-

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2014-21)

(1ވަނަ، އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ ބައި

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް (ރިޓަޔަރމަންޓް ޕެންށަން ސްކީމް) ގެ ދަށުން ރިޓަޔަރމަންޓް ޕެންށަންގެ ފައިސާ ދޫކުރުމާއި، ޤާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން ފެށިއިރު ދައުލަތުގެ ވަޒީފާގައި ތިބި މުވައްޒަފުންގެ އެކްރޫޑް ޕެންށަންގެ ހައްޤުތައް އެކަށައަޅައި، ރެކޮގްނިށަން ބޮންޑްސް ދިނުމާއި، އަދި ދައުލަތުގެ ވަޒީފާދޭ ފަރާތްތަކުން ޕެންށަން ސްކީމަށް ފައިސާ ދެއްކުމާބެހޭ އިންތިޤާލީ އުސޫލުތައް ބަޔާންކުރުމާއި، އަދި މިނޫންވެސް ރިޓަޔަރމަންޓް ޕެންށަން ސްކީމް ތަންފީޒުކުރުމާ ގުޅޭ ކަންކަމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެވެ.

 

 މަގުސަދު

(ށ) މިގަވާއިދު އެކުލަވައިލާފައި މިވަނީ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ ދަށުން ޤާއިމު ކުރެވޭ ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމާބެހޭ މިންގަ ނޑުތަކާއި ގައިޑްލައިންތައް ހެދުމާއި، އަދި ޕެންށަން ލިބޭ އުމުރު ހަމަވުމުން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޤާއިމުކުރެވޭ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާގެ އަދަދަށް ބިނާކޮށް، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށާއި އެމީހުންގެ ވާރުތަވެރިންނަށް ހައްޤުވާ ޢިނާޔަތުގެ ފައިސާ ފޯރުވައިދޭނޭ ގޮތުގެ ތަފުސީލު އުސޫލުތައް ބަޔާންކުރުމުގެ ގޮތުންނެވެ.

 

 ނަން

(ނ) މިގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

ގަވާއިދު އެކުލަވައިލުމުގެ ބާރު

(ރ) މިގަވާއިދު އެކުލަވައިލެވިފައިވަނީ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން، މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް (ޕެންށަން އޮފީހަށް) ލިބިދޭ ބާރުގެ ދަށުންނެވެ.

 

 އިހްތިސާސް

(ބ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެންމެހައި ބައިވެރިންގެ މައްޗަށް (ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތް ހިމެނޭ ގޮތުން) މިގަވާއިދު ހިންގޭނެއެވެ.

 

ގަވާއިދުގައި ހިމެނޭ ބައިތައް

(ޅ) މިގަވާއިދުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ތަފުސީލު އުސޫލުތައް ބަޔާންކޮށްފައިވާނެއެވެ.

  1. ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޕެންށަންގެ ފައިސާ ދޫކުރުން. (މިގަވާއިދުގެ 2 ވަނަ ބައި)
  2. ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާހަމައަށް ދައުލަތުގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނަށް، އެޤާނޫނުގައިވާ ގޮތުގެމަތިން އެކްރޫޑް ޕެންށަންގެ ހައްޤުތައް އެކަށައަޅައި، ރިކޮގްނިށަން ބޮންޑްސް ދިނުން. (މިގަވާއިދުގެ 3 ވަނަ ބައި)
  3. ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކު މަރުވުމުން، އޭނާގެ ވާރުތަވެރިންނަށް ޕެންށަން ފައިސާ ދިނުން. (މިގަވާއިދުގެ 4 ވަނަ ބައި)
  4. ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ ދަށުން އެކްރޫޑް ޕެންށަން ހައްޤު ލިބުމަށް ށަރުތު ފުރިހަމަވާ ގޮތް، އަދި އެކްރޫޑް ޕެންށަން ހައްޤުގެ ގޮތުގައި ލިބޭ ފައިސާ ހިސާބު ކުރާ ގޮތް ޕެންށަން ލިބުމަށް ށަރުތު ފުރިހަމަވާ ގޮތް، އަދި ޕެންށަން ދިނުމަށް ކަނޑައަޅާ ގޮތް އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުމާ ބެހޭ އިންތިޤާލީ އުސޫލު (މިގަވާއިދުގެ 5 ވަނަ ބައި)
  5. މި ގަވާއިދާ ގުޅުން ހުރި އިތުރު ބައިތައް (މިގަވާއިދުގެ 6 ވަނަ ބައި)

 

2 ވަނަ މާއްދާ 

ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުން، ޕެންށަން ލިބޭ އުމުރަކީ މީލާދީގޮތުން 65 އަހަރެވެ. އަދި އެޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައިވާގޮތުން، ޕެންށަންލިބޭ އުމުރު ހަމަވުމުން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޤާއިމުކުރެވޭ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ އަދަދަށް ބިނާކޮށް، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް ނުވަތަ އެމީހަކު މަރުވުމުން އެ މީހެއްގެ ވާރުތަވެރިންނަށް ހައްޤުވާ ޢިނާޔަތުގެ ފައިސާ ދޫކުރެވޭނީ، މިގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

3 ވަނަ މާއްދާ 

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށި ދުވަހާ ހަމައަށް (13 މޭ 2009 އާ 5 ހަމައަށް) ދައުލަތުގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނަށް ހާއްސަ އިންތިޤާލީ އުސޫލުތަކެއް އެޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

(ށ) 30 އޭޕްރީލް 2010 އާހަމައަށް، އުމުރުން 65 އަހަރު ނުވަތަ އެއަށްވުރެ ދުވަސްވީ މީހުންނަށް، ލިބެމުންދާ ޕެންށަން، އެމީހުންގެ މުޅި އުމުރަށް ލިބިދެވޭނެއެވެ. އަދި ދައުލަތުގެ މުވައްޒަފުންގެ ތެރެއިން، 30 އެޕްރީލް 2010 ގެ ފަހުން އުމުރުން 65 އަހަރު ފުރޭ ދައުލަތުގެ މުވައްޒަފުންނަށް ޕެންށަން ލިބޭނީ، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުންނެވެ.

 

4 ވަނަ މާއްދާ 

ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގައި ވާގޮތުން، އެޤާނޫނަށް ޢަމަލުކުރަން ފަށާއިރު އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްޤުތައް ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސްގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިގޮތުން ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްސް ވާންޖެހޭނީ ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެމީހަކަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްޤުތަކާ އެއްވަރުގެ ކެޕިޓަލްއެއް ކަމުގައެވެ. އަދި އެ ކެޕިޓަލްއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ ޕެންށަން އޮފީހުން އެއްބަސްވާ އިންޓްރެސްޓް ރޭޓަކުން އިންޓަރެސްޓް ދެވޭނެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ފަރާތުން ރިކޮގްނިށަން ބޮންޑްސް އިށޫ ކުރުމަށްފަހު، އެކްރޫޑް ޕެންށަންގެ ހައްޤު ލިބޭ ފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް މި ގަވާއިދުގައި ވާގޮތުގެ މަތިން ޑިޕޮސިޓް ކުރެވޭނެއެވެ.

 

5 ވަނަ މާއްދާ 

ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް، އެކްރޫޑް ޕެންށަންގެ ހައްޤުތައް ދެނެގަންނާނެ އަދި ލިބިދެވޭނެ އިންތިޒާމްތައް ޕެންށަން އޮފީހުގެ ބޯޑުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މިގޮތުން، ޕެންށަން އޮފީހުން ހުށަހަޅާ ހުށަހެޅުންތަކަށް ބިނާކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން، ދައުލަތުގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންނަށް، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން އެކްރޫޑް ޕެންށަންގެ ހައްޤުތައް ދެނެގަނެ ރިކޮގްނިށަން ބޮންޑްސް ލިބިދެވޭނެ އިންތިޒާމްތައް މިގަވާއިދުގެ 3 ވަނަ ބައިގައި އެވަނީއެވެ.

