-

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2014-30)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

(މި ގަވާއިދު ވަނީ ގާނޫނު ނަންބަރު 2019-05 ގެ 74 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހުންނަށް، އެކަމުގެ ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައިވާ ކަންކަން ހިންގާނީ، އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.

 

2 ވަނަ މާއްދާ – ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ށަރުތުތައް

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) ދިވެހިރައްޔިތެއް ކަމުގައިވުން ނުވަތަ ދިވެހިރައްޔިތަކާ ކައިވެނިކޮށްގެން، އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން؛

(ށ) އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ނ) ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ގަދަކަމުން ޒިނޭކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، ޖިނާއީ އެހެން ކުށެއް ކުރިއަށް ށަރީއަތަށް ސަބިތުވެފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމެއް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 7 (ހަތެއް) އަހަރު ވެފައިވުން؛

(ޅ) ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގަިއ ށަރީއަތަށް މައްސަލައެއް ހުށަހެޅިފައިވާ މީހަކު ކަމުގައި ނުވުން؛

(ކ) މި ގަވާއިދުގެ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ތައުލީމީ މަރުކަޒަކުން ބެޗެލަރ އޮފް ލޯޒް ޑިގްރީއެއް ނުވަތަ އެ ޖަދުވަލުގެ 2 ވަަނަ ނަންބަރުގައި ބަޔާންކުރާ މާއްދާތައް ހިމެނޭގޮތުން އެނޫންވެސް ގާނޫނީ ޑިގްރީއެއް ހާސިލުކޮށްފައިވުން.

 

3 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެޓަރނީ ޖެނެރަކްގެ އޮފީހަށެވެ.

(ށ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު.
  2. އެމީހަކީ ށަރީއަތުގެ ކުރިމަތީގައި އަދުލު އިންސާފަށްޓަކައި ވަކާލާތުކުރުމަށް އެކަށީގެންވާ މީހެއްކަން ބަޔާންކޮށް، ގާނޫނީ ވަކީލުލަން ކުރުމުގެ ހުއްދަލިބިފައިވާ، ގާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ 2 (ދޭއް) ގާނޫނީ ވަކީލެއްގެ ސިޓީ.
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލާއި ކޮޕީ.
  4. އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި، އެޓެސްޓްކޮށްފައިވާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓް އޮތީ ދިވެހި ނުވަތަ އިނގިރޭސި ބަސް ފިޔަވައި އެހެން ބަހަކުން ކަމަށްވާނަމަ، އެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ އެޓެްސްޓްކޮށްފައިވާ ދިވެހި ނުވަތަ އިނގެރޭސި ތަރުޖަމާ ހުށަހަަޅަންވާނެއެވެ.)
  5. ޕާސްޕޯޓު ސައިޒުގެ 4 (ހަތަރެއް) ފޮޓޯ
  6. 500 (ފަސް ސަތޭކަ) ރުފިޔާ

(ނ) މި މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެެއް ބަލައިގަނެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުތައް ފުރިހަަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.

 

4 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން

މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދޫކުރެވޭނީ ތިރީގައިވާ ކަންކަން ފުރިހަމަވުމުންނެވެ.

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަަމަވާ މީހަކު ކަމުގައިވުން؛

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގާނޫނީ ވަކީލުކަން އިގްރާރުގައި ސޮއިކޮށްފައިވުން؛

(ނ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ހުވާ ކޮށްފައިވުން.

 

5 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ނުވަތަ ބާތިލުކުރުން

(ހ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހެއްގައި، މިގަވާއިދުގެ 2 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތު އުނިވެއްޖެނަމަ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް އޭނާއަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ އިހުތިޔާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހެއްގައި، މިގަވާއިދުގެ 2 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ށަރުތު ފިޔަވައި، އެ މާއްދާގައި ބަޔާންކުރާ އެހެން ށަރުތެއް އުނިވެއްޖެނަމަ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް އޭނާއަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ – ހުވާ ކުރުން

(ހ) މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.

