ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބައި - ތައާރަފު
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގައި، ބަލާނެ މިންގަނޑުތަކާއި، އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހަދައިފައިވާ ގަވާއިދެކެވެ (އިސްލާހު ކުރެވިފައި)
(ށ) މިގަވާއިދަށް ކިޔާނީ " ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު" އެވެ.
ދެވަނަ ބައި - ށަރުތުތައް
2 ވަނަ މާއްދާ - ށަރުތުތައް
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން؛
(ށ) އުމުރުން 21 (އެކާވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
(ނ) ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
(ރ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވާ މީހަކު ކަމުގައިވުން؛
(ބ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ބާ އިމްތިހާާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުން؛
(ޅ) ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި
(ކ) އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުން.
2.1 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ ކިބައިގައި ހުންނަންޖެހޭ ށަރުތެެއް އުނިވުން (އިސްލާހު ކުރެވިފައި)
(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ކިބައިން މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތެެއް އުނިވެއްޖެކަން، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރުން، ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ސާބިތުވެއްޖެކަން، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެއެވެ.
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބު (ވައްކަމުގެ ކުށް) ގައި ބަޔާންކޮށްފައިވާ ކުށެއް؛
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 310 ވަނަ ބާބު (ސައް ހަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި، މަކަރުވެރި އަމަލު ހިންގުން) ގައި ބަޔާންކޮށްފައިވާ ކުށެއް؛
(ނ) މި މާއްދާގެ ދަށުން ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފިނަމަ، އެ ވަކީލަކަށް އަލުން ހުއްދަ ދޫކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ޖިނާއީ ބޮޑު ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ވުން؛
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބރުގައި ބަޔާންކޮށްފައިވާ ކުށެއް ކަމުގައި ވާ ނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން؛
- މަތީ މަރު ހަލާގެ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރުން؛
- ސާބިތު ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާކަން ސާބިތު ކޮށްދިނުމުން؛
- ހުއްދަ ހިފެހެއްޓުނީ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރުން ލާޒިމް ށަރުތެެއް އުނިވެގެން ކަމުގައި ވާ ނަމަ، އެ ށަރުތެެއް ފުރިހަމަވާކަން ސާބިތު ކޮށްދިނުމުން.
3 ވަނަ މާއްދާ - ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ
ގާނޫނުގެ 67 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ގާނޫނީ ރޮނގުން މަތީ ތައުލީމު ދޭ ކޯސްތަކާއި، ޕްރޮގްރާމްތަކުގެ ތެރެއިން ފުރަތަމަ ޑިގްރީގެ މުގައްރަރު، ބާ ކައުންސިލުން ކަނޑައެޅުމަށްފަހު މަތީ ތައުލީމުދޭ މަރުކަޒުތަކަށް އެންގުމާ ހަމައަށް، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގާނޫނީ ރޮގުން ފުރަތަމަ ޑިގްރީ ގޮތުގައި އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ތަކަކީ، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ބޭނުމަށްޓަކައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ސެޓްފިކެޓް ތަކެއް ކަމުގައި ބަލަންވާނެއެވެ.
ތިންވަނަބައި – ބާ އިމްތިހާާނާއި ތަމްރީނު
4 ވަނަ މާއްދާ - ބާ އިމްތިހާާނު
ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނެފައިވާ ބާ އިމްތިހާާނު ފުރިހަމަ ކުރާންވާނެއެވެ.
5 ވަނަ މާއްދާ - ބާ އިމްތިހާާނު ބޭއްވުން
(ހ) ބާ އިމްތިހާާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި، ޖަވާބު ސްކީމް ތައްޔާރުކޮށް،
ބާ އިމްތިހާާނު ބާއްވާނެ ތާރީހުތައް ކަނޑައަޅައި، އެ އިމްތިހާާނުތައް ބޭއްވުމުގެ އެންމެހައި އިންތިޒާމުތަކެއް ހަމަޖައްސާނީ އެގްޒެކެޓިވް ކޮމިޓީއިންނެވެ.
