-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-130)

1 ވަނަ މާއްދާ -  ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-26 ( ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހަދައިފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގުމަށް އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ހަރުދަނާގޮތެއްގައި އޮތޯރިޓީގެ މަސައްކަތްތައް ހިންގާނެގޮތުގެއުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު 

(ހ) އޮތޯރިޓީ ހިނގަމުންދާނީ، އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާންޖެހޭ ޑިރެކްޓަރުންގެ ބޯޑުގެ ބެލުމުގެ ދަށުންނެވެ.

(ށ) ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށާއި، އާންމު ބޭނުންތަކުގެ ހިދުމަތުގެ ދާއިރާ އިންތިޒާމު ކުރުމަށް ޓަކައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން
އޮތޯރިޓީގެ ޗީފް އެގެޒެކެޓިވް އެވެ.

(ނ) އޮތޯރިޓީ ހިނގަނީ މި ގަވާއިދާ އެއްގޮތަށްތޯ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ބަލަންވާނެއެވެ.

 

4 ވަނަ މާއްދާ - ސިޔާސަތާ ބެހޭގޮތުން އަންގާ ކަންކަން

ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް އޮތޯރިޓީއަށް ފޮނުވުމުން، އެ ސިޔާސަތުތައް ތަންފީޒު ކުރަންވާނީ، އެ ސިޔާސަތުތައް ބޯޑަށް ހުށަހަޅައިގެން، ބޯޑުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް

(ހ) އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އެވެ. އޭގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނު ތަންފީޒު ކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އޮތޯރިޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.

(ށ) އޮތޯރިޓީގެ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަކީ ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތެކެވެ.

(ނ) އޮތޯރިޓީގެ ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަކީ، ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތެކެވެ.

(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރާނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އެވެ. ނުވަތަ ޗީފް އެގްޒެކެޓިވް ކަނޑައަޅާ އޮތޯރިޓީގެ މުވައްޒަފެކެވެ.

(ބ) ޗީފް އެގްޒެކެޓިވްގެ މަސައްކަތާ ގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

6 ވަނަ މާއްދާ - އޮތޯރިޓީގެ މުވައްޒަފުން

ހ) އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

(ށ) އޮތޯރިޓީގެ ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އެކުލަވައިލައި، ބޯޑުގެ ލަފަޔާއެކު، ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ނ) އޮތޯރިޓީގެ މުވައްޒަފުންނަށް ލިބިދެވޭނެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، އޮތޯރިޓީގެ ބޯޑުގެ މަށްވަރާގެ މަތީން ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ރ) އޮތޯރިޓީގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ މުވައްޒަފަކާ ހަވާލުކުރަން އޮތޯރިޓީން ކަނޑައަޅާ މަސައްކަތްތައް އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) އޮތޯރިޓީގެ ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ވަޒީފާގެ މަސްއޫލިއްޔަތާ ބެހޭގޮތުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއަށާއި އެ މުވައްޒަފަކު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާންވާނެއެވެ. އަދި ގަވާއިދު ނަންބަރު 2014-311 (ސިވިލް ސަރވިސްގެ ގަވާއިދު) ގައި ސިވިލް ސަރވިސްގެ މުވައްޒަފުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކަށް އޮތޯރިޓީގެ މުވައްޒަފުން ޖަވާބުދާރީ ވާންވާނެއެވެ.

 

7 ވަނަ މާއްދާކޮންޓްރެކްޓް މުވައްޒަފުން

(ހ) އޮތޯރިޓީގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް މުވައްޒަފުން ހޮވަންވާނީ ކަމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2007-05 (ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ.

(ށ) އޮތޯރިޓީގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް ހިނގާނީ، ގާނޫނު ނަންބަރު 2007-05  (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

 

8 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުން

(ހ) ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ގާނޫނުގައި ބުނާ އާންމު ބޭނުންތަކާބެހޭ ހާއްސަ ގާނޫނުތަކާއި، އެ ހާއްސަ ގާނޫނުތަކުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ، އާންމު ބޭނުންތަކުގެ ހިދުމަތް ދޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކުރުމާ ބެހޭ ކަންކަން ކުރުމަށް ތަންފީޒީ އޮފިސަރުން އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ށ) ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ އޮތޯރިޓީން ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ، ގާނޫނުގައި ބުނާ އާންމު ބޭނުންތަކާބެހޭ ހާއްސަ ގާނޫނުތަކާއި، އެ ހާއްސަ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ، އާންމު ބޭނުންތަކުގެ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކުރުމާބެހޭ ކަންކަން ކުރުމަށް ތަންފީޒީ އޮފިސަރުން ކަނޑައަޅާނީ، އޮތޯރިޓީއާއި ލޯކަލް ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމަކުންނެވެ.

(ނ) ތަންފީޒީ އޮފިސަރުން އަމަލުކުރަންޖެހޭނީ، ގާނޫނާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ގާނޫނުގައި ބުނާ އާންމު ބޭނުންތަކާބެހޭ ހާއްސަ ގާނޫނުތަކާއި،އެ ހާއްސަ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކާއި މިކަމަށް އޮތޯރިޓީން ހަދާ އުސޫލުތަކުގައި ބަލައި ފާސްކުރުމުގެ ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ގޮތަށެވެ.

(ރ) ތަންފީޒީ އޮފިސަރުން ޒިންމާތައް އަދާކުރުމަށް ޓަކައި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކުރުމަށް އެ ތަންތަނަށް ދާއިރު، ކާކުކަން އަންގައިދޭ އޮތޯރިޓީގެ ކާޑެއް ނުވަތަ ރަސްމީ ލިޔުމެއް އެ އޮފިސަރުންގެ އަތުގައި އޮނަންވާނެއެވެ.

 

9 ވަނަ މާއްދާ - ލޯކަލް ކައުންސިލްތަކާއެކު ވެވޭ އެއްބަސްވުންތައް

(ހ) ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ އޮތޯރިޓީން ކުރަންޖެހޭ ކަންކަމާ ގުޅޭ މަސައްކަތްތައް ހިންގުން ކައުންސިލްތަކާ ހަވާލުކުރުމަށް، ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އޮތޯރިޓީއާއި ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރަންވާނީ، އެ އެއްބަސްވުންތައް އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގައި، އަންނަނިވި ކަންކަމުގެ އިތުރުން، އެއްބަސްވުމުގައި ހިމެނޭ ފަރާތްތައް އެއްބަސްވާ އެންމެހައި ކަންކަން ހިމަނަންވާނެއެވެ.

  1. އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ؛
  2. އެއްބަސްވުމުގައި ހިމެނޭ ފަރާތްތަކުގެ ސުލޫކީ މިންގަނޑު؛
  3. އޮތޯރިޓީގެ ބާރުތަކުގެ ތެރެއިން ދެވަނަ ފަރާތަކަށް ހަވާލުކުރާ ކަންކަން؛
  4. އެއްބަސްވުމުގެ ދަށުން ކުރުން މަނާ ކަންކަން؛
  5. އަގެއް ނުވަތަ ފީއެއް ނެގުން ހިމެނޭނަމަ، އަގު ނުވަތަ ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ މިންވަރު؛
  6. އެއްބަސްވެވޭ ފަރާތްތަކުގެ މެދުގައި އޮންނާނެ ރިޕޯޓިންގ މެކޭނިޒަމް؛
  7. އެއްބަސްވުމުގެ މުއްދަތާއި، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ އަމަލުކުރަންޖެހޭ ގޮތް؛
  8. އެއްބަސްވުމުގެ ދަށުން ލިބިދޭ ބާރެއްގެ ބޭނުންކުރުމުގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތް؛
  9. އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް؛
  10. އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ފައިސާ ހޯދުމާއި، ބަޖެޓް އެކުލަވައިލުމުގެ ޒިންމާ އުފުލާ ފަރާތް؛
  11. އެއްބަސްވުން އުވައިލަން ބޭނުންވެއްޖެ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތް.

 

10 ވަނަ މާއްދާ - އޮތޯރިޓީގެ ލިޔެކިޔުން

(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ސުލޫކު ބަހައްޓަންވާނީ، ގަވާއިދު ނަންބަރު 2014-311 (ސިވިލް ސަރވިސް ގަވާއިދު) ގައި ހިމެނޭ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށެވެ.

