-

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 1993-00)

(މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހެއް އެނގެން ނެތް)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިގަވާއިދަކީ ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގޮތުން މި ގަވާއިދަކީ ދިވެހިރާއްޖޭގައި ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށަށުން އަނެއްރަށަށް ގެންދިއުމާބެހޭ އުސޫލުތައް އަންގައިދިނުމަށްޓަކައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

(ހ) ފުރަބަންޑާރަ ލަކުޑި ކެނޑުން ފިޔަވައި އާއްމު ގޮތެއްގައި ވަކި އުސޫލެއްނެތި ރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ އުފުރުން އިތުރުވުމާއި ގުޅިގެން ރަށްރަށުގެ ފެހިކަން ކުޑަވަމުންދާކަމަށް ފާހަގަކުރެވެއެވެ. އަދި ބޮޑެތިގަސްގަސް ކޮނެގެން، ބޮޑުސަރަހައްދަކުން ފަސްގަނޑާއެކު ނަގައި ރަށުން ބޭރުކުރުމުގެ ސަބަބުން އުފެދޭ ވަޅުގަނޑުތަކަށް ރަނގަޅަށް ފަސްއަޅައި، ބިންގަނޑު ހަމަނުޖެއްސުމުގެ ސަބަބުން ބިމުގެ ފަސްގަނޑު ދޫވެ ރަށްރަށުގެ ބިންގަނޑަށާއި ފެންފަށަލައަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ފާހަގަކުރެވެއެވެ. އެހެންކަމާއެކު ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނަގައި އަދި އެއްރަށަށުން އަނެއްރަށަށް ގެންދިއުމާ ބެހޭގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮތުމަކީ ދިވެހިރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށަށުން އަނެއްރަށަށް ގެންދިއުމުގެ ސަބަބުން ރަށްރަށުގެ ތިމާވެށްޓަށާއި ދިރޭތަކެތީގެ ނަސްލަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމާއެކު ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމެވެ.

(ށ) ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުން ނުވަތަ އެއްރަށުން އަނެއްރަށަށް ގެންދެވޭނީ ކޮންމެހެން އެނޫންގޮތެއް ނެތިގެން ހަމައެކަނި ށެވެކަޒަރީރީ ބޭނުމަ .

(ނ) މި ގަވާއިދަށް އަމަލުކުރުމުގައި މިގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސްިފަރާތެއް އިސްތިސްނާއެއް ނުކުރެވޭނެއެވެ .

(ރ) ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ރުއްގަސް ކަނޑައި ކޮނެގެން ނަގައި އަދި އެރަށުން ބޭރުކުރާނަމަ ކެނޑޭ ނުވަތަ ރަށްރަށުން ބޭރުކުރެވޭ ކޮންމެ ރުކަކަށް ދެރުއް އަދި ކޮންމެ ގަހަކަށް ދެގަސް އެރަށެއްގައި އިންދައި ހައްދަން ޖެހޭނެއެވެ. 
 

3 ވަނަ މާއްދާ - ރުއްގަހުގެ ތެރެއިން  ކެނޑުމާއި  އުފުރުން އަދި ކޮނެގެން ނެގުން މަނާ ބާވަތްތައް (މުޅި މާއްދާ އިސްލާހު ކުރެވިފައި)

ރުއްގަހުގެ ތެރެއިން އަންނަނިވި ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއް ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުމަކީ މަނާ ކަމެކެވެ.

(ހ)

  1. ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް.
  2. ކަނޑޫފަލާއި ކުޅިފަދަ ތަންތަނާއި އެތަންތާނގެ ވަށައިގެން 15 މީޓަރު ފުޅާ ސަރަހައްދުގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް.
  3. ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް.
  4. ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިމާޔަތްކުރައްވާފައިވާ  ހުރިހާ ބާވަތެއްގެ ރުއްގަސް.
  5. އާދަޔާ ހިލާފު ސިފައެއް ލިބިފައި ހުންނަ ރުއްގަސް.

