ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2016-15)
(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަމްބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުން ދިވެހިރާއްޖެ އަންނަ މީހުންނާއި ފުރާ މީހުންނާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދެކެވެ.
(ށ) މިި ގަވާއިދަށް ކިޔާނީ، "ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރވުމާއި ފުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރު ބަނދަރުކުރުން
(ހ) ދިވެހިރާއްޖެއިން ބޭރުން އަންނަ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބަނދަރުކުރަންވާނީ، ބަނދަރުކުރުމަށް ހުއްދަ އޮތް ބަނދަރެއްގައެވެ.
(ށ) ބަައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާލެވޭ ކޮންމެ ބަނދަރަކީ، އެ ބަނދަރެއްގައި އިމިގްރޭށަންގެ އޮފީހެއް ގާއިމުކުރެވިފައިވާ ބަނދަރެއްނަމަ، މި ގަވާއިދުގެ ބޭނުމަށް ހުއްދަ އޮތް ބަނދަރެއްކަމަށް ބެލެވޭނެއެވެ.
(ށ) ކުއްލިއަކަށް ދިމާވާ ގުދުރަތީ ކާރިސާއެއްގެ ސަބަބުން، ނުވަތަ ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން، އެހެން ގޮތެއް ނެތިގެން މެނުވީ، ހުއްދަ އޮތް ބަނދަރެއް ފިޔަވައި އެހެން ބަނދަރެއްގައި، ބަނދަރުކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ބަނދަރުތައް ފިޔަވައި، އެހެން ބަނދަރަކަށް އުޅަނދެއް ވަނުމުގެ ހުއްދަ ދެވޭނީ، އެ އުޅަނދެއް ދިވެހިރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ބަނދަރަކަށް ވަންނަންޖެހޭ ސަބަބު ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ހުއްދައާއެކު، ލިޔުމަކުން އިމިގްރޭށަނަށް ހުށަހެޅުމުންނެވެ.
3 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަނެތް މީހުން
ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި އަދި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ގިންތިތަކުގެ ބިދޭސީންނަކީ، ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެ މީހުންނެވެ.
(ހ) ދިވެހިރާއްޖޭގައި ހުންނަ ދުވަސްވަރު އެމީހެއްގެ ކެއިންބުއިމާއި، ިނދުމުގެ ކަންކަން ހަމަޖެއްސޭނެގޮތެއް އޮތްކަން، ނުވަތަ އަދާކުރާނެ ވަޒީފާއެއް އޮތްކަން، ުނވަތަ އާމްދަނީ ލިބޭނެ މަސައްކަތެއް ކުރުމުގެ އެއްބަސްވުމެއް އޮތްކަން ސާބިތު ކޮށްދެވެންނެތް މީހުން.
(ށ) އާންމު ސިއްހަތަށް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން، ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވޭ މީހުން.
(ނ) އެހެން ގައުމެއްގެ އަދުލުއިންސާފަށް ފިލައިގެން އުޅޭމީހުން.
(ރ) ދިވެހިރާއްޖޭގެ އިޖްތިމާއީ ނުވަތަ ދީނީ އެއްބައިވަންތަކަމަށް އުނިކަން އަތުވެދާނެ ފަދަ ކަމެއް ކުރާ، ނުވަތަ ކުރަން އެޅޭކަމަށް ބެލެވޭ މީހުން.
(ބ) ދިވެހި ދައުލަތާ އިދިކޮޅު ހަރަކާތްތައް ހިންގާ ނުވަތަ ހިންގަން އުޅޭކަމަށް ބެލެވޭ މީހުން.
(ޅ) ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި، އެފަދަ ޖަމާއަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންނާއި، ޓެރަރިސްޓުންކަމަށް މައުލޫމާތު ލިބިފައިވާ މީހުން.
(ކ) ގައުމުގެ ރައްކާތެރިކަމަށާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން.
(އ) ދިވެހި ސަރުކާރުން އެ ގައުމެއްގެ މީހަކު ރާއްޖެ އެތެރެވުން މަނާކުރެވިފައިވާ ގައުމެއްގެ މީހަކު ނުވަތަ ބަޔަކު ކަމުގައިވުން.
(ވ) އަސްލު އޮޅުވާލުމުގެ މަގުސަދުގައި އެހެން މީހެއްގެ ޑޮކިއުމެންޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާމީހުން.
(މ) އިންސާނީ ވަގުފާރި ފަދަ ކަމަކާ ގުޅުންހުރި މީހުންނާއި އެކަމަށް ވާގިވެރިވާ އަދި ށައްކުކުރެވޭ މީހުން.
(ފ) ސަރަހައްދީ، ބައިނަލްއަގްވާމީ މުއާހަދާއަކުން ހިފެހެއްޓުމަށް އަންގާފައިވާ މީހުން.
(ދ) ސައްހަނޫން މައުލޫމާތު ދީގެން ދިވެހިރާއްޖެއަށް އެތެރެވާން މަސައްކަތްކުރާ މީހުން.
(ތ) މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ، ދިވެހިރާއްޖެ އެތެރެވުމުގެ ށަރުތުތައް ފުރިހަމަނުވާ މީހުން.
(ލ) ސައްހަނޫން ޕާސްޕޯޓުގައި އެތެރެވާން މަސައްކަތްކުރާ މީހުން.
(ގ) ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނާއި ގަވާއިދާއި ހިލާފަށް ދިވެހިރާއްޖެއަށް މީހުން އެތެރެކުރުމަށް މަސައްކަތްކުރާ މީހުން.
(ނ) އިިމިގްރޭށަން އޮފިސަރުންގެ ވާޖިބުތަކަށް ހުރަސްއެޅޭފަދަ އަމަލެ ްއ ހިންގާ ފަރާތްތައް.
(ސ) 18 އަހަރު ނުފުރޭ ބިދޭސީ ކުޑަކުއްޖަކު ދިވެހިރާއްޖޭގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އެތެރެވުމަށް، މި ގަވާއިދު ހުއްދައެއް ނުކުރެއެވެ.
(ޑ) އެންމެފަހުން ފުރި ބަނދަރުގެ އައުޓްވާޑް ކްލިއަރަންސް ލިބިފައިވާ ކުރޫލިސްޓުގެ ގޮތުގައި، ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުން ހުށަހަޅާ ލިސްޓުގައި ބަޔާންވެފައި ނެތް ބިދޭސީން، ނުވަތަ ޕާސްޕޯޓްގައި އެގްޒިޓް ތައްގަނޑު ޖަހާފައި ނެތް ބިދޭސީން، ނުވަތަ އެންމެ ފަހުން ފުރި ބަނދަރުން ދީފައިވާ ޕޯޓް ކްލިއަރަންސްގައި ބަޔާންވި ކުރޫންގެ އަދަދާއި އޭޖެންޓް ހުށަހަޅާ ލިސްޓުގައިވާ އަދަދާއި ދިމާނުވާ ކަމަށްވާނަމަ، އެފަދަ އުނޅަދުފަހަރުގައި ތިބޭ ބިދޭސީން.
