ބޭނުންތަކުގެ ހިދުމަތަކާ ގުޅޭ ހާއްސަ ގާނޫނެއްގައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި، އެ ހިދުމަތެއް ދިނުމަށް ވެވޭ އެއްބަސްވުމުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ކަންތައްތައ.ް
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުމަކީ، ހިދުމަތަށް ރަޖިސްޓަރީކުރުމަށް ހިދުމަތްދޭ ފަރާތުން ތައްޔާރުކޮށް އާންމުކޮށްފައިވާ ހިދުމަތަށް އެދޭ ފޯމުގެ ބައެއްގެ ގޮތުގައި ހިމެނުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެއްބަސްވުން، ހިދުމަތަށް އެދޭ ފޯމުގެ ބައެއްގެގޮތުގައި، ހިދުމަތް ދޭ ފަރާތުން ހިމަނައިފިނަމަ، އަދި އެ ފޯމު މެދުވެރިކޮށް އެއްވެސް ފަރާތަކުން ހިދުމަތަށް އެދި ހުށަހެޅުމުން ހިދުމަތްދޭ ފަރާތުން އެ ހިދުމަތެއް ފޯރުކޮށްދީފިނަމަ ބެލެވޭނީ، ހިދުމަތް ހޯދާ ފަރާތާއި ހިދުމަތަށް އެދޭ ފަރާ ތާ ދެމެދުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ހެދުނީ ކަމަށެވެ. އަދި ދެފަރާތުން ވެސް އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
10 ވަނަ މާއްދާ - އިމާރާތުގެ ވެރިފަރާތް ފިޔަވައި އިމާރާތުގައި ދިރިއުޅޭ ފަރާތަކަށް ނުވަތަ ބޭނުންކުރާ ފަރާތަކަށް ހިދުމަތް ރަޖިސްޓަރީ ކުރުން
(ހ) އިމާރާތުގައި ދިރިއުޅޭ ފަރާތަކީ ނުވަތަ ބޭނުންކުރާ ފަރާތަކީ، އިމާރާތް ބޭނުންކުރުމުގެ އެއްބަސްވުމަކާ ނުލައި އިމާރާތުގައި ދިރިއުޅޭ ފަރާތެއްނަމަ ނުވަތަ ބޭނުންކުރާ ފަރާތެއްނަމަ، އެ ފަރާތަކަށް ހިދުމަތް ރަޖިސްޓަރީ ކޮށްދޭންވާނީ، އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިދުމަތެއް ރަޖިސްޓަރީކޮށްދީފައި ވަނިކޮށް، އެކަމަށް އިމާރާތުގެ ވެރިފަރާތުން އިއުތިރާޒު ކުރިކަމުގައި ވިޔަސް، ރަޖިސްޓަރީކޮށްދީފައިވާ ހިދުމަތެއް މެދުކަނޑައިލަންވާނީ، ހިދުމަތް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން އެކަމަށް އެދ،ި ހިދުމަތްދޭ ފަރާތަށް ލިޔުމަކުން ހުށަހެޅުމުންނެވެ. މިގޮތުން ހިދުމަތް މެދުކަނޑައިލުމަށް ނޭދޭހައި ހިނދަކު، އެ ހިދުމަތް ދެމުންދާ މުއްދަތަށް ކުރެވޭ ބިލުތަކަށް، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޒިންމާވާންވާނެއެވެ.
(ނ) އިމާރާތުގައި ދިރިއުޅޭ ފަރާތަކީ ނުވަތަ ބޭނުންކުރާ ފަރާތަކީ، އިމާރާތް ބޭނުންކުރުމުގެ އެއްބަސްވުމަކާއެކު އިމާރާތުގައި ދިރިއުޅޭ ފަރާތެއްނަމަ ނުވަތަ ބޭނުންކުރާ ފަރާތެއްނަމަ، އެ ފަރާތަކުން އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޭ ތަނާއި، އެ ތަނާ ހަވާލުވާ ފަރާތް އެނގޭ ސަފުހާ އެނގޭނެފަދަ ސައްހަ ކޮޕީއެއް ހިދުމަތްދޭ ފަރާތަށް ހުށަހަޅައިފިނަމަ، އެ އެއްބަސްވުމުގެ މުއްދަތަށް އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ ނުލައި ވެސް ހިދުމަތް ރަޖިސްޓަރީ ކޮށްދޭންވާނެއެވެ. އަދި މި ހިދުމަތް ދޭންވާނީ، ދާއިމީ ހިދުމަތެއްގެ ގޮތުގައެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުގެ މުއްދަތަށް ހިދުމަތް ރަޖިސްޓަރީކޮށްދީފައި ވަނިކޮށް އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް ނުވަތަ އިމާރާތުގެ އެއްބަސްވުމުގެ އެއްބައިވެރިޔަކު އެއްބަސްވުން ބާޠިލުކުރި ކަމުގައި ވިޔަސް، ދެމުންދާ އާންމު ބޭނުންތަކުގެ ހިދުމަތެއް މެދުކަނޑައިލަންވާނީ، ހިދުމަތް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން އެކަމަށް އެދި ލިޔުމަކުން ހުށަހެޅުމުންނެވެ. މިގޮތުން ހިދުމަތް މެދުކަނޑައިލުމަށް ނޭދޭހައި ހިނދަކު، އެ ހިދުމަތް ދެމުންދާ މުއްދަތަށް ކުރެވޭ ބިލުތަކަށް، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޒިންމާވާން ވާނެއެވެ.
