-

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-62)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

(މި ގަވާއިދުގެ 20ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2019-1055 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން، ބަންޑާރަ ނައިބު ފިޔަވައި، ބާ ކައުންސިލުގެ ރައީސާއި، ނައިބު ރައީސާއި، ކޮމިޓީގެ 6 (ހައެއް) މެންބަރުން އިންތިހާބު ކުރާނީ، ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވުމުގެ މަދުވެގެން 30 (ތިރީސް) ދުވަހުގެ ކުރިން ބާއްވާ އިންތިހާބެއްގައި، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ބޭއްވުނުކަމުގައި ވިޔަސް، ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވުމާ ހަމަޔަށް އެ ކޮމިޓީ ދެމިއޮންނާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ދައުރު 13 ޖުލައި 2022 ގައި ހަމަވާނެތީ،ބާ ކައުންސިލުގެ ރައީސާއި، ނައިބު ރައީސާއި، ކޮމިޓީގެ 6 (ހައެއް) މެންބަރުން އިންތިހާބު ކުރުމަށް ޓަކައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މަގާމުތަކުގެ އިންތިހާބު ބާއްވަންވާނެއެވެ.

(ރ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެ ހުސްވާ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ޓަކައި އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ހ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ބާ ކައުންސިލުގެ އަހަރީ އާންމު ޖަލްސާއެއް ނުވަތަ އާންމު ޖަލްސާއެއް ބޭއްވުމަށް ކަނޑައެޅިފައިވާނަމަ، އެފަދަ ޖަލްސާއެއްގެ ތެރޭގައި އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް އިންތިހާބު ބޭއްވުމަށް އެގްޒެކެޓިވް ކޮމިޓީއަށް ކަނޑައެޅިދާނެއެވެ. (އިތުރު ކުރެވިފައި)

 

2-1 ވަނަ މާއްދާ - މެންބަރުންގެ އަދަދު (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ ދައުރަކީ، އެ މެންބަރަކު އިންތިހާބުވި ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ.

 

3 ވަނަ މާއްދާ - ވޯޓު ނަގާނެ ގޮތް

(ހ)  ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ބާއްވާނީ، ބާ ކައުންސިލުން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

(ށ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީވާ ގާނޫނީ ވަކީލުންނަށް، ބާ ކައުންސިލުން އެކަމަށް ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް ބޭނުންކޮށްގެންނެވެ.

(ނ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އެ މީހަކު ވޯޓު ދޭން ބޭނުންވާ ފަރާތަކަށް 1 (އެކެއް) ވޯޓު؛
  2. ބާ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އެ މީހަކު ވޯޓު ދޭން ބޭނުންވާ ފަރާތަކަށް 1 (އެކެއް) ވޯޓު؛
  3. ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ 6 (ހައެއް) ގާނޫނީ ވަކީލުންނަށް، ކޮންމެ މެންބަރަކަށް 1 (އެކެއް) ވޯޓު؛

 

4 ވަނަ މާއްދާ - އިންތިހާބާބެހޭ ކޮމިޓީ އެކުލަވައިލުން

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ޓަކައި، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އިންތިހާބާބެހޭ ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެއެވެ.

(ށ) އިންތިހާބާބެހޭ ކޮމިޓީ އެކުލެވިގެންވަނީ، މި މާއްދާގައި ބަޔާންކޮށްފައިވާ 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

  1. އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް؛ (އިސްލާހު ކުރެވިފައި) 
  2. ބާ ކައުންސިލުގެ ސެކްރެޓޭރިއޭޓުގެ ފަރާތުން އައްޔަނުކުރާ މެންބަރެއް؛
  3. ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުން އައްޔަނުކުރާ މެންބަރެއް.

(ނ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ބާއްވާ އިލެކްޓްރޯނިކް ނިޒާމަކީ އިތުބާރު ހިފޭ އަދި ވޯޓުލާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭ ވޯޓުލާ ނިޒާމެއްކަން، އިންތިހާބު ބޭއްވުމަށް އެކުލަވައިލާ އިންތިހާބާބެހޭ ކޮމިޓީން ޔަގީންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލެވޭ އިންތިހާބާބެހޭ ކޮމިޓީގެ ދައުރަކީ، އެ ވަގުތަކު އޮންނަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ނިމުމާ ހަމައަށެވެ. (އިތުރު ކުރެވިފައި) 

 

5 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ރަޖިސްޓަރީ

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ޓަކައި ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ" ދަފުތަރުގައި ހިމެނޭ ގާނޫނީ ވަކީލުންނަށެވެ.