(ޒ) މިި މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ އިތުރުންވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކާ އެއްގޮތްކަމަށް، ނުވަތަ އެއްބާވަތެއްކަމަށް ބެލެވޭ ގިންތިތަކުގައި ހިމެނޭ ބިދޭސީންނާއި، މި މާއްދާގައިވާ ގިންތިތައް އެގޮތަށް ކަނޑައެޅި މަގުސަދު ހާ ިސލްކުރުމަށްޓަކައި، ދިވެހިރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުން ރަނގަޅު ނުވާނެކަމަށް ފެންނަ ބިދޭސީއަކަށް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ - ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރާއި މީހުން ހުއްދަ އޮތް ބަނދަރަކަށް އައުން
އިިމިގްރޭށަންގެ އޮފީހެއް ގާއިމުކުރެވިފައިވާ ބަނދަރަކަށް ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ވަނުމާއި، އެ އުޅަނދަކުން މީހުން އައުމުގައި އެ އުޅަނދުފަހަރުގެ ކެޕްޓަނުން ނުވަތަ ލޯކަލް އެޖެންޓުން ފުރިހަމަކުރަންޖެހޭ ކަންތައްތައް:
(ހ) ދިވެހިރާއްޖެއަށް އެތެރެވާ ކަނޑު އުޅަނދުފަ ަހރުގެ ލޯޯކަލް އެޖެންޓުން، އެ އުޅަނދެއް
ދިވެހިރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އީ.ޓީ.އޭ ނޯޓިސް ފުރިހަމަ ކުރުމަށްފަހު، އެ އުޅަނދުގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭށަންއަށް ހުށަހަޅަންވާނެއެވެ.
(ށ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރު ދިވެ ިހރާއްޖޭގައި ބަނދަރުކުރާތާ 12 ގަޑިއިރުގެ ތެރޭގައި އިމިގްރޭށަނުން އެރައިވަލް ކްލިއަރަންސް ހޯދަންވާނެއެވެ.
(ނ) އިމިގްރޭށަނުން ކްލިއަރަންސް ނިންމުމަށްޓަކައި އެ އުޅަނދެއްގެ އޭޖެންޓް ނުވަތަ ކެޕްޓަން، ތިރީގައިވާ ލިޔެކިޔުންތައް އިމިގްރޭށަން އޮފިސަރަށް ހުށަހަޅަންވާނެއެވެ.
- ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރިހަމަ ލިސްޓު.
- އެ މީހަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް ނުވަތަ ބައިނަލްއަގްވާމީ ދަތުރުފަތުރުގައި، އެ މީހެއްގެ ގައުމީ ނިސްބަތާއި އެމީހެއްގެ ތަފްސީލު މަ ުއލޫމާތު އަންގައިދިނުމަށް ބޭނުންކުރާ، އެ މީހެއްގެ ފޮޓޯޖެހި އަދި ކަމާގުޅޭ ގާނޫނީ ބާރު ލިބިގެންވާ އިދާރާއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަސްމީލިޔުން.
- އެންމެ ފަހުން ފުރި ބަނދަރުގެ އިމިގްރޭށަނުން ތައްގަނޑު ޖަހައި ދޫކޮށްފައިވާ ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު. މި ލިސްޓު ނެތްނަމަ އެންމެ ފަހުން ފުރި ބަނދަރުން ކްލިއަރަންސް ދީފައިވާ ކަމުގެ ލިޔުން.
- މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފުރިހަމަކޮށްފައިވާ އެރައިވަލް ޑިކްލަރޭށަން ފޯމު.
5 ވަނަ މާއްދާ - އިމިގްރޭށަންގެ އޮފީހެއް ނެތް ބަނދަރަކަށް ކަނޑު އުޅަނދުފަހަރާއި މީހުން އައުން
(ހ) ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލެވިފައިވާ ބަނދަރުތައް ފިޔަވައި އެހެން ބަނދަރަކަށް އުޅަނދެއް ވަންނަން ޖެހިއްޖެނަމަ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނެއެވެ.
(ށ) އިިމިގްރޭށަންގެ އޮފީހެއް ގާއިމް ކުރެވިފައިނެތް ބަނދަރަކަށް ބައިނަލްއަގްވާމީ ކަނޑު ދަތުރުކުރާ އުޅަނދެއް ވަންނަނަމަ، އެ އުޅަނދެއް ބަނދަރު ކުރުމުގެ 12 (ބާރަ) ގަޑިއިރު ކުރިން އެ ބަނދަރަކަށް އިމިގްރޭށަން އޮފިސަރެއް ގެންދަންވާނެއެވެ. މިގޮތަށް ފޮނުވޭ އޮފިސަރު ގެންދިއުމާއި، ގެނައުމާއި، ހުރުމާއި، ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސުމަކީ އެ އުޅަނދެއްގެ އޭޖެންޓްގެ ޒިންމާއެކެވެ. ރަސްމީ ބަނދަރުތައް ފިޔަވައި އެހެނިހެން ބަނދަރުތަކަށް އިމިގްރޭށަން އޮފިސަރުން ގެންދިޔުމަށްޓަކައި، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯޯމު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
(ނ) އިިމިގްރޭށަންގެ އޮފީހެއް ގާއިމުކުރެވިފައިނެތް ބަނދަރަކަށް ބައިނަލްއަގްވާމީ ކަނޑު ދަތުރުކުރާ އުޅަނދެއް ވަންނަނަމަ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބިދޭސީން ދިވެހިރާއްޖެއަށް އެތެރެވުމުގެ ށަރުތުތައް
ދިިވެހިރާއްޖެއަށް ބިދޭސީން އެތެރެވުމަށްޓަކައި އެ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.
(ހ) (ހ) އެ މީހަކަށް ދޫކުރެވިފައިވާ މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓެއް ނުވަތަ ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމުގައި، އެމީހެއްގެ ގައުމީ ނިސްބަތާއި އެ މީހެއްގެ ތަފްސީލު މައުޫލމާތު އަންގައިދިނުމަށް ބޭނުންކުރާ ފޮޓޯ ޖެހި އަދި ކަމާގުޅޭ ގާނޫނީ ބާރު ލިބިގެންވާ އިދާރާއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަސްމީ ލިޔުން އޮތުން.