(ބ) މި މާއްދާގެ (ށ) އާއި (ރ) ގައި އެހެން އޮތްކަމުގައި ވިޔަސް، އިމާރާތް ކުއްޔަށްހިފި ފަރާތުން އިމާރާތް ހުސްކޮށްފައިވާ ހާލަތުގައި، އެ ފަރާތުގެ ނަމުގައިވާ އާން މު ބޭނުންތަކުގެ ހިދުމަތްތައް މެދުކަނޑައި ނުލައި ހުރުމުގެ ސަބަބުން، ދެވަނަ ފަރާތަކަށް އެ އިމާރާތް ކުއްޔަށް ދިނުމަށް، އިމާރާތުގެ ވެރިފަރާތަށް ދަތިކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި، އެ މައްސަލަ އޮތޯރިޓީއަށްހުށަހަޅައިގެން ހައްލު ހޯދުމުގެ ފުރުސަތު، އިމާރާތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - ވަގުތީގޮތުން ހިދުމަތް ދިނުން
(ހ) ސިނާއީ މަސައްކަތްތަކާއި، އިވެންޓުތަކާއި، ހަފުލާތަކާއި އަދި މިނޫން ވެސް ވަގުތީގޮތުން އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކޮށްގެން ކުރަންޖެހޭފަދަ މަސައްކަތްތައް ކުރުމަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް ވަގުތީގޮތުން ޔުޓިލިޓީ އެކައުންޓެއް އުފައްދަންވާނެއެވެ.
(ށ) މީހުން ދިރިއުޅޭ ތަނެއްގައި، އެ ތަނެއްގައި ދިރިއުޅޭ މީހުންގެ ބޭނުމަށް އާންމު ބޭނުންތަކުގެ ހިދުމަތެއް ވަގުތީގޮތުން ދިނުމަކީ މަނާކަމެކެވެ. އެފަދަ ތަނަކަށް އާންމު ބޭނުންތަކުގެ ހިދުމަތްތައް ދޭންވާނީ، ދާއިމީ ހިދުމަތެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން ދޭ އާންމު ބޭނުންތަކުގެ ހިދުމަތަކަށް ބިލުކުރާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބިލުކުރާއިރ،ު މި ގަވާއިދުގެ 16 ވަނަ މާއްދާ (ބިލިންގ ސައިކަލް) ގައިވާ އެންމެ ކުޑަ މުއްދަތަށްވުރެ ކުރުވާނަމަ، ހިދުމަތް ބޭނުންކުރިމުއްދަތަށް އެއްފަހަރާ ބިލުކުރަންވާނެއެވެ.
12 ވަނަ މާއްދާ - ޑިޕޮޒިޓް ފައިސާ
(ހ) އާންމު ބޭނުންތަކުގެ ހިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވަގުތީގޮތުން ހިދުމަތް ފޯރުކޮށްދިނުމުގައި، އޮތޯރިޓީން ފާސްކޮށްފައިވާ ޑިޕޮޒިޓް ފައިސާގެ މިންވަރަށްވުރެ ބޮޑުނޫން އަދަދެއްގެ ޑިޕޮޒިޓެއް ނެގުމުގެ އި ހްތިޔާރ،ު ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) ވަގުތީގޮތުން ދޫކޮށްފައިވާ ހިދުމަތް މެދުކަނޑައިލުމުން، އެ ހިދުމަތަށް ކޮށްފައިވާ ބިލުތަކަށް ހަމަޔަށް ފައިސާ ދައްކައިފައިވާނަމަ، އަދި ޑިފޯލްޓް ރެކްޓިފިކޭށަނަށް ދާ ހަރަދު ކެނޑުމަށްފަހު،މި މާއްދާގެ (ހ) ގެ ދަށުން ނަގާ ޑިޕޮޒިޓް ފައިސާގެ ބާކީ އަދަދ،ު ހިދުމަތް ހޯދި ފަރާތަށް އަނބުރާ ދޭންވާނެއެވެ.
(ނ) އާންމު ބޭނުންތަކުގެ ހިދުމަތެއް ވަގުތީގޮތުން ގުޅައިދެވޭ ފަރާތްތަކާއި، އާންމު ބޭނުންތަކުގެ ހިދުމަތެއް ހޯދާ ބިދޭސީ ފަރާތްތައް މެނުވ،ީ އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް ދިނުމަށް ޑިޕޮޒިޓުގެ ނަމުގައި ނުވަތަ އެޑްވާންސެއްގެ ނަމުގައި އެއްވެސް ފައިސާއެއ،ް އެއްވެސް ފަރާތަކުން ނަގައިގެން ނުވާނެއެވެ.
13 ވަނަ މާއްދާ - ރަޖިސްޓަރީ ބަދަލުކުރުން
(ހ) ޔުޓިލިޓީ އެކައުންޓަކަށް ރަޖިސްޓަ ރީކޮށްދީފައިވާ މީޓަރެއް ބޭނުންކުރަމުންދާހައި ހިނދަކު، އެހެން އެކައުންޓަކަށް އެ މީޓަރު ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.
(ށ) އެއް ތަނެއްގެ ނުވަތަ އެއް އެޕާޓްމަންޓެއްގެ އާންމު ބޭނުންތަކުގެ ހިދުމަތެއ،ް އެއްފަރާތަށްވުރެ ގިނަފަރާތަކަށް ރަޖިސްޓަރީކޮށްދީގެން ނުވާނެއެވެ.