(ށ) ބާ ކައުންސިލުން އިންތިހާބަކަށް އިއުލާނު ކުރުމަށްފަހު، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރާ ގުޅިގެން ށަކުވާ ހުށަހެޅުމަށް ޓަކައި، މަދުވެގެން 2 (ދޭއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަކުވާ، ބާ ކައުންސިލަށް ހުށަހަޅާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އިންތިހާބާބެހޭ ކޮމިޓީން އެ ހުށަހެޅުމަކާ މެދު ގޮތެއް ނިންމައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން، އެ ނިންމުން ނިންމާތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް އުނިއިތުރެއް ގެނެސްފައިވާނަމަ، އެކަން އެނގޭގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިންތިހާބެއް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ ކުރިން، ގާނޫނީ ވަކީލަކަށް ދޫކޮށްފައިވާ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރުމަށް ބާ ކައުންސިލުން ނިންމައިފިނަމަ، އެ ފަރާތުގެ ނަން ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރުން އުނިކޮށް، އެކަން އެނގޭގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެދަފުތަރު، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރެވުނު ފަރާތަކީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އިންތިހާބުގައި ވޯޓު ދިނުމަށް ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ، އެ ފަރާތުން ވޯޓުލުމަށް ވެފައިވާ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓަރީވުން

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު ބާއްވާނީ، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށްގެން ކަމަށްވާތީ، އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވުމަށް ޓަކައި،ބާ ކައުންސިލުން އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލުން ވޯޓުލުމަށް ރަޖިސްޓަރީވުމަށް ޓަކައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު އިސްލާހުކޮށް، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކުރާ ތާރީހުން ފެށިގެން މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީވާ ގާނޫނީ ވަކީލުންނަށް އޮންލައިންކޮށް ވޯޓުލުމަށް ބޭނުންވާ އިރުށާދާއި، ވޯޓުލުން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު، ބާ ކައުންސިލުން އާންމުކުރަންވާނެއެވެ.

(ރ) އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް އ-ީވޯޓިންގ މެދުވެރިކޮށް ބޭއްވުނު އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް އިންތިހާބުގެ އިތުރު ބުރެއްގައި ވޯޓުލުމަށް ޓަކައި އަލުން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ. އަދި އެ ފަރާތްތަކުން ކުރީގެ އިންތިހާބުތަކުގައި ވޯޓުލުމަށް ޓަކައި ކޮށްފައިވާ ރަޖިސްޓްރޭށަނަކީ، އޭގެ ފަހުން ބޭއްވޭ އިންތިހާބުތަކުގައި ވޯޓުލުމުގެ ބޭނުމަށް ސައްހަ ރަޖިސްޓްރޭށަނެއްކަމުގައި ބެލެވޭނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުރީގެ އިންތިހާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާނަމ،ަ އެ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. (އިތުރު ކުރެވިފައި) 

 

7 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުން

(ހ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބީ ދައުރު ހަމަވުމާ ގުޅިގެން، އިންތިހާބެއް ބޭއްވުމަށް ކަނޑައަޅައިފައިވާނަމަ، އިންތިހާބީ ދައުރު ހަމަވުމުގެ 60 (ފަސްދޮޅަސް) ދުވަހުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ބާ ކައުންސިލުން އާންމުކޮށް، އަންގައި އިއުލާނު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވުމާ ގުޅިގެން، އިންތިހާބެއް ބޭއްވުމަށް ކަނޑައަޅައިފައިވާނަމަ، އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 10 (ދިހައެއް) ދުވަހުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، ބާ ކައުންސިލުން އާންމުކޮށް، އަންގައި އިއުލާނު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުންނަށް އެކަމަށް އެދި ހުށަހެޅުމަށް،މަދުވެގެން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

8 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ ގާނޫނީ ވަކީލެއްގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލާ ގާނޫނީ ވަކީލުންގެ ކިބައިގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ށ) ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުކުރެވޭ 6 (ހައެއް) މެންބަރުންގެ ކިބައިގައި، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

9 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް އެދި، ބާ ކައުންސިލުން އިއުލާނު ކުރުމުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ގާނޫނީ ވަކީލުން، ބާ ކައުންސިލުން ކަނޑައަޅައި އާންމުކޮށްފައިވާ މައުލޫމާތާއި ތަކެތި، ބާ ކައުންސިލުން ކަނޑައަޅައި އާންމުކޮށްފައިވާ ގޮތަކަށް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

(ށ) ބާ ކައުންސިލުން އިއުލާނުކުރާ އިންތިހާބަށް ކުރިމަތިލާ ކޮންމެ ގާނޫނީ ވަކީލަކު ވެސް، އިދާރީ ފީއެއްގެ ގޮތުގައި 5،000 (ފަސްހާސް) ރުފިޔާ، ބާ ކައުންސިލަށް ދައްކަންވާނެއެވެ.