(ށ) ކޮންމެ އަހަރަކު މަދުވެގެން 1 (އެކެއް) ބާ އިމްތިހާާނު ބާ ކައުންސިލުން ބާއްވަން ވާނެއެވެ. މިގޮތުން ބާ އިމްތިހާާނު ބާއްވާނެ ތާރީހުތައް، އެ އިމްތިހާާނު އޮންނަ ތާރީހުގެ 90 (ނުވަދިހަ) ދުވަސްކުރިން އެގްޒެކެޓިވް ކޮމިޓީން އާންމުކޮށް އިއުލާނު ކުރާންވާނެއެވެ.
(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރާންޖެހޭ ބާ އިމްތިހާާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
6 ވަނަ މާއްދާ - ތަމްރީނު
(ހ) ބާ ކައުންސިލުން ކަނޑައަޅައިފައިވާ ށަރުތުތަކެއް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވާ ފަރާތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަމްރީނު ފުރިހަމަ ކުރާންވާނެއެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ޓަކައި އަންނަނިވި ގޮތްތަކުންކުރެ ގޮތެއް ހިޔާރުކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
- ބާ ކައުންސިލުން ހުއްދަކުރާ ތަންތަނުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރުން؛ ނުވަތަ (އިތުރު ކުރެވިފައި)
- ބާ ކައުންސިލުން ހުއްދަދީފައިވާ ގާނޫނީ ތައުލީމުދޭ ނުވަތަ ގާނޫނީ ތަމްރީނުދޭ މަރުކަޒަކުން ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރުން. (އިތުރު ކުރެވިފައި)
(ށ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމު 4 (ހަތަރެއް) މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްގައި، ބާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ފުރިހަމަކުރަންވާނެއެވެ. އަދ،ި ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ތަމްރީނު ޕްރޮގްރާމު ފެށޭނީ، ބާ ކައުންސިލުގައި ރަޖިސްޓަރީވުމަށްފަހުގައެވެ. ބާ ކައުންސިލުގައި ރަޖިސްޓަރީވުމެއްނެތި ފަށާ ތަމްރީނެއް އަދި އެފަދަ ހުއްދައެއްނެތި ފުރިހަމަކުރާ ތަމްރީނެއް ބަލައެއް ނުގަނެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރިކަމަށް ބެލެވޭނީ، ސުޕަވައިޒަރުގެ އިރުށާދުގެ ދަށުން ޖުމުލަ 500 (ފަސްސަތޭކަ) ގަޑިއިރުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، ނުވަތަ ޖުމުލަ 500 (ފަސްސަތޭކަ) ގަޑިއިރުގެ މަސައްކަތް ހިމެނޭ ގޮތަށް ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރުމަށްފަހު، އެކަމުގެ ލިޔުން ބާ ކައުންސިލަށް ހުށަހެޅުމުން، ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށްފައިވާކަމުގެ ލިޔުން ބާ ކައުންސިލުން އެ ކެންޑިޑޭޓަކަށް ދޫކުރުމުންނެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަ ނުކުރެވުނީ ދިމާވި ހާއްސަަ ހާލަތެއްގެ ސަބަބުން ކަމުގައިވާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް ބާ ކައުންސިލަށް ހުށަހެޅުމުން، އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
(ބ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ޅ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރާންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހިޔާރުކުރާ ތަނެއްގައި ތަމްރީނު ފުރިހަމަކުރުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.
(ކ) މި ގަވާއިދުގެ ބޭނުމަށް، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެވޭނީ އަންނަނިވި ތަންތަނުގައެވެ:
- ބަންޑާރަ ނައިބުގެ އޮފީސް؛
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް؛
- މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ލީގަލް ޕްރެކްޓިސްތައް؛
- މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ލޯ ފަރމްތައް؛ އަދި
- މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު ގާނޫނީ މަސައްކަތް ކުރާ ކޮންމެ ތަނެއް.
- ބާ ކައުންސިލުން ތަމްރީނު ޕްރޮގްރާމު ހިންގުމަށް ޓަކައި ހުއްދަދީފައިވާ، ގާނޫނީ ތައުލީމުދޭ ކޮންމެ މަރުކަޒެއް ނުވަތަ ގާނޫނީ ތަމްރީނުދޭ ކޮންމެ މަރުކަޒެއް. (އިތުރު ކުރެވިފައި)
(އ) (އުނި ކުރެވިފައި)
7 ވަނަ މާއްދާ - ތަމްރީނުދޭ ތަންތަން
މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގެ (3)، (4) އަދި (5) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ތަންތަނުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ވާނެއެވެ.