(ށ)

  1. މިގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވައި ސަރުކާރުން ހިންގާ ތަރައްގީގެ މަށްރޫއެއް ހިންގުމަށް، އެފަދަ ސަރަހައްދެއްގައި ހެދިފައި ހުންނަ ރުއްގަސް ކަނޑައި، އުފުރައި ނުވަތަ ކޮނެގެން ނެގޭ ކޮންމެ ރުކަކަށް 6 (ހައެއް) ރުއް އަދި ކޮންމެ ގަހަކަށް 6 (ހައެއް) ގަސް އެރަށުގައި އިންދައި ހައްދަން ށަރުތުކޮށް އެކަމަށް ތަންފީޒީ އިދާރާއިން ހުއްދަ ދެވިދާނެއެވެ.
  2. އަދި މި ގަވާއިދު ތަންފީޒު ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެ ދަށުން މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ށަރުޒުތައް ފުރިހަމަ ކުރަމުން ގެންދޭތޯ ބެލުމުގެ ގޮތުން ތައްޔާރުކުރެވޭ "މޮނިޓަރިންގ ޕްލޭނެއް" އެކުލަވައިލައި، މިޕްލޭނުގައި ހިމެނޭ ކަންތައްތަކަށް އަމަލުކުރަމުން ގެންދަންވާނެއެވެ.

 

4 ވަނަ މާއްދާ - އިސްތިސްނާ

(ހ) ރަށްރަށުގައި ހެދިފައި ހުންނަ ނާރސަރީފަދަ ތަންތަނުގައި ގަސްގަހުގެ އޮށާއި ކާށި އަދި ކުރިފަދަ ތަކެތި މުޑުވައްކޮށް އިންދާ ހައްދާފައި ހުންނަ ގަސްގަހާގެއްސާއި ވެލިބަނދެގެން ރޯކޮށްފައިހުންނަ ގަސްގަހާއިގެހި މި ންގަވާއިދު އިސްތިސްނާކުރެވޭނެއެވެ.

(ށ) މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ނާރސަރީ ތަކުގައި ހައްދާ ރުއްގަހުގެ ބާވަތްތަކާއި މުޑުވައް ހޯދާ ގޮ/ތުގެ ތަފްސީލު އެރަށެއްގެ ރަށުއޮފީހުން ބައްލަވަންވާނެވެ. ހަމަ އެހެންމެ ދަނޑުވެރިކަމުގެ ބޭނުމަށް ފިޔަވައި އެހެނިހެން ބޭނުންތަކަށް ނާރސަރީތައް ހަދާ ފަރާތްތަކުން އެމަސައްކަތް ކުރަންވާނީ ރަށު ފީހުގެ ހުއްދަ ލިބިގެންނެވެ. އަދި އެފަދަ ނާރސަރީތަކުގައި ހެއްދުމަށް ރުއްގަހާއި، ގަސްގަހުގެ އޮފި އަދި އޮށް ގެނެވޭ ގޮތުގެ މައުލޫމާތު އެފަރާތުން އެރަށެއްގެ ރަށުއޮފީހަށް ހުށަހަޅަންވާނެއެވެ.

(ނ) ފަޅުރަށްރަށުގައި ހަދާ ނާރސަރީތަކުގައި ހައްދާ ރުއްގަހުގެ ބާވަތްތަކާއި މުޑުވައް ހޯދާގޮތް އެރަށެއް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވާ ފަރާތަކުން ނުވަތަ ބެލެހެއްޓުމާ ހަވާލުވެ ހުންނަވާ ފަރާތުން ބައްލަވަންވާނެއެވެ. ހަމަ އެހެންމެ މިފަދަ ނާރސަރީތައް ހަދާ ފަރާތްތަކުން އެމަސައްކަތް ކުރަންވާނީ އެއަތޮޅެއްގެ އަތޮޅުއޮފީހުގެ ހުއްދަ ލިބިގެންނެވެ. އަދި ނާރސަރީތަކުގައި ހެއްދުމަށް ރުއްގަހާއި، ގަސްގަހުގެ އޮފި އަދި އޮށް ގެނެވޭ ގޮތުގެ މައުލޫމާތު އެފަރާތުން އެ އަތޮޅެއްގެ އަތޮޅު އޮފީހަށް ހުށަހަޅަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު) ގައިވާ ކަންތައްތައް މިގަވާއިދުން އިސްތިސްނާ ކުރެވޭނެއެވެ.