(ނ) އެއްފަރާތުން ކޮށްފައިވާ ހިދުމަތުގެ ރަޖިސްޓަރީއެއ،ް އެހެން ފަރާތެއްގެ ނަމަށް ބަދަލެއް ނުކުރެވޭނެއެވެ.
14 ވަނަ މާއްދާ - ރަޖިސްޓަރީ ބާޠިލުކުރުން
(ހ) ހިދުމަތްދޭ ފަރާތުގެ ނަމުގައި އުފައްދައިފައިވާ ޔުޓިލިޓީ އެކައުންޓެއް އުވައިލެވޭނީ ނުވަތަ ރަޖިސްޓަރީ ބާޠިލުކުރެވޭނީ، ހިދުމަތް ހޯދާ ފަރާތުން އެކަމަށް އެދި ފޮނުވާ ލިޔުމަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޔުޓިލިޓީ އެކައުންޓު އުވައިލެވޭނީ ނުވަތަ ރަޖިސްޓަރީ ބާޠިލުކުރެވޭނީ، ހިދުމަތް ހޯދާ ފަރާތުން ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންޖެހި ނުދައްކާހުރި ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.
(ނ) ބިލަށް ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން 6 (ހައެއް) މަސްދުވަހަށްވުރެ ގިނަ މުއްދަތަށް ހިދުމަތް މެދުކަނޑައިލައިފައިވާ އާންމު ބޭނުންތަކުގެ ހިދުމަތަށް ކޮށްދީފައިވާ ރަޖިސްޓަރީ ބާޠިލުކުރުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
ތިންވަނަ ބާބު
އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ބިލުކުރުން
15 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތަށް ބިލުކުރުން
(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ބިލުކުރެވޭނީ، ހިދުމަތަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށެވެ.
(ށ) ހިދުމަތް ފޯރުކޮށްދޭ ފަރާތުން ބިލު ފޮނުވުމަށް ކަނޑައަޅަފައިވާ ގޮތުގެ މަތީން ބިލު ފޮނުވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ބިލުގައި މައްސަލައެއް އޮތްކަމަށް ފާހަގަކޮށްފިނަމަ، އެކަން ބަލައި، މައްސަލައެއް އޮތްނަމަ، ބިލުގައިވާ އަގު ނަގަންވާނީ، އެ މައްސަލައެއް ހައްލުކުރުމަށް ފަހުގައެވެ.
(ނ) ބިލުދައްކާފަހުން ބިލުގައި މައްސަލައެއް އޮތްކަމަށް ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން ފާހަގަކޮށްފިނަމަ، ނުވަތަ ހިދުމަތްދޭ ފަރާތަށް ފާހަގަވެއްޖެނަމަ، ހިދުމަތްދޭ ފަރާތުން އެ މައްސަލައެއް ބަލައި، އެކަން ހައްލުކޮށްދޭންވާނެއެވެ.
(ރ) ހިދުމަތްތަކަށް ކުރާ ބިލުގައި، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- މީޓަރުގެ ނަންބަރު (މީޓަރެއް ހިމެނޭނަމަ)؛
- މީޓަރުގެ ވެރިފަރާތް (މީޓަރެއް ހިމެނޭނަމަ)؛
- ހިދުމަތް ދެވޭ އިމާރާތް އަދި ފަންގިފިލ/ާ އެޕާޓްމަންޓް ނަންބަރު؛
- ބިލުގެ ނަންބަރު؛
- ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތް؛
- ޔުޓިލިޓީ އެކައުންޓުގެ ނަންބަރު؛
- ބިލު ފޮނުވި ތާރީހު؛
- ބިލުކުރަން ފެށުނު ތާރީހާއި، ބިލުކުރުން ނިމުނު ތާރީހު؛
- ބިލިންގ ސައިކަލް ފެށުނުއިރު މީޓަރަށް އަރައިފައިވާ އަދަދާއި، ބިލިންގ ސައިކަލް ނިމުނުއިރު މީޓަރަށް އަރައިފައިވާ އަދަދާއި، ބިލިންގ ސައިކަލުގައި ބޭނުންކުރެވިފައިވާ ޖުމުލަ ޔުނިޓުގެ އަދަދު؛
- ބިލުކުރެވުނު މުއްދަތު؛
- ބިލު ދައްކަން ލިބޭ އެންމެފަހު ދުވަސް؛
- ބިލުގެ ޓެރިފް/ ކަސްޓަމަރ ކެޓަގަރީ؛
- ބިލުކުރެވުނު ފައިސާގެ އަދަދު؛
- ބިލުކުރެވުނު ބޭންޑްތަކާއި، ބިލިންގ ސައިކަލްއާ ގުޅިގެން އަންނަ ބަދަލުތައް؛
- ބިލުކުރެވުނު ބޭންޑަކަށް އަރާ ފައިސާގެ އަދަދު؛
- ކޮންމެ ބޭންޑަކުން ހިނގި ޔުނިޓް؛
- ޖޫރިމަނާ ފައިސާގެ އަދަދު؛
- ސަބްސިޑީއެއް ލިބޭނަމަ، ލިބޭ މިންވަރު؛
- ހިދުމަތްދޭ ފަރާތުން ދީފައިވާ ހިދުމަތަކަށް ދައްކަންޖެހޭ ފައިސާ، އެ ބިލުގައި ހިމަނާނަމަ، އެ ފައިސާއެއް؛
- ބިލަށް އެޖަސްޓްމަންޓެއް ގެނެސް ފައިވާނަމަ، އޭގެ ތަފުސީލު؛
- ބިލުގެ ޖުމުލަ ފައިސާގެ އަދަދު؛
- ބިލުގައި މައްސަލައެއް އޮތްނަމަ، އަމަލުކުރަންވީ ގޮތް؛
- އާންމު ބޭނުންތަކުގެ ހިދުމަތަކާ ގުޅޭ ހާއްސަ ގާނޫނެއްގައި ނުވަތަ އެފަދަ ގާނޫނެއްގެ ދަށުން އެކުލަވައިލާ ގަވާއިދެއްގައި، އެ ހިދުމަތަކަށް ކުރާ ބިލުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތ.ު
16 ވަނަ މާއްދާ - ބިލިންގ ސައިކަލް
(ހ) އެއް މުއްދަތެއްގެ ތެރޭގައި އެންމެ ކުޑަވެގެން ބިލުކުރެވޭނީ 28 (އަށާވީސް) ދުވަހަށެވެ. އަދި ގިނަވެގެން ބިލު ކުރެވޭނީ، 31 (ތިރީސް އެކެއް) ދުވަހަށެވެ.