(ށ) ޕާސްޕޯޓްގައި ހިމަނާފައިވާ ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެވެވޭނީ، ޕާސްޕޯޓް ދޫކުރެވިފައިވާ ފަރާތާ އެކުގައެވެ.
(ނ) ދިިވެހިރާއްޖޭގެ ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 8 ވަނަ މާއްދާއާއި މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހެއް ކަމުގައިނުވުން.
(ރ) އިމިގްރޭށަން އޮފިސަރުން ކުރާ، ސުވާލުތަކަށް ޖަވާބުދާރީވުން.
(ބ) ދިވެހިރާއްޖޭގައި ހުންނާނެ ތަނެއް ހަމަޖެހިފައިވުން، ނުވަތަ ހުންނާނެ ތަނެއް ހަމަޖެހިފައިނުވާ ފަރާތްތައް ދިވެހިރާއްޖެއަށް އެތެރެވުމަށްފަހު، އެމީހަކު ހުންނާނެ ތަނެއް 24 ގަޑިއިރުގެ ތެރޭގައި ހަމަޖައްސައި، އެކަން އިމިގްރޭށަނަށް އެންގުން.
(ޅ) ދިވެހިރާއްޖެއަށް އެތެރެވާން އަންނަ ބިދޭސީ މީހާ ދިވެހިރާއްޖެ އެތެރެވުމަށް އަންނަ މަގްސަދު ބަޔާންކުރުން.
(ކ) ޕްރައިވެޓް އުޅަނދުފަހަރުން އަންނަ ފަސިންޖަރުންނާއި ފަޅުވެރިންގެ ލިސްޓު ހުށަހެޅުން.
(އ) ދިިވެހިރާއްޖޭގައި ހުންނަން ބޭނުންވާ ދުވަސްތަކަށް، ދުވަހަކަށް މަދުވެގެން 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ މަގުން ފައިސާ ހުރުން.
(ވ) މީީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގައި ނުވަތަ އިމިގްރޭށަންގެ އެހެން ގަވާއިދެއްގައި ބިދޭސީއަކު ދިވެހިރާއްޖެ އެތެރެވުމަށް ކަނޑައަޅާފައިވާ ށަރުތެއްވާނަމަ އެ ށަރުތެއް ފުރިހަމަވުން.
މި މާއްދާގައި އެވާ ށަރުތުތައް ފުރިހަމަނުވާ ފަރާތްތައް ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދިނުމާއި، އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމުގެ އިހުތިޔާރު މޯލްޑިވްސް އިމިގްރޭށަންއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އަންނަ ކަނޑު އުޅަނދުފަހަރަށް އެޑްވާންސް ކްލިއަރަންސް ދިނުން
(ހ) އެެޑްވާންސް ކްލިއަރަންސަކީ، އިމިގްރޭށަންގެ އޮފީހެއް ގާއިމުކުރެވިފައިވާ ބަނދަރަކަށް އުޅަނދެއް އަންނަނަމަ އިމިގްރޭށަނުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެ އުޅަނދަކަށް ނުގޮސް ދޭ ކްލިއަރެންސެކެވެ. އަދި އެޑްވާންސް ކްލިއަރަންސް ދޭނީ މިކަމަށް އެދި ހުށަހެޅުމުން އިމިގްރޭށަނުން ބަލަންވާ ބެލުންތައް ބެލުމަށްފަހު، ހުއްދައަށް އެދި ހުށަހަޅާފައިވާ ސަބަބަކީ އިމިގްރޭށަނަށް ގަބޫލުކުރެވޭ ސަބަބެއްކަމުގައި ވާނަމައެވެ.
(ށ) އެެޑްވާންސް ކްލިއަރަންސަށް އެދެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ހަމައެކަނި ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަށެވެ.
(ނ) އެޑްވާންސް ކްލިއަރަންސް ހޯދުމަށް ހުށަހަޅަންވާނީ، އެ އުޅަނދެއް ދިވެ ިހރާއްޖޭގައި ބަނދަރު ކުރުމުގެ 24 ގަޑިއިރު ކުރިން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ 1، 3 އަދި 4 ގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހު، ތިރީގައި ބުނެފައިވާ ތަކެއްޗާ އެކުގައެވެ.
- އިމިގްރޭށަން ކްލިއަރަންސް ހޯދުމަށް ބޭނުންވާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރިހަމަ ލިސްޓު.
- އެންމެފަހުން ފުރި ބަނދަރުން ދޫކޮށްފައިވާ އިމިގްރޭށަން އައުޓްވާޑް ކުރޫ އަދި ޕެސެންޖަރ ލިސްޓު.
- މިި މާއްދާގެ (ނ) ގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާނަމަ އެންމެފަހުން ފުރި ބަނދަރުން ދޫކޮށްފައިވާ ކްލިއަރެންސުގެ ކޮޕީ.
(ރ) އެޑްވާންސް ކްލިއަރަންސް ލިބިފައިވާ އުޅަނދު، ބަނދަރުކުރާތާ 2 ގަޑިއިރުގެ ތެރޭގައި (އޮފީސް ބަންދު ގަޑިއެއް ނަމަ ހުޅުވޭތާ 2 ގަޑިއިރުގެ ތެރޭގައި) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ހުށަހަޅައި އިމިގްރޭށަނުން އެންޑޯޒްކޮށް ކްލިއަންސުގެ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.
(ބ) މިި މާއްދާގައި ބުނެފައިވާ ކަމެއް އެ އުޅަނދެއްގެ އޭޖެންޓް ފުރިހަމަކޮށްފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) އެެންޓްރީ ކްލިއަރެންސް ނިންމުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އެ އުޅަނދެއްގެ އޭޖެންޓެވެ.
8 ވަނަ މާއްދާ - އިމިގްރޭށަނުން ކުލިއަރެންސް ދިނުމުގެ ކުރިން އުޅަނދުފަހަރަށްނޭރުމާއި، އެއިން ނުފޭބުން
(ހ) ދިިވެހިރާއްޖެއަށް އަންނަ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު، ދިވެހިރާއްޖެ އައުމަށްފަހު، އިމިގްރޭށަން އޮފިސަރުން އެ އުޅަނދަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކޮށްނިމެންދެން، އަންނަނިވި މީހުން ިފޔަވައި، އެހެން މީހަކު ނުވަތަ ބަޔަކު އެ އުޅަނދުފަހަރަށް އެރުމާއި، ފޭބުމަކީ ހުއްދަކަމެއް ނޫނެވެ.