(ހ) ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ހިންގާ ލޯ ފަރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް، ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށްވުން؛ އަދި
(ށ) މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރަކު އެ ލޯ ފަރމަކަށް ނުވަތަ ލީގަލް ޕްރެކްޓިސްއަކަށް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮފީހަކަށް ނިސްބަތްވާ، އަދި އެ ސުޕަވައިޒަރަކު އެ ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސް ނުވަތަ ގާނޫނީ ހިދްމަތްދޭ ދައުލަތުގެ އިދާރާއެއްގައި ނުވަތަ މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި މަސައްކަތްކުރާ ތަނަކަށްވުން؛ އަދި
(ނ) ގާނޫނީ ހިދުމަތް ދިނުމަށްޓަކައި ގަވާއިދުން ހުޅުވާފައި ހުންނަ، ތަމްރީނު ހެދޭނޭ ވަސީީލަތްތައް ގާއިމްވެފައިވާ އޮފީހެއް ހުރުން.
8 ވަނަ މާއްދާ - ސުޕަވައިޒަރުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ސުޕަވައިޒަރެއްގެ ބެލުމާއި އިރުށާދުގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި)
(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ކެންޑިޑޭޓުން އެކަމަށް އެދި ހުށަހަޅާއިރު، އެ ކެންޑިޑޭޓާއި އެ ކެންޑިޑޭޓަކު އިހްތިޔާރުކުރި ސުޕަވައިޒަރަކާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާއިރު، އެ ފަރާތްތައް ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރި ކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ދިނުމަކީ އެ ފަރާތެއްގެ ސުޕަވައިޒަރުގެ ޒިންމާއެކެވެ.
9 ވަނަ މާއްދާ - ސުޕަވައިޒަރުގެ ށަރުތު
(ހ) ސުޕަވައިޒަރުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ:
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އަމަލީގޮތުން މަސައްކަތް ކުރަމުންދާ މީހަކު ކަމުގައިވުން؛
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރު ވެފައިވުން؛
- މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ތަނެއްގައި މަސައްކަތްކުރާ މީހަކަށްވުން؛ އަދި
- ސުޕަވައިޒަރުގެ ގޮތުގައި މަސައްކަތް ކުރާއިރު، ސުލޫކީ މައްސަލައަކާހުރެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރުން މަނާކުރެވިފައިވާ މީހެއް ކަމުގައި ނުވުން.
(ށ) ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 5 (ފަހެއް) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 3 (ތިނެއް) ކެނޑިޑޭޓުންނެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 (ހަތެއް) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 5 (ފަހެއް) ކެނޑިޑޭޓުންނެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 12 (ބާރަ) އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް އެއްފަހަރާ ސުޕަވައިޒް ކުރެވޭނީ 6 (ހައެއް) ކެނޑިޑޭޓުންނެވެ.
9-1 ވަނަ މާއްދާ - ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުގެ ށަރުތުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމު ފަރުމާކޮށް، ތަމްރީނު ޕްރޮގްރާމު ހިންގުމަށް ޓަކައި ބާ ކައުންސިލުގެ ހުއްދަ ލިބިފައިވާ މަރުކަޒެއް ކަމުގައި ވުން؛ އަދި
(ށ) މަރުކަޒުތަކުން ހިންގާ ތަމްރީނު ޕްރޮގްރާމުގައި ތަމްރީނުދޭ ފަރާތްތަކަކީ ގާނޫނީ ވަކީލަކު ކަމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވުމާއި، ގާނޫނީ ވަކީލުކަމުގެ މަސައްކަތުގައި ދެމިހުރި ފަރާތަކަށް ވުން.