(ށ) އެއްވެސް ސަބަބަކާހުރެ މީޓަރުގައި ހިނގައިފައިވާ އަދަދު ނެގުން، މި މާއްދާގެ (ހ) ގައިވާ މުއްދަތަށްވުރެ އިތުރުވާނަމަ، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެކަން އަންގައި، އެ ފަރާތުގެ ހުއްދަ ހޯދަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން، ޔުޓިލިޓީ އެކައުންޓު ގެ ވެރިފަރާތުން އެކަމަށް އެއްބަސްނުވާނަމަ، ހިދުމަތް ހޯދާ ފަރާތުން ބިލިންގ ސައިކަލުގެ 31 ވަނަ ދުވަހު މީޓަރުގައި ހިނގައިފައިވާ އަދަދު ފެންނަ ފޮޓޯއެއ،ް ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ފޮނުވައިގެން ނުވަތަ މިފަދަ އެހެން ގޮތަކުން ވިޔަސް، ހިނގައި ފައިވާ އަދަދުކަމަށް މީޓަރުން ފެންނަ އަދަދު ނަގަންވާނެއެވެ.އަދި މިގޮތަށް ސައްހަކަން ކަށަވަރުވާ ރީޑިންގ ފޮނުވައިފިނަމަ، ބިލު އެޖަސްޓް ކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ މުއްދަތަށް އެއްވެސް ބަދަލެއް ގެންނަންވާނީ، ހިދުމަތް ހޯދާ ފަރާތުން އެކަމަށް އެދުމުންނެވެ. އަދި އޮތޯރިޓީން ފާސްކޮށްފައިވާ އިދާރީ ފީއެއ،ް ހިދުމަތް ހޯދާ ފަރާތުން މިކަމަށް ނެގިދާނެއެވެ.
(ބ) ބިލިންގ ސައިކަލް 30 (ތިރީސް) ދުވަހަށްވުރެ މަދުވާނަމަ ނުވަތަ އިތުރުވާނަމަ، ބިލުކުރާ ބޭންޑްތަކުގެ ބޭންޑްވިތަށް އަންނަ ބަދަލު ބިލުން ފެންނަންވާނެއެވެ.
17 ވަނަ މާއްދާ - ބިލު ދެއްކުމަށް ދެވޭ މުއްދަތު
(ހ) ހިދުމަތް ހޯދާ ފަރާތަށް ބިލު ފޮނުވާ ތާރީހުން ފެށިގެން ބިލު ދެއްކުމަށް ޖުމުލަ 30 (ތިރީސް) ދުވަހަށްވުރެ މަދުނޫން މުއްދަތެއް ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ބިލުގައި އެއްވެސް ޖޫރިމަނާއެއް ހިމަނައިގެން ނުވާނެއެވެ. އަދި ބިލު ނުދެއްކުމުން އަޅާ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
(ށ) ބިލު ދެއްކުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ ބިލު ދެއްކުމަށް އުޒުރުވެރިވާނަމަ، ބިލު ދައްކަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ހިދުމަތަށް ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް އެކަން އަންގަންވާނެއެވެ.
18 ވަނަ މާއްދާ - ބިލު ދެއްކުމަށް ލުއި ދިނުން
(ހ) ޑޮމެސްޓިކް ކެޓަގަރީގައި ބިލު ދެއްކުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ ބިލު ދެއްކުމަށް އުޒުރުވެރިވާނަމަ، އެ ބިލެއް ދެއްކުމުގައި، އަންނަނިވި ލުއިތަކުންކުރެ ލުޔެއް ހަމަޖައްސައިދޭންވާނެއެވެ.
- މަސްތަކަކަށް ބަހައިލައިގެން ބިލު ދެއްކުން؛
- ބިލު ދެއްކުން ފަސްކޮށްދިނުން ؛
- ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ މެދުވެރިކޮށް ބިލު ދައްކާ ފަރާތްތަކާއި ނުވަތަ ހިދުމަތްދޭ ފަރާތްތަކާއި ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތީން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ބިލު ދެއްކުމަށް ލުޔެއް ދެވިފައިވާ ފަރާތުން، ލުއި ދީފައިވާ ބިލު ދައްކައި އަދާހަމަކުރުމުގެ ކުރިން، އިތުރު ބިލެއް ދައްކަން އެ ފަރާތަށް ލުޔެއް ދިނުން، ހިދުމަތްދޭ ފަރާތުގެ މައްޗަކަށް ލާޒިމެއް ނޫނެވެ.
