-

ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-18)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރަފު

މި އުސޫލަކީ، ގަވާއިދު ނަންބަރު 2019-1019 (އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ، ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ، ތިރީގައިވާ ދާއިރާތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައްޔާއި، އެވޯޑްކުރުމުގައި އަމަލުކުރަންވީ ގޮތުގެ ހާއްސަ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.06 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވަ އުސޫލެކެވެ.

(ހ) GC01 - ޖެނެރަލް ބިލްޑިންގ ކޮންސްޓްރަކްށަންގެ މަސައްކަތް.

(ށ) GC02 - ޖެނެރަލް ސިވިލް ކޮންސްޓްރަކްށަންގެ މަސައްކަތް.

(ނ) HC01 - ހާބަރ ކޮންސްޓްރަކްށަންގެ މަސައްކަތް.

(ރ) HC02 - ބިންހިއްކުމާއި ޑްރެޖިންގގެ މަސައްކަތް.

(ބ) HC03 - ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް.

(ޅ) UC01 – ފެނާއި ނަރުދަމާގެ މަސައްކަތް.

(ކ) UC02 - ކަރަންޓާ ގުޅުންހުރި މަސައްކަތް.

(އ) UC04 - ގޭހާ ގުޅުންހުރި މަސައްކަތް.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ މަސައްކަތްތައް ވީހާވެސް ގިނަ ފަރާތްތަކަށް ލިބުމަށް މަގުފަހިކުރުން.

(ށ) ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިންނަށް އެވޯޑުކުރާ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ބާރުއެޅުން.

(ނ) ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިއަކަށް އެއްފަހަރާ އެވޯޑުކުރެވޭނެ މަސައްކަތުގެ އަދަދު ކަނޑައެޅުން.

(ރ) ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ، މި އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކުގައި ހިމެނޭނެ ފަރާތްތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައްޔާއި އެވޯޑް ކުރުމުގައި ބަލަންވީ ކަންތައްތައް

މި އުސޫލުގެ ދަށުން، މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައްޔާއި، އެ މަސައްކަތްތައް އެވޯޑު ކުރުމުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ބީލަމުގައި ހިމެނޭ ފަރާތަކީ، ގަވާއިދު ނަންބަރު 2019-1019 (އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެހެންނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައި ނުވާ ބިދޭސީ ފަރާތެއް ނަމަ، ނުވަތަ ޖޮއިންޓް ވެންޗަރ ގޮތުގައި ބީލަމަށް ކުރިމަތިލާ ފަރާތެއް ނަމަ، ބީލަމަށް ކުރިމަތިލުމުގެ ކުރިން، ކުރިމަތިލާން ބޭނުންވާ ދާއިރާގެ ގިންތިއަށް ށަރުތު ހަމަވާކަމަށް މި މާއްދާގައި ބަޔާން ކޮށްފައިވާ ގަވާއިދުގެދަށުން ލިޔުން ދޫކޮށްފައިވާނަމަ، އެ ފަރާތަކަށް ބީލަމަށް ކުރިމަތިލެވިދާނެއެވެ.

(ށ) މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖެނެރަލް ބިލްޑިންގ ކޮންސްޓްރަކްށަން (GC01 (ގެ މަސައްކަތްތަކަށް ބީލަމަށް ހުޅުވައިލަންވާނީ،ސަރުކާރުގެ ހިއްސާ އޮންނަ ވިޔަފާރިއަކަށް ބައިވެރި ނުވެވޭ ގޮތަށެވެ.

(ނ) މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ޕްރޮކިއުމަންޓުގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ މަސައްކަތްތަކަށް، ގަވާއިދު ނަންބަރު 2019-1019 (އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) ގެ ދަށުން ދަރަޖަ 1އިން ފެށިގެން ދަރަޖަ 6 ގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  2. މި އުސޫލުގެ 1 ވަނަ މާއްދާގެ (ނ) އިން ފެށިގެން (އ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސައްކަތްތަކަށް، ގަވާއިދު ނަންބަރު 2019-1019 (އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު) ގެ ދަށުން ދަރަޖަ 1 އިން ފެށިގެން ދަރަޖަ 4 ގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.

(ރ) މި އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި، އެންމެ ގިނަވެގެން އެވޯޑު ކުރެވޭނެ މިންވަރު ނުވަތަ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

 

(ބ) ޔުޓިލިޓީއާއި ހާބަރ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ވިޔަފާރިއަކަށް އެވޯޑު ކުރާނީ، (އެ މަސައްކަތާ ގުޅުންހުރި HC ނުވަތަ UC ދާއިރާއަށް ބަލައި)، މި ދެ ދާއިރާ އެއްކޮށް މި މާއްދާގެ (ރ) ގައިވާ ތާވަލުގެ ސެކްށަން 1 ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ނުވަތަ އަދަދަށްވުރެ އިތުރުނުވާނޭ ގޮތެއްގެ މަތީންނެވެ.

(ޅ) ޖެނެރަލް ބިލްޑިންގއާއި ޖެނެރަލް ސިވިލް ކޮންސްޓްރަކްށަންގެ މަސައްކަތް ވިޔަފާރިއަކަށް އެވޯޑު ކުރާނީ (އެ މަސައްކަތާ ގުޅުންހުރި GC ދާއިރާއަށް ބަލައި) މި މާއްދާގެ (ރ) ގައިވާ ތާވަލުގެ ސެކްށަން 2 ގައި ބަޔާންކޮށްފައިވާ މިންވަރު ނުވަތައަދަދަށްވުރެ އިތުރުނުވާ ގޮތެއްގެ މަތީންނެވެ.

(ކ) މި މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ވިޔަފާރިއަކަށް އެވޯޑު ކުރުމުގައި ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދު ހިސާބުކުރުމުގައި ބަލާނީ، އެ ވިޔަފާރިއަކަށް ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑް ކޮށްފައިވާ (މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) މި އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކަށެވެ. އެހެންނަމަވެސް، މަސައްކަތް ގުނުމުގައި ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތަކެއް ނުހިމެނޭނެއެވެ.

(އ) ޖޮއިންޓްވެންޗަރއެއްގައި ބައިވެރިވާ ވިޔަފާރިތަކުގެ ތެރެއިން ވިޔަފާރިއެއްގެ ލިމިޓް ހަމަވެފައިވާނަމަ، އެ ޖޮއިންޓްވެންޗަރަށް މި އުސޫލުގެ 1 ވަނަ މާއްދާގައިވާ މަސައްކަތެއްއެވޯޑުކޮށްގެން ނުވާނެއެވެ.

(ވ) މި މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ޖޮއިންޓްވެންޗަރަކަށް ނުވަތަ، ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް އެކުވެގެން އުފައްދައިފައިވާ ކުންފުންޏަކަށް އެވޯޑު ކުރުމުގައި ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދު ހިސާބުކުރާނީ، އެ ޖޮއިންޓްވެންޗަރުގައި ނުވަތަ ކުންފުނީގައި ހިމެނޭ ވަކިވަކި ވިޔަފާރިތަކަށް ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑް ކޮށްފައިވާ (މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) މި އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތައް ނުހިމަނައެވެ.

(މ) ނޭށަނަލް ޓެންޑަރ ބޯޑުން ޖޮއިންޓްވެންޗަރަކަށް، ނުވަތަ ޖޮއިންޓްވެންޗަރުވިޔަފާރިއަކަށް، ނުވަތަ ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް އެކުވެގެން އުފައްދައިފައިވާ ކުންފުންޏަކަށް މަސައްކަތެއް އެވޯޑުކުރެވޭ ހާލަތުގައި، މި އުސޫލުގެ 3 ވަނަ މާއްދާގެ

(ރ) ގެ ބޭނުމަށް، އެ މަސައްކަތަކީ އެ ޖޮއިންޓްވެންޗަރުގައި ނުވަތަ ކުންފުނީގައި ހިމެނޭ ވަކި ކޮންމެ ވިޔަފާރިއަކަށް ވެސް އެވޯޑު ކުރެވިފައިވާ މަސައްކަތެއްގެ ގޮތުގައި ގުނޭނެއެވެ.

 

4 ވަނަ މާއްދާ - އިސްތިސްނާވާ ހާލަތްތައް

މި އުސޫލުގެ ދަށުން މަސައްކަތް ހަވާލުކުރުމުގައި ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑުކުރާ،ތިރީގައިވާ މަސައްކަތްތައް އިސްތިސްނާވާނެއެވެ.

(ހ) ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ޑިފަރޑް ޕޭމަންޓް ގޮތުގައި އިއުލާނުކޮށްގެން ކުރިޔަށްގެންދާ މަސައްކަތްތައް.

(ށ) ލޯނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިން ކުރިޔަށްގެންދަން ނިންމައިފައިވާ ޕްރޮކިއުމަންޓްތަކުގައި، އެ ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުކުރަން ލާޒިމުކުރާ ޕްރޮކިއުމަންޓްތަކުގެ މަސައްކަތްތައް.

(ނ) ލޯނު ނުވަތަ ގްރާންޓް ދޭ ފަރާތުން، ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް މަސައްކަތް ހަވާލުކުރުމަށް ށަރުތުކުރާ މަސައްކަތްތައް.

(ރ) ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 10.27 ވަނަ މާއްދާގެ ދަށުން އެވޯޑުކުރެވޭ މަސައްކަތްތައް.

(ބ) ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގާއުމްރާނީ ތަރައްގީގެ މަށްރޫއުތައް. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - މާނަކުރުން

(ހ) "ނިމިފައިހުރި މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރ ބޯޑުން ވިޔަފާރިތަކަށް އެވޯޑު ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، އެ މަސައްކަތް ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއަކުން އެ މަސައްކަތް ނިންމިކަމުގެ ލިޔުން ދޫކޮށްފައިވާ މަސައްކަތްތަކަށެވެ.

(ށ) "އެވޯޑުކުރުން" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ޓެންޑަރ ބޯޑުން ބީލަންވެރިއަކަށް މަސައްކަތެއް ހަވާލުކުރަން ނިންމާ ނިންމުމަށެވެ.

(ނ) "މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީ.އެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ވަކިވަކި މަސައްކަތްތަކަށެވެ. ނަމަވެސް، އެއް މަށްރޫއެއްގެ ގޮތުގައި އެއް އިއުލާނަކުން ވަކި ރަށެއްގައި ގާއިމުކުރާ މަސައްކަތްތައް ބަލާނީ، އެއް މަސައްކަތެއްގެ ގޮތުގައެވެ.

(ރ) "ލިމިޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން މަސައްކަތް އެވޯޑު ކުރުމުގައި އެންމެ ގިނަވެގެން ހަވާލުކުރެވޭނެ މިންވަރު ނުވަތަ އަދަދަށެވެ. މި މިންވަރު ނުވަތަ އަދަދުކަނޑައެޅޭނީ، ނޭށަނަލް ޓެންޑަރ ބޯޑުން އެވޯޑު ކޮށްފައިވާ (މި އުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ވެސް ހިމެނޭގޮތަށް) މި އުސޫލުގެ 1 ވަނަ މާއްދާގައިވާ ދާއިރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރި މަސައްކަތްތަކާއި، މަސައްކަތުގެ އެއްބަސްވުން އުވައިލެވިފައިވާ މަސައްކަތްތައް ނުހިމަނައެވެ.

"ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2022-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކްރޮސް ސަބްސިޑީއަށެވެ. (އިތުރު ކުރެވިފައި)

 

6 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

7 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

(ހ) މި އުސޫލަށް އަމަލު ކުރާން ފެށުމާއެކު، 16 މާރިޗު 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކޮށްފައިވާ "ނޭށަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބީލަން ހުޅުވައިލުމާއި، މަސައްކަތް އެވޯޑު ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލަށް އަމަލުކުރަން ފެށުމާ ހަމަޔަށް މި އުސޫލުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ މަސައްކަތްތަކަށް އިއުލާނު ކޮށްފައިވާ މަސައްކަތްތަކާއި، ބިޑްތައް ހުޅުވައިފައިވާ މަސައްކަތްތައް އެވޯޑު ކުރުމުގައި އަމަލުކުރެވޭނީ، 16 މާރިޗު 2021 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކޮށްފައިވާ "ނޭށަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބީލަން ހުޅުވައިލުމާއި، މަސައްކަތް އެވޯޑު ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަށެވެ.

 

މައި އުސޫލު

ނޭށަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-18)

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވުނު އުސޫލު

ނޭށަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބީލަން ހުޅުވައިލުމާއި، މަސައްކަތް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2021-00)

 

މައި ގަވާއިދު

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކު ގެ ގަވާއިދު (ގަވާއިދު ނަންބަރު 1019/2019)

ކިޔުންތެރިންގެ ހިޔާލު