10 ވަނަ މާއްދާ - ސުޕަވައިޒަރުންގެ ޒިންމާތައް
(ހ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެނޑިޑޭޓުންގެ ސުޕަވައިޒަރުން، އެ ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭ އެންމެހައި ކަންކަމަށް އާންމުގޮތެއްގައި ޒިންމާވާން ވާނެއެވެ. މީގެ އިތުރުން، ކެނޑިޑޭޓުންގެ ތަމްރީނާ ގުޅޭގޮތުން ސުޕަވައިޒަރުން އަންނަނިވި ޒިންމާތައް އަދާކުރާން ވާނެއެވެ:
- ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުން ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރި ކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅު ގޮތުގައި ދިނުން؛
- ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެނޑިޑޭޓުންގެ މަސައްކަތް ބަލައި ވަޒަންކުރުން؛
- ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންގެ ހާާޒިރީ ބަލަހައްޓައި، ކެނޑިޑޭޓުން ކުރާ މަސައްކަތުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުން؛
- ތަމްރީނު ޕްރޮގްރާމު ފެށުމުގެ ކުރިން، ބާ ކައުންސިލުގައި ތަމްރީނުދޭ ސުޕަވައިޒަރެއްގެ ގޮތުގައި ރަޖިސްޓަރީކުރުން؛ އަދި (އިސްލާހު ކުރެވިފައި)
- މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް، އެ ރިޕޯޓެއް ހުށަހަޅަން ބަޔާންކޮށްފައިވާ ވަގުތެއްގައި އަދި ޕިއުޕިލޭޖްއާ ގުޅުންހުރި އެނޫންވެސް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތަށް، އެ ހުށަހަޅަންޖެހޭ ވަގުތުތަކުގައި، ބާ ކައުންސިލަށް ހުށަހެޅުން. (އިސްލާހު ކުރެވިފައި)
(ށ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންނަށް އެންމެ އެކަށީގެންވާ އަމަލީ ތަޖުރިބާއާއި ތަމްރީނު ލިބިދެވޭކަން ކަށަވަރު ކުރުމަށްޓަކައި، ސުޕަވައިޒަރެއްގެ ދައުރު އަދާކުރާ މީހަކު، އެމީހެއްގެ މަސްއޫލިއްޔަތު އެހެން މީހަކާ ހާަވާލު ކޮށްގެން ނުވާނެއެވެ.
10-1 ވަނަ މާއްދާ - ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުގެ ޒިންމާތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
ތަމްރީނު ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން، ބާ ކައުންސިލުން އާންމުކޮށްފައިވާ ލައިސަންސިންގ ޓްރެއިނިންގ ޕްރޮގްރާމް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ހިންގުމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވާ ކެންޑިޑޭޓުންގެ އެންމެހައި ކަންކަމަށް އާންމުގޮތެއްގައި ޒިންމާވާންވާނެއެވެ. މީގެ އިތުރުން، ކެންޑިޑޭޓުންގެ ތަމްރީނާ ގުޅޭގޮތުން އެ ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން އަންނަނިވި ޒިންމާތައް އަދާކުރަންވާނެއެވެ.
(ހ) ތަމްރީނު ޕްރޮގްރާމު ހިންގާ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބެޗެއްގެ ތަމްރީނު ފެށުމުގެ ކުރިން، އެ ބެޗުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މައުލޫމާތު ށީޓު، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅައި، ކެންޑިޑޭޓުން ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމަށް ރަޖިސްޓަރީވެފައިވާކަން ކަށަވަރުކުރުން.
(ށ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާ ކެންޑިޑޭޓުން ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރިކުރުވައި، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގައި އެ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނު އެންމެ ރަނގަޅުގޮތުގައި ދިނުން.
(ނ) ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރަމުންދާ ކެންޑިޑޭޓުންގެ މަސައްކަތް ބަލައި ވަޒަންކުރުން.
(ރ) ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރަމުންދާ ކެނޑިޑޭޓުންގެ ހާޒިރީ ބަލަހައްޓައި، ކެންޑިޑޭޓުން ކުރާ މަސައްކަތުގެ ރިކޯޑު ގަވާއިދުން ބެލެހެއްޓުން.
