-

ޕްރޮގްރާމް އޮޑިޓް ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-07)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް އޮޑިޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-07 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ރ) އާއި 8 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 71 ވަނަ މާއްދާގެ (ނ) ގެ (10) ވަނަ ނަންބަރުގެ ދަށުން އެކުލަ ވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ޕްރޮގްރާމް އޮޑިޓް ގަވާއިދު " އެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޕްރޮގްރާމް އޮޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

އެހެން ގޮތަކަށް މި ގަވާއިދުގައި މާނަކޮށްފައިވާ ތަންތަން ފިޔަވައި، އަންނަނިވި ލަފުޒުތަކުގެ މާނަ، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) "އޮތޯރިޓީ" ނުވަތަ "އެމް.ކިއު.އޭ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ" އަށެވެ.

(ށ) "އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވަރކް" (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު) އަށެވެ.

(ނ) "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.

(ރ) "ބޯޑު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށެވެ.

(ބ) "އޮޑިޓް" ކަމަށް ބުނެފައި އެވަނީ، ޕްރޮގްރާމް އޮޑިޓަށެވެ.

(ޅ) "ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، އެމް.ކިއު.އޭ. އިން އެކްރެޑިޓްކުރާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ މިންގަނޑުތަކަށް ފެތޭ، މަތީ ތައުލީމުގެ ޕްރޮގްރާމްތަކަށެވެ.

(ކ) "ބެޗް ފަށާ ތާރީހު" ކަމަށް ބަޔާންކޮށްފައި އެވަނީ، ބެޗުގެ ކިޔެވުން ފަށާ ތާރީހަށެވެ.

 

4 ވަނަ މާއްދާ - ޕްރޮގްރާމް އޮޑިޓުގައި ހިމެނޭ ބައިތައް

ޕްރޮގްރާމް އޮޑިޓުގައި ހިމެނެނީ، ތިރީގައި ބަޔާންކޮށްފައިވާ ބައިތަކެވެ.

(ހ) ބިފޯރ ކޮމެންސިންގ.

(ށ) ކިޔަވައިދެމުންދާއިރު ބެޗް އޮޑިޓްކުރުން.

(ނ) ފައިނަލް ބެޗް އޮޑިޓް.

 

5 ވަނަ މާއްދާ - އޮޑިޓްކުރެވޭ ޕްރޮގްރާމްތައް

މި ގަވާއިދުގެ ދަށުން އޮޑިޓްކުރެވޭނީ، އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ، މަތީ ތައުލީމުގެޕްރޮގްރާމްތަކެވެ.

 

6 ވަނަ މާއްދާ - ޕްރޮގްރާމް އޮޑިޓަށް ހުށަހެޅުން

(ހ) އިންޓަރނަލް ކޮލިޓީ އެށުއަރެންސް ރަނގަޅަށް ގާއިމުކޮށްފައިވާކަމަށް އެމް.ކިއު.އޭ. އިން ކަނޑައަޅާ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ މަރުކަޒުތަކުން ޕްރޮގްރާމް އޮޑިޓަށް ހުށަހަޅަންވާނެއެވެ.

(ށ) ޕްރޮގްރާމް އޮޑިޓަށް ހުށަހަޅަންވާނީ، އެމްކިއު.އޭ. އިން ށާއިއުކޮށްފައިވާ "ޕްރޮގްރާމް އޮޑިޓް ގައިޑްލައިން" ގައިވާ ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕްރޮގްރާމް އޮޑިޓަށް ހުށަހަޅާއިރު ހުށަހަޅަންވާނީ، ކޮންމެ ބެޗެއްގައި ކިޔަވާ ދަރިވަރުންނާއި ފާސްވި ދަރިވަރުން އެއްކޮށެވެ.

(ރ) ކިޔަވައިދެމުންދާއިރު ބެޗް އޮޑި ޓުކުރަން މަރުކަޒުތަކުން އެމް.ކިއު.އޭ. އަށް ހުށަހަޅާކަށެއްނުޖެހޭނެއެވެ.

(ބ) ބެޗެއްގެ އިމްތިހާނުތައް ނިންމާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "ފައިނަލް ބެޗް އޮޑިޓް" އަށް އެމް.ކިއު.އޭ. އަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާ ގެ (ހ) ގެ ދަށުން އިސްތިސްނާކުރެވޭ މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ވެސް، ޕްރޮގްރާމް އޮޑިޓުގެ "ބިފޯރ ކޮމެންސިންގ" މަރުހަލާގައި އެންރޯލްވާ ދަރިވަރުންގެ މައުލޫމާތާއި، "ފައިނަލް ބެޗް އޮޑިޓް" މަރުހަލާގައި މި މާއްދާގެ (ނ) ގައިވާ ގޮތަށް ފާސްވި ދަރިވަރުންގެ މައުލޫމާތު އެމް.ކިއު.އޭ. އިން ކަނޑައަޅާ ގޮތެއްގެ މަތީން ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ޕްރޮގްރާމް އޮޑިޓްކުރުން

ޕްރޮގްރާމް އޮޑިޓްކުރުމުގައި، އޮތޯރިޓީއާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކުން ވެސް އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކަށާއި، އޮތޯރިޓީގެ "ޕްރޮގްރާމް އޮޑިޓް ގައިޑްލައިން" ގައިވާ ފަދައިންނެވެ.