(ބ) ގާނޫނު ނަންބަރު 1998-21 (މީހުން އުޅޭރަށްރަށުގެ ރުއްގަހާއި ބެހޭ ގާނޫނު) ގައިވާކަންތައްތައް މިގަވާއިދުން އިސްތިސްނާކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ރަށްރަށުން ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްރަށުން އަނެއްރަށަށް ގެންދިއުމަށް ހުއްދަދިނުން

(ހ) ފުޅާ ދާއިރާއެއްގައި ގިނަ އަދަދެއްގެ ރުއްގަސް ކަނޑައިގެން، އުފުރައިގެން ނުވަތަ ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ދަނޑުވެރިކަމާއި އިޖުތިމާއީ މަރުކަޒުތައް އެޅުމަށް ނުވަތަ އެނޫންވެސް ކަމަކު ބިންސާފުކުރުމަށް ބޭނުންވެގެން ރުއްގަސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ އެމަސައްކަތް ފެށުމުގެ ކުރިން، އެކުރަން ބޭނުންވާ މަސައްކަތާބެހޭގޮތުން (ފުޅާ ދާއިރާއެއްގައި ގިނަ އަދަދެއްގެ ރުއްގަސް ކަނޑައިގެން، އުފުރައިގެން ނުވަތަ ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމާއި ދަނޑުވެރިކަމާއި އިޖުތިމާއީ މަރުކަޒުތައް އެޅުމަށް ނުވަތަ އެނޫންވެސް ކަމަކު ބިންސާފުކުރުމާ ބެހޭގޮތުން) ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބާޔަންކުރާ ރިޕޯޓު ނުވަތަ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ކަމާބެހޭ މިނިސްޓްރީއެއް މެދުވެރިކޮށްމިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް ހުށަހަޅައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިން އެރިޕޯޓު ވަޒަންކުރުމަށް ފަހު މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށްފަހުގައެވެ. 

(ށ) ގޯތިތެރޭގައި ދިރިއުޅުމުގެ ބޭނުމަށް އިންދާފައިހުންނަ ރުއްގަހާއިގެހީގެ ތެރެއިން 10 ރުއްގަހަށްވުރެ ގިނައިން އެއްފަހަރާ ކެނޑުން، އުފުރުން ނުވަތަ ކޮނެގެން ނެގުމުގައި އަމަލުކުރެވޭނީ މި ގަވާއިދުގެ (8) ވަނަ މާއްދާގެ (ހ) (ށ) ގައިވާ ގޮތުގެ މަތިންނެވެ. 

(ނ) ރުއްގަސް ކެނޑުމާއި ކޮނެގެންނެގުމަށް ބޭނުންވާ ފަރާތްތަކަށް އެމަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިންދޭ މުއްދަތުގެ ތެރޭގައި އެމަސައްކަތް ކޮށް ނިންމަންވާނެއެވެ. އަދި އެމުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެނަމަ އެކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް އަންގައި ދެވަނަ ފަހަރަށް ހުއްދަ ހޯދަންވާނެއެވެ.

(ރ) ރުއްގަސް ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމުގެ ތެރޭގައި ކަޅުފަހާއެކު ބޭރުކުރާމަނަ، ބޭރުކުރެވޭނީ އާންމުކޮށް ނާރސަރީތަކުގައި ގަސްއިންދަން ބޭނުންކުރާ (8 އިންޗި 10 އިންޗި) ކޮތަޅަށްވުރެ ބޮޑުނޫން ކޮތަޅެއްގައެވެ.

(ބ) ގަވާއިދުމި ގެ (8) ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ބޮޑެތި ރުއްގަސް ރަށްރަށުން ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދަންވާނީ ރުއްގަސް ނެގުމަށްފަހު އެގަހުގެ މޫގަނޑުގައި (ރޫޓްބޯލްސްގައި) ހަރުލާފައިވާ ކަޅުފަސް ފިޔަވައި އިތުރު ވެލި ނުހިމެނޭ މިންވަރަކަށް ސާފުކޮށްގެންނެވެ.