19 ވަނަ މާއްދާ - މަސްތަކަކަށް ބަހައިލައިގެން ބިލު ދެއްކުން
(ހ) ޑޮމެސްޓިކް ކެޓަގަރީގައި، އެއްވެސް ސަބަބަކާހުރެ ބިލު ދެއްކުމަށް އުޒުރުވެރިވާ ފަރާތުގެ ބިލު، މަސްތަކަކަށް ބަހައިލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހިދުމަތްދޭ ފަރާތުން އެއްބަސްވުމެއް މެދުވެރިކޮށް ހަމަޖައްސައިދޭންވާނެއެވެ. އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާހައި ހިނދަކު އެފަދަ ބިލުތަކަށް އިތުރު ޖޫރިމަނާއެއް އަދ/ި ނުވަތަ އެނޫން ވެސް އިތުރު ފައިސާއެއް ނަގައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބިލުކޮށްފައިވާ މިންވަރު މަސްތަކަކަށް ބަހައިލާއިރު މަސްދުވަހަކަށް ޖެހޭ މިންވަރ،ު އެ ތަނެއްގެ ބިލަށް އެވްރެޖްކޮށް އަރައިފައިވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. މި އެވްރެޖް ބަލާނީ،ރަމަޒާންމަހުގެ ދުވަސްތައް ހިމެނޭގޮތަށާއި މީލާދީ މަސްތައް ނުހިމެނޭގޮތަށް ހިދުމަތް ބޭނުންކުރެވިފައި ހުރި، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހަށެވެ. 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ބޭނުންކޮށްފައިވާނަމަ، މި އެވަރެޖް ހެދުމުގައި ރަމަޒާންމަސް ހިމެނޭ މީލާދީ މަސްތައް ފިޔަވައި، ހުރިހާ މަހެއް ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ބިލުކުރެވިފައިވާ މިންވަރު މަސްތަކަކަށް ބަހައިލުމުން، މަސްދުވަހަކަށް ޖެހޭ މިންވަރު ދެއްކުމަށް ވެވޭ އެއްބަސްވުމެއް ހިދުމަތްދޭ ފަރާތާއި ހިދުމަތް ހޯދާ ފަރާތާ ދެމެދުގައި ހަދަންވާނެއެވެ. މި އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ބިލުކުރެވިފައިވާ މިންވަރު މަސްތަކަކަށް ބަހައިލުމުން މަސްދުވަހަކަށް ޖެހޭ މިންވަރު؛
- ބިލުކުރެވިފައިވާ މިންވަރު މަސްތަކަކަށް ބަހައިލުމުން، މަސްދުހަކަށް ޖެހޭ މިންވަރު ދައްކަން ފަށާނެ ތާރީހާއި މަސްދުހަކަށް ޖެހޭ މިންވަރު ދައްކައި ނިންމާނެ ތާރީހު؛
- އެ މަހަކު ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އަޅާނެ ފިޔަވަޅ.ު
20 ވަނަ މާއްދާ - ބިލު ދެއްކުން ފަސްކޮށްދިނުން
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިލު ދެއްކުން ފަސްކޮށްދިނުމަށް ހިދުމަތް ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން އެދިއްޖެނަމަ، އެ ބިލެއް ފަހުން ދައްކާގޮތަށް ހިދުމަތްދޭ ފަރާތުން ހަމަޖައްސައި ދޭންވާނެއެވެ. އަދި ފަސްކޮށްދީފައިވާ ބިލުގެ ސަބަބުން، ހިދުމަތަށް ކުރާބިލަށް ޖޫރިމަނާއެއް އަދި/ ނުވަތަ އެނޫން ވެސް، އިތުރު ފައިސާއެއް ނަގައިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބިލު ދެއްކުން ފަސްކޮށްދިނުމަށް އެދޭ ހާލަތުގައި، ބިލު ދެއްކުމުގެ މުއްދަތު، މީލާދީގޮތުން 6 (ހައެއް) މަސްދުވަހަށްވުރެ އިތުރަށް ފަސްކޮށްދިނުން، ހިދުމަތްދޭ ފަރާތަށް ލާޒިމެއް ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ބިލު ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި، އާންމު ބޭނުންތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދޭންވާނެއެވެ. އަދި ދެއްކުން ފަސްކޮށްފައިވާ ބިލު ފިޔަވައި ހިދުމަތަށް ކުރާ އެހެނިހެން ބިލުތައ،ް ހިދުމަތް ރަޖިސްޓަރީކޮށްފައިވާ ފަރާތުން، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ބިލު ދެއްކުން ފަސްކޮށްދޭންވާނީ، ހިދުމަތް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން، އެ ބިލު ދެއްކުމަށް ވެވޭ އެއްބަސްވުމެއ،ް ހިދުމަތް ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތާއި ހިދުމަތްދޭ ފަރާތާ ދެމެދުގައި ހެދުމަށްފަހުގައެވެ. މި އެއްބަސްވުމުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ދައްކަންޖެހޭ ޖުމުލަ މިންވަރު؛
- އެންމެ ލަސްވެގެން ދެއްކުމަށް ކަނޑައަޅާ ތާރީހު؛
- ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އަޅާނެ ފިޔަވަޅ.ު
21 ވަނަ މާއްދާ - ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ މެދުވެރިކޮށް ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުން
(ހ) އެއްވެސް ސަބަބަކާހުރެ ބިލު ދެއްކުމަށް އުޒުރުވެރިވާ ފަރާތުގެ ބިލު، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ މެދުވެރިކޮށް ދެއްކުމަށް އެދޭ ފަރާތަކަށް، އެ އޭޖެންސީއަށް ހުށަހެޅުމަށް ޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުން، ހިދުމަތްދޭ ފަރާތުން ފޯރުކޮށްދެންވާނެއެވެ.