 

8 ވަނަ މާއްދާ - ޕްރޮގްރާމް އޮޑިޓަށް ހޭދަވާ މުއްދަތު

(ހ) މި ގަވާއިދު ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ބިފޯ ކޮމެންސިންގ" އަށް ހުށަހަޅާ މައުލޫމާތު ފޯމު، ތިރީގައިވާ މުއްދަތުގެ ތެރޭގައި އެމް.ކިއު.އޭ. އަށް ހުށަހަޅަންވާނެއެވެ. 

އެމް.އެން.ކިއު.ލެވެލް

ހުށަހަޅަންޖެހޭ މުއްދަތު

ލެވެލް 1 ބެޗް ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) ހަފުތާ 
ލެވެލް 2 ބެޗް ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) ހަފުތާ 
ލެވެލް 3 ބެެޗް ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) ހަފުތާ 
ލެވެލް 4 އިން މަތި ބެެޗް ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަސް

 

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ފައިނަލް ބެޗް އޮޑިޓް" ކުރުމަށް އެމް.ކިއު.އޭ. އަށް ހުށަހެޅުމަށްފަހު، ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހުށަހަޅައިފައި ވާނަމަ، ތިރީގައިވާ މުއްދަތުގެ ތެރޭގައި އެމް.ކިއު.އޭ. އިން މަރުކަޒަށް ސަނަދު ދޫކުރުމުގެ ޖަވާބު ދެވޭނެއެވެ. 

 

އެމް.އެން.ކިއު.އެފް ލެވެލް

ޖަވާބު ދޭނެ މުއްދަތު

ލެވެލް 1-3 (50 ދަރިވަރުންނަށް ވުރެ މަދު)  2 (ދޭއް) ހަފުތާ 
ލެވެލް 1-3 (50 ދަރިވަރުންނަށް ވުރެ ގިނަ)  3 (ތިނެއް) ހަފްތާ
ލެވެލް 4 އިން މަތި (20 ދަރިވަރުންނަށް ވުރެ މަދު) 4 (ހަތަރެއް) ހަފްތާ
ލެވެލް 4 އިން މަތި (20 ދަރިވަރުންނަށް ވުރެ ގިނަ) 6 (ހައެއް) ހަފްތާ
   

 

9 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) އެމް.ކިއު.އޭ. އިން އެކްރެޑިޓްކޮށްފައިވާ އެއްވެސް ޕްރޮގްރާމެއްގެ އޮޑިޓްކުރުމުގެ އެއްވެސް މަރުހަލާއެއްގައި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ އެއްވެސް މިންގަނޑަކާ ހިލާފުވެއްޖެ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. އެކްރެޑިޓޭށަން މިންގަނޑުތަކާ ހިލާފުވި ކަމެއް 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަންގައި، އިންޒާރުގެ ސިޓީއެއް ފޮނުވުން؛
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޒާރުގެ ސިޓީ ފޮނުވުމަށްފަހު، ދީފައިވާ މުއްދަތުގެ ތެރޭގައި އެކްރެޑިޓޭށަން މިންގަނޑުތަކާ ހިލާފުވި ކަމެއް ރަނގަޅުނުކޮށްފި ނަމަ، ތިރީގައިވާ 2 (ދޭއް) ފިޔަވަޅު އަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

• އެ މަރުކަޒެއް 8،000 (އަށްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛ އަދި

• އެ ޕްރޮގްރާމެއްގެ އިތުރު ބެޗެއް ނެގުމަށް ހުއްދަ ނުދިނުން.

(ށ) މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރު ބެޗްތަކަށް ދަރިވަރުން ނެގުމަށް ދޭ ހުއްދަ ހުއްޓައިލުމަށްފަހު، އެ ހުއްދަ އަލުން ދެވޭނީ، އެކްރެޑިޓޭށަން މިންގަނޑުތަކާ ހިލާފުވި ކަމެއް އިސްލާހުކުރުމަށް ފަހުގައެވެ.

 

10 ވަނަ މާއްދާ - މި ގަވާއި ދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕްރޮގްރާމް އޮޑިޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-78)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު (ގާނޫނު ނަންބަރު 2021-07)

ކިޔުންތެރިންގެ ހިޔާލު