-

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-1066)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތަޢާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ޢަމަލު ކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރެވޭނެ
ފަރާތްތަކާއި، އެފަރާތްތަކުގެ ށަރުޠުތައް ކަނޑައެޅުމާއި، ޕަބްލިކް ނޯޓަރީއެއްގެމަސައްކަތް ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި،މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައިމަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ގޮތް ކަނޑައެޅުމާއި، ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރުމާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރެވޭނެ ފަރާތްތަކާއި އެފަރާތްތަކުގެ ށަރުތުތައް (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމަށްފަހު، ގާނޫނީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހު ހިދުމަތްކުރުމާއެކު، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 61 ވަނަ މާއްދާގައި ބުނާފަދަ ލީގަލް ޕްރެކްޓިސްއެއް ނުވަތަ 62 ވަނަ މާއްދާގައި ބުނާފަދަ ލޯ ފަރމެއް މެދުވެރިކޮށް ގާނޫނީ ހިދުމަތްދޭ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުން ހުއްދަ ދޭ ފަރާތްތަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ)  ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ދަފުތަރެއް ބާ ކައުންސިލުން ބަލަހައްޓަން ވާނެއެވެ.

 

4 ވަނަ މާއްދާ -  ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް 

(ހ) ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ. އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭނަމަ، ލިޔުމުގައި ސޮއިކުރެވޭ ވަގުތު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕަބްލިކް ނޯޓަރީގެ ހާޒިރުގައެވެ. (އިސްލާހު ކުރެވިފައި)

(ނ) ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އެފަރާތުން ފޯރުކޮށްދޭ ނޯޓަރައިޒްކުރުމުގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އަދި ހިދުމަތުގެ ސައްހަކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.

 

4-1 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީގެ ހިދުމަތް އޮންލައިންކޮށް ދިނުން (އިތުރު ކުރެވިފައި)

(ހ)  ގާނޫނޫއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ހިދުމަތަށް އެދޭ ފަރާތާ އެއް ހާޒިރުގައި ނޯޓަރައިޒްކޮށްދެވެން ނެތްނަމަ، ޕަބްލިކް ނޯޓަރީގެ ހިދުމަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެވިދާނެއެވެ.

(ށ) ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޕަބްލިކް ނޯޓަރީގެ ހިދުމަތް ދިނުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރެވުނުކަން ޔަގީންކުރަންވާނެއެވެ.

  1. ވީޑިއޯ ކޮންފަރެންސްކޮށް ލިޔުމެއް ނޯޓަރައިޒްކޮށްދޭން ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ވީޑިއޯ ފެންނަކަން އަދި އޯޑިއޯ ސާފުކޮށް ލިބޭކަން ކަށަވަރުކުރުން؛
  2. ޕަބްލިކް ނޯޓަރީ އަމަލީގޮތުން ނޯޓަރައިޒްކޮށްދޭ މަޖިލީހަށް ހާޒިރުވެ ނޯޓަރައިޒްކޮށްދޭއިރު ކަށަވަރުކުރާ އެންމެހައި ކަންކަން އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭ ހާލަތުގައިވެސް ކަށަވަރުކުރުން؛
  3. ނޯޯޓަރައިޒްކޮށްދޭ ލިޔުމުގައި ސޮއިކުރަންޖެހޭ ފަރާތުން ސޮއިކުރާ މަޖިލިސް ވީޑިއޯ ރެކޯޑުކޮށް، އެ ލިޔުމުގެ އަސްލު ޕަބްލިކް ނޯޓަރީއަށް ލިބުމުން އެ ލިޔުމުގައި ސްޓޭމްޕް ޖަހައި ސޮއިކުރުން؛
  4. ނޯޯޓަރައިޒްކޮށްދޭންޖެހޭ ލިޔުމަކީ އެއްފަރާތަށްވުރެ ގިނަފަރާތުން ސޮއިކުރަންޖެހޭ ލިޔުމެއް ކަމުގައިވާނަމަ، އެ ލިޔުމުގައި ސޮއިކުރަންޖެހޭ ކޮންމެ ފަރާތެއް ސޮއިކުރާ މަޖިލިސް ވަކިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައި، އަދި އެ މަޖިލިސް ރެކޯޑުކޮށް، އެ ލިޔުމުގެ އަސްލު ޕަބްލިކް ނޯޓަރީއަށް ލިބުމުން އެ ލިޔުމުގައި ސްޓޭމްޕް ޖަހައި ސޮއިކުރުން؛ އަދި
  5. ޕަަބްލިކް ނޯޓަރީގެ ސްޓޭމްޕް ހިމެނުމާއެކު އެއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޯޓަރައިޒްކޮށްދީފައިވާ ލިޔުމެއްކަން ނޯޓަރައިޒް ކޮށްދިންކަމުގެ ސެޓުފިކެޓުގައި ބަޔާންކުރުން.

 

4-2 ވަނަ މާއްދާ - ހުއްދަ އައުކުރުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ 3-4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަހަރީ ފީ ދައްކަމުންދާނަމަ، އެ ފަރާތްތަކުގެ ހުއްދ،ަ އެ ހުއްދަ ދޫކުރި ތާރީހުން ފެށިގެން ދެމިއޮންނާނެއެވެ. 

 

4-3 ވަނަ މާއްދާ - ފީ ނެގުން (އިތުރު ކުރެވިފައި)

(ހ) ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުމަށާއ،ި އަހަރީ ފީގެ ގޮތުގައ،ި ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީއެއް ނެގޭނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޕަބްލިކް ނޯޓަރީގެ ދަފުތަރުގައި ހިމެނިފައިވާނަމަ، ފޭށޭ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ، ބާ ކައުންސިލަށް ދައްކަންވާނެއެވެ. އަދި މާރިޗު މަސް ނިމުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ފީ ނުދައްކައިވާ ފަރާތްތަކުގެ ނަން ދަފުތަރުން އުނިކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

 

5 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ހިފެހެއްޓޭނޭ ހާލަތްތައ

(ހ) ޕަަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ، އަންނަނިވި ހާލަތްތަކުގައި ހިފެހެއްޓުމުގެ ބާރު ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތުގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވުން؛
  2. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތުގެ ހުއްދަ ބާ ކައުންސިލުން ހިފެހެއްޓުން.

 

6 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައިމަސައްކަތްކުރުން މަނާވާ ހާލަތްތައ

(ހ) އަަންނަނިވި ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި އާންމުކޮށް ފޯރުކޮށް ދޭ އެއްވެސް ހިދުމަތެއް ފޯރުކޮށް ދިނުމަކީ މަނާކަމެކެވެ.

  1. ޕަބްލިކް ނޯޓަރީއެއްގެ ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ވަކީލާ ފުރަތަމަ ދަރަޖައިގެ ޢާއިލީ ގުޅުމެއް އޮތް ފަރާތަކަށް ވުން؛ އަދި
  2. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކީ، ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވުން.

 

6-1 ވަނަ މާއްދާ - ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު (އިތުރު ކުރެވިފައި)

(ހ)  ލިޔުމެއް ނޯޓަރައިޒް ކުރުމަށްފަހު ނޯޓަރައިޒްކޮށްދިން ލިޔުމާއެކު ނޯޓަރީ ސެޓުފިކެޓެއް އެއްކަރުދާސްކުރަންވާނެއެވެ. އެސެޓު ފިކެޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ނޯޓަރައިޒްކޮށްދިން ވަކީލުގެ ނަމާއި ސޮއި؛
  2. ޕަބްލިކް ނޯޓަރީގެ ސިއްކަ؛
  3. ނޯޓަރައިޒްކޮށްދިން ތާރީހު؛
  4. ނޯޓަރައިޒްކޮށްދެވޭ ފަރާތުގެ މައުލޫމާތު؛
  5. ނޯޓަރައިޒްކޮށްދެވޭ ފަރާތުގެ އައިޑެންޓިފިކޭށަން ކަށަވަރުކުރި ގޮތް؛
  6. ނޯޓަރައިޒްކޮށްދެވުނީ އެއް ހާޒިރުގައިކަން ނުވަތަ ވީޑިއޯ ކޮންފަރެންސް
    މެދުވެރިކޮށް ކަން؛ އަދި
  7. ނޯޓަރައިޒްކޮށްދެވުނީ ކޮން ލިޔުމެއްކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ތައްޔާރުކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީގެ ސިއްކަ

(ހ) ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އަންނަނިވި މަޢުލޫމާތު ހިމެނޭ ސިއްކައެއް ޖަހައި ސޮއިކުރުމުން މެނުވީ، ލިޔުމެއް ނޯޓަރައިޒް ކުރެވުނު ކަމުގައި ނުބެލޭނެއެވެ.

  1. ޕަބްލިކް ނޯޓަރީ" މި ބަސް؛
  2. ފުރިހަމަ ނަން؛ އަދި
  3. ޕަބްލިކް ނޯޓަރީގެ ހުއްދައިގެ ނަންބަރު.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ސިއްކައިގެ އިތުރުން ނޯޓަރައިޒް ކޮށްދިން ތާރީހު، ނޯޓަރައިޒްކޮށްދޭ ލިޔުމުގައި ޖަހަންވާނެއެވެ.

(ނ)  މިމާއްދާގެ (ހ) ގައި ބަޔާންކުރާ ސިއްކަ، އިނގިރޭސި ނުވަތަ ދިވެހި ބަހުން ހެދުމުގެ އިހްތިޔާރު ގާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ސިއްކަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ބޭނުމަށް ބާ ކައުންސިލުގައި ރަޖިސްޓަރީކުރާ ސިއްކަތައް ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނާފައިވާ ސިއްކައާ އެއްގޮތަށެވެ. މި ނޫންގޮތަކަށް މި ސިއްކަ ތައްޔާރުކޮށް ބޭނުންކުރުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)

 

7-1 ވަނަ މާއްދާ - ސިއްކަ ރައްކާތެރިކަމާއެކު ބެލެހެއްޓުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީކޮށް، ޕަބްލިކް ނޯޓަރީއަށް ދޫކޮށްފައިވާ ސިއްކަ ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. އަދި މި ސިއްކަ ބޭނުންކުރަންވާނީ، ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކޮށްފައިވާ ފަރާތުން އެކަންޏެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއަށް ދޫކޮށްފައިވާ ސިއްކަ ބޭނުންކޮށްފިކަން ބާ ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، އެ ޕަބްލިކް ނޯޓަރީއަކާ މެދު މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) ދިވެހިރާއްޖޭގެ ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރާ ގާނޫނީ ވަކީލުން، އެ ފަރާތްތަކުން ނޯޓަރައިޒްކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރާ ފަރާތްތަކުގެ މައުލޫމާތު އަދި އޮންލައިންކޮށް ނޯޓަރައިޒްކޮށްދޭ ބައްދަލުވުންތަކުގެ ރިކޯޑިންގް މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ. (އިސްލަހު ކުރެވިފައި)

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، ބާ ކައުންސިލްގެ އެގްޒެކެޓީވް ކޮމިޓީއިން ބަލަން ނިންމައިފި ހިނދެއްގައި، އެ ފަރާތުން ކަނޑައަޅާ ބަޔަކު، އެ ރެކޯޑުތައް ބެލުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ ފަހިކޮށްދޭން ވާނެއެވެ.

 

9 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ، އެ ފަރާތެއް އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ. (އިސްލަހު ކުރެވިފައި)

  1. ކަަމުގެ ކުޑަބޮޑު މިނަށް ބަލައި، ފުރަތަމަ ފަހަރު 25،000) ފަންސަވީސް ހާސް ރުފިޔާ( އާއި  50،000 ( ފަންސާސް ހާސް ރުފިޔާ( އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛
  2. ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ދެވަނަ ފަހަރު 50،000  (ފަންސާސް) ހާސް ރުފިޔާ އާއި 150،000 ( އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛ އަދި
  3. ދެފަހަރަށް ވުރެ ގިނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، )3) އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ އާއި 300،000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި އަމަލުކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، އެ ފަރާތުގެ ޕަބްލިކް ނޯޓަރީގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި ޕަބްލިކް ނޯޓަރީގެ ހުއްދަ ބާތިލުކުރުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ. އަދި އެ އަމަލަކީ ގާނޫނީ ވަކީލުކަމުގެ ސުލޫކާ ހިލާފު އަމަލެއްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު، ބާ ކައުންސިލަށް ލިބިގެންވެއެވެ. (އިސްލަހު ކުރެވިފައި)

 

9 ވަނަ މާއްދާ -  ލަފުޒުތަކާއި ޢިބާރާތް ތަކުގެ މާނަ

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.

  1. "ދިވެހިރާއްޖޭގެ ބާ ކައުންސިލް" ނުވަތަ "ބާ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށެވެ.
  2. "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު( ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.

 

10 ވަނަ މާއްދާ - ގަަވާއިދަށް ޢަމަލު ކުރަން ފެށުން

މި ގަވާއިދަށް ޢަމަލު ކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1066)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ކިޔުންތެރިންގެ ހިޔާލު