- އުުޅަނދުގެ ކެޕްޓަން.
- ރަސްމީ ހައިސިއްޔަތުން އެ އުޅަނދަކަށް އަރަންޖެހޭ، ނުވަތަ އެ އުޅަނދަކުން ފައިބަންޖެހޭ ސަރުކާރުގެ މުވައްޒަފަކު.
- އުޅަނދުގެ ވެރިފަރާތް، ނުވަތަ އުޅަނދު ޗާޓަރުކުރި ފަރާތް، ނުވަތަ އުޅަނދުގެ ދިވެހިރާއްޖޭގެ އޭޖެންޓް.
- އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގައުމުގެ ރަސްމީ އިދާރާއެއްގެ ކަމާބެޭހ މުވައްޒަފަކު.
- އުޅަނދު ބަނދަރުކުރުމުގެ މަސައްކަތާ ގުޅިގެން ހުއްދަ ދީފައިވާ މީހަކު.
- .ސިއްހީ ހާލު ުހރިގޮތުން ކުއްލިފަރުވާ ލިބެންޖެހޭ މީހަކު.
9 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވެން ނެތް މީހުން ދިވެހިރާއްޖެއަށް އެތެރެވިޔަ ނުދިނުން
(ހ) ދިިވެހިރާއްޖެއަށް އައިސްފައިވާ އުޅަނދެއްގައި، ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވެން ނެތް މީހަކު ވާނަމަ، އެ މީހަކު، ދިވެހިރާއްޖެއަށް އެތެރެވިޔަނުދީ، އެ އުޅަނދެއްގައި، ނުވަތަ އެ އުޅަނދުގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައިވާ އެހެން އުޅަނދެއްގައި، ނުވަތަ އެ އުޅަނދުގެ ވެރިފަރާތުން ހަމަޖައްސާ އެހެން އުޅަނދެއްގައި އެ މީހަކު އަނބުރާ ގެންދިޔުމަށް އެންގުމުގެ ބާރު، މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި އެ މީހަކު އަނބުރައި ފޮނުވައިލެވެންދެން، މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލް ކަނޑައަޅާ ތަނެއްގައި، އެ މީހަކު ބަންދުކޮށްފައި ބެހެއްޓުމުގެ ބާރު، މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންނެވެ.
(ށ) ދިވެހިރާއްޖެއަށް އަންނަ އުޅަނދެއްގައި ގަވާއިދާ ހިލާފަށް މީހަކު (ސްޓޯއަވޭ އެއް)، އެ އުޅަނދަކަށް އަރައި ހުރިނަމަ، އެ އުޅަނދެއް ދިވެހިރާއްޖޭގެ އެއްވެސް ބަނދަރަކަށް ވަނުން މަނާ ކުރުމާއި، އެ އުޅަނދު އަނބުރައި ފޮނުވައިލުމުގެ ބާރު، މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރލަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) ކަނޑުމަތިން ހާލުގައި ޖެހިފައިވާ މީހަކު ނުވަތަ ބަޔަކު ދިވެހިރާއްޖެއަށް އަންނަ އުޅަނދަކަށް ނެގިނަމަ، ވީހާ އަވަހަކަށް އެ ބައެއްގެ މައުލޫމާތު އިމިގްރޭށަނަށް އަންގަންވާނެއެވެ. އެ އުޅަނދަކަށް ނެގީ ހާލުގައި ޖެހިފައިވާ ބައެއްކަން ޔަގީންވާނަމަ، މި މާއްދާގެ (ހ) އަދި (ށ) އިން އެ މީހަކު ނުވަތަ އެ ބަޔަކު އިސްތިސްނާވާނެއެވެ.
(ރ) އިމިގްރޭށަން އޮފިސަރުން، އުޅަނދެއް ބަލާއިރު، އެ އުޅަނދުގައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހަކު ހުރިތޯ ބެލުމަށްޓަކައި، އެ އުޅަނދު ބަލައި ފާސްކުރުމަށާއި، އެ އުޅަނދެއް ބެލުމުގައި ވަކި ފަޅުވެރިޔަކާއި ނުވަތަ ފަތުރުވެރިޔަކާ ނުވަތަ، އެފަދަ ވަކި ބަޔަކާ ސުވާލުކުރަން ބޭނުންވާނަމަ، އެކަން އެ އުޅަނދުގެ ކެޕްޓަން ހަމަޖައްސައިދޭން ވާނެއެވެ.
10 ވަނަ މާއްދާ - ދިވެހިރާއްޖެއަށް އަންނަ ބިދޭސީ ފަޅުވެރިން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ
ދިވެހިރާއްޖޭގައި ބަނދަރުކޮށްފައިވާ ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ބިދޭސީ ފަޅުވެރިންނަށް އެ އުޅަނދެއްގައި ތިބުމަށް ހުއްދަ ދެވޭނީ، އެ މީހަކު ދިވެހިރާއްޖެ އައި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ދަތުރެއް ނުކޮށް ދިވެހިރާއްޖޭގެ ބަނދަރުގައި އޮންނަ އުޅަނދުފަހަރުގަ ތިބޭ ބިދޭސީ ފަޅުވެރިން ސައިން އޯފް ކޮށް، ދިވެހިރާއްޖެއިން ފޮނުވާލަން ޖެހޭނެއެވެ. ނުވަތަ ދެވިފައިވާ މުއްދަތު ހަމަވުމުގެކުރިން އެ ފަރާތްތަކުގެ ޕާމިޓްގެ މުއްދަތު އިތުރުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ސީފެއަރާސް ސައިން އޮންކުރުން
(ހ) ބަައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރު ކުރާ ސީފެއަރާސްގެ ތެރޭގައި ހިމެނޭ ފަތުރުވެރިން ފިޔަވައި އެހެނިހެން ފަރާތްތައް، ސައިން އޮން ވުމަށް އެ ބައެއް، ދިވެހިރާއްޖެއަށް އައުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން ލޯޯކަލް އޭޖެންޓް މެދުވެރިކޮށް އިމިގްރޭށަނަށް ސައިން އޮން ފޯޯމު ހުށަހަޅަންވާނެއެވެ.
(ށ) ސީފެއަރރާސް ސައިން އޮން ކުރުމަށް ފޯޯމު ހުށަހެޅުމުން އެ ބިދޭސީއަކު ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަދެވޭނީ، ސައިން އޮން ވާ އުޅަނދު ދިވެހިރާއްޖޭގެ ބަނދަރެއްގައި ބަނދަރު ކޮށްފައިވާނަމަ ނުވަތަ އެ އުޅަނދެއްގެ އީ.ޓީ.އޭ ލިބިފައިވާނަމައެވެ.