(ށ) ހިދުމަތް ހޯދާ ފަރާތުގެ ބިލު ދެއްކުމަށް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީގެ އެހީ ހަމަޖެހިއްޖެނަމަ، އެ އެހީއަށް އެދުނު ދުވަހުން ފެށިގެން، އެހީ ހަމަޖެހުމާ ހަމަޔަށް އެއްވެސް ޖޫރިމަނާއެއް އަދި/ ނުވަތަ އެނޫން ވެސް އިތުރު ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެ ފައިސާއެއް މާފުކޮށް ދޭންވާނެއެވެ. މިގޮތަށް އެހީއަށް އެދުނު ދުވަހާއި އެހީ ހަމަޖެހުނު ދުވަސް އެނގޭނެ ލިޔުމެއ،ް ހިދުމަތް ހޯދާ ފަރާތުން، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ހުށަހަޅަންވާނެއެވެ.
22 ވަނަ މާއްދާ - ވަކި އެއްޗެއް އެންގުމަކާ ނުލައި ގަސްތުގައި ބިލު ނުދައްކައި ހުރުން
ބިލު ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިދުމަތްދޭ ފަރާތަށް އެންގުމަކާ ނުލައި، ހިދުމަތް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން ބިލު ނުދައްކައި ހުރުމަކީ ކުށެކެވެ. އަދި އެ ހާލަތުގައި މި ގަވާއިދުގެ 24 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކުރުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ހިދުމަތް ކަނޑައިލުމަށް ދެވޭ އިންޒާރު
(ހ) ބިލުކުރާ ތާރީހުން ފެށިގެން، މަދުވެގެން 25 (ފަންސަވީސް) ދުވަހުގެ ތެރޭގައި ބިލަށް ފައިސާ ނުދައްކައިފިނަމަ، ހިދުމަތް ކަނޑައިލުމަށް ދެވޭ ނޯޓިސް ދިނުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) ހިދުމަތް ކަނޑައިލުމުގެ ނޯޓިހަށް އަމަލުކުރުމަށް، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހަށްވުރެ މަދު ނޫން މުއްދަތެއް ދޭންވާނެއެވެ.
24 ވަނަ މާއްދާ - ހިދުމަތް ކަނޑައިލުން
(ހ) ހިދުމަތް ކަނޑައިލުމުގެ ނޯޓިހަށް އަމަލުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވިއިރު ވެސް، ބިލަށްވާ ފައިސާ ދައްކައިފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ބިލު ދެއްކުމަށް ލުޔެއް ހޯދުމަށް އެދިފައި ނުވާނަމަ، ހިދުމަތް ކަނޑައިލުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) މިގޮތަށް ހިދުމަތް ކަނޑައިލުމަށްފަހު، އަލުން ހިދުމަތް ގު ޅައިދިނުމުގައި އޮތޯރިޓީން ފާސްކޮށްފައިވާ ހިދުމަތް އަލުން ގުޅައިދިނުމުގެ އަގެއް ނެގުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ޖޫރިމަނާ
(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކައިފައި ނުވާނަމަ، އަދި މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ބިލު ދެއްކުމަށް ލުޔެއް ހޯދުމަށް އެދިފައި ނުވާނަމަ، ބިލުން ނުދައްކައި ހުރި އަދަދުގެ 1% )އެކެއް އިންސައްތަ ) ގެ ޖޫރިމަނާއެއް ނެގުމުގެ އިހްތިޔާރ،ު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ގޮތުގައި ބިލަކަށް ނެގޭނެ އެންމެ މަތީ އަދަދަކީ، ޑޮމެސްޓިކް ކެޓަގަރީއަށް 100 (އެއްސަތޭކަ) ރުފިޔާއެވެ. އެހެން ކެޓަގަރީތަކަށް 500 (ފަސްސަތޭކަ) ރުފިޔާއެވެ.
26 ވަނަ މާއްދާ - އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތަށް ބިލުކުރުން
(ހ) އާންމު ބޭނުންތަކުގެ ހިދުމަތުގެ ތެރެއިން އެއް ހިދުމަތަށްވުރެ ގިނަ ހިދުމަތް އެކުލަވައިލާގޮތަށް، ހިދުމަތްދޭ ފަރާތުން ހިދުމަތް ހޯދާ ފަރާތަށް އެއް ބިލެއްގެ ގޮތުގައި ބިލު ކުރުން، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ށ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކުން ދޭ އެކިއެކިއާންމު ބޭނުންތަކުގެ ހިދުމަތްތަކަށް، އެއް ބިލެއްގެ ގޮތުގައި ބިލުކުރުން، މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިޔަސް، އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކުން ދޭ އެކިއެކި އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް އެއް ބިލެއްގެ ގޮތުގައި ބިލު ކުރެވޭނީ، އެކަމާ ގުޅުންހުރި ސިޔާސަތުތައް ކަނޑައަޅާ މިނިސްޓްރީގެ ނިންމުމަކުންނެވެ.