 

6 ވަނަ މާއްދާ 

ރިޓަޔަރމަންޓް ޕެންށަން ސްކީމަށް، ދައުލަތުގެ ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަގުތީ ލުޔެއް ދިންނަމަވެސް، އޭގެ ސަބަބުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއިން ލިބޭ ނަފާ، މިލުއި ދިނުމުގެ ސަބަބުން ކުޑަވެގެންނުވާނެއެވެ.

 

 

2 ވަނަ ބައި

ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޕެންށަންގެ ފައިސާ ދޫކުރުން

 

7 ވަނަ މާއްދާ – ތައާރަފު

ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޕެންށަންގެ ފައިސާ ހިސާބު ކުރުމުގައާއި، އަދި ފައިސާ ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، މިބައިގައި ބަޔާންކޮށްފައި ވާނެއެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަން ކަން ހިމެނެއެވެ.

  1. ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންނަށް، ޕެންށަނަށް އެދި ހުށަހެޅުމުގެ ށަރުތު ހަމަވާކަން ޕެންށަން އޮފީހުން އެންގުމާގުޅޭ އުސޫލުތައް.
  2. ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް ޕެންށަން ހައްޤުވާ ތާރީހް، އަދި މިސްކީމްގެ ބައިވެރިން ޕެންށަން ފައިސާ ހޯދުމަށް ހުށަހަޅާނެގޮތް.
  3. ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާގެ އަދަދަށް ނިސްބަތްކޮށް، ކޮންމެ މަހަކު ޕެންށަންގެ ގޮތުގައި ދެވޭ ފައިސާ ހިސާބުކުރާ ގޮތުގެ ތަފުސީލު އުސޫލުތަކާއި، އަދި ފައިސާ ދޫކުރާ ގޮތުގެ އުސޫލުތައް.
  4. އުމުރުން 55 އަހަރު ފުރިފައިވާ، ނަމަވެސް 65 އަހަރު ނުފުރޭ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކަށް ، "އާރލީ ޕެންށަން ވިތްޑްރޯވަލް" ގެ ގޮތުގައި ޕެންށަން ފައިސާ ދޫކުރުމުގެ އުސޫލުތައް.

 

8 ވަމަ މާއްދާ - ޕެންށަނަށް ބަލާ އުމުރު ހަމަވާ ކަމުގެ ނޯޓިސް

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވާގޮތުގެމަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ކޮންމެ ބައިވެރިއަކަށްވެސް، އުމުރުން 65 އަހަރު ހަމަވުމުގެ 6 މަސްދުވަސް ކުރިން ޕެންށަނަށް އެދި ހުށަހެޅުމުގެ ށަރުތު ހަމަވާކަން، ޕެންށަނަށް ބަލާ އުމުރު ހަމަވާކަމުގެ ނޯޓިސް މެދުވެރިކޮށް ޕެންށަން އޮފީހުން އަންގަންވާނެއެވެ.

(ށ) ޕެންށަނަށް ބަލާ އުމުރު ހަމަވާކަމުގެ ނޯޓިސް ޕޯސްޓުން ނުވަތަ ޕެންށަން އޮފީހުން އެފަރާތަކަށް ރައްދުކުރުމަށް އެކަށީގެންވާކަމަށް ފެންނަ ވަސީލަތެއް މެދުވެރިކޮށް ފޮނުވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ ބަދަލުގައި، 1 މޭ 2010 އިން ފެށިގެން 31 ޑިސެމްބަރ 2010 ގެ ނިޔަލަށް ޕެންށަނަށް ބަލާ އުމުރު ހަމަވެފައިވާ ނުވަތަ ޕެންށަނަށް ބަލާ އުމުރު ހަމަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ނޯޓިސް ވީއެންމެ  އަވަސް މުއްދަތެއްގެ ތެރޭގައި ޕެންށަން އޮފީހުން ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - ޕެންށަން ލިބުމަށް ށަރުތު ފުރިހަމަވުން

ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ކޮންމެ ބައިވެރިއަކަށްވެސް، ޕެންށަނަށް ބަލާ އުމުރު ހަމަވުމުން ޕެންށަން ލިބޭނެއެވެ. އަދި ވަކި ހާލަތެއްގައި، އުމުރުން 55 އަހަރުވުމުން "އާރލީ ޕެންށަން ވިތްޑްރޯވަލް" އަށް ށަރުތު ހަމަވާނެއެވެ. (މިގޮތުން މިޕެންށަން ލިބޭނެ އުސޫލުތައް މިގަވާއިދުގެ 14 ވަނަ މާއްދާގައި އެވަނީއެވެ).

 

10 ވަނަ މާއްދާ - ޕެންށަނަށް އެދޭ ފަރާތުގެ މައުލޫމާތު ފޯމު ހުށަހެޅުން

(ހ) ޕެންށަނަށް ބަލާ އުމުރު ހަމަވާކަމުގެ ނޯޓިސް ލިބުމުން ނުވަތަ އުމުރުން 55 އަހަރުވުމުން، ޕެންށަންގެ ފައިސާ ލިބިގަތުމަށްޓަކައި، އެކަމަށް ކަނޑައެޅިފައިވާ ޕެންށަނަށް އެދޭ ފޯމު ފުރުމަށްފަހު ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) ޕެންށަނަށް ބަލާ އުމުރު ހަމަވާ މަހުން ފެށިގެން ޕެންށަންގެ ފައިސާ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއާގެ ބޭންކް އެކައުންޓަށް ޖަމާކުރުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، ޕެންށަނަށް ބަލާ އުމުރު ހަމަވުމުގެ 45 ދުވަހުގެ ކުރިން މިފޯމު ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.

(ނ) ޕެންށަނަށް އެދޭ ފޯމު ޢާންމުކޮށް ލިބޭނެގޮތް، ޕެންށަން އޮފީހުން ހަމަޖައްސަން ވާނެއެވެ. ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން، ޕެންށަން އޮފީހުންނާއި، އެ އޮފީހުގެ ވެބްސައިޓުން މި ފޯމު ލިބޭނެ އިންތިޒާމް ހަމަޖައްސަން ވާނެއެވެ. ޕެންށަނަށް އެދޭ ފޯމު ގައި ތިރީގައިވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

  1. ފުރިހަމަ ނަން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ބިދޭސީއެއްނަމަ، އިމިގްރޭށަން ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު
  3. ދާއިމީ އެޑްރެސް
  4. މިހާރު އުޅޭ އެޑްރެސް
  5. ބޭންކް އެކައުންޓުގެ ތަފުސީލު
  6. މީގެ އިތުރުންވެސް، ޕެންށަންގެ ފައިސާ ދޫކުރުމާއި، ސްކީމް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ސްކީމްގެ ބައިވެރިއާގެ ފޯނު ނަންބަރާއި، ފެކްސް ނަންބަރާއި، އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. ނަމަވެސް ސްކީމްގެ ބައިވެރިއަކަށް މިއިން ހިދުމަތެއް ނުލިބޭނަމަ، އެ ހިދުމަތެއްގެ މަޢުލޫމާތު ހިމެނުން ލާޒިމެއް ނޫނެވެ.