11 ވަނަ މާއްދާ - ރިޕޯޓު
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕިއުޕިލޭޖް ޕްރޮގްރާމު ފުރިހަމަކުރާ ކެންޑިޑޭޓުން ފުރިހަމަކުރާ ތަމްރީނު ޕްރޮގްރާމުގެ 250 )ދުއިސައްތަ ފަންސާސް( ގަޑިއިރު ފުރިހަމަވުމުންނާއި، މުޅި ޕްރޮގްރާމު ފުރިހަމަވުމުން، ތަމްރީނުގެ މުއްދަތުގައި ކުރާ މަސައްކަތާއި، ކެންޑިޑޭޓުންގެ މަސައްކަތުގެ ސުލޫކާ ގުޅޭގޮތުން، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ރިޕޯޓުތައް ތައްޔާރުކޮށް، އެ ކެންޑިޑޭޓުންގެ ސުޕަވައިޒަރުން، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގައި ބަޔާންކުރާ ރިޕޯޓާ އެކު، ތަމްރީނު ފުރިހަމަކުރި ކެނޑިޑޭޓަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއްގައި ހުންނަންޖެހޭ އަހުލާގާއި ސުލޫކު ހުރި މީހެއްކަން ނުވަތަ ނޫންކަން ސަބަބު ބަޔާންކޮށް، ތެދު ބަޔާނެއް އެ ކެނޑިޑޭޓެއްގެ ސުޕަވައިޒަރަކު ބާ ކައުންސިލަށް ހުށަހަޅަން ވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ސުޕަވައިޒަރުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގައި ސުޕަވައިޒަރުން ފަރުވާކުޑަ ކޮށްފިނަމަ، ނުވަތަ ގަސްތުގައި އިހުމާލު ވެއްޖެނަމަ، ނުވަތަ ސަައްހަަނޫން މައުލޫމާތެއް ހުށަހަޅައިފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ސުޕަވައިޒަރަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް އޮފް ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމު ކުރިޔަށްގެންދާ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމު ނިންމާ ކޮންމެ ބެޗެއްގެ މައުލޫމާތ،ު ބާ ކައުންސިލުން އެކުލަވައިލައިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ ދަށުން ރިޕޯޓެއް ނުވަތަ މައުލޫމާތެއް ހުށަހަޅަން ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއްގައި، އެކަމެއް ފުރިހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި،ބާ ކައުންސިލަށް އެ ރިޕޯޓު ނުވަތަ އެ މައުލޫމާތު ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ހުށަނާޅައިފިނަމަ، ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތީން، ކެންޑިޑޭޓު ފުރިހަމަކޮށްފައިވާ އެ ތަމްރީނު ބަލައިގަތުމާމެދު ގޮތެއް ނިންމުމާއެކ،ު މުއްދަތު ފާއިތުވުމަށްފަހު ދެންވެސް ހުށަނާޅައިފިނަމަ، ސުޕަވައިޒަރު، ގިނަވެގެން 5,000 (ފަސްހާސް) ރުފިޔާއިން ޖުރިމަނާކުރުމާއެކ،ު ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަކަށް މަނާކުރުމުގެ އިހްތިޔާރު،ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
11-1 ވަނަ މާއްދާ - އިންތިގާލީ މާއްދާ (މުޅި މާއްދާ އިތުރު ކުރެވިފައި)
މި ގަވާއިދަށް އަމަލުކުރަންފެށުމުގެ ކުރިން، ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމު ފަށައިފައިވާ ކެންޑިޑޭޓުންނަށް އަންނަނިވި ގޮތްތަކުންކުރެ ގޮތެއް އިހްތިޔާރުކުރެވިދާނެއެވެ.
(ހ) ބާ ކައުންސިލުގައި ރަޖިސްޓަރީކޮށްގެން ކެންޑިޑޭޓު ފުރިހަމަކުރަން ފަށައިފައިވާ 1 (އެކެއް) އަހަރުދުވަހުގެ ތަމްރީނު ޕްރޮގްރާމު އެގޮތުގައި ފުރިހަމަކުރުން؛ ނުވަތަ
(ށ) އައު ހުށަހެޅުމަކުން ހުށަހަޅައި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ 6 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުން.
ހަތަރުވަނަ ބައި – ހުވައިކުރުމާއި ހުއްދަ ދޫކުރުން
12 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ 2 މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހަޅަންވާނީ، މި ބައިގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ބާ ކައުންސިލަށް ހުށަހެޅުމުން، މިގަވާއިދުގައި ބަޔާން ކޮށްފައިވާ ށަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަ ވެފައިވާކަން، ލައިސެންސިންގ ކޮމިޓީން ކަށަވަރު ކުރަންވާނެއެވެ.
(ނ) ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ ކުރިމަތީގައި ގާނޫނީ ވަކީލު ކަމުގެ ހުވައިކުރުމުގެ އިންތިޒާމު އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސަން ވާނެއެވެ.