27 ވަނަ މާއްދާ - ޕްރިޕެއިޑް ނިޒާމެއްގެ ދަށުން ހިދުމަތް ހޯދުން
(ހ) ޕްރިޕެއިޑް ނިޒާމެއްގެ ދަށުން ހިދުމަތް ހޯދާނަމަ، މި ގަވާއިދުގެ ދަށުން ހިދުމަތް ރަޖިސްޓަރީކުރުމާއި ބިލުކުރުން އިސްތިސްނާވާނެއެވެ.
(ށ) ޕްރިޕެއިޑް ނިޒާމެއްގެ ދަށުން ހިދުމަތް ހޯދާނަމަ، ހިދުމަތް ހޯދާ ފަރާތާއި ހިދުމަތްދޭ ފަރާތާ ދެމެދު އެއްބަސްވުމެއް ހަދައިފައި އޮންނަންވާނެއެވެ.
ހަތަރުވަނަ ބާބު
އެހެނިހެން
28 ވަނަ މާއްދާ - އުސޫލު ހެދުން
މި ގަވާއިދު ތަންފީޒު ކުރުމުގެ ގޮތުން ހިދުމަތްދޭ ފަރާތުން ހަދާ އުސޫލުތަކާއި މިންގަނޑުތަކަކީ، އޮތޯރިޓީން ފާސްކޮށް ތަންފީޒުކުރުމުގެ ހުއްދަދީފައިވާ އުސޫލުތަކާއި މިންގަނޑުތަކަކަށް ވާންވާނެއެވެ. މި އުސޫލުތަކާއި މިންގަނޑުތައ،ް ފަސޭހައިން ފެންނާނޭހެން އާންމުކޮށްފައި ހުންނަންވާނެއެވެ.
29 ވަނަ މާއްދާ - އޮތޯރިޓީއަށް ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުން
(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ރަޖިސްޓަރީކޮށްދިނުމާއި ހިދުމަތަށް ކުރާ ބިލާމެދު އޮތޯރިޓީއަށް ހުށަހަޅާ ށަކުވާ ހުށަހަޅާނީ، ގަވާއިދު ނަންބަރު 2021-130 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގުމުގެ ގަވާއިދު) ގެ 12 ވަނަ މާއްދާގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލަތައް އޮތޯރިޓީން ބެލުމުގައި، ގަވާއިދު ނަންބަރު 2021-130 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގުމުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގައިވާ އިޖުރާއަތްތައް ފުރިހަމަކުރަންވާނެއެވެ.
30 ވަނަ މާއްދާ - މައްސަލަ ބަލައި ނިމެންދެން ހިދުމަތް މެދުކަނޑައި ނުލުމަށް އެންގުން
(ހ) މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގައި، އެ މައްސަލައެއް ބަލައި ނިމެންދެން ހިދުމަތް މެދުކަނޑައިލުމަކާ ނުލައި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ހިދުމަތްދޭ ފަރާތުގެ މައްޗަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި، ހިދުމަތަށް ރަޖިސްޓަރީކޮށްދީފައިވާ ފަރާތުން އެ އިރަކަށް ދައްކަންޖެހިފައިވާ ބިލުތަކަށާއި، މައްސަލަ ބަލަމުންދާ ދުވަސްވަރު ހިދުމަތަށް ކުރާ ބިލުތަކާމެދު އަމަލުކުރަންވީގޮތް ސާފުކޮށް ބަޔާންކުރަންވާނެއެވެ.
31 ވަނަ މާއްދާ - ބިލުތަކަށް ފައިސާ ހޯދުމަށް ހިދުމަތްދޭ ފަރާތުން އަމަލުކުރަންވީ ގޮތް
(ހ) ހިދުމަތްދޭ ފަރާތުން، އެ ފަރާތަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޒަމާނީ ގޮތްތައް ތައާރުފުކޮށް، ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ށ) ހިދުމަތަށް ކުރާ ބިލުތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހިދުމަތްދޭ ފަރާތުން އަންނަނިވި ފިޔަވަޅުތައް ތަރުތީބުން އަޅަންވާނެއެވެ.
- ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދައްކަން ހަނދާންކޮށްދިނުން؛
- ގަވާއިދުން ފައިސާ ނުދައްކާނަމަ ޖޫރިމަނާކުރުން؛
- ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ނުދެއްކޭ ސަބަބު އޮޅުންފިލުވައި، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން ދެވެންހުރި ލުއިތައް ދީގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުން؛
- ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރުން؛
- މަގުބޫލު އުޒުރެއް ނެތި، ނުވަތަ ބިލު ދެއްކުމަށް މި ގަވާއިދުގެ 18 ވަނަ މާއްދާގައިވާފަދަ ލުއިފަސޭހަ ގޮތްތަކުންކުރެ ގޮތެއް ހަމަޖައްސައިދީފައިވަނިކޮށް ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ކިބައިން ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުން.
32 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފިކަން އޮތޯރިޓީއަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއް މި ގަވާއިދާ ހިލާފުވިކަމުގައި ނިންމޭނެއެވެ.