(ނ) ސަައިން އޮން ވާން އެތެރެވި ބިދޭސީ ފަޅުވެރިން އެއްވެސް ސަބަބެއް ދިމާވެގެން ސައިން އޮން ކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި ސައިން އޮން ނުކުރެއްވިއްޖެނަމަ އެ ފަރާތެއް ދިވެހިރާއްޖެއިން ފޮނުވައިލަން ވާނެއެވެ.
(ރ) ސީީފެއަރރާސް ސައިން އޮން ކުރުމަށް ތިރީގައިވާ ލިޔެކިޔުންތަކާއެކު އިމިގްރޭށަނަށް ހުށަހަޅަން ވާނެއެވެ.
- ފުރިހަމަކޮށްފައިވާ ސީފެއަރރާސް ސައިން އޮން ފޯމު.
- ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ކޮޕީ.
- ސީމަން ފޮތުގެ ޑާޓާ ޕޭޖުގެ ކޮޕީ.
- ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ތަމްރީނުގެ ބޭސިކް ކޯހުގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަނުން ނުވަތަ ކަނޑު ދަތުރުފަތުރާބެހޭ ސަރުކާރުގެ މުއައްސަސާއިން ކަނޑައަޅާފައިވާ ބޭސިކް 4 ކޯހުގެ (95 STCW) ސެޓުފިކެޓުތަކުގެ ކޮޕީ.
- ދިވެހިރާއްޖެއަށް އަންނަ ސެކިއުރިޓީ އޮފިސަރުންނަކީ ހަތިޔާރު ބޭނުންކުރުގެ ހުއްދަ އޮންނަ ކުންފުންޏަކުން ފޮނުވާ ބައެއްކަން އަންގައިދޭ ލިޔުމުގެ ކޮޕީ.
- އުޅަނދުގެ ލޯޯކަލް އޭޖެންޓުކަން ކުރާ ކުންފުނި ނޫން އެހެން ކުންފުންޏަކުން ސެކިއުރިޓީ އޮފިސަރުން ހަމަޖައްސާނަމަ، އުޅަނދުގެ ލޯޯކަލް އޭޖެންޓުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ސީީފެއަރރާސް ސައިން އޮން ކުރެވޭ އުޅަނދަށް ދޫކޮށްފައިވާ ސޭފްމޭނިން ސެޓުފިކެޓު. (އުޅަނދަށް އެންމެ ގިނައިން މީހުން ހުއްދަކުރާ އަދަދު އަންގައިދޭ ލިޔުމުގެ ކޮޕީ)
މިި މާއްދާގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ޓްރޭނިންގ ސެޓުފިކެޓުތަކަށް ސްޕޮންސަރށިޕް ދިނުމުގައި ބަލައިގަނެވޭނީ ހަމައެކަނި އުޅަނދުފަހަރުގެ ފަޅުވެރިންގެ ތެރެއިން އޮފިސަރުންގެ ގިންތި ފިޔަވައި އެހެނިހެން ގިންތިތަކުގެ ފަޅުވެރިންނެވެ.
(ބ) ސީފެއަރރާސް ސައިން އޮން ފޯޯމު ހުށަހަޅައި ހުއްދަ ލިބިގެން އެތެރެކޮށްފައިވާ ބިދޭސީން ދިވެހިރާއްޖޭގައި ހުރުމަށް ދެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ސައިން އޮން ކުރަންވާނެއެވެ. ސައިން އޮން ކުރާއިރު ޕާސްޕޯޓާއި ސީމަން ފޮތް ގެންނަން ވާނެއެވެ.
(ޅ) ސަައިން އޮން ކުރަން ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު، އެ އުޅަނދަކަށް އެރުމުގެ ހުއްދައެއް ނުދެވޭނެއެވެ. އަދި މިފަދަ ފަޅުވެރިން އަނބުރައި ދިވެހިރާއްޖެއިން ފޮނުވައިލަން ވާނެއެވެ.
(ކ) ރާއްޖެއަށް އަންނަ ފަސިންޖަރު ލައިނަރުތަކާއި، ޕްލެށަރ ޔޮޓުފަހަރު ރާއްޖޭގައި ބަނދަރުކުރާއިރު، އެ އުޅަނދެއްގައި ތިބެންވާނެކަމަށް މިނިމަމް ސޭފްމޭނިންގގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ތިބޭ މީހުން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ. (އިތުރު ކުރެވިފައި)
12 ވަނަ މާއްދާ - އޯފް ޕޯޓް ލިމިޓް އަދި އޯފް ށޯރއަށް އަންނަ އުޅަނދު ފަހަރާއި މީހުން
(ހ) އޯފް ޕޯޓް ލިމިޓް އަދި އޯފް ށޯރގެ ސަރަހައްދަކީ، ޓްރާންސްޕޯޓް މިނިސްޓްރީ ނުވަތަ ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއަކުން ކަނޑައަޅާ ވަކި ސަރަހައްދުތަކަކަށް ދެވިފައިވާ ނަމެކެވެ.
(ށ) ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓަށް (އޯ.ޕީ.އެލް) ނުވަތަ އޯފް ށޯރއަށް ވަންނަ އުޅަނދުފަހަރުގެ ދަތުރު ރާވައި ހިންގާ ފަރާތްތަކުން (އޭޖެންޓުން) އެ އުޅަނދެއް ދިވެހިރާއްޖެއަށް އައުމުގެ ކުރިން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަންކަން ފުރިހަމަކުރަން ވާނެއެވެ.
13 ވަނަ މާއްދާ - އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް)
(ހ) އީ.ީ.އީ.ޒެޑަކީ ސަރުކާރުގެ ހުއްދަ ލިބިގެން ދިވެހިރާއްޖޭގެ ސަރަހައްދުގައި އިގުތިސާދީ މަސައްކަތް (މަސްވެރިކަން) ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދެކެވެ. އީ.އީ.ޒެޑުގައި މަސްވެރިކަން ކުރުމަށް އިމިގްރޭށަން ކްލިއަރަންސް ނަގާކަށް ނުޖެހޭނެއެވެ.
(ށ) ދިިވެހިރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ އޮންނަ އުޅަނދުފަހަރަށް (ފޮރިން ގޮއިންގ ވެސަލް) މަސްވެރިކަން ކުރުމަށް އީ.އީ.ޒެޑުގައި އޮވެވޭނީ، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެވީއިރު ބިދޭސީ ފަޅުވެ ިރންނަށް ދެވިފައިވާ މުއްދަތަށެވެ. އެ މުއްދަތަށް ވުރެ އިތުރަށް އޮންނަނަމަ، އުޅަނދުގައި ތިބުމަށްޓަކައި ދޭ ކުރޫ ޕާމިޓް އިތުރުކުރަން ވާނެއެވެ.