(ރ) ޕެންށަނަށް އެދޭ ފޯމު ޕެންށަން އޮފީހަށް ހުށަހެޅުމުން، ފޯމުގައިވާ މަޢުލޫމާތު ސައްހަތޯ ބެލުމުގައި ޢަމަލުކުރާނީ، ޕެންށަން އޮފީހުން ށާއިޢުކޮށްފައިވާ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު" ގެ 6 ،7 އަދި 8 ވަނަ މާއްދާގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - ޕެންށަނަށް ށަރުތުހަމަވާކަން ކަނޑައެޅުން

(ހ) ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް، ޕެންށަން އޮފީހަށް ހުށަހެޅުމުން، އެ ފޯމު ހުށަހެޅި ފަރާތަކީ، ޕެންށަން ލިބުމުގެ ށަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، ނުވަތަ ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނޫންކަމަށް ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، އެ ފޯމު ހުށަހެޅި ފަރާތަކަށް ޕެންށަން އޮފީހުން އެކަން އަންގަން ވާނެއެވެ. އަދި މިގޮތުން އަންގާ އެންގުމުގައި، ށަރުތު ފުރިހަމަ ނުވާކަމަށް ކަނޑައެޅި ސަބަބު، ނުވަތަ މަޢުލޫމާތު ފުރިހަމަ ނުވާ ކަމަށް ކަނޑައެޅި ސަބަބު ބަޔާން ކޮށްދޭންވާނެއެވެ.

(ށ) ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް، ޕެންށަން އޮފީހަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު ޕެންށަން އޮފީހުން ނިންމި ގޮތް އެ ފޯމު ހުށަހެޅި ފަރާތަށް އެންގުމުގައި، އެ ނިންމުން އަލުން ބަލައިދިނުމަށް އެދެވޭނެގޮތް ބަޔާންކޮށްދޭން ވާނެއެވެ. (މިގަވާއިދުގެ 5 ވަނަ ބައިގައި މިކަމާގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވާނެއެވެ.)

 

12 ވަނަ މާއްދާ - ޕެންށަންގެ ގޮތުގައި ލިބޭނެ ފައިސާ ހިސާބުކުރުން

(ހ) ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕެންށަން އޮފީހަށް ހުށަހަޅާފައިނުވި ނަމަވެސް، ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ކޮންމެ ބައިވެރިއަކުވެސް އުމުރުން 65 އަހަރު ފުރުމުން ޕެންށަންގެ ގޮތުގައި އެބައިވެރިއަކަށް ކޮންމެ މަހަކު ލިބޭނެ ފައިސާގެ އަދަދު ހިސާބު ކުރެވޭނެއެވެ.

(ށ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް ޕެންށަންގެ ގޮތުގައި ކޮންމެ މަހަކު ދެވޭ ފައިސާގެ އަދަދަކީ، އެބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ޖުމުލަ ފައިސާގެ އަދަދު، ލައިފް އެކްސްޕެކްޓަންސީއަށް ނިސްބަތްކޮށް، މިގަވާއިދުގައިވާ ގޮތުގެމަތިން ހިސާބު ކުރުމުން އަންނަ އަދަދެވެ.

(ނ) ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކަށް އުމުރުން 65 އަހަރުވުމުން، އެފަރާތުގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓްގައިވާ ފައިސާ އިންވެސްޓްކުރާނީ ލޯ ރިސްކް އިންވެސްޓްމަންޓްތަކުގައެވެ. އަދި މިގޮތުގެ މަތިން އިންވެސްޓް ކޮށްގެން ކޮންމެ އަހަރަކު ލިބޭ ފައިދާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓަށް ޖަމާކުރެވޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބު ކުރުމުން ޕެންށަންގެ ގޮތުގައި ކޮންމެ 9 މަހަކު ލިބޭ ފައިސާގެ އަދަދު އަސާސީ ޕެންށަނަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުނަމަ، ކޮންމެ މަހަކު ޕެންށަންގެ ގޮތުގައި ދެވޭ އަދަދަކީ އަސާސީ ޕެންށަނާ އެއްވަރުގެ އަދަދެކެވެ. މިގޮތުން ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ކަނޑައަޅާ ފޯމިއުލާ ތިރީގައި އެވަނީއެވެ.

 މަހަކު ދެވޭ ޕެންށަން ފައިސާގެ އަދަދު = ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާގެ ޖުމުލަ އަދަދު ÷ ލައިފް އެކްސްޕެކްޓަންސީ 

(މަހަކުދެވޭ ޕެންށަން ފައިސާގެ އަދަދު ކޮންމެ އަހަރަކު އެއަހަރެއްގައި ހިމެނޭ މަސްތަކަށް ހިސާބުކުރާނީ އެއަހަރެއްގައި ލިބޭ ފައިދާ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓަށް ޖަމާކުރުމަށްފަހު، ލައިފް އެކްސްޕެކްޓެންސީގައި ބާކީވާ މުއްދަތަށެވެ.)

(ބ) މަތީގައިވާ ފޯމިއުލާގައި "ލައިފް އެކްސްޕެކްޓަންސީ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި ލައިފް އެކްސްޕެކްޓަންސީ ކަމަށް ވާރލްޑް ހެލްތް އޯގަނައިޒޭށަން (ޑަބްލިއު.އެޗް.އޯ.) އިން ކަނޑައަޅާފައިވާ އުމުރަށް ރިޢާޔަތްކޮށް، ފެންށަންގެ ފައިސާ ދޫކުރުމަށް އަންދާޒާ ކުރެވިފައިވާ ޖުމުލަ މަހުގެ އަދަދަށެވެ. ލައިފް އެކްސްޕެކްޓެންސީ ކަނޑައަޅަންވާނީ ޕެންށަން އޮފީހުން ށާއިޢުކޮށްފައިވާ މޯރޓަލިޓީ ޓޭބަލް (“Mortality table”) އާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ޅ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ފައިސާ އިންވެސްޓްކޮންގެން ލިބޭ ނަތީޖާގެ ތަޖުރިބާއަށާއި، އިންފްލޭށަން ރޭޓަށާއި، އަދި މިނޫންވެސް ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދަށް ބަދަލު އަތުވެދާނެފަދަ އިޤްތިސާދީ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޕެންށަން އޮފީހުން، ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ކަނޑައެޅުމުގައި ބޭނުންކުރާ ފޯމިއުލާ މުތާލިޢާ ކުރެވިދާނެއެވެ. ލައިފް އެކްސްޕެކްޓަންސީއަށް އަންނަ ބަދަލުތަކާ އެއްގޮތްވާގޮތުގެ މަތިން (ދެ ޖިންސުގެ މީހުންގެ ލައިފް އެކްސްޕެކްޓަންސީ ތަފާތުވާނަމަ، އެކަމަށްވެސް ރިޢާޔަތް ކުރުމަށްފަހު) ލައިފް އެކްސްޕެކްޓަންސީ ކަނޑައެޅުމަށްޓަކައި މޯރޓަލިޓީ ޓޭބަލް އިސްލާހު ކުރުމުގެ އިހުތިޔާރު، ޕެންށަން އޮފީހަށް ލިބިގެންވެއެވެ. މިގޮތުން މޯރޓަލިޓީ ޓޭބަލް އިސްލާހު ކުރުމުގައި، ސްކީމްގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ފައިސާ، ކަނޑައެޅިފައިވާ އުމުރު ފާއިތުވުމުގެ ކުރިން ހުސްވުމުގެ ފުރުސަތު އޮތް މިންވަރު، ޕެންށަން އޮފީހުން ބަލަންވާނެއެވެ. އަދި މޯރޓަލިޓީ ޓޭބަލްއަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އެ ބަދަލެއް ޕެންށަން އޮފީހުން ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

(ކ) ޕެންށަނަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން ކޮންމެ މަހަކު ޕެންށަންގެ ގޮތުގައި ދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބު ކުރުމުން ޕެންށަންގެ ގޮތުގައި ދިނުމަށް ކަނޑައެޅޭ ފައިސާގެ އަދަދެވެ.