(ށ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ފަރާތްތަކަށް ގާނޫނީ ވަކީލުކަމުގެ ހުވާކުރެވޭނެ އިންތިޒާމް މަދުވެގެން އަހަރަކު 3 (ތިނެއް) ފަހަރު އެޓާރނީ ޖެނެރަލް އޮފީހުން ހަމަޖައްސަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ގާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ކަންކަން ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ ތާރީހުތައް އެޓަރނީ ޖެނެރަލްގެ އޮފީހުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ ވަކީލުންގެ ހުވާ، މިގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.

 

7 ވަނަ މާއްދާ – ގާނޫނީ ވަކީލުންގެ ދަފުތަރު

ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ދަފްތަރެއް އެޓަރނީ ޖެނެރަލްގެ އޮފީހުން ބަލަހައްޓަންވާނެއެވެ. އަދި އެ ދަފުތަރުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ސީރިއަލް ނަންބަރު

(ށ) ސެޓްފިކެޓް ނަންބަރު

(ނ) ހުވާކުރި ތާރީހު

(ރ) މީހާގެ ފުރިހަމަ ނަން

(ބ) ދާއިމީ އެޑްރެސް

(ޅ) މިހާރު ދިރިއުޅޭ އެޑްރެސް

(ކ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު

(އ) ތައުލީމު ހާސިލުކުރި ތަނުގެ ނަމާއި އެޑްރެސް

(ވ) ލިބިފައިވާ ފާހުގެ ދަރަޖަ

(މ) ގާނޫނީ ވަކި ދާއިރާއަކުން ހާއްސަ ވެފައިވާނަމަ، އެދާއިރާއެއް.

(ފ)  ވަޒީފާ އަދާކުރާނަމަ، ވަޒީފާ އަދާކުރާ ތަނުގެ ނަމާއި އެޑްރެހާއި ފޯން ނަންބަރާއި ފެކްސް ނަންބަރާއި އީމެއިލް އެޑްރެސް.

(ދ) ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާނަމަ އެކަން، އަދި ހިފެހެއްޓި ތާރީހު

(ތ) ހުއްދަ ބާތިލުކޮށްފައިވާނަމަ އެކަން، އަދި ބާތިލުކުރި ތާރީހު.

 

8 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން ވަގުތީ ގޮތުން މަނާވުން

ތިރީގައި ބަޔާންކޮށްފައިވާ ވަޒީފާއަކުންކުރެ ވަޒީފާއެއް އަދާކުރާ ފަރާތްތަކުން، އެ ވަޒީފާއެއްގައި އެފަރާތްތައް ދެމިތިބިހާ ހިނދަކު ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަކީ މަނާކަމެކެވެ.

(ހ) ށަރުއީ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ ވަޒީފާ؛ އަދި

(ށ)  ށަރުއީ ކޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުން.

 

9 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ގެއްލުން

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ގެއްލިއްޖެނަމަ، އެކަން ބަޔާންކޮށް ތިރީގައިވާ ތަކެއްޗާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އަލުން ހުއްދައެއް ދޫކުރެވޭނެއެވެ.

(ހ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލާއި ކޮޕީ.

(ށ) ޕާސްޕޯޓު ސައިޒުގެ 4 (ހަތަރެއް) ފޮޓޯ

(ނ) 500 (ފަސް ސަތޭކަ) ރުފިޔާ

 

10 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ތަރުޖަމާކުރުން 

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ތަރުޖަމާކުރަން ބޭނުންނަމަ، އެކަން ބަޔާންކޮށް، ތިރީގައިވާ ތަކެއްޗާއެކު އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، އެ ހުއްދަ ތަރުޖަމާކޮށްދެވޭނެއެވެ.

(ހ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލާއި ކޮޕީ.

(ށ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ އަސްލާއި ކޮޕީ.

(ނ) ޕާސްޕޯޓު ސައިޒުގެ 4 (ހަތަރެއް) ފޮޓޯ.

(ރ) 500 (ފަސް ސަތޭކަ) ރުފިޔާ

 

11 ވަނަ މާއްދާ – ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައާއި ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގައި އަމަލުކުރަންވާނީ ތެދުވެރިކަމާއި، ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއި މުހްތަރިފުކަމާ އެކުގައެވެ.