(ނ) ލޯޯކަލައިޒް ކޮށްފައިވާ (ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ވީއްލިފައިވާ) އުޅަނދުގެ ބިދޭސީ ފަޅުވެ ިރން، އެ އުޅަނދު ލޯޯކަލައިޒް ކުރުމުގެ ކުރިން މި ގަވާއިދުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސައިން އޯފް ކޮށް ދިވެހިރާއްޖެއިން ފުރުވައިލަންވާނެއެވެ. ނުވަތަ އެ އުޅަނދުގައި ތިބުމަށް ދޭ ކުރޫ ޕާމިޓް އިތުރުކުރަން ވާނެއެވެ.
14 ވަނަ މާއްދާ - އެއް އުޅަނދުން އަނެއް އުޅަނދަށް ފަޅުވެރިންނާއި ފަތުރުވެރިން ބަދަލުކުރުން
(ހ) އެއް އުޅަނދުން އަނެއް އުޅަނދަށް ފަޅުވެރިންނާއި ފަތުރުވެރިން ބަދަލުކުރެވޭނީ މޯލްޑިވްސް އިމިގްރޭށަންގެ ހުއްދަ ލިބިގެންނެވެ. މި ހުއްދަ ހޯދުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ކުރޫ ޓްރާންސްފަރ ފޯމު.
- ފަޅުވެރިންނާއި ފަސިންޖަރުންގެ ޕާސްޕޯޓް
15 ވަނަ މާއްދާ - ދިވެއްސަކު ސައިން އޮން ކުރުން
ދިިވެއްސަކު ސައިން އޮން ކުރުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސައިން އޮން ފޯމު.
- މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް.
- ސީމަނެއްކަން އަންގައިދޭ ލިޔުން.
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު.
16 ވަނަ މާއްދާ - ބިދޭސީ ފަޅުވެރިން ސައިން އޮން ކުރުން
(ހ) މިި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ބިދޭސީ ފަޅުވެރިން، ދިވެހިރާއްޖޭގައި ހުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ސައިން އޮން ކުރުމަށް ހުށަހަޅަންވާނެއެވެ.
(ށ) ބިިދޭސީ ފަޅުވެ ިރން ސައިން އޮން ކުރުމަށް މި ގަވާއިދުގެ 15 ވަނަ މާއްދާގެ 1 ،2 އަދި 3 ގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ - ބިދޭސީ ފަތުރުވެރިން ސައިން އޮން ކުރުން
ބިިދޭސީ ފަތުރުވެރިން ސައިން އޮން ކުރުމަށް މި ގަވާއިދުގެ 15 ވަނަ މާއްދާގެ 1 އަދި 2 ގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
18 ވަނަ މާއްދާ - ދިވެހި ފަޅުވެރިން ސައިން އޯފް ކުރުން
(ހ) ދިވެހިރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދެއްގައި ހުރި ދިވެހި ފަޅުވެރިއަކު އެ އުޅަނދެއް ފުރުމުގެ ކުރިން އެ އުޅަނދަކުން ފައިބާނަމަ، ސައިން އޯފް ކުރަންވާނެއެވެ. ސައިން އޯފް ވެވޭނީ އެ އުޅަނދެއް އޮންނަ ބަނދަރެއްގައި ހުރި އިމިގްރޭށަންގެ އޮފީހަށް ހުށަހަޅައިގެންނެވެ.
(ށ) ސައިން އޯފް ކުރުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް މޯލްޑިވްސް އިމިގްރޭށަންނަށް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސައިން އޯފް ފޯމް.
- މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް.
19 ވަނަ މާއްދާ - ބިދޭސީ ފަޅުވެރިން ސައިން އޯފް ކުރުން
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދުތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދެއްގައި ހުރި ފަޅުވެރިއަކު އެ އުޅަނދެއް ފުރުމުގެ ކުރިން އުޅަނދުން ފައިބާނަމަ، ސައިން އޯފް ކުރަންވާނެއެވެ. އަދި އެއްވެސް އުޅަނދެއް ލޯކަލައިޒް ކުރެވޭނީ އެ އުޅަނދެއްގައި ތިބި ފަޅުވެރިން ސައިން އޯފް ކުރުމުންނެވެ. ބިދޭސީ ފަޅުވެރިއަކު ސައިން އޯފް ކުރުމަށްފަހު އެ މީހަކަށް ރާއްޖޭގައި ހުރެވޭނީ، 30 (ތިރީސް) ދުވަހުގެ މުއްދަތަކަށެވެ. ސައިން އޯފް ވެވޭނީ، އެ އުޅަނދެއް އޮންނަ ބަނދަރެއްގައި ހުރި އިމިގްރޭށަން އޮފީހަށް ހުށަހަޅައިގެންނެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ފުރައިގެން ނުދެވޭފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ، މުއްދަތު ހަމަވުމުގެ ކުރިން ވީޒާ ނަގަންވާނެއެވެ. މި ވީޒާއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ދެވޭ ހުއްދައެއް ނޫނެވެ. (އިސްލާހު ކުރެވިފައި)
(ށ) ސައިން އޯފް ކުރުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް މޯލްޑިވްސް އިމިގްރޭށަންނަށް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސައިން އޯފް ފޯމް.
- މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް.
- 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމީހެއްގެ ޤައުމަށް އެނބުރި ދިޔުމަށް ކޮންފާރމު ކޮށްފައިވާ އެއަރ ޓިކެޓު. (އިސްލާހު ކުރެވިފައި)
20 ވަނަ މާއްދާ - ބިދޭސީ ފަތުރުވެރިން ސައިން އޯފް ކުރުން
(ހ) ދިވެހިރާއްޖެއަށް ބޭރުން އަންނަ ުނވަތަ ދިވެހިރާއްޖެއިން ބޭރަށް ފުރާ އުޅަނދެއްގައި ހުރި ފަތުރުވެރިއަކު އެ އުޅަނދެއް ފުރުމުގެ ކުރިން އުޅަނދުން ފައިބާނަމަ، ސައިން އޯފް ކުރަންވާނެއެވެ.