13 ވަނަ މާއްދާ - ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުން
(ހ) ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކުން އަންނަނިވި ލިޔެކިއުންތައް ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
- ގާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓިފިކެޓްގެ ކޮޕީ؛
- މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާ އިމްތިހާާނު ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން؛
- މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާކަމުގެ ލިޔުން؛
- ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުމުގެ އިތުރުން، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއެކު އެހެން މައުލޫމާތު ހުށަހެޅުމަށް އެންގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
14 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުން
(ހ) ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ ހުއްދަ އެ ފަރާތަކަށް ދިނުމާމެދު ގޮތެއް ނިންމާނީ ލައިސެންސިންގ ކޮމިޓީގެ ލަފާގެ މަތިން އެގްޒެކެޓިވް ކޮމިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ފަދައިން ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަން ވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ހުށަހެޅުންތައް ދިރާސާ ކުރުމަށްފަހު، އެ ފަރާތަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުދިނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމައިފިނަމަ، ހުއްދަ ނުދިނުމަށް ނިންމި ސަބަބު ބަޔާންކޮށް، އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އެ ފަރާތަކަށް ލިޔުމުން އަންގަން ވާނެއެވެ.
ގާނޫނީ ވަކީލުކަމުގެ އިގުރާރުގައި ސޮއިކުރުން (ނޯޓް މި ސުރުހީއަށް ނަންބަރެއް ދެވިފައިނުވޭ)
ގާނޫނީ ވަކީލުކަމުގެ ހުވައިކުރާ ފަރާތްތަކުން ހުވައިކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ އިގްްރާރުގައި ސޮއި ކުރަންވާނެއެވެ. މި އިގުރާރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނީ ވަކީލަކަށްވުމުގެ ސުލޫކު ދަމަހަށްޓަކައި، ގާނޫނީ ވަކީލެއްގެ ޒިންމާ އަދުލުވެރި ކަމާއެކު އަދާކުރުމަށް ވެވޭ އިގުރާރެކެވެ.
15 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުން
ގާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ގާނޫނީ ވަކީލުންގެ އިގުރާރުގައި ސޮއިކުރާ ފަރާތްތަކަށް ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރަންވާނެއެވެ.
ފަސްވަނަ ބައި – އެހެނިހެން
16 ވަނަ މާއްދާ - އިސްތިއުނާފުކުރުން
(ހ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އެޕީލް ކޮމިޓީއަށް ހުށަހެޅުމުގެ ހަައްގު އެ ނިންމުމެއް ރައްދުވި ފަރާތަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ ދަށުން އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާންވާނީ، އެކަމަށްޓަކައި އެޕީލް ކޮމިޓީން ކަނޑައަޅާ ފޯމަކުންނެވެ. މިގޮތުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ، އެޕީލް ކޮމިޓީން އެކަމަށްޓަކައި ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައެވެ.
17 ވަނަ މާއްދާ - މުރާޖައާކުރުން
މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދު މުރާޖައާ ކުރަންވާނެއެވެ.
18 ވަނަ މާއްދާ - މުއްދަތުތައް ގުނުން
މި ގަވާއިދުގައި ކަނޑައެޅިފައިވާ މުއްދަތުތައް ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ (އިސްލާހު ކުރެވިފައި)
19 ވަނަ މާއްދާ - ފީ ނެގުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ބާ އިމްތިހާނުގައި ބައިވެރިވުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ފުރިހަމަކުރުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށާއި، ހުއްދަ ގެއްލިގެން އަލުން ދޫކުރުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ތަރުޖަމާކުރުމަށް އަދި ސެޓްފިކެޓް އޮފް ގުޑް ސްޓޭންޑިންގ ދޫކުރުމަށް ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފީއެއް ނެގޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ. (އިސްލާހު ކުރެވިފައި)
(ނ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
20 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
21 ވަނަ މާއްދާ - އުވާލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 12 އޮކްޓޯބަރު 2019 ގައި ގެޒެޓްކުރެވުނު ގަވާއިދު ނަންބަރު 2019-1068 ބާތިލުވީއެވެ.
މައި ގަވާއިދު
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވުނު ގަވާއިދު
ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1068)
ކިޔުންތެރިންގެ ހިޔާލު