 

10 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލުންގެ ނަން އިއުލާނުކުރުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން، ބާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިންތިހާބަކަށް ކުރިމަތިލި ގާނޫނީ ވަކީލުންގެ ތަފުސީލު އެނގޭނޭ ގޮތަށް، ބާ ކައުންސިލުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބަށް ކުރިމަތިލި ގާނޫނީ ވަކީލުންގެ ނަންތައް އިއުލާނުކުރާއިރު، އިންތިހާބަށް ކުރިމަތިލި ގާނޫނީ ވަކީލުންގެ ނަންތައް ތަރުތީބުކުރާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ގާނޫނީ ވަކީލުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ އިންތިހާބަށް ކުރިމަތިލި ގާނޫނީ ވަކީލުން ނުވަތަ އެ ގާނޫނީ ވަކީލުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލި ގާނޫނީ ވަކީލު ނުވަތަ އެ ގާނޫނީ ވަކީލުންގެ މަންދޫބެއް ހާޒިރުނުވެއްޖެ ނަމަ، ބާ ކައުންސިލުން އައްޔަނުކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތުލުމުގެ އިހުތިޔާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ނަން އަނބުރާ ގެންދިޔުން

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، އެ އިންތިހާބަށް ކުރިމަތިލައިފައިވާ ގާނޫނީ ވަކީލުންގެ ނަންތައް ގުރުއަތުލައި، އެ ނަންތައް ތަރުތީބުކޮށް، އެކަން އިއުލާނުކުރުމުގެ ކުރިން، އެ ގާނޫނީ ވަކީލެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.

 

12 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހޮވޭގޮތް

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި، އިންތިހާބަށް ހުޅުވައިލެވުނު މަގާމަށް އިންތިހާބުވާނީ، އެ މަގާމަށް ކުރިމަތިލި ގާނޫނީ ވަކީލުންގެ ތެރެއިން، އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބޭ ގާނޫނީ ވަކީލެކެވެ.

 

13 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން

އިންތިހާބަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ. އަދި ލަސްނުކޮށް ރަސްމީ ނަތީޖާ އާންމުކޮށް އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ ނަތީޖާ ށާއިއު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

14 ވަނަ މާއްދާ - އިންތިހާބުގެ އިތުރުބުރެއް ބާއްވަންޖެހުން

އިންތިހާބުގައި، މެންބަރުކަމަށް ވާދަކުރި ގާނޫނީ ވަކީލުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނީ އެކަކަށްވުރެ ގިނަ ގާނޫނީ ވަކީލުންނަށް ކަމުގައި ވާނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މަގާމަކަށް އެންމެ ގިނަ ވޯޓު ލިބިގެން އެއްވަރުވި ގާނޫނީ ވަކީލުންގެ މެދުގައި ވޯޓު ނެގުމުގެ އިތުރު ބުރެއް ބާއްވަންވާނެއެވެ. އަދި އެ މަގާމަކަށް ނުވަތަ މަގާމުތަކަށް ކަނޑައެޅިފައިވާ އަދަދަށް ގާނޫނީ ވަކީލުން ހޮވެންދެން މިގޮތުގެ މަތީން ވޯޓު ނަގަމުން ގެންދާންވާނެއެވެ.

 

15 ވަނަ މާއްދާ - އެންމެ ގާނޫނީ ވަކީލަކު ކުރިމަތިލުން

އިންތިހާބުގައި، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލީ އެންމެ ގާނޫނީ ވަކީލެއްނަމަ، އެ ގާނޫނީ ވަކީލު އެ މަގާމަށް ހޮވޭނީ ، އިންތިހާބުގައި ލައިފައިވާ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އަދި 1 (އެކެއް) ގާނޫނީ ވަކީލަށް ވުރެ ގިނަ ގާނޫނީ ވަކީލުން ހޮވަންޖެހޭ މަގާމެއްނަމަ، އެ މަގާމަށް ކުރިމަތިލީ ގާނޫނީ ވަކީލުން ހޮވަންޖެހޭ އަދަދަށްވުރެ މަދުން ކަމުގައި ވާނަމަ، ނުވަތަ އެ އަދަދަށް ކަމަށް ވާނަމަ، އެ މަގާމަށް ހޮވޭނީ، އިންތިހާބުގައި ލައިފައިވާ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނަގާ ވޯޓު ނަގާނީ، ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

 

16 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) އިންތިހާބު ހިނގަމުންދާއިރު، އިންތިހާބުގެ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް، އިންތިހާބާބެހޭ ކޮމިޓީން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަކުވާތައް ބެލުމަށް، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބާ ކައުންސިލަށް ހުށަހެޅޭ ށަކުވާއަކާ ގުޅިގެން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ވަގުތުން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް، ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލެވޭ ށަކުވާ ބަލާ ކޮމިޓީގެ ދައުރަކީ، އެ ވަގުތަކު އޮންނަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ނިމުމާ ހަމައަށެވެ. (އިތުރު ކުރެވިފައި)

 

17 ވަނަ މާއްދާ - މުއްދަތު ގުނުން

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. (އިސްލާހު ކުރެވިފައި)

 

18 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 12 ސެޕްޓެންބަރު 2019 ގައި ގެޒެޓުކޮށްފައިވާ ގަވާއިދު ނަންބަރު 2019-05  (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު) ބާތިލުވީއެވެ.

 

މައި ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-62)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

 

އުވުނު ގަވާއިދު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1055)

ކިޔުންތެރިންގެ ހިޔާލު