(ށ) އޮތޯރިޓީގެ މުވައްޒަފުން ނުވަތަ އޮތޯރިޓީގެ މަސައްކަތެއް ހަވާލުކުރެވޭ ފަރާތަކުން ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމާއި ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމަންވާނީ، ވަކި ފަރާތަކަށް ބުރަނުވެ، ނުފޫޒުން އެއްކިބާވެ ތިބެއެވެ.

 

11 ވަނަ މާއްދާ - އޮތޯރިޓީގެ ލިޔެކިޔުން

(ހ) އޮތޯރިޓީން ނިންމާ ނިންމުންތަކާއި، އެންގުންތަކާއި، ދޫކުރާ ހުއްދަތަކާއި، ލައިސަންސް ފަދަ ތަކެއްޗަކީ، ޗީފް އެގްޒެކެޓިވް ނުވަތަ ޗީފް އެގްޒެކެޓިވް ކަނޑައަޅާ އޮތޯރިޓީގެ ވެރިޔަކު ސޮއިކޮށް އޮތޯރިޓީގެ ސިއްކަ ޖަހައިފައިވާ ލިޔުމަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް، މައުލޫމާތު ބަދަލުކުރުމުގެ ގޮތުންނާއި، ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ގޮތުންނާއި، މުވައްޒަފުންނަށް އަންގަންޖެހޭ ކަންކަން އެންގުމުގައްޔާއި، ޖަލްސާތަކަށް ހާޒިރުވުމަށް އެންގުމުގައި އޮތޯރިޓީގެ ރަސްމީ އީމެއިލެއް މެދުވެރިކޮށް ހިންގާ މުއާމަލާތު ހިންގުމަށް ހުރަހެއް ނެތެވެ.

(ނ) ގާނޫނެއްގައި މިނޫން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެކަމަށް ހާއްސަ ހިދުމަތަށް އެދޭ ފޯމެއް ނުހިމެނޭ ކޮންމެ ހިދުމަތަކަށް އެދި ފޮނުވާ އީމެއިލާމެދު އަމަލުކުރަންވާނީ އޮތޯރިޓީއަށް ހުށަހަޅާ ރަސްމީ ލިޔުމެއްގެ ގޮތުގައެވެ.

 

12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި ބަލައިގަތުން

(ހ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމުގައްޔާއި، ހިދުމަތް ލިބިގަތުމުގައި ނުވަތަ އޮތޯރިޓީން ތަންފީޒުކުރާ ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފުވުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި އޮތޯރިޓީއަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ށަކުވާތައް، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.

  1. އޮތޯރިޓީގެ ފްރަންޓް އޮފީހަށް؛
  2. އޮތޯރިޓީގެ ށަކުވާ ހުށަހެޅުމަށް ހާއްސަ އީމެއިލް؛
  3. އޮތޯރިޓީގެ ވެބްސައިޓް www.ura.gov.mv މެދުވެރިކޮށް.

(ނ) މި ގަވާއިދުގެ ދަށުން ށަކުވާ ހުށަހެޅުމާއި، މައްސަލަ ބަލައި ތަހުގީގުކޮށް ނިންމާ ގޮތް ބަޔާންކުރާ އިދާރީ އުސޫލު އޮތޯރިޓީން ށާއިއު ކުރަންވާނެއެވެ.

(ރ) ށަކުވާ ހުށަހަޅާއިރު، ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު ބަޔާންކުރާންވާނެއެވެ.
މި މައުލޫމާތުގެ ތެރޭގައި އެ ފަރާތުގެ ނަމާއި އެޑްރެސް ހިމަނާންވާނެއެވެ.

(ބ) ހުށަހަޅާ ށަކުވާއާބެހޭ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، ށަކުވާ ހުށަހަޅާއިރު އެކަން ބަޔާންކުރާންވާނެއެވެ.