(ޅ) ރުއްގަސް ނެގުމުގައި އެކްސްކަވޭޓަރާއި ބުލްޑޯޒަރ ފަދަ އެއްވެސް މެށިނަރީއެއް ބޭނުންކުރާއިރު ނަގަން ބޭނުންވާ ރުކެއް ނުވަތަ ގަހެއް ފިޔަވައި އިތުރު އެއްވެސް ރުއްގަހަކަށް ގެއްލުމެއް ލިބޭކަމަށްވާނަމަ މިފަދަ މެށިނަރީ ބޭނުންކޮށްގެން ނުވާނެއެވެ. އަދި ނަގަން ބޭނުންވާ ރުކެއް ނުވަތަ ގަހެއް ފިޔަވައި އިތުރު އެއްވެސް ރުއްގަހަކަށް ގެއްލުމެއް ލިބޭކަމަށްވާނަމަ މިފަދަ ރުކެއް ނުވަތަ ގަހެއް ނުނެގޭނެއެވެ.

 

6 ވަނަ މާއްދާ - ރަށްރަށުން ރުއްގަސް ކަނޑައި ކޮނެގެން ނަގައި ނުވަތަ އެއްރަށުން އަނެއްރަށަށް ގެންދިއުމަށް ދެވޭ ހާއްސަ ހުއްދަ

(ހ) ރުއްގަސް ނެގުމުގައި އެއްރަށެއްގައި މަދުވެގެން 5 ރުއްގަހަށްވުރެ މަދުން ހުރި ބާވަތެއްގެ ރުއްގަހެއް ކަނޑައި ކޮނެގެން ނަގައި ނުވަތަ އެއްރަށުން އަނެއްރަށަށް ގެންގޮސް ހެދޭނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ ގެ  ހާއްސަ ހުއްދައެއް ލިބިގެންނެވެ .

(ށ) ފަޅުރަށްރަށުގެ ތެރެއިން، ވަކި ބާވަތެއްގެ ނުވަތަ ބާވަތްތަކެއްގެ ދޫނި އާއްމުކޮށް ދިރިއުޅޭ ނުވަތަ ނިދަން އަރާ ރަށްރަށުންނާއި މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ދޫނި އާއްމުކޮށް ދިރިއުޅޭ ސަރަހައްދަކުން ކިތަންމެ މަދު އަދަދަކަށް ނަމަވެސް ރުއްގަސް ކަނޑަން ވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ ގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. މީގެ އިތުރުން ވަކި ބާވަތެއްގެ ނުވަތަ ބާވަތްތަކެއްގެ ދޫނި އާއްމުކޮށް ދިރިއުޅޭ ނުވަތަ ނިދަން އަރާ ރުކެއް ނުވަތަ ގަހެއް ކެނޑުމަށްވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރގެ ހުއްދަ ހޯދަންވާނެއެވެ.

 

7 ވަނަ މާއްދާ -

އެކި ރަށްރަށުން ރުއްގަސް ނެގުމުގައި އެރަށަކުން އެންމެ ގިނައިން ރުއްގަސް ނެގޭނެ އަދަދެއް ކަނޑައަޅާނީ އެރަށެއްގައި ރުއްގަސް ހެދިފައިވާ އަދަދު ބެލުމަށްފަހުމިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިންނެވެ.

 

8 ވަނަ މާއްދާ - ރުއްގަސް ކޮނެގެން ނެގުމާއި އެރަށުން އަނެއްރަށަށް ގެންދިއުމަށް ހުއްދަދެވޭ ހާލަތްތައް

(ހ) ރުއްގަސް ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމުގައި ރުކުގެ ބުޑުންފެށިގެން ބޮންތީގެ ކުރިއާހަމައަށް 15 ފޫޓު ހުންނަ ރުކާއި، ބުޑުން ފެށިގެން އެންމެ ދިގުކޮށް ހެދިފައިވާ ގޮފީގެ ކުރިއަށް 8 ފޫޓު ހުންނަ ގަސްގަހުގެ ތެރެއިން 10 ރުއްގަހަށްވުރެ ގިނައިން ނަގަންވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް ލިޔެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ކުދި ރުއްގަހާއި އަލަ، ކަނދޮޅު، ގަސްދޮށަށް ވެއްޓިފައި ހުންނަ ކިނބިކާށްޓާއި ގަސްގަހުގެ އޮށްފަދަ ތަކެތިން ފަޅާފައި ހުންނަ ކުދި ގަސް ނަގާނަމަ ނަގަންވާނީ އެރަށެއްގެ ރަށުއޮފީހުގެ ހުއްދަ ލިބިގެންނެވެ. އަދި މިގޮތުން ރުއްގަސް ނަގާއިރު ނަގަންވާނީ އެ ސަރަހައްދުގައި ހުރި ނަގަން ބޭނުންވާ ބާވަތުގެ ރުއްގަހުގެ ތެރެއިން 1/3 (ތިންބައިކުޅަ އެއްބައި) އަށްވުރެ ގިނަ ނުވާ ގޮތެއްގެ މަތިންނެވެ.