(ށ) ބިދޭސީ ފަތުރުވެރިއަކު ސައިން އޯފް ކުރުމަށްފަހު އެ މީހަކަށް ދިވެހިރާއްޖޭގައި ހުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއިން ފުރަންވާނެއެވެ. އެހެންނަމަވެސް، މި މާއްދާގެ (ނ) ގައި ބުނާ ށަރުތުތައް ފުރިހަމަވާ ފަތުރުވެރިންނަށް ދިވެހިރާއްޖެއަށް އެތެރެވީއިރު ދީފައިވާ ވިސާގެ މުއްދަތަށް ހުރެވިދާނެއެވެ.
(ނ) ބިދޭސީ ފަތުރުވެރިއަކު ސައިން އޯފް ކުރުމަށްފަހު ވެސް، ތިރީގައި ބަޔާންކުރާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވާނަމަ އެ މީހަކަށް އެ މީހެއްގެ ވިސާގެ މުއްދަތު ހަމަވަންދެން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ދެވިދާނެއެވެ.
- ދިވެހިރާއްޖޭގައި ހުންނަން ބޭނުންވާ ދުވަސްތަކަށް، ދުވަހަކަށް މަދުވެގެން 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެމަގުން ފައިސާ ހުރުން.
- ހޮޓެލް ރިޒަވޭށަނެއް އޮތުން.
- ވެލިޑް ރިޓާރން އެއަރ ޓިކެޓެއް އޮތުން.
(ރ) ބިދޭސީ ފަތުރުވެރިން ސައިން އޯފް ކުރުމަށްޓަކައި ތިރީގައިވާ ލިޔެކިޔުންތައް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ސައިން އޯފް ފޯމު.
- މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް.
- ސައިން އޯފް ވާ މީހާގެ ގައުމާ ހަމައަށް ކޮންފޯމު ކޮށްފައިވާ އެއަރ ޓިކެޓް.
21 ވަނަ މާއްދާ - ހުއްދަ އޮތް ބަނދަރަކުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރު ދިވެހިރާއްޖެއިން ފުރުން
(ހ) ހުއްދަ އޮތް ބަނދަރަކުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދެއް ފުރަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަތައް ހޯދައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މޯލްޑިވްސް އިމިގްރޭށަންގެ ކްލިއަރަންސް ހޯދައިގެންނެވެ. މި ގަވާއިދުގެ ބޭނުމަށް ހުއްދައޮތް ބަނދަރުތައް ކަމުގައި ބުނެފައި އެވަނީ ތިރީގައި ބަޔާންކުރާ ބަނދަރުތަކަށެވެ.
- ކ. މާލެ (ކޮމާށަލް ހާބަރ).
- ސ. ހިތަދޫ ބަނދަރު.
- ހއ. އުލިގަމު ބަނދަރު.
- ހދ. ކުޅުދުއްފުށީ ބަނދަރު.
(ށ) ކަނޑު ދަތުރުފަތުރު ކުރާ އުޅަނދެއް ފުރުމަށް ތިރީގައިވާ ލިޔެކިޔުންތައް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ނުވަތަ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ).
- މުއްދަތު ހަމަނުވާ ސައްހަ ޕާސްޕޯޓް.
- ޑިޕާޗަރ ޑިކްލަރޭށަން ފޯމު.
(ނ) ހުއްދަ އޮތް ބަނދަރަކުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދެއް ފުރުމަށް ދެވޭ މުއްދަތަކީ އިމިގްރޭށަނުން ޑިޕާޗަރ ކްލިއަރަންސް ދޭ ދުވަހުން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ 00:00 (ސުންގަޑި ސުންމިނެޓު) އާ ހަމައަށެވެ.
22 ވަނަ މާއްދާ - ދިވެހިރާއްޖެ އަންނަ އުޅަނދު ފަހަރުގެ ކަންތައްތައް ހަވާލުވާ ފަރާތް (ލޯކަލް އެޖެންޓުން) ގެ ޒިންމާ
(ހ) ދިިވެހިރާއްޖެއަށް އަންނަ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ދަތުރު ރާވައި ހިންގާ ފަރާތްތަކުން، އުޅަނދެއް ދިވެހިރާއްޖެއަށް އައުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރު ކުރިން ތިރީގައި ދަންނަވާ މައުލޫމާތު އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- ފުރިހަމަކޮށްފައިވާ އީ.ޓީ.އޭ ނޯޓިސް (ޖަދުވަލު 1 ގައިވާ).
- އުޅަނދުގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު.
- އެެންމެ ފަހުން ފުރި ބަނދަރުން ދޫކޮށްފައިވާ (އިމިގްރޭށަން އެންޑޯސް ކޮށްފައިވާ)
ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު. - ލާސްޓް ޕޯޓް ކުލިޔަރަންސް.
(ށ) ބަައިނަލްއަގްވާމީ ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، އެ އުޅަނދަކަށް މީހުން އަރައިފޭބުމުގައި އަމަލު ކުރަންވާނީ މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ދަތުރު ރާވައި ހިންގާ ފަރާތްތަކުން އެ އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ 12 (ބާރަ) ގަޑިއިރު ކުރިން ތިރީގައި ދެންނެވިފައިވާ މައުލޫމާތު އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ.
- ފުރިހަމަކޮށްފައިވާ ޑިޕާޗަރ ޑިކް ަލރޭށަން ފޯޯމު. (ޖަދުވަލު 2 ގައި)
- އުޅަނދުގައި ދިވެހިރާއްޖެއިން ފުރާ ފަޅުވެރިންނާއި ފަސިންޖަރުންގެ ލިސްޓު.
(ރ) ބިދޭސީ ފަޅުވެ ިރންނާއި ފަސިންޖަރުން ސައިން އޯފްކޮށް ދިވެހިރާއްޖެއިން ފުރައިގެން ދިޔަފަހުން ދިމާވި މައްސަލައަކާހުރެ އަނބުރައި ދިވެހިރާއްޖެއަށް ފޮނުވާލިކަމުގައި ވިޔަސް އެ މީހެއްގެ ގައުމަށް ފުރުމުގެ އެންމެހައި ކަންކަން ހަމަޖެއްސުމާއި، އެ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމާއި، ކެއުމާއި، ބޭސްފަރުވާކުރުން ފަދަ އެންމެހައި ކަންކަމުގެ ޒިންމާ ނެގުމަކީ އޭނާ ކުރިން އެތެރެވި ކަނޑު އުޅަނދުގެ އޭޖެންޓުގެ ޒިންމާއެކެވެ.