(އ) މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބު ކުރުމުން މަހަކަށް ޖެހޭ ފައިސާގެ އަދަދު، ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއެއް ޕެންށަނަށް އެދޭ ފޯމު ހުށަހަޅާފައި ނުވުމުގެ ސަބަބުން ނުވަތަ މިނޫންވެސް އެހެން ސަބަބަކާ ހުރެ އެބައިވެރިއެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ފެށިފައި ނުވި ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި އެބައިވެރިއަކަށް ހައްޤުވާ ފައިސާގެ އަދަދު ހިސާބުކުރުމުގައި، އެ ފައިސާގެ އަދަދަކީ އެބައިވެރިއަކަށް ލިބެމުންދާ ފައިސާގެ އަދަދެއް ކަމުގައި ބެލެވޭނެއެވެ.

 

13 ވަނަ މާއެްދާ - ޕެންށަންގެ ފައިސާ ދެވޭނެ ގޮތް، އަދި އެކައުންޓުގެ ބާކީއައިމެދު އަމަލުކުރާނެ ގޮތް

(ހ) މިގަވާއިދުގައި ވާގޮތުގެމަތިން، ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ، ޕެންށަނަށް ބަލާ އުމުރު ހަމަވުމުން ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ މަހަކު ކަނޑައެޅޭ ވަކި އަދަދެއްގެ ފައިސާ ދޫކުރާ އުސޫލުންނެވެ. ކޮންމެ މަހަކު ޕެންށަންގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ ބަދަލުގައި، ނުވަތަ އޭގެ އިތުރުން، ޕެންށަންގެ ފައިސާ ދޫކުރެވިދާނެ އިތުރު ގޮތްތަކަކީ ކޮބައިތޯ ޕެންށަން އޮފީހުން ބަލަންވާނެއެވެ. އަދި މިގޮތްތައް ބަލާއިރު، އިޤްތިސާދީ ގޮތުންނާއި އިދާރީ ގޮތުން މީގެ ސަބަބުން ކުރާނެ އަސަރަށް ރިޢާޔަތް ކުރަންވާނެއެވެ.

(ށ) ކޮންމެ މަހަކު ދެވޭ ޕެންށަންގެ ފައިސާއަކީ އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ކަނޑާލެވޭ އަދަދެކެވެ. ކޮންމެ މަހަކު ދެވޭ ޕެންށަންގެ ފައިސާ އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ކެނޑުމަށްފަހު، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ބާކީ ހުންނަ އެސެޓަކީ، ޕެންށަން އޮފީހުން ބަލަހައްޓާ ޕެންށަން ފަންޑުގައި އިންވެސްޓް ކުރެވޭނެ އެސެޓެކެވެ. އަދި މި އެސެޓަކީ އިންވެސްޓްކޮށްފައިވާ އެހެންވެސް އެސެޓްތަކެކޭ އެއްފަދައިން، އެ އިންވެސްޓްމަންޓްތަކުން ފައިދާ ނުވަތަ ގެއްލުންވުމުގެ ފުރުސަތު އޮތް އެސެޓެކެވެ.

(ނ) ޕެންށަންގެ ފައިސާ ލިބެމުންދާ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުންނަ ފައިސާ އިންވެސްޓްކުރުމުގައި ޢަމަލުކުރާނެ ވަކި ސިޔާސަތެއް ކަނޑައެޅުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.

(ރ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ހުސްވަންދެން، ނުވަތަ ބައިވެރިއަކު މަރުވަންދެން، މީގެ ތެރެއިން ކުރިން ހިނގާ ކަމަކާހަމައަށް، ކޮންމެ މަހަކު ދެވޭ ޕެންށަންގެ ފައިސާ ދެވޭނެއެވެ.

(ބ) ކޮންމެ މަހަކު ދެވޭ ރިޓަޔަރމަންޓް ޕެންށަންގެ ފައިސާ ދޫކުރެވޭނީ، ޕެންށަން އޮފީހުން ށާއިޢުކޮށްފައިވާ "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު" ގައި އަސާސީ ޕެންށަން ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަ ނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

14 ވަނަ މާއްދާ - އަރލީ ޕެންށަން ވިތްޑްރޯވަލް

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން، "އަރލީ ޕެންށަން ވިތްޑްރޯވަލް" އަކީ، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ އުމުރުން 55 އަހަރު ފުރުމުން، ކޮންމެ މަހަކު އެއްފަހަރު ކަނޑައެޅޭ ވަކި އަދަދެއްގެ ފައިސާ ދޫކުރާ އުސޫލުން ދެވޭ ޕެންށަނެކެވެ.

(ށ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި، އެ މީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު ނުވަތަ "އަރލީ ޕެންށަން ވިތްޑްރޯވަލް" އަށް އެދި ހުށަހަޅާ އިރު، ޖަމާވެފައިހުރި ފައިސާގެ ޖުމުލަ އަދަދު، ޕެންށަން އޮފީހުން ޕެންށަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތްވާގޮތަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދު، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި ދެވޭ ފައިސާގެ އަދަދުގެ ދެގުނައަށްވުރެ ބޮޑުވާނަމަ، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ޕެންށަން ދެވިދާނެއެވެ.

(ނ) "އަރލީ ޕެންށަން ވިތްޑްރޯވަލް" ގެ ގޮތުގައި ދޫކުރެވޭ ފައިސާގެ އަދަދު ހިސާބު ކުރާނީ މިގަވާއިދުގައި އިސްވެ ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތް ވާގޮތުގެ މަތީންނެވެ. އަދި މި ޕެންށަން ކަނޑައެޅުމުގައިވެސް ޕެންށަން އޮފީހުން ޢާންމުކޮށްފައިވާ މޯރޓަލިޓީ ތާވަލްއަށް ރިޢާޔަތް ކުރަންވާނެއެވެ.

(ރ) ޕެންށަނަށް އެދޭ ފޯމު، ޕެންށަން އޮފީހަށް ހުށަހަޅައިގެން "އަރލީ ޕެންށަން ވިތްޑްރޯވަލް" އަށް އެދެވިދާނެއެވެ. މިފޯމު ޕެންށަން އޮފީހުންނާއި، ޕެންށަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

(ބ) "އަރލީ ޕެންށަން ވިތްޑްރޯވަލް" އަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމާމެދު ޕެންށަން އޮފީހުން ނިންމިގޮތް، އެ ފަރާތަކަށް އަންގަން ވާނެއެވެ.

(ޅ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ދ) ގައިވާގޮތުން، "އަރލީ ޕެންށަން ވިތްޑްރޯވަލް" ލިބޭ ބައިވެރިއަކު ވަޒީފާ އަދާކުރިނަމަވެސް، އެ ބައިވެރިއަކު އަދި އެ ބައިވެރިއަކުގެ ވަޒީފާދޭ ފަރާތުން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުން ނިމުމަކަށް އަންނާނެއެވެ.

 

 

3 ވަނަ ބައި

އެކްރޫޑް ޕެންށަން ހައްގުތައް އަދި ރިކޮގްނިށަން ބޮންޑްސް 

 

15 ވަނަ މާއްދާ - ތައާރަފު

(ހ) މި ބައިގައި ބަޔާންކޮށްފައިވާނީ، އެކްރޫޑް ޕެންށަން ހައްޤުތައް އެކަށައަޅާނެ ގޮތާއި، ރިކޮގްނިށަން ބޮންޑްސް ހިސާބު ކުރެވޭނެގޮތާއި، އަދި ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރުމުގައި ހިސާބުކުރާ އުސޫލެވެ.

(ށ) 1 މެއި 2010 ގެ ކުރިން، 20 އަހަރުގެ ނުވަތަ 40 އަހަރުގެ ޕެންށަން ލިބެމުން އަންނަ މީހަކަށް، އޭނާ ހިދުމަތްކޮށްފައިވާ މުއްދަތަށް ރިކޮގްނިށަން ބޮންޑްސް ލިބުމުގައި އިހުތިޔާރު ކުރެވިދާނެ ގޮތްތައް މިގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު (13 މެއި 2009 ގައި) ދައުލަތުގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން 65 އަހަރު ފުރިފައިނުވާ މުވައްޒަފުންނަށް، 30 އޭޕްރީލް 2010 އާހަމައަށް ހިދުމަތް ކޮށްފައިވާ މުއްދަތަށް ނިސްބަތްކޮށް، ކޮންމެ މުވައްޒަފަކަށްވެސް އެކްރޫޑް ޕެންށަންގެ ހައްޤުގެ ގޮތުގައި، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނާއި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އަދަދެއްގެ ފައިސާ "އެކްރޫޑް ޕެންށަން ހައްޤު" ގެގޮތުގައި އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާ ކުރެވޭނެއެވެ. މި ފައިސާ ޖަމާކުރެވޭނީ ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސް ގެ ގޮތުގައި އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށެވެ.

(ރ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާގޮތުން، އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ރިކޮގްނިށަން ބޮންޑްސް ޖަމާ ކުރުމަށްފަހު، އެ ފައިސާއަކީ އެ މީހެއްގެ ޤާނޫނީ މިލްކެކެވެ. އަދި، މި ބޮންޑްސް ބާތިލު ކުރުމުގެ އެއްވެސް ބާރެއް ސަރުކާރަކަށް ލިބިގެންނެއް ނުވެއެވެ.

 

16 ވަނަ މާއްދާ - ރިކޮގްނިށަން ބޮންޑްސް ހިސާބުކުރުން

(ހ) މިގަވާއިދުގެ 19 ވަނަ މާއްދާގައިވާ ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރުކުރުމުން، ރިކޮގްނިށަން ބޮންޑްސް ހިސާބު ކުރަންވާނީ ތިރީގައިވާ ފޯމިއުލާގައިވާ ގޮތުގެ މަތިންނެވެ. ރިކޮގްނިށަން ބޮންޑްސްގެ އަގު = ރިފަރެންސް ވޭޖް × ހިދުމަތްކޮށްފައިވާ މުއްދަތު × %14

(ށ) މަތީގައިވާ ފޯމިއުލާގައި ބޭނުންކުރެވިފައިވާ ލަފުޒުތަކުގެ މާނައަކީ:

  1. "ރިފަރެންސް ވޭޖް" އަކީ 13 މެއި 2009 ގައި އެ މުވައްޒަފަކަށް ލިބުނު އަސާސީ މުސާރައިގެ %93 އެވެ. ނަމަވެސް ރިފަރެންސް ވޭޖް ކަނޑައެޅުމުގައި، ކޮންމެ މަހަކު ލިބުނު އަސާސީ މުސާރަ 20،500 (ވިހި ހާސް ފަސް ސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނަމަ، އަސާސީ މުސާރަކަމުގައި ބަލާނީ 20،500 (ވިހި ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.
  2. "ހިދުމަތްކޮށްފައިވާ މުއްދަތު" އަކީ 30 އެޕްރީލް 2010 ގެ ނިޔަލަށް ދައުލަތުގެ 13 ވަޒީފާއެއް އަދާކޮށްފައިވާ ޖުމުލަ މުއްދަތެވެ.

 

17 ވަނަ މާއްދާ - ލިބިދެވޭ އިހުތިޔާރުތައް

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ (ނ) ގެ 1 ގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތްކޮށްފައިވުމުން ލިބޭ ޕެންށަން، އުމުރުން 65 އަހަރު ވުމާހަމައަށް ލިބެމުން ދިއުމަށް، ނުވަތަ އެ ޕެންށަން ދޫކޮށްލައި، ހިދުމަތްކޮށްފައިވާ ޖުމުލަ މުއްދަތަށް އެކުރޫޑް ޕެންށަންގެ ހައްޤު ނެގުމަށް އިހުތިޔާރު ކުރެވިދާނެއެވެ.

(ށ) ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތްކޮށްފައި ވުމުން ލިބޭ ޕެންށަން، އުމުރުން 65 އަހަރު ވަންދެން ލިބެމުން ދިއުމަށް އިހުތިޔާރު ކޮށްފިނަމަ، ރިކޮގްނިށަން ބޮންޑްސް ކަނޑައެޅުމުގައި ބަލާ "ހިދުމަތް ކޮށްފައިވާ މުއްދަތުން"، 20 އަހަރު ނުވަތަ 40 އަހަރު އުނިކުރެވޭނެއެވެ.

(ނ) ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތްކޮށްފައިވުމުން ޕެންށަން ލިބޭ މުވައްޒަފުންނަށް، "20 އަހަރާއި 40 އަހަރުގެ ޕެންށަން ނުވަތަ އެކްރޫޑް ހައްޤު އިހުތިޔާރު ކުރުމަށް އެދޭ ފޯމު" ޕެންށަން އޮފީހުން ފޮނުވަން ވާނެއެވެ. މިގޮތުން ފޮނުވާ ފޯމުގައި، އިހުތިޔާރު ކުރެވިދާނެ ގޮތްތަކާއި ހިސާބުތައް އެކުލެވިގެންވާންވާނެއެވެ. އަދި، އެ މީހަކު އިހުތިޔާރު ކުރާ ގޮތެއް ނިންމުމަށްފަހު، ޕެންށަން އޮފީހަށް އަންގަންވާނެ ތާރީހެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ރ) ދައުލަތުގެ މުވައްޒަފުންގެ ތެރެއިން 20 އަހަރު ނުވަތަ 40 އަހަރު ހިދުމަތްކޮށްފައިވުމުން ޕެންށަން ލިބޭ މުވައްޒަފަކު، ޕެންށަން އޮފީހުން ކަނޑައަޅާ މުއްދަތުގައި، އެ މީހަކު އިހުތިޔާރުކުރާ ގޮތެއް ނިންމުމަށްފަހު، ޕެންށަން އޮފީހަށް ހުށަހަޅާފައި ނުވާނަމަ، ބެލެވޭނީ، މިހާރު ލިބެމުންދާ ޕެންށަން ލިބެމުން ދިޔުމަށް އިހުތިޔާރު ކުރީކަމުގައެވެ. އަދި މިހާރު ލިބެމުންދާ ޕެންށަން ލިބުމަށް ނުވަތަ އެކްރޫޑް ޕެންށަންގެ ހައްޤު އިހުތިޔާރު ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވުމަށްފަހު، ހިދުމަތްކޮށްފައިވާ މުޅި މުއްދަތަށް އެކްރޫޑް ޕެންށަންގެ ހައްޤު އިހުތިޔާރު ކުރުމަށް އިތުރު ފުރުސަތެއް ނުދެވޭނެއެވެ.

 

18 ވަނަ މާއްދާ - ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރާއިރު އަގު ކުރުން

(ހ) ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓްކުރާ އިރު އޭގެ އަގަކީ، ރިކޮގްނިށަން ބޮންޑްސްގެ އަގަށް، ރިކޮގްނިށަން ބޮންޑް ލިކުއިޑޭޓްކުރާ ތާރީހާ ހަމައަށް ލިބިފައިވާ އެކްރޫޑް އިންޓަރަސްޓް އެއްކުރުމުން އަންނަ އަދަދެވެ.

(ށ) އެކުރޫޑް އިންޓަރެސްޓް ހިސާބުކުރާނީ، ކޮންޕައުންޑް އިންޓަރެސްޓް އުސޫލުން، ކޮންމެ އަހަރަކު އެއްފަހަރުއެވެ.

(ނ) އެކުރޫޑް އިންޓަރެސްޓުގެ ގޮތުގައި ލިބޭ އަދަދު، ހިސާބު ކުރަންވާނީ ތިރީގައިވާ ފޯމިއުލާގައިވާ ގޮތުގެ މަތިންނެވެ.

 އެކުރޫޑް އިންޓަރެސްޓް = ރިކޮގްނިށަން ބޮންޑްސްގެ އަގު × އިންޓަރެސްޓް ރޭޓް

(ރ) މަތީގައިވާ ފޯމިއުލާގައި ބޭނުންކުރެވިފައިވާ ލަފުޒުތަކުގެ މާނައަކީ

  1. "ރިކޮގްނިށަން ބޮންޑްސްގެ އަގު" އަކީ ދައުލަތަށް ހިދުމަތްކުރި މުއްދަތަށާއި މުސާރައަށް ބަލާ 1 މެއި 2010 ގައި އެ މުވައްޒަފުގެ އެކައުންޓަށް އެކްރޫޑް ހައްޤުގެ ގޮތުގައި ޖަމާކުރާ އަދަދެވެ.
  2. "އިންޓަރެސްޓް ރޭޓް" ހަމަޖެއްސުމަށް ކަނޑައެޅިފައިވާ ގޮތަކީ، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ށާއިޢުކުރައްވާ އެންމެ މަތީ 1 އަހަރުގެ ފިކްސްޓް ޑިޕޮސިޓް ރޭޓް ކުރިއަށް އަންނަ އަހަރަށް އިންޓަރެސްޓްގެ ގޮތުގައި ހަމަޖެއްސުމެވެ.
  3. އިންޓަރެސްޓް ރޭޓް ހިސާބު ކުރުމަށްޓަކައި، ނެގެޓިވް އަދަދު ބެލެވޭނީ ސުމެއްގެ ގޮތުގައެވެ.

 

19 ވަނަ މާއްދާ - ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ކުރިން ހިނގާ ހާލަތެއްގައި، ރިކޮގްނިށަން ބޮންޑްސްގެ އަގަށްވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ޕެންށަން ފަންޑަށް ޖަމާކުރަންވާނެއެވެ.

  1. އުމުރުން 65 އަހަރު ވުމުން.
  2. އާރލީ ޕެންށަން ވިތްޑްރޯވަލްއަށް ށަރުތު ފުރިހަމަވާ ފަރާތެއް، އެ ޕެންށަނަށް އެދި ހުށަހެޅުމުން.
  3. މިގަވާއިދުގެ 4 ވަނަ ބައިގައިވާ ގޮތުގެ މަތިން، ޕެންށަން އޮފީހުން ސްކީމްގެ ބައިވެރިއެއް ނިޔާވުމުން ވާރުތަވެރިންނަށް ފައިސާ ދޭން ކަނޑައެޅުމުން.
  4. މިމާއްދާގެ 1 ،2 ،އަދި 3 ވަނަ ނަންބަރުގައި ބުނެފައިވާ ހާލަތެއް މެދުވެރިވާ ތާރީހަށްވުރެ ކުރީގެ ތާރީހެއްގައި، ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓްކޮށް އެ އަދަދަށްވާ ފައިސާ ޕެންށަން ފަންޑަށް ޖަމާކުރުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ލިބިގެންވެއެވެ.

(ށ) ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރުމަށްފަހު ޖެހޭ މިންވަރާ އެއްވަރުގެ އަދަދެއް 15  އެ އެބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އިހުތިޔާރު ކޮށްފިނަމަ، ލިކުއިޑޭޓް ކުރާތާ 60 ދުވަހުގެ ތެރޭގައި އެކަން، ސްކީމްގެ ބައިވެރިންނަށް ޕެންށަން އޮފީހުން އަންގަންވާނެއެވެ. މިގޮތުން، އަންގާ އެންގުމުގައި، ލިކުއިޑޭޓް ކުރި ތާރީހާއި، އަދި ރިކޮގްނިށަން ބޮންޑްސް ލިކުއިޑޭޓް ކުރިގޮތުގެ ހިސާބު އެފަރާތަކަށް އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ރިކޮގްނިށަން ބޮންޑްސް އަގު ކުރުމާއި، އަދި އަގުގެ ނޯޓިސް ފޮނުވުން

(ހ) މުވައްޒަފެއްގެ ރިކޮގްނިށަން ބޮންޑްސް ހިސާބުކުރުމުގައި ބަލާނީ، މުވައްޒަފުން ވަޒީފާ އަދާކޮށްފައިވާ މުއައްސަސާއަކުން، ޕެންށަން އޮފީހަށް ފޮނުވާފައިވާ ހިދުމަތުގެ ރިކޯޑަށެވެ.

(ށ) ހިދުމަތުގެ މުއްދަތުކަމަށް ބެލެވޭނީ، ހިދުމަތް މެދުކެނޑިފައިވާ މުއްދަތު ނުހިމަނާ، ހިދުމަތްކުރި މުޅި ޖުމުލަ މުއްދަތަށެވެ.

(ނ) ރިކޮގްނިށަން ބޮންޑްސްގެ އަގު، ޕެންށަން އޮފީހުން ހިސާބުކުރުމުގެ ކުރިން، ދައުލަތުގެ މުވައްޒަފުންނަށް، އެމީހަކު ހިދުމަތްކޮށްފައިވާ މުއްދަތު ބެލޭނެ އިންތިޒާމް ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ. ހިދުމަތުގެ މުއްދަތުކަމަށް ކަނޑައަޅާފައިވާ މުއްދަތަކީ ސައްހަ ނޫން މުއްދަތެއްކަމަށް އެ މުވައްޒަފަކަށް ގަބޫލުކުރެވޭނަމަ، އެ މުވައްޒަފެއް 13  މެއި 2009 ގައި ވަޒީފާ އަދާކުރި މުއައްސަސާއަކަށް ހުށަހަޅައިގެން، އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅައިގެން ހިދުމަތުގެ މުއްދަތު ބަލައި ދިނުމަށް އެދެވިދާނެއެވެ.

(ރ) 13 މެއި 2009 ގައި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދާ ކޮންމެ މުވައްޒަފަކަށް، އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރުމަށް ކަނޑައެޅިފައިވާ ރިކޮގްނިށަން ބޮންޑްސްގެ އަގާއި، އަދި ހިސާބުކުރެވިފައިވާގޮތް އެކުލެވޭ "ރިކޮގްނިށަން ބޮންޑްސްގެ އަގުގެ ނޯޓިސް" ޕެންށަން އޮފީހުން ފޮނުވަންވާނެއެވެ. ރިކޮގްނިށަން ބޮންޑްސްގެ އަގު ހިސާބުކުރުމުގައި ބަލާފައިވާ އެންމެހައި މަޢުލޫމާތުގެ ތަފުސީލު މި ނޯޓިސްގައި ހިމަނަންވާނެއެވެ.

(ބ) ރިކޮގްނިށަން ބޮންޑްސްގެ އަގު ހިސާބު ކޮށްފައިވާގޮތް އަލުން ބަލައިދިނުމަށް އެދި ދައުލަތުގެ މުވައްޒަފަކަށް އެދެވިދާނެއެވެ. ރިކޮގްނިށަން ބޮންޑްސްގެ އަގު ހިސާބު ކުރެވިފައިވާގޮތް (ރިކޮގްނިށަން ބޮންޑްސްގެ އަގުގެ ނޯޓިސް) ޕެންށަން އޮފީހުން ފޮނުވާތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި، ރިކޮގްނިށަން ބޮންޑްސްގެ އަގު ހިސާބުކޮށްފައިވާގޮތް އަލުން ބަލައިދިނުމަށްއެދި ހުށަހަޅަން ވާނެއެވެ. ރިކޮގްނިށަން ބޮންޑްސްގެ އަގު ހިސާބުކޮށްފައިވާގޮތް ބަލައިދިނުމަށް އެދި ހުށަހަޅަންވާނީ، ޕެންށަން އޮފީހުން ކަނޑައަޅާފައިވާ "ރިކޮގްނިށަން ބޮންޑްސް ހިސާބުކޮށްފައިވާގޮތް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހުގައެވެ.

 

 

4 ވަނަ ބައި

ސްކީމްގެ ބައިވެރިއަކު މަރުވުމުން ފައިސާ ދެވޭ ގޮތް

 

21 ވަނަ މާއްދާ - ޕެންށަނަށްބަލާ އުމުރު ހަމަވުމުގެ ކުރިން ބައިވެރިއަކު މަރުވެއްޖެނަމަ، ފައިސާ ދެވޭގޮތް

(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (އ)، (ވ) އަދި (މ) ގައިވާ ގޮތުން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކު، އެޤާނޫނުގެ ދަށުން އެއްވެސް ޕެންށަނެއް ލިބުމުގެ ކުރިން މަރުވެއްޖެނަމަ، ވާރުތަމުދާ ބެހުމަށް ހަމަޖެހިފައިވާ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، އެފަދަ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ އެމީހެއްގެ ވާރުތަވެރިންނަށް ނުވަތަ ވަސިއްޔަތުން އެ މުދާ ލިބެންޖެހޭ ހައްޤުވެރިންނަށް ލިބިދެވޭނެއެވެ. މިގަވާއިދުގެ ބޭނުމަށްޓަކައި އެކައުންޓްގައި ހުރި ފައިސާ ކަމަށް ބެލެވޭނީ:

  1. ވަޒީފާދޭ ފަރާތުންނާއި އެ މުވައްޒަފަކު، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކޮށްފައިވާ އެންމެހައި ފައިސާ އަދި އެފައިސާއިން ލިބިފައިވާ އެންމެހައި ނަފާ،
  2. މުވައްޒަފު މަރުވުމާހަމައަށް، އޭނާ ވަޒީފާ އަދާކޮށްފައިވާ މުއްދަތުގައި ވަޒީފާދޭ ފަރާތުންނާއި، މުވައްޒަފުގެ ފަރާތުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންޖެހޭ އެންމެހައި ފައިސާ.
  3. މިގަވާއިދުގައިވާ ގޮތުގެ މަތިން އަގުކުރެވިފައިވާ ރިކޮގްނިށަން ބޮންޑްސްގެ )އެކްރޫޑް އިންޓްރަސްޓް ހިމެނޭގޮތަށް) ކޭށް ވެލިއު.

(ށ) ޤާނޫނީ ގޮތުން ވާރުތަވެރިންކަމަށް ކަނޑައަޅާ ފަރާތަކަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން އެފާރަތަކަށް ލިބެންވާ ބައި އެއްފަހަރާ ލިބިދެވޭނެއެވެ. ނުވަތަ އެފަރާތަކުން ބޭނުންވެއްޖެނަމަ، އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް މިފައިސާ ޖަމާކޮށްދެވޭނެއެވެ. އެގޮތުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވޭ ފައިސާއަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ދޫކުރުމާބެހޭ ގޮތުން ހިނގާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ހިނގާނެއެވެ.

 

22 ވަނަ މާއްދާ - ޕެންށަން ފައިސާ ލިބެން ފެށުމަށްފަހު ބައިވެރިޔަކު މަރުވެއްޖެނަމަ، ލިބިދެވޭނެ ޢިނާޔަތްތައް

މިގަވާއިދުގެ ދަށުން ޕެންށަން ފައިސާ މަހުން މަހަށް ދެވެން ފެށުމަށްފަހު، އެ ފައިސާ ލިބެމުންދާ ސްކީމުގެ ބައިވެރިއަކު މަރުވެއްޖެނަމަ، އެބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ބާކީ ހުރި ފައިސާ އެފަރާތެއްގެ ވާރުތަވެރިންނަށް، މިގަވާއިދުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

 

 

5 ވަނަ ބައި

ޕެންށަން ކަނޑައެޅިފައިވާ ގޮތް އިސްތިއުނާފު ކުރުމާއި އޮޅުމަކުން ދެވިފައިވާ ޕެންށަންގެ ފައިސާ

 

23 ވަނަ މާއްދާ - ރިކޮގްނިށަން ބޮންޑްސް ހިސާބުކުރުމާބެހޭ

(ހ) ސްކީމްގެ ބައިވެރިޔަކަށް ހައްޤުވާ ރިކޮގްނިށަން ބޮންޑްސްގެ އަގު ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ނުވަތަ ބޮންޑްސްގެ އަގު ހިސާބުކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށް ގަބޫލުކުރެވޭނަމަ، އެކަން އަލުން ބަލައިދިނުމަށް ޕެންށަން އޮފީހުގައި އެދެވިދާނެއެވެ. އެގޮތުން އެ އަގު ސައްހަ ނޫންކަން ސާބިތުކޮށްދިނުމަށް ބޭނުންވާ ކިތާބީ ހެކި ހުށަހެޅުމަކީ އެފަރާތުގެ ޒިންމާއެކެވެ.

(ށ) ރެކޮގްނިށަން ބޮންޑްސްގެ އަގު އަލުން ބަލައިދިނުމަށް އެދި ހުށަހަޅާނީ މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހުގައެވެ.

(ނ) ރިކޮގްނިށަން ބޮންޑްސްގެ އަގުގެ ނޯޓިސް ފޮނުވާތާ 45 ދުވަހުގެ ތެރޭގައި މިފަދަ ށަކުވާއެއް ހުށަހަޅާފައިނުވާނަމަ، އެ ބައިވެރިއަކަށް ޕެންށަން އޮފީހުން ފޮނުވާފައިވާ ރިކޮގްނިށަން ބޮންޑްސްގެ އަގުގެ ނޯޓިސް ގައިވާ ހިސާބުތައް ގަބޫލުކުރީކަމަށް ބެލެވޭނެއެވެ.

 

24 ވަނަ މާއްދާ - އާރލީ ޕެންށަން ވިތްޑްރޯވަލް އާގުޅޭ ށަކުވާ

(ހ) "އާރލީ ޕެންށަން ވިތްޑްރޯވަލް" ގެ ގޮތުގައި ޕެންށަން ފައިސާ ލިބުމަށް ށަރުތުހަމަވާކަން ކަނޑައަޅާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުން އެދި ޕެންށަން އޮފީހަށް ހުށަހެޅިދާނެއެވެ. މިކަމަށް އެދި ލިޔުމުން ހުށަހަޅާނީ މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހުއެވެ.

(ށ) ޕެންށަނަށް ށަރުތުހަމަވާކަން ކަނޑައަޅާފައިވާ ގޮތް އަލުން ބަލަން އެދޭނަމަ، އެފަރާތަކަށް އެކަން އެންގިތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަން ވާނެއެވެ.

(ނ) 45 ދުވަހުގެ ތެރޭގައި މިފަދަ ހުށަހެޅުމެއް ހުށަނާޅައިފިނަމަ، ޕެންށަން އޮފީހުން ކަނޑައަޅާފައިވާ ގޮތް ގަބޫލުކުރީކަމަށް ބެލެވޭނެއެވެ.

 

25 ވަނަ މާއްދާ - ޕެންށަން އޮފީހުން ނިންމިގޮތް އަލުން ބެލުން

(ހ) މި ގަވާއިދުގެ 23 އަދި 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ހުށަހަޅާ ހުށަހެޅުންތައް، ޕެންށަން އޮފީހުން އަލުން ބަލައި، ކޮންމެ ހުށަހެޅުމަކާ މެދު ގޮތެއް ނިންމަންވާނެއެވެ. މިގޮތުން ގޮތެއް ނިންމާއިރު، ކުރިން ބޭނުންކޮށްފައިވާ އެންމެހައި މަޢުލޫމާތާއި، އެ ހުށަހެޅުމަކާއެކު އަލަށް މަޢުލޫމާތެއް ހުށަހަޅާފައިވާނަމަ، އެ މަޢުލޫމާތަށާއި، ޕެންށަން އޮފީހަށް އެހެނިހެން ގޮތް ގޮތުން ލިބޭ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތް ކުރަންވާނެއެވެ.

(ށ) މިގޮތަށް ލިބޭ ހުށަހެޅުންތައް އަލުން ބަލައި، ދިރާސާކުރުމަށްފަހު ކަނޑައަޅާ ގޮތެއް 45 ދުވަހުގެ ތެރޭގައި އެފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

26 ވަނަ މާއްދާ - ކަމާބެހޭ ކޯޓަށް ހުށަހެޅުން

ޕެންށަން އޮފީހުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ކަމާބެހޭ ކޯޓަށް ހުށަހެޅިދާނެއެވެ.

 

27 ވަނަ މާއްދާ - އޮޅުމަކުން ނުވަތަ އިތުރަށްދެވިފައިވާ ފައިސާގެ މައްސަލަތައް

(ހ) އޮޅިގެން ނުވަތަ އިތުރަށް ޕެންށަންގެ ގޮތުގައި ބައިވެރިއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެވިފައިވާނަމަ، ކޮންމެ ސަބަބަކާހުރެ އެކަން ދިމާވިނަމަވެސް، އޮޅިގެން ނުވަތަ އިތުރަށް ޖަމާކުރެވިފައިވާ އެންމެހައި ފައިސާ އަނބުރާ ރައްދުކުރަންވާނެއެވެ.

(ށ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ބޭންކް އެކައުންޓަށް، އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައިވާކަން އެފަރާތަކަށް އެނގިއްޖެނަމަ، ލަސްނުކޮށް އެކަން ޕެންށަން އޮފީހަށް އަންގަންވާނެއެވެ.

(ނ) އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައިވާކަން ޕެންށަން އޮފީހަށް ފާހަގަކުރެވިއްޖެނަމަ، އެކަން އެފަރާތަކަށް ލިޔުމުން އަންގަން ވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި އޮޅިގެން ނުވަތަ އިތުރަށް ދެވިފައިވާ އަދަދާއި، އެކަން ހިނގާފައިވާ ތާރީހާއި، އަދި އެފައިސާ އަނބުރާ ހޯދުމަށް ޕެންށަން އޮފީހުން އަޅަން ގަސްދުކުރާ ފިޔަވަޅުތައް ބަޔާންކުރަންވާނެއެވެ.

(ރ) އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައިވާކަން އެ ފައިސާ ލިބުނު ފަރާތުން އަންގާ ތާރީހުން ފެށިގެން، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ޕެންށަން އޮފީހުން ކުރަންވާނެއެވެ. އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައިވާކަން ޕެންށަން އޮފީހަށް އެނގިއްޖެނަމަ، އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތްކުރަން ފަށާނީ ފައިސާ ޖަމާކުރެވިފައިވާ ފަރާތަށް އެކަން އަންގާ ތާރީހުން ފެށިގެންނެވެ.

(ބ) ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓްގައި ބާކީ ފައިސާ ހުރި ފަރާތަކަށް މަހުން މަހަށް ލިބޭ ޕެންށަންގެ ފައިސާ ލިބޭނަމަ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް ޕެންށަން އޮފީހުން އެފައިސާ އަނބުރާ ހޯދިދާނެއެވެ.

  1. އެފައިސާ ނުވަތަ އެއިން ބައެއް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގެ ބާކީން ނެގުން.
  2. އިތުރަށް ދެވިފައިވާ އަދަދު ހަމަވަންދެން މަހުން މަހަށް ލިބޭ ފައިސާ ނުވަތަ އެއިން ބައެއް ދިނުން ހުއްޓާލުން.
  3. އެފައިސާ ނުވަތަ ކަނޑައެޅޭ އުސޫލެއްގެ މަތިން، އެއިން ބައެއް އަނބުރާ ދެއްކުމަށް އެންގުން.

(ޅ) އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައިވާ ފަރާތުގެ، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތި، އަދި މަހުން މަހަށް އެފަރާތަކަށް ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ޤާނޫނުގެ ދަށުން އެއްވެސް ފައިސާއެއް ނުލިބޭނަމަ، އެ ފައިސާ ޤާނޫނީގޮތުން އަނބުރާ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ޕެންށަން އޮފީހަށް ލިބިފައިވެއެވެ. މިގޮތުން ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން އެމީހަކަށް ގަވާއިދުން ލިބެން ޖެހޭ ފައިސާ ހޯދުން ނުވަތަ އެފަރާތުގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހޯދުމަށް ނުވަތަ އެހެންވެސް ގޮތަކުން އެފައިސާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އެޅިދާނެއެވެ.

(ކ) އޮޅިގެން ނުވަތަ އިތުރަށް ފައިސާ ޖަމާކުރެވިފައި ވާކަމަށް ނޯޓިސް ލިބިފައިވާ ފަރާތަކުން، ޕެންށަން އޮފީހުން އަނބުރާ ހޯދުމަށް މަސައްކަތްކުރާ އަދަދާމެދު ނުވަތަ އެ ފައިސާ އަނބުރާ ހޯދުމަށް އަޅާ ފިޔަވަޅާމެދު އިޢުތިރާޒުކުރާނަމަ، މި ގަވާއިދުގައި ވާގޮތުގެމަތިން ޕެންށަން އޮފީހުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.

 

 

6 ވަނަ ބައި

އެހެނިހެން ކަންތައްތައް

 

28 ވަނަ މާއްދާ - ޕެންށަންގެ ފައިސާ ދެވޭނެގޮތާބެހޭ އެންގުންތަކާއި ފޯމުތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ފޯމެއް މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

 

ރިކޮގްނިށަން ބޮންޑްސްއާބެހޭ އެންގުންތަކާއި ފޯމުތައް

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމުތައް ބޭނުންކުރާނެ ގޮތުގެ ގައިޑްލައިންތައް މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ވެބްސައިޓްގައި ށާއިޢުކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާތަކުގައި ފޯމު ހުށަހެޅުމަށް ބުނެފައިވާ ގޮތުގެ އިތުރުން، ޕެންށަން އޮފީހުން ކަނޑައަޅާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި ފޯމުތައް ހުށަހެޅިދާނެއެވ.ެ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ށަރުޠުތަކާއި، ފޯމު ހުށަހެޅޭނެ ގޮތްތައ،ް ޕެންށަން އޮފީހުގެ ވެބްސައިޓުގައި އާންމުކޮށް ށާއިއު ކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

29 ވަނަ މާއްދާ - މާނަ ކުރުން

(ހ) މިގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަސްތަކާ ލަފުޒުތައް ބޭނުންކޮށްފައި އެވަނީ، ޕެންށަނާބެހޭ ޤާނޫނުގައި އެ ބަސްތަކާއި ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.

(ށ) މި ގަވާއިދުގައި މުފުރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްޢު މާނައިގައްޔާއި ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

30 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލު ކުރަން ފަށާނީ، މިގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

31 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-21)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ކިޔުންތެރިންގެ ހިޔާލު