(ނ) މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ ކޮނެގެން ނަގައިގެން އެހެންރަށަކަށް ބޭރުކުރާނަމަ އެމަސައްކަތް ކުރަންވާނީ އެވަގުތު ރަށުއޮފީސް ހިންގުމާ ހަވާލުވެހުންނެވި ވެރިއެއް (ނުވަތަ އެފަރާތުން އައްޔަންކުރާ މުވައްޒަފެއް)ގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ .

(ރ) ފަޅުރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ ކޮނެގެން ނަގައި އަދި އެރަށުން ބޭރުކުރާނަމަ އެމަސައްކަތް ކުރަންވާނީ އެވަގުތަކު އެރަށެއް ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ފުރިހަމަ ބެއްލެވުމުގެ ދަށުންނެވެ .

(ބ) މާލޭގައި ހުންނަ ރުއްގަސް ކަނޑައި ނުވަތަ ކޮނެގެން ނަގައި އަދި އެހެން ރަށަކަށް ބޭރުކުރާނަމަ އެމަސައްކަތް ކުރަންވާނީ މާލޭ މުނިސިޕަލްޓީގެ ބެލުމުގެ ދަށުންނެވެ.

 

9 ވަނަ މާއްދާ -

ރުއްގަސް ނެގުމަށްފަހު ރުއްގަސް ނެގި ވަޅުގަނޑަށް އިތުރު އެއްވެސް އެއްޗެއް ނާޅައި ވެލި އެޅުމަށްފަހު ރަނގަޅަށް ފަސް ބާރުކުރަން ޖެހޭނެއެވެ. އަދި ރުއްގަސް ކޮނެގެން ނެގުމަށްފަހު އެ ވަޅުގަނޑަށް އެއްވެސް ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - ގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން ނުވަތަ އެއްރަށުން އަނެއްރަށަށް  ގެންދިއުމުގައި މި ގަވާއިދާ ހިލާފުވާ ފަރާތަކާމެދު ފިޔަވަޅުއެޅުން

(ހ) މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްރަށުންރުއްގަސް ކަނޑައި ނުވަތަ ކޮނެގެން ނަގައި އަދި އެރަށުން އެހެންރަށަކަށް ގެންދިއުމުގެ މަސައްކަތް ކުރާ މީހަކު ނުވަތަ ބަޔަކު ނުވަތަ ކުންފުންޏެއް ކަމުގައިވީނަމަވެސް މި ގަވާއިދާހިލާފަށް އަމަލުކުރާނަމަ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމަށް މި ގަވާއިދުގެ (8) ވަނަ މާއްދާގެ

(ނ) (ރ) އަދި (ބ)ގައި ކަނޑައަޅަފައިވާ ފަރާތްތަކުން އެމަސައްކަތް ހުއްޓުވައި ވީއެންމެ އަވަހަކަށް އަތޮޅުއޮފީސް މެދުވެރިކޮށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް އަންގަންވާނެއެވެ.