 

13 ވަނަ މާއްދާ - ތަހުގީގު ކުރުން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާގެ މައްސަލައެއް، ގިނަވެގެން 7) ހަތެއް) ދުވަހުގެ ތެރޭގައި، ށަކުވާ ރައްދުވާ ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(ށ) ހުށަހެޅުނު ށަކުވާގެ ކުޑަބޮޑުމިނަށް ބަލައި، އެ ހުށަހެޅުނު ށަކުވާއެއް ބެލުމަށް އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ މުވައްޒަފުން ކުރެ ޗީފް އެގްޒެކެޓިވް އައްޔަނުކުރާ 3 )ތިނެއް) މުވައްޒަފުންގެ މައްޗަށް ހިމެނޭ ކޮމިޓީއަކާ ހަވާލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއެއް އެކުލަވައިލައިފިނަމަ، އެ ކޮމިޓީގެ މެންބަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު، ޗީފް އެގްޒެކެޓިވް ކަނޑައަޅަންވާނެއެވެ.

(ރ) ތަހުގީގުގެ ބޭނުމަށް ޓަކައި އޮތޯރިޓީން ބޭނުންވާ ފަރާތަކުން މައުލޫމާތު ހޯދައި، މައުލޫމާތު ސާފުކުރެވިދާނެއެވެ. އެގޮތުން މައުލޫމާތު ހޯދުމަށް ޓަކައި، އެ ފަރާތެއްގެ ބަޔާން ނެގުމަށް، ނުވަތަ ވަކި ލިޔެކިޔުންތަކެއް ހުށަހެޅުމަށް އޮތޯރިޓީން ބޭނުންވާ ފަރާތަކަށް އެންގިދާނެއެވެ.

(ބ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހުގީގުގެ ނަތީޖާއެއްގެ ގޮތުން ށަކު ވާ ހުށަހަޅައިފައިވާ ފަރާތުގެ މަސްލަހަތަށް، ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެ ފަދަ ކަމެއް ސާބިތުވާކަމަށް ނިންމާންވާނީ، އެފަދަ ށަކުވާއަކާ ބެހޭގޮތުން ދެ ފަރާތުން ދެކޭގޮތް ހުށަހެޅުމަށް، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހުގައެވެ.

(ޅ) އޮތޯރިޓީގެ ފަރާތުން ހިންގާ ތަހުގީގަކާމެދު ވަކިގޮތެއް ކަނޑައަޅައި ނިންމާންވާނީ، ށަކުވާ ހުށަހަޅާ ފަރާތުގެ ހުށަހެޅުންތަކަށް، ނުވަތަ ށަކުވާ ރައްދުވާ ފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ކ) ށަކުވާ ބަލައި ނިމުމުން، އެ މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓް، ޗީފް އެގްޒެކެޓިވްއަށް ހުށަހަޅަންވާނެއެވެ. އަދި މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓު، ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް ށާއިއު ކުރަންވާނެއެވެ.

(އ) މައްސަލަ ބަލައި ނިމުމުން، މައްސަލަ ނިމުނު ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް ނުވަތަ ފަރާތްތަކަށާއި، މައްސަލަ ރައްދުވާ ފަރާތަށް ނުވަތަ ފަރާތްތަކަށް ލިޔުމުން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން މައްސަލަ ބަލައި ނިންމުނު ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، ހިތްހަމަ ނުޖެހޭ ފަރާތުން، އެ މައްސަލައިގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

  1. މިގޮތަށް ހުށަހެޅޭ މައްސަލަތައް މުރާޖައާ ކުރަންވާނީ، ޗީފް އެގްޒެކެޓިވް އައްޔަނު ކުރާ ކޮމެޓީއަކުންނެވެ.
  2. މި ކޮމެޓީގައި، ކުރިން މައްސަލަ ބެލި އެއްވެސް މުވައްޒަފަކު ހިމެނިގެން ނުވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން، އޮތޯރިޓީގެ މުރާޖައާ ކޮމިޓީން ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ދޭ ލިޔުމުގައި ބަޔާންކުރާ ސަބަބުތައް އެ ލިޔުން ރައްދުވާ ފަރާތަށް ގަބޫލު ނުކުރެވޭނަމަ، އެ ލިޔުން އެ ފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - އޮތޯރިޓީ ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިންތިޒާމުތައް ހަމަޖެއްސުން

އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއި ކާމިޔާބުކަމާއެކު ފޯރުކޮށްދިނުމަށް ފަހި މާހައުލެއް ގާއިމުކޮށް، ހަރުދަނާގޮތެއްގައި އޮތޯރިޓީ ހިންގުމަށް ޓަކައި، އަންނަނިވި ކަންކަން އޮތޯރިޓީން ފުރިހަމަކުރަންވާނެއެވެ.