33 ވަނަ މާއްދާ - ގަވާއިދާ ހިލާފުވިކަން އެންގުން
(ހ) އެއްވެސް ފަރާތެއް މި ގަވާއިދާ ހިލާފަށް އަމަލެއްކޮށްފިކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ، ނުވަތަ އެކަމާ ގުޅިގެން ށަކުވާއެއް ހުށަހެޅިއްޖެނަމަ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތް ހިލާފުވި މާއްދާ ސާފުކޮށް ބަޔާންކޮށްދިނުމާއެކު، އޮތޯރިޓީން ލިޔުމުން އެކަން އަންގަންވާނެއެވެ.
(ށ) ގަވާއިދާ ހިލާފުވި ފަރާތް ޖަވާބުދާރީވުމަށް ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ މުއްދަތެއް އޮތޯރިޓީން ދޭންވާނެއެވެ.
34 ވަނަ މާއްދާ - އަދަބު ކަނޑައެޅުން
މި ގަވާއިދުގައި އެހެން ގޮތަކަށް އަދަބު ކަނޑައަޅައިފައި ނުވާނަމަ، އެ ކަމެއް އިސްލާހު ކުރުމުގެ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތްތެރިވުމަށްފަހު، އެ ކަމެއް އިސްލާހުކުރުމަށް ދޭ މުއްދަތުގައި އިސްލާހު ނުކޮށްފިނަމަ، އަދި އެ ކަމެއް އިސްލާހުކުރުމަށް އިންޒާރު ދިނުމުން ވެސް އެ ކަމެއް އިސްލާހު ނުކޮށްފިނަމަ، ތިރީގައިވާގޮތުގެ މަތީން ޖޫރިމަނާ ކުރުމުގެ އިހްތިޔާރ،ު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 1,35,000 (އެއްލައްކަ ތިރީސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ނ) ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު 3,70,000 (ތިންލައްކަ ހަތްދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.
(ރ) ތިންވަނަ ފަހަރަށްފަހު، ތަކުރާރުވާ ކޮންމެ ފަހަރަކު 1,000,000 (އެއްމިލިޔަން) ރުފިޔާއިން ޖޫރިމަނާ ކުރުން.
35 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ތިރީގައިވާއަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނައެވެ.
(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށެވެ.
(ނ) "މީޓަރު" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރެވޭ މިންވަރު އަންގައިދޭ އާލާތްތަކަށެވެ.
(ރ) "މީޓަރު ކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތެއް ބޭނުންކުރާ މިންވަރު އަންގައިދޭ އާލާތެއް ބޭނުންކޮށްގެން، ބޭނުންކުރާވަރު "ލޮގު" ކުރުމަށެވެ.
(ބ) "ބިލިންގ ސައިކަލް" ކަމަށް ބުނެފައި އެވަނީ، މީޓަރުކޮށްގެން އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރިވަރު ގުނަން ފަށާ ތާރީހުން ފެށިގެން ނިމޭ ތާރީހަށެވެ.
(ޅ) "ބިލު" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތެއް ބޭނުންކުރާ ފަރާތްތަކަށް އެ ހިދުމަތެއް ބޭނުންކުރި މިންވަރަށް ފައިސާ ދެއްކުމަށް ފޮނުވާ ލިޔެކިޔުމަށެވެ.
(ކ) "ހިދުމަތް ކަނޑައިލުމަށް ދެވޭ އިންޒާރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ހިދުމަތް މެދުކަނޑައިލެވިދާނެކަމަށް ބަޔާން ކޮށްފައިވާ ސަބަބަކާ ގުޅިގެން އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން އާންމު ބޭނުންތަކުގެ ހިދުމަތް ބޭނުންކުރާ ފަރާތަށް ހިދުމަތް މެދުކަނޑައިލުމަށް ދޭ އިންޒާރަށެވެ.
(އ) "އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށެވެ.
(ވ) "ސިނާއީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
(މ) "ޑިފޯލްޓް ރެކްޓިފިކޭށަނަށް ދާ ހަރަދު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮވެ، އެ ފައިސާ ނުދައްކާ ޔުޓިލިޓީ އެކައުންޓު ބަންދުކުރަންޖެހޭ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކައުންޓަށް އަރައިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް ދާ ހަރަދަށެވެ.
36 ވަނަ މާއްދާ - އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އާންމު ބޭނުންތަކުގެ ހިދުމަތްތައް ހޯދާ އެންމެހައި ފަރާތްތަކަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ޔުޓިލިޓީ އެކައުންޓުތައް އުފައްދައި ނިންމަންވާނެއެވެ. އަދި ބަޔާންވެދިޔަ 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން، ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް ބިލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެންމެހައި ފަރާތްތަކަށް ކުރެވޭ ބިލުތަކުގައި ކުރާ ޖޫރިމަނާތައް ކުރަންވާނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށެވެ. އެހެންނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހާ ހަމަޔަށް ބިލުތަކަށް ކޮށްފައިވާ ޖޫރިމަނާތައް އެގޮތުގައި ދެމިއޮންނާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ޔުޓިލިޓީ އެކައުންޓް އުފެއްދިފައިނުވާ އެންމެހައި ފަރާތްތަކުގެ މައްޗަށް، މި ގަވާއިދުގެ ދަށުން ބިލުކުރުން ފިޔަވައި އެހެން ހުރިހާ ކަމެއް ހިނގާނެއެވެ.
މައި ގަވާއިދު
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)
ކިޔުންތެރިންގެ ހިޔާލު