(ށ ) މި ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑައި، އުފުރައި، ކޮނެގެން ނަގައި ނުވަތަ އެރަށުން އަނެއްރަށަށް ގެންދާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އަދި ރުއްގަސް ކަނޑައި، އުފުރައި، ކޮނެގެން ނަގައި ނުވަތަ އެރަށަކުން ރުއްގަސް ބޭރުކުރުމުގެ ސަބަބުން އެރަށެއްގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރއިން ބެލުމަށްފަހު، އަލުން އެރަށުގެ މާހައުލު ރަނގަޅުކުރުމަށް ހޭދަވާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް ފެންނަ ހަރަދު، އެރަށަކުން ރުއްގަސް ކަނޑައި، ނަގައި ނުވަތަ އުފުރައިގެން ގެންގޮސް އިންދުނު ތަނެއް ނުވަތަ ރަށެއްގެ ނުވަތަ ރިޒޯޓެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ ހަވާލުވެ ހުރި ފަރާތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް ދައްކަން ޖެހޭނެއެވެ. އަދި އެފަރާތަކާމެދު ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ފިޔަވަޅުއެޅޭނެއެވެ. 

 

11 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރުން  (އިތުރު ކުރެވިފައި)

މިގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.

 

12 ވަނަ މާއްދާ - މިލިޔުމުގައިވާ ބައެއް ލަފްޒުތަކާއި އިބާރާތްތަކުގެ ށަރަހަ

(ހ) "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު" ކަމަށް ބުނެފައިއެވަނީ ތިމާވެށްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް އަތުވެދާނެ ކޮންމެ މަށްރޫއެއް ފެށުމުގެ ކުރިން އެ މަށްރޫއަކުން ތިމާވެށްޓަށް ކޮށްފާނެ އަސަރު ބަޔާންކޮށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަށް ހުށަހަޅަންޖެހޭ ރިޕޯޓަށެވެު.

(ށ ) "ރުއްގަސް ކެނޑުން" ކަމަށް ބުނެފައިއެވަނީ ރުކެއް ނުވަތަ ގަހެއް (ލަކުޑީގެ ބޭނުމަށް ނުވަތަ ބިން ބޭނުންކުރުމަށް) ނައްތާލުމުގެ ގޮތުން ކަނޑާލުމަށެވެ.

(ނ) "އުފުރުން" ކަމަށް ބުނެފައިއެވަނީ، ރުކެއް ނުވަތަ ގަހެއް ހުރިތަން ނޫން އެހެން ތަނަކަށް ނުވަތަ އެހެން ރަށަކަށް ގެންދިއުމުގެ ބޭނުމުގައި، މޫތަކާއެކު އުފުރުމަށެވެ.

(ރ) "ކޮނެގެން ނެގުން" ކަމަށް ބުނެފައިއެވަނީ ރުކެއް ނުވަތަ ގަހެއް ހުރިތަން ނޫން އެހެން ތަނަކަށް ނުވަތަ އެހެން ރަށަކަށް ގެންދިއުމުގެ ބޭނުމުގައި، ރުއް ނުވަތަ ގަހުގެ ވަށައިގެން ކޮނުމަށްފަހު މޫތަކާއެކު ނެގުމަށެވެ.

(ބ) "މުއައްޒަފު" ކަމަށް ބުނެފައިއެވަނީ ރަށުއޮފީސް އެއިރަކު ހިންގުމާއި ހަވާލުވެހުރި ވެރިޔަކު، މިގަވާއިދުގެ 8 (ނ) ގެ ދަށުން އައްޔަންކުރާ ރަށުއޮފީހުގެ މުވައްޒަފަކަށެވެ.

(ޅ) "އާދަޔާހިލާފު ސިފައެއް ލިބިފައި ހުރި ރުއްގަސް" ކަމަށް ބުނެފައިއެވަނީ ދެކުރިގަނޑު ހުންނަ ރުކާއި އެތުގެ ބަދަލުގައި ކުރިފަޅާ ރުއްފަދަ ގުދުރަތީގޮތުން އެހެން އެފަދަ ރުކާއި ތަފާތު ސިފަތަކެއް ލިބިފައިވާ ރުއްގަހަށެވެ.

(ކ) މިގަވާއިދުގައި ކޮންމެ މުފުރަދެއް ޖަމުއުކޮށް އަދި ޖަމްއެއް މުފުރަދުކޮށް އަދި ށަހްސަކަށް އިށާރާތްކުރެވިފައިވާ ކޮންމެ ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ގާނޫނީ ށަހްސިއްޔަތުފަދަ ކޯޕަރޭޓިވް ބޮޑީތައްވެސް ހިމެނޭނެއެވެ.

 

މައި ގަވާއިދު

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

ކިޔުންތެރިންގެ ހިޔާލު