(ހ) އޮތޯރިޓީގެ މުވައްޒަފުން މަސައްކަތް ކުރުމަށާއި، އޮތޯރިޓީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރުން.

(ށ) މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި، ތަރައްގީކޮށް، ހެޔޮގޮތުގައި ބޭނުން ހިފުން.

(ނ) މުވައްޒަފުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމަށް ޓަކައި މަސައްކަތްކުރުން.

(ރ) ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން.

 

15 ވަނަ މާއްދާ - ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރުން

(ހ) ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭ ގޮތަށް އޮތޯރިޓީގެ މަސައްކަތްތައް ރާވައި ހިންގުމަށް ޓަކައި، އަންނަނިވި ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

  1. އޮތޯރިޓީގެ ވިޜަންއާއި މިށަން ކަނޑައެޅުން؛
  2. އޮތޯރިޓީގެ ސްޓްރެޓީޖިކް އެކްށަން ޕްލޭން 5 (ފަހެއް) އަހަރުދުވަހަށް އެކުލަވައިލުމާއި، ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖައާކުރުން؛
  3. ކޮންމެ އަހަރަކަށް އޮތޯރިޓީގެ ވަރކް ޕްލޭން އެކުލަވައިލުން؛
  4. ކޮންމެ އަހަރަކަށް އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލުން؛
  5. އޮތޯރިޓީ ހިންގުމަށް ބޭނުންވާ އެންމެހައި އުސޫލުތައް އެކުލަވައިލުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އޮތޯރިޓީން އެކުލަވައިލައި، ޑިރެކްޓަރުންގެ ބޯޑަށް އެ ކަންކަން ހުށަހަޅައިގެން، އެ ކަންކަން ފާސްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެކްށަން ޕްލޭނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު، ކޮންމެ އަހަރެއް ނިމޭއިރު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާރކް ޕްލޭނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު، އަހަރުގެ ކޮންމެ ކުއާޓަރެއް ނިމޭއިރު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް އެކްށަން ޕްލޭނާއި، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާރކް ޕްލޭނުގައި ކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއް، ކަނޑައަޅައިފައިވާ މުއްދަތަށް ނިންމުމަށް ދަތިވާނަމަ، އެ ކަމެއް ނިންމުމަށް ދަތިވާ ސަބަބު ބަޔާންކޮށް، އަދި އެކަމުގެ ސަބަބުން ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލާއެކު، ވީ އެންމެ އަވަހަކަށް ޑިރެކްޓަރުންގެބޯޑަށް ހުށަހަޅައިގެން އެ ޕްލޭން ފާސްކުރަން ވާނެއެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެގޮތުން ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރުންގެ ބޯޑަށެވެ. ގަވާއިދަށް ގެންނަ އިސްލާހުތަކަށް އަމަލުކުރަން ފެށޭނީ، އެ އިސްލާހެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށެވެ.

(ށ) "ޑިރެކްޓަރުންގެ ބޯޑު" ނުވަތަ ބޯޑު ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

(ނ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ބ) "ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން އަށެވެ.

(ޅ) "ޗީފް އެގްޒެކެޓިވް" ކަމަށް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަށެވެ.

(ކ) "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މުވައްޒަފުންނަށެވެ.

(އ) "އާންމު ބޭނުންތަކުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފީއެއް ނަގައިގެން ނުވަތަ ވިޔަފާރި އުސޫލުން ދޭ، ފެނާއި ނަރުދަމާއާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކެވެ.

(ވ) "އަގު ނުވަތަ "ފީ" ކަމަށް ބުނެފައި އެވަނީ، ތަންފީޒު ކުރުމާ ގުޅޭ އަގުތަކާއި ފީތަކާއި، އާންމު ހިދުމަތް ދިނުމާ ގުޅޭ އަގުތަކާއި ފީތަކަށެވެ.

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު