-

ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2013-54)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާ އަދި 60 ވަނަ މައްދާގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މުސަދަކީ، ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީކުރުމާއި އެކަމާއި ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ސަރީއާ އެޑްވައިޒަރެއްގެ ހިދުމަތް ދެވޭނެ ދާއިރާގެ ތެރޭގައި ސުކޫކު ސްޓްރަކްޗަރކުރުމާއި އިސްލާމިކް ކެޕިޓަލް މާކެޓްގެ ޕްރޮޑަކްޓްތަކަށް ބޭނުންވާ ލަފާ ދިނުންވެސް ހިމެނެއެވެ.

 

3 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަތައް

މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކުރެވިފައި ނުވާހައި ހިނދަކު މި ގަވާއިދުގެ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިމިވާ ގޮތަށެވެ.

"ހުއްދަ ކޮށްފައިވާ ލިސްޓް" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދުގައިވާ ށަރުތުތައް ހަމަވާ، އަދި ށަރީއާ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އޮތޯރިޓީއިން ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓެވެ.

"ށަރީއާ އެޑްވައިޒަރ" ކަމަށް ބުނެފައިއެވަނީ، މި ގަވާއިދުގެ ދަށުން އޮތޯރިޓީން ހުއްދަދީފައިވާ ފަރާތަކަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެދަށުން ގާއިމުކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓިއަށެވެ.

"ކޯޕަރޭޓް ޕްރޮޕޯޒަލް" ކަމަށް ބުނެފައިއެވަނީ، ސެކިއުރިޓީޒް ދޫކުރުމަށްޓަކައި ނުވަތަ ވިއްކުމަށްޓަކައި، ނުވަތަ ސެކިއުރިޓީޒް ގަތުމަށް ދައުވަތުދިނުމަށްޓަކައި އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެކެވެ. (މީގެ ތެރޭގައި އިންފޮމޭށަން މެމޮރެންޑަމްއާއި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހިމެނޭނެއެވެ.)

 

4 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ށަރުތު ހަމަވާ ފަރާތްތައް (ސުރުހީއާއި މާއްދާ އިސްލާހު2 ކުރެވިފައި)

ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ށަރުތު ހަމަވާ ފަރާތްތައް (އިސްލާހު ކުރެވިފައި)

(ހ) ށަރީއާ އެޑްވައިޒަރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ށަރީއާގެ ރޮނގުން ޑިގްރީއެއް (ހާއްސަކޮށް، ފިގްހުލް މުއާމަލާތު، ނުވަތަ އުސޫލުލް ފިގްހު ނުވަތަ ށަރީއާ އެންޑް ލޯގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުން، ނުވަތަ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ބެޗްލާރސް އޮފް ލޯ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މި އޮތޯރިޓީން ގަބޫލުކުރާ ށަރީއާއާ ގުޅޭ މާއްދާތައް ފުރިހަމަކޮށްފައިވުން. (އިސްލާ1، / އިސްލާހު2 ކުރެވިފައި)

(ށ) ށަރީއާ އެޑްވައިޒަރީއާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. އޮތޯރިޓީން ގަބޫލުކުރާ ދާއިރާތަކުގެ ތެރޭގައި ށަރީއާގެ ދާއިރާއިން ކިޔަވައިދިނު މާއި ދިރާސާކުރުން ނުވަތަ ށަރީއާއާ ގުޅޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ އެ ކަމާ ގުޅޭ ސެކްށަނެއްގައި ނުވަތަ ޑިޕާޓްމެންޓެއްގައި މަސައްކަތްކުރުން ހިމެނެއެވެ. ނުވަތަ (އިސްލާހު ކުރެވިފައި)

(ނ) އޮތޯރިޓީން ގަބޫލުކުރާ ބޭރުގެ ކޮމްޕިޓެންޓް އިދާރާއަކުން ށަރީއާ އެޑްވައިޒަރީ ލައިސަންސެއް އޮތުން. މިފަދަ ލައިސަންސެއް އޮތް ނަމަ، މި މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން ލާޒިމެއް ނޫނެވެ. (އިސްލާހު ކުރެވިފައި)

(ރ) އޮތޯރިޓީއިން ކަނޑައަޅާފައިވާ 'ފިޓް އެންޑް ޕްރޮޕަރ' ށަރުތުތައް ފުރިހަމަވާ ފަރާތަކަށްވުން.

(ބ) މުސްލިމަކު ކަމުގައި ވުން. (އިތުރު ކުރެވިފައި)

(ޅ) އަމިއްލަ ފަރުދެއްގެ ގޮތުގައި ވިޔަފާރިކުރުމުގެ ހުއްދަ (މުއްދަތު ހަމަނުވާ) އޮތުން. (އިތުރު ކުރެވިފައި)

 

4-1 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ގާނޫނީ ށަހްސެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ށަރުތު ހަމަވާ ފަރާތްތައް (އިތުރު ކުރެވިފައި)

ގާނޫނީ ޒަހްސެއްގެ ގޮތުން ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ވުން ނުވަތަ ޕާޓްނަރށިޕަކަށް ވުން.

(ށ) އޮތޯރިޓީން ށަރީއާ އެޑްވައިޒަރ ލައިސަންސް ދީފައިވާ ށަރީއާ އެޑްވައިޒަރެއް ހުރުން.

(ނ) ކުންފުންޏެއް ނަމަ، ހުރިހާ ޑިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ ހުރިހާ މެންބަރުން، އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

(ރ) ޕާޓްނަރށިޕެއް ނަމަ، ހުރިހާ ޕާޓްނަރުން، އޮތޯރިޓީން ކަނޑައަޅައިފައިވާ "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް ފެތުން.

 

4-2 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާވުން (އިތުރު ކުރެވިފައި)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ލިބިގެން ރާއްޖޭގައި ހިންގާ އިސްލާމިކް ބޭންކެއް، ނުވަތަ ބޭންކެއްގެ އިސްލާމިކް ބޭންކިންގ ވިންޑޯއެއް، ނުވަތަ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަނެއް، ނުވަތަ ފަ އިނޭންށަލް އިންސްޓިޓިއުށަނެއްގެ އިސްލާމިކް ފައިނޭންށަލް ވިންޑޯއެއްގައި، އޮތޯރިޓީން ލައިސަންސް ލިބިފައިވާ ފުލްޓައިމް ށަރީއާ އެޑްވައިޒަރެއް ހުރުމާއެކު، އިންހައުސް ށަރީއާ ކައުންސިލެއް ގާއިމުކޮށްފައިވާނަމަ، މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާވާނެއެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި، ރަޖިސްޓަރީ އައުކުރުމާއި ފީތައް

(ހ) ހުއްދަކޮށްފައިވާ ލިސްޓުގައި ރަޖިސްޓަރީވުމަށް އެދިހުށަހަޅާނީ، މި ގަވާއިދުގެ ގަދުވަލުގައިވާ ފޯމުން މިއޮތޯރިޓީއަށެވެ.

(ށ) މި ގަވާއިދާ އެއްގޮތަށް އެޕްލިކޭށަން ހުށަހެޅުމުން، އެފަރާތަކީ ށަރުތުހަމަވާ ފަރާތެއްކަމުގައި އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުމެއް އޮތޯރިޓީއިން އެ ފަރާތަށް ދޫކުރުމާއެކު އެފަރާތުގެ ނަން ހުއްދަކޮށްފައިވާ ލިސްޓުގައި ހިމަނާނެއެވެ.

(ނ) ހުއްދަކޮށްފައިވާ ލިސްޓު ބަލަހައްޓާނީ އޮތޯރިޓީއިންނެވެ. އަދި އެ ލިސްޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ވަގުތުން އޮތޯރިޓީގެ ވެބްސައިޓުގައި ހާމަކުރަންވާނެއެވެ.

(ރ) (އުނި ކުރެވިފައި)

(ބ) އަހަރީ ފީ އެއްގެ ގޮތުގައި 1200 (ބާރަ ސަތޭކަ) ރުފިޔާ ކޮންމެ އަހަރަކުވެއް އޮތޯރިޓީއަށް ދައްކަންވާނެއެވެ. (ފުރަތަމަ އަހަރު ފީ ދައްކާނީ ޕްރޯ-ރާޓާ ކޮންނެވެ).

(ޅ) (އުނި ކުރެވިފައި)

 

6 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ދެމިހުންނަހާ ހިނދަކު އަދާކުރަންޖެހޭ ޒިންމާ

(ހ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރުން ހުރިހާ ވަގުތެއްގައިވެސް ކްލައެންޓުން ހާމަކޮށްފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ދަމަހައްޓަންވާނެއެވެ.

(ށ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒު އެފަރާތުގެ މަސައްކަތާއި ހަވާލިވުމުގައި އަދި އެމަސައްކަތް ކުރިއަށް ގެނަދިއުމުގައި އެއްވެސް ކަހަލަ މަސްލަހަތު ތައާރަޒުވުމެއް ނެތްކަމަށް ޔަގީންކުރަންވާނެއެވެ.

(ނ) ކްލައެންޓެއްގެ މަސައްކަތާ ހަވާލުވުމަށްފަހު، ށަރީއާ އެޑްވައިޒަރ އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) ކޯޕަރޭޓް ޕްރޮޕޯސަލްތައް އޮތޯރިޓީއިން ދިރާސާކުރުމުގައި، ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރު އޮތޯރިޓީއަށް އެއްބާރުލުން ދޭންވާނެއެވެ.

(ބ) އޮތޯރިޓީން ގަބޫލުކުރާ އިސްލާމިކް ފައިނޭންސް ޕްރޮގްރާމެއް، ކޮންމެ ތިން އަހަރަކުން އެއް ފަހަރު ފުރިހަމަކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) އޮތޯރިޓީން ކަނޑައަޅާ ވަކި ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރާ އަހަރީ ރިޕޯޓެއް، މާލީ އަހަރު ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ ށަރީއާ އެޑްވައިޒަރަކު ވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމުގެ ސެޓުފިކެޓު، ޕްރޮގްރާމް ފުރިހަމަ ކުރާތާ އެންމެ ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރުން ރިވިއުކުރުން

ހުއްދަދީފައިވާ ށަރީއާ އެޑްވައިޒަރު މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމަށްޓަކައި އޮތޯރިޓީއިން އެފަރާތް ރިވިއުކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރުން

(ހ) ހުއްދަ ދީފައިވާ ށަރީއާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން އަބަދުވެސް ފުރިހަމަވާންޖެހޭ ށަރުތުތަކާއި ކަންކަން ފުރިހަމަކޮށް ނުދެމެހެއްޓޭނަމަ، އެފަރާތް ހުއްދަކޮށްފައިވާ ލިސްޓުން އުނިކުރެވިދާނެއެވެ.

(ށ) އެ ށަރީއާ އެޑްވައިޒަރަކީ ހުއްދަ ކޮށްފައިވާ ލިސްޓުގައި ހިމަނާފައި އޮތުމަށް އެކަށީގެންނުވާ ފަރާތެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ހުއްދަކޮށްފައިވާ ލިސްޓުން އެފަރާރް އުނިކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އުނިކުރަންވާނީ، ށަރީއާ އެޑްވައިޒަރަށް އޮތޯރިޓީއަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު، ލިޔުމަކުން ސަބަބު އެންގުމަށްފަހުގައެވެ.

 

9 ވަނަ މާއްދާ - ޑައިރެކްށަން ދިނުމަށް އޮތޯރިޓީއަށް ލިބިދީފައިވާ ބާރު

އޮޓޯރިޓީއަށް އެއީ ބޭނުންތެރިކަމެއްގެ ގޮތުގައި ނުވަތަ އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ނުވަތަ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިއްޖެ ހިނދެއްގައި ށަރީއާ އެޑްވައިޒަރަށް ލިޔުމުން އަންގައި ޑައިރެކްށަން ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް ބަދަލު ގެނައުމުގެ ބާރު

މި ގަވާއިދަށް ގެނައުމަށް އެކަށީގެންވާ އިސްލާހުތައް ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މި ގަވާއިދަށް ގެނެވޭ އިސްލާހުތަކަށް އަމަލުކުރަންފަށާނީ އެ އިސްލާހުތައް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

---------------

ޖަދުވަލު

ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރާ/ރަޖިސްޓަރީ އައުކުރާ އެޕްލިކޭށަން ފޯމު

(ހ) ހުށަހަޅާ ފަރާތުގެ މައުލޫމާތު-

  1. ފުރިހަމަ ނަން:
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު:
  3. ދާއިމީ އެޑްރެސް:
  4. މިހާރު ދިރިއުޅޭ އެޑްރެސް:
  5. ގުޅޭނެ ނަންބަރު (ނުވަތަ ނަންބަރުތައް):
  6. އީމެއިލް:
  7. ލިބިފައިވާ ތައުލީމާއި ތަރުޖިބާ:
  8. އަދާކޮށްފައިވާ ވަޒީފާތަކާބެހޭ މައުލޫމާތު:

 

(ށ) އިގުރާރު

އަޅުގަނޑު......................................، (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ......................) މި އެޕްލިކޭށަންއާއެކު ހުށަހަޅާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ މިންވަރު ތެދު އަދި ހަގީގަތާ އެއްގޮތް މައުލޫމާތުކަމަށާއި އަދު ށަރީއާ އެޑްވައިޒަރުންނާބެހޭ ގަވާއިދަށް އަމަލުކުރާނެކަމަށް އިގުރާރުވަމެވެ.

އަޅުގަނޑު މި އެޕްލިކޭށަން މިހުށަހަޅަނީ ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ކިޔައި އަދި، އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭށަނެއްގައި، ގަސްތިގައި ނުވްތް އެނގިހުރެ ހަގީގަތާ ހިލާފު، ނުވަތަ ހގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ދިނުމާއި އުނިކުރުމަކީ ކުށެއްކަން އެނގިހުރެއެވެ.

ނަން:

ސޮއި:

ތާރީހު:

 

މި އެޕްލިކޭށަނާއެކު އަންނަނިވި ލިޔުންތައް ހުށަހެޅުމަށް އެދެމެވެ:

  1. ވަނަވަރު
  2. ޕާސްޕޯޓް ސައިޒުގެ 2 (ދޭއް) ފޮޓޯ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް/ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް
  4. ތައުލީމީ ސެޓްފިކެޓްތަކުގެ އަދި ލިބިފައިވާ ޓްރެއިނިންގތަކުގެ ސެޓްފިކެޓްތަކުގެ އެކްރިޑިޓް/އެޓެސްޓްކޮށްފައިވާ ކޮޕީތައް
  5. ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ބަލާ ފޯމު (ފޯމު އޮތޯރިޓީއިން ލިބެން ހުންނާނެއެވެ.)

 

މައި ގަވާއިދު

ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54)

  

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

 މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ކިޔުންތެރިންގެ ހިޔާލު