 

12 ވަނަ މާއްދާ - ގާނޫނީ ވަކީލުންނާ ގުޅޭ ށަކުވާއާއި މައްސަލަތައް ހުށަހެޅުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ، ގާނޫނީ ވަކީލަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނުވަތަ ށަކުވާ އެއް އޮތްނަމަ އެ މައްސަލައެއް ނުވަތަ ށަކުވާއެއް ބަލައިދިނުމަށް އެދި ކޮންމެ ފަރާތަކުންވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ގާނޫނީ ވަކީލަކާ ގުޅޭ މައްސަލައެއްގެ މައުލޫމާތު އެޓަރނީ ޖެނެރަލްގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ބެލުމުގެ ބާރު އެޓަރނީ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - މައްސަލަ ބަލާ ކޮމިޓީ (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަކުވާއާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ، މައްސަލަ ބަލާ ކޮމިޓީއެއް އެޓާރނީ ޖެނެރަލް އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އުފައްދައި، އެ ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ އެޓާރނީ ޖެނެރަލްއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މައްސަލަ ބަލާ ކޮމިޓީ، މި ގަވާއިދުގެ 1 ވަނަ އިސްލާހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރުކުރާ ތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައޮ އުފައްދަންވާނެއެވެ.

 

14 ވަނަ މާއްދާ - ކޮމިޓީއަށް އެޅިދާނެ ފިޔަވަޅުތައް (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) މައްސަލަ ބެލުމަށްފަހު، މައްސަލަ ބަލާ ކޮމިޓީން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

  1. މައްސަލަ ރައްދުވާ ފަރާތަށް އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުން؛
  2. މައްސަލަ ރައްދުވާ ފަރާތަށް އެފަދަ އަމަލެއް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވެ ލިޔުމުން އިންޒާރު ދިނުން؛
  3. މައްސަލަ ރައްދުވާ ފަރާތުގެ ވަކާލާތުކުރުމުގެ ހުއްދަ ކަނޑައެޅޭ ވަކި މުއްދަތަކަށް ހިފެހެއްޓުން؛
  4. މައްސަލަ ރައްދުވާ ފަރާތުގެ ވަކާލާތުކުރުމުގެ ހުއްދަ ބާތިލުކުރުން.

(ށ) ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ނުވަތަ މައްސަލަ ނިންމަންވާނީ، މައްސަލަ ރައްދުވާފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ އަދި މައްސަލައިގެ ވަށައިގެންހުރޮ ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ނ) މި ގަވާއިދުގެ ދަށުން އެޓާރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޮމިޓީން ނިންމާ ނިންމުން ލިޔުމަކުން ސަބަބާއެކު މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކޮމިޓީއަށް ހުށާހެޅޭ މައްސަލަތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

 

16 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ހުއްދަތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ހުއްދަތަކަކީ މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް ބަލައި، އެ ހުއްދަތައް ދެމިހުންނާނެއެެވެ.

 

17 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށަނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 ---------------

 

 

ޖަދުވަލު 1

ގާނޫނީ ވަކީލުންގެ އިގްރާރު

އަހަރެން،...........(އިގްރާރުގައި ސޮއިކުރާ ފަރާތުގެ ނަން) ............. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައާއި، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް އިގްރާރުވަމެެވެ.

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް.
  2. މި ގަވާއިދާއި މި ގަވާއިދުގެ ރޫހާއި ހިލާފުނުވާ ގޮތަށް އަމަލުކުރުމަށް.
  3. ވަކާލާތުކުރުމުގެ މގްސަދަކީ އަދުލުއިންސާފު ގާއިމުކުުރުމުގައި އާންމު މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަށް މަސައްކަތްކުރުން ކަމުގައިވާތީ، އެގޮތުގައި ސާބިތުކަމާއެކު މަސައްކަތްކުރުން.
  4. ހުރިހާ ފަރާތްތަކަށް (އަމިއްލަ ފަރުދުންނާއި ގާނޫނީ ށަހްސުތައް ހިމެނޭގޮތުގައި) ލިބިފައިވާ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ހިމާޔަތްކުރަން މަސައްކަތްކުރުމަށް.
  5. ގާނޫނީ ވަކީލުންގެ މުސްތަގިއްލުކަމާއި ގަދަރާއި ށަރަފު ހިފެހެއްޓުމަށް މަސައްކަތްކުރުމަށް
  6. ގާނޫނީ ވަކީލުންގެ ތައުލީމި އަދި ޕްރޮފެށަނަލް މަސްއޫލިއްޔަތާއި ގާބިލުކަން ވަކި ފެންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް.
  7. ގާނޫނީ ވަކީލުންގެ މެދުގައި ޕްރޮފެށަންގެ ރޫހާއި އެއްބައިވަންތަކަން އުފެއްދުމާއި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް.
  8. ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ހައްގު ލިބިދިނުމަށް އެހީވުމަށް.
  9. ރައްޔިތުންގެ ގާނޫނީ އަދި ށަރުއީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ބާރުއަޅައި އިސްލާމީ އުސޫލުތަކާ ހިލާފުނުވާ ގޮތުގެމަތިން، ށަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށްދީ އެ ހައްގު ލިބިިދިނުމަށް އެހީވުމަށް.
  10. ގާނޫނު ހިންގުމާއި ށަރީއަތްކުރުމުގެ ނިޒާމާއި ގާނޫނުތަކާއި ގަވާއިދުތައް ދިރާސާކޮށް އިސްލާހުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކަށް ވަގުތު ތަންދިން މިންވަރަކުން އެހީވުމަށް.
  11. ދިވެހިރާއްޖޭގައި ގާނޫނު ކިޔަވައިދޭ ފަރާތްތަކަށް މުގައްރަރު އެކުލަވައިލުމުގައްޔާއި ކިޔަވައިދިނުމުގައި އެހީތެރިވެދިނުމާއި ގާނޫނު ކިޔަވާ ކުދިންނަށް ވަގުތު ތަންދިން މިންވަރަކުން އެހީވުމަށް.
  12. ވަކީލެއްހެ ހައިސިއްޔަތުން އަމިއްލަ އަހުލާގު އެކަށީގެންވާ ރަނގަޅުގޮތަކަށް ދެމެހެއްޓުމަށް.
  13. ވަކީލެއްގެ ހައިސިއްޔަތުން އަމިއްލަ ފެންވަރު މަތިކުރުމަށާއި ޕްރޮފެށަނަލް މަސައްކަތްތައް ލުއިފަސޭހަކަން ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތްކުރުމަށް.

 -----------

 

 

ޖަދުވަލު 2

ގާނޫނީ ވަކީލުންގެ ހުވާ

"އަހުރެން،................ (ހުވާކުރާ ފަރާތުގެ ނަން) .................. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގައާއި، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގައި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރައްކާތެރިވުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ ހައްގުތަކަށް ރައްކާތެރިވުމަށާއި، ސަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ގާނޫނީ ވަކީލެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުންމަތީ ދެމިހުރުމަށް، މާތްﷲ ގަންދީ ހުވާކުރަމެވެ."

 

 ---------------

 

ޖަދުވަލު 3

ގަނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރުމާބެހޭ މިންގަނޑުތައް

1. (ހ) މި ގަވާއިދުގެ ބޭނުމަށްޓަކައި ބެޗެލަރ އޮފް ލޯޒް ޑިގްރީއެއް ނުވަތަ އެނޫންވެސް ގާނޫނީ ޑިގްރީއެއް ހާސިލުކުރުމަށްޓަކައި ގަބޫލުކުރެވޭ ތައުލީމީ މަރުކަޒުތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.

  1. މޯލްޑިވްސް ނޭށަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ށަރީއާ އެންޑް ލޯ.
  2. ކުއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ފެކަލްޓީ އޮފް ށަރީއާ އެންޑް ލޯ
  3. ރާއްޖޭގެ އެހެން ތައުލީމީ މަރުކަޒެއްނަމަ، އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ އަދި މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ތައުލީމީ މަރުކަޒެއް.
  4. ރާއްޖެއިން ބޭރުގެ ތައުލީމީ މަރުކަޒެއްނަމަ، އެ ގައުމެއްގެ ބާރ އެސޯސިއޭށަނުން ނުވަތަ އެ ގައުމެއްގެ ކޮލިފިކޭށަން އޮތޯރިޓީން އަދި މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ތައުލީމީ މަރުކަޒެއް. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ މަރުކަޒުން ޑީގްރީ ހާސިލުކުރާ ފަރާތްތަކުން ސެޓްފިކެޓުގެ ކޮޕީ ހުށަހަޅާއިރު، އެ މަރުކަޒަކީ، އެ ގައުމެއްގެ ބާރ އެސޯސިއޭށަނުން ނުވަތަ އެ ގައުމެއްގެ ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ތަނެއް ކަމުގެ ހެކި ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

2. މި ގަވާއިދުގެ ބޭނުމަށްޓަކައި ބެޗެލަރ އޮފް ލޯޒް ފިޔަވައި އެނޫންވެސް ގާނޫނީ ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމަށް ބެލެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ މާއްދާތައް ހިމެނޭގޮތުން ޑިގްރީ ފުރިހަމަކުރާ ފަރާތަކަށެވެ.

(ހ) ކޮންސްޓިޓުށަނަލް ލޯ / ޕަބްލިކް ލޯ

(ށ) ކްރިމިނަލް ލޯ

(ނ) ލޯ އޮފް ކޮންޓްރެކްޓް

(ރ) ލޯ އޮފް ޓްރަސްޓްސް / އިކުއިޓީ އެންޑް ޓްރަސްޓްސް

(ބ) ލޯ އޮފް ޓޯޓް

(ޅ) ޕްރޮޕަރޓީ ލޯ / ލޭންޑް ލޯ

 

3. މި ޖަދުވަލުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބެޗެލަރ އޮފް ލޯޒް ޑިގްރީއެއް" ކަމަށް ބުނެފައިއެވަނީ، މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒަކުން "ބެޗެލަރ އޮފް ލޯޒް" ގެ ނަމުގައި، ނުވަތަ އެ ނަމަށް ނިސްބަތްވާ އެހެން ނަމެއްގައި ނަމަވެސް، ހިންގާ ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ކޯހެއް ފުރިހަމަކުރުމުން، އެ މަރުކަޒަކުން ދޭ ފާހަށެވެ.

(ށ) "އެނޫންވެސް ގާނޫނީ ޑިގްރީއެއް" ކަމަށް ބުނެފައިއެވަނީ، ބެޗެލަރ އޮފް ލޯޒް ފިޔަވައި ގާނޫނީ ދާއިރާއިން ހާސިލުކުރާ ފުރަތަމަ ޑިގްރީއަށެވެ. އެއީ، ގާނޫނީ ދާއިރާއާއެކު އެހެން ދާއިރާއެއް ހިމެނޭގޮތުން ފުރިހަމަކުރާ ފުރަތަމަ ޑިގްރީވެސް ހިމެނޭގޮތުންނެވެ.

(ނ) "ބާރ އެސޯސިއޭށަން" ކަމަށް ބުނެފައި އެވަނީ، ބާރު ގައުމެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުންނާއި އެނޫންވެސް ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ، އެ ގައުމެއްގެ ކަމާބެހޭ ފަރާތަށެވެ.

(ރ) "ކޮލިފިކޭށަން އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ކަނޑައެޅުމާއި، ސެޓްފިކެޓްތައް އެކްރެޑިޓްކުރުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ފެންވަރު ބެލުމާއި، އެނޫންވެސް ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅާ، އެ ގައުމުގެ ކަމާބެހޭ ފަރާތަށެވެ. (އިތުރު ކުރެވިފައި)

 

މައި ގަވާއިދު

ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-30)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

(މައި ގާނޫނެއް ނެތް)

ކިޔުންތެރިންގެ ހިޔާލު