(ބ) ދިިވެހިރާއްޖެއަށް އެތެރެވެފައިވާ އުޅަނދުތަކުގެ ފަޅުވެރިންނާއި ފަސިންޖަރުން ދިވެހިރާއްޖެއިން ފުރަންދެން، ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަރާތްތައް ދިވެހިރާއްޖޭގައި ބޭތިއްބުމުގެ ފުރިހަމަ ޒިންމާ އުފުލަންވާނީ އެ އުޅަނދުތަކުގެ ލޯޯކަލް އެޖެންޓުންނެވެ.
(ޅ) އުުޅަނދަކަށް ކްލިއަރަންސް ދިނުމުގައި އެ އުޅަނދަކަށް ދާންޖެހޭ އިމިގްރޭށަން އޮފިސަރުން ގެންގޮސް ގެނެވޭނެ އެކަށީގެންވާ އިންތިޒާމެއް ހަމަޖެއްސުމާއި، އެފަދަ އުޅަނދަކަށް ރައްކާތެރިކަމާއެކު އަރައިފޭބުމުގެ އިންތިޒާމު ހަމަޖެއްސުމަކީ، އެ އުޅަނދެއްގެ އޭޖެންޓް ނުވަތަ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެކެވެ. ރައްކާތެރިކަމާއެކު އުޅަނދަކަށް އަރައިފޭބޭނެ އިންތިޒާމު ހަމަޖައްސާފައި ނުވާނަމަ އެ ވަގުތަށް އެ އުޅަނދަކަށް ކްލިއަރަންސް ނުދިނުމުގެ އިހުތިޔާރު އިމިގްރޭށަން އޮފިސަރުންނަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ޑިޕްލޮމެޓިކް ކްލިއަރަންސް ދެވޭ ކަނޑު އުޅަނދުފަހަރު
(ހ) ޑިޕްލޮމެޓިކް ކްލިއަރަންސަކީ، ދިވެހިރާއްޖެއަށް ވަންނަ ކަނޑު އުޅަނދުފަހަރުގެ ތެރެއިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެ އުޅަނދަކަށް ދެވޭ ވަކި ހާއްސަ ހުއްދައެކެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ޑިޕްލޮމެޓިކް ކްލިއަރަންސް ދީފައިވާ އުޅަނދު ފަހަރުގެ ތެރެއިން ނޭވީ އުޅަނދުފަހަރާއި އެ އުޅަނދުފަހަރަށް ސަޕްލައި ހިފައިގެން އަންނަ އުޅަނދުފަހަރަށް ކްލިއަރަންސް ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެނޫން އުޅަނދުފަހަރަށް ކްލިއަރަންސް ހޯދަން ޖެހޭނެއެވެ.
(ށ) މިިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ޑިޕްލޮމެޓިކް ކްލިއަރަންސް ދީފައިވާ އުޅަނދުފަހަރު ދިވެހިރާއްޖެ އަންނަ ދުވަހާއި ފުރާ ދުވަސް އެ އުޅަނދުގެ އޭޖެންޓްކަން ކުރާ ފަރާތުން ުނވަތަ އުޅަނދުގެ އެންމެހައި ކަންކަމާ ހަވާލުވެފައިވާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މޯލްޑިވްސް އިމިގްރޭށަނަށް އަންގަންވާނެއެވެ.
(ނ) ޑިިޕްލޮމެޓިކް ކްލިއަރަންސް ދެވިފައިވާ އުޅަނދުފަހަރަށް ވައިގެ މަގުން އަންނަ ފަރާތްތައް، އެ އުޅަނދަކަށް ސައިން އޮން ކުރުމަށް، މި ގަވާއިދުގެ 15 ވަނަ މާއްދާގެ 1 އަދި 2 ގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ރ) ވައިގެ މަގުން ރާއްޖެ އެތެރެވެ، ޑިޕްލޮމެޓިކް ކްލިއަރަންސް ދީފައިވާ އުޅަނދުފަހަރަށް ސައިން އޮން ވެގެން އެ އުޅަނދުގައި ފުރާނަމަ، އެ މީހެއްގެ ޕާސްޕޯޓް އިމިގްރޭށަނަށް ހުށަހަޅައި، އެގްޒިޓް ތައްގަނޑު ޖަހަންވާނެއެވެ.
(ބ) ޑިިޕްލޮމެޓިކް ކްލިއަރަންސް ދެވިފައިވާ އުޅަނދުފަހަރު ދިވެހިރާއްޖެއިން ފުރަނީ އެ އުޅަނދުން އެތެރެވި ބަޔަކު ރާއްޖޭގައި ބައިތިއްބާފައި ކަމުގައި ވާނަމަ، އެ އުޅަނދު ދިވެހިރާއްޖެއިން ފުރަންވާނީ ދިވެހިރާއްޖޭގައި މަޑުކުރާ މީހުންގެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އިމިގްރޭށަނަށް އަންގައި އަދި އެ ފަރާތްތަކަށް އެންޓްރީ ކްލިއަރަންސް ނެގުމަށްފަހުގައެވެ.
24 ވަނަ މާއްދާ - ކުށާއި އަދަބު
(ހ) މިި ގަވާއިދުގައި ބަޔާންވެގެންވާ ގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ގަވާއިދުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކުށެއް ކުރީ ދިވެހިރައްޔިތަކުނަމަ އެ މީހެއްގެ
އަދަބަކީ، 50،000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން، އެ މީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ޖޫރިމަނާކުރެވޭނީ އަންނަނިވި އުސޫލުންނެވެ.
ކުށްކުރި ފަހަރުގެ ވަނަ | ޖޫރިމަނާ ކުރެވޭ އަދަދު |
ފުރަތަމަ ފަހަރު | 2،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން |
ދެވަނަ ފަހަރު | 10،000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން |
ތިންވަނަ ފަހަރު | 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން |
ހަތަރު ވަނަ ފަހަރު | 30،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަ ަދކުން ޖޫރިމަނާ ކުރުމާއެކު އެ ފަރާތުގެ ޒިންމާގެ ދަށުން އެއްވެސް ބިދޭސީއަކު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދިނުން. |
25 ވަނަ މާއްދާ - އިސްތިސްނާވުން
ދިިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ދިވެހިސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދޭ އުޅަނދުފަހަރު މި ގަވާއިދުން އިސްތިސްނާކުރުމުގެ އިހުތިޔާރ މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން
މި ގަވާއިދަށް އަމަލުކުރާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
27 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު (އިތުރު ކުރެވިފައި)
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރެވެމުންދިޔަ ގަވާއިދު ނަންބަރު 2010-08 (ކަނޑުމަގުން ރާއްޖެ އެތެރެވެ ފުރުމުގެ ގަވާއިދު) އުވުނީއެވެ.
މައި ގަވާއިދު
ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-15)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު